ހޯމަ20181112

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާނުގައި އުފެދުނު ބައެއް ވަކި ދައުލަތްތައް

ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާނުގައި އުފެދުނު ބައެއް ވަކި ދައުލަތްތައް

abbasi-sarkar-1

އިދްރީސީ ދައުލަތް

އިދްރީސީ ދައުލަތް ނިސްބަތްވަނީ އިދްރީސް ބިން ޢަބުދުﷲ ބިން ހަސަން އަށެވެ. ޢައްބާސީންގެ އަތްދަށުން ފިލާވަޑައިގެން މަޣުރިބަށް ވަޑައިގަތުމަށް ފަހު ހިޖުރައިން 172ގައި މަޣުރިބުގައި މިދައުލަތް ގާއިމްކުރެއްވި އެވެ. މަޣުރިބުގައި ތިބި ބަރުބަރުންގެ ބައެއް ޖަމާއަތްތަކާއި އެއްވެގެން ތިލްމިސާން އޭ ކިޔުނު ހިސާބުން ފެށިގެން ގޮސް މަޣުރިބުގެ މެދާއި ހަމައަށް އެމީހުންގެ ބާރުގެ ދަށަށް ގެންނެވިއެވެ. އިދްރީސް އަވަހާރަވެ ވަޑައިގަތީ ހިޖުރައިން 177ގައި ވިހަވެގެންނެވެ. އިދްރީސްގެ އެއްވެސް ވާރުތަވެރިޔަކު އޭރަކު ނުވެއެވެ. ނަމަވެސް އޭނާގެ ޖާރިޔާއެއް އޭރު އިނީ ިއިދްރީސްގެ ދަރިއަކަށް ބަލިވެއެވެ. އެދރިފުޅު އުފަންވެ ޒުވާނަކަށް ވަންދެން ވެރިކަން ހިންގަމުން އައީ ގަބީލާތަކުން އެކަމަކު އޭނާގެ ނަންމަތީގައެވެ. ޒުވާނެއްގެ އުމުރަށް އެޅުމުން އޭނާ އަށް ވެރިކަން ހަވާލުކުރެއްވި އެވެ. އަދި ''އިދްރީސް އައްޘާނީ''ގެ ނަމުން ނަންދެވުނެވެ.

އިދްރީސީ ދައުލަތުގެ ހަގީގީ ބާނީ އަކީ އިދްރީސް އައްޘާނީ ކަމުގައި ވަނީ ބެލެވިފައެވެ. ވެރިކަން ދެމެހެއްޓުމަށް ކުރެއްވި މުހިއްމު ބައެއް ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައް ހިމެނެއެވެ.

1- އެހިސާބުގައި ގާއިމްވެ ތިބި ބަރުބަރުންގެ ގަބީލާތަކަށް ބާރުފޯރުވުގެ ހައްގު އިދްރީސީ ދައުލަތަށް ލިބިގެންވާ ކަމަށް ހަމަޖެއްސުން

2- ހިޖުރައިން 192ވަނަ އަހަރު ''ފާސް'' އޭ ކިޔުނު ރަށް ބިނާކުރައްވައި އިދްރީސީ ދައުލަތުގެ ވެރިރަށް ކަމުގައި ހަމަޖެއްސުން

ހިޖުރައިން 213ވަނަ އަހަރު އިދްރީސް އައްޘާނީ އަވަހާރަވި އިރު އޭނާގެ 11ދަރިން ތިއްބެވިއެވެ. އަވަހާރަވުމުން އެންމެ ދޮށީ ދަރިފުޅު މުޙައްމަދު ބިން އިދްރީސް ވެރިކަމަށް އިސްކުރެވުނެވެ. އެއަށްފަހު އެހެން މަސައްކަތްތައް ދެންތިބި ދަރިންނަށް ބައްސަވާލެއްވިއެވެ. ހިޖުރައިން 122ގައި މުހައްމަދު ބިން އިދްރީސް އަވަހާރަވުމުން ދެންތިބި އިދްރީސްގެ ދަރިންގެ މެދުގައި ވެރިކަމަށް އިސްކުރާނޭ މީހަކާއި މެދު ޚިޔާލު ތަފާތު ވިއެވެ. އެންމެ ފަހުން ވެރިކަމަށް އިސްކުރެވުނީ މުހައްމަދު ގެ ދަރިކަލުން ޢަލީ ބިން މުޙައްމަދު ބިން އިދްރީސް އެވެ. ހިޖުރައިން 224ގައި ޢަލީ ބިން މުޙައްމަދު އަވަހާރަވުމާއި ގުޅިގެން އޭނާގެ ކޮއްކޮ ޔަޙްޔާ ބިން މުޙައްމަދު ވެރިކަމަށް އިސްވެ ވަޑައިގަތެވެ.

