އާދީއްތަ20201018

އާކުރެވުނީ: 08:43:52

ގޭ ފުދެއެވެ.

laa-thahzan-15

ޝަރުޢީ ސުއްނީ އެކަހެރިވުމުގެ މާނައެއް އޮވެއެވެ. އެއީ ނުބައިކަންތަކާއި އޭގެ އަހުލުވެރިންނާއި، ތާކުންތާކުނުޖެހޭ އިންސާނުންނާއި، ނާޗަރަންގީގައި ޣަރަޤުވެފައިވާ މީހުންނާއި، އެކަހެރިވެ ދުރުވުމެވެ. އޭރުން ކަލެއަށް ކަލޭގެ އަމިއްލަ ނަފްސާ ބައްދަލުކުރެވޭނެއެވެ. ހަމަޖެހި، ސިކުނޑިއަށް ވަގުތުކޮޅެއް ދެވޭނެއެވެ. ޙިކުމަތުގެ މުތްތައް ހޮވޭނެއެވެ. އެނގުންތަކުގެ ބަގީޗާއިން ނިކަން ރީތި މާ ފެންނާނެއެވެ.

ހެޔޮކަންތަކާއި އަޅުކަންތަކުން މަޝްޣޫލުކުރުވާ ކަންކަމާ އެކަހެރިވުމަކީ، ހިތުގެ ޑޮކްޓަރުން ތަޖުރިބާކޮށްފައިވާ ނާދިރު މޮޅު ބޭހެކެވެ. އެބޭސް ބޭނުންކުރަން އަހަރެން ކަލެއަށް ނަސޭހަތްތެރިވަމެވެ.

ނުބައިކަންތަކާއި، ބޭކާރުކަންކަމާއި، އެއްވެސް ފިކުރެއްނެތް އާދައިގެ މީހުންނާ އެކަހެރިވެގެން ހުރުމުން، ސިކުނޑި ތާޒާކަންމަތީ ދެމެހެއްޓޭނެއެވެ. ހިތް މަޑުމޮޅިވާނެއެވެ. ތައުބާވުމާއި ޛިކުރުކުރުން އިޙްތިފާލުކުރެވޭނެއެވެ.

ފައިދާހުންނަ އެދެވިގެންވާ އެކުވެއުޅުމަކީ، ޖަމާޢަތުގައިކުރާ ނަމާދާއި، މުސްލިމުންނާއެކު ކުރާ ހުކުރާއި، ޢިލްމު އުނގެނެވޭ ތަންތަނާއި، ހެޔޮކަންތަކަށް އެހީތެރިވެ ބައިވެރިވުންފަދަ އެކުވެއުޅުންތަކެވެ. ކަމެއްނެތިފައިތިބޭ މީހުން ހުސް އަނގަތަޅަން ތިބޭ މަޖްލިސްތަކުގައި ނަމަނަމަ ނުއިށީންނާށެވެ. އެފަދަ ތަންތަނުން ދުރަށް ދުވެފިލާށެވެ. ކުރެވިފައިވާ ކުށްތަކުގެ މައްޗަށް ކަރުނައޮހޮރައި، ދޫރައްކާކޮށްގެން ގޭގައި ހުންނާށެވެ. ކަލޭގެ ގޭ ކަލެއަށް ފުދެއެވެ.

ބޭނުމެއްނެތް ގޮތުގައި މީހުންނާ އެކުވެއުޅުމަކީ ނަފްސަށް ދެވޭ ބޮޑު އަނިޔާއެކެވެ. ނަފްސުގެ ހަމަޖެހުމާއި އަމާންކަމަށް ދެވޭ ނުރައްކަލެކެވެ. އެހެނީ ކަލެއަށް އަޑުއިވޭނީ ތޯތޯ ވާހަކަތަކެވެ. ދޮގުވެރިންގެ ބަސްތަކެވެ. އަޑުއިވޭނީ ހުސް ކަޅުކުލައިގެ ޚަބަރުތަކެވެ. ނޭފަތް ކޮއްޕޭނީ ތިމާއާ ނުބެހޭ ކަންކަމުގެ ތެރެއަށެވެ. ކެވޭނީ މީހުންގެ މުޅަމަހެވެ.

ވީމާ އާދޭސްކޮށް ބުނަމެވެ. ކަމަކާ ބެހެންޏާ އަމިއްލަ ކަންކަމާ ބެހޭށެވެ. ހެޔޮކަމެއް ކުރަން ނުވަތަ ހެޔޮބަހެއް ބުނަން ނޫނިއްޔާ، ގެއިން ނުނުކުންނާށެވެ. އޭރުން ކަލޭގެ ހިތް އަނބުރާ ކަލެއަށް ލިބޭނެއެވެ. ވަގުތު ބޭކާރުކުރުމުގެ އާފަތުން ސަލާމަތްވާނެއެވެ. ޢުމުރު އިސްރާފުކުރުމުން ދުރުވެވޭނެއެވެ.  ޣިބައިން ދޫރައްކާކުރެވޭނެއެވެ. މޮޅިވެރިކަމުން ހިތް މިންޖުވާނެއެވެ. ފާފަވެރި އަޑުތަކުން ކަންފަތް ނުގުގުމާނެއެވެ.

 

 

***

* މިއީ ޝައިޚް ޢާއިޟް އަލްޤަރްނީގެ "ހިތާމަ ނުކުރޭ" މި ފޮތް އަސްލަކަށް ބަލައިގެން ތަރުޖަމާކޮށްފައިވާ ލިޔުންތަކެކެވެ. ބައެއް ލިޔުންތަކަށް ކޮންމެވެސް ވަރެއްގެ ކުޑަ ބަދަލުތަކާއި އުނިއިތުރު ގެނެވިފައިވާނެއެވެ. އެއީ ޢަރަބި ބަހުން މުޚާޠަބު ކުރެވިފައިވާ އެއްޗެއް ދިވެހި ބަހުން ގެނައީމާ ބައެއް ފަހަރު އޭގެ މާނަ ދޭހަ ނުވުމާއި، މުޚާޠަބު ކުރެވޭ ޘަޤާފަތުގެ ތަފާތުކަމަށްޓަކައެވެ.

މި ލިޔުންތަކުގައި ވާ އާޔަތްތަކަކީ ކޮންމެހެން އެ މައުޟޫޢަކާ ސީދާ ގުޅުން ހުރި އާޔަތްތަކެއް ނޫނެވެ. އަދި އެއީ ކޮންމެހެން އެއިން ސީދާ ދަލީލު ނެގޭނެ އާޔަތްތަކެއް ވެސް ނޫނެވެ. އެކަމަކު އެއީ އާޔަތުން މައުޟޫޢާ ގުޅޭ ކޮންމެވެސް ކަހަލަ އިޝާރާތެއް ލިބޭ އާޔަތްތަކެކެވެ.

* މިއީ ސިލްސިލާކޮށް ކަވާސާގައި ޖެހޭނެ ލިޔުންތަކެކެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.