Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ހިތުގެ ރަމަޟާން....ތަޤުވާވެރިންގެ މޫސުން

ރަމަޟާން....ތަޤުވާވެރިންގެ މޫސުން

image-69566މާތްﷲ ތަޢާލާ ވަޙީކުރައްވައެވެ. {يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ} [البقرة:183] މާނައީ؛ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.

މިއާޔަތުގައި ރޯދައިގެ ފައިދާތަކުގެ ތެރޭގައި ހަމައެކަނި ތަޤުވާވެރިވުމުގެ ޞިފަ މާތްﷲ ބަޔާންކުރެއްވީ ކީއްވެހެއްޔެވެ؟ އަހަރުގެ މަސަތަކުގެ ތެރެއިން ފުރިހަމަ އެއްމަސް ރޯދަހިފުމުގައި ހޭދަކުރަނީ ހަމައެކަނި އެންމެ ޞިފައެއްގެ މައްޗަށް މީހާ ހޭނެވުމަށްޓަކައިކަމަށް ޤަބޫލުކުރުވޭހެއްޔެވެ؟ އެއީ ތަޤުވާގެ މައްޗަށް މީހާ ހޭނެވުމަށެވެ. މިއާޔަތުގައި އިޚުލާޞްތެރިވުން ނުވަތަ ތެދުވެރިވުން ނުވަތަ ހެޔޮކަންކަމަށް އެދުންފަދަ ޞިފައެއްގެ ވާހަކަ ބަޔާންނުކުރައްވައި ހަމައެކަނި، ތަޤުވާވެރިވުމުގެ ވާހަކަ ބަޔާންކުރެއްވީ ކީއްވެހެއްޔެވެ؟

އެއީކީއްވެގެންކަން ތިބާއަށް އެގޭ ހެއްޔެވެ؟ އެއީ އެންމެހާ ޙާލަތެއްގައި މާތްﷲ ބައްލަވާ ވޮޑިގެންވާކަން އަބަދުމެ ހަނދާނުގައި ހުރުން އެންމެ ބޮޑީ ތަޤުވާވެރިޔާ ކިބައިގައިކަމަށް ވާތީއެވެ. އޭނާ ފާފައަކަށް ހުށަހެޅޭ ހިނދު މާތްﷲ ދެކެދެނިވޮޑިގެންވާކަން އޭނާގެ ހަނދާނަށް އާދެއެވެ. އެހައިރުން އޭނާ އުރެދުމެއްގެ މަތީގައިވަނިކޮށް މާތްﷲ އޭނާއަށް ބައްލަވާވޮޑިގަތުން ނޭދޭނެއެވެ. އަދި ހަމައެފަދައިން ހެޔޮކަމަކަށް ހުށަހެޅޭ ކޮންމެ ދަނޑިވަޅެއްގައި އެއްވެސް ޝައްކެއް ވަހުމެއްނެތް ގޮތުގައި އޭނާއަށް އެގޭނީ މާތްﷲއަކީ އެންމެ ރިވެތިކަންތައްތަކަށް ލޯބިކުރައްވާ ފަރާތްކަމާއި އެކަލާނގެ ޙަޟްރަތުގައި މަޤުބޫލުވާނީ ރަނގަޅު ރިވެތިކަންކަމެވެ. އެހެންކަމުން ތަޤުވާވެރިކަން މިވަނީ އެންމެހައި ހެޔޮ ޞިފަތައް އެއްކޮށް ޖަމާކުރާ ޞިފައެއްކަމުގައެވެ. ނުބައި އެންމެހާ ކަމެއް މަނާކުރާ ޞިފައެއްކަމުގައެވެ.

