Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ސުވާލު ލައިލަތުލްޤަދްރި ވިލޭރޭ ކަނޑައެޅުމާއި އެރޭގެ މާތްކަން

ލައިލަތުލްޤަދްރި ވިލޭރޭ ކަނޑައެޅުމާއި އެރޭގެ މާތްކަން

lailatul-qadriސ: ލައިލަތުލް ޤަދްރި ވިލޭރޭ ކަނޑައެޅުއްވުމުގައި ޢިލްމުވެރިންގެ ބަސްފުޅަކީ ކޮބައިތޯ؟ އެ ރެއަކީ ހަމަ ހުރިހައި ރޭ ތަކުގެ ތެރެއިންވެސް އެންމެ މާތް ރޭތޯ؟ އަދި އިސްރާއާއި މިޢުރާޖުގެ ރެއަކީ ލައިލަތުލް ޤަދްރި ވިލޭރެއަށްވުރެ މާތް ރެއެއްކަމަށް ބުނާ މީހުންގެ އެބުނުމާ މެދު ތިޔަބޭފުޅުން ދެކެވަޑައިގަންނަވަނީ ކިހިނަކުންތޯ؟

ޖަވާބުދެއްވާފައިވަނީ: އައްޝައިޚް ޞާލިޙް ބިން ފައުޒާން ބިން ޢަބްދު ﷲ އަލްފައުޒާން

ޖ: ލައިލަތުލް ޤަދްރި ވިލޭރެއަކީ ވަރަށް މާތް ރެއެކެވެ. އެ ރެއާއި ބެހޭގޮތުން މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. "إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ إِنَّا كُنَّا مُنذِرِينَ فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ "

މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް (އެބަހީ: ޤުރުއާން) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން، އިންޒާރުކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވައެވެ. –ސޫރަތުއްދުޚާން 3،4-

އަދިވެސް އެކަލާނގެ އެރެއާއި މެދު ވަޙީކުރެއްވިއެވެ. "إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ * وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ * لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ * تَنَزَّلُ الْمَلائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ * سَلامٌ هِيَ حَتَّى مَطْلَعِ الْفَجْرِ*"

މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. އަދި ލައިލަތުލް ޤަދްރި ވިލޭރެއަކީ، ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ ލައިލަތުލް ޤަދްރި ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. މަލާއިކަތުންނާއި، ޖިބްރީލްގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޒުނަފުޅާއެކު، ހުރިހާ އަމުރުފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ. އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން، أمانކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ. -ސޫރަތުލްޤަދްރި ފެށިގެން ނިޔަލަށް-

ވުމާއެކު ލައިލަތުލް ޤަދްރި ވިލޭރެއަކީ އެހެން ރޭރޭގެ މައްޗަށް ޝަރަފުވެރި ކުރައްވަވާ، އަދި އެ ރޭގައި ކުރާ ހެޔޮޢަމަލު އެއްހާސް ރޭގެ ހެޔޮ ޢަމަލަށްވުރެ ހެޔޮކަން ބޮޑުކަމުގައި އަންގަވާފައިވާ ރެއެވެ. އެ ރޭގައި ކީރިތި ޤުރުއާން ބާވާލައްވައި، މާތް ﷲ އެރޭ ޚާއްޞަ ކުރައްވާ، އަދި ބަރަކާތްތެރި ރެއެއް ކަމަށާއި ކައުނުގައި ހިނގާނޭ ކަންކަން ކަނޑައެޅުއްވާ ރޭކަމުގައި ވެސް ކީރިތި ﷲ ސިފަ ކުރެއްވި ރެއެވެ.

