ބުދަ20181107

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާނުގައި ވެރިކަންކުރެއްވި ޚަލީފާތައް

ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާނުގައި ވެރިކަންކުރެއްވި ޚަލީފާތައް

abbasee-khalifa-11- އަބުލް ޢައްބާސް އައްސައްފާޙް

ފުރިހަމަ ނަންފުޅަކީ ޢަބުދުﷲ ބިން މުޙައްމަދު ބިން ޢަލީ ބިން ޢަބުދުﷲ ބިން ޢައްބާސް ބިން ޢަބުދުލް މުއްޠަލިބު ބިން ހާޝިމް އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަބުލް އައްބާސް އައްސައްފާޙް ގެ ގޮތުގައެވެ. މިއީ ހާޝިމް ދަރިކޮޅުގެ(އައްބާސީ ދަރިކޮޅުގެ) ފުރަތަމަ ޚަލީފާ އެވެ. އުފަންވެވަޑައިގެންފައިވަނީ ހިޖުރައިން 108ވަނަ އަހަރު ޙަމީމާ ގައެވެ. އަދި އުޅެ ބޮޑުވެފައި ވަނީ ވެސް އެރަށުގައެވެ. މަންމާފުޅަކީ ރައިޠާ ބިންތި ޢުބައިދުﷲ ބިން ޢަބުދުﷲ ބިން ޢަބުދުލް މަދާން އަލްހާރިޘީ އެވެ. އަނބިކަނބަލުންނަކީ އުއްމު ސަލްމާ އަލްމަޚްޒޫމިއްޔާ އެވެ.

ހިޖުރައިން 132ވަނަ އަހަރު ރަބީޢުލް އައްވަލު މަހުގެ 3ވަނަ ދުވަހު ކޫފާގައި ޚަލީފާ ކަމަށް ބައިޢަތު ހިއްޕެވުމާއި ގުޅިގެން ޚަލީފާ ކަމަށް އިސްކުރެވުނެވެ. ވެރިކަމަށް އިސްވެ ވަޑައިގަތީ ސީރިޔާގައި ހުންނެވި އުމަވީ ދައުލަތުގެ އެންމެ ފަހު ޚަލީފާ މަރުވާން ބިން މުހައްމަދު ގަތުލުކުރެއްވުމަށް ފަހުގައެވެ. ވެރިކަމަށް އިސްވުމުގެ ކުރިން އަބާ ސަލަމާ އަލީގެ ފާނުގެ ދަރިކޮޅަށް ނިސްބަތްވާ މީހަކަށް ވެރިކަން ދިނުމުގެ މަސައްކަތް ސިއްރިޔާތުގައި ރޭވިއެވެ. އަދި އައްސައްފާޙު ވެރިކަމަށް އިސްވުމަށް ފަހު މިކަން އެގުމުން އަބާ ސަލަމާ ގަތުލުކުރެއްވި އެވެ.

ވެރިކަމުގެ ދުވަސްވަރު ފުރަތަމަ ފަހަރަށް ދައުލަތުގައި ވުޒާރާތައް ނުވަތަ މިނިސްޓްރީތައް އުފެއްދެވި އެވެ. ވެރިކަމަށް އިސްވުމަށް ފަހު އެޚިލާފަތުގެ ވެރިރަށެއްގެ ގޮތުގައި އަލްއަންބާރު ކަނޑައެޅުއްވި އެވެ. އަޅުވެރި، ކީރިތި ގުރުއާން ގިނަގިނައިން ކިޔަވާ ވިދާޅުވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައި ވެއެވެ. ހިޖުރައިން 136ވަނަ އަހަރު ހައްޖުމަހުގެ ތެރޭގައި ކަށިވިދުރި ޖެހިގެން މިދުނިޔެ ދޫކުރުމާއި ހަމައަށް ވެރިކަމުގައި ދެމިހުންނެވި އެވެ. ފަސްދާނުލެވިފައި ވަނީ އަލްއަންބާރު ގައެވެ. އަވަހާރަވިއިރު އުމުރަކީ 32 އަހަރު އެވެ.

