އަންގާރަ20201013

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ޢައްބާސީ ދައުލަތުގެ ދެވަނަ ޒަމާނުގައި ޚަލީފާކަން ކުރެއްވި ބޭފުޅުން

ޢައްބާސީ ދައުލަތުގެ ދެވަނަ ޒަމާނުގައި ޚަލީފާކަން ކުރެއްވި ބޭފުޅުން

abbasee-khalifa-2

1- އަލްމުތަވައްކިލް

ފުރިހަމަ ނަންފުޅަކީ ޖަޢުފަރު ބިން އަލްމުޢުތަޞިމް ބިﷲ ބިން ހާރޫން އައްރަޝީދު ބިން އަލްމަހްދީ އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްމުތަވައްކިލް އަލަﷲ ގެ ގޮތުގައެވެ. އުފަންވެވަޑައިގެންފައިވަނީ ހިޖުރައިން ހިޖުރައިން 206ވަނަ އަހަރު ބަޣްދާދު ގައެވެ. މަންމާފުޅަކީ ޝުޖާޢު އޭ ކިޔޭ ތުރުކީ އަންހެން ބޭކަނބަލެކެވެ. ވެރިކަމަށް އިސްވުމަށް ހިޖުރައިން 232ވަނަ އަހަރު މީސްތަކުން ބައިޢަތު ހިއްޕެވި އެވެ.އެއީ އޭނާގެ އަޚް އަލްވާޘިޤް ބިﷲ އަވަހާރަވުމާއި ގުޅިގެންނެވެ. މިއީ ޢައްބާސީ ދައުލަތުގެ 10ވަނަ ޚަލީފާ އެވެ.

ހިޖުރައިން 236ވަނަ އަހަރު ޙުސައިން ބިން ޢަލީ ( ޙުސައިން ގެ ފާނު )ގެ މަހާނަ ހަލާކުކޮށްލެއްވުމަށް އަމުރު ކުރެއްވި އެވެ. މަހާނަ ކޮނެ އެތަނަށް މީސްތަކުން ޒިޔާރަތްކުރުން މަނާކުރެއްވި އެވެ. އެދުވަސްވަރު ރޫމީން މިޞްރުގެ ދިމްޔާތު އަށް އަރައިގަނެ، މީސްތަކުންނާއި ގެދޮރަށް ގެއްލުން ދީ ހެދި އެވެ. އަދި ''ކަލީކިޔާ'' އޭ ކިޔުނު ރަށާއި ހަގުރާމަކުރައްވައި އެތައް ބަޔަކު ގަތުލުކުރެއްވި އެވެ. ހަމައެކަނި ސަލާމަތްވީ އަތުލައިގަނެވުނު މުސްލިމުންގެ ތެރެއިން ކްރިސްޓިއަން ދީން ގަބޫލުކުރި މީހުންނެވެ. ދައުލަތުގެ ވެރިކަން ދިމިޝްޤަށް ބަދަލުކޮށް 2މަސްދުވަހު އެތާގައި ދައުލަތުގެ ވެރިކަން ހިންގި އެވެ. އެއަށްފަހު އިރާގު ގެ ސާމަރާ އަށް އަނެއްކާ ވެސް ބަދަލުކުރެވުނެވެ.

ވެރިކަމުގެ ދުވަސްވަރު އިރާގުގައި އެތައް ގަނޑުވަރުތަކެއް ބިނާކުރެއްވި އެވެ. މިގޮތުން ބިނާކުރެއްވި ގަނޑުވަރު ތަކުގެ ތެރޭގައި ''ބަދީޢު''، ''ބުރުޖު''، ''ޖައުސަގު''، ''ޖައުފަރީ''، ''ޞަބީޙު''، އަދި ''މަލީޙް'' ގެ ނަން ދީފައިވާ ގަނޑުވަރުތައް ހިމެނެއެވެ. އިބްނި ޚަރުދާޚިބާ ވިދާޅުވާގޮތުގައި މިގަނޑުވަރުތަކުގެ ޚަރަދަށް އެތައް ލާރިއެއް ޚަރަދު ކުރެއްވި އެވެ. ދަރިކަލުން އަލްމުޢުތައްޒު ޚިތާނުކުރެއްވުމާއި ގުޅިގެން ބޭއްވި ހަފްލާތަކުގެ ޚަރަދަށް ވެސް ގާތްގަނޑަކަށް 86ހާސް ދިރުހަމް އަރާނެ ކަމަށް ވެއެވެ. ރަލާއި، އަންހެނުންނަށް ދައުލަތުގެ ބަޖެޓުން ފައިސާ އިސްރާފު ކޮށްފައި ވެއެވެ.

ވެރިކަން އޭނާގެ 3ދަރިންކަމުގައިވާ އަލްމުންތަޞިރު، އަލްމުޢުތައްޒު، އަދި އަލްމުއައްޔަދު އަށް ދެއްވުމަށް އަހުދު ކުރެއްވި އެވެ. އަދި އަލްމުންތަޞިރު ގެ ކުރިން އަލްމުޢުތައްޒު، ވެރިކަމަށް އިސްކުރެއްވުމަށް ބޭނުންވި އެވެ. އެއީ އަލްމުތައްވަކިލް ނުލާހިކު ލޯބިފުޅުވެލައްވާ އަލްމުޢުތައްޒު ގެ މަންމާ ފުޅު ޤަބީޙާ ރުއްސުމަށްޓަކައެވެ.

އަލްމުންތަޞިރު ތުރުކީންގެ ކޮމާންޑަރުންގެ އެހީ ހޯއްދަވައިގެން ހިޖުރައިން 247ވަނަ އަހަރުގެ ޝައްވާލު މަހުގެ 5ވީ ބުދަދުވަހުގެ ރޭ އުމުރުން 41އަހަރު ވެފައިވަނިކޮށް ގަތުލުކުރެއްވުމާއި ހަމައަށް ވެރިކަމުގައި ދެމިހުންނެވި އެވެ. ފަސްދާނު ލެވިފައިވަނީ ޖަޢުފަރީ ގަނޑުވަރު ގައެވެ. 15 އަހަރުގެ މުއްދަތަށް ޚަލީފާ ކަމުގައި ދެމިހުންނެވި އެވެ.

2- އަލްމުންތަޞިރު

ފުރިހަމަ ނަންފުޅަކީ މުޙައްމަދު ބިން ޖަޢުފަރު (އަލްމުތަވައްކިލް އަލަﷲ)ބިން މުހައްމަދު (އަލްމުޢުތަޞިމް ބިﷲ) ބިން ހާރޫން އައްރަޝީދު އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްމުންތަޞިރު ބިﷲ ގެ ގޮތުގައެވެ. މަންމާފުޅަކީ ޙަބަޝިއްޔާ އޭ ކިޔޭ އަންހެން ބޭކަނބަލެކެވެ. މިއީ ޢައްބާސީ ދައުލަތުގެ 11ވަނަ ޚަލީފާ އެވެ.

އަލްމުންތަޞިރު، އަލްމުޢުތައްޒު، އަދި އަލްމުއައްޔަދު އަށް ވެރިކަން ދެއްވުމަށް ބައްޕާފުޅު އަލްމުތަވައްކިލް އަހުދު ކުރެއްވި އެވެ. އަދި އަލްމުންތަޞިރު ގެ ކުރިން އަލްމުޢުތައްޒު، ވެރިކަމަށް އިސްކުރެއްވުމަށް ބޭނުންވި އެވެ. އެއީ އަލްމުތައްވަކިލް ނުލާހިކު ލޯބިފުޅުވެލައްވާ އަލްމުޢުތައްޒު ގެ މަންމާ ފުޅު ޤަބީޙާ ރުއްސުމަށްޓަކައެވެ. މިކަމާއި ދެބަސްވުން އުފެދި އަލްމުންތަޞިރު އެގޮތަށް އަމަލުކުރުމަށް ދެކޮޅު ހެއްދެވި އެވެ.

ތުރުކީންގެ ބަޔަކު އަލްމުތައްވިލް އަލަﷲ އާއި އެއްބަސްވެފައިވާ ބައެއް ކަންތަކާއި ޚިލާފުވިކަން އެގުމުން

އަލްމުންތަޞިރު ތުރުކީންގެ ކޮމާންޑަރުންގެ އެހީ ހޯއްދަވައިގެން ހިޖުރައިން 247ވަނަ އަހަރުގެ ޝައްވާލު މަހުގެ 5ވީ ބުދަދުވަހުގެ ރޭ ބައްޕާފުޅު ޖައުފަރީ ގަނޑުވަރުގައި ގަތުލު ކުރެއްވި އެވެ. މިގަތުލުގައި އޭރުގެ ވަޒީރެއް ކަމުގައިވާ އަލްފަތުޙު ބިން ޚާގާން އެހީތެރިވެދީފައި ވެއެވެ. ގަތުލުކުރެވުނީ 5 ރޭމަތިން އެކަން ކުރުމަށް މަސައްކަތްކުރަން އުޅެ ނުވުމަށްފަހު ގައެވެ.

ބައްޕާފުޅު ގަތުލުކުރެއްވުމަށް ފަހު ވެރިކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 247ވަނަ އަހަރު އެވެ. އަވަހާރަ ވެފައިވަނީ ހިޖުރައިން 248ވަނަ އަހަރު އެވެ. ޚަލީފާ ކަމުގެ މުއްދަތަކީ 6 މަސް ދުވަހެވެ.

3- އަލްމުސްތަޢީން

ފުރިހަމަ ނަންފުޅަކީ ޢަހުމަދު ބިން މުހައްމަދު (އަލްމުޢުތަޞިމް ބިﷲ) ބިން ހާރޫން އައްރަޝީދު އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްމުސްތަޢީން ބިﷲ ގެ ގޮތުގައެވެ. މަންމާފުޅަކީ މަޚާރިޤު އޭ ކިޔޭ އަންހެން ބޭކަނބަލެކެވެ. މިއީ ޢައްބާސީ ދައުލަތުގެ 12ވަނަ ޚަލީފާ އެވެ. އުފަންވެ ވަޑައިގެންފައިވަނީ ހިޖުރައިން 220ވަނަ އަހަރުއެވެ.

ވެރިކަމަށް އިސްކުރެވުނީ ހިޖުރައިން 248ވަނަ އަހަރު އަލްމުންތަޞިރު ބިﷲ އަވަހާރަވުމާއި ގުޅިގެންނެވެ. އަލްމުންތަޞިރު ބިﷲ އަވަހާރަވުމަށް ފަހު ވެރިކަން ލިބެން ޖެހޭނީ އަލްމުޢުތައްޒު އަށެވެ. ނަމަވެސް އަލްމުޢުތައްޒު ވެރިކަމުން އިސްވިޔަ ނުދީ އެއްކިބާ ކުރައްވައި، އަލްމުސްތަޢީން ބިﷲ ވެރިކަމަށް އިޚްތިޔާރު ކުރީ ތުރުކީންގެ 3ކޮމާންޑަރުން ކަމުގައިވާ ބަޣާ، ވަޞީފް، އަދި ބާޣިރު އެވެ. އެމީހުން އަލްމުޢުތައްޒު ވެރިކަމަށް އިސްވިޔަ ނުދިނީ ބައްޕާފުޅު އަލްމުތަވައްކިލް އަލަﷲ އެމީހުން ގަތުލުކޮށްފައިވާތީ އަލްމުޢުތައްޒު ވެރިކަމަށް އިސްވެއްޖެ ނަމަ އެމީހުންގެ ކިބައިން އޭގެ ބަދަލު ހިފާނެ ކަމަށް ބިރުހީވުމުންނެވެ.

