Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ސިޔަރަތު ކީރިތި ރަސޫލާގެ ގިނަ އަނބިކަނބަލުން ތިއްބެވުމުގެ ޙިކުމަތް

ކީރިތި ރަސޫލާގެ ގިނަ އަނބިކަނބަލުން ތިއްބެވުމުގެ ޙިކުމަތް

anbikabalun-thibbevumuge-hikmaއިސްލާމް ދީނަށް ފާޑުކިޔައި މަލާމާތް ކުރާ މީހުން އެންމެ ގިނައިން ނަގާ އެއް ނުކުތާ އަކީ، ދެ އަންބަތް ނުވަތަ ހަތަރު އަނބިންނާއި އިނުމުގެ ހުއްދަ ދީނުގައި ދީފައިވާތީއެވެ. މިއީ އަންހެނުންގެ ޙައްޤުން ނިގުޅައިގަނެވޭ ބޮޑު އެއްޗެއް ކަމަށާއި ، މިކަމުން ދޭހަވަނީ އިސްލާމް ދީނަކީ ޒަމާނީ ދީނެއް ނޫންކަމަށްވެސް މިފަދަ ދަޢްވާ ކުރާ މީހުން ބުނަމުން ދެއެވެ.

އަދި މި ދީން ދެކެ އަންނަ ރުޅިއާއި ޙަސަދައިން އަނދަ އަނދާ ތިބޭ މީހުން މިވަރުންވެސް ހިތް ނުފުރުމުން، މި އުއްމަތުގެ މާތް ނަބިއްޔާގެ އަބުރުފުޅަށް ހުތުރު ދެވޭނެއޭ ހިތައި ފާޑުފާޑުގެ ވާހަކަ ދައްކައެވެ.

އެ ގޮތުން ދައްކާ އެއް ވާހަކަ އަކީ ކީރިތި ރަސޫލާ 11 ކައިވެނިފުޅު ކުރެއްވި ވާހަކައާއި، އެއްވަގުތެއްގައި ނުވަ އަނބިކަނބަލުން ތިއްބެވި ވާހަކައެވެ. އަދި މުސްލިމް ދަރިންގެ ހިތުގައި ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އާއި މެދު އޮންނަ އިތުބާރާއި އިޙްތިރާމް ގެއްލުވާލަން ކުރާ އެއް ސުވާލަކީ "ކަލޭމެންގެ ދީނުގައި ހަތަރު އަނބިން ހުއްދަ އިރުވެސް ކަލޭމެންގެ ރަސޫލާގެ 9 އަނބިން ތިއްބެވީ ކީއްވެހޭ؟'' މިފަދަ ސުވާލުތަކެވެ.

މި ލިއުމުގައި މި ބަލާލަނީ ކީރިތި ރަސޫލާ އެއް އަނބިކަނބަލުންނަށް ވުރެ ގިނަ އަނބިކަނބަލުންނާއި ކައިވެނި ބައްލަވައިގަތުމުގެ ޙިކުމަތާއި ދީނުގައި އެކަން އޮތް ގޮތެވެ.

އިސްލާމް ދިން ދުނިޔެއަށް ފާޅުވިއިރު މީހުންނާއި އިނުމަށް ވަކި ޢަދަދެއް ވަކި މިނެއް ކަނޑައެޅިފައި ނޯވެއެވެ. ފިރިހެނަކު ބޭނުން ވަރަކަށް ބޭނުން ޢަދަދަކަށް މީހުންނާއި އިންނަންވީއެވެ. ކުރީގެ ދީންތަކުގައި އަދި އާދަ ކާދަތަކުގައި އެއީ ހަމަ އާދައިގެ ކަމެކެވެ. މިސާލަކަށް ތައުރާތުގައި ވާ ގޮތުންވެސް ސުލައިމާންގެފާނުގެ ހަތް ސަތޭކަ އަނބިކަނބަލުން ތިއްބެވިއެވެ. އަދި އިންޖީލުންވެސް ދޭހަވާ ގޮތުގައި ނަޞާރާ ދީނުގައިވެސް މިކަން އޮތީ މިހެންނެވެ. ޔޫނާނީ އަދި ފިރްޢައުނީ ޙަޟާރަތްކަކުގައިވެސް އޮތީ މިހެންނެވެ.

