ހޯމަ20181105

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ސުވާލު ރޯދައަށްހުރެ ހަނދާންނެތި ކެއުން

ރޯދައަށްހުރެ ހަނދާންނެތި ކެއުން

ރޯދައަށް ހުރިކަން ހަނދާންނެތިގެން ކައިފިނަމަ ، ޙުކުމަކީ ކޮބައިތަ ؟ ރޯދަ ކުރިއަށް ގެންދާނީތަ؟ އަދި އެ ރޯދަ އަލުން ޤަޟާ ކުރަން ޖެހޭނެތަ؟ އަދި މި ރޯދައަކީ ސުންނަތް ރޯދައެއްނަމަ ނުވަތަ ޤަޟާއަށް ހިފާ ރޯދައެއްނަމަ ވަކި ތަފާތެއް ވާނެތަ ؟

ޖަވާބު ދެއްވާފައިވަނީ : ޝައިޚް ޢަޠިއްޔާ ޞަޤުރު

ރޯދައަށް ހުރެ، ރޯދައަށް ހުރިކަން ހަނދާން ނެތިގެން އެއްޗެއް ކައި ނުވަތަ ބޮއެ ހެދިއަސް އޭނާގެ ރޯދަ ޞައްޙަވާނެއެވެ. ނަމަވެސް އެއީ އޭނާ ހުރީ ރޯދައަށް ކަން ހަނދާން ވުމަށްފަހު އިތުރަށް ދެން ކެއުން ކުރިއަށް ނުގެންދާނަމައެވެ. އަދި މިފަދަ މީހަކު އެ ރޯދަ ޤަޟާ ކުރާކަށް، އަދި ކައްފާރާއެއް ދޭކަށްވެސް ނުޖެހޭނެއެވެ. ހަނދާން ނެތިގެން ކެވިއްޖެނަމަ ޖެހޭނީ ރޯދަ ދޫނުކޮށް ފުރިހަމަ ކުރާށެވެ. މި ޙުކުމުގައި ފަރުޟު ރޯދައާއި ސުންނަތް ރޯދަ ހަމަހަމައެވެ.

ބުޚާރީއާއި މުސްލުމުގައި ވާރިދުވެފައިވާ ޙަދީޘެއްގައި ވަނީ : عَنْ ‏ ‏أَبِي هُرَيْرَةَ ‏ ‏رَضِيَ اللَّهُ عَنْهُ ‏ ‏قَالَ ‏ قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏مَنْ نَسِيَ وَهُوَ صَائِمٌ فَأَكَلَ أَوْ شَرِبَ فَلْيُتِمَّ صَوْمَهُ فَإِنَّمَا أَطْعَمَهُ اللَّهُ وَسَقَاهُ

 

މާނައަކީ: "އޭނާ ރޯދައަށް ހުރިކަން ހަނދާން ނެތި، ކައި ނުވަތަ ބޮއެފިނަމަ، ފަހެ އޭނާގެ ރޯދަ ފުރިހަމަ ކުރާށެވެ. ފަހެ ހަމަކަށަވަރުން އެނާއަށް ކާން ދެއްވާ ބޯން ދެއްވީ މާތް ﷲ އެވެ."

އެހެން ޙަދީޘެއްގައި ވެއެވެ. عَنْ أبِي هرَيرَة أن النَبي -صَلى الله عَلَيه وَسَلم- قَال " مَنْ أَفطَرَ فِيْ رَمَضَان -نَاسِيًا- فَلا قَضَاء عَلَيْهِ وَلَا كَفارَة " قال الحافظ بن حجر: إسناده صحيح

މާނައަކީ: ''ހަނދާންނެތި ހުރެ ރޯދަމަހު (ދުވާލު) ރޯދަ ކެނޑިއަސް، ފަހެ އޭނާގެ މައްޗަށް ޤަޟާކުރުމެއް އަދި ކައްފާރާއެއްވެސް ނެތެވެ.''

