ހޮނިހިރު20201024

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޤުރުއާން ޤުރުއާނުގެ ހިޔަލުގައި: އައްނާސު ސޫރަތުގެ ތަފްސީރު

ޤުރުއާނުގެ ހިޔަލުގައި: އައްނާސު ސޫރަތުގެ ތަފްސީރު

quran-thfseer-114ނޯޓް:

- އާޔަތްތަކުގެ މާނަ ލިޔެފައި އެވަނީ ޢާއްމުކޮށް ދިވެހި ތަރުޖަމާގައި ހުންނަ ގޮތަށް ލަފްޒީ މާނައެއް ނޫނެވެ. ލިޔެފައިވާނީ އާޔަތުން ދޭހަވާ ތަފްސީރީ މާނައެކެވެ.

- މިއީ އަލްއުސްތާޛު ސައްޔިދު ޤުޠުބު (ރަޙިމަހުﷲ) ލިޔުއްވާފައިވާ 'ފީ ޡިލާލިލް ޤުރުއާނި' ނުވަތަ "ޤުރުއާނުގެ ހިޔަލުގައި"  މި ތަފްސީރުފޮތުގެ ދިވެހި ތަރުޖާމާއެވެ. މި ތަފްސީރުގެ ބައިތައް، އިރާދަކުރެއްވިއްޔާ، ލަހުން ނަމަވެސް، ސިލްސިލާކޮށް ކަވާސާގައި ޖަހާނަމެވެ. އަދި  ވަރަށް އަވަހަށް، ސައްޔިދު ޤުޠުބުގެ ޙަޔާތާ ބެހޭ ލިޔުމެއްވެސް ޖަހާނަމެވެ.

- ފެއްޓޭއިރު އެ ވަނީ އާޔަތްތަކުގެ ތަފްސީރީ މާނައެކެވެ. 'ޤުރުއާނުގެ ހިޔަލުގައި' މި ފޮތުގެ ތަރުޖަމާ އެ ވަނީ ތިރީގައެވެ.

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

قُلْ أَعُوذُ بِرَبِّ النَّاسِ (1) مَلِكِ النَّاسِ (2) إِلَهِ النَّاسِ (3) مِن شَرِّ الْوَسْوَاسِ الْخَنَّاسِ (4) الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ (5) مِنَ الْجِنَّةِ وَ النَّاسِ (6)

قُلْ أَعُوذُ بِرَبِّ النَّاسِ (1)

ކަލޭގެފާނު ވިދާޅުވާށެވެ: ވަސްވާސްތައް ދުރުކުރުމުގެ ކުޅަދާނަކަން ހަމައެކަނި ލިބިވޮޑިގެންވާ، މީސްތަކުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ރައްކާތެރިކަމާއި ހިމާޔަތް، ތިމަންކަލޭގެފާނު ހޯއްދަވަމެވެ.

مَلِكِ النَّاسِ (2)

އެއީ މީސްތަކުންގެ ހުރިހާ ކަމެއް ހިންގަވާ ބަލަހައްޓަވާ، އެކަލާނގެ އެމީހުންނަށް ބޭނުންވެ ވޮޑިނުގަންނަވާ، މީސްތަކުންގެ ވެރި ރަސްކަލާނގެއެވެ.

إِلَهِ النَّاسِ (3)

އެއީ އެކަލާނގެ ފިޔަވާ ޙައްޤު ގޮތުގައި އަޅުކަން ކުރެވޭ އެހެން އިލާހެއް ނުވާ، އެންމެހާ މީސްތަކުންގެ އިލާހެވެ.

مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ (4)

ރައްކާތެރިކަމާއި ހިމާޔަތް އެދެނީ، ޛިކުރުކުރުމުން ފަހަތްޖެހި ފޮރުވި ފިލައިދާ، ޣާފިލުވެއްޖެނަމަ ސިއްރުސިއްރުން ވަސްވާސްދޭ، ޝައިޠާނާގެ ނުބައިކަމާއި ގެއްލުމުންނެވެ.

الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ (5)

އެއީ މީސްތަކުންގެ ހިތްތަކުގައި، ނުބައިކަންތައްތަކާއި ޝައްކު އުފައްދާ ޝައިޠާނާއެވެ.

مِنْ الْجِنَّةِ وَالنَّاسِ (6)
އެ ޝައިޠާނުންނަކީ، ޖިންނީންގެ ތެރެއިންނާއި މީސްތަކުންގެ ތެރެއިން ވާ ޝައިޠާނުންނެވެ.