ނަމަވެސް އިސްލާމް ދިން ފާޅުވެ ހަތަރު އަނބިންނަށް ވުރެ ގިނަ އަނބިން ގެންގުޅުން މަނާ ކުރިއެވެ. އޭރު އިސްލާމްވި ޞަޙާބީއެއްގެ ހަތަރު އަނބިންނަށް ވުރެ ގިނަ އަނބިން ތިބެއްޖެނަމަ ބޭނުން ހަތަރު މީހެއް އިޚްތިޔާރު ކޮށްފައި ބާކީ ތިބި މީހުން ދޫ ކުރުމަށް، ކީރިތި ރަސޫލާ އެންގެވިއެވެ.

އެކަކަށްވުރެ ގިނަ އަނބިން ގެންގުޅުމުގައި ދީން ކަނޑައެޅި ހަމައެކަނި ޝަރުޠަކީ އަނބިންގެ މެދުގައި ޢަދުލުވެރިވުމެވެ. އެކަން ނުކުރެވޭނަމަ އެކަކާއި އިންނަން ދީން އެންގެވިއެވެ. މި ކަމާ ބެހޭ އާޔަތަކީ ނިސާ ސޫރަތުގެ ތިންވަނަ އާޔަތެވެ.

މާތް ﷲ ވަނީ ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމައަށް، އެހެން މުއުމިނުންނަށް ނުދެއްވާ އެތަކެއް ޚާއްޞަ އިމްތިޔާޒު ތަކެއް ދެއްވާފައެވެ. އޭގެ ތެރޭގައި ހަތަރު އަނބިންނަށް ވުރެ ގިނަ އަނބިން ގެންގުޅުއްވުންވެސް ހިމެނެއެވެ. އެކަނލާނގެ އެއީ ހުރިހާ ކަމެއް އިރާދަ ކުރެއްވުމުގެ ފުރިހަމަ އިޚްތިޔާރު ލިބިވޮޑިގަންނަވާ ރަސްކަލާނގެއެވެ. މުއުމިންންނަށް ހަތަރު އަނބިން ހުއްދަ ކުރެއްވުމަށް މާތް ﷲ އިރާދަ ކުރެއްވި ފަދައިން، ކީރިރި ރަސޫލާއަށް 9 އަނބިން ގެންގުޅުއްވުމުގެ ހުއްދަ ދެއްވަސް އިރާދަ ކުރެއްވީއެވެ.

މި ޚާއްސަ ޙުކުމް ކީރިތި ރަސޫލާއަށް ހުއްދަ ކުރެއްވި އިރު ، އެ އިން އެއްވެސް އަނބިކަނބަލެއް ދޫކުރައްވާފައި އެހެން ކައިވެނިފުޅެއް ކުރެއްވުން މާތް ﷲ މަނާ ކުރެއްވިއެވެ. އަދި އެ ޢަދަދަށް ވުރެ ގިނަ ކުރުންވެސް މަނާ ކުރެއްވިއެވެ. އަޙްޒާބް ސޫރަތުގެ 52 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ:

لَا يَحِلُّ لَكَ النِّسَاء مِن بَعْدُ وَلَا أَن تَبَدَّلَ بِهِنَّ مِنْ أَزْوَاجٍ وَلَوْ أَعْجَبَكَ حُسْنُهُنَّ إِلَّا مَا مَلَكَتْ يَمِينُكَ وَكَانَ اللَّهُ عَلَى كُلِّ شَيْءٍ رَّقِيباً

މާނައަކީ: "މީގެ ފަހު ކަލޭގެފާނަށް (އިތުރު) އަންހެނުން ހުއްދަވެގެން ނުވެއެވެ. (އެބަހީ އެ ވަގުތު ތިއްބެވި ނުވަ އަނބިކަނބަލުންގެ އިތުރު އަންހެނަކާއި ކައިވެނި ކުރެއްވުން ހުއްދައެއް ނޫނެނެވެ.) އަދި އެބޭކަނބަލުންނާއި އެހެން އަނބިކަބަލުންތަކަކާއި ބަދަލު ކުރެއްވުންވެސް ހުއްދައެއް ނޫނެވެ. އެކަނބަލުންގެ ރީތިކަން ކަލޭގެފާނު އަޖާއިބު ކުޅަ ނަމަވެހެވެ. އެއީ ކަލޭގެފާނަށް މިލްކުވެގެންވާ މީހުން ފިޔަވައެވެ.)

