އަންގާރަ20200922

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ހިތުގެ މިއަދު ހުޅުވުނު ދޮރަކުން މިއަދު ވަންނާށެވެ!

މިއަދު ހުޅުވުނު ދޮރަކުން މިއަދު ވަންނާށެވެ!

open-doorކުރިމަތީގައިވާ ދުރުމުސްތަޤުބަލުގެ ބުރަތައް، ހިނގަހިނގައި ހުރި ތަނުގައި އުފުލަން އުޅުމަކީ އިންސާނާއަށް ހެދޭ ގޯހެކެވެ.

އުންމީދުތަކުން އިންސާނާގެ ހިތް ފުރައިލުމުން، އޭނާގެ ފިކުރު ފަށާ ދަތުރަކީ ނިމުމެއް ނެތް ދަތުރެކެވެ. މިފިކުރުތަކާއި ވިސްނުންތަކާ މުޑިއަރާހެން ވަސްވާސްތަކާއި ވަހުމުތައް ކުރިމަތިލަނީ ނުލާހިކު އަވަހަށެވެ. އަދި އެވިސްނުންތައް ފައިދާއެއްނެތް، ހާސްކުރުވަނިވި ބިރުހީވުންތަކަކަށް ބަދަލުކޮށްލައެވެ.

ޝައްކުތައް ތިބާ މޮޔަކޮށް، ހާސްކަން ތިބާގެ ހިތަށް ސަވާރުވަނީ ކީއްވެ ހެއްޔެވެ؟ ތިބާ މިއަދުގެ އިމުގެތެރޭގައި ދިރިއުޅޭށެވެ. އެގޮތް ތިބާއަށް މާއެކަށީގެންވެއެވެ. މާ ހެޔޮކަން ބޮޑެވެ.

ކާމިޔާބު މީހުންގެ އެތައް ތަޖުރިބާއެއް "ޑޭލް ކާރނޭޖީ" ކިޔައިދީފައިވެއެވެ. އެއީ އުންމީދުކުރެވޭ މާދަމާއަކާ ލާމެހިގަނެގެން އުޅޭ ބައެއް ނޫނެވެ. އެހެންނަމަވެސް އެބައިމީހުންގެ ޙާޟިރުގެ ތެރެއަށް ފީނި ބައެކެވެ. އަދި އެޙާޟިރުގައި ބޭނުންވާ ކަންކަމާ ކުރިމަތިލައި، އެޙާޟިރު ކުރިމަތިކުރުވާ މައްސަލަތަކަށް ޙައްލުތަކެއް ހޯދިއެވެ. މިމަގު އިޚުތިޔާރުކުރުމުގެ ސަބަބުން އެބައިމީހުންގެ އަދާއި މާދަން އަމާންކުރިއެވެ. އަދި އަންނަނިވި ކަލިމަތަކުގައި އެބައިމީހުންގެ ތަޖުރިބާތަކުގެ ޚުލާޞާ އަޅުގަނޑުމެނަށް ހަނދިޔާ ކުރިއެވެ. މާފުސް މުސްތަޤުބަލެއްގައި ހަނާއަޅަމުންދާ ލަނޑުދަނޑިއެއް ހޯދުމަށް މަސައްކަތްނުކޮށް، ފާޅުކަން ބޮޑު ގޮތެއްގައި އަޅުގަނޑުމެންގެ ކުރިމަތީގައި ސާފުކޮށް ހުރި މަސައްކަތްތައް ކާމިޔާބުކަމާއެކު، ނިންމާލުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ގޮތެވެ.

މިއީ އިނގެރޭސި އަދީބެއްކަމުގައިވާ ތޯމާސް ކާރލީލްގެ ނަޞީޙަތެކެވެ.

ޑރ.އޯސްލޯ މިނަޞީޙަތުގެ މައްޗަށް އިތުރުކަންތައްތަކެއް އިތުރު ކުރައްވައެވެ. ޔޭލް ޔުނިވަރސިޓީގައި އޭނާގެ އަތްދަށުން ދަރިވަރުވަމުންދާ ދަރިވަރުންނަށް އޭނާ އަމުރުކުރައްވަނީ، މަސީޙު ޢަލައިހިއްސަލާމްގެ ކިބައިން ރިވާވެފައިވާ ދުޢާއަކުން ދުވަސް ފެށުމަށެވެ. އެއީ، އަޅާއަށް ފުދޭމިންވަރަށް ރޮށި އަދު މިންވަރުކުރައްވާށިއެވެ! މިދުޢާއެވެ.

