އާދީއްތަ20201011

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޤުރުއާން އިންސާނާ އުފެދިބޮޑުވުން: ޤުރުއާނާއި ސައިންސްގެ ނަޒަރުން ބަލާލުމެއް

އިންސާނާ އުފެދިބޮޑުވުން: ޤުރުއާނާއި ސައިންސްގެ ނަޒަރުން ބަލާލުމެއް

guruanai_science-insaanaa1އެންމެ ކުރީގެ ޒަމާންތަކުއްސުރެ، މިބިމުގައިވޢ ދިރުންތަކާއިމެދު އިންސާނުން، ފިކުރުހިންގާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ގަސްގަހާގެއްސާއި، ޖަނަވާރުންގެ އިތުރުން އިންސާނުން އެމީހުންގެ އަމިއްލަ ނަފްސު އުފެދިފައިވާގޮތާއިމެދުވެސް ވިސްނާ، ނަތީޖާއަކާއި ހަމައަށް ވާޞިލުވުމަށް އަބަދުވެސް މަސައްކަތްކުރަމުންދެއެވެ.

މަޝްހޫރު އެރިސްޠޫގެ ޒަމާނުގައި އިންސާނުން އުފެދޭގޮތާއި ބެހޭގޮތުން ތައްޔާރުކުރެވިފައިވާ ނަޒަރިއްޔާ ބުނާގޮތުން، އިންސާނުން އުފެދުނީ ފިރިހެނާގެ މަނީގައެވެ. މަނީގެ ތެރޭގައި އިންސާނާ އޮންނަނީ އެއްކޮށް އުފެދި ފުރިހަމަވެފައިވާ ކުޑަކުއްޖެއްގެ ގޮތުގައެވެ.

އެއަށްފަހު، ރަޙިމުގައި އޮވެގެން، ކުޑަކުޑަ ގަހެއް ބޮޑުވަމުން އަންނަ ބީދައިން ކުއްޖާބޮޑުވަމުން އައިސް ވިހަނީއެވެ. އޭރުގެ ޢިލްމުވެރިން ދުށްގޮތުގައި، ކުއްޖާ އުފެދުމުގައި އަންހެނުންގެ ހިއްސާއެއް ނޯވެއެވެ.

guruanai_science-insaanaa2އެއަށްފަހު މިމައިދާނުގައި ކުރެވުނު ތަފާތު ދިރާސާތަކަށްފަހު، 1775މ. ގައި އިޓަލީގެ ޢިލްމުވެރިއެއްކަމުގައިވާ، ސްޕެލަންޒާނީ (Spallanzani) އިންސާނުން އުފެދެނީ ފިރިހެނާގެ މަނިންނާއި އަންހެނާގެ ބިހުގެ ބައިވެރިވުމަކުންކަމަށް ހާމަކުރިއެވެ. ސްޕެލަންޒާނީގެ ނަޒަރިއްޔާގެ ތެދުކަން ސާބިތުކޮށްދިނީ 1783މ. ގައި ވެންބެނެޑެން( Van Beneden) ކިޔާ ޢިލްމުވެރިއެކެވެ. މިހާހިސާބުން އެރިސްޠޫގެ ޒަމާނުންފެށިގެން މީހުން ޤަބޫލުކުރަމުން އައި 'ކުޑަ އިންސާނާގެ' ނަޒަރިއްޔާއަށް ނިމުން އައެވެ.

1888މ. އާއި 1909މ. އާއި ދެމެދު ބޯވެރީ (Boveri) ކިޔާ ޢިލްމުވެރިއަކު ހޯދިހޯދުންތަކުން، ކްރޮމޯޒޯމްތައް ބައިވާކަމާއި، އޭގައި ވިރާސީ ސިފަތަކެއް އުފުލާކަން ހާމަވެގެންދިޔައެވެ. މިކްރޯމޯޒޯމްތަކުގެ ވަކި ހިސާބުތަކެއްގައި ޖީން ކިޔާ ވިރާސީ ޔުނިޓްތަކެއް ހުންނަކަން ސާބިތުކޮށްދިނީ، 1912މ. ގައި މޯރގަން ކިޔާ (Morgan) ޢިލްމުވެރިއެކެވެ.

މިވާހަކަތަކުން ދަންމަރުކޮށްދޭގޮތުގައި، އިންސާނުން އުފެދުމުގައި ފިރިހެނުންނާއި އަންހެނުންގެ ބައިވެރިވުން އެއްދަރަޖައަކަށް އެކުލެވިގެންވާކަން، ޢިލްމުވެރިންނަށް މޭރުންވީ މީލާދީން 18 ވަނަ ޤަރުނުގެ ތެރޭގައެވެ. ނަމަވެސް މިއީ ތެދެއްކަން އެނގި، މުޅިން ގައިމުވެފައިވަނީ 19 ވަނަ ޤަރުނުގެ ކުރީކޮޅުގައެވެ.

ކީރިތި ޤުރުއާނާއި މާތްރަސޫލާގެ ޙަދީޘްފުޅުން މިކަމުގެ ޙަޤީޤަތް މީގެ އެތައް ޤަރުނެއްކުރިން ސާބިތުކޮށްދީފައިވެއެވެ.

ސޫރަތުލް އިންސާންގެ 2 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.

إِنَّا خَلَقْنَا الإِنسَانَ مِنْ نُطْفَةٍ أَمْشَاجٍ نَبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا

މާނައަކީ: "ހަމަކަށަވަރުން އެއްކުރެވިގެންވާ ތިއްކަކުން، ތިމަންސުވާމީންގެ އިންސާނާ ހެއްދެވީމެބެ. އެއިންސާނާގެ ގޮތް ބެއްލެވުމަށްޓަކައެވެ. ދެން އެއަށްފަހު، އިވޭ. ފެންނަ މީހަކުކަކުގައި ތިމަންސުވާމީންގެ އެއިންސާނާ ލެއްވީމެވެ."

ތަފްސީރު ޢިލްމުވެ އަހުލުވެރިން އެއްބަސްވެވަޑައިގަންނަވާގޮތުގައި ޢަރަބި ބަހުގައި އަމްޝާޖުގެ މާނައަކީ އެކަތި އަނެކައްޗާއި އެއްވެފައިވުމުވެ. މިއާޔަތުގައި އަމްޝާޖުން ދޭހަވާ މާނައަކީ، ފިރިހެނާގެ ފެނާއި އަންހެނާގެ ފެން ނުވަތަ މަންޏާއި އެކުވެފައިވުމެވެ.

އަލްއިމާމު އަޙްމަދު ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ކީރިތި ރަސޫލާ އެކަލޭގެފާނުގެ ޞަޙާބީންނާއި ވާހަކަފުޅުދައްކަވަން އިންނަވަނިކޮށް ޔަހޫދީއަކު އެތަނަށް އައެވެ. ދެންފަހެ ޤުރައިޝުން އޭނާއަށް ބުންޏެވެ. އޭ ޔަހޫދީއެވެ. ހަމަކަށަވަރުން މިމީހާ އޭނާއަކީ ނަބިއްޔެއްކަމަށް އެބަދެކެއެވެ. ދެން އެމީހާ ބުންޏެވެ. ނަބިއްޔަކަށް ނޫނީ ޖަވާބުދޭން ނޭނގޭނެ ކަމަކުން ތިމަން އޭނާއާއި ސުވާލުކުރާނަމެވެ. ދެން ބުންޏެވެ. އޭ މުޙައްމަދުއެވެ. އިންސާނުން އުފެއްދެނީ ކޮންއެއްޗަކުންހެއްޔެވެ؟ ދެން ސަލާމާއި ޞަލަވާތްލެއްވި ﷲގެ ރަސޫލާ ޙަދީޘްކުރެއްވިއެވެ. އޭ ޔަހޫދީއެވެ. ކޮންމެ އެއްޗަކުންވެސް އުފެއްދެއެވެ. ފިރިހެނާގެ މަނިންނާއި އަންހެނާގެ މަނިންނެވެ. ފަހެ ޔަހޫދީ ބުންޏެވެ. ކަލޭގެފާނުގެކުރިން އުޅުއްވި ބޭކަލުން (އެބަހީ ނަބިއްޔުން) ވެސް ވިދާޅުވެ އުޅުއްވީ ތިޔަގޮތަށެވެ."

ކީރިތި ޤުރުއާނުގައި އިންސާނުން އުފެދި ބޮޑުވަމުން އަންނަ ތަފާތު މަރުޙަލާތަކުގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. ތިރީގައިވާ ފޮޅުވަތްތަކުގައި އަލިއަޅުވާލެވިފައި އެވަނީ މިމަރުޙަލާތަކަށެވެ.

ނުޠުފާ (ދަރިފަނި ނުވަތަ ސްޕާރމް/ Sperm)

ދަރިފަނި ބައްޓަންވަނީ ޓެސްޓިސް ނުވަތަ އުރަވަޅީގައެވެ. ނަމަވެސް އެމްބްރިއޯލޮޖީގެ( Embryology) ޢިލްމުވެރިން ހާމަކުރައްވާގޮތުގައި މީގެ އުފެދުންގުޅިފައިވަނީ ބުރަކަށީގައި، ގުރުދާގެ( kidney) ދަށުގައި ހުންނަ ސެލްތަކަކާއެވެ.

ފިރިހެނާގެ މަނީގައި މައިގަނޑުގޮތެއްގައި ހިމެނެނީ ދަރިފަންޏާއި ޕްރޮސްޓާ ގްލެންޑިން (Prostaglandin ) ކިޔާ މާއްދާއެކެވެ. މުޑުވައްވުމަށްޓަކައި، މަނީގައި ހުންނަ ފަނިތަކަކީ ރަނގަޅަށް ޙަރަކާތްކުރާ، ވަކި މިންވަރެއްގައި ހުންނަންޖެހޭ، އެއްޗެކެވެ. ޕްރޮސްޓާގެލެންޑިން ގެ ސަބަބުން، ދަރިފަނި ބިހުގެ ތެރެއަށްވަދެ މުޑުވައްވާ ހިސާބަށް ގެންދިއުމަށް އެހީތެރިވެދޭ ޙަރާކާތްތައް ރަޙިމުގެ މަސްތަކަށް ގެނެސްދެއެވެ.

