ހޮނިހިރު20200725

އާކުރެވުނީ: 08:43:52

ކީރިތި ރަސޫލާގެ ބޭފުޅުން

ކީރިތި ރަސޫލާއަށް ލިބިވަޑައިގަތީ ޖުމުލަ ހަތް ބޭފުޅުންނެވެ. އެއީ ފިރިހެން ތިން ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުންނެވެ. އިބްރާހީމް ފިޔަވާ ހުރިހާ ދަރިކަލުންނާއި ދަރިކަނބަލުންގެ މަންމާފުޅަކީ މަތީގައިވެސް ބުނެވުނުފަދައިން ޚަދީޖަތުގެފާނެވެ.

މީގެ ތެރެއިން ހުރިހާ ފިރިހެން ބޭކަލުން ވަނީ ތުއްޕުޅުއިރު އަވަހާރަވެފައެވެ. ހުރިހާ އަންހެން ދަރިކަނބަލުން ރަސޫލާ ދީނަށް ގޮވައިލެއްވުމުން އިސްލާމްވެވަޑައިގެން،

އަދި ފަހުން މަދީނާއަށް ހިޖްރަކުރެއްވިއެވެ. ފާޠިމަތުގެފާނު ފިޔަވައި ހުރިހާ އަންހެން ދަރިކަނބަލުންވެސް، ރަސޫލާ ޙަޔާތްޕުޅުގައި ދުނިޔެ ދޫކުރެއްވިއެވެ. ފާޠިމަތުގެފާނު އަވަހާރަވީ ރަސޫލާ ސުވަރުގެވަޑައިގަތްތާ ހަ މަސް ފަހުންނެވެ.

ތިރީގައިމިވަނީ ޚަދީޖަތުގެފާނާއި ކީރިތި ރަސޫލާއަށް ލިބިވަޑައިގަތް ހަ ދަރިކަލުން ތަރުތީބުންނެވެ.

1- އަލްޤާސިމް : އުފަންވިތާ މަދު ދުވަސްކޮޅަކަށް ފަހުވަނީ އަވަހާރަވެފައެވެ. ކީރިތި ރަސޫލާއާށް '' އަބުލް ޤާސިމް '' މި ކުންޔާ ދެވުނީ މި ނަމަށް ނިސްބަތް ކޮށެވެ.

2- ޒައިނަބް : ކައިވެނި ބައްލަވައިގަތީ ، ބޮޑު ދައިތަ ހާލާ ބިންތު ޚުވައިލިދުގެ ދަރިކަލެއް ކަމުގައިވާ އަބުލްޢާޞް ބިން ރަބީޢު އާއެވެ. ރަސޫލާ ރަސޫލު ކަމާއިގެން ފޮނުއްވުމުން ޒައިނަބް އިސްލާމްވެ ވަޑައިގަތުމުންވެސް އަބުލް ޢާޞް އިސްލާމެއް ނުވެއެވެ. ނަަމަވެސް އޭރު އަދި މުސްލިމް އަންހެނުން، ކާފިރިންނާއި ކައިވެނި ކުރުން ޙަރާމްވާ ޙުކުމް ބާވައި ނުލައްވާތީ، އެ ގޮތުގައި ތިއްބެވެ. އަބުލްޢާޞް ޒައިނަބް ދެކެ އިންތިހާއަށް ލޯބިވެ އަދި އިޙްތިރާމް ކުރިއެވެ. ހަމަ އެހެން ޒައިނަބްވެސް އެ ޝުޢޫރު ފާޅު ކުރެއްވިއެވެ.

