ހޯމަ20201130

އާކުރެވުނީ: 08:43:52

ޢާއިޝަތު ބިންތު އަބީބަކުރު

- ޢާއިޝަތު ބިންތު އަބީބަކުރު:

ރަސޫލާ ތިންވަނައަށް ކައިވެނި ބައްލަވައިގަތީ، ޢާއިޝަތުގެފާނާއެވެ. އެ ކަމަނާގެ ބައްޕާފުޅަކީ އަބޫބަކުރުގެފާނެވެ. މަންމާފުޅަކީ އުއްމު ރޫމާންއެވެ. ޢާއިޝަތުގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން 8 އަހަރު ކުރީގައި މައްކާގައެވެ. އެއްބަނޑު އެއްބަފާ ބޭބެއަކީ ޢަބްދުއް ރަޙްމާންއެވެ.* އަސްމާއު އާއި ޢަބްދުއްﷲ ބިން އަބީ ބަކުރު އަކީ އެއްބަފާފުޅު ދައްތައާއި ބޭބެއެވެ.

ކީރިތި ރަސޫލާ ޢާއިޝަތުގެފާނާއި ކައިވެނީގެ ޢަޤުދު ކުރެއްވީ އެކަމަނާގެ ޢުމުރުފުޅުން ހަ އަހަރުފުޅުގައެވެ. އެއީ ހިޖުރައިން 2 އަހަރު ކުރީގެ ޝައްވާލު މަހެއްގައެވެ. އަދި ރޭ ކުރެއްވީ ޢުމުރުފުޅުން ނުވަ އަހަރުފުޅުގައެވެ. އެއީ ހިޖުރައިން ފުރަތަމަ އަހަރުގެ ޝައްވާލު މަހުގައެވެ. ޢާއިޝަތުގެފާނު ރަސޫލާ އަރިއަހުގައި ހޭދަ ކުރެއްވީ ނުވަ އަހަރެވެ. އެހެނީ ރަސޫލާ ސުވަރުގެ ވަޑައިގަތް އިރު އެކަމަނާގެ ޢުމުރުފުޅަކީ 18 އަހަރުފުޅެވެ.

ނޯޓް: ޢާއިޝަތުގެފާނާއި ކައިވެނި ކުރެއްވުމާއި ބެހޭ ގޮތުން، މި ދީނަށް ޙަސަދަވެރި ކާފިރުންނާއި ޢިލްމާނީން ފަތުރާފައިވާ ވާހަކައަށް ދެވިފައިވާ ރައްދު ކިއުމަށް މި ތަނަށް ފިތާލާށެވެ. *

އުއްމުލް މުއުމިނީން ޢާއިޝަތުގެފާނުގެ ކުންޔާއަކީ ''އުއްމު ޢަބްދުއްﷲ'' އެވެ. މިހެން ކިއުނަސް ޢާއިޝަތުގެފާނަކީ ޢަބްދުއްﷲ ކިޔާ ކުއްޖެއްގެ މަންމާފުޅެއް ނޫނެވެ. އެހެނީ ޢާއިޝަތުގެފާނަށް ދަރިކަލެއް ލިބިވަޑައި ނުގަންނަވައެވެ. އުއްމު ޢަބްދުއްﷲ މިއީ، މީހުނާ އިނދެގެން އުޅޭ އެހެން އަންހެނުންވެސް ކުންޔާ ބޭނުން ކުރާ ކަމަށާ، ވީމާ ކުންޔާއެއް ދެއްވުމަށް އެދި، ޢާއިޝަތުގެފާނު ރަސޫލާ އަރިއަހުގައި ދެންނެވުމުން އެކަމަނާގެ ދައްތަ އަސްމާއުގެ ދަރިކަލުން ޢަބްދުއްﷲ ގެ ނަމަށް ނިސްބަތް ކުރައްވައި، ރަސޫލާ ދެއްވި ކުންޔާއެކެވެ.