އިމާމް ޢަލީ (رضي الله عنه) ވިދާޅުވެފައިވެއެވެ. "التقوى هي: الخوف من الجليل، والعمل بالتنزيل، والرضا بالقليل، والاستعداد ليوم الرحيل" މާނައީ: "ތަޤުވާއަކީ ޖަލީލުވަންތަ އިލާހަށް ބިރުވެތިވެ، ބާވައިލެއްވުނު ފޮތަށް ޢަމަލުކޮށް، ލިބޭ މަދު އެތިކޮޅަށް ރުހިގެން، މަރުވާނެ ދުވަހަށް ތައްޔާރުވުމެވެ." موسى بن أعين ވިދާޅުވެފައިވެއެވެ. "ތަޤުވާވެރިންނަކީ އެބައިމީހުންނަށް ޙަލާލުވެގެންވާ ކަންކަމުގެ ތެރެއިން ބައެއްކަންކަމާ ޙަރާމްގެ ތެރެއަށް ވާޞިލުވެދާނެތީ ދުރުވާ މީހުންނެވެ. މިސަބަބަށްޓަކައި މާތްﷲ އެބައިމީހުންނަށް މުއްތަޤީންގެ ނަންދެއްވިއެވެ."

އަހަރެމެން ރަމަޟާންމަހުގައި ކުރަނީ މޫސާބިން އަޢުޔުން އެވިދާޅުވި ކަންތަކެވެ. މާތްﷲ ޙަލާލުކުރެއްވި ކެއުމާއި ބުއިމުގެ އިތުރުން ޝަހުވަތުގެ އެދުންތަކުން އެކަލާނގެއަށް ކިޔަމަންތެރިވުމުގެ ގޮތުން ދުރުހެލިވަނީއެވެ. އެއީ މާތްﷲ އަހަރެމެން ދުނިޔަވީ އެދުންތަކުގެ ޢާލަމުން، ނޫރާނިއްޔަ ޢާލަމަކަށް ވާޞިލުވުމަށް އިރާދަކުރެއްވިފަދައެވެ. އަދި ހަށިގަނޑުގެ ކާނާގެ ބަދަލުގައި ރޫޙުގެ ކާނާ ލިބިގަންނަނީއެވެ.

އަހަރުމެން ރަމަޟާންމަހުގެ ދުވާލު ތަޙައްމަލުކުރާ ހައިހޫނުކަމާއި ކަރުހިއްކުމުގެ ތެރެއިން ކެއުމާއި ބުއިމަށްވުރެ ހެޔޮވެގެންވާ ކޮއްތެއް ލިބިގަންނަމުއެވެ. އެއީ ތަޤުވާއެވެ. ސިއްރާއި ފާޅުގައި މާތްﷲއަށް ތަޤުވާވެރިވުމެވެ. އަދި އެތަޤުވާވެރިކަމުގެ ސަބަބުން އަހަރެމެންގެ ލޯތައް ކުރިމަތީގައި ފާފައިގެ މަގު ހަނޑިމުޑުދާރު މަގެއްކަމުގައި ވެދެއެވެ. އެއީ ތަޤުވާގެ ނޫރެވެ. އެނޫރާމެދުގައި طلق بن حبيب رحمه الله ވިދާޅުވިއެވެ. "التقوى أن تعمل بطاعة الله على نور من الله ترجو ثواب الله، وأن تترك معصية الله على نور من الله تخاف عقاب الله" މާނައީ: "ތަޤުވާއަކީ ތިބާ މާތްﷲއަށް ކިޔަމަންތެރިކަމާއެކު ޢަމަލުކުރުމެވެ. އެއީ މާތްﷲގެ ޙަޟްރަތުން ލިބޭ އަލިކަމެއްގެ މަތީގައެވެ. އަދި ﷲގެ ދަރުމައަށް އުންމީދުކުރާށެވެ. އަދިﷲއަށް އުރެދުން ދޫކޮށްލުމެވެ. އއީ މާތްﷲގެ ޙަޟްރަތުން ލިބޭ އަލިކަމެއްގެ މަތީގައެވެ. އަދި ﷲގެ ޢަޛާބަށް ބިރުވެތިވާށެވެ."

