ބުރާސްފަތި20180913

އާކުރެވުނީ: 08:43:52

ޚަދީޖަތުގެފާނު

1- ޚަދީޖަތުގެފާނު

ކީރިތި ރަސޫލާ އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގަތީ، ޚަދީޖަތުގެފާނާއެވެ. އެއީ ރަސޫލާގެ ޢުމުރުފުޅުން ފަންސަވީސް އަހަރުފުޅު އަދި، ޚަދީޖަތުގެ ފާނުގެ ޢުމުރުފުޅުން 40 އަހަރުފުޅުގައެވެ. ޙަދީޖަތުގެފާނު އަވަހާރަވަންދެން ރަސޫލާ އެހެން ކައިވެންޏެއް ނުކުރައްވައެވެ.

ރަސޫލާގެ ދަރިކަލުންނާ ދަރިކަނބަލުންގެ ތެރެއިން އިބްރާހީމް ފިޔަވާ، ހުރިހާ ދަރިކަލުންނާ

ދަރިކަނބަލުންގެ މަންމާފުޅަކީވެސް، ޚަދީޖަތުގެފާނެވެ. އިބްރާހީމްގެ މަންމާފުޅަކީ، މާރިއާ އޭ ކިއުނު މިޞްރު ޤިބްތީ ޖާރިއާއެކެވެ.

މައްކާގެ ޝަރަފްވެރި، މުއްސަނދި އަންހެން ބޭކަނބަލެއް ކަމުގައިވާ ޚަދީޖަތުގެފާނުގެ ވިޔަފާރި ޤާފިލާއަކާއި ހަވާލުވެވަޑައިގެން، ކީރިތި ރަސޫލާ ޝާމްކަރައަށް ވަޑައިގަތެވެ. އަދި އަރިއަހުގައި ދިޔަ ޚަދީޖަތުގެފާޏު ގެންގުޅުއްވާ ކުއްޖެއް ކަމުގައިވާ ''މައިސަރާ'' އެނބުރިއައިސް ރަސޫލާގެ އަމާނާތްތެރި ކަމާއި ތެދުވެރިކަން، އަދި ވިސްނުންފުޅު ތޫނުކަން ޚަދީޖަތުގެފާނުގެ އަރިއަހުގައި ދެންނެވިއެވެ. އަދި މި ވިޔަފާރި ޤާފިލާ ވެގެން ދިޔައީ ދުވަހަކުވެސް ނުވާހާ ފައިދާ ބޮޑު ޤާފިލާއަކަށެވެ.

މައްކާގެ ބޮޑުން ޚަދީޖަތުގެފާނާއި ކައިވެނި ކުރަން އެދި ހުށައެޅި ހުށައެޅުންތައް ޤަބޫލު ނުކުރައްވައި ހުންނަވަނިކޮށް، އެކަމަނާ ބޭނުންފުޅުވާފަދަ ސިފަތައް ހުރި ބޭކަލަކީ ރަސޫލާކަން އެނގިވަޑައިގަތެވެ. ކޮންމެއަކަސް މި މިއަށްފަހު ޚަދީޖަތުގެފާނު، ރަސޫލާއާއި ކައިވެނި ކުރައްވަން ބޭނުންފުޅުވެލައްވައިގެން އެކަމާނާގެ ހިތްޕުޅުގެ ޝުޢޫރު، އެކުވެރި ނަފީސާ ބިންތު މުނައްބިޙް އަރިއަހުގައި ވިދާޅުވިއެވެ.

ދެން ނަފީސާ ރަސޫލާ އަރިއަހަށް ވަޑައިގެން މި ވާހަކަ ދެންނެވުމުން އެކަން ޤަބޫލު ކުރެއްވިއެވެ. އަދި ބޮޑު ބޭބެފުޅުންތައް އަރިއަހުގައި މިވާހަކަ ވިދާޅުވެ، އެ ބޭފުޅުން ޚަދީޖަތުގެފާނުގެ ބޮޑުބޭބެފުޅު އަރިއަހަށް ވަޑައިގަނެ، ކީރިތި ރަސޫލާއާއި ޚަދީޖަތުގެފާނުގެ ޚިޠުބާ ކުރެއްވިއެވެ. އަދި ޝާމުކަރައިން ވަޑައިގެންނެވިތާ ދެ މަސް ފަހުން ކައިވެނިފުޅު ކުރެވުނެވެ.