ރަޙިމުގެ ކަރާއިހަމައަށް އެތައްސަތޭކަ މިލިއަން ދަރިފަންޏަކަށް (ގާތްގަނޑަކަށް 500-600 މިލިއަން) ދެވުނުކަމުގައިވިޔަސް، މުޑުވައްވެވެނީ އެންމެ ދަރިފަންޏަކަށެވެ. އޯވަރީއާއި ރަޙިމާއި ގުޅުވައިދޭ ފެލޯޕިއަން ޓިޔުބު( Fallopian) އާއި ހަމައަށް ބިހުގެ ތެރެއަށްވަނުމަށް ދަރިފަނިތައް ކުރާ ދަތުރަކީ ވަރަށް ދިގު، އުނދަގޫ ދަތުރެކެވެ. ކުޑުވައްވުމާއެކު، ބިހުގެ ވަށައިގެންވާ ދުއްޔަށް އަވަސްބަދަލުތަކެއްއައިސް އެހެންފަނިތައް އޭގެތެރެއަށް ވަނުން މަނާކުރެއެވެ.guruanai_science-insaanaa3

ފިރިހެނާގެ މަނީގައި ހިމެނޭ ދަރިފަނި

ދަރިފަނި، ބިހުގެ ތެރެއަށްވަނުމާއިއެކު، އޭތި އެކިބައިބަޔަށް ބައިބައިވަމުންދޭ

ކޮންމެ ދަރިފަންޏެއްގައިވެސް ހުންނަނީ 23 ކްރޮމޯޒޯމްއެވެ. އޭގެތެރެއިން އެކައްޗަކީ ޖިންސު ކަނޑައެޅުމާއި ގުޅިފައިވާ ކްރޮމޯޒޯމްއެވެ. އެއީ ފަހަރެއްގައި ވައި (Y)، ނުވަތަ އެކްސް (X) ކޮރޮމޯޒޯމްކަމަށްވެސް ވެދާނެއެވެ. އަންހެނާގެ ބިހުގައިވެސް ހުންނަނީ 23 ކްރޮމޯޒޯމްއެވެ. ނަމަވެސް ޖިންސުކަނޑައެޅުމަށް ބިހުގައި ހުންނަނީ ހަމައެކަނި  އެކްސް (X)  ކްރޮމޯޒޯމްއެވެ.

ވައި ކްރޮމޯޒީމް ހުންނަ ދަރިފަންޏެއް ބިހެއްގެތެރެއަށްވަދެ މުޑުވައްވެއްޖެނަމަ އުފެދޭ ކުއްޖާ ވާނީ ފިރިހެން (XY) ކުއްޖަކަށެވެ. އެކްސް ކްރޮމޯޒޯމް އުފުލާ ދަރިފަންޏެއް މުޑުވައްވެއްޖެނަމަ، ލިބޭނީ އަންހެނ (XX) ކުއްޖެކެވެ.

މިއިން އެނގޭ އެއްޗަކީ ކުއްޖާގެ ޖިންސުކަނޑައަޅަނީ ފިރިހެނާގެ މަނިންކަމެވެ.

46 ކްރޮމޯޒޯމްގެ މައްޗަށް އެކުލެވިގެންވާ، އިންސާނާއުފެދުމުގެ ފުރަތަމަ ސެލްކަމުގައި ބެލެވޭ. މުޑުވައްވެފައިވާ ބިސް އުފެދުމުގެ 5ގަޑިއިރުފަހުން، ވިހާއިރު ފާޅުވާންހުންނ ސިފަތަކާއި، ފަހުން ފާޅުވެދާނެ ސިފަތައް އޭގައި ޖެހެންފަށައެވެ. ފަހުން ފާޅުވާ ސިފަތައް ހުންނާނީ އޭނާގެ ދަރިން ނުވަތަ ކާފަދަރިންގެ ކިބައިގައެވެ. އެއަށްފަހު މުޑުވައްވެފައިވާ ބިސް، އޭގެ ސައިޒަށް ބަދަލުނާނަންގޮތަށް އަވަސް ދުވެއްޔެއްގައި ބައިބައިވާން ފަށައެވެ. އަދި ފެލޯޕިއަން ޓިޔުބުގެ ތެރެއިން ދަތުރުކޮށްފައި ގޮސް ރަޙިމުގައި، އިންދެއެވެ.

ރަޙިމަކީ، ފުރިހަމަ ކުއްޖަކަށް އިންސާނާ ބަދަލުވުމުގެ ކުރީގައި، އެކި މަރުޙަލާތަކަށް ބަދަލުވެ ބޮޑުވަމުން އަންނަ ތަނެކެވެ. މިކަންކަމަށް، އަމާން، ގުޅޭ ވެއްޓަކަށް ރަޙިމުވަނީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.

1-އަންހެނާގެ ޕެލްވިސްގައި ރަޙިމު އޮންނަނީ އަރިމަތިން އެކަށީގެންވާ ލިގަމެންޓްތަކަކުން ރަނގަޅަށް ޙިމާޔަތްކުރެވިފައެވެ. ޕެލްވިސްގައި ރަޙިމު އޮންނަ ޖާގައަކީ، މިގުނަވަން ރަނގަޅަށް ބޮޑުވަމުންދިއުމަށާއި ޙަރަކާތްކުރުމަށް މުނާސިބު ޖާގައެކެވެ. ވިހެއުމުގެ ފަހު މަރުޙަލާގައި ރަޙިމު އޭގެ އަޞްލު ސައިޒަށްވުރެ އެތަށް ގުނައަކަށް ބޮޑުވެއެވެ.

2-ޕެލްވިސްއާއި ޕެރިނިއަމްގެ މަސްތަކުން ރަޙިމު އޭގެ ޖާގައިގައި ހިފަހައްޓައިދެއެވެ.

3-ވިހެއުމުގެ ހޯރމޯންއެއްކަމުގައިވާ، ޕްރޯޖެސްޓީރޯން (Progesterone) އިން ރަޙިމުގެ ކޮންޓްރެކްޝަންތައް (ރަޙިމުގެ މަސްތައް ކުރުގެޅުން) ލަސްކޮށް، މިގުނަވަން އިސްތިޤުރާރުކަން (ހަމަޖެހުން) މަތީ ދެމެހެއްޓުމުގައި ބައިވެރިވެއެވެ.

4-ކުއްޖާ ރަޙިމުގައި އޮންނައިރު، ވަށައިގެން ތަފާތު ދުލިފަށްތައްލެވިފައިވެއެވެ. އަދި އޭނާ އޮންނާނީ މިދުލިތަކުން ބޭރުކުރާ ދިޔާ މާއްދާއެއްކަމުގައިވާ އެމްނިއޮޓިކް ފުލުއިޑް () ގެކޮތަޅެއްގެ ތެރޭގައެވެ. މިކޮތަޅުން، ރަޙިމަށް އަންނަ ލޮޅުންތަކުން ކުއްޖާ ޙިމާޔަތްކޮށްދެއެވެ.

ދަރިފަނި ބިހަށްވަދެ، މުޑުވައްވެފައިވާ ބިސް ރަޙިމަށް ދަތުރުކުރުމަށް ގާތްގަނޑަކަށް 6 ދުވަސްނަގައެވެ. އަދި މިބިސް ރަޙިމުގެ ފާރުގައި އިންދި () ބޮޑުވަމުންގޮސް، ޢަލަޤާ އޭ ކިޔޭ މަރުޙަލާއާއި ހަމައަށް ދިއުމަށް ގާތްގަނޑަކަށް 15 ދުވަސް ހޭދަވެއެވެ.

މިމަރުޙަލާއަށް ޤުރުއާނުގެ ނަޒަރުން ބަލާލުން

ޤުރުއާނުގައި އައިސްފައިވާ 'ނުޠްފ' އަށް ބަހުގެ ގޮތުން ބަލާއިރު، އޭގެ މާނައަކީ ފެނުގެ މަދު އެތިފޮދެކެވެ. ނުވަތަ ފެން ތިއްކެކެވެ. މިއީ ދަރިފަނިއެކުލެވޭ ފިރިހެނާގެ ފެން، ނުވަތަ މަންޏާއި އެއްގޮތް، ގުޅުންހުރި މަނައެކެވެ. މަނަވީ ޙަޔަވާނު ނުވަތަ ދަރިފަނީގެ ނަސްލަކީ މަދު ނުވަތަ ނިކަމެތި ފެންފޮދެއް (މާއުލް މަހީން) ކަމުގައިވާ މަންޏެވެ. އަދި ދަރިފަނީގެ (ނުޠްފާ) ގެ ބައްޓަމަކީ ނިގޫ ދިގު މަހެއްގެ މައްޓަމެވެ. މިއީ ޤުރުއާނުގައި ވާރިދުވެގެންވާ ސުލާލާގެ މާނަތަކުގެ ތެރެއިން އެއް މާނައެވެ.

ސަޖިދަ ސޫރަތުގެ 7،8،9 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.

الَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ وَبَدَأَ خَلْقَ الإِنسَانِ مِنْ طِينٍ *  ثُمَّ جَعَلَ نَسْلَهُ مِنْ سُلالَةٍ مِنْ مَاءٍ مَهِينٍ * މާނައީ: "އެކަލާނގެއީ ޚަލްޤުކކުރެއްވި ހުރިހާ އެއްޗެއް، ފުރިހަމަކޮށް ޚަލްޤުކުރެއްވި ކަލާނގެއެވެ. އަދި އިންސާނާ ފުރަތަމަ އެކަލާނގެ ހެއްދެވީ މަށިންނެވެ. ދެން އިންސާނާގެ ނަސްލު ދެރަވެގެންވާ ފެނެއްގެ ސުލާލަތުން ހެއްދެވިއެވެ."

އައްޠާރިޤް ސޫރަތުގެ 5،6 ވަނަ އާޔަތުގައި އިންސާނާ ޚަލްޤުކުރެއްވި ނުޠްފާގެ އަހައްމިޔަތުކަން ހާމަކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. فَلْيَنظُرِ الْإِنسَانُ مِماَ خُلِقَ. خُلِقَ مِن مَّاء دَافِقٍ

މާނައީ: "ފަހެ އިންސާނާ ހެއްދެވިގެންވަނީ، ކޮންއެއްޗަކުންކަން، އިންސާނާ ދެކެފާހުށިކަމެވެ. އޭނާ އުފެއްދެވުނީ، އޮހޮރާލެވޭ ފެނަކުންނެވެ. (އެބަހީ މަނިންނެވެ.)"

އައްނަޙްލު ސޫރަތުގެ 4 ވަނަ އާޔަތުގައި ވަޙީކުރައްވަނީ މިފަދައިންނެވެ. خَلَقَ الإِنسَانَ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ

މާނައީ: "ނުޠުފާއަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. އެހިނދަށްފަހު، އެއިންސާނާއީ، ބަޔާންވެ ފާޅުވެގެންހުރި ދެކޮޅުވެރިއަކު ކަމުގައިވިއެވެ."