 

فِيْ ظِلاَلِ القُرْآنِ

ޤުރުއާނުގެ ހިޔަލުގައި

سُورَةُ النَّاسِ - 114

 

މި ސޫރަތުގައި ރައްކާތެރިކަން އެދެނީ، މީސްތަކުން ހައްދަވައި ބޮޑުކުރެއްވި، މީސްތަކުންގެ ވެރި، މީސްތަކުންގެ އިލާހުވަންތަ ރަސްކަލާނގެ ކިބަފުޅުންނެވެ. ރައްކާތެރިވަނީ، ޝައިޠާނުންގެ ގެއްލުމާއި ނުބައިކަމުންނެވެ. އެ ޝައިޠާނުންނަކީ ޖިންނީންގެ ތެރެއިންނާއި އިންސީންގެ ތެރެއިންވާ ބައެކެވެ. އެ މީހުންގެ މަސައްކަތަކީ ނުބައިކަންތައް ކުރުމަށާއި ހިތުގައި ޝައްކު އުފައްދަން ސިއްރު ސިއްރުން މީހުންނަށް ވަސްވާސް ދިނުމެވެ.

ހައްދަވައި ބޮޑުކުރެއްވި، ވެރި، އިލާހުވަންތަ ރަސްކަލާނގެ ކިބަފުޅުން ރައްކާތެރިކަމަށް އެދުމަކީ، ޢާއްމުކޮށް ހުރިހާ ވައްތަރެއްގެ ނުބައި ކަމަކާއި، ޚާއްޞަކޮށް ވަސްވާހުން ރައްކާތެރިވެވޭނެ، ﷲ ގެ މަތިވެރި ސިފަފުޅުތަކެކެވެ.

ފަހެ، 'ރައްބު' (ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ) މި ކަލިމައިން ދޭހަކޮށްދެނީ، ﷲ އަކީ، އިންސާނާ ބޮޑުކުރައްވާ، ބައްލަވާ ގެންގުޅުއްވާ، ޙިމާޔަތް ކުރައްވާ ފަރާތްކަމެވެ. 'މަލިކު' (ވެރި ރަސްކަލާނގެ) މި ކަލިމައިން ދޭހަކޮށްދެނީ، ﷲ އަކީ، ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށް، ބޭނުންވެވޮޑިގަންނަވާ ގޮތަކަށް ކަންތައް ކުރައްވާ، ޙުކުމް ކުރައްވާ، އޭގެ ވެރި ރަސްކަލާނގެ ކަމެވެ. 'އިލާހު' މި ކަލިމައިން ދޭހަކޮށްދެނީ، ﷲ އަކީ، މަތިވެވޮޑިގަންނަވާ، ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗެއް، އެ ކަލާނގެ ބާރުފުޅު ދަށުގައިވާ، އަޅުތަކުން އަޅުކަން ކުރަން ޖެހޭ ހަމައެކަނި ފަރާތް ކަމެވެ.

ވަސްވާހަކީ އޭނާއަށް ނޭނގި ސިއްރު ސިއްރުން ހިތަށް ވަންނަ އެއްޗަކަށް ވާތީ، އެ ދުރުކުރާނެ ގޮތެއް އިންސާނާއަކަށް ނޭނގޭނެއެވެ. ވީމާ، އެކަން ކުރެވޭނީ މި ސޫރަތުގައި ބަޔާންކުރައްވާފައިވާ ސިފަފުޅުތަކުގެ ވެރި، މާތް ރަސްކަލާނގެ އެހީއާއި މަދަދު ލިބިގެންނެވެ.

ހުރިހާ އެއްޗެއް ހައްދަވައި ބޮޑުކުރެއްވީ ﷲ އެވެ. ހުރިހާ އެއްޗެއްގެ ވެރި ރަސްކަލާނގެ އަކީ ﷲ އެވެ.  ހުރިހާ އެއްޗެއްގެ އިލާހަކީ ﷲ އެވެ. ނަމަވެސް މިތާނގައި ވަކިން ޚާއްޞަކޮށް 'މީސްތަކުން' ގެ އޭ އޮތުމުން، ރައްކާތެރިކަމާއި ޙިމާޔަތަށް އެދޭ ވަގުތު، ގާތްކަމުގެ އިޙްސާސެއް މީހުންނަށް ކުރެވޭނެއެވެ.