އަދި އެކުދިންނަށް އޭނާ ހަނދާންކޮށްދެވަނީ މިދުޢާގައި މަސީޙު އެދިވަޑައިގަންނަވަނީ އެދުވަހުގެ ފަރިއްކުޅުއްވާނެ ރޮއްޓަށް އެކަނިކަމެވެ.

އިއްޔެ ލިބުނު ދެރަ ރޮށީގެ ޝަކުވާއެއް މިއަދަކު ނުކުރައްވައެވެ. ހަމައެފަދައިން ކުރިމަތީގައިވާ މުސްތަޤުބަލާމެދު މާޔޫސްވެވަޑައިގެން އަންނަނިވި ޢިބާރާތުން ދުޢާނުކުރައްވައެވެ. އޭހައްދަވާ ބޮޑުކުރައްވައި ގެންގުޅުއްވާ އިލާހެވެ. ހަނަފަސްކަން ޢާންމުވެއްޖެއެވެ. އަންނަ ހޫނު މޫސުމުގައި ކާނެ އެތިކޮޅެއް ނުލިބިދާނެތީ އަޅަމެން ބިރުވެތިވަމެވެ.

ނުވަތަ އަޅުގަނޑުގެ މަސައްކަތް ނެތިއްޖެނަމަ، އަމިއްލަ ނަފްސަށާއި ދަރިންނަށް ކާންދޭނީ ކިހިނަކުން ހެއްޔެވެ؟މިފަދަ ސުވާލެއްވުސް ނުކުރައްވައެވެ.

ކުރިމަތިވެދާނެކަމަށް ހީކުރެވޭ އެފަދަ ކަންތައްތަކެއްގެ ސަބަބުން އެކަލޭގެފާނުގެ ވިސްނުންފުޅު އޮޅުން ބޮޅުންވިޔަ ނުދެއްވައެވެ. އެކަލޭގެފާނު އެދިވަޑައިގަތީ އެދުވަހަށް ބޭނުންވާ ރޮއްޓަށެވެ. އެދުވަހު ފަރިއްކުޅުއްވޭނީ އެދުވަހުގެ ރޮށި ކަމަށްވާތީއެވެ.

ދުވަހުގެ އިމުގެ ތެރޭގައި މިވަޞިއްޔަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ދިރިއުޅުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ބަސްފުޅާވެސް ގުޅޭ ގޮތެކެވެ. "مَنْ أَصْبَحَ مِنْكُمْ آمِنًا فِي سِرْبِهِ مُعَافًى فِي جَسَدِهِ عِنْدَهُ قُوتُ يَوْمِهِ فَكَأَنَّمَا حِيزَتْ لَهُ الدُّنْيَا بِحَذَافِيرِهَا" رواه أبو دود މާނައީ: "އެމީހެއްގެ ތަންމަތީގައި އަމާންކަމާއެކު ވަނިކޮށް ދުވާލުވެއްޖެ މީހާ، އެމީހެއްގެ ހަށިގަނޑުގައި ބަލިމަޑުކަމެއް ނެތިފައި، ދުވަހުގެ ކެއުން އެމީހެއްގެ ކިބައިގައިވާނަމަ، އެމީހަކަށް މުޅި ދުނިޔެ ފުރިހަމަ ގޮތުގައި ލިބިއްޖެއެވެ." ތިބާގެ އަތުގައި މިހުރިހާ ކަމެއް ހަމައަށް ހުރެއްޖެނަމަ، ތިބާއަށް ތިވަނީ މިޢާލަމް މިލްކުވެފައެވެ. އެއިން ކަމެއް ނެތިގެންދާފަދަ ކަންކަމާމެދު ބިރުވެތިވާށެވެ!

އަމާންކަމާއި ފުރިހަމަ ޞިއްޙަތާއި، ދުވަހުގެ ޚަރަދުބަރަދަށް ފުދޭ މިންވަރު ލިބިފައިވުން، ތޫނު ސިކުނޑިއަކުން ހަމަހިމޭންކަމާއެކު ވިސްނައި، އެންމެ ފަރުދެއްގެ ދިރިއުޅުމުގެ މިސްރާބުގެ އިތުރުން، މުޅި ތާރީޚުގެ މިސްރާބު ބަދަލުކޮށްލާނެ ވިސްނުމެއް ބިނާކުރުމުގެ ޤާބިލުކަން، ތޫނުފިލި ބުއްދިތަކަށް ތަނަވަސްކޮށްދެއެވެ.

