އަންގާރަ20180911

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ހިތުގެ ހިތި ލުނބޯއިން ފޮނި ފަނިތައްޓެއް ހަދާށެވެ.

ހިތި ލުނބޯއިން ފޮނި ފަނިތައްޓެއް ހަދާށެވެ.

laa-thahzan-13ބުއްދިވެރިއަކީ ގެއްލުންތައް ފައިދާއަށް، ނާކާމިޔާބު ކާމިޔާބަށް ބަދަލުކޮށްލާމީހާއެވެ. ސޭކު މޮޔަމީހަކު އެއް މުސީބާތް ހަދާނީ ދެ މުސީބާތަށެވެ. ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މައްކާއިން ނެރެލެއްވުނީމާ، މަދީނާގައި މުޅިދުނިޔެ ހެކިވާވަރުގެ ވަރުގަދަ އިސްލާމީ ދައުލަތެއް ބިނާކުރެއްވިއެވެ. އަޙުމަދު ބިން ޙަންބަލް ޖަލަށްލެވި ޗާބޫކުން ތެޅީމާ، ފަހުން ސުންނަތުގެ އިމާމަކަށް ވިއެވެ. އިބްނު ތައިމިއްޔާ ހައްޔަރު ކުރެވުނީމާ، ހައިރާން ވާހާ ގިނަ ޢިލްމު ޖަލުގައި ހުންނަވައިގެން ނެރުއްވިއެވެ.

ޝައިޚުލް އިސްލާމްގެ ލަޤަބުދެވުނެވެ. ހިކިފައި ހުރި ފުން ވަޅަކަށް، އިމާމް ސަރްޚަސީ ލެވުނެވެ. ބަދަލުގައި އޭނާ ފިޤުހުގެ ވިހި މުޖައްލަދު ލިޔުއްވިއެވެ. އިބްނުލް ޖައުޒީ ބަޣްދާދުން އަރުވާލެއްވުނީމާ، ހަތް ޤިރާއަތަށް ކިޔަވަން ދަސްކުރެއްވިއެވެ.

ބޮޑު މުޞީބާތެއް ކަލެއާ ކުރިމަތިވެއްޖެނަމަ، އޭގައި ވާ ރަނގަޅު ކަންކަމަށް ބަލާށެވެ. މީހަކު ހުތް ލުނބޯތައްޓެއް ދީފިއްޔާ، އޭގެތެރެއަށް ހަކުރު ސަމުސަލެއް އަޅައި ފޮނިކޮށްގެން ބޮއެލާށެވެ. ހަރުފައެއް ދީފިއްޔާ، އޭގެ ރީތިހަންގަޑު ނަގާފައި ބާކީ އެއްލާލާށެވެ. ބިޗުލެއް ކަށިޖަހައިފިއްޔާ އެއީ ހަރުފައިގެ ވިހައިން ސަލާމަތް ކޮށްދޭނެ ވެކްސިނެއްކަން ދަންނާށެވެ.

މީހަކު ކަލެއަށް ފެންތައްޓެއް ދީފިއްޔާ، ހުސްތަނަށް ނުބަލާށެވެ. ތަށި އަތުލައިގެން ހުސްތަން ފުރާލާށެވެ.

ކުރިމަތިވެފައިވާ ދަތިއުދަގުލަށް ހޭނިގަންނާށެވެ. އޭރުން އެ އުދަގުލުން، ފިނިފެންމަލާއި ހުވަނދުމަލާއި ޔާސިމީން މާ ނުކުންނާނެއެވެ.

މާތް ﷲ ވަޙީކުރައްވަނީ: وَعَسَى أَنْ تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَكُمْ وَعَسَى أَنْ تُحِبُّوا شَيْئًا وَهُوَ شَرٌّ لَكُمْ 

މާނައަކީ: ''ދަންނައެ ކަލޭމެން ނުރުހޭ ކަމެއް އެއީ، ކަލޭމެންނަށް ލާބަހުރި ރަނގަޅުކަމަކަށް ވެދާނެއެވެ. އެދި ކަލޭމެން ރުހޭކަމެއް އެއީ، ކަލޭމެންނަށް ގެއްލުންހުރި ނުބައިކަމަކަށް ވެސް ވެދާނެއެވެ.''

