ހޮނިހިރު20201010

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ހިތުގެ ނުވަތަ ދަތިހާލުޖެހި ގޮތްހުސްވެފައިވާ މީހާގެ ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެހެއްޔެވެ؟

ނުވަތަ ދަތިހާލުޖެހި ގޮތްހުސްވެފައިވާ މީހާގެ ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެހެއްޔެވެ؟

dhua-ijaaba-kuravva-14 
ފުންހިތާމައެއްގައިވާ މީހާ ދަނީ ކާކުގާތަށްހެއްޔެވެ؟ ބޮޑު މުޞީބާތެއްގައިވާ މީހާ ދަނީ ކާކުގާތަށްހެއްޔެވެ؟ މުޅި ކާއިނާތު ބަރޯސާވަނީ ކާކަށްހެއްޔެވެ؟ ހުރިހާ މަޚްލޫޤާތުން އެދެނީ ކާކުގާތުންހެއްޔެވެ؟ ދޫތަކުގެ ކޮޅުގައިވަނީ ކާކުގެ ނަމެއްހެއްޔެވެ؟ އެއީ އިލާހުކަން ޤަބޫލުކޮށް ހިތްތައް އީމާންވަނީ ކާކަށްހެއްޔެވެ؟ ... އެއީ އަރަހުށި މާތް ﷲ އެވެ. އެކަލާނގެ ފިޔަވާ އެހެން އިލާހެއް ނުވެއެވެ.

ވީމާ، ހެޔޮހާލާއި ދަތިހާލުގައިވެސް، ތަދުމަޑުކަމާއި ތިޔާގިކަމުގައިވެސް، އެކަލާނގެއަށް ދުޢާކުރުމަކީ، އަދި ބޮޑުކަމެއް މެދުވެރިވެއްޖެނަމަ އަވަހަށް އެކަލާނގެ ޙަޟްރަތަށް ދިއުމަކީ، އަދި މުޞީބާތެއް ކުރިމަތިވެއްޖެނަމަ އެކަލާނގެ މަދަދަށް އެދުމަކީ، އަހަރެންނާއި ކަލޭގެ މައްޗަށް ވެސް ވާޖިބުވެގެންވާ ކަމެކެވެ.

އެކަލާނގެ ރަސްކަންފުޅުގެ ދޮރުކޮޅުގެ އޮޅިގަނޑު މަތީ ތިބެ، ކަރުނައޮހޮރައި ރޮއި، ބިރުވެތިކަމާއެކީ އާދޭސްދަންނަވައި، މަޑުމޮޅިކަމާއެކީ ދުޢާދަންނަވައި، އުއްމީދާއެކީ ތައުބާވާށެވެ. އެހިނދު ލަސްތަކެއް ނުވެ އެކަލާނގެ މަދަދު އަންނާނެއެވެ. އެކަލާނގެ އެހީފުޅު ލިބޭނެއެވެ. ނުވެގެން އުޅުނުކަން ފުރިހަމަވެ، ހިތާމައާއި މޮޅިވެރިކަން ފިލައިދާނެއެވެ. ނިޢްމަތުގެ ދޮރޮތައް ހުޅުވިގެންދާނެއެވެ. أَمَّنْ يُجِيبُ الْمُضطَرَّ إِذَا دَعَاهُ

އާޔަތުގެ ތަފްސީރީމާނަ: "ހެޔޮކަން ބޮޑީ، އެމީހުން ﷲ އާ ޝަރީކޮށް އުޅޭ، ދުޢާއަކަށް އިޖާބަނުދެވޭ، އާރެއް ބާރެއް ނެތް، ބާޠިލު ކަލާނގެތައްހެއްޔެވެ؟ ނުވަތަ ދަތި އުނދަގޫ ހާލުޖެހިފައިވާ މީހާ، އެކަލާނގެއަށް ދުޢާކުރާ ހިނދު، އެ ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެހެއްޔެވެ؟" {އައްނަމްލު: 62}