އަލްމުސްތަޢީން ބިﷲ ގެ ދުވަސްވަރު ވެރިކަމުގެ ބާރު އޮތީ އިސްވެ ބަޔާންކުރެވުނު ކޮމާންޑަރުންގެ އަތްމަތީ ގައެވެ. އެމީހުންގެ ވަޒީރަކު ޚަލީފާ ކަމަށް އިސްކޮށް ފަހުން ޚިލާފު އުފެދި އައުތާމިޝް އޭކިޔޭ އެވަޒީރު ގަތުލުކުރެއްވި އެވެ. އެއަށްފަހު ވަޞީފް އަދި ބަޣާ ގުޅިގެން ބާޣިރު ގަތުލުކުރެއްވި އެވެ. އެކަމާއި ގުޅިގެން ތުރުކީންގެ ސިފައިންގެ މެދުގައި ބޮޑު ހައިޖާނެއް އުފެދި، ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ. ސާމަރާ ސިފައިން އިންގިލާބެއް ގެނައުމުން އަލްމުސްތަޢީން ބިﷲ ސާމަރާ ދޫކުރައްވައި ބަޣްދާދުގައި ހުންނެވި އަމީރު މުޙައްމަދު ބިން ޢަބުދުﷲ ބިން ޠާހިރު ގެ އަރިހަށް ވަޑައިގެންނެވި އެވެ.

ސާމަރާގެ ސިފައިންނަށް މިޚަބަރު ލިބުމުން ބޭކްބާކް ވެރިއަކަށް ހުރެގެން ވަފުދެއް ބަޣްދާދަށް ދިޔައެވެ. އަދި އެމީހުންގެ ކިޔަމަންތެރިކަން ފެނި އެމީހުން އެކަމަށް އެދުމުން އެބުރި ސާމަރާ އަށް ވަޑައިގެންނެވި އެވެ. އެއަށްފަހު އަލްމުޢުތައްޒު އަދި އަލްމުއައްޔަދު ޖަލުން މިނިވަންކުރެއްވި އެވެ. އަލްމުޢުތައްޒު އަށް ވެރިކަން ދިނުމަށް އަހުދުކުރައްވައި ވަލީ އަހުދަކަށް އަލްމުއައްޔަދު ކަނޑައެޅުއްވި އެވެ.

އަލްމުޢުތައްޒު ވަރުގަދަ ލަޝްކަރެއް ތައްޔާރު ކުރައްވައި ވެރިއަކަށް އޭނާގެ އަޚް އަބީ އަޙުމަދު ޠަލްޙާ ބަހައްޓައިގެން ބަޣުދާދަށް ވަޑައިގެން ދެތިން މަސް ދުވަހުގެ ތެރޭގައި ބަޣުދާދު ޙިޞާރު ކުރިއެވެ. ބަޣުދާދުގެ އަހުލުވެރިންނާއި ދެމެދު ހިގި ހަމަނުޖެހުންތަކަށް ފަހު އަލްމުސްތަޢީން ބިﷲ ވެރިކަމުން ދުރުކޮށް ވާޞިޠު އަށް ފޮނުވާލެވުނެވެ. ވާޞިތުގެ ވަކިން ހުންނަ ގެއެއްގައި އަލްމުސްތަޢީން ބިﷲ ބަހައްޓަވައި، އެގޭގެ ފާރަވެރިކަން ބެލެހެއްޓުން އަހުމަދު ބިން ޠޫލޫން އާއި ޙަވާލުކުރެވުނެވެ. އެއަށްފަހު އަލްމުޢުތައްޒުގެ މަންމަ ޤަބީޙާ އަޙުމަދު ބިން ޠޫލޫން އަށް އަލްމުސްތަޢީން ބިﷲ ގަތުލުކުރައްވައިފި ނަމަ ވާޞިޠު ވެރިކަން ދެއްވާނޭ ކަމަށް ބުނި އެވެ. ނަމަވެސް އަޙުމަދު ބިން ޠޫލޫން އެކަމާއި ދެކޮޅު ހެދިއެވެ.

އެއަށްފަހު އަލްމުޢުތައްޒު އޭނާގެ ދޮރުވާނެއް ކަމުގައިވާ ސަޢީދު ބިން ޞާލިޙް ފޮނުއްވައި އަލްމުސްތަޢީން ބިﷲ ނަމާދަށް ހުންނަވަނިކޮށް ގަތުލުކުރެއްވި އެވެ. އަދި އޭނާގެ ބޯ އަލްމުޢުތައްޒު އަށް ފޮނުވުނެވެ. އަލްމުސްތަޢީން ބިﷲ ގެ ބޯ ހިފައިގެން ޞަޢީދު އައިއިރު އަލްމުޢުތައްޒު އިންނެވީ ރާޒުވާ ކުޅޭށެވެ. އަދި އެބޯ ކުޅެ ނިމެންދެން އެއްފަރާތެއްގައި ބޭއްވުމަށް އެދުނެވެ. ކުޅެނިމިގެން ބޮލަށް ބައްލަވާލައްވާފައި އެވަޅުލުމަށް އަމުރު ކުރެއްވި އެވެ. އަދި ސަޢީދު ބިން ޞާލިޙު އަށް 50ހާސް ދިރުހަމް ދެއްވައި ބަޞަރާގެ ނައިބަކަށް އިސްކުރެއްވި އެވެ. މިހާދިސާ ހިގާފައިވަނީ ހިޖުރައިން 252ވަނަ އަހަރު އެވެ.

4- އަލްމުޢުތައްޒު

ފުރިހަމަ ނަންފުޅަކީ މުޙައްމަދު(އަލްމުޢުތައްޒު ބިﷲ) ބިން ޖަޢުފަރު(އަލްމުތަވައްކިލް އަލަﷲ) ބިން މުހައްމަދު (އަލްމުޢުތަޞިމް ބިﷲ) ބިން ހާރޫން އައްރަޝީދު އެވެ. މަޝްހޫރު ވަޑައިގެންފައިވަނީ އަލްމުޢުތައްޒު ބިﷲ ގެ ގޮތުގައެވެ. މަންމާފުޅަކީ ޤަބީޙާ އޭ ކިޔޭ ރޫމީ އަންހެން ބޭކަނބަލެކެވެ. މިއީ ޢައްބާސީ ދައުލަތުގެ 13ވަނަ ޚަލީފާ އެވެ.

ބައްޕާފުޅު އަލްމުތަވައްކިލް އަލަﷲ ގެ ވެރިކަމުގައި ވެރިކަން ދެއްވުމަށް އަހުދުކުރެއްވި އެވެ. އަދި އަލްމުޢުތައްޒު ބިﷲގެ މަންމާ ފުޅު ޤަބީޙާ ދެކެ ވާލޯތްބެއްގެ ބޮޑުކަމުން އަލްމުޢުތައްޒު ބިﷲގެ އަޚް އަލްމުންތަޞިރު ބިﷲ ގެ ކުރިން ވެރިކަމަށް އިސްކުޅައުމަށް ނިންމެވިއެވެ. މިނިންމެވުމާއި ހިތްހަމަނުޖެހިގެން އަލްމުންތަޞިރު ބިﷲ ބައްޕާފުޅު އަލްމުތަވައްކިލް އަލަﷲ އަވަހާރަކޮށްލެއްވި އެވެ. އެއަށްފަހު އަލްމުންތަޞިރު ބިﷲ ވެރިކަމަށް އިސްވިއެވެ.އެއީ ހިޖުރައިން 247ވަނަ އަހަރު އެވެ. ވެރިކަމުގައި 6 މަސް ވުމަށް ފަހު ހިޖުރައިން 248ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ ތެރޭގައި ވިހަވެގެން ދުނިޔެދޫކުރުމުން އަލްމުޢުތައްޒު ބިﷲގެ ބޮޑުބޭބެ ދަރިކަލުން ޢަހުމަދު(އަލްމުސްތަޢީން ބިﷲ) ބިން މުހައްމަދު (އަލްމުޢުތަޞިމް ބިﷲ) ވެރިކަމަށް އިސްކުރެވުނެވެ.

އަލްމުސްތަޢީން ބިﷲ މުހައްމަދު(އަލްމުޢުތައްޒު ބިﷲ) އަދި އޭނާގެ އަޚް އިބްރާހީމް(އަލްމުއައްޔަދު) ޖަލުގައި ހައްޔަރުކުރެއްވި އެވެ. އެއަށްފަހު ސާމަރާ ސިފައިން އިންގިލާބު އަލްމުސްތަޢީން ބިﷲ އާއި ދެކޮޅަށް ގެންނެވުމާއި ހަމައަށް ތިއްބެވީ ޖަލުގައެވެ. އިންގިލާބާއި ގުޅިގެން އަލްމުޢުތައްޒު ބިﷲ އަދި އޭނާގެ އަޚް އަލްމުއައްޔަދު ޖަލުން ދޫކޮށްލެއްވުމުން ވެރިކަމަށް އިސްވުމަށް ބައިއަތު މީސްތަކުން ހިއްޕެވި އެވެ. އެއަށްފަހު ވާޞިޠު އަށް އަލްމުސްތަޢީން ބިﷲ ފޮނުވާލެވުނެވެ. އަދި އެތާގައި އަލްމުޢުތައްޒު ބިﷲ ގެ އަމުރަށް އޭނާ ގަތުލުކުރެވުނެވެ.

އަލްމުޢުތައްޒު ބިﷲ ގެ ދުވަސްވަރަކީ ފަސާދައާއި ފިތުނަވެރިކަން ގިނަ ދުވަސްވަރެވެ. ތުރުކީންގެ ވެރިންތައް ތަފާތު އިންގިލާބުތައް ގެނެސްފައި ވެއެވެ. ޞާލިޙް ބިން ވަޞީފް އިސްވެ ހުންނަވައިގެން އަލްމުޢުތައްޒު ބިﷲ އާއި ކުރިމަތި ލައްވައި ހިފައިހައްޔަރުކޮށް ކެއިން ބުއިން މަނާކުރެއްވި އެވެ.ވެރިކަމުން ދުރުކުރައްވައި ވަށައިގެން ބެދިފައިވާ ގޮޅިއެއް ކަހަލަ ތަނަކަށް ލުމަށް ފަހު އޭގެ ދޮރުހުރި ތަނުން ރާނައި ބައްދާލި އެވެ. އަދި އެތާގައި ދުނިޔެދޫކޮށް ދިޔައެވެ. އެއަށްފަހު މުޙައްމަދު ބިން އަލްވާޘިޤް ބިﷲ ގެންނަވައި ޚަލީފާކަމަށް އިސްވުމަށް ބައިޢަތު ހިއްޕެވި އެވެ. މިހާދިސާ ހިގީ ހިޖުރައިން 255ވަނަ އަހަރު އެވެ.

އަލްމުޢުތައްޒު ބިﷲ ގެ މަންމާފުޅު ޤަބީޙާ ފިލާވަޑައިގެންނެވި އެވެ. އެއަށްފަހު އޭނާ ހޯއްދަވައި ހިފައި ހައްޔަރުކޮށް މުދާތައް އަތުލައްވައި މައްކާއަށް ފޮނުވާލެއްވި އެވެ. ޤަބީހާ އަވަހާރަވެފައިވަނީ ހިޖުރައިން 264ވަނަ އަހަރު މައްކާގައެވެ. އަލްމުޢުތައްޒު ބިﷲ ޚަލީފާކަން 3އަހަރާއި 6މަހާއި 14ދުވަހު ކޮށްފައި ވެއެވެ. އަވަހާރަކޮށްލެވުނު އިރު އުމުރުފުޅަކީ 24އަހަރެވެ.

5- އަލްމުހްތަދީ

ފުރިހަމަ ނަންފުޅަކީ މުޙައްމަދު ބިން ހާރޫން( އަލްވާޘިޤް ބިﷲ) ބިން މުހައްމަދު(އަލްމުޢުތަޞިމް ބިﷲ) ބިން ހާރޫން އައްރަޝީދު އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްމުހްތަދީ ބިﷲ ގެ ގޮތުގައެވެ.މަންމާފުޅަކީ ގުރުބު އޭ ކިޔޭ އަންހެން ބޭކަނބަލެކެވެ. މިއީ ޢައްބާސީ ދައުލަތުގެ 14ވަނަ ޚަލީފާ އެވެ. އުފަންވެ ވަޑައިގެންފައިވަނީ އޭނާގެ ކާފަ( އަލްމުޢުތަޞިމް ބިﷲ ) ދުނިޔޭގައި ހުންނަވަނިކޮށް ހިޖުރައިން 222ވަނަ އަހަރު އިރާގުގެ ސާމަރާ ގައެވެ.

