ހޯމަ20180910

އާކުރެވުނީ: 08:43:52

އިންޝުރެންސްގެ ކުރު ތަޢާރަފެއް

insurance-kuru-thaaarafމި ޒަމާނުގައި މި ހިނގާ އަމާންކުރުމުގެ މިސާލެއް:
ތާރީޚީ ނަޒަރެއް:
އަމާންކުރުމުގެ މައިގަނޑު ވައްތަރުތައް:
އަމާންކުރުން ބަހާލެވިދާނެ ބައިތައް:
އަމާންކުރުމުގެ ޢަޤުދުގެ ފާހަނގަކުރެވޭ ކަންތައްތައް:
ވިޔަފާރި އަމާންކުރުމާމެދު މި ޒަމާނުގެ ޢިލްމުވެރިންގެ ރައުޔު:
ސަމާލުވާންޖެހޭ ބައެއް ކަންތައްތައް:

އަމާންކުރުމުގެ ތަޢާރަފެއް:

''އަމާންކުރުން'' މިއީ އިނގިރޭސިން ކިޔާ ''އިންޝުރެންސް'' އަދި ޢަރަބިން ކިޔާ ''ތައުމީން" އަށް ދިވެހިން ކީދާނެ ބަހެކެވެ. އަމާންކުރުމުގެ ޙުކުމާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު އޭގެ މާނައަކީ ކޮބައިކަން ބަލާލުން ވަރަށް މުހިއްމެވެ. ބަލަން މި އުޅެނީ މީގެ ދީނީ ޙުކުމް ކަމަށް ވާތީ، މިއަށް ދެވިފައިވާ ފިޤުހީ އިޞްޠިލާޙުތަކަށް ބަލާލަން ކޮންމެހެން ވެސް އެބަ ޖެހެއެވެ. އަދި އޭގެ ކުރިން އޭގެ ލަފްޒީ މާނަ ވެސް ބަލާލަން ޖެހެއެވެ.

އެ ގޮތުން ބަލާއިރު، ''ތައުމީން'' މި ޢަރަބި ލަފްޒަކީ ''އަމްނު'' މި ލަފްޒުން އުފެދިފައިވާ ބަހެކެވެ. އަމްނު ގެ މާނައަކީ އަމާންކަމެވެ. ނުވަތަ ބިރުގެ އިދިކޮޅެވެ. ''އަމާނާ'' އޭ ބުނެފިނަމަ މާނައަކަށް ވާނީ، ޚިޔާނަތުގެ އިދިކޮޅެވެ. ''އީމާން'' އޭ ބުނެފިނަމަ ވާނީ އެއީ، ކާފިރުވުމުގެ އިދިކޮޅަށެވެ. އެއީ ތެދުކުރުމެވެ.

އިޞްޠިލާޙުގައި ''ތައުމީން'' ގެ މާނަ:

އަމާންކުރުން ނުވަތަ އިންޝުރެންސް އަކީ ދެ ފަރާތެއްގެ ދެމެދުގައި ކުރެވޭ ޢަޤުދެކެވެ. އެއް ފަރާތަށް ކިޔެނީ ''އަމާންކޮށްދެވޭފަރާތް'' (Insured) އެވެ. އަނެއް ފަރާތަށް ކިޔެނީ ''އަމާންކޮށްދޭފަރާތް'' (Insurer) އެވެ. މި ޢަޤުދުގައި އަމާންކޮށްދޭފަރާތް އެއްބަސްވަނީ، ޢަޤުދުގައި ބަޔާން ކުރެވިފައިވާ ނުރައްކަލެއް ކުރިމަތިވުމުން، ނުވަތަ ގެއްލުމެއް ލިބުމުން، އަމާންކޮށްދެވުނު ފަރާތަށް ކަނޑައެޅޭ ފައިސާތަކެއް ދޭނެކަމަށް، ނުވަތަ ވަކި މުއްދަތަކަށް ދެމިގެންދާ ސިފައެއްގައި ދެވޭ ފައިސާތަކެއް ދޭނެކަމަށް، ނުވަތަ ލިބޭ މާލީ ގެއްލުމެއް ފޫބައްދައިދޭނެ ކަމަށެވެ. އަދި މިއީ އަމާންކޮށްދެވޭފަރާތް، އަމާންކޮށްދޭފަރާތަށް ވަކިވަކިން ނުވަތަ އެއްފަހަރާ ދައްކާ ފައިސާތަކެއްގެ ބަދަލުގައި ކޮށްދޭ ކަމެކެވެ. މި ފައިސާއަކީ އަމާންކުރުމުގެ އަގެއްގެ ގޮތުގައި ކުންފުންޏަށް ދައްކާ ފައިސާއެވެ. ދިވެހިން މި އަށް ''ބައިތައް'' މިހެން ކީދާނެއެވެ. މިއީ ޕްރީމިއަމް ނުވަތަ އަޤްސާޠުތަކެވެ.

މި ޒަމާނަށް ބަލާއިރު، އަމާންކޮށްދިނުމަކީ އަމިއްލަ ފަރުދުން ކުރާކަމެއް ނޫނެވެ. އެކަމަކު އެއީ، ގިނަ ޢަދަދެއްގެ އަމާންކުރުވާ މީހުންތަކަކަށް ޚިދުމަތް ދޭ، ބޮޑެތި ވަރުގަދަ ކުންފުނިތަކުން ކުރާ ކަމެކެވެ. ދެން މި ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާތައް (ބައިތައް/Premium) އަތުލާ ޖަމާކުރުމަށް ފަހު، އަމާންކުރެވިފައިވާ ކަމެއް ކުރިމަތިވެއްޖެނަމަ، އެ ފަރާތަކަށް ދޭން ޖެހޭ ފައިސާ ދީ ނުވަތަ ގެއްލުމެއް ފޫބައްދައިދޭން ޖެހިއްޖެނަމަ، އެކަން ކޮށްދެއެވެ. އަދި ކުންފުނީގެ އަސްލު ރައުސްމާލު ހުންނާނީ ކުއްލި ހާލަތެއްގައި ބޭނުން ކުރަން ޖެހިދާނެ އެއްޗެއް ގޮތުގައި ރައްކާކުރެވިއެވެ. ކުންފުންޏަށް ލިބޭ ފައިދާ އަކީ، މީހުން އަތުން އަތުލާ ފައިސާއާ މީހުންގެ ގެއްލުންތަކަށް ދޭ ފައިސާއާ ދެމެދު ހުންނަ ފަރަގެވެ.

މި ޒަމާނުގައި މި ހިނގާ އަމާންކުރުމުގެ މިސާލެއް:

ޙަސަނު ރީތި ގެއެއް އަޅައި ނިމުނުތަނާ، އަމާންކޮށްދޭ ކުންފުންޏެއްގެ އެޖެންޓު އައިސް ބުނީ: ''ތިހާ ރީތި ގެއެއް ތިހާ ޚަރަދުކޮށްގެން އަޅާފައި ހުއްޓާ، ގެ އަނދައިފި ނަމަ ކަލެއެއް ހާދަބޮޑު ގެއްލުމެއް ލިބޭނޭދޯ؟''

ޙަސަނު: އިރާދަކުރެއްވިއްޔާ ތި ކަހަލަ ކަމެއް ނުވާނެ.

އެޖެންޓު: ނޫނޭ... ހަމަ ކޮންމެ އިރަކުވެސް ގެ އަނދާފާނެ. އިހަކަށް ދުވަހު ނޫންތަ ދޮންދީދީގެ އެނދީ ވެސް.