ޢަބަސަ ސޫރަތުގެ 18،19 އަށް އައިސްފައިވެއެވެ. مِنْ أَيِّ شَيْءٍ خَلَقَهُ . مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ

މާނައީ: "އެއިންސާނާ ހެއްދެވީ ކޮންއެއްޗަކުން ހެއްޔެވެ (އެކަލާނގެ) ނުޠްފާއަކުން އެއިންސާނާ ހައްދަވައި، ޤަދަރުކަނޑައެޅުއްވިއެވެ."

އަލްއިންސާން ސޫރަތުގެ 2ވަނަ އާޔަތުގައިވާ ނުޠްފަތުލް އަމްޝާޖް އަކީ އިންސާނާ އުފެދި ބޮޑުވަމުން އަންނަގޮތާއި ބެހޭގޮތުން ޤުރުއާނުގައި އައިސްފައިވާ ޢިލްމީ މުޢްޖިޒާތުގެ ހެއްކެކެވެ. ބަހުގެ ގޮތުން ބަލާއިރު ނުޠުފާ އަކީ ފަރުދީ (އެންމެ އެއްޗެއް) ކަލިމައެކެވެ. ނަމަވެސް ނުޠުފާ އެކުލެވިގެންވަނީ، އެކަތިއަނެކައްޗާއި އެކުވެގެންނެވެ. އަމްޝާޖުން ދޭހަކޮށްދެނީ މިމާނައެވެ. ޢިލްމީ ނަޒަރަކުން ބަލާއިރު، މަނަވީ ޙަޔަވާނުން މުޑުވައްވެފައިވާ ބިހަކީ އެންމެ ތިއްކެއްގެ ގޮތުގައި އޮންނަ ފަރުދީ އެއްޗެކެވެ. ނަމަވެސް މިއެކުލެވިގެންވަނީ، ފިރިހެނާގެ މަނީގެ ކްރޮމޯޒޯމްތަކާއި އަންހެނާގެ ބިހުގެ ކްރޮމޯޒޯމްތަކުންނެވެ.

މައިމީހާގެ ރަޙިމުގައި އޮންނަ ކުއްޖާއަކީ ފިރިހެންކުއްޖެއްކަން ނުވަތަ އަންހެން ކުއްޖެއްކަން ކަނޑައަޅަނީ ފިރިހެނާގެ މަނިންކަން، އިންސާނުންނަށް އެނގުނީ އިލެކްޓްރޯނިކް މައިކްރޮސްކޯޕް އިޖާދުކުރުމާއި ވިދިގެން، 20 ވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. ނަމަވެސް ކީރިތި ޤުރުއާނުގައި މީގެ އެތައް ސަތޭކައަހަރުތަކެއްގެ ކުރިން މިޙަޤީޤަތް ހާމަކޮށްދެއްވާފައިވެއެވެ.

އައްނަޖްމު ސޫރަތުގެ 45 އާއި 46 ގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَأَنَّهُ خَلَقَ الزَّوْجَيْنِ الذَّكَرَ وَالْأُنثَىِ . من نُّطْفَةٍ إِذَا تُمْنَى

މާނައި: "ރަޙިމުގެ ތެރެއަށް އެޅޭ މަނިފޮދަކުން، ފިރިހެން އަންހެން ދެބާވަތް ހެއްދެވީވެސް އެކަލާނގެއެވެ."

ދަރިފަނި ބައްޓަންވަނީ އުރަވަޅީގައެވެ. ނަމަވެސް ކުރިން ބުނެވިފައިވާ ފަދައިން މީގެ އުފެދުންގުޅިފައިވަނީ ބުރަކަށީގައި، ގުރުދާގެ ދަށުގައި ހުންނަ ސެލްތަކަކާއެވެ.

އަލްއަޢްރާފު ސޫރަތުގެ 172 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. وَإِذْ أَخَذَ رَبُّكَ مِنْ بَنِي آدَمَ مِنْ ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَى أَنْفُسِهِمْ أَلَسْتُ بِرَبِّكُمْ قَالُوا بَلَى شَهِدْنَا أَنْ تَقُولُوا يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَذَا غَافِلِينَ

މާނައީ: "އަދި ކަލޭގެ ފާނު ހައްދަވާބޮޑުކުރެއްވި، ކަލޭގެފާނުގެ ސާހިބުވަންތަ ރަސްކަލާނގެ އާދަމްގެ ދަރީންގެ ކިބައިން، އެބައިމީހުންގެ ބުރަކަށިތަކުގެ ތެރެއިން، އެބައިމީހުންގެ ދަރިފަސްކޮޅު ހިއްޕަވައި ނެރުއްވައި، އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ހަމައެބައިމީހުން ހެކިކުރެއްވި ހިނދެވެ. އެހިނދު އެކަލާނެ އެންގެވިއެވެ. ތިޔަބައިމީހުންގެ ސާހިބުވަންތަ ރަސްކަލާނގެކަމުގައި ތިމަންސުވާމީންގެ ވޮޑިގެން ނުވަންހެއްޔެވެ، އެބައިމީހުން ދެންނެވިއެވެ. އެހެނެއް ނޫނެވެ. އިބަސުވާމީންގެއީ ތިމަންމެންގެ ސާހިބުވަންތަ ރަސްކަލާނގެއެވެ. އިބަސުވާމީންގެ ނޫން އިލާހަކު ނެތެވެ. އެކަމުގެ މައްޗަށް ތިމަންމެން ހެކިވެއްޖައީމުއެވެ. އެކަން އެހެންވީ، ހަމަކަށަވަރުން މިކަމާއިމެދު، ޣާފިލުވެގެންވާ ބަޔަކުކަމުގައި ތިމަންމެންވީމުއޭ ޤިޔާމަތްދުވަހުން، ތިޔަބައިމީހުން ބުނެފާނެކަމަށްޓަކައެވެ."

މިދާއިރާގައި ޢިލްމުވެރިން ހޯއްދަވާފައިވާ ހޯދުންތަކާއި މިއާޔަތުން ދޭހަވާ މާނައާއި ހުރިހާގޮތަކުންވެސް ގުޅެއެވެ.

ކުރިން ހާމަކުރެވުނު ފަދައިން ރަޙިމަކީ ކުއްޖާ ބޮޑުވެ، އެކިމަރުޙަލަތަކަށް ބަދަލުވަމުން އައުމަށް ބޭނުންވާ ހުރިހާ ސިފަތަކެއް އޭގައި ލައްވާފައިވާ ގުނަވަނެކެވެ.

އަލްމުރުސަލާތި ސޫރަތުގައި 20-23 ގައި މާތްﷲ ވަޙިކުރައްވާފައިވެއެވެ. أَلَمْ نَخْلُقْكُمْ مِنْ مَاءٍ مَهِينٍ. فَجَعَلْنَاهُ فِي قَرَارٍ مَكِينٍ. إِلَى قَدَرٍ مَعْلُومٍ. فَقَدَرْنَا فَنِعْمَ الْقَادِرُونَ

މާނައީ: "އަގެއްނެތް ފެންތިއްކަކުން، ތިމަންސުވާމީންގެ ތިޔަބައިމީހުން ނަހައްދަވަމުހެއްޔެވެ. ދެން ރައްކާތެރިވެގެންވާ، ތަނެއްގައި ތިމަންސުވާމީންގެ އެއިންސާނާ ލެއްވީމެވެ. އެނގިގެންވާ މުއްދަތަކަށެވެ. ދެން އެއިންސާނާ ދުނިޔެއަށް އުފަންވާނެގޮތް ތިމަންސުވާމީންގެ މިންވަރުކުރައްވައި، ހަމަޖެއްސެވީމެވެ. ފަހެ މިންވަރުކުރައްވާ ފަރާތުގެ މޮޅުކަމާއިއެވެ."

އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހުސްޠާހިރުވަންތަކަމާއެވެ!

ޢަލަޤާގެ މަރުޙަލާ

ޢިލްމީ ޙަޤީޤަތްތައް

ޢަލަގާގެ މަރުޙަލާ ފެށެނީ ބަލިވެއިނުމުގެ 15 ވަނަ ދުވަހުއެވެ. މިމަރުޙަލާ ނިމެނީ 23 ނުވަތަ 24 ދުވަހުއެވެ. މިދުވަސްވަރު ކުއްޖާ ވައްތަރުވާނީ ފެނުގައި އުޅޭ ޢަލަޤާ ކިޔާ ފަންޏަކާއިއެވެ. މިފަންޏަށް އިނގިރޭސިބަހުން ކިޔަނީ ލީޗް (Leech) އެވެ.

ރަޙިމުގެ ފާރުގައި ޢަލަޤާ ތަތްވެފައި އޮންނައިރު، އޭގެ ލޭހޮޅިތަކުގައި ލޭހުންނަނީ ޙަރަކާތް ނުކުރާފަދަ ޙާލަތެއްގައެވެ. މިކަމުގެ ސަބަބުން، ގަނޑުވެފައިވާ ލޭގެ ސިފަ ޢަލަޤާގައި ޖައްސައެވެ.

އިންސާނުންގެ ހަށިގަނޑުގެ ޠަބީޢަތަކީ ނުގުޅޭ އެއްޗެއް ހަށިގަނޑުގެ ތެރެއަށް ވަނުމުން، އެއެއްޗެއް ބޭރުކޮށްލުމަށް މަސައްކަތްކުރުން ކަމުގައިވިޔަސް، ޢަލަޤާ ރަޙިމުން ބޭރުކޮށްލާކަށް އަންހެނާގެ ހަށިގަނޑު މަސައްކަތެއް ނުކުރެއެވެ. ޢަލަޤާގެ ދެބައިކުޅަ އެއްބަޔަކީ ފިރިހެނާގެ ހަށިގަނޑުން ލިބިފައިވާ އެއްޗިއްސެވެ. އެހެންކަމުން މިބައިވާނީ އަންހެނާގެ ހަށިގަނޑުން ބޭރު، އޭނާއާއި ގުޅުމެއް ނެތްބަޔަކަށެވެ.

guruanai_science-insaanaa4ބައެއް ޢިލްމުވެރިން ދެކޭގޮތުގައި ޢަލަޤާއާއި އިދިކޮޅަށް މައިމީހާގެ ހަށިގަނޑު މަސައްކަތްނުކުރާ ސަބަބަކީ، ޢަލަޤާގެ ސިންސިޓިއާ (Cyncitia) ސަރަޙައްދުގައި، ހަށިދަމަނަ (Anti bodies) އުފައްދަން މެދުވެރިކުރާ އެންޓި ޖީންސް ނެތުމެވެ. ކުޑަކުއްޖާ ބޮޑުވަމުން އަންނައިރު، ނުވަތަ އިންސާނެއްގެ ސިފަޖެހެމުން އަންނައިރު، އެންމެ ފުރަތަމަ އުފެދޭ ބައެއްކަމުގައި ބެލެވެނީ ފުރަތަމަ ޓޭޕް ނުވަތަ ޕްރިމިޓިވް ސްޓްރީކް (Primitive streak) އެވެ. އެއީ 14 ވަނަދުވަސް ނުވަތަ 15 ވަނަ ދުވަހުއެވެ. އެއަށްފަހު ދެން އުފެދެނީ ފުރަތަމަ ގޮށް ނުވަތަ ޕްރިމިޓިވް ނޯޑް (Primitive Node) އެވެ. މަންމަ ސެލް ނުވަތަ ސްޓެމް ސެލް އުފެދެނީ (Stem cell) މި ނޯޑުންނެވެ. އެންޑޯޑާރމްއާއި ((Endoderm) އެކްޓޯޑާރމް (Ectoderm) އާއި މީސޯޑާރމް (Mesoderm) ޓިޝޫތަކުގެ މަޞްދަރަކީވެސް ޕްރިމިޓިވް ސްޓްރީކްއެވެ.