އަމީރު ޔަޙްޔާ ބިން މުޙައްމަދުގެ ވެރިކަމުގައި ''ފާސް ސިޓީ'' އަށް ވަރަށް ބޮޑު ކުރިއެރުންތައް ގެންނެވިއެވެ. މިގޮތުން އާއްމު ފާޚާނާ ބަރިތަކާއި، ވިޔަފާރި ހޮޓާތަކާއި، މިސްކިތްތައް ބިނާކުރެއްވިއެވެ. ޚާއްޞަކޮށް ހިޖުރައިން 245ގައި ބިނާކުރެއްވި ''ޖާމިއުލް ޤަރްވިއްޔީން'' އޭ ކިޔޭ މިސްކިތް ފާހަގަކޮށް ލެވެއެވެ. މިއަދުވެސް އިސްލާމީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ މިސްކިތް ތަކުގެ ތެރޭގައި މިމިސްކިތް ގުނެއެވެ. ޔަޙްޔާ އަށް ފަހު ދެން ވެރިކަމަށް ވަޑައިގަތީ އޭނާގެ ދަރިފުޅު ޔަޙްޔާ އައްޘާނީ އެވެ. ނަމަވެސް މިބޭފުޅާއަކީ ހަރުދަނާ ކަމެއް ނެތް ވެރިކަމުން ދުރުކުރެވުނެވެ. އެއަށްފަހު ވެރިކަމަށް އިސްވެ ވަޑައިގަތީ ޔަޙްޔާ އައްޘާނީ ގެ ބޮޑުބޭބެ ގެ ދަރިއެއްކަމުގައިވާ ޢަލީ ބިން ޢުމަރު އެވެ. ޢަލީ ބިން ޢުމަރުގެ ވެރިކަން މާގިނަ ދުވަހެއް ވަންދެން ދެމިއެއް ނުހުރެއެވެ. ހިޖުރައިން 292ގައި ޔަޙްޔާ ބިން އިދްރީސް ބިން ޢުމަރު ވެރިކަމަށް އިސްކުރެވުނެވެ. އެބޭފުޅާ ވެފައިވަނީ އިދްރީސީ ދައުލަތުން ވެރިކަން ކުރެއްވި ތަފާތު ބޭފުޅުން ގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބޭފުޅާ ކަމުގައެވެ. ހިޖުރައިން 309ގައި ޔަޙްޔާ ބިން އިދްރީސް ބިން ޢުމަރުގެ ވެރިކަން ވެއްޓިގެން ދިޔައެވެ. އެއަށްފަހު އިދްރީސީ ދައުލަތް ނިކަމެތި ގޮތެއްގައި ފާތިމީންގެ ދުވަސްވަރު ވެސް އޮތެވެ. އިދްރީސީ ދައުލަތުގެ ވެރިކަން ނިމުމަކަށް އައީ އަންދަލުސްގައި ތިބި އުމަވީން ހިޖުރައިން 319ގައި އެމީހުންގެ މައްޗަށް ބާރުފޯރުވައި ގަދަވެ ގަތުމާއި ގުޅިގެންނެވެ.

2- އަންދަލުސް ގައި އުފެދުނު އުމަވީ ދައުލަތް

އަންދަލުސް(ސްޕޭން) ފަތަހަ ކުރެއްވީ އުމަވީ ދައުލަތުގެ ވެރިކަމުގައި ވަލީދު ބިން ޢަބުދުލް މަލިކް ހުންނަވަނިކޮށް ހިޖުރައިން 92-93ވަނަ އަހަރުގެ ދުވަސްވަރެއްގައެވެ. އަންދަލުސް ފަތަހަ ކުރެއްވީ ޠާރިޤު ބިން ޒިޔާދު އަދި މޫސާ ބިން ނަޞީރު ވެރިއަކަށް ހުންނަވައިގެންނެވެ. ފަތަހަ ކުރެއްވުމަށް އުމަވީ ދައުލަތުގެ ވަރުގަދަ ތަބެއްގެ ގޮތުގައި އަންދަލުސް ވެގެން ދިޔައެވެ.

ހިޖުރައިން 132ގައި އުމަވީ ދައުލަތް ވެއްޓުމާއި ގުޅިގެން އަންދަލުސް އިން އުމަވީން ފައްސާލުމަށް ޢައްބާސީ ދައުލަތުން ބޭނުންވިއެވެ. ނަމަވެސް އޭރު ވެރިޔަކަށް ހުންނެވި އަބުދުއްރަޙްމާން ބިން މުޢާވިޔާ ( ޢަބުދުއްރަޙުމާން އައްދާޚިލް ) ޢައްބާސީންނަށް ފިލާވަޑައިގެން އުތުރު އެފްރިކާގައި ތިއްބެވި އޭނާގެ ތިމާގެ ބޭފުޅުން އަރިހަށް ވަޑައިގެންނެވިއެވެ. އެއަށްފަހު އެތާގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު ދެވަނަ ފަހަރަށް އަންދަލުސް އަށް ވަޑައިގެން ޢައްބާސީން އެރަށުން ނެރުއްވުމަށް ވިސްނެވިއެވެ.

ހިޖުރައިން 138ގައި އަންދަލުސް އަށް ވަޑައިގެން އޭރު އަންދަލުސް ގައި ޢައްބާސީ ދައުލަތުން ވެރިއަކަށް އިސްކޮށްފައި ހުންނެވި ޔޫސުފް އަލްފަހްރީ އާއި ދެކޮޅަށް ހަގުރާމަކުރެއްވުމަށް ލަޝްކަރެއް ތައްޔާރު ކުރެއްވި އެވެ. އެއަށްފަހު ''ޤުރުޠުބާ'' އޭ ކިޔުނު ރަށާއި ދިމާލުން ޔޫސުފުލް ފަހްރީ ގެ ލަޝްކަރާއި ދިމާކުރައްވައި ހަގުރާމަ ފެއްޓެވިއެވެ. ''އަލްމުޞާރާ''ގެ ނަން ދެވިފައިވާ މިހަގުރާމަ ނިމިގެން ދިޔައީ ޔޫސުފުލް ފަހްރީގެ ލަޝްކަރު ބަލިވެ ޢަބުދުއްރަހުމާން އައްދާޚިލްގެ ބާރުގެ ދަށަށް އަންދަލުސް އައުމާއި އެކުގައެވެ. އެއަހަރުން ފެށިގެން (ހިޖުރައިން 138ން)ހިޖުރައިން 422އާއި ހަމައަށް އަންދަލުސްގައި އުމަވީންގެ ވެރިކަން ދެމިއޮތެވެ.

