އާދީއްތަ20181111

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ސިޔަރަތު ކީރިތި ރަސޫލާ ދެކެ ލޯބިވުމުގައި، ޞަޙާބީންގެ ނަމޫނާ

ކީރިތި ރަސޫލާ ދެކެ ލޯބިވުމުގައި، ޞަޙާބީންގެ ނަމޫނާ

hubb-sahaabaތިރީގައި މި ލިޔެލަނީ، މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުން ވީ ލޯބީގެ ބައެއް ނަމޫނާތަކެވެ. ފަހަރެއްގާ އެ ބޭކަލުންގެ ހިތް ފުރިގެން ދިޔަ މި ލޯބިން އަހަރެމެންނަށް ވެސް ދަރުހެއް ލިބި އެ މަގުން ހިނގަން އެނގޭތޯއެވެ.

* އަބޫބަކުރުގެފާނު

މިތާނގައި އަބޫބަކުރުގެފާނުގެ ޙަޔާތްޕުޅާއި ބެހޭ ގޮތުން ތަފްޞީލުކޮށް ލިޔާކަށް ގަސްތެއް ނުކުރަމެވެ. އެ ކަލޭގެފާނު ވަނީ މި ދީން ފަތުރުއްވައި ކީރިތި ރަސޫލާއަށް ވާގި ދެއްވުމުގައި އިތުރު ބަޔާނަކަށް ބޭނުން ނުވާނެފަދަ މުހިއްމު ދައުރެއް އަދާ ކުރައްވާފައެވެ.

އަބޫބަކުރުގެފާނުގެ ބައްޕާފުޅު އިސްލާމްވީ އަބޫބަކުރުގެފާނަށް ވުރެ މާ ފަހުންނެވެ. އަދި އިސްލާމްވެވަޑައި ގަތުމުން އެކަމާ އަބޫބަކުރުގެފާނު ވަރަށް އުފާކުރެއްވިއެވެ. އެ ގޮތުން ބައްޕާފުޅު ކީރިތި ރަސޫލާ އަރިއަހަށް ގެންދެވިއެވެ. އެއީ އެކަލޭގެފާނުގެ އަތްޕުޅުމައްޗަށް އިސްލާމް ކުރުވުމަށްޓަކައެވެ. ދެން އަބޫ ޤަޙާފާ ( އަބޫބަކުރުގެފާނުގެ ބައްޕާފުޅު ) އަތްޕުޅު، ކީރިތި ރަސޫލާގެ އަތްޕުޅުގައި ބޭއްވެވިއެވެ. އެ ވަގުތު އަބޫބަކުރުގެފާނު ކީރިތި ކުރައްވަން ފެއްޓެވިއެވެ. އަބޫބަކުރުގެފާނުގެ ބައްޕާފުޅު އިސްލާމްވެވަޑައި ގަތުމުން، ކީރިތި ކުރެއްވީ ކީއްވެގެންހެއްޔެވެ؟

އަބޫބަކުރުގެފާނު ސަބަބު ކިޔައިދެއްވިއެވެ. ވިދާޅުވިއެވެ. "ކީރިތި ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަތްޕުޅުގައި، އަތްޕުޅު ބޭއްވީ، އަބޫޠާލިބްގެފާނު ކަމުގައި ވުމަށް އަހަރެން އެދުނީމެވެ. އެހެނީ އެހެން ވި ނަމަ ކީރިތި ރަސޫލާ ވަރަށް ބޮޑަށް އުފާފުޅުވީހެވެ."

ނިކަން ވިސްނާލަ ބަލާށެވެ. ކީރިތި ރަސޫލާގެ ބޮޑު ބޭބެފުޅު އަބޫޠާލިބްގެފާނު އިސްލާމްވެ ވަޑައިގަތްނަމަ އެކަލޭގެފާނު އުފާފުޅުވާނެ މިންވަރު އަބޫބަކުރުގެފާނަށް ވަޒަން ކުރެއްވުނެވެ. ވީމާ އެ ގޮތް އެދިވަޑައި ގަތީއެވެ.