ހަމައެކަނި ތަޤުވާވެރިންނަށް:

ތަޤުވާވެރިންނަށް އެކަނި ޚާއްޞަވެގެންވާ ނިކަން މަތިވެރި ފުރުޞަތެކެވެ. ނުބައިކަންކަމުގެ އާރުކާޓީން ހިލަހިލާ އެޅިފައެވެ. ސާވާބާއި ދަރުމައިމެއް މިނެއްނެތި އޮހެނީއެވެ. ލައިލަތުލް ޤަދުރިއާއި ފަހުދިހައިގެ ރޭތަކަށް ޚާއްޞަ ހަނދިޔާތަކެކެވެ. އެތަނެއްގެ މަތިވެރިކަން އިންސާނެއްގެ ހިތަށް ގެންނަން ނުކުޅެދޭ، އަދި ލޮލަކަށް އެތަނުގެ ރިވެތިކަން ފެނިފައިނުވާ، ކަންފަތަކަށް އަޑުއިވިފައިނުވާ ނިޢުމަތްތައް އެތަނެއްގައިވާ، އުޑުތަކާއި ބިންތަކަށްވުރެ ތަނަވަސް ސުވަރުގެ ލިބިގަނެ އެތަނުގައި ދާއިމުވުމަށް ލިބޭ މިފުރުޞަތު ނަގައިނުލާށެވެ.

ހަމައެކަނި ތަޤުވާވެރިންނަށެވެ. އެބައިމީހުންނަކީ ހެޔޮ ގޮތުގައި ރަމަޟާންމަހުގެ ބޭނުން ހިފި މީހުންނެވެ. އެމަހުގެ ދުވާލު ރޯދަހިފައެވެ. އަދި ރޭގަނޑުގައި ދަމުއަޅުކަމުގައި މަޝްޣޫލުވެގެން އުޅެއެވެ. އެބައިމީހުންގެ މިޢަމަލުތަކުގައި މާތްﷲގެ ރުހިވޮޑިގަތުން ފިޔަވައި އިތުރުކަމަކަށް ނޭދެއެވެ. މާތްﷲ އެފަދަ މީހުންނާމެދު ވަޙީކުރައްވާފައިވެއެވެ. {وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ . هَذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ . مَنْ خَشِيَ الرَّحْمَن بِالْغَيْبِ وَجَاء بِقَلْبٍ مُّنِيبٍ. ادْخُلُوهَا بِسَلامٍ ذَلِكَ يَوْمُ الْخُلُودِ} [سورة ق: 31- 34] މާނައީ؛ އަދި تقوى ވެރިންނަށް ސުވަރުގެ، ދުރުނޫން ހިސާބަކަށް ކައިރި ކުރައްވާނެތެވެ. (އަދި އަންގަވާނެތެވެ.) މިއީ ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކެވެ. (އެކަންއޮތީ) اللَّه ގެ حضرة އަށް ގިނަގިނައިން رجوع ވާ، އަދި އެކަލާނގެ عهد ތަކަށް ރައްކާތެރިވާ ކޮންމެ މީހަކަށެވެ. (އެއީ) رحمن ވަންތަ ރަސްކަލާނގެއަށް غيب ގައި ބިރުވެތިވެ، އަދި އެކަލާނގެ حضرة އަށް توبة ވާ ހިތަކާއިގެން އައި (ކޮންމެ) މީހެކެވެ. (تقوى ވެރިންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން أمان ކަމާއެކު އެ ސުވަރުގެޔަށް ވަންނާށެވެ! އެއީ އަބަދަށް ދެމިތިބުމުގެ ދުވަހެވެ.

ތިބާގެ ކިބައިގެން އޮފީހުގެ ވެރިޔާ ކަމެއް ކުރަން އެދިއްޖެނަމަ، އެކަމެއް އެންމެ ރަނގަޅަށް ކުރެވޭތޯ ބަލާނެއެވެ. އަދި އެއަށްވުރެ މަތީވެރިޔަކު ކަމެއް ކުރަން އެދިއްޖެނަމަ، ވީހާވެސް ރަނގަޅަކަށް ކުރެވޭތޯ ބަލާނެއެވެ. އެހެން ހުއްޓައި ވެރިމީހާ އައިސް ތިބާގެ ކުރިމަތީގައި ހުރެ، ތިބާގެ މަސައްކަތް ބަލާނަމަ، އަދި އިހުނަށްވުރެ ސަމާލުކަންދީގެން އެކަމެއް ކުރާނެއެވެ. މިއީ އިންސާނީ ޠަބީޢަތެވެ.

