ހޮނިހިރު20200926

އާކުރެވުނީ: 08:43:52

ރިބާ

ribaa- ރިބާގެ މާނަ:
- ރިބާގެ ޙުކުމް:
- ރިބާ ޙަރާމް ކުރެއްވުމުގެ ޙިކުމަތް:
- ރިބާ އާ ދުރުވެ ތިބުމަށް އައިސްފައިވާ އިންޒާރު:
- ރިބާގެ ވައްތަރުތައް:
- ތާރީޚުގެ ތެރެއިން:

''ރިބާ'' އަކީ ކޮބައި ކަމާއި އޭގެ ޙުކުމްތައް އެނގިފައި އޮތުމަކީ، ޝައްކެއް ވެސް ނެތް ގޮތުގައި ކޮންމެ މުސްލިމަކަށް ވެސް ވަރަށް މުހިއްމު ކަމެކެވެ. މި ލިޔުމުގައި، ޢާއްމުންނަށް ބޭނުންވާ ވަރަށް ވުރެ އިތުރު ތަފްޞީލީ ވާހަކަތައް ހުންނާނެއެވެ. އަދި މި ޒަމާނުގައި އެހާ ޢާއްމު ނޫން، ރިބާ މުޢާމަލާތާ ބެހޭ ވާހަކަތައް ވެސް ހުންނާނެއެވެ.

ވިޔަފާރިކޮށް، ދަރަނި އަތުލައި ނުވަތަ ދަރަނި ދޭ މީހެއް ވިއްޔާ، ރިބާ ގެ ޙުކުމް ދަސް ކުރަން ޖެހޭނެއެވެ. ވިޔަފާރީގެ ޙުކުމްތައް ދަސްކުރަން ޖެހޭނެއެވެ. މި ޒަމާނުގެ މުސްލިމް ބައެއް ވިޔަފާރިވެރިންނަށް، ޤައުމުގެ ވިޔަފާރިއާ ބެހޭ ހުރިހާ ޤާނޫނަކާ ޤަވާޢިދެއް، އެންމެ ކުދި ތަފްޞީލު ތަކަށް ދާންދެން އެނގެއެވެ. ނަމަވެސް، އޭނާ އެ ކުރާ ވިޔަފާރި ދީނީ ހަމަތަކަށް ފެތޭތޯ ބަލަނީ، މަދު ބައެކެވެ. ރިބާ އާ ދުރުވުމަކީ ވާޖިބެކެވެ. އެއާ ނުލާ ވާޖިބު ނު ފުއްދޭ ކޮންމެ ކަމަކީ ވާޖިބެކެވެ. ވީމާ ރިބާ އާ ބެހޭ މަޢްލޫމާތު އެނގިފައި ހުރުމަކީ، މިފަދަ ދާއިރާއެއްގައި މަސައްކަތް ކުރާ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ވާޖިބު ކަމެކެވެ. ރިބާ ގެ ޙުކުމް ނޭނގުމަކީ އަދި ގަސްތުގައި ނު ކެއުމަކީ އެއީ ފާފަ ލިބުމާއި ދެމެދުގައިވާ ހުރަހެއް ނޫނެވެ. މި ގޮތުން ޤުރުޠުބީ ވިދާޅު ވެފައި ވަނީ: ''ރިބާ ކެވެނީ އެނގިހުރެ ގަސްތުގައި ކެއުމުން އެކަނި ކަމަށް ވަންޏާ، ފިޤުހުވެރިންގެ މައްޗަށް ނޫނީ ރިބާ ޙަރާމެއް ނުވާނެއެވެ.'' އެހެނީ ރިބާގެ ޙުކުމްތައް ބަރާބަރަށް އެނގެނީ އެ މީހުންނަށް އެކަންޏެވެ.

ފިޤުހީ ތަފްޞީލު ތަކުގެ ތެރެއަށް ނުވަދެ، ރިބާ އާ ބެހޭ ހުރިހާ މަޢްލޫމާތެއް ނޭނގޭނެއެވެ. އަދި އެކި މީހުންނަށް ރިބާ އާ ބެހޭ ގޮތުން އެނގެން މަޖްބޫރު މަޢްލޫމާތު ތަފާތެވެ. ދަރަންޏެއް ނު ނަގާ، ވިޔަފާރިއެއް ނުކުރާ، ބޭންކަކާއި މުޢާމަލާތު ނުކުރާ މީހަކަށް އެހާ މުހިއްމެއް ނޫނެވެ. ނަމަވެސް ރަނުގެ ވިޔަފާރިއާ، ފައިސާގެ ވިޔަފާރިއާ، ދަރަނި ދޭ ވިޔަފާރި ވެރިއާއާއި، ކާ ތަކެތި އެކަތި އަނެކައްޗާ ބަދަލު ކުރުމުގެ ވިޔަފާރި ކުރާ މީހަކަށް ރިބާ އަލްފަޟްލު އާއި ރިބާ އައްނަސީއާ އާބެހޭ މަޢްލޫމާތު އެނގެން ޖެހެއެވެ.

އަޅުގަނޑުގެ އުންމީދަކީ މި ލިޔުން ކިއުމަށް ފަހު، ޙުކުމް ނޭނގި ތިބި މީހުންނަށް ޙުކުމް އެނގި، ޙުކުމާ މެދު ފަރުވާ ކުޑަ ކޮށްލައިގެން ތިބި މީހުން ހޭލައި ތައުބާ ވުމަށް، މި ލިޔުމުން އެހީތެރިވެ ދޭނެ ކަމަށެވެ.

ރިބާގެ މާނަ

1- ބަހުގެ ގޮތުން ރިބާގެ މާނަ :

ބަހުގެ ގޮތުން ބަލާ އިރު، ރިބާގެ މާނައަކީ: އިތުރުވުން ނުވަތަ ގިނަ ވުމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ މި އާޔަތުން މި މާނަ ދޭހަވެއެވެ. وَتَرَى الْأَرْضَ هَامِدَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاء اهْتَزَّتْ وَرَبَتْ وَأَنبَتَتْ مِن كُلِّ زَوْجٍ بَهِيجٍ

މާނައަކީ: ''އަދި އެއްވެސް ދިރުމެއް ހަރަކާތެއް ނެތި ބިން އޮތްތަން ފެންނަހުއްޓެވެ، (ނަމަވެސް) ދެން އެ ބިމަށް ތިމަން ރަސްކަލާނގެ ވާރޭ ފެން އޮއްސެވުމުން، ހަރަކާތްވެ (ގަސް) ފަޅައި ބޮޑުވެ، ހުރިހާ ފާޑަކުން އުފާ ލިބެނިވި ގަސްތައް ހެދެއެވެ.'' (އަލްޙައްޖު:5)

أَن تَكُونَ أُمَّةٌ هِيَ أَرْبَى مِنْ أُمَّةٍ

މާނައަކީ : ''... ތިޔަބައި މީހުންގެ ތެރެއިން އެއްބަޔަކީ އަނެއް ބަޔަކަށް ވުރެން ގިނަ ބަޔަކު ކަމުގައި ވެދާނެތީވެ...'' (އައްނަޙްލު:92) މި އާޔަތުގައި ''އަރްބާ'' ގެ މާނައަކީ އެހެން އުއްމަތްތަކަށް ވުރެ ޢަދަދު އިތުރުވުމެވެ.

ވީމާ ''ރިބާ'' މި ކަލިމައިގެ އަސްލު މާނައަކީ، އިތުރުވުމެވެ. އެއީ ފަހަރެއްގައި އެއްޗެއް އޭގެ ޒާތުގައި އިތުރުވުން ކަމަށް ވެސް ވެދާނެއެވެ. ނުވަތަ، އެއްޗަކާ އަޅާ ބަލާއިރު އިތުރުވުން ކަމަށް ވެސް ވެދާނެއެވެ. މިސާލަކަށް ގަހެއް ބޮޑުވުން ނުވަތަ އެއް ރުފިޔާ އޮއްވާ ދެ ރުފިޔާއަށް ވުމެވެ. އަދި އުސްވުމަށް ވެސް މި ބަސް ބޭނުން ކުރެވެއެވެ. މި ހުރިހާ މާނައަކީވެސް އިތުރުވުން ދޭހަވާ މާނައެކެވެ.

2- ރިބާ ގެ ޝަރުޢީ މާނަ :

ރިބާ ގެ ޝަރުޢީ މާނަ، އެކި މަޛްހަބުތަކުގައި ރިބާ ގެ ޝަރްޢީ މާނަ ޢިބާރާތް ކުރެވިފައި ވަނީ ތަފާތު ޢިބާރާތްތަކަކުންނެވެ. ޢިބާރާތްތައް ތަފާތު ވިޔަސް، ނިމޭ މާނައަކީ އެއް މާނައެކެވެ. ތިރީގައި މި ވަނީ މި ތަޢާރަފްތަކަށް ބަލާފައި، ހުރިހާ ތަޢާރަފްތަކަކުން ނެގޭ މާނަ ވަކި ނުކުތާތަކެއްގެ ސިފައިގައެވެ. ރިބާ އަކީ:-

* ޝަރުޢުގައި ކަނޑައެޅިފައިވާ ވަކި އެއްޗެހިތަކެއްގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތެއް، ނުވަތަ ދެ މީހެއް ނުވަތަ ދެ ފަރާތެއް ގެ ދެމެދުގައި ހިންގޭ ފައިސާގެ މުޢާމަލާތެއްގައި، އެއްވެސް ބަދަލެއް ނެތި އަނެކާއަށް އިތުރުވާ އިތުރުވުމެވެ. (ރިބާ އަލްފަޟްލު)

* ދަރަންޏެއް ދީފައި، ރައުސްމާލަށް ވުރެ އިތުރަށް އަތުލާ ކޮންމެ އަތުލުމަކީ އެއީ ރިބާއެވެ. އަދި މީހެއްގެ ބޮލުގައި -އެއްވެސް ގޮތަކުން- އެޅިފައިވާ ދަރަންޏެއް ފަސް ކުރުމުގެ ބަދަލެއްގެ ގޮތުން، އިތުރު ކުރެވޭ ކޮންމެ އިތުރު ކުރުމަކީ ރިބާއެވެ. މިއީ ރިބާގެ މަންމަ ރިބާ ކަމަށް ބެލެވެއެވެ. ޤުރުއާނުގައި ވާހަކަ ދެކެވިފައި ވަނީ މި ރިބާއާ ބެހޭ ގޮތުންނެވެ. އެހެންވެ މިއަށް ޤުރުއާނުގައިވާ ރިބާ އޭ ވެސް ކިޔެއެވެ. އަދި ޖާހިލިއްޔަ ޒަމާނުގައި ފެތުރިފައި އޮތީ މި ރިބާ ކަމުން މިއަށް ޖާހިލީ ރިބާ އޭ ކިޔެއެވެ. އަދި ދަރަނި ރިބާ އޭ ވެސް ކިޔެއެވެ. ރިބާ އައްނަސީއާ އަކީ މިއީ އެވެ.

ޖާހިލިއްޔަ ރިބާގައި، ރިބާގެ ދެވައްތަރު އެބަ ހިމެނެއެވެ. ރިބާ އައްނަސީއާ ހިމެނެނީ ދަރަނި ފަސް ކޮށްފައި އިތުރު ކުރެވޭތީއެވެ. ރިބާ އަލްފަޟްލު ހިމެނެނީ، އަސްލު ދަރަންޏަށް ވުރެ އިތުރަށް އަތުލެވޭތީއެވެ. ވީމާ މި ޒަމާނު ރިބާ ބޭންކުތަކުން ނަގާ ފައިދާއާއި، ބޭންކުން ދޭ ފައިދާ އަކީ، ހަމަ ޖާހިލީ ރިބާ އެވެ. މިސާލަކަށް ބޭންކަށް ދިހާ ހާސް ރުފިޔާ ލީމާ، އެއީ ބޭންކަށް ދެވޭ ދަރަންޏެކެވެ. ދެން އަހަރެއް ކޮށްފައި ބޭންކަށް މި ދަނީ ދަރަނި ބަލައެވެ. ގޮސް މި އަތުލަނީ މިސާލަކަށް 11300 އެވެ. އިތުރު މި ވީ 1300 އަކީ ދަރަންޏެއް ދީފައި އަތުލި އިތުރު އެއްޗެކެވެ. ވީމާ އެއީ ރިބާ އެވެ. އަނެއް މިސާލަކީ މީހުން ބޭންކުން އަތުލާ ދަރަނި އަދާ ކުރާ އިރު ވެސް، ވަކި އިންސައްތައެއް ދައްކަން ޖެހެއެވެ. އަދި އެއްބަސް ވެފައި އޮންނަ މުއްދަތުގައި ނު ދައްކައިފިނަމަ އަނެއްކާ ވެސް އިތުރުވެއެވެ. މިއީ ރިބާ ނޫން ދެވަނަ އެއްޗެއް ނޫނެވެ. ޖާހިލީ ޒަމާނު މީހުން ވެސް ދަރަނި ދީފައި އަހަރެއް ފަހުން ބުނެ އުޅުނީ، ''ކަލޭ ދައްކާނީތަ ނޫނީ އިތުރު ކުރާނީތަ؟'' މިހެންނެވެ. ދަރަނި ނެގި މީހާއަށް ދެއްކޭ ނަމަ ދައްކަނީއެވެ. ނު ދެއްކޭނަމަ ދަރަންޏަށް އިތުރު ގުނައެއް އިތުރުވީއެވެ. އަދި ދަރަނި ދޭ އިރު ވެސް، އަދާ ކުރަން ވާނީ އިތުރުކޮށްފައި ކަމަށް، އެ މީހުން ޝަރުޠު ކޮށް އުޅުނެވެ.