ޙައިރާންވާކަށް ނުޖެހެއެވެ. އަބޫބަކުރުގެފާނަކީ ކީރިތި ރަސޫލާގެ ހިޖުރައިގެ ބައިވެރިއާއެވެ. މި ހިޖުރައިގެ ދަތުރުމަތީގައި ކަރުފޮދު ހިއްކައިގަތުމުން އަބޫބަކުރުގެފާނު ފުރަތަމަ އިސްކަން ދެއްވީ، ކީރިތި ރަސޫލާ ކިރުފޮދު ހިއްޕަވާތޯއެވެ. އަދި ފަހުން ވިދާޅުވިއެވެ. "... ދެން އަހަރެން ކަރު ހިއްކުން ފިލަންދެން، ކީރިތި ރަސޫލާ އެ ހިއްޕެވިއެވެ."

އަބޫބަކުރުގެފާނު ދެކެވަޑައިގަތީ، ކީރިތި ރަސޫލާ ކަރުހިއްކުން ފިލުމުން އެއީ ޚުދު އެކަލޭގެފާނުގެ ކަރުހިއްކުން ފިލީ ކަމަށެވެ.

ޢުމަރުގެފާނު :

ޝައްކެއްވެސް ނެތް ގޮތުގައި، ޢުމަރުގެފާނަކީ ކީރިތި ރަސޫލާ ދެކެ ލޯބިވެވަޑައިގަތުމުގައި މިސާލު ޖެހޭނެ ބޭފުޅެކެވެ. ޢުމަރުގެފާނަކީ ކުރީގައި އިސްލާމް ދީނާއި އެންމެ ދުޝްމަން އެކެކެވެ. ނަމަވެސް އެކަލޭގެފާނު އީމާންވެވަޑައިގަތުމުން ހުރިހާ ކަމެއް އަނެއް ކޮޅަށް ޖެހިގެން ދިޔައެވެ. އެކަލޭގެފާނަކީ ދީން ދިފާޢު ކުރުމުގައި އެންމެ ކުރީގައި ހުންނެވި އެކަކެވެ. ކީރިތި ރަސޫލާގަ ޚާއްޞަ އެއް ޞަޙާބީއެވެ. ޢުމަރުގެފާނު އިސްލާމްވެވަޑައި ގަތުމަށް ފަހު އަވަހާރަ ވުމާއި ހަމައަށް ދާންދެންވެސް، އެކަލޭގެފާނުގެ ޙަޔާތްޕުޅު ކިޔެވި މީހަކަށް އެކަލޭގެފާނު ކީރިތި ރަސޫލާ ދެކެވަޑައިގެންނެވި ލޯބި ވަންހަނާއެއް ނުވާނެއެވެ.

ވީމާ މިތާގައި މި ބަލާލަނީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަހުގެ ޙާދިޘާއަކަށެވެ. ފަތިސްނަމާދަށް ހުންނަވަނިކޮށް، އިސްލާމް ދީނަށް ޙަސަދައާއި މަކަރުވެރިކަން ހިތުގައި ފޮރުވައިގެން ތިބި، މަޖޫސީންގެ މުޖުރިމެއް ކަމުގައިވާ އަބޫ ލުއުލުއާ، ޢުމަރުގެފާނަށް ހަންޖަރުން ހަމަލާދީ ޒަޚަމް ކޮށްލިއެވެ. އެކަލޭގެފާނުގެ ފުރާނަ ވީ ދާން ކައިރިވެފައެވެ. ހިފެހެއްޓުމެއް ނެތި ލޭ ފައިބަމުން ދިޔައެވެ. އެ ވަގުތު އެކަލޭގެފާނުގެ ޚިޔާލުފުޅު ދާނީ ކޮން ދިމާއަކަށް ހެއްޔެވެ؟

