އަންގާރަ20200630

އާކުރެވުނީ: 08:43:52

އިލާހީ މުޢުޖިޒާތް: މަދިރި

madiri 02މާތް ﷲ ވަޙީކުރެއްވިއެވެ. 

"إِنَّ اللَّهَ لاَ يَسْتَحْيِي أَن يَضْرِبَ مَثَلاً مَّا بَعُوضَةً فَمَا فَوْقَهَا فَأَمَّا الَّذِينَ آمَنُواْ فَيَعْلَمُونَ أَنَّهُ الْحَقُّ مِن رَّبِّهِمْ وَأَمَّا الَّذِينَ كَفَرُواْ فَيَقُولُونَ مَاذَا أَرَادَ اللَّهُ بِهَذَا مَثَلاً يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا وَمَا يُضِلُّ بِهِ إِلاَّ الْفَاسِقِينَ"

މާނައީ: ހަމަކަށަވަރުން މަދިރިއަކުން، ނުވަތަ އެއަށްވުރެ ބޮޑު އެއްޗަކުންވިޔަސް، އެއްވެސް ކަހަލަ މިސާލެއް ޖެއްސެވުމަކަށް ﷲ ލަދުވެތިވެވޮޑިގެނެއް ނުވެތެވެ. ފަހެ، އީމާންވި މީހުން، އެ މިސާލަކީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ޙައްޤު ގޮތުގައި ޖެއްސެވި މިސާލެއްކަން ހަމަކަށަވަރުން ދަނެތެވެ. އަދި ކާފިރުވި މީހުން ބުނެތެވެ. ތިޔަ މިސާލުން، ﷲ އިރާދަކުރެއްވީ ކޮންކަމެއް ބާވައެވެ؟ އެ މިސާލުން، އެކަލާނގެ ގިނަބަޔަކު މަގުފުރައްދަވަތެވެ. އަދި ހަމަ އެ މިސާލުން، އެކަލާނގެ ގިނަބަޔަކަށް ތެދުމަގު ދައްކަވަތެވެ. ފާސިޤުން މެނުވީ، އެއިން އެކަލާނގެ މަގެއް ނުފުރައްދަވަތެވެ. –ސޫރަތުލްބަޤަރާ 26-(1)

އިސްވެ ދެންނެވި އާޔަތް ބާވައިލެއްވުނު ސަބަބު

ޢަބްދުﷲ ބިން ޢައްބާސްގެ އަރިހުން ރިވާވެގެން ވެއެވެ. މާތް ﷲ މުޝްރިކުންގެ ބާޠިލު އިލާހުންތަކުގެ ބަލިކަށި ކަމާއި، ނުކުޅެދުން ތެރިކަމުގެ ވާހަކައިން މިސާލު ޖައްސަވަމުން މިލިޔާ އާޔަތް ބާވައިލެއްވި ހިނދު، "يَا أَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّهِ لَن يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ وَإِن يَسْلُبْهُمُ الذُّبَابُ شَيْئًا لّا يَسْتَنقِذُوهُ مِنْهُ ضَعُفَ الطَّالِبُ وَالْمَطْلُوبُ"

މާނައީ: އޭ މީސްތަކުންނޭވެ! (ﷲ) މިސާލެއް ޖައްސަވައިފިއެވެ. ފަހެ، ތިޔަބައިމީހުން އެއަށް ކަނުލައި އަހާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ﷲ ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް މެއްސެއްވެސް ނެހެދޭނެތެވެ. އެކަމަށް އެ އެންމެން އެއްވިނަމަވެސްމެއެވެ. އަދި އެ މެހި، އެއުރެންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން، އެއުރެންނަކަށް ސަލާމަތެއް ނުކުރެވޭނެތެވެ. އެދޭ މީހާއާއި އެދެވޭ ފަރާތްވެސް ނިކަމެތިވެގެންވެތެވެ. –ސޫރަތުލްޙައްޖު 73-(2)