* ރިބާ ހިނގާ، އެއްބާވަތެއްގެ އެއްޗެއް، އެކަތި އަނެކައްޗާ ބަދަލު ކުރާއިރު، މިންވަރު ތަފާތުކޮށް ބަދަލު ކުރުމަކީ ވެސް ރިބާ އެވެ. (ރިބާ އަލްފަޟްލު)

* ހަމަ އެހެންމެ، ރިބާ ހިނގާ އެއްބާވަތެއްގެ އެއްޗެއް، އެކަތި އަނެކައްޗާ ބަދަލު ކުރާއިރު، ދެ މީހުން ދޭތި އަތުލުން ލަސް ކުރުން، ނުވަތަ އޭގެ ތެރެއިން އެކަތި އަތުލުން ލަސް ކުރުމަކީ ވެސް ރިބާ އެވެ. (ރިބާ އައްނަސީއާ)

ނޯޓު1: ރިބާ އަލްފަޟްލުގައި ވެސް އަދި ދަރަނީގައި ވެސް، ރިބާއަކަށް ވާނީ، އެ އިތުރު ކުރެވޭ އިތުރުކުރެވުމަކީ، ޢަޤުދު ކުރެވޭ ވަގުތު ޝަރުޠު ކުރެވޭ އިތުރު ކުރުމަކަށް ވާނަމައެވެ. ޢަޤުދުގައި ޝަރުޠު ނުކުރެވި، ދަރަނި އަތުލާ މީހާ ނުވަތަ ރިބާއަލްފަޟްލު ހިނގާ އެއްޗެއް އަތުލި މީހާ އަމިއްލައަށް ފެނިގެން އަނބުރާ އިތުރަށް ދިނަސް އެއީ ރިބާއެއް ނޫނެވެ. މިސާލަކަށް އަހަރެން ސަތޭކަ ރުފިޔާއަށް ބޭނުންވެފައި ހުއްޓާ މީހަކު ދިނީމާ، އެ ދަރަނި އަދާ ކުރާ އިރު، ވެ ދިން އިހްސާންތެރި ކަމުގެ ބަދަލެއްގެ ގޮތުން، ސައެއް ބޮއެލަން ހިނގާށޭ ކިޔާފައި ގެން ގޮސް ސައި ދިނަސް އެއީ ރިބާއަކަށް ނުވާނެއެވެ. އެކަމަކު އޭނާ މަށަށް ސަތޭކަ ރުފިޔާ ދިނީ، މަސް ނިމުނީމާ ސަތޭކަ ރުފިޔާގެ އިތުރުން އަދި ހޮޓަލުން ސައިވެސް ދޭން ކަމަށް ޝަރުޠުކޮށްފައި ކަމަށް ވަނީނަމަ، އެ ވާނީ ރިބާ އަށެވެ.

ހަމަ އެހެންމެ ޞަރީޙަކޮށް ޝަރުޠު ނުކުރިއަސް، އަދާ ކުރަން ޖެހެނީ އިތުރުކޮށްފައި ކަން ޢުރުފުގައި އެނގިފައި އޮތަސް ވާނީ ޝަރުޠު ކުރި ކަމަށެވެ. ޝަރުޢު ޤަބޫލު ކުރާ އެއްވެސް ބަދަލެއް ނެތި، ދަރަނީގެ ރައުސްމާލަށް ވުރެ އިތުރަށް އަތުލެވޭ އަތުލުމަށް ''އިންޓްރެސްޓު''، ''ފައިދާ''، ''ހަދިޔާ''، ''ސައި'' އަދި ކީއްކުރަން ''ޞަދަޤާތެކޭ'' ބުނެ ނަން ދިނަސް އޭގެ ޙަޤީޤަތް ބަދަލެއް ނުވާނެއެވެ. އޭގެ ޙަޤީޤަތަކީ އެއީ ރިބާ އެވެ. ޤުރުއާނުގައި ﷲ ޙަރާމް ކުރައްވާފައިވާ ރިބާއެވެ.

ނޯޓު2: ދަރަނި ރިބާގެ ވާހަކަ ދެކެވޭ އިރު، ދަރަންޏޭ ބުނުމުގެ މާނައަކީ، ދަރަންޏެއްގެ ގޮތުގައި ފައިސާ ނަގާފައި ފަހުން އޭގެ އިތުރަށް ދައްކަން ޖެހޭ ދެއްކުން އެކަންޏެއް ނޫނެވެ. ދަރަންޏަށް އެއްޗެއް ގަނެފައި، ދަރަނި އަދާ ކުރަން ޖެހޭ މުއްދަތު ފާއިތުވީމާ، އިތުރު ކުރެވޭ އިތުރު ކުރުމަކީ ވެސް ރިބާއެކެވެ. އަދި މީހެއްގެ އަތުން އެއްޗެއް ހަލާކުވެގެން ދަރާ ދެރުމަށް، ވަގުތު އިތުރުކޮށްފައި އިތުރު ކުރާ ފައިސާއަކީ ވެސް ރިބާއެވެ. ކުރެޑިޓް ކާޑުގެ ބޭނުންކޮށްފައި، އެ މީހުން ދީފައި އޮންނަ މުއްދަތުގެ ތެރޭގައި ފައިސާ ނު ދައްކައިފިނަމަ އިތުރު ކުރެވޭ ލާރި އަކީ ވެސް ދަރަނި ރިބާ (ރިބާ އައްނަސީއާ) އެވެ.

ނޯޓު3: ބަދަލު ކުރެވޭ އެތީގެ މިންވަރު ނޭނގުން، އެ ދޭތީގެ މިންވަރު ތަފާތުކަން އެނގުމެކޭ އެއްގޮތެވެ. މިސާލަކަށް އަހަރެން އަތުގައި ހުރި މިންވަރު ނޭނގޭ ހަނޑޫ ފުންޏަކާއި، މިންވަރު ނޭނގޭ ހަނޑޫ ފުންޏަކާއި ބަދަލު ކުރުމެކޭ، އެއް ކިލޯ ހަނޑުލާއި ދެ ކިލޯ ހަނޑުލާއި ބަދަލު ކުރެމެކޭ ޙުކުމުގައި އެއް ގޮތެވެ. ބަދަލު ކުރުން ހުއްދައެއް ނުވާނެއެވެ. އެއީ އޭގެ މިންވަރު ކަނޑައެޅިގެން ނޭނގޭތީއެވެ.

ނޯޓު4: ދަރަނީގައި ރިބާ ހިމެނޭ ގޮތާ ބެހޭ ގޮތުން އޮންނަ ވަރަށް މުހިއްމު، އަދި ދަސްކުރަން ވަރަށް ފަސޭހަ ފިޤުހީ ޤަވާޢިދެއް އޮވެއެވެ. އެ ޤަވާޢިދަކީ  ''كُلُّ قَرْضٍ جَرَّ مَنفَعَةَ فهُو رٍبًا'' އެވެ.

މާނައަކީ ''ދަރަނި ދޭ މީހާއަށް މަންފާއެއް ގެނެސްދޭ ކޮންމެ ދަރަންޏަކީ ރިބާ'' އެވެ. އިސްލާމް ދީން ދެކޭ ގޮތުގައި، ދަރަނި ދެނީ މީހުންނަށް އެހީތެރިވުމުގެ ގޮތުންނެވެ. އުޚްރަވީ ފައިދާ ހޯދާށެވެ. ދުންޔަވީ ފައިދާ ހޯދާކަށް ނޫނެވެ. ވީމާ މުސްލިމް އަޚަކު ފައިސާގެ ދަތިކަމެއް މެދުވެރިވެގެން، އުޅޭ ތަން ފެނުމުން އެންމެ ރަނގަޅު ގޮތަކީ، ދެވޭފަދަ ތަނަވަސް ކަމެއް ހުރެއްޖެނަމަ، އޭނާއަށް ޞަދަޤާތެއްގެ ގޮތުގައި އެހީތެރިވުމެވެ. ނޫންނަމަ ޤަރްޟުލް ޙަސަނެއް (ހެޔޮކަމެއްގެ ގޮތުގައި ދެވޭ ހިލޭ ދަރަނި) ދިނުމެވެ. މިފަދަ ދަރަންޏެއް އަނބުރާ އަތުލާ އިރު އެންމެ ލާރިއެއް ވެސް އިތުރު ކުރުން ޙަރާމް ވާނެއެވެ.

ނޯޓު5: ''އިޢްލާމުލް މުވައްޤިޢީން ޢަން ރައްބިލް ޢާލަމީން'' ގައި އިބްނުލް ޤައްޔިމް ވިދާޅުވެފައި ވަނީ، ޤުރުއާނުގައި ޙަރާމް ކުރެވިފައިވާ ނުބައިކަން ބޮޑު ރިބާ އަކީ ''ރިބާ އައްނަސީއާ'' އެވެ. އަނެއް ވައްތަރު (ރިބާ އަލްފަޟްލު) ޙަރާމް ކުރެވުނީ ނަސީއަ ރިބާ އަށް ދެވެން އޮންނަ ހުރިހާ މަގެއް ބަންދު ކުރުމުގެ ގޮތުންނެވެ. ވީމާ ނަސީއާ ޙަރާމް ވީ އޭގެ ޒާތުންނެވެ. ފަޟްލު ޙަރާމް ވީ ވަސީލަތަކަށް ވީމައި ކަމަށެވެ.

ރިބާގެ ޙުކުމް :

ރިބާ އަކީ ޙަރާމް އެއްޗެއްކަން، ޤުރުއާނާއި ސުންނަތުން އަދި އިޖްމާޢުން ސާބިތުވެއެވެ. އަދި ރިބާ ކެއުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. ހަލާކާއި ގެއްލުން ހުރި ހަތް ފާފައިގެ ތެރޭގައި ހިމެނޭ ފާފައެކެވެ. މާތް ﷲ ޙަރާމް ކުރެއްވި ކަންތައް ކުރާ މީހުންގެ ތެރެއިން، އެ މީހެއްގެ މައްޗަށް ﷲ ހަނގުރާމަ އިޢްލާން ކުރައްވާފައި ވާ ހަމަ އެކަނި ފާފަވެރިއަކީ، ރިބާ ކާ މީހާއެވެ. އެނގި ހުރެ، ރިބާ އަކީ ޙަލާލް އެއްޗެއް ކަމަށް ބުނެފި މީހަކީ، މުރުތައްދު ވެއްޖެ މީހެކެވެ. ރިބާ އަކީ ޙަލާލް އެއްޗެއް ކަމަށް ނު ހަދައި، ނަމަވެސް އެ ކައިފި މީހަކީ، ފާސިޤެކެވެ. މާތް ﷲ އާއި ރަސޫލާގެ ލަޢްނަތް ލިބޭ، ޤިޔާމަތް ދުވަހު ގަދަފަދަ ވެގެން ވާ ޢަޛާބު ލިބޭނެ މީހެކެވެ. ރިބާ ކެއުމުން ތައުބާ ވެއްޖެ މީހެއްގެ ތައުބާ، ﷲ ޤަބޫލު ކުރައްވައެވެ.

ރިބާ ޙަރާމް ކުރެއްވުމުގެ ޙިކުމަތް:

ޝަރީޢަތުގައި ރިބާ ޙަރާމް ކުރެއްވުމުގެ ޙިކުމަތާ ބެހޭ ގޮތުން ދީނީ ޢިލްމުވެރިން ވަރަށް ގިނަ ވާހަކަ ދައްކަވާފައި ވެއެވެ. ހަމަ އެހެންމެ މުސްލިމް އަދި ބައެއް ޣައިރު މުސްލިމް އިޤްތިޞާދީ މާހިރުން ވަނީ، ރިބާގެ ގެއްލުމާ ބެހޭ ގޮތުން ވަރަށް ދިގުކޮށް ވާހަކަ ދައްކާފައެވެ. ރިބާ ޙަރާމް ކުރެވުނު ސަބަބުތަކުގެ ތެރޭގައި، ހިމެނޭ އެންމެ މުހިއްމު އެއް ސަބަބަކީ އޭގައި އަނިޔާވެރިކަން ހިމެނޭތީއެވެ. ޢަދުލުވެރިކަން ގެއްލިދާތީއެވެ. މުޖްތަމަޢްގެ އެއް ބައެއްގެ އަތުގައި ރައުސްމާލް ފުނިޖެހި، ދެން ތިބި މީހުން، ދަހި މަދު ބައެއްގެ ބާރު ދަށަށް ދާތީއެވެ. އެއްބަޔަކު އަނެއް ބައެއްގެ ބޭނުން، ނުބައި ގޮތުގައި އިސްތިޣްލާލު ކުރާތީއެވެ. އެއްޗެހީގެ އަގުބޮޑުވެ ފަޤީރުންނާއި މުއްސަނދިންގެ ދެމެދުގައި އޮންނަ ތަފާތު ބޮޑުވާތީއެވެ. މުއްސަނދި ޤައުމުތަކުން ފަޤީރު ޤައުމުތަކުގެ މުސްތަޤްބަލާއި ސިޔާދަތާއި ކުޅެ، ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތި ކުރެވޭލެއް ފަސޭހަ ވާތީއެވެ. ގިނަ ބައެއްގެ ރިޒުޤު މަދު ބައެއްގެ މުށުތެރޭގައި ހުންނާތީއެވެ. މުޖްތަމަޢްގައި އޮންނަން ޖެހޭ އެއްބައިވަންތަ ކަމާއި، އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ ސިފަ ގެއްލި، ދަހިވެތި ކަމާއި ނަފްރަތު އިތުރުވާތީއެވެ. ރިބާ އަކީ، ގެއްލުންވުމާއި ފައިދާވުމުގެ ޠަބީޢާތާއި ޚިލާފަށް އޮންނަ، މަސައްކަތެއް ނުކޮށް ފައިދާ ލިބޭނެކަން ޔަޤީން އެއްޗެކެވެ. ކޮންމެ ގޮތެއް ވިޔަސް، މާތް ﷲ ކަމެއް ޙަރާމް ކުރައްވާނީ، އޭގައި ގެއްލުމެއް ވާތީކަން މުއުމިނުން ޤަބޫލުކުރެއެވެ. ދުނިޔޭގެ އެންމެން އެއީ ފައިދާ ހުރި، ދުނިޔޭގެ އިޤްތިޞާދަށް މުހިއްމު އެއްޗެކޭ ބުނި ކަމުގައި ވިޔަސް ވެހެވެ.

