ހޮނިހިރު20200725

އާކުރެވުނީ: 08:43:52

ޤުރުއާން ކިޔެވުމުގެ އަދަބު

noble_Quranޤުރުއާން ކިޔެވުމަކީ ޝައްކެއްވެސް ނެތް ގޮތުގައި މުސްލިމަކު އޭނާގެ ޘަވާބުގެ ތިލަފަތް ބަރު ކުރުމުގައި، ބޭނުން ކުރެވިދާނެ އެންމެ މުހިއްމު އެއް ވަސީލަތެވެ. އަދި އެންމެ މާތް އެއް އަޅުކަމެވެ. ޤުރުއާނަކީ މާތް ﷲގެ ކަލާމްފުޅެވެ. އިންސާނުންނަށް ހިދާޔަތް ދައްކައިދޭ ފޮތެވެ. އެއިން ކިޔަވާ ކޮންމެ އަކުރަކީ ލިބޭ ދިހަ ޘަވާބު ކަމުގައި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ފޮތަކީވެސް ހަމަ ޤުރުއާނެވެ.

ކޮންމެ ގެއެއްގައިވެސް މުޞްހަފެއް ނުވަތަ ޚަތިމެއް ނުވަތަ ޤުރުއާނެއް ނުވަތަ ތިރީހެއް އޮވެއެވެ.

މިއިން ކޮންމެ ނަމަކީވެސް ހަމަ އެކައްޗަކަށް އަހަރެމެން ކިޔައި އުޅޭ ނަމެކެވެ. ކޮންމެ ގެއަކީވެސް މުޞްހަފެއް އޮންނަ ގެއެކެވެ. ގިނަ ފަހަރަށް ވަރަށް ބައިވަރުވެސް ހުރެއެވެ. ދޭތި ތިނެތި އެހެން ގޮސް ދިހަ މުޞްހަފުވެސް އޮވެދާނެއެވެ. ޝައްކެއްވެސް ނެތް ގޮތުގައި، އެ މުޞްޙަފުން ޤުރުއާން ކިޔަވާނަމަ މިއީ ވަރަށްވެސް ރަނގަޅު ކަމެކެވެ.

ނަމަވެސް ހިތާމައާއި އެކު ބުނަން ޖެހެނީ ބައެއް މުސްލިމުން ޤުރުއާނާއި ދުރަށް ޖެހެމުން ދާކަމެވެ. ކުޑައިރު ނުވަތަ މަދްރަސީ ދައުރުގައި ޤުރުއާނަށް ދެވޭ އަހައްމިއްޔަތުކަން، ބޮޑުމީހުންނަށް ވީމާ ނުދެވެއެވެ. ކުޑައިރު ކޮންމެ ދުވަހަކު މަޣްރިބު ނަމާދާއި ޢިޝާ ނަމާދު ދޭތެރޭގައި ޤުރުއާން ކިޔަވަން، އަހަރެމެންގެ ލޮބިވެތި މައިންބަފައިން އަހަރެމެން ކުޑައިރު އަންގައެވެ. ނަމަވެސް ބޮޑުވީމާ މިކަން ހުއްޓެއެވެ. ދެ ނަމާދު ދޭތެރޭ ކިޔަވަން ޖެހެނީ ކުޑަ ކުދިންނެވެ. ބޮޑެތި މީހުންނެއް ނޫނޭ ހީވާކަހަލައެވެ. ޤުރުއާން ތަޖުވީދަށް ރީތި އަޑަކުން ކިޔަވަން ޖެހެނީވެސް ހަމަ މަދަރުސީ ދައަރުގައިހެން ހީވާކަހަލައެވެ.

އެ ކަމަކު ޙަޤީޤަތަކީ ބޮޑެތި ވީމާ ޢުމުރުގެ ބާކީ ދުވަސްވެސް ދާނީ މަދުވަމުންނެވެ. ވީމާ އެއް ގޮތަކުން ބުނާނަމަ ކިޔަވަން ޖެހޭ މިންވަރު ވެސް ޖެހޭނީ އިތުރުވާށެވެ.