މި ކަމުގެ ސިއްރަކީ ކީރިތި ރަސޫލާގެ އަނބި އަނބި ކަނބަލުންނަށް ލިބިވަޑައިގެންފައިވާ ޚާއްޞަ ދަރަޖައެވެ. ޤުރުއާނުގައި އެކަނބަލުންނަކީ މުއުމިނުންގެ މައިން ކަމުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ކީރިތި ރަސޫލާ ކައިވެނި ކުރެއްވި އަނބިކަނބަލަކާއި ދުވަހަކުވެސް އެހެން މީހަކު ކައިވެނި ކުރުމަކީ ޙަރާމް ކަމެއް ކަމުގައި މާތް ﷲ އެންގެވިއެވެ. އަޙްޒާބް ސޫރަތުގެ 53 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވަނީ :

وَمَا كَانَ لَكُمْ أَن تُؤْذُوا رَسُولَ اللَّهِ وَلَا أَن تَنكِحُوا أَزْوَاجَهُ مِن بَعْدِهِ أَبَداً إِنَّ ذَلِكُمْ كَانَ عِندَ اللَّهِ عَظِيم

މާނައަކީ: "އަދި އެކަލޭގެފާނަށް ފަހު ދުވަހަކުވެސް އެކަލޭގެފާނުގެ އަނބި އަނބި ކަނބަލުންނާއި ކައިވެނި ވުމެއް ތިޔަބައި މީހުންނަކަށް މިލްކުވެގެންނެއް ނުވެއެވެ. ހަމަ ކަށަވަރުން އެކަންތައް އެއީ މާތްﷲ ގެ ޙަޟުރަތުގައި ބޮޑު ކަމެއް ކަމުގައިވެއެވެ. "

މީގެ މާނައަކީ ކީރިތި ރަސޫލާ ކައިވެނި ކުރެއްވި އަނބިކަނބަލެއް އެހެން މީހަކާއި ދުވަހަކުވެސް އިނުން އެއީ ހުއްދަ ކަމެއް ނޫނެވެ.

ދެން ވިސްނާލަ ބަލާށެވެ. އެ ނުވަ އަނބިކަނބަލުންގެ ތެރެއިން ހަތަރު އަނބިކަނބަލުން އިޚްތިޔާރު ކުރައްވާފައި ބާކީ ފަސް އަނބިކަނބަލުން ވަރި ކުރައްވަން އެންގެވި ނަމަ ވާނީ ކިހިނެއްހެއްޔެވެ؟ އޭރުން އުއްމުލް މުއުމިނީން ކަމުގެ ޝަރަފުން ފަސް ބޭކަނބަލެއް މަޙްރޫމްވީއެވެ. އަދި ސުވަރުގޭގައި އެކަލޭގެފާނުގެ އަނބިކަނބަލުންގެ ގޮތުގައި ތިއްބެވުމުންވެސް މަޙްރޫމް ވިއެވެ.

ޝައްކެއްވެސް ނެތް ގޮތުގައި މިކަން މިހެން ވެއްޖެނަމަ އެ ވާނީ އެ ކަނބަލަކަށް ލިބިވަޑައިގަންނަވާ ބޮޑު ހިތާމައަކަށެވެ. އެ ހުރިހާ އަނބިކަނބަލުންނަކީވެސް އަމިއްލަ އިޚްތިޔާރުފުޅުން، ކީރިތި ރަސޫލާގެ އަނބިކަނބަލުންގެ ގޮތުގައި ތިއްބަވަން އުފަލާއެކު ތައްޔާރަތް ތިއްބެވި ބޭފުޅުންތަކެކެވެ. ކޮންމެ ބޭކަނބަލެއް ވެސް ދެކެ ވަޑައިގަތީ ކީރިތި ރަސޫލާގެ އަނބިކަނބަލަކަށް ވުން އެއީ ފަދައެއް ނުވާ ޝަރަފެއް ކަމުގައެވެ.

މިހެން މިކަން ވަނިކޮށް، މި މަތިވެރި ޝަރަފު ނިގުޅައިގަންނާނީ އޭގެ ތެރެއިން ކޮން ބޭކަނބަލެއްގެ ކިބައިންހެއްޔެވެ؟ ހުރިހާ ބޭކަނބަލުންނަކީވެސް މާތް، މަތިވެރި، ދީންވެރި، ތަޤްވާވެރި، ނަސަބުވެރި ބޭފުޅުންނެވެ. ވީމާ ފަހުން އެހެން ޒަވާކީ ހަޔާތެއް ފެއްޓުންވެސް މަނާ ކުރެވިފައި ވަނިކޮށް ވަރިކުރައްވާފައި އުއްމުލް މުއުމިނީންގެ ޝަރަފުން މަހްރޫމް ކުރުން އިންސާފުން އެއްކިބާ ކަމެއް ކަމުގައި މެނުވީ ނުވާނެއެވެ.