ވެރިކަމަށް އިސްކުރެވުނީ ޚަލީފާ އަލްމުޢުތައްޒު ވެރިކަމުން ދުރުކުރެއްވުމާއި ގުޅިގެން ހިޖުރައިން 255ވަނަ އަހަރު އެވެ. ވެރިކަމުގެ ދުވަސްވަރު ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައި ހެއްދެވި އެވެ. އަނިޔާވެރިކަން ނައްތާލުމަށް މަސައްކަތް ކުރެއްވިއެވެ. ހިތްވަރުގަދަ ކަމަށް ލާމަސީލު ބޭފުޅެއް ކަމުގައި ބުނެވެއެވެ. އުޅުމާއި ކަންތައްތައް އިސްލާހު ކުރެއްވުމުގައި ޢުމަރު ބިން ޢަބުދުލް ޢަޒީޒް ގެންގުޅުއްވި ގޮތްތައް ނަމޫނާ އަކަށް ބެއްލެވި ކަމުގައި ބުނެވެއެވެ. ޚަލީފާކަމުގައި ހުންނެވީ 11މަހާއި 25ދުވަހުއެވެ. އަވަހާރަކޮށްލެވިފައިވަނީ އުމުރުފުޅުން 34އަހަރު ގައި ހިޖުރައިން 256ވަނަ އަހަރު ގައެވެ.

6- އަލްމުޢުތަމިދު

ފުރިހަމަ ނަންފުޅަކީ އަހުމަދު ބިން ޖައުފަރު(އަލްމުތަވައްކިލް އަލަﷲ) ބިން މުހައްމަދު(އަލްމުޢުތަޞިމް ބިﷲ) ބިން ހާރޫން އައްރަޝީދު އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްމުޢުތަމިދު އަލަﷲ ގެ ގޮތުގައެވެ.މަންމާފުޅަކީ ފަތްޔާން އޭ ކިޔޭ އަންހެން ބޭކަނބަލެކެވެ. މިއީ ޢައްބާސީ ދައުލަތުގެ 15ވަނަ ޚަލީފާ އެވެ. އުފަންވެ ވަޑައިގެންފައިވަނީ އިރާގުގެ ސާމަރާ ގައެވެ.

ވެރިކަމަށް އިސްކުރެވުނީ ހިޖުރައިން 256ވަނަ އަހަރު ޚަލީފާ އަލްމުހްތަދީ ބިﷲ ގަތުލުކުރެވުނުތާ ދެދުވަސް ފަހުންނެވެ. 23އަހަރު ވަންދެން ޚަލީފާ ކަމުގައި ދެމިހުންނެވި އެވެ. ވެރިކަމުގެ ކަންތައްތައް ހިންގުމަށް އޭނާގެ އަޚް ޠަލްހާ(އަލްމުވައްފިޤުބިﷲ) އާއި ހަވާލުކުރެވުނެވެ.އެންމެ ފުރަތަމަ ވެރިކަން ސާމަރާއިން ބަޣްދާދަށް ބަދަލުކުރެއްވީ އަލްމުޢުތަމިދު އަލަﷲ ގެ ދުވަސްވަރު އެވެ.

14އަހަރަށް ދެމިގެންދިޔަ ޒިންޖީން ގެނައި އިންގިލާބު ކުރިމަތިވެފައިވަނީ އަލްމުޢުތަމިދު އަލަﷲ ގެ ދުވަސްވަރު ގައެވެ. އޭނާގެ އަޚް އަލްމުވައްފިޤް ބިﷲ އަވަހާރަވީ އަލްމުޢުތަމިދު އަލަﷲ އަވަހާރަވުމުގެ 6 މަސް ކުރިން ހިޖުރައިން 278ވަނަ އަހަރު އެވެ. އަލްމުޢުތަމިދު އަލަﷲ އަވަހާރަވީ ހިޖުރައިން 279ވަނަ އަހަރު އެވެ.އަވަހާރަވުމުގެ ކުރިން އޭނާގެ ބޭބެ(އަލްމުވައްފިޤު)ގެ ދަރިކަލުން އަހުމަދު ބިން ޠަލްޙާ އަށް ވެރިކަން ދެއްވުމަށް އަހުދުކުރެއްވި އެވެ. އަދި އަލްމުޢުތަޟިދު އޭ ކިޔައި ލަގަބު ދެއްވި އެވެ. އަވަހާރަ ވެފައިވަނީ އުމުރުން 50އަހަރުގައި ބަޣްދާދު ގައެވެ. ފަސްދާނު ލެވިފައިވަނީ ސާމަރާ ގައެވެ. އަވަހާރަވީ ވިހަލާފައި ހުރި ކާއެއްޗެއް ކައިގެން ކަމުގައި ބުނެވެއެވެ.

7- އަލްމުޢުތަޟިދު

ފުރިހަމަ ނަންފުޅަކީ އަޙުމަދު ބިން ޠަލްޙާ(އަލްމުވައްފިޤް ބިﷲ) ބިން ޖަޢުފަރު (އަލްމުތަވައްކިލް އަލަﷲ) އެވެ. މަޝްހޫރުވެ ވަޑައިގެންފައި ވަނީ އަލްމުޢުތަޟިދު ބިﷲ ގެ ގޮތުގައެވެ. މަންމާފުޅަކީ ޟިރާރު އޭ ކިޔުނު އަންހެން ބޭކަނބަލެކެވެ. އުފަންވެ ވަޑައިގެންފައިވަނީ ހިޖުރައިން 242ވަނަ އަހަރު އެވެ. ހިޖުރައިން 279ވަނަ އަހަރު ވެރިކަމަށް އިސްވުމަށް ފަހު ހިޖުރައިން 289ވަނަ އަހަރު އަވަހާރަވުމާއި ހަމައަށް ވެރިކަމުގައި ދެމިހުންނެވި އެވެ.މިއީ އައްބާސީ ދައުލަތުގެ 16ވަނަ ޚަލީފާ އެވެ. ވެރިކަމަށް އިސްވީ ބޮޑުބޭބެ އަލްމުޢުތަމިދު އަވަހާރަވުމާއި ގުޅިގެންނެވެ.

ވެރިކަމުގެ ދުވަސްވަރު ދައުލަތަށް ބަދަލުތައް ގެންނެވި އެވެ. ކުރިމަތިވި ހުރިހާ އިންގިލާބުތަކެއް ނާކާމިޔާބު ކުރެއްވި އެވެ. ޠޫލޫނީންގެ ވެރިއެއް ކަމުގައިވާ ޚުމާރަވައިހް އާއި އެކު ޞުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރެއްވި އެވެ. އަދި ޚުމާރަވައިހް ގެ ދަރިކަނބަލެއްކަމުގައިވާ ޤަޠަރު އައްނަދާ އާއި ހިޖުރައިން 282 ވަނަ އަހަރު ކައިވެނި ބައްލަވައިގެންނެވި އެވެ.

އަލްމުޢުތަޟިދު ބިﷲ އަކީ އަޒުމާއި ހިތްވަރުގަދަ ބޭފުޅެކެވެ. ހައިބަތު ހުރި އަދުއްވުންނާއި ކުރިމަތި ލުމުގައި ފަސްނުޖެހޭ ބޭފުޅެކެވެ. ޅެންވެރިކަމާއި އަދަބިއްޔާތަށް ލޯބި ކުރެއްވި އެވެ. ''މަޠާމީރު''އޭ ކިޔޭ ޖަލު އުފައްދަވައި ތަފާތު ވައްތަރުގެ އަދަބު ދެވޭގޮތަށް އެތަން ބިނާކުރެއްވި އެވެ. ''ދާރު އައްނަދުވާ'' އޭ ކިޔުނު އިމާރާތް ހަލާކުކޮށްލައްވައި އެތާގައި މިސްކިތެއް ބިނާކުރެއްވި އެވެ. މިމިސްކިތް ހުންނަނީ މަސްޖިދުލް ޙަރާމް އާއި ކައިރި ހިސާބެއްގައެވެ.

އަވަހާރަވެފައި ވަނީ އުމުރުފުޅުން 47ގައި ހިޖުރައިން 289ވަނަ އަހަރު އެވެ. ޚަލީފާކަން 7އަހަރާއި 9 މަސް ދުވަހު ކޮށްފައި ވެއެވެ. ވިހަވެގެން މަރުވީ ކަމުގައި ވެސް ބުނެވެއެވެ. އަނެއްބައި ރިވާޔަތްތައް ބުނާގޮތުން އޭނާގެ ޖާރިޔާއިންތަކެއް ޓިޝޫއެއްގައި ވިހަކާތާފައި ދިނުމުން އެޓިޝޫ އިން ނޭފަތް ފޮޅުމުން ވިހަވެގެން މަރުވީ އެވެ.

8- އަލްމުކްތަފީ

ފުރިހަމަ ނަންފުޅަކީ ޢަލީ(އަލްމުކްތަފީ ބިﷲ) ބިން އަޙުމަދު(އަލްމުޢުތަޟިދު ބިﷲ) ބިން ޠަލްހާ (އަލްމުވައްފިޤް ބިﷲ) ބިން ޖަޢުފަރު(އަލްމުތަވައްކިލް އަލަﷲ) އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްމުކްތަފީ ބިﷲގެ ގޮތުގައެވެ. މަންމާފުޅަކީ ޖީޖިކް އޭ ކިޔޭ ތުރުކީގެ އަންހެން ބޭކަނބަލެކެވެ. އުފަންވެ ވަޑައިގެންފައި ވަނީ ހިޖުރައިން 263ވަނަ އަހަރު ގައެވެ. ހިޖުރައިން 289ވަނަ އަހަރު ވެރިކަމަށް އިސްވުމަށް ފަހު ހިޖުރައިން 295ވަނަ އަހަރު އަވަހާރަވުމާއި ހަމައަށް ވެރިކަމުގައި ދެމިހުންނެވި އެވެ. މިއީ އައްބާސީ ދައުލަތުގެ 17ވަނަ ޚަލީފާ އެވެ. ވެރިކަމަށް އިސްކުރެވުނީ ބައްޕާފުޅު އަވަހާރަވުމުންނެވެ.

އަލްމުކްތަފީ ބިﷲ ގެ ދުވަސްވަރު ޤަރާމިޠީންނާއި ހަގުރާމަކުރައްވައި ބަލިކުރެއްވި އެވެ.އަދި މިހަގުރާމަ އަށް އެތައް ފައިސާއެއް ޚަރަދު ކުރެއްވި އެވެ. ޠޫލޫނީން އަދި ބައިޒަންޠީންނާއި ވެސް ހަގުރާމަ ކުރެއްވި އެވެ. އެކަމަކު ބައިޒަންޠީން ހޯދަމުން އައި ކުރިއެރުންތައް ހުއްޓުވޭގޮތަށް ނުވިއެވެ. އެދުވަސްވަރު ''އަންޠާކިޔާ'' ފަތަހަކުރެއްވި އެވެ. އޭރު އެރަށަށް ވެރިވެގެން ތިބީ ރޫމީންނެވެ.

އަލްމުކްތަފީ ބިﷲ އަކީ ރަގަޅުކަމާއި، ރީތިކަމަށް މިސާލު ޖެއްސުވޭ ބޭފުޅެކެވެ. ގަނޑުވަރެއް ހެދުމަށް ރައްޔިތުން އަތުން އަތުލެވުނު ބިންތަކާއި، ބަގީޗާތައް އަބުރާ އެތަންތަނުގެ ވެރިފަރާތްތަކާއި ހަވާލުކުރެއްވި އެވެ. ބައްޕަ ބިނާކުރެއްވި ''ޠަވާމީރު''އޭ ކިޔުނު ޖަލު ހަލާކުކޮށްލުމަށް އަމުރު ކުރެއްވި އެވެ. އަދި އެޖަލުގައި ބަންދުކޮށްފައި ތިބި މީހަކު ނަމަ މިނިވަންކޮށް ދޫކޮށްލެއްވި އެވެ.

އަވަހާރަވުމުގެ ކުރިން އޭނާގެ ކޮއްކޮ އަލްމުޤުތަދިރު ބިﷲ އަށް ވެރިކަން ދެއްވުމަށް އަހުދުކުރެއްވި އެވެ. އޭރު އަލްމުޤުތަދިރު ބިﷲގެ އުމުރަކީ 13އަހަރެވެ. އަވަހާރަވީ އުމުރުފުޅުން 32އަހަރުގައި ހިޖުރައިން 295އަހަރު އެވެ. ޚަލީފާކަން 6 އަހަރާއި 6 މަސްދުވަހު ކޮށްފައި ވެއެވެ.

