އާދީއްތަ20200531

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ހިތުގެ ﷲ ގެ ޙަޟްރަތުން ބަދަލުލިބެއެވެ.

ﷲ ގެ ޙަޟްރަތުން ބަދަލުލިބެއެވެ.

laa-thahzan-16މާތް ﷲ، ކަލެއަށް ދެއްވާފައިވާ އެއްޗެއް ގެންދަވައިފިއްޔާ، އެއައްވުރެ ރަނގަޅު ހެޔޮ ބަދަލެއް ކަލެއަށް ދެއްވާނެއެވެ. އެކަމަކު އެއީ ނިޢްމަތް ގެއްލުނީމާވެސް ކެތްތެރިވެ، އެކަލާނގެ ދަރުމައަށް އެދިހުރެއްޖެނަމައެވެ. ޙަދީޘްފުޅުކުރެއްވިއެވެ: "ލޮލުގެ ނޫރު ގެއްލުނީމާ، އެކަމަށް ކެތްތެރިވެއްޖެނަމަ، އޭގެ ބަދަލުގައި އޭނާއަށް ސުވަރުގެވެއެވެ." " ދުނިޔޭގައި ލޯބިވާ މީހާ  ގެއްލުނީމާ، ދަރުމައަށް އެދި ކެތްތެރިވެއްޖެމީހާއަށް، ބަދަލުގައި ސުވަރުގެވެއެވެ." ދަރިފުޅު ގެއްލުނީމާ ކެތްތެރިވާ މީހާއަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރެވެއެވެ. މިގޮތަށް ހުރިހާކަމެއްވެސް ބަލާށެވެ. މިކިޔާލަދިނީ ހަމަ މިސާލުކޮޅެކެވެ.

ވީމާ މުޞީބާތެއްގެ މައްޗަށް ދެރަނުވާށެވެ. އެހެނީ، އެ މިންވަރުކުރެއްވި ފަރާތުގެ ޙަޟްރަތުގައި، ސުވަރުގެއާއި ޡަވާބާއި ބޮޑުވެގެންވާ ދަރުމަވެއެވެ.

ދުނިޔޭގައި މުޞީބާތްތަކާއި އިމްތިޙާނުކުރެއްވުމަށް ކެތްތެރިވެ، މިންވަރުފުޅަށް އީމާންވި، ﷲ ގެ ވަލިއްޔުން ސުވަރުގެ ވެއްދެވުމަށްފަހު ބުނެވޭނީ: سَلَامٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى الدَّارِ "ތިޔަބައިމީހުން ކެތްތެރިވިކަމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް ސަލާމްހުއްޓެވެ. ފަހެ އާޚިރަތުގެ އުފާވެރި ގޮވަތީގެ މޮޅުކަމާއެވެ.!" އެވެ.

މުޞީބާތުގެ ބަދަލާއި، އޭގެ ޘަވާބާއި، އެއަށްފަހު އޮތް ރަނގަޅު ގޮތަށް، އިންތިޒާރުކުރުމަކީ އަހަރެމެންގެ މައްޗަށްވާ ވާޖިބެކެވެ. الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ *  أُوْلَئِكَ عَلَيْهِمْ صَلَوَاتٌ مِنْ رَبِّهِمْ وَرَحْمَةٌ وَأُوْلَئِكَ هُمْ الْمُهْتَدُونَ  "އެއުރެންނީ އެއުރެންނަށް މުޞީބާތެއްޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބައެކޭ ބުނާ މީހުންނެވެ. *  އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން މަޣްފިރަތާއި ރަޙްމަތް، އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގުލިބިގެންވާ މީހުންނީ، ހަމަ އެއުރެންނެވެ."

ފަހެ މުޞީބާތެއް ޖެހިފައިވާ މީސްތަކުންނަށް ތަހުނިޔާއެވެ. ހިތާމާގައިވާ މީހުންނަށް އުފާވެރިކަމުގެ ޚަބަރުތައް އެބަހުއްޓެވެ.

މިދުނިޔޭގެ ޢުމުރަކީ ކުރު އެއްޗެކެވެ. އޭގެ މުދާގަނޑަކީ ކަހަރުވަކެކެވެ. އަދި އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވެއެވެ. މިތާނގައި މުޞީބާތެއްޖެހުނު މީހަކަށް އެތާނގައި ހެޔޮ ދަރުމަ ލިބޭނެއެވެ. މިތާނގައި ވަރުބަލިވި މީހަކަށް އެތާނގައި އަރާމުކަން ލިބޭނެއެވެ.

