ބުރާސްފަތި20180920

އާކުރެވުނީ: 08:43:52

އަބޫބަކުރުގެފާނު

abubakrނަސަބުފުޅު
ފުރިހަމަ ނަންފުޅަކީ ޢަބުދުﷲ ބިން ޢުޘްމާން ބިން ޢާމިރު ބިން ޢަމްރޫ ބިން ކަޢްބު ބިން ތައިމް ބިން މުއްރާ ބިން ކަޢްބު ބިން ލުއައްޔު(އަލްޤުރަޝީ އައްތަމީމީ) އެވެ. އާންމުކޮށް ކިޔާ ނަމަކީ އަބޫބަކުރު އެވެ. ލަގަބަކީ އައްޞިއްދީޤު އެވެ. ބައްޕާފުޅަށް އާންމުކޮށް ކިޔަނީ އަބީ ޤަޙާފާ އެވެ. މަންމާ ފުޅަކީ (އުއްމުލް ޚައިރު) ސަލްމާ ބިންތި ޞަޚްރު ބިން ކަޢްބު ބިން ސަޢުދު(އައްތަމީމިއްޔާ) އެވެ. އެއީ ބައްޕާފުޅު އަބީ ޤަހާފާގެ ބޮޑުބޭބެގެ ދަރިކަނބަލުންނެވެ. އުފަންވެ ވަޑައިގަތީ ކީރިތި ރަސޫލާ އުފަންވެވަޑައިގަތްތާ ދެ އަހަރާ މަސްތަކެއް ފަހުންނެވެ. އެހެން ގޮތަކަށް ބުނާނަމަ، ޢާއްމުލް ފީލް ގެ ދެ އަހަރާ މަސްތަކެއް ފަހުންނެވެ. ވީމާ ބެލެވޭ ގޮތުގައި އެއީ މީލާދީން 573 ވަނަ އަހަރު އެވެ.

އަބޫބަކުރުގެފާނަށް ''ޢަތީޤު'' އޭ ވެސް ކިޔައެވެ. މިބަހުގެ މާނައަކީ ''މުއްތިވެފައިވާ މީހާ'' އެވެ. މިހެން އަބޫބަކުރުގެ ފާނަށް ކިޔުނީ ކީރިތި ރަސޫލާ އަބޫބަކުރުގެ ފާނާއި މުޚާތަބު ކުރައްވައި''ކަލޭގެފާނަކީ ނަރަކައިން މުއްތިވެގެންވާ މީހެކެވެ'' މިފަދައިން ޙަދީޘް ކުރައްވާފައިވާތީއެވެ. އަދި ''ޢަތީޤު'' އޭ ކިޔުނީ އަބޫބަކުރުގެ ފާނުގެ މޫނުގެ ބުރުސޫރަ ރީތިކަމާއި، ހަށިގަނޑުގެ ރީތިކަމަށް ނިސްބަތްކޮށް ކަމަށް ވެސް ބުނެވެއެވެ.

''އައްޞިއްދީޤު'' މިއީ އަބޫބަކުރުގެ ފާނުގެ ލަގަބެވެ. މިބަހުގެ މާނައަކީ ''ތެދު ކުރާ މީހާ'' އެވެ. މިހެން އަބޫބަކުރުގެ ފާނަށް ކިޔުނީ ކީރިތި ރަސޫލާ ގެންނެވި ހިދާޔަތާއި، ބަސްފުޅުތައް ތެދުކޮށް އަބޫބަކުރުގެފާނު އެންމެ ފުރަތަމަ އެކަންކަން ގަބޫލު ކުރެއްވީތީއެވެ. ޚާއްޞަކޮށް ''އިސްރާއު'' ގެ ހާދިސާ ގަބޫލޫ ކުރައްވާފައި ވާތީ ކަމުގައި ބުނެވެއެވެ.