އެ މުޝްރިކުން ބުންޏެވެ. މުޙައްމަދު ގެފާނުންގެ މައްޗަށް ބާވައިލެއްވި ޤުރުއާނުގައި ފައިދިގު މަކުނުގެ ވާހަކައާއި މެހީގެ ވާހަކަ އައިސްފައި ހުރިތަން ކަލޭމެން ދުށީމުހެއްޔެވެ؟ އެތަކެއްޗަކީ ކޮންކަމެއް ކުރެވޭނެ އެއްޗެއް ހެއްޔެވެ. ދެން މާތް ﷲ އެ އާޔަތް ( ބަޤަރާ ސޫރަތުގެ 26 ވަނަ އާޔަތް) ބާވައިލެއްވިއެވެ. އަދިވެސް ހަމަ އެއާޔަތް ބާވައިލެއްވުނު ސަބަބާއިމެދު އިމާމް ޤަތާދާގެ ކިބައިން ރިވާވެގެން ވެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ފައިދިގު މަކުނާއި، މެހީގެ ވާހަކަ ގެންނެވުމުން، މުޝްރިކުން އެކަކު އަނެކަކަށް ( ކީތިރި ޤުރުއާނަށް އިހާނެތި ބަސް ބުނުމުގެ ބޭނުމުގައި) ބުނަން ފަށައިފިއެވެ. ޤުރުއާނުގައި ފައިދިގު މަކުނުގެ ވާހަކައާއި މެހީގެ ވާހަކަ ގެނައުމުގެ ބޭނުމަކީ ފަހެ ކޮބައިހެއްޔެވެ؟ ދެން މާތް ﷲ އެ އާޔަތް ( ބަޤަރާ ސޫރަތުގެ 26 ވަނަ އާޔަތް) ބާވައިލެއްވިއެވެ.(3)

ކުޅަދުންވަންތަ ކަމުގެ ބައެއް ހެކިތަކާއި މަދިރި

madiriއިސްވެ މި ދެންނެވި އާޔަތްތަކަށް ފުންކޮށް ވިސްނާލައިފި ކޮންމެ މީހަކަށްމެ އެނގިގެންދާނެ ކަމަކީ، މި ކައުނުގައިވާ ހަމަ ކޮންމެ އެއްޗަކީ ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އެ އެއްޗެއް ނެތުމުގެ ތެރެއިން އުފައްދަވާފައިވާ އެކަލާނގެ މަޚްލޫގުން ތަކެއް ކަމެވެ. އެ އެއްޗެއް ކުޑަވިޔަސް ބޮޑުވިޔަސް ފަރުވާލެއް ނެތެވެ. ކަންކަމާމެދު ވިސްނުމުގެ ނަޒަރުން ބެލުމެއްނެތި ހިތުހުރި ގޮތަކަށް ވާހަކަ ދައްކައި ހަދާ ޖާހިލުން ފަހަރެއްގައި މެއްސާއި މަދިރި އަދި ފައިދިގު މަކުނުގެ ވާހަކަ ޤުރުއާނުގައި އައިސްފައި ވުމުން، އެމީހުންގެ ގާތަށް ފަހަރެއްގައި ނުލަފާ ހިންޏެއް އައުމަކީ ވެދާނޭ ކަމެކެވެ. ނަމަވެސް މި ކާއިނާތުގެ ވެރި އިލާހު މަދިރިއަކުން، ނުވަތަ އެއަށްވުރެ ބޮޑު އެއްޗަކުންވިޔަސް، އެއްވެސް ކަހަލަ މިސާލެއް ޖެއްސެވުމަކަށް ލަދުވެތިވެވޮޑިގެނެއް ނުވެއެވެ.

