ހުކުރު20201127

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް އެންމެ ރީތި ވާހަކަ (ފުރަތަމަ ބައި)

އެންމެ ރީތި ވާހަކަ (ފުރަތަމަ ބައި)

qis5މާދުރުން، އުދެރަހުން އިރު ދައްކާލައިފިއެވެ. ހެނދުނުގެ އަލިން ދުނިޔެ އަނދިރިކަމުން ހޭލައްވަމުންނެވެ. ޔަޢުޤޫބްގެފާނުގެ މާތް ދަރިކަލުން ޔޫސުފްގެފާނަށް ހޭފުޅުލެއްވުނެވެ. އޭރު އެކަލޭގެފާނުގެ ހިތްޕުޅުވަނީ ހަމަޖެހިފައެވެ. އުފާވެރިކަމުގެ އިޙްސާސްތައް ހިތުތެރޭގައި އުތުރި އަރަމުން އާދެއެވެ. ރޭގައި ފެނުނު ޝައުޤުވެރި ހުވަފެންފުޅެއްގެ ސަބަބުންނެވެ. ޖޯޝުން ފުރިގެންވާ ހާލުކޮޅު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހަށް ވަޑައިގަތެވެ. އަދި އެހުވަފެންފުޅު ވިދާޅުވެދެއްވިއެވެ.

"ލޯބިވާ ބައްޕާއެވެ! އެގާރަ ތަރިއާއި، އިރާއި، ހަނދު، އަޅުގަނޑަށް ހުވަފެނުން ފެނިއްޖެއެވެ. އެތަކެތި އަޅުގަނޑަށް ފެނުނީ އަޅުގަނޑަށް ސަޖިދަ ކުރަނިކޮށެވެ."

ޔަޢުޤޫބްގެފާނުގެ ކީރިތި މޫނުފުޅު އުޖާލާވެގެންދިޔައެވެ. އެކަލޭގެފާނުގެ ކާފާފުޅު، މާތް ﷲ ގެ ޚަލީލު އިބްރާހީމްގެފާނުގެ، ނުބުއްވަތުގެ ނިމްތު[1] ފުރިހަމަވާހުށީ ޔޫސުފްގެފާނުގެ ކިބައިންކަން އެކަލޭގެފާނަށް އެނގިވަޑައިގަތެވެ. އަދި މިބީދައިން އެކަލޭގެފާނުގެ ދަރިކޮޅުގައި އާލުއިބްރާހީމްގެ މަތިވެރި ދަންމަރު ފަނޑުވުމެއްނެތި އަނދަމުންދާނެއެވެ. އަދި މާތް ﷲ ގެ ރިސާލަތު މީސްތަކުންގެ މެދުގައި ފެތުރުމުގެ މަތިވެރި ޝަރަފު ދަމަހައްޓާނެއެވެ.

ޔަޢުޤޫބްގެފާނު އެކަލޭގެފާނުގެ ޅަނދޮޅު ދަރިކަލުންނަށް ބައްލަވާލެއްވިއެވެ. އެއީ އާދަޔާޚިލާފު ކުއްޖެކެވެ. މާތް ﷲ އެކަލާނގެ އިޙްސާންތެރިކަމުން އެކަލޭގެފާނުގެ ޚިލްޤުފުޅުގެ ރީތިކަމާއެއްވަރަށް އެކަލޭގެފާނުގެ ޚުލްޤުފުޅުވެސް ރިވެތި ކުރެއްވިއެވެ. އެއީ ހިތްހެޔޮ މިޒާޖެއްގެ ބޭކަލެކެވެ. އެހެންމީހުންނަށް އިޙްތިރާމްކުރައްވައި، އޯގާތެރި އަދި އަޅާލުންތެރި ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ ކޮއްކޯފުޅު، ބިންޔާމީންވެސް ހަމައެފަދައެވެ. މިސަބަބުތަކާހެދި ޔަޢުޤޫބްގެފާނު އޭގެ ދެކަލުންދެކެ އިންތިހާއަށް ވެވަޑައިންނަވާ ލޯބި ވަންހަނާކުރައްވަން މަސައްކަތްކުރެއްވިޔަސް އެކަން ސިއްރެއްނުވާނެއެވެ. މިކަން އޭގެދެކަލުންގެ ބޭބެމެންނަށް ފާހަގަކުރެވި އެކަމާމެދު ނުރުހުންތެރިވާކަން އެކަލޭގެފާނަށް ސިއްރުނުވާފަދައިންނެވެ. އޭގެ ދެކަލުންގެ ރައްކަލަކަށްޓަކައި އެކަލޭގެފާނު އޭގެ ދެކަލުން ގިނައިން ބައިތިއްބަވަނީވެސް ގޭގެ ބަގީޗާ ބަލަހައްޓާށެވެ. އޭގެ ދެކަލުންގެ ބޭބެއިންނާ އެއްކޮށް ވަރަށް ތަންތަނަށް ނުފޮނުއްވައެވެ. އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުންގެ ސަލާމަތާމެދު ކަންބޮޑުވެލެއްވިއެވެ. އަދި އިންޒާރުކުރެއްވިއެވެ.