ޙަސަނު: އެހެރީ ނު ސުލައިމާނުގެ ވެސް، ޝަކީބުމެންގެ ވެސް ހަމަ ނާނދާ! މި ދިޔަ ފަސް އަހަރު ތެރޭގައި ވެސް އެނދީ ކައްދާފުޅުމެންގެ އެކަންޏެއް ނޫންތަ؟

އެޖެންޓު: އެކަމަކު މަށަށް ފެންނަނީ ތި ގެ އަމާންކުރުވަން. މީހުން ބުނެއެއްނު ރައްކާވެތިބިއްޔާ ދަތުރޭ!

ތަކުރު: އަމާންކުރުވުން އެ ކިހިނެއް ކުރާ ކަމެއްތަ؟

އެޖެންޓު: އެއީ އެ ޚިދުމަތް ދޭ ކުންފުންޏަށް ގޮސް، އެ މީހުން ބުނާ ވަރަކަށް، ކަލޭ މަހުން މަހަށް ނުވަތަ އަހަރުން އަހަރަށް ފައިސާތަކެއް ދައްކާނީ. އެއަށް ކިޔަނީ ''ބައިތައް'' ނުވަތަ ''ޕްރީމިއަމް'' އޭ. ދެން ކުންފުނިން ކަލޭގެ ގެ އަނދައިފިއްޔާ އޭގެ ބަދަލު ދޭނެ. ކުރު ގޮތަކަށް މި ކިޔައިދިނީ.

ތަކުރު: އިހަށް މަޑުކޮށްބަލަ! ކަލޭ ތި ބުނަނީ އަހަރެންގެ ގެ ފަހަރެއްގައި އަނދާފާނޭ ކިޔާފައި، ކަލެއަށް ލާރިތަކެއް ދޭށޭތަ؟ އަހަރެން އެ ފައިސާތައް ދީފައި، މަގޭ ގެ ނާނދައިފިއްޔާޔޯ؟ ކަމަކާ ނުލާ މަގޭ އަތުން ދިޔަ ފައިސާތަކެއް ނޫންތަ އެއީ!؟

އެޖެންޓް: އެކަމަކު އަމާންނުކޮށް ހުއްޓާ ކަލޭގެ ގެ އަނދައިފިއްޔާ، އޭރުން އެ ލިބުނީ ހުސް ގެއްލުން. ސަތޭކައިން ސަތޭކަ ގެއްލުން.

ތަކުރު: ސުވާލެއް...! އަހަރެން ފައިސާތައް ދައްކަމުން ދައްކަމުން ގޮސް، ގޭގެ އަސްލު އަގު ހަމަވާވަރަށް ފައިސާ އަދި ނުދެއްކެނީސް ގެ އަނދައިފިއްޔާ، ކަލޭމެން މަށަށް ލާރި ދޭނީ ކިހިނެއް؟ ކޮންތާކުން އެ ލާރި ކަލޭމެން ނެރެނީ؟

އެޖެންޓް: އެ ވާ ގޮތަކީ އަސްލު އަހަރެމެން ކަލެއަށް ފައިސާ ދެނީ އެ ހެން މީސް މީހުން އަހަރެމެންނަށް ދައްކާފައި ހުންނަ ''ބައިތަކުން'' ނަގައިގެން. އެހެން ގޮތަކަށް ބުނާނަމަ، ކަލޭގެ ގެއްލުން ފޫބައްދައި ދެނީ އެ މީހުން.

ތަކުރު: މަށަށް ވިސްނިއްޖެ ކަލޭމެން ތި ހަދާގޮތް.. ކަލޭމެން ތި ހަދާ ގޮތަކީ ގެއްލުންތަކަށް ދައްކަން ޖެހޭނެ ކަމަށް ލަފާކުރެވޭ ވަރަށް ވުރެ ގިނައިން، ޚިދުމަތް ލިބިގަންނަ މީހުން އަތުން ފައިސާތައް އަތުލަނީ.

އެޖެންޓް: ނޫނޭ.. ކަލޭގެ ގެ ތީ މިލިއަން ރުފިޔާގެ ގެއެއް. އެކަމަކު އަހަރެމެން އަތުލަނީ އަހަރަކު ކިރިޔާ ހާހުން ގުނޭ ޢަދަދެއް.

ތަކުރު: މަގޭ އަތުން ހާހުން ގުނޭ ޢަދަދެއް ނެގިޔަސް، އަދި މަކަހަލަ އެތައް ހާސް ބައެއްގެ އަތުން ތި ހާހުން ގުނޭ ޢަދަދު ނެގީމާ ހުންނާނީ މިލިއަން ވެފައި. ގިނަ ފަހަރަށް އެއިން އެކަކަށް ވެސް ގެއްލުން ފޫބައްދައިދޭން ނުޖެހޭނެ. އޭރުން ހުރިހާ ފައިސާއެއް އެއީ ކަލޭމެން ޖީބަށް ވަންނަ އެއްޗެއްނު؟ އެހެނެއް ނޫން. ގެއްލުމެއް ކުރިމަތި ނުވީމާ، މަ ދޭ ފައިސާ އަނބުރާ ލިބޭނަމަ މަ ތީގައި ބައިވެރިވެދާނަން. އެކަމަކު މިހާރު ތިވާގޮތުން ހުރިހާ ފައިދާއެއް ކަލޭމެންނަށް. މަށަށް ފައިދާއެއް ލިބުމުގެ ފުރުސަތަކީ ހާހަކުން އެކެއް.!!! ތި ކަހަލަ މަޅިއެއްގައި މަށެއް ނުޖެހޭނަން. ކުޑަކުއްޖެއްގާތު ތި ވާހަކަ ދައްކައިގެން އޭނާ ހައްލުވަން ދޭ. މަށެއް ނުހެއްލޭނެ....

ތާރީޚީ ނަޒަރެއް:

އަމާންކުރުން މި ޒަމާނުގައި މި ކުރެވޭ ގޮތަށް، އެންމެ ފުރަތަމަ ތަޢާރަފްވި އަމާންކުރުމަކީ، މީލާދީން ސާދަވަނަ ޤަރުނު އިޓަލީވިލާތުގެ އައްސޭރި ބައެއް ރަށްތަކުގައި ފެއްޓުނު ''ކަނޑުގެ އަމާންކުރުން'' އެވެ. އަދި 1666 ވަނަ އަހަރު ލަންޑަނުގަިއ ހިނގި ބޮޑުއަލިފާނުގެ ހާދިސާއަށް ފަހު އެއްގަމުގައި ހުންނަ ތަކެއްޗާއި މުދާތައް އަމާންކުރަން ފެއްޓުނެވެ. އަދި އޭގެފަހުން އެއްގަމު އުޅަނދާއި ޞިއްޙަތާ ޙަޔާތާއި އަދި ދިރިއުޅުމުގެ ތަފާތު ދާއިރާތަކާ ގުޅޭ އެއްޗެއްސާއި ކަންކަން އަމާންކޮށްދޭން ފެއްޓުނެވެ. ނަމަވެސް އިސްލާމީ ޤައުމުތަކަށް މި ޒަމާނުގެ އަމާންކުރުމުގެ ޚިދުމަތް ތަޢާރަފްވެފައި ވަނީ ޔޫރަޕާއި އެމެރިކާއާ އަޅާބަލާއިރު ވަރަށް ފަހުންނެވެ. އެއީ މީލާދީން ނަވާރަވަނަ ޤަރުނުތެރޭގައެވެ.