މި ސޫރަތުގައި، ﷲ ގެ ރަޙްމަތްފުޅުން، އެކަލާނގެ ރަސޫލާ މުޙައްމަދު–ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށާއި އެކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް، މަގުދައްކަވަނީ، ހިތްތަކަށް އެކަލާނގެ މި މަތިވެރި ސިފަފުޅުތައް ގެނެސް،  އެކަލާނގެ ކިބަފުޅުން ރައްކާތެރިކަން އެދި، އެ ކަލާނގެ ޙަޟްރަތާ ކުއްތަންވާނެ ގޮތެވެ. ރައްކާތެރިކަން ހޯދަން މި އުޅެނީ، މަޑުމަޑުން ވަގުވަގަށް ހިތަށް ވަންނަ ނުބައިކަމަކުންނެވެ. ވަސްވާހަކީ މީހާ ހީވެސް ނުކުރާ ފަދައަކުން އައިސް، ރޭކާވެސް ނުލާ ހުއްޓާ އޭނާ ޖަހައިގެން ގެންދާ އެއްޗެކެވެ. ވީމާ، ހައްދަވައި ބޮޑުކުރެއްވި، ވެރި، އިލާހުވަންތަ ރަސްކަލާނގެ މަދަދާއި އެހީތެރިކަން ނެތި، މި ނުބައިކަމުން އަހަރެމެން އަމިއްލައަކަށް ސަލާމަތެއް ނުވެވޭނެއެވެ.

ވަސްވާހުގެ ލަފްޒީ މާނައަކީ: ސިއްރު ސިއްރުން ދައްކާ ވާހަކައެވެ. ޚައްނާސް މި ބަސް ނެގިފައިވަނީ 'ޚުނޫސް' މި ލަފްޒުންނެވެ. މާނައަކީ: ފަހަތްޖެހި ފޮރުވި ފިލުމެވެ. ޚައްނާސް މި ޞީޣާއިން އައިމާ މީގެ މާނައަކީ: ގިނަގިނައިން ފަހަތްޖެހި ފިލައި ފޮރުވޭ އެއްޗެއް ނުވަތަ މީހާއެވެ.

އާޔަތުގައި ފުރަތަމަ އައިސްފައިވަނީ ' الْوَسْوَاسِ الْخَنَّاسِ '  ނުބައިކަންތައް ހިތަށް ގެނެސްދޭ އެތީގެ ސިފައެވެ. ދެން އައިސްފައިވަނީ ' الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ' މީގެ ޢަމަލެވެ. ދެން އޮތީ ' مِنَ الْجِنَّةِ وَ النَّاسِ ' މިއީ ކޮން ބައެއް ކަމެވެ. އެންމެ ފުރަތަމަ މި ނުބައި އެތީގެ ސިފަ އެނގި، ދެން އޭތީގެ ނުބައި ޢަމަލު ކުރާ ގޮތް އެނގުނީމާ، ' الْوَسْوَاسِ الْخَنَّاسِ' އެއީ ކޮން އެއްޗެއްތޯ އަދި އޭގެ ޙަޤީޤަތަކީ ކޮބައިތޯ ދެނެގަތުމުގެ ސަމާލުކަމާއި ޝައުޤުވެރިކަން ވާނީ ހިތުގައި އުފެދިފައެވެ. އަދި އޭރުން އޭނާ ހުންނާނީ، އޭތި އަންނަތޯ ބަލައި ދިފާޢުވާން ތައްޔާރުވެގެންނެވެ.

ވަސްވާސްދޭ މީހާ، މީހުންގެ ހިތްތަކަށް ވަސްވާސް ދެނީ، ވަގުވަގަށް ސިއްރު ސިއްރުން އައިސްކަމާއި، އަދި ވަސްވާސްދެނީ، ފޮރުވިގެން އަންނަ ޖިންނީންނާއި އަދި ހަމަ އެހެންމެ، ޖިންނީން ކަންތަށް ކުރާ ގޮތަށް ވަގުވަގަށް މީހުންގެ ހިތަށް ވަދެ ވަސްވާސްދޭން މަސައްކަތް ކުރާ އިންސާނުންކަން އެނގުނީމާ، ނަފްސު ހުންނާނީ ދިފާޢުވާން ތައްޔާރަށެވެ. މިހާރު އޭނާއަށް ހުންނާނީ، ދުޝްމިނާއި، ދުޝްމިނު ވަންނަ ގޮތާއި، ދުޝްމިނު މަސައްކަތްކުރާގޮތް، އެނގިފައެވެ.