އެދުވަސްވަރު ޤުރައިޝުންގެ ނުރުހުން އަބޫބަކުރުފާނަށް ލިބިފައި ވެއެވެ. އަބޫބަކުރުގެ ފާނަކީ ކީރިތި ރަސޫލާއަށް ފަހު އިސްލާމީ އުއްމަތް ދުތް އެންމެ މާތް، މަތިވެރި އިމާމެވެ. އެއީ ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްދީން ގަބޫލުކުރެއްވި ބޭފުޅާއެވެ. އެއީ ހިޖުރައިގެ ދަތުރުގައި ކީރިތި ރަސޫލާގެ ''ރަފީޤު''(ބައިވެރިއާ) އެވެ.

އިސްލާމްވެ ވަޑައިގަތުން

އަބޫބަކުރުގެ ފާނަކީ ގުރައިޝުންގެ ބޮޑުންގެ ތެރޭގައި ހިމެނޭ ވިސްނުންތޫނު ބޭފުޅެކެވެ. ވަރަޤަތު ބިން ނައުފަލް އާއި އަދި ކުރިން ބާވައިލެއްވުނު ބައެއް ފޮތްތައް ދަންނަ އިލްމުވެރިންގެ ކިބައިން، އަރަބިންގެ ރަށްތަކަށް ރަސޫލަކު ފޮނުވާނޭ ކަމުގެ ޚަބަރު އަބޫބަކުރުގެ ފާނަށް ވެސް ވަނީ އަޑުއިވިފައެވެ. އަދި މިބުނި ރަސޫލަކު ފޮނުވާނޭ ކަން ޔަމަނަށް ކުރެއްވި ދަތުރެއްގައި ބައްދަލުވި ޝޭޚެއްގެ ކިބައިން ވަނީ ޔަޤީންވެފައެވެ. މިބުނި ޝޭޚް އަންނަން އުޅޭ ނަބިއްޔާއާއި އެނަބިއްޔާގެ ކިބައިގައި ހުންނާނެ ސިފަތަކާއި ބެހޭގޮތުން އަބޫބަކުރުގެ ފާނުގެ އަރިހުގައި ވާހަކަ ދައްކަވާފައިވެއެވެ. މިބުނި ދަތުރުން އެބުރި މައްކާ އަށް ވަޑައިގެންނެވި ހިނދު ޤުރައިޝުންގެ ބޮޑުންގެ ބަޔަކު އަބޫބަކުރުގެ ފާނުގެ އަރިހަށް ގޮސް އަބޫ ޠާލިބުގެ ދަރިކޮޅުން ޔަތީމަކު ރަސޫލެއް ކަމުގައި ފޮނުއްވައިފި ކަމުގެ ވާހަކަ އެބަދެކެވޭ ކަމަށް ދެންނެވި އެވެ. އެހިނދު އަބޫބަކުރުގެފާނު ކީރިތި ރަސޫލާގެ އަރިހަށް ވަޑައިގެން އެޚަބަރާއި ބެހޭގޮތުން ސުވާލުކުރެއްވި އެވެ. އަދި ކީރިތި ރަސޫލާ އެކަން ހިނގައި ދިޔަގޮތް އަބޫބަކުރުގެ ފާނަށް ދަންނަވައި އިސްލާމްދީން ވަނުމަށް ދައުވަތު އެރުއްވި އެވެ. އެހިނދު އަބޫ ބަކުރުގެ ފާނު އިސްލާމްދީން ގަބޫލު ކުރެއްވި އެވެ. މުސްލިމުންގެ ތެރެއިން ފުރަތަމަ އިސްލާމްދީން ގަބޫލުކުރި ފިރިހެނަކީ އަބޫ ބަކުރުގެ ފާނު އެވެ.

ހިޖުރަކުރެއްވުން

މާތް ﷲ އެކަލާންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވުމަށް އިޒުނަ ދެއްވި ހިނދު ކީރިތި ރަސޫލާ އެކަލޭގެ ފާނުގެ އަޞްޙާބުންނަށް މަދީނާ އަށް ހިޖުރަކުރެއްވުމަށް އަމުރުކުރެއްވި އެވެ. އަދި އަބޫބަކުރުގެ ފާނު ވެސް ކީރިތި ރަސޫލާގެ އަރިހުން މަދީނާ އަށް ހިޖުރަކުރެއްވުމުގެ އިޒުނަ އަށް އެދިވަޑައިގެންނެވި އެވެ. އެހިނދު އަބޫބަކުރުގެ ފާނާއި މުޚާތަބު ކުރައްވައި ކީރިތި ރަސޫލާ ހަދީޘް ކުރެއްވާފައިވަނީ ''އެކަލާނގެ، ތިބާއާއި އެކު ވަޑައިގަންނަވާނޭ ބައިވެރިއަކު ކަނޑައަޅުއްވަންދެން އަވަސްވެވަޑައިނުގެން މަޑުކުރައްވާށެވެ'' މިފަދައިންނެވެ.

