ބުރާސްފަތި20200917

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު އިންޝުރެންސްކުރުމަށް، ތަޙުލީލީ ނަޒަރެއް

އިންޝުރެންސްކުރުމަށް، ތަޙުލީލީ ނަޒަރެއް

insurance-thahuleele-nazarei

އަމާންކުރުން އެހާރާއި މިހާރު:
ޣަރަރުގެ ޙަޤީޤަތް:
ކުޑަ ޣަރަރާއި ބޮޑޮ ޣަރަރު:
ވިޔަފާރި އަމާންކުރުން ހުއްދަކުރާ މީހުންގެ ހުއްޖަތް:
މަޤްޞަދާއި ވަސީލަތް:
އަމާންކަން:
އަމާންކުރުމުގެ ޢަޤުދަކީ އަމާންކަމާއި ގުޅުންހުރި އެއްޗެއް ނޫން:
ހިތްހަމަޖެހުން އިޙްސާސްވުމުގެ މަންޠިޤީ އަސާސް:
މިއުޒިކު ގޮނޑި ކުޅި:
ޢާއްމުކޮށް ކަންތައްވާގޮތޭ ބުނެ ހުއްޖަތް ދެއްކުން:
ޙައްޤުތައް ތޮއްޖެހުން:
އަލުން އަމާންކުރުން:
ޣަރަރާއި ތަފާސްހިސާބު ޤާނޫނުތައް:
ތަފާސްހިސާބު ޤާނޫނުތަކާއި ޢަޤުދުގެ އިލްތިޒާމުތައް:
ސިކުނޑީގައިވާ އެއްޗަކާއި ޙަޤީޤަތުގައިވާ އެއްޗާ އޮޅުވާލުން:
ޙަރާމް އެއްޗެއް ގިނަވުމަކުން ޙަލާލެއް ނުވާނެ:
ތަފާސްހިސާބު ޤާނޫނުތަކުގެ ތެދުކަން:
މިސާލީ ނަމޫނާ ފޭލުވުން:
އިޙްތިކާރު ކުރުމުގެ މައްސަލަ (މޮނޮޕޮލީ):
އިސްލާމީ ނަޒަރަކުން އޮތް ބަދަލު:
ޖާމިނުވުން:
މެދުވެރިކަމުގެ ވައްތަރުތައް:
ބަދަލުދިނުމުގެ ކުޅަދާނަކަން:
ފައިދާހޯދުން:
ދެފަރާތުން ހަމަހިލޭދިނުން:
ވިޔަފާރީގެ ގޮތުގައި ބަދަލުކުރުމާއި، ހަމަހިލޭދިނުން ބަދަލުކުރުމުގެ ފަރަގު:
ސަމާލުވާންޖެހޭ ބައެއް ކަންތައްތައް:
ޚުލާޞާ:

 * ސާމީ ބިން އިބްރާހީމް އައްސުވައިލިމް

އަމާންކުރުމާ(Insurance) ބެހޭގޮތުން، ގިނަ މީހުންނަށް ލިބިފައިވާ ޝަރުޢީ މަޢްލޫމާތު ވަރަށް މަދޭ ބުނުމުން ދޮގަކަށް ވާނެހެން ހީނުވެއެވެ. އަދި އަމާންކުރުމަކީ އޭގައި ޝަރުޢީ މައްސަލަތަކެއް އުޅޭ ކަމެއްކަން، ބައެއް މީހުން އަޑު އަހާފައިވިޔަސް، ވިޔަފާރި އަމާންކުރުމާއި (Commercial Insurance)، ބައިވެރިވާ އަމާންކުރުމުގައި(Cooperative Insurance) ތަފާތުތަކެއް ހުންނަ ކަމެއް، އޭގެތެރެއިން ބައެއް މީހުންނަށް ނޭނގެއެވެ. ތަފާތެއް ހުންނަކަން އެނގުނަސް، އޮޅުންބޮޅުން ގަނޑެއްގެ ތެރެއިން އެ ތަފާތު ނެރެ ވަކިކުރަން، އަނެއް ބަޔަކަށް ދަތިވެއެވެ. މިހެންވެ، މި ދެ ވައްތަރަކީވެސް އެކައްޗެކޭ ބުނާފަހަރު އާދެއެވެ.

އަނެއްކޮޅުން އަނެއް ބަޔަކު ދެކޭ ގޮތުގައި، ބައިވެރިވާ އަމާންކުރުން ހުއްދަވެފައި، މިއާ ވިޔަފާރި އަމާންކުރުމާ ތަފާތެއް ނެތް ހިނދު، ވިޔަފާރި އަމާންކުރުންވެސް ވާނީ ހުއްދަ އެއްޗަކަށެވެ. އަދި އަނެއް ބަޔަކު މީހުން މި މީހުންނާ މުޅިން އިދިކޮޅު ރައުޔަކަށް ދެއެވެ. އެ މީހުން ދެކޭ ގޮތުގައި، ވިޔަފާރި އަމާންކުރުމަކީ ޙަރާމް ކަމެކެވެ. އަދި މިއާ ބައިވެރިވާ އަމާންކުރުމާ އެއްވެސް ތަފާތެއް ނެތް ހިނދު، ބައިވެރިވާ އަމާންކުރުންވެސް ވާނީ ޙަރާމް އެއްޗަކަށެވެ.

ނަމަވެސް، ޅެންވެރިއަކު ބުނެފައިވާ ފަދައިން، ''މެދުމިން ކޮންމެ ކަމެއްގެ ދެކޮޅުވާނީ ނުރަނގަޅު އެއްޗަކަށެވެ.'' ވީމާ މި ލިޔުމުގައި އަހަރެން މަސައްކަތް ކޮށްފައިވާނީ، ވިޔަފާރި އަމާންކުރުމާއި ބައިވެރިވާ އަމާންކުރުމާއި ދެމެދުގައިވާ ފިޤްހީ އަދި އިޤްތިޞާދީ ފަރަގުތައް ފާހަނގަކޮށް، ފުރަތަމަ ވައްތަރު ޙަރާމް ކަމަށާއި ދެވަނަ ވައްތަރު ހުއްދަ ކަމަށް، މި ޒަމާނުގެ ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވާ ވިދާޅުވުން އިތުރަށް ކަށަވަރުކޮށްދޭށެވެ. އަދި ވިޔަފާރި އަމާންކުރުމުގައި ހުންނަ ރަނގަޅު ނޫން ސިފަތަކުން އެއްކިބާވުމަށްޓަކައި، ބައިވެރިވާ އަމާންކުރުމުގައި ހުންނަން ޖެހޭ މުހިއްމު މިންގަނޑުތަކުގެ މައްޗަށްވެސް ބަލާލާނަމެވެ.

އަމާންކުރުން އެހާރާއި މިހާރު:

ވަރަށް ގިނަ ހޯދުންތެރިން ހީކުރާ ގޮތުގައި، މި ޒަމާނުގައި ޢާއްމުވެގެން މި އުޅޭ ވިޔަފާރި އަމާންކުރުމަކީ، މިފަހަކުން އީޖާދުކުރެވުނު މުޅިން އާ ޢަޤުދެކެވެ. ކުރީގެ ފިޤުހުވެރިންނަށް މި އެނގިފައި ނުވާތީ އެ މީހުން މި ޢަޤުދާބެހޭ ގޮތުން ވާހަކަ ދައްކާފައި ނޯންނާނެއެވެ. މިގޮތަށް ހީކުރުމަކީ، މި ޒަމާނުގެ ފިޤުހުވެރިންގެ މެދުގައި ވިޔަފާރި އަމާންކުރުމުގެ ޙުކުމާމެދު ޚިލާފު އުފެދެން ޖެހުނު ސަބަބުތަކުގެ ތެރެއިން އެއް ސަބަބެވެ.

ކުރީގެ ފިޤުހުވެރިން އަމާންކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ނުވެއޭ ބުނާ ބުނުމަކީ ކިހާވަރެއްގެ ޙަޤީޤަތެއް އޮތް ބުނުމެއްތޯ ބަލަން، އެންމެ ފުރަތަމަ ވިޔަފާރި އަމާންކުރުމަށް ކަޅިއެއް އެއްލާލަމާ ހިނގާށެވެ.

ވިޔަފާރި އަމާންކުރުން ބިނާވެގެން ވަނީ، އަމާންކުރެވޭފަރާތާއި(Insured) އަމާންކުރާފަރާތާ (Insurer) ދެމެދު ކުރެވޭ ޢަޤުދެއްގެ މައްޗަށެވެ. މި ޢަޤުދުގައި އަމާންކުރާފަރާތް ޢަހުދުވަނީ، އަމާންކުރެވޭފަރާތަށް ލިބޭ ގެއްލުންތަކެއް ފޫބައްދައިދޭނެ ކަމަށެވެ. މީގެ ބަދަލެއްގެ ގޮތުން އަމާންކުރެވޭފަރާތް، ވަކި މުއްދަތުތަކެއްގައި ވަކި މިންވަރެއްގެ ބައިތަކެއް(Premium) އަމާންކުރާފަރާތަށް ދައްކައެވެ.

ދެން މާޒީއަށް ބަލާލާއިރު ހަމަ ސީދާ މިއަށް ފެތޭ ވާހަކައެއް ފިޤުހުވެރިއެއް ދައްކާފައިވާތަން ފެންނަން އެބައޮތެވެ. އެގޮތުން، 'ސަލަމް' އާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ހިޖުރައިން ދެވަނަ ޤަރުނުގައި އުޅުއްވި މާލިކީ ދަންނަބޭކަލެއް ކަމުގައިވާ އިމާމު އަލްއަޝްހަބު ވިދާޅުވަނީ: ''މީހަކު މީހެއް ގާތު، މި މުދާ އަހަރެންނަށް މިވެނި މުއްދަތަކަށް ޖާމިނުވެދޭށޭ، އޭރުން ކަލެއަށް މިވެނި ވަރެއް ދޭނަމޭ، މިހެން ބުނާ ބުނުން ހުއްދަނުވާނެކަން ކަލޭ ނުދެކެންހެއްޔެވެ؟ މި ގޮތް ހުއްދަ ނުވަނީ ޖާމިނުވުމަށް އަގު އަތުލުން ހުއްދަނުވާތީއެވެ. އަދި އޭގައި ޣަރަރާއި ޤިމާރު އެކުލެވިގެންވާތީއެވެ. އެ މުދާ ގެއްލި ހަލާކުވާނެކަން ޖާމިނުވީ މީހާއަށް އެނގޭނަމަ، އަނެއް މީހާ އެ ދިން ޢަދަދުގެ ދެގުނަ ދިނަސް، ޖާމިނުވާން އޭނާ އެއްބަސް ނުވީހެވެ. އަދި އެ މުދާ ސަލާމަތުން އޮންނާނެކަން، އެ ހަވާލު ކުރި މީހާއަށް އެނގޭނަމަ، އޭނާ އެ ދިންވަރުގެ އެތައް ގުނައެއް މަދުން ދީގެންވެސް، އެ ޖާމިނުކުރުވަން އޭނާ ބޭނުމެއްނުވާނެއެވެ. ކިއެއްތަ އެންމެ ދިރުހަމެއް ދީގެންވެސް ބޭނުމެއްނުވާނެއެވެ. އެ މުދާ ސަލާމަތުން ހުރެއްޖެނަމަ، ޖާމިނުވީ މީހާ އެއްވެސް ކަމެއް ނުކޮށް، ހަވާލުކުރި މީހާ އަތުން، ބާޠިލުގޮތުގައި ފައިސާ ކެއީ ކަމަށް ކަލޭ ނުދެކެންހެއްޔެވެ؟ އަދި އެ ހަލާކުވިނަމަ، ޖާމިނުވި މީހާއަށް އެއްވެސް އެއްޗެއް ނުލިބުމުގެ އިތުރުން އަދި އޭނާ އޭގެ އަގަށް ދަރާނެއެވެ.'' (އަލްމުދައްވަނާ 4/28)

މި ސަބަބަށްޓަކައި، އެއްޗަކަށް ޖާމިނުވެގެން، އޭނާގެ އެއްވެސް ސަބަބަކާ ނުލާ އެ ހަލާކުވިޔަސް، އޭގެ އަގު ދޭން ނުޖެހޭނެ ކަމަށާއި، އަދި ޖާމިނުވުމަކީ އަގަކަށް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް، ފިޤުހުވެރިން އިޖްމާޢުވެލައްވައެވެ.

އިމާމު އަޝްހަބު މި ގެންނެވި މިސާލަކީ އަމާންކުރުމަށް ބަރާބަރަށް ފެތޭ މިސާލެކެވެ. އަމާންކުރެވޭފަރާތަކީ، މި މިސާލުގައިވާ ޖާމިނުކޮށްދޭން އެދުނު މީހާއެވެ. އަމާންކުރާފަރާތަކީ މި މިސާލުގައިވާ ޖާމިނުކޮށްދޭ މީހާއެވެ. އަމާންކުރެވޭ އެއްޗަކީ މި މިސާލުގައިވާ މުދާ ނުވަތަ އެއްޗެވެ. މި މިސާލުގައި ބުނެވިފައިވާ ޖާމިނުވުމަކީ އަމާންކުރުމުގައި އޮންނަ ގެއްލުމުގެ ބަދަލު ދިނުމެވެ. އަމާންކުރުމުގައި ދައްކާ ބައިތަކަކީ މި މިސާލުގައި ދޭނެ ކަމަށް އެ ބުނާ ފައިސާއެވެ. އަމާންކޮށްދިނުމުގައި އޮންނަ އަމާންކޮށްދެވޭ މުއްދަތަކީ މި މިސާލުގައި އެވާ މުއްދަތެވެ.

މި މުޢާމަލާތުގައި ޣަރަރާއި ޤިމާރު ހިމެނޭ ކަމަށް އިމާމު އަޝްހަބު ވިދާޅުވެފައި އެވަނީ، އެ މުދަލަކީ ހަލާކުވާނެ ނުވަތަ ހަލާކުނުވާނެ މުދަލެކެވެ. ހަލާކުވެއްޖެނަމަ، ފައިދާ ވާނީ ޖާމިނުކޮށްދޭން އެދުނު މީހާއަށެވެ. އެއީ ހަލާކުވި މުދަލުގެ ބަދަލު ލިބޭތީއެވެ. ހަލާކުނުވެއްޖެނަމަ ފައިދާ ވާނީ ޖާމިނުކޮށްދިން (އަމާންކުރާ) ފަރާތަށެވެ. އެއީ އަނެއް މީހާއަތުން ލިބޭ ފައިސާއެވެ. ވީމާ މި މުޢާމަލާތަކީ، ވާނެ ގޮތް ނޭނގޭ ނުރައްކަލަކާއި ގުޅުވައިގެން، ފައިސާ ދޭން އެއްބަސްވާ އެއްބަސްވުމެކެވެ. މިފަދަ ގޮތަކަށް ފައިސާ ދޭން އެއްބަސްވެވިއްޖެނަމަ، މީގައި އަބަދުވެސް ނާޖާއިޒު ފައިދާއެއް ނަގާ ފަރާތެއް ވާނެއެވެ. އެހެނީ، މީގައި އެކަކަށް ވާ ގެއްލުމަކީ އަނެކަކަށް ވާ ފައިދާއެކެވެ.

މި ޒަމާނުގެ ގިނަ ޢިލްމުވެރިން ދެކޭ ގޮތުގައިވެސް ވިޔަފާރި އަމާންކުރުމުގެ ޢަޤުދަކީ، ޣަރަރު ޢަޤުދެކެވެ. މުނައްޡަމަތުލް މުއުތަމަރުލް އިސްލާމީ (އޯއައިސީ) އަށް ތަބާވާ މަޖްމަޢުލް ފިޤްހުލް އިސްލާމީއާއި، ސުޢޫދިއްޔާގެ ބޮޑެތި ޢިލްމުވެރިންގެ މަޖްލިހުންވެސް ފަތުވާދީފައި ވަނީ މި ގޮތަށެވެ. މި މައްސަލާގައި ކުރީގެ ފިޤުހުވެރިންނަށްވެސް ފެނިފައިވާ ގޮތަށް، މި ޒަމާނުގެ ފިޤުހުވެރިންނަށްވެސް ފެނުމުން، އެއިން ދޭހަވަނީ އިސްލާމީ ފިޤުހުގެ ހަރުދަނާކަމާއި، އޭގެ އުޞޫލުތަކުގެ ބަރާބަރުކަމެވެ. އަދި އެ އުޞޫލުތަކުގެ ދަށުން މަސައްކަތްކޮށްފި މީހަކަށް، ކުރީގެ މީހުން ދައްކާފައިވާ ވާހަކަތަށް ނުފެނުނަސް، އެ މީހުންނަށްވެސް ދެވިފައިވާ ޙަޤީޤަތާ ހަމައަށް ދެވޭނެކަމެވެ.

ޣަރަރުގެ ޙަޤީޤަތް:

ޣަރަރުގެ މާނައަކީ، ވާނެގޮތް ނޭނގުމުގެ ނުރައްކަލެވެ. ޣަރަރު އުފެދޭ ގޮތަކީ، ފަހަރެއްގައި ވެދާނެ ކަމެއްގެ މައްޗަށް ދެ ފަރާތުން އެއްޗެއް (ފައިސާ ނުވަތަ އަގުކުރެވޭ އެއްޗެއް ބަދަލެއްގެ ގޮތުން) ދިނުމެވެ. އޭގެ ނަތީޖާއަކަށް ވާނީ އެއްފަރާތަށް ފައިދާވެފައި އަނެއް ފަރާތަށް ގެއްލުންވުމެވެ. މިގޮތަށް ވުމަށް އިޤްތިޞާދީ ޢިލްމުވެރިން ކިޔައި އުޅެނީ 'ނަތީޖާ ސުން ބަދަލުކުރުން' ނުވަތަ 'Zero-sum game' އެވެ.

ކުރީގެ ފިޤުހު ފޮތް ތަކުގައި، ޣަރަރުގެ މިސާލެއްގެ ގޮތުން ގެނެވިފައިވާ މިސާލުތަކުގެ ތެރޭގައި ބުނެފައި ވަނީ، ފިލާފައިވާ އަޅެއް ނުވަތަ ގެއްލިފައިވާ ޖަމަލެއް ވިއްކުމަކީ ޣަރަރު ހިމެނޭ ވިއްކުމެއް ކަމަށެވެ. ވީމާ ފިލާފައިވާ އަޅެއް ނުވަތަ ގެއްލިފައިވާ ޖަމަލެއް ފަދަ އެއްޗެހި ވިއްކުމަކީ، މި ޒަމާނުގެ ބަހުން ބުނާނަމަ 'ނަތީޖާ ސުން ބަދަލުކުރުންް' އެކެވެ. އެހެނީ ޖަމަލު ފެނިއްޖެނަމަ، އަސްލު އަގަށް ވުރެ މާބޮޑުތަން ހެޔޮކޮށް އެ ޖަމަލު ގަތް މީހާއަށް، އެ ވާނީ ފައިދާއަކަށެވެ. އަނެއްކޮޅުން ވިއްކި މީހާއަށް، ޖަމަލުގެ އަސްލު އަގާއި ވިއްކި ކުޑަ އަގާ ދެމެދު ހުރި ފަރަގު، އެ ވާނީ ގެއްލުމަކަށެވެ. އަދި ޖަމަލު ނުފެނިއްޖެނަމަ، އެ ގަތް މިހާއަށް އެއްވެސް އެއްޗެއް ނުލިބި، އެ ގަންނަން ދިން ފައިސާ ގެއްލިދިޔައީއެވެ. އަނެއްކޮޅުން، ގެއްލިފައިވާ އެއްޗެއް ވިއްކާލެވުނީތީ، ވިއްކި މީހާއަށް ވާނީ ފައިދާއެވެ.

ނަތީޖާ ސުން ބަދަލުކުރުމަކީ، ޙަޤީޤަތުގައި އެއީ މީހުންގެ ފައިސާ ބާޠިލް ގޮތުގައި ކެއުމެވެ. ސަބަބަކީ، އެއްފަރާތަށް ވާ ގެއްލުމަކީ ކޮންމެހެންވެސް އަނެއް ފަރާތަށް ވާނެ ފައިދާއެކެވެ. ވީމާ ފައިދާވާ މީހާ އެ ކާލަނީ ގެއްލުންވާ މީހާގެ ފައިސާއެވެ.

ވެދާނެ ކަމެއްގެ ނަތީޖާ ސުން ބަދަލުކުރުމަކީ، އެއީ ޖުވާ ނުވަތަ ޤިމާރު ވެސް މެއެވެ. އެއީ ޖުވާގެ މާނައަކީ ވެދާނެ ކަމެއްގެ މައްޗަށް، އެއްފަރާތުން އަނެއް ފަރާތަށް ފައިސާ ދޭން އެއްބަސްވުމެވެ. އަދި މީގެ ނަތީޖާއަކަށް ވާނީ އެއް ފަރާތަށް ފައިދާވެފައި އަނެއް ފަރާތަށް ކަނޑައެޅިގެން ގެއްލުންވުމެވެ.

ޖުވާ ޙަރާމް ކަމަކަށް ވުމުގައި، އެ ކުޅެނީ ކުޅިވަރެއްގެ ގޮތުގައިތޯ، ނުވަތަ އެ ނުން ގޮތަކަށްތޯ ބެލުން އެއީ މުހިއްމު ކަމެއް ނޫނެވެ. ޙަރާމް ކުރެވިފައިވާ ''މައިސިރު'' އަކީ ޙަޤީޤަތުގައި ފަޤީރުންގެ މަޞްލަޙަތުގައި އޮތް އެއްޗެކެވެ. އެއީ އަސްލު މުއްސަނދިން ކުޅޭ އެއްޗެއް ނޫނެވެ. އެހެނީ މުއްސަނދިންނަށް ފައިސާ ލިބޭނެ އެހެން ގޮތްގޮތް އޮވެއެވެ. ނަމަވެސް ފަޤީރުން ފަސޭހަ ގޮތަކަށް ފައިސާ ހޯދަން މައިސިރު ކުޅެނީއެވެ. މައިސިރު އަށް މައިސިރު އޭ ކިޔުނީވެސް އެއްވެސް މަސައްކަތެއް ނުކޮށް ފަސޭހަގޮތަކަށް(ޔުސްރު، ޔަސީރު) ފައިސާ ހޯދޭތީއެވެ.

ނޯޓެއް: ޤުރުއާނުގައި ޖުވާއަށް ދީފައިވާ ނަމަކީ މައިސިރު އެވެ. އަދި ޢަރަބި ބަހުގައި މިއަށް ''ޤިމާރު'' އޭވެސް ކިޔެއެވެ. އަދި މީގެ ތެރޭގައި މުރާހަނާ ނުވަތަ ބާޖުމެރުންވެސް ހިމެނެއެވެ. އަދި އިނާމެއް ލިބޭނެޔޭ ކިޔައިގެން ޓީވީ ރޭޑިއޯއިން މީހުން ލައްވާ ގުޅުވުން ވެސް ހިމެނޭނެއެވެ. އަދި ވިޔަފާރި ކޫޕަން ވިއްކުން ވެސް ހިމެނެއެވެ.

ބުނަން މި އުޅޭ ވާހަކަ އަކީ، ޖުވާ (މައިސިރު/ޤިމާރު) އެއީ ފަޤީރުންގެ މަޞްލަޙަތުގައި އޮތް އެއްޗެއް ކަމަށް ވާ ހިނދުވެސް، މާތް ﷲ އެ ޙަރާމްކުރައްވާފައިވާ ކަމެވެ. އެހެނީ މަޤްޞަދު މާތްވުން އެއީ، ވަސީލަތް ހުއްދަ ކޮށްދޭ ކަމެއް ނޫނެވެ. ޖުވާގެ ޙަޤީޤަތަކީ އެކެއްގެ ގެއްލުމުން އަނެކަކު ފައިދާ ހޯދުމެވެ. މިކަން ޙަރާމްވާން މި ސަބަބު ފުދެއެވެ.

ވިޔަފާރި އަމާންކުރުމަކީވެސް، ނަތީޖާ ސުން ބަދަލުކުރުމެކެވެ. އެއީ އަމާންކުރެވޭފަރާތް، ބައިތައް ދައްކާފައިހުއްޓާ، ގެއްލުމެއް ކުރިމަތި ނުވެއްޖެނަމަ، އެ ފައިސާތައް ވެގެންދާނީ ކުންފުންޏަށް ލިބޭ ފައިދާއަކަށެވެ. އަދި އަމާންކުރެވޭފަރާތަށް ލިބޭ ގެއްލުމަކަށެވެ. އަނެއްކޮޅުން ގެއްލުން ކުރިމަތިވެގެން، އެ ގެއްލުމުގެ ބަދަލު (ދެއްކި އެއްޗަކަށްވުރެ އެތައް ގުނައެއް އިތުރަށް) ކުންފުނިން ދީފިނަމަ، އެއީ އަމާންކުރޭވޭފަރާތަށް ލިބޭ ފައިދާއެކެވެ. އަދި ލިބިފައިހުރި ޖުމްލަ ބައިތަކާއި ދައްކަން ޖެހުނު ބަދަލާ ދެމެދު ހުރި ފަރަގަކީ އެއީ އަމާންކުރާފަރާތަށް ލިބޭ ގެއްލުމެކެވެ.

ވިޔަފާރި އަމާންކުރުމުގައި ހުންނަ ނަތީޖާ ސުން ބަދަލުކުރުމުގެެ ޙަޤީޤަތް އެނގުމުން، ނޭނގުމެއް(ޖަހާލާ) އޭގައި ހިމެނުނަސް، އެއީ ޣަރަރެއް ކަމަށް ނުބެލެވޭ ޢަޤުދުތަކާ ފަރަގުކުރުން އުނދަގޫކަމަކަށް ނުވާނެއެވެ. މިސާލަކަށް ޖަޢާލާ ޢަޤުދަކީވެސް (ކަނޑައެޅޭ ވަކި ކަމެއް ކުރުމުން ކަނޑައެޅޭ ވަކި ވަރެއް ދޭން ބުނުން، އެހެން ޢިބާރާތަކުން ބުނާނަމަ، ކަމެއްކޮށްދިނުމުން އިނާމެއް ދޭން ކަނޑައެޅުން)، އޭގައި ކުރަން ޖެހޭ މަސައްކަތުގެ މިންވަރު ނޭނގޭ، އަދި އެކަން ކުރެވޭނެ މުއްދަތެއްވެސް ނޭނގޭ، އަދި އިނާމު ކަނޑައެޅުނީ ކުރެވޭ ކަމުން ނުކުންނަ ނަތީޖާއާ ގުޅުވައިގެން ކަމަށްވަންޏާ އިނާމުގެ މިންވަރުވެސް ނޭނގޭ، ޢަޤުދެކެވެ.

