ބުރާސްފަތި20201029

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާނުގައި ހިގާފައިވާ ހަގުރާމަތައް

ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާނުގައި ހިގާފައިވާ ހަގުރާމަތައް

abbasee-hagurama-11- ޢަމޫރިއްޔާ ފަތަޙަކުރެއްވުން

ހަގުރާމަ ހިންގި ދެފަރާތް: މިއީ މުސްލިމުންނާއި ރޫމީންނާއި (ބީޒަންޠީން) ދެމެދު ކުރެވުނު ހަގުރާމައެކެވެ. މިހަގުރާމައިގެ މުސްލިމުންގެ ވެރިއަކަށް ހުންނެވީ ޚަލީފާ އަބޫ އިސްޙާގު އަލްމުޢުތަޞިމް އެވެ. ރޫމީންގެ ލަޝްކަރުގެ ވެރިއަކަށް ހުންނެވީ ޘިޔޯފިލޯސް އެމްޕަރާއެވެ.

ހަގުރާމަ ހިނގި ތަން: ޢަމޫރިއްޔާ ސިޓީ (Amorium)

ހަގުރާމަ ހިނގި ތާރީޚް: ހިޖުރައިން 223ވަނަ އަހަރުގެ ރަމަޟާން މަހުގެ 6ވަނަ ދުވަސް

ހަގުރާމަ ހިނގަށް ޖެހުނު ސަބަބު: ރޫމީންގެ ރަސްކަލަކަށް ހުންނެވި ޘިޔޯފިލޯސް ބޮޑު ލަޝްކަރަކާއިގެން ''އިސްބަރްޠާ'' އަށް ވަދެ އެރަށް ހަލާކުކޮށް ލިއެވެ. އެއަށްފަހު ''މަލަޠްޔާ'' އަށް އަރައި އެރަށުގެ ރައްޔިތުންނަށް ހަމަލާދީ އެރަށުގައި ހުރި މުސްލިމުންގެ ކޯއްޓޭތަކާއި ކިއްލާ ތަކަށް ވަދެގަތެވެ. މިޚަބަރު ޚަލީފާ އަލްމުޢުތަޞިމް އަށް ލިބިވަޑައިގަތުމާއި އެކު ލަޝްކަރާއިގެން ނިކުމެވަޑައިގެންނެވި އެވެ.

ހަގުރާމަ ހިނގައިދިޔަގޮތް: މުސްލިމުންނަށް ލިބުނު އަނިޔާއާއި ދެރަ ޤަބޫލުނުކުރައްވައި، އެކަމަށް ބަދަލުހިއްޕަވައި، މުސްލިމުންނާ ދެން ބެހެން ރޫމީންނަށް ނުކެރޭނެ ވަރުކުރައްވަން މުޢްތަޞިމް ބޭނުންފުޅުވިއެވެ. އަދި ރޫމީންގެ އެންމެ ބާރުގަދަ ރަށަކީ ކޮބައިތޯ ސުވާލު ކުރެއްވުމުން، އެއީ ރޫމީންގެ މުގައްދަސް ރަށެއް ކަމުގައިވާ ޢަމޫރިޔާ ކަމުގައި ދެންނެވުނެވެ. މުސްލިމުންގެ ބޮޑު ލަޝްކަރެއް ތައްޔާރުކުރައްވައި، މުސްލިމުންގެ ލަޝްކަރު ދެބަޔަށް ބައްސަވައި އެއްބައިގެ ވެރިއަކަށް ސީދާ އަލްމުޢުތަޞިމް ހުންނެވިއެވެ. އަނެއް ބައިގެ ވެރިއަކަށް ބެހެއްޓެވީ އަފްޝީން އޭ ކިއުނު މުސްލިމް ޤާއިދެކެވެ. މުސްލިމުންގެ ލަޝްކަރަށް ޢަމޫރިޔާއަށް ވާސިލްވެވުނީ ހިޖުރައިން 223ވަނަ އަހަރު ރަމަޟާން މަހުގެ 6 ވަނަ ދުވަހު އެވެ. ރަށުގެ ވަށައިގެން ލެވިފައިވާ ފާރުން ބާގަނޑެއް ހަދައިގެން ރަށަށް ވަދެ މުސްލިމުން އެރަށް ޙިޞާރުކޮށް ފަތަހަކުރި އެވެ.

ހަގުރާމަ އިން ނިކުތް ނަތީޖާ: މިހަގުރާމައިގެ ސަބަބުން މުސްލިމުންގެ ބާރު އިތުރަށް ވަރުގަދަ ވެގެން ދިޔަކަން ފާހަގަވިއެވެ.

