އަންގާރަ20181113

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޤުރުއާން ކިރިތި ޤުރުއާން: އަބަދަށް ދެމިގެންވާ، މިއުއްމަތުގެ މުޢުޖިޒާތް-1

ކިރިތި ޤުރުއާން: އަބަދަށް ދެމިގެންވާ، މިއުއްމަތުގެ މުޢުޖިޒާތް-1

g_s1ކީރިތި ޤުރުއާނަކީ ފޮތެއްގެ ސިފައިގައި އަހަރެމެންނަށް ފެންނަން އޮތަސް އެފޮތެއްކިޔެވުމުން ނުވަތަ މީހަކުކިޔަވާއަޑު އެހުމުން އެކަނިވެސް ޘަވާބުލިބޭ، ދުނިޔޭގައިވާ އެއްވެސް ފޮތެއް، ނުވަތަ އެހެންހުރިހާ ފޮތެއް އެއްކުރިޔަސް އެއާއި އެއްފަދަ ނުކުރެވޭނެ އެއްޗެކެވެ. އެކިދުވަސްވަރު، އެއިރެއްގެ މީހުންގެ ވިސްނުމާއި ޢިލްމު ކުރިއަރާފައިވާ މިންވަރަކުން ތަފްސީރު ކުރެވެމުން އޭގައި ހިމެނޭ ޢިލްމީ ޙަޤީޤަތްތައް ފާޅުވަމުން އައިސްފައިވަނީ

އެއީމާތްﷲގެ ބަސްފުޅުކަން އެންމެހައި މަޚްލޫޤު ތަކުންނަށް ޘާބިތުކޮށް ދެމުންނެވެ. ކީރިތިޤުރުއާނަކީ ފުރިހަމަ ފޮތެއް ކަމުގައި ވީނަމަވެސް އެއީ މާތްﷲގެ ހުރިހާ ކަލާމްފުޅެއް ނޫނެވެ. ބައެއްކަންތައް ތަފްޞީލްކޮށް ބަޔާން ކުރައްވާފައި ވާއިރު އަނެއްބައި ކަންތަކަށް ހަމައެކަނި އިޝާރާތެއް ކުރައްވާފައި ވެއެވެ. މާތްﷲ ކީރިތިޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިމަން ﷲ މިފޮތުގައި ނުހިމަނުއްވާ އެއްވެސް އެއްޗެއް ދޫނުކުރައްވަމެވެ" އަދިއެހެން އާޔަތެއްގެ މާނައިގައި ވެއެވެ "ކަލޭގެފާނު ވިދާޅުވާށެވެ. ކަނޑަކީ މާތްﷲގެ ކަލިމަފުޅުތައް ލިޔެވޭ ދެލިކަމުގައިވާނަމަ އެކަލިމަތަކަށްވުރެ ކުރިން ކަނޑު ހުސްވާނެއެވެ. އަދިހަމަ އެވަރުގެ އިތުރު ކަނޑެއް އޭގެތެރެއަށް އެއްކުރިކަމުގައި ވިޔަސްމެއެވެ." (18:109)

