ހޮނިހިރު20200725

އާކުރެވުނީ: 08:43:52

ކީރިތި ރަސޫލާ އަރިއަހުގައި

foto_seera_1425* ކީރިތި ރަސޫލާ ދެކެ ލޯބިވުން :
* ސިޔަރަތުގެ މުޙިއްމުކަން :
* ނަސަބުފުޅު :
* އުފަންވެވަޑައިގަތުން :
* ޚަލްޤީ ސިފަފުޅު :
* ޚުލްޤީ ސިފަފުޅުތައް :
* ރަސޫލު ކަމާއިގެން ފޮނުއްވުން :
* ހިޖުރަ ކުރެއްވުން :
* ހަނގުރާމަ :

އަހަރެން ކީރިތި ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވަން ހެއްޔެވެ؟

މި ސުވާލު އަހަރެމެންގެ ތެރެއިން ކޮންމެ މީހެއްވެސް އެ މީހެއްގެ ނަފްސާއި ކޮށްލަމާ ހިނގާށެވެ. ނަމަވެސް "އާ އަހަރެން ލޯބި ވޭ" އޭ ބުނެ އެހާ އަވަސް ޖަވާބެއް ނުދޭށެވެ. އެހެނީ އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބި ނުވާނެ މުސްލިމެއް ހުންނާނެ ހެއްޔެވެ.؟

އަވަސް އަވަހަށް އާނ އެކޭ ބުނުމުގެ ކުރިން އަހަރެމެން މުސްލިމުން ފުރިހަމަ ކުރަންޖެހޭ ވާޖިބުތަކެއް ވެއެވެ. ޖަވާބު ދިނުމުގެ ކުރިން ހަމަ ކުރަންޖެހޭ ޝަރުޠުތަކެއްވެސް ވެއެވެ. ފަހެ އިންސާނާ އޭނާ ހިތުގައި ކީރިތި ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ އާ މެދު ލޯބި އުފެދިފައި ވެއޭ ބުނެ އިޢްލާން ކުރުމުގެ ކުރިން، ތިމަންނަ އެކަލޭގެފާނު ހަނދުމަ ކުރަންތޯ؟، އަމިއްލަ ނަފްސާއި ސުވާލު ކުރަން ޖެހެއެވެ.

އެކަލޭގެފާނު އަމުރު ކުރެއްވި ކަންތައް ބަރާބަރަށް ކުރަންތޯ؟ ހިތާއި ހިތުން ސުވާލު ކުރަންޖެހެއެވެ. އެކަލޭގެފާނުގެ މާތްވެގެންވާ ސިޔަރަތު ދިރާސާ ކުރަންތޯ؟ ސުވާލު ކުރަންޖެހެއެވެ. ހަމަ އެކަނި ސިޔަރަތު ވާހަކައެއްގެ ސިފައިގައި ކިޔާލުމެއް ނޫނެވެ. ނުވަތަ ރޯދަ ކުރު ކުރަން އަޑު އަހާލުމެއް ނޫނެވެ. މީގެ އިތުރުން އެ ސިޔަރަތަށް ތަބާވެ އެ ސިޔަރަތުގައި ކުރެހިފައިވާ މަގުން ހިނގައި، ތިމާގެ އުޅުމާއި އަޚްލާޤުގައި ސިޔަރަތުގެ ކުލަ ތިމާއަށް ޖެއްސޭތޯ ސުވާލު ކުރަންޖެހެއެވެ.

މިއަދުގެ މުސްލިމް ފިރިހެން ކުއްޖަކަށް ނުވަތަ އަންހެން ކުއްޖަކަށް، ދިރިއުޅުމުގައި ކަލޭ ނަމޫނާއަކަށް ނަގަނީ ކާކުތޯ؟ ސުވާލުކޮށްލަމާ ހިނގާށެވެ.

" އަހަރެންގެ ނަމޫނާއަކީ މާތް ނަބިއްޔާ އޭ " ބުނާނީ ކިތައް ޒުވާނުންހެއްޔެވެ؟ ތަޞައްވުރު ކޮށްލާށެވެ!

ކީރިތި ރަސޫލާގެ ނަންފުޅު އަޑު އިވުމުން އަހަރެމެން، އެކަލޭގެފާނަށް ޞަލަވާތް ކިޔަން ހަނދާން ނުހުންނަނީ ކީއްވެހެއްޔެވެ؟ ނުވަތަ އެއީ ކުރަން ޖެހޭ ކަމެއްކަން ނޭނގިވަނީ ކީއްވެހެއްޔެވެ؟ މިފަދަ މީހާއަކީ" ދަހި " މީހެއްގެ ނުބައި ލަޤަބު ދެވިފައިވާ މީހެއްކަން ރޭކާ ނުލަނީ ކީއްވެހެއްޔެވެ؟ އަހަރެމެން އެކަލޭގެފާނަށް ޞަލަވާތާއި ސަލާމް ދެންނެވުމުން އެކަލޭގެފާނަށް އެ ޚަބަރު މަލާއިކަތުން ގެންދެވުމުން، ސަލާމް ރައްދު ކުރައްވާކަމަށް، ސުނަން ނަސާއީގެ 1265 ވަނަ ޙަދީޘްގައިވެއެވެ.

ކީރިތި ރަސޫލާ ދެކެ ލޯބިވުން :

އޭ މުސްލިމާއެވެ!

މުސްލިމުން އެންމެ ލޯބިވާން ޖެހޭ ފަރާތަކީ، މާތް ﷲ އެވެ. އެއަށްފަހު ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމައެވެ.

އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. قَالَ النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏لَا يُؤْمِنُ ‏ ‏أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ މާނައަކީ: ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނު ދެކެ، އެ މީހެއްގެ ބައްޕަ އާއި ދަރިންނާއި އަދި އެހެން ހުރިހާ އެންމެން ދެކެވާވަރަށް ވުރެ ވެސް ބޮޑަށް ލޯބި ނުވާ ހިނދަކު، އީމާންވި ކަމުގައި ނުވާނެއެވެ." (ޞަޙީޙް ބުޚާރީ، ބާބުލް އީމާން/ ޙުއްބުއް ރަސޫލް)

ކޮންމެ މީހަކުވެސް މި ޙަދީޘް ކިޔާފައި ސުވާލު ކޮށްލަންވީ، ކީރިތި ރަސޫލާ ދެކެ އަހެރެމެންގެ އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ލޯބިވޭތޯއެވެ. އަނބިމީހާ ނުވަތަ ފިރިމީހާއަށް ވުރެވެސް ބޮޑަށް ލޯބިވޭތޯއެވެ. ދަރިންނަށް ވުރެވެސް ބޮޑަށް ލޯބިވޭތޯއެވެ. އަދި އެ ލޯބި ހިތުންނާއި ގުނަވަނުން ސާބިތުކޮށް ދެވޭތޯއެވެ.

މި ވާހަކައަށް ވިސްނާލަމާ ހިނގާށެވެ.

އެއް ދުވަހަކު ކީރިތި ރަސޫލާ އަރިއަހުގައި، ޢުމަރުގެފާނު ވަޑައިގަންނަވަނިކޮށް އެކަލޭގެފާނު، ޢުމަރުގެފާނު ހިތްޕުޅު ހަމަޖައްސަވާ ދެއްވުމަށްޓަކައި ޢުމަރުގެފާނުގެ އަތްޕުޅުގައި ހިއްޕެވިއެވެ. އެ ވަގުތު ޢުމަރުގެފާނުގެ އުފާފުޅުން ގޮސް ދެންނެވިއެވެ. " އޭ ﷲގެ ރަސޫލާއެވެ. ހަމަ ކަށަވަރުންވެސް ކަލޭގެފާނު ދެކެ އަހަރެން، އެހެން ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް ލޯބިވެއެވެ. އަހަރެންގެ ނަފްސު ފިޔަވައެވެ. " އެ ވަގުތު ކީރިތި ރަސޫލާ ޢުމަރުގެފާނަށް އަދި އަހަރެމެން އެންމެންނަށް ފިލާވަޅެއް އުނގަންނަވައި ދެއްވިއެވެ. އެ ގޮތުން ޙަދީޘް ކުރެއްވިއެވެ.
‏ ‏لَا وَالَّذِي نَفْسِي بِيَدِهِ ‏ ‏حَتَّى أَكُونَ أَحَبَّ إِلَيْكَ مِنْ نَفْسِكَ فَقَالَ لَهُ ‏ ‏عُمَرُ ‏ ‏فَإِنَّهُ الْآنَ وَاللَّهِ لَأَنْتَ أَحَبُّ إِلَيَّ مِنْ نَفْسِي فَقَالَ النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏الْآنَ يَا ‏ ‏عُمَرُ ‏

މާނައަކީ: " ތިމަންކަލޭގެފާނުގެ ނަފްސު އެ ފަރާތެއްގެ އަތްޕުޅުގައިވާ ފަރާތެއް ގަންދީ ހުވާ ކުރަމެވެ. ކަލޭގެފާނުގެ ނަފްސަށްވުރެވެސް ބޮޑަށް ތިމަންކަލޭގެފާނު ދެކެ ލޯބި ވަންދެން( އީމާންކަން ފުރިހަމަ ނުވާނެ ). އެ ހިނދު ޢުމަރުގެފާނު ދެންނެވިއެވެ. " ﷲ ގަންދީ ބުނަމެވެ. މިހާރު އަހަރެންގެ އަމިއްލަ ނަފްސަށް ވުރެވެސް ބޮޑަށް، ކަލޭގެފާނު ދެކެ ލޯބިވަމެވެ." ދެން ރަސޫލާ ޙަދީޘް ކުރެއްވިއެވެ. " އޭ ޢުމަރުއެވެ. މިހާރު (ކަލޭގެފާނުގެ އީމާންކަން ފުރިހަމަ ވެއްޖެ) އެވެ." (ޞަޙީޙް ބުޚާރީ ، ބާބުލް އައިމާން ވައްނުޛޫރް )

މި ޙާދިޘާގައި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި ބަސްފުޅަށް ބަލާލަބަލާށެވެ. ޢުމަރުގެފާނުގެ ލޯބީގެ 90 އިންސައްތަ، އެކަލޭގެފާނު ޤަބޫލު ނުކުރެއްވިއެވެ. އެ ހިނދު ޢުމަރުގެފާނު ވަގުތުން އެކަލޭގެފާނުގެ ހުރިހާ ލޯތްބެއް ރަސޫލާއަށް ދެއްވިއެވެ. އަދި އެ ލޯބިން ޢުމަރުގެފާނުގެ ހިތްޕުޅު ފުރުނެވެ.

މި ޙާދިޘާއަށް ފަހު ޢުމަރުގެފާނުގެ ދަރިކަލުން ޢަބްދުﷲގެފާނު ޢުމަރުގެފާނު އަރިއަހުގައި، މި އައި ބޮޑު ބަދަލާއި ބެހޭ ގޮތުން ސުވާލު ދެންނެވިއެވެ. އެ ހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. " ބޮޑަށް އަހަރެން ބޭނުންވާނީ ނަފްސަށްތޯ؟ ނުވަތަ ކީރިތި ރަސޫލާއަތޯ؟ އަހަރެން ހިތާ ހިތުން ނަފްސާއި ސުވާލުކޮށްލީމެވެ. އެ ވަގުތު އަހަރެންނަށް ވިސްނުނު ގޮތުގައި ކުރީގައި އަހަރެން ހުރީ މަގުފުރެދިފައެވެ. ކީރިތި ރަސޫލާ އަތްޕުޅު މައްޗަށް، މާތް ﷲ އަހަރެންނަށް ތެދުމަގު ނުދެއްކެވިނަމަ، މަރުވަންދެންވެސް އަހަރެން ހުރީހީ އެ ގޮތުގައެވެ.

ދެން އަހަރެން ޚިޔާލަށް އައީ ޤިޔާމަތް ދުވަހު އަހަރެންގެ ޙާލަތު ވާނެ ގޮތަކާމެދުގައެވެ. އަހަރެންނަށް ވިސްނުނީ އަހަރެނަށް ސުވަރުގެ އަކީ ހަމައެކަނި އަހަރެން ކުރާ ޢަމަލަކުން ލިބޭ އެއްޗެއް ނޫނެވެ. އެކަމަކު އެއީ ކީރިތި ރަސޫލާ ދެކެ ލޯބިވެސް ވުމުން ލިބޭ އެއްޗެކެވެ. މި ހިސާނުން އަހަރެންނަށް އަހަރެންގެ ނަފްސަށް ވުރެ ބޮޑަށް ބޭނުންޖެހިފައިވަނީ، ކީރިތި ރަސޫލާއަށް ކަން އެނގުނެވެ. ވީމާ އެކަލޭގެފާނު ދެކެ ނަފްސަށް ވުރެވެސް ބޮޑަށް ލޯބި ވީއެވެ. "

ސިޔަރަތުގެ މުޙިއްމުކަން :

ވީމާ ރަސޫލާގެ ޙަޔާތްޕުޅު ކިޔަވައި ދިރާސާ ކުރުމަކީ އެއީ އަހަރެމެން ހިތުގައި، އެކަލޭގެފާނާ މެދު އޮންނަ ލޯބި އިތުރުކޮށްދޭނެ ކަމެއްކަން ކަށަވަރެވެ. އަދި ސިޔަރަތަށް ލޯބި ހުރުމަކީ ރަސޫލާދެކެ ލޯބި ވާ ކަން ދޭހަކޮށްދޭ އެއް އަލާމާތެވެ. އީމާންކަމުގެ އަލިކަން ހިތުތެރޭގައި ވާ ކަމުގެ އަލާމާތެކެވެ.

ރަސޫލާގެ ސިޔަރަތު ކިޔައި ބެލުމަކީ ފަހަރެއްގައިވެސް ކުރީ ޒަމާނުގެ ތާރީޚު ކިޔާލުމެއް ނޫނެވެ. އަދި ރަސޫލާގެ ސިޔަރަތު ކިއުމާއި އެހެން މީހެއްގެ ޙަޔާތުގެ ވަނަވަރު ކިއުމާއި ވަރަށް ތަފާތެވެ. ސިޔަރަތުން ލިބޭ ފައިދާއާއި، ހުރި ޢިބްރަތާއި، އެ ކަމާއި މި ޒަމާނާއި ހުންނަ ގުޅުމުގެ މިންވަރު، ތާރީޚީ އެހެން ފޮތްފޮތުން ފެންނާކަށް ނުހުރެއެވެ.

ސިޔަރަތުން އަހަރެމެންނަށް، ރަސޫލާގެ ޙަޔާތްޕުޅުގެ ތަފާތު ކަންތައްތައް އެނގި، އެކަލޭގެފާނުގެ ޝަޚްޞިއްޔަތުފުޅު އެނގި، ދިރިއުޅުއްވި ގޮތް އެނގެއެވެ. ދީނުގެ ޙުކުމްތައް ހާމަވެއެވެ. އަދި ހަމަ އެހެންމެ ސިޔަރަތަކީ އަހަރެމެންގެ ޙަޔާތުގައި ދަތުރުކުރަން އެހީވެދޭ ދަންމަރަކެވެ. ދަތި އުނދަގޫ ކަންތަކާއި ކުރިމަތި ލާނެ ގޮތާއި، ކެތްތެރިކަމާއި، ހިތްވަރުގަދަކަން، ސާބިތު ކަމާއި އީމާންކަން ގަދަ ކުރާނީ ކިހިނެއްކަން ސިޔަރަތުން އެނގެއެވެ.

ތިރީގައި މި ގެނެސްދެނީ މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގެ ސިޔަރަތުގެ ވަރަށް ކުރު ޚުލާޞާއެކެވެ. ޚުލާޞާއަކަށް ވުރެވެސް ކުރު ލިއުންކޮޅެކެވެ.

ނަސަބުފުޅު :

ކީރިތި ރަސޫލާއަކީ މުޙައްމަދު ބިން ޢަބްދުﷲ އެވެ. ތަފްޞީލުކޮށް ބުނާނަމަ، މުޙައްމަދު ބިން ޢަބްދުއްﷲ ބިން ޢަބްދުލްމުއްޠަލިބު ބިން ހާޝިމް ބިން ޢަބްދު މަނާފް ބިން ޤުޞައްޔު ބިން ކިލާބް ބިން މުއްރަތު ބިން ކަޢްބު ބިން ލުއައްޔު ބިން ޣާލިބް ބިން ފިހްރު ބިން މާލިކް ބިން އައްނަޟްރު ބިން ކިނާނާ ބިން ޚުޒައިމާ ބިން މުދްރިކާ ބިން އިލްޔާސް ބިން މުޟަރް ބިން ނިޒާރް ބިން މަޢައްދު ބިން ޢަދްނާން އެވެ.

މިއީ ރަސޫލާގެ ނަސަބު ފުޅުން ޢިލްމުވެރިން އިއްތިފާޤުވާ ހިސާބެވެ. ދެން އޮންނަނީ ޢަދްދާނާއި ހިސާބުންފެށިގެން ގޮސް އިސްމާޢީލްގެފާނާއި ހަމަށް އޮންނަ ނަސަބުފުޅެވެ. އަނެއް ބަޔަކީ އިސްމާޢީލްގެފާނުން ފެށިގެން ގޮސް އާދަމުގެ ފާނާއި ޖެހެންދެން އޮންނަ ނަސަބެވެ. މި ދެބަޔަކީވެސް އެހާ ޞައްޙަ ގޮތަކަށް ސާބިތު ކުރެވޭ އެއްޗެއް ނޫނެވެ.