އެކަލާނގެ، ޣަރަޤުވަމުންދާ މީހާ ސަލާމަތްކުރައްވައެވެ. ގެއްލިފައިވާ މީހާއަށް މަގުދައްކަވައެވެ. ބަލާޖެހިފައިވާ މީހާއަށް ޢާފިޔަތު ދެއްވައެވެ. އަނިޔާލިބިފައިވާ މީހާއަށް ނަޞްރުދެއްވައެވެ. މަގުފުރެދިފައިވާ މިހާއަށް ތެދުމަގުދައްކަވައެވެ. ބަލިމީހާއަށް ޝިފާދެއްވައެވެ. މޮޅިވެފައިވާ މީހާއަށް ހިތްހަމަޖެހުން ދެއްވައެވެ.  فَإِذَا رَكِبُوا فِي الْفُلْكِ دَعَوْا اللَّهَ مُخْلِصِينَ لَهُ الدِّينَ

އާޔަތުގެ ތަފްސީރީމާނަ:  "ފަހެ އެއުރެން ނަވަށް އަރައި، ކަނޑުގަދަވެ ޣަރަޤުވެދާނެހެން ހީވީމާ، ކުރިން އެމީހުން ދުޢާކޮށް އުޅުނު ބާޠިލު އިލާހުންތައް ދޫކޮށް، އެއްކައުވަންތަ ﷲ އަށް އީމާންކަން ޚާލިޞްކުރާ ހާލުގައި، ﷲ އަށް އެއުރެން ދުޢާކުރެތެވެ." {އަލްޢަންކަބޫތު:65}

ހާސްކަމާއި މޮޅިކަމާއި ދެރަކަމާއި ހިތާމަ ދުރުކުރުމަށް ކުރަންޖެހޭ ދުޢާތަކެއް މިތާނގައި ގެންނާކަށް ނެތީމެވެ. އެ ބަލަން ބޭނުމިއްޔާ ޙަދީޘްފޮތްތަކާއި ދުޢާ ފޮތްތަކާ ދިމާއަށް ދާށެވެ. މާތާ ރަސްކަލާނގެއާ މުޚާޠަބުކުރަން ޖެހޭ ޝަރަފުވެރި ގޮތްތަކާއި މަތިވެރި ޢިބާރާތްތައް އެއިން ކަލެއަށް ދަސްވާނެއެވެ. އެކަލާނގެއަށް މުނާޖާ ދަންނަވާށެވެ. އެކަލާނގެއަށް ގޮވާށެވެ. ދުޢާކުރާށެވެ. އާދޭސް ދަންނަވާށެވެ. ކަލެއަށް އެކަލާނގެއާ ކުއްތަންވެވިއްޖެނަމަ، ތިހުރީ ހުރިހާ އެއްޗެއް ލިބިފައެވެ. އެކަލާނގެއާމެދު އީމާންކަން ގެއްލިއްޖެނަމަ، ތިހުރީ ހުރިހާ އެއްޗެއް ގެއްލިފައެވެ.

ކަލޭ ހައްދަވާ ބޮޑުކުރެއްވި ކަލާނގެއަށް ކުރާ ދުޢާއަކީ އަޅުކަމެކެވެ. ދެންނެވި ބޭނުން ފުދުމުގެ އިތުރުން އެއީ ބޮޑުވެގެންވާ ހެޔޮކަމެކެވެ. ދުޢާކުރުމުގެ ފަންނުގައި މޮޅު އަޅެއްގެ ހިތާމައެއް މޮޅިކަމެއް ހާސްކަމެއް ނޯންނާނެއެވެ. އަޅާއާއި މާތްކަލާނގެއާ ދެމެދުވާ ވާފަށް ނޫނީ އެހެން ހުރިހާ ވަލެއް ބުރިވެއެވެ. އެކަލާނގެ ދަރުބާރުގެ ދޮރުކޮޅު ނޫން އެހެން ހުރިހާ ދޮރެއް ބަންދުވެއެވެ. އެކަލާނގެއަކީ ކުއްތަންވެވޮޑިގެންވާ އައްސަވައިވޮޑިގެންވާ އިޖާބަދެއްވާ ރަސްކަލާނގެއެވެ.  ދަތި އުނދަގޫ ހާލުޖެހި މަޖްބޫރުވެފައިވާ މީހާގެ ދުޢާ އެކަލާނގެ އިޖާބަކުރައްވައެވެ. ކަލެއަކީ ފަޤީރު، ބަލިކަށި، މުހުތާދުޖެހިފައިވާ މީހަކަށް ވާހިނދުވެސް، މުއްސަނދިވަންތަ، ގަދަފަދަވަންތަ، އަރަހުށި ރަސްކަލާނގެ ކަލެއަށް އަމުރުކުރައްވާފައިވަނީ ދުޢާކުރުމަށެވެ. ادْعُونِي أَسْتَجِبْ لَكُمْ