9- އަލްމުޤުތަދިރު

ފުރިހަމަ ނަންފުޅަކީ ޖަޢުފަރު ބިން އަހުމަދު(އަލްމުޢުތަޟިދު ބިﷲ) ބިން ޠަލްހާ(އަލްމުވައްފިޤު ބިﷲ)ބިން ޖަޢުފަރު(އަލްމުތަވައްކިލް އަލަﷲ)އެވެ.މަޝްހޫރުވެ ވަޑައިގެންފައި ވަނީ އަލްމުޤުތަދިރު ބިﷲ ގެ ގޮތުގައެވެ. އުފަންވެ ވަޑައިގެންފައި ވަނީ ހިޖުރައިން 282ވަނަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައެވެ. މިއީ އައްބާސީ ދައުލަތުގެ 18ވަނަ ޚަލީފާ އެވެ.

އަލްމުޤުތަދިރު ބިﷲ ގެ އަޚް އަލްމުކްތަފީގެ ވެރިކަމުގެ ދުވަސްވަރު އަލްމުޤުތަދިރު ބިﷲ އަށް ޚަލީފާ ކަން ދެއްވުމަށް އަހުދުކުރެއްވި އެވެ. އަލްމުޤުތަދިރު ބިﷲ ވެރިކަމަށް އިސްކުރެވުނީ އަލްމުކްތަފީ އަވަހާރަވުމާއި ގުޅިގެން އުމުރުން 13 އަހަރުގައި ހިޖުރައިން 295ވަނަ އަހަރު އެވެ. އުމުރުފުޅު ކުޑަކަމުން ވެރިކަމުން ދުރުކުރައްވައި ޢަބުދުﷲ ބިން އަލްމުޢުތައްޒު ބިﷲ ބިން އަލްމުތަވައްކިލް އަލަﷲ އިސްވި އެވެ. ނަމަވެސް ދެދުވަސްފަހުން ޢަބުދުﷲ ބިން އަލްމުޢުތައްޒު ގަތުލުކުރައްވައި އަލްމުޤުތަދިރު ބިﷲ ވެރިކަމަށް އިސްވި އެވެ.

ހިޖުރައިން 317ވަނަ އަހަރު އޭނާގެ އަޚް އަލްޤާހިރު ބިﷲ ވެރިކަމަށް އިސްކުރެވުނެވެ. ނަމަވެސް 2ދުވަސް ފަހުން ސިފައިންގެ ތެރެއިން ބަޔަކު އިންގިލާބެއް ގެނައުމުގެ ސަބަބުން އަނެއްކާ ވެސް އަލްމުޤުތަދިރު ބިﷲ ވެރިކަމަށް އިސްވި އެވެ.

އަލްމުޤުތަދިރު ބިﷲ ގެ ވެރިކަމުގައި އެކިކަންކަމުގައި އެހީތެރިވެދީ އުޅުނު ޚާދިމް އެއް އުޅުއްވި އެވެ. އޭނާގެ ނަމަކީ މުއުނިސް އެވެ. މުއުނިސް އަށް އަލްމުޤުތަދިރު ބިﷲ ''އަމީރު އަލްއުމަރާއު'' ގެ ލަގަބު ދެއްވާފައި ވެއެވެ. މުއުނިސް ބަޣްދާދުން ސިފައިންނާއި އެކު ނިކުމެވަޑައިގެން މޫޞިލް އަށް ވާޞިލްވެ، އެރަށް އަޅުވެތި ކުރިއެވެ. އެއަށްފަހު އަލްމުޤުތަދިރު ބިﷲ އާއި ކުރިމަތި ލެއްވުމަށް ބަޣްދާދަށް ވަޑައިގެންނެވި އެވެ. އަލްމުޤުތަދިރު ބިﷲގެ ލަޝްކަރާއި މުއުނިސްގެ ލަޝްކަރު ހަގުރާމަކޮށް އަލްމުޤުތަދިރު ބިﷲގެ ލަޝްކަރު ވަނީ ބަލިވެފައެވެ. އަލްމުޤުތަދިރު ބިﷲގެ ލަޝްކަރުން ވަރަށް ގިނަބަޔަކު މުއުނިސްގެ ލަޝްކަރާއި ބައިވެރިވި އެވެ. އަދި އަލްމުޤުތަދިރު ބިﷲ ބަރުބަރުންގެ ބަޔަކާއި އެކު ހުއްޓެވެ. އެހިނދު ބަރުބަރުން އަލްމުޤުތަދިރު ބިﷲގެ ބޯ ބުރިކޮށްލައި މުއުނިސް އަށް ވެދުމަށް އެރުވި އެވެ. މިހާދިސާ ހިގާފައިވަނީ ހިޖުރައިން 320ވަނަ އަހަރު އެވެ. އެއަށްފަހު ވެރިކަމަށް އޭނާގެ އަޚް މުހައްމަދު( އަލްޤާހިރު ބިﷲ) އިސްކުރެވުނެވެ. ޚަލީފާކަމަށް އެންމެ ހަގުއުމުރުގައި އިސްކުރެވުނު ފުރަތަމަ ބޭފުޅާ ކަމުގައި ވަނީ ވެފައެވެ. އަވަހާރަ ވިއިރު އުމުރުފުޅަކީ 38އަހަރު އެވެ. 25އަހަރު ޚަލީފާކަން ކޮށްފައި ވެއެވެ.

10- އަލްޤާހިރު

ފުރިހަމަ ނަންފުޅަކީ މުހައްމަދު ބިން އަޙުމަދު(އަލްމުޢުތަޟިދު ބިﷲ) ބިން ޠަލްޙާ(އަލްމުވައްފިޤް ބިﷲ) ބިން ޖަޢުފަރު(އަލްމުތަވައްކިލް އަލަﷲ) އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްޤާހިރު ބިﷲ ގެ ގޮތުގައެވެ. މަންމާފުޅަކީ ގަތޫލް އޭ ކިޔޭ އަންހެން ބޭކަނބަލެކެވެ. ފިތުނާ އޭ ވެސް ކިޔޭ ކަމުގައި ބުނެވެއެވެ. އުފަންވެ ވަޑައިގެންފައި ވަނީ ހިޖުރައިން 286ވަނަ އަހަރު އެވެ. މިއީ އައްބާސީ ދައުލަތުގެ 19ވަނަ ޚަލީފާ އެވެ.

އަލްމުޤުތަދިރު ބިﷲ ގަތުލުކުރެއްވުމާއި ގުޅިގެން މުހައްމަދު ބިން އަލްމުޢުތަޟިދު އާއި މުޙައްމަދު ބިން އަލްމުކްތަފީ ގެންނަވައި، މުހައްމަދު ބިން އަލްމުކްތަފީ އަށް ވެރިކަމަށް އިސްވުމަށް ދެންނެވުނެވެ. އެހިނދު މުޙައްމަދު އަލްމުކްތަފީ ޚަލީފާކަން ބޭނުން ނޫންކަމާއި ބޮޑުބޭބެ(އަލްޤާހިރު ބިﷲ) އަށް ޚަލީފާކަން މާހައްގުކަން ބޮޑުކަމަށް ވިދާޅުވި އެވެ. ދެން އަލްޤާހިރު ބިﷲ އަށް ވެރިކަމަށް އެރުމަށް ދެންނެވުނު އާބަސް ބުނުއްވައި ހިޖުރައިން 320ވަނަ އަހަރު ވެރިކަމަށް އިސްވި އެވެ.

އަލްޤާހިރު ބިﷲ ވެފައިވަނީ ދެއްކުންތެރި، އުޅުން ވިޔާނުދާ، ލޭއޮހޮރުވުން ގިނަ ޚަލީފާއެއްގެ ގޮތުގައެވެ. އުޅުން ގޯސްވުމުގެ ސަބަބުން ވެރިކަމުން ދުރުކުރެއްވުމަށް ނިންމެވުމުން އެކަމުން އަމިއްލައަށް މަނާވެ ގަތެވެ. ނަމަވެސް ހިޖުރައިން 322ވަނަ އަހަރު ވެރިކަން ދޫކޮށްލެއްވި އެވެ. އެހިނދު މުހައްމަދު ބިން ޖައުފަރު ގެންނަވައި ވެރިކަމަށް އިސްވުމަށް ބައިޢަތު ހިއްޕެވި އެވެ. އެއަށްފަހު އަލްޤާހިރު ބިﷲ މިޞްރުގެ ވެރިރަށް ގާހިރާ އަށް ފޮނުވާލެވުނެވެ. އުމުރުފުޅުން 53އަހަރުގައި ހިޖުރައިން 339ވަނަ އަހަރު އަވަހާރަވެފައިވަނީ ގާހިރާ ގައެވެ.

11- އައްރާޟީ

ފުރިހަމަ ނަންފުޅަކީ މުހައްމަދު ބިން ޖަޢުފަރު( އަލްމުޤުތަދިރު ބިﷲ) ބިން އަހުމަދު(އަލްމުޢުތަޟިދު ބިﷲ) ބިން ޠަލްހާ(އަލްމުވައްފިޤު ބިﷲ)ބިން ޖަޢުފަރު(އަލްމުތަވައްކިލް އަލަﷲ)އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އައްރާޟީ ބިﷲ ގެ ގޮތުގައެވެ. މަންމާފުޅަކީ ޡަލޫމް އޭ ކިޔޭ އަންހެން ބޭކަނބަލެކެވެ. އުފަންވެ ވަޑައިގެންފައިވަނީ ހިޖުރައިން 297ވަނަ އަހަރު އެވެ. މިއީ އައްބާސީ ދައުލަތުގެ 20ވަނަ ޚަލީފާ އެވެ.

ވެރިކަމަށް އިސްކުރެވުނީ ހިޖުރައިން 322ވަނަ އަހަރު އަލްޤާހިރު ބިﷲ ޚަލީފާކަމުން ދުރުކުރެއްވުމާއި ގުޅިގެންނެވެ. އޭރު ހުންނެވީ ޖަލުގައެވެ. އަލްޤާހިރު ބިﷲ ވެރިކަމުން ދުރުކުރުމުން ޖަލުން މިނިވަންކޮށް ޚަލީފާކަމަށް އިސްވުމަށް ބައިއަތު ހިފި އެވެ.

އައްރާޟީ ބިﷲ ވަނީ އޭނާގެ ވެރިކަމުގެ ދުވަސްވަރު ކަންތައްތައް އިޞްލާޙުކުރުމަށް މަސައްކަތް ކުރެއްވި އެވެ. މިގޮތުން ފަލަސްތީން އާއި، ޝާމްކަރައިގައި ތިއްބެވި، އޭނާގެ އައުވާނުން ގެންނަވައި ސިފައިންގެ ކޮމާންޑަރުންގެ މަގާމް ދެއްވި އެވެ. އިބުނު ރާޤް އަދި ނާޞިރު އައްދައުލާ އަލްޙުސައިން އަލްޙަމްދާނީ އާއި ދެމެދު ހިގި ހަމަނުޖެހުންތަކުގެ ސަބަބުން ދައުލަތް ބައިބައިވެގެން ދިޔައެވެ. ޚަލީފާ އައްރާޟީ ބިﷲ ގެ ބާރުގެ ދަށުަގައި އޮތީ ހަމައެކަނި ނަމެއްގައި އޮތް ބަޣްދާދު ގެ ވެރިކަމެވެ. ދައުލަތުގެ ބިންތައް އެކިއެކި ވަކިދައުލަތްތަކުގެ ބާރުގެ ދަށަށް ދިޔައެވެ.