އިންސާނާއަށް ލިބޭ މިލުއި ނިޢުމަތްތަކަކީ އުފެއްދުންތެރި ދުވަސްތަކަކަށް މަގުކޮށުމަށް ލިބޭ އެހީތެރިކަމެއް ކަމުގައިވެއެވެ. ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށާއި، ނުކުޅެދުންތެރިކަމާއި ޒާތްޒާތުގެ ހުރަސްތަކުން މިންޖުކޮށްދޭނެ ވަސީލަތްތަކެއް ކަމުގައި އެނިޢުމަތްތައް ވެދެއެވެ.

ވަގުތު ޖެހިފައިނުވާ ދަތިތަކެއް އަމިއްލައަށް އަވަސްކޮށްގަތުމަކީ ބޮޑު މޮޔަކަމެކެވެ. ގިނަފަހަރަށް އެކަންވެގެންދަނީ ސަލްބީ ވިސްނުމުގެ ސަބަބުން އުފެދޭ ނާއުންމީދުތަކުގައި ޙަޤީޤީ ކުލަ ޖައްސައިދޭ ދިނުމަކަށެވެ. އިންސާނާއަށް ހިނގާނެ ކަންކަން އެގުނުކަމުގައި ވިޔަސް މުސްތަޤުބަލުގެ ކަންކަމާހުރެ އަދުގެ ޙާލަތު ހަލާކުކުރުމަކީ ކުށެއްކަމުގައި މެނުވީ ނުވާނެއެވެ. އިންސާނާގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާގެ ދުވަސް، އެއީ މުސްތަޤުބަލުގެ ޢާލަމްކަމުގައި ދެކި އެދުވަހާ ކުރިމަތިލުމެވެ. މާތްﷲގެ ޚަލީލް އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ މައްޗަށް ހެދުނު ފާޅުވެއްޖެނަމަ، އަންނަނިވި ބީދައިން ދުޢާކުރައްވައެވެ. "މާތްﷲއެވެ. މިއަދަކީ އައު ޚަލްޤެކެވެ. (މާނައަކީ: އަދަކީ އައުދުވަހެކެވެ.) މިއަދުގެ ފެށުން އިނބަރަސްކަލާނގެއަށް ކިޔަމަންތެރިވުމުގެ މަތީގައި ލައްވާނދޭވެ! އަދި މިއަދުގެ ނިމުން އިނބަރަސްކަލާނގެ ފުއްސެވުމާއި ރުއްސެވުމާއެކު، ލައްވާފާނދޭވެ! އަދި އަދުގައި، އިނބަރަސްކަލާނގެ ޙަޟްރަތުގައި މަޤުބޫލުކަމެއްކަމުގައިވާނެ ހެޔޮ ޢަމަލެއް އަޅާއަށް ދެއްވާފާނދޭވެ. އަދި އެޢަމަލުގެ ސަވާބު އިތުރުކުރައްވާނދޭވެ! އަދި އަޅާއަށް ކުރެވުނު ނުބައިކަމެއްނަމަ، އެކަމެއް ފުއްސަވާފާނދޭވެ! އިނބަރަސްކަލާނގެއީ ރަހީމްވަންތަ، ގިނަގިނައިން ފާފަ ފުއްސަވާ ދީލަތިވަންތަ އިލާހެވެ."

އަދި އިބްރާހީމް ޢަލައިހިއްސަލާމް ވިދާޅުވާކަމަށް ވެއެވެ. " ކޮންމެ ދުވަހެއްގެ ފެށުމާއެކު މިދުޢާކޮށްފި މީހާ އޭނާގެ ދުވަހުގެ ޝުކުރު އަދާކޮށްފިއެވެ." (الإحياء)

އަދި ސަލާމާއި ޞަލަވާތްލެއްވުނު ކައުއިތުރު މާތް ނަބިއްޔާގެ ސިޔަރަތުން ދޭހަވާ ގޮތުގައި ޙަޔާތް މިފަދައިން ބައިކުރުމަކީ ރަނގަޅު ކަމެކެވެ. އަދި އެޙަޔާތުގެ ކޮންމެ ބަޔަކާވެސް ގުނޑުގުނޑު ނާޅާނެ ނަފްސަކާއި، އާ ހިތްވަރަކާއެކު، ކުރިމަތިލާން ޖެހޭކަން ދޭހަވެއެވެ.