ޖަޢާލާގެ މިސާލަކީ، ''އަހަރެންގެ ގެއްލިފައިވާ ޖަމަލެއް ހޯދައިގެން އަތުވެއްޖެ މީހަކަށް އޭގެ އަގުގެ ހަތަރުބައިކުޅަ އެއްބައި ދޭނަމޭ'' މީހަކު ބުނުމެވެ. މި ޖަޢާލާ ޢަޤުދަކީ އޭގައި ނޭނގުން ހިމެނުނަސް، ނަތީޖާ ސުން ބަދަލުކުރުމަކަށް ނުވެއެވެ. ސަބަބަކީ، ޖަމަލު ފެނިއްޖެނަމަ، ދެ ފަރާތަށްވެސް ފައިދާވާނެއެވެ. މަސައްކަތް ކުރި މީހާއަށް ޖަމަލުގެ އަގުގެ ހަތަރުބައިކުޅަ އެއްބައި ލިބޭނެއެވެ. އަދި އިނާމު ކަނޑައެޅިމީހާ (ޖާޢިލް) އަށް ގެއްލިފައި އޮތް ޖަމަލު ލިބުނީއެވެ. މި ސަބަބަށްޓަކައި، ޖުމްހޫރު ފިޤުހުވެރިން ވަނީ ޖަޢާލާ ޢަޤުދަކީ ހުއްދަ އެއްޗެއް ކަމަށް ވިދާޅުވެފައެވެ. އެއީ ދެ ފަރާތަށްވެސް މި ޢަޤުދުން ފައިދާވާތީއެވެ.

ޖަޢާލާ ހުއްދަ ނޫންކަމަށް ދެކޭ، ހަނަފީ މަޛްހަބު ޢިލްމުވެރިން، އެ ހުއްދަ ނޫން ކަމަށް ބެލީ، މަސައްކަތް ކުރާ މީހާއަށް ފަހަރެއްގައި އެކަން ފުރިހަމަ ނުކުރެވުނީމާ، އެއްވެސް އެއްޗެއް ނުލިބި އޭނާގެ މަސައްކަތް ބޭކާރުވެގެން ހިނގައިދާނެތީއެވެ. އަދި ފަހަރެއްގައި އިނާމު ކަނޑައަޅާ މީހާއަށް (ޖާޢިލް) ހިލޭ ފައިދާއެއްވެސް ލިބިދާނެތީއެވެ. މީގެ މިސާލަކީ، ''ތިމަންނައަށް ފެންވަޅެއް ކޮނެދީފި މީހަކަށް މިވެނި ވަރެއް ދޭނަމޭ" މީހަކު ބުނީމާ، އެ ލާރި ހޯދުމުގެ ބޭނުމުގައި މީހަކު ވަޅު ކޮންނަން ފައްޓާފައި، މިސާލަކަށް ދިހަ ވަރަކަށް މީޓަރަށް ކޮނެވުނު އިރުވެސް ފެން ނުފެނުނީމާ، މާޔޫސްވެގެން އެކަން ހުއްޓާލުމެވެ. މި ހެން މިކަން ވުމުން، ޖާޢިލަށް އެ ވަނީ ފައިދާއެއް ލިބިފައެވެ. އެއީ އޭނާ ކުޑަ މަސައްކަތެއް ކޮށްގެން ފެނާ ޖެހެންދެން ބަކީ ހުރި ބައި ކޮނެވިދާނެއެވެ.

މި މައްސަލަ ފޫބެއްދުމައްޓަކައި، މާލިކީ މަޛްހަބުގައި ވަނީ، މަސައްކަތް ކުރިމީހާއަށް އޭނާ ބޭނުންވި ކަންތައް ފުރިހަމަ ނުވާނަމަ، ޖާޢިލަށްވެސް އޭގެ ބޭނުން ކުރުން މަނާކޮށްފައެވެ. ނަމަވެސް ޝާފިޢީ އަދި ޙަންބަލީ މަޛްހަބުގައި ހުއްދައެވެ. އެއީ، އެއް ފަރާތަށް ފައިދާވެ އަނެއް ފަރާތަށް ގެއްލުންވެދާނެ ކަމުގެ ހަމައެކަނި ހީއެއް އޮތުމަކީ، މުޢާމަލާތަކީ ޣަރަރު މުޢާމަލާތެއް ކަމަށް ބަލައި އެ ހުއްދަ ނޫންކަމަށް ބެލޭވަރުގެ ސަބަބެއް ނޫނެވެ. ކިއެއްތަ، މުޢާމަލާތަކީ ޣަރަރު މުޢާމަލާތެއް ކަމަށް ބެލެވޭނީ، ވެދާނެ ކަމުގެ އިޙްތިމާލު އެއީ އޭގެ ޒާތުގައި ޢަޤުދު ކުރެވުނު މަޤްޞަދުކަމަށް ވާނަމައެވެ. މުޢާމަލާތުގައި ވެދާނެކަމުގެ އިޙްތިމާލު އޮތުމުގެ އިތުރުން، ދެ ފަރާތަށްވެސް ފައިދާވާނެ ކަމުގެ އިޙްތިމާލު އޮތިއްޔާ، އަދި މި އިޙްތިމާލު، އެކަކަށް ފައިދާވެފައި އަނެކަކަށް ގެއްލުންވާނެ ކަމުގެ އިޙްތިމާލަށް ވުރެ ބޮޑިއްޔާ، ކޮންމެވެސް ވަރެއްގެ ޣަރަރެއް ހިމެނުނަސް، އެ މުޢާމަލާތަކީ ހުއްދަ މުޢާމަލާތެއް ކަމަށް ބޮޑަށް ބުރަވެވެއެވެ. މީގައިވާ ޣަރަރު -އެކަކަށް ފައިދާވެފައި އަނެކަކަށް ގެއްލުނުވުމުގެ އިޙްތިމާލު- އެއީ އެއަށް ވުރެ ވަރުގަދަ އިޙްތިމާލެއް -ދެފަރާތަށްވެސް ފައިދާވާނެކަމުގެ އިޙްތިމާލު- އޮތުމުން މާފުކުރެވޭ ޣަރަރެކެވެ.

ކުޑަ ޣަރަރާއި ބޮޑޮ ޣަރަރު:

މަތީގައިވާ ވާހަކައިން، ފިޤުހުވެރިންގެ ބުނެފައިވާ ''ޣަރަރް ޔަސީރް'' ނުވަތަ ''ޣަރަރް މުޣްތަފަރް'' އަދި ''ޣަރަރް ފާޙިޝް'' ނުވަތަ ''ޣަރަރް ކަޘީރް" ގެ މުރާދަކީ ކޮބައިކަން ދެނެގަނެވިދާނެއެވެ. ކުޑަ ޣަރަރާއި ބޮޑު ޣަރަރެއް އޮންނަކަމަށް ޤަބޫލު ކުރުމުން، އެކަކަށް ފައިދާވެފައި އަނެކަކަށް ގެއްލުންވާ ނަތީޖާ ސުން ހާލަތާއި، ދެފަރާތަށްވެސް ފައިދާ ވާނެ އީޖާބީ ހާލަތާއި ދެމެދު ދެކޮޅަށް ކިރޭ ގޮތްވެއްޖެނަމަ، އެ މުޢާމަލާތަށް ޙުކުމެއް ކުރުމުގައި ބޮޑަށް ބެލެވޭނީ، އެ ޢަޤުދުން ނުކުންނާނެ ކަމަށް ދެ ފަރާތް ބޮޑަށް ހީވާ ނަތީޖާއަކަށެވެ. ބޮޑަށް ބުރަވަނީ، އީޖާބީ ހާލަތު ކަމަށް ވެފައި އަދި ދެފަރާތުގެވެސް ބޭނުމަކީ އެއީ ކަމަށް ވަންޏާ، މުޢާމަލާތް ހުއްދަވާނެއެވެ. އަދި އޭގައި ހިމެނޭ ނަތީޖާ ސުން އިޙްތިމާލަކީ މާފުކުރެވޭ ކުޑަ ޣަރަރެކެވެ. ޖަޢާލާއާއި، ގަހުގައި ހުންނަ ހަރުވެއްޖެކަން އެނގޭ މޭވާ ވިއްކުން ފަދަ މުޢާމަލާތްތަކަކީ މިފަދަ މުޢާމަލާތެކެވެ. ނަމަވެސް ބޮޑަށް ބުރަވެވޭ އިޙްތިމާލަކީ ނަތީޖާ ސުން އިޙްތިމާލު ކަމަށް ވަންޏާ -މިސާލަކަށް މޭވާ ހަރުވެއްޖެކަން އެނގުމުގެ ކުރިން އެ ވިއްކުން- ނުވަތަ ދެ ފަރާތަށް އެއްވަގުތެއްގައި ފައިދާނުވާނެކަން ކަނޑައެޅިގެން އެނގެންޏާ -މިސާލަކަށް ގެއްލިފައިވާ ޖަމަލު ވިއްކުމާއި، ޖުވާގެ ތަފާތުކުޅިވަރުތައް- އެ ވާނީ ބޮޑު ޣަރަރަކަށެވެ. ވީމާ އެ ޢަޤުދު ހުއްދައެއް ނުވާނެއެވެ.

ވީމާ، ވިޔަފާރި އަމާންކުރުމުގެ ޢަޤުދަކީ، ބޮޑު ޣަރަރެއް ހިމެނޭ ޢަޤުދުތަކުގެ ތެރޭގައި ހިމެނޭ ޢަޤުދެކެވެ. އެއީ މި ޢަޤުދުގައި ދެފަރާތަށް ފައިދާވުމުގެ އެއްވެސް އިޙްތިމާލެއް ނޯންނާތީއެވެ. ކިއެއްތަ، މި ޢަޤުދަކީ އަބަދުވެސް، އެކަކަށް ފައިދާވިއްޔާ ކޮންމެހެންވެސް އަނެކަކަކަށް ގެއްލުންވާނެ ޢަޤުދެކެވެ.

ވިޔަފާރި އަމާންކުރުން ހުއްދަކުރާ މީހުންގެ ހުއްޖަތް:

ވިޔަފާރި އަމާންކުރުން ހުއްދަކުރާ މީހުން ބުނާ ތިން ވާހަކައެއް އޮވެއެވެ. އެއީ:

1- އަމާންކުރުމުގެ ޢަޤުދުގެ ބޭނުމަކީ އަމާންކަން ހޯދުމެވެ. އަދި މިއީ ޙަޤީޤީ މަންފާއެކެވެ. ވީމާ މިއީ ވިޔަފާރީގެ ގޮތުން އެއްޗަކާ ބަދަލުކުރެވިދާނެ އެއްޗެކެވެ. ގެއްލުމެއް އަދި ކުރިމަތި ނުވިޔަސް، އަމާންކުރުމުން އެ މީހާގެ ހިތަށް އެ ލިބޭ އަމާންކަމަކީ، އޭނާއަށް ލިބޭ މަންފާއެކެވެ. ވީމާ ބައިތަކުގެ ގޮތުގައި އޭނާ އެ ދެއްކި ފައިސާގެ ބަދަލަކަށް މި މަންފާ ފުދެއެވެ. މިހެން މި ކަން އޮތުމުން، މިއީ ނަތީޖާ ސުން ބަދަލުކުރުމެކޭ ނުބުނެވޭނެއެވެ. އެހެނީ އަމާންކޮށްދެވޭ މީހާއަށް ގެއްލުންވެއްޖެނަމަ، ބަދަލު ލިބުމުން، އޭނާއަށް އެ ވީ ފައިދާއެކެވެ. އަދި ގެއްލުން ކުރިމަތި ނުވާނަމަ، ބަދަލު ލިބޭނެ ކަމުގެ ޔަޤީންކަން އަބަދުވެސް އޭނާގެ ހިތުގައި އޮންނާތީ، އޭނާއަށް ހިތްހަމަޖެހުމާއި އަމާންކަން އިޙްސާސްވެއެވެ. ވީމާ އަމާންކޮށްދެވޭ މީހާގެ ފަޅީގައި ޣަރަރެއް ނެތެވެ.

2- ދެން އަމާންކޮށްދޭ ކުންފުންޏަށް ބަލާއިރު، ގިނަ ޢަދަދެއްގެ ބަޔަކަށް އަމާންކޮށްދިނުމުގެ ޚިދުމަތް ދިނުމާއެކު، އަންދާސީހިސާބާއި ބޮޑު ޢަދަދު ޤާނޫނުގެ އެހީގައި، ބަދަލުގައި ދައްކަން ޖެހޭނެ ފައިސާގެ މިންވަރު ދެނެގަތުމުގެ ކުޅަދާނަކަން ކުންފުންޏަށް ލިބިގެންވެއެވެ. ވީމާ އަމާންކޮށްދޭ ކުންފުނީގެ ފަޅީގައިވެސް ޣަރަރެއް ނޯންނާނެއެވެ.

3- އަމާންކުރުމުގެ ބޭނުމަކީ، ގެއްލުންތަކާއި ނުރައްކާތައް ފޫބައްދާ، އަމާންކޮށްދެވޭ ގިނަ ބައެއްގެ މެދުގައި، އެކަކަށް ލިބޭ ގެއްލުންތައް ބަހާ ކުދިކުދިކޮށްލުމެވެ. އަދި ގެއްލުންތަކާ ކުރިމަތިލުމުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމެވެ. ފަހެ މިއީ، މާތް ވެގެންވާ އިސްލާމީ ޝަރީޢަތްވެސް އެތައް ގޮތަކުން ބާރުއަޅާ ކަމެކެވެ. މިސާލަކަށް ޢާޤިލާ (ދިޔަ ދިނުމުގައި، ޤާތިލުގެ ބައްޕަ ފަރާތު މީހުން އެ ދިޔައިގައި ބައިވެރިވުން) ނިޒާމެވެ. މިސާލަކަށް، ޒަކާތުގައި އޮންނަ ދަރަނިވެރިންގެ ހިއްސާއެވެ. އަމާންކުރުމަކީވެސް، އެއްބަޔަކު އަނެއް ބަޔަކަށް ބައިވެރިވެ އެހީތެރިވެވިދާނެ ދާއިރާއެކެވެ. ވީމާ އަމާންކުރުމަކީ ހުއްދަ ކަމެކެވެ.

މަޤްޞަދާއި ވަސީލަތް:

ކާރިޘާތަކާއި މުޞީބާތްތަކުން ލިބޭ ގެއްލުންތައް ފޫބައްދަން، މުސްލިމުންގެ އެއްބަޔަކު އަނެއް ބަޔަކާ ބައިވެރިވެ އެހީތެރިވުމަކީ، ޝައްކެއްވެސް ނެތް ގޮތުގައި، ޝަރީޢަތުގައި އެދެވިގެންވާ ކަމެކެވެ. މިއީ މީހަކު ދެބަސްވެ އަރާރުން ވާނެ ނުކުތާއެއް ނޫނެވެ. ނަމަވެސް މައްސަލަޖެހޭ ނުކުތާއަކީ، ތި ބުނާ މާތް މަޤްޞަދަށް ދާން ބޭނުން ކުރެވޭ ވަސީލަތެވެ. ޖުމްހޫރު ފިޤުހުވެރިން ދެކޭ ގޮތުގައި، ވިޔަފާރި އަމާންކުރުމުގެ ޢަޤުދަކީ، ހުއްދަ މަޤްޞަދަކަށް ދާން ބޭނުން ކުރެވޭ، ހުއްދަ ނޫން ވަސީލަތެވެ. މަޤްޞަދު މާތްވުން އެއީ ވަސީލަތް ހުއްދަ ކޮށްދޭ ކަމެއް ނޫނެވެ. ހަމަ އެހެންމެ، ވިޔަފާރި އަމާންކުރުމުގެ ޚިދުމަތްދޭ ކުންފުނިތަކުގެ މަޤްޞަދަކީ ވަޖުހުފުޅަށްޓަކައި، އިޙްސާންތެރިވުން ނޫންކަން، އެންމެންވެސް ދަނެއެވެ. ކިއެއްތަ، އަބަދުވެސް އޭގެ ބޭނުމަކަށްވެފައި އޮންނަނީ ފައިދާއެވެ. ވީމާ ތި ބުނާ މާތް މަޤްޞަދަކީ، ވިޔަފާރި އަމާންކުރުމާ އެންމެ ދުރުއެއްޗެވެ.

އަމާންކަން:

ދެން، އަމާންކުރުމުގެ ޢަޤުދުގެ ބޭނުމަކީ އަމާންކަން ހޯދުމޭ ބުނާ ބުނުމަކީ، އަމާންކުރުމުގެ ޢަޤުދު ތަޞައްވަރުކުރުމުގައި މައްސަލައެއް އެބަ އުޅޭކަން ދޭހަކޮށްދޭ ކަމެކެވެ.

އެހެނީ، ގެއްލުމާއި ނުރައްކާ މުޅިން އެއްކޮށް ދުރުކުރެވުމުން ނޫނީ، އަމާންކަމެއް އިޙްސާސެއް ނުވާނެއެވެ. އަމާންކަން އިޙްސާސްވުމުގެ މާނައަކީ، އެއްވެސް ބިރެއް ނުރައްކަލެއް ނެތުމެވެ. ނަމަވެސް، އަމާންކޮށްދިނުމުގެ ޚިދުމަތްދޭ ކުންފުނިން ކުރާ ކަމަކީ، އަމާންކޮށްދެވުނު އެތި ނުރައްކާތަކުން ސަލާމަތްކޮށް ޙިމާޔަތްކުރުމެއް ނޫނެވެ. ޢަޤުދުގެ މަޤްޞަދަކީ ފަހަރެއްގައިވެސް މިއެއް ނޫނެވެ. އޭގެ މަޤްޞަދަކީ، ނުރައްކަލެއް ކުރިމަތިވެ ގެއްލުންވުމުން އެ ލިބޭ ގެއްލުމުގެ ބަދަލު ލިބޭގޮތް ހެދުމެވެ.

ކުރިންސުރެ ނުރައްކާތަކުން ދުރުވެ ސަލާމަތްވިމާއި، ނުރައްކާ ޙަޤީޤަތަކަށް ވެ އައިސް ކުރިމަތިވުމުން ލިބޭ ގެއްލުންތައް ފޫބެއްދުމާ ދެމެދު ހުރި ފަރަގަކީ ވަރަށް ގިނަ ބަޔަކަށް އޮޅޭ އެއްޗެކެވެ. ނުރައްކަލުން ދުރުވެ ސަލާމަތް ކުރުމަކީ މަސައްކަތެކެވެ. އަދި މަސައްކަތަކަށް ކުރެވޭ ޢަޤުދަކީ، އަމާނާތުގެ ޢަޤުދެކެވެ. އަނެއްކޮޅުން ގެއްލުމުގެ ބަދަލު ދޭން ކުރެވޭ ޢަޤުދަކީ ޖާމިނުވުމުގެ ޢަޤުދެކެވެ. އަމާންކުރުމުގެ ޢަޤުދަކީ ޖާމިނުވުމުގެ ޢަޤުދެކެވެ. އެއީ މި ޢަޤުދަކީ، އަމާންކޮށްދޭން އަތުލާ ބައިތަކާއި، ދެވޭ ބަދަލާ ދެމެދު ކުރެވޭ ބަދަލުދެވޭ ޢަޤުދެކެވެ. އަދި މި ޢަޤުދުގައި މަސައްކަތެއް ކުޅޭ އެއްވެސް ދައުރެއް ނޯވެއެވެ.

ވީމާ މިއީ، ނުރައްކާ ކުރިމަތިވާ މިންވަރު މަދުކުރުމަށް މަސައްކަތް ކުރުމަށް ކުރެވޭ، ބެލެހެއްޓުމުގެ ޢަޤުދުފަދަ، މަސައްކަތު ޢަޤުދާ މުޅިން ތަފާތު އެއްޗެކެވެ. ބެލެހެއްޓުމުގެ ޢަޤުދަށް ބަލާއިރު، އެއީ އަމާނާތުގެ ޢަޤުދެކެވެ. އަދި އެ ޢަޤުދު ކުރެވެނީ ގެއްލުންތައް ކުޑަ ކުރުމަށް ކުރެވޭ މަސައްކަތަކަށެވެ. ނަމަވެސް، އަމާންކުރުމުގެ ޢަޤުދަކީ ޖާމިނުވުމަށް ކުރެވޭ ބަދަލުދިނުމުގެ ޢަޤުދެކެވެ. މީގައި ކުރާ އެއްވެސް މަސައްކަތެއް ނޯވެއެވެ. ކިއެއްތަ، އަމާންކުރުމުގެ ޢަޤުދުތަކުގެ ނައްޞުތަކުގައި ޝަރުޠުކޮށްފައި އޮންނާނީ، ކުރިމަތިވާ ގެއްލުމަކީ އެއީ އަމާންކުރެވޭފަރާތުގެ ބާރު ދަށުން ބޭރުގައިވާ ކަމަކަށް ވާންޖެހޭނެ ކަމަށެވެ.

އަމާންކުރުމުގެ ޢަޤުދަކީ އަމާންކަމާއި ގުޅުންހުރި އެއްޗެއް ނޫން:

ޙަޤީޤަތުގައި، ވިޔަފާރި އަމާންކުރުމުގެ ޢަޤުދަކީ، ބޭނުންވާ އަމާންކަމާއި މުޅިން އިދިކޮޅު ކަންތައްތަކެއް އޭގައި ހިމެނޭ ޢަޤުދެކެވެ.

އެއްކަމަކީ، ކުރިމަތިވާ ގެއްލުންތަކުގެ ނުރައްކަލަށް ބަދަލު ލިބުމަކީ، އެއީ ގެއްލުންތަކުން ފެއްޓުނީއްސުރެ ރައްކާތެރިވާން ބޭނުންވާ މިންވަރު ކުޑަކޮށްދޭ ކަމެކެވެ. މާނައަކީ، އަމާންކުރެވިފައިވާ އެއްޗެއް ގެއްލުމާ ހަލާކުން ސަލާމަތް ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި، އެ އަމާންކުރެވިފައިވާތީ އޭނާ އެކަމަށް ފަރުވާކުޑަކޮށްލާނެއެވެ. އަދި ވަރަށް ގިނަ ފަހަރު ބަދަލު ހޯދަން، ގަސްދުގައިވެސް އެ އެތި ހަލާކުކޮށްލައެވެ.

'އަޚްލާޤީ ނުރައްކާ' (Moral hazard) އޭ ކިޔެނީ މި ކަހަލަ ކަންތަކަށެވެ. އަމާންކުރެވިފައިވާ އެއްޗެއްގެ މަންފާ ކުޑަވާކަމަށް، އޭގެ ވެރިމީހާއަށް ފެނިއްޖެނަމަ، ނުވަތަ އޭގެ އަގު ދަށްވެ، އަސްލު އެތީގެ އަގަށް ވުރެ، މިހާރު ބަދަލުގެ ގޮތުގައި ލިބެން ހަމަޖެހިފައި އޮތް މިންވަރު އިތުރުނަމަ، އަމާންކޮށްދެވުނު އެތީގެ ވެރިމީހާގެ މަޞްލަޙަތު ބޮޑުވާނީ، އެ ހަލާކުވެ އޭގެ ބަދަލު ހޯދުމެވެ. މިއީ ބަދަލުދެވޭ ޢަޤުދަކަށް ވުމުން، މިކަން މިހެން ވުމަކީ ޠަބީޢީ ކަމެކެވެ. އެހެނީ ބަދަލުދެވޭ ޢަޤުދުގައި ދެފަރާތްވެސް އަބަދުވެސް ބަލާނީ ވީހާވެސް ބޮޑު ފައިދާއެއް ހޯދޭތޯއެވެ. މި މައްސަލައަކީ، އިޤްތިޞާދީ އަދި ޤާނޫނީ ތަޖުރިބާކާރުންވެސް އެއްބަސްވާ މައްސަލައެކެވެ. އަމާންކުރުމުގެ ވާހަކަ ދައްކާފައިވާ އެއްވެސް ފޮތެއްގައި މި ކަމާ ބެހޭ ގޮތުން ވާހަކަ ނުދައްކައި ނޯންނާނެއެވެ. ވީމާ އަމާންކުރުމަކީ އޭގެ ޒާތުން، ގެއްލުމާއި ހަލާކުވުމުގެ ފުރުޞަތު ބޮޑުވާ ކަމެއް ކަމަށް ވާ ހިނދު، މިއީ އޭގެ މަޤްޞަދެއް ކަމުގައި ބުނެވޭ މަޤްޞަދާ ޚިލާފު ނަތީޖާއެއް ނުކުންނަ ކަމެކެވެ.

ދެވަނަ ކަމަކީ، އަމާންކުރުމުގައި ބައިވެރިވަނީ، އެންމެ ގިނައިން ގެއްލުމާއި ނުރައްކަލަށް ހުށައެޅޭ ފަރާތްތަކެވެ. މިސާލަކަށް ކުންފުންޏަކުން ޞިއްޙަތު އަމާންކުރުމުގެ ލިޔުމެއް (Policy) ޢާއްމުންނަށް ހުށައަޅައިފިއްޔާ، އެ ގަންނަން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ، އެންމެ ބޮޑަށް ބައްޔެއް ނުވަތަ ޞިއްޙީ ނުރައްކަލެއް ކުރިމަތިވެދާނެ މީހުންނެވެ. ކުޑަކުޑަ ބައިތަކެއް ދައްކައިގެން، ބަދަލުގެ ގޮތުގައި ބައިވަރު ފައިސާތަކެއް ލިބޭނެތީއެވެ. ނަމަވެސް، މިއީ ފަހަރެއްގައިވެސް ކުންފުނިން ބޭނުންވާނެ ގޮތެއް ނޫނެވެ. އެއީ މިިހެން މިކަން ހިނގައްޖެނަމަ، އެ ވާނީ ކުންފުންޏަށް ލިބޭ ބޮޑު ގެއްލުމަކަށެވެ. މިއީވެސް، އިޤްތިޞާދީ ތަޖުރިބާކާރުން ދަންނަ، އެއްބަސްވާ މައްސަލައެކެވެ.

މި ދާއިރާގައި މި މައްސަލައަށް ކިޔައި އުޅެނީ، 'އިދިކޮޅު ހޮވުން' (Adverse selection) އެވެ. މީގައި ވާގޮތަކީ، އަމާންކުރުމުގެ ޢަޤުދެއް ހަދަން އެންމެ ބޮޑަށް ބޭނުންވާ ބަޔަކީ، އަމާންކަމާއި އެންމެ ދުރު މީހުންނެވެ. އަމާންކަމަށް އެންމެ ބޭނުންޖެހިފައިވާ ބަޔަކީވެސް މި މީހުންނެވެ. މިކަން މިހެން އޮތުން މިއީ، އަމާންކޮށްދޭ ކުންފުންޏަށް ކަނޑައެޅިގެން ހުރި ގެއްލުމެކެވެ. އެހެންވެ، މިފަދަ މީހުންނާ ދުރަށް ދެވޭނެފަދަ ޝަރުޠުތަކެއް، ކުންފުނިތަކުން އަބަދުވެސް އެމީހުންގެ ޢަޤުދުގައި ހިމަނާނެއެވެ.