ދެން ކީރިތި ރަސޫލާގެ ނަންފުޅަށް ބަލާލަމާ ހިނގާށެވެ. ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏لِي خَمْسَةُ أَسْمَاءٍ أَنَا ‏ ‏مُحَمَّدٌ ‏ ‏وَأَحْمَدُ ‏ ‏وَأَنَا ‏ ‏الْمَاحِي ‏ ‏الَّذِي يَمْحُو اللَّهُ بِي الْكُفْرَ وَأَنَا ‏ ‏الْحَاشِرُ ‏ ‏الَّذِي يُحْشَرُ النَّاسُ عَلَى قَدَمِي وَأَنَا ‏ ‏الْعَاقِبُ

މާނައަކީ: "ތިމަންކަލޭގެފާނަށް ފަސް ނަންފުޅެއް ވެއެވެ. ތިމަންކަލޭގެފާނަކީ "މުޙައްމަދު"އެވެ. އަދި "އަޙްމަދު" އެވެ. އަދި ތިމަންކަލޭގެފާނަކީ، ތިމަންކަލޭގެފާނު މެދުވެރި ކުރައްވައި މާތް ﷲ ކުފުރު ފޮހެލައްވާނެ "އަލްމާޙީ" ( ފޮހެލާ މީހާ) އެވެ. އަދި ތިމަންކަލޭގެފާނަކީ، އެހެން އެންމެ ފުރަތަމަ ޙަޝްރު ކުރެއްވޭނެ "އަލްޙާޝިރު" އެވެ. އެހެން އެންމެން ޙަޝްރު ކުރެއްވޭނީ އޭގެ ފަހުންނެވެ. އަދި ތިމަންކަލޭގެފާނަކީ ތިމަންކަލޭގެފާނަށް ވުރެ ފަހުން ނަބިއްޔެއް ނުވާނެ " އަލްޢާޤިބް " އެވެ.

އެންމެ ފުރަތަމަ "މުޙައްމަދު" ގެ މާނަ ބަލަމާ ހިނގާށެވެ. "މުޙައްމަދު" މި ބަހަކީ ޙަމްދު މި ބަހުން ނެގިފައިވާ ބަހެކެވެ. ޙަމްދުގެ މާނައަކީ މަދަޙައާއި ޘަނާއެވެ. " މުޙައްމަދު" ގެ މާނައަކީ އެމީހެއްގެ ކިބައިގައި މަދަޙާއާއި ޘަނާ ކިޔޭފަދަ ގިނަ ސިފަތަކެއް ހުންނަ މީހާއެވެ. " އަޙްމަދު" އަކީ ޙަމްދު މި ބަހުގެ އިސްމު ތަފްޟީލް އެވެ. މާނައަކީ އެންމެ ގިނައިން އެންމެ ބޮޑަށް ﷲ އަށް ޙަމްދު ކުރާ މީހާއެވެ. ވީމާ މުޙައްމަދަކީ އިންސާނުންގެ ފާރާތުން އެންމެ ގިނައިން މަދަޙައާއި ޘަނާ ކިޔޭ މީހާއެވެ. އަޙްމަދު އަކީ ﷲ އަށް އެންމެ ގިނައިން ޙަމްދާއި ޘަނާ ކިޔާ މީހާއެވެ.

ބާކީ ހުރިން ނަންފުޅުތަކުގެ މަތީގައިވާ ޙަދީޘުގެ މާނައިން ސާފުވާނެ ކަމަށް އުއްމީދު ކުރަމެވެ.

އުފަންވެވަޑައިގަތުން :

ކީރިތި ރަސޫލާ އުފަންވެވަޑައިގަތީ ޢާއްމުލް ފީލް ( އެތުގެ އަހަރު ) ގެ ރަބީޢުލް އައްވަލު މަހުގެ 9 ވަނަ އަށް ވީ ހޯމަ ދުވަހު ހެނދުނުގެ ވަގުތެއްގައި، މައްކާގައެވެ. މި ދުވަސް މިލާދީ ތާރީޚުން ދިމާވަނީ 571 ވަނަ އަހަރުގެ 20 ނުވަތަ 22 އެޕްރީލް އެވެ.

އުފަންވެވަޑައިގަތީ ރަބީޢުލް އައްވަލު ދެވަނަ ދުވަސް، އަށްވަނު ދުވަސް، ދިހަވަނަ ދުވަސް، ބާރަވަނަ ދުވަސް ކަމަށްވެސް ބުނެވެއެވެ. ރަބީޢުލް އައްވަލު މަހުގެ 9 ވަނަ ދުވަސް ކަމަށް، ގިނަ ޢިލްމުވެރިން ވިދާޅުވެއެވެ. އަދި މި ކަން ތަޙްޤީޤު ކުރެއްވުމަށްފަހު '' ރަޙީޤުލް މަޚްތޫމް '' ގައި ޞަފިއްޔުއް ރަޙްމާން މުބާރަކްފޫރީ ވިދާޅުވެފައިވަނީވެސް މި ފަދައިންނެވެ. ކޮންމެ އަކަސް މިއީ ޢިލްމުވެރިން އިޚްތިލާފު ވެފައިވާ ކަމެކެވެ. އަދި މި ކަމަކީ ކަނޑައެޅިގެން ނޭނގުމުން ދީނީ ގޮތުން ގެއްލުމެއް ނުވަތަ ރަސޫލާގެ ނަސަބު ފުޅަށް އުނިކަން ލިބޭ ކަމެއް ނޫނެވެ.

ރަސޫލާ، އެކަލޭގެފާނުގެ މަންމާފުޅު އާމިނަތު ބިންތު ވަހުބުގެ ބަނޑުފުޅުގައި އޮންނަވަނިކޮށް، އެ ކަލޭގެފާނުގެ ބައްޕާފުޅު ވަނީ އަވަހާރަވެފައެވެ.

ކިރުފޮދު ހިއްޕެވުން :

ރަސޫލާގެ މަންމާފުޅު އަރިއަހުން ކިރުފޮދު ހިއްޕެވުމަށްފަހު، ހަފުތާއެއްފަހުން ޘުވައިބާ އޭ ކިއުނު އަންހެނެއްގެ ގާތުން ކިރުފޮދު ހިއްޕެވިއެވެ.

ޘުވައިބާ އަކީ އަބޫލަހަބްގެ ޖާރިއާއެކެވެ. ރަސޫލާ ހިއްޕެވި ކިރަކީ ޘުވައިބާގެ ދަރިއެއް ކަމުގައިވާ މަސްރޫޙް ވިހެއުމުން ހުރި ކިރެވެ. ރަސޫލާގެ ކުރިން ޙަމްޒާ ބިން ޢަބްދުލް މުއްޠަލިބް އަދި އަބޫ ސަލްމާ ބިން ޢަބްދުލް އަސަދް އަލްމަޚްޒޫމީވެސް، ޘުވައިބާ ގާތުން ކިރު ހިއްޕެވިއެވެ.

މިއަށްފަހު ބަނީ ސަޢްދު ވަންހައިގެ ބޭކަނބަލެއް ރަސޫލާއަށް ކިރުފޮދު އަރުވަން ހޯދުނެވެ. އެ ކަމަނާ އަކީ ޙަލީމަތު ބިންތު އަބީ ޛުއައިބް ޢަބްދުﷲ ބިން އަލްޙާރީޘް އެވެ. މިއީ އަހަރެމެން އެންމެންވެސް އަޑު އަހާ ދަންނަ، ޙަލީމަތުއް ސަޢްދިއްޔާއެވެ.

އެ ދުވަސްވަރު ޢަރަބިކަރައިގެ، ޢިމްރާނީ ރަށުގައި އުޅޭ މީހުން އެބައި މީހުންގެ ދަރިންނަށް ކިރު ދޭން ދުރު ރަށްފުށު ހިސާބުތަކުގެ މީހުން ހޯދައެވެ. އެއީ ޢިމްރާނީ ރަށުގައި މީހުން ގިނަވުމާއި ކާރުބާރޫ ބޮޑުވުމުން އުފެދޭ ބަލިތަކާއި، ޖައްވު ސާފު ނުވުންފަދަ ކަންތަކުން ދަރިން ދުރުކޮށް، ސާފު ވަޔާއި، ގަސްތައް ގިނަ ރަށް ފުށުގައި މިނިވަން ކަމާއި އެކު ކުދިން ބޮޑު ކުރުމަށެވެ. އަދި މި ހެން ހެދުމުން ކުދިންގެ ޢަރަބި ފަޞާހަތްތެރިކަން ގަދަވެ، އަސް ދުއްވުމާއައި ހެވިކަން މޮޅަށް ދަސްވެއެވެ.

ކީރިތި ރަސޫލާ، ޙަލީމަތުއް ސަޢްދިއްޔާ އަރިއަހުގައި ހަތަރު އަހަރުފުޅުވަންދެން ހުންނެވިއެވެ. އަދި ރަސޫލާގެ މޭފުޅު ފެޅުނީ މި ދުވަސްވަރުގައެވެ. މި ހާދިޘާއަށްފަހު، ރަސޫލާގެ ޙަޔާތްޕުޅަށް ނުރައްކާވެދާނެ ކަމަށް ޙަލީމާއަށް ހީފުޅުވެގެން، ރަސޫލާގެ މަންމާފުޅާއި އަލުން އެކަލޭގެފާނު ހަވާލު ކުރެއްވިއެވެ.

މަންމާފުޅުގެ އަރިއަހުގައި :

މިއަށްފަހު ހަ އަހަރު ވަންދެން ކީރިތި ރަސޫލާ، އެކަލޭގެފާނުގެ މަންމާފުޅު އަރިއަހުގައި އުޅުއްވިއެވެ. ރަސޫލާގެ މަންމާފުޅު އަވަހާރަވީ، ރަސޫލާގެ މަންމާފުޅު ފަރާތުގެ ޢާއިލާއަށް ޒިޔާރަތަކަށް ޔަޘްރިބަށް ރަސޫލާ ގެންދެވުމަށްފަހު، އެނބުރި މައްކާއަށް އާމިނަތުގެފާނު ވަޑައިގަންނަވަނިކޮށް ''އަލްއަބްވާއު '' އޭ ކިއުނު ހިސާބެއްގައި، ދަތުރު މަތީގައެވެ. އާމިނަތުގެފާނު އަވަހާރަވީ އާލާސްކަންފުޅެއް ޖެހިވަޑައިގެން، ވަރަށް ޒުވާން ޢުމުރުފުޅެއްގައެވެ. އަދި ފަސްދާނު ލެވިފައިވަނީ ވެސް އަލްއަބްވާއުގައެވެ. ރަސޫލާ މައްކާ ފަތަޙަ ކުރެއްވި އަހަރު، މަންމާފުޅުގެ ޤަބުރުކޮޅަށް ޒިޔާރަތް ކުރުމުގެ ހުއްދަ މާތް ﷲ ދެއްވުމުން، މި ރަށަށް ވަޑައިގަނެ އާމިނަތުގެފާނުގެ ޤަބުރުކޮޅަށް ޒިޔާރަތް ކުރެއްވިއެވެ. އަދި އެތާގައި ރަސޫލާ ވަރަށް ކީރިތި ކުރެއްވިއެވެ.

މަންމާފުޅު އަވަހާރަވުމުން ދެން ރަސޫލާ ހުންނެވީ ކާފާފުޅު ޢަބްދުލްމުއްޠަލިބްގެ ބެއްލެވުމުގެ ދަށުގައެވެ. ރަސޫލާ ޢުމުރުފުޅުން ބާރަ އަހަރުފުޅު ވީއިރު ޢަބްދުލްމުއްޠަލިބް އަވަހާރަވިއެވެ. ދެން ރަސޫލާ ބެއްލެވީ ބޮޑުބޭބެފުޅު އަބޫޠާލިބްއެވެ. އަދި އަބޫޠާލިބް އަވަހާރަވަންދެން، މުޝްރިކުންގެ ކިބައިން ރަސޫލާ ހިމާޔަތް ކުރައްވާ، ރަސޫލާއަށް އެހީތެރިވުމުގައި ދެމި ހުންނެވިއެވެ. ރަސޫލާގެ އާދޭސްފުޅާއެކުވެސް، އަބޫޠާލިބް ޝިރުކުގެ ދީން ދޫކޮށް އިސްލާމް ދީނަށް ނުވަނެވެ.

ޖާހިލިއްޔަ އާދައިން ރަސޫލާ ރައްކާތެރި ކުރެއްވުން :

ކީރިތި ރަސޫލާއަކީ އެންމެ މާތް އެންމެ ފުރިހަމަ އިންސާނާއެވެ. ޢާލަމްތަކަށް ފޮނުއްވުނު ރަޙްމަތެކެވެ. ރިވެތި އަޚްލާޤު ފުރިހަމަ ކުރެއްވުމަށް ފޮނުއްވުނު، ޚާތިމުލް އަންބިޔާއުއެވެ. ވީމާ އެންމެ ފަހުގެ ރަސޫލަކީ މުޙައްމަދުގެފާނު ކަމަށް، މާތް ﷲ އިރާދަ ކުރެއްވީއްސުރެ އެކަލޭގެފާނުގެ ނަސަބުފުޅު އައީ ޠާހިރު މަތިވެރި ނަސަބެއްގެ ގޮތުގައެވެ. ޚަލީލުﷲ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނުގެ ދަރިކޮޅުންނެވެ. އަދި އެކަލޭގެފާނު އުފަންވެވަޑައިގަތީ ޚުލްޤުގެ ގޮތުންނާއި ޚަލްޤުގެ ގޮތުން އެންމެ ފުރިހަމަ ގޮތުގައެވެ.

ރަސޫލުﷲ ޞައްލައްﷲ ޢަލައިހިވަސައްލަމަގެ އަޚްލާޤުފުޅަށް އުޅެން ބޭނުންވާ މީހަކަށް އޮތީ ޤުރުއާނެވެ. އެހެނީ ޢާއިޝަތުގެފާނު އަރިއަހުން ކީރިތި ރަސޫލާގެ އަޚްލާޤުފުޅަކީ ކޮބައިތޯ ދެންނެވުމުން، ވިދާޅުވީ ރަސޫލުﷲ ޞައްލައްﷲ ޢަލައިހިވަސައްލަމަގެ އަޚްލާޤުފުޅަކީ ޤުރުއާން ކަމަށެވެ.

ހުރިހާ ނުބައި ކަމަކާއި، ގޯސް އަޚްލާޤަކުން ، މާތް ﷲ ވަނީ ރަސޫލާ ސަލާމަތް ކުރައްވާ ރައްކާތެރި ކުރައްވާފައެވެ. އެންމެ ތުއްޕުޅު އިރުއްސުރެވެސް ރަސޫލާއަކީ ރީތި އަޚްލާޤުފުޅެއްގެވެރި ބޭކަލެކެވެ. އޭރު މައްކާގެ މީހުންނަށް ރަސޫލާ މަޝްހޫރުވެ ވަޑައިގެންފައިވަނީ އަމާނާތްތެރިއާގެ ނަމުންނެވެ. ދުވަހަކުވެސް ބުދަކަށް އަޅުކަމެއް، ނުވަތަ ސަޖިދައެއް ނުކުރައްވައެވެ. އިތުރުފުޅެއް ނަހައްދަވައެވެ. ތުއްޕުޅު އިރު އުޅުއްވީ ހުއިހެއްޕެވުމުގައެވެ. އަދި ފަހުން ޒުވާނު ޢުމުރުފުޅުން ބައެއް ހޭދަ ކުރެއްވީ ވިޔަފާރި ކުރެއްވުމުގައެވެ.

ޚަލްޤީ ސިފަފުޅު :

ތިރީގައި މިވަނީ ކީރިތި ރަސޫލާގެ ޚަލްޤީ ސިފަފުޅުތަކުގެ ތެރެއިން ބައެއް ސިފަފުޅުތަކެވެ.

ކުލަ :

عَنْ ‏ ‏الْجُرَيْرِيِّ ‏ ‏عَنْ ‏ ‏أَبِي الطُّفَيْلِ ‏ ‏قَالَ ‏ رَأَيْتُ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏وَمَا عَلَى وَجْهِ الْأَرْضِ رَجُلٌ رَآهُ غَيْرِي قَالَ فَقُلْتُ لَهُ فَكَيْفَ رَأَيْتَهُ قَالَ ‏ ‏كَانَ أَبْيَضَ مَلِيحًا ‏ ‏مُقَصَّدًا

އަލްޖުރީރީ ރިވާ ކުރެއްވިއެވެ. އަބޫ އައްޠުފައިލް ވިދާޅުވިއެވެ. އަހަރެން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ދެކުނީމެވެ. އަހަރެން ފިޔަވައި، އެކަލޭގެފާނު ދެކުނު މީހެއް ބިން މަތީގައި (މިވަގުތު) ނުވެއެވެ. އަލްޖުރައިރީ ވިދާޅުވިއެވެ. އަހަރެން އޭނާއަށް ބުނީމެވެ. އެކަލޭގެފާނު ފެނިވަޑައިގަތީ ކޮންގޮތަކަށްތޯއެވެ؟ އަބޫ އައްޠުފައިލް ވިދާޅުވިއެވެ. އެކަލޭގެފާނަކީ ރީތި ދޮންކަމެއް ލިބިވަޑައިގެންފައިވާ، އިސްކޮޅުފުޅު އެހާ ދިގުފުޅު ނޫން އަދި އެހާ ކުރުފުޅުވެސް ނޫން ، ބޭފުޅެކެވެ. ( ޞަޙީޙް މުސްލިމް ، ބާބުލް ފަޟާއިލް )

عَنْ ‏ ‏رَبِيعَةَ بْنِ أَبِي عَبْدِ الرَّحْمَنِ ‏ ‏قَالَ سَمِعْتُ ‏ ‏أَنَسَ بْنَ مَالِكٍ ‏ يَصِفُ النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏ ‏كَانَ ‏ ‏رَبْعَةً ‏ ‏مِنْ الْقَوْمِ لَيْسَ بِالطَّوِيلِ وَلَا بِالْقَصِيرِ أَزْهَرَ اللَّوْنِ لَيْسَ بِأَبْيَضَ ‏ ‏أَمْهَقَ ‏ ‏وَلَا ‏ ‏آدَمَ ‏ ‏لَيْسَ ‏ ‏بِجَعْدٍ ‏ ‏قَطَطٍ ‏ ‏وَلَا ‏ ‏سَبْطٍ ‏ ‏رَجِلٍ أُنْزِلَ عَلَيْهِ وَهُوَ ابْنُ أَرْبَعِينَ فَلَبِثَ ‏ ‏بِمَكَّةَ ‏ ‏عَشْرَ سِنِينَ يُنْزَلُ عَلَيْهِ ‏ ‏وَبِالْمَدِينَةِ ‏ ‏عَشْرَ سِنِينَ وَقُبِضَ وَلَيْسَ فِي رَأْسِهِ وَلِحْيَتِهِ عِشْرُونَ شَعَرَةً بَيْضَاءَ

މާނައަކީ: ''ރަބީޢާ ބިން އަބޫ ޢަބްދުއްރަޙްމާން ރިވާކުރެއްވިއެވެ. އަނަސް ބިން މާލިކް، ސަލާމާއި ޞަލަވާތް ލެއްވި އިތުރު ނަބިއްޔާ ސިފަ ކުރައްވަނިކޮށް އަހަރެން އަޑު އެހީމެވެ. ވިދާޅުވިއެވެ. އެކަލޭގެފާނަކީ މީސްތަކުންގެ ތެރެއިން އިސްކޮޅުފުޅު މެދުމިން ބޭފުޅެކެވެ. ދިގެއްވެސް ނޫނެވެ. ކުރެއްވެސް ނޫނެވެ.