އެކަލޭގެފާނު މައްޗަށް ހެދުނުގެ ވަގުތު އަތުވެއްޖަނަމަ ޙަދީސްކުރައްވައެވެ. (( أصبحنا و أصبح الملك لله و الحمد لله لا شريك له لا إله إلا هو و إليه النشور)) رواه الترمذي މާނައީ: "އަޅަމެންގެ މައްޗަށް ދުވާލު ވެއްޖެއެވެ. ވެރިކަން ލިބިވޮޑިގެންވަނީ މާތްﷲއަށެވެ. އަދި މާތްﷲއަށް ޙަމްދުހުއްޓެވެ. އެކަލާނގެއަށް ބައިވެރިއަކު ލިބިވޮޑިގެންނުވެއެވެ. އަނބުރާދިއުންވަނީ އެކަލާނގެ ޙަޟްރަތަށެވެ." އަދި ހަވީރުވަގުތުވެއްޖެނަމަ، ހަމަ އެފަދައިން ހަވީރަށް ޚާއްޞަ ދުޢާކުރައްވައެވެ. އަދިވެސް ދުޢާކުރައްވައެވެ. ((اللهم إني أصبحت منك فى نعمة و عافية و ستر فأتم نعمتك علي و عافيتك و سترك فى الدنيا و الاخرة)) رواه أبو داود މާނައީ: "ގަދަކީރިތިވަންތަ މާތްﷲއެވެ. އިނބަރަސްކަލާނގެ ނިޢުމަތާއި ޢާފިޔަތާއި ފޮރުއްވުމުގެ ތެރޭގައި އަޅުވަނިކޮށް އަޅުގެ މައްޗަށް އާހެދުނެއް އަތުވެއްޖެއެވެ. އަޅާގެ މައްޗަށް ދުނިޔެއާއި އާޚިރަތުގައިވާ އިނބަރަސްކަލާނގެ ނިޢުމަތާއި ޢާފިޔަތާއި ފޮރުއްވުން ފުރިހަމަކުރައްވާފާނދޭވެ!" އަދި އެކަލޭގެފާނުގެ މައްޗަށް ހަވީރުވަގުތު އައުމުން ހަމަ މިފަދައިން ހަވީރަށް ޚާއްޞަ ދުޢާކުރައްވައެވެ.

ބައެއްމީހުން، އެބައިމީހުންނާއި އެއުރެން ޢާއިލާއަށް މާތްﷲ ދަރުމަކުރެއްވި ހަމަޖެހުމާއި ސަލާމަތްތެރިކަމުގެ އަގު ކުޑަކުރެއެވެ. އަދި މިމަތިވެރި ނުޢުމަތްތައް ނަގާލައެވެ. އަދި ބާރުވެރިވުމާއި ތަނަވަސްވުމުން މަޙުރޫމްވިކަމުގެ އަސަރުތައް މާބޮޑުކޮށްލައެވެ. މިނިޢުމަތްތަކުގެ އަގުކުޑަކުރާ ކުރުމަކީ ކަންއޮތްގޮތަށް އިންޞާފުވެރިނުވެވުމެވެ. އަދި ދީނާއި ދުނިޔެ ގެއްލުވާލުމެވެ. މީހަކު ޢަބްދުﷲބިން ޢަމްރޫބިން ޢާޞްގެ އަރިހުން ސުވާލުކުރެއްވިކަމަށް ރިވާވެގެންވެއެވެ. ތިމަންނަ މުހާޖިރުންގެ ތެރެއިން ފަޤީރުންގެ ތެރެއިގައި ނުހިމެނޭތޯއެވެ؟ އެމީހަކަށް ޢަބުދުﷲގެފާނު ވިދާޅުވިއެވެ. ތިބާއަށް އެކަނބުލޭގެމައްޗަށް ބަރޯސާވެވޭނެ އަންބަކު ލިބިފައިވޭ ހެއްޔެވެ؟ އެމީހަކު ދެންނެވިއެވެ. އާދޭހެވެ. ދެން އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. ތިބާ ވަންނާނެ ގެދޮރު އެބަހުރި ހެއްޔެވެ؟ އެމީހަކު ދެންނެވިއެވެ. އާއެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިބާއީ މުއްސަނދިންގެ ތެރެއިން ވާ މީހަކީމުއެވެ. ދެން އެމީހަކު ދެންނެވިއެވެ. ތިމަންގެ ގާތުގައި ޚިދުމަތްކުރާނެ ޚާދިމަކުވެސް އެބަހުއްޓެވެ. ވިދާޅުވިއެވެ. ތިބާވަނީ ރަސްރަސްކަލުންގެ ތެރެއިންނެވެ. (رواه مسلم)