އަޅުގަޑުމެން ހަމަ އެކަނި އެ ނިކަމެތި މަދިރިއާއި މެދު ވިސްނައި ބަލައިފި ނަމަވެސް ކީރިތި ﷲ ގެ ކުޅަދުންވަންތަކަން ވަރަށް ރީތިކޮށް ފެންނާނެއެވެ. މަދިރީގެ ބޭރު ފުށުން ހަމަ އެކަނި ބަލާލާފައި ހިނި ގަނޑެއް ޖަހާލައިގެން، ފުއްދާލެވޭ ވަރަށްވުރެ ބޮޑަށް، އަޖާއިބު ކުރުވަނިވި ކަންތައްތަކެއް އެސޮރުގެ ހަށިގަނޑުގައި ވެއެވެ. އެހެން ކަމުން އެ ކުޑަކުޑަ ސޫފީގެ ހަށިގަނޑުގައި ވާ އަޖާއިބުތައް ބަލާލަމާ ހިންގަވާށެވެ.

މަދިރީގެ ހަށިގަނޑުގައިވާ އަޖާއިބުތައް ހާމަ ކުރައްވަމުން ޑރ. މުޙައްމަދު ރާތިބުއް ނާބުލުސީ ވިދާޅުވިއެވެ. މައިކްރޮސްކޯޕަކުން ހަތަރުހާސް ގުނަ، ސާޅީސް ހާސް ގުނަ އަދި ހަތަރު ލައްކަ ގުނައަށް މަދިރީގެ ހަށިގަނޑު ބޮޑުކުރުމަށް ފަހު އެނގުނެވެ. އެ ކުޑަކުޑަ މަދިރީގެ ބޮލުގައި ސަތޭކަ ލޯ ހުރެއެވެ. އެސޮރުގެ އަނގައިގައި ސާޅީސް އަށް ދަތް ހުރެއެވެ. މަދިރީގެ މޭގައި ތިން ހިތް ވެއެވެ. މުޅި ހަށިގަޑަށް އެއް ހިތް، އަދި ކޮންމެ ފިޔައަކަށް ހިތެކެވެ. އެ ހިތްތަކުގެ ތެރެއިން ކޮންމެ ހިތެއްގައި ދެ އެޓްރިއަމް (Atrium ) އަދި ދެ ވެންޓްރީކަލް (Ventricle ) ހިމެނެއެވެ. ކޮންމެ ހިތެއްގައި ލޭ ދަމައި ނެރުމަށްޓަކައި އެއް ޕަމްޕު ވެއެވެ.

އެހެން ބައެއް ސޫފާސޫތްޕެކޭ އެއްފަދައިން މަދިރި ވެސް އެއްޗެއްސަށް ބަލައި ހަދައެވެ. އަދި އެއްޗެހިން ވަސްވެސް ބަލައެވެ. ހަމަ އެއާއި އެކު މަދިރި ނޫން އެހެން އެއްވެސް އުދުހި އުޅޭ ސޫތްޕަކަށް ލިބިގެން ނުވާ ވަރަށް އާދަޔާ ޚިލާފު ގާބިލުކަމެއް މަދިރިއަށް ލިބިގެންވެއެވެ. އެއީ ލޭގެ ފިނި ހޫނުމިން ތަރާދުކުރުމުގެ ގާބިލުކަމެވެ. އެސޮރު ފިނި ހޫނުމިން ބަލާ ސިސްޓަމަކީ ވަރަށް ނާޒުކު ނިޒާމެކެވެ. ލޭގެ ފިނި ހޫނުމިން އެސޮރުގެ ހަށިގަނޑުގައި ބެހެއްޓުމައްޓަކައި މުހިންމު ރޯލެއް އެ ސިސްޓަމުން އަދާކުރެއެވެ. މަދިރީގެ ހަށިގަނޑަށް ލޭ ފޮނުވާލާއިރު، ލޭގެ ފިނި ހޫނުމިން، 1 ޑިގްރީ ސެލްސިއެސްއަށް ވުރެ މަތިވެއްޖެ ނަމަ ފުރާނައަށް ނުރައްކާވެއެވެ. ވުމާއެކު ފިނި ހޫނުމިން ބަލަހައްޓާ ސިސްޓަމުން ލޭ މަދިރިއަށް ބޭނުންވާ ވަރަށް ފިނިކޮށްދީ ނުވަތަ ހޫނުކޮށްދީ އޭގެ ހަމަ ހިފަހައްޓައެވެ.