ސީދާ މިޒަމާނުގެ އަމާންކުރުމާ ބެހޭ ގޮތުން ވާހަކަ ނުދެއްކެވިއަސް، މި މައުޟޫއާ ގުޅުން ހުރި އަދި ވަރަށް އެއްގޮތް މައްސަލަތަކަކަށް، އިމާމް އަޝްހަބާއި ޢައްލާމާ އަޙްމަދު ބިން ޔަޙްޔާ އަލްމުރްތަޟާ (އަވަހާރަވީ 840ހ) ފަދަ ޢިލްމުވެރިން ވާހަކަ ދައްކަވާފައިވެއެވެ. ނަމަވެސް މި ޒަމާނުގައި މި ކުރެވޭ ގޮތަށް ކުރެވޭ އަމާންކުރުމާ ބެހޭ ގޮތުން، ސާފު ސަރީޙަ ގޮތެއްގައި އެންމެ ފުރަތަމަ ވާހަކަ ދައްކަވާފައިވަނީ، ޢައްލާމާ މުޙައްމަދު އަމީން ބިން ޢާބިދީން (1198- 1252 ހ) އޭނާގެ ފޮތް ''ރައްދުލް މުހްތާރު ޢަލާ އައްދުއްރިލް މުޚްތާރި'' އޭ ކިޔުނު ފޮތުގައެވެ. އެ ދުވަސްވަރު އެއަށް ކިޔައި އުޅުނު ނަމަކީ ''ސޫކްރާ''އެވެ. މިއީ އަސްލު ޢަރަބި ބަހެއް ނޫނެވެ.

ކޮންމެއަކަސް، މި ޒަމާނުގައި އަމާންކުރުން ތަޢާރަފްވެފައި ނެތް ޤައުމެއް ނެތެވެ. އިޤްތިޞާދާއި ޞިއްޙަތާއި އިޖްތިމާޢީ ތަފާތު މައިދާންތަކަށް ''އަމާންކުރުން'' ވަނީ އެކި ސިފަސިފައިގައި ވަދެފައެވެ. ބައެއް ޤައުމުތަކުގައި ބައެއް ކަހަލަ އަމާންކުރުންތަކަކީ މަޖްބޫރުކަމަކަށް ވެސް ވަނީ ވެފައެވެ. ހުޅަނގުން ތަޢާރަފްވާ ކޮންމެ އެއްޗަކީ ރަނގަޅު އެއްޗެއް ކަމަށް ހިތާ ބައެއް މުސްލިމުން ''ވިޔަފާރި އަމާންކުރުމާ'' ދިމާއަށް މިއަދު ދަތުރުކުރަމުންދާ އިރު، ހުޅަނގުގެ ގިނަ ޤައުމުތަކެއްގައި ދަނީ މި ވައްތަރުގެ ނުރަނގަޅު ސިފަތަށް ހާމަވެ، މިއަށްވުރެ ރަނގަޅު ވައްތަރެއް ފެނުމުން އެ ދިމާއަށް ބަދަލުވަމުންނެވެ. އެގޮތުން ޔޫރަޕާއި ޖަޕާނާއި އެމެރިކާގައި ދުވަހެއް ދުވަހަކަށް ދަނީ ''ބައިވެރިވާ އަމާންކުރުމާއި'' (ކޯއަޕަރެޓިވް އިންޝުރެންސް)، ''މަންފާ ބަދަލުކުރަނިވި އަމާންކުރުން'' (މިއުޗުއަލް އިންޝުރެންސް) އާ ދިމާއަށް އެނބުރެމުންނެވެ.

އަމާންކުރުމުގެ މައިގަނޑު ވައްތަރުތައް:

އޭގެ މައިގަނޑު ވައްތަރަށް ބަލާއިރު އަމާންކުރުން ބެހިގެންދަނީ: ބައިވެރިވާ އަމާންކުރުމަށާއި ވިޔަފާރި އަމާންކުރުމަށެވެ.

1- ބައިވެރިވާ އަމާންކުރުން (Cooperative Insurance) އަދި މަންފާ ބަދަލުކުރަނިވި އަމާންކުރުން (Mutual insurance) :

މިވައްތަރުގެ އަމާންކުރުމުގައި އޮންނަ ގޮތަކީ އެއްކަހަލަ ނުރައްކާތަކަކަށް ހުށައެޅިދާނެ މީހުންތަކެއް އެއްވެގެން، ކޮންމެ މީހަކު ވެސް ވަކި އިޝްތިރާކެއް ދައްކާނީއެވެ. ގެއްލުމެއް ލިބިއްޖެއްޔާ، އެ ގެއްލުމެއް ފޫބައްދައިދެވޭނީ، މި އިޝްތިރާކުންނެވެ. ގެއްލުންތައް ފޫބައްދަން ފައިސާ ދީފައި، އެއިން ބާކީ ފައިސާއެއް ހުރެއްޖެނަމަ އެ ފައިސާތައް، އޭގައި ބައިވެރިމީހުންނަށް އަނބުރާ ދެވެއެވެ. އަދި، ގެއްލުންތައް ފޫބެއްދޭ ވަރަށްވުރެ ފައިސާ މަދުވެއްޖެނަމަ، އެ އުނިކަން ފޫބައްދަން އިތުރު ފައިސާ ބައިވެރިވާމީހުން އަތުން އަތުވެސްލެވޭނެއެވެ. ބައިވެރިވާ އަމާންކޮށްދޭ ކުންފުންޏެއްގެ ބައިވެރިންނަކީ ފައިދާތަކެއް ހޯދަން މަސައްކަތް ކުރާ ބައެއް ނޫނެވެ. އެކަމަކު އެއީ، އެކަކަށް ލިބޭ ގެއްލުން ލުއިކޮށްދޭން އުޅޭ ބައެކެވެ. އެ މީހުން ޢަޤުދު ހަދާފައި އޮންނަނީ، އެކަކަށް ލިބޭ ގެއްލުން އަނެކަކު ތަހައްމަލުކޮށް އެހީތެރިވެދޭނަކަމަށެވެ. އަދި އެ ކުންފުނި ހިންގާނީ ވެސް އޭގެ މެމްބަރުންނެވެ. ނުވަތަ އެމީހުން ހަވާލުކުރާ ބައެކެވެ. ވީމާ ކޮންމެ މެމްބަރަކީ ވެސް އަމާންކޮށްދޭ މީހެކެވެ. އަނެއްކޮޅުން އަމާންކޮށްދެވޭ މީހެއްވެސް މެއެވެ. އިސްލާމީ މިންގަނޑުތަކަށް ފެތޭ އަމާންކުރުމަކީ މި ވައްތަރެވެ. މި ވައްތަރަށް ''ތަކާފުލް'' ނުވަތަ ''ތަޢާވުން'' އަމާންކުރުމޭ ކިޔެއެވެ.