ޒާތީ ފުދުންތެރިކަމާއި، އަތުގައިވާ އެއްޗެއް ރަނގަޅަށް ބޭނުންކުރުމާއެކު، އުންމީދުތަކުގެ މައްޗަށް ބަރޯސާވުން ދޫކޮށްލުމަކީ ނަފްސުގެ މަތިވެރިކަން ހޯދުމުގެ މަޞްދަރެވެ. އަދި އުދަގޫ ދަތި ޙާލަތްތަކުގެ މައްޗަށް ކާމިޔާބު ހޯދުމުގެ ސިއްރެވެ.

ނިޢުމަތްތައް ލިބިފައިވުމުގެ ސަބަބުން، މަޙުރޫމްވުމުގެ ޝަކުވާ ނުކުރާ މީހުން، ގިނަފަހަރަށް އެމީހުންގެ ކިބައިގައިވާ ތަނަވަސްކަމުން ހެޔޮ މަންފާ ލިބިގަތުމުގައާއި ހެޔޮ ގޮތުގައި އެނިޢުމަތްތައް ބޭނުންކުރުމުގައި ނުކުޅެދުންތެރިވެއެވެ. އެއީ އެކަމަށް ބޭނުންވާ ނަފްސާނީ ބާރު އެބައިމީހުން ކިބައި ނެތުމުންނެވެ. މިއީ މާތް ނަބިއްޔާ ކޮންމެ ދުވަހެއްގެ ފެށުމާއެކު ޔަޤީންކޮށްދެއްވާ ކަމެކެވެ. އެކެލާގެފާނު ޙަދީސްކުރައްވައެވެ. ((ماطلعت شمس قط إلا بعث بجنبتيها ملكان يسمعان أهل الأرض إلا الثقلين: أيها الناس هلموا إلى ربكم فإن ماقل و كفى خير مما كثر و ألهى ولا غربت شمس قط إلا و بعث بجنبيها ملكان يناديان: اللهم عجل لمنفق خلفا و عجل لممسك تلفا)) (الترغيب و الترهيب) މާނައީ: ކޮންމެ ދުވަހެއްގެ އިރުއަރާއިރު އެއިރުގެ ދެފަރާތުން ދެމަލާއިކަތުން ވަޑައިގެން، އިންސާނުންނާއި ޖިންނީން ފިޔަވައި ބިމުގެ އަހުލުވެރީންނަށް އިއްވަވާނެއެވެ. މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް އަންނާށެވެ. ހަމަކަށަވަރުން ގިނަވެފައި އޭގެ ސަބަބުން އިހުމާލުވެވޭ އެއްޗަކަށްވުރެ، މަދުވެފައި، އެއިން ފުދޭ މިންވަރު ހެޔޮވެގެންވެއެވެ. އަދި އިރުގެ ދެފަރާތުން ދެމަލާއިކަތުން ވަޑައިގެން އަންނަނިވި ފަދައިން ގޮވާނުލައްވާ ދުވަހަކު އިރު ނުއޮއްސޭނެއެވެ. އޭﷲއެވެ. ހޭދަކުރި މީހަކަށް އެކަމުގެ ބަދަލެއް އަވަހަށް ދެއްވާނދޭވެ! އަދި ހިފަހައްޓައި މުށްބާރުކުރި މީހާއަށް ގެއްލުން އަވަސްކުރައްވާފާނދޭވެ.

މިޙަދީސްގެ ފަހު ބައިގައި އެވަނީ ދީލަތިވާ މީހުންނަށް ހެޔޮ ދަރުމައިގެ ވަޢުދެކެވެ. އަދި ދަހިވެތިވާ މީހުންނަށް ހަލާކާއި ނެތި ދިޔުމުގެ ވަޢީދެކެވެ.

ފުރަތަމަ ބައިގައި އެވަނީ ގިނަވުމާއި މަދުވުމުގެ ދެމެދުގައި އަޅައިކިޔުއްވާފައެވެ. އެއީ ފަހަރުގައި މަދުވުން ގިނަވުމަށްވުރެ ހެޔޮކަން ބޮޑުވެދާނެ ގޮތް ބަޔާންކުރެއްވުމަށެވެ. ޙަޤީޤަތުގައި އެއީ އިންސާނާއަށް ފުދޭވަރުގެ މަދުމިންވަރު، އެއިންސާނާ ހެޔޮކަންކަމުން އިހުމާލުކުރުވާ ގިނަވުމަށްވުރެ ހެޔޮކަން ބަޔާންކުރެއްވުމެކެވެ.