ރޯދައަށް ހުރެ ހަނދާންނެތިގެން ކައިބުޔަސް ރޯދަ ބާޠިލު ނުވާނެކަމާއި ކިއެއްތަ އެ ރޯދަ ފުރިހަމަ ކުރަންޖެހޭނަކަން، މި ޙަދީޘުތަކުން އެބަ އެނގެއެވެ. ސުންނަތް ރޯދައާއި މެދުވެސް ކަންތައް އޮތީ ހަމަ މި ބީދައިންނެވެ. އެއީ ޙަދީޘުގެ ޢާއްމު މާނާގައި ފަރުޟު ރޯދައާއި ސުންނަތް ރޯދަވެސް ހިމެނޭތީއެވެ. އަދި ރޯދަ ނުގެއްލުމުގެ ޢުޛުރު ކަމުގައި މިތާނގައި ބެލެވޭ ''ހަނދާން ނެތުން''އެއީ ފަރުޟު ރޯދައެކޭ އެއް ގޮތަށް ސުންނަތް ރޯދައިގައިވެސް ދިމާވެދާނެ ކަމެކަށް ވާތީއެވެ.

ހަމަ މި ބީދައިން ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ : عَنْ ‏ ‏أَبِي ذَرٍّ الْغِفَارِيِّ ‏ ‏قَالَ ‏ قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏إِنَّ اللَّهَ تَجَاوَزَ عَنْ أُمَّتِي الْخَطَأَ وَالنِّسْيَانَ وَمَا اسْتُكْرِهُوا عَلَيْهِ

މާނައަކީ: ''ހަމަ ކަށަވަރުން މާތް ﷲ، ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް، އޮޅިގެން ނުބައިކޮށް ކުރެވޭ ކަންތަކާއި، ހަނދާންނެތި ކުރެވޭ ކަންތަކާއި، މަޖުބޫރު ކަމުގެ ދަށުގައި ކުރުވޭ ކަންތައް ނު ގުނުއްވަވާނެއެވެ.'' އަދި އަލްއަޙްޒާބް ސޫރަތުގެ 5 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ : وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُمْ بِهِ وَلَكِنْ مَا تَعَمَّدَتْ قُلُوبُكُمْ وَكَانَ اللَّهُ غَفُورًا رَحِيمًا

މާނައަކީ: "އަދި ތިޔަބައިމީހުންނަށް ނޭނގި، ކުށުން ކުރެވުނު ކަމަކަށް އެއްވެސް ފާފައެއް ތިޔަބައިމީހުންނަކަށް ނުވެއެވެ. އެކަމަކު ފާފައެއްކަމުގައި ހިމެނޭނީ ތިޔަބައިމީހުންގެ ހިތްތަކުން އެކަންތަކަށް ޤަޞްދުކުރިން ކަންތަކެވެ. އަދި މާތް ﷲ އީ ފާފަފުއްސަވާ ރަޙީމުވަންތަ ކަލާނގެއެވެ. ''

ބަޤަރާ ސޫރަތުގެ 286 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ : رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا

މާނައަކީ :'' އޭ އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. އަޅެމެން ހަނދާންނެތިގެން، ނުވަތަ ކުށުން ކުރެވޭ ނުރަނގަޅުކަންތައްތަކަށް އަޅަމެންނަށް ޢަޛާބުނުދެއްވާންދޭވެ.''

ޖުމްހޫރު ޢިލްމުވެރިން ދެކިލައްވަނީ މަތީގައި ބުނެވުނު ގޮތަށް ކަމަށް ވިޔަސް، އިމާމް މާލިކް ވިދާޅުވެފައިވަނީ ރޯދަމަހު ދުވާލު ހަނދާން ނެތިގެން އެއްޗެއް ކައި ބޮއެފިނަމަ، އެ ރޯދަ ޤަޟާ ކުރަން ޖެހޭނެ ކަމަށެވެ. މިކަމަށް އިމާމް މާލިކް ދައްކަވާ ދަލީލަކީ، ރޯދަ ނަމާދާއި ޤިޔާސްކުރުއްވުމެވެ.(*) އެހެނީ ހަނދާން ނެތިގެން ނަމާދު ފާއިތުވެއްޖެ މީހަކަށް، އެ ނާމާދު ޤަޟާކުރުން ލާޒިމުވެގެންވެއެވެ. ވީމާ ހަނދާން ނެތުމުން ނަމާދު ޤަޟާ ކުރުން ލާޒިމު ފަދައިން ރޯދަވެސް ހަނދާން ނެތި ކެވިއްޖެނަމަ އަލުން ހިފުން ލާޒިމެވެ.

