ހޯމަ20181112

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ޝެއިޚް އަޙުމަދު ދީދާތު ދެމިއޮތުމުގެ ޢާލަމަށް

ޝެއިޚް އަޙުމަދު ދީދާތު ދެމިއޮތުމުގެ ޢާލަމަށް

deedat1އިސްލާމީ ދާޢިޔާ، ޝައިޚް އަޙުމަދު ދީދާތު، 8-8-2005 ވީ ހޯމަދުވަހު (އިއްޔެ) ދެކުނު އެފްރިކާގެ ޑާރބަން ގައި އަވަހާރަވެއްޖެއެވެ.

އަވަހާރަވީ އިރު ޢުމުރުފުޅުން 87 އަހަރުގެ ދީދާތު، އެކަލޭގެފާނުންގެ ޢުމުރުފުޅުގެ ބޮޑުބައި ހޭދަކުރައްވާފައިވަނީ އިސްލާމް ދީނަށް ގޮވައިލެއްވުމުގައްޔާއި، ދީން ދިފާޢުކުރެއްވުމުގައެވެ. އިސްލާމްދީނާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ގޮތުން ދީދާތު ވަނީ ޑާރބަން ގައި އިސްލާމްދީނަށް ގޮވާލުމުގެ ބައިނަލްއަޤުވާމީ މަރުކަޒު IPCI އުފައްދަވާފައެވެ.

 

އެތަނުން، ވަނީ އެކަލޭގެފާނުންގެ 20 ވުރެ ގިނަ ފޮތުގެ މިލިޔަނަށްވުރެ ގިނަ ނަކަލާއި، އޯޑިއޯ ފީތާ ހިލޭ ބަހާފައެވެ. އަދި އެކަލޭގެފާނުންގެ މިއްނަތް މަސައްކަތްފުޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ދެކުނު އެފުރިކާގެ އެތައް ސަތޭކަ ބަޔަކަށް ﷲ އިރާދަފުޅުން އިސްލާމްދީނުގެ ހިދާޔަތްލިބިފައިވެއެވެ. އޭގެތެރޭގައި ކިރިސްޓިޔަން މިޝަނަރީންގެ އެތައް ބަޔަކުވެސް ހިމެނެއެވެ.

ދީދާތު ވަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތަޤުރީރުކުރައްވާފައެވެ. އަދި ޢާއްމު ބަޙުޘްކުރުންތަކުގައި، ކިރިސްޓިޔަން އިންޖީލުވެރީން (Christian evangelist) އާ ކުރިމަތިލައްވައި އެފަރާތްތައް ބަލިކުރައްވާފައެވެ. އެކަލޭގެފާނު ކުރެއްވި އެންމެ މަޝްހޫރު ބަޙުޘްތަކުގެ ތެރެއިން 1981 ވަނަ އަހަރު ޑާރބަން ގައި، ފާދިރީ ޖޯޝް މެކްޑޮވެލް އާ އެކު ކުރެއްވި ބަޙުޘް ''މަސީޙުގެފާނު ޞަލީބަށް އެރުވުނުތަ؟'' ފާހަގަކޮށްލެވެއެވެ.

އިސްލާމީ ކުތުބުޚާނާ އަށް، ދީދާތު ދޫކުރެއްވި އެންމެ މުހިއްމު ފޮތްތަކު ތެރޭގައި، ''the choice: islam and cristianity'' (އިޚްތިޔާރު: އިސްލާމްދީނާއި ކިރިސްޓިޔަންދީން) އާއި '' Is the Bible God's Word'' (އިންޖީލަކީ ﷲ ގެ ކަލާމްފުޅުތަ؟) އާއި "Al-Qur'an - The Miracle of Miracles'' '' (ކީރިތި ޤުރުއާން - މުޢުޖިޒާތްތަކުގެ މުޢުޖިޒާތް) އާއި  the Bible says about Muhummed (p.b.u.h.)'' '' (މުޙައްމަދުގެފާނާ ބެހޭގޮތުން އިންޖީލު ބުނަނީ ކީކޭ؟) އާއި " Crucifixion or Cruci-Fiction? '' (ޙަޤީޤަތާއި ބުހުތާނުގެ ތެރެއިން މަސީޙުގެފާނު ޞަލީބަށް އެރުވުނު މައްސަލަ) ހިމެނެއެވެ.

1918 ވަނަ އަހަރު އިންޑިޔާގެ ސޫރަތަށް އުފަންވެވަޑައިގަތް ދީދާތަށް، ޖެހިވަޑައިގަތް ސިކުނޑިހުއްޓުމެއްގައި، 1996 ވަނަ އަހަރުއް ސުރެ ހޭދަކުރައްވާފައިވަނީ އެނދުދާންކޮޅުގައި އާލާސްކަންފުޅާއެވެ.

މަޢުލޫމާތުގެ ވިޔުގަ ''އިންޓަރނެޓު'' ގައި ހުންނަ ޝައިޚު ދީދާތުގެ ގެވަޅުގައި ޝާއިޢުކޮށްފައިވާ ގޮތުން، ޝައިޚު ދީދާތު އެކަލޭގެފާނުންގެ ކިޔެވުމުގެ ރަސްމީ މަރުޙަލާ ފުރިހަމަކުރައްވާފައެއް ނުވެއެވެ. އަދި އެހެނޭ ކިޔާފައި، ''އޮޔާ އިދިކޮޅަށް ފެއްތެވުމުގައި'' އެކަލޭގެފާނުންގެ އުފެއްދުންތެރި ހިތްވަރުފުޅަށާއި، ސާބިތުކަމަށާއި، އުއްމީދުތަކަށާއި، ޙަރަކާތްތެރިކަމަށާއި، ޖެހިލުންކުޑަކަމަކަށް އަސަރުކޮށްފައެއް ނުވެއެވެ.