ރިބާ އާ ދުރުވެ ތިބުމަށް އައިސްފައިވާ އިންޒާރު:

ރިބާ އާ ދުރުވެ ތިބުމަށް، ޤުރުއާނާއި ސުންނަތުގައި ވަރަށް ގިނަ އިންޒާރުތަކެއް އައިސްފައި ވެއެވެ. ކީރިތި ޤުރުއާނާއި ޞަޙީޙް ސުންނަތުގައި އައިސްފައިވާ، ޙުކުމްތަކުގައި ހިފަހައްޓައިފި މީހަކަށް، ދެ ދުނިޔޭގެ ދިންނެވުމާއި ބާއްޖެވެރިކަން ލިބޭނެ ކަމީ، މުއުމިނަކު ޝައްކު ކުރާނެ ކަމެއް ނޫނެވެ. މި ދެ މަޞްދަރަށް ފުރަގަސްދީ، އަމިއްލަ ބުއްދިއަށް ތަބާވެ، ހަވާ ނަފްސު ގެންދާ މަގުން ހިނގަން ފަށައިފި މީހެއްގެ ނިމުމަކަށް ވަނީ، ގެއްލުމާއި ހަލާކުގެ ނިމުމެކެވެ. އޭނާގެ ދިރިއުޅުން ވެގެން ދާނީ، ހިތް ނުތަނަވަސް ކަމާއި، ބޯ ހާސް ވުމުގެ ދިއުޅުމަކަށެވެ. ދެން މި ހިސާބުން، ރިބާ އާ ބެހޭ ގޮތުން ކީރިތި ޤުރުއާނުގައި އައިސްފައި ވާ ބައެއް އާޔަތްތައް ބަލާލުން ކިހިނެއް ވާނެ ހެއްޔެވެ؟

ޤުރުއާނުން :

އެންމެ ފުރަތަމަ މި ވަނީ ރިބާ(ސޫދު) ކެއުމުގެ ނުބައިކަން ސިފަ ކުރައްވާފައި ވާ އާޔަތެކެވެ. އަދި އެ މީހުންނަށް ހުރި ޢަޛާބުގެ ވާހަކައެވެ. ޤިޔާމަތް ދުވަހު ރިބާ ކާ މީހުން ތެދުވާނެ ގޮތް ސިފަ ކުރައްވަމުން، ﷲ ވަޙީ ކުރައްވަނީ : الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ذَلِكَ بِأَنَّهُمْ قَالُواْ إِنَّمَا الْبَيْعُ مِثْلُ الرِّبَا وَأَحَلَّ اللّهُ الْبَيْعَ وَحَرَّمَ الرِّبَا فَمَن جَاءهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىَ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللّهِ وَمَنْ عَادَ فَأُوْلَـئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ

މާނަ: ''ސޫދު(ރިބާ) ކާ މީހަކަށް، ޝައިޠާނާގެ ބީހުމުން މޮޔަކޮށްފައިވާ މީހަކު ކޮޅަށް ތެދުވާފަދައަކުން މެނުވީ، ޤިޔާމަތް ދުވަހު ކޮޅަށް ތެދުވެ ނުހުރެވޭނެއެވެ. އެ ގޮތީ އެ މީހުން ބުނެ އުޅޭ ކަމަށްޓަކައެވެ. ވިޔަފާރިއަކީ ހަމަ ގައިމުވެސް ސޫދު ކަހަލަ އެއްޗެކެވެ. ނަމަވެސް، ﷲ، ވިޔަފާރި ކުރުން ޙަލާލް ކުރައްވާ، ސޫދު ކެއުން ޙަރާމް ކުރައްވައިފިއެވެ. މާތް ﷲ މިކަމުގެ މައްޗަށް ގަދަ ނަޞޭޙަތް ވަޙީ ކުރެއްވުމުން، ސޫދު ކެއުން ހުއްޓާލައިފި މީހަކު، ފަހެ އެ މީހަކުގެ ކިބައިން، ވޭތުވެ ދިޔަ ތަނުގެ ފާފަތައް ޢަފޫ ވީއެވެ. އަދި އެ މީހާގެ މައްޗަށް އާޚިރަތުގައި ނިޔާ ކަނޑައަޅުއްވައި ނިންމެވުން ވަނީ ﷲ އަށެވެ. ނަމަވެސް ސޫދު ކެއުމަށް އަލުން އެނބުރި އަރައިގެންފި މީހަކު، ދަނެއުއެވެ. ފަހެ އެކަހަލަ މީހުންނަކީ ނަރަކައިގެ އަހުލުވެރިންނެވެ. އެތަނުގައި އެ މީހުން ދެމި ތިބޭނެތެވެ. '' (ބަޤަރާ :275)

ޖެހިގެން އޮތް އާޔަތުގައި ވަޙީ ކުރައްވަނީ، ރިބާ ކެއުމަކީ މުދަލުގެ ބަރަކާތް، ﷲ ކަނޑުއްވާނެ ކަމެއް ކަމަށެވެ. އަދި ޞަދަޤާތް ދިނުމުގެ މޮޅު އިތުރު ކަމެވެ. ރިބާ ކާ މީހުންގެ ދިރިއުޅުން ނުތަނަވަސް ވެ، ފައިސާއާ ހެދި މޮޔަވެ، ލިބޭ އެއްޗަކުން ދުވަހަކު ނުފެދި، އޭނާގެ ދަހިވެތިކަން ވެސް ދާނީ ހައްތާ އިތުރުވަމުންނެވެ.

يَمْحَقُ اللّهُ الْرِّبَا وَيُرْبِي الصَّدَقَاتِ وَاللّهُ لاَ يُحِبُّ كُلَّ كَفَّارٍ أَثِيمٍ

މާނައަކީ : ''ސޫދު(ރިބާ) ކެއުން، ހުރިހާ ބަރަކާތަކުން ﷲ މަޙްރޫމް ކުރެއްވިއެވެ. އަދި ޞަދަޤާތުގައި އެ ކަލާނގެ ބަރަކާތް ލެއްވިއެވެ. އަދި ﷲ، އެއްވެސް ކާފިރަކު އަދި ފާފަވެރިއަކު ދެކެ ލޯބިވެވޮޑި ނުގަންނަވަތެވެ.''(ބަޤަރާ :276)

ދެން 278 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ، ﷲ އަށް ބިރުވެތިވުމަށެވެ. އަދި އީމާން ވާ ބަޔަކު، ރިބާ ކައިގެން ނުވާނެ ކަމަށެވެ. އަދި ރިބާ ކެއުން ހުއްޓާލުމަށެވެ.

يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ

މާނައަކީ : ''އޭ އީމާންވެއްޖެ މީސްތަކުންނެވެ. ކަލޭމެންނަކީ އީމާން ވާ ބަޔަކު ކަމުގައި ވަނީ ނަމަ ﷲ އަށް ބިރުވެތިވެ ތިބޭ ހުށިކަމެވެ. އަދި ސޫދުގެ ތެރެއިން ބާކީ ލިބެން އޮތް އެއްޗެއް، ހަމަ މުޅިން ދޫކޮށްލާ ހުށިކަމެވެ.''

ދެން 279 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ، ރިބާ ކެއުން ހުއްޓާ ނުލައިފި ބައެއްގެ މައްޗަށް ﷲ އާއި ރަސޫލާގެ ހަނގުރާމަ އިޢްލާން ކުރެއްވިއްޖެ ކަމަށެވެ. އިންސާނެއްގެ މައްޗަށް ﷲ އާއި ރަސޫލާގެ ހަނގުރާމަ އިޢްލާން ކުރެވުމަކީ، ހިތެއް އޮތް ކޮންމެ އިންސާނަކުވެސް ބިރުން ފިއްކަނޑައިގެން ދާން ޖެހޭ ވަރުގެ ކަމެކެވެ.

فَإِن لَّمْ تَفْعَلُواْ فَأْذَنُواْ بِحَرْبٍ مِّنَ اللّهِ وَرَسُولِهِ وَإِن تُبْتُمْ فَلَكُمْ رُؤُوسُ أَمْوَالِكُمْ لاَ تَظْلِمُونَ وَلاَ تُظْلَمُونَ

މާނައަކީ: ''މިކަން މިހެން ނުކޮށްފިނަމަ، ދެން ކަލޭމެންގެ މައްޗަށް ﷲ އާއި އެކަލާނގެ ރަސޫލާގެ ފަރާތުން، ހަނގުރާމަ އިޢްލާންވެގެން ހުރި ކަމުގެ އިންޒާރު ލިބިގަންނަ ހުށިކަމެވެ. ނަމަވެސް ކަލޭމެން ތައުބާ ވެއްޖެނަމަ، ކަލޭމެންނަށް، ކަލޭމެން ދަރަންޏަށް ދިން ޢަދަދުގެ ފައިސާ (ސޫދާ ނުލައި) ލިބޭ ހުއްޓެވެ. އަދި ކަލޭމެން އަނެކުންނަށް އަނިޔާވެރި ނުވާހުށިކަމެވެ. އަދި ކަލޭމެންނަށް ވެސް އަނެކުންގެ ކިބައިން އަނިޔާވެރި ކަމުގެ ކަމެއް ކުރެވިގެން ނުމެވާހުށި ކަމެވެ.''

އައްސަރްޚަސީ ވިދާޅުވެފައި ވަނީ މި އާޔަތްތަކުގައި، ރިބާ ކާ މީހާއަށް ލިބެން އޮތް ފަސް ވައްތަރެއްގެ ޢުޤޫބާތެއް މާތް ﷲ ބަޔާން ކުރައްވާފައި ވާ ކަމަށެވެ. ފުރަތަމަ ޢުޤޫބާތަކީ އޭނާ ޤިޔާމަތް ދުވަހު ޤަބުރުން ތެދުވާނީ، އަދި ޤިޔާމަތް ދުވަހު ކޮއްޅަށް ހުންނާނީ ޝައިޠާނާގެ ބީހުމުން މޮޔަވެފައި ވާ މީހަކު ކޮއްޅަށް ހުންނަހެން، ވެއްޓިވެއްޓިއެވެ. ދެވަނަ ޢުޤޫބާތަކީ، ރިޒުޤުން ބަރަކާތް ކެނޑުމެވެ. ތިންވަނަ ޢުޤޫބާތަކީ، ރިބާ ކެއުން ހުއްޓާ ނުލާ މީހައާ ދެކޮޅަށް ﷲ އާއި ރަސޫލާ ހަނގުރާމަ އިޢްލާން ކުރެއްވުމެވެ. ހަތަރުވަނަ ޢުޤޫބާތަކީ، ރިބާ ޙަރާމް ކަން އެނގި ހުރެ ކާ މީހާގެ އީމާންކަން ގެއްލި، ކާފިރަކަށް ވެދާނެ ކަމުގެ ބިރު އޮތުމެވެ. އަދި އޭނާއަކީ ފާސިޤަކަށް ވުމެވެ. ފަސްވަނަ ޢުޤޫބާތަކީ، ނަރަކައިގެ ދިގުދެމިގެންވާ ޢަޛާބު ލިބުމެވެ.

ނޯޓު : އިބްނު ޢައްބާސް ވިދާޅުވި ގޮތުގައި، ކީރިތި ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- އަށް ބާވައިލެއްވުނު އެންމެ ފަހު އާޔަތަކީ ރިބާގެ އާޔަތެވެ.(ބުޚާރީގެ ތަފްސީރުލް ޤުރުއާން ބާބުގެ ބަޤަރާ ސޫރަތުގެ281 ވަނަ އާޔަތާ ބެހޭ ޙަދީޘް ބަލާ) އެހެން ރިވާޔަތެއްގައި އޮންނަ އިބްނު ޢައްބާސް ގެ ބަސްފުޅެއްގައި އޮންނަނީ، އެންމެ ފަހުގެ އާޔަތަކީ ރިބާގެ އާޔަތްތަކުގެ ފަހަތުން އަންނަ 281 ވަނަ އާޔަތް ކަމަށެވެ. ވީމާ ޢިލްމުވެރިން ވިދާޅު ވަނީ، 281 ވަނަ އާޔަތަކީ، ރިބާގެ އާޔަތްތަކުގައި ޙުކުމް ބަޔާން ކުރެއްވުމަށް ފަހު، އެންމެ ފަހު ވަޞިއްޔަތެއްގެ ގޮތުން ބާވައިލެއްވުނު އާޔަތެއް ކަމަށެވެ. ރިބާގެ މި އާޔަތަކީ ޤުރުއާނުން ބާވައިލެއްވުނު އެންމެ ފަހުގެ އާޔަތް ކަމަށް ވިޔަސް، މި އާޔަތުގެ މާ ކުރިން އިސްލާމް ދީނުގައި ވަނީ ރިބާ ޙަރާމް ކުރެވިފައެވެ. އެހެނީ އާލްޢިމްރާން ގެ 130 ވަނަ އާޔަތުގައި ވެސް ވަނީ ރިބާ ޙަރާމް ކުރެވިފައެވެ.

