ހުކުރު20181102

އާކުރެވުނީ: 08:43:52

ޕެންޝަނާއި ޕްރޮވިޑެންޓު ފަންޑު

pension-provident-fundކަމެއް ހުއްދަތޯ ބެލިދާނެ މިންގަނޑުތަކެއް:
ޕެންޝަން:
ޕްރޮވިޑެންޓު
ޙުކުމާމެދު ބަލާލާއިރު:
ޚުލާޞާއަކީ:

ފެއްޓުމުގެ ކުރިން:

އަޅުކަމުގެ ދާއިރާގައި ކަންކަމުގެ އަސްލަކީ ދަލީލެއް ފެންނަން ދެން މަނާވުމެވެ. މާނައަކީ، ދަލީލެއް ނެތި އަޅުކަމެއްގެ ގޮތުގައި ކަމެއް ނުކުރެވޭނެއެވެ. މިއާ ޚިލާފަށް މުޢާމަލާތުގެ ދާއިރާގައި ކަންކަމުގެ އަސްލަކީ ހުއްދަވުމެވެ. މާނައަކީ ކަމެއް ޙަރާމް ވާނީ، އޭގެ ފިޤުހީ ދަލީލެއް އޮވެގެންނެވެ. ނެތް ހާ ހިނދަކު ހުއްދަވާނެއެވެ.

ވީމާ އަހަރެމެން ފައިސާ ހޯދަން، ނުވަތަ ދިރިއުޅެން ކުރާ މަސައްކަތްތަކާއި، ދުންޔަވީ ކަންކަމުގެ އަސްލަކީ ހުއްދަވުމެވެ. ނަމަވެސް ތަފާތު ސަބަބުތަކަށްޓަކައި(އަޚްލާޤީ، އިޖްތިމާޢީ، އަދި އިޤްތިޞާދީ ސަބަކާއި ހެދި) ދީނުގައި ބައެއް މަސައްކަތްތަކާއި މުޢާމަލާތްތައް ޙަރާމް ކޮށްފައި އޮވެއެވެ.

އެގޮތުން ފައިސާއަށް ބަލާއިރު، އިސްލާމީ ޝަރީޢަތުގައި ވިޔަފާރި ނުވަތަ ފައިސާގެ މުޢާމަލާތެއް ޙަރާމް ވާނީ -ގިނަފަހަރަށް- މި ކަންތައްތަކުގެ ތެރެއިން ކަމެއް އޭގެ ތެރެއަށް ވަދެގެންނެވެ. އެއީ، ރިބާ، މަކަރު، އަނިޔާ، ގެއްލުން ދިނުން، ގެއްލުން ލިބުން، އެވެ.

ކަމެއް ހުއްދަތޯ ބެލިދާނެ މިންގަނޑުތަކެއް:

ލިބޭ ފައިސާއަކީ ހުއްދަ އެއްޗެއްތޯ، ބެލިދާނެ މިންގަނޑުތަކެއް ހުރެއެވެ. އެއީ:-

1- ޙަރާމް ކަމެއްކޮށްގެން ލިބޭ އެއްޗަކަށް ނުވުން. (މިސާލަކަށް: ވައްކަން ކުރުން، ފޭރުން، ރިޝްވަތުހިފުން، އެނގި ހުރެ ނުޙައްޤު ކޮޅަށް ވަކާލާތު ކޮށްދީގެން، ކަސްބީ ވިޔަފާރި، އަދި މި ނޫންވެސް މިފަދަ ޙަރާމް ކަންތައްތައް)

2- ޙަރާމް އެއްޗެއް ވިއްކައިގެން ނުވަތަ ކުއްޔަށް ދީގެން ލިބޭ އެއްޗަކަށް ނުވުން. (މިސާލަކަށް: މަސްތުވާތެކެތި، ރާ، އޫރު ފަދަ އެއްޗެހި ވިއްކައިގެން، ނުވަތަ ޑިސްކޯއެއް ހިންގަން ތަނެއް ކުއްޔަށް ދީގެން ފަދަ....)

3- ޙަރާމް މަސައްކަތެއްގައި ބައިވެރިވެ ނުވަތަ އެހީތެރިވެގެން ލިބޭ އެއްޗަކަށް ނުވުން. (މިސާލަކަށް: ރިބާ މުޢާމަލާތު ކުރާ ބޭންކުތަކުގައި މަސައްކަތް ކުރުމާއި، ރިބާ މުޢާމަލާތު ކުރާ ކުންފުނިތަކުގެ ހިއްސާ ގަތުމާއި، ވަގު ވިޔަފާރީގައި ބައިވެރިވުމާއި، ފައިސާ ދޮތުމާއި، ރިޝްވަތު ހިފުން ފަދަ ކަމެއްގައި ބައިވެރިވުން)

4- ރިބާ އޭގެ ތެރެއަށް ވަދެފައިވާ އެއްޗަކަށް ނުވުން. މީގެ މާނައަކީ، ދަރަންޏެއް ދީފައި، އެ ދިން ރައުސްމާލަށް ވުރެ އިތުރައް އަތުލެވޭ އެއްޗަކަށް ވެގެން ނުވާނެ.

5- އެ މުޢާމަލާތެއްގައި ޣަރަރު (ވާނެ ގޮތް ނޭނގުމުގެ ނުރައްކާ) ހިމެނޭ މުޢާމަލާތެއް ކޮށްގެން ނުވާނެއެވެ. (މިސާލަކަށް: ވިޔަފާރީގެ ގޮތުގައި ދެވޭ އަމާންކުރުމުގެ ޚިދުމަތް(އިންޝުރެންސް). ނަސީބު ނަމްބަރުން އެއްޗެއް ލިބިދާނެ ކަމަށް ހީކޮށް، އެ ނަސީބު ކޫޕަންތައް ގަނެގެން އޭގައި ބައިވެރިވުން. އަދި ނުބޭނޭ މަހެއް ވިއްކުން.)