ޖިންނީން ވަސްވާސް ދެނީ ކިހިނެއްކަން، އަހަރެމެންނަކަށް ނޭނގެއެވެ. ނަމަވެސް، މީހުންގެ އުޅުމާއި ޙަޔާތުގައި ކަންތައްތައް ވާގޮތުން، އޭގެ އަސަރު އަހަރެމެންނަށް ފެނެއެވެ. އާދަމުގެފާނާއި އިބިލީހާއި ދެމެދު ހިނގި ހަނގުރާމަ އެއީ  ކިހާ ކުރިއެއްކަން އަހަރެމެން ދަންނަމެވެ. ޠަބީޢަތުގެ ނުބައިކަމާއި، ކިބުރުވެރިކަމާއި، ޙަސަދަވެރިކަމާއި    އިންސާނާއާ މެދު އޮންނަ ނަފުރަތެއްގެ ބޮޑުކަމުން، އިބިލީސް ވަނީ އިންސާނުންނާއި ދެކޮޅަށް ހަނގުރާމަ އިޢްލާން ކޮށްފައިކަން، އަހަރެމެން ދަންނަމެވެ. އިބިލީސް ވަނީ، އަހަރެމެންނާ ޢަދާވާތްތެރިވެ ހަނގުރާމަކޮށް، އަހަރެމެން މަގުފުރެއްދުމުގެ އިޒުނަ، ﷲ ގެ ކިބަފުޅުން ހޯދާފައެވެ. އަދި ﷲ ދެނެވޮޑިގަންނަވާ ޙިކްމަތަކަށްޓަކައި، އިބިލީހަށް އެ އިޒުނަ ވަނީ ދެއްވާފައެވެ. އެކަމަކު މީގެ މާނައަކީ ފަހަރެއްގައިވެސް، ދިފާޢުވާނެ ހަތިޔާރެއް، ޙިމާޔަތްވާނެ ގޮތެއް، ރައްކާތެރިވާނެ ފަދައެއް ނެތި، ﷲ އިންސާނާ ދޫކޮށްލެއްވީއެއް ނޫނެވެ.  ﷲ ވަނީ އީމާންކަން އެއީ ރައްކާތެރިކަމެއް ކަމުގައި ލައްވާފައެވެ. ޛިކުރަކީ ޙިމާޔަތެއް ކަމުގައި ލައްވާފައެވެ. އެކަލާނގެ ރައްކާތެރިކަމަށް އެދުމަކީ ހަތިޔާރެއް ކަމުގައި ލައްވާފައެވެ. ވީމާ، އިންސާނާ އޭނާ އަމިއްލައަކަށް، މި ރައްކާތެރިކަމާއި ޙިމާޔަތާއި ހަތިޔާރު ދޫކޮށްލައިފިއްޔާ، އެއީ އޭނާގެ ފަރުވާކުޑަކަމެވެ. މަލާމާތް ކުރަންވީ އަމިއްލަ ނަފުސަށެވެ.

އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ:
" الشَّيْطَانُ جَاثمٌ عَلَى قَلْبِ ابْنِ آدَمَ فإذَا ذَكَرَ اللهَ تَعَالى خَنَسَ , وإذا غَفلَ وَسوَسَ "
މާނައަކީ: '' އާދަމުގެ ދަރިއާގެ ހިތުގައި ޝައިޠާނާ އޮންނާނީ ޖާގަޖަހައިގެންނެވެ. ދެން ﷲ ހަނދުމަކޮށްފިއްޔާ ފަހަތްޖެހި ފޮރުވި ފިލައިދެއެވެ. އަދި ﷲ ހަނދުމަނުކޮށްފިނަމަ ވަސްވާސްދެއެވެ.''
ދެން، އިންސާނުން ވަސްވާސް ދެނީ ކިހިނެއްތޯ ބަލާއިރު، އެއީ ކިހިނެއްކަން، އަހަރެމެންނަށް ފުދޭވަރަކަށް ބޮޑަށް އެނގެއެވެ. ޝައިޠާނުން ދޭ ވަސްވާހަށް ވުރެ މާ ނުބައި ވަސްވާސް، އިންސާނުން ދޭކަން އަހަރެމެން ދަންނަމެވެ.

