އާދީއްތަ20181111

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޤުރުއާން އައްޔޫބުފަދަ މީހުން ދުނިޔެއިން ހުސްވީތަ؟

އައްޔޫބުފަދަ މީހުން ދުނިޔެއިން ހުސްވީތަ؟

ayyobfadhaދުނިޔޭގައި ތިބެނީ ﷲއަށް އަޅުކަން ކުރާމީހުންނާއި ނުކުރާމީހުންނެވެ. ކުރާމީހުންގެ ތެރޭގައި ތިބެނީ ތިންވައްތަރެއްގެ ބައެކޭ ބުނެވިދާނެއެވެ. އެއީ ﷲގެ ރިޒުގަށް އެދި އަޅުކަން ކުރާމީހުންނާއި، ރިޒުޤު ހުރެފައި ގެއްލި ހިގައިދާނެ ކަމުގެ ބިރަށް އަޅުކަން ކުރާމީހުންނާއި، އަޅުކަންކުރަން އަޅުކަންކުރާ މީހުންނެވެ. ފަހުބައިގެ މީހުން އަޅުކަންކުރަނީ ﷲ އެންގެވީތީ ކިޔަމަންވުމުގެ ގޮތުން، އެކަން ކުރާ ހިތުން،

ކޮންމެހެން އެދުމެއް ފުއްދުމުގެ ނުވަތަ ބަލާވެރިކަމެއް ދުރުކުރުމުގެ ބޭނުމުގައެއްނޫނެވެ. ޙަޤީޤީ ރަގަޅު މުއުމިނުންނަކީ މިއީއެވެ.

ބައެއް މުއްސަނދިން ރަގަޅަށް އުޅެ، ޒަކާތްދީ ހަދަނީ ފައިސާގައި ބަރަކާތް އިތުރު ކުރެއްވުމުގެ އެދުމުގެއެވެ. ބައެއް ކިޔަވާ ކުދިން ނަމާދު ކުރަން ފައްޓަނީ އިމްތިޙާނު ކައިރިވެ ފާސްނުވެދާނެ ކަމުގެ ބިރު ބޯމަތިވީމައެވެ. ބައެއް އަންހެނުން ތަންކޮޅެއް ރަގަޅުވަނީ ވިހާއިރު އުފުލަން ޖެހޭނެ ވޭނާއި މެދު ކަންބޮޑުވާ ހިނދުގައެވެ. ހަމަމިބީދައިން މުއްސަނދި ވީމައި ﷲ ޛިކުރު ކުރުން ހުއްޓި މުސައްލަ އަލަމާރިއަށް ލާ މީހުންވެސް އުޅެއެވެ.

އައްޔޫބުގެފާނު ފަދަ ކިތައްމީހުން މިދުވަސްވަރު އުޅޭބާވައެވެ. ނުވަތަ ރާއްޖެއިން ކިތެއްމީހުން ހޮވިދާނެ ބާވައެވެ. ވަރަށް ގިނަވެސް ވެދާނެއެވެ. މަދުވެސް ވެދާނެއެވެ. މިކަހަލަ ކަމެއްގެ ތަފާސް ހިސާބު އަދި ދުނިޔޭގައި ބަލާހެނެއް ހިއެއް ނުވެއެވެ. އެހެން ނޫންހެއްޔެވެ؟

މިހިސާބުން އުފެދޭ ސުވާލަކީ ވަކި އައްޔޫބުގެފާނުގެ ވާހަކަ އަހަރެން މިދައްކަ ދައްކަނީ ކީއްވެގެން ހެއްޔެވެ؟ މިއޮތީ އެ ވާހަކައެވެ. ކިޔާށެވެ. ސަބަބު އަމިއްލައަށްވެސް އެގިދާނެއެވެ.