މިގޮތުން ފާރިސްގެ ރަށްތަކާއި، އަސްފަހާން، އަދި އައްރައްޔު އޮތީ ބުވައިހީ ދައުލަތުގެ ބާރުގެ ދަށުގައެވެ. މޫޞިލް، ދިޔާރު ބަކުރު، ދިޔާރު ރަބީޢާ، ދިޔާރު މުޟައްރާ، އޮތީ ހަމްދާނީ ދަރިކޮޅުގެ އަތްދަށުގައެވެ. ޝާމްކަރަ އަދި މިޞްރު އޮތީ މުހައްމަދު ބިން ޠަޣްޖު ގެ އަތްދަށުގައެވެ. މަޣްރިބު އަލްޤާއިމް ބިއަމްރިﷲ އަލްފާޠިމީ ގެ ބާރުގެ ދަށުގައި އޮތް އިރު، އަންދަލުސް އޮތީ ޢަބުދުއްރަހުމާން އައްނާޞިރު ގެ އަތްދަށުގައެވެ. ކޯރުގެ ފަހަތުގައިވާ ރަށްތަކޭ ކިޔޭ ހިސާބު އޮތީ ސާމާނީންގެ އަތްދަށުގައެވެ. ޠަބުރުސްތާން އަދި ޖަރުޖާން ދިޔައީ ދައިލަމީންގެ އަތްދަށަށެވެ.

ދީލަތި މާތް އަދަބިއްޔާތާއި ޅެންވެރިކަމަށް ލޯބިކުރެއްވި ބޭފުޅެއްކަމުގައި ފާހަގަކުރެވިފައި ވެއެވެ. އިލްމުވެރިންނަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި ގިނަގިނައިން ހަދީޘްތައް އަޑުއައްސަވާ އުޅުއްވި ކަމަށް ބުނެވެއެވެ. އަވާހަރަވެ ވަޑައިގެންފައިވަނީ ހިޖުރައިން 329ވަނަ އަހަރު އާލާސްކަންފުޅާއި އުޅުއްވުމަށް ފަހު އެވެ. އުމުރުފުޅުން 32އަހަރުގައި އަވަހާރަވި އިރު ޚަލީފާކަން 6 އަހަރާއި 10މަހާއި، 10ދުވަހު ކޮށްފައި ވެއެވެ. އަވަހާރަވީ ބަޣްދާދު ގައެވެ. ފަސްދާނު ލެވިފައިވަނީ ރަޞާފާ ގައެވެ.

12- އަލްމުއްތަޤީ

ފުރިހަމަ ނަންފުޅަކީ އިބްރާހީމް ބިން ޖަޢުފަރު( އަލްމުޤުތަދިރު ބިﷲ) ބިން އަހުމަދު(އަލްމުޢުތަޟިދު ބިﷲ) ބިން ޠަލްހާ(އަލްމުވައްފިޤު ބިﷲ)ބިން ޖަޢުފަރު(އަލްމުތަވައްކިލް އަލަﷲ)އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްމުއްތަޤީ ލިﷲގެ ގޮތުގައެވެ. މަންމާފުޅަކީ ޚަލޫދު އޭ ކިޔޭ އަންހެން ބޭކަނބަލެކެވެ. އުފަންވެ ވަޑައިގެންފައިވަނީ ހިޖުރައިން 295ވަނަ އަހަރު އެވެ. ވެރިކަމަށް އިސްކުރެވުނީ އޭނާގެ އަޚް އައްރާޟީ ހިޖުރައިން 329ވަނަ އަހަރު އަވަހާރަވުމާއި ގުޅިގެންނެވެ. މިއީ އައްބާސީ ދައުލަތުގެ 21ވަނަ ޚަލީފާ އެވެ.

ހިޖުރައިން 331ވަނަ އަހަރު ސިފައިންގެ ވެރިޔާގެ މަގާމަށް ތުރުކީންގެ އިސްމީހެއް ކަމުގައިވާ ޓޯޒޯންގެ އިސްވިއެވެ. އެހިނދު އަލްމުއްތަޤީ ލިﷲ ބަޣްދާދު ދޫކޮށް މޫޞިލް އަށް އަދި މޫޞިލް ދޫކޮށް ރިއްޤާ އަށް ވަޑައިގެންނެވި އެވެ. ހިޖުރައިން 333ވަނަ އަހަރު އަމާންކަން ދެއްވުމަށް އެދި ޓޯޒޯންގެ އަރިހަށް ބޭކަލަކު ފޮނުއްވުމުން އަމާންދޭނެ ކަމަށް ބުނުމުން، ފްރާތު ކޯރު ހުރަސްކޮށް ޓޯޒޯންގެ އަރިހަށް ވަޑައިގަންނަވަނިކޮށް ހިފަހައްޓައި ހައްޔަރު ކުރެއްވި އެވެ. ބަޣުދާދަށް ގެންދިއުމަށްފަހު އަގޮޓިއާއި، އަދި އެހެނިހެން ބައެއް އަތުލެއްވުމަށްފަހު ޖަލުގައި ބަންދު ކުރެއްވި އެވެ. އެއަށްފަހު ޓޯޒޯން ޢަބުދުﷲ އަލްމުކްތަފީ ގެންނަވައި، ވެރިކަމަށް ބައިޢަތު ހިއްޕެވިއެވެ. އަދި އަލްމުސްތަކުފީ އޭ ކިޔައި ލަގަބު ދެއްވި އެވެ. މިހާދިސާ ހިގީ އެއަހަރުގެ ޞަފަރު މަހުގެ ތެރޭގައެވެ.

ރޯދަހިފުމާއި، އެހެނިހެން އަޅުކަންތައް ގިނަ ބޭފުޅެއްކަމުގައި ވެއެވެ. ރަލެއް ދުވަހަކުވެސް ނުހިއްޕަވައެވެ. އެއަށްފަހު ހިޖުރައިން 357ވަނަ އަހަރު އުމުރުފުޅުން 60އަހަރުގައި އަވަހާރަވުމާއި ހަމައަށް ހުންނެވީ ޖަލުގައެވެ. ޚަލީފާކަން ގާތްގަނޑަކަށް 4 އަހަރު ކޮށްފައިވެއެވެ.

13- އަލްމުސްތަކްފީ

ފުރިހަމަ ނަންފުޅަކީ ޢަބުދުﷲ ބިން ޢަލީ(އަލްމުކްތަފީ ބިﷲ) ބިން އަހުމަދު(އަލްމުޢުތަޟިދު ބިﷲ) އެވެ. މަޝްހޫރުވެ ވަޑައިގެންފައި ވަނީ އަލްމުސްތަކްފީ ބިﷲ ގެ ގޮތުގައެވެ. މަންމާފުޅަކީ އަމްލަޙުއްނާސް އޭ ކިޔޭ އަންހެން ބޭކަނބަލެކެވެ. ޣުޞްނު އޭ ވެސް ކިޔާ ކަމުގައި ބުނެވެއެވެ. އުފަންވެ ވަޑައިގެންފައި ވަނީ ހިޖުރައިން 292ވަނަ އަހަރު އެވެ.ވެރިކަމަށް އިސްކުރެވުނީ ހިޖުރައިން 333ވަނަ އަހަރުގެ ޞަފަރު މަހުގެ ތެރޭގައި ޚަލީފާ އަލްމުއްތަޤީ ލިﷲ ވެރިކަމުން ދުރުކުރެއްވުމާއި ގުޅިގެންނެވެ. މިއީ އައްބާސީ ދައުލަތުގެ 22ވަނަ ޚަލީފާ އެވެ.

އަމިއްލައަށް ''އިމާމު އަލްޙައްޤު''ގެ ލަގަބު ދެއްވި އެވެ. ބުވައިހީ ދައުލަތުގެ ރަސްކަލެއް ކަމުގައިވާ މުޢިއްޒު އައްދައުލާ ޚަލީފާ އަލްމުސްތަކްފީ ބިﷲ ދެކޭގޮތް ނުރަގަޅުވެ، އަލްމުސްތަކްފީ ބިﷲ މަސައްކަތް ކުރައްވަނީ ވެރިކަމުން މުޢިއްޒު އައްދައުލާ ދުރުކުރުމަށް ކަމަށް ޝައްކު ކުރެއްވި އެވެ. ދައިލަމީންގެ ދެބޮޑުންނާއި އެކު ވަޑައިގެން ޚަލީފާ އަލްމުސްތަކްފީ ބިﷲ އާއި ސަލާމްކުރެއްވުމަށް އަތްދިއްކުރެއްވުމުން ބޮސްދޭން އުޅެނީ ކަމަށް ހީކޮށް ތަޢުރީފް ކުރެއްވި އެވެ. އެހިނދު ޚަލީފާ އަލްމުސްތަކްފީ ބިﷲ އެދުންވައްޓާލައި، ފަގުޑި ކަރުގެ ވަށައިގެން އޮޅައި ހައްޔަރު ކުރެއްވި އެވެ. އެއަށްފަހު ދައިލަމީން އަލްމުސްތަކްފީ ބިﷲ ޚަލީފާކަމުން ދުރުކުރައްވައި ޖަލަށް ލެއްވި އެވެ.އެއީ ހިޖުރައިން 334ގައެވެ. އެއާއި އެކު އަލްފަޟުލު ( އަލްމުޠީޢު ލިﷲ) ވެރިކަމަށް އިސްވުމަށް ބައިއަތު ހިއްޕެވިއެވެ. އެއަށްފަހު ހިޖުރައިން 338ވަނަ އަހަރު އުމުރުފުޅުން 42އަހަރުގައި އަވަހާރަވުމާއި ހަމައަށް ހުންނެވީ ޖަލުގައެވެ. ވެރިކަން ކުރައްވާފައިވަނީ 1އަހަރާއި 4މަސް ދުވަހު އެވެ.

14- އަލްމުޠީޢު

ފުރިހަމަ ނަންފުޅަކީ އަލްފަޟުލު ބިން ޖަޢުފަރު(އަލްމުޤުތަދިރު ބިﷲ) ބިން އަޙުމަދު(އަލްމުޢުތަޟިދު ބިﷲ) ބިން ޠަލްޙާ(އަލްމުވައްފިޤް ބިﷲ) އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްމުޠީޢު ލިﷲ ގެ ގޮތުގައެވެ. މިއީ ޢައްބާސީ ދައުލަތުގެ 23ވަނަ ޚަލީފާ އެވެ. މަންމާފުޅަކީ މުޝްޢިލާ އޭ ކިޔޭ އަންހެން ބޭކަނބަލެކެވެ. އުފަންވެ ވަޑައިގެންފައި ވަނީ ހިޖުރައިން 301ވަނަ އަހަރު އެވެ.

ވެރިކަމަށް އިސްކުރެވުނީ ހިޖުރައިން 334ވަނަ އަހަރު ޚަލީފާ އަލްމުސްތަކްފީ ބިﷲ ވެރިކަމުން ދުރުކުރެއްވުމާއި ގުޅިގެންނެވެ. އެއަށްފަހު ވެރިކަމުގައި 363ވަނަ އަހަރާއި ޖެހެންދެން ދެމިހުންނެވި އެވެ. އަލްމުޠީޢު ލިﷲގެ ޚަލީފާ ކަމުގެ ދުވަސްވަރަކީ ނިކަމެތި ދައުލަތުގެ ބާރު ދެރަ ދުވަސްވަރެއް ކަމުގައި ބުނެވެއެވެ. އެއީ ބުވައިހީ ދަރިކޮޅުގެ ދައިލަމީން ވެރިކަމުގެ އަމްރުތައް ހިންގާފައިވާތީ އެވެ.

ދައުލަތުގެ ހުރިހާ ކަންތައްތަކެއް ބަލަހައްޓާފައިވަނީ ބުވައިހީ ދައުލަތުގެ ރަސްކަލެއްކަމުގައިވާ ޢިއްޒު އައްދައުލާ އެވެ. ކޮންމެ ދުވަހަކު ޚަލީފާ އަށް 100ދީނާރު ދެއްވައެވެ. ދުލަށް ބައްޔެއް ޖެހި އާލާސްކަންފުޅު ކުރިމަތިވި ހިނދު އަމިއްލައަށް ޚަލީފާކަން ދޫކޮށްލެއްވި އެވެ. އެއަށް ފަހު ވެރިކަން އައްޠާއިޢު ލިﷲ އާއި ހަވާލުކުރެއްވި އެވެ. 29އަހަރު ވަންދެން ވެރިކަންކުރެއްވި ޚަލީފާ އަވަހާރަވެފައިވަނީ ހިޖުރައިން 364ވަނަ އަހަރު އެވެ.