2- އަބޫ ޖަޢުފަރު އަލްމަންޞޫރު

ފުރިހަމަ ނަންފުޅަކީ ޢަބުދުﷲ ބިން މުޙައްމަދު ބިން ޢަލީ ބިން ޢަބުދުﷲ ބިން ޢައްބާސް ބިން ޢަބުދުލް މުއްޠަލިބު އެވެ. މަޝްހޫރުވެވަޑައި ގެންފައިވަނީ އަބޫ ޖަޢުފަރު އަލްމަންޞޫރު ގެ ގޮތުގައެވެ. މިއީ ހާޝިމް ދަރިކޮޅުގެ ދެވަނަ ޚަލީފާއެވެ. އުފަންވެވަޑައިގެންފައިވަނީ ހިޖުރައިން 95ވަނަ އަހަރު ޙަމީމާގައި އޮންނަ ޝުރާތު ގެ ބިމޭ ކިޔޭ ހިސާބުގައެވެ. މަންމާ ފުޅަކީ ސައްލާމާ އޭ ކިޔޭ ބަރުބަރީ އަންހެނެކެވެ.

ވެރިކަމަށް އިސްވެވަޑައިގަތީ ކޮއްކޯފުޅު އަބުލް ޢައްބާސް އައްސައްފާޙް ހިޖުރައިން 136ވަނަ އަހަރު އަވަހާރަވުމާއި ގުޅިގެންނެވެ. ހިޖުރައިން 145ވަނަ އަހަރު ބަޣުދާދު ބިނާކުރެއްވުމަށް އަމުރުކުރެއްވި އެވެ. އަދި އެރަށް ބިނާކުރައްވައި ދައުލަތުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައެޅުއްވި އެވެ. ޢައްބާސީ ދައުލަތުގެ ދުވަސްވަރު ވެރިކަންކުރެއްވި ގިނަ ޚަލީފާއިންތަކެއް ނިސްބަތްވަނީ އަބޫ ޖަޢުފަރު އަލްމަންޞޫރު އަށެވެ.

ފިގުހު، އަދަބު ދެނެލައްވާ، ފަލަކް އަދި ފަލްސަފާގައި ކުރިއަރާފައިވާ އިލްމުވެރިއެކެވެ. އޭނާގެ ވެރިކަމުގެ ދުވަސްވަރު މުހައްމަދު ބިން އިބްރާހީމް އަލްފިޒާރީ އިސްލާމުން ތައްޔާރު ކުރި ފުރަތަމަ އެސްޓްރޯލޭބް ( ނުޖޫމީ އިލްމުގައި ކުރިން ބޭނުންކޮށް އުޅުނު އާލަތެއް) އުފެއްދި އެވެ.

ހިޖުރައިން 158ވަނަ އަހަރު ހައްޖުކުރެއްވުމަށް އިޙްރާމް ބަދެގެން ހުންނަވަނިކޮށް މައްކާގެ ބިއުރު މައިމޫން އޭ ކިޔޭ ހިސާބުގައި އަވަހާރަވުމާއި ހަމައަށް ވެރިކަމުގައި ދެމިހުންނެވި އެވެ. ފަސްދާނު ލެވިފައިވަނީ މައްކާގެ ޙުޖޫން އޭ ކިޔޭ ހިސާބުގައެވެ. 22އަހަރު ދުވަހުގެ މުއްދަތަށް ޚަލީފާކަން ކޮށްފައި ވެއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 63އަހަރު އެވެ.

3- އަބޫ ޢަބުދުﷲ އަލްމަހްދީ

ފުރިހަމަ ނަންފުޅަކީ މުޙައްމަދު ބިން ޢަބުދުﷲ (އަލްމަންޞޫރު) ބިން މުޙައްމަދު ބިން ޢަލީ ބިން އަބުދުﷲ ބިން އަލްޢައްބާސް އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްމަހްދީ ގެ ގޮތުގައެވެ. މަންމާފުޅަކީ އަރްވާ ބިންތި މަންޞޫރު ބިން ޢަބުދު އަލްޙުމައިރީ އެވެ. އުފަންވެވަޑައިގެންފައިވަނީ ހިޖުރައިން 127ވަނަ އަހަރު އަހުވާޒުގެ އީޛިޖް އޭ ކިޔޭ ހިސާބަކަށެވެ. އުފަންވެވަޑައިގަތީ ޙަމީމާ ގައި ކަމަށްވެސް ބުނެވެއެވެ. އަނބިކަނބަލުންނަކީ ރީޠާ ބިންތި އަބޫ އަލްއައްބާސް އައްސައްފާޙު އެވެ. މިއީ އައްބާސީ ދައުލަތުގެ 3ވަނަ ޚަލީފާ އެވެ.

ވެރިކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 158ވަނަ އަހަރު ބައްޕާފުޅު އަބޫ ޖަޢުފަރު އަލްމަންޞޫރު އަވަހާރަވުމާއި ގުޅިގެންނެވެ. ރައްޔިތުން ދެކެ ލޯބިވެލައްވާ، އުޅުމާއި ޚުލްގު ހެޔޮ މާތް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައި ވެއެވެ. ވެރިކަމުގެ ދުވަސްވަރު އިންޑިޔާގެ އިރުބަދު އޭ ކިޔުނު ހިސާބާއި ރޫމީންގެ އެތައް ރަށްތަކެއް ފަތަހަކުރައްވައި، ރަޞާފާ މިސްކިތް ބިނާކުރެއްވި އެވެ. ޙިޖާޒުކަރައިން އިރާގަށް ފުރަތަމަ ފަހަރަށް ޕޯސްޓްގެ ޚިދުމަތް ތަޢާރަފު ކުރެއްވި އެވެ. މަގުތައް ހައްދަވައި ވިޔަފާރި ފުޅާކުރެއްވި އެވެ. މަސްޖިދުލް ހަރާމް އަދި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތް ކުރެއްވުމަށް މީސްތަކުންނަށް އެންގެވިއެވެ. އަދި މައްކާއަށް ދަތުރުކުރާ މަގުގައި ދަތުރުވެރިން މަޑުކޮށްގެން ތިބުމަށް ގަނޑުވަރެއް ބިނާކުރެއްވި އެވެ.

ހިޖުރައިން 169ވަނަ އަހަރު އަވަހާރަވުމާއި ހަމައަށް ވެރިކަމުގައި ދެމިހުންނެވި އެވެ. 10އަހަރާއި 1މަސް ދުވަހުގެ މުއްދަތަށް ޚަލީފާކަން ކޮށްފައި ވެއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 42އަހަރު އެވެ.

4- އަބޫ މުޙައްމަދު މޫސާ އަލްހާދީ

ފުރިހަމަ ނަންފުޅަކީ މޫސާ ބިން މުޙައްމަދު(އަލްމަހްދީ) ބިން ޢަބުދުﷲ(އަލްމަންޞޫރު) އެވެ. މަޝްހޫރުވެ ވަޑައިގެންފައި ވަނީ އަލްހާދީގެ ގޮތުގައެވެ. މަންމާފުޅަކީ ޚައިޒަރާން އެވެ. އުފަންވެވަޑައިގެންފައިވަނީ ހިޖުރައިން 144ވަނަ އަހަރު ''އައްރައްޔު'' އޭ ކިޔުނު ރަށުގައެވެ. މިއީ އައްބާސީ ދައުލަތުގެ 4ވަނަ ޚަލީފާ އެވެ.

ވެރިކަމަށް އިސްކުރެވުނީ ބައްޕާފުޅު އަވަހާރަވުމާއި ގުޅިގެން ހިޖުރައިން 169ވަނަ އަހަރު އެވެ. ބައްޕާފުޅު ޒަނާދިޤާއިން ގަތުލުކުރެއްވުމަށް ވަޞިއްޔަތް ކުރުމުން އޭގެތެރެއިން ވަރަށް ގިނަ ބަޔަކު ގަތުލުކުރެއްވި އެވެ. މާތްކަމާއި ދީލަތިކަމުގެ ސަބަބުން މަޝްހޫރުކަން ލިބިފައި ވެއެވެ.