ކީރިތި ރަސޫލާ ޚަދީޖަތުގެފާނާއި ކައިވެނި ބެއްލެވުމުގެ ކުރިން، އެކަމަނާ ވަނީ ދެ ކައިވެނި ކުރައްވާފައެވެ. ފުރަތަމަ ކައިވެނި ކުރެއްވީ އަބޫހާލާ ބިން މާލިކް އައްތަމީމީއާއެވެ. މި ކައިވެނިން ލިބިވަޑައިގަތީ ހިންދު ކިޔާ ފިރިހެން ބޭފުޅަކާއި ހާލާ ކިޔާ އަންހެން ބޭފުޅެކެވެ. ދެވަނަ ކައިވެންޏަކީ ޢުތައިޤް ބިން ޢާއިޛް އަލްމަޚްޒޫމީއާއި ކުރެއްވި ކައިވެންޏެވެ. މި ކައިވެނިން ލިބިވަޑައިގަތީ ހިންދު ބިންތު ޢުތައިޤްއެވެ.

ޚަދީޖަތުގެފާނުގެ މާތްކަން:

ޝައްކެތްވެސް ނެތް ގޮތުގައި ޚަދީޖަތުގެފާނުގެ ނަންފުޅަކީ އިސްލާމީ ތާރީޚުގެ އުޑުގައި އަބަދުވެސް ވިދާ ބަބުޅާނެ ނަންފުޅެކެވެ. އިސްލާމީ އުއްމަތުގެ އަންހެނުންގެ ބޮލުގައި ވާ ޝަރަފުވެރި ތާޖެކެވެ. އެކަމާނާއަކީ ވަފާތެރިކަމާއި ތެދުވެރިކަން، ޙިކުމަތާއި ބުއްދިވެރިކަން، ކެތްތެރިކަމާއި ސާބިތުކަމުގެ ލާމަސީލު ނަމޫނާއެކެވެ.

ޚަދީޖަތުގެފާނު ރަސޫލާއާއި ކައިވެނި ކުރެއްވުމުން އެކަމަނާ ވެވަޑައިގަތީ އަންބެއްގެ ލާމަސީލަކަށެވެ. ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި ދިމާވެވަޑައިގެންނެވި ކޮންމެ ދައްޗަކާއި އުނދަގުލެއްގައި، އެހީތެރިކަމާއި ހިތްވަރު ދެއްވަން ޚަދީޖަތުގެފާނު ތައްޔާރަށް ހުންނެވިއެވެ. ޚަދީޖަތުގެފާނު ގެންގުޅުއްވި ކުއްޖެއް ކަމުގައިވާ ޒައިދު ބިން ޙާރިޘާ ރަސޫލާއަށް ހިބަކޮށްދެއްވިއެވެ. ރަސޫލާ ޙިރާފަރުބަދައިގެ ހޮހޮޅައިގައި ޚިލްވަތުގައި ހުންނަވަން ލޯބި ކުރެއްވުމުން، ރަސޫލާ ގެންދަވާނެ ކޮއްތާއި ސާމާނު ތައްޔާރުކޮށް ދެއްވިއެވެ.

ދެން ހޮހޮޅައިގައި ހުންނަވަނިކޮށް ފުރަތަމަ ފަހަރަށް ވަޙީބާވައިލެއްވުމުން، ކީރިތި ރަސޫލާއަށް ލިބި ވަޑައިގަތް ނުތަނަވަސްކަމާއި ބިރުފުޅުން ރަސޫލާ ދުރުކުރައްވައި، އެކަލޭގެފާނުގެ ހިތްޕުޅަށް ފިނިކަން ވައްދައިދެއްވާ ޚިދުމަތުގައި ޚަދީޖަތުގެފާނު އިންނެވިއެވެ.