6- ވާނެގޮތް ނޭނގުމުގެ ނުރައްކާ ހިމެނި، އަދި އެކަކަށް ގެއްލުންވުމުން އަނެކާއަށް ފައިދާ ވާތީ، މަނާވާ އަނެއް ކަމަކީ ޖުވާއެވެ. ވީމާ ޖުވާ ކުޅުމާއި، ބާޖުމެރުމަކީ ދީނުގައި ޙަރާމް ކަމެކެވެ. އެ ގޮތުން ޓީވީ އަކަށް ނުވަތަ ރޭޑިއޯއަކަށް، ވަކި ނަމްބަރަކަށް އެތައް ބަޔަކު ގުޅައިގެން، މަދު ބަޔަކަށް އިނާމު ލިބޭ މުބާރާތް ތަކަކީ ވެސް ޖުވާގެ ތެރޭގައި ހިމެނޭ ކަމެކެވެ. މުވާޞަލާތީ ކުންފުންޏަށް އެތައް ލައްކަ ރުފިޔާއެއް ލިބިފައި، އިނާމު ލިބޭނީ ދެ ތިން މީހަކަށް، ދިހަވަރަކަށް ހާސް ރުފިޔާއެވެ. އިނާމު ހޯދުމުގެ ބޭނުމުގައި ގުޅި އެހެން އެންމެންނަށް ވާނީ ގެއްލުމެވެ. ވަކިވަކި ފަރުދުންގެ ގޮތުގައި ބަލައިފިއްޔާ އިޙްސާސް ކުރެވޭހާ ބޮޑު ޢަދަދެއް އެ މީހެއްގެ ޖީބުން ނުދާނެއެވެ. ނަމަވެސް އެތައް ހާސް ބަޔަކު ގުޅުމުން، އެއީ ބޮޑު ޢަދަދެކެވެ. އަދި މުވާޞަލާތީ ކުންފުންޏަށާ އެކަން އިންތިޒާމު ކުރާ ފަރާތަށް އެތަކެއް ހާސް ނުވަތަ ލައްކަ ލިބޭނެއެވެ. ފަހަރެއްގައި ވެސް މިއީ ޢަދުލުވެރި ގޮތެއް ނޫނެވެ.

ނޯޓް1: ފަހަށް ރައްކާ ކުރުމާއި، މުސްތަޤްބަލުގެ ޖީލަށް މާލީ ރައްކާތެރިކަމެއް ހޯދައި ދިނުމާއި، މީހުންގެ މުދަލަށާއި ހަށިގަނޑަށް ލިބޭ ގެއްލުންތައް ފޫބައްދައިދިނުން، ބައިވެރިވާ އަމާންކުރުން (ކޯއޮޕަރެޓިވް އިންޝުރެންސް) ފަދަ ކަންތައްތަކަކީ، ދީނުގައި މަނާ ކަމެއް ނޫނެވެ. ކިއެއްތަ، އެއީ ދީން ބާރު އަޅާ ކަންތަކެކެވެ. ނަމަވެސް، މި ޢަމަލުގެ ތެރެއަށް ރިބާ އާއި، މީހުންގެ ފައިސާ ނު ހައްޤުން ކެއުމާއި، ޖުވާއަކަށް ވާފަދަ ގޮތަކަށް ކުރެވޭ ވިޔަފާރިއަމާންކުރުމާއި (ކޮމާޝަލް އިންޝުރެންސް) ޣަރަރް (ވާނެ ގޮތް ނޭނގުމުގެ ނުރައްކާ) ވަދެއްޖެނަމަ އެއީ ޙަރާމް ކަމަކަށް ވެދެއެވެ.

ނޯޓް2: އަމާންކުރުން (އިންޝުރެންސް) ހުއްދަ ނުވަނީ، ޙަޤީޤަތް ނޭނގޭ ކަމަކަށް ޢަޤުދު ކުރެވުމާއި، އެކަކަށް ވާ ގެއްލުމަކީ އަނެކަކަށް ވާ ފައިދާ ކަމުގައި އޮންނާތީއެވެ. ހުރިހާ ފިޤްހީ މަޖްމަޢްތަކުން ނެރެފައިވާ ޤަރާރުތަކުގައި ވަނީ އަދި ގާތްގަނޑަކަށް ހުރިހާ ޢިލްމުވެރިން ވެސް ދެކެލައްވަނީ، ވިޔަފާރިއެއްގެ ގޮތުގައި އަމާންކުރުމުގެ ޚިދުމަތްދޭ ކުންފުނިތަކުން މިދޭ އަމާންކޮށްދިނުމަކީ ހުއްދަ އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް އިސްލާމީ ގިންތިއަކަށް ފެތޭ އަމާންކުރުމެއް އޮވެއެވެ. އެއަށް ކިޔެނީ ''ބައިވެރިވާ އަމާންކުރުން'' (ކޯއޮޕަރެޓިވް އިންޝުރެންސް) ނުވަތަ ''ތައުމީން އައްތަޢާވުނީ'' އެވެ.