ގިނަގުނަ ތަޖުރިބާއާ އެކު އުނގެނިވަޑައިގަތީ އަމިއްލަފުޅަށެވެ. މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިވަޑައިގަތީ ފޮތްކިޔުއްވުމަށާއި، ޖަދަލުކުރެއްވުމަށް ހުރި ޝައުޤެއްގެ ބޮޑުކަމެވެ. އަދި ޙާޞިލްކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިއަކަށްޓަކައި ނަފްސު ހުސްކުރައްވާކަމެވެ.

ގެވަޅުން އެކަލޭގެފާނު ސިފަކުރަނީ، ސަލާލުވެރިކަން ގަދަ ބޭކަލެއް ގޮތުގައެވެ. އަދި އެއްވެސް މަސައްކަތްޕުޅެއް ނިންމަވާފައި ނޫނީ ދޫ ނުކުރައްވާ ބޭކަލެއް ގޮތުގައެވެ. އަދި އެކަލޭގެފާނުންވީ އިދިކޮޅަށް ބަޙުޘްކުރައްވާ ފަރާތަށް ގޮންޖެއްސެވުމުގައި، ކަންކަން ނުހަނު ދުރަށް އެހާމެ އަވަހަށް ރޭކާލާ، ޞަރީޙަ، ޖޯޝްހުރި، ޖެހިލުންކުޑަ ބޭކަލެއް ގޮތުގައެވެ.

އަދި އިންޖީލާ މެދު ޝައިޚު ދީދާތަށް ވަރަށް މަތިވެރި މަޢުރިފާވެރިކަމެއް ލިބިގެންވިއެވެ. އޭގެ ސަބަބުން އެތަކެއް ކިރިސްޓިޔަނުންނެއް، އެމީހުންގެ ޢަޤީދާ އާ މެދު އަލުން ވިސްނާ ފިކުރުކުރަން މަޖުބޫރުކުރުވިއެވެ.

އިސްލާމްދީނަށް ޚިދުމަތްކުރުމުގެ ރޮނގުން ފައިސަލް ރަސްގެފާނުންގެ ބައިނަލްއަޤުވާމީ އިނާމުގެ ނަމުގައި ދެވޭ ޝަރަފުވެރި އިނާމު، 1986 ވަނަ އަހަރު، ފަރަންސޭސި އިސްލާމީ ފައިލަސޫފު އަދި މުފައްކިރު ރޮޖޭ ގާރޫދީ އާއި އެކުއެކީ ޝައިޚު ދީދާތަށް ވެސް ވަނީ ލިބިވަޑައިގެންފައެވެ.

1996 ހަވަނަ އަހަރު ޖެހިވަޑައިގެންނެވި ސިކުނޑި ހުއްޓުމުގެ ޙާދިސާގެ ފަހުން ދީދާތަށް ވާހަކަފުޅެއް ނުދެއްކެއެވެ. އެކަލޭގެފާނުންގެ އެންމެ ފަހުގެ ބަޙުޘްކުރުން ބޭއްވުނީ އެ ޙާދިޘާއަށް ވުރެ ތަންކޮޅެއް ކުރިން ހަމަ އެ އަހަރު އޮސްޓްރޭލިޔާގެ ސިޑްނީގައެވެ.

ޢާއިލާ:

ޝައިޚު އަޙުމަދު ދީދާތަށާއި އަނބިކަނބަލުން ޙައްވާ ޙުސައިނަށް، ތިން ދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އޭގެ ތެރެއިން އެންމެ ދޮއްޓަށް ލިބިވަޑައިގެންނެވި ބޭފުޅާ، އިބުރާހީމް ދީދާތު މިހާރު އުޅުއްވަނީ އެމެރިކާގައެވެ. ދެވަނައަށް ލިބިވަޑައިގެންނެވި ދަރިކަނބަލުން، ރުޤިއްޔާ ދީދާތު ވަނީ ދުވަސްތަކެއް ކުރިން އަވަހާރަވެފައެވެ. އޭގެ ފަހުން އެކަމަނާގެ ދަރިކަނބަލުން، ސުމައްޔާ ބެއްލެވީ ޝައިޚު ދީދާތެވެ. ސުމައްޔާ މިހާރު ދިރިއުޅުއްވަނީ ފިރިކަލުންނާ އެކު ސަޢޫދީ ޢަރަބިއްޔާގައެވެ. ތިންވަނަ، އަދި އެންމެ ތުއްޕުޅު ދަރިކަލުން ޔޫސުފު ދީދާތު އުޅުއްވަނީ މަންމާފުޅާއި ބައްޕާފުޅު އަރިހު ޑާރބަންގައެވެ.

މާތް ﷲ ގެ ތަނަވަސް ރަޙުމަތްފުޅުން ޝައިޚު ދީދާތަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. އަދި މި ފުން ހިތާމައިގައި އެކަލޭގެފާނުންގެ ޢާއިލާ އަށާއި އިސްލާމީ އުއްމަތަށް ކެތްތެރިކަން ދެއްވައި ލުއިކުރައްވާނދޭވެ. އާމީން.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.