"ލޯބިވާ ދަރިފުޅާއެވެ! ދަރިފުޅަށް ފެނުނު ހުވަފެން ދަރިފުޅުގެ ބޭބެމެންނަށް ކިޔައިނުދޭށެވެ. އެމީހުންދަރިފުޅަށް ނުބައި ރޭވުމެއް ރާވަފާނެއެވެ. ޝައިޠާނާއަކީ، އިންސާނާއަށް ހުރި، ފާޅުވެގެންވާ ޢަދާވަތްތެރިއެކެވެ."

އަދި އެއަށްފަހު އެކަލޭގެފާނުގެ ލޯބިވާ ދަރިކަލުންނަށް ފެނިވަޑައިގެންނެވި ބަރަކާތްތެރި ހުވަފެންފުޅުގެ ތަޢުބީރު ކިޔައިދެއްވިއެވެ.

"އަދި އެފަދައިން، ތިޔަދަރިފުޅުގެ ވެރިރަސްކަލާނގެ، ދަރިފުޅު ޚިޔާރުކުރައްވައި، ހުވަފެނުގެ ވާހަކަތައް މާނަކުރަން ދަރިފުޅަށް ދަސްކޮށްދެއްވައި، އަދި ދަރިފުޅަށާއި، ބައްޕަގެ ދަރިކޮޅަށް، އެކަލާނގެ ނިޢުމަތްތައް ފުރިހަމަކޮށްދެއްވާނެއެވެ. އެއީ މީގެކުރިން، ދަރިފުޅުގެ ދެކާފައިކަލުންކަމުގައިވާ އިބްރާހީމްގެފާނާއި، އިސްޙާޤްގެފާނަށް އެނިޢުމަތްތައް ފުރިހަމަކޮށްދެއްވި ފަދައިންނެވެ. ދަރިފުޅުގެ ވެރިރަސްކަލާނގެއީ މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ރަސްކަލާނގެއެވެ."

ޔޫސުފްގެފާނު އެކަލޭގެފާނުގެ ލޮބުވެތި ބައްޕާފުޅުގެ އިންޒާރުފުޅަށް ކަމޭހިއްތަވައި ކިޔަމަންތެރިވެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ބޭބޭއިންނަށް އެވާހަކަ ވަންހަނާކުރެއްވިއެވެ.

ޙަސަދައަކީ ނުރައްކާތެރި އެއްޗެކެވެ. އެ، ތިމާއަށް ނުރައްކާތެރިކުރުވަނިވި ދުޝްމިނުންނާ އެކުވެރިކަން ޤާއިމްކޮށްދެއެވެ. އަދި ތިމާ ލޯބިވާ އަދި ތިމާދެކެ ލޯބިވާ އާލުންނާއި ޔާރުން ބީރައްޓެހިންނަށް އަދި އާޚިރުގައި ދުޝްމިނުންނަށް ހަދައެވެ. މިކަމުގައި އަޅެއްގެ ދަރިއެއް އަދި ޔަޢުޤޫބްގެފާނުގެ ބޭފުޅުންފަދަ މާތް ނަބީބޭކަލެއްގެ ބޭފުޅުންނެއް އިސްތިސްނާވެގެނެއްނުވެއެވެ. ކޮންމެޔަކަސް ޔޫސުފްގެފާނާއި ބިންޔާމީން ފިޔަވައި ދެން ޔަޢުޤޫބުގެފާނުގެ ތިއްބެވި ދިހަބޭފުޅުން އެއްތަންވެ އަނެއް ދެ އަޚުންގެ މައްޗަށް ހަސަދަލައި އެ ވާހަކަދައްކައި އުޅުނެވެ. މިގޮތުން މީގެ ދިހަ ބެއިން ސައްލާކުރަން ތިއްބާ އޭގެތެރެއިން އެކަކަށް ކެތްނުކުރެވިގެން ސުވާލުކުރިއެވެ.