އެހެންނަމަވެސް އޭގެ އަހުލުވެރިޔާއަށް ފުދުމަށްފަހު ބައެއް ބޭނުންތައް ކުރުމަށާއި ބައެއް ޙައްޤުތައް އަދާކުރުމަށް އެހީތެރިވެދޭ އިތުރުވުމަކީ، އިންކުރުވަނިވި މަދުވުމަކަށްވުރެ ހެޔޮ ރަނގަޅުކަމެކެވެ. މިޙަދީސްގައި އެފަދަ ފުދުންތެރިކަމުގެ ވާހަކައެއް އައިސްފައި ނުވެއެވެ. މިނަބަވީ އިރުޝާދުގެ ޙަޤީޤީ މަޤްޞަދަކީ ދީލަތިވުމަށް ބާރު އެޅުއްވުމެވެ. ކެރިގެން ހޭދަކުރުމަށް ބާރު އެޅުއްވުމެވެ. އަދި ފަޤީރުވެދާނެތީ ބިރުނުގަތުމަށް ބާރު އެޅުއްވުމެވެ. ނުވަތަ ފުދޭމިންވަރު ލިބުމުން ފުދިގަތުމަށް ބާރުއެޅުއްވުމެވެ.

އަބޫ ޙާޒިމްގެ ބަސް އަޑުއައްސަވާށެވެ. "އަހަރެންނާއި ރަސްރަސްކަލުންނާ މެދުގައިވަނީ އެއް ދުވަހެވެ. އިއްޔެ ކަމުގައިވާނަމަ، އެބައިމީހުންނަށް އިއްޔެގެ އަރާމެއް ނުލިބޭނެއެވެ. މާދަމާނަމަ، އަހުރެންވެސް އަދި އެބައިމީހުންވެސް މިވަނީ މާދަމާއާމެދު ބިރުގަންނަ ޙާލެއްގައެވެ. އަހަރެންނާއި އެބައިމީހުން ހިއްސާކުރާ ދުވަހަކީ އަދެވެ. އަދުވާނީ ކޮން ފަދައަކުން ހެއްޔެވެ؟"

މިފަޤީރު ޞާލިޙު އަޅުވެރިޔާ ރަސްރަސްކަލުންނަށް ގޮން ޖައްސަވަނީއެވެ. މާޒީގެ އަރާމަކީ ފާއިތުވި އިއްޔެއާކު ފަނާވެދާ ކަންކަމެވެ. އެއިން ކަމެއް ހިފަހައްޓާކަށް އެކަކުވެސް ކުޅެދުންތެރިއެއްނޫނެވެ. މާދަންވަނީ ޣައިބުގެ ތެރޭގައެވެ. އެއާމެދު ފިކުރުކުރުމުގައި ސާހިބުންނާއި ނިކަމެތިން ހަމަހަމައެވެ. ބާކީ އޮތީ ހަމައެކަނި އަދެވެ. އެއީ ބުއްދިވެރިން އެދުވަހެއްގެ އިމުގެ ތެރޭގައި ދިރިއުޅޭ ދުވަހެވެ. މިއަދުގެ ތެރޭގައި ނަފްސުގެ މިލްކިއްޔަތު ކަށަވަރުކޮށް އެމީހެއްގެ ގަސްތު ރަނގަޅަށް އެގޭ މީހާ ރަސްކަލަކަށް ވެދެއެވެ.

ނިކަމެތިވެގެންނަންވީ ސަބަބަކީ ކޮބައިހެއްޔެވެ؟ ތަފާތުވަނީ ކޮންކަމަކާ ހުރެ ހެއްޔެވެ؟

މިއަދުގެ އިންތަކުގެ ތެރޭގައި އުޅުމުގެ މާނައަކީ މާދަމާއާމެދު ފިކުރު ނުކުރުމެއްނޫނެވެ. ނުވަތަ މާދަމާއަށް ތައްޔާރުވުން އެކީ ހުއްޓާލުމެއްވެސް ނޫނެވެ. އެހެނަސް މާދަމާއާމެދު ވިސްނައި މާދަމާއަށް އަހަންމިއްޔަތުކަން ދިނުމަކީ ބުއްދިވެރިކަމާއި ޙިކުމަތްތެރިކަމުގެ ތެރެއިންވާ ކަމެކެވެ.