ދުނިޔޭގައި މާރަނގަޅު ޞާލިޙު ބޭކަލަކު އުޅުއްވާކަމަށާއި، އެބޭކަލަކަށް ވަރަށް ގިނަ ނިޢުމަތާއި، ފާގަތިކަން ލިބިފައި ވުމާއިއެކުވެސް، މާތް ﷲ އަށް އަޅުކަންކުރުންމަތީ ދެމިހުންނަކަމަށް މިއުޅޭ އިބްލީހަށް އަޑު އިވެއްޖެއެވެ. ޞާލިޙު އިންސާނަކު ދުނިޔެމަތީ އުޅުމަކީ، ކެތް ކުރެވޭކަމަކަށް ނުވާތީ، މި މީހަކު މަގުފުރައްދައިލާނެ ގޮތެއް ވިސްނައިލިއެވެ. ގޮސްބަލައިލިއިރު މި ބޭކަލަކީ ގިނަގުނަ ނިޢުމަތާއި ބަގީޗާތަކާއި ދަރިން ލިބިފައިވާ ޞިއްޙަތު ރަނގަޅު، އައްޔޫބުގެފާނެވެ. މުއްސަނދިއިރުވެސް އެއްވެސް ކިބުރުވެރިކަމެއް ބޮޑާކަމެއް ނެތެވެ. އެމިހުންނަށް އެހީވެއެވެ. ޚާދިމުންނަށް އޯގާތެރިވެއެވެ. މީހުންނަށް ޢިލްމު އުގަންނަވައި ދެއްވައި އަޅުކަމުގައި ވަގުތު ހޭދަކުރައްވާ، ޚުޝޫޢަތްތެރިކަމުގެ ނަމޫނާއެކެވެ. އާދައިގެ ވަސްވާސްދީ އައްޔޫބު ގޯޅިއަޅުވައިލުންވީ ނާކާމިޔާބެވެ.

އެހިސާބުން ﷲ އަށް، ދެންނެވިއެވެ. މި އައްޔޫބު މާ ރަނގަޅުވެގެން އެ އުޅެނީ، އިބަރަސްކަލާނގެ ދެއްވި ނިޢުމަތްތަކުގެ ސަބަބުންނެވެ. އެތައް ހާސް ނާމަ ސޫއްޕާއި، ބަގީޗާތަކާއި ދަނޑުބިންތައް، ޚާދިމުންނާއި ދެ ޖިންސުގެ ދަރިންގެ ސަބަބުން ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރަނީއެވެ. އަޅުކަން އެ ކުރަނީ ނިޢުމަތް ގެއްލިހިގައިދާނެތީ ބިރުންނެވެ. ކޮންމެހެން އިބަރަސްކަލާނގެ ކިބަފުޅަށް ބިރަކުންނޫނެވެ. މުދަލުގެ ދަހިވެތިކަމުގައި އެކުރާ އަޅުކަން، އެ ގެއްލި ހިގައްޖެނަމަ އިސާހިތަކުން ހުއްޓިދާނެއެވެ. ޛިކުރު ކުރާނެ ދުލެއް ހިތެއް، ސަޖިދަޖަހާނެ ނިއްކުރިއެއް ނުހުންނާނެއެވެ.

އެހިނދު މާތް ﷲ، އައްޔޫބުގެފާނަކީ އިޚްލާޞްތެރި މުއުމުން އަޅަކުކަމާއި، އަޅުކަން އެކުރަނީ ޙައްޤުވާތީކަމާއި، ޛިކުރުކުރަނީ ހިތްނިޔަތް ޚަލާޞްކޮށްގެން ކަމަށް ވަޙީކުރެއްވިއެވެ. ދުނިޔޭގެ އެއްވެސް ދަހިވެތިކަމެއް ނުވާކަމަށް ވަޙީކުރެއްވިއެވެ. އެކަން އިބްލީހަށް ދެއްކެވުމުގެ ގޮތުން، އައްޔޫބުގެ މުއްސަނދިކަމުގެ މައްޗަށް އިބްލީސްބޭނުން ގޮތަކަށް ކަންތައް ކުރުމުގެ ބާރު ދެއްވިއެވެ. ހަމަވަގުތުން ހުރިހައި އިބްލީސްތައް އެއްބައިވެގެން، އައްޔޫބުގެފާނުގެ މުދަލަށް ހެދުނު އެއްޗެއް ހަދައި ބިމާއި ހަމަކޮށްލިއެވެ. ޖަނަވާރުތައް މަރާ، ފެހިގަސްތައް ހުލިކޮށްލިއެވެ. އައްޔޫބުގެފާނުގެ ދެއަތް ހުސްވެ ޖީބު ސުމަކަށް ވެއްޖެއެވެ.