ޤުރުއާނަކީ ﷲގެ ކަލާމް ފުޅަށް ވާހިނދު އެ ކިޔެވުމުގައި ވަކި ޚާއްޞަ އަދަބުތަކެއް ގެންގުޅުމަކީ އެއީ ޝައްކެއްވެސް ނެތް ވަރަށް މުހިއްމު ކަމެކެވެ. މީހަކު ލިޔެފައި އޮންނަ ވާހަކައެއް ކިޔާލާހެން ނުވަތް ފޮތެއް ކިޔަވާލާހެން ޤުރުއާން ކިޔެވުމަކީ، އަހަރެމެން މުސްލިމުން ކުރަން ބޭނުން ކަމެއް ނޫނެވެ. އަދި ދުވަހު ނޫހެއް ގެންގުޅޭހެން ކީރިތި ޤުރުއާން ގެންގުޅުމަކީ ހެޔޮވާވަރުގެ ކަމެއްވެސް ނޫންމެއެވެ. އެގޮތުން މި ލިއުމުގެ ބާކީ އޮތް ބައިގައި މި ގެނެސްދެނީ ޤުރުއާން ކިޔެވުމުގެ ބައެއް އަދަބުތަކެވެ.

* ހިތުގެ އަދަބު

1- ނިޔަތަކާއެކު ޤުރުއާން ކިޔެވާށެވެ. ކުރިމަތީގައި މިއޮތީ ޢާލަމްތައް ހައްދަވައި ބޮޑު ކުރެއްވި މާތްﷲގެ ކަލާމްފުޅުކަން ހަނދާން ކުރާށެވެ. އެފަދަ އެއްޗެއް ކިޔަވާލަން ފުރުޞަތު ލިބި މުސްލިމަކަށް ވުމުގެ މައްޗަށް ޙަމްދު ކުރާށެވެ. ޤުރުއާން ކިޔެވުމަކީ އަޅުކަމެއް ކަމާއި، އަދި އެ ކިޔަވައިގެން އަޅުކަން އަދާކުރުމުގެ އިތުރަށް ދުނިޔެއާއި އާޚިރަތުގައި، ޤުރުއާން ކިޔެވުމުގެ ސަބަބުން ތިމާއަށް ލިބޭ ޘަވާބު އިތުރުވުމަށް އެދި ހުރެ ކިޔަވާށެވެ.

2- ފާފައެއް ކުރެވިފައިވާނަމަ ތައުބާވާށެވެ. ޤުރުއާނަކީ ހިތުގެ ނޫރެވެ. މޫނުގެ އުޖާލާކަމެކެވެ. އަނެއް ކޮޅުން ފާފައާއި ނުބައި ކަމަކީ ހިތުގެ އަނދިރިކަމެވެ. މޫނުގެ ބަނަކަމެވެ. ވީމާ އަލިކަމާއި އަނދިރިކަން އެއީ އެއްތަން ކުރެވޭނެ ދޭއްޗެއް ނޫނެވެ. އަލިކަން ވިއްޔާ އަލިކަން ހުސް އަލިކަން ހޯދާށެވެ. އަނދިރިކަން ވިއްޔާ ހުސް އަނދިރިކަން ހޯދާށެވެ.

