ހުކުރު20201127

އާކުރެވުނީ: 08:43:52

ކުންފުނިތަކުގައި ހިއްސާވުން

kunfuni-thakuga-hissaavunހިއްސާ އަކީ :
ކުންފުނިތަކުގެ ހިއްސާ ގަތުން :

މުދާ ހިފައިގެން ބާޒާރަށް ގޮސް، ގަންނާނެއްބާ ކިޔައިގެން އެއްޗެހި ވިއްކި ޒަމާން މިހާރު ވަނީ ފާއިތުވެ ގޮސްފައެވެ. މި ޒަމާނު، ފިހާރައެއް ހުޅުވާނެ ބިމެއް ނެތިގެން، އެއްޗެހި ގަންނާނެ މީހަކު ރަށުގައި ނެތިގެން، ވިޔަފާރި އެއް ނުފެއްޓި ހުންނާކަށް ނުޖެހެއެވެ. ހެނދުނު އޮފީހަށް ނު ގޮސް، ކުންފުންޏަކުން ފައިދާ ލިބި ލިބި ހުންނާނެ ގޮތެއް ވިސްނިންހެއްޔެވެ؟ ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ނެތިގެން ވިޔަފާރި ނުފެއްޓި ހުންނާކަށް، މި އަދު ނުޖެހެއެވެ. މިހާރު މުއްސަނދި ވާން އެންމެ ފަސޭހަ ގޮތަކީ ހިއްސާގެ ވިޔަފާރީގެ ތެރެއަށް ވަނުމެވެ. ނަމަވެސް، މި ގޮތުން ވެސް ފަޤީރަކަށް މުއްސަނދި ނުވެވޭނެއެވެ. މި ދާއިރާއިން މުއްސަނިވެވޭނީ އަތުގައި ލާރި ހުރި މީހަކަށެވެ. މަސްދޯނިން ލިބޭ އެއްޗެއް ހޯދާލަ ހޯދާލަ ހުރުމުގެ ބަދަލުގައި، ދުނިޔޭގެ މަޝްހޫރު ކުންފުންޏަކުން ފައިދާ ލިބެން ބޭނުންހެއްޔެވެ؟

މުއްސަނދި ވާ ވާހަކަ އެއްފަރާތް ކޮށްލާފައި، މުއްސަނދި ވެވެނީ ރަނގަޅު ގޮތަކަށް ތޯ ބަލާލުން ކިހިނެއް ވާނެހެއްޔެވެ؟ ލާރި ޖަމާ ކުރެވެނީ ދީނީ މިންތަކުގެ ތެރޭގައި ތޯ ބަލާލުން މުހިއްމެވެ. މުއްސަނދި ވުމަކީ، ކޮންމެ އިންސާނެއްގެ ވެސް ހުވަފެނެވެ. މުސްލިމުން ވާން ޖެހެނީ ވެސް، މުއްސަނދި ވެވެން އޮތިއްޔާ، މުއްސަނދި ބަޔަކަށެވެ. އިސްލާމްދީނުގެ އިޤްތިޞާދީ ފަލްސަފާ ބިނާވެފައި އޮންނަނީ ވެސް މުޖްތަމަޢުން ފަޤީރުކަން ނައްތާލުމަށެވެ. ހައްދުފަހަނައަޅާފައި ތިބި ޞޫފީން ބުނާ ބަސް އަޑު އަހައި (މި ގޮތަށް ބުނާ ޞޫފީން ގިނައިން އުޅުނީ އިހުޒަމާނު) މުސްލިމުންނަކީ، ފަޤީރު ބަޔަކަށް ވެގެންފިނަމަ، ޒަކާތް ދޭނީ ދެން ކާކުހެއްޔެވެ؟ ޘަވާބު ހޯދަން ޞަދަޤާތް ދޭނީ ކާކުހެއްޔެވެ؟ ޖިހާދު ކުރަން ޚަރަދު ކުރާނީ ކާކުހެއްޔެވެ؟

އަނެއްކޮޅުން އަހަރެމެންނަކީ، ލާދީނީ ބައެއް ނޫނެވެ. ވީމާ ދީނަކަށް، އަޚްލާޤަކަށް ބެލުމެއް ނެތި، ހިތުހުރި ގޮތަކަށް ބަޔަކު ހިއްސާގެ ބާޒާރުގައި ވިޔަފާރި ކުރިއަސް، މުސްލިމުންގެ ހައިސިއްޔަތުން، އަހަރެމެން އެހެން ހަދައިގެން ފަރުނުޖެއްސޭނެއެވެ. ރާ ކުންފުންޏަކުން، މުސްލިމަކަށް ފައިދާ ނު ހޯދޭނެއެވެ. ރިބާ ކުންފުންޏަކުން މުސްލިމަކަށް ފައިދާ ނު ހޯދޭނެއެވެ. ލާރި ހޯދެނީ ހުއްދަ ގޮތުގައި ތޯ އާއި، ލާރި ހޭދަ ކުރެވެނީ ހުއްދަ ގޮތުގައި ތޯ ބެލުން، އެއީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެކެވެ. ސަބަބަކީ ލާރި ޖަމާކޮށްފައި، އަދި ހޭދަ ކޮށްފައި ދާން ޖެހޭ އެހެން ދުނިޔެއެއް އޮތީމައެވެ. އަދި އެ ދުނިޔޭގައި، މި ދުނިޔޭގައި ކުރި ކަންތަކާ، ލާރި ހޭދަ ކުރި ގޮތާ، ހޯދި ގޮތާ މެދު މަސްއޫލުވާންޖެހޭތީއެވެ.

ވީމާ މި ލިޔުމުގައި މި ހިމަނާލަކީ، ހިއްސާގެ ވިޔަފާރީގެ ތެރޭގައި އުޅޭ މީހަކަށް މުހިއްމު ބައެއް ލުއި މަޢްލޫމާތުތަކެވެ. ދީނީ މަޢްލޫމާތުތަކެކެވެ.

