ބުރާސްފަތި20180920

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ސިޔަރަތު ކީރިތި ރަސޫލާ ޢާއިޝަތުގެފާނާއި ކައިވެނި ބައްލަވައިތުން

ކީރިތި ރަސޫލާ ޢާއިޝަތުގެފާނާއި ކައިވެނި ބައްލަވައިތުން

aishathugefaana-kaveni-ballavaigathunސ. ޢާއިޝަތުގެފާނުގެ ޢުމުރުފުޅުން 9 އަހަރުގައި، ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އެކަމަނާއާއި ކައިވެނި ބައްލަވައިގަތް ވާހަކަ އެއީ ތެދެއްހެއްޔެވެ؟

ޢާއިޝަތުގެފާނާއި ކީރިތި ރަސޫލާ ކައިވެނި ބައްލަވައިތުމުގެ ސަބަބުން ބައެއް މީހުންވަނީ އެކަމާއި މެދު ހައިރާންވެ ނުވަތަ ޝައްކު އުފެދިފައެވެ. މިފަދަ މީހުން ކުރާ ސުވާލަކީ ކީރިތި ރަސޫލާ ޢުމުރުފުޅުން 50 އަހަރުވެފައި ހުންނަވަނިކޮށް، ޢާއިޝަތުގެފާނުގެ ޢުމުރުފުޅުން އެންމެ 9 އަހަރުގައި ކައިވެނި ބައްލަވައި ގަތީ ކިހިނެއްހެއްޔެވެ؟

ސުވާލަކީ ހިތުގައި އުފެދިދާނެ ސުވާލެކެވެ. ސުވާލު އުފެދުނީތީ ހައިރާންވާކަށްވެސް ނުޖެހެއެވެ. ނަމަވެސް ކީރިތި ރަސޫލާއާއި ޢާއިޝަތުގެފާނުގެ ޚިޠުބާ (ގާލިހު) ކުރެވުމުގެ ކުރިން އެކަމަނާ އެހެން މީހަކާއި ޚިޠުބާ ކުރެވުނުކަން އެނގޭ ނަމަ، ޙައިރާން ވާކަށް ނުޖެހެއެވެ.

ތާރީޚް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޖުބައިރް ބިން އަލްމިޠްޢަމްގެ ދަރިއަކާއި ޢާއިޝަތުގެފާނުގެ ކާވެނި ކުރުވުމަށްޓަކައި އަބޫބަކުރުގެފާނު އަރިއަހުން އެދުނެވެ. އަދި ޢާއިޝަތުގެފާނުގެ މައިންބަފައިން އެކަމާ އެއްބަސްވެ، ޚިޠުބާ (ގާލިހު) ކުރެވުނެވެ.

މި ހެން މިކަން އޮއްވައި ޚައުލާ ބިންތު ޙަކީމް ޢާއިޝަތުގެފާނުގެ މަންމާފުޅު އުއްމު ރޫމާން އަރިއަހަށް ވަޑައިގަނެ، ކީރިތި ރަސޫލާ ޢާއިޝަތުގެފާނާއި ޚިތުބާ ކުރައްވަން ބޭނުންފުޅުކަމަށް ދެންނެވިއެވެ. ނަމަވެސް އުއްމު ރޫމާން ވިދާޅުވީ އަބޫބަކުރުގެފާނަށް އެވާހަކަ ދެންނެވުމަށެވެ. އަބޫބަކުރުގެފާނަށް ދެންނެވުމުން ވިދާޅުވީ ޖުބައިރް ބިން އަލްމިޠްޢަމް އަށް އާނ ބަސް ދެވިފައިވާ ކަމަށާއި ވީމާ ވަޢްދާއި ޚިލާފް ނުވެވޭނެ ކަމަށެވެ.