އަދިވެސް މާތް ﷲ ވަޙީ ކުރައްވަނީ: يَا أَيُّهَا الَّذِينَ آمَنُواْ لاَ تَأْكُلُواْ الرِّبَا أَضْعَافاً مُّضَاعَفَةً وَاتَّقُواْ اللّهَ لَعَلَّكُمْ تُفْلِحُونَ

މާނައަކީ: ''އޭ އީމާންވެއްޖެ މީސްތަކުންނެވެ! ގިނަވެގެންވާ ގުނަތަކަކަށް ގުނަވެގެންވާ ގޮތުގައި، ތިޔަބައި މީހުން ރިބާ ނު ހިފާށެވެ! އަދި ތިޔަބައި މީހުން މާތް ﷲ ގެ ކިބައަށް ތަޤްވާވެރިވާށެވެ. އެއީ ތިޔަބައި މީހުން ދިންނެވޭތޯއެވެ.'' (އާލްޢިމްރާން :130)

ރިބާ ޙަރާމް ކުރެވުނީމާ، ޔަހޫދީން ފާޑުފާޑުގެ އުކުޅުތަކާއި ހީލަތްތައް ބޭނުންކޮށްގެން ރިބާ ކާން ފެށި ވާހަކަ ބަޔާން ކުރައްވަމުން ﷲ ވަޙީ ކުރައްވަނީ: فَبِظُلْمٍ مِّنَ الَّذِينَ هَادُواْ حَرَّمْنَا عَلَيْهِمْ طَيِّبَاتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَن سَبِيلِ اللّهِ كَثِيراً * وَأَخْذِهِمُ الرِّبَا وَقَدْ نُهُواْ عَنْهُ وَأَكْلِهِمْ أَمْوَالَ النَّاسِ بِالْبَاطِلِ وَأَعْتَدْنَا لِلْكَافِرِينَ مِنْهُمْ عَذَاباً أَلِيماً

މާނައަކީ: ''ޔަހޫދީންނަށް ޙަލާލް ކުރެވިފައިވާ ރަނގަޅު އެއްޗެހިތަކެއް، އެ ބައި މީހުންނަށް ތިމަންރަސްކަލާނގެ ޙަރާމް ކުރެއްވީ، އެ ޔަހޫދީން އަނިޔާވެރިވެ ނުބައި ކަންތައް ކުރުމުގެ ސަބަބުންނެވެ. އަދި އެބައި މީހުން މާތް ﷲ ގެ މަގުން އެތައް ބަޔަކު ދުރު ކުރިކަމަށްޓަކައެވެ. * އަދި ނަހީ ކުރެވިފައި ވުމާ އެކުވެސް އެބައި މީހުން ރިބާ ހިފި ކަމަށްޓަކައެވެ. އަދި މީސްތަކުންގެ މުދާތައް، ބާޠިލް ގޮތުގައި، އެބައި މީހުން ކޭ ކަމަށްޓަކައެވެ. އަދި އެބައި މީހުނގެ ތެރެއިން ކާފިރުންނަށްޓަކައި، ވޭންދެނިވި ޢަޛާބު، ތިމަން ރަސްކަލާނގެ ތައްޔާރު ކުރެއްވީމެވެ.'' (އައްނިސާ:160،161)

وَمَا آتَيْتُم مِّن رِّباً لِّيَرْبُوَ فِي أَمْوَالِ النَّاسِ فَلَا يَرْبُو عِندَ اللَّهِ وَمَا آتَيْتُم مِّن زَكَاةٍ تُرِيدُونَ وَجْهَ اللَّهِ فَأُوْلَئِكَ هُمُ الْمُضْعِفُونَ

މާނައަކީ: ''މީސްތަކުންގެ މުދަލުގެ ތެރޭގައި ގިނަކޮށް އިތުރު ކުރުމަށްޓަކައި ތިޔަބައި މީހުން ދިން ރިބާ އަކީ، ﷲ ގެ ޙަޟްރަތުގައި ގިނަވެ އިތުރުވެގެންވާ މުދަލެއް ނޫނެވެ. އަދި ތިޔަބައި މީހުން މާތްﷲ ގެ ވަޖްހުފުޅަށްޓަކައި ދިން ޞަދަޤާތުގެ ޘަވާބު، ފަހެ އެބައި މީހުންނަށް އިތުރުވެގެންވެއެވެ.'' (އައްރޫމް:39)

ސުންނަތުން :

1-      لَعَنَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏ آكِلَ الرِّبَا وَمُؤْكِلَهُ وَكَاتِبَهُ وَشَاهِدَيْهِ وَقَالَ هُمْ سَوَاءٌ

މާނައަކީ: ''ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުންނަށް، ވެސް ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ލަޢްނަތް ލެއްވިއެވެ.'' އަދި ވިދާޅުވިއެވެ: ''މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ.'' (ޞަޙީޙް މުސްލިމް، ބާބު އަލްމުސާޤާ)

2-      عَنْ ‏ ‏سَمُرَةَ بْنِ جُنْدُبٍ ‏ ‏رَضِيَ اللَّهُ عَنْهُ ‏ ‏قَالَ ‏ قَالَ النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏رَأَيْتُ اللَّيْلَةَ رَجُلَيْنِ أَتَيَانِي فَأَخْرَجَانِي إِلَى أَرْضٍ مُقَدَّسَةٍ فَانْطَلَقْنَا حَتَّى أَتَيْنَا عَلَى نَهَرٍ مِنْ دَمٍ فِيهِ رَجُلٌ قَائِمٌ وَعَلَى وَسَطِ النَّهَرِ رَجُلٌ بَيْنَ يَدَيْهِ حِجَارَةٌ فَأَقْبَلَ الرَّجُلُ الَّذِي فِي النَّهَرِ فَإِذَا أَرَادَ الرَّجُلُ أَنْ يَخْرُجَ رَمَى الرَّجُلُ بِحَجَرٍ فِي فِيهِ فَرَدَّهُ حَيْثُ كَانَ فَجَعَلَ كُلَّمَا جَاءَ لِيَخْرُجَ رَمَى فِي فِيهِ بِحَجَرٍ فَيَرْجِعُ كَمَا كَانَ فَقُلْتُ مَا هَذَا فَقَالَ الَّذِي رَأَيْتَهُ فِي النَّهَرِ آكِلُ الرِّبَا ‏

މާނައަކީ: ސަމްރާ ބިން ޖުންދުބް ރަޟިޔައްﷲ ޢަންހު ވިދާޅުވިއެވެ. ނަބިއްޔާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ ''ދެ މީހަކު އައިސް އަހަރެން ގޮވައިގެން، ބަރަކާތްތެރި ބިމަކަށް ގެންދަނިކޮށް ހުވަފެނުން ދުށީމެވެ. އަހަރެމެން ދަމުން ގޮސް، ލޭގެ ކޯރަކާ އަރާ ހަމަވިއެވެ. އެ ކޯރުގެ އައްސޭރީގައި މީހަކު ހިލަތަކެއް ހިފައިގެން ހުއްޓެވެ. އަދި ކޯރުގައި ވެސް މީހަކު އޮތެވެ. ދެން ކޯރުގައި އޮތް މީހާ ކޯރުން އަރަން އުޅުމުން، ކޯރުގެ އައްސޭރީގާ ހުރި މީހާ އޭނާގެ އަނގައަށް ހިލައެއް އެއްލާ، އެރުނަ ނުދީ އޭނާ އޮތް ތަނަށް ފޮނުވާލައެވެ. އޭނާ ކޯރުން އަރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު ވެސް، އައްސޭރީގާ ހުރި މީހާ އޭނާގެ އަނގައަށް ހިލައެއް އެއްލައެވެ. ދެން އޭނާ އޮތް ތަނަށް ދެއެވެ. ދެން އަހަރެން ސުވާލު ކުރީމެވެ. ''މިއީ ކާކު ހެއްޔެވެ؟'' އަހަރެންނަށް ޖަވާބު ދެވުނީ '' ކޯރުގައި އޮތް ތަން ކަލޭގެފާނަށް ފެނިވަޑައިގަތް މީހަކީ، ރިބާ ކާ މީހާއެވެ.'' (ޞަޙީޙް ބުޚާރީ: ގަނެވިއްކުމުގެ ބާބު، ރިބާ ކާ މީހާއާއި ހެކިވާ މީހާއައި ލިޔެދޭ މީހާގެ ފަޞްލުގައި)

3-      ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގެ އަރިއަހުން އަބޫ ހުރައިރާ ރިވާ ކުރެއްވި ޙަދީޘެއް ގައި ވެއެވެ. اجْتَنِبُوا السَّبْعَ ‏‏ الْمُوبِقَاتِ ‏ ‏قَالُوا يَا رَسُولَ اللَّهِ وَمَا هُنَّ قَالَ الشِّرْكُ بِاللَّهِ وَالسِّحْرُ وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَأَكْلُ الرِّبَا وَأَكْلُ مَالِ الْيَتِيمِ وَالتَّوَلِّي يَوْمَ الزَّحْفِ وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلَاتِ

މާނައަކީ: ''ގެއްލުމާއި ހަލާކު ހުރި ހަތް ފާފަ އަކާއި ދުރުވާށެވެ. އެބޭކަލުން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއީ ކޮން ކަންތަކެއްތޯއެވެ. ރަސޫލު- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. އެއީ، ﷲ އަށް ޝިރުކު ކުރުމާއި، ސިޙުރު ހެދުމާއި، ޙައްޤު ގޮތުގައި ނޫނީ ޤަތުލު ކުރުން ﷲ ޙަރާމް ކުރެއްވި ނަފްސެއް ޤަތުލު ކުރުމާއި، ރިބާ ކެއުމާއި، ޔަތީމުންގެ މުދާ ކެއުމާއި، ހަނގުރާމައިގެ މައިދާނުން ފިލުމާއި، ފާޙިޝް ކަމެއް ނުކުރާ ޢިއްފަތްތެރި މުއުމިން އަންހެނުންނަށް ގަޛްފު(ޒިނޭގެ ތުހުމަތު) ކުރުމެވެ.'' (ބުޚާރީ، މުސްލިމް)

4- ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގެ އަރިއަހުން އިބްނު މަސްޢޫދު ރިވާ ކުރެއްވި ޙަދީޘެއް ގައި ވެއެވެ.  ‏مَا أَحَدٌ أَكْثَرَ مِنْ الرِّبَا إِلَّا كَانَ عَاقِبَةُ أَمْرِهِ إِلَى قِلَّةٍ

މާނައަކީ: ''ރިބާ ކެއުން ގިނަ ކޮށްފި މީހެއްގެ އާޚިރު ނަތީޖާއަކީ، މުދާ މަދު ވުން ކަމުގައި ނޫނީ ނުވެއެވެ. '' (އިބްނު މާޖާ ވިޔަފާރީގެ ބާބު، ޞަޙީޙުލް ޖާމިޢުއް ޞަޣީރުގައި އަލްބާނީ ހިމަނުއްވާފައި ވާ ޙަދީޘެއް)

5- ޙައްޖަތުލް ވަދާޢުގައި، ރަސޫލުﷲ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެވި ކަމަށް، ސުލައިމާން ބިން ޢަމްރޫ އޭނާގެ ބައްޕަގެ ކިބައިން ރިވާ ކުރެއްވިއެވެ. سَمِعْتُ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فِي حَجَّةِ الْوَدَاعِ يَقُولُ ‏‏ أَلَا إِنَّ كُلَّ رِبًا مِنْ رِبَا الْجَاهِلِيَّةِ ‏‏ مَوْضُوعٌ ‏ ‏لَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ

މާނައަކީ: ޙައްޖަތުލް ވަދާޢުގައި ރަސޫލުﷲ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވި އަޑު އަހަރެން އެހީމެވެ. ޙަދީޘް ކުރެއްވިއެވެ: ''ދަންނާށެވެ. ޖާހިލިއްޔައިގެ ހުރިހާ ރިބާއެއް ބާޠިލް ކުރެވިއްޖެއެވެ. ތިޔަބައި މީހުންގެ ރައުސްމާލު ތިޔަބައި މީހުންނަށް ލިބިގެން ވެއެވެ. ތިޔަބައި މީހުން މީހުންނަށް އަނިޔާވެރި ނުވާށެވެ. އަދި ތިޔަބައި މީހުން އަނިޔާ ލިބިވެސް ނުގަންނާށެވެ.'' (ސުނަން އަބީދާއޫދު: ގަނެވިއްކުމުގެ ބާބު، ރިބާ ބާޠިލް ވުމުގެ ބައި)

މި ޙަދީޘުން އަހަރެމެންނަށް އެނގޭ އެއްޗަކީ، މުސްލިމުން އިސްލާމް ދީނަށް ވަނުމުގެ ކުރިން، ކުރަމުން އައި ރިބާގެ މުޢާމަލާތް ހުއްޓާލުމަށް އަމުރު ކުރެވިފައި ވާ ކަމެވެ. އަދި އިސްލާމް ވުމުގެ ކުރީގައި ރިބާ ކައި އުޅުނު ނަމަ އެކަން ހުއްޓާލައި، މީހުންނަށް ދީފައިވާ ފައިސާ -ސީދާ އެ ޢަދަދަށް- އަތުލުން އެއީ، ލިބިފައި ވާ ޙައްޤެއް ކަމެވެ. އޭރުން އެހެން މީހަކަށް ދެވޭ އަނިޔާއެއް، އަދި އަމިއްލައަށް ލިބޭ އަނިޔާއެއް ވެސް ނޯންނާނެ ކަމެވެ.