އެކަމަނާގެ ދުރު ވިސްނުންފުޅު ހުރިވަރުގެ ބޮޑު ކަމުން، ކީރިތި ރަސޫލާއަށް މި ދިމާވެވަޑައިގަތް ކަމަކީ އާދައިގެ ކަމެއް ނޫންކަން އެނގިވަޑައިގަތެވެ. އެގޮތުން ވަރަޤަތު ބިން ނައުފަލް އަރިއަހަށް ރަސޫލާ ގެންދަވައި އަދި ހޮހޮޅައިގައި ދިމާވި ޙާދިސާގެ ޙަޤީޤަތް ހޯއްދެވިއެވެ.

ދެން ރަސޫލާ އިސްލާމް ދީނަށް ގޮވައިލައްވަން ފެއްޓުމުން، އެންމެ ފުރަތަމަ އިސްލާމްވެވަޑައިގަތް ކަމުގެ ޝަރަފު ހޯއްދަވައި، މުޝްރިކުންގެ ފަރާތުން ރަސޫލާއަށް ލިބި ވަޑައިގަތް އަނިޔާއާއި އުނދަގުލާއި ދެކޮޅަށް ތެދުވެވަޑައިގަތް އެއް ބޭފުޅަކީވެސް ޚަދީޖަތުގެފާނެވެ. އަދި މި ގޮތުގައި އެކަމަނާ އަވަހާރަފުޅު ވަންދެންވެސް ދެމި ހުންނެވިއެވެ.

ދެން އައީ ތިން އަހަރު ދުވަސްވަންދެން މުޝްރިކުން ބަނީ ހާޝިމާއި ދެކޮޅަށް ފެއްޓި ޙިޞާރެވެ. ފަސްދޮޅަސް އަހަރުވެ މުސްކުޅިވެ ގައިކޮޅުގެ ބާރު ދެރަވެފައި ހުންނެވި ނަމަވެސް ޚަދީޖަތުގެފާނު މި ޙިޞާރަށްވެސް ކެތް ކުރެއްވިއެވެ. މި ހުރިހާ ކަމެއްގެ ބަދަލެއްގެ ގޮތުން މާތް ﷲ ޚަދީޖަތުގެފާނަށް ސުވަރުގޭގައި ރަން ގަނޑުވަރެއް ދެއްވިއެވެ. ޞަޙީޙުލް ބުޚާރީގެ '' އަލްމަނާޤިބް '' މި ބާބުގައި އައިސްފައިވާ ޙަދީޘެއްގައި ވެއެވެ. هُرَيْرَةَ ‏ ‏رَضِيَ اللَّهُ عَنْهُ ‏ ‏قَالَ ‏
‏أَتَى ‏ ‏جِبْرِيلُ ‏ ‏النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَقَالَ يَا رَسُولَ اللَّهِ هَذِهِ ‏ ‏خَدِيجَةُ ‏ ‏قَدْ أَتَتْ مَعَهَا إِنَاءٌ فِيهِ ‏ ‏إِدَامٌ ‏ ‏أَوْ طَعَامٌ أَوْ شَرَابٌ فَإِذَا هِيَ أَتَتْكَ ‏ ‏فَاقْرَأْ عَلَيْهَا السَّلَامَ مِنْ رَبِّهَا وَمِنِّي وَبَشِّرْهَا بِبَيْتٍ فِي الْجَنَّةِ مِنْ قَصَبٍ لَا ‏ ‏صَخَبَ ‏ ‏فِيهِ وَلَا ‏ ‏نَصَبَ

މާނައަކީ: "އަބޫ ހުރައިރާ ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް ޖިބްރީލުގެފާނު ވަޑައިގެން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އެއްގަމު މަހުން ހަދާފައިވާ ސުރުވާ (ނުވަތަ ކޮންމެވެސް ކާ އެއްޗެއް ނޫނީ ބޯ އެއްޗެއް) ހުރި ތައްޓެއް ހިއްޕަވައިގެން، ޚަދީޖަތުގެފާނު އެބަ ވަޑައިގަންނަވައެވެ. ކަލޭގެފާނު އަރިއަހަށް އެކަމަނާ ވަޑައިގަތުމުން އެކަމަނާ ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާނގެ ކިބަފުޅުންނާއި އަހަރެންގެ ފަރާތުން ސަލާމް ވިދާޅުވާށެވެ. އަދި ސުވަރުގޭގައި ޤަޞަބުން (ރަނާއި މުތުން ހެދިފައިވާ ތަނބު) ތައްޔާރު ކުރެވިފައިވާ، އެތާނގައި އެއްވެސް ގަދަ އަޑެއް، ވަރުބަލިކަމެއް ވެސް ނުވާ ގަނޑުވަރެއް އެކަމަނާއަށް ޚައްޞަ ކުރެވިފައިވާ ކަމުގެ އުފާވެރި ޚަބަރު ދެއްވާށެވެ." (ޞަޙީޙުލް ބުޚާރީ، ބާބުލް މަނާޤިބް)