ތިބާގެ ޙަޔާތުގައި މާތްﷲއަށްވުރެ މަތިވެރި، އެކަލާނގެއަށްވުރެ އިސްވާނެ ފަރާތެއްވޭތޯ ސުވާލުކޮށްފިނަމަ ޖަވާބަކީ ނޫނެކެވެ. އެއްހާސްފަހަރުވެސް ނޫނެކެވެ.

އެހެންކަމަށްވާނަމަ، އެކަލާނގެ ތިބާއާ ކަމެއް ޙަވާލުކުރެއްވުމަށްފަހު، އެކަމަކަށް ބައްލަވާވޮޑިގަތުމާއި ޖަޒާދެއްވުން ސީދާ އެކަލާނގެ ޒާތުފުޅަށް ޚާއްޞަކުރައްވައިފިނަމަ، އެކަމެއް އަދާކުރުމުގައި ތިބާގެ މަސައްކަތުގެ ވެރިޔާގެ އެދުނުކަންތައް ކުރުމަށް ދިން އަހައްމިއްޔަތަށްވުރެ، ހާސްގުނަ ބޮޑު އަހަންމިއްޔަތުކަމެއް ދޭނަމުހެއްޔެވެ؟ މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވާ ޤުދުސިއްޔަ ޙަދީސެއްގައި، މާތްﷲ ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްހުރި) ޙަދީސްކުރެއްވިއެވެ. "قَالَ اللَّهُ عَزَّ وَجَلَّ: كُلُّ عَمَلِ ابْنِ آدَمَ لَهُ إِلاَّ الصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِى بِهِ" [متفق عليه] މާނައީ؛ "މާތްﷲ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިއާކުރާ ހުރިހާ ޢަމަލެއްވެސްވަނީ އޭނާއަށެވެ. ރޯދަފިޔަވައެވެ. ރޯދަ ޚާއްޞަވެގެން ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. އެރޯދައަށް ހެޔޮ ޖަޒާދެއްވާނަމުއެވެ." މިމުހިއްމު ވާޖިބު އަދާކުރުމުގެ ޝަރަފު މާތްﷲ ތިބާއަށް ދެއްވައިފިއެވެ. ތިބާ އެވާޖިބު އަދާކުރާނީ ކިހިނެއްހެއްޔެވެ؟ މާތްﷲ މިހާރު ތިބާއަށް ބައްލަވާވޮޑިގެންވެއެވެ. ތިބާ އެވާޖިބު އަދާކުރާނީ ކިހިނެއްހެއްޔެވެ؟ ތިބާގެ ޢަމަލުތަކުން ހިނދުކޮޅަކަށްފަހު ހިނދުކޮޅެއް ފާއިތުވަމުންދަނީ މާތް ﷲ އެޢަމަލުތަކަށް ބައްލަވާވޮޑިގެންވަނިކޮށެވެ.

ކުށްފާފައިގެ ދަމިލަނެތް ޞަފްޙާތަކެއް:

ތިބާގެ ޢުމުރުން މިހާރު ކިހާވަރެއްހެއްޔެވެ؟ ވިހިއަހަރު ނުވަތަ ތިރީސް އަހަރު ނުވަތަ ފަންސާސް އަހަރުހެއްޔެވެ؟ އޭގެ ތެރެއިން މާތްﷲއަށް ކިޔަމަންތެރިވުމުގައި އެކަލާނގެ އެންގެވި ގޮތުގައި ހޭދަކުރެވުނީ ކިހާވަރެއް ހެއްޔެވެ؟ އަދި މާތްﷲ ނަހީކުރެއްވިކަންކަން ކުރުމުގައި އެކަލާނގެއަށް އުރެދިގަތުމުގައި ހޭދަކުރެވުނީ ކިހާވަރެއް ހެއްޔެވެ؟ ޖަވާބެއްދޭށެވެ. ތިބާ ހާސްވެ ޖެހިލުންވާތަން ފެނެއެވެ. އެއީ މައްސަލައެއްނޫނެވެ. މިއީ ތިބާގެ ޢަމަލުތަކުގެ ޞަފްޙާތަކުން ފާފަތަކާއި ކުށްތައް ފުހެލަން ލިބިފައިވާ ރަނުގެ ފުރުޞަތެކެވެ.