ދެން އިބްލީސް ވަރަށް އާދައިގެ ރަނގަޅު މީހެއްގެ ސިފައިގައި އައިސް، އައްޔޫބުގެފާނު އަރިއަހުގައި ފާޑުފާޑުގަ ވާހަކަ ދައްކަން ފެއްޓިއެވެ. ތިހައި އަޅުވެރިވެގެން އުޅުނީމައިވެސް ސަފުން ވީކަމެއް ނެތެއްނޫންހޭ ކިޔައި، އައްޔޫބުގެފާނުގެ އަޅުކަންކުރުމުން ލިބުނީ ގެއްލުމާއި ބަރުބާދުކަން އަދި ހިތްދަތިކަމާއި ވީރާނާކަންކަމަށް، ރަށުމީހުން އެބަ ކިޔައި ހަދާކަމަށްވެސް ބުންޏެވެ. އަސްލު އިބްލީސް ހީކުރީ މިކަހަލަ ވާހަކަތަކެއް ދައްކައިގެން، އައްޔޫބުގެފާނުގެ ހިތްޕުޅުން އީމާންކަން ނެރެ އެއްލައިލެވިދާނެ ކަމަށެވެ. ބަދަލުގައި ޝައްކު ވެއްދޭނެ ކަމަށް އުންމީދުކުރިއެވެ.

ނަމަވެސް އައްޔޫބުގެފާނުގެ ހިތްޕުޅު މާ ސާބިތެވެ. އިބްލީހުގެ ވާހަކަތައް ކަނުލައި އަޑު އެއްސެވުމަށްފަހު ވިދާޅުވިއެވެ. ގެއްލިދިޔަ ހުރިހައި އެއްޗަކީވެސް، ﷲ އަހަރެންގެ އަތުގައި ބަހައްޓަވާފައިވާ ވަދީޢާއެކެވެ. ވަގުތު ޖެހުމުން އަބުރާ ގެންދެވީއެވެ. އަހަރެމެން ދިގު ޒަމާންތަކަކަށް ނިޢުމަތުގައި އުޅެފީމެވެ. ވީމައި ﷲ ކިބަފުޅަށް ޙަމްދު ހުއްޓެވެ. އެކަލާނގެ އެއީ ހުރިހައި އެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ﷲ ގެ މުލްކުން އެއްޗެހި ދެއްވައި އަދި ނިގުޅައިގަންނަވަނީވެސް އެކަލާނގެއެވެ. ޢިއްޒަތާއި ނިކަމެތިކަންވެސް އެކަލާނގެ އިރާދަ ކުރައްވާ އަޅަކަށް ދެއްވައެވެ.