ޓިޝޫތަކުގެ މަޞްދަރަކީވެސް ޕްރިމިޓިވް ސްޓްރީކްއެވެ.

ހަށިގަނޑުގެ ތަފާތު ގުނަވަންތަކާއި، ޓިޝޫތައް އުފެދެނީ ކުރިން ނަންގަނެވުނު މައިގަނޑު ތިން ޓިޝޫއިންނެވެ.

guruanai_science-insaanaa5ބަލިވެއިންނަތާ 3ވަނަ ހަފުތާގެ ނިމޭތާގައި ޕްރިމިޓިވް ސްޓްރީކް ކުޑަވެ، އޭގެ ބާކީބައި ސެކްރޯކޮކްސިޖިއަލް ސަރަހައްދުގައި، (މައިބަނދައިގެ ނިމޭހިސާބުގައި) ބާކީހުރި ސްޓެމް ސެލްތަކާއިއެކު ދެމިއޮވެއެވެ. އެހެން ހިސާބުތަކުގެ ޓްރޯމާ ދުޅަވުންތަކާއި ޚިލާފަށް ޓެރަޓޯމާއޭ () ކިޔާ ސެކްރޯކޮކްސިޖިއަލް ނުވަތަ ރީޖަންގެ ދުޅަވުންތަކުގައި މަހާއި، ހަމާއި، ކަށްޓާއި، ބައެއްފަހަރަށް ދަތުގެ ޓިޝޫތައްވެސް ފެންނަން ހުރެއެވެ.

މިމަރުޙަލާއަށް ޤުރުއާނާއި ސުއްނަތުން ބަލާލުމެއް

މަނި ނުވަތަ ނުޠްފާގެ މަރުޙަލާ ޢަލަޤާއަށް ބަދަލުވުމަށް 10 ދުވަހަށް ވުރެ ގިނަ ދުވަސްނަގައެވެ. އެއީ، ދަރިފަނިން މުޑުވައްވެފައިވާ ބިސް (ނުޠުފަތުލް އަމްޝާޖް) ބިދާއީ ނުވަތަ ޕްރައިމަރީ ޕްލަސެންޓާއާއި، ގުޅުވައިދޭ ބަޔަކުން ގުޅެންދެނެވެ. މިގުޅުވައިދޭބައި ފަހުން ބަދަލުވަނީ، ފޫޅަށެވެ.

ޤުރުއާނުގައި، ޙަރްފުލް ޢަޠްފު (ޘުންމަ) (ކުރީބަޔާއި ފަހުބައި ވިއްދާ ނުވަތަ ގުޅުވައިދޭ އަކުރު) އަންނަނިވި އާޔަތުގައި ބޭނުންކުރައްވާފައިވަނީ މިމާނަ ދޭހަކޮށްދެއްވުމަށެވެ.

އަލްމުއުމިނޫން ސޫރަތުގެ 14 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنْشَأْنَاهُ خَلْقًا آخَرَ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ

މާނައީ: "ދެން އެއަށްފަހު،  ރައްކާތެރިވެގެންވާ ތަނެއްގައިވާ ތިތްކެއްކަމުގައި ތިމަންސުވާމީންގެ އެއިންސާނާ ލެއްވީމެވެ. ދެން އެއަށްފަހު، ގަނޑުލޭކޮޅެއް ކަމުގައި ތިމަންސުވާމީންގެ އެތިކި ލެއްވީމެވެ. ދެން ކުޑަކުޑަ މަސްކޮޅެއްގެ ސިފަ އެގަނޑުލޭކޮޅަށް ތިމަންސުވާމީންގެ ގެންނެވީމެވެ. ދެން އެމަސްކޮޅުގައި ތިމަންސުވާމީންގެ ކަށިލައްވައި ހެއްދެވީމެވެ. ދެން މަސްތަކަކުން، ތިމަންސުވާމީންގެ އެކަށިތަކުގައި ފޭރާންލެއްވީމެވެ. ދެން އެއަށްފަހު، އެހެން އުފެއްދެވުމަކުން، ތިމަންސުވާމީންގެ އެއިންސާނާ އުފެއްދެވީމެވެ. (އެއީ ފުރާނައަޅުއްވާ މިދުނިޔެމައްޗަށް ފޮނުއްވުމެވެ.) ފަހެ އުފެއްދުންތެރިންކުރެ އެންމެ މޮޅު އުފެއްދުންތެރި، މާތްﷲގެ މާތްވަންތަކަމާއި، ކަށަކުޅަދުންވަންތަކަމާއިއެވެ."

ބަހުގެ ގޮތުން ޢަލަޤާގެ މާނަ އެތައް ގޮތަކަށް ކުރެވެއެވެ. ތިރީގައި އެވަނީ އޭގެ މާނަތަކެވެ.

1-ނުދެމޭގޮތަށް ހުންނަ ފެންގަނޑުގައި އުޅޭ ލީޗް ކިޔާ ފަނި. މިއީ އެހެން ދިރުންތަކުގެ ލޭ ބޯ އެއްޗެކެވެ.

2-އެހެން އެއްޗެއްގައި ތަތްލާފައި ނުވަތަ އެލިފައިވާ އެއްޗެއް.

3-ގަނޑުވެފައިވާ ލޭ

ބިހަށް ދަރިފަނި ވަނުމަށްފަހު، ބައިބައިވަމުންގޮސް، ރަޙިމުގެ ފާރުގައި އިންދިފައިވާ އިންސާނާގެ ފީޓަސްގެ () ސިފަތަކާއި މިހުރިހާ މާނައެއް ގުޅެއެވެ. ފަހެ ފީޓަސްއަކީ، ލީޗް ފަންޏާއި އެއްވައްތަރު އެއްޗެކެވެ. ހަމައެފަދައިން، ފޫޅުމެދުވެރިކޮށް، ފީޓަސް އޮންނަނީ، ރަޙިމުގެ ފާރުގައި ތަތްލާފައެވެ. ފީޓަސްގެ އެތެރޭގައިވާ ލޭހޮޅިތަކަކީ، ބަންދުވެފައިވާ ރަށްތަކެއް ފަދަ އެއްޗެހި ތަކެކެވެ. މިކަމުގެ ސަބަބުން އޭގައި ދަތުރުކުރާ ލެޔަށް ގަނޑުލޭފެ ސިފަގެނުވައެވެ.

ޢަލަޤާ 2 ދުވަހުގެ ތެރޭގައި (24 ވަނަ ދުވަހުން 26 ވަނަ ދުވަހަށް) ވަރަށް ހަލުއިކަމާއިއެކު މުޟްޣާއަކަށް ބަދަލުވެއެވެ. މުއުމިނޫން ސޫރަތުގެ 14 ވަނަ އާޔަތުގައި ޙަރުފުލް ޢަޠްފުގެ ގޮތުގައި ފާފު އައިސްފައިވަނީ މިސަބަބަށްޓަކައެވެ. މިއަކުރަކީ، ކަމަކާއި ވިއްދައިގެން، ނުވަތަ އެއަށްފަހު އަވަހަށް އަނެއްކަމެއް ވާކަން ހާމަކޮށްދިނުމަށް ޢަރަބި ބަހުގައި ބޭނުންކުރެވޭ އަކުރެކެވެ.

އެހެންކަމުން، ޤުރުއާނުގައި އިންސާނާ އުފެދެމުން އަންނަ މަރުޙަލާތައް ބަޔާންކޮށްދެއްވުމުގެ ގޮތުން، އިސްތިޢުމާލުކުރައްވާފައިވާ ޢަޠްފުގެ އަކުރުތަކުންވެސް، މިކަމުގައިވާ ޤުރުއާނުގެ މުޢްޖިޒާތައް އަޅުގަނޑުމެންނަށް ދޭހަވެއެވެ.

ޢަލަޤާއަކީ، އިންސާނާ ހެދި ބޮޑުވަމުން އަންނަ މަރުޙަލާތަކުގެ ތެރެއިން ދެވަނަ މަރްޙަލާއެވެ. ކީރިތި ޤުރުއާނުގެ އެތަށް ތަނެއްގައި މިކަން މިގޮތަށް ބާޔާންކުރައްވާފައިވެއެވެ.

ޤިޔާމަތު ސޫރަތުގެ 37-39 ވަނަ އާޔަތުގައި އައިސްފައިވެއެވެ.

(37) ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّى (38) فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالأُنثَى (39)

މާނައަކީ: "މާބަނޑެއްގެ ތެރެއަށް އޮހޮރާލެވޭ މަނީގެތެރެއިން ތިތްކެއްކަމުގައި، އެއިންސާނާ ނުވޭހެއްޔެވެ. ދެން އެއަށްފަހު ގަނޑުގެންފައިވާ ލޭކޮޅެއްކަމުގައި އެއިންސާނާ ވިއެވެ. އެއަށްފަހު، އެއިންސާނާ ހައްދަވާ ސިފަ ގެންނެވިއެވެ. އެއަށްފަހު، ގުނަންތައް ހަމަކުރެއްވިއެވެ. ދެން އެއިންސާނާގެ ކިބައިން، ފިރިހެން، އަންހެން، ދެބާވަތުގެ ދެޖިންސުގެ މީހުން ލެއްވިއެވެ."

ޢަލަޤްގެ ނަންދެވިފައިވާ ސޫރަތުގެ، 2 ވަނަ އާޔަތގައި ވަޙީކުރައްވާފައިވެއެވެ.