ޤުރުއާނުގެ ތެދުކަން ޘާބިތުވާ އެތަކެއް ހެކިތަކެއް ކީރިތި ރަސޫލާ ދުނިޔޭގައި ހުންނަވަނިކޮށް އަދިސުވަރުގެ ވަޑައިތުމަށްފަހު ޞަޙާބީންގެ ދުވަސްވަރު ވެސް ފާޅުވެފައި އެބަހުއްޓެވެ. އޭގެތެރޭގައި މައްކާ ފަތަޙަކުރެއްވުމުގެ 2އަހަރު ކުރިން އެކަން އެހެން ހިނގާނެކަން ވަޙީކުރެއްވުން، އަބޫލަހަބް މަރުވުމުގެ 10 އަހަރު ކުރިން އޭނާ އިސްލާމް ނުވާނެކަން ވަޙީކުރެއްވުން އަދި މިޒަމާނުގައިނަމަ އެމެރިކާ ފަދައިން އޭރުއޮތް އެހެން ޤައުމުތަކާ އަޅާނުކިޔޭނެ ދެޤައުމުކަމުގައިވާ "ފާރިސްކަރަ" އާއި"ރޯމް" ހަނގުރާމަކޮށް ފާރިސްކަރަ ގަދަވެ ރޫމް ބަލިކުރުމުން، މަދުއަހަރުތަކެއްގެ ތެރޭގައި ރޫމްމީހުން ފާރިސްކަރަބަލިކޮށް އެކަމާ އިސްލާމުން އުފާކުރާނެ ވާހަކަތަކަކީ ޤުރުއާނުގައި ބަޔާންކުރެވުނު ގޮތާއި އެއްވެސް ޚިލާފެއްނެތި، ހިގާފައިވާ ކަންތައްތަކެއްކަން ތާރީޚުން ޘާބިތުވެއެވެ. އަދިވެސް މިފަދަ އެތައް އެތައް ކަމެއް ހިގުމުގެ ނުވަތަ އެކަމެއް ހިގާނެކަން ނުވަތަ ހިގާފައިވާކަން އިންސާނުންނަށް އެގުމުގެ ޒަމާންތަކެއް ކުރިން ޤުރުއާނުގައި ބަޔާން ކުރެވިފައިވާ ގޮތަށް ހިގަމުން، ބައެއްކަންތައް ހިގާނެ ނުވަތަ ހިގާފައިވާކަން ދަނީ މީހުންނަށް އެގެމުން، އެފޮތަކީ އެއްކައުވަންތަ މާތްﷲގެ ކަލާމްފުޅުކަން ޘާބިތުވަމުންނެވެ.

ކީރިތި ޤުރުއާނުގައި އިޝާރާތެއް ކުރެއްވުމަށްފަހު އިންސާނުންގެ ސިކުނޑި އެކަންތަކަށް ތައްޔާރު ވުމުން، ޢިލްމީ ހޯދުން ތަކުންވެސް ޤުރުއާނަކީ ކުޅަދުންވަންތަ ފަރާތަކުން ބާވާލައްވާފައިވާ ފޮތެއްކަން ޘާބިތު ކުރެއްވުމަށް ޓަކައި މާތްﷲ ޤުރުއާނުގައި ލެއްވި ބައެއް ސިއްރުތައް ދުވަހުން ދުވަހަށް ދަނީ ފާޅުވަމުންނެވެ. ޤިޔާމަތާ ހަމަޔަށް ވެސް އިންސާނުންގެ ސިކުނޑި ތަރައްޤީ ވީވަރަކުން މުއުމިނުންގެ އީމާންތެރިކަން ގަދަކުރާނެ އާލާތެއްކަމުގައި މިއުއްމަތުގެ މުޢުޖިޒާތް ވެގެންދާނެއެވެ. މުސްލިމުންނަށް އެކަންޏެއްވެސް ނޫނެވެ. މާތްﷲ އަށް އީމާންނުވާ، ކީރިތި ޤުރުއާން ޤަބޫލުނުކުރާ ކާފަރުންނަށް ގޮން ޖަހަމުންވެސް މެއެވެ. އެކަލާނގެ ކީރިތިޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ، ތިޔަބައިމީހުންގެ ޙާލާއިމެދު ބުނެބަލާށެވެ، ޤުރުއާންބާވައިލެއްވެވީ މާތްﷲގެ ޙަޟްރަތުންކަމަށްވާހިދު ދެން ތިޔަބައިމީހުން (ދަލީލަކާއިނުލައި) އެއަށްއީމާންނުވެ ކާފިރުވުމަށްފަހު އޭގެޙައްގުފާޅުވުމުން އެއަށް އީމާންވެ ޚިލާފުވި މީހުންނަށްވުރެ ބޮޑަށް މަގުފުރެދިގެންވާބަޔަކީ ކޮންބައެއްހެއްޔެވެ. ތިމަންﷲގެ ޤުދުރަތްތެރިކަމުގެ ފުރިހަމަކަމުގެ ދަލީލުތައް ކައުނުންނާއި އެބައިމީހުންގެ އަމިއްލަ ނަފްސުތަކުން، އެކަލާނގެ ފޮނުއްވެވިދީނަކީ ޙައްގުދީންކަން އެގިއްޖައުމަށްދާންދެން އެބައިމީހުންނަށް ދައްކަވާހުށީމެވެ، އެކަލާނގެ ހުރިހާކަމަކަށް ހެކިވެވޮޑިގެންނެވުމުން، ކަލޭގެފާނަށް ނުފުދެނީހެއްޔެވެ." (41: 52،53) މިއާޔަތުގައި މިވާފަދައިން މިހާތަނަށް ފާޅުވެފައިހުރި އަޖައިބުކުރުވަނިވި ބައެއް ކަންތައް ފާހަގަކޮށްލާނަމެވެ.