އެކަލޭގެފާނަކީ މަޑު ރަތް ކުލައެއް ހުންނަ ދޮން ، ބޭފުޅެކެވެ. ސީދާ ހުސް ދޮނެއްވެސް ނޫނެވެ. އަދި ގަދަ މުށި ކުލައެއްވެސް ނޫނެވެ. އެކަލޭގެފާނުގެ އިސްތަށިކޮޅަކީ މުޅިން ބުޅި އަދި މުޅިން ފަން އިސްތަށިކޮޅެއްވެސް ނޫނެވެ. އެކަލޭގެފާނަށް ވަޙީ ބާވައިލެއްވުނީ، ޢުމުރުފުޅުން ސާޅީސް އަހަރުފުޅުގައެވެ. އަދި މައްކާގައި ދިހަ އަހަރު ވަޙީ ބާވައިލެއްވުނެވެ. އަދި މަދީނާގައި ދިހަ އަހަރު ހޭދަކުރެއްވިއެވެ. އެއަށްފަހު ސުވަރުގެވަޑައިގަތް އިރު، އެކަލޭގެފާނުގެ އިސްތަށިފުޅުގައި އަދި ތނބުޅިފުޅުގައި ، ވިހި ނުރަ ވެސް ނުހުންނާނެއެވެ. '' ( ޞަޙީޙް ބުޚާރީ ، ބާބުލް މަނާޤިބް )

މޫނުފުޅު :

ކީރިތި ރަސޫލާގެ މޫނުފުޅަކީ އެހާ ވަށް އަދި އެހާ ދިގު މޫނުފުޅެއްވެސް ނޫނެވެ. ކިއެއްތަ އެކަލޭގެފާނުގެ މޫނުފުޅަކީ މި ދެ ސިފައިގެ މެދުމިނެއްގެ މޫނުފުޅެކެވެ. އެކަލޭގެފާނުގެ މޫނުފުޅަކީ އުޖާލާ ކަމުން، އިރާއި ހަނދުފަދަ އުޖާލާ މޫނުފުޅެކެވެ. ކަޢްބު ބިން މާލިކްގެ އަރިއަހުން ރިވާވެފައިވާ ޙަދީޘެއްގައި ވެއެވެ.

كَانَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏إِذَا سُرَّ اسْتَنَارَ وَجْهُهُ حَتَّى كَأَنَّهُ قِطْعَةُ قَمَرٍ وَكُنَّا نَعْرِفُ ذَلِكَ مِنْهُ ‏

މާނައަކީ: ''ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އުފާފުޅުވެއްޖެނަމަ، އެކަލޭގެފާނުގެ މޫނުފުޅު އުޖާލާކަމުން ދިއްލިގެންދެއެވެ. އެއީ ހަނދުގެ އެތިކޮޅެއް ފަދައެވެ. އަދި އަހަރެމެންނަށް (އެކަލޭގެފާނު އުފާފުޅުވެއްޖެކަން) މި ކަމުން އެނގެއެވެ. '' (ޞަޙީޙް ބުޚާރީ، ބާބުލް މަނާޤިބް)

عَنْ ‏ ‏أَبِي إِسْحَاقَ ‏ ‏قَالَ سُئِلَ ‏ ‏الْبَرَاءُ ‏
‏أَكَانَ وَجْهُ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏مِثْلَ السَّيْفِ قَالَ ‏ ‏لَا بَلْ مِثْلَ الْقَمَرِ

މާނައަކީ: ''އަބޫ އިސްޙާޤު ރިވާ ކުރެއްވިއެވެ. އަލްބަރާއު އާއި ސުވާލު ކުރެވުނެވެ. ''ސަލާމާއި ޞަލަވާތް ލެއްވި އިތުރު ނަބިއްޔާގެ މޫނުފުޅު ވީ (އަލިކަމުގެ ގޮތުން) ކަނޑިއެއްފަދައިން ހެއްޔެވެ؟'' އަލްބަރާއު ވިދާޅުވިއެވެ. '' ނޫނެކެވެ. އެކަމަކު (އަލިކަމުގެ ގޮތުން) ހަނދެއްފަދައެވެ. '' (ޞަޙީޙުލް ބުޚާރީ، ބާބުލް މަނާޤިބް)

ލޯފުޅު :

ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގެ ލޯ ފުޅަކީ ކަޅުކަޅި ކަޅުކަން ގަދަ ލޯ ފުޅެކެވެ.

عَنْ ‏ ‏جَابِرِ بْنِ سَمُرَةَ ‏ ‏قَالَ ‏ كَانَ فِي سَاقَيْ رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏حُمُوشَةٌ ‏ ‏وَكَانَ لَا يَضْحَكُ إِلَّا تَبَسُّمًا وَكُنْتُ إِذَا نَظَرْتُ إِلَيْهِ قُلْتُ أَكْحَلُ الْعَيْنَيْنِ وَلَيْسَ بِأَكْحَلَ ‏

މާނައަކީ : ޖާބިރް ބިން ސަމްރާ ވިދާޅުވިއެވެ. ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ހިނިވަރުނަ ކުރައްވާއިރު، ހިނިތުންވުމަކަށްވުރެ ބޮޑަށް ހިނިވަރުނަ ނުކުރައްވައެވެ. އަދި ކަލޭ، އެކަލޭގަފާނަށް ބަލައިފިނަމަ ބުނާނީ ދެ ލޯފުޅުގައިވަނީ އަނދުން އަޅުއްވާފައި ކަމަށެވެ. ނަމަވެސް އެއީ އަނދުން އަޅުއްވާފައެއް ނޫނެވެ. (މާނައަކީ އަނދުން ނޭޅުއްވިއަސް ލޯފުޅު ހީވަނީ އަނދުން އަޅުއްވާފައި ވާ ހެންނެވެ.) ( ތިރްމިޛީ ، ބާބް މަނާޤިބު ޢަން ރަސޫލުﷲ)

ހަމަ އެހެންމެ އިތުރު އެކަލޭގެފާނުގެ ލޯފުޅަކީ ބޮޑު ލޯފުޅެކެވެ. އެސްފިޔަފުޅު ދިގެވެ. ތުނބުޅިފުޅު ވަރުގަދައެވެ. ނޭފަތްފުޅު ފަތާއެއް ނޫނެވެ. މެދު ދަތްޕުޅު ރީތި ވަރަކަށް ދުރެވެ. ކީރިތި ރަސޫލާގެ ތުންފަތްޕުޅުގެ ދަށުން ތުނބުޅުފުޅުގައި ވިއްސަކަށް ނުރަ ހުއްޓާ ދެކުނު ކަމަށް ރިވާ ކުރެވިފައި ވެއެވެ. މި އިން ދޭހަވަނީ ޞަޙާބީން ކީރިތި ރަސޫލާ ދެކެ ވީ ލޯބީގެ ބޮޑުކަމެވެ. އަދި އެކަލޭގެފާނުގެ ހުރިހާ ސިފަފުޅަކާއި ކަންފުޅެއް ދަސް ކުރައްވަން، އެ ބޭކަލުން ބެހެއްޓެވި ސަމާލު ކަމެވެ.

جَابِرَ بْنَ سَمُرَةَ ‏ ‏قَالَ ‏ كَانَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏ضَلِيعَ ‏ ‏الْفَمِ ‏ ‏أَشْكَلَ ‏ ‏الْعَيْنِ ‏ ‏مَنْهُوسَ ‏ ‏الْعَقِبَيْنِ

މާނައަކީ : '' ޖާބިރް ބިން ސަމްރާ ރިވާ ކުރެއްވިއެވެ. ''ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަކީ، އަނގަފުޅު ބޮޑު، ލޯފުޅުގެ ހުދުބައިގައި ކުޑަ ރަތް ކަމެއް ވާ، ފުންނާބުގެ މަސް ގިނަ ނޫން ބޭފުޅެކެވެ. '' ( ޞަޙީޙް މުސްލިމް ، ބާބުލް ފަޟާއިލް )

ނޯޓު : އަނގަ ކުޑަ ވުމަކީ ޢަރަބިން ކައިރީ ހުތުރު ސިފައެކެވެ. ވީމާ މި ޙަދީޘުގައި ވާ މާނައަކީ އިތުރު އެކަލޭގެފާނުގެ އަނގަފުޅަކީ ކުޑަ ކުޑަ އަނގަފުޅެއް ނޫން ކަމަށެވެ.

އަޑުފުޅު :

ކީރިތި ރަސޫލާގެ އަޑު ފުޅަކީ، ކޮންމެ މީހެއްވެސް އަޑު އަހާ ހިތްވާ ފަދަ ރީތި އަޑު ފުޅެކެވެ. މީހުން ނަފްރަތު ކުރުވާފަދަ ގަދަ އަޑެއް ރަސޫލާ ބޭނުން ނުކުރައްވައެވެ. އަބަދުވެސް މީހުންނާއި މުޚާޠަބް ކުރައްވަނީ، އަޑު މަޑު ރީތި ބަހުރުވައިންނެވެ. ކޮންމެ މީހަކަށްވެސް އެ މީހަކާއި އެކަށޭނެ ދަރަޖައެއް ދެއްވައެވެ.

أُمِّ هَانِئٍ بِنْتِ أَبِي طَالِبٍ ‏ ‏قَالَتْ ‏ كُنْتُ أَسْمَعُ قِرَاءَةَ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏بِاللَّيْلِ وَأَنَا عَلَى ‏ ‏عَرِيشِي ‏

މާނައަކީ : ''އަބޫ ޠާލިބްގެ ދަރިކަނބަލުން އުއްމު ހާނީ ވިދާޅުވިއެވެ. ކީރިތި ރަސޫލާ ރޭގަނޑު ކިޔަވާ ވިދާޅުވާ އަޑުފުޅު އަހަން އަހަރެން ގޭ ފުރާޅު މަތީގައި ހިޔާކޮށްފައި ހުންނަތަނެއްގައި، ހުންނަމެވެ. "

ކުޅުފޮދު :

އާދައިގެ އިންސާނުނުންގެ ކުޅަކީ ފަކުރު ގަނެވޭ އެއްޗަކަސް، ކީރިތި ރަސޫލާގެ ކުޅުފޮދަކީ ބަރަކާތް ލެއްވިފައިވާ ބަރަކާތްތެރި އެއްޗެކެވެ. އޭގައި ބަލިން ޝިފާ ވުމާއި، ޒަޚަމް ފަސޭހަ ވުން ހިމެނެއެވެ. ބުޚާރީ މުސްލިމްގައި، ޚައިބަރު ހަނގުރާމައިގައި ދިދަ ދެއްވާނެ ބޭފުޅަކާ ބެހޭ ގޮތުން އައިސްފައިވާ ޚަދީޘްގައި ވަނީ، އެ ދުވަހު ރަސޫލާ ދިދަ ދެއްވާނީ ޢަލީގެފާނަށް ކަމަށް ވިދާޅުވެ، ބެއްލެވި އިރު ޢަލީގެފާނު ނެތުމުން އެ ކަމާ ކީރިތި ރަސޫލާ ސުވާލު ކުރެއްވިއެވެ. އަދި ޢަލީގެފާނު ވީ ލޮލޮގެ އާލާސްކަންފުޅެއްގައި ކަން ދެންނެވުނެވެ. އެ ހިނދު ޢަލީގެފާނު ގެންނަވާފައި، ޢަލީގެފާނުގެ ލޯ ކޮޅަށް ރަސޫލާގެ ކުޅުފުޅު ޖެއްސެވިއެވެ. އަދި ވަގުތުން އާލާސްކަންފުޅު ރަނގަޅުވިއެވެ.

ބާމަތިފުޅު :

ކީރިތި ރަސޫލާގެ ބާމަތިފުޅަކީ ފުޅާ ބާމަތި ފުޅެކެވެ. އަދި މޭމަތިފުޅަކީ ތަނަވަސް މޭމަތިފުޅެކެވެ.

كَانَ النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏مَرْبُوعًا بَعِيدَ مَا بَيْنَ الْمَنْكِبَيْنِ لَهُ شَعَرٌ يَبْلُغُ شَحْمَةَ أُذُنِهِ رَأَيْتُهُ فِي حُلَّةٍ حَمْرَاءَ لَمْ أَرَ شَيْئًا قَطُّ أَحْسَنَ مِنْهُ

މާނައަކީ : ''ސަލާމާއި ޞަލަވާތް ލެއްވި މާތް ނަބިއްޔާއަކީ އިސްކޮޅުން މެދުމިން، ބާމަތި ފުޅާ، ކަންފަތްޕުޅުގެ ފޫޅާއި ހަމައަށް ދާ ވަރުގެ ދިގު އިސްތަށިފުޅެއްގެ ވެރި ބޭކަލެކެވެ. އެކަލޭގެފާނު، ރަތް ހެދުން ކޮޅެއްގައި ވަނިކޮށް (ޖުއްބާ ޒާތަކަށް ހުންނަ ހެދުމެއް) އަހަރެން ދެކުނީމެވެ. އެފަދަ ރީތި ކަމެއް ދުވަހަކުވެސް އަހަރެން ނުދެކެމެވެ. '' (ޞަޙީޙް ބުޚާރީ، ބާބުލް މަނާޤިބް)

ނޯޓު : ރަތް ހެދުމޭ ބުނެވިފައިވަނީ ރަތް ރޮގު ދެމި، ޔަމަނުން ގެނެވޭ ހެދުމެއް ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ސީދާ ހުސް ރަތް ކުލައެއް ނޫނެވެ.

އަތްޕުޅު :

ކީރިތި ރަސޫލާގެ އަތްޕުޅަކީ ބޮޑު އަތްޕުޅެކެވެ. ފައިންޕުޅަކީވެސް ބޮޑު ފައިންޕުޅެކެވެ.

كَانَ النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏ضَخْمَ الْقَدَمَيْنِ حَسَنَ الْوَجْهِ لَمْ أَرَ بَعْدَهُ مِثْلَهُ

މާނައަކީ: '' ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާއަކީ އަތްޕުޅާއި ފައިންޕުޅު ބޮޑު ބޭކަލެކެވެ. އަދި އެކަލޭގެފާނަށް ފަހުން އެއާއި އެއްފަދަ މީހެއް ނުދެކެމެވެ. '' (ޞަޙީޙް ބުޚާރީ ، ބާބުއް ލިބާސް)

ކީރިތި ރަސޫލާގެ އަތްޕުޅަކީ މަޑު އޮމާން އަތްޕުޅެކެވެ. އަނަސް ރަޟިޔަﷲ ޢަންހު ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ.