މިއީ އެންމެން ބައިވެރިވެގެން، އެކަކަށް ގެއްލުމެއް ވެއްޖެނަމަ އެ އެންމެން ބައިވެރިވި ފައިސާއިން އެ ގެއްލުން ފޫބައްދައިދޭ އަމާންކުރުމެކެވެ. އަދި މި ފަދަ ބައިވެރިވާ އަމާންކުރުމުގައި ކުންފުނިތަކަށް ދެވޭ އިޝްތިރާކުތައް، ޙަލާލް ކަންކަމުގައި މޭވާކޮށްފައި(އިންވެސްޓު)، ގެއްލުންތައް ފޫ ބައްދައި ދިނުމަށް ފަހު، ބާކީ ހުންނަ ފައިސާ ބައިވެރިންނަށް ބަހާލެވެއެވެ. އަމާންކުރުމުގެ ވައްތަރުތަކާއި އެ ޙަރާމް ވާ ސަބަބާއި، އިސްލާމީ ގޮތަށް ކުރެވޭ އަމާންކުރުމާއި އަދި އޭގެ ފައިދާ، ތަންކޮޅެއް ތަފްޞީލުކޮށް ކިޔުމަށް މި ގުޅުމަށް ފިތާލާށެވެ.

ޕެންޝަން:

ޕެންޝަނަކީ ވަޒީފާ އަދާ ކުރުމުގައި ވަކި މުއްދަތެއް ހޭދަކުރުމުން، ނުވަތަ ވަޒީފާ އަދާކުރަނިކޮށް ނުކުޅެދުމުން، ނުވަތަ ވަޒީފާ އަދާނުކުރާ މުސްކުޅި ޢުމުރަށް ދިއުމުން، ވަކި ޝަރުޠުތަކެއް ފުރިހަމަވުމުން، ސަރުކާރުން ނުވަތަ މަސައްކަތުގެ ވެރިފަރާތުން، އެ މުވައްޒަފަކަށް ވަކިވަކިން ދޭ ފައިސާއެކެވެ. ބައެއް ފަހަރު އެއްފަހަރާ ވެސް މި ފައިސާ ދެވެއެވެ. ގިނަ ޤައުމުތަކުގައި، މުވައްޒަފު މަރުވެއްޖެނަމަ އޭނާ ބަލަހައްޓަމުން އައި އަނބިމީހާއި ދަރިންނަށް ވެސް -ވަކި ޢުމުރަކަށް ދަންދެން- މި ފައިސާއިން ދެވެއެވެ.

ޕެންޝަނަކީ އެހެން ގޮތަކަށް ބުނާނަމަ، މަސައްކަތް ކޮށްކޮށްފައި ގައިބާރު ކެނޑޭ ދުވަހަކަށް ފަހަށް ރައްކާކުރެވޭ އާމްދަނީއެކެވެ. މި ފައިސާގެ މަޞްދަރަކީ، ޕެންޝަން ފަންޑަށް މުވައްޒަފު ލަމުން އައި ނިސްބަތަކާއި އަދި ސަރުކާރުން ނުވަތަ މަސައްކަތުގެ ވެރިފަރާތުން ލަމުން އައި ނިސްބަތަކާއި ޕެންޝަން ފަންޑުގެ ފައިސާތައް މޭވާކޮށްގެން އިތުރުވާ ފައިސާއެވެ. ޕެންޝަނުގެ މައިގަނޑު ދެ ވައްތަރަކީ ލިބޭ ފައިދާ ކަނޑައެޅިފައިވާ(Defined Benefit plans) ވައްތަރާއި ބައިވެރިވާ މިންވަރު ކަނޑައެޅިފައިވާ (Defined Contribution plans) ވައްތަރެވެ. މިހާރު ގިނަ ޤައުމުތަކުންނާއި ކުންފުނިތަކުން ބަދަލުވަމުންދަނީ، ބައިވެރިވާ މިންވަރު ކަނޑައެޅޭ ނިޒާމާ ދިމާލަށެވެ. މި ނިޒާމުގައި، އޭނާގެ ފައިސާތައް މޭވާކުރާނެ ދާއިރާއަކާއި ގޮތެއް ކަނޑައެޅުމުގެ ތަނަވަސް އިޚްތިޔާރުތަކެއް، މުވައްޒަފަށް ލިބެއެވެ. މިފަދަ އިޚްތިޔާރުތަކެއް ލިބުމަކީ، އެއީ މުސްލިމެއްވިއްޔާ، އިސްލާމީ ޝަރިޢަތުގައި ހުއްދަ ދާއިރާތަކުގައި ފައިސާ މޭވާކުރުމުގެ އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމެކެވެ.

މަތީގައި އެ ވަނީ ޕެންޝަނުގެ އަސްލު ޢާއްމު ތަޢާރަފެކެވެ.

ނަމަވެސް ރާއްޖޭގައި ދެވޭ ޕެންޝަނަކީ މިއާ ތަފާތު އެއްޗެކެވެ. ރާއްޖޭގައި ޕެންޝަނުގެ ނަމުގައި ދެވޭ ޕެންޝަން ނިޒާމަކީ ދުނިޔޭގެ އެހެން ތަންތަނާ އަޅާ ބަލާއިރު ވަރަށް ތަފާތު ނިޒާމެއް ކަމަށް، ދުނިޔޭގެ ބޭންކުން (ވޯލްޑް ބޭންކް) ނެރެފައިވާ ދިރާސާއެއްގައި ބުނެފައިވެއެވެ. ތަފާތު ކަމަކީ ވަޒީފާއިން މުސްކުޅިކުރީމާ (ރިޓަޔާ ވުން) ޕެންޝަން ލިބޭ ގޮތަށް އޮތުމުގެ ބަދަލުގައި، މެދުނުކެނޑި ވިހި އަހަރު ޚިދުމަތް ކުރުމުން އެއް ޕެންޝަން އަދި ސާޅީސް އަހަރުން ދެ ޕެންޝަން ލިބޭ ގޮތަށް ރާއްޖޭގައި އޮތުމެވެ. ތަފާތު އަނެއް ކަމަކީ ރާއްޖޭގައި ދެވޭ ޕެންޝަނަކީ އޭގައި މުވައްޒަފުގެ އެއްވެސް ހިއްސާއެއް ނެތި ސީދާ ސަރުކާރު ބަޖެޓުން ދޭ އެއްޗަކަށް ވުމެވެ. އަދި މި ރިޕޯޓުގައި މި ނިޒާމުގައި ހުރި އުނިކަންތައްތަކާއި، ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް އޮންނަ ފަދަ، މިއަށް ވުރެ ހަރުދަނާ ރަނގަޅު ނިޒާމެއް ޤާއިމު ކުރުމަށް ވެސް ލަފާދީފައިވެއެވެ. (ދުނިޔޭގެ ބޭންކު ދިރާސާ ނަމްބަރ: 34818MV)

