ހޯމަ20180924

އާކުރެވުނީ: 08:43:52

ބޯ ދިގު ކުރުން

boa-dhugu-kurunފިރިހެނުން ބޯދިގުކުރުމަކީ، ދީނުގައި ހުއްދަ ކަމެއްހެއްޔެވެ؟ އަދި އެއީ ސުންނަތެއްހެއްޔެވެ؟ ދެން އަންހެނުން ބޯ ކޮށުން ހުއްދަވާނެހެއްޔެވެ؟

ފިރިހެނުން ބޮލުގެ އިސްތަށިގަނޑު ދިގު ކުރުމުގެ ޙުކުމް ބިނާވަނީ އެކަން ކުރާ މީހާގެ ނިޔަތުގެ މައްޗަށެވެ. މާތް ﷲ އަކީ ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިއަސް އެކަމެއްގައި އޭނާގެ ހިތުގައި ނިޔަތް އޮތް ގޮތް މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ވީމާ ބޯދިގުކުރާ މީހާ ބޯ ދިގު ކުރަނީ ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ އިސްތަށިކޮޅު ހުންނެވި ގޮތަށް، ބަހައްޓަން ކަމަށް ވަނީނަމަ އެއީ ރަނގަޅު ކަމެކެވެ. އަދި ނިޔަތާއި އެއްގޮތަށް ޘަވާބު ލިބޭނެ ކަމެކެވެ.

އެކަމަކު އޭނާ ބޯދިގުކުރަނި ފެޝަނަކަށް ނުވަތަ އަންހެނުންނާއި ވައްތަރުވާން ނުވަތަ ކާފިރުން އެހެން ތިބޭތަން ފެނިފައި އެ ގޮތް ރީތިވެގެން ކަމަށް ވާނަމަ، އެއީ ފާސިދު ނިޔަތެކެވެ. ފާސިދު ނިޔަތަކާއި އެކީ ކުރާ ކަމަކީ، ރަނގަޅު ކަމަކަށް ވެސް ނުވާނެއެވެ.

 

ޞަޙީޙް ބުޚާރީގެ އައްލިބާސް ބާބުގައި އައިސްފައިވާ ޙަދީޘެއްގައި ވެއެވެ.  أَنَّ النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏كَانَ يَضْرِبُ شَعَرُهُ مَنْكِبَيْهِ

މާނައަކީ: "ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ އިސްތަށިކޮޅު، އެކަލޭގެފާނުގެ ކޮނޑުފުޅާއި ހަމައަށް ފޯރައެވެ."

ބުޚާރީ އަދި މުސްލިމްގައިވެސް މިމާނައިގައި މިނުން ޙަދީޘްތައްވެސް އައިސްފައިވެއެވެ. ބައެއް ރިވާޔަތް ތަކުގައި އިސްތަށިކޮޅު ފޯރަނީ އެކަލޭގެފާނުގެ ކަންފަތްފުޅުގެ ފޫޅާއި ހަމައަށް ކަމަށްވެސް ބުނެވިފައިވެއެވެ.

ވީމާ މިއިން އެނގެނީ ކީރިތި ރަސޫލާގެ އިސްތަށިކޮޅު ބެހެއްޓެވީ ދިގުކޮށްފައި ކަމެވެ. އަދި ބެލެވޭ ގޮތުގައި ކުރީ ޒަމާންތަކުގެ ފިރިހެނުން، މިޒަމާނުގައި ތިބޭހެން ބޯ އެހާ ކުރުކޮށް ކޮށާފައި ނުހުރެއެވެ. ތާރީޚީ ފިލްމުތަކާއި ޑޮކިއުމެންޓަރީ ފިލްމުތައް އަދި ފޮތްފޮތުންވެސް މިކަން އެނގެއެވެ.

މިހިސާބުން އުފެދޭ ސުވާލަކީ، މިހާރު ބޯދިގުކުރާ ޒުވާނުން ބޯ ދިގު ކުރާ މަޤްޞަދަކީ ކޮބައިތޯއެވެ؟ ބޯ ދިގު ކުރުމުގެ ނިޔަތަކީ ކީރިތި ރަސޫލާގެ އިސްތަށިކޮޅު ހުންނެވި ގޮތަށް ބޯ ބެހެއްޓުން ކަމަށް ވަނީނަމަ އެކަން ވާނީ ސުންނަތް ކަމަކަށެވެ. އަދި - ﷲ އިރާދަ ފުޅުން- ޘަވާބުވެސް ލިބޭނެއެވެ. އެހެނީ މިއީ އޭނާ ރަސޫލާ ދެކެ ވާ ލޯތްބެއްގެ ސަބަބުން ކުރާ ކަމެކެވެ.