ހިއްސާ އަކީ :

ހިއްސާ (ސަހުމް/ސްޓޮކް/ޝެއާރ) ގެ ކުރު ސާދާ މާނައަކީ، އެއީ ހިއްސާ ވާކުންފުންޏެއްގެ ރައުސްމާލުގައި ހިއްސާވާ ހިއްސާވުމެކެވެ. އަދި އެކަން ސާބިތުކޮށްދޭ ސަނަދެކެވެ. މި ގޮތަށް ކުންފުނީގެ ހިއްސާ ވިއްކާލެވޭއިރު ވިއްކާލެވޭނީ ހުރިހާ ހިއްސާއެއްގެ އަގުވެސް ހަމަހަމަ ގޮތަކަށެވެ. މިސާލަކަށް ފަންސާސް ރުފިޔާ ފަންސާސް ރުފިޔާގެ އެއްމިލިއަން ހިއްސާއެވެ. ކުންފުންޏެއްގެ ހިއްސާއެއް އަތުގައި އޮތުމުގެ މާނައަކީ، އެ ކުންފުނީގެ މިލްކިއްޔާތާއި ކުންފުންޏަށް ވާ ފައިދާގައި ތިމާގެ ބައެއް ވާކަމެވެ. ގިނަ ހިއްސާ ގަތް ވަރަކަށް، ކުންފުނީގެ މިލްކިއްޔާތާއި ފައިދާގެ ބޮޑު ހިއްސާއެއް ލިބޭނެއެވެ.

ހިއްސާއެއް އޮތުމުގެ މާނައަކީ، އެއީ ކުންފުންޏެއްގެ ގިނަ ވެރިންތަކެއްގެ ތެރޭގައި އޭނާ ވެސް ހިމެނުމެވެ. ކުންފުނީގެ ވޯޓުނެގުންތަކުގައި ވޯޓު ދިނުމުގެ ޙައްޤުވެސް ލިބުމެވެ. ގިނަ ހިއްސާގަތުމުން -ކުންފުންޏަށް ފައިދާ ވަންޏާ- އެ މީހަކަށް ގިނަ ލާރި (ފައިދާގެ ގޮތުގައި) ލިބޭނެއެވެ. އަދި ގެއްލުން ވާ ފަހަރަކު ލިބޭ ގެއްލުމުގެ ޢަދަދުވެސް ބޮޑުވާނެއެވެ. ނަމަވެސް ގެއްލުން ތަޙައްމަލު ކުރަން ޖެހޭނީ، ގަނެފައިފައިވާ ހިއްސާގެ މިންވަރަކުންނެވެ. ކުންފުންޏެއްގެ ހިއްސާއެއް ގަތުމުގެ މާނައަކީ، އެ ކުންފުނީގައި ބައިވެރިވެ ހިއްސާދާރަކަށް ވުމެވެ.

މީގެ އިދިކޮޅު އެއްޗަކީ ބޮންޑު އެވެ. ބޮންޑަކީ ވެސް ހިއްސާ ''ކަހަލަ'' އެއްޗެކެވެ. ކުންފުނިން ނުވަތަ ސަރުކާރުން ވިއްކާ ސަނަދެކެވެ. ކޮންމެ ސަނަދަކީ ވެސް އޭގައި ވަކި އަގެއް ހާމަކުރެވިފައިވާ ކަރުދާސްގަނޑެކެވެ. ކުންފުނިތަކުން ހިއްސާ ވިއްކުމުގެ އެއް ބޭނުމަކީ ނަގުދު ފައިސާ ގިނަ ޢަދަދަކަށް ހޯދުމެވެ. ހަމަ އެހެންމެ ބޮންޑު ވިއްކަނީ ވެސް ހަމަ އެ ބޭނުމުގައެވެ.

ނަމަވެސް ހިއްސާ އާ ބޮންޑާ އެއީ މުޅިން ތަފާތު ދެ އެއްޗެކެވެ. ދޭތީގެ ޝަރުޢީ ޙުކުމް ވެސް މުޅިން ތަފާތެވެ. އަދި ދޭތީގެ ޙަޤީޤަތް ވެސް ތަފާތެވެ. ނުރައްކާ ތަޙައްމަލު ކުރުން ވެސް ތަފާތެވެ.

ބޮންޑުގެ މާނައަކީ، އޭތި އަތުގައި އޮތް މީހާ ކުންފުންޏަށް ދަރަނި ދީގެން ހުރިކަމެވެ. އަދި ކަނޑައެޅިފައިވާ އަހަރުތަކެއް ފަހުން އެ ދަރަނި އަނބުރާ ލިބޭނެއެވެ. އަދި އެއްބަސްވެވިފައިވާ މުއްދަތުތަކުގައި ފައިދާ(ރިބާ) ވެސް ލިބޭނެއެވެ. ކުންފުނި ބަނގުރޫޓު ވިޔަސް އެ ދަރަނި ލިބޭނެއެވެ. ހިއްސާ ގަނެގެން ހުންނަ މީހާ އުފުލަން ޖެހޭ މާލީ ނުރައްކާ ބޮޑުވެފައި، ކުންފުނި ކާމިޔާބު ނަމަ، ލިބޭ ފައިދާ ވެސް އިތުރުވެއެވެ. ނަމަވެސް ބޮންޑުގައި އެ ނުރައްކަލެއް ނެތެވެ. ކުންފުނި ކިތަންމެ ކާމިޔާބަސް، އޭނާއަށް ލިބޭނީ ކުރިން ކަނޑައެޅިފައިވާ ވަކި ނިސްބަތެކެވެ. (ރައުސްމާލުގެ ނިސްބަތެއް) . އަދި މުއްދަތު ހަމަވުމުން، ދިން ދަރަނި އެއްކޮށް އަނބުރާ ލިބޭނެއެވެ.

ބޮންޑަކީ ޝަރުޢީ ގޮތުން ކަނޑައެޅިގެން ޙަރާމް އެއްޗެކެވެ. ސީދަލަށް ބުނަންޏާ ރިބާ އެވެ. ނަމަވެސް ހިއްސާއަކީ އޭގެ ޒާތުގައި ހުއްދަ އެއްޗެކެވެ. ބޭނުންތެރި، އަދި މަންފާހުރި އެއްޗެކެވެ. ނަމަވެސް ހިއްސާގެ ޙަލާލް ޙަރާމް އެނގޭނީ، އެ ކުންފުންޏަށް ބެލީމައެވެ. ތިރީގައި މި ވަނީ މީގެ ތަފްޞީލެވެ.