އަލިކަމުގެ މޭވާއަކީ ސުވަރުގެއެވެ. އަނދިރިކަމުގެ ނިމުމަކީ ނަރަކައެވެ. ޔަޤީނުންވެސް އަހަރެމެން ބޭނުންވާނީ ފުރަތަމަ ތަނެވެ. ޤުރުއާނަކީ ހިތުގެ އަލިކަމަށް ވާ ހިނދު ، ހިތް އަނދިރިކޮށްދޭ ފާފަތަކާއި ދުރުހެލި ވުމަކީ ކޮންމެހެންވެސް ބޭނުން ކަމެކެވެ. ޤުރުއާން ކިޔެވުމުން ހިތަށް ލިބޭ ހިތްހަމަޖެހުމާއި އޭގެ ފައިދާ ބޮޑަށް ކުރާނީ މި ގޮތުންނެވެ. ލޮލާއި ކަންފަތުން އަދި ދުލުން ފާފަ ކުރާ މީހަކަށް، ޤުރުއާން ދަސްކުރުމަކީވެސް ވަރަށް އުނދަގޫ ކަމެކެވެ. ވީމާ އަހަރެމެން ޤުރުއާނާއި ބޮޑަށް ރައްޓެހިވާން ބޭނުމިއްޔާ ފާފަތައް ދޫކޮށްލަން އެބެޖެހެއެވެ.

3- ޤުރުއާން ކިޔަވަމުންދާއިރު، ރަނގަޅަށް ވިސްނައިގެން އެކަމުގެ ތެރެއަށް ވަދެ ހުރެ ކިޔެވުން އެއީވެސް ހަމަ ނުލާހިކު މުހިއްމު ކަމެކެވެ.

4 - ޤުރުއާނަކީ އެއާމެދު ވިސްނަން ޖެހޭ އެއްޗެކެވެ. ޤުރުއާން ކިޔެވުމުގެ ބޭނުމަކީވެސް އެއީއެވެ. ﷲ ގެ ކަލާމްފުޅާއި މެދު ފިކުރުކޮށް، ޢިބްރަތް ލިބިގަނެ، ރަނގަޅަށް އުޅުނީމާ ދެވެން އޮތް ދާރުގެ އަރާމާއި ފުރިހަމަކަން ހިތަށް ވަދެ، އަދި އޭގެ އިދިކޮޅުގެ އޮތް ހިތާމައާއި ބިރުވެރިކަން ހިތަށް ވެއްދުމަކީ ޤުރުއާން ކިޔެވުމުގެ އެއްބޭނުމެވެ. ހަމަ އެހެންމެ ދީނުގައި މީހާ ޘާބިތުވުމާއި އީމާންކަން ގަދަ ކުރުމަކީވެސް އެއް ބޭނުމެވެ. އަދި ހިތުގައިވާ ޔަޤީންކަން ގަދަވާނީވެސް ތަދުބީރާއެކު ޤުރުއާން ކިޔެވުމުންނެވެ.

5- ޤުރުއާން ކިޔަވަމުން ދާއިރު އެ ބުނާއެއްޗެއް އެގޭނީ ޢަރަބިބަސް އެނގި އަދި ތަފްސީރު އެނގިގެންނެވެ. އެންމެންނަކީ މި ފަދަ ބައެއް ނޫނެވެ. ނަމަވެސް މިއަދު ދުނިޔޭގެ ހުރިހާ މުސްލިމުންގެވެސް ނަސީބު ރަނގަޅު ކަމުން، އެބައެއްގެ އަމިއްލަ ބަހުން ޤުރުއާނުގެ މާނައިގެ ތަރުޖަމާ ލިޔެވިފައި އެބަ ހުއްޓެވެ. އެގޮތުން އަހަރެމެންވެސް ޤުރުއާނުގެ މާނައިގެ ދިވެހި ތަރުޖަމާއެއް ގެންގުޅެވެން އެބަހުއްޓެވެ. އެއް ގޮތަކީ ކިޔަވަމުން ދާއިރު މާނަ ބެލުމެވެ. އަނެއް ގޮތަކީ ވަކިން އެ ބެލުމެވެ.

6- އާޔަތެއްގެ މާނަ އެނގުނީމާ، އަމިއްލަ ނަފްސާމެދު ވިސްނާށެވެ. ތިމަންނައަށް ހަމަ އަސްލުވެސް އުޅެވެނީ މީގައި މި ބުނާހެންތޯ ވިސްނާށެވެ. ތިމާއަށް ގޯސްކޮށް ކުރެވެނީ ކޮންކަމެއްތޯ ވިސްނާ އެކަން ރަނގަޅު ކުރާށެވެ. އެހެން ނޫނީ ކިޔެވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެމީހެއްގެ މިސާލަކީ ޤުރުއާން ސިފަކުރައްވާފައިވާ ގޮތުން ބުރަކައްޓަށް ފޮތްތައް އަރުވާފާ އޮންނަ ހިމާރެއްގެ މިސާލެވެ.