އަންދަލުސް ގައި އުފެދުނު އުމަވީ ދައުލަތުގެ ދުވަސްވަރު ތަފާތު ގިނަގުނަ އުދަގޫތަކާއި ކުރިމަތި ލެއްވުމަށް ޢަބުދުއްރަޙުމާން ބިން އައްދާޚިލް އަށް ޖެހިވަޑައިގެންނެވި އެވެ. ޢައްބާސީންނާއި މެދު ތަފާތު ތަޅާފޮޅުންތައް އެކި ދުވަސްވަރު ހިގުމުގެ އިތުރުން ވެރިކަމަށް އަތްގަދަކުރުމަށް ވެސް ބައެއް ފަރާތްތަކުން މަސައްކަތް ކޮށްފައި ވެއެވެ. ޢައްބާސީ ދައުލަތުން އެފްރިކާގެ ވެރިއަކަށް ކަނޑައަޅުއްވާފައި ހުންނެވި ޢަލާއު ބިން މުޣީޘް އަށް އަންދަލުސް އަށް ވަޑައިގެން އެތާގައި އޮތް އުމަވީންގެ ވެރިކަން ނިމުމަކަށް ގެންނެވުމަށް ބާރުއަޅުއްވައި ހިތްވަރު ދެއްވި އެވެ. ނަތީޖާއެއްގެ ގޮތުން ޢަލާއު މެދުތެރޭ ކަނޑު ހުރަސް ކުރައްވައި ހިޖުރައިން 146ގައި އަންދަލުސް އަށް ހަގުރާމައަށް ލަޝްކަރާއިގެން ވަޑައިގެންނެވި އެވެ. ނަމަވެސް މިހަގުރާމައިގައި ކާމިޔާބު ލިބިގެން ދިޔައީ އުމަވީންނަށެވެ.

އެއަށްފަހު ބައެއް އަރަބި ދަރިކޮޅުތަކުން ވެސް ނަޞާރާއިންގެ ވެރިއެއްކަމަށްވާ ''ޝާރްލަމާން'' އާއި ގުޅިގެން ޢަބުދުއްރަޙްމާން އައްދާޚިލް ގެ ވެރިކަން ނިމުމަކަށް ގެނައުމަށް ރޭވުންތައް ރޭވިއެވެ. ނަމަވެސް މިހުރިހާ ރޭވުންތައް ދިޔައީ ފެނަށެވެ. ޢަބުދުއްރަޙްމާން އައްދާޚިލްގެ ވެރިކަމުގައި ދިމާވި ހުރިހާ ގޮންޖެހުންތަކާއި ކުރިމަތި ލައްވައި ކާމިޔާބު ހޯއްދެވި ގޮތް ފުރިހަމަކަމުން އައްބާސީ ދައުލަތުގެ ޚަލީފާއެއް ކަމުގައިވާ އަބޫ ޖަޢުފަރުލް މަންޞޫރު ޢަބުދުއްރަޙްމާން އައްދާޚިލްއަށް ''ޞަޤްރު ޤުރައިޝް''ގެ ލަގަބު ދެއްވި އެވެ.

ހިޖުރައިން 138ން ހިޖުރައިން 422 ވަނަ އަހަރާއި ހަމައަށް އަންދަލުސް ގައި އުފެދުނު އުމަވީ ދައުލަތުގެ ދުވަސްވަރު ތަފާތު ބޭފުޅުން ތައް ވެރިކަން ކުރައްވާފައި ވެއެވެ. މިގޮތުން ވެރިކަން ކުރައްވާފައިވާ ބޭފުޅުންނާއި ވެރިކަމަށް އިސްވި އަހަރުތައް ތިރީގައި މިވަނީ އެވެ.

1- ޢަބުދުއް ރަހްމާން ބިން މުޢާވިޔާ ( ޢަބުދުއްރަޙްމާން އައްދާޚިލް ) (ހިޖުރައިން 138ގައި )

2- ހިޝާމް އަލްއައްވަލް ބިން ޢަބުދުއް ރަހްމާން (ހިޖުރައިން 172ގައި )

3- އަލްޙަކަމް ބިން ހިޝާމް ( ހިޖުރައިން 180ގައި)

4- ޢަބުދުއް ރަޙްމާން އަލްއައުސަޠު ބިން ހިޝާމް ( ހިޖުރައިން 206ގައި )

5- މުހައްމަދު ބިން ޢަބުދުއްރަޙުމާން ( ހިޖުރައިން 238ގައި )

6- އަލް މުންޛިރު ބިން މުޙައްމަދު ( ހިޖުރައިން 273ގައި )

7- ޢަބުދުﷲ ބިން މުޙައްމަދު ( ހިޖުރައިން 275ގައި )

8- ޢަބުދުއްރަޙްމާން އައްނާޞިރު ބިން މުޙައްމަދު ( ހިޖުރައިން 300ގައި )

9- އަލްޙަކަމް ބިން ޢަބުދުއްރަޙްމާން ( ހިޖުރައިން 350ގައި )

10- ހިޝާމް ބިން ޙަކަމް ( ހިޖުރައިން 366-399އަށް )

ހިޝާމް ބިން ޙަކަމް ގެ ވެރިކަން ނުނިމި އުޅެނިކޮށް މަންޞޫރު ބިން އަބީ ޢާމިރު ވެރިކަމަށް ގަދަވެގަނެ ވެރިކަމަށް އިސްވެ ވަޑައިގަތެވެ. އެއާއެކު އާމިރީ ދައުލަތް އުފެދިގެން ދިޔައެވެ. އާމިރީންނާއި އުމަވީންނާއި ދެމެދު ފިތުނަވެރިކަން ވަރަށް ގިނަ ދުވަހަށް ދެމިއޮތެވެ. މިފިތުނަ ވެރި ކަމުގެތެރޭގައި އުމަވީން ބަލިވެ އެމީހުންގެ ވެރިކަން އެއްކޮށް ވެއްޓިގެން ދިޔައީ ހިޖުރައިން 422ގައެވެ.