2- ވިޔަފާރި އަމާންކުރުން (Commercial Insurance) :

''އަމާންކުރުމޭ'' ބުނެފިނަމަ، އޭގެ މުރާދަކަށް މިހާރުވެފައި އޮންނަނީ، މި ވައްތަރުގެ އަމާންކުރުމެވެ. މީގައި އޮންނަ ގޮތަކީ އަމާންކޮށްދެވޭފަރާތް (Insured) އަމާންކޮށްދޭފަރާތަށް(Insurer)، ކަނޑައެޅިފައިވާ ބައިތަކެއް(Premium) ދައްކަނީއެވެ. އޭގެ ބަދަލެއްގެ ގޮތުން، ގެއްލުމެއް ނުވަތަ ކަނޑައެޅިފައިވާ ނުރައްކަލެއް ކުރިމަތިވާ ހިނދު، އަމާންކޮށްދޭފަރާތުން މި ގެއްލުން ފޫބައްދައިދޭނެއެވެ. އެފަދަ ކަމެއް މެދުވެރި ނުވެއްޖެނަމަ، އަމާންކޮށްދެވޭފަރާތަށް ލިބޭނެ އެއްވެސް އެއްޗެއް ނޯންނާނެއެވެ. އަމާންކޮށްދޭފަރާތަކީ އަމާންކޮށްދެވޭފަރާތާ އެއްވެސް ގުޅުމެއް ނެތް ކޮންމެވެސް އެހެން ބަޔަކު ހިއްސާވެގެން ވިޔަފާރި އުސޫލުން ހިންގޭ ކުންފުންޏެކެވެ. މި ކުންފުންޏަށް ލިބޭ އާމްދަނީ ނުވަތަ ފައިދާ އަކީ، މި ބުނި ހިއްސާދާރުންގެ އެއްޗެކެވެ. ކުންފުންޏަކީ ހިއްސާދާރުންތަކެއް ނެތް އެންމެ ފަރާތެއްގެ ކުންފުންޏަކަށް ވެސް ވެދާނެއެވެ. ނަމަވެސް މިއީ މިހާރު ނާދިރުކަމެކެވެ. މި ވައްތަރުގެ އަމާންކުރުމުގައި، އަމާންކޮށްދޭފަރާތް އަބަދުވެސް އިސްކަންދޭނީ އޭނާއަށް ފައިދާވާނެ ގޮތަކަށެވެ. ނަމަވެސް ބައިވެރިވާ އަމާންކުރުމުގައި މިކަން އޮންނަނީ މިއާ ޚިލާފަށެވެ. އޭގައި މެންބަރުން ގެ ލަނޑުދަނޑިއަކަށް ވެފައި އޮންނާނީ އެހީތެރިވެ ބައިވެރިވުމެވެ. އަދި އޭނާއަށް ގެއްލުމެއް ވާވަގުތު އެހެން މީހުން ވެސް އެހީތެރިވެ ބައިވެރިވާނެ ކަމަށް އޭނާ އުއްމީދުކުރާނެއެވެ. ވީމާ މިއީ އިންސާނީ މަތިވެރި އަޚްލާޤީ ލަނޑުދަނޑިއެކެވެ.

އަމާންކުރުން ބަހާލެވިދާނެ ބައިތައް:

1- ގެއްލުންތަކަށް އަމާންކުރުން:

މި ވައްތަރުގެ އަމާންކުރުމުގައި ބަލަނީ، އަމާންކޮށްދެވޭފަރާތަށް ލިބިދާނެ ގެއްލުމަށެވެ. އަދި މީގެ ބޭނުމަކީ އަމާންކޮށްދެވޭފަރާތަށް ލިބޭ ގެއްލުންތަކަށް ބަދަލު ދީ ގެއްލުން ފޫބައްދައިދިނުމެވެ. މި ކަފިވަނީ ދެބަޔަކަށެވެ. އެއީ:

ހ- އެއްޗެއްސަށް އަމާންކުރުން: މިއީ އަމާންކުރުވާފަރާތުގެ މުދަލަށް ނުވަތަ ތަކެއްޗަށް ލިބޭ ގެއްލުން ފޫބައްދަން ކުރުވާ އަމާންކުރުމެކެވެ. މިސާލަކަށް އަލިފާނުން އަމާންކުރުވުން، ވައްކަމުން އަމާންކުރުވުމެވެ.

ށ- މަސްއޫލިއްޔަތަށް އަމާންކުރުން: މަސްއޫލިއްޔަތަށް އަމާންކުރުމަކީ، އޭނާ ކުރާ ކަމެއްގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުމެއް ލިބި އަދި އޭނާގެ ކޮނޑުގައި އެޅިދާނެ މަސްއޫލިއްޔަތެއް ސީދާ އޭނާ އުފުލަން ނުޖެހޭ ގޮތް ހެދުމެވެ. މީގެ މިސާލަކީ މަގުމަތީ ދުއްވާތަކެތިން ކުރިމަތިވާ ހާދިސާއަކުން، އެހެން މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ތަކެއްޗަށް ލިބޭ ގެއްލުމުގެ މަސްއޫލިއްޔަތަށް އަމާންކުރުމެވެ. އޭރުން މި ފަދަ ހާދިސާއަކުން އަނެއް ފަރާތަށް ދޭން ޖެހޭ ބަދަލު ދޭނީ އަމާންކޮށްދިން ކުންފުނިންނެވެ. މިއީ ހަމައެކަނި މާއްދީ މަސްއޫލިއްޔަތުން ބަރީއަވާ ކަމެކެވެ. ވީމާ ޖިނާއީ ކުށެއް އޮވެއްޖެނަމަ އެ ކުށުގެ މަސްއޫލިއްޔަތުން އޭނާ ބަރީއައެއް ނުވެވޭނެއެވެ.

ގެއްލުންތަކަށް އަމާންކުރުމުގައި އަމާންކޮށްދޭފަރާތް ލާޒިމްވާކަމަކީ، އެއްބަސްވުމުގައި (އިންޝުރެންސް ޕޮލިސީ) ކަނޑައެޅިފައިވާ ނުރައްކަލެއް ކުރިމަތިވެ ގެއްލުންލިބިއްޖެނަމަ، އަމާންކޮށްދެވުނު އަގުގެ އިން ތެރޭގައި، އަމާންކޮށްދެވޭފަރާތަށް އެ ގެއްލުން ފޫބައްދައިދިނުމެވެ. ވީމާ ކޮންމެ ގޮތެއް ވިޔަސް އަމާންކޮށްދޭފަރާތް، އަމާންކޮށްދެވޭފަރާތަށް ދޭނީ، ދެ ޢަދަދުން ކުރެ ކުޑަ ޢަދަދެކެވެ. ފުރުތަމަ ޢަދަދަކީ އަމާންކޮށްދެވުނު ޢަދަދެވެ. ދެވަނަ ޢަދަދަކީ ގެއްލުން ފޫބައްދަން ދާ ޢަދަދެވެ. މިސާލަކަށް ބައި މިލިއަން ރުފިޔާގެ އިންތެރޭގައި ދޯންޏެއް އަމާންކޮށްދެވިފައި ވަނިކޮށް، ދޯންޏަށް ގެއްލުމެއް ކުރިމަތިވެއްޖެނަމަ، ބައި މިލިއަނަށް ވުރެ ކުޑަ އަގަކަށް އެ ދޯނި މަރާމާތު ކުރެވޭނަމަ، ކުންފުނިން އިޚްތިޔާރު ކުރާނީ މިގޮތެވެ. ބައި މިލިއަނަށް ވުރެ ބޮޑު ޚަރަދެއް ދިޔައަސް، ކުންފުނިން ދޭނީ ބައިމިލިއަން އެކަންޏެވެ.