މި ސަބަބުތަކާއި އަދި މާތް ﷲ މޮޅަށް ދެނެވޮޑިގެންވާ ސަބަބުތަކާއި ޙިކުމަތްތަކަކަށްޓަކައި، އެކަލާނގެ އިރާދަ ކުރެއްވީ ހުރިހާ ބޭކަނބަލުންވެސް، ކީރިތި ރަސޫލާގެ އަނބިކަނބަލުންގެ ގޮތުގައި ތިއްބަވާށެވެ.

ދެން މީހަކު ކުރާނެ ސުވާލަކީ އެންމެ ފުރަތަމައިނުންވެސް އެ ބޭކަނބަލުންނާއި، ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގަތީ ކީއްވެހެއްޔެވެ؟ މި އީ ޖަވާބު ދޭން އުނދަގޫ ސުވާލެއް ނޫނެވެ. ޖަވާބު ވަރަށް ފާޅުކަން ބޮޑެވެ.

ރަސޫލާ ކުރެއްވި ކައިވެނި ފުޅުތަކަކީ ފަހަރެއްގައިވެސް މުސްތަޝްރިޤުންނާއި މުނާފިޤުންނާއި ޢިލްމާނީންނާއި ޝައްކުވެރިން ބުނާ ފަދަ ބޭނުމަކަށް ކުރެއްވި ކައިވެނިފުޅުތަކެއް ނޫނެވެ. އަމިއްލަފުޅު ބޭނުންފުޅަކަށް ނުވަތަ ޣަރީޒާ އަކަށްޓަކައި ރަސޫލާ އެންމެ ކައިވެނިފުޅެއް ވެސް ނުކުރައްވައެވެ.

މަތީގައި ބުނެވި ދިޔަ މީހުން ދައްކާ ވާހަކަ އަކީ ދޮގެއްކަން ދޭހަވާ އެންމެ ބޮޑު ހެއްކަކީ، ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގެ އެންމެ ޒުވާން ޢުމުރުފުޅު ހޭދަ ކުރެއްވީ އެކަލޭގެފާނަށް ވުރެ ޢުމުރުން 15 އަހަރު ދޮށީ، 40 އަހަރުވެފައިވާ ޚަދީޖަތުގެފާނާ އެކުގައެވެ. އަދި މުޖްތަމަޢުގައި ބޭނުންވަރަކަށް މީހުންނާއި އިނުމުގެ ދޮރު ހުޅުވިފައި އޮތް އިރުވެސް އެކަލޭގެފާނު، ޚަދީޖަތުގެފާނު އަވަހާރަވަންދެން އެހެން އެއްވެސް އަންހެނަކާއި ކައިވެނި ބައްލަވައި ނުގަންނަވައެވެ.

އޭރު އަދި އެކަލޭގެފާނު ރަސޫލު ކަމާއިގެންވެސް ނުފޮނުއްވެއެވެ. އެއްޗެއް ބުނެފާނެ މުސްލިމުންނެއްވެސް، ފިތުނަ އުފައްދަފާނެ މުނާފިޤުންނެއްވެސް ނެތެވެ. އެކަލޭގެފާނަކީ ނަސަބުގެ ގޮތުން މުޅި ޤުރައިޝުވަންހައިގެ އެންމެ މާތް ބޭފުޅާއެވެ. އަޚްލާޤުފުޅު ރަނގަޅު ކަމުން ހުރިހާ ޢަރަބިންވެސް ތިބީ އެ މީހުންގެ އަންހެން ކުދިން އެކަލޭގެފާނައި ދެވަން ތައްޔާރަށެވެ.

ނަމަވެސް ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އެހެން ކައިވެންޏެއް ނު ކުރައްވައެވެ. ވަފާތެރި ކަންމަތީ ޚަދީޖަތުގެފާނު އަވަހާރަވަންދެން ހުންނެވިއެވެ. އަދި އެކަމަނާ އަވަހާރަ ވި އިރު އެކަލޭގެފާނު ވަނީ ރަސޫލު ކަމާއިގެން ފޮނުއްވި ، އެ ދީން ފެތުރެއްވުމުގެ ބުރަ މަސްއޫލިއްޔަތު އިސްތަށިފުޅުގައި އެޅިފައެވެ. ވީމާ މި ކަމުގެ ފަސޭހައަކަށްޓަކައްޔާއި އެހެނިހެން ސަބަބުތަކަށްޓަކައި ފަހުން ކައިވެނިފުޅު ކުރެއްވީއެވެ.