އެއަށްފަހު ޖިބްރީލްގެ ފާނު ވަޑައިގެން ގުރައިޝުންގެ ބަޔަކު ކީރިތި ރަސޫލާ ގަތުލުކުރައްވަން އުޅޭ ޚަބަރު، ކީރިތި ރަސޫލާ އަށް ދެއްވި އެވެ. އަދި އެރޭ މައްކާގައި ރޭ ނުކުރައްވައި، ހިޖުރައަށް ނިކުމެވަޑައިގަތުމަށް އަމުރުކުރެއްވި އެވެ. އަދި ކީރިތި ރަސޫލާ ގެކޮޅުން ހިޖުރައަށް ނިކުމެވަޑައިގެންނެވި އެވެ. ކީރިތި ރަސޫލާ ނިކުމެވަޑައިގެންނެވި އިރު، ގުރައިޝުންގެ ތެރެއިން ބަޔަކު ކީރިތި ރަސޫލާގެ ގެކޮޅުގެ ވަށައިގެން ހިގަހިގާ ތިއްބެވި އެވެ. ނަމަވެސް މާތް ﷲގެ ކުޅަދުންތަ ކަމުން އެމީހުންގެ ލޯތަކަށް ކީރިތި ރަސޫލާ ފަރުދާ ކުރެއްވި އެވެ. ކީރިތި ރަސޫލާ ވެލިމުށެއް ނަންގަވައި، އެމީހުންގެ ބޮލަށް ބުރުއްސާލެއްވި އެވެ. ނަމަވެސް އެބައިމީހުންނަކަށް އެކަމެއް ނޭގެއެވެ.

އެއަށްފަހު ކީރިތި ރަސޫލާ އަބޫބަކުރުގެ ފާނުގެ ގެކޮޅަށް ވަޑައިގެންނެވި އެވެ. އަބޫބަކުރު ފާނު އަވަހާރަފުޅުލައްޕަވާފައި ވަނިކޮށް، ހޭލައްވައި، ހިޖުރައަށް ނިކުމެވަޑައިގަތުމަށް މާތްﷲ އަމުރުކުރެއްވި ކަމުގެ ޚަބަރު އަބޫބަކުރުގެ ފާނަށް ކީރިތި ރަސޫލާ ދެއްވި އެވެ. ޢާއިޝަތުގެ ފާނު ވިދާޅުވެފައިވަނީ ''އެހިނދު އަބޫބަކުރުގެފާނު އުފަލުން ގޮސް ލޮލުން ކަރުނަ ފޭދުނު ތަން ތިމަން ކަމަނާ ދުށީމެވެ''

ކީރިތި ރަސޫލާއާއި، އަބޫބަކުރުގެ ފާނު ހިޖުރައަށް ނިކުމެވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ފިލާވަޑައިގެން ތިއްބެވި އެވެ. 3 ދުވަސް ވަންދެން ހޮހަޅައިގެން ތިއްބެވުމަށް ފަހު ނިކުމެވަޑައިގެން ހިޖުރައިގެ ދަތުރު ކުރިއަށް ގެންދަވަން ފެއްޓެވި އެވެ. މަދީނާ އަށް ވަޑައިގަންނަވާނޭ މަގު އަބޫބަކުރުގެ ފާނަށް އެގިވަޑައި ގަންނަވަ އެވެ. މަދީނާ އަށް ދަތުރުކުރެއްވި މަގުމަތީގައި ތަފާތު މީހުންނާއި ބައްދަލުވި އެވެ. އަދި ބައެއް މީހުން އަބޫބަކުރުގެ ފާނުގެ އެކުވެރިއަކަށް ހުންނެވި ބޭފުޅާ ( އެބަހީ ކީރިތި ރަސޫލާ ) އާއި ބެހޭގޮތުން ސުވާލުކުރެއްވި އެވެ. އެހިނދު އަބޫބަކުރު ވިދާޅުވެފައިވަނީ ''އެއީ ހިދާޔަތުގެ މަގަށް ގޮވާލާ މީހާއެވެ''