އަމާންކުރުމުގެ ޢަޤުދަކީ އަމާންކަން ލިއްބައިދޭން ކުރެވޭ ޢަޤުދެއް ނަމަ، ބާޒާރުގައި ހުންނަ ތަފާތު މުދާތަކާއި ޚިދުމަތްތައް އެއަށް އެންމެ ބޮޑަށް ބޭނުންޖެހޭ މީހުންނަށް އަމާޒުކުރެވޭ އުސޫލުން، މި ޢަޤުދު ކުރުން އެންމެ އައުލާކަން ބޮޑީ، މިފަދަ އަމާންކަމަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައިތިބޭ މީހުނާއެވެ. ނަމަވެސް މިހެން މިކަންތައް ކުރުން އެއީ ކުންފުންޏަށް ގެއްލުންވާނެ ކަމެކެވެ. ވީމާ މިއިން ދޭހަވަނީ، މި ޢަޤުދަކީ ފަހަރެއްގައިވެސް އަމާންކަން ހޯދައިދޭ ޢަޤުދެއް ނޫންކަމެވެ.

ތިންވަނަ ކަމަކީ، ވިޔަފާރި އަމާންކުރުމަކީ ބިރުވެރިކަމުގެ ދަށުގައި ނޫނީ ނޭވާލާ ދިރޭ އެއްޗެއް ނޫނެވެ. ނުރައްކާތަކުގެ ބިރެއް ނެތް ނަމަ، އަމާންކުރުމުގެ ލިޔުންތައް (ޕޮލިސީ) ގަންނަން މީހުން ނުދުވާނެއެވެ. ހާހަކުން އެއްފަހަރު ނޫނީ ދިމާ ނުވާނެ ނާދިރު ނުރައްކަލެއް ދެކެ، ބުއްދިވެރިއަކު ބިރު ނުގަންނާނެއެވެ. މިހާ ނާދިރު ކަމެއް ވެދާނެ ކަމަށް ބަލައި، ފައިސާތަކެއް ހޭދަކުރުން އެއީ ގިނަ މީހުން ދެކޭ ގޮތުގައި ބޭކަރު ކަމެކެވެ. ނަމަވެސް، ފައިސާއަށް ދަހިވެތިވެފައި ތިބޭ، އަމާންކޮށްދޭ ކުންފުނިތަކުން ކުރާ ކަމަކީ، މީހަކަށް ކުރިމަތިވެދާނެ ކޮންމެ ކަމަކީވެސް، އެއީ ނުރައްކަލެއް ކަމަށް ދައްކާ، އެ ނުރައްކާ ބޮޑު ފުރޭތައަކަށް ހަދައި، މީހުން ބިރުގަންނަވައިގެން، އަމާންކުރުވަން ނަފްސާނީގޮތުން ފާޑަކަށް މަޖުބޫރުކުރުވަނީއެވެ.

މިފަދަ ކުންފުނިތަކުގެ އިޝްތިހާރުތަކަށް ބަލާލުމުން ފެންނާނީ، ޙަޔާތުގައި ދިމާވާ ކޮންމެ އުނދަގުލެއް އަދި ކޮންމެ ނުރައްކަލަކީވެސް، ބިރުން ފިއްކަނޑައިގެން ދާންޖެހޭފަދަ ކަމެއްކަމުގައި ދައްކާތަނެވެ. މިފަދަ ގޮތަކަށް މީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދައިގެން ވިޔަފާރި ފުޅާކުރަން އުޅޭ ބަޔަކީ، މީހުންނަށް އަމާންކަން އިޙްސާސްކޮށްދޭން މަސައްކަތް ކުރާ ބައެކޭ ބުނެވޭނީ ފަހެ ކިހިނެއްހެއްޔެވެ؟

ވިޔަފާރި އަމާންކުރުމަކީ، އެ ޚިދުމަތް ދޭ މީހުން ދައްކާ ވާހަކައާ އޭގެ ޙަޤީޤަތާ އަޅާބަލާއިރު، ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. ވިޔަފާރި އަމާންކުރުމުގެ ބޭނުމަކީ މީހުންނަށް އަމާންކަން ހޯދައިދިނުމޭ ބުނާއިރު، އަމާންކަމަށް އެންމެ ބޭނުން ޖެހިފައިތިބޭ، އެންމެ ބޮޑަށް ނުރައްކަލަށް ހުށައެޅޭ މީހުންނަށް، މި ޚިދުމަތް ދޭން ކުންފުނިތަކުން ދެކޮޅުހަދައެވެ.

އެއީ މިފަދަ މީހުން އަމާންކޮށްދީފިއްޔާ، ކުންފުންޏަށް ގެއްލުންވާނެ ކަމުގެ އިޙްތިމާލު ބޮޑުވާނެތީއެވެ. އަދި ބައެއްފަހަރު ޔަޤީންވެސް ވާތިއެވެ. އެހެންވެ، ކުންފުނިން އަބަދުވެސް ހޯދާނީ، ވީހާވެސް ކުޑަކޮށް ނުރައްކަލަށް ހުށައެޅޭ، ނުވަތަ އެއްގޮތަކަށްވެސް ނުރައްކަލެއް ކުރިމަތި ނުވާނެ މީހުންނެވެ. މި މީހުންގެ ހިތަށް މުސްތަޤުބަލާމެދު ބިރުވެރިކަން ވައްދައިގެން، އަމާންކުރުވީމާ، ކުންފުންޏަށް ލިބޭނީ ހުސްފައިދާއެވެ. މާނައަކީ، ވިޔަފާރި އަމާންކޮށްދިނުމުން ކުރާ ކަމަކީ، އަމާންކަން ލިބިފައިވާ މީހާގެ އަމާންކަން އިތުރުކޮށްދީ، ނުރައްކަލުގެ ބިރު ކުރިމަތިވެފައިވާ މީހާ އިތުރަށް ބިރުގެންނެވުމެވެ. ރިބާ ބޭންކުތަކުންވެސް ކަންތައް ކުރަނީ މިކަހަލަ އުޞޫލަކުންނެވެ. ބޭންކުތަކުންވެސް ދަރަނި ދޭނީ، އެންމެ ކުޑަކޮށް ދަރަންޏަށް ބޭނުންޖެހިފައި ތިބޭ ފުދޭވަރެއްގެ ތަނަވަސް މީހުންނަށެވެ. ފައިސާ ފޮއްޗަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައި ތިބޭ ފަޤީރުންނަށް، ދަރަނި ދިނުމަކީ ބޭންކުތަކުން ދަންނަ ކަމެއް ނޫނެވެ.

މީގެ ނަތީޖާއަކީ މުއްސަނިދި މީހާ އިތުރަށް މުއްސަނދިވެފައި، ފަޤީރުމީހާ އިތުރަށް ފަޤީރުވުމެވެ. އަދި އަމާންކުރުމުގެ ޚަރަދުތައް ހޭދަކުރުމުގެ ކުޅަދާނަކަން ލިބިފައި ތިބެނީ މުއްސަނދިން ކަމަށްވުމުގެ ނަތީޖާއަކަށް ވާނީ، މުއްސަނދި މީހާއަށް އިޙްސާސްވާ އަމާންކަން އިތުރުވެ، އަނެއްކޮޅުން ފަޤީރުމީހާގެ ބިރުވެރިކަން އިތުރުވުމެވެ. މިހެން މިކަންތައްތައް ވެފައި މިވަނީ، އަމާންކޮށްދިނުމާއި ދަރަނި ދިނުމަކީ، ފައިދާ ހޯދުމުގެ ބޭނުމުގައި ބަޔަކު ކުރާ ވިޔަފާރިއަކަށް ވެފައިވާތީއެވެ. މި ދެކަންތައް، އިސްލާމީ ޝަރީޢަތް ބޭނުންވާ މަގުން ކައްސާލާފައިވާތީއެވެ. އިސްލާމްދީން ދެކޭ ގޮތުގައި، ދަރަންޏާއި އަމާންކަމަކީ އެއަށް ބޭނުންޖެހިފައި ތިބޭ ބަޔަކަށް ދެވޭ ޚިދުމަތެކެވެ. އެހީއެކެވެ. މި ދެ މައިދާނަކީ ފަހަރެއްގައިވެސް، ބޮޑު މަސްތައް ކުދި މަސްތައް ކާލާ އުސޫލު އޮވެގެންވާނެ، މައިދާނެއް ނޫނެވެ.

ހިތްހަމަޖެހުން އިޙްސާސްވުމުގެ މަންޠިޤީ އަސާސް:

މި ޢަޤުދުގެ މަޤްޞަދަކީ އަމާންކަން އިޙްސާސްކުރުން ނޫންކަމަށާއި، އަސްލު މަޤްޞަދަކީ، ގެއްލުމެއް ކުރިމަތިވެއްޖެ ހާލަތެއްގައި އެ ގެއްލުން ފޫބައްދައިދެވޭނެ ކަމުގެ ހިތްހަމަޖެހުން އިޙްސާސްވުމޭ، މީހަކު ބުނެފާނެއެވެ. ބަދަލު ލިބޭނެކަން އެނގުމުގެ އިޙްސާސްގެ ނަމަކަށް، ހިތްހަމަޖެހުމޭ، ނުވަތަ އަމާންކަމޭ، ކިޔަސް، އެއީ ޝައްކެއްވެސް ނެތް ގޮތުގައި، ބަދަލު ދީގެންވެސް ހޯދުން ޙައްޤު އެއްޗެކެވެ. އަދި އޭނާ ދައްކާފައިވާ ބައިތަކަކީ، މިފަދަ ހިތްހަމަ ޖެހުމެއް ހޯދަން ޤުރުބާންކޮށްލުން އެކަށޭނެ މިންވަރެކެވެ. މިހެން މީހަކު ބުނެފާނެއެވެ.

އަމާންކޮށްދެވިފައި ތިބޭ ހުރިހާ އެންމެންނަށް ދޭންޖެހޭ ބަދަލު ދިނުމުގެ ކުޅަދާނަކަން، ކުންފުންޏަށް ލިބިފައިވާނަމަ، މަތީގައިވާ ވާހަކައަކީ ކަމުދާ ވާހަކައަކަށް ފަހަރެއްގައި ވެދާނެއެވެ. ނަމަވެސް، ކުންފުނިން މި ކަމަށް ނުކުޅެދިފައި ވާހިނދު، ހިތްހަމަޖެހުމެއް އެބަ ލިބެއޭ ބުނުމަކީ ހަމަ ވަހުމެކެވެ.

އަމާންކޮށްދިނުން ބިނާވެފައިވާ އަސާސަކީ، ގިނަބަޔަކު ދައްކާ ބައިތަކުން، މަދު ބައެއްގެ ގެއްލުންތަކަށް ބަދަލު ދިނުމެވެ. ވީމާ މިއީ ޔާންޞީބް (ލޮޓަރީ) އާ އެއްފަދަ ކަމެކެވެ. އެއީ ލޮޓަރީގައި ދެވޭ އިނާމަކީވެސް، އެހެން މީސްމީހުން ދައްކާފައިވާ އިޝްތިރާކެވެ. އެހެންވެ ލޮޓަރީގައި އެންމެންނަށް ކާމިޔާބުވުމަކީ ވާނެ ކަމެއް ނޫނެވެ. ހަމަ މި ގޮތަށް އަމާންކުރުމުގައިވެސް، އެންމެންނަށް ބަދަލު ދިނުމަކީ ވާނެ ކަމެއް ނޫނެވެ. ސަބަބަކީ ކުރިންވެސް ބުނިހެން، މިއީ މަދުބަޔަކަށް، ބާކީ ތިބޭ މީހުން ބަދަލު ދިނުމުގެ ކުޅިގަނޑެކެވެ. އެންމެންނަށް އެއްފަހަރާ ގެއްލުމެއް ކުރިމަތިވެއްޖެނަމަ، ދޭނެ ފައިސާއެއް ކުންފުންޏަކު ނުހުންނާނެއެވެ.

އަމާންކުރުމުގައި ދައްކާ ބައިތައް ކަނޑައެޅުމުގައި ގެންގުޅޭ ތަފާސްހިސާބު ދެކޭ ގޮތުގައި، އަމާންކުރުމުގެ ޚިދުމަތް ލިބިގަންނަ މީހުންގެ ތެރެއިން، ނުރައްކާ ކުރިމަތިވާނީ މަދު ބަޔަކަށެވެ. ވީމާ ޚިދުމަތް ލިބިގަތް އެންމެން އަތުން ފައިސާ އަތުލުމަށްފަހު، މަދު ބަޔަކަށް ގެއްލުން ކުރިމަތިވެ، ބަދަލު ދޭން ޖެހުނީމާ، ލިބިފައިހުރި ޖުމްލަ ފައިސާއިން އެކަން ކުރެވޭނެއެވެ. އަދި، ގެއްލުމެއް ކުރިމަތި ނުވެ ދެން ބާކީ ތިބި މީހުންނަށް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި، ގެއްލުން ކުރިމަތި ނުވާނެ ކަންވެސް، އަންދާސީ ހިސާބު ޢިލްމުގެ އެހީގައި، ކުންފުނިން ލަފާކޮށް ދެނެގަނެއެވެ. ނަމަވެސް މި ލަފާކުރުމާ ޚިލާފަށް ކަންތަށްވެ، ގިނަ ބަޔަކަށް އެއްފަހަރާ ގެއްލުންތައް ކުރިމަތިވެއްޖެނަމަ، ބަދަލު ދިނުމަށް ކުންފުންޏަށް ނުކުޅެދޭނެއެވެ. މިފަދަ ހާލަތެއްގައި ދެން ކުންފުންޏަށް ޖެހޭނީ، އެހެން ކޮންމެވެސް ގޮތަކުން ފައިސާ ހޯދޭނެ ގޮތެއް ހަމަޖައްސާށެވެ. ނޫނީ ބަނގުރޫޓުވުމާ ކުންފުނި ކުރިމަތިލާންޖެހޭނެއެވެ.

ކޮންމެ ފަރުދަކާ ވަކިވަކިން، ޢަޤުދު ހެދުމުން، މިއިން ކޮންމެ މީހަކަށް ދޭންޖެހޭ ބަދަލު ދިނުމުގެ ކުޅަދާނަކަން ކުންފުނީގައި ހުންނަން އަސްލު ޖެހޭނެއެވެ. ނަމަވެސް، ޙަޤީޤަތުގައި، މި އެންމެންނަށް ނުވަތަ މީގެ ތެރެއިން ގިނަ ބަޔަކަށްވެސް، އެއްފަހަރާ ބަދަލު ދޭން ޖެހިއްޖެނަމަ، އެކަން އޮންނާނީ ނުވެފައެވެ. ވީމާ ކޮންމެ ފަރުދަކަށް ބަދަލު ދޭނެ ކަމަށް ކުންފުނިން ވާ އިލްތިޒާމަކީ، ތެދުވެރި އިލްތިޒާމެއް ނޫނެވެ. މިއީ ތެދުވެރި އިލްތިޒާމަކަށް ނުވަންޏާ، އަމާންކޮށްދެވޭ މީހާއަށް ލިބޭ ހިތްހަމަޖެހުމަކީ ކިހިނެއް ލިބޭ ހިތްހަމަޖެހުމެއްހެއްޔެވެ؟

ކުންފުނިން ބަލަނީ، ގެއްލުން ކުރިމަތިވާނެ މީހުން، ގެއްލުން ކުރިމަތި ނުވާނެ މީހުންނަށް ވުރެ، މާ ބޮޑުތަން މަދުވާނެ ކަމަށެވެ. އަދި މި މީހުންގެ ފައިސާއިން އަނެއް މީހުންނަށް ބަދަލު ދެވޭނެކަމަށެވެ. ވީމާ އަމާންކުރުމަކީ ހިތްހަމަޖެހުމެއް ލިބިދޭ ކަމެކޭ ބުނުމަކީ ތާކުންތާކު ނުޖެހޭ ވާހަކައެއްކަން އެބަ އެނގެއެވެ. އެހެނީ، ޙަޤީޤީ ހިތްހަމަޖެހުމަކަށް ވާނީ، ކުންފުނިން ޚިދުމަތް ލިބިގަންނަ ކޮންމެ މީހަކަށްވެސް، ކޮންމެ ވަގުތަކުވެސް، ކިތަންމެ ގިނަބަޔަކަށް ބަދަލު ދޭން ޖެހުނަސް، ބަދަލު ދިނުމުގެ ޤާބިލުކަން ކުންފުނީގެ ކިބައިގައި ވާނަމައެވެ. ނަމަވެސް، ޙަޤީޤަތުގައި މި ޤާބިލުކަމެއް ނުހުރެއެވެ. ބަދަލު ދިނުމުގެ ޤާބިލުކަން ބިނާވެފައި އޮންނަނީ، ހަމަ ހުސް ޚިޔާލީ ރޭވުންތަކެއްގެ މައްޗަށެވެ. ޙަޤީޤީ ދުނިޔޭގެ ޙަޤީޤީ ފައިސާގެ މައްޗަކަށް ނޫނެވެ.

މިއުޒިކު ގޮނޑި ކުޅި:

އަމާންކުރުމަކީ، މި ކިޔާ މިއުޒިކު ގޮނޑި ކުޅިއާ ވައްތަރު އެއްޗެކޭވެސް ބުނެވިދާނެއެވެ. މިއުޒިކު ގޮނޑި ކުޅީގައި ހުންނާނީ ވަކި ޢަދަދެއްގެ ގޮނޑިއެވެ. އަދި އެ ޢަދަދަށް ވުރެ ގިނަ ޢަދަދެއްގެ ކުޅޭ މީހުންނެވެ. ދެން މިއުޒިކު ހުއްޓާ ނުލާ ކުޅެކުޅެ ހުންނަހާ ހިނދަކު، ކުޅޭ މީހުންތައް ގޮނޑިތައް ވަށައިގެން ދުވެދުވެ ތިބޭނެއެވެ. ގޮނޑި ނުލިބުމުގެ މައްސަލައެއް އަދި އެ ހިސާބުން ކުރިމަތި ނުވާނެއެވެ. ނަމަވެސް، މިއުޒިކު ހުއްޓާލެވޭއިރަށް، އެންމެން އިށީންނަން ދުއްވައިގަތީމާ، ކޮންމެވެސް ބަޔަކު ގޮނޑި ނުލިބި ބާކީވާނެއެވެ. މީހުންގެ ޢަދަދަށް ވުރެ، ގޮނޑީގެ ޢަދަދު މަދުވުމަކީ، މި ކުޅިވަރުގެ ޤަވާޢިދު އޮންނަ ގޮތެވެ. ދެން އަމާންކޮށްދިނުމަށް ބަލާއިރުވެސް، އެތަށް ހާސް ބަޔަކަށް އަމާންކޮށްދިނުމުގެ ޚިދުމަތް ކުންފުނިން ދޭނެއެވެ. ނަމަވެސް، އޭގެ ތެރެއިން މަދު ނިސްބަތަކަށް މެނުވީ، ބަދަލު ދިނުމުގެ ޤާބިލުކަމެއް ނުހުންނާނެއެވެ. (މީހުންގެ ޢަދަދަށް ވުރެ ގޮނޑި މަދުވާނެއެވެ.) އެކަކަށްވެސް ގެއްލުމެއް ކުރިމަތި ނުވަންޏާ، ނުވަތަ ޖުމްލަ ޢަދަދާ އަޅާ ބަލާއިރު ގެއްލުންވި މީހުންގެ ނިސްބަތް ދަށިއްޔާ (މިއުޒިކު ކުޅެ ކުޅެ ހުރިއްޔާ) ހާސްވާކަށް ނުޖެހެއެވެ. ނަމަވެސް މިއުޒިކު ހުއްޓި، ކުންފުނިން ޚިދުމަތް ލިބިގަންނަ މީހުންގެ ތެރެއިން ބޮޑު ނިސްބަތަކަށް ގެއްލުން ކުރިމަތިވެއްޖެނަމަ، ބަދަލު ދޭނެ ފައިސާއެއް ކުންފުނި އަތަކު ނުހުންނާނެއެވެ. (އިށީންނާނެ ގޮނޑިއެއް ނުހުންނާނެއެވެ.)

ޢާއްމުކޮށް ކަންތައްވާގޮތޭ ބުނެ ހުއްޖަތް ދެއްކުން:

ވިޔަފާރި އަމާންކުރުމުގެ ދިފާޢުގައި، މި ހިސާބުން މީހަކު ބުނެފާނެ އަނެއް ވާހަކައަކީ، ބަލަން ޖެހޭނީ ޢާއްމުކޮށް ކަންތައް ވާގޮތަށް ކަމަށެވެ. ޢާއްމުކޮށް ކަންތައް ވާގޮތުން، ގެއްލުން ކުރިމަތިވަނީ މަދު ބަޔަކަށެވެ. ވީމާ ބަދަލު ދިނުމުގެ ކުޅަދާނަކަން، ކުންފުންޏަށް ލިބިގެންވެއެވެ. ޢާއްމު ހާލަތަށް ބަލާއިރު، ބަދަލު ލިބޭނެ ކަމުގެ އިތުބާރު، އަމާންކުރެވޭފަރާތަށް ލިބެއެވެ. ވީމާ ބަދަލު ލިބޭނެ ކަމުގެ ހިތްހަމަޖެހުން އޭނާއަށް އެބަލިބެއެވެ.

މީގެ ޖަވާބަކީ- އެކެއް: ބެލެނީ ޢާއްމުކޮށް ކަންތައް ވާގޮތަށް ކަމަށް ވަންޏާ، ޢާއްމުކޮށް ކަންތައް ވާގޮތުން އަމާންކުރެވޭފަރާތަށް ގެއްލުމެއްވެސް ނުލިބެއެވެ. ވީމާ، އަމާންކުރުވުމަކީ ފެއްޓުނީއްސުރެވެސް ކުރަން ޖެހޭވެސް ކަމެއް ނޫނެވެ. ބުއްދިވެރިއަކު، ނާދިރު ހާލަތެއްގައި ލިބިދާނެ މަންފާއަކަށްޓަކައި، ޔަޤީން ގެއްލުމަކާ (އަތުންދާ ބައިތަކުގެ ފައިސާ) ކުރިމަތި ނުލާނެއެވެ. ނަމަވެސް، އަމާންކުރެވޭފަރާތް ބޭނުންވަނީ، ނާދިރު ހާލަތްތަކަކަށް އަމާންކުރުވުން ކަމަށް ވަންޏާ، ނާދިރު ހާލަތުގައި ބަދަލު ދިނުމުގެ ކުޅަދާނަކަން ކުންފުންޏަށް ލިބިފައިވެސް އޮންނަންޖެހޭނެއެވެ. ނަމަވެސް ކަންއޮތް ގޮތަށް ބަލާއިރު މި ފެންނަނީ، ނާދިރު ހާލަތްތަކުގައި ބަދަލު ދިނުމުގެ ކުޅަދާނަކަމެއް، ކުންފުނީގެ ކިބައިގައި ނުހުންނަތަނެވެ. އަމާންކޮށްދެވުނު މީހާ ގެއްލުންތަކުގެ ބަދަލަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައި ހުންނަ، ބޮޑެތި ކާރިސާތަކާއި ޢާއްމު ބަލިމަޑުކަމެއް ފެތުރޭފަދަ ނާދިރު ހާލަތްތަކަކީ، އެންމެ ބޮޑަށް އެކަމަށް ކުންފުނި ނުކުޅެދޭ ހާލަތެވެ! މީގެ މިސާލަކީ އަވިން ހިޔާވާން ބޭނުންކުރާ ކުޑައެއްގެ މިސާލެވެ. ނަމަވެސް މި ކުޑަ މަސައްކަތް ކުރަނީ ހަމައެކަނި ހިޔާ ދަށުގައެވެ!

ދޭއް: ކުންފުނިން ވަކިވަކި ފަރުދުންނާއެކު ކޮށްފައިވާ ޢަޤުދުތަކަށް ބަލާއިރު، އަހަރެމެންނަށް މި ފެންނަނީ، މީގެ ތެރެއިން ގިނަ ބަޔަކަށް، އެއްފަހަރާ ބަދަލު ދިނުމަކީ ކުންފުންޏަށް ނުކުޅެދޭ ކަމެއް ކަމެވެ. މީގެ މާނައަކީ، ކުންފުނިން ހަދާ ގިނަ ޢަޤުދުތަކަކީ އެއީ، ކުންފުންޏަށް ނުކުރެވޭނެ ކަމަކަށް ކުރާ ޢަޤުދުތަކެކެވެ. ވީމާ މިއީ ބާޠިލު ޢަޤުދުތަކެކެވެ. ކުންފުނީގެ ގިނަ ޢަޤުދު އެއީ ބާޠިލު ޢަޤުދަކަށް ވެއްޖެނަމަ، ބެލެވޭނީ، ކުންފުނީގެ ޖުމްލަ މަސައްކަތަކީވެސް ބާޠިލު މަސައްކަތެއްކަމަށެވެ.

ތިނެއް: އަމާންކުރުމުގެ ޢަޤުދަކީ ހަމަ އަސްލުވެސް، ޢާއްމު ގޮތެއްގައި ކަންތައް ވާގޮތުގެ މައްޗަށް ބިނާވާ ޢަޤުދެއްނަމަ، އަދި ޢާއްމުގޮތެއްގައި ބަދަލު ދިނުމުގެ ކުޅަދާނަކަން ކުންފުންޏަށް ލިބިގެންވާނަމަ، ބަދަލު ދެވޭނީ، ކުންފުންޏަށް ކުޅަދާނަކަން ލިބިގެންވާނަމައޭ ބުނެ، ޢަޤުދުގައި މި ޝަރުޠު ނުހިމަނަނީ ކީއްވެހެއްޔެވެ؟ ބަދަލު ދެވޭނީ، ކުންފުނީގައި އެފަދަ ކުޅަދާނަކަމެއް ހުރެއްޖެ ހާލަތުގައި ކަމަށާއި، އަދި އެއްބަސްވެވިފައިފާ ޢަދަދު ދެވޭހާ ފައިސާ ނެތްނަމަ، ދޭނީ ކުންފުނީގައި ފައިސާ ހުރިވަރަކުން ކަމަށް، ޢަޤުދުގައި ބަޔާންކުރާށެވެ. ހުރި ފައިސާއާއި ދޭންޖެހޭ ފައިސާ ދެކޮޅު ނުޖެއްސޭ ހާލަތްތަކަކީ މަދު ނާދިރު ހާލަތްތަކެއް ކަމަށް ވާހިނދު، މި ފަދަ ޝަރުޠެއް ޢަޤުދުގައި ހިމެނިއަސް، އެއީ އެއްވެސް ފަރާތަކަށް ގެއްލުންވާނެ ޝަރުޠެއް ނޫނެވެ. ނާދިރުކަމެއްގެ ވާހަކަ ރީއްޗަށް ބުނުމުން އޮތް ގެއްލުމަކީ ކޮބާހެއްޔެވެ؟! އަހަރެމެން މި ގޮވާލާ ''ބައިވެރިވާ އަމާންކުރުން'' އޮންނަނީ މިގޮތަށެވެ. މިއާ ބެހޭގޮތުން އަދި ފަހުން ވާހަކަ ދައްކާނަމަވެ.