"ބައްޕަ ޔޫސުފްދެކެ އަހަރެމެންދެކެ ލޯބިވާވަރަށްވުރެ މާބޮޑަށް އެލޯބިވަނީ ކީއްވެގެންބާއެވެ؟"

"ފަހަރެއްގައި އޭނާގެ ރީތިކަމުގެ ސަބަބުންކަމުގައި ވެދާނެއެވެ." އެތަނުން މީހަކު ޖަވާބުދިނެވެ.

"އަހަންނަށް އެނގޭ އެއްޗަކީ، އަހަރެމެންނީ، ގަދަފަދަ ޖަމާޢަތެއްކަމުގައި ވާހިނދުވެސް، އޭނައާއި އޭނާގެ ކޮއްކޮ ބިންޔާމީން، އަހަރެމެންގެ ބައްޕަގެ އަރިހުގައި ލޮބުވެތިކަން މާބޮޑު ކަމެވެ." އެހެން މީހަކު ޝަކުވާ ކުރިއެވެ.

"އަހަރެމެންގެ ބައްޕަވަނީ ފާޅުވެގެންވާ މަގުއޮޅުމެއްގެ ތެރޭގައެވެ." ސުވާލުކުރިމީހާ ބުންޏެވެ.

މިމައްސަލައަށް އެތަނުން މީހަކު ޙައްލެއް ހުށަހެޅިއެވެ. "ޔޫސުފް ޤަތްލުކޮށްލާށެވެ!"

"ނުވަތަ ދުރު ބިމަކަށް އޭނާ އެއްލައިލާށެވެ!" އިތުރު މީހަކު އެހެން "ހައްލެއް" ހުށަހެޅިއެވެ.

"އާނއެކެވެ! އޭރުން ތިޔަބައިމީހުންގެ ބައްޕަގެ ހެޔޮކަން ތިޔަބައިމީހުންނަށް އެކަނި ލިބޭނެއެވެ. އަދި އެއަށްފަހު ތިޔަބައިމީހުން، ތައުބާވެ، ޞާލިޙު ރަނގަޅު ބައެއްކަމުގައި ވާނީއެވެ."

ނަމަވެސް އޭގެތެރެއިން އެންމެ ބުއްދިވެރި އަދި އެންމެ ދޮށި، ޔަހޫޛާ ބުންޏެވެ. "އޭނާ ކިބައިން ސަލާމަތްވުމަށް އޭނާ ޤަތުލު ނުކުރާށެވެ. އަހަރެން މިދޭ ޚިޔާލާމެދު ވިސްނާލަބަލާށެވެ. ތިޔަބައިމީހުން ކަމެއްކުރަންޏާ އަނދިރި ވަޅެއްގެ އަޑިޔަށް އޭނާ އެއްލާލައިށެވެ! އޭރުން ދަތުރުކުރަމުންދާ ބަޔަކު، އޭނާ ހޮވައިގެން ގެންގޮސްފާނެއެވެ. އޭރުން ބައްޕަގެ ލޯމަތިން އޭނާ ގެއްލި، އަހަރެމެންގެ މުހުތާދުވެސް ފުދުނީ ނޫންހެއްޔެވެ؟ ދެން އެއަށްފަހު، ތިބުނިހެން، އަހަރެމެން އެކުށުން ތައުބާވެ ރަނގަޅަށް އުޅޭނީއެވެ."