ޢާއިޝަތުގެފާނުގެ މަތިވެރިކަން:

އުއްމުލް މުއުމިނީން ޢާއިޝަތުގެފާނަކީ ރަސޫލާ އެންމެ ލޯބިވެވަޑައިގަތް އަނބިކަމަނާއެވެ. އަދި އެންމެ ލޯބިވެވަޑައިގަތް އިންސާނާއެވެ. ތިރްމިޛީގެ ''އަލްމަނާޤިބް ޢަން ރަސޫލިﷲ'' ބާބުގައި އައިސްފައިވާ ޙަދީޘެއްގައި ވެއެވެ: ‏ ‏عَمْرِو بْنِ الْعَاصِ ‏ ‏أَنَّهُ قَالَ ‏ يَا رَسُولَ اللَّهِ مَنْ أَحَبُّ النَّاسِ إِلَيْكَ قَالَ ‏ ‏عَائِشَةُ ‏ ‏قَالَ مِنْ الرِّجَالِ قَالَ أَبُوهَا

މާނައަކީ: ''ޢަމްރޫ ބިން އަލްޢާޞް ރިވާކުރެއްވިއެވެ. އަހަރެން ދެންނެވީމެވެ.'' އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނަށް އެންމެ ލޮބޮވެތީ ކާކުތޯއެވެ؟ ''ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ''ޢާއިޝާ އެވެ.'' ޢަމްރޫ ބިން އަލްޢާޞް ދެންނެވިއެވެ.'' ފިރިހެނުންގެ ތެރެއިން ؟" ރަސޫލާ ޙަދީޘް ކުރެއްވިއެވެ. " އެކަމަނާގެ ބައްޕާފުޅެވެ. ''

އަދި ރަސޫލާއަށް ފެނިވަޑައިގަތް ރުއުޔާއެއްގައި މަލާއިކަތް ބޭކަލެއް، ޢާއިޝަތުގެފާނު ގެ ސޫރަ، ކީރިތި ރަސޫލާއަށް ދެއްކެވިއެވެ.

عَائِشَةَ ‏ ‏رَضِيَ اللَّهُ عَنْهَا ‏ ‏قَالَتْ ‏ قَالَ لِي رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏رَأَيْتُكِ فِي الْمَنَامِ يَجِيءُ بِكِ الْمَلَكُ فِي سَرَقَةٍ مِنْ حَرِيرٍ فَقَالَ لِي هَذِهِ امْرَأَتُكَ فَكَشَفْتُ عَنْ وَجْهِكِ الثَّوْبَ فَإِذَا أَنْتِ هِيَ فَقُلْتُ إِنْ يَكُ هَذَا مِنْ عِنْدِ اللَّهِ يُمْضِهِ

މާނައަކީ: "ޢާއިޝަތުގެފާނު ވިދާޅުވިއެވެ. އަހަރެން ކައިރީ ﷲގެ ރަސޫލާ ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ފެނުނު ރުއްޔާއެއްގައި (ރަސޫލާއަށް ފެނިވަޑައިގަންނާވާ ހުވަފެންފުޅު)، މަލާއިކަތް ބޭކަލަކު، ކަމަނާ ފަށުއި ފޮތިގަނޑެއްގައި ލައިގެން ގެނައެވެ. އަދި ބުންޏެވެ. މިއީ ކަލޭގެފާނުގެ އަނބިކަބަލުންނެވެ. ދެން އަހަރެން ކަމަނާގެ މޫނުގައި އޮތް ފޮތިގަނޑު ހިއްލައި ކަޝްފު ކުރީމެވެ. އަދި އެހިނދު އެއީ ކަމަނާއެވެ. އަދި އަހަރެން ބުނީމެވެ. މިއީ ﷲގެ އަރިއަހުން އައި އަމުރެއްނަމަ އެކަން ފުރިމަ ކުރައްވާނެއެވެ. '' (ޞަޙީޙް ބުޚާރީ ، ބާބުއް ނިކާޙް )

ރަސޫލާ ކައިވެނި ބައްލަވައިގަތް ބިކުރުވެރި ހަމައެކަނި އަންހެން ބޭކަނބަލަކީވެސް ޢާއިޝަތުގެފާނެވެ. ޞަޙީޙް ބުޚާރީގެ ނިކާޙް(ކައިވެނި) ބާބުގައި އައިސްފައިވާ ޙަދީޘެއްގައިވެއެވެ.