މިމޭރުމުން ވާހަކަ ދެއްކެވުމަށްފަހު، އައްޔޫބުގެފާނުގެ ﷲ ޙަމްދާއި ޝުކުރުކޮށް ސަޖިދަ ޖެއްސެވިއެވެ. ލިބުނު ނާކާމިޔާބީގެ އަސަރު މިފަހަރު އިބްލީސްގެ މޫނުމަތިން ވަންހަނާއެއް ނޫނެވެ. ނަމަވެސް އަދި ހަތިޔާރު ބަހައްޓާކަށް ނުވިސްނިއެވެ. އަދި ﷲގެ ޙަޟުރަތުގައި ދެންނެވިއެވެ. އައްޔޫބުގެފާނު ނިޢުމަތަށް ޙަމްދުކޮށް މުސީބާތަށް ކެއްތެރިވެ ރުހުނަސް އެއީ އަދިވެސް އޭނާގެ ދަރިން ތިބުމުގެ ސަބަބުން ކަމުގައިމެނުވީ ނުވެއެވެ. ފަހެ އޭނާގެ ދަރިންތަކުން ހިތްވަރު ލިބި ކުރީގެ ޢިއްޒަތާއި، ފާގަތިކަން ހޯދަން އަދިވެސް ވިސްނައެވެ. އަޅުކަންކުރުން މަތީ ދެމި އެހުންނަނީ، އެ އުންމީދުގައެވެ. އައްޔޫބުގެފާނުގެ ދަރިންގެ މައްޗަށް އަހަރެންނަށް ބާރު ދެއްވާށެވެ. ދަރިން ގެއްލި ހިގައްޖެނަމަ އައްޔޫބުގެފާނުގެ ކުފުރުވެރިވާނެއެވެ. އަޅުކަންކުރުން ހުއްޓައިލާނެއެވެ. ދަރިންގެ ފިތުނައަށްވުރެ ވަރުގަދަ އެއްޗެއް ނުވެއެވެ.

އެހިނދު ﷲ، އިބްލީހަށް އައްޔޫބުގެފާނުގެ ދަރިންގެ މައްޗަށް ބާރު ދެއްވިއެވެ. އެހެން ސަބަބަކަށްޓަކައެއް ނޫނެވެ. ހަމަ އައްޔޫބުގެފާނުގެ ނުގުޑާ އީމާންކަމުގެ ވަރުގަދަކަން އިބްލީހަށް ދެއްކެވުމައްޓަކައެވެ.

އައްޔޫބުގެފާނުގެ ދަރިން އަރާމު ނިންޖެއްގައި ވަނިކޮށް، ބޯ މައްޗަށް ގަޑުވަރު ވައްޓައިލިއެވެ. މީހަކަށް ގެއްލުންދޭން އިބްލީހަށްވުރެ މޮޅު މީހެއް ހުންނާނެ ހެއްޔެވެ؟ ހުރިހާ ކުދިން މަރުވެއްޖެއެވެ. ދެން ތަޢުޒިޔާ ކިޔަން އައި މީހެއްގެ ސިފައިގައި އައިސް ދިމާވެފައި ތި ހުރީ ހާދަ ދެރަ ގޮތެކޭ ކިޔައި މަކަރުވެރި ވާހަކަތަކެއް ދައްކަން ފެއްޓިއެވެ.

މިހުރިހާ ދުވަހު ކުރި އަޅުކަން ވެގެން ދިޔައީ ފޫނެއް ފަޔަކަށް ފެން ފުރުން ކަހަލަ ކަމަކަށް ނޫންހޭ ބުނެ ވާހަކަ ދެއްކިއެވެ. އައްޔޫބުގެފާނު ކީރިތި ކުރެއްވިއެވެ. އެކަމަކުވެސް ވިދާޅުވިއެވެ.

ދަރިން ދެއްވީ ﷲ އެވެ. ގެންދެވީވެސް ﷲ އެވެ. އެކަލާނގެއަށް ދެއްވުމުގައި، ގެންދެވުމުގައި، އަދި ރުހިވަޑައިގަތުމާއި ކޯފާގައިވެސް ޙަމްދު ކުރަމެވެ. އަދި ސަޖިދަ ކުރެއްވިއެވެ. އިބްލީސް ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