މި ވާހަކައަށް ރައްދެއްގެ ގޮތުން ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވަނީ: ވޭތުވެދިޔަ ޙަދީޘްތަކުން ޞަރީޙަކޮށް އެނގޭ ގޮތުގައި، ހަނދާން ނެތިގެން އެއްޗެއް ކެވޭ މީހާއަށް ރޯދަ ޤަޟާކުރުމެއް ނެތެވެ. ނަމަވެސް ނަމާދުގެ މައްސަލާގައި ޙުކުމް އައިސްފައިވަނީ ހަނދާން ނެތުނު ނަމާދެއް ކުރަން ޖެހޭނެ ކަމުގައެވެ. އަދި ހަމަ އެކަނި ޤިޔާސަކުން ، ރޯދަ ޤަޟާކުރަން ޙުކުމް ނެރުމަކީ އެއީ ރަނގަޅު ގޮތެއް ނޫނެވެ. އެހެނީ އުޞޫލުލް ފިޤުހުގެ ޤަވާޢިދުގައި ބުނަނީ، ޞަރީޙަ ނައްޞަކާއި ޚިލާފަށް ޤިޔާސް ނުނެރެވޭނެ ކަމަށެވެ.

ވީމާ މި މައްސަލާގައި ބުރަވެވޭ ރަނގަޅު ގޮތަކީ، ހަނދާން ނެތިގެން ރޯދައަށް ހުރެ އެއްޗެއް ކައި ނުވަތަ ބުޔަސް އެ ރޯދަ ޤަޟާ ކުރަން ނުޖެހޭނެ ކަމަށް ބުނާ ބުނުމެވެ. އަދި އޭނާއަށް އޮތްހައިވެސް ކަމަކީ، ތިމަންނަ މިހިރީ ރޯދައަށްކަން ހަނދާން ވާ ހިނދުކޮޅުން ފެށިގެން ކެއުމުން އެއް ކިބާވެ، އިރު އޮއްސެންދެން ރޯދަ ކުރިއަށް ގެންދިއުމެވެ.

މި ކަމުގައި ފަރުޟު ރޯދައާއި ސުންނަތް ރޯދައެއް ވަކި ތަފާތެއް ނޫނެވެ.

ސޫރިއްޔާ ޔުނިވާސިޓީގެ އުސްތާޛެއް ކަމުގައިވާ ޑޮކްޓަރ މަޙްމޫދު ޢުކާމް ވިދާޅުވަނީ : ސުންނަތް ރޯދައެއްގައި ހަނދާން ނެތިގެން ކެވުމާއި ފަރުޟު ރޯދައެއްގައި މި ގޮތް ދިމާވުމާއި ހަމަ އެއްގޮތެވެ. މާނައަކީ އެހެން ވުމަކީ އެއީ މައްސަލެއް ނޫނެވެ. ރޯދަ ފުރިހަމަ ކުރުމުން އެ ދުވަހުގެ ސުންނަތް ރޯދަ ހިފި ކަމުގައި ވާނެއެވެ.

ނަމަވެސް ހަނދާން ނެތިގެން އެއްޗެއް ކެވުނީމާ، ތިމާގެ ރޯދަ ''ޚަރާބު'' ވީ ކަމަށް ހިތައި، ބަނޑު ފުރެންދެން ކައިފިނަމަ ރޯދަ ފާސިދުވާނެއެވެ.( މާނައަކީ މިތާގައި ދެން ރޯދަ އޭ ކިޔޭނެ އެއްޗެއް ނޯންނާނެއެވެ. )

މި ހިސާބުން ޙަނަފީ މަޛްހަބުގައި ބުނަނީ މި ރޯދަ ( ފާސިދު ކޮށްލި ސުންނަތް ރޯދަ ) އަލުން ޤަޟާ ކުރަން ޖެހޭނެ ކަމުގައެވެ. އެހެން މަޛްހަބުތަކުގައި އެ ރޯދަ ( ސުންނަތް ) ހިފާކަށް ނުޖެހެއެވެ.