ގޯސް އެކުވެރިއާ، އޭނާގެ އެކުވެރިއާގެ ހިތަށް، ހީވެސް ނުކުރާކަހަލަ ގޮތަކަށް، ނުވެސް އެނގި ހުއްޓާ، ނުބައި ކަންތައްތައް ވައްދައެވެ. އެހެނީ އޭނާހުރީ  އިތުބާރުކުރެވޭ 'އެކުވެރި' އެއްގެ ސިފައިގައެވެ. ނުބައި ހަވާސާވެރިންގެ ވަސްވާސްތަކުން، ވެރިންނަކީ އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ޖައްބާރުންނަށް ހަދައެވެ. ދަނޑުފަނގާއި ސޫފި ހަލާކުކޮށް، ބިމުގައި ފަސާދަ ހިންގާ ބަޔަކަށް ބަދަލުކޮށްލައެވެ.

ކުޓުވައި ދެބައޮޑުވާ މީހުން، ވާހަކަ ހަދަހަދައިގެން އޭގެ ތެރެއަށް ފޮނިތޮށިކާފޫރު ލައިގެން، އޭނާ އެ ބުނަނީ އެއްވެސް އޮޅުމެއް ނެތް ޙައްޤު ތެދު ބަސް ކަމަށް ދައްކައެވެ.

އިންސާނާގެ ޣަރީޒާތަކާ ކުޅެގެން، ޝަހުވަތުގެ ދަލުގައި މީހުން ޖައްސަން މަސައްކަތްކުރާ މީހުން ތިބެއެވެ.  ﷲ ގެ މަދަދު ލިބޭ، ހޭލައި އޮންނަ ހިތެއްގެ ވެރިއަކަށް ނޫނީ، މި މީހުންގެ ހެއްލުންތަކުން ސަލާމަތް ނުވެވެއެވެ.

ވަގުވަގަށް އައިސް ވަސްވާސް ދީ، ދަންތުރަތައްޖަހާ މީހުން ބައިވަރެވެ. ވަސްވާހާއި ޖަހަން ބޭނުންވާ ދަންތުރަ ހިތަށް ވައްދާނީ ކިހިނެއް ކަމާއި، ވަންނާނީ ކޮން ދޮރަކުންކަން، އެ މީހުން ދަނެއެވެ. ޙަޤީޤަތުގައި ޖިންނީންގެ ޝައިޠާނުންނަށް ވުރެ ވެސް، މި މީހުން ނުބައިވެފައި އަދި ވަންނަލެއް ވަގެވެ.

ވަންހަނާގައި އަންނަ ވަސްވާސްތައް ދުރުކުރުމަކީ، އިންސާނާ އެކަމަކަށް ނުކުޅެދޭކަމެކެވެ. އެހެންވެ، ނުރައްކާތެރި މި ވަރުގަދަ ހަނގުރާމައިގައި ބޭނުން ކުރާނީ ކޮން ހަތިޔާރެއް ކަމާއި، ދިފާޢު ވާނީ ކިހިނެއް ކަމާއި، ރައްކާތެރިވާނީ ކޮން ފަދައަކުންކަން، ﷲ ވަނީ، މި ސޫރަތުގައި އިންސާނުންނަށް އުނގަންނަވައި ދެއްވާފައެވެ.

'ޚައްނާސް' ގެ ގޮތުގައި 'އަލްވަސްވާސް' ސިފަކުރުމުގެ މުހިއްމު ބޭނުމެއް ވެސް އެބައޮތެވެ. މި ސިފަކުރުމުން އެއްކޮޅުން ދޭހަކޮށް ދެނީ، ޝައިޠާނާ އުޅޭނީ ރަނގަޅު ފުރުސަތަކަށް ބަލަބަލާ ސިއްރުސިއްރުން ފޮރުވިގެން ކަމެވެ. އަދި އަނެއްކޮޅުން ދޭހަވަނީ، ޝައިޠާނާގެ މަކަރުވެރިކަމަށް ހޭލައި ތައްޔާރުވެ، ވަންނާނެ ދޮރުތައް ޙިމާޔަތްކޮށްގެން ހުންނަ މީހެއްގެ ކުރިމަތީގައި އޭގެ ދެރަކަމެވެ. ވީމާ އެއީ ޖިންނި ޝައިޠާނެއް ކަމަށް ވިޔަސް ނުވަތަ އިންސި ޝައިޠާނެއް ކަމަށް ވިޔަސް، ކެރިގެން ކުރިމަތިލައިފިނަމަ، އައިކޮޅަށް އެނބުރި ގޮސް ފޮރުވި ރައްކާވެއެވެ. ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ، ވަރަށް ފުރިހަމައަށް ތަޞްވީރުކޮށްދެއްވާފައިވާ މި ޙަދީޘް ބަސްފުޅުގެ މާނައަކީ މިއެވެ. "فإذَا ذَكَرَ اللهَ تَعَالى خَنَسَ, وإذا غَفلَ وَسوَسَ"
މާނައަކީ: " ﷲ ހަނދުމަކޮށްފިއްޔާ ފަހަތްޖެހި ފޮރުވި ފިލައިދެއެވެ. އަދި ﷲ ހަނދުމަނުކޮށްފިނަމަ ވަސްވާސްދެއެވެ.''