ނަމަވެސް މި ފަދަ ޝަރުޠެއް ހިމަނަން، ކުންފުނިން ދެކޮޅު ހަދާނަމަ، އޭގެ މާނައަކީ، ޢަޤުދު އެ ކުރެވެނީ ޢާއްމުކޮށް ކަންތައް ވާ ގޮތުގެ މައްޗަކަށް ނޫނެވެ. އެކަމަކު، ނާދިރު ޙާލަތްތެއްގައި ވަކި އިލްތިޒާމެއް އުފުލުމަށެވެ.

ޙައްޤުތައް ތޮއްޖެހުން:

ފުރަތަމައިނުންވެސް އިލްތިޒާމް އަދާކުރުމުގެ ކުޅަދާނަކަން ހުރުމާއި، ފަހުގެ ވަގުތެއްގައި އެ އަދާކުރުމުގެ އިޙްތިމާލު އޮތުމާ ދެމެދު، ފަރަގުތަކެއް ވާކަން ހަނދާންނައްތާލައިގެން ނުވާނެއެވެ. ޢާއްމުކޮށް ކަންތައްވާ ގޮތަށް ބަލާފައި، އިސްލާމީ ޝަރީޢަތް، ކަމަކަށް ޙުކުމްކުރާނީ، އެ ކަމަކީ އަސްލު ކުރެވޭނެ އަދި ވާނެ ކަމެއް ނަމައެވެ. ނަމަވެސް އެ ކަމަކީ ފުރަތަމައިނުންވެސް ނުކުރެވޭ ނުވަތަ ނުވާނެ ކަމެއްކަން އެނގޭނަމަ، ފަހުން އެ ކަން ޢާއްމުގޮތެއްގައި ވިޔަސް، އެއީ ގުނެވޭނެ ކަމެއް ނޫނެވެ. ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ، ތިމާގެ އަތުގައި ނެތް އެއްޗެއް ވިއްކުން މަނާކުރައްވާފައެވެ. މާނައަކީ، ސަލްމާނަކަށް ބަކުރުގެ ކާރު ވިއްކައެއް ނުލެވޭނެއެވެ. އެއީ އެ ކާރަކީ ބަކުރުގެ އަތުގައި އޮތް ބަކުރުގެ މިލްކަކަށް ވާތީއެވެ. އަދި އެ ވިއްކަން ބަކުރު ސަލްމާނަށް ހުއްދައެއްވެސް ދީފައި ނުވާތީއެވެ. ވީމާ ސަލްމާނު ބަކުރުގެ ކާރު ވިއްކާލައިފިއްޔާ، އެ ވިއްކުން ވާނީ ބާޠިލު ވިއްކުމަކަށެވެ. ބަކުރު އަތުން ފަހުން އެ ކާރު ގަނެވިދާނެ ކަމަށް ކިތަންމެ ބޮޑަށް، ސަލްމާނަށް ހީވިކަމުގައި ވިޔަސްވެހެވެ. ބަކުރު އަތުން އެ ކާރު ގަނެވިދާނެކަމަށް ކިތަންމެ ބޮޑަށް ހީވިއަސް، އެ ވާނީ މި ޢަޤުދު ހެދުމަށްފަހު ވާނެ ކަމަކަށެވެ. ވީމާ ސަލްމާނު ބަކުރުގެ މި ކާރު ވިއްކާލާ ވަގުތު، މިލިކުވެރިކަން އޮތީ ސަލްމާނަށް ނުވާތީ، މި ވިއްކުން ހުއްދަ ނުވީއެވެ. ގަނެ ވިއްކުމުގެ އެންމެ އަސާސީ އެއް ކަމަކީ، ޢަޤުދު ކުރެވޭ ވަގުތު ޢަޤުދު ކުރެވޭ އެއްޗެއް އެއީ އޭނާގެ ބާރު ދަށުގައިވާ އެއްޗަކަށް ވުމެވެ.

ރަހުނު ކުރެވިފައިވާ އެއްޗެއް ރަހުނު ކުރުމަކީވެސް މި ބާބުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ދަރަނިވެރިއާ(ރަހުނުކުރާމީހާ) ރަހުނުކުރެވިފައިވާ އަސްލު އެތި، ދަރަނިދޭ އެހެން މީހަކަށް ރަހުނުކޮށްދިނުން، ހުއްދަ ނުވާނެ ކަމަށް ހުރިހާ ފިޤުހުވެރިންވެސް އެއްބަސްވެލައްވައެވެ. ރަހުނުގައި އަތް ނުލާ ފުރަތަމަ ދަރަނި ދެއްކިދާނެކަން، ދަރަނިވެރިއާއަށް ވަރަށް ބޮޑަށް ހީވުން އެއީ، މިކަން ހުއްދަކޮށްދޭނެ ސަބަބެއް ނޫނެވެ. ދެވަނަ ރަހުނު ކުރެވުނު އިރު، ރަހުނު ކުރެވޭނެ ޞައްޙަ އެއްޗެއް ނެތީމާ، މި ޢަޤުދު ވާނީ ބާޠިލް ޢަޤުދަކަށެވެ.

ޢަޤުދުކުރެވޭ ވަގުތު، އަމާންކޮށްދޭ ކުންފުނިން އިލްތިޒާމްވަނީ، އަމާންކުރެވޭފަރާތަށް ގެއްލުމެއް ވެއްޖެނަމަ، ގެއްލުން ފޫބައްދައިދޭނެ ކަމަށެވެ. ކުންފުނިން، މި އިލްތިޒާމް ކޮޅުޖައްސަނީ (ކަވަރުކުރަނީ)، ޚިދުމަތް ލިބިގަންނަ އެންމެން ދައްކާފައި ހުރި ބައިތަކުގެ ޖުމުލަ ފައިސާއިންނެވެ. ޚިދުމަތް ލިބިގަންނަ އެންމެން ޝާމިލުކޮށް ކޮޅުޖެއްސޭނެހާ ފައިސާ، ލިބިފައި ނެތް ހިނދުވެސް، ޚިދުމަތް ލިބިގަންނަމުންދާ ކޮންމެ މީހަކަށްވެސް ކުންފުނިން ފައިސާ ދޭނެ ކަމަށް ވަޢްދުވެއެވެ. ނަމަވެސް، އެއްފަހަރާ ގިނަ ބަޔަކަށް ފައިސާ ދޭންޖެހިއްޖެނަމަ، މަދު ނިސްބަތަކަށް ނޫނީ ފައިސާ ދިނުމުގެ ޤާބިލުކަމެއް ކުންފުނީގެ ނުހުންނާނެއެވެ. ވީމާ މިއީ ރަހުނުކުރެވިފައިވާ އެއްޗެއް، ދަރަނިދޭ އެހެން ބަޔަކަށް ރަހުނުކޮށްދިނުންފަދަ ކަމެކެވެ. މިގޮތުން، ކޮޅުޖައްސަން ކުންފުނި އަތުގައި ހުންނަ ފައިސާއަކީ ރަހުނެއްފަދަ އެއްޗެކެވެ. ޚިދުމަތް ލިބިގަންނަ މީހުންނަށް ބަދަލުދޭން އިލްތިޒާމްވުމަކީ އެއީ ދަރަންޏެއްފަދަ ކަމެކެވެ.

ވީމާ، ހުރިހާ ދަރަނިވެރިންނަށް ރަހުނެއްގެ ގޮތުގައި ފުދޭހާ އަގުހުރި އެއްޗެއް ނޫނީ، އެކަކަށް ވުރެ ގިނަ ފަރާތަށް ރަހުނުކުރުން ހުއްދަނުވާ ފަދައިން، ހުރިހާ އެންމެންނަށް ދެވޭނެހާ ފައިސާ ނެތްނަމަ، އަމާންކޮށްދެވޭ އެއްފަރާތަށް ދޭން ކަނޑައެޅިފައިހުރި ފައިސާއިން، އެހެން މީހުންނަށް ދިނުން ހުއްދަނުވާނެއެވެ.

ރަހުނުކުރެވިފައިވާ އެތީގައި އަތް ނުލާ، ދަރަނި އަދާކުރެވިދާނެހެން، ވަރަށް ބޮޑަށް ހީވެގެން، ދަރަނިވެރިއާ އެ ރަހުނު އެހެން މީހަކަށް ރަހުނުކޮށްދިނުމަކީ، ޤަބޫލުކުރެވޭ ކަމަކަށް ނުވާފަދައިން، އަމާންކޮށްދޭ ކުންފުންޏަކުން، މިވެނި މުއްދަތެއްގައި ބަޔަކަށް ބަދަލު ދޭން ނުޖެހޭނެ ކަމަށް، ނުވަތަ ވަކި ޢަދަދަކަށް ވުރެ ގިނައިން ޙާދިސާތައް ކުރިމަތިނުވާނެ ކަމަށް، ކިތަންމެ ބޮޑަށް ހީކުރިއަސް، އެއްބަޔަކަށް ދޭން ކަނޑައެޅިފައިވާ ފައިސާ އަނެއް ބަޔަކަށް ދިނުން، އެއީ ޤަބޫލު ކުރެވޭނެކަމެއް ނޫނެވެ. ސަބަބަކީ، ޢަޤުދުކުރެވޭ ވަގުތު ޢަޤުދުކުރެވޭ އެއްޗެއް ކަނޑައެޅެން ނެތީމައެވެ. ރަހުނުކުރެވިފައިވާ އެއްޗާއި، އަމާންކުރެވޭފަރާތަށް ދޭނެކަމަށް ބުނެފައިވާ ފައިސާއަކީ، އެއީ ވަކި މީހަކަށް ކަނޑައެޅިފައިވާ އެއްޗެކެވެ. ވީމާ މީހަކަށް ކަނޑައެޅި ނިމިފައިވާ އެއްޗަކީ، އެހެންމީހަކަށް ކަނޑައެޅޭނެ އެއްޗެއް ނޫނެވެ. ދެވިފައިވާ އެއްޗަކީ ދެވޭނެ އެއްޗެއް ނޫންކަމީ، ފިޤުހު ޢިލްމުގައި އެއްބަސްވެވިފައިވާ ފިޤުހީ ޤަވާޢިދެކެވެ. ވީމާ ވިޔަފާރި އަމާންކުރުމުގެ ޢަޤުދަކީ މި ބުނެވުނު ސަބަބަށްޓަކައި، ބާޠިލު ޢަޤުދެކެވެ.

މި ހިސާބުން، އެ ބުނާ ހިތްހަމަޖެހުމަކީ ޙަޤީޤަތެއް ނޫންކަން ސާފުވެއްޖެއެވެ. އެހެނީ، އަމާންކޮށްދެވޭ މީހަކަށް ދޭނަމޭ ބުނެ، ކުންފުނިން ވަޢްދުވާ ފައިސާއަކީ، ހަމަ އެފަދަ އެތައް ސަތޭކަ ނުވަތަ އެތައް ހާސް ބަޔަކަށް ދޭނެ ކަމަށް ވަޢްދުވެވިފައިވާ ފައިސާއެކެވެ. މީގެ މިސާލަކީ، ދިހަ މެޓާ އޮތް މީހަކު، ވަކި ޝަރުޠުތަކެއް ހަމަވާ ސަތޭކަ މީހުންނަށް، ކޮންމެ މީހަކަށް މެޓާއެއް، ދޭނަމޭ ބުނެ ވަޢްދުވުމެވެ. ވަޢްދުވި އިރު އޭނާ ހިތުގައި އޮތީ، އެ އެންމެން މެޓާ ބަލާ ނާންނާނެކަމަށެވެ. ނުވަތަ، ވަކި ހިސާބަކުން ބައެއް މީހުން ޝަރުޠުފުރިހަމަ ނުވާ މީހުންނަށް ބަދަލުވެދާނެކަމަށެވެ.

ފަހެ، މިފަދަ ގޮތަކަށް ކުރެވޭ އަމާންކުރުމަކުން، ހިތްހަމަޖެހުމެއް ލިބެއޭ ބުނެވޭނީ ކިހިނެއްހެއްޔެވެ؟ ދަރަނިދޭ މީހާއަށް، އޭނާއަށް ދެވޭ ރަހުނަކީ އަދި އެހެން މީހަކަށްވެސް ކޮށްދެވިފައިވާ ރަހުނެއްކަން އެނގިއްޖެނަމަ، އޭނާ ހިތްހަމަޖެހޭނެހެއްޔެވެ؟ ދަރަނި ދިން މީހުންތައް ދަރަނި އަތުލަން ތޮއްޖެހިގަންނައިރު، އޭނާގެ ދަރަންޏަށް ވަކި އިސްކަމަކާ ޔަޤީންކަމެއް އޮންނާނެހެއްޔެވެ؟ ރަހުނުކުރެވިފައިވާ އެއްޗެއް ރަހުނުކުރުމަކީ ހުއްދަ ނޫން ކަމެއްކަމަށް، ފިޤުހުވެރިން އެއްބަސްވެލެއްވީ ސަބަބެއް ނެތިއެއް ނޫނެވެ. މިކަން ހުއްދަ ކަމަކަށް ނުވީ، މިއީ ރަހުނުކުރުމުގެ އަސްލު މަޤްޞަދާ -ޔަޤީންކަން ހޯދުން- ޚިލާފު ކަމަށް ވާތީއެވެ. ހަމަ މި މަންޠިޤު، އަމާންކުރުމަށްވެސް އެބަ ފެތެއެވެ. އެންމެންނަށް ފުދޭވަރަށް ފައިސާ ނެތީސް، އަމާންކުރުމަކީ އަމާންކަމާ ހިތްހަމަޖެހުން ލިއްބައިދޭ އެއްޗެކޭ ބުނެވޭނީ ކިހިނެއްހެއްޔެވެ؟

މީގެ ޖަވާބަކަށް މީހަކު ބުނެފާނެއެވެ: ހުރި ފައިސާއަށް ވުރެ ބޮޑު ޢަދަދެއް، ބަދަލު ހޯދަން އެދޭ މީހުންނަށް ދޭންޖެހިއްޖެނަމަ، ކޮންމެ މީހަކަށްވެސް، ލިބުނު ގެއްލުމަކާ އެކަށީގެންވާ ވަރެއް، ކުންފުނީގައި ހުރި ފައިސާއިން ދޭނީއެވެ.

މީގެ ޖަވާބަކީ: ތި ގޮތަށް ކަންތައްކޮށްފިނަމަ، ވަކި ޢަދަދެއްގެ ފައިސާ ދޭނެކަމަށް ވާ ޖާމިނުވުން ނެތިދިޔައީއެވެ. އަދި އޭރުން، ގެއްލުން ފޫބައްދައިދިނުމަކީ، ކުންފުނިން ޖާމިނުވާނެ ކަމެއް ނޫނެވެ. އަދި ތި ބޮޑަށް ގާތްކުރާނީ ''ބައިވެރިވާ އަމާންކުރުމާ'' އެވެ. އަދި އަހަރެމެން މި ގޮވާލަނީވެސް ބައިވެރިވާ އަމާންކުރުން އެއީ އިސްލާމީ ޤައުމުތަކުގައި ކުރެވޭ، އަމާންކުރުމަށް ހެދުމަށެވެ.

އަލުން އަމާންކުރުން:

މީހަކު ބުނެފާނެއެވެ: އަމާންކޮށްދޭ ކުންފުނިތަކުން އުފުލާ ނުރައްކާތައް، އެ މީހުން އަނެއްކާ، ބޮޑު އެހެން ކުންފުންޏަކުން އަމާންކުރުވައެވެ. މިހެން ހެދުމުން އަމާންކުރެވޭފަރާތަށް ދޭންޖެހޭ އެއްޗެއް ދިނުމުގެ ކުޅަދާނަކަން (އެތައް ހާސް ބަޔަކަށް އެއްފަހާރާ ދޭންޖެހުނަސް) ލިބެއެވެ.

މީގެ ޖަވާބަކީ: އެކެއް: ތިހެން ބުނުމަކީ، އަމާންކޮށްދޭ ކުންފުނިތަކުން އިލްތިޒާމްވާ އިލްތިޒާމްތަކަށް ވަފާތެރިނުވެވޭ ކަމަށާއި، އެހެންވެ އަލުން އަމާންކުރުވަން އެމީހުންނަށް މަޖްބޫރުވާ ކަމަށް، ވެވޭ އިޢްތިރާފެކެވެ.

ދޭއް: އަމާންކޮށްދޭ ކުންފުނިތަކުގެ ކުރިމަތީގައި، އަލުންއަމާންކޮށްދޭ ކުންފުނީގެ ހާލަކީ ހަމަ، އަމާންކުރެވޭފަރާތްތަކުގެ ކުރިމަތީގައި، އަމާންކޮށްދޭ ކުންފުނީގެ ހާލެވެ. އަލުން އަމާންކޮށްދޭ ކުންފުނިތައް ކުރާ ކަމަކީ، އަމާންކޮށްދޭ އާދައިގެ ކުންފުނިތަކަށް ނުކުޅެދޭފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ، އެ ގެއްލުންތައް ލުއިކުރުމުގައި ބައިވެރިވުމެވެ. އާދައިގެ އަމާންކުރުމެކޭ އެއްފަދައި، އަލުން އަމާންކޮށްދޭ ކުންފުނިތަކުންވެސް ބަލަނީ، އެ މީހުން ފައިސާ ދޭންޖެހޭނެ ހާލަތެއް، އާދައިގެ ކުންފުންޏަކަށް ދިމާވުމަކީ ނާދިރު ކަމެއް ކަމަށެވެ. އަދި އެއްވެސް ކަހަލަ ނުރައްކަލެއް ނު އުފުލަންވެގެން، އަލުން އަމާންކޮށްދޭ ކުންފުނިތަކުންވެސް، އެއަށްވުރެ ބޮޑު އެހެން ކުންފުންޏެއްގެ އަމާންކަމުގެ ދަށަށް ވަދައެވެ. މީގެ މާނައަކީ، ކޮންމެ މީހަކުވެސް، އަތުގައި އޮންނަ އަލިފާން ބޯޅަ ފަޅައިގެން ހިނގައިދާނެ ކަމަށް، އެހެން މީހެއްގެ އަތަށް އެއްލާލަނީއެވެ. އަދި މި މީހާވެސް އެހެން މީހެއްގެ އަތަށް އެއްލާލަނީއެވެ. މިގޮތަށް މި ކުޅިވަރު ކުޅެކުޅެ ތިއްބާ، ކޮންމެވެސް އެކެއްގެ އަތަށް ބޯޅަ ގޮވާނެއެވެ. ގޮވީމާ ދެން އެހެން ކުންފުންޏަކާ އެކު މި ކުޅިވަރު އަލުން ކުޅެނީއެވެ....

ޣަރަރާއި ތަފާސްހިސާބު ޤާނޫނުތައް:

ވަރަށް ގިނަ ޢަދަދެއްގެ ބައެއް އަމާންކޮށްދިނުމުން، އޭގައި ވާ ޣަރަރުގެ މިންވަރު، ތަފާސް ހިސާބު ޤާނޫނުތަކާއި ބޮޑު ޢަދަދު ޤާނޫނުގެ އެހީގައި، ވަރަށް ބޮޑުތަން ކުޑަކުރެވިދާނެކަމަށާއި، އަދި ގެއްލުންތަކުގެ ބަދަލުގައި، މިވެނި މުއްދަތެއްގެ ތެރޭގައި ދޭންޖެހޭނެ މިންވަރު، ވަރަށް ބަރާބަރަށް ލަފާކުރުމަކީ މިހާރު އެހާ ދަތިކަމަކަށް ނުވާކަމަށް ބައެއް މީހުން ބުނެއެވެ. މި ގޮތަށް ބުނާ ބުނުމަކީވެސް، އަމާންކުރުމުގެ މައްސަލާގައި ހުއްޓިލަންޖެހޭ ތަންކޮޅެކެވެ.

އެހެނީ، ތަފާސްހިސާބު ޤާނޫނުތަކުގެ ބޭނުން ހިފުމަކީ، ވަގުތުން އެއިން ޣަރަރު ފިލައިދާނެ ކަމެއް ނޫނެވެ. ޖުވާކުޅުމާއި، ޔާންޞީބުގެ ތަފާތު ވައްތަރުތަކަކީ، އަންދާސީހިސާބު ޤާނޫނުތަކާއި ހިސާބު ޢިލްމުގެ ލަފާކުރުންތަކުގެ ބޭނުން އެންމެ ބޮޑަށް ހިފޭ ކަންކަމެވެ. އެހެނޭކިޔާފައި މިއީ، ޙަރާމްކުރެވިފައިވާ ސީދާ ޣަރަރު ނޫން އެއްޗަކަށް ބަދަލެއް ނުވެއެވެ. އެހެނީ ޢަޤުދުތަކުގައި ބެލެވޭ އެއްޗަކީ، ޢަޤުދަކުން ނުކުންނަ މޭވާ ދެފަރާތުގެ ދެމެދުގައި ބެހޭ ގޮތެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -ރަޙިމަހުއްﷲ- ވިދާޅުވިއެވެ:

''ދެން ނުރައްކަލަކާ ކުރިމަތިލުމަށް ބަލާއިރު، މިފަދަ ކޮންމެ ކުރިމަތިލުމަކީ، އެއީ ޙަރާމް ކުރަންޖެހޭފަދަ ކަމެއް ކަމަށް ޝަރުޢީ ދަލީލުތައް ދޭހަކޮށެއް ނުދެއެވެ. ކިއެއްތަ، މާތް ﷲ އާއި އަދި އެކަލާނގެ ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ-، ހުރިހާ ނުރައްކަލެއް، އަދި ފައިދާވުމާއި ގެއްލުންވުމުގެ ދެމެދު ކިރިކިރި އޮންނަ ކޮންމެ ކަމެއް، ޙަރާމްކުރައްވާފައި ނެތްކަން އެނގެން އެބަ އޮތެވެ. މިފަދަ ހުރިހާ ވައްތަރަކީ ޙަރާމް އެއްޗެއް ކަމަށް ބުނެވޭނެފަދަ، ނައްޞީ ދަލީލެއްވެސް އަދި ޤިޔާސީ ދަލީލެއްވެސް ޝަރުޢުގައި އައިސްފައި ނެތެވެ. ނަމަވެސް މީހުންގެ ފައިސާ ބާޠިލު ގޮތެއްގައި ކެއުން، މިއިން ވައްތަރެއްގައި ހިމެނިއްޖެނަމަ އެ ޙަރާމްވާނެއެވެ. ޙަރާމްވާންޖެހުނު ސަބަބަކީ، އެއީ ބާޠިލު ގޮތުގައި މީހުންގެ ފައިސާ ކެވޭތީއެވެ. ނުރައްކަލަކާ ކުރިމަތިލުމެއް ނެތަސް، މީހުންގެ ފައިސާ ނު ޙައްޤުން ކެވޭ ކޮންމެ ކަމަކީ ޙަރާމް ކަމެކެވެ. ވީމާ، ނުރައްކަލާ ކުރިމަތިލުން ޙަރާމް ކުރެވިފައި ވަނީ، އޭގެ ޒާތަކަށް ނޫނެވެ.''

ވީމާ އަމާންކުރުމުގެ މައްސަލާގައި މުހިއްމު ކަމަކީ، އެއަށް ތަފާސްހިސާބުގެ ޤާނޫނުތައް ފެއްތޭތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. ކިއެއްތަ، މުހިއްމު ކަމަކީ ޢަޤުދުން ލިބޭ މޭވާއާއި ނުކުންނަ ނަތީޖާއެވެ. ޢަޤުދަކީ ދެފަރާތްވެސް ފައިދާ ހިއްސާކުރާ ޢަޤުދެއްތޯ، ނޫނީ އެއީ އެއް ފަރާތަށް ކަނޑައެޅިގެން ފައިދާވެފައި އަނެއް ފަރާތަށް ކަނޑައެޅިގެން ގެއްލުންވާ، ބާޠިލު ގޮތުގައި މީހުންގެ ފައިސާ ކެވޭ ޢަޤުދެއްތޯއެވެ. މުޟާރަބާ، މުޝާރަކާ، ޖަޢާލާ ފަދަ ޢަޤުދުތަކަކީ އޭގައި ގެއްލުންވުމުގެ ނުރައްކާ އަދި ހިމެނުނަސް، އެއްވެސް އަންދާސީހިސާބު ޤާނޫނަކަށް އަދި ނުފެތުނަސް، ހުއްދަ ޢަޤުދުތަކެކެވެ. ނުރައްކާ ހިމެނުމާއި، އަންދާސީހިސާބުތަކުން، ގެއްލުންވާނެ ކަމަށް ދެއްކުން، އެއީ ހުއްދަ ނޫން ޢަޤުދުތަކަކަށް މި ޢަޤުދުތައް ބަދަލުވެގެންދާނެ ކަމެއް ނޫނެވެ. ސަބަބަކީ މި ޢަޤުދުތަކުގެ މަޤްޞަދަކީ ދެފަރާތަށްވެސް ފައިދާ ލިބުމެވެ. އެކަކަށް ފައިދާވެފައި އަނެކަކަށް ގެއްލުންވުމެއް ނޫނެވެ. ޢަޤުދެއްގެ މަޤްޞަދަކީ އެކަކަށްވާ ގެއްލުމަކީ އަނެކަކަށްވާ ފައިދާ ކަމުގައި ވެއްޖެނަމަ، ޝައްކެއްވެސް ނެތް ގޮތުގައި އެ ޢަޤުދު ވާނީ ޙަރާމް ޢަޤުދަކަށެވެ. އޭގައި ޣަރަރު ހިމެނުނަސް ނުހިމެނުނަސް ވަރިހަމައެވެ.

ނަމަވެސް، ބުއްދިއެއް ހުރި މީހަކު، ކަނޑައެޅިގެން އޭނާއަށް ގެއްލުމެއްވާނެކަން ކުރިންސުރެ އެނގޭ މުޢާމަލާތެއްގެ ތެރެއަށް ނުވަންނާނެއެވެ. ވީމާ މިފަދަ މުޢާމަލާތެއް މީހަކު ކުރާނީ، އޭގެ ނަތީޖާ ނޭނގޭތީއެވެ. ދެފަރާތުން ކުރެ ކޮންމެ ފަރާތެއްވެސް އުއްމީދު ކުރަނީ، ފައިދާވާނީ އޭނާއަށް ކަމަށެވެ. މިފަދަ ޢަޤުދުތަކަކީ އޭގެ ޠަބީޢަތުގެ ގޮތުން، ދެ ފަރާތަށް އެއްފަހަރާ ފައިދާވާނެ ޢަޤުދަކަށް ނުވާތީ، ކޮންމެ މީހަކުވެސް، އުއްމީދުތަކަކަށް ހެއްލުންތެރިވެގެން، ދެމީހުން ކުރެ އެކަކަށް ފައިދާ ލިބޭނެ ނަތީޖާސުން މުޢާމަލާތެއްގެ ތެރެއަށް ވަންނަނީއެވެ. މިފަދަ ޢަޤުދުތަކަށް ''ޣަރަރު'' ޢަޤުދޭ ކިއުނީ މިހެންވެގެންނެވެ. ކޮންމެ މީހަކުވެސް އޭނާއަށް ފައިދާވާނެ ކަމަށް ތަޣްރީރު (ހެއްލުންތެރި) ވާތީއެވެ.

