ހޮނިހިރު20181110

އާކުރެވުނީ: 08:43:52

މުރާބަޙާ، މުޝާރަކާ، މުޟާރަބާ

muraabaha-mushaarakaމުރާބަޙާ
މުޝާރަކާ
މުޟާރަބާ

މުރާބަޙާ

މުރާބަޙާގެ ދެ ވައްތަރެއް އޮވެއެވެ. އެއީ އާދައިގެ މުރާބަޙާ އާއި، ގަނެދޭން އެދޭ މީހާ އާއި ދެމެދު ކުރެވޭ މުރާބަޙާއެވެ. އާދައިގެ މުރާބަޙާ އަކީ ވިޔަފާރި ވެރިއެއްގެ އަތުގައި މުދާ ހުއްޓާ، މީހަކު ފިހާރައަށް އައިސް ''ކަލޭ އެ ގަތް އަގަށް، ދިހަ އިންސައްތަ ފައިދާ އާ އެކު، ވިއްކާށޭ'' ފަދަ ގޮތަކަށް ބުނުމުން، ވިޔަފާރިވެރިއާ އެކަމާ އެއްބަސްވެ ވިއްކުމެވެ. ވީމާ މި މުރާބަޙާގައި މުދާ ހުންނަނީ ވިޔަފާރި ވެރިއާ އަތުގައި ތައްޔާރަށެވެ. އަދި އޭނާ އެ އެތި ވިއްކަނީ ގަތް އަގުގެ ތެރެއަށް ފައިދާގެ ވަކި ނިސްބަތެއް ލާފައެވެ. މި މުރާބަޙާއަކީ ހުއްދަ މުޢާމަލާތެއް ކަމަށް އިޖްމާޢު އޮވެއެވެ. މީގައި ޚިލާފެއް އަދި ޝުބުހާއެއް ވެސް ނޯވެއެވެ. އަދި މިއީ ކީރިތި ރަސޫލުﷲ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ގެ ޒަމާނުގައި ވެސް ހިނގި މުޢާމަލާތެކެވެ.

ދެން ދެވަނަ ވައްތަރު ކަމުގައިވާ، ގަނެދޭން އެދޭ މީހާ އާއި ދެމެދު ކުރެވޭ މުރާބަޙާ އަކީ، މި އަންނަނިވި ފިޔަވަޅުތަކުން އުފެދޭ މުޢާމަލާތެކެވެ.

1- އެއްޗެއް ބޭނުންވެގެން އުޅޭ މީހާ ބޭންކަށް އައިސް، އޭނާއަށް ކާރެއް ނުވަތަ އެ ނުން ވެސް ކޮންމެވެސް އެއްޗެއް ގަނެދޭން، ބޭންކު ގާތު އެދެއެވެ. އަދި ބޭންކުން އޭނާ އެދުނު އެތި ގަނެފިނަމަ، ބޭންކު އަތުން އެ އެތި ގަންނާނެ ކަމަށް ޢަހުދުވެއެވެ.

2- ބޭންކުން އެ މީހާ އެދުނު ކާރު ނުވަތަ އެދުނު އެނުން ވެސް އެއްޗެއް ގަނެފައި، ބޭންކުގެ މިލްކުވެރިކަމުގެ ދަށަށް އޭތި ގެނެއެވެ.

3- ދެން މިއަށް ފަހު ބޭންކުން އެ އެތި، ގަތް އަގު ހާމަ ކުރުމަށް ފަހު އަދި އެނގޭ ފައިދާގެ ނިސްބަތަކާ އެކު، ގަންނަން އެދުނު މީހާއަށް ވިއްކާލައެވެ. މިސާލަކަށް ބޭންކުން އެ ކާރު ގަތީ ސަތޭކަ ހާހަށް ކަމަށް ވަންޏާ، ބޭންކުން އެ މީހާއަށް ކާރު ވިއްކާނީ ސަތޭކަ ދިހަ ހާހަށެވެ. އަދި ވިއްކާނީ އަގު ބައިބައި ކޮށްފައި ކޮންމެ މަހަކު ވަކިވަރެއް ދައްކާ ގޮތަށެވެ. ނުވަތަ ފަހުން އެއްފަހަރާ ދައްކާގޮތަށެވެ.

މި ވައްތަރުގެ މުރާބަޙާ އަކީ މި ޒަމާނުގެ ޖުމްހޫރު ޢިލްމުވެރިންގެ އަރިއަހުގައި ހުއްދަ މަޝްރޫޢު ޢަޤުދެކެވެ. އިސްލާމީ ބޭންކުތަކުން ވަރަށް ފުޅާ ދާއިރާއެއްގައި މުރާބަޙާ މުޢާމަލާތު ކުރެއެވެ.

މުޝާރަކާ

މުޝާރަކާގެ މާނައަކީ، ދެ މީހުން ނުވަތަ އެއަށް ވުރެ ގިނަ ބަޔަކު، އެންމެން އެއްވަރަށް ފައިސާ ބައިވެރިކޮށްގެން، ނުވަތަ ފައިސާގެ މިންވަރު ތަފާތުކޮށް، ބައިވެރިވެގެން އުފައްދާ ކުންފުނި ޢަޤުދެކެވެ. ޝާފިޢީ އަދި މާލިކީ މަޛްހަބުގައި ބުނަނީ ލިބޭ ފައިދާ ބަހަން ޖެހޭނީ، ބައިވެރިވި ނިސްބަތުން ކަމަށެވެ. (މިސާލަކަށް ބައިވެރިވީ ޖުމްލަ ރައުސްމާލުގެ ތިންބައިކުޅަ އެއްބައިގައި ކަމަށް ވަންޏާ، އޭނާއަށް ފައިދާ އަކަށް ވާން ވާނީ، ޖުމްލަ ފައިދާގެ ތިންބައިކުޅަ އެއްބައެވެ.)

ޙަނަފީ އަދި ޙަންބަލީ މަޛްހަބުގައި ބުނަނީ ލިބޭ ފައިދާ ބަހަން ޖެހޭނީ، އެއްބަސް ވެވޭ ނިސްބަތަކުން ކަމަށެވެ.

(މިސާލަކަށް ރައުސްމާލުގެ ދެބައިކުޅަ އެއްބައިގައި ބައިވެރިވި މީހަކު ރުހެންޏާ، ލިބޭ ފައިދާގެ ހަތަރުބައިކުޅަ އެއްބައި އަތުލެވިދާނެއެވެ.)

އަދި ބައިވެރިންނަށް މި ކުންފުނީގެ މަސައްކަތް ހިންގުމުގެ ޙައްޤު އޮންނާނެއެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން، ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ދޫކޮށްލާފައި، ހަމަ އެކަނި ފައިސާގައި ބައިވެރިވެގެން ދުރުގައި ތިބެގެން ކަންތައްވަމުންދާ ގޮތް ބަލަމުން ގެންދެވިދާނެއެވެ.

މުޝާރަކާގައި ފައިދާ ބެހުމުގައި ކުންފުނީގެ ޖުމްލަ އާމްދަނީގެ ތެރެއިން ބައިވެރިވި ނިސްބަތުން ފައިދާ އަތުލުން ނުވަތަ ކުރިން އެއްބަސްވެވޭ ނިސްބަތެއް، ކުންފުނީގެ ޖުމްލަ އާމްދަނީގެ ތެރެއިން އަތުލުން އެއީ އޮތް ދެ އިޚްތިޔާރެކެވެ. ނަމަވެސް ގެއްލުން ތަޙައްމަލު ކުރުމުގައި އޮންނަނީ އެންމެ އިޚްތިޔާރެކެވެ. ގެއްލުން ތަޙައްމަލު ކުރާނީ ބައިވެރިވި ނިސްބަތުންނެވެ.