6- لَيَأْتِيَنَّ عَلَى النَّاسِ زَمَانٌ لَا يُبَالِي ‏‏ الْمَرْءُ بِمَا أَخَذَ الْمَالَ أَمِنْ حَلَالٍ أَمْ مِنْ حَرَامٍ

މާނައަކީ: ''މީހާ ފައިސާ ހޯދީ އެއީ ޙަލާލު ގޮތުގައިތޯ، ޙަރާމް ގޮތުގައިތޯ، ބަލާ ނުލާނެ ޒަމާނެއް މީސްތަކުންގެ މައްޗަށް އަންނާނެއެވެ.'' (ޞަޙީޙް ބުޚާރީ: ގަނެވިއްކުމުގެ ބާބު، ފައިސާ ހޯދަނީ ކިހިނެއް ކަމާމެދު އަޅާ ނުލާ މީހާގެ ބައި)

ފަހެ، މިއީ ރަސޫލުﷲ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ދެއްވާފައި ވާ ފަހު ޒަމާނުގެ ޢަލާމާތެއް ކަން ކަށަވަރެވެ. މި ޒަމާނުގެ އާދައަކީ، ކޮންމެ ގޮތަކުން ވިޔަސް މުއްސަނދި ވުމެވެ. އެންމެން ކަންތައް ކުރަނީ މިހެނެއް ނޫނެވެ. ނަމަވެސް، ގިނަ ބަޔަކު ކަމެއް ކުރަންޏާ ޒަމާނަށް ނިސްބަތް ވާނީ އެކަމެކެވެ.

7 - إِنَّ رَسُولَ اللَّهِ صلى الله عليه وسلم نَهَى عَنْ ثَمَنِ الدَّمِ، وَثَمَنِ الْكَلْبِ، وَكَسْبِ الأَمَةِ، وَلَعَنَ الْوَاشِمَةَ وَالْمُسْتَوْشِمَةَ، وَآكِلَ الرِّبَا، وَمُوكِلَهُ، وَلَعَنَ الْمُصَوِّرَ‏

މާނައަކީ: ''ހަމަކަށްވަރުން ވެސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ، ލޭގެ އަގާއި ކުއްތާގެ އަގު އަދި ހަށިވިއްކައިގެން އަންހެނާ ހޯދާ އަގު، ނަހީ (ޙަރާމް) ކުރައްވާފައެވެ އަދި ޓެޓޫ ޖަހައިދޭ އަންހެނާއާއި ޓެޓޫ ޖައްސުވާ އަންހެނާއާއި، ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއަށް ލަޢްނަތް ދެއްވިއެވެ. އަދި ތަޞްވީރު ހަދާ މީހާއަށް ލަޢްނަތް ދެއްވިއެވެ.'' (ޞަޙީޙް ބުޚާރީ)

8- الرِّبَا ثلاَثة وَسَبْعُونَ بَاباً أيْسَرُهَا مِثلَ أنْ يَنكِحَ الرَّجْلُ أمَّه

މާނައަކީ: ''ހަތްދިހަ ތިން ވައްތަރަކަށް ރިބާ ބެހިގެން ވެއެވެ. އޭގެ ތެރެއިން، ފާފަ އެންމެ ކުޑަ ވައްތަރަކީ، މީހަކު އޭނާގެ މަންމަ އާއި ''ކާވެނި'' ކުރުން ފަދަ ނުބައިކަން ބޮޑު ކަމެކެވެ.'' (ޙަދީޘް ތަޚްރީޖް ކުރެއްވީ: އަލްމުސްތަދްރަކުގައި އަލްޙާކިމް، އަދި އަލްބާނީ ވަނީ މިއީ ޞަޙީޙް ޙަދީޘެއް ކަމަށް ވިދާޅުވެފާ)

9- عَبْدِ اللَّهِ بْنِ حَنْظَلَةَ غَسِيلِ الْمَلَائِكَةِ ‏ ‏قَالَ ‏ قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏ دِرْهَمٌ رِبًا يَأْكُلُهُ الرَّجُلُ وَهُوَ يَعْلَمُ أَشَدُّ مِنْ سِتَّةٍ وَثَلَاثِينَ زَنْيَةً

މާނައަކީ: ''މަލާއިކަތްބޭކަލުން ހިނުއްވި ޢަބްދުﷲ ބިން ޙަންޡަލާ ރިވާ ކުރެއްވިއެވެ. ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ''އެނގި ހުރެ މީހަކު ރިބާ ގެ ދިރުހަމެއް ހާ މިންވަރު ކެއުން، ތިރީސް ހަ ޒިނޭ ކުރުމަށް ވުރެ ނުބައިކަން ބޮޑެވެ.'' (މުސްނަދު އަޙްމަދު5/522، އަލްބާނީ ވިދާޅުވީ މިއީ ޞަޙީޙް ޙަދީޘެއް ކަމަށް)

10- إذا ظَهَرَ الزِّناَ وَالرِّباَ فِي قَرْية فَقَد أحَلّوا بأنْفسِهمْ عَذابَ الله

މާނައަކީ : ''ރަށެއްގައި ޒިނޭއާއި ރިބާ ފާޅުވެ ފެތުރިއްޖެނަމަ، ﷲ ގެ ޢަޛާބު އަމިއްލައަށް ހޯދައިގެންފިއެވެ.'' (ރިވާކުރެއްވީ އަލްޙާކިމް. އަދި ވިދާޅުވީ ސަނަދު ޞައްޙަ ކަމަށް)

ރިބާގެ ވައްތަރުތައް

ރިބާ ގެ އޮންނަނީ މައިގަނޑު ދެ ވައްތަރެކެވެ. އެއީ:- ރިބާ އަލްފަޟްލު އާއި ރިބާ އައްނަސީއާ އެވެ.

1- ރިބާ އަލްފަޟްލު :

ފަޟްލު ގެ މާނައަކީ އިތުރެވެ. ރިބާ އަލްފަޟްލު އޭ ކިޔެނީ: ރިބާ ހިނގާ އެއްޗެހިތަކުގެ ތެރެއިން، އެއް ބާވަތެއްގެ ދޭތި، އެކަތި އަނެއްކައްޗާ ބަދަލު ކުރާ އިރު، ޝަރުޢީ މިންގަނޑުގައި(މިނެ ކިރޭ އެއްޗެހިތައް)، އެކަތި އަނެކައްޗަށް ވުރެ އިތުރަށް ދޭން ޝަރުޠު ކުރެވިފައިވާ އިތުރުވުމެވެ. މިސާލަކަށް ރަނާއި ރަން، ފައިސާއާއި ފައިސާ، ހަނޑުލާއި ހަނޑޫ ކަދުރާއި ކަދުރު ބަދަލު ކުރާ އިރު، އެކަތި އިތުރު ކުރުމެވެ.

ރިބާ އަލްފަޟްލު އާއި ބެހޭ ގޮތުން އައިސްފައިވާ ބައެއް ޙަދީޘްތައް :

1- އަބޫ ސަޢީދުލް ޚުދްރީ ރަޟިޔައްﷲ ޢަންހު، ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިއަހުން ރިވާ ކުރެއްވިއެވެ: ‏لَا تَبِيعُوا الذَّهَبَ بِالذَّهَبِ وَلَا ‏ ‏الْوَرِقَ ‏ ‏بِالْوَرِقِ إِلَّا وَزْنًا بِوَزْنٍ مِثْلًا بِمِثْلٍ سَوَاءً بِسَوَاءٍ

މާނައަކީ: ''ވަޒަން އެއްވަރު ނޫން ނަމަ، ތިޔަބައި މީހުން، ރަނަށް ރަން ނުވިއްކާށެވެ. އަދި ރިއްސަށް ރިހި ނުވިއްކާށެވެ.'' (ޞަޙީޙް ބުޚާރީ އަދި މުސްލިމް)

2- لَا تَبِيعُوا الدِّينَارَ بِالدِّينَارَيْنِ وَلَا الدِّرْهَمَ بِالدِّرْهَمَيْنِ

މާނައަކީ: ''ތިޔަބައި މީހުން، ދެ ދީނާރަށް ދީނާރެއް ނުވިއްކާށެވެ. އަދި ދެ ދިރްހަމަށް ދިރުހަމެއް ނުވިއްކާށެވެ.'' (ޞަޙީޙް މުސްލިމް : ބާބުލް މުސާޤާ)

4-      عَنْ ‏ ‏أَبِي سَعِيدٍ الْخُدْرِيِّ ‏ ‏قَالَ ‏ : قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ ‏ ‏وَالْبُرُّ ‏ ‏بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالتَّمْرُ بِالتَّمْرِ وَالْمِلْحُ بِالْمِلْحِ مِثْلًا بِمِثْلٍ يَدًا بِيَدٍ فَمَنْ زَادَ أَوْ اسْتَزَادَ فَقَدْ ‏ ‏أَرْبَى ‏ ‏الْآخِذُ وَالْمُعْطِي فِيهِ سَوَاءٌ

މާނައަކީ: އަބޫ ސަޢީދުލް ޚުދްރީ ވިދާޅުވިއެވެ. ކީރިތި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަ ޙަދީޘްކުރެއްވިއެވެ.'' ރަނަށް ރަން ވިއްކާ އިރު، އަދި ރިއްސަށް ރިހި ވިއްކާ އިރު، އަދި ގޮދަނަށް ގޮދަން ވިއްކާ އިރު، އަދި ހިމަގޮދަނަށް ހިމަގޮދަން ހިމަގޮދަން ވިއްކާ އިރު، އަދި ކަދުރަށް ކަދުރު ވިއްކާ އިރު، އަދި ލޮނަށް ލޮނު ވިއްކާ އިރު، ވިއްކަން ވާނީ އެއް ވަރެއްގެ ދޭތި ނަމައެވެ. އަދި އަތުން އަތަށް ނަމައެވެ. ފަހެ މިއިން އެއްޗަކަށް މިންވަރެއް އިތުރުކޮށް ނުވަތަ އިތުރު ކުރަން އެދެފި ނަމަ އެއީ ރިބާއެކެވެ. ދޭ މީހާއާއި އަތުލާ މީހާ ފާފައިގައި އެއްވަރެވެ. '' (ޞަޙީޙް މުސްލިމް: ބާބުލް މުސާޤާ)

4- عَنْ ‏ ‏عُبَادَةَ بْنِ الصَّامِتِ ‏ ‏قَالَ ‏ : قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ وَالْبُرُّ بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالتَّمْرُ بِالتَّمْرِ وَالْمِلْحُ بِالْمِلْحِ مِثْلًا بِمِثْلٍ سَوَاءً بِسَوَاءٍ يَدًا بِيَدٍ فَإِذَا اخْتَلَفَتْ هَذِهِ الْأَصْنَافُ فَبِيعُوا كَيْفَ شِئْتُمْ إِذَا كَانَ يَدًا بِيَدٍ

މާނައަކީ: ''ޢުބާދަތު ބިން އައްޞާމިތު ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ''ރަނަށް ރަން ވިއްކާ އިރު، އަދި ރިއްސަށް ރިހި ވިއްކާ އިރު، އަދި ގޮދަނަށް ގޮދަން ވިއްކާ އިރު، އަދި ހިމަގޮދަނަށް ހިމަގޮދަން ހިމަގޮދަން ވިއްކާ އިރު، އަދި ކަދުރަށް ކަދުރު ވިއްކާ އިރު، އަދި ލޮނަށް ލޮނު ވިއްކާ އިރު، ވިއްކަން ވާނީ އެއާ އެއްވަރެއްގެ އެއްޗަކަށް، ހަމަހަމަ އަށެވެ. އަދި މި ބާވަތްތައް ތަފާތު ނަމަ، އަތުން އަތަށް ވިއްކަންޏާ ތިޔަބައި މީހުން ބޭނުން ގޮތަކަށް ވިއްކާށެވެ.'' (ޞަޙީޙް މުސްލިމް: ބާބުލް މުސާޤާ)

5-      أَبِي سَعِيدٍ ‏رَضِيَ اللَّهُ عَنْهُ ‏ ‏قَالَ ‏ : جَاءَ ‏ ‏بِلَالٌ ‏ ‏إِلَى النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏بِتَمْرٍ ‏ ‏بَرْنِيٍّ ‏ ‏فَقَالَ لَهُ النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏مِنْ أَيْنَ هَذَا قَالَ ‏ ‏بِلَالٌ ‏ ‏كَانَ عِنْدَنَا تَمْرٌ رَدِيٌّ فَبِعْتُ مِنْهُ صَاعَيْنِ ‏‏ بِصَاعٍ ‏ ‏لِنُطْعِمَ النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَقَالَ النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏عِنْدَ ذَلِكَ ‏ ‏أَوَّهْ ‏ ‏أَوَّهْ ‏ ‏عَيْنُ الرِّبَا عَيْنُ الرِّبَا لَا تَفْعَلْ وَلَكِنْ إِذَا أَرَدْتَ أَنْ تَشْتَرِيَ فَبِعْ التَّمْرَ بِبَيْعٍ آخَرَ ثُمَّ اشْتَرِهِ

މާނައަކީ: '' އަބޫ ސަޢީދުލް ޚުދްރީ ރަޟިޔައްﷲ ޢަންހު ރިވާ ކުރެއްވިއެވެ. ބިލާލުގެފާނު، ކީރިތި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަރިއަހަށް ބަރްނީ އޭ ކިޔޭ ވައްތަރެއްގެ ކަދުރެއް ބިލާލް ގެންނެވިއެވެ. އެ ހިނދު ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އޭނާއަށް ޙަދީޘް ކުރެއްވިއެވެ.'' މިއީ ކޮން ތަނަކުން ގެނައި އެއްޗެއްހެއްޔެވެ؟'' ބިލާލްގެފާނު ދެންނެވިއެވެ:''އަޅުގަނޑު އަތުގައި ދެރަ ކަދުރެއް ހުއްޓާ، ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ފަރީއްކުޅައްވަން ދޭންވެގެން، އެ ބާ ކަދުރުގެ ދެ ޞާޢް ދީފައި މޮޅު ކަދުރުގެ ޞާޢެއް ގަތީއެވެ.'' އެ ހިނދު ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ''ސަމާލުވާށެވެ! ސަމާލުވާށެވެ! ތިއީ ސީދާ ރިބާއެވެ. ތިއީ ސީދާ ރިބާއެވެ. ތިހެން ނު ހަދާށެވެ. އަދި ތިބާ ގަންނަން ބޭނުންނަމަ(މޮޅު ކަދުރެއް)، ދެރަ ކަދުރު ފައިސާއަށް ވިއްކާފައި އެ ފައިސާއިން ގަންނާށެވެ.'' (ޞަޙީޙް ބުޚާރީ: ބާބުލް ވަކާލާ)

2- ރިބާ އައްނަސީއާ :

ނަސާއު ނުވަތަ ނަސީއާ ގެ މާނައަކީ ފަސް ކުރުމެވެ. ރިބާ އައްނަސީއާ އަކީ، ދަރަނި އަދާ ކުރުން ފަސްކުރުމުގެ ބަދަލުގައި ދަރަނި އިތުރު ކުރުމާއި، އަދި ދަރަނި ފެއްޓޭ ޢަޤުދުގައި، ދަރަނި އަދާ ކުރާ އިރު ރައުސްމާލަށް ވުރެ އިތުރަށް، ފަހުން ދައްކަން ބުނުމެވެ. އަދި ރިބާ ހިނގާ އެއްޗެހިތަކުގެ ތެރެއިން އެއް ބާވަތެއްގެ ދޭތި ބަދަލު ކުރުމުގައި އަތުލުން ފަސްކުރުމަކީ ވެސް، ރިބާ އައްނަސީއާ އޭގެ ތެރެއަށް ވަންނަ ކަމެކެވެ.