ބޭރުފުށުގެ އަދަބުތައް:

1- ޤުރުއާން ކިޔެވުމުގެ ކުރިން ވުޟޫ ކުރާށެވެ. ވުޟޫނެތި ޤުރުއާނުގައި އަތްލުން ހުއްދަ ނޫންކަމަށް ޖުމްހޫރު ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވައެވެ. ކޮމްޕިއުޓަރެއްފަދަ އެއްޗަކުން ކިޔެވިޔަސް ވުޟޫ މަތީގާ ހުރެ ކިޔެވުން ހެޔޮކަން ބޮޑެވެ.

2- ޤުރުއާން ކިޔަވަން އިށީނުމުގެ ކުރިން، ދަތް އުގުޅާ އަނގަ ސާފުކުރަން އާދަ ކުރާށެވެ. ދަތް އުގުޅުމަކީ ރަސޫލާ ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ސުންނަތެކެވެ. އެގޮތުން ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގައި އޮންނަ ގޮތުން މި އުއްމަތަށް އުދަނގޫ ކަމަކަށް ނުވެދާނެނަމަ، ކޮންމެ ނަމާދެއްގެ ކުރިން ދަތް އުނގުޅަން ރަސޫލާ އަމުރު ކުރެއްވީހެވެ.

3- ޤުރުއާން ކިޔެވުމުގެ ކުރިން އަޢޫޛު ބިސްމި ކިޔާށެވެ.

4- ޤަވާޢިދުން ކޮންމެ ދުވަހަކުވެސް ޤުރުއާން ކިޔަވާށެވެ. ކުޅަދާނަ މިންވަރަކުން އެއިން މިންވަރެއް ހިތުދަސްކުރާށެވެ. އަދި ހިތުދަސްކުރި އެއްޗެއް ހަނދާނުން ފޮހެވުނަ ނުދޭށެވެ.

5- ޤުރުއާން ކިޔަވަން ފައްޓައިފިއްޔާ، މުހިއްމު ބޭނުމަކަށްޓަކައި ނޫނީ އެ މެދު ނު ކަނޑާށެވެ. ކިޔަވަން ހުރެ ކައިރީގާ ތިބި މީހުންނާ ވާހަކަ ދައްކާ ހީ ސަމާސާ ކުރުމަކީ އެއީ ޤުރުއަން ކިޔެވުމުގެ އަދަބާ ޚިލާފު ކަމެކެވެ.

6 - ތަޖުވީދު މަގުން ވީހާވެސް ރީއްޗަށް ކިޔެވޭތޯ މަސައްކަތް ކުރާށެވެ. އަޑުވެސް ރީތި ކުރެވޭތޯ އުޅޭށެވެ.

7- ބިންމަތީގާ ނުވަތަ އިށީނދެ ހުންނަ ތަނުގައި މުޞްޙަފް ނުބާއްވާށެވެ. އަދި އޭގެ މަތީގާ އެއްޗެއް ނުބާއްވާށެވެ.

8 - ސިޓީން ރޫމްގައި ޓީވީ ބަލަން ހުރެ ޤުރުއާން ކިޔެވުމަކީ އެއީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ކިޔަވަން ރަނގަޅު ތަނެއް އިޚްތިޔާރު ކުރާށެވެ. ހަލަ ބޮލި ނޫން، އިށީނދެ އިންނަން ފަސޭހަ ތަނެއް ބަލާށެވެ. އިށީނދެ ހުންނަ ގޮތުން ބުރަކައްޓަށް އަސަރު ކުރެއެވެ. ވީމާ މި ކަމަށް ސަމާލު ވުން މުހިއްމެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.