މުޝާރަކާ ޢަޤުދުގައި ބައިވެރިވާ މީހުންނަކީ އެއްބަޔަކު އަނެއް ބަޔަކަށް އަމާނާތްތެރިވާން ޖެހޭ ބައެކެވެ. ކުންފުނީގެ މުދަލަކީ އަތުގައި ހުންނަ އެހެން ބައިވެރިންގެ އަމާނާތެކެވެ. ވީމާ ފަރުވާކުޑަކޮށް ނުވަތަ ގެއްލުން ދިނުމުގެ ނިޔަތުގައި ކަމެއްކޮށްގެން ލިބޭ ގެއްލުމެއް ނޫނީ، އޭނާ ތަޙައްމަލު ކުރާކަށް ނުޖެހެއެވެ. މިސާލަކަށް ދެ މީހެއް ވެގެން ހުޅުވައިގެން އުޅޭ ފިހާރައިގައި އެކަކީ ސޭޓެވެ. އަނެއް މީހާ މާލެއާ ރަށާ ދެމެދު ދަތުރު ކުރަނީއެވެ. ކަން މިހެން އޮއްވާ ބަޔަކު ފިހާރައިން ވައްކަން ކޮއްފިއްޔާ، ގެއްލުން ތަހައްމަލު ކުރަން ޖެހޭނީ ދެ މީހުންނެވެ. ނަމަވެސް ސޭޓު އަނެކާއަށް ގެއްލުން ދޭން ވެގެން ފިހާރައިގައި އަލިފާން ރޯކޮށްފިއްޔާ، މަސްއޫލުވާން ޖެހޭނީ ސޭޓު އެކަންޏެވެ.

މުޝާރަކާގައި ބައިވެރިވާ ދެ މީހަކީ ދެނެފަރިތަ މީހަކަށް ނުވެދާނެއެވެ. އެހާ އިތުބާރު ކުރެވޭ މީހަކަށް ނުވެ ވެސް ހިނގައި ދާނެއެވެ. މިފަދަ ހާލަތެއްގައި، ބައިވެރިއާ ގަސްތުގައި ފަރުވާކުޑަކޮށް ނުވަތަ ގަސްތުގައި ގެއްލުން ދީފާނެ ކަމަށްޓަކައި، ޖާމިނުވުމެއް ނުވަތަ ރަހުނެއް ނެގިދާނެއެވެ. ކުންފުނިން ލިބޭ ފައިދާ ޖާމިނު ކުރުމުގެ ގޮތަކުން ނޫނެވެ. އެހެނީ ފައިދާ ޖާމިނު ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.

މި ޢަޤުދުގައި ރައުސްމާލަކީ ފައިސާ ކަމުގައި ވެސް، ނުވަތަ ތަކެތި ކަމުގައި ވެސް (ބައެއް މަޛްހަބުތަކުގައި) ހެދިދާނެއެވެ. ނަމަވެސް ތަކެތިން ބައިވެރިވަންޏާ، ޢަޤުދުގައި އޭގެ އަގުކުރަން ޖެހޭނެއެވެ.

އިސްލާމީ ބޭންކާއި މުޝާރަކާ

މުޝާރަކާ އަކީ މިހާރުގެ އިސްލާމީ ބޭންކުތަކުން ވަރަށް ކާމިޔާބުކަމާއެކު ކުރަމުންދާ މުޢާމަލާތެކެވެ. އިސްލާމީ ބޭންކުތަކުން ހިންގާ މުޝާރަކާގެ އޮންނަނީ މައިގަނޑު ދެ ވައްތަރެކެވެ. އެއީ :-

1- ދާއިމީ މުޝާރަކާ :

މީގައި ބައިވެރިން (މިސާލަކަށް ބޭންކާއި ފެކްޓަރީއެއް އަޅަން އުޅޭ މީހާ) ރައުސްމާލުގައި ބައިވެރިވާނީ އެއްވަރަކަށް ނުވަތަ މިންވަރު ތަފާތުކޮށެވެ. މިއީ އަލަށް ފައްޓަން އުޅޭ މަޝްރޫޢަކަށް ނުވަތަ މިހާރު ހިނގަމުން ދާ މަޝްރޫޢެއްގައި ބައިވެރިވުން ކަމަށް ވެސް ވެދާނެއެވެ. މިއަށް ދާއިމީ މުޝާރަކާ އެކޭ ކިއުނީ، ދާއިމީ ސިފައެއްގައި ދެ ފަރާތް (ނުވަތަ އެއަށް ވުރެ ގިނަ) ރައުސްމާލުގައި ބައިވެރިވެގެން، ފައިދާ ލިބިލިބި ތިބޭތީއެވެ. ޢާއްމު ގޮތެއްގައި މިފަދަ މުޝާރަކާ ޢަޤުދެއް ބޭންކުން ހަދާނީ ބޮޑެތި މަޝްރޫޢުތަކުގެއެވެ. މި މުޝާރަކާގައި އިސްލާމީ ބޭންކުން (ނުވަތަ ބައިވެރިވާ މީހެއް) އެ މަސައްކަތް ހިންގާ ނުހިނގާ ގޮތް ބަލަމުން ދާނެއެވެ.

2- އުނިވަމުންދާ މުޝާރަކާ :

މިއީ ބޭންކުން (ނުވަތަ ލާރި ހުރި މީހެއް)، މަޝްރޫޢަށް ދާ ޚަރަދުގެ ބައެއްގައި ބައިވެރިވުމެވެ. ބައިވެރިވުމުގެ ބަދަލެއްގެ ގޮތުން މަޝްރޫޢުން ލިބޭ ޖުމްލަ ފައިދާގެ ވަކި ބައެއް ވެސް ބޭންކަށް (ނުވަތަ ލާރި ދިން މީހާއަށް) ލިބޭނެއެވެ. ދެން މަޝްރޫޢުގެ އަނެއް ބައިވެރިއާ (ބޭންކުން ޚިދުމަތް ލިބިގަތް ޢާއްމު ރައްޔިތު)، މަޝްރޫޢުގައި ބޭންކުން ބައިވެރިވި ހިއްސާގެ އަގު ބައިބަޔަށް މަޑުމަޑުން ދެއްކުމުގެ ޙައްޤު އޮންނާނެއެވެ. މަޝްރޫޢުން ލިބޭ ފައިދާއިން ނުވަތަ އެ ނުން ގޮތަކަށް ލާރި ހޯދައިގެން ވެސް، މި ފައިސާ ބޭންކަށް ދެއްކިދާނެއެވެ. މިފަދަ މުޝާރަކާ ޢަޤުދެއްގައި އެކަށީގެންވާ މުއްދަތެއް ލާރި ދައްކަން ދެވިފައި އޮންނާނެއެވެ.

ބޭންކަށް ފައިސާގެ ބައެއް ދައްކާ ކޮންމެ ފަހަރަކު، މަޝްރޫޢުގައި ބޭންކުން ހިއްސާވެފައިވާ މިންވަރާއި މަޝްރޫޢުން ވާ ފައިދާއިން ލިބޭ މިންވަރުވެސް ދާނީ އުނިވަމުންނެވެ. އަނެއްކޮޅުން ބޭންކާއި ބައިވެރިވި އަނެއް މީހާ (ބޭންކުން ޚިދުމަތް ލިބިގަތް ޢާއްމު ރައްޔިތު) ގެ ހިއްސާ ދާނީ ކުންފުނީގައި އިތުރުވަމުންނެވެ. އަދި ފައިދާގެ ނިސްބަތް ވެސް ބޮޑު ވަމުންނެވެ.

މިގޮތަށް ބޭންކަށް ފައިސާ ދައްކާ ނިމުނީމާ (އެހެން ގޮތަކަށް ބުނާނަމަ މަޝްރޫޢުގައި ވާ ބޭންކުގެ ހިއްސާ ގަނެ ނިމުނީމާ)، އަނެއް މީހާއަށް މަޝްރޫޢު އެއްކޮށް މިލްކު ކުރެވުނީއެވެ. މިގޮތަށް މިކަންތައް ވާތީ މި އަށް ކިޔެނީ މިލްކުވުގެން ނިމޭ މުޝާރަކާއެވެ.