މިޚިޔާލާމެދު އިތުރަށް އެމީހުންގެމެދުގައި ސައްލާކުރެވުނެވެ. އަދި މިއީ އެމީހުންނަށް އެންމެ ރައްކާތެރި ގޮތްކަމަށް ޤަބޫލުކުރެވުނެވެ. އަދި އެކަލޭގެފާނު އަވަހާރަކޮށްލުމުގެ ޚިޔާލު ދޫކޮށްލެވުނެވެ. އަދި ދުރުތާކަށް ފޮނުވާލުމުގެ މިޚިޔާލަށް ތާއިދު ލިބުނެވެ. މިއީ އެންމެ ބުއްދިވެރި ޚިޔާލުކަމަށްވާތީއެވެ.

ދެން އޮތީ ޔަޢުޤޫބްފެގާނުގެ އަރިހުން އެމީހުންނާއެކު ޔޫސުފްގެފާނުގެ ފޮނުވުމުގެ ހުއްދަޔަށް އެދުމެވެ. މިކަމަށްވެސް އެމީހުން މޮޅު ރޮކެޓެއް ޖެހިއެވެ.

އެމީހުން އެކަލޭގެފާނުގެ އަރިހަށް ގޮސް ދެންނެވިއެވެ.

"ލޯބިވާ ބައްޕާއެވެ! ޔޫސުފާމެދު، ބައްޕަ އަހަރެމެންނަށް އިތުބާރު ނުކުރައްވަނީ ކީއްވެގެންތޯއެވެ؟ އަހަރެމެންނީ އޭނާއަށް ހެޔޮއެދޭ ބަޔަކީމެވެ. އެހެންވީމާ، ކައިބޮއި އުފާކޮށް، ކުޅެހެދުމަށްޓަކައި، އަހަރެމެންނާއެކު، މާދަމާ އޭނާ ފޮނުއްވުން ކިހިނެއްތޯއެވެ؟ އަހަރެމެން އޭނާ ބަލަހައްޓައި ރައްކާތެރިކުރާނަމަވެ."

އެކަލޭގެފާނު ޖަވާބު ދެއްވިއެވެ.

"އޭނާ ގޮވައިގެން ތިޔަބައިމީހުން ދިޔުމަކީ، ބައްޕައަށް ހިތާމަލިބޭކަމެކެވެ. އަދި ތިޔަބައިމީހުން އޭނާގެ މަތިން ޣާފިލުވެގެންތިއްބައި، މިނިކާ ކުއްތާއެއް އައިސް އޭނާ ކައިފާނެތީ ބައްޕަ ބިރުގަންނަމެވެ."

އެމީހުން ރައްދުދިނެވެ.

"އަހަރެމެންނީ ބާރުހުރި ބަޔަކަށްވާހިނދު، މިނިކާ ކުއްތާއެއް އައިސް އޭނާ ކައިފިނަމަ، އަހަރެމެންވާނީ ކަމެއްނުކުރެވޭ ގެއްލެނިވެގެންވާ ބަޔަކަށެވެ."

އެމީހުން ކުރުނުކޮށް ކިޔަން ފެށުމުން ޔަޢުޤޫބްގެފާނު އެމީހުންގެ ފިއްތުންތަކުގެ ކުރިމަތީގައި ހަތިޔާރު ބެހެއްޓެވިއެވެ. އަދި ޔޫސުފްގެފާނު ގެންދިޔުމުގެ ހުއްދަ ދެއްވިއެވެ.

އެމީހުންނާ އެމީހުންގެ ބައްޕާފުޅާ ދެމެދު ކުރެވުނު މިމުޢާމަލާތުގައި އެމީހުންގެ އަތްދަށުން ކަމެއް ކައްސާލައިގެން ދިޔައެވެ. ޔަޢުޤޫބްގެފާނު ބިރުފުޅުގަތީ މިނިކާ ކުއްތާއެއް ޔޫސުފްގެފާނު ކާލަފާނެތީއެވެ. ނަމަވެސް އެއިޝާރާތް ކުރައްވަނީ ކޮން މިނިކާ ކުއްތާއަކަށްތޯއެވެ؟ ޞަޙަރާގެ މިނިކާ ކުއްތާއަށްތޯއެވެ؟ ނުވަތަ އެމީހުންގެ ތެރޭގައިވާ ނުބައި މަކަރާއި ހީލަތްހަދާ މިނިކާ ކުއްތާތަކަށްތޯއެވެ؟ ކޮންމެއަކަސް މޮޅަށް ދެނެވޮޑިގަންނަވަނީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ.