މި ނުކުތާ ނިންމާލުމުގެ ކުރިން ބުނަން ޖެހެނީ، ހިއްސާއަކީ ހުއްދަ އެއްޗެއް ކަމަކު، ހިއްސާ ގަނެ ވިއްކުމުގައި ކަންތައް ކުރެވޭ ގޮތަކުން އެއީ ހުއްދަ ކަމަކަށް ނުވެ ހިނގައިދާނެއެވެ. މިސާލަކަށް، މިލްކުގައި ނެތް ހިއްސާއެއް ވިއްކުމެވެ. ނުވަތަ ރިބާ ދަރަންޏެއް ނަގައިގެން ހިއްސާގަތުމެވެ. ހަމަ އެހެންމެ އިމްތިޔާޒީ ހިއްސާ އަކީ ވެސް ހުއްދަ އެއްޗެއް ނޫނެވެ. އިމްތިޔާޒީ ހިއްސާއޭ ބުނެވެނީ، ރައުސްމާލް ޖާމިނުވުމާއި، ސާބިތު ވަކި ފައިދާއެއް ލިބޭ ގޮތަށް ބައެއް ކުންފުނިތަކުން ދޫކުރާ ހިއްސާއަކަށެވެ. މަޖްމަޢް ގެ ޤަރާރުގައި ވާ ގޮތުން މި ކަހަލަ އިމްތިޔާޒީ ހިއްސާ ހުއްދައެއް ނޫނެވެ. މިހެން މިކަން އޮތަސް، ހިއްސާގެ އަސްލު ޙުކުމަކީ ހުއްދަވުމެވެ.

ކުންފުނިތަކުގެ ހިއްސާ ގަތުން :

ކުންފުނިތަކުގެ ހިއްސާ ގަތުން ހުއްދަ ހެއްޔެވެ؟ ކަމުގެ އަޞްލަށް ބަަލާއިރު، ކުންފުނިތަކުގެ ހިއްސާ ގަނެ ވިއްކައި، ނުވަތަ އަމިއްލަ ބޭނުމަކަށް ގަތުން ވެސް ހުއްދައެވެ. ނަމަވެސް ކޮންމެ ކޮންމެ ކުންފުންޏެއްގެ ހިއްސާ ގަނެ ކުންފުނީގައި ބައިވެރިވުން ހުއްދައެއް ނޫނެވެ. މި މައްސަލައިގެ ކުރު ޚުލާޞާއެއް ތިރީގައި މި ވަނީއެވެ.

އެންމެ ފުރަތަމަ ބުނަން އޮތް ވާހަކަ އަކީ، ޤައުމުގައި ޙަލާލް ކުންފުނިތަކެއް ހުރެއްޖެނަމަ، ޙަރާމް ކުންފުނިތަކެއްގައި ބައިވެރިވުން ހުއްދައެއް ނުވާނެއެވެ. ޙަލާލް ކުންފުނިތަކެއް ނެތް ނަމަ، ކޮންމެ ވެސް ބަޔަކު އެ އުފައްދަން ޖެހޭނެ ކަމެވެ. އިސްލާމީ ޤައުމެއް ނަމަ، މިކަމުގެ މުހިއްމުކަން އިންތިހާއަށް ވެސް ބޮޑެވެ.

ޙަލާލް ކުންފުނީގެ މާނައަކީ ދީނުގައި ހުއްދަ މުޢާމަލާތުތަކާއި ވިޔަފާރި ނުވަތަ ޞިނާއީ މަސައްކަތްތަކާއި ނުވަތަ ހުއްދަ ޚިދުމަތް ދިނުމުގެ މަޤްޞަދުގައި އުފައްދާ ކުންފުނިތަކެވެ. ސަރުކާރުގެ ނުވަތަ އަމިއްލަ ކުންފުނިތަކަށް ވިޔަސް ވަރިހަމައެވެ. މިސާލަކަށް، ގަނެވިއްކުމުގެ ވިޔަފާރި، ކާރުޚާނާ، ދަނޑުގޮވާން ކުރުން، މަސްވެރިކަން، މުވާޞަލާތީ ޚިދުމަތް، ދަތުރުފަތުރުގެ ޚިދުމަތްތައް ފަދަ (މިއީ މަދު މިސާލުކޮޅެއް) ކުންފުނިތަކެވެ. ދެން މި މަޤްޞަދުގައި އުފެއްދޭ ކުންފުނި ޙަލާލް ކުންފުންޏަކަށް ވާނީ، އެ ކުންފުނި އުފައްދަން ރިބާ ހިމެނޭ ލޯނެއް ނު ނަގައި، އަދި ކުންފުންޏަށް ލިބޭ ފައިސާ ރިބާ ބޭންކަކަށް ލައިގެން އެއަށް ރިބާ ފައިދާ ނުނަގާނަމައެވެ.

މިފަދަ ކުންފުނިތަކުގައި ވަޒީފާ އަދާ ކުރުމާއި، ހިއްސާ ގަތުމުގެ އެއްވެސް މައްސަލައެއް ދީނީގޮތުން ނެތެވެ. ޒަމްޒަމްފެން ހާ ޙަލާލެވެ. މިކަހަލަ ކުންފުނިތަކަށް ނަމެއްގެ ގޮތުން ''ސާފުކުންފުނި'' އޭ ކިއީދާނެވެ. (މިއީ މިހާރު މުޞްޠަލަޙައަކަށް ވެފައިވާ ބަހެއް)

މިފަދަ ކުންފުންޏެއް ނެތް ޤައުމެއް ނަމަ، މައްސަލައިގެ ތަފްޞީލު ތަކެއް އެބަ އޮތެވެ. ޙަލާލް ނޫން ކުންފުނި ބެހިގެން ވަނީ ދެ ބަޔަކަށެވެ. އެއީ :-

1- ހިއްސާ ގަތުން، އެއް ގޮތަކަށް ވެސް ހުއްދަ ނޫން ކުންފުނިތައް :