ޢިއްޒު އައްދައުލާ އާއި ހަގުރާމަ ކުރެއްވުމަށް ވާސިޠު އަށް ވަޑައިގެންނެވި އެވެ. ނަމަވެސް ހަގުރާމައިގައި ގަތުލުކުރެއްވުމުން މައްޔިތާގެ ހަށިގަނޑު ބަޣްދާދަށް ގެންދެވުނެވެ. އަލްމުޠީޢު ލިﷲގެ ވެރިކަމުގެ ދުވަސްވަރު ހަޖަރުލް އަސްވަދު މައްކާއަށް އަބުރާ ގެންދެވުނެވެ. އެއީ ހިޖުރައިން 317ވަނަ އަހަރު ޤަރާމިޠީން ގެންގޮސް އެމީހުންގެ އަތްދަށުގައި ރައްކާކޮށްފައި ވަނިކޮށެވެ.

15- އައްޠާއިޢު

ފުރިހަމަ ނަންފުޅަކީ ޢަބުދުލް ކަރީމް ބިން އަލްފަޟުލު(އަލްމުޠީޢު ބިﷲ)ބިން ޖަޢުފަރު(އަލްމުޤުތަދިރު ބިﷲ)

ބިން އަހުމަދު(އަލްމުޢުތަޟިދު ބިﷲ) އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އައްޠާއިޢު ލިﷲ ގެ ގޮތުގައެވެ. މަންމާފުޅަކީ ހިޒާރު އޭކިޔޭ އަންހެން ބޭކަނބަލެކެވެ. ޢަތަބު ވެސް ކިޔޭ ކަމުގައި ބުނެވެއެވެ. އުފަންވެ ވަޑައިގެންފައިވަނީ ހިޖުރައިން 320ވަނަ އަހަރު އެވެ. މިއީ އައްބާސީ ދައުލަތުގެ 24ވަނަ ޚަލީފާ އެވެ.

ވެރިކަމަށް އިސްކުރެވުނީ އުމުރުން 43އަހަރުގައި ހިޖުރައިން 363ވަނަ އަހަރު އެވެ.އެއީ އާލާސްކަންފުޅު ކުރިމަތިވުން ބައްޕާފުޅު ވެރިކަން ދޫކޮށްލުމުންނެވެ. އައްޠާއިޢު ލިﷲގެ ދުވަސްވަރަކީ ބުވައިހީ ދައުލަތުގެ ބޮޑުންގެ މެދުގައި ހަމަނުޖެހުން ހިގަމުން ދިޔަ ދުވަސްވަރެވެ. މިބުނި ބޮޑުންގެ ތެރެއިން ޢަޟުދު އައްދައުލާ އާއި ޢިއްޒު އައްދައުލާ އާއި ދެމެދު ހަމަނުޖެހުން ހިގައި ޢިއްޒު އައްދައުލާ ގަތުލުކުރެވުނީ ހިޖުރައިން 367ވަނަ އަހަރު އެވެ. ޢަޟުދު އައްދައުލާ އަވަހާރަވެފައިވަނީ ހިޖުރައިން 372ވަނަ އަހަރު އެވެ. އެއަށްފަހު ބުވައިހީންގެ ވެރިއަކަށް ބަހާއު އައްދައުލާ އިސްކުރެވުނެވެ.

ހިޖުރައިން 379ވަނަ އަހަރު ޝީޢީ ޝައިޚެއް ކަމުގައިވާ އަބީ އަލްޙަސަން ބިން އަލްމުޢައްލިމް އައްޠާއިޢު ލިﷲ ހައްޔަރުކުރެއްވި އެވެ. އެކަމުގެ ސަބަބުން ބަޣުދާދުގައި ޝީޢީންނާއި، ސުންނީ މުސްލިމުންނާއި ދެމެދު ފިތުނަވެރިކަން އިތުރުވެގެން ދިޔައެވެ. ހިޖުރައިން 381ވަނަ އަހަރު ސިފައިން ބަހާއު އައްދައުލާ އާއި ދެބަސްވެ އަރާރުންވެ ހެދިއެވެ. އެހިނދު އަބީ އަލްހަސަން އަލްމުޢައްލިމް ހުރީ ބަހާއު އައްދައުލާ އާއި އެއްކޮޅަށެވެ. އެއީ ބަހާއު އައްދައުލާ އާއި ގުޅިގެން އައްޠާއިޢު ލިﷲ ވެރިކަމުން ދުރުކޮށް އޭނާގެ މުދާތައް އަތުލުމަށްޓަކައެވެ.

ބަހާއު އައްދައުލާ އައްޠާއިޢު ލިﷲގެ އަރިހަށް ވަޑައިގަތުމަށް ހުއްދައަށް އެދުމުން އެހުއްދަ ދެއްވި އެވެ. ބަހާއު އައްދައުލާ އާއި އެކު ދައިލަމީންގެ ވަރަށް ގިނަ ސިފައިން ގެންދެވިއެވެ. ޚަލީފާގެ އަރިހަށް ވަޑައިގެން އެތެރެއަށް ވަނުމަށްފަހު ބަހާއު އައްދައުލާ ބިމަށްތިރިވެ، ފައިގައި ބޮސްދެއްވިއެވެ. އެހިނދު ދައިލަމީންގެ ސިފައިންގެ ތެރެއިން ބަޔަކު ކުރިއަށް ޖެހިލިއެވެ. ހީވީ އެމީހުންވެސް ޚަލީފާގެ އަތުގައި ބޮސްދޭން އުޅުއްވި ހެންނެވެ. އެހިނދު ޚަލީފާ އައްޠާއިޢު ލިﷲ އިށީދެގެން އިންނެވި އެދުން ވައްޓާލި އެވެ. އަދި ބަހާއު އައްދައުލާ އެގޭގައިވާ ހުރިހާ މުދަލަކާއި ފައިސާއެއް ނެންގެވިއެވެ. އައްޠާއިޢު ލިﷲ ބަހާއު އައްދައުލާ ގެ ގެއަށް ގެންދިއުމަށްފަހު ވެރިކަމުން ދުރުވުމަށް އެދުނެވެ. އެހިނދު އައްޠާއިޢު ލިﷲ އެކަމަށް އެއްބަސްވެ ވަޑައިގެންނެވި އެވެ. އަދި އަމީރު އަހުމަދު ބިން އިސްހާގު ބިން އަލްމުޤުތަދިރު ބިﷲ ގެންނަވައި ވެރިކަމަށް ބައިޢަތު ހިއްޕެވި އެވެ. މިހާދިސާ ހިގާފައިވަނީ ހިޖުރައިން 381ވަނަ އަހަރު އެވެ. ހިޖުރައިން 393ވަނަ އަހަރު އަވަހާރަ ވުމާއި ހަމައަށް އިއްޒަތާއި އިހްތިރާމް ލިބިގެން އަލްޤާދިރު ބިﷲ ގެ އަރިހުގައި ދިރިއުޅުއްވި އެވެ.

16- އަލްޤާދިރު

ފުރިހަމަ ނަންފުޅަކީ އަޙުމަދު ބިން އިސްޙާގު ބިން އަލްމުޤުތަދިރު ބިﷲ އެވެ. މަޝްހޫރުވެ ވަޑައިގެންފައި ވަނީ އަލްޤާދިރު ބިﷲ ގެ ގޮތުގައެވެ. މިއީ އައްބާސީ ދައުލަތުގެ 25ވަނަ ޚަލީފާ އެވެ. މަންމާފުޅަކީ ތުމްނާ އޭ ކިޔޭ އަންހެނެކެވެ.

އުފަންވެ ވަޑައިގެންފައި ވަނީ ހިޖުރައިން 336ވަނަ އަހަރު އެވެ. ވެރިކަމަށް އިސްކުރެވުނީ ހިޖުރައިން 381ވަނަ އަހަރު ޚަލީފާ އައްޠާއިޢު ވެރިކަމުން ދުރުކުރެއްވުމާއި ގުޅިގެންނެވެ. އެއަށްފަހު ހިޖުރައިން 422ވަނަ އަހަރު އަވަހާރަވުމާއި ހަމައަށް ވެރިކަމުގައި ދެމިހުންނެވި އެވެ. ޚަލީފާ ކަމުގެ މުއްދަތަކީ 41އަހަރު އެވެ. އަވަހާރަވީ ހިޖުރައިން 422ވަނަ އަހަރު އުމުރުފުޅުން 86އަހަރު ގައެވެ. ބުވައިހީންގެ ވެރިއެއް ކަމުގައިވާ ''ބަހާއު އައްދައުލާ''ގެ ދަރިކަނބަލުން ސަކީނާ އާއި ކައިވެނި ބައްލަވައި ގެންނެވި އެވެ.

ކޮންމެ ބުރާސްފަތި ދުވަހަކު މީސްތަކުންނާއި ބައްދަލުކޮށް މީސްތަކުން ބޭނުންވާ ކަންތައްތަކާއި، އެމީހުންގެ ޝަކްވާތައް އަޑުއައްސަވައި ހެއްދެވި އެވެ. ކޮންމެ ހުކުރު ދުވަހު މަހްދީ މިސްކިތުގައި ހަދީޘް އަޑުއެހުން ބާއްވަވައެވެ.

ޖެހިލުން ކުޑަ ބޭފުޅެއް ކަން ފާހަގަކުރެވިފައި ވެއެވެ. އެކަމުގެ ސަބަބުން ދައުލަތަށް ވެރިވެގަންނަށް މަސައްކަތް ކުރެއްވި ތުރުކީންނާއި، ދައިލަމީންނަށް ވެސް ޖެހުނީ އަލްޤާދިރު ބިﷲ އަށް ކިޔަމަން ވާށެވެ. ދީންވެރިކަން، ހަރުދަނާކަން، ހެޔޮޢަމަލުތައް ގިނަގިނައިން ކުރުމާއި ޞަދަގާތްދިނުން އަދި މިނޫނަސް ލިބިފައިވާ އެތައް ސިފަތަކެއްގެ ސަބަބުން މީސްތަކުންގެ ލޯތްބާއި ރުހުން ލިބިލެއްވި އެވެ. ސިންދު އަދި އިންޑިޔާގެ ރަށްތައް ފަތަހަކުރެއްވި އެވެ. ޝަރުޢީ ގާނޫނުތަކާއި ބެހޭގޮތުން ފޮތެއް ލިޔުއްވި އެވެ.

17- އަލްޤާއިމް

ފުރިހަމަ ނަންފުޅަކީ ޢަބުދުﷲ ބިން އަޙުމަދު(އަލްޤާދިރު ބިﷲ) ބިން އިސްޙާގު ބިން ޖައުފަރު( އަލްމުޤުތަދިރު ބިﷲ ) އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްޤާއިމް ބިއަމްރިﷲ ގެ ގޮތުގައެވެ.މިއީ ޢައްބާސީ ދައުލަތުގެ 26ވަނަ ޚަލީފާ އެވެ. މަންމާފުޅަކީ ޤަޠަރު އައްނަދާ އޭ ކިޔޭ ރޫމީ އަންހެނެކެވެ. ބަދުރު އައްދުޖާ އޭ ވެސް ކިޔާ ކަމުގައި ބުނެވެއެވެ.

ވެރިކަމަށް އިސްކުރެވުނީ ހިޖުރައިން 422ވަނަ އަހަރު ބައްޕާފުޅު އަލްޤާދިރު ބިﷲ އަވަހާރަވުމާއި ގުޅިގެންނެވެ. ވެރިކަމުގެ ދުވަސްވަރު ހިޖުރައިން 450ވަނަ އަހަރު ''ބަސާސީރީ'' އޭ ކިޔުނު ބޭކަލަކު މުޅިގައުމުގައި ފިތުނަވެރިކަން އުފެއްދި އެވެ. އެހިނދު ބަޣްދާދު ދޫކޮށް ދިއުމަށް ފަހު އެފިތުނަވެރިކަން ފިލައި ދިއުމުން އެބުރި ބަޣުދާދަށް ވަޑައިގެން ހިޖުރައިން 451ވަނަ އަހަރު ބަސާސީރީ ގަތުލުކުރެއްވި އެވެ.