މިދެންނެވި ކަންތައްތަކަކީ ލައިލަތުލް ޤަދްރި ވިލޭރެއަށް ލިބިގެންވާ ޚާއްޞަ މާތްކަމަކާއި، އެހެން ރޭރެއާއި އެ ރޭގެ ހުރި ތަފާތު ކަމެވެ. ލައިލަތުލް ޤަދްރި ވިލޭރޭގެ ދަރުމައާއި ޘަވާބު ލިބިގަތުމައްޓަކައި އަޅުގަޑުމެންގެ މާތް ނަބިއްޔާ، ރޯދަ މަހުގެ ފަހު ދިހައިގައި، އެހެން ރޭތަކާއި ދުވަސްތަކަށްވުރެ ބޮޑަށް އަޅުކަމާއިގެން އަވަދިނެތި އުޅުއްވިއެވެ. ރޭތަކުގެ ތެރެއިން އެންމެ މާތް މަތިވެރި ރެއަށް އެރޭ ވާތީއެވެ. އެހެނީ ލައިލަތުލް ޤަދްރި ވިލޭރެއާ މެދު އައިސްފައިވާ ފަދަ ބަސްފުޅުތަކެއް އެހެން އެއްވެސް ރެއަކާ މެދު ވާރިދުވެފައި ނުވެއެވެ. އެއީ މި އުންމަތަށް މާތް ﷲ ގެ ރަޙުމަތްފުޅުން، އެކަލާނގެ އިޙްސާންތެރިވެ ވޮޑިގެންވާ ކަމުން އަޅުގަޑުމެންނަށް ދެއްވި އަގު ނުކުރެވޭހާ ބޮޑު ހަދިޔާއެކެވެ.

އިސްރާއާއި މިޢުރާޖުގެ ރެއާއި ލައިލަތުލް ޤަދްރި ވިލޭރޭ ތެރެއިން މާތްކަން ބޮޑީ ކޮން ރެއެއްތޯ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހު ﷲ ކުރެން ސުވާލު ދެންނެވުނުހިނދު އެކަލޭގެފާނު ޖަވާބުދެއްވާފައިވަނީ ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާގެ ނިސްބަތުގައި އިސްރާއާއި މިޢުރާޖުގެ ރޭ ލައިލަތުލްޤަދްރިއަށްވުރެ މަތިވެރިވެގެންވާ ކަމުގައްޔާއި އަދި މުޅި އުންމަތުގެ ނިސްބަތުގައި ލައިލަތުލް ޤަދްރި ވިލޭރޭ އިސްރާއާއި މިޢުރާޖަށްވުރެ މާތްވެގެންވާ ކަމުގައެވެ. ފަހެ، ނަބިއްޔާއަށް ޚާއްސަކުރެއްވިގެންވާ އިސްރާއާއި މިޢުރާޖުގެ ނަޞީބު، ލައިލަތުލްޤަދްރީގައި އެކަލޭގެފާނުގެ ނަސީބަށްވުރެ ފުރިހަމަވެގެންވެއެވެ. އަދި މުޅި އުންމަތަށް ލައިލަތުލް ޤަދްރި ވިލޭރޭގެ ނަޞީބާއި ދަރުމަ، އިސްރާއާއި މިޢުރާޖްގެ ނަސީބަށްވުރެ ބޮޑުވެގެންވެއެވެ. އެއީ އިސްރާއާއި މިޢުރާޖުގެ ރޭގައި އެބައިމީހުންގެ އެންމެ ބޮޑު ނަސީބު އެކުލެވިފައިވީ ނަމަވެސް، އިސްރާއާއި މިޢުރާޖްގެ މާތްކަމާއި، ދަރުމައާއި މަތިވެރި މަޤާމް މާތް ﷲ ދެއްވެވީ ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާއަށް އެކަންޏެވެ.

މިދަންނަވާލީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހު ﷲ، އިސްރާއާއި މިޢުރާޖުގެ ރެއާއި ލައިލަތުލް ޤަދްރި ވިލޭރޭ ތެރެއިން މާތްކަން ބޮޑީ ކޮން ރެއެއްތޯ ބަލަން ކުރެވުނު ސުވާލަށް ދެއްވި ޖަވާބެވެ. އަދި އަލްޢައްލާމާ އިބްނު ޤައްޔިމު ރަޙިމަހު ﷲ، އެކަލޭގެފާނުގެ ޝައިޚުގެ ބަސްފުޅަށް އެއްބަސްވެ ވަޑައިގެންނެވިއެވެ.

އަދި ކޮންމެހެން ދެނެގަންނަންޖެހޭ އެއް ކަމަކީ އިސްރާއާއި މިޢުރާޖުގެ ރެއާއި ޚިލާފަށް ލައިލަތުލްޤަދްރި ވިލޭރޭ ފާހަގަކޮށް، އެރެއަށް ޚާއްސަކޮށް ކުއްތަންވުމާއި އަޅުކަންކުރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ޝަރުޢުކުރައްވާފައިވެއެވެ.