ކޮންމެއަކަސް ބަދުރު ހަނގުރާމައިގެ މުޝްރިކުންގެ ލަޝްކަރު ތެރޭގައި، ޒައިނަބްގެ ފިރިކަލުންވެސް މަޖްބޫރު ކަހަލަ ގޮތަކަށް ބައިވެރިވާން ޖެހި، މުޝްރިކުން ބަލިވި އިރު އަސީރުވިއެވެ. އަބުލް ޢާޞް އަސީރު ކުރެވުމާއި ވިދިގެން ޒައިނަބް އޭނާ މިނިވަން ކުރައްވަން ފައިސާގެ ގޮތުގައި، ކައިވެނި ކުރެވުނު ދުވަހު ޚަދީޖަތުގެފާނު ދެއްވާފައި އޮތް ފަށެއް ޒައިނަބް ފޮނުއްވިއެވެ.

އެކަމާ ރަސޫލާ ހިތްޕުޅަށް އަސަރު ކޮށް، ޒައިނަބްގެ ފރިކަލުން މިނިވަންކޮށް، ފައިސާ އަނބުރާ ފޮނުވަން ފެނޭތޯ މުސްލިމުން ކައިރިން އެއްސެވުމަށްފަހު އެކަމާ އެންމެން އެއްބަސް ވުމުން، އަބުލް ޢާޞް މިނިވަން ކުރެވުނެވެ. ނަމަވެސް މައްކާއަށް ގޮސް ވީ އެންމެ އަވަހަކަށް ޒައިނަބް ފޮނުވައި ދިނުމަށް ޝަރުޠުކުރެވުނެވެ. މައްކައަށް ގޮސް އެ ވަޢްދު ފުއްދުމުގެ ގޮތުން އޭނާގެ ކޮއްކޮއެއްގެ ހަވާލުގައި މައްކާ މީހުންނަށް ވަގަށް، ޒައިނަބް މަދީނާއަށް ފޮނުވަން ރޭވިއެވެ. ނަމަވެސް ބަދްރު ހަނގުރާމައިގެ ރުޅިގަނޑުގައި ތިބި މުޝްރިކުންގެ ބަޔަކު ޞަހަރާތެރެއިން ޒައިނަބް ހުންނެވި ޖަމަލަށް ހަމަލާދީ، އަދި ވެއްޓިވަޑައިގަތް ވަގުތު ހިލައެއްގައި ޖެހިފައި ބަނޑުފުޅުގައި އޮތް ދަރިފުޅު މަރުވިއެވެ. މިފަހަރު މަދީނާށް ނުދެވުނަސް ފަހުން، ޒައިދް ބިން ޙާރިޘާ ވަޑައިގެން، އެކަމަނާ މަދީނާއަށް ގެނެވުނެވެ.

އަދި ހިޖުރައިން ހަވަނަ އަހަރު އަބުލް ޢާޞް ޝާމުން އައި ޤާފިލާއަކަށް ހަމަލާ ދެވުނީމާ ފިލައިގެން މަދީނާއަށް އައިސް ، ޒައިނަބްގެ ގެކޮޅަށް ގޮސް އަމާންކަން ހޯދިއެވެ. އަދި ރަސޫލާ އަމާންކަން ދެއްވައި މެޙްމާންދާރީ އަދާކުރުމަށާއި، ނަމަވެސް މިހާރު ޒައިނަބް މުޝްރިކަކަށް ޙަލާލް ނުވާނެކަންވެސް ޒައިނަބަށް އެންގެވިއެވެ. އަދި ފަހުން މީނަ މައްކާއަށް ގޮސްފައި އައިސް އިސްލާމްވުމުން ކުރީގެ ކައިވެނީގެ ޢަޤުދު އަލުން އާ ނުކޮށް، ޙަލާލްކުރެވުނެވެ. ދެމަފިރިން އަލުން އެއްތަންވިތާ އަހަރެއްފަހުން ކުރީފަހަރު ވީ އަނިޔާގެ ސަބަބުން އަވަހާރަވިއެވެ. އެއީ ހިޖުރައިން 8 ވަނަ އަހަރުގައެވެ. އުފަންވެވަޑައިގަތީ ހިޖިރައިގެ 23 އަހަރު ކުރީގައެވެ. ވީމާ އަވަހާރަވި ޢުމުރުފުޅަކީ 31 އަހަރުފުޅެވެ.