خلق الإنسان من علق

މާނައަކީ "ގަނޑުގެންފައިވާ ލޭކޮޅަކުން، އެކަލާނގެ އިންސާނާ ހެއްދެވިއެވެ."

ޕްރިމިޓިވް ސްޓްރީކްއަށް އަނެއްކާވެސް ނަޒަރު ހިންގާލަމާތޯއެވެ. ފީޓަސްގައި އެންމެ ފުރަތަމަ އުފެދޭ އެއްޗަކީ މިއީއެވެ. މަންމަ ސެލްތަކާއި، ހަށިގަނޑުގެ އެހެން ގުނަވަންތަކާއި، ޓިޝޫތައް އުފެދެނީ މިސްޓްރީކްއިންނެވެ.

3ވަނަ ހަފްތާތެ ނިމޭކޮޅުގައި، ޕްރިމިޓިވް ސްޓްރީކް ކުޑަވެ، ކުރުގެޅެއެވެ. އަދި އޭގައި ބާކީހުރި ބައިތައް، މައިބަނދައިގެ ނިމޭކޮޅުގައި ހުންނަ ކޮކްސިކްސް ސަރަހައްދުގައި އެއްވެއެވެ. މިކަމުގެ ސަބަބުން، މަންމަ ސެލްތަކުން ބާކީ ހުރި ބައިތައް ހުންނާނީ މިސަރަހައްދުގައެވެ.

މިއީ އަބޫހުރައިރާ ރިވާކުރައްވާފައިވާ ޙަދީޘްފުޅުގައި އައިސްފައިވާވާހަކައާއި ދިމާވާ ގޮތެކެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅުގެ މާނައިގައިވެއެވެ. "އާދަމްގެ ދަރިންކުރެ ކޮންމެ މީހަކު އިމްތިޙާނުކުރެވޭނެއެވެ. އަދި ވެލި އެނާކާލާނެއެވެ. ނިގުލުގެ ނިމޭކޮޅު (Coccyx) ފިޔަވައެވެ. އޭނާ އުފެއްދެވުނީ އެތަނުންނެވެ. އަދި އޭނާ އެތުރި އެކުލަވާލެވޭނީވެސް އެތަނުގައެވެ."

ފަހެ ކުރިންވސް ބުނެވުނު ފަދައިން، ހަށިގަނޑުގެ ޓިޝޫތަކާއި، ގުނަވަންތައް ބައްޓަން ކުރާ، ސެލްތައް ހުންނަނީ މައިބަދައިގެ ނިމޭ ހިސާބުގަ (ކޮކްސިކްސް) އެވެ.

ފަހެ، ވަޙީގެ ޛަރީޢާއިން ނޫންގޮތަކަށް، މިޢިލްމު އެކަލޭގެފާނަށް ލިބިވަޑައިގަތްކަމަށްވާނަމަ އެއީ ކޮންގޮތަކުން ލިބިވަޑައިގަތް ޢިލްމެއްބާވައެވެ؟

މުޟްޣާގެ މަރުޙަލާ

guruanai_science-insaanaa6ޢަލަޤާގެ މަރުޙަލާއިން ފީޓަސް މުޟްޣާއަށް ބަދަލުވަނީ 24 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހާއި ދޭތެރޭގައެވެ. މިއީ ނުޠްފާ ޢަލަޤައަކަށް ބަދަލުވާ މުއްދަތާއި އަޅާކިޔާއިރު، ވަރަށް ކުރު މުއްދަތެކެވެ. މިމަރުޙަލާ ފެށެނީ، ހަށިގަނޑުގެ ތަންތަންކޮޅު ނުވަތަ ސޮމައިޓްސް  ފާޅުވާން ފެށުމުންނެވެ. އެއީ، 24 ވަނަ ދުވަހު، ނުވަތަ 25 ވަނަ ދުވަހު ފީޓަސްގެ ބޯކޮޅުންނެވެ. އެއަށްފަހު މަޑުމަޑުން  ފަޔާއި ނުވަތަ ނިގޫކޮޅާއި ދިމާއަށް ސޮމައިޓްސް ފާޅުވުން ކުރިއަށްދެއެވެ، 28 ވަނަ ދުވަހު، ބަނޑުގައިވާ ދަރިފުޅު ވައްތަރުވާނީ، އަނގަޔަށްލައި ހަފާލާފައިވާ މަސްކޮޅެއް ނުވަތަ ޗުވިންގަމް ކޮޅަކާއިއެވެ. މިމަރުޙަލާ. 6 ވަނަ ހަފުތާގެ ނިމޭކޮޅުގައި ނިމެންދެން، ރަޙިމުތެރޭގައި، ކުޑަކުއްޖާ ފުރުޅި ޙަރަކާތްކުރާނެއެވެ.

މުޟްޣާގެ މަރުޙަލާގައި، ސެލްތަކުގެ ޢަދަދުވަރަށް ބޮޑަށް އިތުރުވެ، ސައިޒުވެސް އަވަހަށް ބޮޑުވަމުންދާނެއެވެ. އޭގެ މާނައަކީ، މިދުވަސްކޮޅު، މުޟްޣާ އޮންނާނީ، ވަކި އެތުރުމެއް، ބައްޓަމެއް ނެތް މަސްކޮޅެއް ފަދައިންނެވެ. އޭގެ ކުޑަދުވަސްކޮޅެއް ފަހުން، ސިފަޖެހުމުގެ މަރުޙަލާ ފެއްޓޭނެއެވެ. މިގޮތުން، ދެލޮލާއި، ދުލާއި (4ވަނަ ހަފުތާގައި)، ދެތުންފަތް (5ވަނަ ހަފުތާގައި) އުފެދެން ފަށާނެއެވެ. ނަމަވެސް، މިގުނަވަންތައް ފާޅުވާ މިންވަރަށް ހުންނާނީ، 8 ވަނަ ހަފުތާގެ ނިމޭހާތާގައެވެ. އަދި މިމަރުގަލާގައި، އަތްފައިގެ ކުރިތައްވެސް ފަޅަން ފަށާނެއެވެ.

ޤުރުއާނާއި ސުންނަތުން ބަލާލުމެއް

ބަހުގެ ގޮތުން ބަލާއިރު، މުޟްޣާ އަކީ، އަނގަޔަށްލައި، ހަފާލެވިފައިވާ އެއްޗެވެ. މިއީ އިންސާނާ އުފެދެމުން އަންނަ މަރުޙަލާތަކުގެ ތެރެއިން މިމަރުޙަލާގައި އޭނާ އޮންނަ ގޮތާއި ވަރަށް ގުޅޭ ސިފަކުރުމެކެވެ. މުޟްޣާގެ މަރުޙަލާގައި، އޭނާ އޮންނާނީ ހަފާލެވިފައިވާ މަސްގަނޑެއް ފަދައިން، ވަކި ސިފައެއް ހާމަނުވާ، އަވަސް އަވަހަށް ބައްޓަން ބަދަލުވަމުންދާ އެއްޗެއްގެ ގޮތުގައެވެ.

ސޮމައިޓްސް ފާޅުވަމުން އަންނައިރު، އެތަންތަން، މަސްގަނޑެއްގައި ދަތުން ހެފުމުން ނުވަތަ ދަތް އެޅުމުން އުފެދޭ ނިޝާންތަކާއި ވަރަށް އެއްގޮތެވެ. ހަމައެފަދައިން، އެއްޗެއް ހަފާއިރު، އަނގަ ތެރޭގައި، އެއެއްޗެއް އެނބުރި ދައުރުވަމުންދާ ފަދައިން، މުޟްޣާގެ މަރުޙަލާގައި، ކުޑަކުއްޖާ މަންމަގެ ރަޙިމުގައި ޙަރަކާތްކުރެއެވެ.

މުޟްޣާގެ މަރުޙަލާއަންނަނީ، ޢަލަޤާއަށް ފަހުގައެވެ. މިއީ ޤުރުއާނުގެ އާޔަތްތަކުގައިވާ ތަރުތީބާއި އެއްގޮތްވުމެކެވެ.

އަލްމުއުމިނޫން ސޫރަތުގެ 14 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިއެވެ.

ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنْشَأْنَاهُ خَلْقًا آخَرَ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ

މާނައީ: "ދެން އެއަށްފަހު،  ރައްކާތެރިވެގެންވާ ތަނެއްގައިވާ ތިތްކެއްކަމުގައި ތިމަންސުވާމީންގެ އެއިންސާނާ ލެއްވީމެވެ. ދެން އެއަށްފަހު، ގަނޑުލޭކޮޅެއް ކަމުގައި ތިމަންސުވާމީންގެ އެތިކި ލެއްވީމެވެ. ދެން ކުޑަކުޑަ މަސްކޮޅެއްގެ ސިފަ އެގަނޑުލޭކޮޅަށް ތިމަންސުވާމީންގެ ގެންނެވީމެވެ. ދެން އެމަސްކޮޅުގައި ތިމަންސުވާމީންގެ ކަށިލައްވައި ހެއްދެވީމެވެ. ދެން މަސްތަކަކުން، ތިމަންސުވާމީންގެ އެކަށިތަކުގައި ފޭރާންލެއްވީމެވެ. ދެން އެއަށްފަހު، އެހެން އުފެއްދެވުމަކުން، ތިމަންސުވާމީންގެ އެއިންސާނާ އުފެއްދެވީމެވެ. (އެއީ ފުރާނައަޅުއްވާ މިދުނިޔެމައްޗަށް ފޮނުއްވުމެވެ.) ފަހެ އުފެއްދުންތެރިންކުރެ އެންމެ މޮޅު އުފެއްދުންތެރި، މާތްﷲގެ މާތްވަންތަކަމާއި، ކަށަކުޅަދުންވަންތަކަމާއިއެވެ."

އަނގަޔަށްލައި ހެފޭ އެއްޗެތީގެ ސިފަތަކުގެ ތެރޭގައި، އެއެއްޗެއް ދިގުވެ، އޭގެ ބައްޓަން ބަދަލުވުން ހިމެނެއެވެ. މިމަރުޙަލާގައި އިންސާނާއަށް އަންނަ ބަދަލުތައް މިކަމާއި ބަރާބަރަށް ގުޅެއެވެ. ކުރިން ބުނެވުނު ފަދައިން މުޟްޣާއަކީ، ގުނަވަންތައް އުފެދި ސިފަޖެހުމުގެ ކުރިން އަންނަ ވަގުތުކޮޅަކާއި، ގުނަވަންތައް އުފެދި ސިފަޖެހެން ފެށުމުގެ ފަހުން އަންނަ ވަގުތުކޮޅެކެވެ.