ޚަދީޖަތުގެފާނު އަވަހާރަވެ ޢުމުރުފުޅުން ފަންސާސް އަހަރުފުޅަށް ވުރެ ގިނަ ވެފައި ވަނިކޮށ، އެކަލޭގެފާނު ދެވަނަ ކައިވެންޏެއް ކުރެއްވިއެވެ. އެއީ ސައުދާ ބިންތު ޒަމްޢާ އާއެވެ. އެކަމަނާއަކީ ޢުމުރުން ދުވަސްވެފައިވާ މުސްކުޅި ބޭކަނބަލެކެވެ.

ދެން އެކަލޭގެފާނު ބޭނުންފުޅުވީ ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ އީމާންވެވަޑައިގަތް އަދި ގާތް އެކުވެރިއެއް ކަމުގައިވާ އަބޫބަކުރުގެފާނާއި އޮންނަ ގުޅުން ބަދަހި ކުރައްވާށެވެ. ޢަރަބިންގެ އާދަކާދަ ހުންނަ ގޮތުން ކައިވެނީގެ ގުޅުމަކީ އަބަދުވެސް ކޮންމެފަދަ ޙާލަތެއްގައިވެސް އިޙްތިރާމް ކުރެވޭ، ގުޅުމެކެވެ. އެންމެ ބަދަހި ގުޅުމަކީވެސް އެއީއެވެ. އަދި އެ ޤަބީލާއެއް ނުވަތަ ޢާއިލާއެއްގެ އަންހެން ކުއްޖަކާ ކައިވެނި ކޮށްގެން ހުންން ފިރިހެނަކަށް އަމާންކަން ދީ ނަޞްރު ދެއެވެ.

އަނެއް ކޮޅުން، އަބޫބަކުރުގެފާނު ކީރިތި ރަސޫލާއަށް ކޮށްދެއްވި ހެޔޮކަންތަކުގެ ބަދަލެއްގެ ގޮތުން، ދިނުން އެންމެ އެކަށީގެންވާ އިނާމަކީ އިސްލާމީ އުއްމަތުގެ ނަބިއްޔާ އާއި އަބޫބަކުރުގެފާނުގެ ޢާއިލާއާއި ގުޅުންކަން އެއީ ވިސްނައިގަންން އުނދަގޫ ކަމެއް ނޫނެވެ. ތިމާގެ އެކުވެރިއާ އަކީ މާތް ﷲ ވަޙީ ބާވައިލައްވާ ޚާތިމުއް ނަބިއްޔީން ކަމަށް ވެފައި، އެ ބޭފުޅަކާއި ތިމާގެ ޢާއިލާއާއި ކައިވެނީގެ ގޮށް ޖަހާލަން ބޭނުން ނުވާނެ އެކަކުވެސް ނުހުންނާނެއެވެ. މިހެން އަބޫބަކުރުގެފާނު ހުންނަވަނިކޮށް ކީރިތި ރަސޫލާގެ ހުށައެޅުއްވުން ލިބިވަޑައިގަތުމުން ، އެކަން އުފަލާއެކު ޤަބޫލު ކުރެއްވިއެވެ.

ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހު މި އުއްމަތުގެ ޚިލާފަތުކަން ކުރައްވަން، އެކަލޭގެފާނު ބޭނުންފުޅުވި ބޭކަލުންނާއި އެކަލޭގެފާނު ވަނީ ގާތް ގުޅުމެއް ބަދަހި ކުރައްވާފައެވެ. އެ ގޮތުން އަބޫބަކުރުގެފާނުގެ ދަރިކަނބަލުން ޢާއިޝަތުގެފާނާއި ކައިވެނި ބައްލަވައިގަތެވެ. ދެން މި އުއްމަތުގެ އެންމެ މުހިއްމު ބޭފުޅަކަށް ހުންނެވީ ޢުމަރުގެފާނެވެ. އެހެންވެ ޢުމަރުގެފާނުގެ ދަރިކަލުން ޙަފްޞާގެފާނާއި ކައިވެނި ބައްލަވައިގަތެވެ. ދެން ހުންނެވީ ޢުޘްމާންގެފާނެވެ. ޢުޘްމާނުގެފާނާއި ކީރިތި ރަސޫލާގެ ދެ ދަރިކަނބަލުން ކަމުގައިވާ ރުޤިއްޔާ އާއި އުއްމު ކުލްޘޫމް އާއި ކައިވެނި ކުރެއްވެވިއެވެ. ދެން ހުންނެވީ ޢަލީގެފާނެވެ. ޢަލީގެފާނާއިވެސް ރަސޫލާގެ އެންމެ ހަނގު ދަރިކަނބަލުން ފާޠިމަތުގެފާނާއި ކައިވެނި ކޮށްދެއްވިއެވެ.