މީގެ މިސާލަކީ : ރިބާ ބޭންކުތައް، އަދި ބޭންކު ނޫނަސް، ހުއްދަ ނޫން ފައިސާގެ މުޢާމަލާތު ކުރާ ބޮޑެތި މާލީ މުއައްސަސާތައް، ހުއްދަ ނޫން މުޢާމަލާތް ކުރާ އިންޝޫރެންސް ކުންފުނިތައް، ޖުވާކުޅުމުގެ ވިޔަފާރި ކުރާ ކުންފުނިތައް، ރަލާ އޫރުމަސް ފަދަ އެއްޗެހި އުފައްދާ ފެކްޓަރީތަކުގެ ކުންފުނިތައް، ވަގަށް ފައިސާ ދޮވުމުގެ މަސައްކަތް ކުރާ ކުންފުނިތައް، ނައިޓްކްލަބުތަކާއި އޮރިޔާން ފިލްމާއި، މުޅިންވެސް ދީނީ ހަމަތަކަށް ނުފެތޭ ފިލްމާއި ލަވަ އުފައްދާ ކުންފުނިތައް، އެވެ.

މި ފަދަ ކުންފުނިތަކުގެ ހިއްސާ ގަތުން، ހުއްދަ ނޫން ކަމަށް ހުރިހާ ޢިލްމުވެރިން އެއްބަސްވެލައްވައެވެ. އެހެނީ، ޖުވާ ކުންފުންޏެއް، ނުވަތަ ރިބާ ބޭންކެއްގެ ހިއްސާ ގަތުމުގެ މާނައަކީ، ހިއްސާ ގަތް މީހާ އަކީ އެ މަސައްކަތް ކުރާ، އަދި އެ މަސައްކަތުން އާމްދަނީ ހޯދާ މީހަކަށް ވުމެވެ.

ރާބިޠަތުލް ޢާލަމުލް އިސްލާމީގެ މަޖްމަޢުލް ފިޤްހުލް އިސްލާމީ، އަޒްހަރުގެ މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ ފަދަ، އިސްލާމީ ބޮޑެތި ފިޤުހު މަޖްމަޢްތަކުން ވަނީ، މިފަދަ ކުންފުނިތަކުގައި ހިއްސާ ވުން ޙަރާމް ކަމަށް ބުނެ، އެތައް ޤަރާރެއް ނެރެފައެވެ.

އަދި މިފަދަ ކުންފުނިތަކުގައި މަސައްކަތް ކުރުން ވެސް ހުއްދައެއް ނޫނެވެ. އެއީ ޙަރާމް ކަމަކަށް އެހީތެރި ވެ ދެވޭތީއެވެ. ނަމަވެސް، ވަރަށް ބޮޑު ޟަރޫރަތަކަށްޓައި، ވަގުތީ ގޮތަކަށް، މަސައްކަތް ކުރުން ހުއްދަ ވެދާނެ ކަމަށް ބައެއް ޢިލްމުވެރިން ފަތުވާ ދެއްވައެވެ.

2- ޙަލާލް ނޫން ކުންފުނިތަކުގެ ދެވަނަ ވައްތަރަކީ :-

މިއީ ދީނުގައި ހުއްދަ ކަންތައްތައް ކުރުމަށްއުފެއްދޭ ކުންފުނިތަކެވެ. މިސާލަކަށް، ޚިދުމަތުގެ ވިޔަފާރި، ގަނެވިއްކުމުގެ ވިޔަފާރި، ކާރުޚާނާ، ދަނޑުގޮވާން ކުރުން، މަސްވެރިކަން، ދަތުރުފަތުރުގެ ޚިދުމަތްތައް ދިނުމަށެވެ.

ނަމަވެސް މި ކުންފުނިތައް އުފައްދަން ވެގެން އަތުގައި އެހާ ގިނަ ފައިސާ ނެތުމުން، ނުވަތަ އެހާ ގިނަ ފައިސާ އެއްފަހަރާ އަތުން ދޫ ނުކުރަންވެގެން، ރިބާ ފައިދާ ހިމެނޭ ލޯނު ނަގައެވެ. މިއީ ޙާރާމް ކަމެކެވެ. ނޫނީ މިފަދަ ކުންފުންޏެއް އަމިއްލަ ފައިސާގައި އުފައްދާފައި ނުވަތަ -އިސްލާމީ ބޭންކަކާ ގުޅިގެން ހުއްދަ މުޢާމަލާތެއްގެ ދަށުން ކުންފުނި އުފައްދާފައި- ކުންފުނިން ވާ ފައިދާ، މަގު އަނެއް ފަޅީގައި ހުރި ރިބާ ބޭންކަކަށް ލާފައި، އެއަށް ފާއިދާ އަތުލާފާނެއެވެ. މިއީ ޙަރާމް ކަމެކެވެ.

ވީމާ، މި ފަދަ ކުންފުނިތަކުގެ އޮތް މައްސަލައަކީ، ކުންފުނީގެ އަސްލު މަސައްކަތް ޙަލާލް ވިޔަސް، އެ މަސައްކަތް ކުރުމުގެ ތެރެއަށް ޙަރާމް ކަމެއް(ރިބާ) ވަނުމެވެ. ވީމާ މި އޮތީ ޙަލާލް ބަޔަކާއި ޙަރާމް ބައެއް އެއްވެފައެވެ. މިކަހަލަ ކުންފުނިތަކަށް، ''ޙަރާމާއި ޙަލާލް އެއްވެފައި ވާ'' ކުންފުންޏޭ ބުނެވިދާނެއެވެ. (މިއީ މިހާރު މުޞްޠަލަޙައަކަށް ވެފައިވާ ބަހެއް)

މިފަ ކުންފުނިތަކުގެ ހިއްސާގައި ބައިވެރިވުމާ ބެހޭ ގޮތުން، ޢިލްމުވެރިން ޚިލާފުވެވަޑައިގަންނަވައެވެ:-

ހ- ސުޢޫދިއްޔާގެ ފަތުވާއާއި ބެހޭ ދާއިމީ ކޮމިޓީ އާއި، ކުވައިތުގެ ބައިތުއް ތަމްވީލުލް ކުވައިތީ (ކޭއެފްއެޗް) އާއި، ދުބައި އިސްލާމީ ބޭންކުގެ ޝަރުޢީ ކޮމިޓީ އާއި، ސޫދާނުގެ އިސްލާމީ ބޭންކުގެ ޝަރުޢީ ކޮމިޓީ އާއި، އަދި މި ޒަމާނުގެ ގިނަ ފިޤުހުވެރިން ވެސް ވިދާޅުވަނީ މި ފަދަ ކުންފުނިތަކުގައި ހިއްސާވުން ހުއްދަ ނުވާނެ ކަމަށެވެ.