ކީރިތި ރަސޫލާ އާއި، އަބޫބަކުރުގެ ފާނު މަދީނާ އަށް ވަޑައިގެންނެވި ހިނދު މަދީނާގެ ރައްޔިތުން އެކަމާއި އުފާފާޅުކޮށް ހެދި އެވެ. މުހާޖިރީންނާއި، އަންޞާރީން ކީރިތި ރަސޫލާއާއި، އަބޫބަކުރުގެ ފާނަށް ވަރަށް ހޫނު މަރުހަބާއެއް މަދީނާގެ ބިމުން ކިޔާފައި ވެއެވެ. އުފާވެރިކަމުގެ ލަވަތަކާއި، ޅެންތައް އެދުވަހު މަދީނާގެ އަހުލުވެރިން ކިޔާފައި ވެއެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ޅެމަކީ ''ޠަލަޢަލް ބަދްރު ޢަލައިނާ ....'' މިއިބާރާތުން ފެށިފައިވާ ޅެމެވެ.

މުޝްރިކުންގެ ދުއްތުރާއާއި އަނިޔާވެރިކަމާއި ކުރިމަތި ލެއްވުން

އަބޫބަކުރުގެ ފާނަކީ ޤުރައިޝުންގެ ތެރޭގައި ހައިބަތު ހުރި، މަތިވެރި މަގާމެއް ދެވިފައިވާ ބޭފުޅަކަށް ވުމުން އާދައިގެ މުސްލިމު ފަގީރުންނަށް ދިމާވި، ދުއްތުރާތަކާއި އަނިޔާތައް މުޝްރިކުންގެ ކިބައިން އަބޫބަކުރުގެ ފާނަށް ލިބިވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް މުޅިން އެމީހުންގެ އުދަގޫތަކުން މިންޖުވެފައެއް ނުވެއެވެ. އެއްދުވަހަކު ކީރިތި ރަސޫލާ ކައުބަތުﷲ ގެފުޅަށް ވަޑައިގެންނެވި ހިނދު، މުޝްރިކުން ކީރިތި ރަސޫލާ ވަށާލެއްވި އެވެ. އަދި ކީރިތި ރަސޫލާގެ އިލާހާއި، ބެހޭގޮތުން ސުވާލު ކުރިއެވެ. އެހިނދު ކީރިތި ރަސޫލާ ތެދުބަހުން ޖަވާބު ދެއްވި އެވެ. އެހިނދު މުޝްރިކުން ކީރިތި ރަސޫލާގެ ވަށައިގެން ތަޅާ އަނިޔާ ކުރަން ފެށިއެވެ. މިޚަބަރު އަބޫބަކުރުގެ ފާނަށް ލިބިވަޑައިގަތުމުން ގެފުޅަށް ވަޑައިގެން ވިދާޅުވިއެވެ؛ ''ކަލޭމެންނަށް ހަލާކު ހުއްޓެވެ. ﷲ އީ ތިމަންގެ ކަލާންގެ ކަމުގައި ބުނާބޭކަލަކު ތިޔަބައިމީހުން ތިޔަ ގަތުލު ކުރަނީ ހެއްޔެވެ؟'' އެހިނދު މުޝްރިކުން ކީރިތި ރަސޫލާ ދޫކޮށް، އަބޫބަކުރުގެ ފާނަށް އަނިޔާ ކުރަން ފެށި އެވެ. އަބޫބަކުރުގެ ފާނު ގެ އަހުލު ބައިތުން އައިސް އަބޫބަކުރުގެ ފާނު ގެންދަވަންދެން މުޝްރިކުން އަނިޔާ ކުރެއްވި އެވެ. އަބޫބަކުރުގެ ފާނު ގެ ހަގީގީ ސޫރަ އެއަނިޔާގެ ސަބަބުން ދުވަސްކޮޅަކަށް ގެއްލިގެން ދިޔަކަމަށް ބުނެވެއެވެ.