عَائِشَةَ ‏ ‏رَضِيَ اللَّهُ عَنْهَا ‏ ‏قَالَتْ ‏ قُلْتُ يَا رَسُولَ اللَّهِ أَرَأَيْتَ لَوْ نَزَلْتَ وَادِيًا وَفِيهِ شَجَرَةٌ قَدْ أُكِلَ مِنْهَا وَوَجَدْتَ شَجَرًا لَمْ يُؤْكَلْ مِنْهَا فِي أَيِّهَا كُنْتَ تُرْتِعُ بَعِيرَكَ قَالَ ‏ ‏فِي الَّذِي لَمْ يُرْتَعْ مِنْهَا تَعْنِي أَنَّ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏لَمْ يَتَزَوَّجْ بِكْرًا غَيْرَهَا ‏

މާނައަކީ: ޢާއިޝަތުގެފާނު ރިވާކުރެއްވިއެވެ. އަހަރެން ބުނީމެވެ. " އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނު ވާދީއަކަށް ފައިބާވަޑައިގެންނެވިއިރު، އެތާ އެއްބައި ކައިފައި ހުރި ގަހަކާއި އެއިން އެއްވެސް މިންވަރެއް ނުކައި ހުރި ގަހެއް ފެނިއްޖެނަމަ، ދެގަހުގެ ތެރެއިން ކަލޭގެފާނު ޖަމަލަށް ކާންދެއްވާނީ ކޮން ގަހަކުންތޯއެވެ؟" ރަސޫލާ ހަދީޘްކުރެއްވިއެވެ. "(އަހަރެން ކާންދޭނީ) އެއްވެސް މިންވަރެއް ނުކައި ހުރި ގަހުންނެވެ."

(ތަފްޞީލު ކުރައްވަމުން ރާވީ ވިދާޅުވީ : މި ވާހަކައިން އެކަމަނާ އިޝާރާތް ކުރެއްވީ ރަސޫލާގެ އަނބިކަނބަލުންގެ ތެރެއިން ބިކުރުވެރި ބޭކަނބަލަކީ ހަމަ އެކަނި އެކަމަނާކަމަށެވެ.) (ޞަޙީޙް ބުޚާރީ ، ބާބުއް ނިކާޙް)

ޢާއިޝަތުގެފާނުގެ މާތްކަމަށް އިޝާރާތް ކުރައްވައި ރަސޫލާ ޙަދީޘްކުރައްވަނީ:

قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏كَمَلَ مِنْ الرِّجَالِ كَثِيرٌ وَلَمْ يَكْمُلْ مِنْ النِّسَاءِ إِلَّا ‏ ‏آسِيَةُ امْرَأَةُ فِرْعَوْنَ ‏ ‏وَمَرْيَمُ بِنْتُ عِمْرَانَ ‏ ‏وَإِنَّ فَضْلَ ‏ ‏عَائِشَةَ ‏ ‏عَلَى النِّسَاءِ كَفَضْلِ ‏ ‏الثَّرِيدِ ‏ ‏عَلَى سَائِرِ الطَّعَامِ