މާތްﷲ ނަބިއްޔާ (އެކަލޭގެފާނުގެ މައްޗަށް ސަލާމާއި ޞަލަވާތްލައްވާށި) ތިބާއަށް ޖަވާބުދެއްވަމުން ޙަދީސްކުރައްވައެވެ. (مَنْ صَامَ رَمَضَانَ إِيمَاناً وَاحْتِسَاباً غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ، وَمَنْ قَامَ لَيْلَةَ الْقَدْرِ إِيمَاناً وَاحْتِسَاباً غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) [متفق عليه] މާނައީ؛ އީމާންތެރިކަމާއި މާތްﷲގެ ދަރުމައަށް އެދޭ ޙާލު ރަމަޟާންމަހު ރޯދަހިފައިފިމީހާ ދަންނައެ، އޭނާގެ ވޭތުވެދިޔަހާ ފާފައެއް މާތްﷲ ފުއްސަވާނެއެވެ. އަދި ލައިލަތުލް ޤަދުރު އީމާންތެރިކަމާއި މާތްﷲގެ ދަރުމައަށް އެދޭ ޙާލު ޤާއިމްކޮށްފިމީހާ (އެރޭގައި އަޅުކަން ކޮށްފިމީހާ) ދަންނައެ، އޭނާގެ ވޭތުވެދިޔަހާ ފާފައެއް މާތްﷲ ފުއްސަވާނެއެވެ.

އީމާންތެރިކަމާއި މާތްﷲގެ ސަވާބަށް އެދޭޙާލުގައެވެ. އީމާންތެރިކަމުން ލާޒިމުވާ އެއްކަމަކީ އިޚުލާޞްތެރިކަމެވެ. މާތްﷲ ވަޙީކުރައްވައެވެ.{قُلْ إِنَّ صَلاَتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلّهِ رَبِّ الْعَالَمِينَ} [الأنعام: 162] މާނައީ؛ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالم ތަކުގެ ވެރި اللَّه އަށެވެ.

އަހަރުމެންގެ ޢަމަލުތައް ފަހަރުގައި ބޭކާރުވެގެން ހިގައިދާނެއެވެ. އަހަރުމެންނަށް އެގުމަކާނުލައެވެ. ނަބަވީ ޙަދީސްގައި އައިސްފައިވެއެވެ.  عَنْ ثَوْبَانَ عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ: «لأَعْلَمَنَّ أَقْوَاماً مِنْ أُمَّتِي يَأْتُونَ يَوْمَ الْقِيَامَةِ بِحَسَنَاتٍ أَمْثَالِ جِبَالِ تِهَامَةَ بِيضاً فَيَجْعَلُهَا اللَّهُ عَزَّ وَجَلَّ هَبَاءً مَنْثُوراً». قَالَ ثَوْبَانُ: يَا رَسُولَ اللَّهِ صِفْهُمْ لَنَا جَلِّهِمْ لَنَا أَنْ لاَ نَكُونَ مِنْهُمْ وَنَحْنُ لاَ نَعْلَمُ . قَالَ: «أَمَا إِنَّهُمْ إِخْوَانُكُمْ وَمِنْ جِلْدَتِكُمْ وَيَأْخُذُونَ مِنَ اللَّيْلِ كَمَا تَأْخُذُونَ وَلَكِنَّهُمْ أَقْوَامٌ إِذَا خَلَوْا بِمَحَارِمِ اللَّهِ انْتَهَكُوهَا» [ابن ماجه] މާނއީ: ޘައުބާނުގެފާނުގެ ކިބައިން ރިވާވިއެވެ. މާތްﷲގެ ނަބިއްޔާ (އެކަލޭގެފާނުގެ މައްޗަށް ޞަލާވާތާއި ސަލާމްހުރި) ޙަދީސްކުރެއްވިއެވެ. ދަންނާށެވެ. ޤިޔާމްތަދުވަހު ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރެއިން ބަޔަކު ތިހާމާގެ ފަރުބަދަތައްފަދަ ހެޔޮ ޢަމަލުތަކަކާއިގެން އަންނާނެއެވެ. އަދި މާތްﷲ އެޢަމަލުތައް ބުރަބުރައިގެން ގޮސްފައިވާ ކުޑިތަކެއް ފަދއިން ލައްވާނެއެވެ. ޘައުބާނުގެފާނު ވިދާޅުވިއެވެ. އޭމާތްﷲގެ ރަސޫލާއެވެ. އަޅުގަނޑުމެންނަށް އެބައިމީހުންގެ ޞިފަތައް ބަޔާންކޮށްދެއްވާށެވެ. އަޅުގަނޑުމެންނަށް ސާފުކޮށްދެއްވާށެވެ. ނޭނގިތިބެ، އެބައިމީހުންގެ ތެރެއިން އަޅުގަނޑުމެން ނުވުމަށްޓަކައެވެ. އެހިނދު އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. އެބައިމީހުންނަކީ ތިޔަބައިމީހުންގެ އަޚުންނެވެ އަދި އެބައިމީހުންނަކީ ތިޔަބައިމީހުންގެ ތެރެއިންވާ ބައެކެވެ. އަދި ތިޔަބައިމީހުން ރޭއަޅުކަންކުރާ ފަދައިން އެބައިމީހުންވެސް ރޭއަޅުކަންކުރެއެވެ. އެހެންނަމަވެސް ﷲގެ ޙުދޫދުތަކާއެކު، އެކަނިވެއްޖެނަމަ އެއަށް އަރައިގަނެއެވެ.

