ހޯމަ20201130

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު ރިބާ ބޭންކުތައް ފެތުރުމާއި، ރިބާ ފައިދާ އަތުލުމާ ބެހޭ، ރާބިޠަތުލް ޢާލަމުލް އިސްލާމީގެ ޤަރާރު

ރިބާ ބޭންކުތައް ފެތުރުމާއި، ރިބާ ފައިދާ އަތުލުމާ ބެހޭ، ރާބިޠަތުލް ޢާލަމުލް އިސްލާމީގެ ޤަރާރު

ribaa-bankaa-behey-rabitha-qaraarالحمد لله والصلاة والسلام على من لا نبي بعده سيدنا ونبينا محمد صلى الله عليه وعلى   آله وصحبه وسلم. أما بعد

މަޖްޢުލް ފިޤުހުލް އިސްލާމީ ގެ މަޖްލިސް، މައްކަތުލް މުކައްރަމާގައި ހުންނަ ރާބިޠަތުލް ޢާލަމުލް އިސްލާމީގެ މައި އޮފީހުގައި، 12 ރަޖަބް 1406ހ ވީ ހޮނިހިރު ދުވަހުން ފެށިގެން 19 ރަޖަބް 1406ހ ވީ ހޮނިހިރު ދުވަހަށް، ރިބާ ބޭންކު ފެތުރުމާއި، އެ ފަދަ ބޭންކުތަކާއި މުޢާމަލާތު ކުރުމާއި، ރިބާ ފައިދާ އަތުލުމާއި، އޭގެ ބަދަލެއް ނެތުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ބައްދަލުވުމެއް ބޭއްވިފައެވެ. މި މައުޟޫ މި މަޖްލިހަށް ހުށައެޅުއްވީ ރާބިޠާ ގެ އަމީނުލް ޢާއްމު އެވެ.

ޤުރުއާނާއި ސުންނަތުން އަދި އިޖްމާޢުން އެއީ ޙަރާމް އެއްޗެއް ކަމަށް ސާބިތުވެފައިވާ، އަދި ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރެވިފައިވާ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ، ގެއްލުމާއި ހަލާކު ހުރި ހަތް ކަމުގެ ތެރޭގައި ހިމެނޭ، އެކަން ކުރާ ބައެއްގެ މައްޗަށް ﷲ އާއި ރަސޫލާ ގެ ހަނގުރާމަ އިޢްލާން ކުރެވިފައިވާ، ނުރައްކާތެރި މި މައްސަލައާ ބެހޭ ގޮތުން މަޖްލިހުގެ މެންބަރުން ވަނީ ވާހަކަ ދައްކާފައެވެ.

މާތް ﷲ ވަޙީ ކުރައްވަނީ: فَإِن لَّمْ تَفْعَلُواْ فَأْذَنُواْ بِحَرْبٍ مِّنَ اللّهِ وَرَسُولِهِ وَإِن تُبْتُمْ فَلَكُمْ رُؤُوسُ أَمْوَالِكُمْ لاَ تَظْلِمُونَ وَلاَ تُظْلَمُونَ

މާނައަކީ: ''މިކަން މިހެން ނުކޮށްފިނަމަ، ދެން ކަލޭމެންގެ މައްޗަށް ﷲ އާއި އެކަލާނގެ ރަސޫލާގެ ފަރާތުން، ހަނގުރާމަ އިޢްލާންވެގެން ހުރި ކަމުގެ އިންޒާރު ލިބިގަންނަ ހުށިކަމެވެ. ނަމަވެސް ކަލޭމެން ތައުބާ ވެއްޖެނަމަ، ކަލޭމެންނަށް، ކަލޭމެން ދަރަންޏަށް ދިން ޢަދަދުގެ ފައިސާ (ސޫދާ ނުލައި) ލިބޭ ހުއްޓެވެ. އަދި ކަލޭމެން އަނެކުންނަށް އަނިޔާވެރި ނުވާހުށިކަމެވެ. އަދި ކަލޭމެންނަށް ވެސް އަނެކުންގެ ކިބައިން އަނިޔާވެރި ކަމުގެ ކަމެއް ކުރެވިގެން ނުމެވާހުށި ކަމެވެ.''(ބަޤަރާ 279)