ޢާއްމު ގޮތެއްގައި އިސްލާމީ ބޭންކުން މިފަދަ މުޝާރަކާއެއްގައި ބައިވެރިވާނީ، ކުދި އަދި މެދުމިން މަޝްރޫޢުތަކުގައެވެ.

މިފަދަ މުޝާރަކާއެއް ހަދާނީ ކިހިނެއް؟

އިސްލާމީ ބޭންކަކާއި ނުވަތަ ފައިސާ ވެރިއަކާ ދެމެދު މިފަދަ މުޝާރަކާއެއް ހަދާނީ ޢާއްމު ގޮތެއްގައި މިއަންނަނިވި ފިޔަވަޅުތަކުން ހިނގައިގެންނެވެ.

1- ބޭންކު ޚިދުމަތް ލިބިގަންނަ މީހާ (މިސާލަކަށް ޢަލީ) ބޭންކު މިފަދަ މަޝްރޫޢެއްގައި ބައިވެރިވާން އެދި ހުށައަޅާނީއެވެ. މަޝްރޫޢުން ވާނެކަމަށް ބަލާ ފައިދާއާއި، ކާމިޔާބު ވާނެ ކަމަށް ބެލޭ ގޮތާއި، މި ނުން ވެސް މިފަދަ ނުކުތާތައް ހާމަ ކުރުމާއެކުގައެވެ. އަދި މަޝްރޫޢުގެ މިލްކުވެރިކަމުގެ ލިޔެކިއުންތަކާއި، ސަރުކާރުން ދީފައިވާ ހުއްދަ ފަދަ ލިޔެކިއުންތައް ވެސް ހުށައަޅަން ވާނެއެވެ.

2- ބޭންކުން މަޝްރޫޢު ދިރާސާކޮށް، ލިޔެކިއުންތައް ބަލައި ހޯދަން ޖެހޭ ކަންތައްތައް ހޯދައި ޔަޤީން ކުރަން ޖެހޭ ކަންތައްތައް ޔަޤީން ކުރާނެއެވެ.

3- މަޝްރޫޢާ މެދު އަދި ބައިވެރިވާން ޖެހޭ ފައިސާގެ ޢަދަދާ މެދު ހިތްހަމަ ޖެހެންޏާ، ބޭންކުން މަޝްރޫޢަށް އެއްބަސް ވާނެއެވެ. އަދި ބޭންކުން ބޭނުންވާ ޖާމިނެއްގެ ގޮތުގައި ފަހަރެއްގައި ތަނެއް ރަހުނުވެސް ކޮށްފާނެއެވެ. ނުވަތަ އެ ނުން ޖާމިނެއް ވެސް ހޯދަފާނެއެވެ. ދެން ދެ ފަރާތް މުޝާރަކާ ޢަޤުދު ހަދާނެއެވެ. އަދި ކުންފުނީގެ އެކައުންޓެއް ބޭންކުގައި ހުޅުވާނެއެވެ. އަދި ދެ ފަރާތަށް ލިބޭނެ ފައިދާގެ ނިސަބަތާމެދު ވެސް އެއްބަސް ވެވޭނެއެވެ. (ނިސްބަތް ކަނޑައަޅާނީ ޖުމްލަ ފައިދާގެ ތެރެއިންނެވެ. ލިބޭނެ ފައިސާ ޢަދަދުން ކަނޑައެޅުން ހުއްދައެއް ނޫން) ގެއްލުން ވެއްޖެނަމަ ގެއްލުން ތަހައްމަލު ކުރާނީ ރައުސްމާލުގެ ނިސްބަތުންނެވެ.

4- ރައުސްމާލުގައި ބޭންކުން ބައިވެރިވެފައިވާ ހިއްސާ، ޢަލީ މަޑު މަޑުން ފައިސާ ދައްކަމުން ގޮސް ނުވަތަ އެއްފަހަރާ ފައިސާ ދައްކައި ގަނެ، އޭނާގެ އެއްޗަކަށް ހަދާނެ ގޮތާ މެދު ވެސް އެއްބަސް ވެވެއެވެ.

އުނިވަމުންދާ މުޝާރަކާގެ ގޮތްތައް :

ދުބައިގައި ބޭއްވިފައިވާ އިސްލާމީ ބޭންކުތަކުގެ ފުރަތަމަ ބައްދަލުވުމުގައި، އުނިވަމުންދާ މުޝާރަކާ ގެ ތިން ގޮތެއް ހުށައަޅައި އެ ތިން ގޮތާ މެދު އެއްބަސް ވެފައި ވެއެވެ. އެއީ:-

ހ- ކުންފުނީގެ ޢަޤުދު ނިމޭއިރު، ނުވަތަ އޭގެ ކުރިން ބޭންކުގެ މަޤާމަށް، އަނެއް ބައިވެރިއާ އަންނާނީއެވެ. އެއީ ބޭންކު ބައިވެރިވާ ނިސްބަތް އޭނާއަށް އެހެން ވަކި ޢަޤުދެއްގެ ދަށުން ވިއްކުމުންނެވެ. ބޭންކު ބޭނުން ނަމަ އެހެން ތިންވަނަ ފަރާތަކަށް ވެސް ބޭންކުގެ ބައި ވިއްކާލެވިދާނެއެވެ. މީގެ މިސާލަކީ ބޭންކާއި ޢަލީއާއި ދެމެދު މުޝާރަކާ ޢަޤުދެއް އޮއްވާ، ބޭންކުގެ ބައި، އާ ޢަޤުދެއް ހަދާފައި ޢަލީއަށް ވިއްކާލުމެވެ. އޭރުން ބޭންކު މިހުރިހާ ދުވަހު ހުރި މަޤާމުގައި ހުންނާނީ ޢަލީއެވެ. ތިންވަނަ ފަރާތަކަށް ބޭންކުން ވިއްކާލައިފިނަމަ، ޢަލީގެ އާ ބައިވެރިއަކަށް ވާނީ އެ ތިންވަނަ ފަރާތެވެ.

ށ- ދެވަނަ ގޮތަކީ، ތިންބަޔަކަށް ޖުމްލަ ފައިދާ ބަހާލުމެވެ. އެއްބައި އެއީ ބޭންކުން ބައިވެރިވި ރައުސްމާލުގެ ނިސްބަތަށް ވާ ފައިދާއެވެ. ދެވަނަ ބައި އެއީ ބޭންކުން ބައިވެރިވެފައިވާ ބައި ގަންނަން ދައްކާ ފައިސާއެކެވެ. ތިންވަނަ ބައި އެއީ ބޭންކާ ބައިވެރިވި އަނެއް މީހާ (މިސާލަކަށް ޢަލީ) އަށް ލިބޭ އެއްޗެކެވެ. އެއީ އޭނާ ބައިވެރިވި ނިސްބަތަށާއި އޭނާ ކުރާ މަސައްކަތަށް ލިބޭ އެއްޗެކެވެ.

ނ- ތިންވަނަ ގޮތަކީ، މުޅި ރައުސްމާލު ވަކިވަކި ހިއްސާތަކަކަށް (ޝެއާރ) ބަހާލާނީއެވެ. ކޮންމެ ހިއްސާއަކީ ވެސް އޭގައި ކަނޑައެޅިފައިވާ އަގަކާއި ފައިދާއެއް ހިމެނޭނެ އެއްޗެކެވެ. ދެން ބޭންކާއި ބައިވެރިވި މީހާ (މިސާލަކަށް ޢަލީ) ބޭނުންވެއްޖެނަމަ ކޮންމެ އަހަރަކު ވެސް ބޭންކުގެ ހިއްސާ ގަނެވޭނެއެވެ. އޭރުން ދާނީ ބޭންކުގެ ހިއްސާ މަދުވަމުން ޢަލީގެ ހިއްސާ ގިނަވަމުންނެވެ. މިގޮތަށް ގޮސް ހުރިހާ ހިއްސާއެއް ގަންނާނީއެވެ.