އާޔަތުގެ މާނަ: "ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ!" {ޣާފިރު: 60}

ބޮޑުކަމެއް ކަލެއާ ލައިގަނެއްޖެނަމަ، އުނދަގޫތައް އައިސް ވަށަލައިފިނަމަ، އެކަލާނގެ ހަނދުމަކުރާށެވެ. އިސްމުފުޅު ގަންނާށެވެ.  މަދަދަށް އެދޭށެވެ. ނަޞްރަށް އުއްމީދުކުރާށެވެ. އެކަލާނގެ އިސްމުފުޅު މަތިވެރިކުރަން ކަލޭގެ ނިއްކުރި ބިމުގައި ބާއްވާލާށެވެ. އޭރުން ހަޤީޤީ މިނިވަންކަމުގެ ތާޖު ލިބޭނެއެވެ. އެކަލާނގެއަށް އަޅުވެތިވުމުގެ ފަސްގަނޑަށް ކަލޭގެ ނޭފަތް ގަންބާލާށެވެ. އޭރުން ސަލާމަތްވެއްޖެކަމުގެ މެޑެލި ލިބޭނެއެވެ. އަތް ދިއްކުރާށެވެ. އަތްތިލަ އުފުލާށެވެ. ދޫ ދޫކޮށްލާށެވެ. ބާރުއަޅައި އެކަލާނގެ ކިބަފުޅުން އެދޭށެވެ. ދޫނުކޮށް އެކަލާނގެ ކިބަފުޅަށް ދުޢާކުރާށެވެ. ގިނަގިނައިން އެކަލާނގެއަށް އާދޭސްކުރާށެވެ. އެކަލާނގެ ދޮރުކޮޅުމަތިން ދުރަށް ނުދާށެވެ. އެކަލާނގެ އޯގާތެރިވަންތަކަމަށް އިންތިޒާރުކުރާށެވެ. އެކަލާނގެ ނަޞްރަށް ބަލަބަލާ ހުންނާށެވެ. އެކަލާނގެ އިސްމުފުޅުން ކިޔެވެލި ކިޔަވާށެވެ. އެކަލާނގެއާމެދު ހެޔޮކޮށް ހީކުރާށެވެ. އެކަލާނގެއަށް ހުސްވާށެވެ. އުފާވެރިކަމާއި ދިންނެވުން ބޭނުމިއްޔާ، އެހެން ހުރިހާ ފަރާތަކުން އެއްކިބާވެ ހަމައެކަނި އެކަލާނގެ ޙަޟްރަތަށް އިޚްލާޞްތެރިކަމާއެކު ކުއްތަންވާށެވެ.

 


* މިއީ ޝައިޚް ޢާއިޟް އަލްޤަރްނީގެ "ހިތާމަ ނުކުރޭ" މި ފޮތް އަސްލަކަށް ބަލައިގެން ތަރުޖަމާކޮށްފައިވާ ލިޔުންތަކެކެވެ. ބައެއް ލިޔުންތަކަށް ކޮންމެވެސް ވަރެއްގެ ކުޑަ ބަދަލުތަކާއި އުނިއިތުރު ގެނެވިފައިވާނެއެވެ. އެއީ ޢަރަބި ބަހުން މުޚާޠަބު ކުރެވިފައިވާ އެއްޗެއް ދިވެހި ބަހުން ގެނައީމާ ބައެއް ފަހަރު އޭގެ މާނަ ދޭހަ ނުވުމާއި، މުޚާޠަބު ކުރެވޭ ޘަޤާފަތުގެ ތަފާތުކަމަށްޓަކައެވެ.

މި ލިޔުންތަކުގައި ވާ އާޔަތްތަކަކީ ކޮންމެހެން އެ މައުޟޫޢަކާ ސީދާ ގުޅުން ހުރި އާޔަތްތަކެއް ނޫނެވެ. އަދި އެއީ ކޮންމެހެން އެއިން ސީދާ ދަލީލު ނެގޭނެ އާޔަތްތަކެއް ވެސް ނޫނެވެ. އެކަމަކު އެއީ އާޔަތުން މައުޟޫޢާ ގުޅޭ ކޮންމެވެސް ކަހަލަ އިޝާރާތެއް ލިބޭ އާޔަތްތަކެކެވެ.

* މިއީ ސިލްސިލާކޮށް ކަވާސާގައި ޖެހޭނެ ލިޔުންތަކެކެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.