ދެން ޕެންޝަނުގެ ޙުކުމަކީ ކޮބައިތޯ ބަލާއިރު، ރައްޔިތުން ބަލަހައްޓައި އެ މީހުންނަށް ބޭނުންވާ އަސާސީ ކަންތައްތައް ފޯރު ކޮށްދިނުމަކީ ސަރުކާރުގެ (ފިޤުހީ ބަހަކުން ބުނާނަމަ ވަލިއްޔުލް އަމްރު) ވާޖިބެކެވެ. މުޖްތަމަޢްގެ އެންމެންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަކީ ސަރުކާރެއްގެ ވާޖިބެކެވެ. މުސްކުޅިން ބެލެހެއްޓުމަކީ ސަރުކާރުގެ ވާޖިބެކެވެ. އަދި އާމްދަނީއެއް ނުލިބޭ މީހުންނާއި، އަނިޔާވެގެން ނުވަތަ އެ ނުންވެސް ގޮތަކުން ނުކުޅެދިގެން މަސައްކަތް ނުކުރެވޭ ދުވަހު، އެމީހުން ބެލެހެއްޓުމަކީ ވެސް ސަރުކާރުގެ ވާޖިބެއް ކަމުގައި، އިސްލާމީ ޝަރީޢަތް ދެކެއެވެ. އަދި މިއީ ތަމައްދުން ކޮންމެ ޤާނޫނެއް ވެސް ޤަބޫލުކުރާ ކަމެކެވެ.

މި ގޮތުން ބަލާއިރު ޕެންޝަނަކީ މި ބީދައިން ދެވޭ އެއްޗެކެވެ. އެއީ ޚިދުމަތުގެ އަގުވަޒަން ކުރުމާއި، މީހުން ބެލެހެއްޓުމުގެ ވާޖިބު އަދާ ކުރުމުގެ ގޮތުން ދެވޭ އެއްޗެކެވެ. ވީމާ އެއްވެސް ޢިލްމުވެރިއަކު މިއީ ހުއްދަ ނޫން އެއްޗެއް ކަމަށް ވިދާޅެއް ނުވެއެވެ. އަދި ފިޤުހު މަޖްމަޢްތަކުން ވެސް ވަނީ މިއީ ހުއްދަ އެއްޗެއް ކަމަށް ނިންމާފައެވެ.

ނަމަވެސް ޝަރުޠަކީ ޕެންޝަން ފަނޑުގެ ފައިސާތައް ހުއްދަ ދާއިރާތަކުގައި މޭވާކުރުމެވެ. އެހެން ނޫނިއްޔާ، މޭވާކޮށްގެން އިތުރުވާ ބައި އެއީ ހުއްދަ އެއްޗަކަށް ނުވާނެއެވެ. ނަމަވެސް އޭނާ ބައިވެރިވި ނިސްބަތާއި މަސައްކަތުގެ ވެރިފަރާތުން ބައިވެރިވި ނިސްބަތް އެއީ އޭނާއަށް ޙައްޤު އެއްޗެކެވެ. އަދި ޕެންޝަން ފަނޑު ޙަލާލް ދާއިރާތަކުގައި މޭވާކުރުމަކީ، އެއާ ހަވާލުވެގެން ތިބޭ ބަޔަކަށް ދީނީ ގޮތުން ވާޖިބެކެވެ. ހަމަ އެހެންމެ، އެކަމަށް ފަރުދުން ބާރު އެޅުމަކީ ވެސް އެމީހެއްގެ ވަރުން އެ މީހަކަށް ވާޖިބުކަމެކެވެ.

ރާއްޖޭގައި ޕެންޝަން އަދި އޮތް ގޮތުން، އޭގެ ތެރެއަށް ހުއްދަ ނޫން އެއްވެސް ކަމެއް ނުވަދެއެވެ. އެހެނީ، މިހާރު ދެވޭ ޕެންޝަނަކީ ސީދާ ސަރުކާރު ބަޖެޓުން، ސަރުކާރު މުވައްޒަފުންނަށް ''ހިލޭސާބަހަށް'' ދޭ އެއްޗެކެވެ. ވީމާ ރާއްޖޭގައި މި ދެވޭ ޕެންޝަނާ މެދު ޝަރުޢީ އެއްވެސް ސުވާލުމާކެއް ނެތެވެ. އެއީ ސައްތައިން ސައްތަ ޙަލާލް އެއްޗެކެވެ.