އަންދަލުސްގައި އުފެދުނު އުމަވީ ދައުލަތުގެ ދުވަސްވަރުގައި ޢަބުދުއްރަޙްމާން އައްދާޚިލް ވަރަށް ފުޅާ ދައުރެއް އަދާކޮށްފައި ވެއެވެ. ޤުރުޠުބާ ގައި އާންމު ފާޚާނާ ބަރިތަކާއި، މިސްކިތްތަކާއި ބޮޑެތި އިމާރާތްތައް ބިނާ ކުރެއްވި އެވެ. މައިދާންތަކާއި ބަގީޗާތައް ބިނާކުރެއްވިއެވެ. ރަށުގެ ވަށައިގެން ބޮޑުފާރެއް ބިނާކުރެއްވި އެވެ. ޤުރުޠުބާގެ އައްސޭރި ފަށުގައި ''ރުޞާފާ'' އޭ ކިޔޭ ބޮޑު ގަނޑުވަރެއް ބިނާކުރެއްވި އެވެ. ރަށަށް ފެންލިބޭނެ ގޮތަށް ކޯރު ކޮންނަވައި ހެއްދެވިއެވެ. ޤުރުޠުބާގައި ޢަބުދުއްރަޙްމާން އައްދާޚިލް ބިނާކުރެއްވި މިސްކިތް އަދި އަދާއި ހަމައަށް ވެސް ދެމި އެބަހުރިއެވެ. ދަނޑުވެރިކަމާއި އިލްމަށް ވެސް ޚާއްޞަ އަހައްމިއްޔަތު ކަމެއް ޢަބުދުއްރަޙްމާން އައްދާޚިލް ދެއްވި އެވެ. މިގޮތުން އަންދަލުސްގައި މަދަރުސާތައް ހުޅުވި އެވެ. ނަތީޖާއެއްގެ ގޮތުން ޔޫރަޕުގެ ގައުމުތަކާއި، މިޞްރު، ޚަލީޖްގެ ގައުމުތައް، އަދި އިރާޤުން ކިޔަވާކުދިން ތައުލީމް ހޯދުމަށްޓަކައި އަންދަލުސް އަށް ދިޔައެވެ.

ހިޖުރައިން 172ގައި ޢަބުދުއްރަޙްމާން އައްދާޚިލް އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިކަލުން ހިޝާމް ވެރިކަމަށް އިސްކުރެވުނެވެ. ބުނެވޭގޮތުގައި ހިޝާމް އަކީ ހިތްޕުޅު ހެޔޮ ދީލަތި ހެޔޮ ލަފާ މީހެކެވެ. އަރަބި ބަސް ކިޔަވާދެއްވުމަށް ހިޝާމް ޚާއްޞަ ސަމާލުކަމެއް ދެއްވި އެވެ. އެގޮތުން ޔަހޫދީ މަދަރްސާ ތަކުގައި ވެސް އަރަބި ބަސް ކިޔަވައިދޭން ޖެހޭގޮތަށް ހަމަޖެއްސެވިއެވެ.

ހިޖުރައިން 4 ވަރުގަރުނު ވެފައިވަނީ އަންދަލުސްގައި އުފެދުނު އުމަވީ ދައުލަތުގެ ރަންޒަމާން ކަމުގައެވެ. އެއީ ޢަބުދުއްރަޙްމާން އައްނާޞިރުގެ ވެރިކަން ހިގަމުން އައި ދުވަސްވަރު ( ހިޖުރައިން 300-350އަށް ) އެވެ. ނުވަތަ ޢަބުދުއްރަހްމާން ބިން ޢަބުދުﷲ ބިން މުޙައްމަދުގެ ވެރިކަމުގެ ދުވަސްވަރު އެވެ. ސިޔާސީ މައިދާނު ގައި ވަރަށްބޮޑު ކުރިއެރުމެއް ދައުލަތަށް ލިބި އެހެނިހެން ގޮތްގޮތުން ވެސް ކުރިއަރައި ދިޔަކަމުގައި ބުނެވެއެވެ.