އަލްޙައްޖު ސޫރަތުގެ 5 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا النَّاسُ إِن كُنتُمْ فِي رَيْبٍ مِّنَ الْبَعْثِ فَإِنَّا خَلَقْنَاكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ وَنُقِرُّ فِي الْأَرْحَامِ مَا نَشَاء إِلَى أَجَلٍ مُّسَمًّى

މާނައަކީ: "އޭ މީސްތަކުންނޭވެ. މަރުވުމަށްފަހު، އަލުން ދިރުއްވައި ފޮނުއްވާނެކަމާއިމެދު ތިޔަބައިމީހުން ޝައްކުގައިވަނީނަމަ، ފަހެ ތިމަންސުވާމީންގެ ތިޔަބައިމީހުން އުފެއްދެވީވެސް ވެލިންނެވެ. އެއަސްފަހު، މަނި ތިތްކަކުންނެވެ. އެއަށްފަހު ގަނޑުލޭކޮޅަކުންނެވެ. އެއަށްފަހު އާދަމްގެ ދަރިއެއްގެ ސިފަ ފާޅުވެގެންވާ ނުވަތަ ފާޅުވެގެންނުވާ ކުޑަ މަސްކޮޅަކުންނެވެ. އެއީ ތިޔަބައިމީހުންނަށް އަންގަވައި ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި ކަނޑައެޅިގެންވާ ވަގުތުއް ހަމަވަންދެން ތިމަންސުވާމީންގެ އިރާދަކުރައްވާ އިރެއް ވަންދެން ރަޙިމުތަކުގައި ތިޔަބައިމީހުން ބައިތިއްބަވަމުއެވެ."

އެހެންކަމުން، މުޟްޣާގެ ދެމަރުޙަލާއެއްވާކަން އެބަ އެނގެއެވެ. އެއީ ޚަލްޤުނުކުރެއްވޭ މަރުޙަލާއަކާއި (އާދަމުގެ ދަރިވަންތަކަމުގެ ސިފަ ނުޖެހިވާ) (އާދަމުގެދަރިވަންތަކަމުގެ ސިފަޖެހިފައިވާ) ޚަލްޤުކުރެއްވިފައިވާ މަރުޙަލާއެކެވެ. މި މަރުޙަލާގައި ހިމެނޭ ދެބަޔާއި އެކު، މުޅި މަރުޙަލާގެ ނިމުން އަންނަނީ،6 ވަނަ ހަފުތާގަ (40 ދުވަހަށްފަހު) އެވެ.

ޢަބްދުﷲ ބިން މަސްޢޫދުގެފާނު ވިދާޅުވިއެވެ. އަޅުގަނޑުމެންނަށް ސަލާމާތް ޞަލަވާތްލެއްވި ﷲ ގެ ރަސޫލާ ޙަދީޘްކުރެއްވިއެވެ. އެކަލޭގެފާނަކީ، ތެދުވެރި، ބަސްފުޅު ޤަބޫލުކުރެއްވޭ ބޭކަލެކެވެ."ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ކޮންމެމީހެއްވެސް (ޚަލްޤުކުރެއްވެނީ) އޭނާގެ މަންމަގެ ބަނޑުގައި، ޚަލްޤުކުރުން އެއްކުރެވެނީ، 40 ދުވަހުގެ ތެރޭގައެވެ. އެއަށްފަހު، ހަމައެމުއްދަތުގައި ޢަލަޤާއަކަށް ވެދެއެވެ. އެއަށްފަހު ހަމަ އެފަދަ މުއްދަތެއްގެ ތެރޭގައި، މުޟްޣާއަކަށް ވެދެއެވެ. އެއަށްފަހު، މަލާއިކަތް ބޭކަލެއް ފޮނުއްވެއެވެ. ފަހެ އެމަލާއިކަތާ އޭނާގެ ހަށިގަނޑުގައި ފުރާނަ އަޅުއްވައެވެ. އަދި 4 ކަލިމައިން އޭނާގެ ރިޒްޤާއި، އަޖަލާއި، ޢަމަލާއި، އޭނާއަކީ އަބާއްޖެވެރިއެއްތޯ ނުވަތަ ބާއްޖެވެރިއެއްތޯ ލިޔުއްވުމަށް އަމުރުކުރެވެއެވެ. ފަހެ އެކަލާނގެ ފިޔަވައި އެހެން ކަލާނގެއެއް ނުވާ ކަލާނގެ ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުންކުރެ މީހަކު ސުވަރުގެއާއި އަނގުނެއްގެ މިންވަރު ކައިރިވުމައްދާންދެން، ސުވަރުގެވަންތަ މީހުންކުރާ ޢަމަލުކޮށްކޮށް ހުއްޓާ އޭނާގެ މައްޗަށް ފޮތް އިސްވެއެވެ. ދެން ފަހެ އޭނާ، ނަރަކަވަންތަ މީހުންގެ ޢަމަލެއްކޮށް (އެކަމުގެ ސަބަބުން) ނަރަކައަށް ވަދެއެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންކުރެ މީހަކު، ނަރަކައާއި އަނގުނެއްގެ މިންވަރު ކައިރިވުމަށްދާންދެން، ނަރަކަވަންތަ މީހުން ކުރާ ޢަމަލުކޮށްކޮށް ހުއްޓާ އޭނާގެ މައްޗަށް ފޮތް އިސްވެއެވެ. ދެން ފަހެ އޭނާ ސުވަރުގެވަންތަ މީހުންގެ ޢަމަލެއްކޮށް، (އެކަމުގެ ސަބަބުން) ސުވަރުގެއަށް ވަދެއެވެ."

ގުނަވަންތައް އުފެދިގެން އައުމުގައި ބައެއް ގުނަވަން އަނެއް ގުނަވަންތަކަށް ވުރެ ކުރިން އުފެދޭ އުފެދޭކަން، އެއީ އެނގެން އޮތްކަމެވެ. މިސާލަކަށް، ދެލޮލާއި، ދޫ އުފެދެނީ (4ވަނަ ހަފުތާގައި) ތެދުންފަތަށްވުރެ (5ވަނަ ހަފުތާގައި) ކުރިންނެވެ. ޤުރުއާނުގައި ދެލޮލާއި ދޫ އުފެދުން، ދެތުންފަތް އުފެދުމަށްވުރެ އިސްކޮށްފައިވެއެވެ.

ބަލަދް ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ألم نجعل له عينين ولساناً وشفتين

މާނައަކީ: "ތިމަންސުވާމީންގެ އެއިންސާނާއަށް ދެލޯ ނުދެއްވަންހެއްޔެވެ؟ އަދި ދުލަކާއި ދެތުނަފަތާއިއެވެ."

guruanai_science-insaanaa7

ކަށީގެ މަރުޙަލާ

ޢިލްމީ ޙަޤީޤަތްތައް

6ވަނަ ހަފުތާ ތެރޭގައި، ކާށީގެ ކުރީގެ މަރުޙަލާކަމުގައިވާ، ކާރޓިލޭޖް ނުވަތަ މަޑުކަށި އުފެދެން ފަށައެވެ. އެކަމަކު، 7 ވަނަ ހަފުތާގެ ފެށުމާއި ހަމައަށް، އިންސާނެއްގެ ސޫރައަށް ބައްޓަން ބަދަލެއް ނުވެއެވެ. މުޟްޣާގެ މަރުޙަލާއިން، ހަށިގަނޑުގެ އޮނިގަނޑު ފާޅުވާ ވަރަށް، ކަށިތައް ބަދަލުވަނީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައެވެ. އެއީ 6 ވަނަ ހަފުތާގެ ނިމުމާއި 7 ވަނަ ހަފުތާގެ ފެށުމާއި ދޭތެރޭ އޮންނަ ވަގުތުކޮޅެވެ. މި މަރުޙަލާގައި އެންމެ ފާހނގަކޮށްލެވޭ ކަމަކީ، އިންސާނެއްގެ ސިފަޖައްސުވައިދޭގޮތަށް، ކަށީގެ ނިޒާމު ބައްޓަންވާކަމެވެ.

ޤުރުއާނާއި ސުންނަތުން ބަލާލުމެއް

މިމަރުޙަލާއަށް ކީރިތި ޤުރުއާނުގައި ދެއްވާފައިވާ އަލްޢިޡާމް (ކަށި) އަކީ، ބަނޑުގައިވާ ދަރިފުޅު ސިފަކުރުމަށް، މިދުވަސްކޮޅު ބޭނުންކުރަން އެންމެ ރަނގަޅު މުޞްޠަލަޙުއެވެ. މުޟްޣާގެ މަރުޙަލާއާއި، ޖެހިގެން ދެން މިއަންނަ މަރުޙަލާ، މިބަހުން ވަރަށް ރަނގަޅަށް ވަކިކޮށްދެއެވެ. އަލް މުއުމިނޫން ގެ 14 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.

ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنْشَأْنَاهُ خَلْقًا آخَرَ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ

މާނައީ: "ދެން އެއަށްފަހު،  ރައްކާތެރިވެގެންވާ ތަނެއްގައިވާ ތިތްކެއްކަމުގައި ތިމަންސުވާމީންގެ އެއިންސާނާ ލެއްވީމެވެ. ދެން އެއަށްފަހު، ގަނޑުލޭކޮޅެއް ކަމުގައި ތިމަންސުވާމީންގެ އެތިކި ލެއްވީމެވެ. ދެން ކުޑަކުޑަ މަސްކޮޅެއްގެ ސިފަ އެގަނޑުލޭކޮޅަށް ތިމަންސުވާމީންގެ ގެންނެވީމެވެ. ދެން އެމަސްކޮޅުގައި ތިމަންސުވާމީންގެ ކަށިލައްވައި ހެއްދެވީމެވެ. ދެން މަސްތަކަކުން، ތިމަންސުވާމީންގެ އެކަށިތަކުގައި ފޭރާންލެއްވީމެވެ. ދެން އެއަށްފަހު، އެހެން އުފެއްދެވުމަކުން، ތިމަންސުވާމީންގެ އެއިންސާނާ އުފެއްދެވީމެވެ. (އެއީ ފުރާނައަޅުއްވާ މިދުނިޔެމައްޗަށް ފޮނުއްވުމެވެ.) ފަހެ އުފެއްދުންތެރިންކުރެ އެންމެ މޮޅު އުފެއްދުންތެރި، މާތްﷲގެ މާތްވަންތަކަމާއި، ކަށަކުޅަދުންވަންތަކަމާއިއެވެ."