އޭގެ އަނެއްދުވަހާ އޭގެ ދިހަ މީހުން ކުރިމަތިލީ އުފާވެރިކަމާއެކުއެވެ. އެއީ މިއަދު އެމީހުންނަށް ޔޫސުފްގެފާނުގެ ކިބައިން ސަލާމަތްވެވި، އެމީހުންގެ ބައްޕަގެ ލޯބި ލިބޭނެތީއެވެ. ރާވާފައިވާފަދައިން ގެއިން ނުކުމެވުމާއެކު އެމީހުން ފެންބޯން ކަމަށް ހަދާފައި، ސީދާ ދިޔައީ ކަނޑައަޅާފައިވާ ވަޅުގެ ކައިރިއަށެވެ. ވަޅުގެ ކައިރިއަށް ހަމަދެވޭއިރަށް އެގޭތެރެއިން އެކަކު ފަހަތުންގޮސް ޔޫސުފްގެފާނުގެ ގައިކޮޅުގައި ހިފަހައްޓައި ބައްދައިގަތެވެ. ޔޫސުފްގެފާނު މިއާދަޔާޚިލާފު އުޅުމާމެދު ހައިރާންވެވަޑައިގެންވާ ޙާލުކޮޅު އެނާގެ ކިބައިން ސަލާމަތްވެވޭތޯ މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އޭނާއަށް އެހީވުމަށް އިތުރުމީހުން ގޮސް އެއެންމެންވެގެން ޔޫސުފްގެފާނު ހިފަހައްޓާ މަތަކުރިއެވެ. އަދި އޭގެތެރެއިން އެކަކު އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ގަމީސްކޮޅު ބޭލުވިއެވެ. ދެން ތިބި މީހުންވެސް އައިސް އެކަލޭގެފާނުގެ ގައިކޮޅުގައި ހިފިއެވެ. އަދި އެއެންމެންވެގެން އެކަލޭގެފާނު އުފުލާލައިފައި އެފުން ވަޅުގެ ތެރެއަށް އެކަލޭގެފާނު އެއްލާލައިފިއެވެ. ޔޫސުފްގެފާނު ތަކުރާރުކޮށް ރަޙުމްކުރުމަށް އާދޭސްކުރެއްވުމުންވެސް އެއަނިޔާވެރިން ކަހަރުވަކެކޭވެސް ހިތަށް ނޭރިއެވެ.

އެހިނދު މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް އެކަލޭގެފާނު ހުންނެވީ ސަލާމަތުންކަމާއި އަދި ބިރުފުޅުނުގަތުމަށް ވަޙީކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަޚުންނާއި އަދި ބައްދަލުވާނެކަމާއި އެމީހުންގެ މިނުބައި ޖަރީމާގެ މަތިން ހަނދުމަ ކޮށްދެއްވާނެކަމަށް އެންގެވިއެވެ.

ވަޅުގައި ފެންހުރުމުން ވެއްޓި ބާރަށް ނުޖެހި، އެކަލޭގެފާނަށް އެއްވެސް ހާނީއްކައެއް ލިބިވަޑައެއް ނުގަތެވެ. އެކަލޭގެފާނު ވަޅުގެ ފެންގަނޑު ތެރޭ އެކަނި އިންނެވިއެވެ. އަދި ވަޅުގެ ފަރާތަކުން ބޯފުޅު މަތީގައިހުރި ފާރު ބުރިއެއް ފެނިވަޑައިގަތުމުން އޭގައި ހިއްޕަވާ އެއަށް އެރުއްވިއެވެ. އެކަލޭގެފާނުގެ ބޭބެއިން އެކަލޭގެފާނު އެފަޅުތަނަށް ދޫކޮށްލާފައި ދިޔައީއެވެ.