އުނިވަމުންދާ މުޝާރަކާގައި ހުންނަން ޖެހޭ ޝަރުޠުތައް:

މި މުޝާރަކާއަށް ވެސް ޢާއްމު މުޝާރަކާގައި ހުންނަން ޖެހޭ ޝަރުޠުތައް ފުރިހަމަވާންޖެހެއެވެ. އޭގެ އިތުރަށް ތިން ޝަރުޠެއް މި ވައްތަރު މުޝާރަކާއަށް އިތުރުކުރަން ޖެހޭ ކަމަށް، ދުބައިގައި ބޭއްވުނު އިސްލާމީ ބޭންކުތަކުގެ ފުރަތަމަ ބައްދަލުވުމުގައި ބުނެފައި ވެއެވެ. އެއީ:-

ހ- އުނިވަމުންދާ މުޝާރަކާ އަކީ، ފައިސާ ދޭން ހެދޭ ދަރަނި ދިނުމުގެ ޢަޤުދަކަށް ވެގެން ނުވާނެއެވެ. ވީމާ ހަމަ ޙަޤީޤަތުގައި ވެސް ދެ ފަރާތް ދެމެދުގައި މުޝާރަކާއެއް އޮންނަން ޖެހޭނެއެވެ. ލިބޭ ގެއްލުންތައް ވެސް ދެ ފަރާތް އުފުލަން ޖެހޭނެއެވެ. ހަމަ އެހެންމެ، މުޝާރަކާ ހިނގަމުން ދާ ދުވަސްވަރު، މަޝްރޫޢުން ވާ ފައިދާއެއްގައި، އެއްބަސް ވެވިފައިވާ ނިސްބަތަކުން ބައިވެރިވުމުގެ ޙައްޤު، ދެފަރާތަށް ވެސް ލިބެން ޖެހޭނެއެވެ.

ށ- މުޝާރަކާގެ ހިއްސާ ގެ ފުރިހަމަ މިލްކުވެރިކަން ބޭންކަށް ލިބެންޖެހޭނެއެވެ. އަދި މަޝްރޫޢު ހިނގަމުންދާ ގޮތާއި އިދާރީކަންތައްތައް ބަލައި، މާލީ ކަންތައްތަ ބެލުމުގެ މިނިވަންކަން ބޭންކަށް ލިބިދޭން ޖެހޭނެއެވެ.

ނ- އަނެއް ބައިވެރިއާ ރައުސްމާލުގައި ބައިވެރިވި މުޅި ހިއްސާއާއި އެ ހިއްސާއަށް ވާ ފައިދާ، ބޭންކަށް ފަހުން ދައްކަން ޖެހޭނެ ކަމަށް، ޢަޤުދުގައި ޝަރުޠު ކުރެވިފައި އޮވެގެން ނުވާނެއެވެ. އެއީ މިހެން ހެދުމަކީ، އޭގައި ރިބާ ގެ ޝުބުހާއެއް އޮންނަ ކަމަކަށް ވާތީއެވެ.

މުޟާރަބާ

މުޟާރަބާ އަކީ، އެއް ފަރާތުން ތަޖުރިބާއާއި މަސައްކަތް، އަނެއް ފަރާތުން މަސައްކަތަށް ބޭނުންވާނެ ފައިސާ(ރައުސްމާލު) ދީގެން، ލިބޭ ފައިދާ ދެ ފަރާތަށް ބަހާ ގޮތަށް އެއްބަސް ވާ ޢަޤުދެކެވެ. ނުވަތަ މިގޮތަށް ބައިވެރިވާ ބައިވެރިވުމަށް ކިޔާނަމެކެވެ.

މި ޢަޤުދުގައި ހިމެނޭ ރުކުންތަކަކީ، ޢަޤުދު ކުރާ ދެ މީހުން، ރައުސްމާލު، މަސައްކަތް، ފައިދާ، އަދި ޢަޤުދު ކުރެވިއްޖެކަން ދޭހަވާ ބަހެވެ.

މި ޢަޤުދުގައި ލިބޭ ފައިދާ ބެހުން އޮންނާނީ ކުރިން އެއްބަސް ވެވޭ ނިސްބަތެއްގެ ދަށުންނެވެ. މަޝްރޫޢުން ގެއްލުން ވެއްޖެނަމަ ފައިސާގެ ގެއްލުން ތަހައްމަލު ކުރަން ޖެހޭނީ، ރައުސްމާލް ގެ ވެރިފަރާތް އެކަންޏެވެ. އަނެއް މީހާއަށް އޮތް ގެއްލުމަކީ، އޭނާ އުފުލި ބުރައާއި މަސައްކަތް ގެއްލި ދިއުމެވެ.

މުޟާރަބާ ޢަގުދުގައި، ރައުސްމާލް ދިން މީހާއަށް މަސައްކަތުގެ ތެރެއަށް ވަނުމުގެ ޙައްޤެއް ނު އޮންނާނެއެވެ. ރައުސްމާލް ދިނުމުން އޭނާގެ ވަޒީފާ ނިމުނީއެވެ. ބާކި ކަންތައްތައް ކުރަން ޖެހޭނީ މަސައްކަތް ކުރާ ފަރާތެވެ. ނަމަވެސް، މަސައްކަތް ކުރާނެ އެކަށީގެންވާ ޝަރުޠު، ޢަޤުދުގައި ކަނޑައަޅުމުގެ ޙައްޤު އޭނާއަށް އޮވެއެވެ.

މުޟާރަބާ ޢަޤުދަކީ، ރައުސްމާލުގެ ވެރިފަރާތާއި މަސައްކަތް ކުރާ މީހާއަށް ވެސް ފައިދާ ހުރި ޢަޤުދެކެވެ. އެހެނީ ރައުސްމާލުގެ ވެރިފަރާތް އަތުގައި ފައިސާ ހުއްޓަސް، އެ ފައިސާ އިން ވިޔަފާރިއެއް ނުވަތަ މަޝްރޫޢެއް ފެއްޓޭނެ ތަޖުރިބާ ނުވަތަ ވަގުތު ނެތިހިނގައިދާނެއެވެ. މަސައްކަތް ކުރާ މީހާއަކީ ތަޖުރިބާ ހުރި، މަސައްކަތް ކުރެވޭ، އެހެން ނަމަވެސް މަސައްކަތެއް ފައްޓައިގަންނާނެ ފައިސާއެއް އަތުގައި ނެތް މީހެކެވެ. ވީމާ މުޟާރަބާ އަކީ މިފަދަ މީހުންނަށް އޮތް ރަނުގެ ފުރުސަތެކެވެ.

މުޟާރަބާ އަކީ ޤުރުއާނާއި ސުންނަތުގައި ވާ ޢާއްމު ދަލީލުތަކުން، އެއީ ހުއްދަ ކަމެއްކަން އެނގޭ ކަމެކެވެ. އަދި ކީރިތި ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ރަސޫލު ކަމާއިގެން ފޮނުއްވެވުމުގެ ކުރީގައި، އެކަލޭގެފާނު ވަނީ، ޚަދީޖަތުގެފާނުގެ ފައިސާއިން މުޟާރަބާ ގޮތުގައި ޝާމަށް ދަތުރުކުރައްވާފައެވެ. ރަސޫލު ކަމާއިގެން ފޮނުއްވުމަށް ފަހު، އެކަލޭގެފާނު އެކަން މަނާ ނުކުރައްވައެވެ. އަދި ޞަޙާބީން ވަނީ މިކަން ކުރައްވާފައެވެ. އެއްވެސް މީހެއް އެކަމަށް އިންކާރު ނުކުރެއެވެ. އަދި އުއްމަތް ވަނީ އެއީ ހުއްދަ ކަމެއް ކަމަށް އިޖްމާޢްވެފައެވެ.