1- ފިނިފެންމަލެއްގެ ސިފައިގައި ތަރިގޮވުން:

g_s1

އެމެރިކާގެ ޖައްވީ އިދާރާ، ނޭޝަނަލް އެއިރޮނޮޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) ގެ ސްޕޭސް ޓެލެސްކޯޕަކުން ނަގާފައިވާ، 3000 އަލިއަހަރު ދުރުގައި އަދަމުންދާ ތަރިއެއްގެ ފޮޓޯ "ކެޓްސް އައި ނެބިއުލާ"

ކީރިތި ޤުރުއާނުގައި ތަރި(އުޑުގެ ބައެއް) ގޮވައިގެންދާ މަންޒަރު ސިފަކުރައްވަމުން އައްރަޙްމާން ސޫރަތުގައި މާތްﷲ ވަޙީކުރައްވަނީ "އުޑު ފަޅައިގެންދާއިރު ފިނިފެން މަލެއް ސިފަވެގެން ދާނެއެވެ. ފަހެ ތިޔަދެބައި މީހުން ދޮގުކޮށް އިންކާރު ކުރަނީ ﷲގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކަންތަކެއް ހެއްޔެވެ"

(55:37،38) ނާސާއިން މި މަންޒަރު ސިފަކޮށްފައިވަނީ ބުޅަލުގެ ލޮލާއެވެ. ފަހަރެއްގައި އެކަހަލަ ސިފައެއްވެސް ޚިޔާލަށް ގެނެވިދާނެއެވެ. ނަމަވެސް ކީރިތި ޤުރުއާނުގައި ދެއްވާފައިވާ ނަން "ފިނިފެންމާ" ބޭނުން ކޮށްގެން މިއަށް ފިނިފެންމާ ނެބިއުލާ ނުވަތަ "ރޯޒް ނެބިއުލާ" ގެނަމުން ނަންދީފިނަމަ ފެންނަ މަންޒަރާއި މާގުޅޭނެއެވެ. ތަރިއެއް ގޮވައިގެން ދާއިރު ފިނިފެން މަލެއް ސިފަވެގެންދާނެކަން މީގެ1400 އަހަރު ކުރިން މީހަކަށް ބުނެދޭނީކިހިނެއްތޯއެވެ. ޖައްވީއުޅަނދު ކީއްކުރަންތޯއެވެ؟ ރާޑަރ އާއި ޓެލެސްކޯޕްވެސް އުފެދިގެން މިއުޅެނީ ޤުރުއާން ބާވައި ލެއްވުނުއިރާ އަޅާބަލާނަމަ އިހަކަށް ދުވަހުނޫންތޯއެވެ. އިންސާނުންނަށް އިރުހަނދާއި ތަރިތަކުގެ މަޢުލޫމާތު ރަގަޅަށްލިބި، ޤަބޫލު ކުރެވޭވަރަށް މީހުންގެ ސިކުޑިތައް ތަރައްޤީ ވުމުން އެއާޔަތުގެ ތަފްޞީލް ފާޅުވެ ހާމަވީ ޤަބޫލުކުރަން ބޭނުން ނޫންމީހަކަށް ވެސް "އެއީ ދޮގެކޭ" ބުނަން ނުކެރޭހާ ފާޅުކޮށެވެ.