ޚަދީޖަތުގެފާނު އަވަހާރަވެ ކީރިތި ރަސޫލާ، ކައިވެނީގެ އާ ޙަޔާތްޕުޅެއް ފެއްޓެވިއަސް އެކަމާނާ ހެޔޮފުޅުކަން މަތިން ރަސޫލާ ހަނދާންފުޅު ނެތި ނުކުރައްވައެވެ. އަބަދުވެސް އެކަމަނާގެ މާތްކަމާއި ހެޔޮފުޅުކަމުގެ ވާހަކަ ދައްކަވައި ތަޢްރީފު ކުރައްވައެވެ. އެހެންވެ ބައެއްފަހަރު ޢާއިޝަތުގެފާނު ޚަދީޖަތުގެފާނުގެ މައްޗަށް ޣީރަތްތެރިވެސް ވެވަޑައިގަންނަވައެވެ. އެގޮތުން އެކަމަނާ ވިދާޅުވެފައިވެއެވެ. عَائِشَةَ ‏ ‏رَضِيَ اللَّهُ عَنْهَا ‏ ‏قَالَتْ ‏ مَا غِرْتُ عَلَى امْرَأَةٍ لِلنَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏مَا غِرْتُ عَلَى ‏ ‏خَدِيجَةَ ‏ ‏هَلَكَتْ قَبْلَ أَنْ يَتَزَوَّجَنِي لِمَا كُنْتُ أَسْمَعُهُ يَذْكُرُهَا وَأَمَرَهُ اللَّهُ ‏ ‏أَنْ يُبَشِّرَهَا بِبَيْتٍ مِنْ قَصَبٍ وَإِنْ كَانَ لَيَذْبَحُ الشَّاةَ فَيُهْدِي فِي خَلَائِلِهَا مِنْهَا مَا يَسَعُهُنَّ

މާނައަކީ: ''ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ''ރަސޫލުއްﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިކަނބަލުންގެ ތެރެއިން ޚަދީޖަތުގެފާނުގެ މައްޗަށް އަހަރެން ޣީރަތްވި ވަރަކަށް އެހެން އެއްވެސް އަނބިކަނބަލެއްގެ މައްޗަށް ޣީރަތް ނުވަމެވެ. އަހަރެންނާއި ރަސޫލާ ކައިވެނި ބައްލަވައިގަތުމުގެ ކުރިން އެކަމަނާ އަވަހާރަވިއެއް ކަމަކުވެސްމެއެވެ. އެއީ އެކަމަނާގެ ވާހަކަ ރަސޫލާ ވިދާޅުވާ އަޑު އިވޭލެއް ގިނަ ކަމުންނެވެ. ﷲ ވަނީ އެކަމަނާއަށް ސުވަރުގޭގައި ޤަޞަބުން ހެދިފައިވާ ގަނޑުވަރެއްގެ އުފާވެރި ޚަބަރު ދެއްވާފައެވެ. އަދި ކީރިތި ރަސޫލާ ކަންބަޅިއެއް ކަތިލެއްވިއަސް، ޚަދީޖަތުގެފާނުގެ އަންހެން ރަހުމަތްތެރިންނަށް ފުދޭވަރަށް، އެއިން މަސް ދެއްވައެވެ.'' (ޞަޙީޙް ބުޚާރީ، ބާބުލް މަނާޤިބް)

މި ޙަދީޘުން އަހަރެމެންނަށް އެނގޭ ކަމަކީ އަނބިމީހާ މަރުވިއަސް އޭނާގެ ހެޔޮކަން ހިތުން ފޮހެލައިގެން ނުވާނެކަމެވެ. އަދި އަނބިމީހާގެ ތިމާގެ މީހުންނާއި އެކުވެރިންނަށް ރަނގަޅަށް ހިތައި، ވާ ވަރަކުން އެހީވުމަކީ އަޚްލާޤީ މާތް ސިފައެއް ކަމެވެ.