ކޮންމެ މަދިރިއަކަށް ވެސް ލޭ ތަހުލީލުކުރުމަށްޓަލައި ލެބޯޓަރީއެއް ކަހަލަ ސިސްޓަމެއް ލިބިފައިވެއެވެ. އެ މަދިރިއަކަށް އެވަގުތު އެންމެ މުނާސަބު ލެއެއް އޭތީގެ ހަށިގަނޑުގައި ބަހައްޓާފައި މުނާސަބު ނޫން ލޭ ކޮންމެވެސް މީހެއްގެ ގައި ތެރެއަށް ފޮނުވާލައެވެ. މިސާލަކަށް އެއްތަނެއްގައި ނިދާފައި ތިބި ދެ މީހަކު ކުރެ އެކަކު ނިދިން ހޭލެވުނީ މަދިރި ހަފައިގަނެގެންނެވެ. އަނެކާއަށް ހޭލެވުނީ، އޭނަ ކައިރީގައި އޮތް މީހާގެ ފުށުން އުނދަގުލެއް ވެގެންނެވެ. އެކަމަކު ދެމީހުންގެ ގައިގައި ވެސް މަދިރި ހެފިއެވެ. ކުރިން ހޭލެވުނު މީހާއަށް މަދިރި ހަފައި އުނދަގޫވީ، ކުރިން މި ދެންނެވި ލެބޯޓަރީން ތަހުލީލު ކޮށްފައި ފޮނުވާލި ލޭގައި ހިމެނޭ ޖަރާސީމު ގިނަ އަދަދަކަށް އެކުލެވިގެން ވާތީއާއި، އެ މީހާގެ ހަށިގަނޑުގެ ދިފާޢީ ބާރު އެ ޖަރާސީމު ތަކާއި ދެކޮޅަށް އެވަގުތު މަސައްކަތް ނުކުރުމުންނެވެ.

ވަރަށް ގިނަފަހަރު އަޅުގަޑުމެންނަށް މަދިރި ހަފާއިރު އިހުސާސެއް ނުވެއެވެ. ސަބަބަކީ، މަދިރީގައިވާ ލޭބޯން ބޭނުންކުރާ ކައްޓަކީ ނުވަތަ ހޮޅިއަކީ އެގޮތަށް ފަރުމާ ކުރެވިފައިވާ އެއްޗަކަށް ވުމެވެ. އޭތި ލޭބޯން ބޭނުންކުރާ ކަށި ނުވަތަ ހޮޅީގައި 6 ވަޅި ހުރެއެވެ. އެތަނުން ހަތަރު ވަޅި އަކީ ލޭބުއިމުގެ ކުރިން ކަށިކޮއްޕާލަން ޖާގަ ހެދުމަށް ބޭނުން ކުރާ 4 ވަޅިއެވެ. އެ ހަތަރުވަޅިން ހަތަރެސްކަނަށް ކުޑަ ގޮޅިއެއް ކަނޑާލައެވެ. އަނެއް ދެ ވަޅި ބޭނުންކުރަނީ ލޭބޯން ބޭނުން ކުރާ ހޮޅި ނުވަތަ ކަށި ކޮއްޕާލުމަށްޓަކައި ވަށްކޮށް ތަންގަނޑެއް ހަދާލުމަށެވެ.

މަދިރީގެ ފަޔަށް ބަލާލާއިރު، ފައިގެ ދަށްފުށުގައި ބުޅިތަކެއް ހުރެއެވެ. ބަނޑުމައްޗަށް އޮވެ ލޭބޯއިރު އެ ބުޅިތައް، އޭތި ޖައްސާލައިގެން އޮންނަ ތަނެއްގައި އަޅުވާލައެވެ. ބަންޑުން އޮވެ ލޭބޯއިރު ފައި ތަތްކޮއްލުމަށް ވެސް އެ ބުޅިތައް އެހީތެރިވެދެއެވެ.