ކުރިންވެސް ބުނެވުނު ފަދައިން، މުޟްޣާއިން ކަށީގެ މަރުޙަލާއަށް ކުޑަކުއްޖާ ބަދަލުވަނީ ވަރަށް އަވަހަށް ކުރު މުއްދަތެއްގެ ތެރޭގައެވެ. އެއްކަމެއް އަނެއްކަމަކާއި ގުޅިގެން އަންނަކަން ދޭހަކޮށްދިނުމަށް ބޭނުންކުރެވޭ އަކުރުތަކުގެ ތެރެއިން ފާފު މި އާޔަތުގައި ބޭނުންކުރައްވާފައި އޮތުމުން މިކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ. ފާގުން އަންގައިދެނީ، ކަމެއް ނިމިގެން އެއާއި ވިއްދައި އެހެން ކަމެއް އަވަހަށް ވެފައިވާކަމެވެ.

ކަށީގެ ނިޒާމަކީ، މަސްތަކުން އެފޮރުވި، ލޮލާއި ތުންފަތާއި ނޭފަތާއި ކަންފަތާއި އަތްފައި އުފެދުމުން، އިންސާނީ ސިފަ އަޅުވައިދޭ ނިޒާމެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ. "ނުޠުފާ އާއިގެން، ބަޔާޅީސް ރޭ ހޭދަވުމުން، އޭގެ ގާތަށް މަލާއިކަތެއް ފޮނުއްވައެވެ. ފަހެ އެމަލާއިކަތް ބޭކަލަކު، އޭގައި ޞޫރަ ޖެއްސެވުމަށްފަހި، އަޑުއެހުމާއި ފެނުމާއި ހަމާއި މަހާއި ކަށި އުފައްދަވައެވެ. އެއަށްފަހު ވިދާޅުވެއެވެ. އޭހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. ފިރިހެނެއްތޯއެވެ. ނުވަތަ އަންހެނެއްތޯއެވެ."

ނުޠުފާއަށް 42 ރޭވުމަށްފަހު (6 ހަފުތާ) ކަށީގެ ފުރަތަމަ މަރުޙަލާ ކަމުގައިވާ، ކާރޓީލޭޖް ފާޅުވެ، އާދަމްގެ ދަރިއެއްގެ ސިފަޖެހެން ފަށައެވެ. އެއަށްފަހު (10 ވަނަ ހަފުތާގައި) ޖިންސީ ގުނަވަންތައް ފާޅުވާން ފަށައެވެ.

ކަށީގެ ނިޒާމު އިތުރަށް ފާޅުވެ، އިންސާނެއްގެ ބައްޓަން ބަނޑުގައިވާ ދަރިފުޅުގެގައިގައި 7 ވަނަ ހަފުތާއިން ފެށިގެން އިތުރުވާން ފަށައެވެ. މުޟްޣާއާއި، އިންސާނެއްގެ ސިފަޖެހުމާއި ދެމެދު ވަކިކުރާ މުއްދަތަކީ، މި ހަފުތާ (40 ވަނަ ދުވަހާއި 45 ވަނަ ދުވަހާއި ދެމެދު ) ކަމުގައި ބެލެވިދާނެއެވެ.

މަސްތަކުގެ މަރުޙަލާ

ޢިލްމީ ޙަޤީޤަތް

މި މަރުޙަލާ ފާހަގަކުރެވެނީ، ކަށިތަކުގައި، މަސްތައް ތަތްވާ މަރުޙަލާގެ ގޮތުގައެވެ. ކަށީގައި މަސްލެވުން ފުރިހަމަވުމުން، ކުޑަކުއްޖާއަށް އެކިއެކި ޙަރަކާތްތައް ކުރުމުގެ ޤާބިލްކަން ލިބެއެވެ.

guruanai_science-insaanaa8މަސްތައް އުފެދެނީ 7 ވަނަ ހަފުތާގެ ނިމޭ ހިސާބުންނެވެ. މަސްތައް އުފެދުން 8ވަނަ ހަފުތާގެ ނިމުމާއިހަމައަށް ދެމިއޮވެއެވެ. ކަށީގެ މަރުޙަލާއަށްފަހު، މަސްތައް އުފެދުމަށް ނަގަނީ ވަރަށް ކުރު މުއްދަތެކެވެ.

ޤުރުއާނަށް ބާލާލުމެއް

ކަށީގައި މަސްލެވެން ފެއްޓެނީ، ކަށީގެ މަރުޙަލާއަށްފަހު، ކުރިންވެސް ބުނެވުނު ފަދައިން، 7 ވަނަ ހަފުތާގެ ނިމޭހާތާގައެވެ. އަދި މި މަރުޙަލާ 8 ވަނަ ހަފުތާގެ ނިމުމާއި ހަމައަށް ދެމިއޮވެއެވެ.

ކަށީގައި މަސްލެވުމުން، ކުޑަކުއްޖާ ޙަރަކާތްކުރަން ފައްޓައެވެ. އަދި ހަށިގަނޑު އިތުރަށް ފާޅުވެ، ގުނަވަންތަކުގެ މެދުގައި ގުޅުން އޮންނަ މިންވަރު އިތުރުވެއެވެ. 8 ވަނަ ހަފުތާގެ ނިމުމާއި ހަމައަށް އޮންނަ މި މަރުޙަލާއަކީ، ޚަލްޤުކުރެއްވުމުގެ ދުވަސްތައް ކަމުގައި ބެލެވެއެވެ. 8 ވަނަ ހަފުތާ ނިމެންދެން، ކުޑަކުއްޖާއަށް ދެވިފައިވާ ޢިލްމީ ނަމަކީ އެމްބްރިޔޯ (Embryo)އެވެ. އެއަށްފަހު ދެން އަންނަ މަރުޙަލާގައި ކުއްޖާއަށް ކިޔޭ ނަމަކީ، ފީޓަސް (Foetus) އެވެ. އަލްމުއުމިނޫން ސޫރަތުގައި އައިސްފައިވާ ފަދައިން މި މަރުޙަލާއަކީ، ކުއްޖާ ހެދިބޮޑުވާން ފެއްޓުމުގެ ދުވަސްވަރެވެ.

ބޮޑުވުމާއި، ދިރިހުރުމުގެ ޤާބިލިއްޔަތު ލިބޭ މަރުޙަލާ

ޢިލްމީ ޙަޤީޤަތްތައް

8 ވަނަ ހަފުތާ ނިމުމާއިއެކު ކުރިއަށްވުރެ ބާރު ދުވެއްޔެއްގައި، ކުއްޖާ ބޮޑުވާން ފައްޓައެވެ. އަދި އެހެން ޚަލްޤުއަކަށް ބަދަލުވެއެވެ. އެގޮތުން 9 ވަނަ ހަފުތާއާއި 12 ވަނަ ހަފުތާއާއި ދެމެދުގައި ބޮލުގެ ސައިޒާއި ހަށިގަނޑާއި އަތްފައިގެ މެދުގައި ހަމަހަމަކަން އުފެދެން ފަށައެވެ. 10 ވަނަ ހަފުތާގައި، ބޭރުފުށުން ފެންނަން ހުންނަ ޖިންސީ ގުނަވަންތައް ފާޅުވެ، 12 ވަނަ ހަފުތާގައި ކާރޓިލޭޖް ހަރުކައްޓަށް ބަދަލުވާން ފައްޓައެވެ. ޖިންސީ ގުނަވަންތައް ފާޅުވުމުގެ ސަބަބުން، މިމަރުޙަލާގައި ކުއްޖާގެ ޖިންސު އެކަމަށް ޚާއްޞަ އާލާތްތައް ބޭނުންކޮށްގެން ބެލިދާނެއެވެ. ފާހަގަކުރެވޭ ދަރަޖައަކަށް، ކުއްޖާގެ ބަރުދަންވެސް މިދުވަސްވަރު އިތުރުވާނެއެވެ. އަދި އަމިއްލަ ބާރުގައި (Voluntary) ޙަރަކާތްކުރެވޭ މަސްތަކާއި، އަމިއްލަ ބާރެއްނެތި (Involuntary) ޙަރަކާތްކުރާ މަސްތައްވެސް ތަރައްޤީ ވާން ފަށައެވެ. އެހެންކަމުން، އަމިއްލަ ބާރުގައި، އަމިއްލަ އެދުމާއިއެކު، ކުރެވޭ ޙަރަކާތްތައް، މިދުވަސްކޮޅު ކުއްޖާއަށް ކުރެވޭނެއެވެ.

guruanai_science-insaanaa9މިމަރުޙަލާގައި، ކުއްޖާހެ ގުނަވަންތަކާއި،ސިސްޓަމްތައް، އޭގެ ވަޒީފާތައް އަދާކުރުމަށް ވާނީ ތައްޔާރުވެފައެވެ. 22 ވަނަ ހަފުތާއިން 26 ވަނަ ހަފުތާއާއި ހަމައަށް ރަޙިމުން ބޭރުގައި ކުއްޖާ ދިރިހުރުމަށް ބޭނުންވާ ކަންތައްތައް ފުރިހަމަވެއެވެ.

އެގޮތުން ނޭވާލުމުގެ ނިޒާމު އޭގެ މަސައްކަތަށް ތައްޔާރުވެ، ހަށިގަނޑުގެ ހޫނުމިން ހަމައަކަށް އެޅުވުމަށް، ނާވަސް ސިސްޓަމުވެސް ތައްޔާރުވެއެވެ. އަދި ވިހެއުމުގެ މަރުޙަލާއާއި ޖެހެންދެން، ކުއްޖާއަށް ބޭނުންވާ ކާނާ ފޯރުކޮށްދިނުމަށާއި، އޭނާއަށް އެކަށީގެންވާ ވެއްޓެއްގެ ގޮތުގައި ރަޙިމު ދެމިއޮވެއެވެ.