އަދި ޢާއިޝަތުގެފާނު ހިތްޕުޅުގައި ޚަދީޖަތުގެފާނު މައްޗަށް އޮތް ޣީރަތްތެރިކަމަކީ އެއީ އެކަމަނާ ރަސޫލާދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ވާ ކަމެއް ކަމެވެ. ފަހަރެއްގައިވެސް ޚަދީޖަތުގެފާނު ދެކެ ނަފްރަތު ކުރައްވާތީއެއް ނޫނެވެ. ކޮންމެ އަންހެނެއްގެ ހިތުގައިވެސް މިފަދަ ޝުޢޫރުތައް އުފެދޭނެއެވެ. ޣީރަތަކީ ހައްދުން ބޭރުނުވާ ހިންދެއްގައި އުނި ސިފައެއް ނޫނެވެ. އެހެން ނޫންނަމަ ކީރިތި ރަސޫލާ އެކަން މަނާ ކުރެއްވީހެވެ. عَائِشَةَ ‏ ‏رَضِيَ اللَّهُ عَنْهَا ‏ ‏قَالَتْ ‏ ‏اسْتَأْذَنَتْ ‏ ‏هَالَةُ بِنْتُ خُوَيْلِدٍ ‏ ‏أُخْتُ ‏ ‏خَدِيجَةَ ‏ ‏عَلَى رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَعَرَفَ اسْتِئْذَانَ ‏ ‏خَدِيجَةَ ‏ ‏فَارْتَاعَ ‏ ‏لِذَلِكَ فَقَالَ ‏ ‏اللَّهُمَّ ‏ ‏هَالَةَ ‏ ‏قَالَتْ فَغِرْتُ فَقُلْتُ مَا تَذْكُرُ مِنْ عَجُوزٍ مِنْ عَجَائِزِ ‏ ‏قُرَيْشٍ ‏ ‏حَمْرَاءِ الشِّدْقَيْنِ هَلَكَتْ فِي الدَّهْرِ قَدْ أَبْدَلَكَ اللَّهُ خَيْرًا مِنْهَا

މާނައަކީ: ''ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ޚަދީޖަތުގެފާނުގެ ދައްތަ ހާލާ ބިންތު ޚުވައިލިދް ރަސޫލާގެ ގެކޮޅަށް ވަޑައިގެންފައި ވަނުމުގެ އިޒުނަށް އެދި ގޮވާލެއްވިއެވެ. އެހިނދު އެކަމަނާގެ އަޑުފުޅާއި ޚަދީޖަތުގެފާނުގެ އަޑުފުޅު އެއްގޮތްކަމުން، ކީރިތި ރަސޫލާއަށް ޚަދީޖަތުގެފާނު ގޮވާލައްވާ ގޮތުގެ މަތިން ހަނދުމަފުޅު ވެވަޑައިގެން އުފާފުޅުވެވަޑައިގަތެވެ. އަދި އެއީ ހާލާ ކަމުގައި ވިދާޅުވިއެވެ. ޢާއިޝަތުގެފާނު ވިދާޅުވިއެވެ. އެވަގުތު އަހަރެން ޣީރަތްތެރިވެ ރަސޫލާއަށް ދެންނެވިއެވެ. ''އެތައް ޒަމާނެއް ކުރިން އަވަހާރަވެފައިވާ، ރަތް ހިރުގަނޑެއްގެ ވެރި (ދަތް ވެއްޓިފައިވާ) ޤުރައިޝްވަންހައިގެ މުސްކުޅިން އަންހެނުންގެ ތެރެއިން މުސްކުޅިއެއް މަތިން ކަލޭގެފާނު ހަނދުމަ ކުރައްވަނީ ކީއްކުރަންތޯއެވެ؟ ހަމަ ކަށަވަރުން މާތްﷲ ވަނީ އޭނާގެ ބަދަލުގައި އޭނާއަށްވުރެ ރަނގަޅު މީހަކު ކަލޭގެފާނަށް ދެއްވާފައެވެ. ''(ޞަޙީޙް ބުޚާރީ، ބާބުލް މަނާޤިބް)

