Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ސުވާލު އެއްބަޔަކު އަނެއް ބަޔަކަށް ދޮން ދިނުން

އެއްބަޔަކު އަނެއް ބަޔަކަށް ދޮން ދިނުން

ސުވާލު : މީހުންނަށް ދޮން ދިނުމަކީ ކޮންކަހަލަ ކަމެއްހެއްޔެވެ؟ ފިރިހެނުން ފިރިހެނުންނަށް އަދި އަންހެނުން އަންހެނުންނަށް ދޮންދީ ހަދާތަން ބައެއްފަހަރު ފެނެއެވެ. އަދި ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ދޮންދިނުން ހުއްދަވާނެ ހެއްޔެވެ؟ އަދި ފިރިހެނަކަށް އޭނާގެ ދައްތައަކަށް ނުވަތަ މަންމައަށް ދޮންދެވިދާނެތަ ؟

 ޖަވާބު ދެއްވާފައިވަނީ : ޝައިޚް ޢަޠިއްޔާ ޞަޤުރު

އެއް ޖިންސެއްގެ މީހުން އެއްބަޔަކު އަނެއްބަޔަކަށް ދޮން ދިނުން (ނުވަތަ ބޮސްދިނުން) އެއީ އޭގާ ޝަހުވަތްތެރި ކަމެއް ނެތްނަމަ ހުއްދަކަމެކެވެ. އަދި ފިރިހެނެއް އޭނާގެ މަންމައަށް ނުވަތަ ދައްތައަކަށް، މާތް ކުރުމުގެ ގޮތުން ނުވަތަ ލޯބިން ދޮންދިނުމަކީވެސް އެއީ ހުއްދަ ކަމެކެވެ.

ކައިވެނި ނުކޮށް، ހިލޭ ފިރިހެނަކު އަންހެނަކަށް ނުވަތަ އަންހެނަކު ފިރިހެނަކަށް ދޮން ދިނުން އެއީ ހުއްދަކަމެއް ނޫނެވެ. އެކަމަކު ފިރިމީހާ އަނބި މީހާއަށް ދޮން ދިނުމަކީ އެއީ އަބަދުވެސް އެދެވިގެންވާ ކަމެކެވެ.

އަރާމެއް ނުވަތަ ޝަހުވަތްތެރިކަމެއް ނެތި، މީހަކު ދެކެވާ ލޯބި(މަވައްދާ) ފާޅު ކުރުމުގެ ގޮތުން އެއް ޖިންސެއްގެ މީހަކަށް ބޮސްދެވިދާނެއެވެ. މިކަން އެގެނީ :

ޖަޢްފަރު ބިން އަބީޠާލިބް ޙަބްޝުކަރައިން އެނބުރި ވަޑައިގަތުމުން، ބައްދަލު ކުރައްވައި ބައްދަވާލެއްވުމަށްފަހު، ޖަޢްފަރުގެފާނުގެ ދެ ބުމަ ދެމެދުގައި ރަސޫލާ ބޮސްދެއްވިއެވެ.''

އަދި ޒައިދު ބިން ޙާރިޘާ، ރަސޫލާ އަރިއަހަށް ވަޑައިގަތުމުންވެސް ، ބައްދަވާލެއްވުމަށްފަހު ބޮސްދެއްވިކަން އެގެން އެބައޮތެވެ. އަދި ''މުއުތާ'' ހަނގުރާމައިން އައި މީހުން، ރަސޫލާ އަތްޕުޅުގައި ބޮސްދެއްވިކަންވެސް އެގެން އެބައޮތެވެ.

ދެޖިންސެއްގެ ދެމެދުގައި ދެވޭ ބޮސްދިނުމަކީ ކޮންކަހަލަ ކަމެއްތޯ ކަނޑައެޅޭނީ ކުރިންވެސް ބުނެވުނުހެން އެ މީހެއްގެ ނިޔަތަކާއި ބޮސްދޭ ތަނެއްގެ ގޮތުންނެވެ. އަދި އެއިން ނުކުމެދާނެ ނަތީޖާއަކަށް ބެލުމަށްފަހުގައެވެ. އަދި ދެމީހުންގެ ދެމެދުގައި ތިމާގެ ކަމުގެ ގުޅުމެއް، ކައިވެނީގެ ގުޅުމެއް އޮތްތޯ ބެލުމަށްފަހުގައެވެ.