ޖިހާދު ކުރެއްވުން

ކީރިތި ރަސޫލާގެ ހަޔާތުގައި ދިމާވި ޖިހާދުތަކާއި، އެކި އެކި ކަންކަމުގައި ޞާހިބެއްގެ ގޮތުން އެންމެ އަރިއަހުގައި ހުންނެވި އެއްބޭފުޅަކީ އަބޫބަކުރުގެ ފާނު އެވެ. ބަދުރު ހަގުރާމައިގައި ކީރިތި ރަސޫލާއަރިއަހުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. ހަގުރާމަ ހިގަމުން ދާނެގޮތް ބެލުމަށް ފޭލިގެއެއް ފަދަ ތަނެއް ތައްޔާރު ކުރުމަށް، ކީރިތި ރަސޫލާ އަށް ލަފާ އެރުއްވި އެވެ. އުޙުދު ހަގުރާމަ އަދި ޚަންދަގު ހަގުރާމައިގައި ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ޞުލްޙުލް ޙުދައިބިއްޔާގެ އެއްބަސްވުމުގައި ބައިވެރިވެވަޑައިގަތެވެ. ތަބޫކު ހަގުރާމައިގައި މުސްލިމުންގެ ސަފުގައި އިސްލާމީ ދިދަ އުފުއްލެވީ ވެސް އަބޫބަކުރުގެ ފާން އެވެ. އަދި ޙުނައިނު ހަގުރާމައިގައި ވެސް ބައިވެރި ވަޑައިގެންފައި ވެއެވެ.

ކުރެއްވި މަސައްކަތްތަކާއި، ކުރިމަތިލެއްވި ހާދިސާތައް

ވަރަށް ގިނަ މަސައްކަތްތަކާއި، ކަންތައްތައް އިސްލާމްދީން ގެ މަގުގައި އަބޫބަކުރުގެ ފާން ކުރައްވާފައި ވެއެވެ. އޭގެތެރޭގައި އަންނަނިވި ކަންތައްތައް ފާހަގަކޮށްލެވެއެވެ.

- ﷲ ގެ މަގުގައި ވަރަށް ގިނަ މުދަލާއި، ފައިސާ ހޭދަކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ހަދީޘް ކުރައްވައި ފައިވެއެވެ. ''އަބޫބަކުރުގެ މުދަލާއި ފައިސާއިން މަންފާ ކުރި ވަރަށް، އެހެން މީހެއްގެ މުދަލާއި ފައިސާއިން ތިމަން ކަލޭގެމަންފާއެއް ނުވެއެވެ.'' އެހިނދު އަބޫބަކުރުގެ ފާނުގެ ލޮލުން ކަރުނަ ފޭދި ވިދާޅުވިއެވެ. ''އޭ ﷲގެ ރަސޫލާ އެވެ. އަޅާއާއި، އަޅާގެ މުދާ އެއީ ތިބާ ނޫން އެހެން މީހެއްގެ އެއްޗެއް ހެއްޔެވެ؟'' އަބޫބަކުރުގެ ފާނުގެ ފައިސާއިން 7 އަޅުން މިނިވަންކޮށް އިސްލާމް ކުރެއްވި އެވެ. އޭގެތެރޭގައި ބިލާލު ބިން ރިބާޙް އަދި ޢާމިރު ބިން ފުހައިރާ ފަދަ ބޭފުޅުން ހިމެނެއެވެ.