3- ރުޤިއްޔާ : ރަސޫލާ ރަސޫލު ކަމާއިގެން ފޮނުއްވުމުގެ ކުރިން، ރުޤިއްޔާ ކައިވެނި ބައްލަވައިގެން ހުންނެވީ، ރަސޫލާގެ ބޮޑުބޭބެ އަދި ރަސޫލާއާއި އެންމެ ދުޝްމަން، އަބޫލަހަބްގެ ދަރިއެއްކަމުގައިވާ ޢަތަބާ އާއެވެ. ނަމަވެސް ސޫރަތުލް މަސަދް ބާވައިލެއްވުމުން، އަބޫ ލަހަބް އިހުނަށްވުރެ ދުޝްމަންވެ، ރުޤިއްޔާ ވަރި ކުރަން، އޭނާގެ ދަރިއަށް މަޖްބޫރު ކުރިއެވެ. އަދި ޚުދު ރުޤިއްޔާއާއި ކީރިތި ރަސޫލާވެސް މިގޮތް ބޭނުންފުޅުވިއެވެ.

ވަރި ވުމަށްފަހު، ޢުޘްމާންގެފާނާއި ކައިވެނި ކުރައްވަންދެން ރުޤިއްޔާ ހުންނެވީ އެކަމަނާގެ ބައްޕާފުޅު، ކީރިތި ރަސޫލާ، އަރިއަހުގައެވެ. ކައިވެންޏަށްފަހު މާ ގިނަ ދުވަސްތަކެއް ނުވެ، ޢުޘްމާނުގެފާނު އަރިއަހުގައި ރުޤިއްޔާ ޙަބްޝުކަރައަށް ހިޖުރަ ކުރެއްވިއެވެ. އިސްލާމް ދީނުގައި އެންމެ ފުރަތަމަ ހިޖުރަ ކުރި މީހުންގެ ތެރޭގައި މި ދެބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ނަޖާޝީގެ މެހުމާންދާރީގައި ތިއްބެވި ދުވަސްވަރު، ލިބުނު ފުރަތަމަ ދަރިފުޅު ބައިގެން ގޮސް ދެވަނައަށް ލިބިލެއްވީ ޢަބްދުއްﷲ އެވެ. ގިނަ ދުވަސްތަކެއްވަންދެން ތިއްބަވުމަށްފަހު، އެނބުރި މައްކާއަށް ވަޑައިގަންނެވިތާ ގިނަ ދުވަހެއް ނުވެ، މަންމާފުޅު ޚަދީޖަތުގެފާނު އަވަހާރަވިއެވެ. އަނެއްކާވެސް މުޝްރިކުންގެ އުނދަގޫ ބޮޑުވުމުން ރަސޫލާ އަމުރު ކުރެއްވުމުން ޢުޘްމާންގެފާނާއި ރުޤިއްޔާ މަދީނާއަށް ހިޖުރަ ކުރެއްވިއެވެ. މިފަދައިން ދެ ހިޖުރަ ކުރެއްވުމުން '' ދެ ހިިޖުރައިގެވެރި އަންހެނާ '' ގެ ލަޤަބު ދެވުނެވެ.