("ކެޓްސް އައި ނެބިއުލާ" http://antwrp.gsfc.nasa.gov/apod/ap991031.html ނާސާގެ ސައިޓްގައި)

2- ބިން ހިފެހެއްޓުމަށް އަބުތަކެއްފަދައިން ފަރުބަދަލެއްވުން:

(78: 6،7) "ފެތުރިފައިވާ ތަންމައްޗެއް ކަމުގައި ތިމަންﷲ ބިން ނުލައްވަންހެއްޔެވެ. އަދި ފަރުބަދަތައް އެއީ ބިމަށް ހަރުކުރެވިފައިވާ އަބުތަކެއް (ކަޑަތަކެއް) ކަމުގައި ތިމަންﷲ ނުލައްވަންހެއްޔެވެ." މާތްﷲ ޤުރުއާނުގައި މިފަދައިން ވަޙީ ކުރެއްވި ނަމަވެސް އޭރުގެ މީހުންނަށް ފަރުބަދަތައް ފެންނާނީ އަދި ޤަބޫލުވެސް ކުރެވިފަ އޮންނާނީ ފަރުބަދަ ތަކަކީ ބިންމަތީގައި ބެހެއްޓިފައިވާ އެއްޗެއްގެ ގޮތުގައެވެ. ނުވަތަ ކުޑަތަންކޮޅެއް ވަޅުލެވިފައި ވީނަމަވެސް ފެންނަން އެހުންނަ ފަރުބަދައިގެ ބޮޑުބައިވާނީ ބިމުއަޑީގައި ކަމަކަށް ހިތަކަށްވެސް ނާރާނެއެވެ. ނަމަވެސް ޙަޤީގަތަކީ، ފަރުބަދައިގެ ބޮޑުބައިވަނީ ބިންގަޑު ހިފެހެއްޓުމަށްޓަކައި ބިމުގެއަޑީގައި ކަމެވެ. 1977އިން 1981 އަށް އެމެރިކާގެ ރައީސަކަށްހުރި ޖިމީކާރޓަރގެ ސައިންޓިފިކް ލަފާދާރު، ޕްރޮފެސަރ އެމެރިޓަސް ފްރޭންކް (Professor Emeritus Frank)ގެ "އާތު" (Earth) މިފޮތަކީ ދުނިޔޭގެ ވަރަށްގިނަ ޔުނިވަރސިޓީތަކުގައި ރިފަރެންސެއްގެ ގޮތުން ބޭނުންކުރާ ފޮތެކެވެ. 12އަހަރު ވޮޝިންޓަންގެ ނޭޝަނަލްއެކަޑަމީއޮފް ސައިންސްގެ ރައީސްކަންކޮށްފައިވާ ޕްރޮފެސަރ ފްރޭންކްގެ ފޮތުގައި ވާގޮތުން ފަރުބަދައިގައި މޫތަކެއްވެއެވެ. ބިމުން މައްޗަށް ފެންނަން މިހުންނަނީ މުޅިފަރުބަދަޔަށް ބަލައިފިނަމަ ވަރަށްކުޑަ ތަންކޮޅެކެވެ، އާދެ! އަބެއްގެ ނިސްބަތުން އޭގެބޮލާ އެއްވަރުގެ ތަންކޮޅެކެވެ.