مَا مَسِسْتُ حَرِيرًا وَلَا ‏ ‏دِيبَاجًا ‏ ‏أَلْيَنَ مِنْ كَفِّ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏وَلَا شَمِمْتُ رِيحًا قَطُّ أَوْ ‏ ‏عَرْفًا ‏ ‏قَطُّ أَطْيَبَ مِنْ رِيحِ أَوْ ‏ ‏عَرْفِ ‏ ‏النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ

މާނައަކީ :" ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާގެ އަތްޕުޅަށް ވުރެ މަޑު، ފަށުއްވެއް ނުވަތަ ދީބާޖެއްގައިވެސް އަހަރެން އަތް ނުލަމެވެ. އަދި ރަސޫލާގެ ގައިކޮޅުން ދުވާ ވަހަށް ވުރެ މީރުވަސް ދުވާ ވަހެއް، ދާފޮދަށް ވުރެ މީރުވަސް ދުވާ ދަލެއްގެ ވަސް އަހަރެން ނުގަންނަމެވެ. '' ( ޞަޙީޙް ބުޚާރީ ، ބާބުލް މަނާޤިބް )

أَبِو جُحَيْفَةَ ‏ ‏ قَالَ ‏ ‏فَأَخَذْتُ بِيَدِهِ فَوَضَعْتُهَا عَلَى وَجْهِي فَإِذَا هِيَ أَبْرَدُ مِنْ الثَّلْجِ وَأَطْيَبُ رَائِحَةً مِنْ الْمِسْكِ

މާނައަކީ : '' އަބޫ ޖުޙައިފާ ރިވާ ކުރެއްވިއެވެ. ދެން މީސްތަކުން ތެދުވެ، ކީރިތި ރަސޫލާގެ އަތްޕުޅު ނެގުމަށް ފަހު އެބައި މީހުންގެ މޫނުގައި އަތްޕުޅު ބީއްސުވަން ފެށިއެވެ. އަހަރެންވެސް ރަސޫލާގެ އަތްޕުޅު ނެގުމަށްފަހު އަހަރެންގެ މޫނުގައި ޖެއްސީމެވެ. އެ ހިނދު އެ އަތްޕުޅު ގަނޑުފެނަށް ވުރެ ފިނިވެފައި، ގޮމަކަސްތޫރިއަށް ވުރެ މީރުވަސް ދުވައެވެ.'' (ޞަޙީޙް ބުޚާރީ، ބާބުލް މަނާޤިބް

ކީރިތި ރަސޫލާއާއި އެންމެ ވައްތަރު ބޭފުޅަކީ އިބްރާހީމްގެފާނެވެ. އެކަލޭގެފާނުގެ ފައިންޕުޅުވެސް މަޤާމް އިބްރާހީމްގައިވާ އިބްރާހީމްގެފާނުގެ ފައިންޕުޅާއި އެއްގޮތް ކަމަށް ވެއެވެ. އެކަލޭގެފާނު ހިނގައި ވަޑައިގަންނަވނީ ސީދާކޮށް ހުންނަވައިގެންނެވެ.

ބަސްފުޅު :

ކީރިތި ރަސޫލާ ދެނެވަޑައިގަންނަނީ އަމިއްލަފުޅު ބަސް ކަމުގައިވާ ޢަރަބި ބަސް އެކަންޏެވެ. ނަމަވެސް އެހެން ޤައުމުތަކުގެ ބަސް ދަސްކުރުމަށް އެކަލޭގެފާނު އަންގަވާފައިވެއެވެ. އެ ގޮތުން ސިރިޔާނީ ބަސް ދަސް ކުރެއްވުމަށް ޒައިދް ބިން ސާބިތު އަށް އަމުރު ކުރެއްވިއެވެ. ރަސޫލާއަކީ ދޫފުޅު ފަޞާޙަތްތެރި، ބަސްފުޅު ބަލާޣަތްތެރި ބޭފުޅެކެވެ. ހުރިހާ ޢަރަބި ޤަބީލާތަކެއްގެ ބަހުރުވަ ދެނެވަޑައިގަންނަވައެވެ. ކޮންމެ ޤަބީލާއަކާއިވެސް މުޚާޠަބް ކުރައްވަނީ އެ ޤަބީލާއެއްގެ ބަހުރުވައަކުންނެވެ. އެ ކަލޭގެފާނު ބޭނުންތެރި ފައިދާ ހުރި ބަސްފުޅެއް ނޫނީ ވިދާޅުނުވެއެވެ. ވިދާޅުވާ ކޮންމެ ބަހަކީ ތެދު ބަސްފުޅެކެވެ. މި އުންމަތުގެ ޝަރީޢަތެވެ. ކުޑަ ކުދިންނާއި މުޚާޠަބް ކުރައްވަނީ ކުޑަ ކުދިންނާއި އެކަށޭނެ ގޮތަކަށެވެ. ބޮޑެތި މީހުންނާއި މުޚާޠަބް ކުރައްވަނީ އެ މީހުންގެ ދަރަޖައާއި އެކަށޭނެ ގޮތަށެވެ. އަނބިކަނބަލުންނާއި މުޚާޠަބް ކުރައްވަނީ އަނބިކަނބަލުންނާއި އެކަށޭނެ ބަހުރުވައަކުންނެވެ.

ހިނިވަރުނަ ކުރެއްވުން :

އެކަލޭގެފާނަކީ ގިނައިން ހިނިވަރުނަ ކުރައްވާ ބޭކަލެކެވެ. ނަމަވެސް ހިނިވަރުނަ ކުރައްވާ އިރު ހިނިތުންވުމަކަށް ވުރެ ބޮޑަށް ހިނިވަރުނަ ނުކުރައްވައެވެ. އާއްމު ޙާލަތްތަކުގައި ހިނިވަރުނަ ކުރުމާއި ނުލައި މީހަކާއި މުޚާޠަބް ނުކުރައްވައެވެ. އެކަލޭގެފާނު ހިނިވަރުނަ ކުރައްވާއިރު ބައެއްފަހަރު ކޮލު ދަތްކޮޅުވެސް ފެނެއެވެ. ނަމަވެސް އަޑު ނު ވީއްލަވައެވެ.

އަނގޮޓިކޮޅު :

ކީރިތި ރަސޫލާގެ އަނގޮޓިކޮޅަކީ ރިހި އަނގޮޓިކޮޅެކެވެ. އޭގައި ތިރިން މައްޗަށް ވާ ގޮތަށް ކަނޑައި ނަގައި ލިޔެވިފައިވަނީ '' محمد رسول الله '' އެވެ.

އެހެން ހެއްދެވީ '' މުޙައްމަދު '' މި ނަންފުޅު ﷲ ގެ އިސްމުފުޅުގެ މަތީގައި ނުލިއުއްވަން ވެގެން ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

އަނގޮޓި ކޮޅު ހެއްދެވީ، ފާރިސްކަރައަށް ފަތްކޮޅު ފޮނުއްވަން ވެގެން އުޅުއްވި އިރު، އެބައި މީހުން ސިއްކަ ނުޖަހާ ފަތެއް ޤަބޫލު ނުކުރާ ވާހަކަ ދެންނެވުނީމައެވެ. ރަސޫލާ ސުވަރުގެ ވަޑައިގަތުމުން، އަބޫބަކުރުގެފާނު އަދި އަބޫބަކުރުގެފާނު އަވަހާރަވުމުން ޢުމަރުގެފާނު މި އަނގޮނޓިކޮޅު ގެންގުޅުއްވިއެވެ. ޢުޘްމާނުގެފާނު މި އަނގޮޓިކޮޅު ގެންގުޅުއްވަނިކޮށް ފުން ވަޅަކަށް ވެއްޓި ގެއްލުނެވެ.

ޚުލްޤީ ސިފަފުޅުތައް

ދެން މި ލިޔެލަނީ ކީރިތި ރަސޫލާގެ ޚުލްޤީ ސިފަފުޅުތަކުގެ ތެރެއިން ބައެއް ސިފަފުޅުތަކެވެ.

މި އުއްމަތުގެ ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަކީ އިންސާނުންގެ ތެރެއިން އެންމެ މާތް އެންމެ ފުރިހަމަ ސިފަފުޅުތައް ލިބިވަޑައިގެން ހުންނެވި ބޭފުޅާއެވެ. އެކަލޭގެފާނަކީ ދީލަތި ބޭފުޅެކެވެ. ފަޤީރުންނާއި މިސްކީނުންނަށް ހޭދަ ކުރައްވައެވެ. ގެ ކޮޅުގައި މެހުމާނުންނަށް ކާން ދެއްވައެވެ. އަތްޕުޅުގައި ވާ އެއްޗެއް މީހަކު ބޭނުން ވެއްޖެނަމަ އެއެއްޗެއް ދެއްވައެވެ. އެއްފަހަރަކު ރަސޫލުﷲ ޞައްލައްﷲ ޢަލައިހިވަސައްލަމަ، އާ ހެދުން ކޮޅެއް ތުރުކުރައްވައިގެން ހުންނަވަނިކޮށް މީހަކު އައިސް އެ ހެދުން ކޮޅު ދެއްވަން ދެއްނެވުމުން، ހެދުންކޮޅުވެސް ދެއްވިއެވެ.

ކީރިތި ރަސޫލާއަކީ، އިންސާނުންގެ ތެރެއިން އެންމެ ދީންވެރި އެންމެ ތަޤުވާވެރި ބޭކަލެވެ. ފައިކޮޅު ދުޅަވަން ދެން ނަމާދު ކުރައްވިއެވެ. ގިނަ ގިނައިން ރޯދަ ހިއްޕެވިއެވެ. މުދާ ހޭދަ ކުރެއްވިއެވެ. ޖިހާދު ކުރެއްވިއެވެ. ދުޢާކުރައްވާ އިސްޢްފާރު ކުރެއްވިއެވެ.

ކީރިތި ރަސޫލާއަކީ ކެތްތެރިކަމުގެ ލާ މަސީލެކެވެ. ތުއްޕުޅު އިރު މަންމާފުޅާއި ބައްޕާފުޅު ގެއްލިވަޑައިގަތުމުން، އެކަމަށް ކެތް ކުރެއްވިއެވެ. ލިބިވަޑައިގަތް ހުރިހާ ފިރިހެން ދަރިކަލުން އެ ބޭކަލުން ތުއްޕުޅު އިރު، އަވަހާރަވުމުން އެކަމަށް ކެތް ކުރެއްވިއެވެ. ހިމާޔަތާއި ވާގި ދެއްވަމުން އައި ބޮޑު ބޭބެ އަވަހާރަވެ، އޯގާތެރިކަމާއި ލޯބި ދެއްވަމުން އައި އަނބިކަނބަލުން ޚަދީޖަތުގެފާނު ކައިރި ކައިރީ އަވަހާރަ ވުމުންވެސް ކެތް ކުރެއްވިއެވެ.

މުޝްރިކުންގެ ބޮޑެތި އުނދަގުލާއި ދުއްތުރާތަކަށް ކެތް ކުރެއްވިއެވެ. ޠާއިފްގެ މީހުން ގަލުން ތަޅައި ރަސޫލާ ޒަޚަމްކޮށްލުމުންވެސް ކެތް ކުރެއްވިއެވެ. އެދިލެއްވިނަމަ، ޖިބްރީލާގެފާނު ހުންނެވީ ﷲގެ އަމުރުފުޅަށް ގަދަވެގެންވާ ޢަޛާބެއް އެ މީހުންނަށް ދެއްވަން ތައްޔާރަށެވެ. ނަމަވެސް އެކަލޭގެފާނު ޙަދީޘް ކުރެއްވީ މުޝްރިކުން އިސްލާމް ނުވިއްޔާ އެ މީހުންގެ ފަރާތުން އަންނަ އާ ޖީލެއް އިސްލާމްވާން އެދިލައްވާކަމަށެވެ. ވީމާ އެ މީހުން ނެތި ނުކުރެއްވުމަށެވެ. އަހަރެމެން ކަހަލަ އާދައިގެ މީހެއް ނަމަ ދުރު މުސްތަޤްބަލަށް ނުވިސްނާ، ބޭނުންވާނީ އެ މީހުންގެ ކިބައިން ބަދަލު ހިފާށެވެ. ބައެއް ނަބީބޭކަލުން އެ ބޭކަލުންގެ ޤައުމުގެ މީހުން އީމާން ނުވާނެކަން ޔަޤީންވެވަޑައިގަތުމުން އެ މީހުންނަށް ޢަޛާބު ފޮނުއްވަން އެދިވަޑައިގެންފައިވެއެވެ. މިސާލަކަށް ސޫރަތުއް ނޫޙްގެ 26 ވަނަ އާޔަތުގައި ނޫޙްގެ ފާނު ކާފިރުންގެ އެކަކުވެސް ބިންމަތީގައި ސަލާމަތުން ނުބެހެއްޓެވުމަށް އެދިވަޑައިގަތެވެ. ފަހަރެއްގައިވެސް މިއީ ނޫޙްގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުން ދެކެ ލޯބިވެވަޑައި ނުގަންނަވާތީއެއް ނޫނެވެ. ނަމަވެސް 950 އަހަރުވަންދެން ދީނަށް ގޮވައިލެއްވުމުންވެސް މަދު ބަޔަކު މެނުވީ އީމާން ނުވާނެ ކަން އެނގިވަޑައިގަތުމުން، އީމާން ވި މަދު މީސްކޮޅު ފިތުނައިން ސަލާމަތް ކުރެއްވުމަށްޓަކައި އެ ގޮތް ޚިޔާރު ކުރެއްވީއެވެ.

ބަދުރު ހަނގުރާމައިގައި މުސްލިމުންގެ ޢަދަދު މަދުކަމާއެކުވެސް ހަނގުރާމައިގައި، ކީރިތި ރަސޫލާ ސާބިތުވެވަޑައިގަތެވެ. އަދި ނަޞްރު ލިބިވަޑައިގަތެވެ. އުޙުދު ހަނގުރާމައިގައި ފުރަތަމަ ކޮޅު، މުސްލިމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބި، ރަސޫލާ ޒަޚަމްވެވަޑައިގަތުމުންވެސް ކެތް ކުރައްވައި ސާބިތުވެވަޑައިގަތެވެ. އަދި ހަނގުރާމައިގައި މުޝްރިކުން ބޭނުންވި ކަމެއް އެ މީހުންނަށް ޙަޞިލެއްވެސް ނުވިއެވެ.

ރަސޫލާގެ ލޮބިވެތި އަނބިކަނބަލުން ޢާއިޝަތުގެފާނުގެ އިސްތަށުފުޅުގައި ދޮގޮ ތުހުމަތެއް މުނާފިޤުން އަޅުވައި، ދޮގު ވާހަކަ ފެތުރުމުންވެސް، އެކަމަށް ކެތް ކުރެއްވިއެވެ.

ކީރިތި ރަސޫލާއަކީ ކުޑަ ކުދިންނަށް އޯގާތެރި ބޭފުޅެކެވެ. ރަސޫލާ ޙާޟިރުވެ ހުންނަވަނިކޮށް ދަރިކަލުން އިބްރާހީމް އަވަހާރަވުމުން ރަސޫލާ ޙަދީޘްކުރެއްވިއެވެ.

قَالَ ‏ ‏أَنَسٌ ‏ ‏لَقَدْ رَأَيْتُهُ وَهُوَ ‏ ‏يَكِيدُ بِنَفْسِهِ ‏ ‏بَيْنَ يَدَيْ رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَدَمَعَتْ عَيْنَا رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَقَالَ ‏ ‏تَدْمَعُ الْعَيْنُ وَيَحْزَنُ الْقَلْبُ وَلَا نَقُولُ إِلَّا مَا ‏ ‏يَرْضَى رَبُّنَا وَاللَّهِ يَا ‏ ‏إِبْرَاهِيمُ ‏ ‏إِنَّا بِكَ لَمَحْزُونُونَ

މާނައަކީ : އަނަސްގެފާނު ވިދާޅުވިއެވެ. '' ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަތްޕުޅުގައި އޮންނަވައިގެން އިބްރާހީ އެކަލޭގެފާނުގެ އެންމެ ފަހު ނޭވާ ދޫކުރެއްވިއެވެ. އެ ހިނދު ލޯފުޅުން ކަރުނަ އޮހޮރުނެވެ. އަދި ޙަދީޘްކުރެއްވިއެވެ. ލޮލުން ކަރުނަ އެބަ އޮހޮރެއެވެ. ހިތަށް ތަދުވެއެވެ. ނަމަވެސް ﷲ ރުހިވޮޑި ވޮޑިގަންނަވާނެ އެއްޗެއް މެނުވީ އަހަރެމެން ނުބުނާނަމެވެ. އޭ އިބްރާހީމްއެވެ. އަހަރެމެން ތިބާއަށްޓަކައި ހިތާމަ ކުރަމެވެ.'' ( ޞަޙީޙް މުސްލިމް ، ބާބުލް ފަޟާއިލް )

މި ޙަދީޘުން އަހަރެމެން ދަސްކުރަންވީ ފިލާވަޅަކީ ދަރިއެއް ނުވަތަ އަންބެއް ނުވަތަ ފިރިއެއް ނުވަތަ މައެއް ބަފައެއް މަރުވުން ކެތްތެރިު ވުމެވެ. ﷲ ގެ މިންވަރުފުޅަށް ރުހުމެވެ. ކިތަންމެ މުއްސަނދި ކިތަންމެ ވަސީލަތް ގިނަ މީހެއްގެ ކުއްޖެއްވެސް ވަރަށް ކުޑައިރުވެސް މަރުވެދާނެއެވެ. އަދި ބަލިވެސް ވެދާނެއެވެ. ނަމަވެސް އެއީ ކޮންމެހެން ﷲ ގެ ކޯފާއެއް ނޫނެވެ. ކިއެއްތަ އެއީ އެ މީހެއްގެ ހެވަކަށްވެސް ވެދާނެއެވެ. އަދި އިމްތިޙާނަކަށްވެސް ވެދާނެއެވެ. އަދި ޢިބްރަތަކަށްވެސް ވެދާނެއެވެ.