މި ސިފަކުރުން މިހެން އޮތުމުން، ޝައިޠާނުންގެ ވަސްވާސްތަކާ ކުރިމަތިލުމުގެ ހިތްވަރު މުއުމިނާގެ ކިބައިގައި ގަދަވެއެވެ. އެހެނީ، އެއީ ފިލައި ރައްކާވާ އެއްޗެކެވެ. ހަނގުރާމައިގައި މުއުމިނާގެ އަތުގައި ހުރި ހަތިޔާރާއި އާލާތްތަކުގެ ކުރިމަތީގައި ބަލިކަށި އެއްޗެކެވެ.

ނަމަވެސް، އަނެއްކޮޅުން މި ހަނގުރާމައަކީ ނިމުމެއް ނެތް ދިގު ހަނގުރާމައެކެވެ. އެއީ ޝައިޠާނާ އަބަދުވެސް ހުންނާނީ، ހިތަށް ޣާފިލުކަމެއް އަންނަތޯ ބަލަބަލައެވެ. ވީމާ މުއުމިނާ ހުރިހާ ވަގުތެއްގައި  ވެސް ހުންނަން ޖެހޭނީ ހޭލާ ސަމާލުވެގެންނެނެވެ. އެއްފަހަރު ދެފަހަރު ހޭލާހުރުމަކުން ނުފުދޭނެއެވެ. ޤުރުއާނުގެ އެތައް ތަނެއްގައި ސިފަކޮށްދީފައިވާ ފަދައިން، މި ހަނގުރާމައަކީ، ޤިޔާމަތާ ޖެހެންދެން ދެމިއޮންނާނެ ހަނގުރާމައެކެވެ. މި ގޮތުން، އަލްއިސްރާ ސޫރަތުގައި ކުރެވިފައިވާ ޢަޖާއިބުކުރުވަނިވި ސިފަކުރުން ހިމެނެއެވެ.

وَإِذْ قُلْنَا لِلْمَلائِكَةِ اسْجُدُوا لآدَمَ فَسَجَدُوا إِلاَّ إِبْلِيسَ قَالَ أَأَسْجُدُ لِمَنْ خَلَقْتَ طِيناً (61) قَالَ أَرَأَيْتَكَ هَذَا الَّذِي كَرَّمْتَ عَلَيَّ لَئِنْ أَخَّرْتَنِي إِلَى يَوْمِ الْقِيَامَةِ لأَحْتَنِكَنَّ ذُرِّيَّتَهُ إِلاَّ قَلِيلاً (62) قَالَ اذْهَبْ فَمَنْ تَبِعَكَ مِنْهُمْ فَإِنَّ جَهَنَّمَ جَزَاؤُكُمْ جَزَاءً مَوْفُوراً (63) وَاسْتَفْزِزْ مَنْ اسْتَطَعْتَ مِنْهُمْ بِصَوْتِكَ وَأَجْلِبْ عَلَيْهِمْ بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِي الأَمْوَالِ وَالأَولادِ وَعِدْهُمْ وَمَا يَعِدُهُمْ الشَّيْطَانُ إِلاَّ غُرُوراً (64) إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ وَكَفَى بِرَبِّكَ وَكِيلاً (65)

ތަފްސީރީ މާނައަކީ:

61- އާދަމުގެފާނަށް ޤަދަރާއި ސަލާމްކުރުމުގެ ގޮތުން ސަޖިދަކުރާށޭ، ތިމަންރަސްކަލާނގެ މަލާއިކަތުންނަށް ވަޙީކުރެއްވި ހިނދެވެ. އެހިނދު އިބިލީސް ނޫނީ އެހެން އެންމެން ސަޖިދަކުރިއެވެ. ކިބުރުވެރިވެ ސަޖިދަކުރަން ދެކޮޅުހެދުމަށްފަހު، ދެކޮޅުވެރިކަމާއި ކިބުރުވެރިކަމުގެ ގޮތުން އިބިލީސް ބުންޏެވެ: އިބަރަސްކަލާނގެ މަށިން ހައްދަވާފައިވާ، ނިކަމެތި މީހަކަށް ތިމަން ސަޖިދަކުރާނެތޯއެވެ!