g_s2

ދުނިޔޭގައިވާ އެންމެ އުސް ފަރުބަދަ ތަކުގެތެރޭގައި ގުނާލެވޭ މައުންޓް އެވަރެސްޓްގެ އުސްމިނަކީ 8850މީޓަރ (8.85 ކިލޯމީޓަރ) ކަމަށްވާއިރު އޭގެބިމުއަޑިޔަށް ގޮސްފައިވާބުޑުގައި 135 ކިލޯމީޓަރ ހުރެއެވެ. އަދިއެނޫން ބައެއްފަރުބަދައިގެ ސިލްސިލާތަކުގެމޫ 60އާއި 70 ކިލޯމީޓަރ އަޑިޔަށް ގޮސްފައިވެއެވެ. ޢާންމުގޮތެއްގައި ބިމުން މައްޗަށް ފަރުބަދައިގެ ފެންނަން ހުންނަބައިގެ 10 ނުވަތަ 15ގުނަ އަޑިޔަށް ހުރެއެވެ. ދުނިޔެ ކުކުޅުބިސްބުރަށް އޮތުމުން އީކުއޭޓަރއިންބަލާއިރު (ދުނިޔޭގެ ހުރަހަށް ބިމުގެ އެއްފަރާތުން އަނެއްފަރާތަށް) ބިމުގެޑައިމީޓަރަކީ 12756ކިލޯމީޓަރެވެ. ދިގަށް (އުތުރުޕޯލް އިން ދެކުނުޕޯލްއަށް) ބަލާނަމަ 12720ކިލޯމީޓަރ ހުރެއެވެ. ބިން މިގޮތަށް އުފައްދަވާފައިވާއިރު ބިންގަޑު ހިފެހެއްޓެވުމަށް ދޭތެރެ ދޭތެރެއިން ފުނަށް އެތައް ކިލޯމީޓަރެއްގެދިގު އަބުތަކެއް މާތްﷲ ވަނީޖައްސަވާފައެވެ. ބިމާބެހޭ ދިރާސާތައް ކުރައްވާ ސައިންސްވެރިން (ޖިއޮލޮޖިސްޓުން) ވަނީ ފަރުބަދައިގެ ފެންނަންހުންނަ ބަޔަށްވުރެ އެތައްގުނައެއް ބިމުގެއަޑިޔަށް ގޮސްފައިވާކަން ސާބިތުކޮށްދީފައެވެ. ބިމަށް ރަގަޅަށް ހަރުލާގޮތަށް ޖެހިފައި ހުންނަ އަބުގެ ފެންނަންހުންނަ ބަޔަށްވުރެ އެތަށްގުނައެއް އަޑިޔަށް ހުންނަ ފަދައިންނެވެ. ވީމާއެގޮތަށް ހުންނައެއްޗެއް ސިފަކުރުމަށް އެންމެރަނގަޅު ލަފްޒުން ޤުރުއާނުގައި ފަރުބަދަ ސިފަކުރެވިފައިވާކަމީ އެތަކެތިއުފެއްދެވި، އޭގެސިއްރުތައް އެންމެމޮޅަށް ދެނެވޮޑިގެންވާ މާތްﷲ ބާވައިލެއްވި އެކަލާގެ ވަޙީބަސްފުޅު ކަމާމެދަކު ޝައްކެއްނެތެވެ.

g_s3

ޖިއޮލޮޖީގެ ތާރީޚަށްބަލާއިރު ފަރުބަދަތަކުގައި މިފަދަ މޫތަކެއް ހުންނަކަން ސާބިތުވެފައިވަނީ 19ވަނަޤަރުނުގެ މެދުތެރޭގައެވެ. ނަމަވެސް 7ވަނަ ޤަރުނުގައި ޤުރުއާންބާވައިލެއްވުނުއިރު އައްނަޙްލު ސޫރަތުގެ 15ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ. "ތިޔަބައިމީހުންނާއިގެން ހެލިފެލި ގެންފާނޭ ކަމަށްޓަކައި، ބިމުގައި ހަރުލައި ހުންނަފަރުބަދަ އެކަލާގެ ލެއްވިއެވެ. " (16:15) ބިމުގެ ފަށަލަތަކުގެ ދިރާސާތައް ކުރައްވާ ޢިލްމުވެރިންގެ ފަހުގެ ތިޔަރީތައް ބުނާގޮތުން ބިންގަޑު ހަމަޖެއްސައިދޭ އަދިދުނިޔެ މިއޮންނަގޮތަށް ހިފަހައްޓައިދޭ އެއްޗަކީ ފަރުބަދަތަކެވެ. ފަރުބަދަތަކުގެ މިމުހިންމު ދައުރު ޢިލްމުވެރިންނަށް އެގިފައިވަނީ 1960ގެ އަހަރުތަކުގެ ތެރޭގައެވެ. ޤުރުއާން ބާވައިލެއްވުނު ދުވަސްވަރު އެއްވެސް މީހަކަށް ފަރުބަދަ ތަކުގެ އަސްލު ސިފައާއި އޭގެބޭނުން އެގޭނެބާވައެވެ؟ މިހާރުގެ ސައިންސްވެރިން އެބުނާފަދައިން، ކުރިމަތިން ފެންނަން އެހުންނަ ބިޔަ"ފަރުބަދަ"އިގައި އޭގެ އެތަށްގުނައެއްގެ ދިގު މުލެއް (ނުވަތަ މޫތަކެއް) އެތައްހިސާބެއް ދުރަށް ފެތުރިފައި ހުރެދާނެކަމަށް ޚިޔާލު ކުރެވޭނެ ހެއްޔެވެ؟ ގިނަ ފޮތްތަކުގައި ފަރުބަދައިގެ ވާހަކަ އައިސްފައިވާއިރު ހުންނަނީ ބިމުންމައްޗަށް ފެންނަން ހުންނަބައިގެ ވާހަކައެވެ. އޭގެ ބިޔަވާހަކައާއި ވަރުގަދަކަމުގެ ވާހަކައެވެ. އެއިން އަންގައިދެނީ އެއީޢިލްމީހޯދުން ތަކަށްވުރެ ފެންނަން ހުންނަތަންކޮޅުގެ މައްޗަށްބުރަވެ ލިޔެވިފައިހުންނަ ލިޔުންތަކެއް ކަމެވެ. ނަމަވެސް ފަރުބަދަތައް އުފެދިފައިވަނީ މާތްﷲ ކީރިތިޤުރުއާނުގައި ސިފަކުރައްވާފައިވާ ގޮތަށްކަން ޢިލްމީހޯދުންތަކުން މިވަނީ ސާބިތުވެފައެވެ.