ޝަރުއީ އިލްމަށް ބަލާއިރު އަންދަލުސްގައި މާލިކީ މަޛުހަބު ފެތުރިގެން ދިޔައެވެ. ޚާއްޞަކޮށް ހިޝާމް ބިން ޢަބުދުއް ރަހްމާންގެ ވެރިކަމުގެ ދުވަސްވަރު ގައެވެ. ފާހަގަކޮށްލެވޭ އިލްމުވެރިންގެ ތެރޭގައި އިމާމް ބިން ޙަޒަމް އަލްއަންދަލްސީ، އަލްއިމާމް އަބުލް ޤާސިމް އައްޝާޠުބީ، އަބުލް ވަލީދު އައްސިޔާޖީ، އަލްއިމާމް އަލްމުންޛިރު ބިން ސަޢީދު އަލްބައްލޫތީ ފަދަ ބޭފުޅުން ފާހަގަކުރެވެއެވެ. ބޭސްވެރިކަމާއި، ފަލަކީ އިލްމް އަދި އަމަލީ މައިދާންތަކުގައި ތަފާތު ކުރިއެރުންތައް ހޯދާފައި ވެއެވެ. ފާހަގަކޮށްލެވޭ އިލްމުވެރިންގެ ތެރޭގައި ޢައްބާސް ބިން ފިރްނާސް ފާހަގަކޮށްލެވެއެވެ. އެއީ އެންމެ ފުރަތަމަ ތާރީޚްގައި މަތިންދާބޯޓެއް ހެދުމަށް މަސައްކަތް ކޮށްފައިވަނީ އޭނާ ކަމަށްވާތީ އެވެ. ފަލަކީ އިލްމުވެރިންގެ ތެރެއިން އިބްރާހީމް ބިން ޔަޙްޔާ އައް ނައްގާޝް، އަދި ބޭސްވެރިކަމުގެ އިލްމުވެރިންގެ ތެރެއިން އަޙުމަދު ބިން އިޔާސް ފާހަގަކޮށްލެވެއެވެ. ބޭސްތައް އޭގެ އިލްމުގައި ވަކިބައިތަކަށް ފުރަތަމަ ބެއްސެވީ އަޙުމަދު ބިން އިޔާސް ކަމުގައި ބުނެވެއެވެ. މީގެ އިތުރުން އަރަބި ބަހުގެ ގަވާއިދާއިބެހޭ އިލްމާއި އަރަބި ބަހުގެ ތަފާތު ދާއިރާތަކުގައި ތަފާތު ކާމިޔާބުތައް އެދުވަސްވަރު އުމަވީ ދައުލަތުން ހޯދާފައިވެއެވެ. އުމުރާނީ ގޮތުން ހޯދި ކުރިއެރުންތަކަށް ބަލާއިރު ގަނޑުވަރުތަކާއި މިސްކިތް ތައް އަދި އެކިއެކި ސިޓީތައް އާބާދު ކުރެއްވިއެވެ.

ހިޖުރައިން 366ގައި ހިޝާމް ބިން ޙަކަމް ވެރިކަމަށް އިސްކުރެވުނެވެ. އެއީ އުމަވީ ދައުލަތުން އަންދަލުސް ގައި ވެރިކަން ކުރެއްވި އެންމެ ފަހު ޚަލީފާ އެވެ.އޭނާގެ ވެރިކަމުގައި މަންޞޫރު ބިން އަބީ ޢާމިރު ވެރިކަމަށް ގަދަވެގަނެ ވެރިކަން ހޯއްދެވިއެވެ. އެއީ ޢާމިރީ ދައުލަތް އުފެއްދެވި ބޭފުޅާއެވެ. އަންދަލުސް ގައި އުފެދުނު އުމަވީ ދައުލަތް ވެއްޓުނީ ހިޖުރައިން 422 ގައެވެ. އެއީ އުމަވީންނާއި އާމިރީންނާއި ދެމެދުގައި އޮތް ފިތުނަ ވެރިކަމުގެ ތެރޭގައި އުމަވީން ބަލިވެ ދިއުމުންނެވެ.

ހިގާދިޔަ ހާދިސާތައް

- ހިޖުރައިން 138ގައި އެފްރިކާގެ އުތުރު ހިސާބެއްގައި ހުންނަވައިފައި އަންދަލުސް އަށް ޢަބުދުއްރަޙްމާން ބިން އައްދާޚިލް ވަޑައިގެން އެތާގައި އުމަވީންގެ ދައުލަތެއް ގާއިމްކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. ހިޖުރައިން 138ގައި ޢަބުދުއްރަޙްމާން ބިން އައްދާޚިލް ޢައްބާސީ ދައުލަތުގެ ފަރާތުން އަންދަލުސްގެ ވެރިޔަކަށް ކަނޑައަޅުއްވާފައި ހުންނެވި ޔޫސުފް އަލްފަހްރީ އާއި ދެކޮޅަށް ''އަލްމުޞާރާ'' އޭ ކިޔުނު ހަގުރާމަ ކުރައްވައި ޤުރުޠުބާ އަށް ވަދެ އެތާގައި އަންދަލުސްގައި އުފެދުނު އުމަވީ ދައުލަތް އިއުލާން ކުރެއްވި އެވެ.

- ހިޖުރައިން 142ވަނަ އަހަރު ޢަބުދުއްރަޙްމާން އަލްފަހްރީ ޢައްބާސީންގެ އަތްދަށަށް އަންދަލުސްގެންނެވުމަށް ޓަކައި ޢަބުދުއްރަޙްމާން ބިން އައްދާޚިލް ގެ ވެރިކަމާއި ދެކޮޅަށް ހަގުރާމައަށް ނިކުމެ ވަޑައިގެންނެވި އެވެ. ނަމަވެސް ކާމިޔާބު ލިބުނީ ޢަބުދުއްރަޙްމާން ބިން އައްދާޚިލްގެ ލަޝްކަރަށެވެ. ހިޖުރައިން 147ވަނަ އަހަރު އެފްރިކާގައި އައްބާސީ ދައުލަތުން ވެރިއަކަށް ކަނޑައަޅުއްވާފައި ހުންނެވި ޢަލާއު ބިން މުޣީޘް ޢަބުދުއްރަޙްމާން ބިން އައްދާޚިލް އާއިދެކޮޅަށް އިންގިލާބަށް ނިކުމެވަޑައި ގެންނެވި އެވެ. ނަމަވެސް ހަގުރާމައިގައި ޢަލާއު ބިން މުޣީޘް ގަތުލުކުރައްވައި ޢަބުދުއްރަޙްމާން ބިން އައްދާޚިލް ކާމިޔާބު ހޯއްދެވިއެވެ. އެއަށްފަހު އުމަވީންގެ ކަންތައްތަކުގެ ތެރެއަށް ޢައްބާސީ ދައުލަތުން މަސައްކަތް ކޮށްފައެއް ނުވެއެވެ.