އަނެއްކާވެސް ކުރީފަހަރުހެން، ﷲ ގެ ޙަޟުރަތުގައި ދެންނެވިއެވެ. މާތް ކަލާނގެއެވެ. އައްޔޫބުގެ ދަރިންނާއި މުދާ ގެއްލި ހިގައްޖެއެވެ. އެހެނެއްކަމަކު އޭނާގެ ސިއްޙަތު އެބަހުއްޓެވެ. ގައިގައި ބާރު އެބަހުއްޓެވެ. އަދިވެސް އަޅުކަން އެކުރަނީ ކޮންމެވެސް ދުވަހަކުން މުދަލާއި ދަރިން އަބުރައި ލިބޭނެ ކަމުގެ އުންމީދުގައެވެ. އަހަރެންނަށް އޭނާގެ ސިއްޙަތުގެއް މައްޗަށް ބާރު ދެއްވާށެވެ. ކުފުރުވެރިވެ ޛިކުރުކުރުން ހަދާންނެތި، ބައްޔާއިގެން މަޝްޣޫލުވެގަންނަތަން އިބަރަސްކަލާނގެއަށް ފެނިވަޑައިގަންނަވާނެއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އިރާދަ ކުރެއްވީ އައްޔޫބުގެފާނުގެ މުއުމިނު އަޅަކުކަމުގައި ލަހައްޓަވާށެވެ. ކެތްތެރި ޝުކުރުވެރި، ދުނިޔޭގަ ކެތްތެރީންނަށް ނަމޫނާއެއް، ހިތާމެވެރީންނަށް ހިތްވަރުލިބޭ ސަހަރޯއެއްކަމުގައި ލެއްވުމެވެ. އަދި އިބްލީސް އެދުނުކަންތައް އޭނާއަށް ދެއްވިއެވެ.

އައްޔޫބުގެފާނުގެ އާލާސްކަންފުޅުވިއެވެ. ހަށިކޮޅުގެ ބާރުދެރަވެ، ހެލިފެލުން ހުއްޓި ދާންކޮޅުގައި އޮންނަން މަޖްބޫރުވިއެވެ. ނަމަވެސް އީމާންކަމަކަށް ލޮޅުމެއް ނޭރިއެވެ. އަޅުކަން ކުރުމަކަށް ހުއްޓުމެއް ނައެވެ. ވޭން ގަދަވިވަރަކަށް ޢަޒުމާއި ހިތްވަރުދިޔައީ ގަދަވަމުންނެވެ. ބޭނުން ޖެހުނު ދުވަހު ގާތް ރައްޓެހިން ދުރުވެގެންފިއެވެ. ޒިޔާރަތްކުރާނެ ގާތް އެކުވެރިއެއް، ހިތްހަމަ ޖައްސައިދޭނެ މީހެއް މިއަދަކު ނެތެވެ. އެންމެން ދުރުވެގަނެ އެކަހެރިވި އިރުވެސް އަދިވެސް އެކަކު އެބަހުއްޓެވެ. އެއީ އައްޔޫބުގެފާނުގެ އަނބިކަބަލުންނެވެ. ވެވުނު އެންމެ މަތީދަރަޖައަކަށް، އައްޔޫބުގެފާނަށް ހިތްވަރާއި އޯގާތެރިކަން އަޅާލުމާއި ކަމޭހިތުން ދެއްވިއެވެ. ފަޤީރުކަމަކަށް ބަލިކަމަކަށް ފަރުވާލެއް ނުބެހެއްޓެވިއެވެ. އުފަލުގައި އެއްކޮށް އުޅުއްވިފަދައިން ހިތާމައިގައިވެސް ބައިވެރިވާން ނިންމެވިއެވެ.

މި މަންޒަރު މީ އިބްލީހަށް ކަމުދާކަމަކަށް ނުވިއެވެ. ވިސްނާލުމަށްފަހު ނިންމީ އައްޔޫބުގެފާނުގެ އަނބިކަބަލުންނަށް ވަސްވާސް ދިނުމަށެވެ. އަދި ދިނެވެ. މީހެއްގެ ސިފައިގައި އައިސް ، އައްޔޫބުގެފާނާއި ބެހޭގޮތުން ސުވާލު ދެންނެވުމުން އެކަމަނާ އައްޔޫބުގެފާނުގެ ބަލިހާލު ކޮޅުގެ ވާހަކަ ކިޔައި ދެއްވިއެވެ. ދެން މިމީހާ ފެއްޓީ އައްޔޫބުގެފާނުގެ މާޟީގެ މުއްސަނދިކަމާއި ޒުވާންކަމާއި ޗާލުކަން ހަނދާންކޮށްދޭށެވެ. އެހިނދު އެކަމަނާގެ ހިތްޕުޅުގައި ހިތާމަވެރިކަން ޢާއްމުވެ، މިޒާޖު ނުތަނަވަސްވެ، އުންމީދަށް ގުޑުން އެރިއެވެ. އަދި އައްޔޫބުގެފާނުގެ އަރިއަހަށް ވަޑައިގެން ދެންނެވިއެވެ.