3- ބިންހެލުމާއި ފަރުބަދަގޮވުން:

ޒަލްޒަލާސޫރަތުގެ ފުރަތަމަ ދެއާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "ބިންގަޑު ހެލިގަތުމަކުން ހެލިގެންފި ހިނދެވެ. އަދި އެބިންގަނޑުގެ ބުރަތައް އެބިންގަނޑު ނެރެލައިފިހިނދެވެ." މިއީ މުއުމިނުންގެ ހިތްތަކަށް އަސަރުކުރުވާ، ޤިޔާމަތްދުވަހުގެ މަންޒަރު ސިފަކުރެވިފައިވާ، ނުބައިމީހުންނަށް ބިރުވެރިދުވަހެއް އަދިތަޤުވާވެރިންނަށް ދެވަނައެއްނުވާވަރުގެ އުފާވެރިދުވަހެއްގެ ވާހަކަ އައިސްފައިވާ ސޫރަތެއްގެ ފެށުމެވެ. ސޫރަތް ފެށިފައިމިވަނީ މިދުނިޔޭގައި އިންސާނުން ތަޖުރިބާކޮށްފައިވާ ބިންހެލުމާއި އަލިފާންފަރުބަދަ ގޮވުމުގެވާހަކައިންނެވެ. މިދެކަންތައް ހިގުމުގައި ގުޅުމެއް ވާކަން މިހާރުގެ ސައިންސްވެރިންވަނީ ސާބިތުކޮށްދީފައެވެ. ބިމަށް އަންނަ ބަދަލުތަކަށް ބަލައިގެން ބިންހެލުމެއް އައުމުގެކުރިން އެބައަންނަކަން އެގޭކަހަލަ އެއްޗެތި މިހާރުވަނީއުފެއްދިފައެވެ. ވޭތިވެދިޔަ 200އަހަރު ތެރޭގައި އައިސްފައިވާ ބިންހެލުންތަކާއި ގޮވާފައިވާ ފަރުބަދަތަކުގެ ދިރާސާތައް ދައްކާގޮތުގައި ބިންހެލުމާއި ފަރުބަދަގޮވުމަކީ ވަރަށްބޮޑަށް ގުޅުންހުރި ދެކަމެވެ.

މިސޫރަތުގެ ދެވަނައާޔަތުގައި ދެންއޮތްވާހަކައަކީ އަދި މާބޮޑަށް ފާޅުވެފައިވާ ކަމެކެވެ. ބިންއުފެދިފައިވާގޮތާއި ބިމުގައި ހިމެނޭ މަޢުދަން ތަކަށް ބަލާލުމުން މިކަން ވަރަށް ރަގަޅަށް ސާބިތުވެއެވެ. ބިމާއިބެހޭ ދިރާސާތައް ކުރައްވާ ސައިންސްވެރިން ބިމުގެ ފަށަލަތައް ތިންބަޔަކަށް ބަހާފައިވެއެވެ. އެއީ އެކިބައިތަކުގެ ކެމިކަލްތަކާއި ހޫނުމިނުގެ ތަފާތުތަކަށް ބަލާފައެވެ. އަދި އެ ތިންބައިވެސް އިތުރު ބައިތަކަކަށް ބަހާލެވިފައި ވެއެވެ. މިދެންނެވި ބައިތަކަށް ކުރުގޮތަކަށް ބަލާލާނަމެވެ.