މާނައަކީ: ''ފުރިހަމަ ކަމަށް ފިރިހެނުންގެ ތެރެއިން ވަރަށް ގިނަ މީހުން ވާޞިލުވިއެވެ. އަދި އަންހެނުންގެ ތެރެއިން، ފިރުޢައުނުގެ އަންހެނުން އާސިޔާ އަދި ޢިމްރާންގެ ދަރިކަނބަލުން މަރިޔަމް ފިޔަވާ އެހެން ބައެއް ފުރިހަމަ ނުވެއެވެ. އަދި ހަމަކަށަވަރުން، ޢާއިޝަތުގެފާނަށް އެހެން އަންހެނުންގެ މައްޗަށް ލިބިގެންވާ މޮޅުކަމަކީ، ޘަރީދް އެހެން ހުރިހާ ކާއެއްޗަށް ވުރެ މޮޅު ވާ ފަދަ މޮޅުކަމެކެވެ. (ޘަރީދް އަކީ އެއްގަމު މަހާއި ގޮދަން ބޭނުންކޮށްގެން ހެދޭ ވަރަށް މީރު މަޝްހޫރު ކާ އެއްޗެކެވެ. ) (ޞަޙީޙް ބުޚާރީ، ބާބު އަޙާދީޘުލް އަންބިޔާއު)

ޢާއިޝަތުގެފާނަކީ ވަރަށް ރީތި، ޢިލްމުވެރި ބުއްދިވެރި، ހަރުދަނާ ބޭކަނބަލެކެވެ. އެގޮތުން ޢާއިޝަތުގެފާނުގެ ދައްތަ އަސްމާއުގެ ދަރިކަލުން ޢުރުވާ ބިން ޒުބައިރު ވިދާޅުވެފައިވެއެވެ. ''ޢާއިޝަތުގެފާނަށް ވުރެ މޮޅަށް، ބާވައިލެއްވުނު އާޔަތެއް، ފަރުޟެއް، ސުންނަތެއް، ޅެމެއް، ޢަރަބިންގެ ވާހަކަ، ނަސަބު އަދި ބޭސްވެރިކަން، ދެނެވަޑައިގަންނަވާ މީހެއް ނުދެކެމެވެ.''

އަލްޙާފިޡް އައްޛަހަބީ ވިދާޅުވެފައިވާ ގޮތުން ޢާއިޝަތުގެފާނު ރިވާ ކުރެއްވި ޙަދީޘްތަކުގެ ޖުމްލައަކީ ދެހާސް ދުއިސައްތަ ދިހަ ޙަދީޘެވެ. މީގެ ތެރޭގައި ބުޚާރީއާއި މުސްލިމް އިއްތިފާޤުވާ ސަތޭކަ ހަތްދިހަ ހަތަރު ޙަދީޘް ވެއެވެ.

ދޮގުވާހަކަ:

ބަނީ އަލްމުޞްޠަލިޤް ހަނގުރާމައަށް ފަހު މުނާފިޤުން އެކަމަނާގެ އިސްތަށިފުޅުގައި ދޮގު ތުހުމަތު އެޅުވިއެވެ. އަދި މި ކަމުގެ ސަބަބުން ވަރަށް ބޮޑު ހިތާމަފުޅެއްގައި ދުވަސް ތަކެއް ހޭދަ ކުރެއްވިއެވެ. ނަމަވެސް ފަހުން ހަތް އުޑު މަތިން މާތް ﷲ ވަޙީ ބާވައިލައްވައި، ނޫރު ސޫރަތުގައި އެކަމަނާގެ ބަރީއަކަން ބަޔާން ކުރެއްވިއެވެ. މި ވާހަކަ ތަފްޞީލުކޮށް ކިއުމަށްޓަކައި  މި ޞަފްޙާއަށް ދާށެވެ. *

ޢާއިޝަތުގެފާނަށް ލިބިވަޑައިގެންނެވި ޚާއްޞަކަންތައްތައް:

1- އެކަމަނާއަކީ ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ކައިވެނި ބައްލަވައިގަތް ހަމަ އެކަނި ބިކުރުވެރި އަންހެން ބޭފުޅާއެވެ.