- ހިޖުރައިން 161ވަނަ އަހަރު ޢަބުދުއްރަޙްމާން ބިން އައްދާޚިލް އަށް ޚިޔާނާތްތެރިވުމުގެ ރޭވުމެއް ހިންގި އެވެ. މިރޭވުން ރާވާފައިވަނީ ''ސަރުޤަސްޠާ''ގެ ވެރިއަކަށް ހުންނެވި ސުލައިމާން ބިން ޔަޤްޟާޢު ނަޞާރާއިން ގެ ވެރިއެއްކަމަށްވާ ޝާރްލަމާން އާއި ގުޅިގެން ޢަބުދުއްރަޙްމާން ބިން އައްދާޚިލްގެ ވެރިކަން ވައްޓާލުމަށެވެ. ނަމަވެސް ސަރުޤަސްޠާގެ އަހުލުވެރިން އެމީހުންގެ ވެރިޔާ ސުލައިމާން ބިން ޔަޤްޟާޢު އާއި ދެކޮޅަށް އިންގިލާބު އިއުލާންކުރައްވައި މިރޭވުން ނިމުމަކަށްގެނައެވެ.

- ހިޖުރައިން 172ވަނަ އަހަރު ޢަބުދުއްރަޙްމާން ބިން އައްދާޚިލް އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިކަލުން ހިޝާމް ބިން ޢަބުދުއްރަޙްމާން ވެރިކަމަށް އިސްކުރެވުނެވެ. 8ގެ މުއްދަތަށް ހިޝާމް ވެރިކަމުގައި ދެމިހުއްޓެވެ. ހިޖުރައިން 174ވަނަ އަހަރު ހިޝާމްއާއި އޭނާގެ ކޮއްކޮ ސުލައިމާން އާއި ދެމެދު ޚިޔާލުތަފާތުވުން ތަކެއް އުފެދުނެވެ. ނަމަވެސް ފަހުން ބަލި ގަބޫލުކުރައްވައި ސުލައިމާން މަޣުރިބަށް ވަޑައިގެންނެވި އެވެ.

- ހިޖުރައިން 181ވަނަ އަހަރު އަލްޙަކަމް ބިން ހިޝާމް ބިން ޢަބުދުއްރަޙްމާން ގެ ވެރިކަމުގައި ''އަހުލު ޠުލައިޠިލާ''ގެ ނަމުގައި އިންގިލާބެއް ގެނެވުނެވެ. އެކަމަކު މިއިންގިލާބު ކާމިޔާބެއް ނުވިއެވެ.ހިޖުރައިން 206ވަނަ އަހަރު އަލްޙަކަމް ބިން ހިޝާމް ބިން ޢަބުދުއްރަޙްމާން އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިކަލުން ޢަބުދުއް ރަޙްމާން އަލްއައުސަޠު ބިން ހިޝާމް ވެރިކަމަށް އިސްކުރެވުނެވެ. އޭނާގެ ވެރިކަމުގައި އިލްމުވެރިކަމާއި ބިނާކުރުމަށް ވަރަށްބޮޑު އަހައްމިއްޔަތު ކަމެއް ދެއްވިއެވެ. އަންދަލުސްގައި ވަރަށް ގިނަ ބަޔަކު އެދުވަސްވަރު އިސްލާމްދީން ގަބޫލުކުރިކަމަށް ބުނެވެއެވެ.

- ހިޖުރައިން 228ވަނަ އަހަރު ފަރަންޖީން ކަނޑުމަގުން އަންދަލުސް އަށް އަރައިގަތެވެ. އެއަށްފަހު އަޝްބީލިޔާ އަށް ވެސް އެމީހުންގެ ލަޝްކަރުތައް ވާސިލްވި އެވެ. ނަމަވެސް ޢަބުދުއް ރަޙްމާން އަލްއައުސަޠު އަޝްބީލިޔާ އަށް ވަރުގަދަ ލަޝްކަރެއް ފޮނުއްވައި ފަރަންޖީން ބަލިކުރެއްވި އެވެ. ހިޖުރައިން 238ވަނަ އަހަރު ޢަބުދުއް ރަޙްމާން އަލްއައުސަޠު އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިކަލުން މުހައްމަދު ބިން ޢަބުދުއްރަޙުމާން ވެރިކަމަށް އިސްކުރެވުނެވެ. އޭނާގެ ވެރިކަމުގައި ''ޠުލައިޠިލާ'' އަދި ''ބާސިލޯނާ'' ފަދަ ރަށްތަކުގައި ވަރަށްގިނަ އިންގިލާބުތައް ގެންނަށް މަސައްކަތްކޮށްފައި ވެއެވެ.

- ހިޖުރައިން 300ވަނަ އަހަރު ވެރިކަމަށް ޢަބުދުއްރަޙްމާން އައްނާޞިރު ބިން މުޙައްމަދު އިސްކުރެވުނެވެ. އޭނާގެ ވެރިކަމުގެ ވަރަށްބޮޑު ކުރިއެރުމެއް ވަނީ ހޯދާފައެވެ. ހިޖުރައިން 322 ވަނަ އަހަރު ޢަބުދުއްރަޙްމާން އައްނާޞިރު 200އަށްވުރެ ގިނަ އާގުބޯޓް ހިމެނޭ ފްލީޓެއް ތައްޔާރުކުރައްވައި ފްރާންސް ޖާމަނީ އަދި އިޓަލީ އަށް ފޮނުއްވިއެވެ.