ޝަރުޢުގައި މަނާކުރެވިފައިވާ ޣަރަރަކީ، އެއްޗެއް ލިބުމާއި ނުލިބުމާ ދެމެދު ކިރިކިރި އޮންނަ ޣަރަރެވެ. ނުވަތަ ނުލިބޭނެ ކަމަށް ބޮޑަށް ބުރަވެވޭ ޢަޤުދުތަކެވެ. ނަތީޖާ ސުން މުޢާމަލާތެއްގައި ގިނަފަހަރަށް ވާ ގޮތަކީ، އެކަކަށް ފައިދާވުން ކަމަށްވަންޏާ، އޭގެ މާނައަކީ އަނެއް ފަރާތަށް ގެއްލުން ވުމަކީވެސް ހަމަ ގިނަފަހަރަށް ވާނެ ގޮތެކެވެ. މިއީ މިފަދަ ޢަޤުދުތަކުގެ ޠަބީޢަތެވެ. އަމާންކުރުމުގެ ޢަޤުދަށް ބަލާއިރު، ގިނަފަހަރަށް ވާ ގޮތަކީ، އަމާންކުރެވޭ ނުރައްކަލެއް ކުރިމަތިނުވުމެވެ. ވީމާ ގިނަފަހަރަށް، އަމާންކުރެވޭފަރާތް ދެއްކި ބައިތަކަކީ އޭނާ އަތުން ބޭކާރުގޮތުގައި ގެއްލިގެންދާނެ އެއްޗެކެވެ. ގިނަފަހަރަށް ވާ ގޮތަކީ، ދެއްކި ފައިސާތައް ބޭކާރުވެ ގެއްލިގެން ދިއުން ކަމަށް ވާނަމަ، މި ޢަޤުދުވާނީ ޣަރަރު ޢަޤުދަކަށެވެ. ގިނަފަހަރަށް ފައިދާވާނެ ކަމަށް ބެލެވޭ މުޢާމަލާތަކީ، އިސްލާމް ދީން މަނާކުރާ ކަމެއް ނޫނެވެ. ނަމަވެސް، އެ ފައިދާ އަކީ، އަނެއް ފަރާތުގެ ފައިސާ ނުޙައްޤުން ކައިގެން ހޯދޭ ފައިދާއެއް ކަމަށްވަންޏާ، މިކަން ވާނީ ކަނޑައެޅިގެން ހުރި އަނިޔާވެރިކަމަކަށެވެ. އަނިޔާވެރި ކޮންމެ ޢަމަލަކީ ދީނުގައި ޙަރާމްކަމެކެވެ.

ތަފާސްހިސާބު ޤާނޫނުތަކާއި ޢަޤުދުގެ އިލްތިޒާމުތައް:

މިސާލަކަށް ސުޢޫދިއްޔާ ފަދަ ތަނެއްގައި މަގުމަތީ ޙާދިސާތަކުގެ ނިސްބަތަކީ %5 ކަމަށް ވަންޏާ، -ކޮންމެ ސަތޭކަ ކާރަކުން ވަކި މުއްދަތެއްގެ ތެރޭގައި ޙާދިސާއެއް ކުރިމަތިވަނީ ފަސް ކާރަށް ކަމަށް ބަލާފައި- ސުޢޫދިއްޔާގެ ރިޔާޟު ފަދަ ރަށެއްގައިވެސް މި ނިސްބަތް އޮންނާނީ މި ވަރަށޭ، ނުވަތަ ޤައުމުގެ ހުރިހާ ރަށެއްގައިވެސް އޮތީ މި ނިސްބަތޭ ބުނުމަކީ، ޢިލްމީގޮތުން ކުށެކެވެ. އެހެނީ ފަހަރެއްގައި ރިޔާޟުގައި މަގުމަތީ ޙާދިސާތައް ކުރިމަތިވާ ނިސްބަތަކީ %10، އަދި ޚަރަޖް ގައި %2، އަދި ޠާއިފްގައި %3 ކަމަށްވެސް ވެދާނެއެވެ. ޖުމްލަ މެދުމިން ނިސްބަތަކީ %5 އެވެ. ވީމާ މަތީގައި ބުނެވުނުހެން، ވަކިވަކި ރަށްތަކުގެ ފަރަގު ނުބަލައި، މުޅި ޤައުމުގެ ނިސްބަތަކީ މިއީއޭ ބުނެ، ތަފާސްހިސާބެއް ނެރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.

ރިޔާޟުގެ ނިސްބަތަކީ %10 އޭ ބުނެފައި އެހެން ހުރިހާ ރަށެއްގައިވެސް އޮތީ އެ ނިސަބަތޭ، ނުވަތަ ރިޔާޟުގެ ހުރިހާ ހިސާބުތަކެއްގައިވެސް އެ ވަރަށް ޙާދިސާތައް ކުރިމަތިވެޔޭ، ނުވަތަ އަވަސް މަގުތަކުގައި ޙާދިސާތައް ހިނގާވަރަށް، މީހުން އުޅޭ އަވަށްތަކުގެ ތެރޭގައި ޙާދިސާތަށް ހިނގައޭ، މަގުތައް ތޮއްޖެހޭ ވަގުތާ އެއްވަރަށް އެ ނުން ވަގުތުތަކުގައި ޙާދިސާތައް ހިނގައޭ، ބުނުމަކީވެސް ހަމަޖެހޭ ކަމެއް ނޫނެވެ. ހަމަ އެހެންމެ މި ނިސްބަތަކީ މިއީ، ހުރިހާ ޢުމުރެއްގެ މީހުންވެސް އެއްވަރަކަށް ބައިވެރިވާ ނިސްބަތެކޭވެސް ބުނެވިގެންނުވާނެއެވެ. ސަބަބަކީ، ތިރީސް އަހަރުން ދަށުގެ މީހުން އަތުން ޙާދިސާތަށް ކުރިމަތިވާ ވަރަށްވުރެ، އެ ޢުމުރުން މަތީގެ މީހުންގެ ތެރޭގައި މަދެވެ. ވީމާ ނިސްބަތަށް އަސަރު ފޯރުވާ މިފަދަ ކަންތައްތަކަށް ނުބަލައި، ޢާއްމު ނިސްބަތެއް ނެރެ ދައްކާލުމަކީ، ކުރިންވެސް ބުނިހެން، ޢިލްމީ ގޮތުން ހަމަޖެހޭ ކަމެއް ނޫނެވެ. އަދި އިންސާފުވެރި ގޮތެއްވެސް ނޫނެވެ.

ހަމަ މި ބީދައިން، މިވެނި ރަށެއްގެ މިވެނި ޢުމުރެއްގެ މީހުންގެ ތެރޭގައި މަގުމަތީ ޙާދިސާތައް ހިނގާ ނިސްބަތަކީ %10 އޭ ބުނެ، ބަކުރާއި ސަލްމާނަށްވެސް މި ނިސްބަތް ފެއްތުމަކީ، އެއީ ވެސް ގޯހެކެވެ. އެހެނީ، ބަކުރު އެއީ ސަލްމާނާއި މުޅިން ތަފާތު، މުޅިން ތަފާތު މާހައުލެއްގައި އުޅެ ބޮޑުވި، މުޅިން ތަފާތު ގޮތަކަށް ކާރު ދުއްވާ މީހަކަށްވެސް ވެދާނެއެވެ. ބަކުރު އަތުން ކުރިމަތިވާ ހާދިސާތަކަށް ވުރެ އެތައް ގުނައެއް އިތުރަށް، ސަލްމާނު އަތުން ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މިއިން މި އެނގެނީ، އަމާންކުރުމުގެ ޢަޤުދުގައި ނިސްބަތްތަކުގެ ބޭނުން ހިފޭލެއް ގޯސްކަމެކެވެ. އަމާންކޮށްދޭ ކުންފުނިން މީހަކަށް އަމާންކޮށްދޭން އެއްބަސްވާއިރު ބަލާނީ، އެ މީހާއަށް މަގުމަތީ ޙާދިސާއެއް ކުރިމަތިވުމުގެ ފުރުސަތަކީ، މުޅި އެ ރަށު އެންމެންނަށްވެސް އޮތް ވަރުގެ ފުރުސަތެއް ކަމަށެވެ. ޝައްކެއްވެސް ނެތި، މިއީ ބޮޑު ގޯހެކެވެ. މިފަދަ ތަފާސްހިސާބުތަކުގެ ނިސްބަތްތަކަކީ، މަގުމަތީ ޙާދިސާތައް ޢާއްމުގޮތަކަށް ސިފަކުރަން ބޭނުންކުރެވިދާނެ އެއްޗެކެވެ. ނަމަވެސް، މިއީ ޢަޤުދުތަކެއް ހަދަން އެއަށް ބަރޯސާވެވޭވަރުގެ ތެދުކަމެއް ލިބިފައިވާ އެއްޗެއް ނޫނެވެ. އަދި ހަމަ އެހެންމެ، އަމާންކުރުމުގެ ޢަޤުދަކީ ވަކި މުއްދަތެއް ވަންދެން ވަކި ފަރުދަކާ އެކު ކުރެވޭ ޢަޤުދެކެވެ. ނަމަވެސް ތަފާސްހިސާބުތަކުގެ ނިސްބަތްތަކަކީ، އަދި އެއީ ތެދު އެއްޗެއް ކަމަށް ބެލިޔަސް، ދިގު މުއްދަތަކަށް، އަދި ގިނަ ޢަދަދެއްގެ ބަޔަކަށް ބަލަންޖެހޭ އެއްޗެކެވެ. ނަމަވެސް މިހާރު މިވާ ގޮތަކީ، ދިގު މުއްދަތަކަށް ބިނާކުރެވިފައިވާ ތަފާސްހިސާބުތަކެއް، ކުރު މުއްދަތެއްގެ ޢަޤުދަކަށް ފައްތާލަނީއެވެ. ވިޔަފާރި އަމާންކުރުމަކީ ނުރައްކަލާ ކުރިމަތިލާ ޣަރަރު ޢަޤުދެކޭ ބުނެވެނީ މިހެންވެގެންނެވެ.

ވިޔަފާރި އަމާންކުރުމުގައި އިލްތިޒާމްވާ އެއްޗަކާ، ލަފާކުރެވޭ ގޮތާ ނޭކަށޭނުމުގެ މައްސަލައަކީ، ބެންކު އެކައުންޓުތަކުން އޭގެ ވެރިން ފައިސާ ނަގާނެ މިންވަރާއި، ބާޒާރުން ދަރަންޏަށް ފައިސާއަށް އެދޭނެ ކަމަށް ލަފާކުރެވޭ މިންވަރާ ނޭކަށޭނުމުން، ބެންކުތަކަށް ކުރިމަތިވާ ފަދަ މައްސަލައެކެވެ. މި މައްސަލައަކީ، އެނގޭނެފަދައިން، މާލީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު އެއް މައްސަލައެވެ. ބާޒެލް ކޮމިޓީންނާއި އަދި އެ ނުންވެސް ބައިނަލް އަޤްވާމީ ކޮމިޓީތަކުން ދިން ލަފަޔާ އެއްގޮތަށް ކަންތައް ކޮށްގެންވެސް، މި މައްސަލައަށް ވަނީ ހައްލެއް ނުލިބިފައެވެ.

ސިކުނޑީގައިވާ އެއްޗަކާއި ޙަޤީޤަތުގައިވާ އެއްޗާ އޮޅުވާލުން:

އަންދާސީހިސާބުގެ ޤާނޫނުތަކަކީ އެއީ ސިކުނޑިން ކޮށްލާ ސިފަކުރުމެކެވެ. އެހެނީ އެއީ ގިނަ ޢަދަދެއްގެ ޙާދިސާތައް ދިރާސާކޮށް ބަލައި ކިޔައި ހެދުމަށްފަހު ނެރޭ ނަތީޖާއެކެވެ. ވީމާ މަންޠިޤު ޢިލްމުވެރިންގެ މުޞްޠަލަޙުން ބުނަންޏާ، މިއީ ޙަޤީޤަތުގައި ވާ އެއްޗެއް ނޫނެވެ. މިއީ ހަމައެކަނި ސިކުނޑީގައި ވާ އެއްޗެކެވެ. އަންދާސީ ބެހުންތަކަށް ބިނާވެހުރެ، މިވެނި ޙާދިސާއެއް ކުރިމަތިވުމުގެ އިޙްތިމާލު އޮތީ %5 އޭ ނުވަތަ އެއަށް ވުރެ މަދުންނޭ ނުވަތަ އެއަށްވުރެ ބޮޑަށޭ، އަހަރެމެންނަށް ބުނެވިދާނެއެވެ.

ނަމަވެސް ޙަޤީޤީ ދުނިޔޭގައި، އެ ޙާދިސާތަކާއި ކަންތަކަކީ ކުރިމަތިވާނެ ނުވަތަ ނުވާނެ ކަމެކެވެ. މި ދެގޮތުގެ މެދު ގޮތެއް ނޯވެއެވެ. ވުމާއި ނުވުމަކީ އިދިކޮޅު ދެ ކަމަކަށް ވާހިނދު، އެއީ އެއްފަހަރާ ވާނެ ދެ ކަމެއް ނޫނެވެ. ނަމަވެސް، އަންދާސީ ލަފާކުރުންތަކުގައި މިފަދަ ދެ ކަމެއް އެއްތަންވެދާނެއެވެ. އެއީ ދެ ކަމުން ކުރެ ކޮންމެ ކަމަކަށްވެސް، އެ ކަމެއް ވުމުގެ އިޙްތިމާލު އޮތް ވަރެއްގެ ނިސްބަތެއް ދީފައި، އެ ދެ ނިސްބަތް އެއްކޮށްލީމާ އަންނަ ސަތޭކަ އިންސައްތަ އަކީ، ޔަޤީންކަން ކަމަށް ބަލައިގެންނެވެ. މިއާ ޚިލާފަށް ޙަޤީޤީ ދުނިޔޭގައި ކަމެއް ވުމަކީ %100 ނުވަތަ %0 އެވެ. މި ދެމެދު ޢަދަދަކަށް އެއްވެސް ފުރުސަތެއް ނެތެވެ. ދުނިޔޭގައި ހިނގާ ކަންތަކަކީ، ޔަޤީން އަދި ވާން ކަނޑައެޅިފައިވާ ކަންތަކެކެވެ.

ކަމެއް ވުމާއި ނުވުމާ ދެމެދު ދެކޮޅަށް ކިރުމަކީ، ނުވަތަ ކަމެއް ޔަޤީން ނުވުމަކީ، އެއީ އަހަރެމެން އިންސާނުންގެ ޢިލްމަކީ ފުރިހަމަ އެއްޗަކަށް ނުވާތީ ވާކަމެކެވެ. ވީމާ އިޙްތިމާލަކީ އެއީ ސިކުނޑި ތެރޭގައި އޮންނަ އެއްޗެކެވެ. ޙަޤީޤީ ދުނިޔޭގައި ވާނެ ގޮތެއް ނޫނެވެ.

ނަމަވެސް، އަންދާސީ އިޙްތިމާލުތަކެއްގެ މައްޗަށް ބިނާވެ، އަމާންކޮށްދޭ ކުންފުނިން އަމާންކޮށްދިނުމުގެ ޢަޤުދެއް މީހަކާ އެކު ހަދާއިރު އެ ހަދަނީ، އެ އިޙްތިމާލަކީ ޙަޤީޤީ ދުނިޔޭގައިވެސް ވާނެ ކަމެއް ކަމަށް ބަލައިގެންނެވެ. ކުންފުނިން ޢަޤުދު ހަދަން ބިނާވާ ހަމައެކަނި ކަމަކީ، މި އިޙްތިމާލުތަކެވެ. ހަމަހުސް ތަފާސްހިސާބު އަންދާސާތަކެއްގެ މައްޗަށް ބިނާކޮށް، އިލްތިޒާމްވާންޖެހޭ ޢަޤުދު ހެދުމަކީ، ތަފާސްހިސާބު ޤާނޫނުތައް ފަހުމުކުރުމުގައި އޮތް މައްސަލައެއްގެ ސަބަބުން ވާ ކަމެކެވެ. ސިކުނޑީގައިވާ އެއްޗަކާއި ޙަޤީޤީ ދުނިޔޭގައިވާ އެއްޗާއި ދޭތި އޮޅުވާލުމުގެ މައްސަލައަކީ، ވަރަށް ގިނަ ޢިލްމުތަކަކާއި ކުރިމަތިވެފައިވާ މައްސަލައެކެވެ. ކުރީގެ ފަލްސަފާވެރިންނާއި ޢިލްމުލް ކަލާމްގެ އަހުލުވެރިން ވަނީ، މި މައްސަލައިގެ ތެރެއަށް ވެއްޓިފައެވެ. މިހެންވެ، ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -ރަޙިމަހުއްﷲ- ވަނީ މި މައްސަލައިގެ ނުރައްކާތެރިކަމާއި ބެހޭ ގޮތުން ވާހަކަދައްކަވައި، އެއާމެދު ސަމާލުވެތިބުމަށް ގޮވާލައްވާފައެވެ: ''ސިކުނޑީގައިވާ އެއްޗަކާއި ޙަޤީޤަތުގައިވާ އެއްޗަކާ އޮޅުމެވެ.'' ... މިއިން ވަނީ '' މާތް ﷲ ނޫން ފަރާތަކަށް ނޭނގޭހާ ގިނަ މަގުފުރެދުމާއި، ދީންތަކާއި ބުއްދިއަށް ފަސާދަކަން އައިސްފައެވެ.''

އިޤްތިސާދީ ދިރާސާތަކުގައި ޢާއްމުކޮށް ބަލާއެއްޗަކީ، ސިކުނޑީގައި އޮންނައެއްޗެކެވެ. (މިފަދަ އެއްޗެއްސަށް Ex ante އޭ މުޞްޠަލަޙެއްގެ ގޮތުން ކިޔެއެވެ.) ޙަޤީޤަތުގައި އޮންނަ އެއްޗަކަށް ނޫނެވެ. (މިފަދަ އެއްޗެއްސަށް Ex post އޭ މުޞްޠަލަޙެއްގެ ގޮތުން ކިޔެއެވެ.) ފުރަތަމަ ވައްތަރުގައި ހުރި އުނި ސިފަތައް ގިނަކަމުން، ހަމައެކަނި ސިކުނޑީގެ ތަޙުލީލުތަކަށް ބަރޯސާވުމުގެ ބަދަލުގައި، ފަހުން ބުނެވިފައިވާ ވައްތަރަށް، ބޮޑަށް ބަރޯސާވުމަށް ގޮވާލާ، އިޤްތިޞާދީ މަދަރުސާތަކެއްވެސް ވަނީ އުފެދިފައެވެ. ޝައްކެއްވެސް ނެތްގޮތުގައި، އިސްލާމްދީންވަނީ، މި ގޮވާލުންތަކުގެ މާ ކުރިން، މި ދެ ވައްތަރު އަޅާކިރާ ވަޒަން ބަރާބަރު ކުރުމަށް ގޮވާލާފައެވެ.

ޙަރާމް އެއްޗެއް ގިނަވުމަކުން ޙަލާލެއް ނުވާނެ:

ގިނަ ޢަދަދެއްގެ އަމާންކޮށްދެވޭ ބަޔަކާއެކު ކުންފުނިން ޢަޤުދު ހެދުމުން، އޭގައިވާ ޣަރަރު ނެތިގެންދާ ކަމަށް، ވިޔަފާރިއަމާންކުރުން ދިފާޢުކޮށް ވާހަކަ ދައްކާ މީހުން ބުނެއުޅެއެވެ. މިހެން ބުނުމުން ދޭހަވާ އެއްޗަކީ، ދެ ފަރުދެއްގެ ދެމެދުގައި މިފަދަ ޢަޤުދެއް ކުރެވިއްޖެނަމަ، އޭގައި ބޮޑު ޣަރަރެއް ހިމެނޭތީ އެ ޢަޤުދު ޙަރާމްވާނެކަމެވެ. މި ނަތީޖާއަކީ، ޝައިޚް މުޞްޠަފާ އައްޒަރްޤާވެސް -ނުސީދާކޮށް ނަމަވެސް- އެއްބަސްވެވަޑައިގެންފައިވާ ކަމެކެވެ. އަދި ޖުވާކުޅުން މަނާކުރާ ޤާނޫނުތަކުގައިވެސް މިކަމަށް އެއްބަސްވެއެވެ. މި މޭރުމުން، މަޝްހޫރު ޤާނޫނީ ޢިލްމުވެރިއާ، އައްސިންހޫރީ -ރަޙިމަހުﷲ- ވިދާޅުވެފައި ވަނީ: ''ހަމައެކަނި ދެ ފަރުދެއް ހިމެނޭ ގޮތަށް، އަމާންކުރުމުގެ ޢަޤުދު ކުރެވިއްޖެނަމަ، އެއީ ޖުވާއާއި ބާޖުމެރުމުގެ ޢަޤުދެއް ކަމުގައިވެ، އިސްލާމީ ޝަރީޢަތުގައި ޙަރާމް އެއްޗަކަށް ވުމުގެ އިތުރަށް، މިޞްރުގެ ޤާނޫނާއި އަދި ޖުވާއާއި ބާޖުމެރުން މަނާކުރާ ހުރިހާ ޤާނޫނެއްގައިވެސް، އެއީ މަނާކަމަކަށް ވެގެންދެއެވެ.'' ވީމާ ދެ މީހަކު އަމިއްލައަށް ވަކިން މި ޢަޤުދު ކުރުމުން އެއީ މަނާ ކަމެއް ކަމަށް، ބައެއް ޤާނޫނުތައް ބަލާ ބެލުމަކީ، ވިޔަފާރި އަމާންކުރުން ހުއްދަ ކުރާ މީހުންގެ ވާހަކައިގައި ހުރި ފޫނުބެދޭ އެތައް ތަނެއް ހާމަކޮށްދޭ ކަމެކެވެ.

1- ޙަރާމް އެއްޗަކާ، އެފަދަ އެހެން ޙަރާމް އެއްޗަކާ އެއްކުރެވިއްޖެނަމަ، އެއީ ޝަރީޢަތުގައި ހުއްދަ އެއްޗަކަށް ބަދަލުވެދާނެހެއްޔެވެ؟ ނޫނީ، ޙަރާމް މަދު އެއްޗެއް، ގިނަވެއްޖެނަމަ އެ ހުއްދަވެދާނެހެއްޔެވެ؟

އަހަރެމެން ދަނަންގޮތުގައި، އެއްފަހަރު ކުރުން ޙަރާމް، ނަމަވެސް އެއްހާސްފަހަރު ކުރުމުން ޙަލާލްވާ ވިޔަފާރި ޢަޤުދެއް އިސްލާމީ ޝަރީޢަތުގައި ނުއޮވެއެވެ. އަދި އެކަކަށް ވިއްކުން ޙަރާމްވެފައި، ހާސްބަޔަކަށް ވިއްކުން ޙަލާލް އެއްޗެއްވެސް ނުވެއެވެ. މި ނުން ގޮތަށް ބެލުމަކީ މިއީ އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާއި ޤަވާޢިދުތަކާއި މުޅިން ޚިލާފު ކަމެކެވެ. އެހެނީ އިސްލާމީ ޝަރީޢަތުގައި، ގިނަ މިންވަރުން މަސްތުވާ އެއްޗެއްގެ މަދުމިންވަރަކީވެސް ޙަރާމް އެއްޗެކެވެ. އަދި މި ގޮތަށް ބެލުމަކީ ބުއްދިއާވެސް ޚިލާފުކަމެކެވެ. އެހެނީ، އެއް ޢަޤުދު މަނާވުމުގެ މާނައަކީ، އޭގައިވާ ފަސާދައިގެ މިންވަރު ބޮޑުކަމެވެ. ވީމާ، ޢަޤުދުގެ ޢަދަދު ގިނަވުމުން އެ ހުއްދަވެ، މަޞްލަޙަތަކަށް ބަދަލުވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -ރަޙިމަހުއްﷲ- ވިދާޅުވިއެވެ: ''ކުޑަ ގެއްލުމެއްވެސް އޮވެގެން، ކަމެއް ޙަރާމްކުރުމަށް ފަހު، ހަމަ އެ ގެއްލުން ގިނަވެ ބޮޑުވުމުން އެކަމެއް ހުއްދަކުރުމަކީ، ޝަރީޢަތް އެކަމަކުން ބަރީއަވެގެންވާ ކަމެއްކަން، ވިސްނާ ފިކުރުކޮށްފި މީހަކަށް އެނގޭނެއެވެ.''

2- ފަރުދީގޮތަކަށް އަމިއްލަ ފަރުދުންގެ ތެރޭގައި ކޮށްފިއްޔާ، އަމާންކުރުމަކީ އެއީ ޣަރަރާއި ޖުވާކަމަށް، އެ މީހުން އެއްބަސް އެބަވެއެވެ. ވީމާ މީގެ މާނައަކީ، ވަކި ފަރުދަކާ ޖެހޭއިރު، އެއްކަލަ އަންދާސީހިސާބުގެ ޤާނޫނުތަކަކީ އޮންނަ އެއްޗެއް ކަމަށް، އެ މީހުން އިޢުތިރާފު ނުވާކަމެވެ. ނަމަވެސް ޢަޖާއިބު ކުރުވަނިވި ކަމަކީ، ގިނަ ޢަދަދެއްގެ ބަޔަކާއެކު ކުންފުންޏަކުން ހަމަ މި ޢަޤުދު ކުރަންޏާ، އެއީ ހުއްދަ ކަމެއް ކަމަށް އެ މީހުން އެބަ ބަލައެވެ. އަހަންނަށް ފެންނަ ގޮތުގައި ''ހުއްދަކުރަންޏާ'' ހުއްދަކުރުން އައުލާކަން ބޮޑީ، ދެ ފަރުދެއްގެ ދެމެދުގައި އަމިއްލައަށް މި ޢަޤުދު ކުރެވޭއިރެވެ.

އެހެނީ މި ހާލަތުގައި މި ޢަޤުދަކީ ދޭދޭ މީހެއްގެ ދެމެދުގައި ކުރެވިފައިވާ، އަދި ބޭރު އެހެން އެއްވެސް މީހަކާ ގުޅުމެއް ނެތް ޢަޤުދެކެވެ. ގިނަބަޔަކާ އެކު ޢަޤުދުކުރުން، މިއީ މި ޢަޤުދު ހުއްދަވުމުގެ ޝަރުޠަކަށް ބެލޭކަމަށްވަންޏާ، މި ޢަޤުދަކީ ދޭދޭ މީހުންގެ މެދުގައި ކުރެވޭ ޢަޤުދެއްކަމުގައި ނުވެއެވެ. ކިއެއްތަ، މިއީ ޖަމާޢީ ޢަޤުދެކެވެ. އަދި މިއީ ހަމައެކަނި އަމާންކުރެވޭފަރާތާއި ކުންފުންޏާއި ދެމެދު އޮންނަ ގުޅުން ތަންޒީމުކުރާ ޢަޤުދެއްކަމުގައިވެސް ނުވެއެވެ. ކިއެއްތަ، މިއީ އަމާންކޮށްދެވޭ ހުރިހާ ފަރާތތަކެއް، ނުރައްކާތަކާ ކުރިމަތިލުމުގެ ކަންތައްތައް ތަންޒީމުކޮށްދޭ ޢަޤުދެކެވެ. ޢަޤުދުގައި މިވާހަކައަށް އެއްބަސްވެއްޖެނަމަ، ބެލެވޭނީ މިއީ ''ބައިވެރިވާ އަމާންކުރުން'' ކަމަށެވެ. އެކަމަކު މި އަސާސުގެ މައްޗަށް މި ޢަޤުދު ބިނާ ނުކުރެވި، ޙައްޤުތަކާއި އިލްތިޒާމުތަކަކީ، ކުންފުންޏާއި އަމާންކުރެވޭފަރާތާ ދެމެދު އޮންނަ ކަމަކަށް ވަންޏާ، ޢަޤުދު ހުއްދަ ޢަޤުދެއްކަމުގައި ބަލަން، ގިނަފަރާތްތަކަކާ އެކު ޢަޤުދު ހެދުން ޝަރުޠުކުރުން އެއީ މާނައެއް ހުރި ކަމެއް ނޫނެވެ.