62- އަދި ﷲ އަށް ކުފުރުވެ، އަދަބާއި ޖެހިލުންކުޑަވެ އިބިލީސް ބުންޏެވެ: އިބަރަސްކަލާނގެ، ތިމަންނައަށްވުރެ މި އިންސާނާ މާތްކުރައްވައި މަތިވެރި ކުރެއްވީ ކީއްވެގެންކަން އަންގަވައިދެއްވަބައްލަވާށެވެ. ޤިޔާމަތަށްދާންދެން، އިބަރަސްކަލާނގެ ތިމަން ދިރިލަހަށްޓަވައިފިނަމަ، ހަމަކަށަވަރުން ވެސް، އޭނާގެ ދަރިފަސްކޮޅުން، އިޚްލާޞްތެރިކަމާ އެކީ އީމާންވެގެން ތިބި މަދުބަޔަކު ނޫނީ، ދެންތިބި އެންމެންގެ މައްޗަށް ވެރިވެގަނެ ހައްލުވައި ފަސާދަކޮށް މަގުފުރައްދާނަމެވެ.

63- އިބިލީހާއި އަދި އޭނާއަށް ތަބާވާނެ މީހުންނަށް އިންޒާރު ދެއްވަމުން ﷲ ވަޙީކުރެއްވިއެވެ: ތިކުރާ ކަމެއް ކުރަން ކަލޭ ދާށެވެ! ފަހެ އާދަމުގެ ދަރިންގެ ތެރެއިން ކަލެއަށް ތަބާވެ ކިޔަމަންގަންނަ މީހުންނާ ކަލެއާ އެންމެންނަށް ހުރި ޢުޤޫބާތަކީ، ފުރިހަމަވެގެންވާ ޢުޤޫބާތް ހުރި ނަރަކައެވެ.

64- އަދި ތިމަން ރަސްކަލާނގެ އަށް ނުކިޔަމަންތެރިވެ އުރެދެމަށް ގޮވައި ފޯރިދީ، މޮޔަހައްދައިގެން ކަލެއަށް ހެއްލުންތެރިކުރެވުނު ބަޔަކު ހެއްލުންތެރިކުރާށެވެ. އަދި އެމީހުންނާ ދެކޮޅަށް، ކަލޭގެ ނުބައިކަންތަކަށް ގޮވާލާ ލަޝްކަރުގެ އަސްވާރުންތަކާއި، ފައިމަގުގައިވާ ހަނގުރާމަވެރިންތައް އެއްކޮށްގެން ގޮސް ގޮވައި ހަމަލަދީ، ކުރެވުނު ކަމެއް ކޮށްގެން މަގުފުރައްދާށެވެ. އަދި އެބައި މީހުންގެ މުދަލަކީ ޙަރާމްގޮތުގައި ހޯދާ މުދާތަކެއްކަމަށް ހަދައި އަދި ނުބައި ކަންކަމުގައި އެ ހޭދަކުރަން ބައިވެރިވާށެވެ. އަދި  އެބައި މީހުންގެ ދަރިންނަކީ ޒިނޭކޮށްގެން ލިބޭ ދަރިންތަކެއް ކަމުގައި ހަދައި، މަގުފުރެދިފައިވާ އެ ދަރިފަސްކޮޅުގައި ބައިވެރިވާށެވެ. އަދި އާދަމުގެ ދަރިފަސްކޮޅުގެ ތެރެއިން، ކަލެއަށް ތަބާވާ މީހުންނަށް ދޮގު ވަޢްދުތައް ކުރާށެވެ. ފަހެ، ހެއްލުންތެރި ދޮގު ވަޢްދުތަކެއް ނޫނީ ޝައިޠާނާ އެމީހުންނަށް ނުވެއެވެ.