ހިޖުރައިން 170ވަނަ އަހަރު އަލްހާދީ ގަތުލުކުރެވުނެވެ. އޭރު އުމުރުފުޅަކީ 26އަހަރު އެވެ. ޚަލީފާކަން ކޮށްފައިވަނީ އަހަރަކާއި ދެތިން މަސްދުވަހު އެވެ. އަލްހާދީ ގެ ގަތުލާއި ބެހޭގޮތުން ވަރަށް ގިނަ ރިވާޔަތްތައް އުފެދިފައި ވެއެވެ. އެއްރިވާޔަތެއްގައި ބުނަނީ އޭނާގެ މަންމަ ޚައިޒަރާންގެ ރޭވުމެއްގެ ދަށުން ވިހަދީގެން އަލްހާދީ ގަތުލުކުރެވުނީ ކަމުގައެވެ. އަނެއް ރިވާޔަތެއްގައި ބުނަނީ އޭނާގެ މަންމަ ޖާރިޔާއިންތަކެއް ލައްވައި އަލްހާދީގެ ނޭވާ ހާސްކޮށްލައިގެން ގަތުލުކުރެވުނީ ކަމަށެވެ.

5- ހާރޫން އައްރަޝީދު

ފުރިހަމަ ނަންފުޅަކީ ހާރޫން ބިން މުހައްމަދު(އަލްމަހްދީ) ބިން ޢަބުދުﷲ (އަލްމަންޞޫރު) އެވެ. ނުވަތަ ހާރޫން ބިން މުހައްމަދު ބިން އަލްމަންޞޫރު އެވެ. މަޝްހޫރުވެވަޑައި ގެންފައިވަނީ ހާރޫން އައްރަޝީދު ގެ ގޮތުގައެވެ. ހިޖުރައިން 149ވަނަ އަހަރު ''އައްރައްޔު'' އޭ ކިޔުނު ރަށުގައެވެ. އުފަންވެ ވަޑައިގަތީ ހިޖުރައިން 148 އަދި 145 ކަމުގައިވެސް ބައެއް ފޮތްތަކުގައި ބުނެފައިވެއެވެ. މަންމާފުޅަކީ ޚައިޒަރާން އެވެ. މިއީ ޢައްބާސީންގެ 5ވަނަ ޚަލީފާއެވެ.

ވެރިކަމަށް އިސްކުރެވުނީ ކޮއްކޯފުޅު އަލްހާދީ އަވަހާރަވުމާއި ގުޅިގެން ހިޖުރައިން 170ވަނަ އަހަރު އެވެ.އެންމެ ވަރުގަދަ އެންމެ ރަގަޅު އެއް ޚަލީފާ ކަމުގައި ބެލެވެއެވެ. އެއްއަހަރު ޙައްޖުކުރައްވައި އަނެއް އަހަރު ހަގުރާމައަށް ނިކުމެވަޑައިގަންނަމުން ގެންދިޔައެވެ. އޭނާގެ ޚިލާފަތުގައި ދުނިޔެ ދޫކުރުމާއި ހަމައަށް ކޮންމެ ދުވަހަކު 100 ރަކުއަތް ނަމާދުތަކުގައި ކުރައްވާ ކަމުގައި ވެއެވެ. އަދި ކޮންމެ ދުވަހަކު މުދަލުން 1000 ދިރުހަމް ޞަދަގާތްކުރައްވަ އެވެ.

ހާރޫން އައްރަޝީދު ގެ ވެރިކަމުގައި ޔޫރަޕުގައި ވެރިކަން ހިންގަމުން ބައިޒަންޠީނީން ނާއި އެތައް ހަގުރާމަތަކެއް ކުރެއްވިއެވެ. ޤަސްޠަންޠީނީންގެ ދޮރޯށިތަކާއި ހަމައަށް ވާސިލްވި އެވެ. ފާރިސީ ރަށްތައް ކޮންޓްރޯލްގެ ދަށަށް ގެންނަވައި، އުތުރު އެފްރިކާގެ ހިސާބުތަކުގައި ވެރިކަން ހިންގަމުން އައި އަޣާލިބީންގެ މައްޗަށް ބާރުފޯރުވި އެވެ. ފަރަންޖިންގެ ރަސްކަލެއް ކަމުގައިވާ ޝާރްލަމާން އާއި ގާތްގުޅުމެއް ބޭއްވެވި އެވެ. ވިޔަފާރި އާއި އިލްމާއި، އަދަބިއްޔާތު ހާރޫންގެ ވެރިކަމުގައި ކުރިއަރައިގެން ގޮސްފައިވެއެވެ. ''ހަރުޤަލް'' އޭ ކިޔުނު ރަށާއި ހަގުރާމަ ކުރައްވައި ރޫމީންގެ ރަށްތަކަށް ލަޝްކަރުތައް ހަގުރާމަ އަށް ފޮނުއްވި އެވެ. ޙަމީދު ބިން މަޢުޔޫފް ސައިޕްރަސް އަށް ފޮނުއްވައި އެތާގެ އަހުލުވެރިން ތެރެއިން 16ހާސް މީހުން ކުއްވެރިންގެ ގޮތުގައި ހައްޔަރު ކުރެއްވި އެވެ.