އެމީހުން މިނުބައި ޖަރީމާ ހިންގުމަށްފަހު އެމީހުންގެ ހީލަތްތެރި ރޭވުމުގެ ދެވަނަބައި ކުރިޔަށް ގެންދިޔައެވެ. ކަންބަޅި ބަކަރިއެއް ކަތިލާ އޭގެ ލެއިން ޔޫސުފްގެފާނުގެ ޠާހިރު ގަމީސްކޮޅު ފޯކުރިއެވެ. އެމީހުން މިކުރި ކަންކަމުގެ ވާހަކަ ހާމަނުކުރުމަށް ހުވާކުރުމަށް އޭގެތެރެއިން އެކަކު ހުށަހެޅިއެވެ. ހުރިހާ އެންމެން އެގޮތަށް ހުވާކުރިއެވެ.

މިހާރު ދުނިޔެއަށް ވެރިވެފައިވަނީ ރޭގަނޑުގެ ހަނުހިމޭންކަމާއި އަނދިރިކަމެވެ. އެހިމޭންކަން ނަގާލާފައިވަނީ އެދިހަ ފިރިހެނުންގެ ރުއިމުގެ އަޑެވެ. އެއަނދިރިކަމުން އެމީހުންގެ ހިތްތަކުގެ ކަޅުކަމާއި ހަދަން އެއުޅޭ ދޮގުގެ ނުބައިކަން ފަރުދާކޮށްދޭ ފަދައެވެ.

އެމީހުން ގެޔަށް ވަންއިރު ބައްޕާފުޅު އެމީހުންގެ އިންތިޒާރުގައި އިންނެވިއެވެ.

"ރޮނީ ކީއްވެ ހެއްޔެވެ؟" ޔަޢުޤޫބްގެފާނުގެ ހިތްޕުޅުގައިވި ސުވާލު ދޫފުޅުން ބާރަށް ވިދާޅުވިއެވެ. "ބައްޕަމެންގެ ކަންބަޅިބަކަރިތަކަށް ގޮތެއްވީ ހެއްޔެވެ؟"

އެމީހުން ރޮއިގަނެފައި ޖަވާބުދިނެވެ. "އޭ ބައްޕާއެވެ! އަހަރެމެން ސާމާނުތަކުގެ ކައިރީގައި ޔޫސުފް ބަހައްޓާފައި، ވާދަޔަށް ދުވުމަށް ދިޔައީމެވެ. ދެން މިނިކާ ކުއްތާއެއް އައިސް އޭނާ ކާލައިފިއެވެ. އަހަރެމެންނީ ތެދުވެރިންކަމުގައިވިޔަސް، ބައްޕަ އަހަރެމެންގެ ބަސް ތެދެއް ނުކުރާނެއެވެ."

"އަހަރެމެން ވާދަކޮށް ނިމިގެން އައިރު ޔޫސުފް އެމިނިކާ ކުއްތާގެ ބަނޑުތެރޭގައިވުމުން ހައިރާންވީމެވެ!"

"އަހަރެމެން އޭނާ ނުދެކެމެވެ!"

"ބައްޕަ އަހަރެމެން ތެދުހެދިޔަސް ޤަބޫލެއްނުކުރައްވާނެއެވެ. އަހަރެމެން މިކިޔައިދެނީ ކަންހިނގާ ދިޔަގޮތެވެ!"

"މިނިކާ ކުއްތާ ޔޫސުފް ކާލީއެވެ!"

"މިއޮތީ ޔޫސުފްގެ ގަމީހެވެ. އަހަރެމެންނަށް ފެނުނީ މިގަމީސް ލެޔާ ތަތްތެޅިފައިވާތަނެވެ. އަހަރެމެން ޔޫސުފެއް ނުދެކެމެވެ."

އަދި މިހެންކިޔާފައި އެކަލޭގެފާނުގެ ގަމީސްކޮޅުގައި އުނގުޅާފައިވާ ދޮގު ލެޔާއެކު ގެނައެވެ.