ދެން އަބޫބަކުރުގެފާނު ޖުބައިރް ބިން އަލްމުޠްޢަމް ގާތަށް ވަޑައިގަނެ، އޭނާ ކުރިން ބުނި ބަސް މަތީ ދެމި ހުރިތޯ އެއްސެވިއެވެ. އެ ވަގުތު މުޠްޢަމްގެ އަންހެނުން އެ މީހުންގެ ދަރި، ޢާއިޝަތުގެފާނާއި ކައިވެނި ކުރުވަން މިހާރު ބޭނުން ނޫން ކަމަށް ދެންނެވިއެވެ. އަދި އެމީހުންގެ ދަރި ކައިވެންޏަށް ފަހު އަބޫބަކުރުގެފާނުގެ ދީނަށް ވަދެދާނެ ކަމަށާއި، އެ ގޮތް ބޭނުން ނޫންކަމަށްވެސް ބުންޏެވެ. ނަމަވެސް އަބޫބަކުރުގެފާނު ޖުބައިރް ބިން އަލްމުޠްޢަމްގެ ބަހަކީ ކޮބައިތޯ އެއްސެވިއެވެ. ޖަވާބަކަށް އޭނާ ދެންނެވީ " ދެންމެ ތި އަޑު އިވިވަޑައިގަތީ އަހަރެންގެ ޖަވާބު " ކަމަށެވެ.

ކޮންމެއަކަސް އަބޫބަކުރުގެފާނު އިސްތަށިފުޅުގައި އެޅިފައި އޮތް ވަޢްދުން މިނިވަންވެވަޑައިގަތުމުން، ކީރިތި ރަސޫލާގެ ހުށައެޅުއްވުން އުފަލާއެކު ޤަބޫލު ކުރައްވައި ޢާއިޝަތުގެފާނާއި ކީރިތި ރަސޫލާގެ ކާވެނީގެ ޢަޤުދު ކުރެވުނެވެ.

ދެން ބުނަން އޮތް ނުކުތާއަކީ، އުފެދި ބޮޑުވާ މާހައުލާއި އެ މީހާގެ ނަސްލަކީ، ބާލިޣް ވާ އަވަސް ލަސްމިން ކަނޑައަޅާ ކަންކަމެވެ. ވަރަށް ހަނގު ޢުމުރުގައި ބާލިޣްވާ އަންހެން ކުދިންތިބޭކަން ހަނދާން ބަހައްޓަން ޖެހެއެވެ. ސްކެންޑްނޭވިއާ ޤައުމު ތަކުގެ މީހުން ބާލިޣްވާ ޢުމުރަށް ވުރެ އަވަހަށް، ހޫނުގަދަ ޤައުމުތަކުގައި އުޅޭ މީހުން ބާލިޣްވާކަން ޤަބޫލު ކުރަން ޖެހެއެވެ. އަދި ބޮޑެތި ރަށް ރަށުގައި އުޅޭ މީހުންނަށް ވުރެ އަވަހަށް ދަނޑުވެރި ހިސާބުތަކުގައި އުޅޭ މީހުން ބާލިޣްވާކަން ޤަބޫލު ކުރަންޖެހެއެވެ.

ވީމާ މި ކައިވެނި ފުޅު ކުރެވި ކީރިތި ރަސޫލާ، ރޭ ކުރެއްވި އިރު ޢާއިޝަތުގެފާނަކީ ބާލިޣް ނުވާ މީހެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. މި ބުނުމަށް ބާރު ދޭ އަނެއް ނުކުތާއަކީ ކައިވެނީގެ ޢަޤުދު ކުރައްވާފައި އެކަމަނާ އާއި ރޭ ކުރެއްވީ ތިން އަހަރު ފަހުންނެނެވެ. ވީމާ ތިން އަހަރުވަންދެން މަޑު ކުރެއްވީ ސަބަބަކަށްޓަކައިކަން އެނގެއެވެ.

ކައިވެނި ކުރާ ޢުމުރަކީ އިންސާނީ ނަސްލު ފެއްޓުނީއްސުރެ އެ ތަނެއްގެ އާދަކާދައާއި މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅިފައި އޮންނަ ކަމެކެވެ. މި ޒަމާނުގެ މަދަރުސާތަކާއި، ތަޢްލީމާއި، ވަޒީފާ އަދާ ކުރުމާއި، ޒުވާނުންނަށް މަސްއޫލިއްޔަތު އުފުލޭ މިންވަރު، މީގެ ފަނަރަ ސަތޭކަ އަހަރު ކުރިއާއި އަޅައި ކިޔައި، މިންބަލައި ފާޑު ކިޔައި ހެދުމަކީ އިޖްތިމާޢީ ޢިލްމުގެ އެންމެ އަސާސީ ޤަވާޢިދު ތަކާއި ވެސް ޚިލާފު ކަމެކެވެ.