ދިހައެއް ގުނަކުރަން ދިހައެއް:

އަނެއްކާވެސް ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރީއެވެ. ރަމަޟާންމަހުގެ ހަނދު ފެނުމަކި އަޅުގަނޑުމެންގެ ހިތްތައް އަލުން އުފަންވުންފަދަކަމެކެވެ. ﷲއަށް ކިޔަމަންތެރިވުމާއި އެކަލާނގެ ރުހިވޮޑިގަތުން ހޯދުމުގެ ހިޔަލުގައި އާޙަޔާތެއް މިރަމަޟާނާއެކު ފަށަމާހެއްޔެވެ؟ އެޙަޔާތުގެ އަސާސަކީ މާތްﷲއަށް ބިރުވެތިވުމެވެ. ސިއްރާއި ފާޅުގައެވެ. އެއީ އަޅުގަނޑުމެންގެ ލޯތަށް ކުރިމަތީ ދުނިޔެ ނިކަމެތިކޮށްލަނެވި ބިރުވެތިވުމެކެވެ. އެބިރުވެތިވުމުގެ ސަބަބުން ތިބާއަށް ﷲގެ ރުހިވޮޑިގަތުން ފިޔަވައި އެއްވެސްކަމެއް މުހިއްމުނުވާނެއެވެ. ތިބާގެ ނަފްސަށް ނަޞްރުވެރިވާކަށް ނޫޅޭނެއެވެ. ތިބާއަށް މީހަކު ނުބައިކޮށް ކަމެއްކޮށްފިނަމަ، ތިމަން މިހިރީ ރޯދައަށް ކަމުގައި ބުނާށެވެ.