2- ޞަޤްލިއްޔާ ފަތަޙަކުރެއްވުން

ހަގުރާމަ ހިންގި ދެފަރާތް: މިއީ މުސްލިމުންނާއި ބައިޒަންޠީންނާއި ދެމެދު ހިނގި ހަގުރާމަ އެކެވެ. މިހަގުރާމައިގައި މުސްލިމުންގެ ލަޝްކަރުގެ ވެރިއަކަށް ހުންނެވީ އަސަދު ބިން ފުރާތު އެވެ.

ހަގުރާމަ ހިނގި ތަން: ޞަޤްލިއްޔާ (ޖަޒީރާ ރަށެއް )

ހަގުރާމަ ހިނގި ތާރީޚް: ހިޖުރައިން 211ވަނަ އަހަރު

ހަގުރާމަ ހިނގަށް ޖެހުނު ސަބަބު: ޞަޤްލިއްޔާ ފަތަހަކުރެއްވުމަށް އެތައް ފަހަރަކު މުސްލިމުން މަސައްކަތް ކޮށްފައި ވެއެވެ. ފުރަތަމަ މަސައްކަތްކުރެވުނީ މުޢާވިޔަތު ބިން އަބޫ ސުފްޔާންގެ ވެރިކަމުގައި އުމަވީ ދައުލަތުގެ ދުވަސްވަރުގައެވެ. އެއަށްފަހު ތޫނިސް ގައި އަޣާލިބީ ދައުލަތް އުފެދުމާއި ދޭތެރޭގައި ވެސް ތަފާތު ފަހަރު ތަކުގައި އެރަށް ފަތަހަކުރެއްވުމަށް މަސައްކަތް ކުރެވިފައި ވެއެވެ. ބައިޒަންޠީން ގެ ބޮޑުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދި ރަށުގެ ވެރިއަކަށް ހުންނެވި ''ފީމީ''އާއި ދެކޮޅަށް ނިކުމެ އެރަށަށް އަރައިގަތުމަށް ނިންމެވުމުން ފީމީ ތޫނިސް ގައި ހުންނެވި އަޣާލިބީންގެ ވެރިޔާ ޒިޔާދަތުﷲ ބިން އަޣްލަބުގެ ކިބައިން އެހީއަށް އެދިވަޑައިގެންނެވި އެވެ.

ހަގުރާމަ ހިނގައި ދިޔަގޮތް: އަޣާލިބީންގެ އަމީރު ޒިޔާދަތުﷲ ބިން އަޣްލަބު ގައިރަވާން ގެ ގާޟީ އަސަދު ބިން ފުރާތު ވެރިއަކަށް އިސްކުރައްވައި ވަރުގަދަ ލަޝްކަރެއް ތައްޔާރު ކުރެއްވި އެވެ. އެއަށް ލަޝްކަރައިގެން ޞަޤްލިއްޔާ އަށް ވަދެގަތެވެ. އެހިނދު ރޫމީންގެ އެހީ ޞަޤްލިއްޔާ ގެ ނަޞާރާއިންނަށް ލިބިގެންދިޔައެވެ. އެއާއި އެކު ފީމީ މުސްލިމުންނާއި އެކު ހަދައިފައި އޮތް އެއްބަސްވުމާއި ޚިލާފުވެ އެކަން ބާތިލްކުރެއްވި އެވެ. ނަތީޖާއެއްގެ ގޮތުން ވެރިއަކަށް ހުންނެވި އަސަދު ބިން ފުރާތު އާއި އަދި ވަރަށް ގިނަ ބަޔަކު މަރުވެގެން ދިޔައެވެ. އެއަށްފަހު މުސްލިމުން އަންދަލުސް އަދި ގައިރަވާން އިން ހަގުރާމަ އަށް ބޭނުންވާ މަދަދާއި އެހީ ލިބެންދެން ރަށުގެ ތެރެއަށް އެރުން މަޑުޖައްސާލައިގެން ތިއްބެވިއެވެ. އެހީ އައުމުން މުޙައްމަދު ބިން އަބީ އަލްޖަވާރީ ވެރިއަކަށް ހުރެގެން ''ބަލްރަމް'' ފަތަހަކޮށް ބާކީ ހުރިރަށްތައް ވެސް ފަތަހަކުރެއްވި އެވެ.

ހަގުރާމަ އިން ނިކުތް ނަތީޖާ: މިރަށް ފަތަހަކުރެއްވުމުން އެފްރިކާގެ ހިސާބުގައި ތިބި މުސްލިމުންގެ ސަރަހައްދުތަކަށް އަމާންކަން ލިބިގެން ދިޔައެވެ. އެއީ މުސްލިމުންނަށް ހަމަލާދިނުމަށް ރޭވުންތައް ރާވާ ރޫމީންގެ މަޞްދަރެއްގެ ގޮތުގައި އޭރު ޞަޤްލިއްޔާ ބޭނުންކޮށްފައި ވާތީ އެވެ. އަދި ފަތަހައަށް ފަހު މުސްލިމުންގެ ރަށްތަކެއްގެ ގޮތުގައި ޞަޤްލިއްޔާ ހިމެނޭ ހިސާބު ވެގެން ދިޔައެވެ.