ނޯޓް : މި ގޮތަށް ފަރްޟު ރޯދައެއް ފާސިދު ކޮށްފިނަމަ، އެ ޤަޟާކޮށްގެން މެނުވީ ޒިންމާ ނުކެނޑޭނެކަން އެއީ ވަންހަނާ ކަމެއް ނޫނެވެ.

ދެން ސުވާލުގައި އޮތް '' މި ރޯދައަކީ ޤަޟާ ރޯދައެއް ކަމުގައިވަނީ ނަމަ ވާނެ ގޮތަކީ ކޮބައިހޭ '' މި ތަންކޮޅާ މެދު ބުނަންޖެހެނީ، ޤަޟާކުރަން ހިފާ ރޯދައެއްގައި ހަނދާން ނެތިގެން ކެވިއްޖެނަމަވެސް ، ޢަމަލުކުރަން ޖެހޭނީ މަތީގައިވާ ގޮތަށެވެ.

ނޯޓް : ހަނދާން ނެތިގެން ކެވޭ މިންވަރު އެއީ ވަކި މިންވަރެއް ކަމުގައި ކަނޑައެޅިފައި ނޯވެއެވެ. މާނައަކީ ހަނދާން ނެތިގެން ފެންފޮދެއް ބުއިމެކޭ ފެން ދާންޏެއް ބުއިމެކޭ ތަފާތެއް ނެތެވެ. ބުއީ ހަނދާން ނެތިގެންނަމަ، ދެ ހާލަތުގައިވެސް ރޯދަ ކުރިއަށް ގެންދިއުމުން ޞައްޙަވާނެއެވެ. ހަނދާން ނެތިގެން ކެވުނީ ، ބަތް ސަމުސަލެކޭ ބަތް ތައްޓެކޭވެސް ތަފާތެއް ނެތެވެ. އަދި ކެއުމުން ބަނޑު ބޮޑުވިތޯ ނޫންތޯ ބެލުންވެސް އެއީ މުހިއްމު ކަމެއް ނޫނެވެ. ގިނަޔަސް މަދަސް ބޮޑުވިޔަސް ނުވިޔަސް ، ކެއީ ހަނދާން ނެތިގެން ނަމަ ރޯދައަކަށް އަސަރެއް ނުކުރާނެ ކަމަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އެއް ދުވަހެއްގައި އެއްފަހަރަށް ވުރެ ގިނައިން ، ހަނދާން ނެތުނަސް ކުރީގެ ޙުކުމަކަށް ބަދަލެއް ނާންނާނެއެވެ.

އެކަމަކު މީހަކު، ހަނދާން ނެތުނީއޭ ކިޔާފައި ކުޅޭ ކުޅިވަރަކަށް ހަދައިގެން ރޯދަ ކެނޑުމަކީ ބޮޑު ފާފައެކެވެ.

 

* ޤިޔާސަކީ: ދެކަމެއްގައި އޮތް ސަބަބު އެއްގޮތް ވުމުގެ ސަބަބުން ( ފަރްޢުއަކާއި އަޞްލެއް ) ، އެކަތީގެ ޙުކުމް އަނެކައްޗާއި ގުޅުވުމެވެ. މީގެ މިސާލަކީ މަސްތުވާ ހިކި ތަކެތި ރަލުގެ ޙުކުމް ނެގުމުގެ މިސާލެވެ. އެހެނީ މަސްތުވާ ހިކިތަކެތީގައިވެސް ރާ ޙަރާމް ވުމުގެ ސަބަބުކަމުގައިވާ މަސްތުވުން އެބަ އޮތެވެ. މި މިސާލުގައި އަޞްލަކީ ރާ ، ފަރްޢުއަކީ މަސްތުވާތަކެތި ، ސަބަބަކީ މަސްތުވުން ، ޙުކުމަކީ ޙަރާމްވުމެވެ. މި ހަތަރުކަމަކީ ޤިޔާސްގެ ރުކުންތަކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.