އަދިވެސް ބުނަން އޮތީ: އަމާންކުރެވޭފަރާތަށް ކުންފުނިން ފުރިހަމަކޮށްދޭ އިލްތިޒާމުތައް، ފުރިހަމަކޮށްދެވުން ހުއްޓިފައިވަނީ، އެހެން ފަރާތްތަކުން ދައްކާ އިޝްތިރާކުތަކުގެ މައްޗަށް ކަމަށްވަންޏާ، އެ ވާހަކަ ޢަޤުދުގައި ރީއްޗަށް ބަޔާންކުރާށެވެ. މި ގޮތަށް ބަޔާންކޮށްފިނަމަ އެ ވާނީ ބައިވެރިވާ އަމާންކުރުމަކަށެވެ. އޭގެ މައްޗަށް ހުއްޓިފައި ނުވާނަމަ -ވިޔަފާރި އަމާންކުރުމުގައި އޮންނަފަދައިން-، ގިނަ ބަޔަކާ އެކު ޢަޤުދު ހެދުން ޤާނޫނުގައި ޝަރުޠުކުރެވިފައި ވަނީ ކީއްކުރަންހެއްޔެވެ؟ މިއީ ކޮންމެހެން ބޭނުން ޝަރުޠެއް ނަމަ، އެކަން ސަރީޙަކޮށް ބުނާށެވެ. ބޭނުމެއް ނެތް ނަމަ، ޝަރުޠުކުރުމުގެ ބޭނުމެއް ނެތެވެ. ދެން ޢަޤުދު ހުއްދަވުމަށްޓަކައި، ގިނަބަޔަކާ އެކު ޢަޤުދުކުރުން ޝަރުޠުކުރެވިފައި، ނަމަވެސް ޙައްޤުތަކާއި އިލްތިޒާމުތަކާ ޖެހޭ އިރު، އެއީ ހަމައެކަނި ކުންފުންޏާއި ޢަޤުދުކުރެވޭފަރާތާ ދެމެދު އޮންނަ އެއްޗެއް ކަމަށް ބެލުމަކީ، ދެކޮޅު ނުޖެހޭ ކަމެކެވެ.

3- ޖުވާގެ ހާލަތާ ދުރުވެ، އަންދާސީ ޤާނޫނުތައް ބަރާބަރަށް ފެތޭނީ، މިވެނި ޢަދަދެއްގެ އަމާންކުރެވޭފަރާތް ތިބެގެންނޭ ބުނެ ކަނޑައެޅުމަކީ އުނދަގޫ ކަމެކެވެ. އެހެނީ، ބޮޑު ޢަދަދު ޤާނޫނު ބުނަނީ: އަންދާސީ މެދުމިން ޢަދަދު، ބަރާބަރު ގޮތަކަށް ނެރުމަށްޓަކައި، ނިމުމެއް ނެތް ޢަދަދެއް ދިރާސާކުރަންޖެހޭނެ ކަމަށެވެ. މިހާ ގިނަ ޢަދަދެއް ބެލުން އެއީ ނުވާނެ ކަމެކެވެ. ''ނިމުމެއް ނެތް ޢަދަދަކީ'' ލަފާކުރެވޭ ޢަދަދެކެވެ. އެއީ ޙަޤީޤަތުގައި ވާ އެއްޗެއް ނޫނެވެ. ނަމަވެސް މީގެ މިތާ މާނައަކީ ''ވަރަށް ބޮޑު ޢަދަދެއް'' ގެ ވާހަކައެވެ. ވީމާ އެއީ ''ބޮޑު ޢަދަދެއް'' ކަމުގައި ބެލޭނެ އެންމެ ދަށް ޢަދަދަކީ ކިހާވަރެއްހެއްޔެވެ؟ މިކަން ކަނޑައަޅާނީ ކާކުހެއްޔެވެ؟ ނަޒަރީ ގޮތުން ''އެންމެ ދަށް'' ޢަދަދެއް ކަނޑައެޅިދާނެ ކަމަށް ބެލިއަސް، އަމާންކޮށްދިނުމުގެ ޚިދުމަތް ދެވޭނީ މަދުވެގެން މިވެނި ޢަދަދެއް ފުރިހަމަވުމުންނޭ ބުނެ ޤައިދު ކުރެވިފައި ނޯވެއެވެ. ޖައްވީ ފަޅުވެރިން އަމާންކުރުން ފަދަ، ވަރަށް ގިނަ ހާލަތްތަކުގައި، އަމާންކުރެވޭފަރާތްތަކުގެ ޢަދަދު އެއީ ވަރަށް މަދު ޢަދަދެކެވެ. ވީމާ މި ޢަޤުދުގައިވާ ''ނޭނގުން'' (ޖަހާލާ) ފިލުވުމަށްޓަކައި، ފުރިހަމަކުރަންޖެހޭ އެންމެ މަދު ޢަދަދަކީ ކޮބައިކަން ކަނޑައެޅުމަކީ، ނަޒަރީ ގޮތުން ނުވާނެ ކަމެކެވެ. އަދި ޢަމަލީ ގޮތުން ނެތް ކަމެކެވެ.

ތަފާސްހިސާބު ޤާނޫނުތަކުގެ ތެދުކަން:

ތަފާސްހިސާބު ޢިލްމާއި އިޙްތިމާލުތަކުގެ ނަޒަރިއްޔާތައް ރަނގަޅަށް ކިޔަވާފައި ހުރި ކޮންމެ މީހަކަށްވެސް އެނގޭނެފަދައިން، ތަފާސްހިސާބު ޤާނޫނުތަކަކީ ގާތްކުރާ އެއްޗެކެވެ. އެއީ އާދައިގެ ނޫން ނަތީޖާއެއް ނާންނާނެ، އަބަދު ސާބިތު ޤާނޫނުތަކެއް ނޫނެވެ. ވަރަށް ގިނަ ޢަދަދެއްގެ މައްޗަށް، އަދި ވަރަށް ދިގު މުއްދަތަކަށް ބެލިކަމުގައި ވިޔަސްވެހެވެ. ގިނަފަހަރަށް އަމާންކޮށްދޭ ކުންފުންޏެއްގެ އަތުގައި ހުންނާނީ، ކުރީގައި ހިނގާފައިވާ ޙާދިސާތަކާއި، ކުރިމަތިވެފައިވާ ނުރައްކާތަކެއްގެ ތަފާސްހިސާބުތަކެކެވެ. ދެން މި ތަފާސްހިސާބުތަކުގެ އަލީގައި، މުސްތަޤްބަލުގައި ހިނގާފާނެ ޙާދިސާތަކާއި ކުރިމަތިވެދާނެ ނުރައްކާތައް ލަފާކުރެވޭތޯ، ކުންފުނިން ބަލާނެއެވެ. ގޯސްތަންކޮޅަކީ މިއީއެވެ. އެހެނީ، މާޟީއަކީ ފަހަރެއްގައިވެސް މުސްތަޤްބަލުގައި ވާނެ ގޮތް ޔަޤީންކޮށްދޭ އެއްޗެއް ނޫނެވެ. މުސްތަޤްބަލުގައި ހިނގާފާނެ ކަމެއް ލަފާކުރުމަކީ، މިކަން ކޮށް އުޅޭ މީހުންނަށްވެސް އެނގޭނެފަދައިން، ނުހަނު ދަތި އުނދަގޫކަމެކެވެ. ވީމާ ވޭތުވެގޮސްފައިވާ ތަފާސްހިސާބުތަކަކީ، މުސްތަޤްބަލަށް ލަފާކުރުމުގައި ފައިދާއެއް ކޮށްފާނެ އެއްޗަކަށް ހަދަންޏާ، މި އަންނަނިވި ޝަރުޠުތައް އޭގައި ފުރިހަމަވާންޖެހޭނެއެވެ.

1- މާޒީވެގޮސްފައިވާ ޙާދިސާތައް ވަކިވަކި ޙާދިސާތަކެއް ކަމަށްވުން.

2- އަދި ލަފާކުރަން ބޭނުންވާ ޙާދިސާތަކަކީ، މާޒިވެދިޔަ ޙާދިސާތަކާ އެއްގޮތް ޙާދިސާތަކަކަށް ވުން.

3- ލިބިފައިހުރި މަޢްލޫމާތުތަކަކީ، ޒަމާނާއެކު ބަދަލުވަމުންދާ އެއްޗެއް ނޫންކަން ޔަޤީންކަމާއެކު އެނގުން.

ނަމަވެސް މި ކަންތައްތަކަކީ ފުރިހަމަވާ ކަންތައްތަކެއް ނޫނެވެ. އެގޮތުން ތަފާސްހިސާބުތަކުގެ ބެހުމަށް ބަލާލާއިރުވެސް މި ފެންނަނީ، އެއީ ޒަމާންތަކާއެކު ބަދަލުވަމުންދާ އެއްޗެއްގެ ގޮތުގައެވެ. އަހަރެމެން އެންމެންނަށްވެސް އެނގޭނެފަދައިން، މީހުން މަރުވާ ނިސްބަތަކީ، އަދި މަރުވާ ޢުމުރަކީވެސް އަބަދުވެސް ބަދަލުވަމުންދާ އެއްޗެކެވެ. މަގުމަތީ ޙާދިސާތަކާއި، ޠަބީޢީ ކާރިސާތަކާއި، އަދި އިޤްތިޞާދަށް އަންނަ ލޮޅުންތަކަކީވެސް ސާބިތު ކަންކަމެއް ނޫނެވެ. މި ހުރިހާ ކަމަކީވެސް ބަދަލުވާ، ސާބިތު ނޫން ކަންކަމެވެ. މިއީ އިންސާނުންގެ ޙަޔާތުގެ ޠަބީޢަތެވެ. ޙަޔާތަކީ ބަދަލެއް ނާންނަ ސާބިތު އެއްޗެއް ނަމަ، މިއަދު އަހަރެމެންނަށް ތަފާތު މައިދާންތަކުން މިފެންނަ ތަރައްޤީ، ނުފެންނާނެއެވެ. ދުނިޔެއަށް އަންނަ ކޮންމެ މަދަނީ ތަރައްޤީއަކާއި ކޮންމެ އާ ޓެކްނޮލޮޖީއަކާއެކު، ކުރިން ފެނިފައި ނުވާ، އާ ނުރައްކާތަކަކާއި އާ އިޙްތިމާލުތަކެއް އުފަންވެއެވެ.

މޭވާކުރުމުގެ(އިންވެސްޓު) މައިދާނުގެ ތަޖުރިބާކާރެއް ކަމުގައިވާ، އެމެރިކާ ޢިލްމުވެރިއާ، ޕީޓާރ ބާނެސްޓައިން ބުނެފައިވެއެވެ: ''ނުރައްކާތަކާއި ކުރިމަތިލައި އެކަންތަކަށް ފަރުވާއެއް ހޯދުމަށްޓަކައި، ތަފާސްހިސާބުގެ ޢިލްމުވެރިން އީޖާދުކޮށްފައިވާ މޮޅެތި ވަސީލަތްތައް ހުރިކަމުގައިވިޔަސް، ހައްލެއް ހޯދިފައި ނުވާ ވަރަށް ގިނަ ކަންތަކެއް އެބަވެއެވެ. ކުއްލި ފުރޮޅުންތަކާއި އިޤްތިސާދަށް އަންނަ ގަޑުބަޑުތައް މި ދަނީ، އުނިވުމުގެ ބަދަލުގައި، އިތުރުވަމުންނެވެ.'' އިޤްތިސާދީ ދެ ތަޖުރިބާކާރުން ކަމަށްވާ، ޢުމަރު ޙައްމޫދާ އާއި ރޮބިން ރައުލީ ބުނެފައިވެއެވެ: ''އުއްމީދީ ނަޒަރަކުން އަހަރެމެން ބެލިކަމުގައިވިޔަސް، ތަކުރާރުވާ ނިސްބަތްތައް ދިގު މުއްދަތަކަށް ޔަޤީންކަމާއެކު ދެނެގަނެވުމާ ދެމެދު، އަދި މިއަދާ ޖެހެންދެންވެސް، ހުރަސްތަކެއް އެބަހުއްޓެވެ. ބޮޑު ޢަދަދު ޤާނޫނުގެ މާނައަކީ ފަހަރެއްގައިވެސް، ތަޙުލީލު ކުރެވޭ މަޢްލޫމާތުތަކަކީ، ލަފާކުރެވޭ ހިސާބު ލަފާކުރުންތަކާއި، އަބަދު އެއްގޮތްވާނެ އެއްޗަކަށްވުމެއް ނޫނެވެ.''

މިސާލީ ނަމޫނާ ފޭލުވުން:

ތަފާސްހިސާބު ޤާނޫނުތަކާއި، ބޮޑުޢަދަދު ޤާނޫނުގެ ބޭނުން ހިފުމުން، ''ޣަރަރާއި'' ''ނޭނގުން'' ނެތިގެންދާކަމަށްވަންޏާ، އަމާންކޮށްދޭ ބޮޑެތި ކުންފުނިތަކެއް ބަނގުރޫޓުވެގެން ނުދިޔައީހެވެ. އަމާންކޮށްދޭ، ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު އެއް ކުންފުނީގެތެރޭގައި ހިމެނޭ، ''ލާފައިސާ އަމާންކޮށްދޭ ފެޑެރަލް ކުންފުނި'' (Federal Deposit Insurance Company (FDIC)) -މިއީ ބޭންކު ބަނގުރޫޓުވެއްޖެ ހާލަތެއްގައި، އެމެރިކާ ބޭންކުތަކަށް މީހުންލާފައި ހުންނަ ފައިސާތައް ލިބިދެވޭނެކަމުގެ އަމާންކަމެއް ހޯދައިދޭ ކުންފުންޏެއް- ބަނގުރޫޓު ނުވީހެވެ. މި ކުންފުންޏަކީ، އެމެރިކާ ބޭންކުތަކުގައި ހުންނަ ފައިސާތައް އަމާންކޮށްދޭ ހަމައެކަނި ކުންފުންޏެވެ. ވީމާ މުޅި ބާޒާރު އޮތީ އެ މީހުން އަތް ދަށުގައެވެ. އަމާންކުރެވޭފަރާތަކުގެ ޢަދަދު ހިތްހަމަޖެހޭހާ ބޮޑެވެ. ވީމާ އެއްކަލަ ބޮޑު ޢަދަދު ޤާނޫނު ފައްތަން ލިބޭނެ އެންމެ ފުރިހަމަ ފުރުސަތު ލިބިފައި އޮތެވެ. ނަމަވެސް މި ހުރިހާ ކަމެއް މިހެން ހުރުމާއެކުވެސް، 1991 ވަނަ އަހަރު މި ކުންފުނި ބަނގުރޫޓުވެ، ކުންފުނިން ދޭން ޖެހިފައި އޮތް ޢަދަދު، ކުންފުނި އަތުގައި ހުރިވަރަށް ވުރެ، ހަތް ބިލިއަން ޑޮލަރު އިތުރުވިއެވެ. މައްސަލަ ހައްލު ކުރަން، އެމެރިކާ ސަރުކާރު ވަދެނުގަތްނަމަ، ޢަމަލީ ގޮތުން ކުންފުނި ބަނގުރޫޓުވުން އިޢްލާންކުރެވުނީހެވެ. ބޮޑުޢަދަދު ޤާނޫނަކީ، ޣަރަރާއި ނޭނގުން ދުރުކޮށްދޭ އެއްޗެއްނަމަ، މަތީގައި ބުނެވިދިޔަ ހާލަތުގައި އެކަންވީހެވެ. ނަމަވެސް އެހެން އެކަން ނުވުން ދޭހަކޮށްދެނީ، މި ނުން ހާލަތްތަކުގައި، ޣަރަރާއި ނޭނގުން ނެތިދިއުން އެއީ އަދި މާދުރު ކަމެއް ކަމެވެ.

އިޙްތިކާރު ކުރުމުގެ މައްސަލަ (މޮނޮޕޮލީ):

ބޮޑުޢަދަދު ޤާނޫނާއި ތަފާސްހިސާބުތަކުގެ ޤާނޫނުތަކަކީ، ބޮޑެތި ޢަދަދުތަކެއް ހުންނަ ހާލަތްތަކުގައި، ސާބިތު އަދި އެއް ނަތީޖާތަކެއް ގެނެސްދޭ އެއްޗެއްނަމަ، އަމާންކޮށްދޭ ކުންފުނި ބޮޑުވެ، އަދި ކުންފުނީގެ ޚިދުމަތް ލިބިގަންނަ މީހުންގެ ޢަދަދު ގިނަވާވަރަކަށް، ޣަރަރު ކުޑަވީހެވެ. އެހެންގޮތަކަށް ބުނާނަމަ ކުންފުނި ބޮޑުވުން އެއީ، ޣަރަރު ފިލުވުމަށްޓަކައި، ޝަރުޢީގޮތުން އެދެވިގެންވާ ކަމަކަށްވީހެވެ. ނަމަވެސް، ކުންފުނީގެ މިން ބޮޑުވެ، މީހުން ގިނަވުމުގެ ޠަބީޢީ ނަތީޖާއަކަށް ވަނީ، ކުންފުނީގެ މުށް ދަށުގައި ބަޒާރު ފިތިބާރުވުމެވެ. އަދި އިޙްތިކާރު ކުރުމެވެ. ނަމަވެސް މިއީ، ޝަރުޢީ މަޤްޞަދެއް ކަމުގައިވާ، އިޙްތިކާރު މަނާކުރުމުގެ އަސްލާ ޚިލާފުކަމެކެވެ. ވީމާ، ކުންފުނި ބޮޑުވުމުން އެއީ، ޢަޤުދު ހުއްދަ އެއްޗަކަށް ވުމަށް އެހީތެރިވެދޭ ކަމެކޭ ބުނުމަކީ، ޝަރްޢީ މަޤްޞަދަކާ ޚިލާފު ބުނުމެކެވެ. ބާޒާރު އިޙްތިކާރު ކޮށްގެން ތިބޭ ބޮޑެތި ކުންފުނިތަކަކަކީ، އިޙްތިކާރު ކުރުމާ ކިހާ ދުރެއްގައިވާ ބައެއްތޯ މި ހިސާބުން ސުވާލުވެސް އުފެދެއެވެ.

ކުރިމަތިން ފެންނަން އޮތް ޙަޤީޤަތަކީ، ވާދަކުރުމަކީ، އަމާންކުރުމުގެ މައިދާނުގައި ގެއްލުން ކަމެއް ކަމެވެ. އެހެނީ، ބާޒާރުގައި މި ޚިދުމަތް ދޭ ވާދަވެރިން ގިނަވާވަރަކަށް، ކޮންމެ ކުންފުންޏަކަށްވެސް ލިބޭ މީހުންގެ ޢަދަދު މަދުވާނެއެވެ. ވީމާ، ތަފާސްހިސާބު ބެހުންތަކަށް އަސަރު ކުރާލެއް ބޮޑުވެގެންދާނެއެވެ. ވާދަބޮޑުވުމުން، އާދައިގެ ބޭންކުތަކަށް ވާ ގެއްލުމަކީވެސް، މިއާ އެއްގޮތް ކަމެކެވެ. އެއީ ބޭންކުތަކުންވެސް، ލާފައި ހުންނަ ލާރި މީހުން ނަގާނެ ވަރު އަންދާސާކުރުމާއި، އަތުގައި ހުރި ފައިސާ މޭވާކުރާނެ ގޮތް ކަނޑައެޅުމުގައި އިޢްތިމާދުވަނީ، އަމާންކޮށްދޭ ކުންފުނިތަކުންވެސް ގެންގުޅޭ މަންޠިޤަކަށެވެ. ބޭންކުތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވާވަރަކަށް، ބޭންކުތައް އަތުގައި ހުންނަ ފައިސާއާއި، އިލްތިޒާމްތަކުގެ ތަފާތު ދާނީ ބޮޑުވަމުންނެވެ. އަދި މުޅި ބޭންކު ނިޒާމަށްވެސް ދާނީ އަސަރުކުރަމުންނެވެ. އާދައިގެ ބޭންކު ނިޒާމާއި، ވިޔަފާރި އަމާންކުރުމަކީ، އެއް އަސާސެއްގެ މައްޗަށް ބިނާވެފައިވާ ދެކަމެވެ. ވީމާ އޭގެ އިޤްތިޞާދީ ނަތީޖާތަކާއި، އަސަރުތައްވެސް އެއްގޮތެވެ.

އިސްލާމީ ނަޒަރަކުން އޮތް ބަދަލު:

ހުއްދަކުރާ މީހުންނާއި މަނާކުރާ މީހުންވެސް އިއްތިފާޤުވާފަދައިން، އަމާންކުރުމުގެ މަޤްޞަދަކީ، ކުރިމަތިވާ ނުރައްކާތައް ފޫބައްދައި، ލިބޭ ގެއްލުންތައް މުސްލިމުންގެ ގިނަ ބައެއްގެ މެދުގައި ބަހާ ކުދިކުދިކޮށްލުމެވެ. ފެންނަގޮތުގައި، މީގެ ބޭނުމަކީ ފަހަރެއްގައިވެސް، ކުންފުނީގެ މުއްސަނދިކަން އިތުރުކޮށް، މާކަ ބޮޑު ފައިދާގަޑެއް ހޯދުމެއް ނޫނެވެ. ކިއެއްތަ، ކާރިސާތަކުން ލިބޭ ގެއްލުންތަކުގެ އަސަރު ކުޑަކުރެވޭ ވަރަކުން ކުޑަކުރުމެވެ. ވީމާ ޝައްކެއްވެސް ނެތް ގޮތުގައި، މި މަޤްޞަދަކީ މާތް، ހެޔޮ މަޤްޞަދެކެވެ. އަދި މީގެ ބޭނުމަކީ އެހީތެރިވުމެވެ.

ފިޤުހުވެރިން ބުނާފަދައިން، މާލީ ތަޞައްރުފެއް ވާނީ، ޢަދުލަކަށް ނުވަތަ ހެޔޮކަމަކަށެވެ. ޢަދުލަކީ ވިޔަފާރީގެ ތަފާތު ވައްތަރު ވައްތަރުގެ މުޢާމަލާތްތަކާއި މުޝާރަކާގެ ތަފާތު ވައްތަރުތަކެވެ. ހެޔޮކަމަކީ، ހެޔޮކަމެއްގެ ގޮތުގައި ދެވޭ އެއްޗެއްސާއި ހަމަހިލޭދެވޭ އެއްޗެއްސާއި ޞަދަޤާތާއި ހިބަކުރުންފަދަ ކަންތަކެވެ. އިސްލާމީ އިޤްތިޞާދު ބިނާވެފައި ވަނީ، މި ދެ ވައްތަރުގެ މައްޗަށެވެ. ހަމައެކަނި ފުރަތަމަ ވައްތަރަކަށް ނޫނެވެ. ކިއެއްތަ، ރައުސްމާލީ އިޤްތިޞާދުގައިވެސް، އެތަކެއް ބިލިއަން ޑޮލަރުގެ ހަމަހިލޭ ހަރަކާތްތަކެއް ހިނގައެވެ. އަދި ވަރަށް ގިނަ މައިދާންތަކުގައި، ފައިދާ ހޯދުމަށް މަސައްކަތް ކުރާ ބައިތަކަށް ވުރެ، ފައިދާ ހޯދުން ނޫން ގޮތް ގޮތަށް މަސައްކަތް ކުރާ ބައިތައް ކުރިއަށް ދާ ގޮތް، މާ ކާމިޔާބެވެ. ވީމާ ޙަޤީޤީ އިޤްތިޞާދެއް ބިނާވެފައި އޮންނަން ޖެހޭނީ، ބަދަލު އަތުލެވޭ ނިޒާމާއި ހަމަހިލޭދޭ ނިޒާމާ ދޭތީގެ މައްޗަށެވެ. މި ދޭއްޗަކީ އެކަތި އަނެކައްޗާ ނުލާ އޮންނާނެ އެއްޗެއް ނޫނެވެ.

އެހީތެރިވުމަކީ، ހަމަހިލޭ ކަންތައްތަކުގެ ތެރެއިން، މާތް ކަމެކެވެ. އިސްލާމްދީން އެކަމަކަށް ހިތްވަރުދޭ، އެއަށް އެތަކެއް ދޮރެއް ހުޅުވާލާފައިވާ ކަމެކެވެ. ހަމަހިލޭ ކަންތައްތައް ތަންޒީމުކުރަންޖެހޭ ހަމައެކަނި ގޮތަކީ މިއޭ ބުނެ، ދީނުގައި އެކަމަށް ހުރަސްތަކެއް ބާއްވާފައި ނެތެވެ. ވީމާ ހަމަހިލޭ ކަންތަކަކީ، ކޮންމެ ޒަމާނެއްގައިވެސް އެ ޒަމާނެއްގެ އަހުލުވެރިންނާ ގުޅޭ ގޮތަކަށް ތަންޒީމުކުރަން ދޫކޮށްލެވިފައިވާ ކަމެކެވެ. އެއް ރަށެއްގެ ނުވަތަ ޢާއިލާއެއްގެ ނުވަތަ އެއް މަސައްކަތް ކުރާ ބައެއްގެ މެދުގައި އެއްބާރުލައި އެހީތެރިވުމުގެ ގޮތުން މިއަދު މި ވަނީ، ޚައިރީ ޖަމްޢިއްޔާތަކާއި، ޚައިރީ ފޮށިފަދަ ވަސީލަތްތައް، އުފެއްދިފައެވެ. އަމިއްލަ ފައިދާއެއް ހޯދުމުގެ ބަދަލުގައި، ޖަމާޢީ މަޞްލަޙަތަށް ކުރެވޭ ކަމެއްގެ ގޮތުގައެވެ. ހުއްދަ ކަމަށް، ޢިލްމުވެރިން ވިދާޅުވާ ބައިވެރިވާ އަމާންކުރުމަކީވެސް މިފަދަ، މަޤްޞަދެއްގައި ކުރެވޭ، އެއްބާރުލުމާއި އެހީތެރިވުމުގެ ޢަމަލެކެވެ.