އެވަގުތު އެކަލޭގެފާނުގެ ޚިޔާލުފުޅު ކުރަމުން ދިޔައީ ކީރިތި ރަސޫލާ އާ މެދުގައެވެ. އެގޮތުން އެކަލޭގެފާނު އެދިވަޑައިގަތީ، ބަޔަކު ޢާއިޝަތުގެފާނު އަރިއަހަށް ގޮސް، ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ އާއި، އެކަމަނާގެ ބައްޕާފުޅު އަބޫބަކުރުގެފާނުގެ އަރިއަހުގައި ފަސްދާނުލެވުމުގެ އިޒުނަ ހޯދާށެވެ. ޢާއިޝަތުގެފާނު އަރިއަހަށް ދިޔަ މީހުން އެނބުރި އައީ، އެކަމަނާ އެކަން ޤަބޫލު ކުރެއްވި ކަމުގެ އުފާވެރި ޚަބަރާއެކުގައެވެ. އެ ހިނދު ވިދާޅުވިއެވެ. " ﷲ އަށް ޙަމްދު ހުއްޓެވެ. ހުވާކޮށްފައި ބުނަމެވެ. ކީރިތި ރަސޫލާގެ ޤަބުރުކޮޅު އަރިއަހުގައި އަހަރެން ވަޅުލުމަށް ވުރެ ބޮޑަށް، ކަމަކަށް އަހައްމިއްޔަތު ކަމެއް ނުދެމެވެ.

މި ޙާދިޘާ ތެރޭގައި ޢުމަރުގެފާނުގެ ވަރަޢްވެރިކަން ހާމަވެގެން ދިޔަ ކަމެއްވިސް ހިނގިއެވެ. އެއީ ޢުމަރުގެފާނު ދެކެވަޑައިގަތީ އެކަލޭގެފާނު ދުނިޔޭގައި އޮންނަވާފައި، ޢާއިޝަތުގެފާނު އަރިއަހުން ފަސްދާނުލެވުމުގެ ހުއްދަ އެދިވަޑައިގަތުމުން ފަހަރެއްގައި، ޢާއިޝަތުގެފާނު އެކަލޭގެފާނުގެ މޫނުފުޅަށް ބައްލަވާފައި އެއްބަސްވެވަޑައި ގަނެފާނެއެވެ. އެހެންވެ އެކަލޭގެފާނު އަވަހާރަވުމުން އަދި އެއްފަހަރު ހުއްދަ ހޯއްދެވުމަށް ވަޞިއްޔަތް ކުރެއްވިއެވެ.

މަސްޖިދުއް ނަބަވީއަށް ދާ މީހުންނަށް މާތް ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އާއި އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޤަބުރުކޮޅި ކައިރިއަށް ޒިޔާރަ ކުރުމުގެ މަތިވެރި ޝަރަފު ލިބޭނެއެވެ.

އަންޞާރީ އަންހެން ބޭކަނބަލެއް :

އިސްލާމީ ތާރީޚުން މިސާލު ނެގެން ހުރީ ހަމައެކަނި ފިރިހެނުންގެ އެއް ނޫނެވެ. ޖިހާދު ކުރުމާއި ދީނަށްޓަކައި ޤުރުބާންވުމުގައި އަދި ކީރިތި ރަސޫލާ ދެކެ ލޯބި ވުމުގައި މުއުމިން އަންހެނުންވެސް ވަނީ ހައިރާން ކުރުވާފަދަ ނަމޫނާތަކެއް ދައްކާފައެވެ.

އުޙުދު ހަނގުރާމައިގައި މުސްލިމުންގެ ތެރޭގައި، ކީރިތި ރަސޫލާ ޝަހީދުވެވަޑައިގަތް ޚަބަރުފެތުރިގެން ދިޔައެވެ. ހަނގުރާމައިގެ މައިދާނުގައި ހުރި އަންޞާރީ އަންހެން ބޭކަނބަލަކާއި ހަމައަށްވެސް މި ޚަބަރު ދިޔައެވެ. އެ ވަގުތު އެ ކަމަނާ އަވަސް އަވަހަށް ކީރިތި ރަސޫލާގެ ޙާލުކޮޅާއި މެދު ހިތް ހަމަ ޖެއްސުމަށް ދިޔައެވެ. މަގުމަތީގައި މީހެއް ކައިރިން އެއްސެވެ. " ކީރިތި ރަސޫލާ ކިހިނެއް ހެއްޔެވެ؟ " އެ މީހާ ބުންޏެވެ. " އިއްނާލިއްﷲ ވަ އިއްނާ އިލައިހި ރާޖިޢޫން އެވެ. ކަނބުލޭގެ ބައްޕާފުޅު ޝަހީދުވެއްޖެއެވެ. "