ހިޖުރައިން 179ވަނަ އަހަރު ގައި ޢުމުރާ އަށް ވަޑައިގެން އުމުރާ ކުރެއްވި އެވެ. އެއަށްފަހު ޙައްޖުކޮށް ނިމެންދެން އިޙްރާމް ބަދެގެން ހުންނެވި އެވެ. މައްކާއިން ޢަރަފާތުގެ ބިމަށް ހިގާފައި ވަޑައިގެންނެވި އެވެ. އަވަހާރަވެ ފަސްދާނުލެވިފައިވަނީ ހިޖުރައިން 193ވަނަ އަހަރުގެ ޖުމާދިލް އާޚިރާ މަހުގެ 3ވަނަ ދުވަހު ޚުރާސާންގެ ޠޫސް އޭ ކިޔުނު ހިސާބު ގައެވެ. އޭރު އުމުރު ފުޅަކީ 44އަހަރެވެ. ޚަލީފާކަން 22އަހަރު ދުވަހު ކޮށްފައި ވެއެވެ. 10އަންހެން ކުދިންނާއި 10ފިރިހެންކުދިން ލިބިލެއްވި އެވެ.

6- އަބޫ މޫސާ މުޙައްމަދު އަލްއަމީން

ފުރިހަމަ ނަންފުޅަކީ މުޙައްމަދު ބިން ހާރޫން އައްރަޝީދު ބިން އަލްމަހްދީ ބިން އަލްމަންޞޫރު އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްއަމީންގެ ގޮތުގައެވެ. އުފަންވެވަޑައިގެންފައިވަނީ ހިޖުރައިން 170ވަނަ އަހަރު ބަޣުދާދުގެ ރަޞާފާ ގައެވެ. މަންމާފުޅަކީ ޒަބީދާ ބިންތި ޖަޢުފަރު އަލްމަންޞޫރު އެވެ. މިއީ އައްބާސީ ދައުލަތުގެ 6ވަނަ ޚަލީފާ އެވެ. ހާޝިމީ ދަރިކޮޅަށް އެމީހެއްގެ މަންމައާއި ބައްޕަ ނިސްބަތްވާ ހަމައެކަނި ޚަލީފާ އަކީ މިއީ އެވެ.

ބައްޕާފުޅު ހާރޫން އައްރަޝީދު ގެ ދުނިޔޭގައި ހުންނެވި އިރު އޭނާގެ 3ދަރިންނަށް ވަލީއަހުދު ކަން ދެއްވި އެވެ. އެއީ މުހައްމަދު(އަލްއަމީން)، ޢަބުދުﷲ(އަލްމައުމޫން)، އަދި އަލްގާސިމް(އަލްމުއުތަމިން) އެވެ. އެހެންކަމުން ހާރޫން އައްރަޝީދު ގެ ދުވަސްވަރު 3ދަރިންނަށް ދައުލަތުގެ ބިންތައް ބެއްސެވި އެވެ. އެގޮތުން ޚުރާސާން އާއި މަޝްރިގު އަލްމައުމޫން އަށް ދެއްވައި، މަޣްރިބުއާއި އިރާގު އަލްއަމީން އަށްދެއްވައި، އަދި ޖަޒީރާ އަލްމުއުތަމިން އަށް ދެއްވިއެވެ.