ރަސޫލާގެ އަންހެން ދަރިކަނބަލުން ޒައިނަބްގެ ދަރިކަނބަލުން އުމާމާ އުފުއްލަވައިގެން ހުންނަވައިގެން، ކީރިތި ރަސޫލާ ނަމާދު ކުރެއްވިއެވެ. ( ޞަޙީޙް ބުޚާރީ، ބާބުއް ޞަލާތު އަދި ބާބުލް އަދަބް )

عَنْ ‏ ‏عَائِشَةَ ‏ ‏قَالَتْ ‏ قَدِمَ نَاسٌ مِنْ ‏ ‏الْأَعْرَابِ ‏ ‏عَلَى رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَقَالُوا أَتُقَبِّلُونَ صِبْيَانَكُمْ فَقَالُوا نَعَمْ فَقَالُوا لَكِنَّا وَاللَّهِ مَا نُقَبِّلُ فَقَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏وَأَمْلِكُ إِنْ كَانَ اللَّهُ نَزَعَ مِنْكُمْ الرَّحْمَةَ

މާނައަކީ : '' ޢާއިޝަތުގެފާނު ރިވާކުރެއްވިއެވެ. އަޢްރާބީންގެ ބަޔަކު ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް އައެވެ. އަދި ދެންނެވިއެވެ. ''ކަލޭގަފާނު ކަލޭގެފާނުގެ ކުޑަކުދިންނަށް ބޮސް ދެއްވަންތޯއެވެ؟'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. '' އާނއެކެވެ.'' އެ މީހުން ދެންނެވިއެވެ. '' ހުވާކޮށްފައި ބުނަމެވެ. އެކަމަކު އަހަރެމެން (އަހަރެމެންގެ ދަރިންނަށް) ބޮސް ނުދެމެވެ. ''އެ ހިނދު ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ''ކަލޭމެންގެ ކިބައިން، ﷲ ރަޙްމަތް ނިގުޅުއްވައިގެންފިނަމަ އަހަރެން ކުރާނީ ކީއްހެޔެވެ؟ ''

އަދިވެސް އެހެން ޙަދީޘެއްގައި ވެއެވެ.

عَنْ ‏ ‏أَبِي هُرَيْرَةَ ‏ أَنَّ ‏ ‏الْأَقْرَعَ بْنَ حَابِسٍ ‏ ‏أَبْصَرَ النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يُقَبِّلُ ‏ ‏الْحَسَنَ ‏ ‏فَقَالَ إِنَّ لِي عَشْرَةً مِنْ الْوَلَدِ مَا قَبَّلْتُ وَاحِدًا مِنْهُمْ فَقَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏إِنَّهُ ‏ ‏مَنْ لَا يَرْحَمْ لَا يُرْحَمْ

މާނައަކީ : '' އަބޫ ހުރައިރާ ރިވާ ކުރެއްވިއެވެ. ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަސަންގެފާނަށް ބޮސް ދެއްވާތަން، އަޤްރަޢް ބިން ޙާބިސް އަށް ފެނުމުން ދެންނެވިއެވެ. އަހަރެންގެ ދިހަ ކުދިން ތިބެއެވެ. އެކަމަކު އެއިން އެކަކަށްވެސް ދުވަހަކުވެސް ބޮހެއް ނުދެމެވެ. އެހިނދު ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ''ހަމަކަށަވަރުން ރަޙުމް ނުބަހައްޓާ މީހަކަށް، ﷲ ރަޙުމް ނުލައްވާނެއެވެ. ''

މި ޙަދީޘްތަކުން އަހަރެމެންނަށް އެނގޭ އެއްޗަކީ ކުޑަ ކުދިންނަށް ރަޙުމް ނުބަހައްޓަނީ ހިތް ހަރު މީހުން ކަމެވެ. ހިތް ހަރު ކަމަކީ އެއީ ފަހަރެއްގައިވެސް ރަނގަޅު ސިފައެއް ނޫނެވެ. އަދި ހަރުކަށިކަމާއި އަދަބު ދިނުމަކީ ތަރުބިއްޔަތު ކުރުމުގައިވެސް މުޅިން ގޯސް އިޚްތިޔާރެކެވެ. ފުރިހަމަ މުސްލިމުންނަކީ ހިތް ހަރު ބައެއް ނޫނެވެ. ކިއެއްތަ ހިތް ހަރު ވުމަކީ އެއީ މާތް ﷲ އެ މީހެއްގެ ކިބައިން ރަޙްމަތް ކަނަޑައިގެންނެވުމުގެ ޢަލާމާތެކެވެ. ޔަހޫދީންގެ ހިތް ހަރު އެއްޗެއް ކަމުގައި ލެއްވި ވާހަކަ މާއިދަތު ސޫރަތުގެ 13 ވަނަ އާޔަތުގައި ވެއެވެ. އަދި މިނުން އެހެން އާޔަތްތަކެއްގައިވެސް ހިތް ހަރުވުމާއި ބެހޭގޮތުން، ވަޙީ ކުރައްވާފައިވެއެވެ.

ކުޑަ ކުދިންނަށް ދޮން ދީ އެ ކުދިންނަށް ލޯބި ދިނުމަކީ އެއީ މައިންބަފައިންނާއި ތިމާގެ މީހުންގެ މައްޗަށް ވާޖިބު ކަމެކެވެ. ކުދިންނަށް ބޭނުންވާ ނަފްސާނީ ހިތް ހަމަ ޖެހުމާއި، އަމާންކަން ލިބި ނަފްސުގެ އިތުބާރު ބޮޑުވެ ފުރިހަމަ ތަރުބިއްޔަތެއް ވާނެ ކަމެކެވެ.

ކީރިތި ރަސޫލާ އޯގާތެރިފުޅުކަން ބަހައްޓަވަނީ ހަމަ އެކަނި ކުޑަ ކުދިންނަކަށް ނޫނެވެ. ޚާދިމުންނަށްވެސް ބަހައްޓަވައެވެ. އެގޮތުން އަނަސް ބިން މާލިކް ވިދާޅުވެފައިވަނީ އެކަލޭގެފާނު، ނުވަ އަހަރު ދުވަސް ވަންދެން ރަސޫލާއަށް ޚިދުމަތް ކުރެއްވިކަމަށެވެ. ނަމަވެސް ދުވަހަކުވެސް އަނަސް ކުރެއްވި ކަމަކަށް، ތިހެން ހެދީ ކީއްވެހޭ ؟ ނު ކުރިކަމަކަށް، އެކަން ނުކުރީ ކީއްވެހޭ؟ ކީރިތި ރަސޫލާ ޙަދީޘް ނުކުރައްވައެވެ.

ޖަނަވާރަށް ވެސް ކީރިތި ރަސޫލާ އޯގާތެރިފުޅުކަން ބަހައްޓަވައެވެ. އެގޮތުން ކެއުމަށްޓަކައި ނުވަތަ ގެއްލުންދޭ ޖަނަވާރެއް މަރާލުން ނޫން ގޮތަކަށް، އެއްވެސް ޖަނަވާރެއް ނުމެރުމަށާއި، ގިނަ ވަގުތު ޖަނަވާރު ލައްވައި މަސައްކަތް ނުކުރުވުމަށް މުސްލިމުންނަށް އެންގެވިއެވެ. ބުޅަލެއް ހިފަހައްޓައިގެން ކާން ނުދީ

އޭތި މަރާލި އަންހެނަކު އެކަމުގެ ސަބަބުން ނަރަކައަށް ވަން ކަމަށްވެސް ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. ޖަނަވާރު ކަތިލާއިރުވެސް ތޫނު އެއްޗަކުން އެޔަށް އަނިޔާ ނުވާ ގޮތަށް އަވަހަށް ކަތިލުމަށް ރަސޫލާ އެންގެވިއެވެ. އަދި އެހެން ޖަނަވާރުތަކަށް އެ މަންޒަރު ނުދެއްކުމަކީ ކަތިލުމުގައި ސުންނަތް ގޮތެކެވެ.

މުޝްރިކުންނާއި ދޭތެރޭވެސް ކީރިތި ރަސޫލާ ކަންތައް ކުރެއްވީ އޯގާތެރިފުޅުކަމާއެކުގައެވެ. އެގޮތުން އެ މީހުންގެ އަނިޔާއާއި އުނދަގުލުގެ ސަބަބުންވެސް، ﷲގެ ކޯފާ އެބައި މީހުންނަށް ދެއްވުން އެދި ދުޢާ ނުކުރެއްވިއެވެ. ކީރިތި ރަސޫލާ ގަހެއްގެ ދަށުގައި އަވަހާރަފުޅުލައްޕަވާފައި އޮއްވާ އަވަހާރަކޮށްލަން އުޅުނު މީހާއަށްވެސް މަޢާފް ކުރައްވައި ފޮނުވައި ލެއްވިއެވެ.

ވިހަ ލާފައި އޮތް ކަނޑިއެއް ހިފައިގެން، ޢުމައިރް ބިން ވަހްބު ރަސޫލާ އަވަހާރަކޮށްލަން މަދީނާއަށް ދިއުމުންވެސް މަޢާފް ކުރެއްވިއެވެ. މައްކާ ފަތަޙަ ކުރެއްވުމަށްފަހު، ލިބިލެއްވި އަނިޔާއަށް ބަދަލެއް ނުހިއްޕަވައެވެ. ހަނގުރާމައިގެ މުޖްރިމުން ކަމަށް ބެލެވޭ ތިން މީހެއް ފިޔަވައި އެހެން ބައެއްގެ ލޭ ހުއްދައެއް ނުކުރެއްވައެވެ. އެންމެންނަށް މަޢާފް ދެއްވިއެވެ. އަބޫ ސުފްޔާނަށްވެސް މައްކާ ފަތަޙަ ކުރުމުގެ ކުރިން މަޢާފް ދެއްވިއެވެ. އަދި އުޙުދު ހަނގުރާމައިގައި ރަސޫލާގެ ބޮޑުބޭބޭފުޅު ޙަމްޒަތުގެފާނު ޝަހީދުކޮށްލައި މޭފުޅު ނަގައި ކަންތައް ކުރި މީހާގެ ކިބައިންވެސް ބަދަލެއް ނުހިއްޕެވިއެވެ.

ކީރިތި ރަސޫލާ ދުވަހަކުވެސް މީހަކަށް ހުތުރު ބަހެއް ވިދާޅު ނުވެއެވެ. މީހުން ނަފްރަތު ވާފަދަ ގޮތަކަށް އުޅުން ނުބަހައްޓަވައެވެ. މީހުންގެ ހިތް މަރައި ނުލައްވައެވެ. މީހަކު ގޯސް ކަމެއް ކުރާކަން އެނގިވަޑައިގަތަސް އެ މީހެއްގެ ނަން ވިދާޅުވެ އެންމެ ކުރިމަތީ ބަދުނާމު ކުރެއްވުމުގެ ބަދަލުގައި، ރަސޫލުﷲ މިންބަރަށް އަރާވަޑައިގެން އެކަމާއި ބެހޭ ގޮތުން ވަކި މީހަކު ޚައްޞަ ނުކުރައްވައި އެންމެންނަށް ނަސޭހަތް ދެއްވައެވެ.

މިސްކިތަށް ކުޑަ ކަމުދިޔަ މީހާ ދެރަކޮށްލައްވައި ނިކަމެތި ނުކުރެއްވިއެވެ. ބައެއް ޞަޙާބީ ބޭކަލުން އެކަން މަނާ ކުރައްވަން އުޅުއްވުމުންވެސް، އޭނާ ކުޑަކަމު ގޮސް ނިމެންދެން ބެހެއްޓުމަށް ރަސޫލުﷲ ޙަދީޘް ކުރެއްވިއެވެ. އަދި ގެންނަވާފައި، މިސްކިތަކީ މީހުން ތިފަދަ ކަންތައް ކުރާ ތަނެއް ނޫންކަމަށައި މިސްކިތަކީ އަޅުކަން ކުރާ ތަނެއްކަން ހަނދާންކޮށް ދެއްވިއެވެ. ކުށް ކުރެވޭ މީހުންނާއި މެދު ޢަމަލު ކުރަންޖެހޭ ނަބަވީ އިރުޝާދަކީ މިއީއެވެ.

އަޢްރާބީއަކު މިސްކިތަށް އައިސް ދުޢާ ކުރަމުން ގޮސް ''އޭ ﷲ އެވެ. އަހަރެންނަށާއި ﷲގެ ރަސޫލާއަށް ރަޙުމަތް ލައްވާށިއެވެ. އެހެން އެއްވެސް މީހަކަށް ރަޙްމަތް ނުލައްވާނދޭއެވެ. '' ބުނެ ދުޢާ ކުރި އަޑު އިވިވަޑައިގަތުމުން ރަސޫލާ ޙަދީޘް ކުރެއްވީ ﷲގެ ރަޙްމަތްފުޅު އެއީ ތަނަވަސް އެއްޗެއް ކަމަށެވެ. ވީމާ އެހާ ތަނަވަސް އެއްޗެއް ހަނި ނުކުރުމަށެވެ. (ޞަޙީޙް ބުޚާރީގެ ބާބުލް އަދަބު)

މި އިން އެނގެނީ މީހަކަށް ނޭނގި ދީނީ ގޮތުން އެކަށީގެން ނުވާފަދަ ބަހެއް ބުނުނަސް އެއީ ފާފަވެރިވާނެ ކަމެއް ނޫންކަމެވެ. އަދި އަޑު އިވޭ މީހާއަށް ޖެހޭނީ މަޑުމައިތރިކޮށް، އޭނާ ކާފިރު ނުކޮށް، ރަނގަޅު ގޮތް ބުނެ ދޭން ކަމެވެ.

އެހެން ފަހަރަކު އަޢްރާބީއަކު ރަސޫލާ އެއްޗެއް ދެއްވުމުން، އަދަބު ކުޑަ ގޮތަކަށް ކަންތައް ކުރިއެވެ. އެ ހިނދު ޞަޙާބީން އެކަމާ ކޯފާވުމުން، އަޅާ ނުލައި ދޫކޮށްލަން އަންގަވާފައި އަނެއްކާ އޭނާއަށް އެއްޗެއް ދެއްވިއެވެ. މިފަހަރު އަޢްރާބީ ކުރީގައި ބުނި އަދަބު ކުޑަ ބަސް ނުބުނެ ކުރިން ހެދުނު ގޯސް ރަނގަޅު ކުރިއެވެ. ދެން ރަސޫލާ އޭނާއަށް ޙަދީޘް ކުރެއްވީ ޞަޙާބީން ތިއްބެވީ ކޯފާ ވެފައި ކަމަށާއި ވީމާ އެ މީހުން ކިބައިން މަޢާފް ހޯދުމަށެވެ.

އަދި ފަހުން ރަސޫލާ ޞަހާބީންނަށް ޙަދީޘް ކުރެއްވީ އޭނާގެ މިސާލަކީ މީހެއްގެ ޖަމަލު ރުޅި އަރައިގަނެގެން ދުއްވައި ގަތީމާ އެންމެން އޭތި ފަހަތުން ދުވުމުގެ މިސާލެވެ. ގިނަ މީހުން އޭތި ފަހަތުން ދުވާ ވަރަކަށް އޭތި ރުޅިގަދަވާނީއެވެ. އެ ހިނދު އޭތީގެ ވެރިއާ އެންމެން މަޑު ކުރުވުމަށްފަހު ފަހަތުން ގޮސް، ޖަމަލަށް ވިނަ ކާންދީ ، އޭނާގެ ސާމާނު އުފުލައެވެ. ދެން ޙަދީޘް ކުރެއްވީ ރަސޫލާ، އޭނާ ރަނގަޅު މަގަށް ނާޅުއްވައި، ޞަޙާބީން އޭނާ ޤަތުލު ކޮށްލިނަމަ، އޭނާ ބުނި ނުބައި ބަހުގެ ސަބަބުން އޭނާ ދާނީ ނަރަކައަށް ކަމަށެވެ.

ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހިވަސައްލަމަ އަކީ އެންމެ އޯގާތެރި މަޑުމައިތިރި އިންސާނާއެވެ. އެކަން އެހެން ނުވިނަމަ ރަސޫލު ކަމާއިގެން ފޮނުއްވުނުތާ 13 އަހަރު ފަހުން، އިސްލާމީ މުޖްތަމަޢެއް ބިނާ ނުކުރެއްވުނީހެވެ. މީހުން ފޫހިވެ ދުރަށް ދާން ފެށީހެވެ. އިސްލާމް ދީން ނުފެތުރުނީހެވެ. ސޫރަތުލް އާލްޢިމްރާން ގެ 159 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ

فَبِمَا رَحْمَةٍ مِّنَ اللّهِ لِنتَ لَهُمْ وَلَوْ كُنتَ فَظّاً غَلِيظَ الْقَلْبِ لاَنفَضُّواْ مِنْ حَوْلِكَ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الأَمْرِ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللّهِ إِنَّ اللّهَ يُحِبُّ الْمُتَوَكِّلِينَ

މާނައަކީ : '' އެބައި މީހުންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ ، މާތް ﷲ ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި ޚުލްޤުފުޅު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވީނަމަ ، ކަލޭގެފާނު އަރިއަހުން އެބައި މީހުން ވަކިވެގަނެގެން ހިނގައްޖައީހެވެ. ފަހެ އެބައި މީހުންގެ ކިބައިން ޢަފޫ ކުރައްވާށެވެ. އަދި އެބައި މީހުންނަށްޓަކައި އިސްތިޣްފާރު ކުރައްވާށެވެ. އަދި ކަންތަކާމެދު އެބައި މީހުންނާއި މަޝްވަރާ ކުރައްވާށެވެ. ފަހެ ކަމަކާއި މެދު ކަލޭގެފާނު ޢަޒުމު ކަނޑައަޅުއްވައފިނަމަ ، މާތް ﷲ އަށް ވަކީލު ކުރާށެވެ. ހަމަ ކަށަވަރުން ވަކީލު ކުރާ މީހުން ދެކެ މާތް ﷲ ލޯބިވެވޮޑިގެންވެއެވެ. ''

ޝައްކެތްވެސް ނެތް ގޮތުގައި މި އިސްލާމީ އުއްމަތުގެ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ޝުކުރުވެރި، ޢަދުލުވެރި، ޒާހިދު، ޢިލްމުވެރި، ކޯފާ އިސް ނުކުރައްވާ، ލަދުވެތި، ބުއްދިވެރި، ޢިއްފަތްތެރި، ނަސަބު ޝަރަފުވެރި، މަޢާފު ކުރައްވާ، ހިތްވަރު ގަދަ، ސާފުތާހިރު، މުރޫއަތްތެރި، ހަނު ހިމޭން، ހިތްޕުޅު ތިރި، ރަޙުމް ބަހައްޓަވާ، އަދަބުވެރި، ކުޑަ ކުދިންނަށް ރަހުމް ބަހައްޓަވާ، ބޮޑެތި މީހުންނަށް ކަމޭ ހިތްތަވ، އަނބިކަނބަލުންނަށް އޯގާތެރި ބޭފުޅެކެވެ.