އަދި ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައި ވަނީ: لَعَنَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏ آكِلَ الرِّبَا وَمُؤْكِلَهُ وَكَاتِبَهُ وَشَاهِدَيْهِ وَقَالَ هُمْ سَوَاءٌ

މާނައަކީ: ''ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުންނަށް، ވެސް ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ލަޢްނަތް ލެއްވިއެވެ.'' އަދި ވިދާޅުވިއެވެ: ''މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ.'' (ޞަޙީޙް މުސްލިމް، ބާބު އަލްމުސާޤާ)

إذا ظَهَرَ الزِّناَ وَالرِّباَ فِي قَرْية فَقَد أحَلّوا بأنْفسِهمْ عَذابَ الله

މާނައަކީ : ''ރަށެއްގައި ޒިނޭއާއި ރިބާ ފާޅުވެ ފެތުރިއްޖެނަމަ، ﷲ ގެ ޢަޛާބު އަމިއްލައަށް ހޯދައިގެންފިއެވެ.'' (ރިވާކުރެއްވީ އަލްޙާކިމް. އަދި ވިދާޅުވީ ސަނަދު ޞައްޙަ ކަމަށް)

ރިބާ އަކީ ދުނިޔޭގެ އިޤްތިޞާދަށާއި ސިޔާސަތަށް އަދި އަޚްލާޤަށާއި ސަލާމަތަށް ހުރި ނުރައްކަލެއް ކަމާއި، ދުނިޔެއަަށް ކުރިމަތިވަމުންދާ އެތަކެއް މައްސަލަތަކުގެ ފަހަތުހައި ވަނީ ރިބާ ކަމާއި، ދުނިޔޭގައި ފެތުރިފައި މިވާ ނުބައި ބަލި -ރިބާ- ނައްތާލައިގެން މެނުވީ ސަލާމަތެއް ނެތް ކަން، އިޤްތިޞާދީ ހޯދުންތަކުން ވަނީ ސާބިތުވެފައެވެ. މި ވާހަކަ އަކީ މީގެ ސާދަ ޤަރުނު ކުރިން އިސްލާމް ދީން ބުނެފައިވާ ވާހަކަ އެކެވެ.

ﷲ ގެ ނިޢްމަތްފުޅުން މިއަދު މުސްލިމުން ގެ ދީނީ ހޭލުންތެރިކަމާއި އެ މީހުންގެ އަމިއްލަވަންތަކަމާއި، ނަފްސާއި މެދު އޮންނަ އިތުބާރު ވަނީ އިތުރުވެފައެވެ. އަދި ހުޅަނގުގެ ޙަޟާރަތާއި އެ މީހުންގެ ރައުސްމާލީ ނިޒާމު ގެ ކުރިމަތީގައި މުސްލިމުން އިޙްސާސް ކުރި ނަފްސާނީ ބަލިވުން، މި އަދު ވަނީ ފަހަތަށް ޖެހިފައެވެ. ﷲ އާއި ރަސޫލާ ޙަރާމް ކުރައްވާފައިވާ އެއްޗެއް ޙަލާލް އެއްޗަކަށް ހަދަން ދީނުގެ ނައްޞުތައް ލަންބުވައި އުޅުނު، ނަފްސުގައި ބަލިކަށިކަމެއް އުޅުނު ބަޔަކު، މުސްލިމުންގެ ތެރޭގައި ޒަމާނެއްގައި ތިއްބެވެ. ނަމަވެސް އެތަކެއް އިސްލާމީ ޤައުމެއްގައި އަދި އިސްލާމީ ދުނިޔެ ނޫން ތަންތާނގައި ވެސް މި އަދު ވަނީ، ބޭންކު ފައިދާ އަކީ ރިބާ ކަމާއި މެދު އެއްބަސްވެ އިޤްތިޞާދީ ބައްދަލުވުންތައް ބޭއްވިފައެވެ. އަދި މިހާރު ހުރި ރިބާ ބޭންކުތަކުގެ ބަދަލުގައި ޝަރުޢީ ގޮތުން ހުއްދަ ބަދަލުތަކެއް އުފެއްދިދާނެ ކަން މީހުންނަށް އެނގުނެވެ.