- ހިޖުރައިން 335ވަނަ އަހަރު ޢަބުދުއްރަޙްމާން އައްނާޞިރު ''ސާލިމް''އޭ ކިޔުނު ރަށް ބިނާކުރެއްވިއެވެ. މެޑްރިޑްގެ އިރުއުތުރުން އޮންނަ މިރަށަށް ފަހު ''މަރިއްޔާ'' އޭ ކިޔުނު ރަށް ވެސް ބިނާކުރެއްވި އެވެ. ހިޖުރައިން 350ވަނަ އަހަރު ޢަބުދުއްރަޙްމާން އައްނާޞިރު ބިން މުޙައްމަދު އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިކަލުން އަލްޙަކަމް ބިން ޢަބުދުއްރަޙްމާން ވެރިކަމަށް އިސްކުރެވުނެވެ. އަލްޙަކަމް ބިން ޢަބުދުއްރަޙްމާން އަށް ''އަލް މުންތަޞިރު ބިﷲ''ގެ ލަގަބު ދެވިފައި ވެއެވެ. އެއަށްފަހު އަލްޙަކަމް ބިން ޢަބުދުއްރަޙްމާން ގެ ދަރިކަލުން ހިޝާމް ބިން ޙަކަމް ހިޖުރައިން 366ގައި ވެރިކަމަށް އިސްކުރެވުނެވެ.

3- އަޣާލިބީ ދައުލަތް

އަޣާލިބީ ދައުލަތް ނިސްބަތް ވަނީ ހިޖުރައިން 148ވަނަ އަހަރު އަބޫ ޖައުފަރުލް މަންސޫރު އެފްރިކާގެ ވެރިޔަކަށް އިސްކުރެއްވި އަޣުލަބް ބިން ސާލިމް އައްތަމީމީ އަށެވެ. އެކަމަކު އަޣާލިބީ ދައުލަތުގެ ބާނީ ކަމުގައި ބެލެވިފައިވަނީ ހިޖުރައިން 184ވަނަ އަހަރު ހާރޫނުއް ރަޝީދުގެ ވެރިކަމުގައި އެފްރިކާގެ ވެރިޔަކަށް އިސްކުރެވުނު އިބްރާހީމް ބިން އަޣުލަބް ކަމުގައެވެ. އެއަހަރަކީ ޢައްބާސީ ދައުލަތާއި ވަކިން އަޣާލިބީ ދައުލަތް އުފެދުނުކަމަށް ބުނެވޭ އަހަރު ވެސް މެއެވެ.

އަޣާލިބީ ދައުލަތް އުފެދުމަށް ފަހު އިބްރާހީމް ބިން އަޣުލަބް އާއި ދެކޮޅަށް ގެންނަށް މަސައްކަތް ކުރެއްވި ތަފާތު އިންގިލާބު ތަކާއި ކުރިމަތިލަންވަން ޖެހިވަޑައިގެންނެވިއެވެ. މިގޮތުން ގެނެވުނު އިންގިލާބު ތަކުގެ ތެރޭގައި މަޣުރިބުގައި ގެނެވުނު ''ޙަމްދީސް އަލްކަންދީ'' އޭ ކިޔުނު އިންގިލާބު، އަދި ހިޖުރައިން 189ވަނަ އަހަރު ގެނެވުނު ''އަހުލު ޠަރާބުލްސް'' އޭ ކިޔުނު އިންގިލާބު ފާހަގަކުރެވެއެވެ. ހިޖުރައިން 196ވަނަ އަހަރު އިބްރާހީމް ބިން އަޣުލަބް އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިފުޅު ޢަބުދުﷲ އަބުލް ޢައްބާސް ވެރިކަމަށް އިސްކުރެވުނެވެ. ޢަބުދުﷲ އަބުލް ޢައްބާސް އަކީ ބޮޑާ ރުޅިގަދަ ބޭފުޅެއް ކަމުން އެދުވަސްވަރު ތަފާތު ތަޅާފޮޅުންތައް ދައުލަތުގެ މީހުންގެ ތެރޭގައި ހިގާފައިވެއެވެ.

ހިޖުރައިން 201ވަނަ އަހަރު ޢަބުދުﷲ އަބުލް ޢައްބާސް އަވަހާރަވުމާއި ގުޅިގެން ވެރިކަމަށް ޒިޔާދަތުﷲ ބިން އަޣުލަބް އިސްކުރެވުނެވެ. ބުނެވޭގޮތުގައި އަޣާލިބީ ދައުލަތުގެ ރަން ދުވަސްވަރަކީ ޒިޔާދަތުﷲ ވެރިކަމުގައި ހުންނެވި ދުވަސްވަރެވެ. އެދުވަސްވަރު އަޣާލިބީ ދައުލަތުގެ ބާރުގެ ދަށުގައި އޮތް ''ޤައިރަވާން'' މަންޞޫރު ބިން ނަޞީރު ޙިޞާރު ކުރެއްވިއެވެ. ނަމަވެސް ހަގުރާމަ ކުރައްވައި އެރަށް އަލުން އަޣާލިބީ ދައުލަތުގެ ބާރުގެ ދަށަށް ގެންނެވި އެވެ. ''ޞަޤްލިއްޔާ'' ފަތަޙަ ކުރެއްވުމަކީ ވެސް އެދުވަސްވަރު ހޯއްދެވި ވަރަށް ބޮޑު ކާމީޔާބީ އެއްކަމުގައި ވަނީ ބެލެވިފައެވެ. ''ޤައިރަވާން''ގެ ޤާޟީއަކަށް ހުންނެވި އަސަދު ބިން ފުރާތު ވެރިއަކަށް ހުންނަވައިގެން ތައްޔާރު ކުރެއްވި ލަޝްކަރު ހަގުރާމާއިގައި ބޮޑު ކާމިޔާބީއެއް ހޯއްދެވައި ''ޞަޤްލިއްޔާ'' އަޣާލިބީ ދައުލަތުގެ ބާރުގެ ދަށަށް ގެންނެވިއެވެ. އެއީ ހިޖުރައިން 212ވަނަ އަހަރުގައެވެ. މިހަގުރާމައިގައި ލިބުނު ކާމިޔާބީއާއި ގުޅިގެން ''ޤައިރަވާން'' ތިބި މުސްލިމުން ގެ ފަރާތުން ތަފާތު އެހީތައް ''ޞަޤްލިއްޔާ'' އަށް ފޮނުވުނުއެވެ.