މި ޒަމާނުގައި އާދައިގެ ބޭންކުތަކުން ދޭ އަދި އަތުލާ އިތުރު ފައިދާ އަކީ(ބޭންކު ފައިދާ) އެއީ ރިބާ އައްނަސީއާއެވެ. އަދި މީގައި ރިބާ އަލްފަޟްލު ވެސް ހިމެނެއެވެ. މިއީ ޤުރުއާނުގައި ޙަރާމް ކުރެވިފައިވާ ރިބާއެވެ.

ބޭންކު ފައިދާގައި، ރިބާ އައްނަސީއާ ހިމެނެނީ ދަރަނި ފަސް ކޮށްފައި އިތުރު ކުރެވޭތީއެވެ. އަދި ރިބާ އަލްފަޟްލު ހިމެނެނީ، އަސްލު ދަރަންޏަށް ވުރެ އިތުރަށް އަތުލެވޭތީއެވެ.

ރިބާ ހިނގާ އެއްޗެހި، އަދި ރިބާ ހިނގާ ސަބަބު:

ސައިބޯންޏެއް ދީފައި ދެ ސައިބޯނި އަތުލީމާ ވާނީ ރިބާ އަށް ހެއްޔެވެ؟ ދެ ކާރު ދީފައި އެއް ކާރު އަތުލިއްޔާ ވާނީ ރިބާއަށް ހެއްޔެވެ؟ ތިން ހެދުން ދީފައި އެއް ހެދުން އަތުލީމާ ވާނީ ރިބާއަށް ހެއްޔެވެ؟ ދެ ކިލޯ ގޮދަން ދީފައި އެއް ކިލޯ ގޮދަން ގަތިއްޔާ ވާނީ ރިބާއަކަށް ހެއްޔެވެ؟ ވިހި ރުފިޔާ ދީފައި ފަނަރަ ރުފިޔާ އަތުލިއްޔާ ވާނީ ރިބާ އަށް ހެއްޔެވެ؟ ނުވަތަ ވިހި ރުފިޔާ ދީފައި ތިރީސް ރުފިޔާ އަތުލިއްޔާ ވާނީ ރިބާ އަށް ހެއްޔެވެ؟ ދުނިޔޭގައި ވާ ކޮންމެ އެއްޗަކީ ވެސް، އޭގެ ދޭތި ބަދަލު ކުރާ އިރު އެކަތި އިތުރުވެއްޖެ ނަމަ، ރިބާއަށް ވާނެ އެއްޗެއް ހެއްޔެވެ؟

މި ސުވާލުތަކާއި މިފަދަ އެހެން ސުވާލުތަކަށް ޖަވާބެއް ހޯދަންޏާ ފުރަތަމަ ޖެހޭނީ، ރިބާ ހިނގާ އެއްޗެއްސަކީ ކޮބައިތޯ ބަލާށެވެ. މި މައުޟޫގައި ރިބާ ހިނގާ އެއްޗެއްސޭ ބުނުމުގެ މާނައަކީ ފަހަރެއްގައިވެސް، އެއީ އޭގެ ޒާތުގައި ޙަރާމް ރިބާ އަށް ވާ ވާހަކައެއް ނޫނެވެ. ރިބާ ހިނގާ އެއްޗެއްސޭ ބުނުމުގެ މާނައަކީ، މަނާ ގޮތަކަށް މި އެއްޗެހިތަކުން މުޢާމަލާތް ކޮށްފިއްޔާ، އޭގެ ތެރެއަށް ރިބާ ވަންނަ ވާހަކައެވެ. ހަނދާން ބަހައްޓަން ވީ ކަމަކީ، ބިންމަތީގައިވާ ކޮންމެ އެއްޗަކީ ރިބާ ހިނގާ އެއްޗެއް ނޫން ކަމެވެ. ރިބާ ނުހިނގާ އެއްޗެހިތަކުގައި ކޮންމެ ގޮތަކަށް މުޢާމަލާތް ކުރިޔަސް، ރިބާ އަށް ނުވާނެއެވެ. އެކަތި އިތުރަށް އަދި އަތުލުން ފަސް ކުރުން ވެސް ހުއްދައެވެ. އެކަމަކު ރިބާ ހިނގާ އެއްޗެހީގައި ފަރުވާތެރިވާން ޖެހެއެވެ.

ރިބާ ހިނގާ އެއްޗެހި :

ވަކި އެއްޗެހިތަކެއްގައި ރިބާ ހިނގާ ކަމަށް ފިޤުހުވެރިން އެއްބަސްވެލައްވައެވެ. އަދި މި ނޫން އެއްޗެހިތަކުގައި ރިބާ ހިނގާ ކަމާމެދު ފިޤުހުވެރިން ޚިލާފުވެވަޑައިގަނެއެވެ.

މީގެ ތަފްޞީލަކީ :-

1- ރިބާ ހިނގާ ޝަރުޠު ހަމަވެއްޖެނަމަ، މި ހަ ބާވަތުގައި ރިބާ ހިނގާ ކަމަށް ހުރިހާ ފިޤުހުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ. އެ ހަ ބާވަތަކީ : ރަން، ރިހި، ގޮދަން، ހިމަގޮދަން، ކަދުރު، ލޮނު އެވެ. ދަލީލަކީ : عَنْ ‏ ‏عُبَادَةَ بْنِ الصَّامِتِ ‏ ‏قَالَ ‏ : قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ وَالْبُرُّ بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالتَّمْرُ بِالتَّمْرِ وَالْمِلْحُ بِالْمِلْحِ مِثْلًا بِمِثْلٍ سَوَاءً بِسَوَاءٍ يَدًا بِيَدٍ فَإِذَا اخْتَلَفَتْ هَذِهِ الْأَصْنَافُ فَبِيعُوا كَيْفَ شِئْتُمْ إِذَا كَانَ يَدًا بِيَدٍ

މާނައަކީ: '' މާނައަކީ: ''ޢުބާދަތު ބިން އައްޞާމިތު ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ''ރަނަށް ރަން ވިއްކާ އިރު، އަދި ރިއްސަށް ރިހި ވިއްކާ އިރު، އަދި ގޮދަނަށް ގޮދަން ވިއްކާ އިރު، އަދި ހިމަގޮދަނަށް ހިމަގޮދަން ހިމަގޮދަން ވިއްކާ އިރު، އަދި ކަދުރަށް ކަދުރު ވިއްކާ އިރު، އަދި ލޮނަށް ލޮނު ވިއްކާ އިރު، ވިއްކަން ވާނީ އެއާ އެއްވަރެއްގެ އެއްޗަކަށް، ހަމަހަމަ އަށެވެ. އަދި މި ބާވަތްތައް ތަފާތު ނަމަ، އަތުން އަތަށް ވިއްކަންޏާ ތިޔަބައި މީހުން ބޭނުން ގޮތަކަށް ވިއްކާށެވެ.'' (ޞަޙީޙް މުސްލިމް: ބާބުލް މުސާޤާ)

މި ޙަދީޘާއި އަދި މި ނޫން ވެސް އެތަކެއް ޙަދީޘުން ދަލީލުކޮށް ދެނީ، މިއިން ބާވަތެއް ހަމަ އެ ބާވަތާއި ބަދަލު ކުރާއިރު، އެއްވެސް މިންވަރެއް އިތުރު ކުރުން ހުއްދަ ނުވާނެ ކަމެވެ. އިތުރު ކޮށްފިއްޔާ އެއީ ރިބާ އެވެ. އަދި ބަދަލު ކުރަން ޖެހޭނީ އަތުން އަތަށެވެ. މި ޙަދީޘްތައް މިހެން ހުރުމުން، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޒަމާނުއްސުރެ ވެސް، މުސްލިމުން ދެކެނީ މިއީ ރިބާ ހިނގާ އެއްޗެހި ތަކެއް ކަމަށެވެ. ވީމާ، ރަނަށް ރަން، ރިއްސަށް ރިހި، ގޮދަނަށް ގޮަދަން، ހިމަގޮދަނަށް ހިމަގޮދަން، ކަދުރަށް ކަދުރު، ލޮނަށް ލޮނު ބަދަލު ކުރާ އިރު އިތުރު ކޮށްފިއްޔާ، އެ ވާނީ ރިބާ އަލްފަޟްލު އަށެވެ. ބަދަލު ކުރެވޭ ދޭތިން އެކަތި ފަހުން އަތުލައިފިއްޔާ، އެ ޢަޤުދު ވާނީ ރިބާ އައްނަސީއާ އަށެވެ.

2- މި ހަ ބާވަތް ފިޔަވާ އެހެން އެއްޗެހީގައި ރިބާ ހިނގާ ކަމާ މެދު ޢިލްމުވެރިން ގެ ދެ މަޛްހަބެއް އޮވެއެވެ. އެއީ :

ހ- ޠާހިރިއްޔާ މަޛްހަބު :

މި މަޛްހަބާއި އަދި ވަރަށް މަދު ޢިލްމުވެރިންތަކެއް ދެކެނީ މި ހަ ބާވަތް ފިޔަވާ އެހެން އެއްޗެއްގައި ރިބާ ނު ހިނގާނެ ކަމަށެވެ. ސަބަބަކީ، އެއްޗެއްގައި ރިބާ ހިނގާކަމަށް ބުނުން އެއީ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަޅުކަމުގެ ކަންތަކުގައި، ޙުކުމުގެ ސަބަބު ހޯދައި ޤިޔާސް ކުރުމެއް ނޯވެއެވެ. ވީމާ ޙަދީޘްގައި އައިސްފައި ވާ ބާވަތްތަކުގެ ބޭރު އެއްޗެއްގައި ރިބާ ހިނގާ ކަމަކަށް ނުބުނެވޭނެއެވެ.

ށ- ޠާހިރިއްޔާ މަޛްހަބު ފިޔަވާ އެހެން ހުރިހާ ޢިލްމުވެރިން :

ހަތަރު މަޛްހަބުގެ ފިޤުހުވެރިން ދެކެލައްވަނީ، މި ހަ ބާވަތުގައި ރިބާ ހިނގާ ފަދައިން، އެހެން އެއްޗެހިތަކެއްގައި ވެސް ރިބާ ހިނގާނެ ކަމަށެވެ. އެހެނީ މި ހަ ބާވަތުގައި ރިބާ ހިނގަން ޖެހުނީ ސަބަބެއް އޮވެގެންނެވެ. ވީމާ މި ސަބަބަށް ޤިޔާސް ކޮށްފައި، އެހެން އެއްޗެހިތަކުގައި ވެސް ރިބާ ހިނގާ ކަން ސާބިތުވެއެވެ. ކީރިތި ރަސޫލާ މި ހަ ބާވަތް ނަމުން ޙަދީޘްކުރެއްވީ އެ އެއްޗެއްސަކީ އެޒަމާނުގައި ޢާއްމު އެއްޗެހި ކަމަށް ވާތީއެވެ. އަދި ސީދާ ނައްޞުގައި ހުރި ނަންތަކަށް ބަލާފައި ޢަމަލު ކޮށްގެން ދެ ކޮޅު ޖެއްސޭކަށް ނޯންނާނެއެވެ. އެއީ ޒަކާތް ދިނުމާ ބެހޭ ޙަދީޘްގައި ވެސް ބަޔާން ވެފައި ވަނީ މަދު ބާވަތެކެވެ. އެހެންނޭ ކިޔާފައި މިހާރު ޒަކާތް ނެރެން ޖެހެނީ އެ ބާވަތްތައް ހުންނަ މީހާ އެކަންޏޭ ބުނެފިނަމަ، މިލިއަނަރުން އެންމެ ލާރިއެއް ވެސް ޒަކާތުގެ ގޮތުގައި ދޭން ނުޖެހޭނެއެވެ! ވީމާ ޤިޔާސް ކުރެވޭނެއެވެ. އަދި މި ހަ ބާވަތް ނޫން އެހެން އެއްޗެހީގައި ވެސް ރިބާ ހިނގާނެ ކަން ދޭހަކޮށް ދޭ ޙަދީޘްތަކެއް އެބަ ހުއްޓެވެ.