ފަހުން ދަރިފުޅު ޢަބްދުﷲ ވެސް ޢުމުރުން 6 އަހަރުގައި އަވަހާރަވެ، ފުލުފުލުގައި ލިބިވަޑައިގަތް ހިތާމަފުޅާއި އާލާސްކަންފުޅުގައި އުޅުއްވަން ޖެހިވަޑައިގަތެވެ. މުސްލިމުން ބަދުރު ހަނގުރާމަ ކުރަން ޖެހުނު ޢަސްކަރީ ހަރަކާތުގައި ދިޔައިރު ރުޤިއްޔާ އާލާސްކަންފުޅާ އުޅުއްވުމުން ޢުޘްމާންގެފާނު ބަދުރު ހަނގުރާމައިގައި ބައިވެރިވެ ވަޑައިނުގެންނެވުނެވެ. އަދި ހަނގުރާމައިގެ ނަޞްރުގެ ޚަބަރު މަދީނާއަށް އައި އިރު އެކަމަނާ އަވަހާރަވެއްޖެއެވެ. އެއީ ހިޖުރައިން 2 ވަނަ އަހަރުގައެވެ. އުފަންވެވަޑައިގަތީ މައްކާގައި ހިޖުރައިގެ 6 އަހަރު ކުރިންނެވެ. ވީމާ އެކަމަނާ އަވަހާރަވި އިރު ޢުމުރުފުޅަކީ 21 އަހަރެވެ.

4- އުއްމު ކުލްޘޫމް : ރަސޫލާ ރަސޫލު ކަމާއިގެން ފޮނުއްވުމުގެ ކުރިން، އުއްމު ކުލްޘޫމް ކައިވެނި ބައްލަވައިގެން ހުންނެވީ، އަބޫލަހަބްގެ އެހެން ދަރިއެއްކަމުގައިވާ ޢުތައިބާ އާއެވެ. ރުޤިއްޔާގެ ކައިވެނު ރޫޅާލެވުނު ގޮތަށް މިކައިވެނިވެސް ރޫޅުނެވެ. ޢުޘްމާނުގެފާނު ކައިވެނި ބައްލަވައިގެން ހުންނެވި ރުޤިއްޔާ އަވަހާރަވުމުން، ރުޤިއްޔާގެ ކޮއްކޮ ކަމުގައިވާ އުއްމު ކުލްޘޫމާއި، ޢުޘްމާނުގެފާނު ކައިވެނި ބައްލަވައިގެތެވެ. ޢުޘްމާނުގެފާނަށް ޛުއްނޫރައިން ނުވަތަ ދެ އަލިކަމުގެ ވެރިއާ މި ލަޤަބު ދެވިފައިވަނީ، ކީރިތި ރަސޫލާގެ ދެ ދަރިކަނބަލުންނާއި ކައިވެނި ބައްލަވައިގަތީމައެވެ.

5- ފާޠިމަތު : ފާޠިމަތުގެފާނު ކައިވެނި ބައްލަވައިގަތީ، ރަސޫލާގެ ބޮޑުބޭބެ އަބޫޠާލިބްގެ ދަރިފުޅު ޢަލީގެފާނާއެވެ. ވީމާ ޢަލީގެފާނު ވާނީ ފާޠިމަތުގެފާނުގެ ކާފާފުޅުގެ ބޭބެގެ ދަރިކަލަކަށެވެ. ސުވަރުގޭގެ އަންހެނުންގެ އެންމެ ޢިއްޒަތްތެރިއާ ކަމަށް ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. ފާޠިމަތުގެފާނުގެ ތިއްބެވީ ޙަސަންގެ ފާނާއި ޙުސައިންގެފާނެވެ. އަދި އުއްމު ކުލްޘޫމް އާއި ޒައިނަބް އެކެވެ. (ރަސޫލާގެ ދެ ދަރިކަނބަލުންނަށްވެސް މި ނަން ކިޔޭ)

6- ޢަބްދުއްﷲ : ތުއްޕުޅު އިރުވަނީ އަވަހާރަވެފައި .

7- އިބްރާހީމް : އިބްރާހީމްގެ މަންމާ ފުޅަކީ މިޞްރުގެ ޖާރިއާއެއް ކަމުގައިވާ މާރިއާ އެވެ. މި ކަލޭގެފާނުވެސް ވަނީ ތުއްޕުޅު އިރު އަވަހާރަވެފައެވެ. މިއީ ކީރިތި ރަސޫލާގެ އެންމެ ތުއްޕުޅު ދަރިކަލުންނެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.