ޤުރުއާނުގެ ނަޒަރުން ބަލާލުމެއް

މިމަރުޙަލާ ފެށެނީ، ކަށީގައި މަސްލެވި ފޮރުވުމުންނެވެ. އާދެ! 9 ވަނަ ހަފުތާގެ ފެށުމާއި ހަމައިންނެވެ. ގާތްގަނޑަކަށް 3 ހަފުތާ ވަންދެން މިމަރުޙަލާ ދެމިއޮވެއެވެ. އަލްމުއުމިނޫން ސޫރަތުގައި ބޭނުންކުރައްވާފައިވާ ޘުންމަ އިން މިމުއްދަތަށް ދަންމަރުކޮށްދެއެވެ. ޘުންމަ ޢަރަބި ބަހުގައި  ބޭނުންކުރަނީ، ކަމަކާއި ވިދެގެން އަނެއްކަމެއް ވުމާއި މެދު، ނަގާވަގުތު އެހާ އަވަސް ނޫންކަން ދޭހަކޮށްދިނުމަށެވެ. އެހެން ކަމުން ކަށީގައި މަސްލެވުމާއި ޚަލްޤުކުރެއްވުމުގެ އެހެން މަރުޙަލާއަކާއި ޖެހެންދެން، އޮންނަ ވަގުތު އެހާ ކުރު ނޫންކަން، މިއާޔަތުން ހާމަކޮށްދެއެވެ. އަލްމުއުމިނޫން ސޫރަތުގެ 14 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنْشَأْنَاهُ خَلْقًا آخَرَ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ

މާނައީ: "ދެން އެއަށްފަހު،  ރައްކާތެރިވެގެންވާ ތަނެއްގައިވާ ތިތްކެއްކަމުގައި ތިމަންސުވާމީންގެ އެއިންސާނާ ލެއްވީމެވެ. ދެން އެއަށްފަހު، ގަނޑުލޭކޮޅެއް ކަމުގައި ތިމަންސުވާމީންގެ އެތިކި ލެއްވީމެވެ. ދެން ކުޑަކުޑަ މަސްކޮޅެއްގެ ސިފަ އެގަނޑުލޭކޮޅަށް ތިމަންސުވާމީންގެ ގެންނެވީމެވެ. ދެން އެމަސްކޮޅުގައި ތިމަންސުވާމީންގެ ކަށިލައްވައި ހެއްދެވީމެވެ. ދެން މަސްތަކަކުން، ތިމަންސުވާމީންގެ އެކަށިތަކުގައި ފޭރާންލެއްވީމެވެ. ދެން އެއަށްފަހު، އެހެން އުފެއްދެވުމަކުން، ތިމަންސުވާމީންގެ އެއިންސާނާ އުފެއްދެވީމެވެ. (އެއީ ފުރާނައަޅުއްވާ މިދުނިޔެމައްޗަށް ފޮނުއްވުމެވެ.) ފަހެ އުފެއްދުންތެރިންކުރެ އެންމެ މޮޅު އުފެއްދުންތެރި، މާތްﷲގެ މާތްވަންތަކަމާއި، ކަށަކުޅަދުންވަންތަކަމާއިއެވެ."

ކަށީގައި މަސްޖެހި، ބޮލާއި އަތްފައި ރަނގަޅަށް ފާޅުވުމުން، ކުޑަކުއްޖާ އެބަދަލުވަނީ އެހެން މަޚްލޫޤުންތަކާއި ވަކިކޮށްދޭ ސިފަހުރި، އިންސާނީ ޚަލްޤުއަކަށެވެ. އަލްމުއުމިނޫން ސޫރަތުގެ 14ވަނަ އާޔަތުން މިކަންތައް އަޅުގަނޑުމެންނަށް ދޭހަކޮށްދެއެވެ.

ޤުރުއާނުގައި ބަޔާންވެފައިވާ ފަދައިން، މިމަރުޙަލާގައި، ކުޑަކުއްޖާ ބޮޑުވަމުން އައުމުގެ ވަރަށް މުހިއްމު ކަންތައްތަކެއް ހިނގައެވެ. ތިރީގައި އެވަނީ މިގޮތުން ފާހަނގަކޮށްލެވޭ ކަންތައްތަކެވެ.

1- ބޮޑުވާން ފެށުން (އައްނަޝްއާ): 9 ވަނަ ހަފުތާއިން ފެށިގެން، އޭގެ ކުރިގެ ދުވަސްތަކަށްވުރެ، ބާރު ސްޕީޑެއްގައި ކުއްޖާ ބޮޑުވަމުން އައުން.

2-އެހެން ޚަލްޤަކަށްވުން: އެމްބްރިޔޯއީ އަކުން، ފީޓަސް އަށް ބަދަލުވުން. މިމަރުޙަލާގައި، އަތްފަޔާއި، ބޭރުފުށުގެ ގުނަވަންތަކާއި، އިނގިލިތަކާއި، ޖިންސީ ގުނަވަންތައް ފާޅުވެއެވެ. މާތް ﷲ އާލް ޢިމްރާން 6 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ.

3-هُوَ الَّذِي يُصَوِّرُكُمْ فِي الأَرْحَامِ كَيْفَ يَشَاءُ

މާނައަކީ: "އެކަލާނގެ އިރާދަކުރައްވާގޮތަކަށް، ރަޙިމުތަކުގައި ތިޔަބައިމީހުން ހައްދަވައި ސިފަކުރައްވަނީ އެކަލާނގެއެވެ. އެކަލާނގެ މެނުވީ އިލާހަކު ނުވެއެވެ. އެކަލާނގެއީ ބާރުގަދަ ޙިކްމަތްވަންތަ ރަސްކަލާނގެއެވެ."

މިހާ ހިސާބުން ސަމާލުކަން ދޭންޖެހޭ އެހެން ނުކުތާއެއްވެސް އެބައޮތެވެ.

އައްޒުމަރު ސޫރަތުގެ 6 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.

خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ ثُمَّ جَعَلَ مِنْهَا زَوْجَهَا وَأَنْزَلَ لَكُمْ مِنَ الْأَنْعَامِ ثَمَانِيَةَ أَزْوَاجٍ يَخْلُقُكُمْ فِي بُطُونِ أُمَّهَاتِكُمْ خَلْقًا مِنْ بَعْدِ خَلْقٍ فِي ظُلُمَاتٍ ثَلَاثٍ ذَلِكُمُ اللَّهُ رَبُّكُمْ  

މާނައަކީ: ''އެސުވާމީންގެ ތިޔަބައިމީހުން ހެއްދެވީ އެންމެ ނަފުސެއްގެ ކިބައިންނެވެ. އެއީ އާދަމްގެފާނެވެ. އަދި އެކަލޭގެފާނުގެ އަނބިކަނބަލުން، ޙާއްވާގެފާނު ހެއްދެވީވެސް ހަމަ އެނަފްސުންނެވެ. އަދި އެސުވާމީންގެ ތިޔަބައިމީހުންނަށް އަންޢާމް ސޫފީގެ އަށެތި ބާވައިލެއްވިއެވެ. ތިޔަބައިމީހުންގެ މައިންގެ ބަނޑުގައި، ތިން އަނދިރިކަމެއްގެ ތެރޭގައި، އެއް ޚަލްޤަކަށްފަހު އަނެއް ޚަލްޤަކަށް ހެއްދެވުމުން އެސުވާމީންގެ ތިޔަބައިމީހުން ފުރިހަމައަށް ހެއްދެވިއެވެ. އެއީ ތިޔަބައިމީހުން ހައްދަވާ ބޮޑުކުރެއްވި މާތްﷲ އެވެ."

މިއާޔަތުގައި ކުރިންވެސް ބަޔާންކުރެވިފައިވާ ފަދައިން ކުޑަކުއްޖާ އެއް މަރުޙަލާއިން އަނެއް މަރުޙަލާއަށް ތަރައްޤިވަމުންދާ ކަމާއި، ކެނޑިނޭޅި ބޮޑުވަމުން އަންނަކަން ހާމަކޮށްދެއެވެ.

ރަޙިމުގައި، ދަރިފުޅު އޮންނައިރު، އޭނާގެ ވަށައިގެން 3 ދުލިފަށް ވާކަމަށް، ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ:-

– އެމްނިއޮޓިކް ކޮތަޅު (Amniotic sac) : އެމްނިއޮޓިކް ލިކުއިޑްއިން ފުރިފައިވާ މިކޮތަޅުގެ ތެރޭގައި ކުއްޖާ އޮތުމުން ރަޙިމަށް އަންނަ ލޮޅުންތަކުން އޭނާ ސަލާމަތްކޮށްދެއެވެ. އަދި ވިހެއުމުގެ ތެރޭގައި ފަސޭހައިން ވިހޭ ގޮތަށް އޮތުމަށް އޭނާއަށް، ޙަރަކާތްކުރުމަށް އެހީވެދެއެވެ.

- ކޯރޮޔޯން ފަށަލަ (Chorion)

-ޑެސިޑުއާ ފަށަލަ (Decidua)

ޤުރުއާނުގައި އައިސްފައިވާ 3 އަނދިރިކަން އެއީ މިތިން ބައިކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އަނެއްބަޔަކު ވިދާޅުވާގޮތުގައި، އެއީ އެމްނިއޮޓިކް ކޮތަޅާއި، ރަޙިމުގެ ފާރާއި، ބަނޑުގެ ފާރެވެ. (މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ.)

ކުރިން ބުނެވުނު ފަދައިން ރަޙިމުން ބޭރުގައި ދިރިއޮތުމަށް 6 ވަނަ މަސްފުރިހަމަވުމުން، ކުއްޖާއަށް ތައްޔާރުވެވެއެވެ.

އަލްއަޙްޤާފު ސޫރަތުގެ 15 ވަނަ އާޔަތުގައި އައިސްފައިވާ ގޮތުގައި، ބަލިވެއިނުމާއި ކިރުދިނުމުގެ މަރުޙަލާގެ ދިގުމިނަކީ 30 މަހެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا

މާނައަކީ: "އެއިންސާނާގެ މައިމީހާ އުނދަގޫކަމާއެކު އެއިންސާނާއާއިގެން މާބަނޑުވެއިނެވެ. އަދި އުނދަގޫކަމާއިއެކު، އެއިންސާނާ ވިހެއެވެ. އެއިންސާނާއާއިގެން ބަލިވެއިނުމާއި ކިރުތުނބުން ވީއްލިވަކިވުމާއި މުޅިއެކު 30 މަސް ދުވަހެވެ."

ލުޤުމާނު ސޫރަތުގެ 14 ވަނަ އާޔަތުގައި އައިސްފައިވާ ގޮތުން، ކިރުދިނުމުގެ މަރުޙަލާގެ ދިގުމިނަކީ، 24 މަހެވެ. حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ

މާނައަކީ: "އޭނާގެ މަންމަ ބަލި ނިކަމެތިކަން ފަށްފަށްވެ، ހުށަހެޅޭ ހިނދުގައިމެ މައިބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކުރުތުނބުން ނައްޓާލީ ދެއަހަރުވުމުންނެވެ."

އެހެންކަމުން ޤުރުއާނުގެ ބަޔާނުގެ މައްޗަށް ބުރަވެ، ވަރަށް އާދައިގެ ހިސާބު ހަދާލުމަކުން، ބަލިވެ އިނުމުގެ އެންމެ ކުރު މުއްދަތަކީ 6 މަސް ދުވަސްކަން އެނގެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.