65-  ހަމަކަށަވަރުން ތިމަން ރަސްކަލާނގެއަށް އީމާންވާ އިޚްލާޞްތެރި އަޅުން ހެއްލުންތެރިކޮށް މަގުފުރެއްދުމުގެ ބާރެއް ކަލެއަށް ލިބިގެން ނުވެއެވެ. ޝައިޠާނާގެ ކެހިވެރިކަމާއި ހެއްލުންތެރިކަމުން، މުއުމިންތަކުން ރައްކާތެރިކޮށް ހިމާޔަތްކޮށްދޭން، ކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ފުދެއެވެ. '' ) އާޔަތްތަކުގެ ތަފްސީރީމާނަ ނިމުނީ)

އިބިލީހާއި އާދަމުގެ ދަރިންނާ ދެމެދު ހިނގާ ހަނގުރާމަ މި އޮތީ ވަރަށް ރީއްޗަށް ސިފަވާށެވެ. ހަނގުރާމައިގެ ޠަބީޢަތަކީ ކޮބައިކަމާއި، އިންސާނުން މަގުފުރައްދަން މަސައްކަތް ކުރާ މީހުންނަކީ، އިބިލީހާއި އަދި ޖިންނީންނާއި އިންސީންގެ ތެރެއިންވާ އިބިލީހުގެ ލަޝްކަރު މީހުންކަން އެބަ އެނގެއެވެ. މި ޙަޤީޤަތްތައް އެނގުނީމާ، ހަނގުރާމައިގައި ތިމަންނާ މިހުރީ ބަލިވެ ގޮތް ހުސްވެފައި ނޫންކަން އިންސާނާއަށް އެނގެއެވެ. އެހެނީ، ހުރިހާ ޚަލްޤުތަކެއް ވަނީ، އޭނާ ހައްދަވައި ބޮޑުކުރެއްވި، ވެރި، އިލާހުވަންތަ ރަސްކަލާނގެ ބާރުފުޅު ދަށުގައެވެ. މީހުން މަގު ފުރައްދަން ހަނގުރާމަކުރަން އިބިލީހަށް، ﷲ އިޒުނަފުޅު ދެއްވިއަސް، އިބިލީސް ވެސް ވަނީ އެކަލާނގެ ފުރިހަމަ ބާރުފުޅު ދަށުގައެވެ. އިބިލީހުގެ ބާރުދަށަށް ދާން މާތް ﷲ ދޫކޮށްލައްވަނީ، އެ މީހުން ހައްދަވައި ބޮޑުކުރެއްވި، ވެރި، އިލާހުވަންތަ ރަސްކަލާނގެ ހަނދުމަނުކުރާ މީހުންނެވެ. އެކަމަކު އެކަލާނގެ ހަނދުމަކުރާ މީހުން ވަނީ، އިބިލީހުގެ ނުބައިކަމާއި، ދޭ ވަސްވާސްތަކުން ރައްކާތެރިވެފައެވެ. ވީމާ، ހެޔޮކަންތައްތަކަށް މަދަދާއި ވާގިދެއްވާ ފަރާތަކީ، ހުރިހާ ބާރެއް ލިބިވޮޑިގެންވާ ﷲ އެވެ. ހައްދަވައި ބޮޑުކުރެއްވި، ވެރި، އިލާހުވަންތަ ރަސްކަލާނގެއެވެ. ނުބައި ކަންތައްތަކަށް މަދަދާއި ވާގި ދޭ ފަރާތަކީ ފަހަތްޖެހި ފޮރުވި ފިލައިދާ އިބިލީހެވެ. އެއީ މައިދާނުގައި ކުރިމަތިލާން ފިނޑި މީހެކެވެ. ބައްދަލުވާ ވަގުތު ފަހަތްޖެހި ފިލައިދެއެވެ. ﷲ ގެ ރައްކާތެރިކަމުގެ ދަހަނާ އަޅައިގެން ހަނގުރާމަކުރާ މީހާ އަތުން ނިކަން ފަސޭހައިން އޭނާ ބަލިވެއެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި މިއީ، ހެވާއި ނުބައިގެ ދެމެދުގައި އޮތް ހަނގުރާމައިގެ ވަރަށް ފުރިހަމަ ތަޞައްވަރެކެވެ. އަދި މި ތަޞައްވަރަކީ، ހަނގުރާމައިން ބަލިވެއްޖެ ކަމަށް ހީކޮށް މާޔޫސްވުމުން، ސަލާމަތްކޮށްދީ ހިތަށް ބާރާއި އިތުބާރާއި ހަމަޖެހުން ލިއްބައިދޭ ތަޞައްވަރެކެވެ.

ފެއްޓުމާއި ނިމުމުގައި ވެސް ޙަމްދު ހުރީ ﷲ އަށެވެ. އަދި ތައުފީޤާއި އިތުބާރު ލިބިގަންނަނީ ވެސް އެކަލާނގެ ކިބަފުޅުންނެވެ. އެހީތެރިކަމާއި މަދަދަށް އަހަރެމެން އެދެނީ ވެސް އެކަލާނގެ ކިބަފުޅުންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.