މުސްތަޤުބަލަށް އަހަންމިއްޔަތުކަމެއް ދިނުމާއި އެމުސްތަޤުބަލުގެ ސަބަބުން ނާއުންމީދުވުމަކީ ތަފާތު ދެކަމެކެވެ. އަދި އެފަދައިން އެމުސްތަޤުބަލަށް ތައްޔާރުވުމާއި ގަދަކަމުން އެމުސްތަޤުބަލުގެ ތެރެއަށް ޣަރަޤުވެގަތުމާވެސް ތަފާތެވެ. މިއަދުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ސަމާލުވެހުރުމާއި، މާދަމާ ގެނެސްފާނެ ކަމެއް ހިތަށް އަރުވައި އޮޅުން ބޮޅުންގަޑެއްގެ ތެރެއަށް ވަނުމާހުރި ތަފާތެވެ.

ދީންވަނީ އިސްރާފުކުރުން މަނާކޮށް އިޤުތިޞާދުކުރުމަށް ބާރު އެޅުމުގެ ތެރެއިން، އިންސާނާއަށް އޭނާގެ މުސްތަޤުބަލު އަމާންކޮށްދީފައެވެ. އެމީހެއްގެ ގަދަ ބަދަވިދުވަހުން ނިކަމެތިވެދާ ދުވަހަށް ތައްޔާރުވާށެވެ. އަދި ޒުވާން ދުވަހުން މުސްކުޅިވެދާ ދުވަހަށެވެ. އަދި އަމާންކަމުން ހަނގުރާމައަށެވެ. ތާބިޢިއްޔަ ބޭކަލުންގެ ބޮޑެތި ބޭކަލުންގެ ތެރެއިން ސުފުޔާނުއް ސައުރީއަށް ފުދޭވަރެއްގެ ތަނަވަސްކަމެއް ލިބިވަޑައިގެންފައިވެއެވެ. އެކަލޭގެފާނު އެޚަޒާނާއަށް އިޝާރާތްކުރައްވައި އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވެއެވެ. މިތަނަވަސްކަން ނެތްނަމަ، އެބައިމީހުން (އަމަވީން) އަހަރުމެން ބާރުވެރިކަން ކަޑުވައިލީހެވެ. މާނައަކީ އެކަލޭގެފާނުގެ ތަނަވަސްކަން އެކަލޭގެފާނުގެ ޒަމާނުގެ ޙާކިމުންގެ ކިބައިން އެކަލޭގެފާނު ރައްކާތެރިކޮށްދިނެވެ.

އަދި ކަން ހިގަމުންދާ ގޮތަށް ބަލާއިރު، ދުވަހުގެ އިންތަކުގެ ތެރޭގައި ފުދުންތެރި ދިރިއުޅުމެއް އުޅުމަކީ އިސްވެދިޔަ ފުދުންތެރިކަމަށް ވާޞިލުކޮށްދޭ ކަމެކެވެ. އަދި ފުދުންތެރި އަދަކީ ކާމިޔާބު މާދަމާއެއްގެ އަސާސެވެ. އެހެންކަމުން ޖެހިލުންވުން ނައްތާލުމަކީ ލާޒިމުކަމެކެވެ.

ޅެންވެރިޔާ ވިދާޅުވެފައިވެއެވެ.

سهرت أعين و نامت عيون – فى شئون تكون أو لا تكون

إن ربا كفاك بالأمس ماكان – سيكفيك فى غد ما يكون

މާނައީ:

ލޯތަކެއް ވެދާނެ ނުވަތަ ނުވެ ހިގައިދާނެ ކަންކަމުގެ ފިކުރުގައި ނިދިއެވެ. އަދި އަނެއްބައިލޯތައް ރޭގަނޑު ހޭލާ ހޭދަކުރިއެވެ. ހަމަކަށަވަރުން އިއްޔެ ވެދިޔަކަންކަމުގައި ތިބާއަށް ތިބާގެވެރި ރަސްކަލާނގެ ފުދުނެވެ. މާދަމާގައި ހަމައެކަލާނގެ ވާންހުރި ކަންކަމާ ކުރިމަތިލުމުގައި ތިބާއަށް ފުދޭނެއެވެ.