ހަތަރުވަނައަށް ރަސޫލާ ކައިވެނި ބައްލަވައި ގަތީ ޙަފްޞާގެފާނާއެވެ. އެކަމަނާއަކީ ފިރިކަލުން މަރުވެގެން، ޢުމަރުގެފާނު ޢުޘްމާނުގެފާނަށާއި އަބޫބަކުރުގެފާނަށް ކައިވެނިކޮށްދެއްވަން ހުށައެޅުއްވުމުންވެސް ޤަބޫލު ނުކުރެއްވި ބޭކަނބަލެކެވެ. ރަސޫލާ މިކައިވެނި ކުރެއްވީ ހުވަފަތް އަންހެނަކަށް އެހީތެރިވެވަޑައިގަތުމަށާއި، ޢުމާރުގެފާނުގެ މަޤާމްފުޅަށްޓަކައެވެ.

އުއްމު ސަލަމާއަކީވެސް ފިރިކަލުން އަވަހާރަވެ، ފިރިކަލުންނަށްވުރެ ރަނގަޅު މޮޅު މީހަކާއި ނޫނީ ނުއިންނަން ހުންނެވި ބޭކަނބަލެކެވެ. ޤުރައިޝުވަންހައިގެ މޮޅެތި މޮޅެތި ބޭކަލުންގެ ހުށައެޅުންވެސް ޤަބޫލު ނުކުރެއްވީ އެހެންވެގެންނެވެެ. އަދި އެކަމަނާގެ ފިރިކަލުން އަވަހާރަ ވުމުން، ފިރިކަލުންނަށް ވުރެ މޮޅު އިތުރު މީހެއް މިންވަރު ކުރެއްވުން އެދި ކުރެއްވި ދުޢާއެއްގެ ނަތީޖާއަކަށް ވ، ކީރިތި ރަސޫލާ އެކަމަނާއާއި ކައިވެނި ބައްލަވައިގަންނަވަން ތައްޔާރަށް ހުންނެވިކަން އެންގެވުމެވެ. މި ކަމަނާއާއި ރަސޫލާ ކައިވެނި ކުރެއްވީ އިސްލާމް ދީނަށްޓަކައި ބޮޑެތި ދަތި އުނދަގޫތަކެއް ތަޙައްމަލު ކުރައްވާފައިވާ ބޭކަނބަލެއް ހުވަފަތްވެވަޑައިގަތުމުން، އެކަން ފޫބައްދަވަން ވެގެންނެވެ.

ޖުވައިރިޔާ ބިންތު އަލްޙާރިޘްއާއި ކައިވެނި ބައްލަވައި ގަތީވެސް އެކަމަނާގެ ޤައުމުގެ މީހުން އިސްލާމް ދީނަށް ވެއްދެވުމަށްޓަކައެވެ. ކީރިތި ރަސޫލާ އެކަމަނާއާއި ކައިވެނި ބައްލަވައި ގަތުމުން، އެ ޤައުމުގެ އެތައް ބަޔަކު މިނިވަން ކުރެވި ގިނަ ބަޔަކު އިސްލާމްވިއެވެ.

އުއްމު ޙަބީބާ އަކީ ކީރިތި ރަސޫލާއާއި އެންމެ ދެކޮޅުވެރިވެގެން އުޅުނު އަބޫ ސުފްޔާންގެ ދަރިކަނބަލެކެވެ. ނަމަވެސް ބައްޕަ ކިޔާނެ އެއްޗަކަށް ނުބައްލަވާ އިސްލާމްވެވަޑައިގަނެ ފިރިކަލުންނާއެކު ޙަބްޝު ކަރައަށް ހިޖުރަ ކުރެއްވިއެވެ. ފިރިކަލުން އެތާގައި ނަޞްރާނީވެ ފަހުން މަރުވިއެވެ. ނަތީޖާއަކަށް ވީ އުއްމު ޙަބީބާ ބީރައްޓެހި ޤައުމެއްގައި އެކަނިވެރިވެ ހުވަފަތް އަންހެނަކަށް ވީއެވެ.