ހަމަ އެހެންމެ، އަމާންކޮށްދެވުނު އަގާއި އަދި ތިންވަނަ ފަރާތަކާ ދެކޮޅަށް ގެއްލުމުގެ ދަޢްވާ އުފުލައިގެން ލިބުނު ބަދަލާ ދޭތި އެއްފަހަރާ އަމާންކޮށްދެވުނުފަރާތަށް ނުލިބޭނެއެވެ. މިސާލަކަށް ދޯންޏެއް އަމާންކުރެވިފައިހުއްޓާ، މީހަކު ގަސްތުގައި އެ ދޯނި އަންދާލައިގެން އެ މައްސަލަ ކޯޓަށް ހުށައެޅި، ގެއްލުމުގެ ބަދަލުދޭން ކޯޓުން ޙުކުމްކުރީމާ ލިބޭ އެއްޗަކާއި އަދި އަމާންކޮށްދިން ކުންފުނިން ދޭން އެއްބަސްވެފައި އޮތް އެއްޗަކާއި ދޭތި ނުލިބޭނެއެވެ. މިފަދަ ހާލަތްތަކުގައި ކަންތައް އޮންނަ ގޮތަކީ، އަމާންކޮށްދިން ކުންފުނި އަމާންކޮށްދެވުނު ފަރާތުގެ މަޤާމަށް އައިސް، އެ ގެއްލުން ދިން މީހާ އަތުން ބަދަލު އަތުލުމެވެ. ވީމާ އެއްގޮތަކަށް ބުނަންޏާ ފައިސާގެ މައްސަލަ އޮންނާނީ ކުންފުންޏާއި ގެއްލުން ދިން މީހާއާ ދެމެދުގައެވެ.

2- ޙަޔާތް އަމާންކުރުން :

ޙަޔާތް އަމާންކުރުމޭ މިހެން ބުނުމުގެ މާނައަކީ ފަހަރެއްގައި ވެސް، މީހަކު މަރުނުވުމަށްޓަކައި ކަމެއް ކުރުމެއް ނޫނެވެ. އެހެނީ މަރަކީ ކޮންމެ މީހެއްގެ މައްޗަށް ވެސް މާތް ﷲ ލިޔުއްވާފައިވާ އަޖަލެއްގައި، ފަސްވުމެއް އިސްވުމެއް ނެތި، އަންނާނެ އެއްޗެކެވެ.

ޙަޔާތް އަމާންކުރުމަކީ، އަމާންކުރެވުނު ފަރާތް މަރުވުމުން، އޭނާގެ އަނބި ދަރިންނަށް (ނުވަތަ މަންފާ ލިބެން އޭނާ ކަނޑައެޅި ފަރާތަކަށް)، ކަނޑައެޅޭ ފައިސާގެ މިންވަރެއް ދޭނެ ކަމަށް، ކުންފުނިން އެއްބަސްވާ އެއްބަސްވުމެކެވެ. މީގެ އަގެއްގެ ގޮތުން، އޭނާ ދިރިހުންނަ ދުވަހު ކުންފުންޏަށް ބައިތައް (ޕްރީމިއަމް) ވަކި ޤަވާއިދެއްގެ ދަށުން ދައްކަމުން ދާނެއެވެ. އެހެން ވައްތަރުތަކާ ޚިލާފަށް ޙަޔާތަށް ކުރެވޭ އަމާންކުރުމުގައި ތިން ފަރާތެއް ހިމެނޭނެއެވެ. އެއީ އަމާންކޮށްދޭ ކުންފުންޏާއި، އަމާންކޮށްދެވޭފަރާތާއި އަދި އަމާންކުރުމުގެ ޢަޤުދުގެ (ޕޮލިސީ) ވެރިފަރާތެވެ. ނަމަވެސް ގިނަފަހަރަށް އަމާންކޮށްދެވޭފަރާތާއި ޢަޤުދުގެ (ޕޮލިސީ) ވެރިފަރާތް އެއީ އެކަކެވެ. މިސާލަކަށް އާދަންފުޅު އޭނާގެ އަމިއްލަ ޙަޔާތް އަމާންކުރީމާ، އަމާންކޮށްދެވުނު ފަރާތަކީ ވެސް އަދި ފައިސާދައްކާ ޢަޤުދުގެ ވެރިފަރާތަކީ ވެސް އޭނާއެވެ. ނަމަވެސް އާދަންފުޅުގެ އަންހެނުން އާދަންފުޅުގެ ޙަޔާތް އަމާންކުރުވައިފިއްޔާ، އަމާންކޮށްެދެވުނު ފަރާތަކީ އާދަމްފުޅެވެ. އަދި ވެރިފަރާތަކީ އަންހެނުންނެވެ. ޙަޔާތް އަމާންކުރެވޭނީ، އަމާންކުރެވޭ މީހާ ދިރިހުރުމުން ފައިދާތަކެއް ލިބޭ މީހުންނަށް އެކަންޏެވެ.

ޙަޔާތް އަމާންކުރުގެ ތަފާތު ވައްތަރުތަކެއް ވެއެވެ. ނަމަވެސް މީގެ މައިގަނޑު ވައްތަރުތައް ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ: މުއްދަތަކަށް ޙަޔާތް އަމާންކުރުން އަދި ދާއިމަށް ޙަޔާތް އަމާންކުރުމެވެ.

ހ- މުއްދަތަށް ޙަޔާތް އަމާންކުރުން: މިއީ ޙަޔާތް އަމާންކުރުމުގައި އޮންނަ އާދައިގެ އަދި އެންމެ އަގުހެޔޮ ވައްތަރެވެ. މީގައި ޙަޔާތް އަމާންކުރެވެނީ ކަނޑައެޅޭ ވަކި ޢަދަދެއްގެ ބައިތަކެއް (ޕްރީމިއަމް) ދެއްކުމުން، ކަނޑައެޅޭ ޢަދަދެއްގެ އަހަރުތަކެއް ވަންދެނެވެ. އެހެންގޮތަކަށް ބުނާނަމަ މިއީ ކަނޑައެޅޭ ވަކި މުއްދަތެއް ވަންދެން ކުރެވޭ އަމާންކުރުމެކެވެ. މި އަހަރުތަކުގެ ތެރޭގައި އޭނާ މަރުވެއްޖެނަމަ، މަންފާ ލިބެން އޭނާ ކަނޑައެޅި ފަރާތަކަށް (މިސާލަކަށް އަނބި ދަރިން) އަމާންކޮށްދެވުނު މަރުވުމުގެ ފައިސާ ލިބޭނެއެވެ. އެ މުއްދަތު ފާއިތުވާއިރު ވެސް އޭނާ ދުނިޔޭގައި ހުރެއްޖެނަމަ، އެ ޢަޤުދު އެ ހިސާބުން ނިމުނީއެވެ. އަދި އޭނާއަށް ނުވަތަ ފައިސާ ލިބެން އޭނާ ކަނޑައެޅި ފަރާތަކަށް ވެސް، އެއްވެސް އެއްޗެއް ނުލިބޭނެއެވެ. މިސާލަކަށް މީހަކު ކުރިއަށް އޮތް ފަސް އަހަރަށް ޙަޔާތް އަމާންކުރަން ފަސްލައްކަ ރުފިޔާގެ ޢަޤުދު ހަދާފައި، ދެވަނަ އަހަރު މަރުވިޔަސް، އަމާންކޮށްދެވުނު އަގު އެއްކޮށް ލިބޭނެއެވެ. ނަމަވެސް ފަސް އަހަރާ އެއް ދުވަސް ފަހުން އޭނާ މަރުވެއްޖެނަމަ، އެކައްޗެއް ވެސް ނުލިބޭނެއެވެ. (ނޯޓް: ވަރަށް މިފަހުން ބައެއް ކުންފުނިތަކުން ވަނީ މި ވައްތަރުގައި، ދެއްކި ފައިސާއިން ބައެއް، އަދި ދިގުމުއްދަތަކަށް އެ ފައިސާ ކުންފުނީގައި ބަހައްޓައިފިނަމަ ފައިސާ އެއްކޮށް އަނބުރާލިބޭ ނިޒާމެއް، ތަޢާރަފްކޮށްފައެވެ. ޙަޤީޤަތުގައި މި ދިނަސް، އެ ފައިސާ އެ މީހުން އަތުގައި ދިގު މުއްދަތަކަށް ހުރުމުން، އެއިން އެ މީހުންނަށް ބޭންކް ރިބާ ފައިދާތަކެއް ލިބިފައިވާނެއެވެ.)