އެ ދުވަސްވަރު އަންހެނުން އަދި ފިރިހެނުންވެސް ކިޔަވަން ދާނެ މަދަރުސާއެއް ނުހުރެއެވެ. ވަޒީފާ އަދާކުރަން ދާނެ އޮފީހެއް ނުހުރެއެވެ. އަދި ކުދިން ބޮޑެތިވަނީ ޤަބީލާތަކުގެ ތެރެއަށެވެ. އިހު ޒަމާނުގައި ކައިވެނި ކޮށްގެންވެސް އެންމެން އުޅެނީ ޤަބީލާގެ މީހުންގެ ތެރޭގައި ޢާއިލާއާއި އެކުގައެވެ. އުފަން ދަރިން ކައިވެނި ކޮށް ކުދިން ލިބުނީމާ އެހީތެރިވެ ބަލަހައްޓައިދޭން އޭނާގެ މަންމައާއި ބައްޕަ އަދި މުޅި ޢާއިލާ އޮވެއެވެ. އަދި މި ޒަމާނުގައި އޮންނަ ގޮތަށް އާމްދަނީ ހޯދުމަކީ އެ މީހަކު އެކަނި މާއެކަނި ކުރަން ޖެހޭ ކަމެއް ނޫނެވެ. އެއީ މުޅި ޢާއިލާގެ ޒިންމާއެކެވެ.

ވީމާ އިޖްތިމާޢީ ގޮތުން މިހާރާއި އެހާރާއި އަޅާ ނުކިޔޭނެކަން ޤަބޫލު ކުރަން ޖެހެއެވެ.

ކީރިތި ރަސޫލާ ޢާއިޝަތުގެފާނުގެ ޢުމުރުފުޅުން ހަ އަހަރުގައި ކައިވެނި ކުރައްވައި، ނުވަ އަހަރުގައި ރޭ ކުރެއްވުމުން އެއީ އެކަލޭގެފާނުގެ އަބުރުފުޅަށް ނުވަތަ އިސްލާމް ދީނަށް ހަމަލާ ދެވޭނެ ކަމެއް ނޫންކަން ދޭހަވާ ވަރަށް ސާފު ހެއްކެއްވެސް މިތާގައި ބުނެލަން ބޭނުމެވެ. އެއީ ކީރިތި ރަސޫލާ އިސްލާމް ދީނަށް ގޮވާ ލެއްވުމުން އެކަމާ ދެކޮޅުވެރިވި މުޝްރިކުންގެ ތެރެއިން އެކަކުވެސް، ކީރިތި ރަސޫލާ ޢާއިޝަތުގެފާނާއި ކުރެއްވި ކައިވެނިފުޅާއި ބެހޭގޮތުން ވާހަކަ ދައްކައި، އެއީ މުޖްތަމަޢް އަށް އާ ކަމެކޭ ނުބުނެއެވެ. އަބޫ ޖަހުލު، އަބޫ ލަހަބް ފަދަ މީހުންވެސް ކީރިތި ރަސޫލާގެ ރަސޫލު ކަން ޤަބޫލު ނުކުރަން ދެއްކި ދޮގު ތުހުމަތަކީ އެކަލޭގެފާނަކީ ޅެންވެރިއެއް ނުވަތަ މޮޔައެއްކަމުގެ ވާހަކައެވެ.

ފަހަރެއްގައިވެސް މައްކާގެ އަދި މަދީނާގެ މުޝްރިކުންނާއި މުނާފިޤުންގެ ތެރެއިން އެކަކުވެސް، ރަސޫލާ ޢާއިޝަތުގެފާނާއި ކުރެއްވި ކާވެނިފުޅާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަޅެ އެ ކައިވެނިފުޅަކީ މި ޒަމާނު އިސްލާމް ދީނުގެ ދުޝްމަނުން ބުނާ ފަދަ ކައިވެންޏެއްނަމަ، އަބޫޖަހުލުމެން އެ ނުކުތާގައި ހިފާ ދަމާ ނެރެ އަޑުގަދަ ނުކުރީ ކީއްވެހެއްޔެވެ؟ މިހާރުގެ މީހުންނަށް ވުރެ އަބޫ ޖަހުލު ރަނގަޅީހެއްޔެވެ؟