ޕްރޮވިޑެންޓު ފަންޑު: (ފަހަށް ރައްކާކުރުމުގެ ފަންޑު)

ފަހަށްރައްކާ ކުރުމުގެ ފަންޑު (ޕްރޮވިޑެންޓް ފަންޑު) ގައި ވެސް އޮންނަ ގޮތަކީ، މަހު މުސާރައިން ކޮންމެވެސް ވަރެއް ފަންޑަށް ކަނޑަނީއެވެ. އަދި ސަރުކާރުން ނުވަތަ މަސައްކަތުގެ ވެރިފަރާތުން ވެސް އެ މީހުން ލާންޖެހޭ ނިސްބަތެއް ލައެވެ. ބައެއް ޤައުމުތަކުގައި ސަރުކާރުން ނުވަތަ މަސައްކަތުގެ ވެރިފަރާތުން ލާންޖެހޭ ނިސްބަތް މުވައްޒަފު ލާ ނިސްބަތަށް ވުރެ ބޮޑެވެ. މިސާލަކަށް މެލޭޝިއާގައި މުވައްޒަފު ލަނީ މުސާރައިގެ %11 އެވެ. މަސައްކަތުގެ ވެރިފަރާތުން %12 އެވެ. އަބޫދާބީގައި މުވައްޒަފަކު ލަނީ %5 އެވެ. މަސައްކަތުގެ ވެރިފަރާތުން %15 އެވެ. އަދި އެތާ އިމާރާތު ސަރުކާރުން ވެސް %6 ލައެވެ. ކުވައިތުގައި މުވައްޒަފު %5 އަދި މަސައްކަތުގެ ވެރިފަރާތުން %10 އެވެ. އިންޑިއާގައި މުވައްޒަފު %12 އަދި މަސައްކަތުގެ ވެރިފަރާތުން %13 އެވެ. ސުޢޫދިއްޔާގައި މުވައްޒަފު %9 އަދި ސަރުކާރުން ވެސް %9 އެވެ. ރާއްޖޭގައި މުވައްޒަފު %5 އަދި ސަރުކާރު ވެސް ހަމަ މި ވަރެވެ.

ރާއްޖޭގައި އަމިއްލަ ކުންފުނި ނުވަތަ އަމިއްލަ ފަރާތްތަކުގެ ދަށުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް، މިފަދަ އެއްވެސް ޚިދުމަތެއް ޤާނޫނެއްގެ ބާރުން ނުދެވޭކަން ވެސް މިތާ ފާހަނގަކޮށްލަންޖެހެއެވެ. ޙަޤީޤަތުގައި މިއީ ޤައުމެއްގެ ހުރިހާ މަސައްކަތު މީހުންނަށް ވެސް ލިބެންޖެހޭ ޙައްޤެކެވެ. މީހުންނަކީ، މަސައްކަތް ކޮށްކޮށްފައި ބަލިވެ މުސްކުޅިވީމާ އެއްލާލެވޭ ޙިމާރެއް ފަދަ އެއްޗެއް ނޫނެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި، ފަހަށްރައްކާ ކުރުމުގެ ފަންޑަކީ މިއީ މަޖްބޫރީ ގޮތަކަށް އޮންނަ ނިޒާމެކެވެ. މާނައަކީ، ވަޒީފާއަށް ވަންނަ މީހާ ބޭނުން ވިޔަސް ނު ވިޔަސް، އޭނާގެ ވަޒީފާ ޢަޤުދުގައި، މި ދެންނެވިހެން ކޮންމެ މަހަކު ވަކި މިންވަރެއް ކަނޑާފައި މުސާރަ ދެވޭނެ ކަމަށާއި، އަދި ވަކި މުއްދަތެއް ހަމަވުމުން، އެ މީހުން އެ ކެނޑި މުސާރައިގެ ތެރެއަށް އިތުރު ލާރި ލާފައި ދޭނެ ކަމަށް ބުނެފައި އޮވެއެވެ. އަނެއްބައި ޤައުމުތަކުގައި މިއީ އިޚްތިޔާރީ ކަމެކެވެ. ރާއްޖޭގައި އަދި މިއީ އިޚްތިޔާރީ ކަމެކެވެ.

އެކަތި އަނެކައްޗާ އޮޅުވާނުލުން:

ފަހަށް ރައްކާކުރުމުގެ ފަންޑާ، ރިބާއާ ދޭތި ބައެއް މީހުންނަށް، އޮޅެއެވެ. އެއީ މަދު ޢަދަދެއް ދީފައި ގިނަ ޢަދަދެއް ފަހުން އަތުލާތީއެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ ރިބާއާއި ތަފާތު އެއްޗެކެވެ. ސަބަބަކީ ރިބާ މުޢާމަލާތުގައި އިތުރުވާ އެއްޗަކީ، ދަރަނި އަނބުރާ އަދާ ކުރާ އިރު އިތުރު ކުރަން ޝަރުޠު ކުރެވޭ އެއްޗެކެވެ. ފަހަށް ރައްކާކުރުމުގެ ފަންޑަށް އިތުރުވާ ބަޔަކީ ސަރުކާރުން ނުވަތަ މަސައްކަތުގެ ވެރިފަރާތުން ވެދޭ އެހީއެއްގެ ގޮތުގައި (ހަމަހިލޭ) އިތުރު ކުރާ އެއްޗެކެވެ. ރިބާ މުޢާމަލާތަކީ ދަރަނީގެ މުޢާމަލާތެކެވެ. ފަހަށް ރައްކާކުރުމުގެ ފަންޑުގައި މިއީ ދަރަނީގެ މުޢާމަލާތެއް ނޫނެވެ. ރިބާ މުޢާމަލާތުގައި ނިޔަތަކީ، ރައުސްމާލަށް ވުރެ އިތުރު ފައިސާ އަތުލުމެވެ. މީގައި ނިޔަތަކީ ސަރުކާރުން ނުވަތަ މަސައްކަތުގެ ވެރިފަރާތުން މުވައްޒަފަށް އެހީތެރިވެ ބައިވެރިވުމެވެ.