ރަސޫލު ކަމާއިގެން ފޮނުއްވުން :

ކީރިތި ރަސޫލާ ރަސޫލު ކަމާއިގެން ފޮނުއްވުނީ ޢުމުރުފުޅުން ސާޅީސް އަހަރުފުޅުގައެވެ. އެ ދުވަސް ދިމާވާކަމަށް ރަޙީޤުލް މަޚްތޫމުގައި ބުނެފައިވަނީ، ރަމަޟާން މަހެއްގެ 21 ވަނަ ދުވަސް ވީ ހޯމަ ދުވަހެއް ކަމަށެވެ. މީލާދީ ތާރީޚުން ބަލާއިރު އެއީ 610 ވަނަ އަހަރުގެ 10 އޮގަސްޓެވެ. މިކަމާއި ބެހޭ ގޮތުން ޞަޙީޙް ބުޚާރީގައި ޢާއިޝަތުގެފާނު ރިވާކުރައްވާފައިވަނީ

عَنْ ‏ ‏عَائِشَةَ أُمِّ الْمُؤْمِنِينَ ‏ ‏أَنَّهَا قَالَتْ ‏ أَوَّلُ مَا بُدِئَ بِهِ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏مِنْ الْوَحْيِ الرُّؤْيَا الصَّالِحَةُ فِي النَّوْمِ فَكَانَ لَا يَرَى رُؤْيَا إِلَّا جَاءَتْ مِثْلَ ‏ ‏فَلَقِ ‏ ‏الصُّبْحِ ثُمَّ حُبِّبَ إِلَيْهِ الْخَلَاءُ وَكَانَ يَخْلُو ‏ ‏بِغَارِ حِرَاءٍ ‏ ‏فَيَتَحَنَّثُ ‏ ‏فِيهِ ‏ ‏وَهُوَ التَّعَبُّدُ ‏ ‏اللَّيَالِيَ ذَوَاتِ الْعَدَدِ ‏ ‏قَبْلَ أَنْ ‏ ‏يَنْزِعَ ‏ ‏إِلَى أَهْلِهِ وَيَتَزَوَّدُ لِذَلِكَ ثُمَّ يَرْجِعُ إِلَى ‏ ‏خَدِيجَةَ ‏ ‏فَيَتَزَوَّدُ لِمِثْلِهَا حَتَّى جَاءَهُ الْحَقُّ وَهُوَ فِي ‏ ‏غَارِ حِرَاءٍ ‏ ‏فَجَاءَهُ ‏ ‏الْمَلَكُ ‏ ‏فَقَالَ ‏ ‏اقْرَأْ قَالَ مَا أَنَا بِقَارِئٍ قَالَ فَأَخَذَنِي ‏ ‏فَغَطَّنِي ‏ ‏حَتَّى بَلَغَ مِنِّي الْجَهْدَ ثُمَّ ‏ ‏أَرْسَلَنِي ‏ ‏فَقَالَ اقْرَأْ قُلْتُ مَا أَنَا بِقَارِئٍ فَأَخَذَنِي ‏ ‏فَغَطَّنِي ‏ ‏الثَّانِيَةَ حَتَّى بَلَغَ مِنِّي الْجَهْدَ ثُمَّ ‏ ‏أَرْسَلَنِي ‏ ‏فَقَالَ اقْرَأْ فَقُلْتُ مَا أَنَا بِقَارِئٍ فَأَخَذَنِي ‏ ‏فَغَطَّنِي ‏ ‏الثَّالِثَةَ ثُمَّ ‏ ‏أَرْسَلَنِي ‏ ‏فَقَالَ ‏

اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ خَلَقَ الْإِنْسَانَ مِنْ ‏ ‏عَلَقٍ ‏ ‏اقْرَأْ وَرَبُّكَ الْأَكْرَمُ ‏ ‏فَرَجَعَ بِهَا رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يَرْجُفُ فُؤَادُهُ فَدَخَلَ عَلَى ‏ ‏خَدِيجَةَ بِنْتِ خُوَيْلِدٍ ‏ ‏رَضِيَ اللَّهُ عَنْهَا ‏ ‏فَقَالَ ‏ ‏زَمِّلُونِي ‏ ‏زَمِّلُونِي ‏ ‏فَزَمَّلُوهُ حَتَّى ذَهَبَ عَنْهُ ‏ ‏الرَّوْعُ ‏ ‏فَقَالَ ‏ ‏لِخَدِيجَةَ ‏ ‏وَأَخْبَرَهَا الْخَبَرَ لَقَدْ خَشِيتُ عَلَى نَفْسِي فَقَالَتْ ‏ ‏خَدِيجَةُ ‏ ‏كَلَّا وَاللَّهِ ‏ ‏مَا يُخْزِيكَ ‏ ‏اللَّهُ أَبَدًا إِنَّكَ لَتَصِلُ الرَّحِمَ وَتَحْمِلُ ‏ ‏الْكَلَّ ‏ ‏وَتَكْسِبُ ‏ ‏الْمَعْدُومَ ‏ ‏وَتَقْرِي ‏ ‏الضَّيْفَ وَتُعِينُ عَلَى ‏ ‏نَوَائِبِ ‏ ‏الْحَقِّ فَانْطَلَقَتْ بِهِ ‏ ‏خَدِيجَةُ ‏ ‏حَتَّى أَتَتْ بِهِ ‏ ‏وَرَقَةَ بْنَ نَوْفَلِ بْنِ أَسَدِ بْنِ عَبْدِ الْعُزَّى ‏ ‏ابْنَ عَمِّ ‏ ‏خَدِيجَةَ ‏ ‏وَكَانَ امْرَأً قَدْ ‏ ‏تَنَصَّرَ ‏ ‏فِي الْجَاهِلِيَّةِ وَكَانَ يَكْتُبُ الْكِتَابَ الْعِبْرَانِيَّ فَيَكْتُبُ مِنْ الْإِنْجِيلِ بِالْعِبْرَانِيَّةِ مَا شَاءَ اللَّهُ أَنْ يَكْتُبَ وَكَانَ شَيْخًا كَبِيرًا قَدْ عَمِيَ فَقَالَتْ لَهُ ‏ ‏خَدِيجَةُ ‏ ‏يَا ابْنَ عَمِّ اسْمَعْ مِنْ ابْنِ أَخِيكَ فَقَالَ لَهُ ‏ ‏وَرَقَةُ ‏ ‏يَا ابْنَ أَخِي مَاذَا تَرَى فَأَخْبَرَهُ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏خَبَرَ مَا رَأَى فَقَالَ لَهُ ‏ ‏وَرَقَةُ ‏ ‏هَذَا ‏ ‏النَّامُوسُ ‏ ‏الَّذِي نَزَّلَ اللَّهُ عَلَى ‏ ‏مُوسَى ‏ ‏يَا لَيْتَنِي فِيهَا جَذَعًا لَيْتَنِي أَكُونُ حَيًّا إِذْ يُخْرِجُكَ قَوْمُكَ فَقَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏أَوَمُخْرِجِيَّ هُمْ قَالَ نَعَمْ لَمْ يَأْتِ رَجُلٌ قَطُّ بِمِثْلِ مَا جِئْتَ بِهِ إِلَّا عُودِيَ وَإِنْ يُدْرِكْنِي يَوْمُكَ أَنْصُرْكَ نَصْرًا ‏ ‏مُؤَزَّرًا ‏ ‏ثُمَّ لَمْ ‏ ‏يَنْشَبْ ‏ ‏وَرَقَةُ ‏ ‏أَنْ تُوُفِّيَ وَفَتَرَ الْوَحْيُ ‏

މާނައަކީ : '' ޢާއިޝަތުގެފާނު ވިދާޅުވިއެވެ. އެންމެ ފުރަތަމަ ރަސޫލާއަށް ވަޙީ ބާވައިލެއްވުނީ ތެދު ރުއުޔާގެ ސިފައިގައެވެ. އަދި އެކަލޭގެފާނަށް ފެނިވަޑައިގަންނަވާ ރުއުޔާއަކީ އަލިގަދަ ދުވާލެއްގެ އަލިފަދައިން ތެދުކޮށް ދިމާވާ އެއްޗެކެވެ. ދެން އެއަށްފަހު އެކަލޭގެފާނަށް ، ވަކިން ގިނިކަންޏާ އަޅުކަން ކުރައްވަން ހުންނެވުން ލޯބި ޖެއްސުނެވެ. އެގޮތުން ޙިރާ ހޮހޮޅައިގައި ގިނިކަންޏާ ހުއްނަވައިގެން މެދު ނުކެނޑި ގިނަ ރޭތަކެއް ވަންދެން އަޅުކަން ކުރައްވަން ހުންނަވެއެވެ. އެއީ އެކަލޭގެފާނު ޢާއިލާ ދެކެވަޑައިގަތުމުގެ ޝައުޤު އުފެދެން ދެނެވެ. އަދި އެކަލޭގެފާނު ކޮއްތު ގެންދަވައެވެ. ދެން އަނެއްކާވެސް ޚަދީޖަތުގެފާނު އަރިއަހަށް ވަޑައިގެން އެގޮތަށް ކޮއްތު ގެންދަވައެވެ. އެއީ އެކަލޭގެފާނު ޙިރާ ހޮހޮޅައިގައި ހުންނަވަނިކޮށް ކުއްލިއަކަށް ޙައްޤު (ވަޙީ) ކުރިމަތިފުޅު ވަންދެންނެވެ. ޖިބްރީލުގެފާނު ވަޑައިގެން ރަސޫލާއަށް ވިދާޅުވިއެވެ" ކިޔަވާށެވެ." ރަސޫލާ ޙަދީޘްކުރެއްވިއެވެ " އަހަރެންނަކީ ކިޔަވަން ދަންނަ މީހެއް ނޫނެވެ. "

ރަސޫލާ އަދިވެސް އިތުރަށް ޙަދީޘް ކުރެއްވިއެވެ. ''ދެން އެ މަލާއިކަތް ބޭކަލު އަހަރެން ހިފަހައްޓަވާފައި ދެން އިތުރަށް ކެތް ނުވާވަރަށް ވަރަށް ބާރަށް އަހަރެންގެ ހަށިގަނޑަށް ބާރު ކޮށްލެއްވިއެވެ. ދެން އަހަރެން ދޫކޮށްލެއްވުމަށްފަހު، ކިޔެވުމަށް ވިދާޅުވިއެވެ. އަދި އަހަރެން ޖަވާބު ދިނީމެވެ.'' އަހަރެންނަކީ ކިޔަވަން ދަންނަ މީހެއް ނޫނެވެ. ' އެހިނދު އަނެއްކާ މަލާއިކަތު އަހަރެން ހިފަހައްޓާފައި ދެން އިތުރަށް ކެތް ނުކުރެވޭވަރަށް ފިއްތަވާލެއްވިއެވެ. ދެން އަނެއްކާ ދޫކޮށްލެއްވުމަށްފަހު ކިޔަވަން އެންގެވިއެވެ. އަހަރެން ޖަވާބު ދިނީމެވެ. '' އަހަރެންނަކީ ކިޔަވަން ދަންނަ މީހެއް ނޫނެވެ. '' ދެން ތިންވަނަ ފަހަރަށް އަހަރެން ހިފެހެއްޓެވިއެވެ. އަދި ދޫކުރައްވާފައި ތިންވަނަ ފަހަރު ވިދާޅުވިއެވެ.

اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ خَلَقَ الْإِنْسَانَ مِنْ ‏ ‏عَلَقٍ ‏ ‏اقْرَأْ وَرَبُّكَ الْأَكْرَم

މާނައަކީ: ''ކަލޭގެފާނުގެ ޞާޙިބުވަންތަ ރަސްކަލާނގެ ނަންފުޅުން، ފައްޓަވައިގެން ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ. އެކަލާނގެ އެއީ އުފައްދަވާ ހެއްދެވި ރަސްކަލާނގެއެވެ. * ގަނޑުގެންފައިވާ ލޭ ކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. * ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ. އަދި ކަލޭގެފާނު ހައްދަވާ ބޮޑު ކުރެއްވި ކަލާނގެ އެއީ ދީލަތިކަން އެންމެ ބޮޑު ކަލާނގެއެވެ. "

ދެން އެއަށްފަހު އެ ވަޙީ އާއިގެން ރަސޫލާ، ހިތްޕުޅު ތުރުތުރު އަޅާ ޙާލަތުގައި ގެކޮޅަށް ވަޑައިގަތެވެ. ޚަދީޖަތުގެފާނު އަރިއަހަށް ވަޑައިގަނެ، ޙަދީޘްކުރެއްވިއެވެ. ''އަހަރެން ރަޖާލައި ފޮރުވާށެވެ. އަހަރެން ރަޖާލައި ފޮރުވާށެވެ. އެ ބޭފުޅުން ރަސޫލާގެ ބިރުފުޅު ފިލަންދެން ރަސޫލާގެ ގައިކޮޅުގައި ފޮތިގަނޑެއް އަޅުއްވައި ފޮރުއްވެވިއެވެ. އަދި އެއަށްފަހު ހިނގި ހުރިހާ ކަމެއް ރަސޫލާ ޚަދީޖަތުގެފާނަށް ޙަދީޘްކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. ''އަހަރެންނަށް ކަމެއް ވެދާނެ ކަމުގެ ބިރު އަހަރެންނަށް ހީވެއެވެ. '' ދެން ޚަދީޖަތުގެފާނު ވިދާޅުވިއެވެ. ''ހަމަ ހިލާ އެހެނެއް ނުވާނެއެވެ. ﷲ ގަންދީ ހުވާ ކުރަމެވެ. ﷲ އެއްގޮތަކަށްވެސް ކަލޭގެފާނަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެއެވެ. އެހެނީ ކަލޭގެފާނަކީ ތިމާގެ ކަމުގެ ގުޅުން ދަމަހައްޓަވާ، ބަލި ނިކަމެތިންނަށް އެހީވެވަޑައިގަންނަވާ، މެހުމާނުންނަށް ދީލަތި، ދަތިހާލުގައިވާ މީހުންނަށް އެހީތެރި ބޭކަލެކެވެ.

ދެން ޚަދީޖަތުގެފާނު، އެކަމާނާ ވަރަޤަތު ބިން ނައުފަލް ބިން އަސަދް ބިން ޢަބްދުލް ޢުޒައްޔު އަރިއަހަށް ރަސޫލާ ގެންދެވިއެވެ. އޭނާއަކީ ޖާހިލިއްޔަ ޒަމާނުގައި ނަޞްރާނީވެފައިވާ މީހެކެވެ. އަދި ޢިބްރީ ބަހުން ލިޔެ އުޅުނު މީހެކެވެ. ﷲ އިރާދަ ކުރެއްވި މިންވަރަކަށް އޭނާ ޢިބްރީ ބަހުން އިންޖީލު ލިޔެއެވެ. އަދި އޭނާ ވީ އަނދިރިވެފައިވާ ވަރަށް މުސްކުޅި މީހެއް ކަމުގައެވެ. ދެން ޚަދީޖަތުގެފާނު އޭނާ އަރިއަހުގައި ވިދާޅުވިއެވެ. ''ބޮޑުބޭބެގެ ދަރިއެވެ. ބޭބެގެ ދަރި ބުނާ އެއްޗެއް އަޑު އަހާލަ ބަލާށެވެ. ''ވަރަޤާ ސުވާލު ކުރެއްވިއެވެ. ''ބޭބެގެ ދަރިއާއެވެ. ކަލެއަށް ފެނުނީ ކޮން އެއްޗެއްހެއްޔެވެ؟ ''ދެން ﷲގެ ރަސޫލާ އެކަލޭގެފާނަށް ފެނިވަޑައިގަތް އެއްޗެހި ވިދާޅުވިއެވެ. ދެން ވަރަޤާ ރަސޫލާއަށް ދެންނެވިއެވެ. ތިއީ މޫސާގެފާނު އަރިއަހަށްވެސް މާތް ﷲ ފޮނުއްވި ސިއްރުވެރިއާ ( ޖިބްރީލް ) އެވެ. މީސްތަކުން ކަލޭގަފާނު ރަށުން ނެރެލާ ދުވަހު އަހަރެން ޒުވާން ކަމާއެކު ދިރި ހުންނާނެނަމަ ކޮންފަދަ ހެއްޔެވެ؟ ރަސޫލާ ސުވާލު ކުރެއްވިއެވެ. ''އެމީހުން އަހަރެން ނެރެލާނެހެއްޔެވެ؟ ''ވަރަޤާ ދެންނެވިއެވެ. ''އާނއެކެވެ. ކަލޭގެފާނު ތި ގެންނެވި ފަދަ އެއްޗަކާއިގެން ވަޑައިގަނެފައި، އެ މީހުން ޢަދާވާތްތެރި ނުވާ މީހަކު، ނުވެއެވެ. އަދި އެ ދުވަހަކާއި ޖެހެންދެން އަހަރެން ދިރި ހުރެއްޖެނަމަ ކަލޭގެފާނަށް، ނަޞްރު ދީ، ވާގިވެރިވާނަމެވެ. ''

ނަމަވެސް މަދު ދުވަސްކޮޅެއްފަހުން ވަރަޤާ އަވަހާރަވިއެވެ. އަދި ދުވަސްކޮޅެއްވަންދެން ވަޙީވެސް މެދު ކެނޑުނެވެ. އަދި މި ކަމާހެދި ރަސޫލާ ވަރަށް ބޮޑަށް ހިތާމަ ކުރެއްވިއެވެ. އަދި ވަޙީ ބާވައިލެއްވޭނެ ވަގުތަކަށް އިންތިޒާރު ކުރައްވަމުން ރަސޫލާ ގެންދެވިއެވެ.