2- އެކަމަނާ ފިޔަވައި އެހެން އަނބިކަނބަލެއްގެ ކައިރީގައި ހުންނަވަނިކޮށް، ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަށް ވަޙީ ބާވައިލެއްވިފައި ނުވެއެވެ.

3- ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ އަނބިކަނބަލުންގެ ތެރެއިން، އެކަލޭގެފާނު އެންމެ ބޮޑަށް ލޯބިވެވަޑައިގަތް އަނބިކަނބަލަކީ ޢާއިޝަތުގެފާނެވެ.

4- ކީރިތި ރަސޫލާއަށް ފެނިވަޑައިގަތް ރުއުޔާއެއްގައި މަލާއިކަތް ބޭކަލެއް، ފަށުއި ފޮތިގަނޑެއްގައި ލައްވައިގެން ވަޑައިގަނެ ސޫރަ ދެއްކެވުމަށްފަހު، ﷲ ގެ އަމުރުފުޅަށް ކައިވެނި ކުރައްވަން އެންގެވީ ޢާއިޝަތުގެފާނާއެވެ.

5- ޚަދީޖަތުގެފާނު ފިޔަވައި، އެންމެ ގިނަ ވަގުތު ކީރިތި ރަސޫލާ ހޭދަ ކުރެއްވީ ޢާއިޝަތުގެފާނު އަރިއަހުގައެވެ. އެއީ އުއްމުލް މުއުމިނީން ސައުދާ ބިންތު ޒަމްޢާގެ ދުވަސްތައްވެސް އެކަމަނާ ޢާއިޝަތުގެފާނަށް ހަދިޔާ ކޮށްދެއްވާފައިވާތީއެވެ.

6- ކީރިތި ރަސޫލާ ސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތުމުން، އެހެން އަނބިކަނބަލުންގެ ރުހުން ހޯއްދެވުމަށްފަހު އޮންނެވީ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައެވެ.

7- ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގަތީ، ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައި އޮންނަވަނިކޮށެވެ. އަދި ފަސްދާނުވެޑުވުނީވެސް އެ ކޮޓަރިކޮޅުގައެވެ. އަދި ފަހުން އަބޫބަކުރު، ޢުމަރު ވެސް ފަސްދާނުލެވުނީ މިތާނގައެވެ.

8- ޢާއިޝަތުގެފާނަކީ އަބޫބަކުރުގެފާނުގެ ދަރިކަނބަލަކަށް ވުމަކީ، އެކަމަނާއަށް ލިބިވަޑައިގަތް ބޮޑު ޝަރަފެކެވެ.

9 - ކުށަކުން ބަރީއަކަން ބަޔާން ކުރައްވައި ޤުރުއާނުގައި އާޔަތްތަކެއް ބާވައިލެއްވުނު ހަމަ އެކަނި ބޭފުޅަކީ ޢާއިޝަތުގެފާނެވެ.

އަވަހާރަވުން:

ޢާއިޝަތުގެފާނު އަވަހާރަވީ ކަމަށް ބޮޑަށް ބެލެވެނީ ހިޖުރައިން 58ވަނަ އަހަރުކަމަށެވެ. ނަމަވެސް ބައެއް ފޮތްތަކުގައި 56 ވަނަ އަހަރުގައި ކަމަށްވެސް ބުނެފައިވެއެވެ. ޢާއިޝަތުގެފާނު އަވަހާރަވި އިރު އެކަމަނާގެ ޢުމުރުފުޅަކީ 67 އަހަރުފުޅެވެ. އަވަހާރަވުމުން އެކަމަނާގެ މައްޗަށް ނަމާދު ކުރެއްވީ އަބޫހުރައިރާ ރަޟިޔައްﷲ ޢަންހު އެވެ. އަދި ފަސްދާނުލެވިފައިވަނީ މަސްޖިދުއް ނަބަވީ ކައިރީގައި އޮންނަ "އަލްބަޤީޢް"* އޭ ކިޔޭ މުސްލިމުންގެ މަޤްބަރާގައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.