ވެރިކަން 44އަހަރާއި ދެތިންމަސް ދުވަހު ކޮށްފައި ވެއެވެ. އަވަހާރަވީ އުމުރުފުޅުން 76އަހަރުގައި ހިޖުރައިން 467އަހަރު އެވެ. އަލްޤާދިރު ބިﷲ އަކީ ލިޔުންތެރި އެކެވެ. ދޫހެލޭ ވާހަކަ ދެއްކުންތެރި އެކެވެ. އަދީބެކެވެ. ޒުހުދު ވެރިއެކެވެ. ވިސްނުންތޫނު އިހްސާންތެރި ބޭފުޅެކެވެ.

18- އަލްމުޤުތަދީ

ފުރިހަމަ ނަންފުޅަކީ ޢަބުދުﷲ ބިން މުޙައްމަދު ބިން ޢަބުދުﷲ (އަލްޤާއިމް ބިއަމްރިﷲ) ބިން އަޙުމަދު (އަލްޤާދިރު ބިﷲ)އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްމުޤުތަދީ ބިﷲ ގެ ގޮތުގައެވެ. މަންމާފުޅަކީ ޤުއްރަތު އަލްޢައިނު އޭ ކިޔޭ އަރްމީނިޔާގެ އަންހެނެކެވެ. އުފަންވެ ވަޑައިގެންފައިވަނީ ބައްޕާފުޅު މުޙައްމަދު ބިން އަލްޤާއިމް އަވަހާރަވިތާ 6 މަސްފަހުން ހިޖުރައިން 448ވަނަ އަހަރު އެވެ. ކާފާފުޅު އަލްޤާއިމް ބިއަމްރިﷲ ގެ ވެރިކަމުގައި އަލްމުޤުތަދީ އަށް ވެރިކަން ދެއްވުމަށް އަހުދު ކުރެއްވި އެވެ. ކާފާފުޅު އަވަހާރަވުމާއި ގުޅިގެން ވެރިކަމަށް އިސްކުރެވުނީ އުމުރުން 19އަހަރާއި 3މަހުގައި ހިޖުރައިން 467ވަނަ އަހަރު އެވެ.މިއީ ޢައްބާސީ ދައުލަތުގެ 27ވަނަ ޚަލީފާ އެވެ.

ހިޖުރައިން 487ވަނަ އަހަރު ބަޣުދާދު ގައި ކުއްލި މަރެއްގައި އަވަހާރަވުމާއި ހަމައަށް ވެރިކަމުގައި ދެމިހުންނެވި އެވެ.އަވަހާރަވެފައިވަނީ އުމުރުފުޅުން 38އަހަރާއި 8 މަހުގައެވެ. ޚަލީފާކަން 19އަހަރާއި 8މަސް ދުވަހު ކޮށްފައި ވެއެވެ. ވެރިކަމުގެ ދުވަސްވަރު ބަޣުދާދު ބިނާކުރެއްވުމަށް ސަމާލުކަން ދެއްވި އެވެ. ޚަލީފާކަމުގެ ދުވަސްވަރު ފާހަގަވެފައިވަނީ ހެޔޮކަމާއި، ތަނަވަސްކަމާއި، ހިތްހަމަޖެހުމުގެ ދުވަސްތަކެއްގެ ގޮތުގައެވެ.

ވެރިކަމުގެ ދުވަސްވަރު ބަޣްދާދު އިމާރާތް ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވި އެވެ. ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކޮށް އުޅުއްވި އެވެ. ދިޖުލާ ކޯރަށް ފާޚާނާތަކުން ބޭރުވާ ފެން ވާސިލްކުރުން މަނާކުރެއްވި އެވެ. ކަނޑުދަތުރުކުރާ ދަތުރުވެރިންނަށް އެއްބޯޓެއްގައި އަންހެނުންނާއި ފިރިހެނުން މަސްހުނިވެގެން ދަތުރުކުރެއްވުން މަނާކުރެއްވި އެވެ.

ހިޖުރައިން 474ވަނަ އަހަރު ސަލާޖިޤީންގެ ރަސްކަލެއްކަމުގައިވާ މަލިކްޝާހް ގެ ދަރިކަނބަލުންނާއި އެންގޭޖް ކުރެވުނެވެ. ހިޖުރައިން 480ވަނަ އަހަރުގެ މުހައްރަމް ގެ ތެރޭގައި މަލިކްޝާހް ގެ ދަރިކަބަލުން ބަޣްދާދުގައި ވެރިކަން ހިންގާ ގެއަށް ގެންދެވުނެވެ. އެދުވަހު އެތައް ބައިވަރު ރަން، ރިހި، އަދި އެތަކެތިން އުފައްދާފައިވާ ކަންވާރުތަކާއި، އެތައް ބައިވަރު ސަވާރުވުމަށް ބޭނުންކުރެވޭ ޖަނަވާރުތަކާއި، 200ޖާރިޔާ ތުރުކީންގެ ތެރެއިން ގެންދެވުނެވެ. ޚަލީފާ އަލްމުޤުތަދީ ބިﷲ އަބިކަނބަލުންގެ މަންމާފުޅަށް ތުރުކީންގެ އާދަކާދައިގާ އޮންނަ ގޮތުން ''ރުހުމުގެ ހައްގު''ގެ ގޮތުގައި ދޭންޖެހޭ 50ހާސް ދީނާރު ދެއްވި އެވެ.

19- އަލްމުސްތަޡުހިރު

ފުރިހަމަ ނަންފުޅަކީ އަބޫ އަލްއައްބާސް އަޙުމަދު އަލްމުސްތަޡުހިރު ބިﷲ ބިން އަބީ ޤާސިމް ޢަބުދުﷲ ބިން އަލްމުޤުތަދީ ބިﷲ އެވެ.މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްމުސްތަޡުހިރު ބިﷲ ގެ ގޮތުގައެވެ. މަންމާފުޅަކީ އަލްޠޫން އޭ ކިޔޭ އަންހެނެކެވެ. މިއީ އައްބާސީ ދައުލަތުގެ 28ވަނަ ޚަލީފާއެވެ.

ވެރިކަމަށް އިސްކުރެވުނީ އުމުރުފުޅުން 17 އަހަރުގައި ހިޖުރައިން 487ވަނަ އަހަރު ބައްޕާފުޅު އަލްމުޤުތަދީ ބިﷲ އަވަހާރަވުމާއި ގުޅިގެންނެވެ. ޚަލީފާ ކަމުގައި 25އަހަރު ހުންނެވި އެވެ. ޚުލްގު ހެޔޮ، ހެޔޮއަމަލުތައް ކުރުން ގިނަ ބޭފުޅެއް ކަމުގައި ފާހަގަކުރެވި ފައި ވެއެވެ. އުފާވެރި ދުވަސްތަކެއް މިޚަލީފާގެ ވެރިކަމުގައި ރައްޔިތުން ހޭދަކުރި ކަމުގައި ބުނެވެއެވެ. ވަރަށް ގިނަ ހަގުރާމަތައް ކުރެއްވި އެވެ.

20- އަލްމުސްތަރުޝިދު

ފުރިހަމަ ނަންފުޅަކީ އަލްފަޟުލު ބިން އަޙުމަދު އަލްމުސްތަޡުހިރު ބިﷲ އެވެ. މަޝްހޫރުވެ ވަޑައިގެންފައި ވަނީ އަލްމުސްތަޡުހިރު ބިﷲ ގެ ގޮތުގައެވެ. މަންމާފުޅަކީ ލުބާބާ އޭ ކިޔޭ އަންހެން ބޭކަނބަލެކެވެ. ވެރިކަމަށް އިސްކުރެވުނީ ބައްޕާފުޅު ހިޖުރައިން 512ވަނަ އަހަރު އަވަހާރަ ވުމާއި ގުޅިގެންނެވެ. މިއީ އައްބާސީ ދައުލަތުގެ 29ވަނަ ޚަލީފާ އެވެ.

ހިޖުރައިން 516ވަނަ އަހަރު ޙައްލާ ގެ އަމީރަކަށް ހުންނެވި ދަބީސް ބިން ޞަދަޤާ އާއި ހަގުރާމަކުރެއްވުމަށް ޓަކައި ލަޝްކަރެއް ތައްޔާރު ކުރެއްވި އެވެ. އެއީ ދަބީސް ޚަލީފާ އަލްމުސްތަޡުހިރު ބިﷲ އާއި ދެކޮޅަށް ނިކުމެ، ލޫޓުވުމާއި، ފޭރުމުގެ އަމަލުތައް ހިންގާފައިވާތީ އެވެ. ދެފަރާތުގެ ދެމެދުގައި ކުރެވުނު ހަގުރާމައިގައި ބަލިވުމުން ދަބީސް ބިން ޞަދަޤާ ޣަޒިއްޔާ އޭ ކިޔުނު ގަބީލާއެއްގެ މީހުންގެ އަރިހަށް ދިޔައެވެ. އެއަށްފަހު ހަމްޛާން ގައި ވެރިއަކަށް ހުންނެވި ސަލާޖިގީންގެ ރަސްގެފާނު މަސްޢޫދު ބިން މުޙައްމަދު ބިން މަލިކްޝާހް ގެ އަރިހަށް ދިޔައެވެ. މިޚަބަރު ޚަލީފާއަށް ލިބުމުން ދަބީސް ބިން ޞަދަޤާ ޚަލީފާގެ އަރިހަށް ފޮނުވައިދިނުމަށް އެދުނެވެ. ނަމަވެސް މަސްޢޫދު އެކަމާއި އިދިކޮޅު ހެއްދެވި އެވެ. އެހިނދު ޚަލީފާ ލަޝްކަރެއް ތައްޔާރު ކުރައްވައި މަހުމޫދު ރަސްގެފާނު އާއި ހަގުރާމަ ކުރެއްވުމަށް ހަމްޛާން އަށް ވަޑައިގެންނެވި އެވެ. މިހަގުރާމައިގައި ޚަލީފާގެ ލަޝްކަރު ބަލިވެ، އަސީރެއްގެ ގޮތުގައި ރަސްގެފާނުގެ ފޭލީގައި ހުންނަވަނިކޮށް ހަތިޔާރުއެޅި ބަޔަކު ހަމަލާދީ ޚަލީފާ ގަތުލުކޮށްލެއްވި އެވެ.

އިބުނު އަލްއަޘީރު ވިދާޅުވާގޮތުގައި ހަތިޔާރު އެޅިމީހުންނަކީ ބާޠިނީންގެ ޖަމާއަތެއް ކަމުގައިވާ އިސްމާޢީލިއްޔާ ޖަމާއަތުގެ ބަޔެކެވެ. އަނެއްބަޔަކު ބުނާގޮތުގައި އެއީ މަސްޢޫދު ރަސްގެފާނު އަޑީގައި ހުންނަވައިގެން ހިންގި އަމަލެކެވެ. ފަހުން މިބުނި ހަތިޔާރު އެޅިމީހުން ހައްޔަރުކޮށް ގަތުލުކޮށްފައި ވެއެވެ. އަވަހާރަވެ ވަޑައިގެންފައި ވަނީ އުމުރުފުޅުން 43އަހަރު ހިޖުރައިން 529ވަނަ އަހަރު އެވެ. ޚަލީފާކަން 17އަހަރާއި 6މަސް ދުވަހު ކޮށްފައި ވެއެވެ.

21- އައްރާޝިދު

ފުރިހަމަ ނަންފުޅަކީ މަންޞޫރު ބިން އަލްފަޟުލު(އަލްމުސްތަރުޝިދު ބިﷲ) ބިން އަޙުމަދު (އަލްމުސްތަޡުހިރު ބިﷲ) އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އައްރާޝިދު ބިﷲގެ ގޮތުގައެވެ. ވެރިކަމަށް އިސްކުރެވުނީ ބައްޕާފުޅު ގަތުލުކުރެއްވުމާއި ގުޅިގެން ހިޖުރައިން 529ވަނަ އަހަރުއެވެ. 11މަހާއި 11ދުވަސް ފަހުން ޚަލީފާ ކަމުން ވަކިކުރެވުނެވެ. އަދި އަލްމުޤުތަފީ ލިއަމްރިﷲ ވެރިކަމަށް އިސްވުމަށް ބައިޢަތު ހިފުނެވެ. މިއީ އައްބާސީ ދައުލަތުގެ 30ވަނަ ޚަލީފާ އެވެ.