އެއީ އިންސާނާގެ ނަފްސު ތަރުބިއްޔަތުކުރުމެވެ. އެބޭކަލަކަށް މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން މާތްﷲގެ ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްލައްވާށި) ޙަދީސްކުރެއްވިކަމަށް ރިވާކުރެވިގެންވެއެވެ. (الصِّيَامُ جُنَّةٌ، فَلاَ يَرْفُثْ وَلاَ يَجْهَلْ، وَإِنِ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ فَلْيَقُلْ إِنِّي صَائِمٌ. مَرَّتَيْنِ، وَالَّذِي نَفْسِي بِيَدِهِ لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ تَعَالَى مِنْ رِيحِ الْمِسْكِ، يَتْرُكُ طَعَامَهُ وَشَرَابَهُ وَشَهْوَتَهُ مِنْ أَجْلِي، الصِّيَامُ لِي، وَأَنَا أَجْزِى بِهِ، وَالْحَسَنَةُ بِعَشْرِ أَمْثَالِهَا) މާނައީ: "ރޯދައަކީ އައްޑަނައެކެވެ. ނުބައިބަސްތައް ބުނެ ޖާހިލުކަމުގެ ޒުވާބުތައްކޮށް ނަހަދާށެވެ. އަދި އެމީހަކާ ދިމާލަށް މީހަކު އަރައިރުންވެ، ބަދުބަހެއް ބުނެއްޖެނަމަ، ބުނާށެވެ. ތިމަންމިހިރީ ރޯދައަށެވެ ދެފަހަރަށް އެހެންބުނާށެވެ. އަދި ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ ޔަދުޤުދުރަތްޕުޅުގައިވާ ފަރާތް ގަންދީ ބުނަމެވެ. ރޯދަވެރިޔާގެ އަގައިން ދުވާވަސް މިސްކުގެ ވަހަށްވުރެ މާތްﷲގެ ޙަޟްރަތުގައި މާތްކަން ބޮޑުވެގެންވެއެވެ. (ﷲވަޙީކުރައްވައެވެ.) އޭނާގެ ކެއުމާއި ބުއިމާއި ޝަހުވަތު ދޫކޮށްލަނީ ތިމަން ރަސްކަލާނގެއަށްޓަކައެވެ. ރޯދަވަނީ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. އަދި އެރޯދައަށް އެންމެ ހެޔޮ ޖަޒާ ތިމަންރަސްކަލާނގެ ދެއްވާނަމެވެ. އަދި ކޮންމެ ހެޔޮކަމަކަށް ދިހަދަރުމަވެއެވެ."

ރަމަޟާންމަސް ވާންޖެހޭނީ ފެށުމަކަށެވެ. އަހަރުމެން މިމަހާ އަލްވަދާޢުކިޔާނީ ސާފުކަންމަތީގައެވެ. އަދި އެއަށްފަހު އަހަރެމެންގެ އައު ޙަޔާތްފަށަންވީއެވެ. ރަމަޟާންމަހަށްފަހު އަހަރުމެންގެ ޙަޔާތުގެ ޞަފްޙާ މިވަނީ ސާފުވެފައެވެ. އަދި އެޞަފްޙާ ކުށްފާފައިގެ ދަމިލައިން މުޑުދާރުނުކުރަމާތޯއެވެ. އަހަރެމެން އެދެންވީ އަހަރެމެންގެ ޢަމަލުތަކުގެ ފަތް ލިބޭ ދުވަހު އެންމެ މަތީ ދަރަޖައިން ފާސްވުމަށެވެ. ސަތޭކައަކުން ސަތޭކަ ހޯދުމަށެވެ. ތިޔަބައިމީހުން ﷲގެ ޙަޟްރަތުން ކަމަކަށް އެދެނީނަމަ، އެންމެ މަތިވެރި ފިރުދައުސް ދެއްވުން އެދޭށެވެ.

ﷲއަކީ ދީލަތިވަންތައިލާހެވެ. ހެޔޮކަމެއްގެ ބަދަލުގައި އެފަދަ ދިހަ ހެޔޮކަން އެކަލާނގެ ދެއްވައެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް އިތުރުކޮށްދެއްވައެވެ. އެންމެން އެކުއެކީގައި އާދިރުއުޅުމެއްގެ ބިންގާ އަޅަމާތޯއެވެ. އެޙަޔާތުގެ އަސާސަކީ މާތްﷲއަށް ކިޔަމަންތެރިވުމެވެ. އެޙަޔާތުގެ މައިބަނދައަކީ ﷲއަށް ބިރުވެތިވެ، އެކަލާނގެ ޙައްޤުތަކަށް ރައްކާތެރިވުމެވެ. އަދި އެޙަޔާތުގެ ދިރމަކީ އިޚުލާޞްތެރިކަމެވެ. އަދި އެޙަޔާތުގެ ހިތަކީ ތިބާއަށް މާތްﷲ ފެންނަ ފަދައިން އެކަލާނގެއަށް އަޅުކަންކުރުމެވެ. ތިބާއަށް އެކަލާނގެ ނުފެނުނަސް އެކަލާނގެ ތިބާއަށް ބައްލަވާވޮޑިގެންވެއެވެ.

މަޞްދަރު: އޮންއިސްލާމް.ނެޓް

ލިޔުއްވީ: سمية رمضان عبد الفتاح

Comments