ދެން އެކަމަކު މިދުނިޔޭގައި ބަގުޑިބައްދައިގެން، ވަގުތީ އުފާތަކުގައި އެލިގަނެގެން، ދުނިޔޭގެ ޢިޝްޤުގައިޖެހި، ދުނިޔެއާ ހިސާބުން ހުއްމީދު ހުއްޓިފައިވާ މީހުން، މިމީހުންގެ ހިތްތަކަށް އެންމެ ވޭންދެނިވި ކަމަކަށް ވާނީ ދުނިޔޭގެ ނަސީބެއް ފާއިތުވެ ގެއްލުމެވެ. ފާގަތިކަމާއި އަރާމު ނުލިބުމެވެ. އެހެނީ އެމީހުން ބޭނުންވަނީ ހަމައެކަނި ދުނިއެވެ. ވީމާ އެ ނުލިބުނީމާ އެކަން ބޮޑުކަމަކަށް ވަނީއެވެ. ކުޑަ އުނދަގުލެއް އުފުލުންވެސް، ބޮޑު ފަރުބަދައެއް އުފުލުމާ އެއްވަރުވަނީއެވެ. ސަބަބަކީ އެމީހުން ދުރަށް ނުބަލާ، ބަލަނީ ފައިތިލަ ދަށަށެވެ. މާދަމާއަށް ނުވިސްނާ، ވިސްނަނީ މިއަދާމެދުގައެވެ. އަގެއްނެތް ފަނާވެދަނިވި މި ދުނިޔެ ނޫން ދުނިޔެއް، އެމީހުންނަށް ނުފެނެއެވެ.

އޭ މުޞީބާތް ޖެހިފައިވާ އެންމެހާ މީސްތަކުންނޭވެ! އެއްޗެއް ފާއިތުވެ ގެއްލިދިޔަޔަސް، ކަލޭމެން އަތުން ގެއްލުނުކަމަށް ނުބަލާށެވެ. މަޑުކަމާއި އޯގާތެރިކަމާއި ޘަވާބާއި ހެޔޮ މަންޒިލަތުގެ ފޮޅުވަތްތަކެއްވާ ސިޓީއެއް ކަލޭމެންނަށް ފޮނުއްވާފައި އެބައޮތެވެ. ވަށައިގެން ހަތަރު ފަރާތުން މުޞީބާތުގެ ފާރެއްލެވި ބަންދުވެފައިވާ މީހާ ފަހެ ދަންންނާށެވެ. ޤިޔާމަތް ދުވަހު އޭނާ ހުންނާނީ  މުޅިން އެހެން ކަހަލަ ފާރެއްގެ ފުރަގަހުގައެވެ. އެ ފާރުގެ އޭނާއާ ވީ ފަރާތުގައި ވާނީ، ބޮޑުވެގެންވާ ރަޙްމަތާއި ގިނަވެގެންވާ ނިޢްމަތެވެ. فَضُرِبَ بَيْنَهُمْ بِسُورٍ لَهُ بَابٌ بَاطِنُهُ فِيهِ الرَّحْمَةُ وَظَاهِرُهُ مِنْ قِبَلِهِ الْعَذَابُ "ފަހެ އެއުރެންގެ މެދުގައި ފާރެއް ލެއްވޭނެތެވެ. އެ ފާރުގައި ދޮރެއްވެއެވެ. އޭގެ އެތެރެފުށުގައިވަނީ ރަޙްމަތެވެ. އަދި އޭގެ ބޭރުފުށުން އަނެއް ފަރާތުގައިވަނީ ޢަޛާބެވެ."

ﷲ ގެ ޙަޟްރަތުގައިވާ އެއްޗެއްގެ ހެޔޮކަން އިތުރުވެފައި، ދެމިހުރުން ބޮޑުވެގެންވެއެވެ. އެ ނިޢްމަތްތަކުން ކާ ކެއުން އަރާމުވެފައި، ބޯ ބުއިން ފަސޭހަވެގެންވެއެވެ. އެ ނިޢްމަތްތައް މަތިވެރިވެފައި ދަރަޖަ އުސްވެގެންވެއެވެ.

 

 

***

* މިއީ ޝައިޚް ޢާއިޟް އަލްޤަރްނީގެ "ހިތާމަ ނުކުރޭ" މި ފޮތް އަސްލަކަށް ބަލައިގެން ތަރުޖަމާކޮށްފައިވާ ލިޔުންތަކެކެވެ. ބައެއް ލިޔުންތަކަށް ކޮންމެވެސް ވަރެއްގެ ކުޑަ ބަދަލުތަކާއި އުނިއިތުރު ގެނެވިފައިވާނެއެވެ. އެއީ ޢަރަބި ބަހުން މުޚާޠަބު ކުރެވިފައިވާ އެއްޗެއް ދިވެހި ބަހުން ގެނައީމާ ބައެއް ފަހަރު އޭގެ މާނަ ދޭހަ ނުވުމާއި، މުޚާޠަބު ކުރެވޭ ޘަޤާފަތުގެ ތަފާތުކަމަށްޓަކައެވެ.

މި ލިޔުންތަކުގައި ވާ އާޔަތްތަކަކީ ކޮންމެހެން އެ މައުޟޫޢަކާ ސީދާ ގުޅުން ހުރި އާޔަތްތަކެއް ނޫނެވެ. އަދި އެއީ ކޮންމެހެން އެއިން ސީދާ ދަލީލު ނެގޭނެ އާޔަތްތަކެއް ވެސް ނޫނެވެ. އެކަމަކު އެއީ އާޔަތުން މައުޟޫޢާ ގުޅޭ ކޮންމެވެސް ކަހަލަ އިޝާރާތެއް ލިބޭ އާޔަތްތަކެކެވެ.

* މިއީ ސިލްސިލާކޮށް ކަވާސާގައި ޖެހޭނެ ލިޔުންތަކެކެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.