- ކިހައި ދުވަހެއްވަންދެންތޯ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ތި ޢަޒާބުދެއްވާނީ ؟ މުދާ ކޮބައިތޯ ؟ ދަރިން ކޮބައިތޯ؟

- އައްޔޫބުގެފާނު ވިދާޅުވިއެވެ.

ހަމަ ޔަޤީނުން ވެސް ޝައިޠާނާ ވަނީ ކަނބުލޭގެއަށް ގޮތެއް ހަދައިފައި. ކަނބުލޭގެ ނިމިދިޔަ ކަމަކަށް ހިތާމަ ކުރައްވަނީ ކީއްކުރަން؟

ގިނަދުވަސްތަކެއް ވަންދެން ނިޢުމަތުގައި އުޅެފައި، މަދު ދުވަސްކޮޅަކަށް އެ ގެއްލި ދިޔައިމާ ހިތާމަ ނުކުރައްވަން އެންގެވިއެވެ. އަދި ބަލިން ފަސޭހަ ވެއްޖެނަމަ އެކަމަނާގެ އީމާންކަން ބަލިކަށިވި ކަމަށްޓަކައި، އެކަމަނާގެ ގައިކޮޅުގައި ޖައްސަވާނެ ކަމަށްވެސް އައްޔޫބުގެފާނު ވަޢުދުވެލެއްވިއެވެ. އަދި މީގެ ފަހުން އަނބިކަބަލުންގެ އަތްޕުޅުން ހެދި ކާއެއްޗެއް ބޯއެއްޗެއް އެހީއެއް ބޭނުން ނޫންކަމަށާއި، ދުރަށް ވަޑައިގަތުމަށް އެދިވަޑައިގަތެވެ.

ކުރިއަށްވުރެވެސް އައްޔޫބުގެފާނުގެ ހާލުކޮޅު ދެރަވިއެވެ. އެހެން ނުވާނެ ސަބަބެއްވެސް ނެތެވެ. ހިތުގެ ހިތްހަމަޖެހުން، ހުރި ހަމައެކަނި ސަހަރޯވެރިއާ ވެސް ދުރުވީއެވެ.

މިހިސާބަށް ކަންތައް ދިޔައިރު އައްޔޫބުގެފާނު ވަނީ، މާތް ﷲ ކެތްތެރިކަމާއި، އަޅުކަމުގައި ދެމިހުރުމުގެ މައްޗަށް އައްޔޫބުގެފާނުން ޖައްސަވަން އިރާދަ ކުރެއްވި ދަރަޖައަށް ވާސިލްވެވަޑައިގެންފައެވެ. އަދި އައްޔޫބުގެފާނު ކުރެއްވި ދުޢާ އިޖާބަ ކުރައްވައި، ބިމުގައި ޖައްސަވަން އަމުރު ކުރެއްވިއެވެ. އެހިނދު ބިމުން އެރި ފެނުން ފެންފޮދު ހިއްޕަވައި، ހަށިކޮޅު ދޮންނެވުމުން ބަލި ރަނގަޅުވެ ހަށިކޮޅުގައި ބާރު ޖެހިއްޖެއެވެ.