ބައިވެރިވެ، ހަމަހިލޭ ދިނުމަކީ އަމާންކުރުމުގެ އަސްލުކަމަށް ވެއްޖެނަމަ، ކުރިން އޭގައި ހިމެނިފައިވާ ޝަރުޢީގޮތުން މަނާ ސިފަތައް ނެތިގެން ދާނެއެވެ. އަދި މި ހާލަތުގައި އަމާންކުރުމަކީ، ނަތީޖާ ސުން ބަދަލުކުރުމަކަށް ނުވާނެއެވެ. ސަބަބަކީ، އަމާންކޮށްދެވޭމީހާ މި ހާލަތުގައި ވާނީ ހަމަހިލޭދޭ މީހަކަށެވެ. އޭނާއަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ލިބޭނެތޯ ނޫންތޯ، އެއީ އޭނާއަށް މުހިއްމު ކަމެއް ނޫނެވެ. ވީމާ، ބައިވެރިވާ އަމާންކުރުން ބިނާވެފައި އޮންނަނީ މާފުކުރުމުގެ މައްޗަށެވެ. އަނެއްކޮޅުން، ވިޔަފާރި ބަދަލުކުރުންތައް ބިނާވެފައި އޮންނަނީ، ފައިދާ ހޯދުމާއި ދޫނުކުރުމުގެ މައްޗަށެވެ.

ޖާމިނުވުން:

ބައިވެރިވާ އަމާންކުރުމާއި ވިޔަފާރި އަމާންކުރުމާ ދެމެދު ހުރި އެންމެ ފާހަނގަކުރެވޭ ފަރަގަކީ، ގެއްލުންތަކުގެ ބަދަލު ދޭނެކަމަށް ވެވޭ އިލްތިޒާމު ނުވަތަ ޖާމިނުވުމެވެ. ވިޔަފާރި އަމާންކުރުން އުފެދެނީ، އަމާންކުރެވޭފަރާތް ދައްކާ ބައިތަކުގެ ބަދަލެއްގެ ގޮތުން، އޭނާއަށް ލިބޭ ގެއްލުންތަކުގެ ބަދަލު ކުންފުނިން ދޭނެކަމަށް ޖާމިނުވުމުންނެވެ. ނަމަވެސް، ބައިވެރިވާ އަމާންކުރުމުގައި، ގެއްލުންތަކަށް ދެވޭ ބަދަލަކީ، ޖާމިނު އެއްޗެއް ނޫނެވެ. އެހެނީ މީގައި ގެއްލުންތަކަށް ބަދަލު ދެވެނީ، ކުންފުނީގެ އަތުގައި ހުރި އިޝްތިރާކު ހުރި ވަރަކުންނެވެ. ގެއްލުންތަކަށް ބަދަލު ދެވޭވަރަށް ފައިސާ ނެތް ނަމަ، ގެއްލުންތަކަށް ދައްކަން ޖެހޭ މިންވަރު ފުރިހަމަކުރަން މެންބަރުން އަތުން އިތުރު އިޝްތިރާކު އަތުލެވޭނެއެވެ.

ފުދޭވަރަށް ފައިސާ އިތުރު ނުކުރެވިއްޖެނަމަ، ބަދަލެއް ނުދެވޭނެއެވެ. ނޫނީ ފަހަރެއްގައި، މެންބަރުން ދައްކާފައިވާ އިޝްތިރާކުން ކުންފުނި އަތުގައި ހުރި ފައިސާއިން ދެވެން އޮތް ވަރަކަށް ގެއްލުންތަކުގެ ބަދަލު ދޭނީއެވެ. މިހެން މިކަން ވުމުގެ ސަބަބަކީ، ބައިވެރިވާ އަމާންކުރުމުގައި، ވިޔަފާރި އަމާންކުރުމުގައި އޮންނަހެން، ގެއްލުންތައް ފޫބައްދައިދޭނެ ކަމުގެ ޖާމިނުވުމެއް ނޯންނާތީއެވެ.

ކުރިންވެސް ބުނެވިފައިވާނެ ފަދައިން، ވިޔަފާރި އަމާންކުރުން ހުއްދަ ނުވަނީ، ޖާމިނުވުމަށް ފައިސާ ނުވަތަ ބަދަލެއް އަތުލެވޭތިއެވެ. ވީމާ ޢަޤުދުގައި ޖާމިނުވުމެއް ނެތްނަމަ، ޢަޤުދު ހުއްދަ އެއްޗަކަށް ބަދަލުވެގެންދާނެއެވެ. އެހެނީ ޙުކުމް އޮތުމާއި ނުއޮތުން ގުޅިފައި އޮންނަނީ، އަބަދުވެސް އެ ޙުކުމެއްގެ ސަބަބު އޮތުމާއި ނުއޮތުމާއެވެ. ވިޔަފާރި އަމާންކުރުން ޙަރާމްވީ ސަބަބު ނެތިއްޖެނަމަ، އޭގެ ޙުކުމް އޮންނާނީ މުޢާމަލާތްތަކުގެ އަސްލާ އެއްގޮތަށެވެ. މުޢާމަލާތްތަކުގެ އަސްލަކީ ހުއްދަވުމެވެ. ވީމާ ބައިވެރިވާ އަމާންކުރުމަކީ، ހުއްދަ ކަމެކެވެ.

ބައިވެރިވާ އަމާންކުރުމާއި ވިޔަފާރި އަމާންކުރުމުގައި ވާ މި ފަރަގު، ބައެއް ގޮތްގޮތުން، މުޟާރަބާއާއި ރިބާއާ ދެމެދު ހުންނަ ފަރަގާވެސް ވައްތަރެވެ. އެގޮތުން، ކޮންމެ ގޮތަކަށް ކަންތައްތައް ވެގެން ދިޔައަސް، ވިޔަފާރި އަމާންކޮށްދެވޭ މީހާއާއި ރިބާ ދަރަނި ދޭ މީހާއަށް، އެ ދެމީހުންނަށް ލިބޭނެ ބަދަލު ކުރީއްސުރެ އެނގި އެކަން ޖާމިނެވެ. ނަމަވެސް މިއާ ޚިލާފަށް، މުޟާރަބާގައި ރައުސްމާލުގެ ވެރިފަރާތާއި ބައިވެރިވާ އަމާންކުރުމަކުން އަމާންކޮށްދެވިފައިވާ މީހާއާއި ދެ މީހުންނަކީވެސް، ފަހުން ލިބޭނެ ވަކި މިންވަރެއް ކަނޑައެޅިފައިވާ ބައެއް ނޫނެވެ.

މުޟާރަބާއިން ރައުސްމާލުގެ ވެރިމީހާއަށް ލިބޭނީ މަސައްކަތުން ނުކުތް ފައިދާގެ ނިސްބަތެކެވެ. ފަހަރެއްގައި ގެއްލުންވެސް ވެދާނެއެވެ. އަދި ބައިވެރިވާ އަމާންކުރުމަކުން އަމާންކޮށްދެވިފައިވާ މީހާއަށްވެސް، ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބޭނީ، ކުންފުނީގައި ހުރި ފައިސާ ހުރި ނިސްބަތަކުންނެވެ. މުޟާރަބާގެ ރައުސްމާލު ވެރިމީހާއާއި މަސައްކަތް ކުރާ (މުޟާރިބް) މީހާއާ ދެމެދު އޮންނަ ގުޅުމަކީ، މުޟާރަބާއިން ނުކުމެދާނެ ނަތީޖާއެއްގައި ދެ ފަރާތުންވެސް އެހީތެރިވެ ބައިވެރިވުމުގެ ގުޅުމެކެވެ.

ހަމަ މި ބީދައިން، ބައިވެރިވާ އަމާންކޮށްދޭ ކުންފުންޏެއްގައި އިޝްތިރާކުވެގެން ތިބޭ މީހުންގެ މެދުގައި އޮންނަ ގުޅުމަކީވެސް، އެކަކަށް ކުރިމަތިވާ ނުރައްކާތަކުގައި ބައިވެރިވެ އެހީތެރިވުމެވެ. މިއާ ޚިލާފަށް، އެއްކޮޅުން ރިބާ ދަރަނި ދޭ މީހާއާއި ވިޔަފާރި އަމާންކޮށްދެވޭ މީހާއާއި، އަނެއްކޮޅުން ދަރަނި ނަގާމީހާއި ވިޔަފާރި އަމާންކޮށްދޭ ކުންފުންޏާ ދެމެދު އޮންނަނީ، ދޫނުކުރުމުގެ ގުޅުމެކެވެ. މާފުނުކުރުމުގެ ގުޅުމެކެވެ. ދަރަނި ނެގި މީހާ، ދަރަނި ނެގި މަސައްކަތުން ފައިދާ ވިޔަސް ނުވިޔަސް، އެ ދަރަނި އަނބުރާ ދައްކަންޖެހެއެވެ. އަދި އަމާންކޮށްދިން ކުންފުނިން، ގެއްލުން ފޫބައްދައިދެވޭ ވަރަށް ފައިސާ ހުއްޓަސް ނެތަސް، ފޫބައްދައިދޭނެކަމަށް އިލްތިޒާމުވެފައިވާ ގެއްލުން ފޫބައްދައިދޭންޖެހޭނެއެވެ.

މެދުވެރިކަމުގެ ވައްތަރުތައް:

ބައިވެރިވާ އަމާންކޮށްދޭ ކުންފުންޏަކީ (މާލީ މުދީރެއް) ނުވަތަ އަމާންކުރެވޭފަރާތްތަކުގެ މެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތެކެވެ. މެދުވެރިކަމުގެ ޢަޤުދުތަކަކީ، އެއީ އާމާނަތުގެ ޢަޤުދުތަކެކެވެ. ނަމަވެސް، ވިޔަފާރި އަމާންކޮށްދޭ ކުންފުނިތަކުން، އަދާކުރަނީ ޖާމިނުވުމުގެ މެދުވެރިކަމެވެ. އެހެނީ ވިޔަފާރި ކުންފުނި އަމާންކުރެވޭފަރާތްތަކާ އެކު ހަދާ ޢަޤުދުތަކަކީ، ޖާމިނުވުމުގެ ޢަޤުދުތަކެކެވެ. ދެން ޙަޤީޤަތުގައި ޖާމިނުވުމުގެ ޢަޤުދަކީ، ޢާއްމު އިޤްތިޞާދީ މާނައިގައި ނޫނީ، މެދުވެރިކަމުގެ ޢަޤުދެއް ނޫނެވެ. ޤާނޫނީ ގޮތުން ބަލާއިރު އެއީ މެދުވެރިކަމުގެ ޢަޤުދެއް ނޫނެވެ. އެހެނީ، ޖާމިނުވާމީހާ ޢަޤުދެއްކުރާއިރު ކުރާނީ، އަސްލުމީހެއްގެ ގޮތުގައެވެ. އެހެން މެންބަރުންގެ ފަރާތުން ހުރި ނާއިބެއްގެ ގޮތުގައެއް ނޫނެވެ.

ނަމަވެސް މިއާ ޚިލާފަށް، ބައިވެރިވާ އަމާންކުރުމުގައި، ކުންފުންޏަކީ އަމާންކުރުމުގެ ޚިދުމަތް ލިބޭ މެންބަރުންގެ ފަރާތުން ހުންނަ ނާއިބެކެވެ. ވީމާ މެންބަރުން ދައްކާ އިޝްތިރާކުތަކަކީ، ކުންފުނީގެ ބެލުމުގެ ދަށުގައި ހުންނަ އަމާނަތެކެވެ. އެއީ ކުންފުނި ޖާމިނުވާއެއްޗެއް ނޫނެވެ. ނާއިބެއްގެ ގޮތުން އަދާކުރާ މެދުވެރިކަމުގެ އަމާންކުރުމަކީ، ޖާމިނުވުމުގެ މައްޗަށް ބިނާވެފައި އޮންނަ މެދުވެރިކަމަށް ވުރެ ފުރިހަމައަށް މަސައްކަތް ކުރާ ނިޒާމެއްކަމަށް، އިޤްތިޞާދީ ގޮތުން ވަނީ ސާބިތުވެފައެވެ.

މަތީގައިވާ ދެ ވައްތަރުގެ މެދުވެރިކަމަކީ، ފައިސާ ބޭނުންވާ މީހުންނަށް ފައިސާ ފޯރުކޮށްދިނުމުގައި އޮންނަ ދެ ވައްތަރުގެ މެދުވެރިކަމާވެސް އެއްފަދަ އެއްޗެކެވެ. އިސްލާމީ ބެންކުން ކުރާ ކަމަކީ، ބޭނުންވާ ވަރަށް ވުރެ ގިނައިން އަތުގައި ފައިސާ ހުންނަ މީހުންނާއި، ފައިސާ ނެތިގެން އުޅޭ މީހުންނާ ދެމެދު، އަމާނަތުގެ ޢަޤުދުތަކުގެ ތެރެއިންލާފައި (މުޟާރަބާ، މުޝާރަކާ، ވަކާލާ) މެދުވެރިއެއްގެ ދައުރު އަދާކުރުމެވެ. ނަމަވެސް، ރިބާ ބޭންކުން، ފައިސާ ގިނަ މީހުންނާއި ފައިސާއަށް ބޭނުންވާ މީހުންނާ ދެމެދު ކުރާކަމަކީ، ދަރަނި ދިނުމުގެ މެދުވެރިކަމެވެ. އަދި މިއީ ޖާމިނުވުމުގެ ޢަޤުދެކެވެ.

އަމާންކުރުމުގައްޔާއި ފައިސާ ފޯރުކޮށްދިމުގައި، އިސްލާމީ ބޭންކުތަކުން އަދާކުރާ މެދުވެރިކަމަކީ، ނާއިބުކަމާއި އަމާނަތުގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. މިގޮތް، ޢާއްމުކޮށް މި އޮންނަ ރައުސްމާލީ ނަމޫނާއަށް ވުރެ، މާ ފުރިހަމަވެފައި މާ އިސްތިޤުރާރެވެ. އަދި ޝަރުޢީ މަޤްޞަދުތަކާއި މާ ގާތެވެ. ވީމާ ރައުސްމާލީ ނަމޫނާގެ ބަދަލަކަށް ވާނެ، އަމާންކޮށްދޭ އަދި ފައިސާ ފޯރުކޮށްދޭ އިސްލާމީ މާލީ މުއައްސަސާތަކެއް އަހަރެމެން ހަދާކަމަށްވަންޏާ، އެ މުއައްސަސާތަކަކީ، މި ދެބައި ޝާމިލުވާ އިސްލާމީ އަސާސްތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ އެއްޗަކަށް ހަދަންޖެހޭނެއެވެ. ރައުސްމާލީ ނިޒާމާއި ތަފާތު ކަންތައްތަކެއް ހާމައަށް ފެންނަން ހުންނަންޖެހޭނެއެވެ.

ބަދަލުދިނުމުގެ ކުޅަދާނަކަން:

އަމާންކުރުމުގެ ދެ ވައްތަރުގައި ހުންނަ ފަރަގުތަކުގެ ތެރޭގައި ހިމެނޭ އަނެއް ފަރަގަކީ، ބަދަލުދޭނެކަމަށް ކުންފުނިން ވެފައިވާ އިލްތިޒާމުތަކަށް ވަފާތެރިވުމުގެ ކުޅަދާނަކަމެވެ. ވިޔަފާރި އަމާންކުރުމުގައި، ކުންފުނިން ލަފާކޮށްފައިވާ ވަރަށް ވުރެ ގިނަ ޢަދަދެއްގެ ބަޔަކަށް ގެއްލުންވެއްޖެނަމަ، އެ އެންމެންނަށް ބަދަލު ދިނުމަކީ ކުންފުންޏަށް ކުޅެދާނަ ކަމެއް ނޫނެވެ. ކުރިންވެސް ބުނެވިދިޔަހެން، މިއިން ދޭހަކޮށްދެނީ، މިވެނިވަރެއް ދޭނެ ކަމަށް ކުރީއްސުރެ ކުންފުނިން ވެފައިވާ ވަޢްދަކީ ދޮގު ވަޢްދެއް ކަމެވެ. ދެން ބައިވެރިވާ އަމާންކުރުމުގައި އޮންނަ ގޮތަކީ، ގެއްލުން ލިބޭ މީހުންނަށް ބަދަލު ދެވެނީ، ކުންފުނީގައި ބައިވެރިވަފައި ތިބޭ އެންމެން ބައިވެރިވެގެންނެވެ. ބަދަލު ދެވޭނީ، މެންބަރުން ދައްކާފައި ހުރި އިޝްތިރާކުން ފުއްދޭވަރަކުންނެވެ.

ވީމާ، ބައިވެރިވާ އަމާންކުރުމުގައި، ގެއްލުމެއް ވެއްޖެނަމަ، ސީދާ މިވެނިވަރެއް ލިބޭނެ ކަމަކަށް، އަމާންކޮށްދެވޭމީހާ ނުބަލާނެއެވެ. އެކަމަކު އޭނާ ބަލާނީ، ކުންފުނީގައި ބައިވެރިވެފައި ދެން ތިބި އެހެން މެންބަރުން، ފަންޑުގައި ފައިސާގެ ކުޅަދާނަކަން ހުރި މިންވަރަކުން، އޭނާގެ ގެއްލުން ފޫބައްދައިދޭނެ ކަމަށެވެ. އޭނާއަށް އިޙްސާސްވާ ހިތްހަމަޖެހުން އަންނަނީ، ދެންތިބޭ މީހުން އޭނާއަށް އެހީތެރިވާނެކަން އެނގުމުންނެވެ. ވިޔަފާރި އަމާންކުރުމުގައި އޮންނަހެން، ބަދަލު ލިބޭނެކަމަށް ވެވިފައިވާ، ޙަޤީޤަތުގައި ތެދުވެރި ނޫން، ވަޢްދެއްގެ ސަބަބަކުން ނޫނެވެ.

ބައިވެރިވާ އަމާންކުރުމަކީވެސް، މިންވަރު ކަނޑައެޅިފައިވާ ބަދަލެއް ދެވޭ ޢަޤުދަކަށް ވާނަމަ، އެވާނީ ހަމަ ވިޔަފާރި އަމާންކުރުމެކޭ އެއްފަދައިން، ޙަޤީޤަތެއް ނެތް ތެދުނޫން ވަޢްދަކަށެވެ. އަދި އަމާންކުރެވޭފަރާތަށް ލިބޭނެ ހިތްހަމަޖެހުމެއްވެސް ނޯންނާނެއެވެ. އަދި ކަނޑައެޅިފައިވާ ޢަދަދުގެ ނުލިބިއްޖެނަމަ، އޭނާ ދެއްކި ބައިތައްވެސް ވާނީ، އޭނާއަތުން ބޭކާރުވި ފައިސާތަކެއް ކަމަށެވެ. އަދި މި ޙާލަތުގައި މި ޢަޤުދުވެސް ވެގެންދާނީ، ފައިދާވުމުގެ ބޭނުމުގައި ކުންފުނިން ކުރި ޢަޤުދަކަށެވެ. އަދި ވިޔަފާރި އަމާންކުރުމުގައި ހުންނަ ނުރަނގަޅު ކަންތައްތައް، މީގެ ތެރެއަށްވެސް ވަންނާނެއެވެ.

ފައިދާހޯދުން:

ބައެއް މީހުން ހީކުރާ ގޮތުގައި، ވިޔަފާރި އަމާންކުރުމާއި ބައިވެރިވާ އަމާންކުރުމުގައި ހުންނަ ފަރަގަކީ، ފައިދާ ހޯދުމުގައި ހުންނަ ފަރަގެކެވެ. ވިޔަފާރިން ފައިދާ ހޯދުމަކީ ދީނުގައި ހުއްދަކަމެކެވެ. ވީމާ ވިޔަފާރި އަމާންކުރުން ހުއްދަވާނެއެވެ. ނަމަވެސް، މި ތަޞައްވަރަކީ، ރަނގަޅު ތަޞައްވަރެއް ނޫނެވެ.

ކުރުން ހުއްދަ ކޮންމެ ކަމަކީ، އެއަށް ބަދަލު އަތުލައި ފައިދާ ހޯދުން ހުއްދަ ކަންކަމެއް ނޫނެވެ. ދަރަނިދިނުމަކީ، ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނެތި ހުއްދަކަމެކެވެ. ނަމަވެސް ދަރަނީގެ ބަދަލެއް އަތުލައި އެއިން ފައިދާ ހޯދުމަކީ، އެއްވެސް ޚިލާފެއް ނެތި ޙަރާމްކަމެކެވެ. ޖާމިނުވުމަކީވެސް މިފަދަ ކަމެކެވެ. އެއީ އޭގެ ޒާތުގައި ހުއްދަކަމެކެވެ. ނަމަވެސް ޢިލްމުވެރިން އިޖްމާޢުވެފައިވަނީ، އެއަށް ބަދަލެއް އަތުނުލެވޭނެކަމަށެވެ.

ބައިވެރިވާ އަމާންކުރުން، ފައިދާ ހޯދަން މަސައްކަތް ނުކުރެއޭ، އަހަރެމެން ބުނުމުގެ މުރާދަކީ، އަމާންކުރެވޭމީހުންގެ ފައިސާތައް އަތުލާ، އެ ހިންގަން ތިބޭ މީހުން (އިދާރާ)، ފައިދާ ހޯދަން މަސައްކަތް ކޮށްގެން ނުވާނެއޭ ބުނުމެއް ނޫނެވެ. ނުވަތަ ހިންގާފަރާތަށް ދެވޭނީ، މަސައްކަތުގެ ޢާއްމު އުޖޫރަ އެކަންޏޭ ބުނުމެއްވެސް ނޫނެވެ.

ބައިވެރިވާ އަމާންކޮށްދޭ ކުންފުންޏެއްގެ މާލީ މުދީރަކީވެސް، އިޝްތިރާކުވެފައިވާ މީހުންގެ ފަންޑު، ޝަރުޢީ ހަމަތަކުގެ ދަށުން ހިންގައި، ވީ އެންމެ ފުރިހަމައަކަށް އެކަންތައްތައް ރާވާ ހިންގަން ހަވާލުކުރެވިފައިވާ، އެހެން ހުރިހާ މާލީ މުދީރުންނެކޭވެސް އެއްފަދަ، ބަދަލު ދެވޭ ޢަޤުދެއްގެ ދަށުން (ކުލީ ޢަޤުދު) މަސައްކަތްކުރާ ފަރާތެކެވެ.

ބައިވެރިވާ އަމާންކުރުމުން ފައިދާ ހޯދަން މަސައްކަތް ނުކުރެއޭ، އަހަރެމެން މި ބުނަނީ، ގެއްލުންތަކަށް ޖާމިނުވެގެން، އެ ކަމުން ފައިދާ ނުހޯދާ ވާހަކައެވެ. ނަމަވެސް، މަސައްކަތް ހިންގުމުގެ ބަދަލުގައި ހޯދާ ފައިދާއަކީ، ހުއްދަ އެއްޗެކެވެ.

ފާހަނގަކޮށްލެވޭ އަނެއް ކަމަކީ، ވިޔަފާރި އަމާންކުރާ ކުންފުނިން، ދެ ފަހަރު ފައިދާ ހޯދާކަމެވެ. އެއީ ޖާމިނުވެދީގެންނާއި ހިންގައިގެންނެވެ. ނަމަވެސް ބައިވެރިވާ އަމާންކޮށްދޭ ކުންފުނިން ފައިދާ ހޯދަނީ، ހިންގައިގެން އެކަންޏެވެ. މިހެން މިކަން އޮތުމުގެ ނަތީޖާއަކީ، އެއްފަދަ ކަމަކަށް އަމާންކުރެވުނަސް، ވިޔަފާރި އަމާންކުރުމުގައި ދައްކަންޖެހޭ ބައިތައް، ބައިވެރިވާ އަމާންކުރުމުގައި ދައްކަންޖެހޭ ބައިތަކަށްވުރެ ބޮޑުވެގެންދިއުމެވެ.

ހަމަ މި ހިނދުކޮޅު، ބުނެލަން ބޭނުންވާ އަނެއް ވާހަކައަކީ، ބައިވެރިވާ އަމާންކޮށްދޭ ކުންފުނިން، އަމާންކުރުމު މައިގަނޑު އުސޫލުތަކާއި ތަފާސްހިސާބު ޤާނޫނުތަކުގެ ބޭނުން ހިފުމަކީ، މަނާކަމެއް ނޫންކަމެވެ. އެހެނީ، މިފަދަ ވަސީލަތްތަކުގެ ބޭނުން ހިފިޔަސް، މީގެ މައްޗަށް ޢަޤުދުގެ އިލްތިޒާމްތައް ބިނާވެފައި ނޯންނާނެއެވެ. ކުރުގޮތަކަށް ބުނަންޏާ، ވިޔަފާރި އަމާންކުރުމުގައި ހުންނަ ނުރަނގަޅު ކަންތައްތައް ދުރުކޮށް، އޭގައި ހުންނަ ރަނގަޅު ކަންތައްތަކުގައި ހިފުމަކީ، ބައިވެރިވާ އަމާންކުރުން ދެކޮޅުހަދާނެ ކަމެއް ނޫނެވެ.

ދެފަރާތުން ހަމަހިލޭދިނުން:

ބައެއް މީހުން ދެކޭގޮތުގައި، ބައިވެރިވާ އަމާންކުރުމަކީ، އެކަކު ހަމަހިލޭ އެއްޗެއް ދިނުމުގެ ބަދަލުގައި އަނެކަކުވެސް އެއްޗެއް ދިނުން ކަމަށެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ބަދަލުގައި އެއްޗެއް ދިނުން ޝަރުޠުކޮށްފައި ދެވޭ ހިބައެކެވެ. ވީމާ ބައިވެރިވާ އަމާންކުރުމަކީ، އަހަންނަށް ގެއްލުމެއްވެއްޖެނަމަ ކަލޭ އެ ގެއްލުން ފޫބައްދައިދިނުމުގެ ބަދަލެއްގެ ގޮތުން، ކަލެއަށް ގެއްލުމެއްވެއްޖެނަމަ، އަހަރެން އެ ގެއްލުން ފޫބައްދައިދޭނަމޭ، ބުނުމެވެ. މިހެން ބުނުމުން އެއީ، ބަދަލު އަތުލައިގެން ކުރެވޭ މުޢާމަލާތެކެވެ. ވީމާ މިއެކޭ ވިޔަފާރި އަމާންކުރުމެކޭ ތަފާތެއް ނެތެވެ.