މުޟާރަބާ އަކީ ވަރަށް ފަސޭހަ ޢަޤުދެކެވެ. ފައިސާ ހުރި މީހަކު ނުވަތަ ބޭންކުން، މަސައްކަތް ކުރަން ބޭނުންވާ މީހާއަށް ފައިސާ ދެނީއެވެ. އަދި އެއްބަސް ވެވޭ ގޮތަކަށް ލިބޭ ފައިދާ ބަހަނީއެވެ. ފައިދާ ބަހާނީ މަސައްކަތް ނިމުމުން (މިސާލަކަށް، މާލެދަތުރު ކޮށް ނިމިގެން އައިސް) ނުވަތަ މަޝްރޫޢު ނިމުމުން (މިސާލަކަށް ދަނޑުގައި އެޅި ކަރާ ވިއްކާ ނިމުމުން) ނުވަތަ މަޝްރޫޢު ހިނގައިގަނެ ނަގުދު ފައިސާ ތަނަވަސްވާން ފެށީމާ ބައިބަޔަށެވެ.

ކުރިން ވެސް ބުނިހެން މަޝްރޫޢު ކާމިޔާބު ނުވެ ގެއްލުން ވެއްޖެނަމަ އެކަން ތަހައްމަލު ކުރާނީ، ފައިސާ ދިން މީހާ އެވެ. ރައުސްމާލުން ބާކީ ހުރި އެއްޗެއް އޭނާއަށް ލިބޭނެއެވެ.

މުޟާރަބާގެ ދެ ވައްތަރު:

މުޟާރަބާގައި އޮންނަނީ ދެ ވައްތަރެކެވެ. އެއީ، ޤައިދެއް ނެތް މުޟާރަބާ އާއި، ޤައިދު އޮންނަ މުޟާރަބާއެވެ.

ޤައިދެއް ނެތް މުޟާރަބާ އަކީ، އޭގައި އެއްވެސް ކަހަލަ ޤައިދެއް ނު އޮންނަ މުޟާރަބާއެވެ. އެގޮތުން ބޭންކުން (ނުވަތަ ފައިސާ ދޭ އެހެން މީހެއް) މަސައްކަތް ކުރާ މީހާއަށް ފައިސާ ދޭ އިރު، އޭނާ ކުރަން ޖެހޭނެ ވަކި މަސައްކަތެއް ކަނޑަނާޅާނެއެވެ. އަދި މަސައްކަތް ކުރާނެ ގޮތަކާއި ކުރާނެ ތަނަކާއި، މަސައްކަތް ކުރާ މީހާ މުޢާމަލާތު ކުރާނީ ކާކާ ކަން ވެސް ކަނޑަނާޅާނެއެވެ. ކުރުގޮތަކަށް ބުނާނަމަ، ފައިސާ އަތުލައިގެން ގޮސް އޭނާ ބޭނުން ކަމެއް (ތެދުވެރި މުސްލިމެއް ވިއްޔާ ކުރާނީ ހުއްދަ މަސައްކަތެއް) ކޮށްފައި އައިސް، ރައުސްމާލް ދިން މީހާއަށް ވާ ފައިދާ ދެނީއެވެ.

ދެން ޤައިދު އޮންނަ މުޟާރަބާ އަކީ، އޭގައި ބައެއް ކަހަލަ ޤައިދުތައް ހިމެނޭ މުޟާރަބާއެވެ. އެގޮތުން ބޭންކުން (ނުވަތަ ފައިސާ ހުރި މީހަކު) މަސައްކަތް ކުރާ މީހާއަށް ފައިސާ ދީފައި، ވަކި ކަހަލަ ވިޔަފާރިއެއް ކުރަން ބުނެ، ނުވަތަ ވަކި ރަށެއްގައި މަސައްކަތް ކުރަން ބުނެ، ނުވަތަ ވަކި ވަގުތެއްގައި މަސައްކަތް ކުރަން ބުނެ ނުވަތަ ވަކި ކަމެއް ނުކުރަން ބުނެ، ނުވަތަ ވަކި މީހަކާ އެކު މަސައްކަތް ނުކުރަން ބުނެ، ހެދިދާނެއެވެ. ވީމާ ރައުސްމާލުގެ ވެރި ފަރާތަް އެހެން މީހަކަށް ފައިސާ ދީފައި، އެ ރަށުގައި ފައިދާވާނެ ވަކި ކަހަލަ މަސައްކަތްތަކެއް ނޫނީ ނުކުރުމަށް ބުނެވިދާނެއެވެ.

މުޟާރަބާގެ ޝަރުޠުތައް:

މުޟާރަބާގެ ކޮންމެ ރުކުނެއްގައި ފުރިހަމަވާން ޖެހޭ ވަކި ޝަރުޠުތަކެއް ހުރެއެވެ. މުހިއްމު ޝަރުޠުތަކަކީ (ގިނަފަހަރަށް މީހުންނަށް ގޯސް ހެދޭ ޝަރުޠުތަކަކީ) ރައުސްމާލުގައި ހުންނަންޖެހޭ ޝަރުޠުތަކާއި، ފައިދާގައި ހުންނަން ޖެހޭ ޝަރުޠުތަކެވެ. ޢަޤުދު ކުރާ ދެ މީހުންގެ ކިބައިގައި ހުންނަން ޖެހެނީ، ގަނެވިއްކުން ފަދަ ފައިސާ މުޢާމަލާތް ހިންގާ ދެ މީހެއްގެ ގައިގައި ހުންނަން ޖެހޭ ޝަރުޠުތަކެވެ.

ރައުސްމާލުގައި ހުންނަން ޖެހޭ ޝަރުޠު:

1- ރައުސްމާލަކީ ފައިސާއަށް ވާންޖެހެއެވެ. ވީމާ މުޟާރަބާއެއްގެ ރައުސްމާލަކީ މުދަލަކަށް ނުވަތަ ތަކެއްޗަށް ނުވަތަ އާލާތަކަށް ވެގެން ނުވާނެއެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ. ނަމަވެސް ޝާފިޢީ މަޛްހަބު ފިޔަވައި އެހެން މަޛްހަބުތަކުގައި، ޢަޤުދު ކުރެވޭ ވަގުތު، ރައުސްމާލަށް ދެވޭ އެއްޗެހީގެ އަގުކޮށްފިނަމަ، ތަކެތި ވެސް ހުއްދައެވެ. އެއްޗެހީގެ އަގު ބެލެވެނީ އެއީ ރައުސްމާލުކަމަށެވެ.

2- ޢަޤުދު ކުރެވޭ ވަގުތު، ރައުސްމާލުގެ މިންވަރު ކަނޑައެޅިގެން އެނގެން އޮންނަން ޖެހެއެވެ. ރައުސްމާލަކީ ކިހާ މިންވަރެއްކަން ނޭނގެންޏާ، ލިބުނު ފައިދާއަކީ ކޮބައިކަން ކަނޑައަޅަން ވެސް ނޭނގޭނެއެވެ. އެއީ ފައިދާ ވަކިކުރަން އެނގޭނީ ރައުސްމާލު އެނގިގެންނެވެ. ވީމާ މިންވަރު ނޭނގުން މިއީ ޢަޤުދު ފާސިދުވާ ސަބަބެކެވެ.

3- ރައުސްމާލަކީ ހަވާލުކުރެވޭ ފައިސާއަކަށް ވާންޖެހެއެވެ. މާނައަކީ ރައުސްމާލަކީ ދަރަންޏަކަށް ވެގެން ނުވާނެއެވެ. ވީމާ ރައުސްމާލުގެ ވެރިއާ، މަސައްކަތް ކުރާ މީހާ(މުޟާރިބް) ގާތަށް އައިސް، މުޟާރިބް އޭނާއަށް އަދާ ކުރަން ޖެހިފައިވާ ދަރަންޏެއް، އެއީ ރައުސްމާލް ކަމަށް ބަލައި، އެއިން މުޟާރަބާ ކުރާށޭ ބުންޏަސް، އެއީ ޞައްޙަ މުޟާރަބާއަކަށް ނުވާނެއެވެ. ނަމަވެސް މުޟާރިބް ނޫން މީހެއް އޭނާއަށް ދަރާފައިވާ ދަރަނި އަތުލައިގެން މުޟާރަބާ ކުރާށޭ ބުނުމުން، މުޟާރިބަށް އެ އަތުލެވިއްޖެނަމަ، އެއިން މުޟާރަބާ ކުރެވިދާނެއެވެ. މިއީ ޙަނަފީ މަޛްހަބު ބުނާ ގޮތެވެ. އެހެން މަޛްހަބުތަކުގައި މި ގޮތެއް ވެސް ހުއްދަ ނޫނެވެ.