އަނބިކަމަނާއަށް އައްޔޫބުގެފާނު ފެނިވަޑައިގަތުމުން، ފުރަތަމަކޮޅު އެގިވެސްވަޑައި ނުގަތެވެ. ކުއްލިއަކަށް އައިސްފައިވާ ބަދަލު ހަމަ ބޮޑީއެވެ. ކާކުކަން ޔަޤީންވުމުން އެކަމަނާ އުފަލުން ފޮޅުނެވެ. އުފަލާއި ހިތާމައިގައިވެސް ބައިވެރިވެވަޑައިގެންފައިވާ އަނބިކަމަނާ، އައްޔޫބުގެފާނާއި އެކު އަލުން އުޅުއްވަން ފެއްޓެވިއެވެ. މާތް ﷲ އެންގެވީ އައްޔޫބުގެފާނު ކުރައްވާފައިވާ ވަޢުދު ފުއްދެވުމުގެ ގޮތުންް ކުޑަ ހުއިކޮޅަކުން އެކަމަނާގެ ގައިކޮޅުގައި ވަރަށް ވަރަށް މަޑުން ޖެއްސެވުމަށެވެ. އޭރުން ވަޢުދުވެސް ފުއްދުނީއެވެ. އަދި ޝަރީޢަތުގައި އަންހެނުންނަށް ބަހައްޓަންޖެހޭ ރަޙުމާއި ކުލުނުވެސް ބެހެއްޓުނީއެވެ.

ދުވަސްކޮޅަކުން އައްޔޫބުގެފާނު އިހުނަށްވުރެ މާ މުއްސަނދިވެ، ކުރިއަށްވުރެ އެތައް ގުނައެއް ގިނަ ދަރިން ލިބި، ކެތްތެރިކަމުގެ ލާމަސީލެއްކަމުގައި ވިއެވެ.

ޝައްކެއް ނެތް ގޮތުގައި ކެތްރެިކަމާއި އަޅުކަމުގައި ދެމިހުރުމުގެ ނަމޫނާއެކެވެ. ނަކަލު ކުރަން ރަނގަޅު ނަމޫނާއެކެވެ. އެކަމަކު އެކަން އެގެނީ މަދު ބަޔަކަށެވެ. ނަކަލު ކުރެވެނީ ކުރަން ނުވާވަރުގެ މީހުންނެވެ.

ނޯޓް : ބައެއް ރިވާޔަތްތަކުގައި، އަނބިކަނބަލުން ދެކެ އައްޔޫބު ކޯފާވީ، އަތްމަތި ދަތިވެގެން ހަދާނެ އެއްވެސް ގޮތެއް ނެތިގަން، އެކަމަނާގެ ބޮލުގެ އިސްށިކޮޅު ކަނޑާފައި މުއްސަނދި އަންހެނަކަށް ވިއްކިކަން، އައްޔޫބަށް އެނގިވަޑައިގަތީމާ ކަމަށްވެސް އޮވެއެވެ.

އަދި އައްޔޫބަށް ދިމާވި ކަންތަކުގައި އިބިލީސް އެ ކުޅެފައިވާ ދައުރު ނެތިވެސް، ބައެއް ފޮތްފޮތުގައި އައްޔޫބުގެ ވާހަކަ ލިޔެފައިވެއެވެ. ނަބީބޭކަލުންގެ ވާހަކަތަކަކީ ޤުރުއާނުގައި ތަފްޞީލުކޮށް އައިސްފައިވާ ވާހަކަތަކެއް ނޫނެވެ. ހުންނަނީ މީހުންނަށް ޢިބްރަތަކަށް ފުދޭވަރަށް، ހަމަ އެކަނި ބޭނުން ފުދޭ މިންވަރަށެވެ.

އިހު ޒަމާނުގެ މިފަދަ ގިނަ ވާހަކަތަކަކީ، އޭގެ ތެރެއަށް އިސްރާއީލީ ރިވާޔަތްތައް ވަދެފައިވާ ވާހަކަތަކެކެވެ. އެފަދަ ރިވާޔަތްތަކާ މެދު ޢިލްމުވެރިން ވިދާޅުވެފައި އޮންނަނީ، އެއީ ޤުރުއާނާއި ސުންނަތުން ސާބިތުވާން ނެތް ކަމެއް، ނުވަތަ ޚިލާފު ނުވާ ވާހަކައެއް ނަމަ، އެ ތެދުވެސް ނުކުރުމަށެވެ. އަދި ދޮގުވެސް ނުކުރުމަށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.