މީގެ ނަތީޖާއެއްގެ ގޮތުން ދެން އެޅުނު ބަރަކާތްތެރި ފިޔަވަޅަކީ، ދީނީ ގޮތުން މަނާ މުޢާމަލާތުތަކާއި ރިބާ ނުހިމެބޭ އިސްލާމީ ބޭންކުތައް އުފެއްދުމެވެ. މި ކަން ފެއްޓުނީ ވަރަށް ކުޑަ ގޮތަކަށެވެ. ނަމަވެސް ލަސްތަކެއް ނުވެ ބޭންކުތައް ގިނަވެ ފުޅާ ވެފައި ވެއެވެ. އެގޮތުން އިސްލާމީ ޤައުމުތަކާއި އިސްލާމީ ނޫން ޤައުމުތަކުގައިވާ، އިސްލާމީ ބޭންކުތަކުގެ ޢަދަދު މި އަދު ވަނީ ނުވަދިހައަށް އަރާފައެވެ.

ބޭންކާއި ނުލާ އިޤްތިޞާދެއް ނޯންނާނެ ކަމަށާއި، ބޭންކު ފައިދާއާއި ނުލާ ބޭންކެއް ނު ހުންނާނެ ކަމަށް ބުނި، އަދި އިޤްތިޞާދީ ދާއިރާގައި އިސްލާމީ ޝަރީޢަތް ތަންފީޒު ކުރުމަކީ މުސްލަތަޙީލު ކަމެއް ކަމަށް ހީކޮށްގެން ތިބި، ފިކުރީ ހަނގުރާމައިގެ ޝިކާރަކަށް ވެފައި ތިބި މީހުންނާއި، ޢަލްމާނީން ގެ ބުނުންތައް ތެދުނޫން ކަން މި އަދު ވަނީ ސާބިތުވެފައެވެ.

އިސްލާމީ ޤައުމުތަކުގެ ތެރެއިން ޕާކިސްތާނު ފަދަ ޤައުމުތައް، ﷲގެ ވާގިފުޅާ އެކު މި އަދު ވަނީ، އެތާނގެ ޤައުމީ ބޭންކުތައް، ރިބާ އަތުނުލާ އަދި ރިބާ ނުދޭ އިސްލާމީ ބޭންކުތަކަކަށް ބަދަލު ކޮށްފައެވެ. އަދި ޤައުމުގެ އިޤްތިޞާދީ ސިޔާސަތާއި އެއްގޮތަށް ނިޒާމު ބަދަލު ކުރުމަށާއި އެހެން ނޫނީ ޕާކިސްތާނުގައި އެ މީހުންނަށް ޖާގައެއް ނެތް ކަމަށް، ބޭރުގެ ބޭންކުތަކަށް ވެސް ވަނީ އެންގިފައެވެ. މިއީ ޔަޤީނުން ވެސް ބަރަކާތްތެރި ފެށުމެކެވެ. މިކަމަށް މަސައްކަތް ކުރާ މީހުންނަށް ﷲ ބަރަކާތް ލައްވާށިއެވެ.