ބައްޕާފުޅު މަރުމަތީގައި ކުރެއްވި ވަޞިއްޔަތާއި ގުޅިގެން ހިޖުރައިން 193ވަނަ އަހަރު ވެރިކަމަށް އިސްކުރެވުނެވެ. އޭރު ބޭބޭފުޅު އަލްމައުމޫން ހުންނެވީ ޚުރާސާންއާއި އެރަށުގެ ވަށައިގެންވާ ރަށްތަކަށް އިސްވެ އެވެ. އަދި އަލްގާސިމް ހުންނެވީ ޖަޒީރާގެ ވެރިކަމަށް އިސްވެއެވެ. ހިޖުރައިން 195ވަނަ އަހަރު އަލްމައުމޫން އަދި އަލްގާސިމްގެ އަތުން ވަލީ އަހުދުކަން ނިގުޅައި ގަނެވިއްޖެކަން އަލްއަމީން އިޢުލާން ކުރެއްވި އެވެ. އަދި އަލްއަމީންގެ ދެދަރިންނަށް ވަލީ އަހުދުކަން ދެއްވިއެވެ. އެއަށްފަހު އަލްމައުމޫން އާއި އަލްއަމީންއާއި ދެމެދުގައި ތަޅާފޮޅުން ހިގައި އަލްމައުމޫން ވެރިކަމަށް އިސްވި އެވެ. އެއީ ހިޖުރައިން 198ވަނަ އަހަރު އެވެ.

އަލްއަމީން ވެފައިވަނީ ދައުލަތުގެ ބަޖެޓުން ބޭކާރު ފާސިދު އަމަލުތައް ފައިސާހޭދަކުރުން ގިނަ ބޭފުޅަކަށެވެ. އަލްއަމީން އަވަހާރަވެފައިވަނީ ގަތުލުކުރެވިގެން ހިޖުރައިން 198ވަނަ އަހަރު ސަލާމް ގައެވެ. އޭރު އުމުރުފުޅަކީ 28އަހަރު އެވެ. ޚަލީފާކަން 5އަހަރުގެ މުއްދަތަށް ކޮށްފައި ވެއެވެ.

7- އަބޫ ޖަޢުފަރު ޢަބުދުﷲ އަލްމައުމޫން

ފުރިހަމަ ނަންފުޅަކީ ޢަބުދުﷲ ބިން ހާރޫން އައްރަޝީދު ބިން އަލްމަހްދީ ބިން އަލްމަންޞޫރު އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްމައުމޫން ގެ ގޮތުގައެވެ. އިރާގުގައި ވެރިކަން ހިންގި ޢައްބާސީ ދައުލަތުގެ 7 ވަނަ ޚަލީފާ އަލްމައުމޫން އުފަންވެ ވަޑައިގެންފައިވަނީ ހިޖުރައިން 170ވަނަ އަހަރު އެވެ. ވެރިކަމަށް އިސްވެ ވަޑައިގަތީ ކޮއްކޯފުޅު އަލްއަމީން ވެރިކަމުން ދުރުކުރެއްވުމަށް ފަހު ހިޖުރައިން 198ވަނަ އަހަރު އެވެ.

އަލްމައުމޫން އަކީ ހިތްވަރުގަދަ، ޖެހިލުންކުޑަ، ހއިބަތުހުރި، ވިސްނުންތޫނު، އަދަބުވެރި، އަދި ދީލަތި ހިތްހެޔޮ ބޭފުޅެއްކަމުގައި ބުނެވެއެވެ. ޝީޢީންނަށް މާބޮޑަށް އިހްތިރާމްކޮށް ހެދި ކަމުގައިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަލީ އައްރިޟާ މޫސާ ބިން އަލްކާޡިމްއާއި އޭނާގެ ދަރިކަނބަލަކާއި ދެވައި، އަލީ އައްރިޟާ އަށް ވެރިކަން ދެއްވުމަށް އަހުދު ކުރެއްވި އެވެ. ނަމަވެސް އައްބާސީ ދަރިކޮޅުގެ މީހުން މިކަމަށް ދެކޮޅުހެއްދެވިއެވެ.