ށ- ދާއިމަށް ޙަޔާތް އަމާންކުރުން: މިއީ މީހާގެ ޠަބީޢީ ޢުމުރު ނިމެންދެން ދެމިހުންނާނެ ގޮތެއްގެ މަތިން ކުރެވޭ އަމާންކުރުމެކެވެ. މީގައި ދައްކަން ޖެހޭ ބައިތައް (ޕްރީމިއަމް)، އެ މީހާ މުސްކުޅިވަމުން ދިޔައަސް އޮންނާނީ ސާބިތު ކޮށެވެ. އަދި ހަމަ އެހެންމެ ދައްކާ ބައިތަކުގެ ބައިތައް އެކައުންޓަކަށް ޖަމާވެ، އެއިން އޭނާއަށް ދަރަނީގެ ގޮތުގައި ނުވަތަ ރަހުނެއްގެ ގޮތުގައި ވެސް، ފައިސާ ބޭނުންކުރެވިދާނެއެވެ. އަދި އެއަށް އިތުރުވާ ބޭންކް ރިބާ ފައިދާ، ކުރިއަށް ދައްކަން ހުރި ބައިތަށް ދައްކަން ވެސް ބޭނުންކުރެވިދާނެއެވެ.

މި ވައްތަރުގެ އަމާންކުރުމުގެ ދަށުން އަދި ތަފާތު ނަންނަމުގައި ހުންނަ ޚިދުމަތްތަކެއް ހުރެއެވެ. މިއިން ކޮންމެ ވައްތަރެއްގައި ވެސް، ބައިތައް ދެއްކުމުގައި ހުންނަ މުރަނުކަމާއި، ރިބާ ފައިދާ ލިބޭ މިންވަރު ފަދަ ކަންތައްތަކުގައ ތަފާތު ކަންތައްތަކެއް ހުރެއެވެ.

3- ބޮޑެތި އަނިޔާތަކަށް އަމާންކުރުން :

މީހުންނަށް ކުރެވޭ އަމާންކުރުމުގެ ދެވަނަ ވައްތަރަކީ، ވަކި މުއްދަތެއްގެ ތެރޭގައި މީހަކަށް ލިބިދާނެ ޖިސްމާނީ ގެއްލުމެއް ނުވަތަ އަނިޔާއަކަށް، ކުރެވޭ އަމާންކުރުމެވެ. މި ވައްތަރުގެ އަމާންކުރަނީ ގިނަފަހަރަށް ނުރައްކާތެރި މަސައްކަތެއްގައި ޝާމިލުވެގެން އުޅޭ މީހުންނެވެ. ގިނަ ފަހަރު މަސައްކަތުގެ ވެރިފަރާތުން މިކަން ކޮށްދެއެވެ. އަދި މިއީ ގިނަ ޤައުމުތަކުގައި މަސައްކަތު މީހުންގެ ޙިމާތަކަށް ކުރުން ލާޒިމު ކަމެކެވެ.

4- ޞިއްޙަތު އަމާންކުރުން :

މިއީ ބަލިވީމާ އޭނާއަށް އެކަށީގެންވާ ރަނގަޅު ބޭސްފަރުވާއެއް ހޯދުމުގެ ބޭނުމުގައި މި ޚިދުމަތް ދޭ ކުންފުޏަކަށް ފައިސާ ދީގެން ހޯދާ ޚިދުމުތަކެވެ. އެކި ކުންފިނިތަކުން ދޭ ޞިއްޙަތު އަމާންކުރުމުގެ ވައްތަރުތައް ވަރަށް ތަފާތުކޮށް ތަފާތު ނަންނަމުގައި ހުރެއެވެ. މިގޮތުން އަމާންކޮށްދިން ފަރާތުން ޚަރަދުގެ، މިސާލަކަށް އަށްޑިހަ އިންސައްތައިގައި ހިފާފައި، އަމާންކޮށްދެވުނު މީހާ އަނެއް ވިހި އިންސައްތައިގައި ހިފާގޮތަށް ވެސް އޮވެދާނެއެވެ. މި ވައްތަރުގައި ޞިއްޙީ ފަރުވާ ދިނުމަށް ކުންފުނިން ދޭނީ އެންމެ ގިނަވެގެން މިވެނި ވަރަކޭ ކަނޑައަޅާފައި ނޯންނާނެއެވެ.

އަނެއްބައި ވައްތަރުތަކުގައި، ވަކި އިސްތިސްނާތަކެއް ކަނޑައަޅާފައި ވެސް އޮވެދާނެއެވެ. މިސާލަކަށް ކިޑްނީގެ ބައްޔެއް، ނުވަތަ ހިތް ލެއްވުން ފަދަ ކަމެއް، އަމާންކުރުމުގެ ތެރޭގައި ނުހިމެނޭނެ ކަމަށް ބުނުމެވެ. ވީމާ ބައްޔަކަށް ވާކަހަލަ ބައްޔެއް ވާއިރު މިކަހަލަ އަމާންކުރުމުގެ ބޭނުމެއް ނުހިފޭނެއެވެ.

އަނެއްބައި ވައްތަރުތަކުގައި، ބޭސްފަރުވާއަށް ޚަރަދުކުރެވޭނީ އެންމެ ގިނަވެގެން މިވެނި ހާހަކަށޭ ބުނެ ކަނޑައަޅާފައި ވެސް އޮވެއެވެ. މިސާލަކަށް ލޮއި އަހަރަކު ފަންސާސްހާހެވެ. މިފަދަ އަމާންކުރުމެއް ގަނެގެން ހުއްޓާ، ބަލި ދިގުލައި، ނުވަތަ ބަލީގެ ބާވަތުން، ކުރަންޖެހޭ ޚަރަދު މި ހައްދުން މައްޗަށް ހިނގައްޖެނަމަ، އޭނާ ޖެހޭނީ އަމިއްލަ ޖީބުން އެކަން ކުރާށެވެ. އަދި ބައެއް ފަހަރު އެކިއެކި ޞިއްޚީ ޚިދުމަތްތަކަށް ވަކިވަކިން، ވަކި މިންވަރެއް ކަނޑައަޅާފައި ވެސް އޮވެދާނެއެވެ. އޭގެ ބޭރަކުން އޭނާއަކަށް ނުލިބޭނެއެވެ. އަދި ބައެއް ވައްތަރުތަކުގައި، ހަމައެކަނި ބޭހަށް ދާ ޚަރަދު ކަވަރުވާގޮތަށް ވެސް އޮވެދާނެއެވެ.

5- ޚާއްޞަ އަމާންކުރުމާއި ޖަމާޢީ އަމާންކުރުން:

ހ- ޚާއްޞަ އަމާންކުރުމަކީ، ލިބިދާނެ ގެއްލުމަކަށްޓަކައި، މީހަކު އަމިއްލައަށް އަމާންކޮށްދޭ ކުންފުންޏަކުން އެ ޚިދުމަތް ލިބިގަތުމެވެ. މިފަދަ މީހަކު މިކަން ކުރާނީ އޭނާގެ އަމިއްލަ މަސްލަހަތަށްޓަކައެވެ.