އެހިނދު ވިދާޅުވިއެވެ." ކީރިތި ރަސޫލާ ކިހިނެއް ހެއްޔެވެ؟ " އެ މީހާ ބުންޏެވެ. " އެކަލޭގެފާނުގެ ޙާލުކޮޅު ރަނގަޅެވެ. "

ވިސްނާ ބަލާށެވެ. އެކަމަނާގެ ބައްޕާފުޅަށް ވުރެވެސް ބޮޑަށް އެކަމަނާއަށް މުހިއްމުވީ، މާތް ނަބިއްޔާއެވެ. ޚަބަރެއް ލިބުނަސް އެ ކަމަނާ ލޮލުން ކީރިތި ރަސޫލާ ދެކި ޙާލުކޮޅާއިމެދު ޔަޤީން ކުރަން ބޭނުންވިއެވެ. އެ ގޮތުން ދެވަނަ މީހެއް ކައިރިން ސުވާލު ކުރުމުން އެ ކަމަނާގެ ފިރިކަލުން ޝަހީދުވެއްޖެ ކަމުގެ ޚަބަރު ދެވުނެވެ. ހަމަ ކުރިންވެސް ކުރި ސުވާލުތައް ކުރުމަށް ފަހު ދަނިކޮށް ތިންވަނަ މީހެއް ކައިރިން އެހުމުން ދަރިކަލެއްވެސް ޝަހީދުވެއްޖެކަން އެނގުނެވެ. އަދި ކީރިތި ރަސޫލާގެ ޙާލުކޮޅި ރަނގަޅު ކަމަށް ބުނެވުނެވެ.

އެގޮތަށް ދަމުންގޮސް އެކަމަނާއަށް ކީރިތި ރަސޫލާ ފެނިވަޑައި ގަތުމުން، އެކަމަނާގެ ހިތުގައި ވީ ނުތަނަވަސްކަން ފިލައިގެން ދިޔައެވެ. މާތް ނަބިއްޔާ ސަލާމަތްފުޅުން އެބަ ހުންނެވިކަން އެނގުމުންނެވެ. ދެން ބުންޏެވެ." ކަލޭގަފާނު ހެޔޮ ޙާލުގައި ހުންނެވިއްޔާ، އެހެން ކޮންމެ މުޞީބަތަކީވެސް އާދައިގެ ކުޑަ ކަމަކެވެ. " !!

ކީރިތި ރަސޫލާދެކެ ލޯބިވުން އިތުރުކޮށް ދޭނެ ކަންތައްތައް :

މި ހިސާބުން ނުވަތަ މީގެ ކުރިންނަމަވެސް މީހެއްގެ ހިތަށް އަރާފައި އޮވެދާނެ ސުވާލަކީ، އަހަރެން ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވާން ހަދާނީ ކިހިނެއްހެއްޔެވެ؟

ޖަވާބަކީ، އެއީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. ފަސް ކަމެއް ފުރިހަމަ ކޮށްފިއްޔާ، މާތް ނަބިއްޔާ ދެކެ ވެވޭ ލޯބި އިތުރުވެގެން ދާނެއެވެ.

އެކެއް : އެކަލޭގެފާނަށް ގިނަ ގިނައިން ޞަލަވާތް ކިޔާށެވެ. އެންމެ ރަނގަޅު ޢިބާރާތަކީ ފަހު އައްތަޙިއްޔާތުގައިވާ ޞަލަވާތެވެ. އަދި މީގައި ބުނާ އެއްޗެއް ދަސްކޮށް އެއީ ތިމަންނަގެ ހިތުގެ އެންމެ ފުން މިނުން ބުނާ އެއްޗެއް ކަމުގައި ހަދާށެވެ.