ވެރިކަމުގެ ދުވަސްވަރު ފަލްސަފާ، ފިގުހު، އަދި އަރަބި ބަހަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ދެއްވާފައި ވެއެވެ. ފަލްސަފާ ފޮތްތައް ތަރުޖަމާ ކުރައްވައި ރައްޔިތުންނަށް އެކިޔުމަށް ބާރުއެޅުއްވި އެވެ. އޭނާގެ ވެރިކަން އެފްރިކާގެ ހިސާބުތަކުން ފެށިގެން ގޮސް ޚުރާސާން އާއި، ކޯރުގެ ފަހަތުގައި ވާ ރަށްތަކޭ ކިޔޭ ހިސާބާއި، ސިންދު އަށް ފެތުރިފައި ވެއެވެ. ދިމިޝްޤަށް ވަދެވަޑައިގެންނެވި އެވެ. ޢައްބާސީ ދައުލަތުގެ ދުވަސްވަރު މިޞްރަށް ފުރަތަމަ ވަޑައިގެންނެވި ޚަލީފާ އަކީ އަލްމައުމޫން ކަމުގައި ބުނެވެއެވެ. ޚަލީފާ އަލްމައުމޫން އަވަހާރަވެފައި ވަނީ ހިޖުރައިން 218ވަނަ އަހަރު ގެ ރަޖަބު މަހުގެ ތެރޭގައި ބިދަންދޫން ގައެވެ. ފަސްދާނުލެވިފައި ވަނީ ޠަރްސޫސް ގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 48އަހަރު އެވެ. ޚަލީފާކަން 20އަހަރު ގެ މުއްދަތަށް ކޮށްފައި ވެއެވެ.

8- އަބޫ އިސްޙާގު އަލްމުޢުތަޞިމް

ފުރިހަމަ ނަންފުޅަކީ މުޙައްމަދު ބިން ހާރޫން އައްރަޝީދު ބިން އަލްމަހްދީ ބިން އަލްމަންޞޫރު އެވެ. މަޝްހޫރުވެ ވަޑައިގެންފައި ވަނީ އަލްމުޢުތަޞިމް ބިﷲ ގެ ގޮތުގައެވެ. އުފަންވެ ވަޑައިގަތީ ހިޖުރައިން 179ވަނަ އަހަރު އެވެ. މަންމާފުޅަކީ މާރިދާ އޭ ބޭކަނބަލެކެވެ. ޅަދުވަހު ތައުލީމަށް ފުރަގަސްދިނުމުގެ ސަބަބުން މާރަގަޅަށް ލިޔަންކިޔަން ނޭގޭ ކަމުގައި ބުނެވެއެވެ. ވެރިކަމަށް އިސްކުރެވުނީ ހިޖުރައިން 218ވަނަ އަހަރު އަލްމައުމޫން އަވަހާރަވުމާއި ގުޅިގެންނެވެ. އެންމެ ފުރަތަމަ ﷲ ގެ އިސްމުފުޅު ނަމުގެ ފަހަތަށް އިތުރު ކުރެއްވި ޚަލީފާ އަކީ އަލްމުޢުތަޞިމް ބިﷲ އެވެ.

އަލްމުޢުތަޞިމް ބިﷲ ގެ ވެރިކަމުގައި ރޫމީންގެ އިރުމަތީ ރަށްތަކުން ޢަމޫރިޔާ ފަތަހަކުރެއްވި އެވެ. ހިޖުރައިން 222ވަނަ އަހަރު އިރާގު ގެ ސާމަރާ ބިނާކުރެއްވި އެވެ. ''އަލްމުޘައްމިން''(8ގެ ވެރިޔާ) އޭ ކިޔުނެވެ. އެއީ އައްބާސީ ދައުލަތުގެ 8ވަނަ ޚަލީފާއެވެ. ހާރޫން އައްރަޝީދު ގެ 8 ވަނަ ދަރިކަލުގެ ދަރިކަލުންނެވެ. 8އަހަރާއި 8މަހާއި 8 ދުވަހު ވެރިކަން ކުރެއްވި އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 48އަހަރު އެވެ. ވެރިކަމަށް އިސްވީ 218ވަނަ އަހަރު އެވެ. 8 ރަށްފަތަހަ ކުރައްވައި 8 އަދުއްވުން ގަތުލުކުރެއްވި އެވެ. 8އަންހެންކުދިންނާއި 8 ފިރިހެންކުދިން ލިބިވަޑައިގެންނެވި އެވެ. އަލްމުޢުތަޞިމް ބިﷲ އަވަހާރަވެފައިވަނީ ހިޖުރައިން 227ވަނަ އަހަރު އިރާގުގެ ސާމަރާ ގައެވެ.