ރާބިޠަތުލް ޢާލަމުލް އިސްލާމީގެ މަޖްމަޢުލް ފިޤްހީ އަލްއިސްލާމީ ވެސް ޤަރާރު ނެރެފައިވަނީ ހުއްދަ ނޫންކަމަށެވެ. ޤަރާރުގައި ބުނެފައި ވަނީ ''އޭގެ ބައެއް މުޢާމާލާތްތަކުގެ ތެރެއަށް ރިބާ ވަދެއްޖެ ކުންފުއްޏެއްގެ ހިއްސާ ގަތުމަކީ، އެކަން އެނގިހުރެ، މުސްލިމަކަށް ހުއްދަ ކަމެއް ނޫނެވެ.''

އޯ.އައި.ސީ ގެ މަޖްމަޢުލް ފިޤުހުލް އިސްލާމީ އިން ނެރެފައިވާ ޤަރާރުގައި ބުނެފައި ވަނީ ''ބައެއް ފަހަރު، ރިބާފަދަ ޙަރާމް ވިޔަފާރި މުޢާމަލާތް ހިންގާ ކުންފުނިތަކުގައި ހިއްސާވުމުގެ އަސްލަކީ، އެކަން ޙަރާމް ވުމެވެ. އެއީ އެ ކުންފުނިތަކުގެ އަސާސީ މަސައްކަތް އެއީ ހުއްދަ މަސައްކަތެއް ކަމުގައި ވިޔަސް މެއެވެ''

ހުރިހާ އިސްލާމީ ޤައުމުތައް ތަމްސީލު ކުރާ އޯ.އައި.ސީ (މުނައްޡަމަތުލް މުއުތަމަރުލް އިސްލާމީ) ގެ ފިޤުހު މަޖްމަޢުން އެއީ ޙަރާމް އެއްޗެއް ކަމަށް ބުނުމުން، ބެލެވޭނީ އެއީ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔު ކަމަށެވެ. މި ޤަރާރު މިހެން އޮވެފައި އަދި ގިނަ ޢިލްމުވެރިން، މި ގޮތަށް ބުނުމުން، މުސްލިމުންނަށް ޖެހޭނީ، އިސްލާމީ އިޤްތިޞާދުގެ ދަށުން، ހުއްދަ ގޮތަކަށް ކުންފުނި އުފައްދާށެވެ.

(ނޯޓް: ވަރަށް ގިނަ އިސްލާމީ ޤައުމުތަކުގައި މިހާރު އެތަކެއް އިސްލާމީ ބޭންކު ހުރޭ، އަދި އެތަކެއް ބޮޑެތި ސިންގާ ކުންފުނިތައް ވެސް ވަނީ، ރިބާ ލޯން ނުނަގާ އުފައްދާފައި. އަދި ދުނިޔޭގެ މަޝްހޫރު ބޮޑެތި ބޭންކުތަކުން ވެސް ދަނީ އިސްލާމީ މުޢާމަލާތު ކުރާ ކުޑަދޮރުތަކެއް ނުވަތަ ގޮފިތަކެއް އެ ބޭންކުތަކުގައި ހުޅުވަމުން. ވީމާ މިހާރު، ކުންފުނި އުފައްދަން ހުއްދަ ގޮތަކަށް އެހާ ގިނަ ލާރި ލިބެން ނެތޭ ބުނެ އުޒުރު ދެއްކޭކަށް ނެތް)

ށ- ބައެއް ޢިލްމުވެރިން ވަކި އިންތަކަކާއި ޝަރުޠުތަކެއްގެ ދަށުން މިފަދަ ކުންފުނިތަކުގެ(ދެބައި އެއްވެފައިވާ ކުންފުނި) ހިއްސާ ގަތުން ހުއްދަ ހުއްދަ ކަމަށް ވިދާޅުވެއެވެ. އެ ބޭފުޅުންގެ ތެރޭގައި އައްޝައިޚް ޔޫސުފުލް ޤަރަޟާވީ، އައްޝައިޚް ޢަލީ މުޙްޔިއްދީން އަލްޤުއްރާ ދާޣީ، ރާޖިޙީ ބޭންކުގެ ޝަރުޢީ ކޮމިޓީ، އުރުދުން އިސްލާމީ ބޭންކުގެ ޝަރުޢީ ކޮމިޓީ، އަލްބަރަކާ ބޭންކުގެ ހަވަނަ ބައްދަލުވުން ހިމެނެއެވެ.

އެގޮތުން މިތާ މި ލިޔެލަނީ ސުޢޫދިއްޔާގެ އެންމެ ބޮޑު މާލީ އެއް މުއައްސަސާ ކަމުގައިވާ ''ޝަރިކަތު އައްރާޖިޙީ އަލް މަޞްރަފިއްޔާ'' (އައްރާޖިޙީ ބޭންކިން އެންޑް އިންވެސްޓްމެންޓް ކޯޕަރޭޝަން) ގެ ޝަރުޢީ ކޮމިޓީން ކަނޑައެޅި ޝަރުޠުތަކެވެ :-

1- ކުންފުނީގެ ތައުސީސީ އެއްބަސް ވުމުގައި އެ ކުންފުނީގެ ސިޔާސަތަކީ، ޙަރާމް މުޢާމަލާތްތަކެއް ކުރާނެ ކުންފުންޏެއް ކަމަށް ބުނެފައި އޮވެގެން ނުވާނެއެވެ. ކުންފުނި އުފެއްދުމުގެ ޤަވާޢިދުގައި، ރިބާ ދަރަނި ނަގާނެ ކަމަށް، ނުވަތަ ޙަރާމް ކަމެއް ކުރާނެ ކަމަށް ބުނެފިނަމަ، އެ ހިސާބުން އެ ކުންފުނީގައި ބައިވެރިވުން ހަރާމްވީއެވެ.