ފަރަންސޭސި އިންޤިލާބުގެ ކުރީކޮޅުގައި، މޮޅު ދެ ޅެންވެރިއަކު ޖަލަށްލެވުނެވެ. އެކަކީ އުންމީދު ނުކަނޑާމީހެކެވެ. އަނެކަކީ އުންމީދުގެ ކަންފުޅެއްވެސް ހުންނަ މީހެއް ނޫނެވެ. ދެ މީހުންވެސް ޖަލުގެ ކުޑަދޮރަކުން ބޭރުމަތި ބަލާލިއެވެ. ފުރަތަމަ މީހާ ބެލީ މައްޗަށެވެ. އަދި އުޑުގައި ހުރި ތަރިތަކަށް ބަލާފައި ހީލިއެވެ. ދެވަނަ މީހާ ބެލީ ބިމުގައިހުރި ވެއްޔަށެވެ. ދެން ފެއްޓީ ރޯށެވެ.

ކަލޭ ލޯބިވާ އެއްޗެއްގައި ގެއްލުމެއްވެސް ވެދާނެއެވެ. ނޭދޭ އެއްޗެއްގައި ފައިދާވެސް ވެދާނެއެވެ. ރީތި ފަތްމިންޏަކާ އިނީމައި އެހާ އުފާވެރި ޙަޔާތެއް ނުލިބިވެސް ހިގައިދާނެއެވެ. އެކަމަކު "ދޮން ނޫން" ކުއްޖަކު ކަލޭގެ ހަޔާތް ސުވަރުގެއަކަށް ވެސް ހަދާފާނެއެވެ.

މުއްސަނދިނުވިޔަސް ހިތާމަ ނުކުރާށެވެ. މުއްސަނދިން އެ އުޅެނީ ޙަޤީޤީ އުފަލަކުނޫނެވެ. އެމީހުންގެ ދަރިންނަށްވަނީ މާ ދެރެގޮތްގޮތެވެ. ޖެހެނީ މާ ބޮޑިތިބަލިތަކެވެ. ކެންސަރެއް ނޫނިއްޔާ، ޕުރެޝަރެވެ. ކަލެއަށް ޖެހޭނީ އާދައިގެ ހުމެކެވެ. އެމީހުން ބިރިޔާނީއާއި ޗޮކޮލެޓް ކެޔަސް، ކުޅު ދިޔާ ނުކުރާށެވެ. އެކައިގެންވަނީ ފަލައެވެ. ދެން ގުޑި ނުލެވިގެން ލާރިދީފައި އެދަނީ ހިމަވާށެވެ. ކަލޭ ކިރިޔާ ބަނޑު ފުރޭވަރަށް ކެއީމައި ހިމަކޮށް އެބަ ހުރޭ ނޫންހެއްޔެވެ؟

ދުނިޔޭގައި ހިތިއެއްޗެއްސާއި ފޮނި އެއްޗެހި ހުންނައިރު، ކަލެއަށް ކެވޭ ކޮންމެ އެއްޗަކީ ފޮނިއެއްޗަކަށް ނުހެދޭނެއެވެ. ވީމާ ހުސް ފޮނި އެއްޗެހި ކާން އެންމެ ރަނގަޅު ގޮތަކީ، ކޮންމެ އެއްޗަކުންވެސް ދެނީ ފޮނިރަހަ ކަމުގައި ޤަބޫލުކުރުމެވެ.

***

* މިއީ ޝައިޚް ޢާއިޟް އަލްޤަރްނީގެ "ހިތާމަ ނުކުރޭ" މި ފޮތް އަސްލަކަށް ބަލައިގެން ތަރުޖަމާކޮށްފައިވާ ލިޔުންތަކެކެވެ. ބައެއް ލިޔުންތަކަށް ކޮންމެވެސް ވަރެއްގެ ކުޑަ ބަދަލުތަކާއި އުނިއިތުރު ގެނެވިފައިވާނެއެވެ. އެއީ ޢަރަބި ބަހުން މުޚާޠަބު ކުރެވިފައިވާ އެއްޗެއް ދިވެހި ބަހުން ގެނައީމާ ބައެއް ފަހަރު އޭގެ މާނަ ދޭހަ ނުވުމާއި، މުޚާޠަބު ކުރެވޭ ޘަޤާފަތުގެ ތަފާތުކަމަށްޓަކައެވެ.

މި ލިޔުންތަކުގައި ވާ އާޔަތްތަކަކީ ކޮންމެހެން އެ މައުޟޫޢަކާ ސީދާ ގުޅުން ހުރި އާޔަތްތަކެއް ނޫނެވެ. އަދި އެއީ ކޮންމެހެން އެއިން ސީދާ ދަލީލު ނެގޭނެ އާޔަތްތަކެއް ވެސް ނޫނެވެ. އެކަމަކު އެއީ އާޔަތުން މައުޟޫޢާ ގުޅޭ ކޮންމެވެސް ކަހަލަ އިޝާރާތެއް ލިބޭ އާޔަތްތަކެކެވެ.

* މިއީ ސިލްސިލާކޮށް ކަވާސާގައި ޖެހޭނެ ލިޔުންތަކެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.