ހިޖުރައިން 221ވަނަ އަހަރު ޒިޔާދަތުﷲ އަވަހާރަވުމާއި ގުޅިގެން އޭނާގެ ކޮއްކޮ އަބޫ ޢައްފާން އަޣުލަބް ބިން އިބްރާހީމް ވެރިކަމަށް އިސްކުރެވުނެވެ. އެދުވަސްވަރު ތަފާތު އިޞްލާޙުތައް ދައުލަތަށް ގެންނެވިއެވެ. މިގޮތުން މީސްތަކުންގެ މެދުގައި އަނިޔާވެރިކަން ނިމުމަކަށް ގެނެސް އަދި ރާބުއިން މަނާކުރެއްވި އެވެ. ހިޖުރައިން 226ވަނަ އަހަރު އަބޫ ޢައްފާން އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިފުޅު އަބުލް ޢައްބާސް މުޙައްމަދު އަލް އައްވަލް ވެރިކަމަށް އިސްކުރެވުނެވެ. އެއަށްފަހު ހިޖުރައިން 296ވަނަ އަހަރު ފާތިމީ ދައުލަތް ވުޖޫދަށް އައުމާއި ހަމައަށް އަޣާލިބީ ދައުލަތް ދެމި އޮތެވެ.

4- ރުސްތުމީ ދައުލަތް

ރުސްތުމީ ދައުލަތް އުފެދުނީ ހިޖުރައިން 164 ( މީލާދީން 780 ) ވަނަ އަހަރު މިހާރުގެ ޖަޒާއިރު ނުވަތަ އަލްޖީރިޔާ އޮތް ހިސާބުގައެވެ. އެއީ އޭރު ގެ އައްބާސީ ދައުލަތުގެ އިމުން ބޭރުން ''ޝީލަފް'' ކޯރުގެ ހުޅަގުން އޮތް ހިސާބުގައެވެ. އޭރު އެހިސާބު ބެލެވެނީ މަޣުރިބު ނުވަތަ މޮރޮކޯގެ މެދުތެރޭ ހިސާބު ކަމުގައެވެ. ''ތާހަރްތު'' ގައި ގާއިމްކުރެވުނު ރުސްތުމީ ދައުލަތުގެ ބާނީ އަކީ ޢަބުދުއްރަޙުމާން ބިން ރުސްތުމް އެވެ. ރުސްތުމީ ދައުލަތަކީ އޭރު ''ތާހަރްތު'' ގައި އުޅުނު ''އަބާޟީ'' މަޛުހަބުއާއި ވަކިން އުފެދިފައިވާ މުޅިން މުސްތަގިއްލު ދައުލަތެކެވެ.

ހިޖުރައިން 171ވަނަ އަހަރު ރުސްތުމީ ދައުލަތުގެ ބާނީ ޢަބުދުއްރަޙުމާން ބިން ރުސްތުމް އަވަހާރަވުމާއި ގުޅިގެން އޭނާގެ ފިރިހެން ދަރިފުޅު ޢަބުދުލް ވައްހާބު ބިން ޢަބުދުއްރަހުމާން ވެރިކަމަށް އިސްކުރެވުނެވެ. މިކަމާއި ގުޅިގެން އަބާޟީ މަޛުހަބުގެ މީހުން އިންގިލާބެއް ގެނައުމުގެ މަސައްކަތް ފެށިއެވެ. ''އައްނައްކާރު''ގެ ނަމުން ނަންދީފައިވާ މިއިންގިލާބުގެ އިސްވެރިޔަކަށް ހުންނެވީ ''ޔަޒީދު ބިން ފަންދީން'' އެވެ. ދެފަރާތުގެ ހަމަނުޖެހުން ތައް ފެށުމަށް ފަހު ކުރީކޮޅު ޢަބުދުލް ވައްހާބު ބިން ޢަބުދުއްރަޙުމާން ގެ ލަޝްކަރު ބަލިވެގެން ދިޔައެވެ. އެއަށް ފަހު ޞުލްޙައަށް އެދިގެން ދުވަސްކޮޅަކު ތިބިއެވެ. މިދުވަސްވަރުގެ ތެރޭގައި ޢަބުދުލް ވައްހާބު ދައުލަތުގެ ބައެއް އިލްމުވެރިންނާއި މަޝްވަރާކުރައްވައި ދެވަނަ ފަހަރަށް ހަގުރާމައާއި ކުރިމަތި ލެއްވިއެވެ. އެފަހަރު ''އައްނައްކާރު''ން ބަލިކުރައްވައި އެމީހުންގެ މައްޗަށް ޢަބުދުލް ވައްހާބު ކާމިޔާބާއި ނަޞްރު ހޯއްދެވިއެވެ. ހިޖުރައިން 208ވަނަ އަހަރު ޢަބުދުލް ވައްހާބު ބިން ޢަބުދުއްރަޙުމާން އަވަހާރަ ވުމާއި ގުޅިގެން އޭނާގެ ދަރިކަލުން އަފްލަޙް ބިން ޢަބުދުލް ވައްހާބު ވެރިކަމަށް އިސްކުރެވުނެވެ. އެއަށްފަހު ހިޖުރައިން 297ވަނަ އަހަރު ފާތިމީ ދައުލަތް ވުޖޫދަށް އައުމާއި ހަމައަށް ރުސްތުމީ ދައުލަތް ދެމި އޮތެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.