ހަ ބާވަތް ފިޔަވާ އެހެން އެއްޗެހިތަކެއްގައި ވެސް ރިބާ ހިނގާ ކަމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު، ހަތަރު މަޛްހަބުގެ ފިޤުހުވެރިން ވަނީ، އޭގައި ރިބާ ހިނގާ ސަބަބާ މެދު ޚިލާފު ވެވަޑައިގެންފައެވެ. އެހެނީ މި ސަބަބަކީ ޞަރީޙަކޮށް ނައްޞުން ސާބިތު އެއްޗެއް ނޫނެވެ. ވީމާ ފިޤުހުވެރިންނަށް ޖެހިވަޑައިގަންނަވާނީ އިޖްތިހާދު ކުރައްވައިގެން، އެ ސަބަބެއް ހޯއްދަވާށެވެ.

ފަސޭހަ ގޮތެއް :

މަޛްހަބުތަކުގެ ޚިލާފު ތެރެއަށް ނުވަދެ، ޖުމްހޫރު ޢިލްމުވެރިންގެ ބަހަށް ބަލާ ބަލާފައި، ރިބާ ހިނގާ ސަބަބު ކަނޑައަޅައި، ރިބާ ހިނގާތޯ ބެލިދާނެ ފަސޭހަ ޤަވާޢިދެއް އެބަ އޮތެވެ. ފުރަތަމަ ރިބާ ހިނގާ ސަބަބު ބަލަމާ ހިނގާށެވެ:-

ހ- އަގަކަށް ވުން. މިސާލަކަށް ރަން ރިހި، ރުފިޔާ، ޑޮލަރު.

ށ- މިނޭ ކާ އެއްޗަކަށް ވުން. މިސާލަކަށް ހަނޑޫ، ގޮދަން.

ނ- ކިރޭ ކާ އެއްޗަކަށް ވުން. މިސާލަކަށް ތަރުކާރީ

ދެން ރިބާ ހިނގާ ސަބަބުތަކުގެ ދަށުގައި، ބާވަތްތައް ބަހާލެވިދާނެއެވެ. އެގޮތުން، ރަނަކީ ބާވަތެކެވެ. ރިއްސަކީ ބާވަތެކެވެ. ޑޮލަރަކީ ބާވަތެކެވެ. ރުފިޔާއަކީ ބާވަތެކެވެ. ކަދުރަކީ ބާވަތެކެވެ. ގޮދަނަކީ ބާވަތެކެވެ. ލޮނަކީ ބާވަތެކެވެ. ހަނޑުލަކީ ބާވަތެކެވެ. އަލުއި އަކީ ބާވަތެކެވެ. ކިރޭ، މިނޭ ކޮންމެ ކާ އެއްޗަކީ ބާވަތެކެވެ.

ދެން މިއަށް ފަހު، ރިބާ މިއަށް ވަންނަ ގޮތް ބަލަމާ ހިނގާށެވެ:-

* ސަބަބު އެއްގޮތް ވެފައި ބާވަތް އެއްގޮތް ވިއްޔާ= ދޭތި ބަދަލު ކުރާ އިރު އެކަތި އިތުރު ކުރުން، އަދި އަތުލުމުގައި ލަސް ކުރުން ޙަރާމް ވެއެވެ. މިސާލަކަށް ރަނާއި ރަން، ރިއްސާއި ރިހި، ރުފިޔާއާއި ރުފިޔާ، ގޮދަނާއި ގޮދަން، ކަދުރާއި ކަދުރު، ޑޮލަރާއި ޑޮލަރު، ބަދަލު ކުރާ އިރު އިތުރުކޮށްގެން އަދި ފަސްކޮށްގެން ނުވާނެއެވެ. މި މުޢާމަލާތުގައި ދޭތި ތަފާތު ކޮށްފިއްޔާ ވާނީ ރިބާ އަލްފަޟްލު އަށެވެ. ފަސްކޮށްފިއްޔާ ވާނީ ރިބާ އައްނަސީއާ އަށެވެ.

* ސަބަބު އެއްގޮތް ވެފައި ބާވަތް ތަފާތިއްޔާ = ދޭތި ބަދަލު ކުރާ އިރު އެކަތި އިތުރު ކުރުން ހުއްދަ އެވެ. ނަމަވެސް އަތުލުން ފަސްކުރުން ހުއްދައެއް ނޫނެވެ. މިސާލަކަށް 500 ގްރާމު ރިހި ދީފައި 100 ގުރަމް ރަން ހޯދުން ހުއްދައެވެ. ކޮންމެ ޢަދަދެއްގެ ފައިސާއެއް ދީފައި ވެސް ރަން ނުވަތަ ރިހި ގަތުން ހުއްދައެވެ. ދެ ކިލޯ ހަނޑޫ ދީފައި އެއް ކިލޯ ކަދުރު ގަތުން ހުއްދައެވެ. 1 ޑޮލަރު ދީފައި 20 ރުފިޔާ ގަތުން ހުއްދައެވެ. ނަމަވެސް ވަގުތުން ދޭތި ބަދަލު ކުރަން ޖެހެއެވެ. މި މުޢާމަލާތުގައި ދޭތި ތަފާތު ކުރުން ހުއްދައެވެ. ނަމަވެސް އެކަތި ނުވަތަ ދޭތި އަތުލުން ފަސްކޮށްފިއްޔާ ވާނީ ރިބާ އައްނަސީއާ އަށެވެ.

* ސަބަބު ތަފާތު ވެފައި ބާވަތް ތަފާތިއްޔާ = ހުރިހާ ގޮތެއް ވެސް ހުއްދައެވެ. މިސާލަކަށް ރަން، ރިހި، ނުވަތަ ފައިސާ ދީފައި ކާ ކޮންމެ އެއްޗެއް ވެސް ގަނެވިދާނެއެވެ. މިނޭ ކާ އެއްޗަކާއި ކިރޭ ކާ އެއްޗަކާއި މިންވަރު ތަފާތުކޮށް، އަދި އަތުލުން ފަސްކޮށް ވެސް ބަދަލު ކުރެވިދާނެއެވެ. ބާވަތް ތަފާތު ވެއްޖެނަމަ، އޭގެ ތެރެއަށް ރިބާ އަލްފަޟްލު ވަންނާނެ ޖާގައެއް ނެތެވެ. އަދި ސަބަބު ތަފާތު ވީމާ ރިބާ އައްނަސީއާ ވަންނާނެ ޖާގައެއް ވެސް ނެތެވެ.

* ރިބާ ނުހިނގާ އެއްޗެހި = ކާރު، ސައިބޯނި، އަޑީތެޔި ލަކުޑި މިހެން ގޮސް ރިބާގެ ސަބަބެއް ނެތް ކޮންމެ އެއްޗެއް ވެސް ކޮންމެ ގޮތަކަށް ވެސް ބަދަލު ކުރެވިދާނެއެވެ. އިތުރު ކުރިޔަސް، ފަސް ކުރިޔަސް ރިބާއެއް ނު ވަންނާނެއެވެ.

ތާރީޚުގެ ތެރެއިން

ޔަހޫދީން ގާތުގައި ރިބާ

ޔަހޫދީންނަކީ އިޔަހޫދި ބައެކެވެ. އަދި ހުރިހާ ކަމެއްގައި ވެސް ހީލަތްތެރި، ދީނުގެ ޙުކުމްތަކަށް މަކަރު ހަދައި އޮޅުވާލާ ބައެކެވެ. އެގޮތުން ޔަހޫދީން ވަނީ ރިބާ ޙަރާމް ކުރެއްވުނީމާ، އެކި އެކި ހީލަތްތައް ހަދައިގެން އެއީ ހުއްދަ ކަމަކަށް ހަދާފައެވެ.

فَبِظُلْمٍ مِّنَ الَّذِينَ هَادُواْ حَرَّمْنَا عَلَيْهِمْ طَيِّبَاتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَن سَبِيلِ اللّهِ كَثِيراً * وَأَخْذِهِمُ الرِّبَا وَقَدْ نُهُواْ عَنْهُ وَأَكْلِهِمْ أَمْوَالَ النَّاسِ بِالْبَاطِلِ وَأَعْتَدْنَا لِلْكَافِرِينَ مِنْهُمْ عَذَاباً أَلِيماً

މާނައަކީ : ''ޔަހޫދީންނަށް ޙަލާލް ކުރެވިފައިވާ ރަނގަޅު އެއްޗެހިތަކެއް، އެ ބައި މީހުންނަށް ތިމަންރަސްކަލާނގެ ޙަރާމް ކުރެއްވީ، އެ ޔަހޫދީން އަނިޔާވެރިވެ ނުބައި ކަންތައް ކުރުމުގެ ސަބަބުންނެވެ. އަދި އެބައި މީހުން މާތް ﷲ ގެ މަގުން އެތައް ބަޔަކު ދުރު ކުރިކަމަށްޓަކައެވެ. * އަދި ނަހީ ކުރެވިފައި ވުމާ އެކުވެސް އެބައި މީހުން ރިބާ ހިފި ކަމަށްޓަކައެވެ. އަދި މީސްތަކުންގެ މުދާތައް، ބާޠިލް ގޮތުގައި، އެބައި މީހުން ކޭ ކަމަށްޓަކައެވެ. އަދި އެބައި މީހުނގެ ތެރެއިން ކާފިރުންނަށްޓަކައި، ވޭންދެނިވި ޢަޛާބު، ތިމަން ރަސްކަލާނގެ ތައްޔާރު ކުރެއްވީމެވެ.'' (އައްނިސާ:161،160)

އިސްލާމް ދީނެކޭ އެއް ގޮތަށް ޔަހޫދީ ދީނުގައި އަދި ނަޞްރާނީ ދީނުގައި ވެސް، ރިބާ ޙަރާމެވެ. ނަމަވެސް ފަހުން މި ދެންނެވި ދެ ދީނުގެ މީހުން ވަނީ މި ޙުކުމަށް ބީރު ކަންފަތެއް ދީފައެވެ. ރިބާ ޙަރާމް ކުރެއްވުނީމާ ޔަހޫދީން ހެދި ގޮތަކީ، އޭގެ މާނަ އޮޅުވާލީއެވެ. އެގޮތުން ޔަހޫދީން ބެލީ ރިބާ ޙަރާމް ވާނީ ހަމަ އެކަނި ޔަހޫދީން ޔަހޫދީންނާ މުޢާމަލާތު ކުރާ އިރު އެކަންޏެވެ. ޔަހޫދީއަކު ޔަހޫދީ ނޫން މީހަކާ ވިޔަފާރީގެ މުޢާމަލާތް ހިންގާ އިރު، ކިތަންމެ ވަރަކަށް ރިބާ ކެޔަސް އެއީ މައްސަލައެއް ނޫނެވެ. އެއީ ފެން ހާ ޙަލާލު އެއްޗެކެވެ. އިހު ވެސް އަދި މިހާރު ވެސް، ޔަހޫދީންގެ ހަސީލަތަކީ މިއީއެވެ. ޔޫރަޕް މީހުން ކުރީގައި ޔަހޫދީންނާ ދެކޮޅުވެރިވި މައިގަނޑު ސަބަބަކީ ވެސް، ޔަހޫދީންނަކީ އެހެން މީހުން އަތުން ރިބާ ކައިގެން އެހެން މީހުން ފެލައިގެން އުޅޭ ބަޔަކަށް ވާތީއެވެ.

ޖާހިލިއްޔަ ޒަމާނުގައި ރިބާ

ޖާހިލިއްޔަ ޒަމާނުގައި، ރިބާ އޮތީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެ މީހުން ދުއް ގޮތުގައި ރިބާ ކެއުމަކީ، އެންމެ ފައިދާ ބޮޑު ވިޔަފާރީގެ ތެރޭގައި ހިމެނޭ ފައިދާ ބޮޑު، މޮޅު ވިޔަފާރިއެކެވެ. މިކަމަށް އިޝާރަތް ކުރައްވާ، އިމާމް އައްޠަބަރީ ވިދާޅުވެފައި ވެއެވެ : ''ޖާހިލިއްޔަ ޒަމާނުގައި މީހުން މީހުން އަތުން ދަރަންޏަށް މުދާ އަތުލާފައި ބުނެއެވެ: މިހާރު އަހަރެން ކަލެއަށް ދަރާ މިވެނި އެވެނި ވަރެއް އެބަ އޮތެވެ. ނަމަވެސް އަދި ލަސްކޮށް ދޭށެވެ. ދެން އޭނާއަށް ލަސްކޮށް ދެވެއެވެ.'' (ޖާމިޢުލް ބަޔާން ފީ ތަފްސީރި އާޔިލްޤުރުއާން 3/67)

ޖާހިލިއްޔަ ޒަމާނުގައި އެންމެ ގިނައިން މި ކަން އޮންނަ ގޮތަކީ، ދަރަނި އަދާ ކުރަން ޖެހޭ ވަގުތު އައުމުން، ދަރަނި ދިން މީހާ، ދަރަނިވެރިޔާ ގާތަށް ގޮސް ބުނެއެވެ : ''ކަލޭ މިހާރު ދައްކާނީތަ؟ ނޫނީ އިތުރު ކުރާނީތަ؟'' ދެން ދަރަނިވެރިޔާ އަށް އެ މުދާ ނުވަތަ ފައިސާ ދެއްކެން ނެތިއްޔާ، އޭނާ ހަދާ ގޮތަކީ އަދާ ކުރަން ޖެހޭ މުއްދަތު ފަސްކޮށްފައި، އޭގެ ބަދަލުގައި އަނެއްކާ އިތުރު މުދާތަކެއް ދަރަނިވެރިޔާގެ ދަރަންޏަށް އިތުރު ކޮށްލަނީއެވެ. ޖާހިލިއްޔަ ޒަމާނުގައި މީހުން ފަށްކޮށްގެން ރިބާ ކައި އުޅުނެވެ. މިސާލަކަށް ކަންބަޅިއެއް ދައްކަން އޮތްތަނަކަށް ދެ ކަންބަޅި ދައްކަން ޖެހުމެވެ. ގޮދަން ލާއްސެއް ދައްކަން އޮތްތަނަކަށް ދެ ލާހި ދައްކަން ޖެހުމެވެ. އަދި ގުނަ އެތަށް ގުނައެއް ކޮށްގެން ވެސް ކައި އުޅުނެވެ. މިސާލަކަށް ޖަމަލެއް ދަރަންޏަށް އަތުލާފައި، ޖެހިގެން އަންނަ އަހަރު ނުދެއްކިއްޖެއްޔާ، ދެ ޖަމަލަށް ބަދަލުވެއެވެ. އަނެއް އަހަރު ނު ދެއްކިއްޖެއްޔާ ދޭއް ހަތަރަކަށް ބަދަލަލުވެއެވެ. އަނެއް އަހަރު އަށަކަށް ބަދަލުވެއެވެ.