އެކަމަކު، ބޯދިގުކުރަނީ ކާފިރުން ބޯދިގުކުރީމާ އެކަން ރީތިވެގެން، ދީންވެރިކަމެއް ޞާލިޙުކަމެއް ނެތް، އުޅުމެއް ނެތް މީހުން ނަކަލު ކުރަން ނުވަތަ އަންހެން ހެދެން ކަމަށް ވަނީނަމަ، ބޯދިގުކުރުން އެއީ ސުންނަތަކަށް ނުވާނެއެވެ. ކިއެއްތަ އެއީ ހުއްދަ ކަމަކަށްވެސް ނުވާނެއެވެ. ސަބަބަކީ މުސްލިމުންގެ އާދަކާދައަކަށް ނުވާ ކާފިރުންގެ އާދަތައް، ނަކަލު ނުކުރުމަށް ދީން އަންގަވާފައިވާތީއެވެ. ހަމަ އެހެންމެ އަންހެން ދުޅާވާން ނުވަތަ އަންހެނުން ތިބޭ ގޮތަށް ހުންނަން ވެގެން ބޯދިގުކުރުން ވާނީ، އަންހެން ހެދުން ކަމަށެވެ. ފިރިހެނުން އަންހެން ހެދުން އަދި އަންހެނުން ފިރިހެން ހެދުމަކީ އެއީ މާތް ﷲގެ ލަޢްނަތް ލިބޭ ކަމެއް ކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވެއެވެ.

ފަހަރެއްގައި ޒުވާނަކު ބޯދިގުކުރީ، ސުންނަތެއްގެ ގޮތުގައި އަދި މަތީގައި ބުނުވެނު ފަދަ މަނާ ކަމެއް ކުރަން، ނޫން ކަމަށް ވުންވެސް އެކަށީގެންވެއެވެ. ހަމަ ވަކި ނިޔަތެއް ނެތި ބޯދިގުކޮށްލީއެވެ. އެހެން ކަމަށް ވަނީނަމަ ބޯދިގުކުރުން ހިމެނޭނީ ހުއްދަ ކަންތަކުގެ ތެރޭގައެވެ. ކުރުމުން ޘަވާބެއްވެސް އަދި ޢަޛާބެއްވެސް ނުލިބޭނެއެވެ.

ފާހަނގަކޮށްލަން ޖެހޭ ނުކުތާތައް:

މަތީގައި ބުނުވުނު ހުރިހާ ވާހަކައަކަށް ފަހު މި އަންނަނިވި ނުކުތާތައް ފާހަނގަކޮށްލަން ޖެހެއެވެ. އެއީ:-

1- ކީރިތި ރަސޫލާގެ ސުންނަތަށް ތަބާވުން އެއީ ފަހަރެއްގައިވެސް އަހަރެމެންގެ ހަވާ ނަފުސަށް ދޫކުރެވިފައިވާ، އަހަރެމެންގެ ހިތް އެދޭ ސުންނަތުގައި ހިފާފައި ހިތް ނޭދޭ ސުންނަތް ދޫކޮށްލެވޭ، ކަމަކަށް ހަދައިގެން ނުވާނެއެވެ. ސުންނަތް ދެކެ ލޯބިވަންޏާ ހުރިހާ ސުންނަތެއްގައިވެސް ހިފާ ކުޅަދާނަވަރަކުން އެކަން ކުރަން ޖެހޭނެއެވެ. ސުންނަތް ނަމާދެއް ނުކޮށް ބޯދިގުކުރަން ބޭނުންވީމާ، މިއީ ސުންނަތެކޭ ކިޔައި ބޯދިގުކުރުން ވާނީ ކުޅޭ ކުޅިވަރަކަށެވެ.

2- މަދަރުސާއިން ނުވަތަ އޮފީހުން ނުވަތަ އެ ނުންވެސް ތަނެއްގެ ޤަވާޢިދު ދަށުގައި އަހަރެމެން އުޅޭ އިރު އެ ޤަވާޢިދުގައި ބޯދިގުކުރުން މަނާ ނަމަ އެކަން ކޮށްގެން ނުވާނެއެވެ.

3- ބޯދިގުކުރުމުން، ބަލާ މީހުންނަށް އަންހެނެއް ކަން ފިރިހެނެއް ކަން އޮޅޭ ނަމަ ބޯދިގުކޮށްގެން ނުވާނެއެވެ.

4- ބޯދިގުކުރާއިރު، ދީން މަނާކޮށްފައި ވާ އެހެންކަންތަކުން ދުރުވާން ޖެހޭނެއެވެ. މިސާލަކަށް ބޮލުގެ އަރިމަތި ބާލާފައި މެދުގައި އިސްތަށި ބެހެއްޓުމަކީ ރަސޫލާ މަނާ ކުރައްވާފައިވާ ކަމެކެވެ.

5- އަންހެނުންގެ އިސްތަށިގަނޑު ދިގުކުރާވަރަށް، އިސްތަށިގަނޑު ދިގުކޮށްފައި އަންހެނުން ތިބޭހެން ދަތިޖައި، ބޭންޑު އަޅައި، ރަބަރު އައްސައި ހެދުން ވާނީ އަންހެނުންނާއި ވައްތަރުވެގަތުން ކަމަށެވެ. ވީމާ އެ ގޮތް ހުއްދަ ނުވާނެއެވެ.