2- މި ފަދަ ކުންފުނިތަކުގެ ހިއްސާ ގައި ބައިވެރި ވުން ހުއްދަ ވާނީ، ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައެވެ. އަދި ރިބާ އާއި އެކަހެރިވާ ކުންފުނިތަކެއް ހުރެއްޖެނަމަ، ޖެހޭނީ އެ ކުންފުނިތަކުން ފުއްދާފައި، ރިބާ ހިމެނޭ ކުންފުނިތަކާ ދުރުވާށެވެ.

3- ނަގާފައިވާ ރިބާ ހިމެނޭ ލޯނު -ކުރު މުއްދަތެއްގެ ލޯނަކަސް އަދި ދިގުމުއްދަތެއްގެ ލޯނަކަސް- ، ކުންފުނީގެ ހުރިހާ މުދަލެއްގެ 25 އިންސައްތައަށް ވުރެ ގިނަ ވެގެން ނުވާނެއެވެ. ކިތަންމެ މަދު މިންވަރެއް ވިޔަސް، ކިތަންމެ ގިނަ މިންވަރެއް ވިޔަސް ރިބާ ޙަރާމް ކަން މިތާނގައި ނޯޓު ކޮށްލަމެވެ. ފަންސަވީސް އިންސައްތަ މި ބުނީ ކުރީގައި (310 ވަނަ ޤަރާރުގައި) ކުންފުނީގެ ތިންބައި ކުޅަ އެއްބައި ކަމަށް، އަހަރެމެން ބުނެފައިވާ ޢަދަދު ދަށްކޮށްފައެވެ.

4- ކުންފުނީގައި ހިމެނޭ ޙަރާމް އެއްޗަކުން ލިބުނު އާމްދަނީ، ކުންފުނީގެ ޖުމްލަ އާމްދަނީގެ 5 އިންސައްތައަށް ވުރެބޮޑު ނުވުމެވެ. މިސާލަކަށް، ރިބާ ފައިދާ ލިބޭ ގޮތަށް ކުންފުނީގެ ލާރި ބޭންކަކަށް ލުން، ނުވަތަ ކޮންޓްރެކްޓަށް ހުއްދަ ނޫން މަސައްކަތްތަކެއް ކޮށްގެން ލާރި ހޯދުން ފަދަ ކަންތަކެވެ.

5- ޙަރާމް އެއްޗެހި ހުރި މިންވަރު -ބޭންކެއްގައި ރިބާއާ އެކު ބެހެއްޓިޔަސް ނުވަތަ މިލްކުގައި ހުރި ޙަރާމް އެއްޗެއް ވިޔަސް- ކުންފުނީގެ މުޅި ހުރިހާ މުދަލެއްގެ 15 އިންސައްތައަށް ވުރެ ގިނަ ނުވުމެވެ.

6- މިފަދަ ކުންފުންޏެއްގައި ހިއްސާވެގެން ލިބޭ ފައިދާއެއްގައި ހިމެނޭ ޙަރާމް ނިސްބަތް، ސާފުކޮށްލަން ޖެހޭނެއެވެ. ކުންފުނިން މިކަން ނުކުރާނަމަ، އަމިއަލައަށް މިކަން ކުރަން ޖެހޭނެއެވެ. އެކަން ކުރާނެ ގޮތަކީ، ލިބިފައިވާ ޙަރާމް ފައިދާ ކުންފުނީގެ ހިއްސާގެ ޢަދަދުން ގެއްލާނީއެވެ. ދެން ނުކުންނަ ނަތީޖާއެއް އޭނާ އަތުގައި ހުރި ހިއްސާ އާއި ގުނަކޮށްލާނީއެވެ. ސާފުކޮށްލެވޭ މި ފައިސާ ކޮންމެވެސް ޢާއްމު މަންފާއަކަށް، ޞަދަޤާތުގެ ނިޔަތަކާ ނުލާ، ހޭދަ ކުރެވިދާނެއެވެ.

މަތީގައިވާ ނިސްބަތްތަކަކީ، މި ކޮމިޓީގެ އިޖްތިހާދަށް ފެނުނު ނިސްބަތްތަކެއް ކަން ފާހަނގަ ކޮށްލަމެވެ. އެއި ބޭނުން ޖެހިއްޖެ ހާލަތެއްގައި މިއީ މަދުކޮށް އަދި އަލުން ވިސްނިދާނެ މައްސަލައެކެވެ. (މި ކޮމިޓީގައި ތިއްބެވި ޢިލްމުވެރިން :- ޢަބްދުﷲ ބިން ޢަބްދުލް ޢަޒީޒް ބިން ޢުޤައިލް، ޢަބްދުﷲ ބިން ސުލައިމާން މަނީޢް، ޢަބްދުﷲ ބިން ޢަބްދުއްރަޙްމާން އަލްބައްސާމް، ޢަބްދުﷲ ބިން ޢަބްދުﷲ އައްޒާއިދް، ޞާލިޙް ބިން ޢަބްދުﷲ ޙުމައިދް، ޢަބްދުރަޙްމާން ބިން ޞާލިޙް އަލްއަޠްރަމް) ( ރާޖިޙީން ބުނެފައިވާ ވާހަކަ ނިމުނީ) .