ބޭރުފަށަލަ: (Crust) ހިކިފަސް 0 އިން 50 ކިލޯމީޓަރ އާއިހަމަޔަށް، އޭގެތެރެއިން މޫދުތަކާއި ކޯރުފަދަ ތަންތަން 0 އިން 10 ކިލޯމީޓަރ އާއިހަމަޔަށް ދެއެވެ. މިބައިގެ ހޫނުމިން ސުމަކުން ފެށިގެން އަޑިޔަށްދާވަރަކަށް ހޫނުގަދަވެ މިބައި ނިމޭއިރު ހުންނަނީ 870 ޑިގްރީސެލްސިއަސްގައެވެ.

މެދުބައި: (Mantle) މިބައިގެ ބޯމިނަކީ 2885 (2900) ކިލޯމީޓަރއެވެ. (ބޭރުބައި: 10މީޓަރުން ފެށިގެން 400 ކިލޯމީޓަރއާއިހަމަޔަށް، މެދުބައި: 400 މީޓަރުން ފެށިގެން 650 ކިލޯމީޓަރއާއިހަމަޔަށް އަދިއެތެރެބައި: 650 ކިލޯމީޓަރުން ފެށިގެން 2890 ކިލޯމީޓަރއާއިހަމަޔަށް) މިބައިގެ ހޫނުމިން 078 ޑިގްރީއިންފެށިގެން އެންމެ އަޑިޔަށްދާއިރު 3700ޑިގްރީ ސެލްސިއަސް ހުރެއެވެ.

އެތެރެބައި: Core) މިބައިގެ ބޯމިނަކީ 3480 (3500) ކިލޯމީޓަރއެވެ. (ބޭރުބައި: 2890 ކިލޯމީޓަރުން ފެށިގެން 5150 ކިލޯމީޓަރއާއިހަމަޔަށް، އެތެރެބައި: 5150 ކިލޯމީޓަރުން ފެށިގެން 6370 ކިލޯމީޓަރއާއިހަމަޔަށް) މީގެތެރެއިން ބޭރުބައިގެ ހޫނުމިން 3700 ޑިގްރީއިންފެށިގެން 4300 ޑިގްރީ ސެލްސިއަސް ހުރެއެވެ، އަދި އެތެރެބައިގައި 4300 ޑިގްރީ އިންފެށިގެން 7200 ޑިގްރީސެލްސިއަސް ހުރެއެވެ. މިބައިގައި ހިމެނޭ މާއްދާ ތަކަކީ ދަގަނޑާއި ނައިކަލްއެވެ. އެތެރެބައިގެ ޕްރެޝަރ މަތިކަމުން (ކޮންމެ ކޮޑިސެންޓިމީރަކަށް 13ގްރާމް) ހުރެއެވެ. މިބައިގެ މަޢުދަންތައް ހަރުކޮށް ހުންނައިރު، ބޭރުބައިގެ މަޢުދަންތައްވަނީ ދިޔާކޮށެވެ. ބޭރުބައިގެ ޕްރެޝަރަކީ ކޮންމެ ކޮޑިސެންޓިމީޓަރަކަށް 11ގްރާމެވެ. ހޫނުގަދަ ވެގެން ދިޔާކޮށް ހުއްޓަސް މިމާއްދަތަކަކީ (ދަގަނޑަކީ) ވަރަށް ބަރުއެއްޗެކެވެ.