އެހިނދު ކީރިތި ރަސޫލާ ކޯފާވިއެވެ. އަދި ޚަދީޖަތުގެފާނުގެ މަތިވެރި ކަމުގެ ވާހަކަ ޢާއިޝަތުގެފާނަށް ބުނެދެއްވިއެވެ. ރަސޫލާއަށް ލިބިވަޑައިގަތް އަންހެން ކުދިންނާއި ފިރިހެން ކުދިންގެ މަންމައަކީ ޚަދީޖަތުގެފާނު ކަމާއި (އިބްރާހީމް ފިޔަވައި)، އެހެން މީހުން ކާފިރު ވީ ވަގުތު އެކަމަނާ އީމާންވެވަޑައިގަތް ކަމާއި، އެހެން މީހުން ރަސޫލާ ދޮގު ކުރި އިރު އެކަމަނާ ރަސޫލާ ތެދު ކުރެއްވި ކަމާއި، އެހެން މީހުން ރަސޫލާ ޙިޞާރު ކުރި ވަގުތު އެކަމަނާ މުދާ ހޭދަ ކުރެއްވިކަމަށް، ރަސޫލާ ޙަދީޘް ކުރެއްވިއެވެ.

ނޯޓު: -

ޣީރާތާއި ޙަސަދަ އެއީ މުޅިން ދޭއްޗެކެވެ. ޢީރަތަކީ އެއީ ޤަބޫލު ކުރެވޭ ސިފައެކެވެ. ޙަސަދައަކީ ޤަބޫލު ނުކުރެވޭ ނުބައި ސިފައެކެވެ. ޢީރަތަކީ ލިބިފައިވާ ނިޢްމަތެއްގެ މައްޗަށް ވެވޭ ރައްކާތެރިކަމަކެވެ. އަދި އެ ނިޢްމަތް ގެއްލި ދާނެތީ ގަންނަ ބިރެކެވެ.

ނަމަވެސް ޙަސަދައަކީ އެހެން މީހަކަށް ލިބިފައިވާ ނިޢްމަތަކާއި މެދު ރުޅި އައިސް އެ ނިޢްމަތް އޭނާގެ ކިބައިން ގެއްލި ދިއުމަށް އެދޭ އެދުމެވެ. އަދި ޙަސަދަވެރިއާ އަބަދުވެސް އޭނާ ނޫން އެހެން މީހުންނަށް އެދޭނީ ގެއްލުމެވެ.

- ރަސޫލާގެ ހުރިހާ އަނބިކަނބަލުންނަކީވެސް ޠާހިރު ޢިއްފަތްތެރި، ތަޤުވާވެރި މާތް އަޚްލާޤެއްގެ ވެރި ބޭކަނބަލުންތަކެކެވެ. މިފަދަ ޙަދީޘް އަހަރެން މިތާގައި ގެނެސްފައިވަނީ މިއީ ބުޚާރީގައި ވާ ޞައްޙަ ޙަދީޘްތަކަކަށް ވެފައި، މި ކަންތަކުން އަހަރެމެން މުސްލިމުން ޢިބްރަތް ލިބިގަނެ، ކައިވެނީގެ ޙަޔާތުގައި ދިމާވެދާނެ މިފަދަ ޙަލާތްތަކުގައި ރަސޫލާގެ ޙަޔާތްޕުޅުން ދަރުސް ލިބިގަތުމެވެ.

ޚަދީޖަތުގެފާނުގެ ޙަޔާތްޕުޅުން ލިބޭ ފިލާވަޅު:

1- ޚަދީޖަތުގެފާނު ކީރިތި ރަސޫލާއާއި ކައިވެނިބައްލަވައިގަންނަވަން ބޭނުންފުޅުވި ކަމުން ދޭހަވަނީ، ރަސޫލާގެ އަޚްލާޤުގެ މާތްކަމެވެ. އަދި އެކަލޭގެފާނުގެ ތެދުވެރިކަމާއި އާދަޔާއި ޚިލާފު އަމާނާތްތެރިކަމެވެ.