އަދި ބައެއް މީހުންނަށް މިއާއި، ވިޔަފާރިއަމާންކުރުމާ (ކޮމާޝަލް އިންޝުރެންސް) ދޭތި އޮޅެއެވެ. ނަމަވެސް މި ދޭތީގެ ތަފްޞީލުތަކާއި މަޤްޞަދުގައި ވެސް ތަފާތުތަކެއް އެބަހުއްޓެވެ. ވިޔަފާރިއަމާންކުރުމަކީ ވިޔަފާރި ފައިދާއަށް ކުންފުނިތަކުން ކުރާ ކަމެކެވެ. ފަހަށް ރައްކާކުރުމުގެ ފަންޑަކީ މިއީ ސަރުކާރުގެ ފައިދާއަކަށް ކުރާ ކަމެއް ނޫނެވެ. ވިޔަފާރިއަމާންކުރުމުގެ ޢަޤުދަކީ އަގަކާއި އަގު ކުރެވޭ އެއްޗެއް ހިމެނޭ ޢަޤުދެކެވެ. ފިޤުހުވެރިން އެއްބަސްވެލައްވަނީ މިފަދަ ޢަޤުދުތަކުގައި، ލިބޭނެވަރާއި ދައްކާނެވަރު ނޭނގުމާއި(ޖަހާލާ)، ވާނެ ގޮތް ނޭނގުމުގެ ނުރައްކާ ހިމެނުން (ޣަރަރް) މާފު ނުކުރެވޭނެ ކަމަށެވެ. މާނައަކީ މިއިން ކަމެއް ހިމެނިއްޖެނަމަ ޢަޤުދު ބާޠިލްވާނެއެވެ. ނަމަވެސް، ތަބައްރުޢް ޢަޤުދު (ހަމަހިލޭ ނުވަތަ ހަދިޔާގެ ޢަޤުދުގައި) މި ދެކަންތައް ކުޑަކޮށް ހުއްޓަސް މާފު ކުރެވޭ ކަމަށެވެ. ފަހަށް ރައްކާކުރުމުގެ ޢަޤުދަކީ ފަހުން މި ބުނެވުނު ވައްތަރު ޢަޤުދެކެވެ.

އަމާންކުރުމުގައި، ބަދަލެއް ލިބޭނީ ކުންފުނިން ކަނޑައަޅާފައިވާ ގެއްލުމެއް ވަކި ޝަރުޠުތަކަކާއެކު ކުރިމަތިވުމުންނެވެ. ނަމަވެސް ފަހަށް ރައްކާކުރުމުގެ ފަންޑުގެ ފައިސާއަކީ، ކޮންމެ ހާލަތެއްގައި ވިޔަސް އޭނާއަށް ލިބޭނެ އެއްޗެކެވެ. އަދި ގެއްލުމަކާ ގުޅިފައިވާ ކަމެއް ނޫނެވެ.

ވިޔަފާރި އުޞޫލަށް ކުރެވޭ އަމާންކުރުން ބިނާވެފައި އޮންނަނީ، ފަހުން ވެދާނެ ކަމެއްގެ ބިރަށްޓަކާ ފައިސާތަކެއް ކުންފުންޏަށް ދެއްކުމުގެ މައްޗަށެވެ. ފަހަށް ރައްކާކުރުމުގެ ފަންޑަކީ ފަހަށް ރައްކާކުރުމުގެ މައްޗަށް ބިނާވާ އެއްޗެކެވެ. ހަނދާން ނައްތާލައިގެން ނުވާނެ އަނެއް ކަމަކީ، ފަހަށް ރައްކާކުރުމުގެ ފަންޑު -އޭގެ ޒާތުގައި- ހުއްދަ އެއްޗަކޭ ކިޔާފައި ވިޔަފާރިއަމާންކުރުމަކީ ހުއްދައެއްޗެކޭ ނުބުނެވޭނެއެވެ. އަދި ފަހުން މި ބުނި އެތި ޙަރާމްވީމާ، ކުރިން ބުނެވުނު އެތި ކޮންމެހެން ޙަރާމެއް ނުވާނެއެވެ.

ޙުކުމާމެދު ބަލާލާއިރު:

ފަހަށް ރައްކާކުރުމުގެ ފަންޑަށް ބަލާއިރު، އޭގެ ޒާތުގައި އެއީ ރަނގަޅު އަދި ހުއްދަ ކަމެކެވެ. އެހެނީ ފަހަށް ރައްކާކުރުމަކީ ދީނީގޮތުންނާއި އިޤްތިޞާދީ ގޮތުން ވެސް ބާރު އެޅޭ ކަމެކެވެ. މި ފަންޑުގެ އަސްލު ފަލްސަފާއަކީ، ކޮންމެ މުވައްޒަފަކު ވެސް ފަހަށް ރައްކާކުރުމުގެ ގޮތުން، އޭނާގެ މުސާރައިން ކޮންމެވެސް އިންސައްތައެއް ފަންޑަށް ލަނީއެވެ. އަދި އެފަދަ އިންސައްތައެއް -ނުވަތަ އެއަށް ވުރެ ގިނައިން- ސަރުކާރުން (ނުވަތަ ވަޒީފާ ދޭފަރާތުން) ވެސް ލަނީއެވެ. އަދި މިފަންޑުގެ ފައިސާތައް އިތުރުކޮށްފައި، މުވައްޒަފުން ލީ ފައިސާއާ ސަރުކާރުން ލީ ފައިސާއާ އަދި އިތުރުވި ފައިސާތައް، ފަހުން އޭގެ ޙައްޤުވެރިންނަށް ދެވެނީއެވެ.