4- މުޟާރިބަށް (މަސައްކަތް ކުރާ މީހާ) އެއިން ބޭނުން ހިފޭނެފަދައަކުން، ރައުސްމާލު އޭނާއާއި ހަވާލު ކުރެވެން ޖެހެއެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ. ނަމަވެސް ޙަންބަލީ މަޛްހަބުގައި ބުނަނީ، ފައިސާގެ ވެރިމީހާ އަތުގައި ރައުސްމާލު ބަހައްޓާފައި، މުޟާރިބް ފައިސާއަށް ބޭނުންވާ ހިނދު ބައިބަޔަށް ދިނުންވެސް ހުއްދަ ކަމަށެވެ. އެހެނީ މީގައި މުހިއްމީ މުޟާރިބް ބޭނުން ކަމެއް ރައުސްމާލުން ކުރެވުމުގެ މަގު ތަނަވަސްވެފައި އޮތުމެވެ. ކޮންމެހެން އެއްފަހަރާ އެ ލާރި ހަވާލު ކުރުމެއް ނޫނެވެ.

ރައުސްމާލާއި މުޟާރިބާއި ދެމެދު އެއްވެސް ހުރަހެއް، ރައުސްމާލުގެ ވެރިއާ ބޭއްވުމަކީ ހުއްދަކަމެއް ނޫނެވެ.

5- މުޟާރަބާގައި، ރައުސްމާލުގެ ވެރިފަރާތަށް އެ އަނބުރާ ލިބެން ޖެހޭނެ ކަމަށް ޝަރުޠު ކުރެވިގެން ނުވާނެއެވެ. މީގެ މިސާލަކީ މުޟާރަބާ ކުރަން އެއްލައްކަ ރުފިޔާ ދީފައި، މަސައްކަތުން ވާ ފައިދާގެ ނިސްބަތެއް އަތުލާފައި، އަދި މަސައްކަތް ހުއްޓި ނުވަތަ ބަނގުރޫޓުވެ ނުވަތަ ދެ މީހުން ކުރެ މީހަކު ވަކިވާން ބޭނުންވުމުން، އެއްލައްކަ ރުފިޔާ (ރައުސްމާލް) އޭގެ ވެރިފަރާތަށް ދޭން ޖެހޭނެ ކަމަށް ޝަރުޠު ކުރެވިފައި އޮތުމެވެ. މިހެން މިކަން ހިނގައިފިނަމަ، އެއީ މުޟާރަބާއެއް ނޫނެވެ. އެއަށް ކިޔޭނީ ރިބާކެއުމެވެ. އެހެނީ ޙަޤީޤަތުގައި އެއީ، މަހު ފައިދާ ލިބޭ ގޮތަށް ދެވުނު ދަރަންޏެކެވެ. އަދި އަނބުރާ ދަރަނި އަތުލީއެވެ.

ފައިދާގައި ހުންނަން ޖެހޭ ޝަރުޠުތައް:

1- ޢަޤުދު ހެދޭ ވަގުތު، ދެ ފަރަތާށް ލިބޭނެ ފައިދާގެ ނިސްބަތެއް ކަނޑައަޅަން ޖެހޭނެއެވެ. މިސާލަކަށް ދެ މީހުންކުރެ ކޮންމެ މީހަކަށް ފައިދާގެ ދެބައި ކުޅަ އެއްބައި، ނުވަތަ އެކަކަށް ތިންބައިކުޅަ އެއްބައި އަނެކަކަށް ތިންބައިކުޅަ ދެބައި، ނުވަތަ އެކަކަށް ދިހަ އިންސައްތަ އަނެކަކަށް ނުވަދިހަ އިންސައްތަ، މި ފަދަ ގޮތަކަށެވެ. އެކަކަށް މަދުން ލިބިފައި އަނެކަކަށް ގިނައި ލިބުން އެއީ މައްސަލައެއް ނޫނެވެ. އެކަކަށް ނުވަދިހަ ނުވަ އިންސައްތަ ލިބިފައި އަނެކާއަށް އެއް އިންސައްތަ ލިބޭ ގޮތަށް އޮތަސް، މުޟާރަބާ ޞައްޙަވާނެއެވެ. އެހެނީ މިއީ ދެ ފަރާތް އެއްބަސް ވެގެން، ރުހިގެން، ހިންގޭ މުޢާމަލާތެކެވެ. ޝަރީޢަތް މަނާ ނުކުރާ ކަމެއްގައި ދެ ފަރާތް ރުހެންޏާ، އަދި ހުންނަން ޖެހޭ ޝަރުޠު ހަމަވަންޏާ، ޢަޤުދު ޞައްޙަވާނެއެވެ.

2- ދެ މީހުންނަށް ބެހޭ ފައިދާ ކަނޑައަޅަން ވާނީ، މުޅި ޖުމްލަ ފައިދާގައި ޝާމިލްވާ ނިސްބަތަކުންނެވެ. ޢަދަދަކުން ނޫނެވެ. ވީމާ ފައިދާއިން އެއްހާސް ރުފިޔާ ނަގާފައި ދެން ހުރި އެއްޗެއް ދެ މީހުންނަށް ހަމަހަމައަށް ބަހާނީއޭ ބުނެފިނަމަ، މުޟާރަބާ ޞައްޙައެއް ނުވާނެއެވެ. ހަމަ އެހެންމެ ލިބޭނެ ފައިދާ ޢަދަދުން ކަނޑައަޅައިފިނަމަ، މުޟާރަބާ ޞައްޙައެއް ނުވާނެއެވެ. އެކަމަކު މަސައްކަތުން ވާ ފައިދާގެ ނިސްބަތް ވަކި އިންސައްތައަކަށް ވުރެ ބޮޑު ވެއްޖެނަމަ، އެ އިތުރުވާ އެއްޗެއް މުޟާރިބަށް ދޭން، ފައިސާގެ ވެރިފަރާތް އެއްބަސް ވުން ހުއްދައެވެ.

ޢަދަދު ކަނޑައެޅުމުގެ މިސާލަކީ، ތިމަންނައަށް ކޮންމެ މަހަކު ވެސް ފައިދާއިން އެއްހާސް ރުފިޔާ ދޭށޭ ބުނުމެވެ. މިހެން ހަދާފައި ވަނިކޮށް، ފަހަރެއްގައި އެ މަހު ލިބުނީ ޖުމްލަ އެއްހާސް ރުފިޔާ ކަމަށް ވެސް ވެދާނެއެވެ. އޭރުން ހުރިހާ ފައިދާއެއް ލިބޭނީ އެކަކަށެވެ. އަދި މިއީ މުޟާރަބާގެ އަސްލާއި ޚިލާފު ކަމެކެވެ. މުޟާރަބާގެ އަސްލަކީ، ފައިދާގައި ދެ މީހުން ނިސްބަތުން ބައިވެރިވުމެވެ.

3- ދެ ފަރާތް ގުޅިގެން ހިންގި މަސައްކަތުން ވާ ހުރިހާ މާލީ ގެއްލުމެއް ތަހައްމަލު ކުރަން ޖެހޭނީ، ރައުސްމާލުގެ ވެރިފަރާތް އެކަންޏެވެ. މުޟާރިބް (މަސައްކަތް ކުރާ މީހާ) ޝަރުޠަކާއި ޚިލާފު ނުވާ ހާ ހިނދަކު އަދި އޭނާ ގަސްތުގައި ގެއްލުމެއް ނުދޭހާ ހިނދަކު، އެއްވެސް ގެއްލުމަކާ މަސްއޫލުވާން ނުޖެހެއެވެ. މަސައްކަތް ކުރާ މީހާ އުފުލަން ޖެހޭ ގެއްލުމަކީ، އޭނާ ކުރި މަސައްކަތާއި އުފުލި ބުރަ ބޭކާރުވެ، މަސައްކަތް ގެއްލިދިއުމެވެ.