ސޫފާސޫފީގެ ދިރާސާތައްކުރައްވާ ޢިލްމުވެރިއެއް ކަމުގައިވާ އެންޑްރޫ ސްޕައިލްމަން ވިދާޅުވެފައިވެއެވެ. "މަދިރިއަށްވުރެ ގިނައިން އިންސާނުން ގައިގައި ޖެހޭ، ޖައްސާ އެއްވެސް ދިރޭއެއްޗެއް މި ބިންމަތީގައި ނުވެއެވެ."(4)

އެމެރިކާގެ ރަށެއް ކަމަށްވާ ފިލަޑެލްފިއާގައި 1793 ވަނަ އަހަރު މަދިރީގެ ޒަރީއާއިން ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ރީނދޫހުން ޖެހިގެން ގާތްގަނޑަކަށް 100،000 އާއި 150،000 އާއި ދެމެދުގެ ޢަދަދަކަށް މީހުން މަރުވިއެވެ.

1898 ން 1901 އަށް އެމެރިކާއާއި ސްޕެއިނުން، ކިއުބާ އަށް ވެރިވެގަތުމަށް ކުރި ހަނގުރާމައިގައި އެމެރިކާ، އެއްގަމު މަގުން އަރައި ކުރި ހޯދިއެވެ. އަދި ސްޕެއިނާއި އެމެރިކާއިން 500 ވަރަކަށް ހަނގުރާމަވެރިން މަރުވިއެވެ. އެ ކާމިޔާބީގެ އުފަލުގައި އެމެރިކާ ސިފައިން ތިއްބައި، އެ މީހުންގެ ތެރެއިން އިތުރު 5000 ހަނގުރާމަ ވެރިން މަރުވެގެން ދިޔައީ ކުޑަކުޑަ މަދިރިއަކުން ޖެހޭ ބައްޔެއް ކަމަށްވާ ރީނދޫ ހުން ޖެހިގެންނެވެ. ބައެއް މީހުން މަރުވީ މެލޭރިއާ ޖެހިގެންނެވެ. އެއީ ވެސް މަދިރީގެ ޒަރީޢާއިން ޖެހޭ ނުރައްކާތެރި ބައްޔެކެވެ.

ވިސްނާލުން މުހިންމު ނުކުތާއަކީ، ބޮޑެތި ހަތިޔާރާއި އެކު ނިކުތް ބަޔަކާ ދެކޮޅަށް ހަނގުރާމަކޮށް ކާމިޔާބު ލިބުނު ބަޔަކު، އާދައިގެ ކުޑަކުޑަ ސޫތްޕެއްގެ ކުރިމަތީގައި ނާކާމިޔާބީއާއި ކުރިމަތިލައި، ކަކޫމައްޗަށް ތިރިވި ތިރިވުމެވެ.

މާތް ﷲ ވަޙީ ކުރެއްވިއެވެ. "وَمَا يَعْلَمُ جُنُودَ رَبِّكَ إِلاَّ هُوَ وَمَا هِيَ إِلاَّ ذِكْرَى لِلْبَشَرِ"

މާނައީ: އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ލަޝްކަރުގެ ޢަދަދު، އެކަލާނގެ މެނުވީ ދެނެވޮޑިގެން ނުވެތެވެ. އަދި އާދަމުގެ ދަރިންނަށް ޢިބްރަތްތެރި ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ، އެ ނަރަކަ ނުވެތެވެ.' –ސޫރަތުލްމުއްދައްޘިރް 31-

-ނިމުނީ-

1 ކީރިތި ޤުރްއާންގެ ދިވެހި ތަރުޖަމާ (ރައީސް އޮފީސް)
2 ކީރިތި ޤުރްއާންގެ ދިވެހި ތަރުޖަމާ (ރައީސް އޮފީސް)
3 ތަފްސީރުލްޤުރްއާނިލްޢަޡީމް
Mosquito: A Natural History of Our Most Persistent and Deadly Foe 4

 


ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.