ވީމާ، މި އަންނަނިވި ޤަރާރުތައް މި މަޖްލިހުން ނެރެމެވެ:-

އެކެއް:

ﷲ ސުބުޙާނަހޫ ވަތަޢާލާ ނަހީ ކުރައްވާފައިވާ، ރިބާ އަތުލުމާއި ރިބާ ދިނުމާއި އެއްވެސް ސިފައެއްގައި އެކަމަށް އެހީތެރިވުން، އެއްކޮށް ހުއްޓާލުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ކަމެކެވެ. ﷲ ގެ ޢަޛާބު ޙައްޤުވާ ބަޔަށް މުސްލިމުން ނުވާނީ އޭރުންނެވެ. އަދި މުސްލިމުންގެ މައްޗަށް ﷲ އާއި އެކަލާނގެ ރަސޫލާ ގެ ފަރާތްޕުޅުން ހަނގުރާމައެއް އިޢްލާން ނުކުރެވޭނީ ވެސް އޭރުންނެވެ.

ދޭއް:

ރިބާ ބޭންކުތަކުގެ ބަދަލެއްގެ ގޮތުން އިސްލާމީ ބޭންކުތައް އުފެދެމުން އަންނަ އައުމަކީ، މި މަޖްލިސް ވަރަށް ހިތް ހަމަޖެހުމާ އެކު ބަލާ ކަމެކެވެ. އިސްލާމީ ބޭންކުގެ މާނައަކީ، ބޭންކުން ހިންގާ ހުރިހާ މުޢާމަލާތެއްގައި ވެސް އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކާއި އެއްގޮތް ވާ ގޮތުގެ މަތިން މަސައްކަތް ކުރަން ޖެހޭނެ ކަމަށް، ބޭންކު ހިންގުމުގެ އަސާސީ ނިޒާމުގައި ބަޔާން ކުރެވި، ބަސް ވިކޭ ޝަރުޢީ ކޮމިޓީއެއްގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ ބޭންކުތަކެވެ.

މިފަދަ ބޭންކުތަކަށް ވާގި ދީ އެހީތެރިވުމަށާއި، އިސްލާމީ ބޭންކުތަކާ ބެހޭ ގޮތުން ދައްކާ ޙަޤީޤަތެއް ނެތް ވާހަކަތައް އަޑު ނޭހުމަށް، މި މަޖްލިސް ހުރިހާ މުސްލިމުންނަށް ގޮވާލައެވެ. އަދި ހުރިހާ އިސްލާމީ ޤައުމެއްގައި ވެސް، އިސްލާމީ ބޭންކު އުފެއްދުމުގެ މަސައްކަތް ފުޅާ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް، މި މަޖްލިސް ދެކެމެވެ. އިސްލާމީ އިޤްތިޞާދުގެ ފުރިހަމަ އަދި ވަރުގަ ވިއުގައެއް އުފެއްދޭނީ އޭރުންނެވެ.

ތިނެއް:

އިސްލާމީ ބޭންކާއި މުޢާމަލާތު ކުރުމުގެ ފަސޭހަކަން ލިބިފައިވާ އެއްވެސް މުސްލިމަކު، އެތެރޭގައި އަދި ބޭރުގައިވާ ރިބާ ބޭންކުތަކާއި މުޢާމަލާތު ކުރުމަކީ ޙަރާމް ކަމެކެވެ. އެހެނީ އިސްލާމީ ބަދަލެއް އޮއްވާ، ރިބާ ބޭންކަކާއި މުޢާމަލާތު ކުރުމުގެ އުޒުރެއް އޭނާއަކަށް ނުވެއެވެ. ނުބައި އެއްޗެހީގެ ބަދަލުގައި ރަނގަޅު އެއްޗެހި އިޚްތިޔާރު ކޮށް، ޙަރާމް އެއްޗެހީ ދޫކޮށް ޙަލާލް އެއްޗެހިން ފުއްދުމަކީ، މުސްލިމުންގެ މައްޗަށް ވާޖިބު ކަމެކެވެ.

ހަތަރެއް:

މާތްﷲ ގެ ބަސްފުޅު ކަމުގައިވާ: وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ

އަށް އިޖާބަ ދިނުމުގެ ގޮތުން، ބޭންކުތަކުގައިވާ ރިބާގެ ނަޖިސް ސާފު ކުރުމަށް، އިސްލާމީ ޤައުމުތަކުގެ މަސްއޫލުވެރިންނަށާއި ބޭންކުތައް ހިންގަން ތިބި މީހުންނަށް، މި މަޖްލިހުން ގޮވާލަމެވެ.