ކީރިތި ރަސޫލާއަށް މި ޚަބަރު ލިބިވަޑައިގަނެ، އުއްމު ޙަބީބާ އަށް މިފަދަ ދެރަ ގޮތެއް ދިމާވުމަށް ޤަބޫލެއް ނުކުރެއްވިއެވެ. އެހެން ކަމުން އެކަމަނާގެ އީމާންތަރިކަމާއި ސާބިތުކަމުގެ ބަދަލެއްގެ ގޮތުން، އަދި އަބޫ ސުފްޔާންގެ ޢާއިލާއަކީ ޤުރައިޝުވަންހައިގެ ނުފޫޒުގަދަ ޢާއިލާއެއްކަމުން އެ ޢާއިލާ އިސްލާމް ދީނާއި ގާތް ކުރެއްވުމަށްޓަކައި، އުއްމު ހަބީބާ އާއި ކައިވެނި ކުރެއްވިއެވެ. ކައިވެނި ކުރެއްވީ ކީރިތި ރަސޫލާ މަދީނާގައި އެކަމަނާ ޙަބްޝުކަރައިގައި ހުންނަވަނިކޮށެވެ. މިއިންވެސް މި ކައިވެނިފުޅުގެ ބޭނުން އެނގޭހާވެއެވެ.

ކީރިތި ރަސޫލާ ޒައިންބަ ބިންތު ޖަޙްޝް އާއި ކުރެއްވި ކައިވެނިފުޅަކީ، ޖާހިލިއްޔަ އާދައެއް އިސްލާމީ މުޖްތަމަޢިން ފޮހެލެއްވުމަށްޓަކައި މާތް ﷲ ގެ އަމުރުފުޅަށް ކުރެއްވި ކައިވެނިފުޅެކެވެ. އެއީ މައްކާގެ މުޖްތަމަޢު އޭރު ދެކޭ ގޮތުގައި ދަރިކޮށްގެން ގެންގުޅޭ ކުދިންނަކީ އުފަން ދަރިންފަދަ ބައެކެވެ. އެފަދަ ދަރިންނަކށް ގޮވައިލެވެނީވެސް ދަރިކޮށްގެން އުޅޭ މީހުންގެ ނަމާ ގުޅުވައިގެންނެވެ. އަދި މިފަދ ދަރިއެއް ކައިވެނި ކޮށްފި މީހަކީ އޭނާގެ " ބައްޕަ" އަށް ކައިވެނި ކުރުން ޙަރާމް މީހެކެވެ.

ނަމަވެސް އަސްލު ދަރިންނާއި ދަރިކޮށްގެން އުޅޭ މީހުންނާއި ތަފާތު ކަމާއި، ދަރިކޮށްގެން އުޅޭ ކުދިންނަށް އެ މިހުންގެ ނަމާއި ގުޅުވައިގެން ނުގޮވުމަށް މާތް ﷲ އެންގެވިއެވެ. އަދި މި ފަދަ ދަރިން ކައިވެނި ކޮށްފައިވާ އަންހެނުންނާއި ކައިވެނި ކުރެވޭނެކަންވެސް ދީނުގައި ބަޔާން ކުރެވުނެވެ.

ކީރިތި ރަސޫލާ ކުރެއްވި ހުރިހާ ކައިވެނިފުޅުތަކަށް ބެލިކަމުގައި ވިޔަސް ފެންނަން އޮންނާނީ، އެއީ ޙިކުމަތްފުޅުތަކަކާއި އިސްލާމީ އުއްމަތުގެ މަސްލަޙަތަށް ކުރެއްވި ކައިވެނި ފުޅުތަކެއްގެ ގޮތުގައެވެ. ފަހަރެއްގައިވެސް މުއްސަނދިކަމަކަށް، ވެރިކަމަކަށް ، ޚާލިޞް ފިޠުރީ ބޭނުންފުޅަކަށް، ނޫނެވެ.

ކުރިން ބުނެވުނު ޢާއިލީ ގުޅުމުގެ ތެރެއިން ލާފައި އިސްލާމް ދީން ވަރުގަދަ ކުރުމާއި ގިނަ ބަޔަކު ދީނަށް ވެއްދުމުގެ އިތުރުން އެހެން ޙިކުމަތެއްވެސް ރަސޫލާ ކުރެއްވި ކައިވެނިފުޅުތަކުގައި ހިމެނެއެވެ.