ނަމަވެސް މި ފަންޑުގެ ފައިސާތައް އިތުރުކުރަން ޖެހޭނީ ހުއްދަ ގޮތްގޮތަށް ހުއްދަ މަޝްރޫޢުތަކުގައި މޭވާ (އިންވެސްޓް) ކޮށްގެންނެވެ. ފަންޑުގެ ފައިސާތައް ރިބާ ބޭންކަކަށް ލައި، އެއަށް ''ފައިދާ'' (އިންޓްރެސްޓް) އަތުލާފައި ދެންޏާ، އެއީ މައްސަލައެކެވެ. އިސްލާމީ އިޤްތިޞާދީ ހަމަތަކަށް ނުބަލާ ތަނެއް ވިއްޔާ، މި ފަންޑުގެ ފައިސާ ރިބާ ބޭންކަކުން ރިބާ ލިބޭ ގޮތަކަށް ނުވަތަ، ހުއްދަ ނޫން ވައްތަރުތަކުގެ ބޮންޑުތައް ގަނެ އެއިން ރިބާ (އިންޓްރެސްޓް) ހޯދައި، ނުވަތަ ދީން ހުއްދަ ނުކުރާ މަސައްކަތް ކުރާ ކުންފުނިތަކުގެ ހިއްސާ ގަނެވެސްފާނެއެވެ.

ފަހަށް ރައްކާކުރުމުގެ ފަންޑުގެ މައްސަލަ ޖެހޭ ހަމައެކަނި ތަންކޮޅަކީ މިއީއެވެ. މައްސަލަ ޖެހޭ ނުވަތަ ޖެހިދާނެ ތަންކޮޅަކީ ފަންޑުގެ ފައިސާތައް ހުއްދަ ނޫން ގޮތް ގޮތަށް އިތުރު ކުރުމެވެ.

ބައެއް ރައުޔުތައް:

ނަމަވެސް ބައެއް ޢިލްމުވެރިން ވިދާޅުވަނީ، މި ފަންޑުގައި ބައިވެރިވުން މަޖްބޫރު ކުރެވޭ ޤައުމުތަކުގެ ސަރުކާރުން އެކަން އެހެން ކުރިއަސް، ފައިސާ ލިބިގަންނަ މީހާ ފާފަވެރި ނުވާނެ ކަމަށެވެ. ސަބަކީ ފަންޑުގެ ފައިސާތައް ރިބާ މުޢާމަލާތްތަކުގެ ތެރެއަށް ވެއްދުމަކީ، އޭނާ ރުހިގެން އަދި އިޚްތިޔާރުގައި، ސަރުކާރުން ކުރާ ކަމެއް ނޫނެވެ. އަދި އޭނާއާ ސަރުކާރާ ދެމެދު ކުރެވިފައިވާ ޢަޤުދަކީ ޞައްޙަ ނިޔަތަކު ކުރެވުނު ޞައްޙަ ޢަޤުދަކަށް ވާތީއެވެ. ޞައްޙަ ނިޔަތަކީ، ސަރުކާރުން މުވައްޒަފުންނާ އެހީތެރިވެ ބައިވެރިވުމެވެ.

ވީމާ ފާފަވެރިވާނީ ފަންޑުގެ ފައިސާއިން ރިބާ މުޢާމަލާތް ކުރާފަރާތެވެ. މަޖްބޫރުވެގެން އެ ފަންޑުގައި ބައިވެރިވާ މުވައްޒަފެއް ނޫނެވެ. މިފަދައިން ވިދާޅުވެފައި ވަނީ ޝައިޚް ސުޢޫދް ބިން ޢަބްދުﷲ އަލްފުނައިސާން އެވެ.

އަނެއްކޮޅުން ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވަނީ، ފަހަށް ރައްކާކުރުމުގެ ފަނޑު ހުއްދަވާނީ ހަމަ އެކަނި ސަރުކާރު ވަޒީފާތަކުގައެވެ. އެއީ ރައްޔިތުން ބެލެހެއްޓުމާ އެ މީހުންގެ ބޭނުންތައް ފުއްދައިދިނުމުގެ މަސްއޫލިއްޔަތު ބޮލުގައި އެޅިފައިވަނީ ސަރުކާރާ ކަމަށް ވާތީއެވެ. އެ ގޮތުން ސަރުކާރުން ދޭ އެއްޗަކީ، ސަރުކާރުގެ ވާޖިބެއް ފުއްދުން ކަމަށެވެ. ޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދް ދެއްވާފައިވާ ފަތުވާއެއްގައި ވަނީ މި ބީދައިންނެވެ.

ނަމަވެސް އަނެއްބައި ޢިލްމުވެރިންގެ ރައުޔަކީ، އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންނަށް ވިޔަސް ސަރުކާރު މުވައްޒަފުންނަށް ވިޔަސް، މި ފަންޑު ހުއްދަ ކަމަށެވެ. ސަބަބަކީ މިއީ އެކަކު ފަހަށް ރައްކާކޮށް، އަނެކަކު އޭނާއަށް އެހީތެރިވުމުގެ ނިޔަތުގައި އެ ފައިސާގެ ތެރެއަށް އިތުރު ފައިސާއެއް ހިލޭ ސާބަހަށް ލައިގެން ކުރެވޭ މުޢާމަލާތަކަށް ވާތީއެވެ.