އެގަމީސްކޮޅު ފެނުމާއެކު ޔަޢުޤޫބްގެފާނުގެ ހިތްޕުޅުގައި ފުރުތަމަވެސް ހިނގައިގަތީ މާތް ﷲ އަށް ކުރައްވާ ޔަޤީންކަމުގެ އޮއިވަރެވެ. އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން ސަލާމަތުން ދިރިހުންނެވިކަން އެނގިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެލެޔާ ތަތްތެޅިފައި އޮތް ގަމީސްކޮޅު ދެއަތްޕުޅުން ހިތްޕަވާ ރަނގަޅަށް ފަތުރާލެއްވުމަށްފަހު ވިދާޅުވިއެވެ. "ކޮންފަދަ ރަހުމްހުރި މިނިކާ ކުއްތާއެއް ހެއްޔެވެ؟ އަހަރެންގެ ލޯބިވާ ދަރިފުޅު ކައިލީ ގަމީސް އިރާވެސްނުލާ ހެއްޔެވެ؟" އެކަލޭގެފާނު މިފަދައިން ވިދާޅުވެ އިތުރަށް ސުވާލުކުރަން ފެއްޓެވުމުން އެއެންމެންގެ މޫނުތަކުގެ ކުލަވަރު ބަދަލުވާން ފަށައިފިއެވެ. މިސުވާލުތަކަށް އެކަށޭނަ ޖަވާބުތަކެއް ނުދެވޭއިރުވެސް ކޮންމެ މީހަކު ހުސްޠާހިރުވަންތަ ﷲ ގަންދީ ހުވާކޮށްފައި އެބުނަނީ އެމީހުން އެބުނަނީ ތެދުކަމުގައެވެ. ޔަޢުޤޫބްގެފާނަށް ހިތްޕުޅު ކުދިކުދިވެފައިވާ ހާލުކޮޅު ކީރިތިކުރެއްވުނެވެ.

"އެހެންނަކުން ނޫނެވެ! ތިޔަބައިމީހުން އަމިއްލަ ނަފްސުތައް ނުބައިކަމެއް ކުރުމަށް، ތިޔަބައިމީހުން ތަންދިނީއެވެ. އަހަންނަށް އޮތީ ރިވެތިވެގެންވާ ކެތްކުރުމެވެ. އަދި ތިޔަބައިމީހުން ތިޔަބުނާ އެއްޗެއްގެ މައްޗަށް ކެތްކުރުމުގައި އެހީދެއްވާ ފަރާތަކީ ﷲ އެވެ."

ޔަޢުޤޫބްގެފާނު ކަންތައްއެކުރެއްވީ މިފަދަ ދަނޑިވަޅެއްގައި ކަންކުރަންވީ އެންމެ މޮޅު ގޮތަށެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުންނާ ދެކޮޅަށް އެމީހުން ރޭވި ނުބައި ރޭވުމާމެދު މާތް ﷲ އަށް ވަކީލުކުރައްވައި އެކަލާނގެ ޙަޟްރަތުން ޝައްކާއި ވަހުމުން ސަލާމަތްވެގެންވާ ވަރުގަދަ ކެތްތެރިކަމަކަށް އެދިވަޑައިގަތެވެ.