3- އައްޞަވާއިފް ވައްޝަވާތީ

މިއީ ރޫމީންގެ ރަށްތަކާއި މެދުތެރޭ އޭޝިޔާގެ ހިސާބުތަކަށް ހަގުރާމަކުރެއްވުމަށް ކޮންމެ ހޫނުމޫސުމަކާއި ފިނިމޫސުމެއްގައި ހިންގާ އަސްކަރީ ޙަމަލާތަކަކަށް ކިޔާ ނަމެކެވެ. ޞަވާއިފް އޭ ކިޔެނީ ހޫނުމޫސުމްގައި ނިކުންނާތީ އެވެ. ޞަވާއިފް މިބަސް ނެގިފައިވަނީ ޞައިފް އިންނެވެ. މާނައަކީ ހޫނު މޫސުން އެވެ. ޝަވާތީ މިބަސް ނެގިފައިވަނީ ޝިތާއު އިންނެވެ. މާނައަކީ ފިނި މޫސުމެވެ. އުމަވީ ދައުލަތުގެ ފަހުކޮޅުން ފެށިގެން އައްބާސީ ދައުލަތުގެ ވެރިކަން ފެށިފަހުން ވެސް ''ޢަމޫރިއްޔާ ފަތަހަކުރެއްވުން'' އަދި ''ޞަޤްލިއްޔާ'' ފަތަހަ ކުރެއްވުން ނޫން އެހެން ފަތަހަކުރެއްވުމެއް ހިގާފައެއް ނުވެއެވެ. އެހެން ކަމުން މުސްލިމުންގެ ބާރު ގަދަކޮށް މުސްލިމުންގެ ޙުދޫދުން ރޫމީން ފައްސާލުމަށް މިގޮތުން ދެވުނު މުހިއްމު އަސްކަރީ ޙަމަލާތައް ތިރީގައި މިވަނީއެވެ.

- ހިޖުރައިން 137ގައި ޚަލީފާ އަބޫ ޖަޢުފަރު އަލްމަންޞޫރު ވެރިކަމަށް އިސްވި ތަނާހެން އޭނާގެ ބޮޑުބޭބެ ޞާލިޙް ބިން ޢަލީ ވެރިއަކަށް ހުރެގެން ހޫނުމޫސުމެއްގައި ''މުލާޠިޔާ'' އަށް އަތުލައްވައި ރޫމީންގެ ރަށްތަކަށް ވަދެގަތެވެ. ހިޖުރައިން 141ވަނަ އަހަރު އަބޫ ޖަޢުފަރު އަލްމަންޞޫރު ''މަޞީޞާ''ގެ ވަށައިގެން ސަލާމަތަށް ލެވިފައިވާ ފާރުން ބާގަނޑެއް ހެއްދެވި އެވެ. އެއީ ރޫމީންގެ ރަށްތަކަށް ހަމަލާ ދިނުމަށްޓަކައެވެ. ބައްޕަ އަބޫ ޖަޢުފަރު އަލްމަންޞޫރު ގެ އަމުރުފުޅަށް އަލްމަހްދީ ''ޠަބްރުސްތާން'' ގައި ހަގުރާމަކުރެއްވި އެވެ. ހިޖުރައިން 143ވަނަ އަހަރު ''ދައިލަމް'' ގެ އަހުލުވެރިން ވަރަށް ގިނަ މުސްލިމުން ގަތުލުކުރެއްވުމާއި ގުޅިގެން އަބޫ ޖަޢުފަރު އަލްމަންޞޫރު އެމީހުންނާއި ހަގުރާމަ ކުރެއްވި އެވެ.