ދޭއް : ކީރިތި ރަސޫލާގެ ސިޔަރަތު ކިޔައި ދިރާސާ ކުރާށެވެ. ތާކުން ތާކު ނުޖެހޭ ލޯބީގެ ވާހަކަ އާއި ބިރުވެރިވާހަކަ ކިއުން ހުއްޓާލާފައި ސިޔަރަތުގައި ހިމެނޭ ޢިބްރަތްތެރި ވާހަކަ ކިޔައި ދަސް ކުރާށެވެ. ސިޔަރަތާއި ބެހޭ ގޮތުން އެތަކެއް ފޮތްތަކެއް ލިޔެވިފައިވެއެވެ. ވީމާ މިއީ ބޮޑު ޚަޒާނާއެކެވެ.

ތިނެއް : ކީރިތި ރަސޫލާގެ ސުންނަތަށް ތަބާވާށެވެ. ސުންނަތް ދަސްކުރާށެވެ. މި ހެން ހެދުމުން އެ މީހަކަށް ރަނގަޅަށް ނަމާދު ކުރާނެ ގޮތާއި ، މުޢާމާލާތް ކުރާނެ ގޮތާއި ، ރީތި އަޚްލާޤާއި ޢިބްރަތްތެރި ދަރުސްތައް ލިބޭނެއެވެ. އަދި ދަސްވާ އެއްޗެއްސަށް ޢަމަލީ ސިފަ ގެންނާށެވެ.

ކީރިތި ރަސޫލާގެ ސުންނަތަކީ ހަމަ އެކަނި ތުނބުޅި ދިގު ކުރުމޭ ހިތާ މީހަކީ، ދީން ރަނގަޅަށް ނޭގޭ މީހެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އާނއެކެވެ. އެއީ ސުންންތަތްކަން ގަދަ ކަމެކެވެ. އެކަމަކު އެއާ އެކު ކުރަންޖެހޭ އަދި ބައިވަރު ކަންތައްތަކެއްވެސް ހުރެއެވެ. ރަނގަޅު އަޚްލާޤެވެ. އަޅުވެރިކަމެވެ. ސުންނަތް ރޯދައާއި ސުންނަތް ނަމާދެވެ. މަޑުމައިތިރި ކަމެވެ. އޯގާތެރިކަމެވެ. ސާފުތާހިރުކަމެވެ. ހެޔޮކަންކަމަށް ބާރު އެޅުމެވެ. މިހެން ގޮސް އެތައް ކަމެކެވެ.

ކީރިތި ރަސޫލާ އަކީ ދެ ޖިންސުގެ އިންސާނުންނަށްވެސް ފޮނުއްވުނު ރަސޫލެކެވެ. ވީމާ އަންހެނުންވެސް އެކަލޭގެފާނުގެ ސުންނަތުގައި ހިފަހައްޓަން ޖެހެއެވެ. އަމުރު ކުރެއްވި ކަންތައް ކުރުމަށް ފަހު ނަހީ ކުރެއްވި ކަންތަކުން ދުރުހެލިވާންޖެހެއެވެ. ޢިއްފަތްތެރިކަމާއި، އަޅުވެރިކަމުގައި އިލްތިޒާމްވާން ޖެހެއެވެ. ދަރިން ތަރުބިއްޔަތު ކުރުމާއި، ޣީބަ ބުނުންފަދަ ކަންތަކުން ދުރުވާންޖެހެއެވެ. މިހެން ގޮސް ކިޔާނެ ކަމެއެއް ނެތެވެ.

ހަތަރެއް : އެކަލޭގެފާނުގެ ރަށް ކަމުގައިވާ މަދީނާ އަށް ޒިޔާރަތް ކުރުމުން، ހިތަށް ގެންނަން ނޭނގޭހާވެސް ފުން އިޙްސާސްތަކެއް ވާނެއެވެ. ތިމާ އަށް މި ހުރެވެނީ ކީރިތި ރަސޫލާއާއި ހާދާ ކައިރީގައޭ ހިތަށް އަރާނެއެވެ.

ފަހެއް : އިސްލާމް ދީނަށް އުޅެންވާ ގޮތަށް އުޅުން .

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.