ށ- ޖަމާޢީ އަމާންކުރުމަކީ، ދާދި އެއްކަހަލަ ނުވަތަ އެއް ބާވަތެއްގެ މަސައްކަތެއް ކޮށް އުޅޭ ބަޔަކު އޭގެތެރެއިން މީހަކަށް ލިބިދާނެ ގެއްލުމެއް ފޫބައްދައިދިނުމުގެ ގޮތުން، ނުވަތަ މުސްކުޅިވެ މަސައްކަތް ނުކުރެވޭ ދުވަހަށްޓަކައި، ނުވަތަ ވަޒީފާ ގެއްލުން ފަދަ ހާލަތަކަށްޓަކައި، އެއްބަޔަކު އަނެއް ބަޔަކަށް ކޮށްދޭ އަމާންކުރުމެކެވެ. ވީމާ މީގައި ބޭނުމަކަށް ވެފައި އޮންނާނީ، އިޖްތިމާޢީ ބައިވެރިވުމެވެ. މަސައްކަތް ކުރާ ކޮންމެ މީހަކު ވެސް ވަކި ފަންޑަކަށް ވަކި މިންވަރެއްގެ އިޝްތިރާކެއް ދައްކާނެއެވެ. އަދި އަނެއްކޮޅުން މަސައްކަތުގެ ވެރިފަރާތުން ނުވަތަ ސަރުކާރުން ވެސް ވަކި މިންވަރެއް ފަންޑަށް ލައިދޭނެއެވެ.

6- މަޖްބޫރު އަމާންކުރުމާއި އިޚްތިޔާރީ އަމާންކުރުން:

ހ- ފުރަތަމަ ވައްތަރަކީ ތަނެއްގެ ސަރުކާރުން އެ ތަނެއްގެ ރަށްވެހިންނަށް ނުވަތަ އެތާ އުޅޭ މީހުންގެ މައްޗަށް މަޖްބޫރު ކުރުވާ ކަމެކެވެ. މީގެ މިސާލަކީ، ގިނަ ގައުމުތަކެއްގައި މަގުމަތީ އުޅަނދު އަމާންކުރުވަން މަޖްބޫރުކުރުމާއި، މަތިންދާބޯޓުން ދަތުރުކުރާ މީހުން އަމާންކުރަން، އެ ކުންފުންޏަށް މަޖްބޫރުކުރުމެވެ.

ށ- ދެވަނަ ވައްތަރަކީ މި އާ ޚިލާފަށް، އަމިއްލަ އިޚްތިޔާރަށް ދޫކުރެވިފައިވާ ކަމެކެވެ.

އަމާންކުރުމުގެ ޢަޤުދުގެ ފާހަނގަކުރެވޭ ކަންތައްތައް:

1- އެއީ ދެ ފަރާތުގެ ދެމެދުގައި ރުހިގެން ކުރެވޭ ޢަޤުދެކެވެ. އަދި އެ ޢަޤުދު ހެދުމަށް ވަކި ސިފައެއް ނޯވެއެވެ.

2- ޢަޤުދުކޮށް ނިމުމުން، މިއީ ދެ ފަރާތަށް ވެސް ލާޒިމު ޢަޤުދެކެވެ. އެގޮތުން ދެ ފަރާތުން ކުރެ ފަރާތަކަށް އޭނާ ވެފައި އޮތް އިލްތިޒާމުން ވައްކެއް ނުވެވޭނެއެވެ. ނަމަވެސް ޢަމަލީ ޢުރުފުގައި އޮންނަ ގޮތުން، އަމާންކޮށްދޭފަރާތުން، އަނެއް ފަރާތަށް ވަކި މުއްދަތެއް ކުރިން އެންގުމަށް ފަހު، އަމާންކުރުމުގެ ޢަޤުދު (އިންޝުރެންސް ޕޮލިސީ) އުވާލެވިދާނެ ކަމަށް ކުންފުނިތަކުގެ އަމާންކުރުމުގެ ޕޮލިސީގައި ކުރީއްސުރެ އެއްބަސްވެވެއެވެ.

3- އެއީ ޣަރަރު (ވާނެގޮތް ނޭގުމުގެ ނުރައްކަލުގެ މައްޗަށް ބިނާވާ ޢަޤުދު) ޢަޤުދެކެވެ. އެހެންވެ، ވާނެ ފައިދާއެއް ނުވަތަ ގެއްލުމެއް ވެސް، ދެ މީހުން ކުރެ މީހަކަށް ނޭނގެއެވެ. އަދި ޢަޤުދުގެ ދެ ފަރާތުން، ކުރަން ޖެހޭ ކަންތައް ކުރުން ހުއްޓިފައި އޮންނަނީ މި ''ޣަރަރް'' އޮތުމުގެ މައްޗަށެވެ. އަދި ހާދިސާއެއް ކުރިމަތިވުމުން ލިބޭނެ މިންވަރަކީ ވެސް ޣަރަރު ހިމެނޭ އެއްޗެކެވެ. އަދި އެ ލިބޭނެ ވަގުތަކީ ވެސް ޣަރަރް ހިމެނޭ އެއްޗެކެވެ. ޖުވާކުޅުމާއި ބާޖީމެރުން ޙަރާމް ކަމަކަށް ވަނީ، ވާނެގޮތް ނޭގުމުގެ ނުރައްކަލުގެ މައްޗަށް ފައިސާތަކެއް ހޭދަކޮށް، އެއްޗެއް ހޯދަން އުޅޭތީއެވެ. ޣަރަރަކީ މިއީއެވެ.

4- މިއީ، ވަކި މުއްދަތަކަށް ވެވޭ ޢަޤުދެކެވެ. އެގޮތުން، ޒަމާނަކީ މި ޢަޤުދުގެ އަސާސީ އެއްޗެއްގެ ގޮތުގައި ބެލެވޭ އެއްޗެކެވެ. އަމާންކޮށްދޭ ފަރާތުން ގެއްލުން ތަޙައްމަލު ކުރާނީ ވަކި ތާރީޚަކުން ފެށިގެން ގޮސް ވަކި މުއްދަތެއް ވަންދެނެވެ.

5- މިއީ ބޯ ލެނބުމުގެ ޢަޤުދެކެވެ. މާނައަކީ، މި ޢަޤުދު ޤަބޫލު ކުރުމަކީ، އެއީ ހުށައަޅާ ފަރާތުން ހުށައަޅާފައިވާ ޝަރުޠުތަކާ މެދު އިތުރު ވާހަކައެއް ދެއްކުމެއް ނެތި، ޤަބޫލުކުރަންޖެހޭ ޢަޤުދެކެވެ.

6- އެއީ، ބަދަލުދީގެން ކުރެވޭ ޢަޤުދެކެވެ. ވީމާ މި ޢަޤުދުގައި ހިލޭސާބަހަށް އެއްޗެއް ދިނުން އެއީ ވާރިދު ނުވާ ކަމެކެވެ. އަމާންކޮށްދޭ ފަރާތުން ފައިސާ ދޭން ޖެހޭނީ، އަމާންކުރެވިފައި އޮތް ގެއްލުމެއް ކުރިމަތިވުމުންނެވެ. އަދި އަމާންކޮށްދެވުނުފަރާތަށް ފައިސާ ލިބޭނީ އޭނާ ދައްކަން ޖެހޭ މިންވަރުތައް ދެއްކުމުންނެވެ.

7- މިއީ އޭގެ އަސްލުގައި މަދަނީ ޢަޤުދެކެވެ. ނަމަވެސް އަމާންކޮށްދިނުމުގެ ޚިދުމަތް ދޭ ކުންފުންޏެއްގެ ސިފައިގައި މި ޚިދުމަތް ދެންޏާ، މި ޢަޤުދަކީ ވިޔަފާރު ޢަޤުދަކަށް ވެއެވެ. އެ ގޮތުން އެ ކުންފުނި ކުރާ ހުރިހާ ކަމަކީ ވެސް ވިޔަފާރި ޢަމަލުތަކެކެވެ. ނަމަވެސް ''ބައިވެރިވާ އަމާންކުރުން'' އެއީ ވިޔަފާރި ޢަމަލެއް ނޫނެވެ. އެހެނީ މި ކުންފުނިތަކަކީ ވިޔަފާރި ކުންފުނިތަކެއް ނޫނެވެ. އަދި އެ މީހުންގެ މައިގަނޑު ލަނޑު ދަނޑިއަކީ ފައިދާ ހޯދުމެއް ވެސް ނޫނެވެ.