- ހިޖުރައިން 153ވަނަ އަހަރު މުސްލިމުން ރޫމީންނާއި ހަގުރާމަކޮށް 6ހާސް މީހުންން އަސީރުންނަށް ހައްދަވައި ވަރަށް ގިނަ ޣަނީމާ މުދާ ހޯއްދެވި އެވެ. މިހަގުރާމައިގައި މުސްލިމުންގެ ވެރިއަކަށް ހުންނެވީ މަޣްޔޫފް ބިން ޔަޙްޔާ އަލްޙަޖޫރީ އެވެ.ހިޖުރައިން 157ވަނަ އަހަރު ކަޝްމީރުގައި މުސްލިމުންނާއި މެދުގައި ހެދިފައި އޮތް އެއްބަސްވުން އުވާލި އެވެ. އެއާގުޅިގެން އެރަށް އަލުން ހިޝާމް ބިން ޢަމްރޫ އައްތަޣައްލުބީ ގެ ދުވަސްވަރު ފަތަހަ ކުރެވުނެވެ. ހިޖުރައިން 162ވަނަ އަހަރު ރޫމީންގެ ރަށްތަކަށް ޙަސަން ބިން ޤަޢުޠަބާ ވަދެގަނެ ވަރުގަދަ ކާމިޔާބީ އެއް ހޯއްދެވިއެވެ. ހަމަ އެއަހަރު ހާރޫން އައްރަޝީދު އަދި ޚާލިދު ބިން ބަރްމަކް ވެރިއަކަށް ތިބެގެން ޚުރާސާން އަށް ހަމަލާ ދެއްވި އެވެ.

- ހިޖުރައިން 165ވަނަ އަހަރު ހާރޫން އައްރަޝީދު '''މަރުމަރާ'' ކަނޑުގެ އައްސޭރި ފަށަށް ހަމަލާ ދީ އެތާގައި ވެރިއަކަށް ހުންނެވި ރޫމީންގެ ރަނިކަމަނާ ''އޮޣަސްޠާ'' އާއި އެކު ޞުލްޙަ ވިއެވެ. ދެއަހަރު ދުވަހު އެގޮތަށް ޞުލްޙަވެރިކަންމަތީ ދެމިއޮތުމަށްފަހު ރޫމީން އެޞުލްޙަވުން އުވާލެއްވި އެވެ. އެހިނދު ޔަޒީދު ބިން ބަދުރު އަލްބައްޠާލު އެހިސާބަށް ވަޑައިގެން މުސްލިމުންގެ ބާރުގެ ދަށަށް އެތަން ގެންނެވި އެވެ.

- ހިޖުރައިން 181ވަނަ އަހަރު ހާރޫން އައްރަޝީދު ''ޞަފްޞާފު'' ކޯއްޓޭ ފަތަހަ ކުރެއްވި އެވެ. ހިޖުރައިން 182ވަނަ އަހަރު ޢަބުދުއްރަޙުމާން ބިން ޢަބުދުލް މަލިކް ވެރިއަކަށް ހުންނަވައިގެން ''އަޞްޙާބު އަލްކަހްފް'' ގެ ރަށްތަކަށް ވަދެވަޑައިގެންނެވި އެވެ. ހިޖުރައިން 187ވަނަ އަހަރު ރޫމީން މުސްލިމުންނާއި އެކު ހަދާފައި އޮތް އެއްބަސްވުން އުވާލެއްވުމުން ހާރޫން އައްރަޝީދު ''ހަރުޤަލާ'' އޭ ކިޔޭ ރަށް ފަތަހަކުރެއްވި އެވެ. އަދި ޞުލްޙަވެރިވެ، ރޫމީން މުސްލިމުންނަށް ކޮންމެ އަހަރަކު ޖިޒީދެއްވާގޮތަށް ހަމަޖެއްސެވި އެވެ.

- ހިޖުރައިން 203ވަނަ އަހަރު ޠަބްރުސްތާން ގެ ވެރިޔާ ދައިލަމީންގެ ރަށްތަކުގެ ތެރެއިން ''ޝައިރާޒް'' އަދި ''ލާޒް'' ފަތަހަކުރެއްވި އެވެ. ހިޖުރައިން 207ވަނަ އަހަރު އަޙުމަދު ބިން އަބީ ޚާލިދު ކޯރުގެ ފަހަތުގައި ވާ ރަށްތަކޭ ކިޔޭ ހިސާބު ފަތަހަކުރެއްވި އެވެ. ހިޖުރައިން 215ވަނަ އަހަރު ޚަލީފާ އަލްމައުމޫން ވެރިއަކަށް ހުރެގެން ''ޠަރުސޫސް'' ގެތެރެއިން ގޮސް ރޫމީންގެ ރަށްތަކަށް ހަމަލާ ދެއްވި އެވެ. ''ގުރާ'' އަދި ''މާޖިދާ'' އޭ ކިޔުނު ކޯއްޓޭތައް ފަތަހަ ކުރެއްވި އެވެ. ޚަލީފާ އަލްމައުމޫން އަވަހާރަވެފައިވަނީ ހަގުރާމަ ކުރައްވަނިކޮށް ހިޖުރައިން 217ވަނަ އަހަރު އެވެ. ފަސްދާނު ލެވިފައިވަނީ ޠަރުސޫސް ގައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.