6- ބޯދިގުކުރުމަކީ އަންހެނުންނާއި ވައްތަރުވެގަތުން ކަމަށް ބެލެވޭ މިންގަނޑަކީ އެ މުޖުތަމަޢެއްގެ މީހުން ދެކޭ ގޮތް ނުވަތަ ޢުރުފެވެ.

7- ޞިނާޢީ އިސްތަށި، އިސްތަށިގަނޑާއި ގުޅުވުމަކީ، ދީނުގައި ހުއްދަ ކަމެއް ނޫނެވެ. އަންހެނުންނަށް މިކަން ހުއްދަ ނުވާފަދައިން ފިރިހެނުނަށްވެސް ހުއްދައެއް ނޫނެވެ.

8- މައިންބަފައިން މަނާ ކުރާ ހާލު، ބޯދިގުކުރުން ފިރިހެން ދަރިއަކަށް ހުއްދައެއް ނުވާނެއެވެ. މައިންބަފައިންގެ ބަސް ޤަބޫލުނުކޮށް ބޯ ދިގުކުރުން ވާނީ، މައިންބަފައިންނަށް ވެވޭ ނުކިޔަމަންތެރި ކަމަކަށެވެ.

ވީމާ އަންހެނުންނާއި ވައްތަރުވާން ނޫން އަދި ޣައިރު މުސްލިމުން ނަކަލުކުރަން ނޫން ނިޔަތެއްގައި، އަންހެނުންނާއި އެއްފަދަ ނޫން ސިފައަކަށް ބޯދިގުކުރުމަކީ އެއީ ހުއްދަ ކަމެކެވެ. ދީނީ ގޮތުން ޙަރާމް ކަމެކޭ ބުނެވޭނެ ކަމެއް ނޫނެވެ. އަދި މިގޮތަށް ބޯ ދިގު ކުރާނަމަ ބޯ ސާފުތާހިރުކޮށް ބަލަހައްޓައި ތެޔޮފަދަ އެއްޗެއް ލައި ފުނާ އަޅައި ރީތިކޮށް ބަހައްޓަން ޖެހޭނެއެވެ. އެހެނީ ކީރިތި ރަސޫލާވެސް އެކަލޭގެފާނުގެ އިސްތަށިކޮޅުގައި ތެޔޮ ލައްވާ ފުނާއަޅުއްވާ ރީތި ކުރައްވައެވެ.

އަންހެނުން ބޯކޮށުން:

މަތީގައި ބުނެވުނު ފަދައިން ފިރިހެނުންގެ ބޯދިގުކުރުން ހުއްދަ އިރު، އަންހެނުންބޯ ކޮށުން ހުއްދަ ވާނެހެއްޔެވެ؟ މިއީ ހިތުގައި އުފެދުން އެކަށީގެންވާ ރަނގަޅު ސުވާލެކެވެ.

އަންހެނުން ބޯކޮށުމަކީ، އިސްލާމް ދީން މަނާ ކުރާ ކަމެއް ނޫނެވެ. އަންހެނުންގެ އިސްތަށިގަނޑު ފަން ކުރުމާއި ބުޅި ކުރުމާއި، އަދި ކިއެއްތަ ރަތް ކުރުމަކީވެސް ހުއްދަ ކަންތަކެވެ. ވީމާ ޢާއްމު ކޮށް އަންހެނުން ބޯކޮށާ ގޮތް ގޮތަށް ކުރުކޮށް ބޯކުށުމުގައި މައްސަލައެއް ނެތެވެ.

ބޯކޮށުން ހުއްދަކަމަށް، ޢިލްމުވެރިން ދަލީލު ނަންގަވަނީ، ޞަޙީޙް މުސްލިމުގެ ''އަލްޙައިޟު'' ބާބުގައި އައިސްފައިވާ  ޙަދީޘަކުންނެވެ. އެ ޙަދީޘުން އެނގޭ ގޮތުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިކަނބަލުން، އެކަނބަލުންގެ އިސްތަށިކޮޅު ބުރި ކުރައްވާފައިވާ ވެއެވެ.

ކީރިތި ރަސޫލާގެ އަނބިކަނބަލުން، މިކަން ކުރެއްވުމުން އެނގެނީ އެއީ ހުއްދަ ކަމެއް ކަމެވެ. ހަމަ އެހެންމެ އެ ކަނބަލުން އިސްތަށިކޮޅުގައި ހީނާފަތްވެސް އެޅުއްވިއެވެ.

ބޯކުރުކުރުން ހުއްދަޔަސް، ފިރިހެނުން ތިބޭ ގޮތަށް ބޯކޮށުން ނުވަތަ ކުރު ކުރުން، އަންހެނުންނަކަށްވެސް ހުއްދައެއް ނުވާނެއެވެ. ކިއެއްތަ އެއީ ޙަރާމް ކަމެކެވެ. ސަބަބަކީ އެއް ޖިންސު އަނެއް ޖިންސާއި ވައްތަރު ވެގަންނަން އެއްވެސް ކަމެއް ކުރުމަކީ، ﷲ ގެ ލަޢްނަތް ލިބޭ ކަމެކެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.