އަދި ވެސް އެހެން ވައްތަރަކަށް އެ މީހުން ރިބާ ކައި އުޅުނެވެ. މީހަކު ދަރައި ހުރިއްޔާ ފައިސާގެ ވެރި މީހާ ދަރަނި ވެރިއާ ގާތަށް އައިސް، މިހާރު އަދާ ކުރަން ނުވަތަ ފަހުން އިތުރު ކޮށްފައި ދައްކަން ބުނެއެވެ. ދަރަނި ވެރިއާ އަތުގައި އެއްޗެއް ހުރިއްޔާ ދަރަނި އަދާ ކޮށްލައެވެ. ނަމަވެސް ދަރަނި އަދާ ކުރެވޭނެ ފަދައެއް ނެތިއްޔާ، އެއްކަލަ ވެރި މީހާ ހަދާ ގޮތަކީ ނަޢަމް ސޫފީގެ ޢުމުރު މަތިކޮށްލަނީއެވެ. މިސާލަކަށް އެއް އަހަރުގެ ބަދަލުގައި ދެ އަހަރުގެ ޖަމަލެއް ފަހުން ދައްކަން ޖައްސަނީއެވެ. ދެން އަނެއްކާ ވެސް ދުވަސްތަކެއް ކޮށްފައި އައިސް، އަނެއްކާ ވެސް އިތުރު ކުރެއެވެ. މިހެން ގޮސް، ދަރަންޏެއް ނެގި މީހާގެ ބޮލުގައި ދުވަސް ކޮޅަކުން އޮންނާނީ ސަލާމަތް ނުވެވޭވަރަށް، ދަރަނި އެޅިފައެވެ.

يَا أَيُّهَا الَّذِينَ آمَنُواْ لاَ تَأْكُلُواْ الرِّبَا أَضْعَافاً مُّضَاعَفَةً وَاتَّقُواْ اللّهَ لَعَلَّكُمْ تُفْلِحُونَ

މާނައަކީ: ''އޭ އީމާންވެއްޖެ މީސްތަކުންނެވެ! ގިނަވެގެންވާ ގުނަތަކަކަށް ގުނަވެގެންވާ ގޮތުގައި، ތިޔަބައި މީހުން ރިބާ ނު ހިފާށެވެ! އަދި ތިޔަބައި މީހުން މާތް ﷲ ގެ ކިބައަށް ތަޤްވާވެރިވާށެވެ. އެއީ ތިޔަބައި މީހުން ދިންނެވޭތޯއެވެ.'' (އާލްޢިމްރާން :130)

ނޯޓު: (ފަހަރެއްގައި ވެސް މި އާޔަތުން ދޭހަ ވާ މާނައަކީ، ރިބާ ޙަރާމް ވާނީ އެތައް ގުނައަކަށް ރިބާ ކެއުމުންނޭ، ނޫނެވެ. ކިއެއްތެ، މި އާޔަތުގައި މިހެން ވަޙީ ކުރައްވާފައި ވަނީ، ޖާހިލިއްޔަ ޒަމާނު މީހުން ރިބާ ކައި އުޅުނު ނިބައި ގޮތް ބަޔާން ކުރެއްވުމުގެ ގޮތުން، ކަން އޮތް ގޮތް، ސިފަކޮށް ދެއްވުމުގެ ގޮތުންނެވެ. އޭރު ރިބާ ކާ މީހުން އެއް ދިރުހަމް ދަރަންޏަށް ދީފައި އެއި ދެ ދިރުހަމް، ތިން ދިރުހަމް، ހަތަރު ދިރުހަމް، މިހެން ގޮސް ކިތަންމެ ގިނައިން ވެސް ހޯދައެވެ.)

ވީމާ ޖާހިލިއްޔަ ޒަމާނުގެ މީހުން ދެކުނީ ރިބާ އަކީ، ފައިސާގެ ވެރިޔާ އަށް ލިބޭ ފައިދާއެކެވެ. އޭނާގެ އަނެއް އަޚް އިންސާނާ އަށް ލިބޭ ގެއްލުމަކަށް ފަރުވާލެއް ނުބަހައްޓައެވެ. އަނެއް އިންސާނާ ބަނގުރޫޓު ވިޔަސް އެއީ އޭނާއާއި ބެހޭ ކަމެއް ނޫނެވެ. އެހެން މީހުން އިނދަ ޖައްސައިގެން ނަމަވެސް، މުހިއްމީ ބޮޑު ލާރިގަނޑެއް ހޯދުމެވެ. އަދި ލާރި ހޯދަން މަސައްކަތް ކުރުމަކީ ވެސް މުހިއްމު ކަމެއް ނޫނެވެ. ދަރަނި ދީގެން، ދިރުހަމަކުން ދެ ދިރުހަމް ތިން ދިރުހަމް ހަތަރު ދިރުހަމް ވެސް ހޯދަން ވީއެވެ. ޝައްކެއް ވެސް ނެތް ގޮތުގައި، މި ކަން މިހެން ވާނީ، ޖާހިލިއްޔަ ޒަމާނުގެ މީހުންގެ ދަހިވެތިކަން ބޮޑުވެ ހައްދު ފަހަނައަޅާފައި ވާ ކަމުންނެވެ. އަދި އަޚްލާޤަށް ޖެހިފައިވާ ބަލިމަޑު ކަމެއްގެ ސަބަބުންނެވެ. އިންސާނުންގެ ފިޠުރަތަކީ، އެއް އިންސާނަކު އަނެއް އިންސާނަކަށް އެހީވުން ކަމަށް ވިޔަސް، އެ މީހުންނަކީ ސީދާ ފިޠުރަތް ބަދަލުވެ ދަހިވެތި ޝިކާރަވެރި ޖަނަވާރުތަކެކޭ އެއް ފަދަ ބަޔަކަށް ވެފައި ވާ ކަން، އެ މީހުންގެ ޢަމަލުތަކުން އެނގެއެވެ.

އިސްލާމް ދީން އައީ، މިފަދަ އިޖްތިމާޢީ ބަލިތަކުން އިންސާނުން ސަލާމަތް ކުރާށެވެ. މުޖްތަމަޢުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރި ވުމުގެ ރޫޙު އާލާ ކުރާށެވެ. މި ދީން އައިސް، ރިބާގެ މައްސަލައަށް ނިމުމެއް ގެނައެވެ. މުޖްތަމަޢުން ރިބާ ފޮހެލިއެވެ. ނަމަވެސް، ޒަމާންތައް ވޭތުވަމުން ގޮސް، ބައެއް މުސްލިމުންގެ ހިތުގައި ވާ އީމާންކަމުގެ އައްޑަނަ ބަލިވުމުން، އޭގެ ދަށުން ދަހިވެތިކަން ފާޅު ވާން ފެށިއެވެ. އަދި މުސްލިމުންނަށް ލިބުނު ޙަޟާރީ ބަލިކަށިކަމެއްގެ ސަބަބުން، ދުނިޔޭގެ ޙަޟާރަތް ކުރިއަށް ގެންދިއުމުގެ ވަޒީފާއިން އެކަހެރިވިއެވެ. ދުނިޔޭގެ ޙަޟާރީ ދުވެލި ދުއްވަން ދެން ހަވާލުވީ އެހެން ބައެކެވެ. ޙަޤީޤީ ނަޞްރާނީ ދީނުން އެއްކިބާވެ ތިބި، ވަޘަނީ އަސްލެއްގެ ވެރި ޔޫރަޕެވެ. އަދި ފަހުން މި މީހުންނާ އެކު އެމެރިކާ އެވެ. ދެން ނުފޫޒު ގަދަ، މަކަރުވެރި ޔަހޫދީންތަކެކެވެ.

މި ހިސާބުން އިސްލާމީ އުއްމަތް ވީ، އިސްތިޢްމާރީ ބާރުތަކުގެ ޝިކާރައަކަށެވެ. މުސްލިމުން އެނބުރެން ފެށީ، ހުޅަނގުގެ އިޤްތިޞާދީ ނިޒާމުގެ ފަލަކުގައެވެ. ނަތީޖާއަކަށް ވީ، އިސްލާމީ ދުނިޔެއަށް ރިބާ ބޭންކު ތަޢާރަފް ވުމެވެ. ރިބާ އާ ނުލައި ނު އުޅެވޭނެ އޭ ބުނާ ބަހުގެ އަސީރަކަށް، މިިހިސާބުން މުސްލިމުން ވިއެވެ. އަދި އިސްލާމީ އިޤްތިޞާދީ ނިޒާމު ދޫކޮށް ޖާހިލީ ނިޒާމަކަށް، އެނބުރި ދިޔައެވެ. އިސްލާމީ ދުނިޔެއިން އިސްތިޢްމާރު -ޢަސްކަރީ ގޮތުން- ފޭބިއިރު، ރިބާ ބޭންކެއް ނެތް އެއްވެސް އިސްލާމީ ޤައުމެއް ނެތެވެ. އިސްލާމީ ޝަރީޢަތް ބަރާބަރަށް ޤާއިމު ކުރާ އެންމެ މުހިއްމު އިސްލާމީ ޤައުމުތަކުގައި ވެސް ރިބާ ބޭންކު އުފެދުނެވެ.

މިއަދު

ވީމާ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ދީނީ ގޮތުން ވާޖިބުވަނީ، އިސްލާމީ މުޖްތަމަޢަށް އަލުން ވަން ޖާހިލީ އާދަތައް ނައްތާލާ، އޭގެ ބަދަލުގައި އިސްލާމީ އާދަތަކާއި އިސްލާމީ ނިޒާމްތައް އުފެއްދުމަށެވެ. މިއީ ދަތި އުނދަގޫ ކަމެއް ނޫން ކަމުގެ ހެއްކަކީ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި 300 އަށް ވުރެ ގިނަ އިސްލާމީ ބޭންކާއި މާލީ މުއައްސަސާތައް، މިއަދު ހުރި ހުރުމެވެ. އަދި އިސްލާމީ ބޭންކުތަކުގެ އަތުގައި ތިންސަތޭކަ ބިލިއަނަށް ވުރެ ގިނަ ޑޮލަރު މިއަދު ހުރި ހުރުމެވެ. އިސްލާމީ ބޭންކުތައް ހުރީ، އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރު ދަށުގައި އެކަންޏެއް ނޫނެވެ. މިހެން މި ބުނީ، އިސްލާމީ ބޭންކޭ ބުނުމުން، އިސްލާމީ ބޭންކަކީ ނާ ތަހުޒީބު، ޒަމާނާ ނުގުޅޭ، ކުރި ނާރާނެ އެއްޗެއް ކަމަށް ބުނާ މީހުންގެ ސިކުނޑީގައި، ޠާލިބާންގެ ސޫރައެއް ކުރެހޭނެތީއެވެ.

އިރުމަތީ އޭޝިއާގެ އެންމެ ކުރިއަރަމުން ދާ ޤައުމު، މެލޭޝިއާ، އިން އިސްލާމީ އިޤްތިޞާދު ކުރިއަރުވަން އުޅޭ މިންވަރާއި، އަދި އެ ޤައުމުގައި އިސްލާމީ ބޭންކުތައް ކުރިއަރަމުންދާ މިންވަރަށް ބަލައިފިނަމަ، އިސްލާމީ އިޤްތިޞާދަކީ ދުރުން ފެންނަ އަވާމެންދުރެއް ނޫންކަން، އެނގޭނެއެވެ. ޒަމާނީ ރިބާ ބޭންކު ނިޒާމަކީ، މީލާދީން ފަނަރަވަނަ ޤަރުނުގައި އުފެދުނު އެއްޗެކެވެ. ޒަމާނީ އިސްލާމީ ބޭންކު އުފަންވީ މީގެ ސާޅީހަކަށް އަހަރު ކުރިންނެވެ. އޭރު މީހުން ބުނީ، ތި ދެކެނީ އަވާމެންދުރު ކަމަށެވެ. ނަމަވެސް، މިއަދު ދުނިޔޭގެ ކަންކޮޅުތަކުން އިސްލާމީ ބޭންކުތައް އެބަ ފެނެއެވެ. އިސްލާމީ ޤައުމުތަކުގައި ހުރި ރިބާ ބޭންކުތައް ދަނީ، ބައެއް ބޭންކުތައް ރުހުމުގައި އަނެއްބައި ބޭންކުތައް ބާޒާރަށް ދީލާލައިގެން، އިސްލާމީ ބޭންކުތަކަށް ބަދަލުކުރަމުންނެވެ. ނުވަތަ އިސްލާމީ ގޮފިތައް ހުޅުވަމުންނެވެ. ސިޓީ ބޭންކުފަދަ ދުނިޔޭގެ ބޮޑެތި ބޭންކުތައް މިއަދު ވަނީ، އިސްލާމީ މުޢާމަލާތް ކުރާ ގޮފި ހުޅުވާފައެވެ. ޑައުޖޯންސް ގައި ވަނީ އިސްލާމީ ޝަރީޢަތާ އެއްގޮތް، ހިއްސާ ބާޒާރެއް ހުޅުވާފައެވެ. ވީމާ އަހަރެމެންނަށް ނުވާނީ ކީއްވެހެއްޔެވެ؟

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.