2- ދީންވެރި، ޚުލްޤު ރަނގަޅު ފިރިހެނަކާއި ކައިވެނި ކުރަން އެދޭކަން، އަންހެނަކު ހާމަ ކުރުމަކީ އެއީ މުޖްތަމަޢު ނަފުރަތު ކުރަން ޖެހޭވަރުގެ ކަމެއް ނޫންކަން.

3- ބައެއް މުސްތަޝްރިޤުންނާއި މުސްލިމުންގެ ތެރެއިން ބައެއް ޢިލްމާނީ މީހުން ބުނާފަދައިން، ރަސޫލާގެ ކައިވެނިފުޅުގެ ބޭނުންފުޅަކީ، ހަމައެކަނި ''އަންހެނުންގެ'' ބޭނުންފުޅުގައި ކުރެއްވި ކައިވެންޏެއް ނޫނެވެ. އެހެނީ ޚަދީޖަތުގެފާނަކީ ކީރިތި ރަސޫލާއަށް ވުރެ ދޮށީ، ޘައްޔިބެކެވެ. އަދި ކީރިތި ރަސޫލާގެ އެންމެ ޒުވާން ޢުމުރުފުޅު ވަފާތެރި ކަމާއެކު ޚަދީޖަތުގެފާނު އަވަހާރަވަންދެން އެކަމަނާއާ އެކު ހޭދަކުރެއްވިއެވެ. އަދި ފަހުން ކުރެއްވި ކައިވެނިފުޅުތަކަކީވެސް ތަފާތު ސަބަބުތަކާއި ޙިކުމަތްތަކަކަށްޓަކައި ކުރެއްވި ކައިވެނި ފުޅުތަކެކެވެ.

4- ޚަދީޖަތުގެފާނުގެ ޙަޔާތްޕުޅަށް ބަލާލުމުން އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ މަތިވެރި މަޤާމް އުޖާލާ ކަމާއެކު ފެނެއެވެ. އަދި އިސްލާމްދީނުގައި އަންހެނުންނަށް މުދާ މިލްކު ކުރުމާއި، ވިޔާފާރި ކުރުމާއި، މީހުން ލައްވައި ވިޔަފާރި ކުރުވުން ހުއްދަކަންވެސް އެނގެއެވެ. އަނބި މީހާގެ މުދަލަކީ އޭނާގެ މުޅިން އަމިއްލަ އެއްޗެއް ކަމާއި ފިރީންނަށް އެ މުދަލުގެ މައްޗަށް ބާރު ނުހިންގޭނެކަންވެސް ޚަދީޖަތުގެފާނުގެ ޙަޔާތްޕުޅުން އެނގެއެވެ.

5- ދެ މަފިރިން އެކަކު އަނެކަކަށް ކަންކަމުގައި ހިތްވާރާއި ވާގި ދިނުމަކީ ކައިވެނީގެ އެންމެ ފުރިހަމަ މާނަ ދޭހަކޮށްދޭ ކަމެވެ.

ޚަދީޖަތުގެފާނު އަވަހާރަވުން:

ޚަދީޖަތުގެފާނު އަވަހާރަވީ ރަސޫލާގެ އަރިއަހުގައި 25 އަހަރު ހޭދަކުރެއްވުމަށް ފަހު، ރަސާލާގެ ޙަޔާތްޕުޅުގެ އެންމެ މުހިއްމު އެންމެ އުނދަގޫ ދުވަސްތަކުގައި ނުހަނު ބޮޑެތި އެހީފުޅު ވެވަޑައިގަނެ، ރަސޫލާއަށް ހިތްވަރާއި ތާއީދު ދެއްވުމަށްފަހު ޢުމުރުފުޅުން 65 އަހަރުފުޅުގައެވެ. އޭރު ރަސޫލާގެ ޢުމުރުފުޅަކީ 50 އަހަރުފުޅެވެ. ޚަދީޖަތުގެފާނު އަވަހާރަވީ ރަސޫލު ކަމާއިގެން ފޮނުއްވުނުތާ ދިހަވަނަ އަހަރުގެ ރަމަޟާން މަހުގައެވެ. އެއީ ހިޖުރައިގެ 3 އަހަރު ކުރިއެވެ. ޚަދީޖަތުގެފާނު އުފަންވެވަޑައިގެންފައިވަނީ ހިޖުރައިގެ 68 އަހަރު ކުރީގައެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.