ފަހެއް:

ރިބާ ފައިދާ ގެ ގޮތުގައި ލިބޭ ކޮންމެ ފައިސާ އަކީ ޙަރާމް އެއްޗެކެވެ. އަދި މުސްލިމަކު -ބޭންކަށް ފައިސާ ލާ މީހާ- ބޭންކު ފައިދާ އަތުލާފައި އެއިން އޭނާގެ އަމިއްލަ ނަފްސަށާއި އަދި ޢާއިލާއަށް ޚަރަދު ކޮށް އޭގެ މަންފާ ލިބިގަތުމަކީ ހުއްދަ ވާނެ ކަމެއް ނޫނެވެ. ވީމާ ޖެހޭނީ މިފަދަ ފައިސާ (ބޭންކު ރިބާ)، މަދަރުސާތަކަށާއި ހަސްފަތާލު ފަދަ މުސްލިމުންގެ ޢާއްމު މަސްލަހަތަކަށް ހޭދަ ކުރާށެވެ. ޞަދަޤާތް ދިނުމުގެ ނިޔަތަކު ނޫނެވެ. ޙަރާމް ފައިސާއިން ޠާހިރުވެގަތުމުގެ ނިޔަތުގައެވެ.

ބޭންކުން ދޭ ރިބާ، ބޭންކަށް ދޫކޮށްލުމަކީ އެއްވެސް ހާލެއްގައި ހުއްދަވާނެ ކަމެއް ނޫނެވެ. އެއީ އެ އަތުނުލުމުން އެ މީހުންގެ ފައިދާ ބޮޑުވެ، ވަރުގަދަވާނެތީއެވެ. ބޭރު ބޭންކުތަކުން މި ފައިސާ އަތުނުލުމުގެ ގެއްލުން މާ ބޮޑެވެ. އެހެނީ، ޢާއްމު ކޮށް މިފަދަ ބޭންކުތަކުން މި ގޮތަށް ދޫކޮށްލެވޭ ފައިސާ ހަދިޔާ ކުރަނީ ނަޞްރާނީ، ޔަހޫދީ މުއައްސަސާތަކަށެވެ. ނަތީޖާއަކަށް ވާނީ މުސްލިމުންގެ ފައިސާއިން މުސްލިމުންގެ އަމިއްލަ ދަރިން މަގު ފުރައްދައި ޢަޤީދާއަށް ގެއްލުން ދޭ ބަޔަކަށް އެހީތެރިވެވުމެވެ. އަދި ހަނދާން ކޮށް ދެމެވެ. ފައިދާ އަތުނުލާ ވެސް އަތުލައިގެން ވެސް، ރިބާ ބޭންކުތަކާ މުޢާމަލާތު ކުރުމުގައި ދެމި ހުރުމަކީ ހުއްދަ ކަމެއް ނޫނެވެ.

އަދި މި މަޖްލިހުން އިސްލާމީ ބޭންކުތަކަށް ގޮވާލަނީ، ޞާލިޙް މުސްލިމް މުވައްޒަފުން އިޚްތިޔާރު ކުރުމަށެވެ. އަދި އެ މީހުންނަށް އިސްލާމީ ފިޤުހާއި ދީނުގެ ޙުކުމްތަކައި އަދަބުތައް ދަސްކޮށް ދީ ހެދުމަށެވެ. އެ މީހުންގެ ސުލޫކާއި ޢަމަލުތައް އިސްލާމް ދީނާއި އެއްގޮތަށް ހުންނާނީ އޭރުންނެވެ.

ތައުފީޤު ދެއްވުން އެދި ދުޢާ ކުރަނީ މާތް ﷲ އަށެވެ. އަދި އެކަލާގެ ރަސޫލާއަށް ޞަލަވާތާއި ސަލާމަތް ލެއްވުން އެދި ދުޢާ ކުރަމެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.