- ކީރިތި ރަސޫލާ ސުވަރުގެވަޑައިގަތުމުން ވަޑައިގަތުމުން މީސްތަކުން ގެ މެދުގައި ފިތުނަ އާއި ޚިޔާލު ތަފާތު ވުން އުފެދިގެން ދިޔައެވެ. އެހިނދު ޢުމަރުގެ ފާނު ވިދާޅުވިއެވެ. ''ހަމަކަށަވަރުން ﷲ ގެ ރަސޫލާ ސުވަރުގެވަޑައެއް ނުގަންނަވައެވެ. އަދި އެހެން ކިޔައިގެން (އެބަހީ ކީރިތި ރަސޫލާ ސުވަރުގެވަޑައިގެންފިއޭ) ވާހަކަ ދައްކާ މީހެއް ނަމަ، އެމީހެއްގެ ގައިގައި ތިމަން މި ކަނޑިން ޖަހާ ހުށީމެވެ''. އެއަޑު އަހަން އަބޫބަކުރުގެ ފާނު ހުންނަވައިފައި ވިދާޅުވިއެވެ. ''އޭ މީސްތަކުންގެ ތެރެއިން މުޙައްމަދުގެފާނަށް ތަބާވީ މީހުންނޭވެ. ހަމަކަށަވަރުން މުޙައްމަދު ގެ ފާނު ސުވަރުގެވަޑައިގެންފިއެވެ. އަދި މާތް ﷲ އަށް ތަބާވެ، އެކަލާނގެ އަށް އަޅުކަންކުރާ އަހުލުވެރީންނޭވެ. ހަމަކަށަވަރުން މާތް ﷲ އީ ދާއިމަށް، ދިރިދެމިވޮޑިގެންވާ ރަސްކަލާންގެ އެވެ. ''.

- ޚަލީފާ ކަމުގެ ކުރީކޮޅު ބައެއް ގަބީލާތަކުގެ މީހުން އިސްލާމްދީން އާއި ދެކޮޅުވެ، މުރުތައްދުވެގެން ދިޔަ މައްސަލަ ފެންމަތިވެގެން އައެވެ. ބައެއް ގަބީލާތަކުން ޒަކާތުގެ ފައިސާ ދެއްކުމަށް އިދިކޮޅު ހަދަމުން ދިޔައެވެ. އެހިނދު އަބޫބަކުރުގެ ފާނު އެމީހުންނާއި، ހަގުރާމަކުރެއްވުމަށް ލަޝްކަރެއް ތައްޔާރު ކުރައްވައި، އިސްވެ ހުންނަވައިގެން ނިކުމެވަޑައިގަތުމަށް ނިންމެވި އެވެ. ނަމަވެސް ޢަލީގެ ފާނުގެ އެދިލެއްވުމަށް ހަގުރާމައިގެ ވެރިއަކަށް އަބޫބަކުރުގެ ފާނު ގެ ބަދަލުގައި ޚާލިދު ބިން ވަލީދު އިސްކުރެވުނެވެ. ޚާލިދު ބިން ވަލީދު ވެރިއަކަށް ހުންނަވައިގެން ލަޝްކަރު އަސަދު އަދި ފިޒާރާ ދަރިކޮޅުގެ އަހުލުވެރިންގެ ތެރެއިން މުރުތައްދުވި މީހުންނާއި، ހަގުރާމަ ކުރެއްވި އެވެ. އެއަށްފަހު ޔަމާމާ އަށް ވަޑައިގެން މުސައިލިމާ ބިން ޚަސްރު އާއި ހަގުރާމަކޮށް ޙަނީފާ ދަރިކޮޅުގެ މައްޗަށް ނަޞްރު ހޯއްދެވި އެވެ. އަދި މުސައިލިމާ ގަތުލު ކުރެއްވި އެވެ. އެއަށްފަހު ޚާލިދު ގެ ލަޝްކަރު ދަތުރުކުރައްވައި، ރޫމީންނާއި އެކު ކުރެއްވި ޔަރުމޫކް ހަގުރާމައިގައި ނަޞްރު ހޯއްދެވި އެވެ.

- ޚަލީފާކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 11 ވަނަ އަހަރު ކީރިތި ރަސޫލާ ސުވަރުގެވަޑައިގަތުމަަށް ފަހުގައެވެ. އަޖަލުޖެހެން ކައިރިވެއްޖެ ކަމަށް އިޙްސާސްވެވަޑައިގަތުމުން، ޚަލީފާ ކަމަށް ޢުމަރުގެ ފާނު އިސްކުރެއްވުމަށް، ސިއްރިޔާތުގައި ޞަޙާބީ ބޭކަލުންނާއި މަޝްވަރާ ކުރެއްވި އެވެ. ޞަޙާބީންގެ ތެރެއިން ގިނަ ބަޔަކު އެކަމާއި، އެއްބަސްވެ، ވަޑައިގެންނެވި އެވެ.