ސައިންސްވެރިން ގަބޫލުކުރާގޮތުގައި ބިމުގައިވާ ދަގަތްފާނުގެބާރު އުފެދިގެން އަންނަނީ މިހިސާބުންނެވެ. ބިމުގެ ވަށަމިނުގައި އީކުއޭޓަރުން ބަލާއިރު 40,075 ކިލޯމީޓަރ ހުންނައިރު 24 ގަޑިއިރުން ބުރެއްހަމަކުރުމުން ހިސާބުކޮށްލާއިރު ބިންއެނބުރޭ ބާރުމިނަކީ ގާތްގަނޑަކަށް ގަޑިއަކު 1670 (މިނެޓަކު 27,83) ކިލޯމީޓަރެވެ. މިބާރުމިނުގައި ދުނިޔެ އެނބުރެމުންދާއިރު މެދުގައި (އެންމެއެތެރޭގައި) ދަގަޑުހުރެފައި އޭގެބޭރުން ދަގަނޑުގެ "ދިޔާ ކޯރެއް" އޮވެފައި އޭގެބޭރުން ހަރުއެތައްމަޢުދަނެއް އެކުލެވިގެން އުފެދިފައިވާ ބައެއްއޮވެ މިހުރިހާ ބައިތަކެއް އެހިސާބެއްގެ ވަށަމިނަށް ބަލާއިރު ތަފާތު ބާރުމިނެއްގައި އެނބުރެމުން ދެއެވެ. ވަށްކޮށް އޮންނަ އެއްޗެއް އެބުރެމުން ދާއިރު އޭގެމެދު ބެލެވޭނީ ހުއްޓިފައި ހުންނަ ނުކުތާއެއްގެ ގޮތުގައެވެ. މިގޮތުން މެދުގައި ހަރުކޮށް މިހުންނަހަރުބައި އެބުރޭ ބާރުމިނަށްވުރެ އޭގެވަށައިގެންއޮންނަ ދިޔާބައިގެ ބޭރުންވާ ހަރުބައިގެ އެނބުރުން އަވަސްވާނެއެވެ. މިކަމުގެސަބަބުން އެދެމެދުގައިމިއޮންނަ ދިޔާދަގަޑުބައިގެ އެކިފަށަލަތަކުގެ ބާރުމިން ތަފާތުވުމުން އުފެދޭ މިދަގަތްފާނުބާރު ދުނިޔޭގެ ދެޕޯލް ވަކިކޮށްދެއެވެ. އާދެ، ކޮންމެ ހިސާބެއްގައި ތިބިނަމަވެސް ދުނިޔޭގެ އުތުރަކީ ކޮބާކަން ނުވަތަ ދެކުނަކީ ކޮބާކަން ސަމުގާ ބޭނުންކޮށްގެން މިއެގެނީ މިދެންނެވި ދަގަތްފާނުބާރުގެ ސަބަބުންނެވެ.

ޢިލްމުތަކުގެ ތެރެއިން މާތްﷲ އިންސާނާއަށް ދެއްވި "ކުޑަ" މިންވަރުގެ ބޮޑުކަމާއެވެ. އިންސާނުންނަށް މިކަންތައްތައް އެގުނީ ކިރިޔާ ވޭތިވެދިޔަ ޤަރުނުގެ ތެރޭގައި އެތަކެއްހިސާބުތަކެއް ހެދުމުންނެވެ. މިތަނުގައި މިހާވަރަށް މިވާހަކަ މިގެނައީ "ބިމުގެއަޑީގައިވާ ބުރަ މާއްދާތައް (ނުވަތަ ބަރުއެއްޗެހި)" ނެރުއްވާނެ ކަމުގައި ވަޙީކުރައްވާފައިވާތީ އެތަކެތީގެ ޙަޤީގީ ބަރުދަން އިހްސާސް ކުރެވޭތޯއެވެ. ދެމަޢުދަނެއް ކޭއްތިގެން އުފެދޭބާރެއް އެތައްހާސް ކިލޯމީޓަރަކަށް ފޯރާއިރު އެދެމަޢުދަނެއްގެ ބަރުދަން ހުންނާނެވަރު އިޙްސާސް ކުރަންވެސް ފަސޭހައެއްނުވާނެއެވެ. ބިމުގެ އަޑީގައިވަނީ "ބަރު" އެއްޗެހި ކަމުގައި ވަޙީކުރެއްވުމަށްފަހު އެތަށް ޒަމާނެއްފަހުން އެތަކެތީގެ ޙަގީގަތް އިންސާނުންނަށް އެންގެވި މާތްﷲގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ. ކީރިތި ޤުރުއާނުގައި ވަނީމާތްﷲ މިކައުނުގައި ލެއްވި އެކަލާގެ އުފެއްދެވި ތަކެތީގެވާހަކަ ކަމަށްވުމުން ޢިލްމުތަރައްޤީވި ވަރަކަށް ޤުރުއާނުގެ ތެދުކަން ސާބިތުވެ އެކަމާމެދު ވިސްނާ މުއުމިނުންގެ އީމާންތެރިކަން ގަދަވާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.