ނޯޓް :( ރުއްޔާ އަކީ މާތްﷲ ދައްކަވާ ތެދު ހުވަފެން، ޢަރަބި ބަހުގައި ރުއުޔާއާއި ، ހުވަފެން ނުވަތަ ޙުލްމާއި ތަފާތު ހުރޭ )

މި ބުނެވުނު ވަޙީ މެދު ކެނޑުމުގެ ދުވަސްކޮޅަށްފަހު އަނެއްކާވެސް ވަޙީ ބާވައިލެއްވުނެވެ. މިފަހަރުވެސް ހަމަ ކުރީފަހަރުވެސް ފެނިވަޑައިގެންނެވި މަލާއިކަތް ބޭކަލު، އުޑާއި ބިމާއި ދެމެދު ހުރި ގޮނޑިއެއްގައި ހުންނަވައިގެން މުޙައްމަދުގެފާނަކީ ﷲގެ ރަސޫލާކަމަށް އެންގެވިއެވެ. ދެން ރަސޫލާ ބިރުފުޅުން ގެއަށް ވަޑައިގަނެ، '' ޒައްމިލޫނީ ، ދައްޘިރޫނީ '' މިހެން ވިދާޅުވިއެވެ. (ފޮތި ނުވަތަ ރަޖާ އޮޅައި ފޮރުވާށޭ) ދެން މާތް ﷲ ބާވައިލެއްވީ ސޫރަތުލް މުއްދައްޘިރުގެ ފުރަތަމަ ހަތަރު އާޔަތެވެ. އަދި މި އާޔަތްތަކުގައި އަންގަވާފައިވަނީ ތެދުވެވަޑައިގަނެ ، ﷲ ގެ މަގަށް ގޮވައިލައި އިންޒާރު ދީ، ﷲއަށް ތަކުބީރު ކިޔައި، ހެދުން ޠާހިރު ކުރެއްވުމަށެވެ.

ސިއްރު ގޮތެއްގައި ދީނަށް ގޮވާލެއްވުމުގައި ރަސޫލާ ތިން އަހަރު ހޭދަ ކުރެއްވިއެވެ. އަދި ސޫރަތުލް ޙިޖްރުގެ 94 ވަނަ އާޔާތް ބާވައިލެއްވުމުން، ފާޅުގައި ދީނަށް ގޮވައިލައްވަން ފެއްޓެވިއެވެ. އަދި ސޫރަތުއް ޝުޢަރާގެ 214 ވަނަ އާޔަތް ބާވައިލެއްވުމުން، ޞަފާ ފަރުބަދައަށް އަރާ ވަޑައިގެން ތިމާގެ ޢާއިލާ އެންމެނަށް ގޮވާލެއްވިއެވެ. އަދި ދީނަށް ގޮވައިލެއްވިއެވެ. އެ ވަގުތު އަބޫ ލަހަބް އެތާ ހުރެފައި ''ކަލެއަށް ހަލާކު ހުރި، ތިހެން ބުނަންތަ އަހަރެމެން ޖަމާ ތިކުރީ ؟ '' މިހެން، ބުންޏެވެ. ދެން މީގެ ރައްދެއްގެ ގޮތުން ސޫރަތުލް މަސަދު ބާވައިލެއްވުނެވެ.

މުޝްރިކުންގެ އުނދަގޫ :

ކީރިތި ރަސޫލާ އިސްލާމް ދީނަށް ފާޅުގައި ގޮވައިލެއްވުމުން، މައްކާގެ މުޝްރިކުން ރަސޫލާއަށާއި މުސްލިމުންނަށް ކުރަމުން ދިޔަ އަނިޔާ ބޮޑުވެގެން ދިޔައެވެ. ނަމަވެސް ރަސޫލާ ކެތްތެރިކަމާއެކު ސާބިތުވެ ހުންނެވިއެވެ. އަދި އަނިޔާއިން ސަލާމަތް ވުމައްޓަކައި، އެހެން މުސްލިމުން މައްކާ ދޫކޮށް ޙަބްޝުކަރައަށް ހިޖުރަ ކުރަން އެންގެވިއެވެ. އަދި ފަހުން މަދީނާއަށް ހިޖުރަ ކުރަން ﷲ ހުއްދަ ދެއްވުމުން ޢަދަދު މަދު މުސްލިމުންކޮޅު ވަކިވަކިން މަދީނާއަށް ހިޖުރަ ކުރިއެވެ. ނަމަވެސް ރަސޫލާ ހިޖުރަ ކުރެއްވުމުގެ އަމރުރުފުޅު ލިބިވަޑަައި ނުގަންނަވާތީ މަޑު ކުރެއްވިއެވެ.

ޢަބްދުﷲ ބިން މަސްޢޫދު ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާ، ކަޢްބާ ކައިރީގައިސަޖިދައަށް އޮންނަވަނިކޮށް، އެތާ ކައިރީ އަބޫޖަހުލާއި އޭނާގެ އެކުވެރިންތރަކެއް ތިއްބެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ބުންޏެވެ. '' މިވެނި ބައެއްގެ ކަތިލި ޖަމަލުގެ ބަނޑުތެރޭގައިވާ އުރަ ގެނެސް، މުޙައްމަދު ސަޖިދަ ކުރާއިރު ބުރަކައްޓަށް އަޅާނީ ކަލޭމެންގެ ތެރެއިން ކާކުތަ؟ '' އެ ހިނދު ޤައުމުގެ އެންމެ ލަދުކުޑަ މީހާ ( ޢުޤްބާ ބިން އަބީ މުޢައިޠް ) ގޮސް އެ ގެނެސް ރަސޫލާ ސަޖިދަ ޖައްސަވަންދެން ހުރެފައި، ސަޖިދަ ޖެއްސެވުމުން ކޮނޑުފުޅު މައްޗަށް އެ އެއްޗެހި އެޅިއެވެ. އަހަރެން އެ މަންޒަރު ބަލަހައްޓައިގެން ހުއްޓަސް އަހަރެންނަށް ކުރެވޭނެ ކަމެއްނެތެވެ. އަހަރެންނާއެކު ކަމެއް ކުރެވޭނެފަދަ ބައެއް ވީނަމައެވެ. އަދިވެސް ރިވާ ކުރައްވަމުން ވިދާޅުވިއެވެ. ދެން އެ މީހުން ހީނ ހީނފައި އެއްބަޔަކު އަނެއްބަޔަކު ކޮއްޕާ ހެދިއެވެ. އެ ވަގުތުވެސް ކީރިތި ރަސޫލާ އިސްތަށިފުޅުވެސް ހިއްލާވާ ސަޖިދަ ޖައްސަވައިގެން، ފާޠިމަޠުގެފާނު ވަޑައިގެން އެ އެއްޗެހި ކޮނޑުފުޅުން ނަންގަވާފައި އެއްލަވާލައްވަންދެން ، ސަޖިދާގައި އޮންނެވިއެވެ. އެ ހިނދު ކީރިތި ރަސޫލާ އިސްތަށިފުޅު ހިއްލަވާލެއްވުމަށްފަހު ތިންފަހަރު ޙަދީޘް ކުރެއްވިއެވެ. '' އޭ ﷲ އެވެ. ޤުރައިޝަށް ޢަޛާބު ދެއްވައިފާނދޭވެ! '' އެމީހުންނަށް މިކަންވީ ބުރަ ކަމަކަށެވެ. އެހެނީ އެ މީހުން ދެކޭ ގޮތުގައި މި ރަށުގައި ކުރެވޭ ދުޢާއަކީ އިޖާބަ ކުރެވޭ އެއްޗެކެވެ. އަދިވެސް ރަސޫލާ ޙަދީޘް ކުރެއްވިއެވެ . '' އޭ ﷲ އެވެ. އަބޫޖަހުލަށް، އަލްވަލީދް ބިން ޢުތްބާ، އުމައްޔާ ބިން ޚަލަފް، ޢުޤްބާ ބިން އަބީ މުޢައިޠް އަށް ޢަޛާބު ދެއްވާފާނދޭވެ! ''

އަދި އެހެން ފަހަރެއްގައި، ޢުޤްބާ ބިން އަބީ މުޢައިޠް ރަސޫލާގެ ކަރުފުޅުގައި ހެދުން ކޮޅު ބައްދާލައި، ނޭވާފުޅު ނުލެއްވާވަރަށް ދަންޖައްސައިވެސް ހެދިއެވެ. ހަމަ އެހެންމެ އަބޫ ލަހަބްގެ އަންހެނުން، އަވައްޓެރި ކަމަށްވެސް ޙުރުމަތެއް ނުބަހައްޓައި ރަސޫލާގެ ގެކޮޅު ކުރިމައްޗަށް ކައްޓާއި ކުނިތަކެތި އުކައި ހެދިއެވެ. މީގެ އިތުރުން ހަޑި އެއްޗެހި ކިއުމާއި ފުރައްސާރަ ކުރުން އޮތީ ހައްދެއް ނެތް މިންވަރަކަށެވެ.

އަދި ޠާއިފްގެ ޘަޤީފްވަންހައިގެ މީހުންގެ ފަރާތުންވެސް ލިބުނީ މިއަށްވުރެވެސް ބޮޑު އަނިޔާއެކެވެ. ރަސޫލާ އެ މީހުންނަށް ދީނަށް ގޮވައިލައްވަން ވަޑައިގަތުމުން އެއްޗެހި ގޮވައި، ހިލަ އުކައި، ކީރިތި ރަސޫލާގެ ހަށިކޮޅު ޒަޚަމް ކޮށްލިއެވެ. އަދި އެވަގުތު ރަސޫލާ ދުޢާ ކުރެއްވިއެވެ. އަދި އެނބުރިވަޑައިގަންނަވަނިކޮށް ވިލާގަނޑެއްގެ ހިޔާ އިސްތަށިފުޅަށް އެޅުމުން މަތި ބައްލަވައިލެއްވި އިރު ޖިބްރީލްގެފާނު ހުންނެވިއެވެ.

އަދި ވިދާޅުވިއެވެ. ''ހަމަކަށަވަރުން މާތް ﷲ ކަލޭގެފާނުގެ ދުޢާ އައްސަވާ ވޮޑިގެންފިއެވެ. އަދި އެމީހުން ދިން ޖަވާބުވެސް އައްސަވާ ވޮޑިގެންފިއެވެ. ި ކަލޭގެފާނު އަމުރު ކުރެއްވި ކޮންމެ ކަމެއް ކުރަން، ފަރުބަދައިގެ މަލާއިކަތުން ފޮނުއްވާފައިވެއެވެ. ދެން ފަރުބަދައިގެ މަލާއިކަތް އަހަރެންނަށް ގޮވާލެއްވިއެވެ. ކަލޭގެފާނު ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާނގެ އަހަރެން ފޮނުއްވީ، ކަލޭގެފާނު އަމުރު ކުރެއްވި ކޮންމެ ކަމެއް ކުރާށެވެ. ކަލޭގެފާނު ބޭނުންފުޅުނަމަ މި ދެފަރުބަދަ އެ މީހުންގެ މައްޗައް ޖައްސަވާނަމެވެ. ދެން ކީރިތި ރަސޫލާ ވިދާޅުވިއެވެ. އެކަމަކު އަހަރެން ބޭނުމީ އެ މީހުންގެ ބުރަކަށިން ، ހަމައެކަނި ﷲ އަށް އަޅުކަންކޮށް އެކަލާނގެއަށް ޝިރުކު ނުކުރާ ދަރިންތަކެއް ނެރުއްވުމެވެ. ''

ކޮންމެ ޙައްޖު މޫސުމެއްގައިވެސް، އެހެން ޢަރަބި ޤަބީލާތަކުގެ މީހުން ޙައްޖަށް އައުމުން އެ މީހުންނާއި ބައްދަލު ކުރައްވައި ދީނަށް ގޮވައިލެއްވުމުގައި ރަސޫލާ ، ވަގުތު ހޭދަ ކުރެއްވިއެވެ. އަދި އެކަލޭގަފާނަށް ނަޞްރު ދީ ޙިމާޔަތް ދޭނީ ކޮންބައެއްތޯވެސް އެއްސެވިއެވެ. މި މަސައްކަތަށް ކާމިޔާބީއެއް ލިބެން ފެށީ ރަސޫލު ކަމަށް 11 އަހަރު ވީފަހުން މަދީނާއިން އައި މީހުންގެ ތެރެއިން ހަ މީހަކު އިސްލާމްވެ، އެނބުރި ގޮސް މަދީނާގައި ދީން ފަތުރަން މަސައްކަތް ކުރަން ފެށުމުންނެވެ. ޖެހިގެން އައި އަހަރު މަދީނާއިން 12 މީހުން އިސްލާމްވާން އައެވެ. އެއީ ކުރީ ފަހަރު އައި މީހުންގެ ތެރެއިން ފަސް މީހަކާ އަލަށް އައި ހަތް މީހެކެވެ. ޢަޤަބާގެ ފުރަތަމަ ބައިޢަތު ހިއްޕެވުނީ މި މީހުންނާއެކުގައެވެ. ޖެހިގަން އައި އަހަރު ހަތްދިހަ ކޮންމެވެސް ވަރެއް އައެވެ. އަދި ދެވަނަ ބައިޢަތު ހިއްޕެވިއެވެ.

ހިޖުރަ ކުރެއްވުން :

މަދީނާގައި މުސްލިމުންނަށް ޙިމާޔަތް ދީ ވާގިވެރިވާނެ ބަޔަކު ލިބިވަޑައިގަނެ، ހިޖުރަ ކުރެއްވުމުގެ އަމުރު ﷲ ކުރެއްވުމުން، ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވިއެވެ. އަރިއަހުގައި ވަޑައިގަތީ އަބޫބަކުރުގެފާނެވެ. އޭރު މުޝްރިކުންވަނީ ރަސޫލާ ޤަތުލު ކުރުމުގެ ނުބައި ރޭވުން ރާވައި އެކަން ޢަމަލީ ގޮތުން ތަންފީޒު ކުރަން ތައްޔާރު ވެގެންނެވެ. ޘައުރު ފަރުބަދައިގެ ހޮހޮޅުގައި ތިން ދުވަސް މަޑު ކުރެއްވުމަށްފަހު، އެންމެފަހުން މަދީނާއަށް ވަޑައިގަތެވެ. އަދި އެތާގެ އަހުލުވެރިން އުފަލާއެކު ރަސޫލާއަށް މަރްޙަބާ ކިޔައި މެހުމާންދާރީ ވިއެވެ.

ރަސޫލާ ވަޑައިގަތްތާ ދުވަސްކޮޅެއްފަހުން އަނބިކަނބަލުން ސައުދާ އާއި ފާޠިމަތާއި އުއްމު ކުލްޘޫމް، އުސާމާ ބިން ޒައިދު، އުއްމު އައިމަން މަދީނާއަށް ވަޑައިގަތެވެ. އަދި ޢަބްދުﷲ ބިން އަބީބަކުރު، މަންމާފުޅު އުއްމު ރޫމާންއާއި ދައްތަ ޢާއިޝަތުގެފާނާއިގެން ވަޑައިގަތެވެ. ރަސޫލާގެ އެއް ދަރިކަނބަލުން ޒައިނަބް އަށް ހިޖުރަ ކުރެއްވޭ ގޮތެއް ނުވެ މައްކާގައި ހައްޔަރުވިއެވެ.

އަދި ދިހަ އަހަރު ތެރޭގައި އިސްލާމްދީން ޢަރަބި ކަރާގައި ފެތުރި އިސްލާމީ މުޖްތަމަޢަކާއި ވެރިކަމެއް ޤާއިމު ކުރެވުނެވެ. ރަސޫލާގެ ރަސޫލުކަމުގެ ދައުރުގައި މައްކާގައި ހޭދަކުރެއްވީ 13 އަހަރެވެ. މަދީނާގައި ހޭދަ ކުރެއްވީ 10 އަހަރެވެ.

ހަނގުރާމަ :

ރަސޫލާ މަދީނާއަށް ހިޖުރަ ކުރެއްވުމަށްފަހުވެސް، މުޝްރިކުން އިސްލާމުންނާ ދެކޮޅަށް ރާވަމުން ދިޔަ ރޭވުމަށް ހުއްޓުމެއް ނައެއެވެ. އިސްލާމުންނަށް ގެއްލުން ދިނުމުގެ ނިޔަތުގައި ތަފާތު ގޯނާ ކުރުމާއި، ބިރު ދެއްކުން ދިޔައީ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ. މިކަމުގެ ދަލީލަކީ މަދީނާއަށް ވަޑައިގަތުމަށްފަހު ރަސޫލާގެ ހަށިކޮޅުގެ ފާރަވެރިއެއްވެސް ދާއިމީ ސިފައެއްގައި ހުރެއެވެ. ( ބުޚާރީ / ބާބުލް ޖިހާދު ) ނަމަވެސް ފަހުން ސޫރަތުލް މާއިދާގެ 67 ވަނަ އާޔަތް ބާވައިލައްވައި، މީސްތަކުންގެ ކިބައިން ، މާތް ﷲ ރަސޫލާ ޙިމާޔަތް ކުރައްވާނެ ކަމަށް އެންގެވުމުން މިކަން މިގޮތަށް ކުރުން ހުއްޓުނެވެ.