މަސައްކަތުގައި ހުންނަންޖެހޭ ޝަރުޠުތައް:

1- ޖުމްހޫރު ޢިލްމުވެރިން ދެކެލައްވަނީ، މަސައްކަތް ކުރުމަކީ، މުޟާރިބް އެކަނި ކުރަން ޖެހޭ ކަމެއް ކަމަށެވެ. ވީމާ ރައުސްމާލު ދޭ މީހާ މަސައްކަތުގައި ބައިވެރިވާން ޝަރުޠުކޮށްގެން ނުވާނެއެވެ. ޝަރުޠުކޮށްފިނަމަ މުޟާރަބާ ޢަޤުދު ފާސިދުވާނެ ކަމަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް ޙަންބަލީ މަޛްހަބު ދެކެނީ، މި ޝަރުޠު ކުރުން ހުއްދަކަމަށެވެ.

2- ރައުސްމާލުގެ ވެރިފަރާތް، މުޟާރިބަށް އެއްވެސް ކަހަލަ ދަތިތަކެއް މެދުވެރިކޮށްގެން ނުވާނެއެވެ. މުޟާރަބާގެ ގޮތުގައި ފައިސާ ދީފައި، މުޟާރިބަށް އެ މަސައްކަތް ކުރެވުނަ ނުދޭން ހުރަސްތައް އެޅުމަކީ، މުޟާރަބާ ޢަޤުދުގެ ރޫޙާއި ޚިލާފުވާ ކަމެކެވެ. އެހެނީ މުޟާރަބާގެ ބޭނުމަކީ، ރައުސްމާލު އަތުލައިގެން މަސައްކަތް ކޮށް، އެ މަސައްކަތުން ފައިދާ ހޯދުމެވެ. ފައިސާގެވެރިއާ ހުރަސް އެޅުމުގެ ސަބަބުން މަސައްކަތް ނުކުރެވެންޏާ، ފައިދާއެއް ނުވާނެއެވެ. ވީމާ މުޟާރަބާ ޢަޤުދުގެ ބޭނުމެއް ނެތެވެ. އެހެންވީމާ މިހާލަތުގައި މުޟާރަވާ ޢަޤުދު ފާސިދުވީއެވެ.

މުޟާރަބާގެ ބައެއް މައްސަލަތައް ކުރުކޮށް:

1- މަސްހުނި މުޟާރަބާއަކީ ހުއްދަ އެއްޗެކެވެ. މީގެ މާނައަކީ، މުޟާރިބް އޭނާއާ ހަވާލު ކުރެވޭ ރައުސްމާލާއި އޭނާގެ އަމިއްލަ ފައިސާއާއި ދޭތި އެއްކޮށްގެން މަސައްކަތް ކުރުމެވެ. މިހެން ހެދުމުން އޭނާ ވާނީ ރައުސްމާލުގައި ބައިވެރިވާ މީހަކަށެވެ. އަދި ފައިދާ ބަހާއިރު، އޭނާ ބައިވެރި ކުރި ފައިސާގެ ނިސްބަތާ އެއްވަރުގެ ފައިދާގެ ނިސްބަތެއް އޭނާއަށް ލިބޭނެއެވެ.

2- ގިނަ މުޟާރިބުން ތިބުން ހުއްދައެވެ. މީގެ މާނައަކީ، އެއް ޢަޤުދަކުން ދެ މީހަކަށް މުޟާރަބާ ގެ ގޮތުގައި ރައުސްމާލް ދެވިދާނެއެވެ. ފައިދާގެ ނިސްބަތް ތަފާތަސް އަދި އެއްވަރަސް، ދެ މީހުންގެ ތަޖުރިބާ ތަފާތަސް އަދި އެއްވަރަސް ވެހެވެ. މިސާލަކަށް މުއްސަންޖަކު ފަޤީރު ދެ މީހަކަށް އެއްލައްކަ ރުފިޔާ ދީފައި އެއިން މުޟާރަބާ ކުރުމަށް ބުނުމެވެ. މި ދެ މީހުންނަކީ ހުނަރުގެ ގޮތުން ތަފާތު ދެ މީހަކަށް ވެސް ވެދާނެއެވެ. ނަމަވެސް ދެ މީހުންނަށް އެއްވަރެއްގެ ފައިދާއެއް ކަނޑައެޅިދާނެއެވެ.

3- މަސައްކަތަށް ފައިދާވާނެ، އަދި މުޟާރިބަށް ދަތި ނުވާނެ ކަހަލަ ބައެއް ޤައިދުތައް، ޢަޤުދުގައި ހިމެނުމަކީ މަނާކަމެއް ނޫނެވެ. މިސާލަކަށް، ރަށުގައި ރަނުގެ ވިޔަފާރި އެއްގޮތަކަށް ވެސް ނުހިގާނެކަން، ރައުސްމާލް ދިން މީހާއަށް އެނގޭތީ، ރަނުގެ ވިޔަފާރި ނުކުރަން ޝަރުޠު ކުރުމެވެ. ނުވަތަ މިވެނި ބޯޓަކީ، މުދާގެންދިއުން ހެޔޮވާވަރަށް ވުރެ މާ ބާ ބޯޓެއް ކަމާއި، ވީމާ އެއިން މުދާ ނުގެންދަން ބުނުމެވެ. މިފަދަ ޝަރުޠަކާއި ޚިލާފުވެއްޖެނަމަ، މުޟާރިބް ރައުސްމާލުގެ ޒިންމާ އުފުލަން ޖެހެއެވެ.

4- މުޟާރިބު އަމިއްލައަށް ކުރަން ބުރަ ކަމަށް ޢުރުފުގައި ޤަބޫލު ކުރެވޭ ކަންތައްތަކުގައި، އެހެން މީހެއްގެ އެހީ ހޯދުމާއި އެހެން މީހެއް ކުއްޔައް ހިފުން ހުއްދައެވެ. އަދި ފައިސާ(ރައުސްމާލް) ރައްކާކުރަން އެހެން މީހެއްގެ އަތުގައި ބެހެއްޓުން ވެސް ހުއްދައެވެ. އަދި ގަނެ ވިއްކަން ވަކީލެއްގެ އެހީވެސް ހޯދިދާނެއެވެ.

5- މުޟާރިބު ބެލެވެނީ، އެއީ ރައުސްމާލް އަމާނަތްތެރިކަމާއެކު ބަލަހައްޓާނެ މީހެއްގެ ގޮތުގައެވެ. ވީމާ ޤަސްތުގައި ގެއްލުން ދީ ފަރުވާ ކުޑަ ނުކުރާހާ ހިނދަކު، އޭނާ ރައުސްމާލާ ޖާމިނުވާން ނުޖެހެއެވެ. ރަހުނެއްގެ ގޮތުގައި އެއްޗެއް ނެގުމަކީ ރައުސްމާލް ދޭ ފަރާތަށް ހުއްދަ ކަމެކެވެ. ނުވަތަ މުޟާރިބް އޮޅުވާލައި، މަކަރު ހަދައި ނުވަތަ ގަސްތުގައި ގެއްލުމެއް ދީފި ހާލަތެއްގައި ޖާމިނުވާނެ އެހެން ތިންވަނަ ފަރާތެއް ޝަރުޠު ކުރުން ވެސް ހުއްދައެވެ.