ވިދާޅުވެފައިވާ ވިދާޅުވުންތައް

- އަބޫބަކުރު ގެ ފާނު ވިދާޅުވެފައި ވެއެވެ. ''ދުނިޔޭގެ ޒީނަތްތެރިކަމުގެ ތެރެއިން ކަމަކަށް އިންސާނާ ބޮޑާވެއްޖެނަމަ، އެ ބޮޑާކަން ދޫކޮށްލަން ދެން، އެމީހެއްގެ މައްޗަށް ﷲގެ ރުހިވޮޑިގަތުން ނުވެއެވެ''.

- ދުނިޔެ ދޫކުރެއްވުމުގެ ކުރިން ޢުމަރުގެ ފާނާއި މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. '' އޭ ޢުމަރު އެވެ. ރަސޫލާގެ އަޞްޙާބީންގެ ވެރިއެއްގެ ގޮތުގައި، އަހަރެން ކަލޭގެފާނުން ކަނޑައަޅައިފީމެވެ. ހަމަކަށަވަރުން މާތް ﷲ ރޭގަނޑު ކުރަން އަމުރުކުރައްވައިފައިވާ ކަމެއް ދުވާލު ގަބޫލު ނުކުރައްވަތެވެ. އަދި ދުވާލު ކުރަން އަމުރުކުރައްވާފައިވާ ކަމެއް ރޭގަނޑު ގަބޫލު ނުކުރައްވަތެވެ. އަދި ފަރުޟު ދޫކޮށްލައި ކުރާ ސުންނަތް ގަބޫލު ނުކުރައްވަތެވެ. ފަހެ ޤިޔާމަތް ދުވަހުން އެމީހެއްގެ ތިލަފަތް ބަރުވާ ހުށީ ހައްގަށް ތަބާވެ، ހެޔޮ އަމަލުތައް ގިނަކުރުމުންނެވެ. އަދި ބާތިލް ކަންކަމާއި، ނުބައި މަގަށް ތަބާވި މީހުންގެ ތިލަފަތް އެދުވަހުން ލުއިވާ ހުއްޓެވެ. ''

އަވާހަރަވެ ވަޑައިގަތުން

އަބޫ ބަކުރުގެ ފާނު އަވަހާރަވެ ވަޑައިގަތީ ހިޖުރައިން 13ވަނަ އަހަރު ގެ ޖުމާދިލްއާޚިރާ މަހުގައެވެ. އަވަހާރަވީ ހުކުރު ދުވަހެއްގައި ކަމުގައި ބުނެވެއެވެ. އެހެން ރިވާޔަތެއްގައި ބުނެވެނީ އަވަހާރަވީ އަންގާރަ ދުވަހެއްގައި ކަމަށެވެ. އަބޫ ބަކުރުގެފާނުގެ މައްޗަށް އިސްވެ، ކަށުނަމާދު ކުރެއްވީ ޢުމަރުގެ ފާނު އެވެ. އަބޫބަކުރުގެފާނު އަވަހާރަވެ ވަޑައިގަތީ ރަސޫލާއަށް ވުރެ 2 އަހަރާއި، ދެތިންމަސް ފަހުންނެވެ. އުފަންވެ ވަޑައިގަތީ ވެސް ކީރިތި ރަސޫލާ އަށްވުރެ 2އަހަރާއި، ދެތިންމަސް ފަހުންނެވެ.

އަވަހާރަވި ވަޑައިގެންނެވި އިރު އުމުރުފުޅަކީ 63 އަހަރެވެ. ކީރިތި ރަސޫލާ އަވަހާރަވެ ވަޑައިގެންނެވި އިރު ވެސް އުމުރުފުޅަކީ 63އަހަރެވެ. ޚަލީފާކަން 2އަހަރާއި، 3މަހާއި ދުވަސްކޮޅެއް ވަންދެން ކުރައްވާފައި ވެއެވެ.

* ގުޅުންހުރި ލިޔުންތައް:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.