ފަހެ މާތް ނަބިއްޔާ އިސްރާއި މިޢުރާޖުގެ ރޭ ނަމާދަކުން ނުވަތަ ޛިކުރަކުން ވިޔަސް ޚާއްސަކުރައްވާކަމުގައި ނުވެއެވެ. އެޔާޚިލާފަށް އެކަލޭގެފާނު، އެރެއެއްގެ މަތިވެރިކަމާއި މަޤާމަށްޓަކައި ޚާއްސަކުރެއްވި ކަމުގައިވަނީ ލައިލަތުލްޤަދްރިއެވެ.

ހަމަ އެއާއި އެކު، އިސްރާއާއި މިޢުރާޖުގެ ރެއަކީ ކޮން މަހެއްގެ ކޮން ރެއެއް ކަމެއް ޘާބިތުވާން ނެތުން އެއީ އެރެޔަކީ ކޮން ރެއެއް ކަން އެނގުމާއި އެރެއަކީ ވަކި ރެއެއްކަން ކަނޑައެޅުމުގައި އަހަރެމެންނަށް އެއްވެސް މަސްލަޙަތެއް ނުވާކަން ދޭހަވެގެންދާ ކަމެކެވެ. މިއާޚިލާފަށް ލައިލަތުލް ޤަދްރި ވިލޭރެއަކީ ރޯދަމަހުގައި އަންނަ ރެއެއްކަން މާތް ﷲ ވަނީ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. "شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآنُ "
މާނައީ: ރަމްޟާން މަހަކީ، އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. –ސޫރަތުލް ބަޤަރާ 185-
އަދިވެސް އެކަލާނގެ ވަޙީކުރެއްވި އެވެ. "إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ القدر"
މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ.

އެހެންވީމާ، ލައިލަތުލް ޤަދްރި ވިލޭރެއަކީ، ރަމަޟާން މަހުގައި އަންނަ ރެއެއްކަން ކަށަވަރުވެއެވެ. އަދި ރަމަޟާންމަހުގެ ކޮން ރެއެއްކަން ކަނޑައެޅިގެން ނޭނގުނު ކަމުގައި ވީނަމަވެސް، އެ ރެއަކީ އެމަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރެއިން ރެއެއްކަން ކީރިތި ނަބިއްޔާގެ ބަސްފުޅުތަކުން ޘާބިތުވެއެވެ.

އިމާމް އަޙްމަދާއި، އިލްމުވެރިންގެ ބައެއް ބޭބޭފުޅުން އެ ރެއަކީ ރަމަޟާންމަހުގެ ހަތާވީސް ވިލޭރޭކަމަށް ބުރަވެވަޑައިގަންނަވައެވެ. އަދި އެކިއެކި ޢިލްމުވެރިން އެބޭފުޅުންގެ އިޖްތިހާދުގެ މައްޗަށް ބުރަވެވަޑައިގެން ތިއްބަވައި އެ ރެއަކީ ކޮން ރެއެއްކަން ހާމަކުރައްވައެވެ. ނަމަވެސް އެއްވެސް އޮޅުމެއް ނެތް ކަމަކީ، ލައިލަތުލް ޤަދްރި ވިލޭރެއަކީ ރަމަޟާންމަހުގެ ރޭތަކުން ރެއެއް ކަމެވެ.

ވުމާއެކު ރަމްޟާން މަހު އެއްކޮށް ރޯދަ ހިފާ، އެމަހުގެ ރޭތަކުގައި އަޅުކަންކޮށްފި މީހާ ހަމަޔަގީނުންވެސް ލައިލަތުލްޤަދްރިއާއި ބައްދަލުވެ، އޭނާގެ ނިޔަތާއި މަސައްކަތަށްޓަކައި ﷲ ގެ ވާގިފުޅާއެކު، އެ ރޭގެ ދަރުމަ އޭނާއަށް ލިޔުއްވޭނެއެވެ. -ނިމުނީ-

 


 

ގުޅުންހުރި:

 

Comments