ބައްޕައަކު އަންހެން ދަރިފުޅަށް ބޮސްދިނުން ނުވަތަ މަންމައެއް ފިރިހެން ދަރިއަކަށް ބޮސްދިނުން ނުވަތަ ދައްތައެއް ބޭބެއަކަށް ނުވަތަ ބޭބެއެއް ދައްތައަކަށް ދޭ ބޮހަކީ އެއީ ޝަހުވަތްތެރިކަމެއް ނުވަތަ ފިތުނައެއް ނާންނާނެކަން އެގޭނަމަ ހުއްދަކަމެކެވެ. މި ކަމުގެ ދަލީލަކީ ޢާއިޝަތުގެފާނު އަރިއަހުން ތިރުމިޒީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ''އެކަމަނާ (ފާޠިމަތުގެފާނު) ރަސޫލާ އަރިއަހަށް ވަޑައިގެންފިނަމަ، ކީރިތި ރަސޫލާ ތެދުވެވަޑައިގެން އެކަމަނާއަށް ބޮސްދެއްވާ، އެކަލޭގެފާނު އިށީންނަވައިގެން ހުންނަވާތާގައި ބައިންދެވިއެވެ.

- ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ، އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނަށް ބޮސްދެއްވިއެވެ.

- އަބޫބަކުރުގެފާނު ގެއަށް ވަޑައިގެންނެވި އިރު ޢާއިޝަތުގެފާނު (އަބޫބަކުރުގެ ދަރިކަނބަލުން) ހުމުގެ އާލާސްކަންފުޅުގައި އޮންނަވަނިކޮށް ބޮސްދެއްވިއެވެ.

- ޚާލިދު ބިން ވަލީދު އެކަލޭގެފާނުގެ އުޚްތަކަށް ބޮސްދެއްވިކަން އެގެން އެބައޮތް ކަމަށް އިމާމް އަޙްމަދު ވިދާޅުވެފައިވެއެވެ.

މައިންބަފައިންނާއި ދަރިންގެ މެދުގައި އަދި ދައްތައިންނާއި ބޭބެއިންގެ ދެމެދުގައި ދެވޭ ބޮސްދިނުމަކީ އެއީ ޝަހުވަތްތެރި ކަމެއް ނެތި، ލޯބި ފާޅު ކުރުމުގެ ގޮތުން ކުރެވޭ ކަމަކެވެ. އަދި ޢާއްމުކޮށް މިގޮތަށް ދެވޭ ބޮސްދެވެނީ ބޮލުގައި ނުވަތަ ނިއްކުރީގައި ނުވަތަ އަތުގައެވެ. ނަމަވެސް ކޮލުގައި ނުވަތަ ތުންފަތުގައި ބޮސްދިނުން، ޝަހުވަތަކާއި އެކު ނޫންނަމަވެސް، އެއީ އެދެވިގެންވާ ކަމެއް ނޫނެވެ. އެއީ ރައްކާތެރިވުމުގެ ގޮތުންނެވެ. ޝަހުވަތަކާއި އެކު ނަމަ އެއީ ބޮޑު ޙަރާމްކަމެކެވެ.

އަނެއް ކޮޅުން ބަލާއިރު، ދެ ޖިންސެއްގެ ދެމެދުގައި ދެވޭ ބޮސްދިނުމަކީ އެއީ ޖިންސީ އަރާމު ލިބިގަތުމަށް ދެވޭ އެއްޗަކަށްވެސް ވެއެވެ. މިސާލަކަށް ދެމަފިރިންގެ ދެމެދުގައެވެ. މިއީ ހުއްދަ އަދި ކިއެއްތަ އެދެވިގެންވާ ކަމެކެވެ.

މި ގޮތަށް އަރާމު ލިބިގަތުމަށް ނުވަތަ ޝަހުވަތަކާއި އެކު، އަދި ޝަހުވަތެއް ނެތިވެސް ހިލޭ އަންހެނަކަށް ނުވަތަ ރައްޓެހިވެގެން އުޅޭމީހަކަށް ބޮސްދިނުމަކީ އެއީ ޙަރާމް ކަމެކެވެ. ބޮސްދެވެނީ ކޮންމެ ތަނެއްގައި ކަމުގައިވިޔަސް މި ޙުކުމަކަށް ބަދަލެއް ނާންނާނެއެވެ.

 

Comments