އެންމެ ފުރަތަމަ މުސްލިމުންނަށް، ﷲ ދެއްވީ ހަނގުރާމަ ކުރުމުގެ ހުއްދައެވެ. އަމުރެއް ނޫނެވެ. ހުއްދަ ދެއްވުނީ ސޫރަތުލް ޙައްޖުގެ 39 ވަނަ އާޔަތުންނެވެ. މިސޫރަތުގެ 39 ، 40 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ:

'' ހަނގުރާމަ ވެވޭ މީހުންނަށް ، ހަނގުރާމަ ކުރުމުގެ އިޒުނަފުޅު ދެވިއްޖެއެވެ. އެބައި މީހުންނަށް އަނިޔާ ވެވުނު ކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން އެބައި މީހުންނަށް ނަޞްރު ދެއްވުމުގެ މައްޗަށް ﷲ ކުޅަދުންވަންތަކަން ކަށަވަރެވެ. * އެބައި މީހުންނަކީ ތިމަންމެން ހައްދަވައި ބޮޑު ކުރެއްވި ތިމަންމެންގެ ރަސްކަލާނގެ އަކީ ﷲ އޭ ބުނުން މެނުވީ، އެއްވެސް ކަމެއް ނެތި ޙައްޤަކާއި ނުލައި އެބައި މީހުންގެ ގޯތި ގެދޮރުން ނެރެލެވުނު މީހުންނެވެ. މީސްތަކުން އެއްބަޔަކު އަނެއްބަޔަކާއި ހަނގުރާމަ ވެވޭ ގޮތް ﷲ މެދުވެރި ކުރައްވާފައި ނުވާނަމަ، ރާހިބުން އަޅުކަންކުރަން ތިބޭ ތަންތަނާއި، ނަޞާރާއިންގެ ފައްޅިތަކާއި ޔަހޫދީންގެ ފައްޅިތަކާއި އަދި ﷲގެ ނަންފުޅު ގިނަގިނައިން ގަނެވޭ މިސްކިތްތަކާއި، މިތަންތަން މުގުރި ސުންނާފަތި ކުރެވިއްޖައީސްކަން ކަށަވަރެވެ. އަދި ހަމަ ކަށަވަރުން ﷲ އަށް ނަޞްރު ދޭ ބަޔަކަށް، ﷲ ނަޞްރު ދެއްވާނެކަން ކަށަވަރެވެ. ހަމަ ކަށްވަރުން ﷲ އީ ކީރިތިވަންތަ ބާރުވެރިވަންތަ ރަސްކަލާނގެއެވެ. ''

މި އާޔަތް ބަލައި ވިސްނާލުމުން، މުސްލިމުން ހަނގުރާމަ ކުރަން ޖެހުނު ސަބަބު ވަރަށް ރަނގަޅަށް އޮޅުން ފިލައެވެ. އަދި ހުޅަނގުގެ މުސްތަޝްރިޤުންނާއި އެމީހުންނަށް ތަބާވާ ނުވިސްނޭ މީހުން، އިސްލާމްދީނަކީ ގޮތެއް ފޮތެއް ނުބަލައި ހަނގުރާމަ ކުރާ ދީނެއް ކަމަށް ބުނާ ބުނުން، އެއީ ބާޠިލު ތާކުން ތާކު ނުޖެހޭ ވާހަކައެއްކަންވެސް މި އާޔަތުން ސާބިތުވެއެވެ.

ހަނގުރާމަ ކުރުން ހުއްދަ ކުރެވުނީ މީސްތަކުންގެ ޢަޤީދާގެ މިނިވަންކަން ޙިމާޔަތް ކުރުމުގެ ގޮތުންނެވެ. ހަމަ އެކަނި މުސްލިމުންގެ އެއް ނޫނެވެ. އާޔަތުގައި މިސްކިތްތަކަށް ވުރެ ކުރިން ގެންނަވާފައި އޮތީ ރާހިބުންގެ ފައްޅިތަކާއި ނަޞާރާ، ޔަހޫދީ ފައްޅިތަކުގެ ވާހަކައެވެ. އިސްލާމް ދީނުގެ އުސޫލަކީ ކޮންމެ ދީނެއްގެ އަހުލުވެރި ބަޔަކަށްވެސް، އެ ބައެއްގެ ދީން ރައްކާތެރި ކުރުމުގެ މިނިވަންކަން ހޯދައި ދިނުމެވެ.

މުސްލިމުން ކުރި ފަތަަޙަތަކަކީ އެ ޤައުމު ތަކުގައި ތިބި މީހުން އިސްލާމް ދީނަށް ވަދެވުނަ ނުދީ އަނިޔާވެރިވެ ގަތް ވެރިންތަކަކާއި ދެކޮޅަށް ކުރެވުނު ހަނގުރާމަތަކެކެވެ. ކޮންމެ ބަޔަކަށްވެސް ފުރަތަމަ ފޮނުވުނީ ދީނަށް ވަނުމުގެ ދަޢުވަތެވެ. އަދި މީހުންނަށް މިނިވަންކަން ދިނުމަށެވެ. އެ ގޮތަށް މިނިވަންކަން ދިން ތަންތަނުގައި ސައިލެއް ދެމޭ ފަދައިން އިސްލާމް ދީން ދެމިގެން ދިޔައެވެ. އަނިޔާވެރިވެގަތް ފާރިސްކަރަ ފަދަ ތަންތަން ހަނގުރާމަކޮށް ބަލި ކޮށް، މީސްތަކުން މިނިވަން ކުރެވުނެވެ.

ހަނގުރާމަ ހުއްދަކުރެވުނު މަރުޙަލާތަކަށް ބަލާއިރު މި އަންނަނިވި ކަންތައް ފާހަނގަ ކޮށްލަން ޖެހެއެވެ.

1- ޤުރައިޝުވަންހައިގެ މުޝްރިކުންނަކީ، ހަނގުރާމަވެރި ޢަދުއްވުން ކަމުގައި ބެލުން، އެހެނީ މިބައި މީހުން މުސްލިމުން ގެދޮރުން ނެރެ، އަނިޔާވެރިވެގަތެވެ.

2- ޤުރައިޝުންނާއި ބައިވެރިވެ މުސްލިމުންގެ މައްޗަށް ޖެހިގަންނާނެ ފުރުޞަތަކަށް ބަލަބަލަ ތިބި ޢަރަބި އެހެން ޤަބީލާތަކަކީވެސް ޢަދުއްވުން ކަމުގައި ބެލުން.

3- މުސްލިމުން އެއްބަސްވުން ސޮއި ކުރި ޔަހޫދީ ޤަބީލާތައް، ޚިޔާނާތްތެރިވެ މުޝްރިކުންނާއި ބައިވެރިވާ މީހުންނާއި ހަނގުރާމަކޮށް ބަލިކުރުން .

4- އަހުލު ކިތާބީން ކުރެ، އިސްވެ މުސްލިމުންނާއި ޢަދާވާތްތެރިވެގަންނަ މީހުންނާއި ހަނގުރާމަކޮށް ޖިޒްޔަ ދޭން މަޖްބޫރު ކުރުވުން .

މި އުސޫލުގެ ދަށުން ރަސޫލާ އެތަކެއް ސަރިއްޔާ ޤުރައިޝުންގެ ވިޔަފާރި ޤާފިލާތަކާއި ދެކޮޅަށް ފޮނުއްވިއެވެ. ނަމަވެސް ހަނގުރާމަ ފަރުޟު ކުރެއްވުނީ ޢަބްދުﷲ ބިން އަލްޖަޙްޝު އިސްވެ ހުންނަވައިގެން ރަސޫލާގެ އަމުރުފުޅަށް ހިންގެވި ޢަސަކަރީ ޙަރަކާތަކަށްފަހު ހިޖުރައިން 2 ވަނަ އަހަރުގެ ޝަޢްބާން މަހުގައެވެ. މި ކަމާއި ބެހޭ ގޮތުން ބާވައިލެއްވުނު އާޔަތަކީ ސޫރަތުލް ބަޤަރާގެ 190 ، 191، 192 ، 193 ވަނަ އާޔަތްތަކެވެ.

އާޔަތްތަކުގެ މާނަ : '' ތިޔަބައި މީހުންނާއި ހަނގުރާމަކޮށް އުޅޭ މީހުންނާއި ، މާތް ﷲގެ މަގުގައި ތިޔަބައި މީހުން ހަނގުރާމަ ކުރާށެވެ. އަދި އެކަމުގައި ތިޔަބައި މީހުން އިސްވެ ޢަދާވާތްތެރިވެ ހަނގުރާމަ ފަށާ ބަޔަކު ކަމުގައި ނުވާށެވެ. ހަމަ ކަށަވަރުން ޢަދާވާތްތެރިވާ މީހުންދެކެ މާތް ﷲ ލޯބިވެ ވޮޑިގެން ނުވެއެވެ. * ތިޔަބައި މީހުންނަށް އެބައި މީހުން ފެނުނު ކޮންމެ ތަނަކުން އެބައި މީހުންނާއި ހަނގުރާމަ ކުރާށެވެ. އަދި އެބައި މީހުން ތިޔަބައި މީހުން ނެރުނު ތަނުން ، ތިޔަބައިމީހުން އެބައި މީހުން ނެރެލާށެވެ. ދީނަށްޓަކައި އަނިޔާވެރިވެ ހާނިއްކަކޮށް ހެދުން ، ޤަތުލު ކުރަމަށްވުރެ ނުބައިކަން ބޮޑެވެ. ހުރުމަތްތެރިވެގެންވާ މިސްކިތުގައި އެބައި މީހުން ތިޔަބައި މީހުންނާއި ހަނގުރާމަކޮށްފުމަށް ދާންދެން ، ތިޔަބައި މީހުން އެބައި މީހުންނާއި ހަނގުރާމަ ނުކުރާށެވެ. އެބައި މީހުން ހަނގުރާމަ ކޮށްފިނަމަ ތިޔަބައި މީހުންވެސް ހަނގުރާމަކޮށް ، އެބައި މީހުން ޤަތުލު ކުރާށެވެ. ކާފިރުންނަށް ޖަޒާ ދިނުން އޮތީ އެފަދައިންނެވެ. * އެބައި މީހުން ހަނގުރާމަ ހުއްޓާލައިފިނަމަ ، ހަމަކަށަވަރުން މާތް ﷲ އީ ފާފަ ފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ. * ދީނަށްޓަކައި އިތުރު އަނިޔާ ކުރުމެއް ނެތިއްޖައުމަށް ދާންދެން ، އަދި ދީން މާތް ﷲ އަށް ޚާއްޞަ ވެއްޖައުމަށް ދާންދެން ، ތިޔަބައި މީހުން އެބައި މީހުންނާއި ހަނގުރާމަ ކުރާށެވެ. އެބައި މީހުން ހަނގުރާމަ ހުއްޓާލައިފިނަމަ ، ހަމައިން ނެއްޓި އަނިޔާވެރިވާ ބައެއްގެ މައްޗަށް މެނުވީ ޢަދާވާތްތެރިވުމެއް ނެތެވެ. ''

ބަދުރު ހަނގުރާމަ :

ބަނީ ސަލީމް ހަނގުރާމަ :

ބަދުރު ހަނގުރާމައަށްފަހު ދެން ރަސޫލާ ކުރެއްވި ހަނގުރާމައަކީ ބަނީ ސަލީމް ހަނގުރާމައެވެ. އެއީ ހިޖުރައިން ދެވަނަ އަހަރު ޝައްވާލް މަހުގައެވެ. އެއީ ބަދުރު ނިމުނުތާ އެންމެ ހަތް ދުވަސް ފަހުންނެވެ. މި ހަނގުރާމަ ކުރައްވަން ޖެހިވަޑައިގަތީ ، މި މީހުން މަދީނާއާއި ދިމާކޮށްލުމުގެ ރޭވުމެއް ގެންގުޅޭތީ ކުރީއްސުރެ އެކަން ފެން ކޮށްލުމެވެ.

ރަސޫލާ އަވަހާރަކޮށްލަން ރޭވުން :

ވީ ބޮޑު ބަލީގެ ސަބަބުން ޤުރައިޝުގެ މުޝްރިކުން ތިބީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ނަމަވެސް ބަދަލު ހިފުމަށް ހުވާ ކޮށްގެންނެވެ. ޢުމައިރް ބިން ވަހްބް އާއި ޞަފްވާން ބިން އުމައްޔާ ދެމެދު ކުރެވުނު ސައްލާއަކަށްފަހު ، ރަސޫލާ އަވަހާރަކޮށްލުމުގެ ޚިޔާލެއް ތިލަވިއެވެ. އަދި ކަމެއް ވިޔަސް ޞަފްވާން ، ޢުމައިރުގެ ދަރިން ބަލައި ދަރަނި އަދާ ކުރާ ގޮތުގެ މަތިން ކަނޑި ތޫނުކޮށްގެން ވިހަ ލައިގެން ޢުމައިރު މަދީނާއަށް ދިޔައެވެ. އަދި ޢުމަރުގެފާނަށް މީނާ ކަނޑިއެއް ހިފައިގެން އަންނަތަން ފެނިވަޑައިގަތުމުން އޭނާގެ ނިޔަތް ރަނގަޅު ނޫންކަން އެނގިވަޑައިގެން ރަސޫލާ އަރިއަހު އެވާހަކަ ދެންނެވިއެވެ. ދެން ރަސޫލާ އަރިއަހަށް ޢުމައިރު ވެއްދުމަށް ފަހު ، ކަނޑީގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރެވުނެވެ. ނަމަވެސް އޭނާ އެ ވާހަކަ ތެދައް ނުބުނުމުން ، ޞަފްވާނާއި އޭނާއާއި ދެމެދު ކުރެވުނު ސައްލާގެ ވާހަކަ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އެ ވަގުތު އެވާހަކަ ހަމަ ތެދު ރަސޫލަކަށް ނޫނީ ނޭނގޭނެކަމަށް ބުނެ، ޝަހާދަތް ކިޔައި އިސްލާމްވިއެވެ.

އަނެއްކޮޅުން ޞަފްވާން ގެން ދިޔައީ، ބަދްރު ހަނގުރާމައިގެ ހިތިކަން ހަނދާން ނެތޭފަދަ އުފާވެރި ޚަބަރެއް ވަރަށް އަވަހަށް ލިބޭނެ ކަމަށް މީހުން ކައިރީ ބުނެ ވާހަކަ ދައްކަމުންނެވެ. މަދީނާއިން އަންނަ ކޮންމެ މީހެއް ކައިރިން ޢުމައރުކުގެ ޚަބަރިު އޮޅުން ފިލުވައި ހަދައެވެ. ފަހުން ޚަބަރު ލިބުނީ އޭނާ އިސްލާމް ވެއްޖެ ކަަމަށެވެ. ޞަފްވާނަށް ކުރެވުނު ކަމަކީ ދުވަހަކުވެސް އެހީއެއް ނުވާނެ ކަމަށާއި ވާހަކަ ނުދައްކަން ހުވާ ކުރުމެވެ. ފަހުން މި ޢުމައިރު މައްކާއަށް އައިސް އިސްލާމް ދީން ފެތުރުމުގެ މަސައްކަތް ކޮށް އެތަށް ބަޔަކު އިސްލާމް ކުރިއެވެ.

ބަނީ ޤައިނުގާޢު ހަނގުރާމަ :

ޔަހޫދީންގެ އާދައަކީ އަބަދުވެސް ޢަހުދު އުވައިލުމާއި ޣައްދާރު ވުމެވެ. ދުނިޔޭގައި ޔަހޫދީން އުފެދުނީއްސުރެވެސް މިއީ ގިނަ ޔަހޫދީންގެ ކިބައިގައި އަށަގެންފައިވާ އާދައެކެވެ. އެ ގޮތުން ބަނީ ޤައިނުޤާޢުގެ ޔަހޫދީންވެސް ރަސޫލާއާއި އެކު ވެފައިފާ ޢަހުދު އުވާލައި ، މުސްލިލުންގެ ތެރޭގައި ގަޑު ބަޑު އުފައްދައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ފެށިއެވެ. ކަންތައް ބޮޑުވަމުން ވަމުން ގޮސް ، ޔަހޫދީ ބާޒާރެއްގައި އެއްޗެއް ވިއްކަން ހުރި މުސްލިމް ޢަރަބި އަންހެނަކަށް ފުރައްސާރަކޮށް އޭނާގެ ޢައުރަ ކަޝްފު ކުރުމުން ، އެތަން ފެނުނު މުސްލިމެއް އެ އެކަން ކުރި ޔަހޫދީ ކަލޭގެ މަރައިލިއެވެ. ދެން ޔަހޫދީންތއް އެއްވެގަނެ އެ މުސްލިމް މީހާވެސް މަރައިލިއެވެ. މި ހިސާބުން ކަންތައް ގޯސްވެ ، އެންމެ ފަހުން ރަސޫލާ ބަނީ ޤައިނުޤާޢު 15 ދުވަސްވަންދެން ޙިޞާރު ކުރައްވައި، މުސްލިމުންގެ ޝަރުޠައް އެ މީހުން އެއްބަސް ކުރުއްވިއެވެ. އަދި އެހެން ހިސާބަކަށް މި ބައި މީހުން ފޮނުވައިލެވުނެވެ.

އައްސުވައިޤް ހަނގުރާމަ :

ޛޫ އަމްރު ހަނގުރާމަ :

ކަޢްބް ބިން އަލްއަޝްރަފު ޤަތުލު ކުރުން :

ބަޙްރާން ހަނގުރާމަ :

އުޙުދު ހަނގުރާމަ :

ބަނީ ޤުރައިޡާ ހަނގުރާމަ :

ބަނީ އަލްމުޞްޠަލިޤް ހަނގުރާމަ :

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.