ވެރިކަން ދުރުކުރެއްވުމުން ހަމްދާން އަށް ވަޑައިގެން އެތަނުން އަސްފަހާން އަށް ވަޑައިގެންނެވި އެވެ. އެތަނުގައި އޭނާގެ ފާރަވެރިންނަށް ތިބި ބަޔަކު އޭނާގަތުލުކުރީ ހިޖުރައިން 532ވަނަ އަހަރު އެވެ. އޭރު އުމުރުފުޅަކީ 30އަހަރެވެ.

22- އަލްމުޤުތަފީ

ފުރިހަމަ ނަންފުޅަކީ މުޙައްމަދު(އަލްމުޤުތަފީ ލިއަމްރިﷲ) ބިން އަޙުމަދު އަލްމުސްތަޡުހިރު ބިﷲ އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްމުޤުތަފީ ލިއަމްރިﷲ ގެ ގޮތުގައެވެ. މިއީ ޢައްބާސީ ދައުލަތުގެ 31ވަނަ ޚަލީފާއެވެ. މަންމާފުޅަކީ ޙަބަޝީ އަންހެނެއް ކަމުގައިވާ ނުޒުހާ އެވެ. ބަޣިއްޔަތު އައްނުފޫސް އަދި ނަސީމް ވެސް މަންމާފުޅަށް ކިޔާ ކަމުގައި ބުނެވެއެވެ.

ވެރިކަމަށް އިސްކުރެވުނީ ހިޖުރައިން 530ވަނަ އަހަރު ބޮޑުބޭބެ އައްރާޝިދު ބިﷲ ވެރިކަމުން ދުރުކުރެއްވުމާއި ގުޅިގެންނެވެ. އައްރާޝިދު ބިﷲ ވެރިކަމުން ދުރުކުރެވުނީ ސަލާޖިޤީންގެ ރަސްކަލެއްކަމުގައި ވާ މަސްޢޫދު ބިން މުޙައްމަދު ބިން މަލިކްޝާހް ގެ އަމުރުފުޅަށެވެ. މަސްޢޫދު ބިން މުހައްމަދު ވެރިކަން ހިންގާ ގޭގައި ހުރިހާ ރަނާއި، ހިފައި ގެންގުޅޭ ތަކެތި ގެންދެވި އެވެ.

އަލްމުޤުތަފީ ލިއަމްރިﷲ އަކީ ހައިބަތު ވަރުގަދަ، ޚުލްގު ހެޔޮ، މާތް، އަދުލުވެރި، ވިސްނުންތޫނު ބޭފުޅެކެވެ. ސަލާޖިޤީންގެ ރަސްކަލުންނާއި ވަކިން އިރާގުގައި ފުރަތަމަ ވެރިކަން ހިންގެވި ބޭފުޅާ އެވެ. ޚަލީފާ ކަމާއި ސިފައިންގެ ވެރިޔާކަން ކުރެއްވި ފުރަތަމަ ޚަލީފާ އެވެ. ހިތްވަރުގަދަ ޖެހިލުން ކުޑަ ހަގުރާމަ ތަކުގައި ސީދާ އަމިއްލަ ނަފްސަށް އިސްނަގައިގެން ކުރިމަތި ލައްވާ ހެއްދެވި އެވެ. ދައުލަތުގެ ހުރިހާ ކަމެއް ވެސް ނިންމަވާފައި ވަނީ އަލްމުޤުތަފީ ލިއަމްރިﷲ ގެ ސޮއި ކުރުމަށް ފަހު ގައެވެ. ވެރިކަމުގައި 24އަހަރާއި ދެތިން މަސްދުވަހު ހޭދަކޮށްފައި ވެއެވެ. އަވަހާރަވެފައި ވަނީ އުމުރުފުޅުން 66 އަހަރު ގައެވެ.

23- އަލްމުސްތަންޖިދު

ފުރިހަމަ ނަންފުޅަކީ ޔޫސުފް ބިން މުޙައްމަދު އަބޫ ޢަބުދުﷲ އަލްމުޤުތަފީ ލިއަމްރިﷲ ބިން އަޙުމަދު އަލްމުސްތަޡުހިރު ބިﷲ އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްމުސްތަންޖިދު ބިﷲ ގެ ނަމުންނެވެ. މިއީ ޢައްބާސީ ދައުލަތުގެ 32ވަނަ ޚަލީފާއެވެ. މަންމާފުޅަކީ ރޫމީ އަންހެނެއް ކަމުގައިވާ ޠާއޫސް އެވެ. ނަރުޖިސް ވެސް މަންމާފުޅަށް ކިޔާ ކަމުގައި ބުނެވެއެވެ.އުފަންވެ ވަޑައިގެންފައިވަނީ ހިޖުރައިން 510ވަނަ އަހަރު އެވެ.

ހިޖުރައިން 555ވަނަ އަހަރު ވެރިކަމަށް އިސްވުމަށް ފަހު ހިޖުރައިން 566ވަނަ އަހަރާއި ހަމައަށް ވެރިކަމުގައި ދެމިހުންނެވި އެވެ. 11އަހަރު ވަންދެން ޚަލީފާކަން ކުރެއްވި އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 50އަހަރު އެވެ. އަވަހާރަ ވެފައިވަނީ ހިޖުރައިން 566ވަނަ އަހަރު އިރާގުގެ ބަޣުދާދު ގައެވެ. އަވަހާރަވެފައިވަނީ ބަލިހާލުގައި ވަނިކޮށް ފާޚާނާ އަކަށް ވެއްދުމަށް ފަހު ބޭރުން ތަޅުލައިފައި ބެހެއްޓުމުން ނޭވާ ހާސްވެގެންނެވެ. އެކަންކޮށްފައިވަނީ އަލްމުސްތަންޖިދު ބިﷲ ގެ ވަޒީރެއްކަމުގައިވާ އަބޫ ޖަޢުފަރު އަޙުމަދު ބިން އަލްބަލަދީ، ދޮރުވާނެއް ކަމުގައިވާ ޤަޠުބުއްދީން، އަދި އޭނާގެ ޚާއްޞަ ޑޮކްޓަރ އިބުނު ޞަފިއްޔާ އާއި 3މީހުން ގުޅި ރާވައިގެންނެވެ.ރައްޔިތުންނާއި މުޢާމަލާތްކޮށް ގުޅުން ބެހެއްޓުމުގައި ފާހަގަކޮށްލެވޭ ޚަލީފާއެއް ކަމުގައި ބުނެވެއެވެ. އަދުލުވެރި ފަސާދައާއި ކޮރަޕްޝަން ނައްތާލުމަށް މަސައްކަތްކުރެއްވި އެވެ.

24- އަލްމުސްތަޟީއު

ފުރިހަމަ ނަންފުޅަކީ ޙަސަން ބިން މުހައްމަދު ބިން ޔޫސުފް އަލްމުސްތަންޖިދު ބިﷲ އެވެ. މަންމާފުޅަކީ އަރްމީނިޔާގެ އަންހެނެއް ކަމުގައިވާ ޣައްޟާ އެވެ. ވެރިކަމަށް އިސްވުމާއި އެކު އަލްމުސްތަޟީއު ބިﷲ ގެ ލަގަބު ދެވުނެވެ. މަޝްހޫރު ވެފައިވަނި މިނަމުންނެވެ. މިއީ ޢައްބާސީ ދައުލަތުގެ 33ވަނަ ޚަލީފާ އެވެ.

ހިޖުރައިން 566ވަނަ އަހަރު ބައްޕާފުޅު އަލްމުސްތަންޖިދު އަވަހާރަވުމުން ވެރިކަމަށް އިސްވުމަށް ފަހު ހިޖުރައިން 575އަހަރުގެ ނިޔަލަށް ވެރިކަން ކުރެއްވި އެވެ. 9އަހަރާއި 7މަސް ދުވަހު ޚަލީފާކަން ކުރެއްވި އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 40އަހަރު އެވެ.އަލްމުސްތަޟީއު އަކީ މާތް ހިތްޕުޅުހެޔޮ ބޭފުޅެކެވެ. ޓެކްސް ކުޑަކުރައްވައި، އަނިޔާވެރިކަން ފުހެލުމަށް މަސައްކަތް ކުރެއްވި އެވެ.

25- އައްނާޞިރު

ފުރިހަމަ ނަންފުޅަކީ އަޙުމަދު ބިން ހަސަން (އަލްމުސްތަޟީއު ބިއަމްރިﷲ) ބިން ޔޫސުފް (އަލްމުސްތަންޖިދު ބިﷲ) އެވެ.މަޝްހޫރުވެ ވަޑައިގެންފައިވަނީ އައްނާޞިރު ލިދީނިﷲ ގެ ގޮތުގައެވެ. މިއީ ޢައްބާސީ ދައުލަތުގެ 34ވަނަ ޚަލީފާ އެވެ. އުފަންވެވަޑައިގެންފައިވަނީ ހިޖުރައިން ހިޖުރައިން 553ވަނަ އަހަރު އެވެ. މަންމާފުޅަކީ ތުރުކީ ގެ ޒުމައްރަދު އޭ ކިޔޭ އަންހެނެކެވެ.

ހިޖުރައިން 575ވަނަ އަހަރު ބައްޕާފުޅު އަލްމުސްތަޟީއު އަވަހާރަވުމުން ވެރިކަމަށް އިސްވުމަށް ފަހު ހިޖުރައިން 622ގެ ނިޔަލަށް ވެރިކަން ކުރެއްވި އައްނާޞިރު ވެފައިވަނީ އެންމެ ދިގުމުއްދަތެއް ވަންދެން ވެރިކަމުގައި ހުންނެވި ޚަލީފާ އަށެވެ. 46އަހަރާއި 11މަސް ދުވަހު ޚަލީފާކަން ކުރެއްވި އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 70އަހަރު އެވެ.

އައްނާޞިރު އާއި ބެހޭގޮތުން އިބުނުލް އަޘީރު ބުނެފައިވެއެވެ. '' އައްނާޞިރު އަކީ އުޅުން ވިޔާނުދާ ، އަނިޔާ ވެރި ބޭކަލެކެވެ. އޭނާގެ ދުވަސްވަރު އިރާގު ޚަރާބު ކުރެއްވި އެވެ. މީސްތަކުން ގެދޮރާއި މުދާތައް އަތުލައްވައި އުޅުއްވި އެވެ. ޝީއީ މަޛުހަބުގެ ގޮތްޕެއް ކަމުގައިވާ އިމާމިއްޔާ މަޛުހަބުގެ އުސޫލުތަކަށް ތަބާވި އެވެ.''

އުމުރުގެ ފަހުކޮޅު އެއްލޮލުގެ ފެނުން ގެއްލުނެވެ. އަދި އަނެއް ލޮލުގެ ފެނުން ކުޑަވިއެވެ. ދުނިޔެ ދޫކުރުމުގެ ކުރިން 3އަހަރު ވަންދެން ރަގަޅަށް ހިގާބިގާވެ ނޫޅެވޭ ހާލުގައި ދިރިހުރި އެވެ. ވިސްނުންތެރިކަމާއި ޖެހިލުން ކުޑަކަމުގެ ސަބަބުން މަޝްހޫރުވެފައިވާ އައްނާޞިރު ގެ ޚަލީފާ ކަމުގެ ދުވަސްވަރު އަސްކަރީ ކޮމާންޑަރުންގެ އަތުން ވެރިކަން އަތުލައްވައި، ސަލާޖިޤީން ގަދަކުރަމުން ގެންދިޔަ ބާރަށް ނިމުމެއް ގެނައެވެ. އަވަހާރަ ވެފައިވަނީ ހިޖުރައިން 622ވަނަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައެވެ.

ނޯޓް: އައްބާސީ ދައުލަތުގެ 3 ވަނަ ޒަމާން ފެށިފައިވަނީ ޚަލީފާ އައްނާޞިރު ލިދީނިﷲ ވެރިކަމުގައި ހުންނަވަނިކޮށެވެ. އެއީ ހިޖުރައިން 590ވަނަ އަހަރު އެވެ. އެހެން 2ވަނަ ޒަމާނާއި އަދި 3ވަނަ ޒަމާނުގައި ވެސް ޚަލީފާ ކަން ކުރެއްވި ބޭފުޅަކަށް އައްނާޞިރު ވެވަޑައި ގަންނަވެއެވެ.


ގުޅުންހުރި:

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.