އެއީ ކީރިތި ރަސޫލާ ރަސޫލު ކަމާއިގެން ފޮނުއްވުނީ ފިރިހެނުންނަށް އެކަންޏެއް ނޫނެވެ. ކިއެއްތަ އަންހެނުންވެސް ހިމެނެއެވެ. އަންހެނުންނަކީވެސް ހުރިހާ އަޅުކަމަކާއި ހުރިހާ ދީނީ ތަކްލީފްތައް އުފުލަން ޖެހޭ ބައެކެވެ. ވަންހަނާ ނުވާނެ ފަދައިން ފިރިހެނުންގެ ޠަބީޢަތާއި އަންހެނުންގެ ޠަބީޢަތާއި ތަފާތެވެ. ވީމާ މި އުއްމަތުގެ އަންހެނުންނަށް އެ ކަނބަލުންނަށް ދީނީ ގޮތުން އެނގެން ޖެހޭ ކަންތައްތައް ދަސްކޮށް ދޭނެ ބަޔަކު ބޭނުންވެއެވެ.

ކީރިތި ރަސޫލާގެ އަނބި އަނބި ކަނބަލުންނަކީ މި ދައުރު ވަރަށް ފުރިހަމަ ގޮތެއްގައި އަދާ ކުރެއްވި ބޭކަނބަލުންތަކެކެވެ. އެކި ޢުމުރުގެ އެކި އާދަތަކުގެ ބޭކަނބަލުންނަށް ވުމުން ގިނަ ބަޔަކަށް ދީނީ ފިލާވަޅުތަކުގެ ފައިދާ ފެތުރިގެން ދިޔައެވެ. އަންހެނުން ހިނައިގަންނާނެ ގޮތާއި، ރޯދަ ހިފުމާއި އަޅުކަންތައް ކުރުމާއި ، ގޭ ތެރޭގައި ފިރިންނާއި މެދު ކަންތައް ކުރާނެ ގޮތް މި އުއްމަތަށް ދަސްކޮށްދެއްވީ ރަސޫލާގެ އަނބިކަނބަލުންނެވެ. އެއީ އެ ކަނބަލުންނަށް ރަސޫލާ އެ ގޮތް ދަސްކޮށް ދެއްވީމައެވެ.

ޞަޙާބީ ބޭކަލުންނަށް ދީން އެނގިވަޑައިގަންނަވަނީ، ކީރިތި ރަސޫލާ މިސްކިތްފުޅުގައި ނުވަތަ އެނުންވެސް ތަންތާނގައި އެބޭކަލުންގެ ތެރޭގައި ހުންނަވާފައި ޙަދީޘްކުރައްވާ ޙަދީޘްފުޅުތަކުންނެވެ. ނަމަވެސް މުސްލިމުންގެ ޙަޔާތުގެ މުހިއްމު އެއްބައި އެއީ ގޭތެރޭގައި ވާ އެއްޗެކެވެ. ދަރިން ތަރުބިއްޔަތު ކުރުމާއި، ޢާއިލީ އަދަބުތަކާއި، ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުމާއި، އެ ގުޅުމުގެ އަދަބުތަކާއި، ކައިވެނީގައި ޖެހޭ މައްސަލަތަކާއި އެކަންތައް ޙައްލު ކުރާނެ ގޮތާއި މިކަހަލަ މިކަހަ ކަންތައްތައް ޞަޙާބީންނަށް އެނގިވަޑައިގަންނަވަނީ ، ކީރިތި ރަސޫލާގެ އަނބިކަނބަލުން އެކަނބަލުންގެ ރަޙްމަތްތެރި އަންހެހުންނަށް ކިޔައި ދެއްވީމައެވެ. ނުވަތަ ފަރުދާގެ ފުރަގަހުން ސީދާ އެކަނބަލުންނާއި ސުވާލު ކޮށްގެންނެވެ.

ދުނިޔޭގެ ބޮޑެތި ބޮޑެތި މީހުންނާއި ވެރިންގެ ގޭތެރޭގެ ދިރި އުޅުމަކީ ސިއްރެކެވެ. އެކަމަކު ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އެއްވެސް ސިއްރެއް ނެތެވެ. ކުރެއްވި ހުރިހާ ކަމެއް، ޙަދީޘް ކުރެއްވި ހުރިހާ ބަސްފުޅެއް، ޙަދީޘާއި ސީރަތު ފޮތްތަކުގައި ލިޔެވި، ރައްކާ ކުރެވިފައި އެބަހުއްޓެވެ. ސަބަބަކީ މި އުއްމަތުގެ ނަބިއްޔާގެ ޙަޔާތްޕުޅަކީ ހުރިހާ އެންމެންމަށް ވެސް ހުރި ފުރިހަމަ ނަމޫނާއެކެވެ. ވެރިންނާއި ރައްޔިތުންނަށެވެ. އަނބިންނާއި ފިރިންނަށެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނަށެވެ. މުޖްތަމަޢަށާއި ޢާއިލާއަށެވެ.

Comments