އަމިއްލަ ކުންފުނިތަކުގައި މިގޮތަށް ދެވޭ ޕްރޮވިޑެންޓު ފަންޑު ހުއްދަވާނީ، އެ ނިޒާމަކީ ހަމަ ޙަޤީޤަތުގައި ވެސް މުވައްޒަފުން ގެ ފައިދާއަކަށް، މުވައްޒަފުންނަށް އެހީވުމުގެ ގޮތުން ކުރެވޭ ކަމަކަށް ވާނަމައެވެ. އޭގެ ބަދަލުގައި މި ކަމަކީ، ކުންފުނީގެ ބޭންކު އެކައުންޓަށް ގިނަ ފައިސާތަކެއް ޖަމާކޮށް، އެއިން ކުންފުނީގެ އަމިއްލަ ބޭނުންތަކާއި ފައިދާތަކެއް ފުއްދާފައި، ރިބާ ބޭންކަކުން ރިބާ ފައިދާ އަތުލާފައި، ބޭންކުން އަތުލި ފައިދާއަށް ވުރެ މަދު އިންސައްތައެއް މުވައްޒަފުންނަށް ބެހުން ކަމަށް ވާނަމަ، އެކަން ހުއްދައެއް ނުވާނެއެވެ. އެ ވާނީ ޙަރާމް ކަމަކަށެވެ. އަދި މީހުންނަށް ހެދޭ މަކަރަކަށެވެ. ވީމާ އެ މީހުން ހަދާ ގޮތް އެނގިހުރެ މިފަދަ ނިޒާމެއްގައި ބައިވެރިވުން ހުއްދައެއް ނުވާނެއެވެ.

މަޖްބޫރީ ގޮތަކަށް އޭނާގެ މުސާރައިން ބައެއް ކަނޑާފައި މިފަދަ ނިޒާމެއްގައި އޭނާ ބައިވެރިކޮށްފިއްޔާ، އޭނާއަށް ހުއްދަވާނީ މުސާރައިން ކެނޑިބަޔާއި މަސައްކަތުގެ ވެރިފަރާތުން ލީ ބައި އެކަންޏެވެ. އެ ދޭތީގެ ފައިދާއަށް އިތުރުވާ ބައި ހުއްދައެއް ނުވާނައެވެ. ނަމަވެސް ބޮޑަށް ރަނގަޅީ، އެ ވެސް އަތުލުމެވެ. އަމިއްލައަށް ބޭނުންކުރާކަށް ނޫނެވެ. އެކަމަކު، ޙަރާމް ފައިސާ ހޭދަ ކުރަންޖެހޭ ގޮތަށް ހޭދަ ކޮށްލާށެވެ. މިފަދަ ފައިސާތަކަށް ހަދާނެ ގޮތާބެހޭ ގޮތުން ކަވާސާގައި ޖަހާފައިވާ ލިޔުން ކިޔަން މި ގުޅުމަށް ފިތާލާށެވެ.

ޚުލާޞާއަކީ:

ފަހަށް ރައްކާކުރުމުގެ ފަންޑަކީ އޭގައި ބައިވެރިވުން ހުއްދަ އެއްޗެކެވެ. އޭނާގެ މުސާރައިން ލީ އެއްޗަކާއި ސަރުކާރުން ލީ އެއްޗެއް އެއީ، ހުއްދަ އެއްޗެކެވެ. ނަމަވެސް މި ދެބަޔަށް އިތުރުވާ ''ފައިދާ'' އެއީ ކިހިނެއްވާ ފައިދާއެއްތޯ ބަލަން ޖެހެއެވެ. އެއީ ހުއްދަ މަޝްރޫޢުތަކާ ކަންކަމުގައި މޭވާކޮށްގެން އިތުރުވާ ''ފައިދާ'' އެއް ނަމަ އެއްވެސް މައްސަލައެއް ނެތެވެ.

އެއީ މޭވާކުރުމެއް ނެތި، ހަމައެކަނި ރިބާ ޖަމާކޮށްގެން ލިބޭ ''ރިބާފައިދާ'' ނަމަ، މި އިތުރުވި ބައި ވާނީ ހުއްދަ ނޫން އެއްޗަކަށެވެ. ނަމަވެސް، މުސާރައިން ލީ ބަޔާއި ސަރުކާރުން ލީ ބައި ހުއްދަވާނެއެވެ. ހުއްދަ ނޫންބައި ޖެހޭނީ އަތުލާފައި، ޙަރާމް ފައިސާ ހޭދަކުރަން ޖެހޭ ގޮތުގެ މަތިން ހޭދަކޮށްލާށެވެ.

ސަރުކާރު ބޮންޑު ގަތުމާއި، ރިބާ ބޭންކުތަކަށް ފަންޑުގެ ފައިސާތައް ލައި ރިބާ (އިންޓްރެސްޓް) އަތުލުމާއި، ދީނުގައި ހުއްދަ ނޫން މަސައްކަތް ކުރާ ކުންފުނިތަކުގެ ހިއްސާގަތުން ފަދަ ކަންކަމަކީ، ހުއްދަ ނޫން ދާއިރާތަކެވެ. ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކުގައި މިފަދަ ފަންޑުތަކުގެ ފައިސާ އެ މުވައްޒަފަކު ބޭނުން ދާއިރާއެއްގައި މޭވާކުރުމުގެ އިޚްތިޔާރު ލިއްބައިދެއެވެ. އަދި ފަންޑުގެ އޭނާގެ ފައިސާ މޭވާ ކުރެވެނީ ކޮންތަނެއްގައި ކިހިނެއް ކަން ވެސް ޖުމްލަގޮތެއްގައި ބެލެއެވެ.

އިސްލާމީ ޤައުމުތަކުގައި، ޕެންޝަން/ޕްރޮވިޑެންޓު ފަނޑު ޙަލާލް ދާއިރާތަކުގައި މޭވާކުރުމަކީ، އެއާ ހަވާލުވެގެން ތިބޭ ބަޔަކަށް ދީނީ ގޮތުން ވާޖިބެކެވެ. ހަމަ އެހެންމެ، އެކަމަށް ފަރުދުން ބާރު އެޅުމަކީ ވެސް އެމީހެއްގެ ވަރުން އެ މީހަކަށް ވާޖިބުކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.