9- އަބޫ ޖަޢުފަރު ހާރޫން އަލްވާޘިގް

ފުރިހަމަ ނަންފުޅަކީ ހާރޫން(އަލްވާޘިގް ބިﷲ) ބިން މުހައްމަދު (އަލްމުޢުތަޞިމް ބިﷲ)ބިން ހާރޫން އައްރަޝީދު އެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 200ވަނަ އަހަރު ބަޣުދާދު ގައެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްވާޘިޤް ބިﷲ ގެ ގޮތުގައެވެ. މަންމާފުޅަކީ ޤަރާޠީސް އޭ ކިޔޭ ރޫމީ ބޭކަނބަލެކެވެ. މިއީ އައްބާސީ ދައުލަތުގެ 9ވަނަ ޚަލީފާއެވެ.

ބައްޕާފުޅު އަލްމުޢުތަޞިމް ބިﷲ ބަޣްދާދުއިން ބޭރަށް ސާމަރާއަށް ލަޝްކަރާއިގެން ވަޑައިގަތުމަށް ބޭނުންވި ހިނދު އަލްވާޘިގް ބިﷲ ބަޣްދާދުގެ ނާއިބަކަށް އިސްކުރެވުނެވެ. އަދި ވެރިކަން ދެއްވުމަށް އަހުދު ކުރެއްވި އެވެ.ވެރިކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 722ވަނަ އަހަރު ބައްޕާފުޅު އަވަހާރަވުމާއި ގުޅިގެންނެވެ.

އަލްވާޘިގް ބިﷲ އަކީ ޅެންވެރިއެކެވެ. ދޫހެލޭ ބަސްމޮށުންތެރިއެކެވެ. ހަރަކާތްތަކާއި އުޅުން ޚަލީފާ މައުމޫން އާއި އެއްގޮތް ސިފަތަކެއް ހުންނަ ކަމުގައި ބުނެވެއެވެ. ވެރިކަމުގެ ދުވަސްވަރު ޠާލިބީން(އަބޫ ޠާލިބުގެ ދަރިފަސްކޮޅުގެ މީހުން) އަށް ރަގަޅަށް ކަމޭހިތައި ހެއްދެވި އެވެ. ތުރުކީންގެ ރަސްކަލަކާއި ފުރަތަމަ ދެބަސްވެ، ޚިޔާލުތަފާތުވުން އުފެދުނީ އަލްވާޘިގް ބިﷲގެ ޒަމާނުގައެވެ. ޢިލްމުވެރިންގެ ތެރެއިން ބަޔަކު ޖަލުގައި ހައްޔަރު ކުރެއްވިއެވެ. އޭގެ ތެރޭގައި ނަޢީމް ބިން ޙައްމާދު ފަދަ ބޭފުޅުން ހިމެނެއެވެ. ޙަންބަލީ މަޛުހަބުގެ ވެރިޔާ އަޙުމަދު ބިން ޙަންބަލް އާއި ދެކޮޅު ހެއްދެވި އެވެ. ބުނެވޭގޮތުގައި އަލްވާޘިގް ބިﷲ ވެރިކަމުގައި ހުންނެވި ދުވަސްވަރު އިމާމް ޙަންބަލީ ގެއިން ބޭރަކަށް ނުނިކުންނަ ވައެވެ. އެކިއެކި ދިމާލުން ދައުލަތަށް އުދަގޫތައް އިންގިލާބުތަކާއި ހަމަނުޖެހުންތަކުގެ ސިފައިގައި ފޯރަމުން ގެންދިޔައެވެ. ނަމަވެސް މިފަދަ އެއްވެސް އަމަލެއް ކާމިޔާބު ވެފައެއް ނުވެއެވެ. މިއުޒިކަށް ލޯބި ކުރައްވައި ރާގު އަމިއްލައަށް ހައްދަވައި އުޅުއްވި ކަމުގައި ބުނެވެއެވެ.

ހިޖުރައިން 232ވަނަ އަހަރު އިރާގުގެ ސާމަރާގައި ދުނިޔެދޫކުރައްވަންދެން ވެރިކަމުގައި ދެމިހުންނެވިއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 36އަހަރެވެ. ޚަލީފާކަން 5 އަހަރާއި ދެތިން މަސްދުވަހު ކޮށްފައި ވެއެވެ.


ގުޅުންހުރި:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.