ޝައްކެއްވެސް ނެތް ގޮތުގައި އޭނާ ރަނގަޅީކީ އެއްވެސް ނޫނެެވެ. އަދި ނުވިސްނެނީކީއެއްވެސް ނޫނެވެ. ޙަޤީޤީ ސަބަބަކީ އޭރުގެ މުޖްތަމަޢް ޢާއިޝަތުގެފާނަކީ ކައިވެނި ނުކުރާވަރުގެ ކުޑަ ކުއްޖެއް ކަމުގައި ނުދެކެނީއެވެ. އަދި އޭރުގެ މީހުން 9 އަހަރުގައި ބާލިޣްވެއޭ ބުނުމުން ޙައިރާންވެސް ނުވާނީއެވެ.

މަދީނާގެ މުނާފިޤުންވެސް، ކީރިތި ރަސޫލާގެ އަބުރުފުޅު ޚަރާބު ކުރުމަށްޓަކައި ދެއްކި ވާހަކަ އަކީ އިފްކުގެ ވާހަކައެވެ. ޢާއިޝަތުގެފާނާއި ކީރިތި ރަސޫލާ ކާވެނިބައްލަވައިގަތް އިރު އެކަމަނާ އަކީ ކާވެނި ކުރަން އެކަށީގެން ނުވާ އަންހެން ކުއްޖެކޭ ނުބުނެއެވެ.

ޅަފުރައިގެ ބޭކަނބަލަކާއި ކައިވެނި ބައްލަވައިގަތް ހަމަ އެކަނި ބޭކަލަކީ ކީރިތި ރަސޫލާއެއް ނޫނެވެ. އަދި ހަމަ އެހެންމެ އެއީ ހަމަ އެކަނި ޢަރަބީން ކޮށް އުޅުނު ކަމެއްވެސް ނުމެ ނޫންމެއެވެ. އަދި ކިއެއްތަ އެކަލޭގެފާނަށް އެންމެ ބޮޑަށް ޙަސަދަވެރި ވެގެން އުޅޭ ޔަހޫދީންގެ ތެރޭގައި ވެސް އާދަވެ ކޮށް އުޅުނު ކަމެކެވެ. މިކަމުގެ ދަލީލަކީ، އިތުރު އެކަލޭގެފާނުންގެ އަނބިކަނބަލެއް ކަމުގައިވާ އުއްމުލް މުއުމިނީން ޞަފިއްޔާ ބިންތު ޙުޔައްޔު އެވެ.

އެ ކަމަނާ އަކީ ޔަހޫދީ ނަސްލުގެ ބޭކަނބަލެކެވެ. ޞަފިއްޔާ ކީރިތި ރަސޫލާ އާ ކައިވެނިބައްލަވައިގަތުމުގެ ކުރީން، އެކަމަނާގެ ޢުމުރުފުޅުން 11 އަހަރުގައި، އެކަމަނާގެ ޤައުމުގެ މީހަކާ ކައިވެނި ބައްލަވައިގަތެވެ. އެކަމަނާގެ ބައްޕައަކީ އެ ޤައުމުގެ ވެރިމީހާއެވެ. އަދި ބޮޑުބޭބޭފުޅަކީ ޔަހޫދީ ދީނުގެ ޢިލްމުވެރިއެކެވެ. މިހެން މިކަން އޮތް އިރުވެސް އެމީހުންގެ 11 އަހަރުގެ އަންހެން ދަރިކަނބަލުން ކައިވެނިކުރުވުމަކީ އެއީ ޢައިބެއް ކަމުގައި އެމީހުން ދެކެފައެއް ނުވެއެވެ.

ކަން މިހެން އޮތް އިރު ފަހު ޒަމާނުގެ މުސްތަޝްރިޤުންނާއި އެ މީހުންނަށް ތަބާވާ، މުސްލިމުންގެ ތެރޭގައި ތިބޭ ޢިލްމާނީ ބައެއް މީހުން މި ކައިވެނިފުޅުގެ ވާހަކަ ބޮޑުކޮށްގެން ވާހަކަ ދެއްކުމަކީ އެއްވެސް ކަހަލަ ތާކުންތާކު ޖެހޭ ބުރަދަނެއް ހުރި ވާހަކަ އެއް ނޫނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.