ނަމަވެސް، ރައުސްމާލަށް ޖާމިނުވުން ނުވަތަ ވަކި ވަރެއް ފައިދާ ވާނެ ކަމަށް، މުޟާރިބު ޖާމިނުވާން ޖެހޭކަމަށް، ޢަޤުދުގައި ޝަރުޠުކުރެވިގެން ނުވާނެއެވެ. ކުރެވިއްޖެނަމަ އެ ޝަރުޠު އެއީ ބާޠިލް ޝަރުޠެކެވެ. ރަހުނު ކުރެވިދާނެ ކަމަށް، އަދި ތިންވަނަ މީހެއްގެ ވާހަކަ މަތީގައި އެވަނީ، އެއީ ގެއްލުން ވެއްޖެ ހާލަތެއްގައި ރައުސްމާލުގެ ވެރިފަރާތަށް، ރައުސްމާލް ޖާމިނުވިޔަ ދިނުމުގެ ގޮތަކުން ނޫނެވެ. އޭގެ ބޭނުމަކީ، ގަސްތުގައި ލަނޑު ދީފާނެ ހާލަތައްގެ ޖާމިނުކަން ހޯދުމެވެ. މިސާލަކަށް ރަހުނެއް ބަހައްޓާފައި މުޟާރަބާ ކުރަމުން ދަނިކޮށް، ޠޫފާނެއް އައިސް، ނުވަތަ ވިޔަފާރި ނުހިގައިގެން ރައުސްމާލް ގެއްލިގެން ދިޔައަސް، އެ ރަހުނުން އޭނާއަށް ވާނެ ފައިދާއެއް ނު އޮންނާނެއެވެ. އެހެނީ އޭގައި އޭނާގެ ޙައްޤެއް މި ވީގޮތުން ނު އޮންނާނެއެވެ. ޖެހޭނީ އެ ރައްދު ކުރާށެވެ. ނަމަވެސް، މުޟާރިން ގަސްތުގައި ގެއްލުމެއް ދީފިނަމަ، ރަހުނުގެ ބޭނުން ހިފޭނެއެވެ.

6- މުޟާރިބް އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ، ކުރެވިފައިވާ މުޟާރަބާއަށް މަންފާ ހުންނާނެ ގޮތަކަށެވެ. އެގޮތުން މުޟާރަބާ ކުރަން ދެވިފައި ހުރި ފައިސާ އެހެން މީހަކަށް ދަރަނީގެ ގޮތުގައި ދިނުން، އެއިން ހަދިޔާ ދިނުން، ރައުސްމާލަށް ވުރެ ބޮޑު އަގަކަށް އެއްޗެހި ގަތުން، ފައިސާގައި އެހެން މީހަކު ބައިވެރިކުރުން ފަދަ އެއްވެސް ކަމެއް، ރައުސްމާލުގެ ވެރިފަރާތުގެ އިޒުނައާ ނުލާ ކޮށްގެން ނުވާނެއެވެ. ފަހެ އެހެންވިއްޔާ، މުޟާރިބަށް ދަރަންޏަށް އެއްޗެހި ވިއްކިދާނެހެއްޔެވެ؟ ދަރަންޏަށް އެއްޗެހި ގަނެފައި މީހަކު ލާރި ނުދައްކާވެސް ފާނެ ނޫންހެއްވެ! މީގައި ދެ ރައުޔެއް އޮވެއެވެ. ރާޖިޙް ރައުޔަކީ، ޢާއްމު ޢުރުފަށް ތަބާވުމެވެ. ނަމަވެސް، ދަރަންޏަށް އެއްޗެހި ނުވިއްކުން ޝަރުޠު ކުރުން އެއީ ރައުސްމާލުގެ ވެރިފަރާތަށް ލިބިގެންވާ ޙައްޤެކެވެ. ނުވިއްކަން ޝަރުޠުކޮށްފައި ވަނިކޮށް، ވިއްކައިގެން އެ ލާރި ނުލިބިއްޖެނަމަ، ޒިންމާވާން ޖެހޭނީ މުޟާރިބްއެވެ.

7- ޢަޤުދުގައި ބައިވެރި ނުވާ ފަރާތެއް (ތިންވަނަ ފަރާތެއް)، އެއްވެސް ބަދަލެއް ނު އަތުލާ، ރައުސްމާލާ ޖާމިން ވުން މަނައެއް ނޫނެވެ. އެ ބެލެވެނީ އެހެން މީހަކު ހިލޭސާބަހަށް ކޮށްދޭ ކަމެއްގެ ގޮތުގައެވެ. މިސާލަކަށް ރައުސްމާލުގެ ވެރި މީހާއަށް މުޟާރިބް ލަނޑު ދީފިއްޔާ، ރައުސްމާލާ އެއްވަރު ޢަދަދެއް އަމިއްލަ ޖީބުން ދޭނެ ކަމަށް ރަށުގެ އެހެން މުއްސަންޖަކު ބުނުމެވެ. މި ޖާމިނުވުން ވާންޖެހޭނީ، އަސްލު ޢަޤުދުން ބޭރު ޖާމިނުވުމަކަށެވެ.

8- މުޟާރިބް މުޟާރަބާގެ މަސައްކަތެއްގައި ފުރައިފިނަމަ، އޭނާ ދަތުރުމަތީގައި ދާ ޚަރަދު، ލިބިފައިވާ ފައިދާއެއް ވާނަމަ، އެ ފައިދާއަކުން ނެގިދާނެއެވެ. ފައިދާ އަދި ލިބިފައި ނެތް ނަމަ، ނަގާނީ ރައުސްމާލު ތެރެއިންނެވެ. ރަށުގައި ހުންނަ ހުރުމުގައި އޭނާ ކުރަން ޖެހޭ ހުރިހާ އަމިއްލަ ޚަރަދެއް ވެސް ކުރަން ޖެހޭނީ، އަމިއްލަ ފައިސާއިންނެވެ. ނަމަވެސް، މުޟާރަބާގައި މަޝްޣޫލުވުމުގެ ސަބަބުން އޭނާގެ އަމިއްލަ އާމްދަނީ ހޯދުން ހުއްޓިއްޖެނަމަ، މުޟާރަބާ ފައިސާއިން ނެގިދާނެއެވެ.

9- މާލިކީ، ޙަންބަލީ (މީގެ ތެރޭގައި އިބްނު ތައިމިއްޔާ ހިމެނޭ) ދެކެވަޑައިގަންނަވަނީ، މުޟާރަބާ ކުރާށާއި، އަދި ހިލޭ ދަރަނި (ޤަރްޟުލް ޙަސަން) ދިނުމަށްޓަކައި، މުއްސަނދީންނަށް އެ މީހުންގެ ފައިސާ ވަޤްފު ކުރެވިދާނެ ކަމަށެވެ.

10- މުޟާރަބާ ޢަޤުދަކީ ލާޒިމު ޢަޤުދެއް ނޫނެވެ. މީގެ މާނައަކީ، ދެ ފަރާތުން ކުރެ ފަރާތެއް ޢަޤުދުގައި ބެނދެވިފައި ހުންނާކަށް ނުޖެހެއެވެ. ބޭންންވެއްޖެ ހިނދެއްގައި ޢަޤުދު އުވާލުމުގެ ޙައްޤު ދެ މީހުންނަށް ވެސް ލިބިގެން ވެއެވެ. ނަމަވެސް އަނެއް ބައިވެރިއާ އަށް އެކަން އަންގަން ޖެހޭނެއެވެ. ނަމަވެސް މާލިކީ މަޛްހަބުގައި މި މައްސަލަ އޮންނަނީ ތަފާތު ގޮތަކަށެވެ. މާލިކީ މަޛްހަބު ބުނަނީ، މަސައްކަތް ފެއްޓުމުން މުޟާރަބާ ޢަޤުދަކީ ލާޒިމު ޢަޤުދަކަށް ބަދަލުވާ ކަމަށެވެ. ވީމާ ދެ ފަރާތް އެއްބަސްވެގެން ނޫނިއްޔާ، ޢަޤުދު އުވާ ނުލެވޭނެއެވެ. މާލިކީ މި ރައުޔަކީ މަޞްލަޙަތާ އެއްގޮތް، ފައިދާ ބޮޑު ރައުޔެވެ. ވީމާ ރާޖިޙް ރައުޔަކީ މިއީއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.