ނަމަވެސް މި ފާޑުކިއުމަކީ، ބައިވެރިވާ އަމާންކުރުމާ، އަދި އޭގެ ވައްތަރުތަކާ ޙަޤީޤީ ގުޅުމެއް ނެތް ފާޑުކިއުމެކެވެ. ދެފަރާތުންވެސް އެއްޗެއް ދީގެން، އެކަކު އަނެކަކާ ބައިވެރިވުމަކީ، އިއްޔެ މިއަދުކު ފެށުނު ކަމެއް ނޫނެވެ. ''އަހަންނަށް ދޭމަތިން ކަލެއަށް ދޭނަން'' މި އުސޫލަށް ފެއްތިދާނެ އެތަކެއް މިސާލުތަކެއް، ސުންނަތުން ފެންނަން އެބަ އޮތެވެ. އޭގެތެރެއިން އެންމެ ހާމަ މިސާލަކީ، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެބަޔަކަށް މަދަޙަކިއުއްވި، އަޝްޢަރީން ކަންތައް ކުރިގޮތެވެ. ޞަޙީޙް ބުޚާރީއާއި މުސްލިމުގައި އައިސްފައިވެއެވެ: ''އަޝްޢަރީން، ހަނގުރާމައިގައި އެމީހުންގެ އަންހެނުން ހުވަފަތްވެ، ނުވަތަ މަދީނާގައި ދަރިންނަށް ދޭނެ ކާއެއްޗެހި މަދުވެއްޖެނަމަ، އެންމެން އަތުގައި ހުރި އެއްޗެއް ފޮތިގަނޑަކަށް އަޅައި، އަދި އެ މީހުންގެ މެދުގައި ހަމަހަމައަށް އެ ބަހައެވެ. ފަހެ އެބައިމީހުންނަކީ، ތިމަންކަލޭގެފާނުންގެ ބައެކެވެ. އަދި ތިމަންކަލޭގެފާނަކީ އެބައިމީހުންގެތެރެއިން މީހެކެވެ.''

އަދިވެސް ޞަޙީޙް ބުޚާރީއާއި މުސްލިމުގައި އައިސްފައިވެއެވެ: ޖާބިރު ބިން ޢަބްދުﷲ -ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ: ''އައްސޭރި ހިސާބަކަށް، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސަރިއްޔާއެއް ފޮނުއްވިއެވެ. އަދި އޭގެ އަމީރަކަށް އަބޫ ޢުބައިދާ ބިން އަލްޖައްރާޙް ލެއްވިއެވެ. ސަރިއްޔާގައި ތިބީ ތިންސަތޭކަ މީހުންނެވެ. އަހަރެންވެސް އޭގެ ތެރޭގައި ހިމެނުނެވެ. ދެން އަހަރެމެން ނުކުމެގެން ގޮސް، ވަކި ހިސާބަކުން އަހަރެމެންގެ ކޮއްތު ހުސްވިއެވެ. އެހިނދު އަބޫ ޢުބައިދާ، ލަޝްކަރުގައި ހުރި ހުރިހާ ކޮއްތެއް އަތުލައްވާ ޖަމާކުރެއްވިއެވެ. އަހަރެން ދިނީ ކަދުރެވެ. ދެން އެ ހުސްވަންދެން އަހަރެމެންނަށް މަދުމަދުން ކޮއްތުދެވުނެވެ. މީހަކަށް ލިބެނީ އެއް ކަދުރެވެ.''

މިއީ، ހިލޭސާބަހަށް އެއްޗެއް ދިނުމުގެ ބަދަލުގައި ހިލޭސާބަހަށް އެއްޗެއް ދިނުމުގެ މައްޗަށް ބިނާވެފައިވާ، ބައިވެރިވުމެކެވެ. ކޮންމެ މީހަކުވެސް އޭނާ އަތުގައި ހުންނަ އެއްޗެއް ދެނީ، ދެން ތިބޭ މީހުންވެސް އެ މީހުން އަތުގައި ހުންނަ އެއްޗެއް ދީގެން، އެންމެންގެ މެދުގައި އެ ބަހާގޮތުގެމަތިންނެވެ. މިއަށް ކިޔައި އުޅޭ ނަމަކީ، ''ނިހްދު'' އެވެ. މީގެ މާނައަކީ، ކޮންމެ މީހަކުވެސް އެމީހެއްގެ އަތުގައި ހުންނަ ކޮއްތު ނެރެގެން، އެކުގައި ތިބި އެންމެން އެއިން ފުއްދުމެވެ. ނިހުދު އަކީ މުސްލިމުންގެ އިއްތިފާޤުން، ހުއްދަކަމެކެވެ. އަލްބުޚާރީ -ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ: ''ނިހްދުކީ ހުއްދަ ނޫންކަމެއް ކަމުގައި މުސްލިމުން ނުދެކެއެވެ.''

ތަނެއްގައި ދެ މީހަކު ތިބެފައި، ދެ މީހުންގެ މުދާ ހަމަހަމައަށް ބަހަން އެއްބަސްވެއްޖެނަމަ، އެ ވާނީ، ހަމަހިލޭ އެއްޗެއް ދިނުމުމުގެ ބަދަލުގައި ހަމަހިލޭ އެއްޗެއް ދިނުންކަމަށެވެ. މިއީ، ފައިދާ ހޯދުމުގެ ބޭނުމުގައި، ކުރެވޭ ވިޔަފާރިއެކޭ ނުބުނެވޭނެއެވެ. ކިއެއްތަ، ވިޔަފާރިއާ އެއްގޮތް ކަމެއް ހުއްޓެއް ކަމަކު، މިއީ ދެފަރާތުން ހަމަހިލޭދޭ އެއްޗެކެވެ.

''އަހަންނަށް ދޭމަތިން ކަލެއަށް ދޭނަން'' މި އުސޫލަށް ފެއްތިދާނެ ބައެއް ވައްތަރުގެ ދަރަނިވެސް(ރިބާ ނުހިމެނޭ) އެބަހުއްޓެވެ. އެގޮތުން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ: ''ދަރަނީގެ ގޮތުގައި މަންފާ ދިނުން ހުއްދައެވެ. މިސާލަކަށް، އެއްދުވަހު އޭނާއަށް ގޮވާން ކަނޑާދީފައި އަނެއް ދުވަހު އޭނާ ގޮވާން ކަނޑާ ދޭގޮތަށެވެ. ނުވަތަ އޭނާގެ ގެއެއްގައި އުޅުމުގެ ބަދަލަކަށް، އަނެކާގެ ގޭގައި އޭނާ އުޅުމެވެ.''

ޢާޤިލާ އަށް (ދިޔަ ދިނުމުގައި، ޤާތިލުގެ ބައްޕަ ފަރާތު މީހުން އެ ދިޔައިގައި ބައިވެރިވުން) ދިޔަ ދޭންޖެހުމަކީވެސް މި ފަދަ ކަމެކެވެ. އެކަކަށް އެފަދަ ބޮޑު ބުރައެއް އުފުލުމަކީ ދަތިކަމަކަށް ވާތީ، ދިޔަ ދޭ އިރު، ދިޔަ ދެނީ ބައްޕަ ފަރާތު ތިމާގެ މީހުން އެންމެން ބައިވެރިވެގެންނެވެ. ޢާޤިލާ ނިޒާމުގެ ޙިކުމަތާ ބެހޭ ގޮތުން ވާހަކަދައްކަވަމުން، އިމާމް އައްސަރްޚަސީ -ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ: ''އެއްވެސް މީހަކީ، އެފަދަ މުސީބާތަކާ(އޮޅިގެން މީހެއް މެރުން) ކުރިމަތިނުވާނެކަން ޔަޤީންވާ މީހެއް ނޫނެވެ. މިފަދަ ކަމެއް އޭނާއަށް ކުރިމަތިވާހިނދު، އެހެން މީހުންގެ އެހީއަށް އޭނާވެސް ބޭނުންވާނެއެވެ. ވީމާ، އޭނާއަށް އެހެން މީހުން އެހީތެރިވުމަށްޓަކައި، މުޞީބާތް ޖެހިފައިވާ މީހާއަށް އެހީތެރިވުމަކީ ކުރަންޖެހޭނެ ކަމެކެވެ. އެހީތެރިވެ ބައިވެރިވުމުގައި މީހުންގެ މެދުގައި އޮންނަ އާދައަކީ މިއީއެވެ. އެއްބަޔަކު އަނެއް ބަޔަކަށް ނަޞްރުދޭ، ޢަދުލުވެރިކޮށް ކަންތައްކުރާ، ﷲ އަށް ހެކިވެރިވާ، ހެޔޮކަމާއި ތަޤުވާވެރިކަން މައްޗަށް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވާ، މި އުއްމަތުގެ ނަމޫނާއަކީ މިއީއެވެ.''

ވީމާ ދެފަރާތުން ހަމަހިލޭ ދިނުން ބަދަލުކުރުމަކީ، ބަލާބެލުމަށް ވިޔަފާރިއާ އެއްފަދަ ކަމެއްހެން ހީވިއަސް، އެއީ ވިޔަފާރިއެއް ނޫނެވެ. އެހެނީ، މީގައި ދެ ފަރާތުގެވެސް މަޤްޞަދަކީ އެހީތެރިވެ ބައިވެރިވުމެވެ. ފައިދާ ހޯދުމެއް ނޫނެވެ.

ވިޔަފާރީގެ ގޮތުގައި ބަދަލުކުރުމާއި، ހަމަހިލޭދިނުން ބަދަލުކުރުމުގެ ފަރަގު:

ވިޔަފާރީގެ ގޮތުގައި ބަދަލު ކުރުމާއި، ހަމަހިލޭދިނުން ބަދަލުކުރުމުގެ ފަރަގަކީ، ޖާމިނުވުން ނުވަތަ ބަދަލު ދިނުން ހިމެނިފައިވުމާއި ނުވުމެވެ. ވިޔަފާރި އަމާންކުރުމުގައި، އަމާންކުރެވޭފަރާތް ދައްކާ ބައިތަކުގެ ބަދަލެއްގެ ގޮތުން، އޭނާއަށް ލިބޭ ގެއްލުންތަކަށް ބަދަލު ދޭން، ކުންފުނިން އިލްތިޒާމުވެއެވެ. މާނައަކީ އަމާންކުރެވޭ އެއްޗަށް ކުރިމަތިވާ ނުރައްކާތައް، އުފުލަންޖެހޭ ހަމައެކަނި ފަރާތަކީ ކުންފުންޏެވެ. މިއީ ކުންފުނިން އަމާންކޮށްދެވިފައި ތިބޭ އެހެން މީސްމީހުން ވިސްނަންޖެހޭ ކަމެއް ނޫނެވެ. އެހެންވެ، މި ޢަޤުދަކީ ބަދަލުކުރުމުގެ ޢަޤުދެކެވެ. ނަމަވެސް މި ބަދަލު ކުރުމަކީ، ދެ ފަރާތަށް ފައިދާވެދާނެ ފަދަ ބަދަލުކުރުމެއް ނޫނެވެ. ކިއެއްތަ، ކުރިން ވެސް ބުނެވިދިޔަހެން، އަމާންކުރެވޭފަރާތަށް ވާ ފައިދާއަކީ ކުންފުންޏަށް ވާ ގެއްލުމެކެވެ. އަދި ކުންފުންޏަށް ވާ ފައިދާއަކީ އަމާންކުރެވޭފަރާތަށް ވާ ގެއްލުމެކެވެ. ވީމާ މިއީ ބާޠިލުގޮތުގައި ފައިސާ ކެއުމުގެ ދިރިހުރި މިސާލެކެވެ.

ނަމަވެސް، ބައިވެރިވާ އަމާންކުރުމުގައި، ބަދަލު ދެވޭނެ ކަމުގެ ޖާމިނުކަމެއް ނޯވެއެވެ. އަދި ދެވޭ ބަދަލަކީ، އިޝްތިރާކު ފަންޑުގައި ފައިސާ ހުރިވަރަކުން ދެވޭ އެއްޗެކެވެ. އަދި ގެއްލުންވުމުގެ ނުރައްކާ އުފުލާ ބަޔަކީ، ކުންފުނީގައި އިޝްތިރާކުވެގެން ތިބޭ ހުރިހާ މެންބަރުންނެވެ. ވީމާ، މި ވައްތަރު އަމާންކުރުމުގައި، ނުރައްކަލަކީ އޭގައި އެހީތެރިވެ ބައިވެރިވެވޭ އެއްޗެކެވެ. ފައިދާ ހޯދުމުގެ ބޭނުމުގައި ބަދަލު އަތުލެވޭ އެއްޗެއް ނޫނެވެ.

ސަމާލުވާންޖެހޭ ބައެއް ކަންތައްތައް:

''ބައިވެރިވާ އަމާންކުރުމޭ" ނުވަތަ "އިސްލާމީ ތަކާފުލް" އޭ ކިޔާ ނަންބޯޑު އަޅުވައިގެން އުޅޭ ބައެއް ކުންފުނިތަކަކީ -ބައެއް ފަހަރު- ޙަޤީޤަތުގައި އެފަދަ ކުންފުނިތަކެއް ނޫނެވެ. އެއީ މަޅީގައި ޖައްސަން ބޭނުންކުރާ ތެރަހެކެވެ. މިހެން ބުނުމުގެ ބޭނުމަކީ ފަހަރެއްގައިވެސް، ޙަޤީޤީ އިސްލާމީ އަމާންކުރުމުގެ ޚިދުމަތްދޭ ކުންފުނިތަކާ މެދު، މީހުންގެ ހިތުގައި އޮންނަ އިތުބާރު ގެއްލުވާލުމެއް ނޫނެވެ.

ބޭނުމަކީ، ދީނީ ކަންފުޅެއް ނެތް ކުންފުނިތަކުން، އިސްލާމީ އިޤްތިޞާދުގެ ތެރެއަށް ވަދެ، ނާޖާއިޒު ފައިދާ ނެގިޔަ ނުދިނުމަށާއި، ޢާއްމުން މި ކަމަށް ސަމާލުވެތިބުމަށް ހޭލުންތެރި ކުރުވުމެވެ. ވީމާ، އިސްލާމީ ޝަރީޢަތަށް ފެތޭ، އަމާންކުރުމުގެ ޚިދުމަތް ދެމޭ ބުނާ ކުންފުންޏަކުން ޚިދުމަތް ލިބިގަތުމުގެ ކުރިން، އެ މީހުން ހަދާ ޢަޤުދުތައް ބަލާ ރަނގަޅަށް ދިރާސާކުރާށެވެ. ބައިވެރިވާ އަމާންކުރުމުގެ މިންގަނޑުތަކަށް، އެ ފެތޭތޯ ބަލާ ވަޒަންކުރާށެވެ. ކުންފުނީގެ ފައިސާ މޭވާކުރަނީ، ކޮންކޮން ތަންތަނެއްގައި، ކިހިނެއް ކިހިނެއްތޯ ބަލާށެވެ. ރިބާ ބޭންކުތަކާއި، ޙަރާމް މަސައްކަތް ކުރާ ކުންފުނިތަކާއި، މަޝްރޫޢުތަކުގައި އެ ފައިސާ މޭވާ ނުކުރެވޭކަން ޔަޤީންކުރާށެވެ. އިސްލާމީ އުސޫލުތަކަށް ފެތޭ އަމާންކުރުމުގެ ޚިދުމަތްދޭ ކުންފުނިތަކާއި (ބައިވެރިވާ/ތަޢާވުނީ، ތަކާފުލު)، އިސްލާމީ ބޭންކުތަކުގައި، ޝަރުޢީ ކޮމިޓީއެއް އޮންނަންޖެހޭނެއެވެ. ވީމާ އަމާންކުރުމުގެ ޚިދުމަތް ލިބިގަންނަން އެ މީހުންގެ އޮފީހަށް ގޮސް، ޝަރުޢީ ކޮމިޓީއެއް އޮތްތޯ ބަލާށެވެ. އަދި އެ ކޮމިޓީގައި ތިބީ ޝަރްޢީ ކޮން ޢިލްމުވެރިންނެއްތޯ ބަލާށެވެ. ޝަރްޢީ ކޮމިޓީއެއް ނެތި، ބައިވެރިވާ އަމާންކުރުމުގެ ހަމަތަކާއި މިންގަނޑުތަކަށް ނުފެތޭ ބަޔަކު، އެ މީހުން އެ ކޮށްދެނީ، ދީނުގައި ހުއްދަ އަމާންކުރުމޭ ބުންޏަސް ޤަބޫލު ނުކުރާށެވެ.

ޚުލާޞާ:

1- ވިޔަފާރި އަމާންކުރުމުގެ ޢަޤުދަކީ، ޖާމިނުވުމަށް ބަދަލު އަތުލެވޭ ޢަޤުދެކެވެ. ޖާމިނުވުމަށް ބަދަލު އަތުލުމަކީ، ފިޤުހުވެރިންގެ އިޖްމާޢުން މަނާކަމެކެވެ. އެއީ އޭގައި ޙަރާމްކުރެވިފައިވާ ޣަރަރު ހިމެނޭތީއެވެ. ނަމަވެސް ބައިވެރިވާ އަމާންކުރުމަކީ، ޝަރުޢީގޮތުން ހުއްދަ ޢަޤުދެކެވެ. މި ޢަޤުދު ބިނާވަނީ، ހަމަހިލޭ އެއްޗެއް ދިނުމުގެ މައްޗަށެވެ. ފިޤުހުވެރިންގެ އިޖްމާޢުން މިއީ ހުއްދަކަމެކެވެ.

2- ހުއްދަ، ބައިވެރިވާ އަމާންކުރުން، ހުއްދަ ނޫން ވިޔަފާރި އަމާންކުރުމާ، މުހިއްމު ކަންތައްތަކެއްގައި ތަފާތެވެ. އެއްކަމަކީ، އޭގައި ކުރިން ކަނޑައެޅިފައިވާ ވަކި މިންވަރެއް، ގެއްލުންތަކުގެ ބަދަލަކަށް ލިބޭނެކަން ޢަޤުދުގައި ބަޔާންކުރެވިފައި ނެތުމެވެ. އަދި މީގައި، ބަދަލު ދެވޭނީ ދެންތިބި މެންބަރުން ދައްކާފައިވާ އިޝްތިރާކާއި، ފަންޑުގައި ފައިސާ ހުރި މިންވަރަކުންނެވެ. އަދި ހަމައެހެންމެ، ދައްކާ ބައިތަކުގެ މިންވަރަށްވެސް، މި ވައްތަރުގެ އަމާންކުރުމުގައި، ބަދަލު އައިސްފާނެއެވެ.

3- ބައިވެރިވާ އަމާންކުރުމުގައި، އަމާންކޮށްދެވޭ މީހުންގެ މެދުގައި، ދެފަރާތުން އެއްޗެއް ދިނުން އޮތް ކަމުގައިވިޔަސް، އެއީ ވިޔަފާރީގެ ގޮތުގައި ކުރެވޭ ބަދަލުކުރުމެއް ނޫނެވެ. އެހެނީ މިއީ، ބައިވެރިވުމާއި ހަމަހިލޭ ދިނުމުގެ ޤަޞްދުގައި ކުރެވޭ ބަދަލެކެވެ. ފައިދާ ހޯދުމާއި ވިޔަފާރީގެ ބޭނުމަކު ނޫނެވެ.

 

*  *  *  *

 

* މި ލިޔުމުގައި ބޭނުންކުރެވިފައިވާ ބައެއް ބަސްތައް:

- އަމާންކުރުން: ތައުމީން / Insurance

- ވިޔަފާރި އިންޝުރެންސް: ތައުމީން އައްތިޖާރީ / Commercial Insurance

މީގެ މުރާދަކީ ވިޔަފާރި ކުރާ މުދަލެއް ފަދަ އެއްޗެއް އިންޝުރެންސް ކުރުމެއް ނޫނެވެ. މުރާދަކީ، ވިޔަފާރިއެއްގެ ގޮތުގައި ދެވޭ އިންޝުރެންސް ޚިދުމަތެވެ. މީހަކު އިންޝުރެންސޭ ބުނުމުން، ގިނަފަހަރަށް އޭނާ ގަސްދު އެ ކުރަނީ މި ވައްތަރުގެ އިންޝުރެންސް ވާހަކައެވެ. ރާއްޖޭގައި އަދި ދުނިޔޭގައި އެހެން ތަންތާނގައި ވެސް ޢާއްމުކޮށް ދެވޭ އިންޝުރެން ޚިދުމަތަކީ މި ވައްތަރުގެ ޚިދުމަތެވެ. އިސްލާމީ ޝަރީޢަތާ ފުށުއަރާ ވައްތަރަކީ ވެސް މިއީއެވެ.

- ބައިވެރިވާ އަމާންކުރުން: ތައުމީން އައްތަޢާވުނީ / Cooperative Insurance މިއީ އެހީތެރިވެ ބައިވެރިވުމުގެ ގޮތުގައި ހިންގާ ކުންފުނިތަކުން ދޭ އިންޝުރެންސް ޚިދުމަތް. އިސްލާމީ އިންޝުރެންސް ޚިދުމަތް ދޭ ކުންފުނިތަކުން ޢާއްމު ގޮތެއްގައި އެ މީހުންދޭ އިސްލާމީ އިންޝުރެންސް ޚިދުމަތަށް ކިޔައި އުޅޭނީ، ''ބައިވެރިވާ އަމާންކުރުން'' (ތައުމީން އައްތަޢާވުނީ) އެވެ. މެލޭޝިއާ، ބުރުނާއީ، ޕާކިސްތާން އަދި އިނގިރޭސި ބަހުން ވާހަކަ ދައްކާ ޤައުމުތަކުގައި ވެސް މި ފަދަ އިންޝުރެންސް އާދައިގެ އިންޝުރެންސާ ތަފާތު ކުރުމުގެ ގޮތުން، އެއަށް ދެވިފައި އޮންނަ ޢަރަބި ބަސް ބޭނުން ކުރެވެއެވެ. އެ ގޮތުން، އިސްލާމީ އިންޝުރެންސް ކޮށްދޭ ކުންފުންޏެއްގެ އިޝްތިހާރެއްގައި ''ތަކާފުލް'' ނުވަތަ ''ތަޢާވުން'' އިންޝުރެންސް ޚިދުމަތް ދެމޭ ޖަހާފައި ވެސް އޮވެދާނެއެވެ. ގިނައިން ފެންނާނީ ''ތަކާފުލް'' މި ބަސް ބޭނުން ކުރާ ތަނެވެ. އެހެންވެ ''ތަކާފުލް'' މި ލަފްޒަކީ ހުރިހާ ބަހަކުން ވެސް އިސްލާމީ އިންޝުރެންސަށް ކިޔާ ނަމަކަށް ވަނީ ވެފައެވެ.

ތަކާފުލްގެ މާނައަކީ ''އެކަކު އަނެކަކަށް ޖާމިނުވުމެވެ.'' ތަޢާވުންގެ މާނައަކީ ''އެކަކު އަނެކަކަށް އެހީތެރިވެ ބައިވެރިވުމެވެ.'' ކޮންމެ ގޮތެއް ވިޔަސް މި ދެ ބަހަކީ ވެސް އެކައްޗަކަށް ނިސްބަތްކުރަން ބޭނުން ކުރާ ދެ ބަހެކެވެ. ވީމާ ތަކާފުލް އޭ ބުންޏަސް ތަޢާވުން އޭ ބުންޏަސް މައްސަލައެއް ނެތެވެ.

- ބަދަލުދެވޭ ޢަޤުދު: ޢަޤްދު މުޢާވަޟާ / Commutative Contract މިއީ ދެ ފަރާތުން ވެސް ބަދަލެއް ދީގެން ހެދޭ ޢަޤުދެވެ. މިސާލަކަށް ވިޔަފާރި ޢަޤުދަކީ މުޢާވަޟާ ޢަޤުދެކެވެ. ނަމަވެސް ހިބައިން އެއްޗެއް ދެވޭ ޢަޤުދަކީ މުޢާވަޟާ ޢަޤުދެއް ނޫނެވެ. އެންމެ މައްސަލަ ޖެހޭ، އަދި އޭގެ ތެރެއަށް ދީން ހުއްދަ ނުކުރާ ކަންތައްތަކެއް ވަންނަ ޢަޤުދަކީ މި ވައްތަރުގެ ޢަޤުދެވެ. އަދި މި ވައްތަރުގެ ޢަޤުދުތައް ޞައްޙަ ވުމަށް ވަކި ޚާއްޞަ ޝަރުޠުތަކެއް ވެއެވެ. މިސާލަކަށް މުޢާވަޟާ ޢަޤުދެއްގައި "ޣަރަރް'' ހިމެނިއްޖެނަމަ އެ ޢަޤުދު ޞައްޙައެއް ނުވާނެއެވެ. ނަމަވެސް "ހަމަހިލޭ ޢަޤުދު" (ތަބައްރުޢް ޢަޤުދު) ގައި މީގެ މައްސަލެއެއް ނުޖެހެއެވެ. އަމާންކުރުމުގެ ޢަޤުދަކީ މުޢާވަޟާ ނުވަތަ ބަދަލުދެވޭ ޢަޤުދެކެވެ.

- އަމާންކުރާފަރާތް: މުއައްމިން / Insurer މިއީ އިންޝުރެންސް ޚިދުމަތް ދޭ ފަރާތް ނުވަތަ ކުންފުންޏެވެ. އެހެން ޢިބާރާތަކުން ބުނާނަމަ އަމާންކޮށްދޭ ކުންފުންޏެވެ.

- އަމާންކުރެވޭފަރާތް: މުއައްމަން ލަހޫ / Insured މިއީ އިންޝުރެންސް ޚިދުމަތް ލިބިގަންނަ މީހާއެވެ. ''މުއައްމަން ލަހޫ'' (އަމާންކުރެވޭފަރާތް) ގެ ބަދަލުގައި ޢަރަބި ބަހުގައި ބައެއް ފަހަރު ''މުސްތައުމިން'' (އަމާންކުރުވާފަރާތް) އޭ ވެސް ބުނެއެވެ. މިއީ އިންޝުރެންސް ޚިދުމަތް ލިބިގަންނަ ފަރާތެވެ.

- ބައިތައް: ޤިސްޠު / Premium މިއީ އިންޝުރެންސް ކުރުވަން، އެ ކުންފުންޏަށް ކަނޑައެޅިފައިވާ މުއްދަތުތަކެއްގައި ދައްކާ ފައިސާއެވެ. ދިވެހި ބަހުން މިއަށް ''ބައިތައް'' ކީދާނެއެވެ. އެއީ ކޮންމެ ފަހަރަކު ވެސް އޭނާ ދައްކަނީ ދައްކަން ޖެހޭ ފައިސާތަކެއްގެ ''ބައިތަކެއް'' ކަމަށް ވާތީއެވެ. އިންސްޓޯލްމެންޓަށް އެއްޗެއްހި ގަތުމަށް އޮންނަ ފިޤުހީ އިސްޠިލާޙަކީ ''ބައިޢުއް ތަޤްސީޠް'' އެވެ. ވީމާ މިއަށް ދިވެހިން ''ބައިތަކަށް ވިއްކުން'' އޭ ވެސް ކީދާނެއެވެ.

- ނަތީޖާ ސުން ބަދަލުކުރުން: (Zero-sum game)

- ޣަރަރު: ވާނެގޮތް ނޭގުމުގެ ނުރައްކާ (Risk / Uncertainty)

- މައިސިރު/ ޤިމާރު: ޖުވާ (Gambling)

- އަޚްލާޤީ ނުރައްކާ (Moral hazard)

- އިދިކޮޅު ހޮވުން: (Adverse selection)

ޔާންޞީބް: ނަސީބު ނަމްބަރު ކުޅިވަރުތައް/ ލޮޓަރީ

- އަލުން އަމާންކުރުން: (Re- insurance)

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.