މަތީގައި ދިޔަ ހުރިހާ ހާލަތެއްގައި ވެސް، މުސްލިމެއްގެ މައްޗަށް ވާޖިބު ވެގެން ވަނީ، ރައްކާތެރިވެ ޝުބުހާތްތަކާ ދުރުވެގަތުމެވެ. ރަސޫލާގެ ޞަޙާބީ ބޭކަލުން، ޙަރާމް ކަމެއް ކުރެވިދާނެ ކަމުގެ ބިރަށްޓަކައި، ހުއްދަ ނުވަދިހަ ނުވަ ކަންތައް ދޫކޮށްލައްވައެވެ. ފަހެ ޝައްކެއް ވެސް ނެތް ގޮތުގައި ތަޤުވާވެރި ކަމަކީ އަދި ވަރަޢްވެރި ކަމަކީ މިއީއެވެ. ބުޚާރީއާ މުސްލިމް ރިވާ ކުރެއްވި ޙަދީޘްފުޅެއްގައި ވަނީ : ‏النُّعْمَانَ بْنَ بَشِيرٍ ‏ ‏يَقُولُ ‏ : سَمِعْتُ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يَقُولُ ‏ ‏الْحَلَالُ بَيِّنٌ وَالْحَرَامُ بَيِّنٌ وَبَيْنَهُمَا مُشَبَّهَاتٌ لَا يَعْلَمُهَا كَثِيرٌ مِنْ النَّاسِ فَمَنْ اتَّقَى الْمُشَبَّهَاتِ ‏ ‏اسْتَبْرَأَ ‏ ‏لِدِينِهِ وَعِرْضِهِ وَمَنْ وَقَعَ فِي ‏ ‏الشُّبُهَاتِ ‏ ‏كَرَاعٍ يَرْعَى حَوْلَ ‏ ‏الْحِمَى ‏ ‏يُوشِكُ أَنْ ‏ ‏يُوَاقِعَهُ ‏ ‏أَلَا وَإِنَّ لِكُلِّ مَلِكٍ ‏ ‏حِمًى ‏ ‏أَلَا إِنَّ ‏ ‏حِمَى ‏ ‏اللَّهِ فِي أَرْضِهِ ‏ ‏مَحَارِمُهُ ‏ ‏أَلَا وَإِنَّ فِي الْجَسَدِ ‏ ‏مُضْغَةً ‏ ‏إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ أَلَا وَهِيَ الْقَلْبُ

މާނައަކީ: ނުޢްމާން ބިން ބަޝީރު ވިދާޅުވިއެވެ. ރަސޫލުއްﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި އަޑު އެހީމެވެ. ޙަދީޘްކުރެއްވިއެވެ. ''ޙަލާލް ކަންތައްތަކީ ބަޔާންވެ ފާޅުވެފައިވާ ކަންތަކެކެވެ. އަދި ޙަރާމް ކަންތަކަކީ ބަޔާންވެ ފާޅުވެފައިވާ ކަންތަކެކެވެ. އަދި މި ދެމެދުގައި ޝައްކު ކުރެވޭ ކަންތަކެއް ވެއެވެ. މިކަންތަކަކީ ވަރަށް ގިނަ ބަޔަކަށް ނޭނގޭ ކަންތަކެކެވެ. އަދި ޝައްކު ކުރެވޭ މި ކަންތަކާ ދުރުވެގެންފި މީހަކު އޭނާގެ ދީނާއި އަބުރު ރައްކާތެރި ކޮށްފިއެވެ. އަދި ޝައްކު ކުރެވޭ ކަންތަކުގެ ތެރެއަށް ވަދެއްޖެ މީހެއްގެ މިސާލަކީ، އެހެން މީހެއްގެ މިލްކުވެރި ދަނޑެއް ކައިރީގައި، ހުއިހައްޕަން އުޅޭ މީހެއްގެ މިސާލެވެ. ފަހެ ކޮންމެ ހިނދުކޮޅެއްގެ ތެރޭގައި ވެސް އޭނާއަށް އެ ދަނޑަށް އޮޅިގެން ވަދެވިދާނެއެވެ. މީސްތަކުންނެވެ. ހަނދާންބަހައްޓާށެވެ! ކޮންމެ ރަސްކަލެއްގެ ވެސް މިލްކުވެރި ދަނޑުތަކެއް ވެއެވެ. ފަހެ މި ބިންމަތީގައިވާ ﷲ ގެ ''ދަނޑުތަކަކީ''، އެކަލާނގެ ޙަރާމް ކުރައްވާފައިވާ ކަންތަކެވެ. ހަނދާންބަހައްޓާށެވެ! ހަށިގަނޑުގައި މަސްކޮޅެއް ވެއެވެ. އެ ރަނގަޅު ވެއްޖެނަމަ(ޞާލިޙުވެއްޖެނަމަ) މުޅި ހަށިގަނޑު ރަނގަޅުވެއެވެ. އަދި އެ ފާސިދު ވެއްޖެނަމަ، މުޅި ހަށިގަނޑު ފާސިދުވެއެވެ. އެއީ ހިތެވެ. '' (ރިވާކުރެއްވީ: ބުޚާރީ އަދި މުސްލިމް)