ވަށައިގަންވަނީ ކަޅު އަނދިރިކަމެކެވެ. ބީރައްޓެހި ހަނުހިމޭންކަމެކެވެ. ޔޫސުފްގެފާނަށް ވަޅުގެ އަރިމައްޗަކުން ފާރުބުރިކޮޅެއް ފެނިވަޑައިގަތުމުން އޭގައި ހިއްޕަވައި އޭގެ މައްޗަށް އެރުއްވިއެވެ. އެކަލޭގެފާނުގެ ހިތްޕުޅުގައި އެނބުރެމުންދިޔައީ ބިރުވެރި ޚިޔާލުތަކެކެވެ. އެކަލޭގެފާނަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެކަލޭގެފާނު ކާނޭ ބޯނޭ އެއްޗެއް ހޯއްދަވާނީ ކިހިނެއް ހެއްޔެވެ؟ އެކަލޭގެފާނުގެ ލޮބުވެތި އަޚުން އެކަލޭގެފާނާމެދު މިފަދައިން ކަންކުރީ ކީއްވެ ހެއްޔެވެ؟ އެކަލޭގެފާނުގެ ލޮބުވެތި ބައްޕާފުޅަށް އެކަލޭގެފާނަށް ޖެހިވަޑައިގަތް މިދަތި ހާލުކޮޅު އެނގިވަޑައިގަންނަވާ ހެއްޔެވެ؟ އެކަލޭގެފާނުގެ ލޯފުޅު ކުރިމަތީ ޔަޢުޤޫބްގެފާނުގެ ލޯތްބާއި ރަޙުމުން ފުރިގެންވާ ހިނިވަރުނަވުން ތަމްސީލުވެގެންދިޔައެވެ. ޔޫސުފްގެފާނު އިޚްލާޞްތެރިކަމާއެކު މާތް ﷲ ގެ ޙަޟްރަތުން ނަޖާކުރެއްވުން އަދައި ދުޢާކުރައްވަން ފެއްޓެވިއެވެ. މަޑުމަޑުން އެކަލޭގެފާނުގެ ބިރު ކެނޑެމުންދިޔައެވެ. އެކަލޭގެފާނުގެ ޚާލިޤު އެކަލާނގެ ޒުވާން އަޅާގެ ކިބައިގައި ކެތްތެރިކަމާއި ހިތްވަރުގަދަކަމުގެ ރޫހު އަށަގެންނެވުމަށް ބޮޑުވެގެންވާ ބަލާވެރިކަމަކުން އިމްތިޙާނުކުރައްވަނީއެވެ. ޔޫސުފްގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ނިޔާފުޅަށް ބޯލެންބެވިއެވެ.

އުދަރެސް ކައިރިން ފެންނަނީ މީހުންނާއި އަހާއި ޖަމަލުގެ ދިގުވެގެންވާ ބޮޑު ސަފެކެވެ. މިއީ މިޞްރަށް މިސްރާބު ޖަހާފައިވާ ގާފިލާއެކެވެ. ވިޔަފާރިވެރިންގެ މިގާފިލާ މަޑުކޮށްލީ މަޝްހޫރު ވަޅެއްގެ ކައިރީގައެވެ. އޭގެތެރެއިން މީހަކު އޭނާގެ އަތުގައި އޮތް ބާލިދީއެއް އެވަޅަށް ވައްޓާލިއެވެ. އެބާލިދީ ކުއްލިއަކަށް ވެއްޓެމުން އަންނަތަން ފެނިވަޑައިގަތުމުން ޔޫސުފްގެފާނު ސިހިވަޑައިގަތެވެ. އަދި އެފެނުގައި ޖެހުމުގެ ކުރިން އޭގައި ހިއްޕަވައި އެލިވަޑައިގަތެވެ.

އެމީހާ އެބާލިދީ ނަގަން ފެށިއެވެ. އަދި އާދަޔާ ޚިލާފަށް ބަރުހެން ހީވެގެން ވަޅަށް ބޯދިއްކޮށްލިއެވެ. އޭނާއަށް ފެނުނު މަންޒަރުގެ ސަބަބުން އޭނާ ސިހިގެންދިޔައެވެ. ބާލިދީގެ ވާފަށުގައި އެލިގެން އެއޮތީ މީހެކެވެ. އޭނާ ވާފަށް އަތުން ދޫވެގެން ނުދާނެހެން ބާރަށް ހިފާހައްޓާލުމަށްފަހު އޭނާގެ ދަތުރުގެ ބައިވެރިންނަށް ގޮވާލިއެވެ. "ޔާރުންނޭވެ! އަހަންނަށް އަތް ގާތްކޮށްލާދޭށެވެ! މިވަޅުން އަހަންނަށް ބޮޑުވެގެންވާ ޚަޒާނާއެއް ފެނިއްޖެއެވެ.  އޭހުރި އުފަލެއްގެ ބޮޑުކަމާއެވެ! މިހުރީ ކުޑަ ފިރިހެން ކުއްޖެކެވެ."

 

 (ނުނިމޭ)
[1] ނިމުތު: (1) ކުލަ (2) ވާންހުންނަކަން

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.