މީހާގެ ޢުމުރު އެމީހާގެ ކިބައިން ނިގުޅައިގަނެވޭ ގޮތް ތިބާއަށް އެގޭ ހެއްޔެވެ؟ މާދަމާގެ ސަބުބުން އޭނާ ދިރިއުޅެމުންދާ މިއަދު އިހުމާލުކޮށްލައެވެ. އަދި އެފަދައިން އޭނާގެ އަޖަލު އައިސް ބައްދަލުކުރަންދެން އުޅެއެވެ. އަދި އެމީހާގެ އަތުގައި ހެޔޮކަމުންވަނީ ސުމެކެވެ.

ސްޓެވެން ލޭކަކު ލިޔުއްވިއެވެ. (( ދިރިއުޅުމާމެދު އަޖައިބުވާންޖެހެއެވެ. ކުޑަކުއްޖާ ބުނާނެއެވެ. އަހުރެން އަހަރުވީމައެވެ. އެއިރުން އަހަރެންވާނީ ފުރާވަރުގެ ކުއްޖެއްކަމުގައެވެ. އަދި ޒުވާނާ ބުނާނެއެވެ. އަހަރެން ތަންކޮޅެއް ހަރަކާތްތެރިވާން ފެށީމައެވެ. އެއިރުން އަހަރެންވާނީ ވަރުހުރި ޒުވާނަކަށެވެ. ޒުވާނާބުނާނެއެވެ. އހަރެން ކާވެނި ކުރީމައެވެ. ކާވެނި ކުރެވިއްޖެނަމަ ބުނާނެއެވެ. ކުރާނެ ކަމެއް ނެތް މީހެއްކަމުގައި އަހަރެންވީމައެވެ. އޭނާ އެގޮތުގައިވަނިކޮށް މުސްކިޅިކަން ބައްދަލުކޮށްފިނަމަ ޙަޔާތުގައި ފާއިތުވި މަރުޙަލާތައް މުޠާލިޢާކޮށްލައެވެ. ޖެހުނު ފިނި ރޯޅިއެއް އެމަރުޙަލާތައް ގެންދިޔަ ފަދައެވެ. ޙަޔާތުގެ އަގަކީ އެޙަޔާތް ރަނގަޅު ގޮތުގައި ހޭދަކުރުންކަން މިއެގެނީ ވަގުތު ފާއިތުވާ ފަހުންނެވެ. އެޙަޔާތުން ކޮންމެ ދުވަހެއް، އަދި ކޮންމެ ގަޑިއެއްވެސް ރަނގަޅު ގޮތުގައި ދިރިއުޅެންވީއެވެ. ))

އެބައިމީހުންގެ ޢުމުރު ބޭކާރު ގޮތެއްގައި ނަގައިލި މީހުންނާއި، އެއްޗެއް އެއްލާލާ ބީދައިން އެބައިމީހުންގެ އަތްތަކުން ދުވަސްތައް ބީވިޔަދިން މީހުންނާމެދު މާތްﷲ ވަޙީކުރައްވާފައިވެއެވެ.

وَيَوْمَ تَقُومُ السَّاعَةُ يُقْسِمُ الْمُجْرِمُونَ مَا لَبِثُوا غَيْرَ سَاعَةٍ كَذَلِكَ كَانُوا يُؤْفَكُونَ (الروم:55)

މާނައީ: قيامة ގެ ވަގުތުޖެހޭދުވަހު ކުށްވެރިން ހިނދުކޮޅަކަށް މެނުވީ އެއުރެން ނުތިބޭކަމަށް ހުވާކުރާނެތެވެ. (ދުނިޔެމަތީގައި) އެއުރެން حق ން އެއްކިބާވާ ކަމުގައިވީ އެފަދައިންނެވެ.

كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلا عَشِيَّةً أَوْ ضُحَاهَا (النازعات: 46)

މާނައީ: އެއުރެން އެކަންތައް ދެކޭދުވަހު، ހަވީރެއް، ނުވަތަ ހެނދުނެއްގައި މެނުވީ، އެއުރެން ލަސްވެ ނުތިބޭކަހަލައެވެ.

ނޯޓު: މިލިޔުމަކީ العلامة فضيلة الشيخ محمد الغزالي ގެ جدد حياتك ނަމަކަށް ކިއުނު ފޮތުން އަޅުގަނޑު ނަގައިފައިވާ ލިޔުމެވެ. ލިޔުމުގެ ޙަޤީޤީ ސުރުޚީއަކީ: عش فى حدود يومك މާނައަކީ: ތިބާގެ އަދުގެ އިންތަކުގެ ތެރޭގައި ދިރިއުޅޭށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.