ނޯޓް : މި ޙަދީޘްގައި ކީރިތި ރަސޫލާ ބަޔާން ކޮށްދެއްވާފައި ވަނީ ޙަލާލްކަން އެނގޭ ކަންތަކާއި ޙަރާމްކަން ސާފުކޮށް އެނގޭކަންތަކެއް ވާކަމެވެ. އަދި މި ދެގޮތުން ކުރެ ގޮތެއް ކަނޑައެޅިގެން ނޭނގޭ ކަންތަކެއް ވެސް ވާ ކަމަށެވެ. ފުރިހަމަ، ރަނގަޅު މުއުމިނަކީ މިފަދަ ޙުކުމާ މެދު ޝައްކު ކުރެވޭ ކަންތަކާ ދުރުވާ މީހާ ކަމަށެވެ. ދެން ޙަރާމް ކަންތައް، ރަސޫލާ ސިފަ ކުރެއްވީ މީހުން ހުއިހައްޕަން ގޮސް އުޅޭ ދަނޑަކާއެވެ. ކުރީ ޒަމާނުގައި ކޮންމެ ރަސްކަލެއްގެ ވެސް އަމިއްލަ ވަކި ޚާއްޞަ ދަނޑުތަކެއް ހުރެއެވެ. އެތަންތަނަށް ވަދެ ހުއިހެއްޕުމަކީ މަނާ ކުރެވިފައިވާ، އަދި ޢުޤޫބާތް ދެވޭ ކަމެކެވެ. ދެން ރަސޫލާ ބަޔާން ކޮށްދެއްވާފައި އެވަނީ، މި ބިންމަތީގައިވާ ﷲގެ ''ދަނޑުތަކަކީ'' އެކަލާނގެ ޙަރާމް ކުރައްވާފައިވާ ކަންތައްތައް ކަމަށެވެ. ﷲގެ ދަނޑުތަކޭ ޙަދީޘް ކުރެއްވީ މަޖާޒެއްގެ ގޮތުންނެވެ. ކަން މިހެން އޮތް އިރު، ޙަލާލްތޯ ޙަރާމްތޯ ނޭނގޭ ހިސާބަކަށް ވަދެ އުޅެނިކޮށް، ޙަރާމް ކަމެއް ކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ ތަޤުވާވެރި މުސްލިމުން ޖެހޭނީ މިފަދަ ކަންތަކާ ދުރުހެލިވެ ތިބޭށެވެ. މި ހަދީޘް ނިމޭތާނގައި ހިތުގެ ވާހަކަ އޮތުމުން ވަރަށް މުހިއްމު އެއްޗެއް އެބަ ދޭހަވެއެވެ. އެއީ މިފަދަ ކަންތަކާ ދުރުހެލިވެ، ތަޤްވާވެރި ވެވޭނީ، ހިތުގައިވާ ތަޤުވާވެރިކަމެއް އޮވެގެން ކަމެވެ. ހިތް ރަނގަޅު ވެއްޖެއްޔާ މީހާގެ މުޅި އީމާންކަން ވެސް އޮންނާނީ ރަނގަޅު ވެފައި ކަމެވެ.

ދެން އަޅުގަނޑު ފާހަނގަކޮށްލަން ބޭނުންވާ އަނެއް ނުކުތާއަކީ، ދެބައި މަސްހުނިވެފައިވާ ކުންފުނިތައް ހުއްދަ ކުރެއްވި ބޭކަލުން ހުއްދަ ކުރެއްވީ، ވަގުތީ ގޮތުންނެވެ. ވަކި މަރްޙަލާއަކަށެވެ. މަޑުމަޑުން އިސްލާމީ އިޤްތިޞާދަށް ބަދަލުވުމުގެ މަރްޙަލާތަކުގެ ތެރެއިން މަރްޙަލާއެއްގެ ގޮތުގައެވެ. ފަހަރެއްގައި ވެސް ދުނިޔެ އޮތްހާ ދުވަހަކު، އެފަދަ ކުންފުނިތަކުގެ ހިއްސާ ގަނެލަ ގަނެލަ ތިބުން ހުއްދަ ކުރަންވެގެނެއް ނޫނެވެ. ދެން މިހާރަށް ބަލާ އިރު، އިސްލާމީ ދުނިޔޭގެ 90 އިންސައްތަ ޢިލްމުވެރިން ހެން ފަތުވާ ދެއްވަނީ، މަސްހުނި ކުންފުނިތަކުގައި ހިއްސާވުން ހުއްދަ ނޫން ކަމަށެވެ. ވީމާ އަހަރެމެން ޢަމަލު ކުރަން ޖެހޭ، އަދި ރަނގަޅު، އަދި ސަލާމަތްކަން ބޮޑު ރައުޔަކީ، މަސްހުނި ކުންފުނިތަކުގައި ހިއްސާވުން ހުއްދަ ނޫންކަމާއި، ސާފު ކުންފުނިތަކުގައި ބައިވެރިވުމަށް ބުނާ ރައުޔެވެ.

މަސްހުނި ކުންފުނިތަކުގެ ޙަރާމް ނިސްބަތް ކުޑަ ނަމަ، އެ ކުންފުނިތަކުގައި ބައިވެރިވުން ހުއްދަކޮށްފައި އަބަދަށް ބޭއްވުމަކީ، އިސްލާމީ މަސްލަޙަތެއް ނޫނެވެ. އިސްލާމީ އިޤްތިޞާދަށް އޮތް މަސްލަހަތެއް ވެސް ނޫނެވެ. އަދި ސާފު އިސްލާމީ މުޖްތަމަޢެއް ބިނާކޮށް، ސާފު، ވަރުގަދަ އިސްލާމީ އިޤްތިޞާދެއް ޤާއިމު ކުރަން ގޮވާލެވި، އަދި އެ ކަމުގެ އުއްމީދީ ކުލަވަރު ދަނީ ފެންނަމުންނެވެ. ވީމާ ރިބާ ބޭންކުތަކާއި، ރިބާ މުޢާމަލާތް ކުރާ ކުންފުނިތަކާ މުސްލިމުން ދުރުވެގެންފިނަމަ، އެ ފަރާތްތަކަށް ޖެހޭނީ، މުސްލިމުން ބޭނުންވާ ގޮތަށް ކަންތައްކުރާށެވެ.

ރިބާގެ ދޮރުތަކާއި ކުޑަދޮރުތައް އެއްކޮށް ބަންދު ކުރެވޭނީ، އަދި އިސްލާމީ މުޖްތަމަޢެއް -އޭގެ ފަހުން އިސްލާމީ ވަރުގަދަ އުއްމަތެއް- ބިނާ ކުރެވޭނީ، ރިބާ ބޭންކުތަކަށް ފައިސާ ލުން ހުއްޓާލުމުންނެވެ. ބޭންކުފައިދާ (ރިބާފައިދާ) އަތު ނުލާ ގޮތަށް ވެސް، އެ ބޭންކުތަކުގައި އެކައުންޓު ނު ހުޅުވީމައެވެ. ރިބާ ގެ ކުޑަ ނިސްބަތެއް ހިމެނޭ ކުންފުންޏެއް ވިޔަސް، އޭގައި ހިއްސާ ނުވީމައެވެ. މުސްލިމުންނަށް މިއަދު އެހެން ހެދެން އެބަ އޮތެވެ. އެއީ އިސްލާމީ ބޭންކުތައް ދުނިޔޭގައި އެބަ ހުއްޓެވެ. ސާފު ކުންފުނިތައް އެބަ ހުއްޓެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.