8- އެއީ ނިޔަތް ރަނގަޅު ކަމަށް ބަލައި ކުރެވޭ ޢަޤުދެކެވެ. ނިޔަތް ރަނގަޅު ކަމަށް ބެލުމަކީ، ހުރިހާ ޢަޤުދުތަކަކަށް ވެސް ފެތޭ ޢާއްމު އުސޫލަކެވެ. ނަމަވެސް އަމާންކުރުމުގެ ޢަޤުދުގައި، މިކަން އޮންނަލެއް ބޮޑުވެފައި އަދި ޢަޤުދު ކުރުމުގެ މުހިއްމު ދައުރެއް ''ނިޔަތް ރަނގަޅުވުން'' ކުޅެއެވެ. އެގޮތުން އަމާންކުރުވާމީހާ ދޭ މަޢްލޫމާތު ތަކަކީ ތެދު މަޢްލޫމާތެއް ކަމަށާއި އަދި އޭނާގެ ނިޔަތް ރަނގަޅު ކަމަށް އަމާންކޮށްދޭ މީހާ ބަލައެވެ. ޢަޤުދު ފައްޓާ އިރު ވެސް އަދި ޢަޤުދު ތަންފީޒު ކުރާ އިރު ވެސް މި ކަމަށް ބެލެއެވެ.

ވިޔަފާރި އަމާންކުރުމާމެދު މި ޒަމާނުގެ ޢިލްމުވެރިންގެ ރައުޔު:

މިޒަމާނުގެ ވިޔަފާރި އަމާންކުރުމަކީ ކުރީގެ ފިޤުހުވެރިންގެ ދުވަސްވަރު އޮތް ކަމަކަށް ނުވާތީ އެ ބޭފުޅުން އެ މައުޟޫޢަށް ވާހަކަ ދައްކަވާފައި ނެތެވެ. ތަންކޮޅެއް މަތީގައި ވެސް ބުނެވިދިޔަހެން، މި ޒަމާނުގައި މި ކުރެވޭ ގޮތަށް ކުރެވޭ އަމާންކުރުމާ ބެހޭ ގޮތުން، ސާފު ސަރީޙަ ގޮތެއްގައި އެންމެ ފުރަތަމަ ވާހަކަ ދައްކަވާފައިވަނީ، ޢައްލާމާ މުޙައްމަދު އަމީން ބިން ޢާބިދީން (1198- 1252 ހ) އޭނާގެ ފޮތް ''ރައްދުލް މުހްތާރު ޢަލާ އައްދުއްރިލް މުޚްތާރި'' އޭ ކިޔުނު ފޮތުގައެވެ.

ދެން މި ކަމާ ބެހޭ ގޮތުން މި ފަހުގެ ޢިލްމުވެރިން ދައްކަވާފައި ހުރި ވާހަކަތަކަށް ބަލާއިރު، ތިން ރައުޔެއް ފެންނަން އެބައޮތެވެ. ޚުލާޞާކޮށް އެ ހާމަކޮށްލާނަމެވެ. އެއީ:

އެކެއް: އެއްކޮށް މަނާކުރުން.

ދަލީލެއްގެ ގޮތުން މި މީހުން ބުނަނީ:

1- އެއީ ޖުވާގެ ހުންނަ ސިފައާއި، ޣަރަރުގެ މައްޗަށް ބިނާވާ ޢަޤުދެކެވެ. އެހެނީ، މި ޢަޤުދަކީ ބައެއް ފަހަރު ކުރިމަތި ވެދާނެ ނުރައްކަލަކަށް އަދި އަނެއްބައި ފަހަރު ކުރިމަތި ނުވާނެ ނުރައްކަލަކާ ގުޅުވިފައިވާ ޢަޤުދެކެވެ. ޖުވާ ނުވަތަ ޤިމާރުގެ މާނައަކީ މިއީއެވެ. އަނެއްކޮޅުން މި ޢަޤުދު ފައްޓާއިރު، ދެ ފަރާތުން ކުރެ ފަރާތަކަށް، އޭނާ ދޭނެ ވަރަކާއި(ޙަޔާތަށް އަމާންކުރާއިރު) އަދި ލިބޭނެ ވަރެއް ނޭނގެއެވެ. އަދި ޢަޤުދުގެ އެއްފަރާތަށް ގެއްލުން ވާ ވަރެއް އެއީ، އަނެއް ފަރާތަކަށް ވާ ފައިދާއެކެވެ. ވީމާ ޢަޤުދު މި އޮތީ ގެއްލުމާއި ފައިދާގެ ނުރައްކަލުގެ ދެމެދުގައެވެ. ޣަރަރުގެ މާނައަކީ މިއީއެވެ.

2- އެއީ ރިބާ ހިމެނިފައިވާ ޢަޤުދެކެވެ. އެހެނީ އަމާންކުރުމުގައި، ބައިތަކުގެ ގޮތުގައި ކުންފުންޏަށް ފައިސާތަކެއް ދީފައި ފަހުން ގެއްލުމެއްވެގެން ފައިސާ ބޭނުންވީމާ ގޮސް ދިން ފައިސާއަށް ވުރެ ގިނައިން/މަދުން، ކުންފިން އަތުލައެވެ. ދިން އެއްޗަށް ވުރެ ގިނައިން އަނބުރާ ލިބިއްޖެނަމަ އެއީ އޭނާ ކާ ރިބާއެވެ. މަދުން ލިބިއްޖެނަމަ، އެއީ ކުންފުނިން ކާ ރިބާއެވެ. އަދި ޙަޔާތަށް ކުރެވޭ އަމާންކުރުމުގައި، ކުންފިނިން ދޭ އިތުރު ފައިސާއަކީ ރިބާ ބޭންކުތަކަށް ލައިގެންނާއި، އަދި އިސްލާމީ މިންގަނޑުތަކަށް ނުފެތޭ މޭވާކުރުންތަކުން ހޯދާ ފައިސާއެވެ.

3- އެއީ ނުޙައްޤުން މީހުންގެ މުދާ ކެއުން އޭގައި ހިމެނޭ ޢަޤުދެކެވެ. އެހެނީ، އަމާންކޮށްދެވުނު މީހާއަށް ގެއްލުމެއް ކުރިމަތިނުވިއްޔާ، އޭނާ ދެއްކި ހުރިހާ ފައިސާތައް(ބައިތައް)، އެއްވެސް ބަދަލެއް ނެތި އަމާންކޮށްދިން ކުންފުންޏަށް ލިބިއެވެ.

ދޭއް: އަމާންކުރުން އެއްކޮށް ހުއްދަ

އަމާންކުރުމަކީ އެއްކޮށް ހުއްދަ ކަމެއް ކަމަށް ވިދާޅުވި އެންމެ ފާހަނގަ ކުރެވޭ ޢިލްމުވެރިއަކީ އައްޝައިޚް މުޞްޠަފާ އައްޒަރްޤާ، އަދި އައްޝައިޚް ޢަލީ އަލްޚަފީފް އެވެ. (ދެބޭކަލުންނަށް ރަޙްމަތް ލައްވާށި). މި ގޮތަށް ވިދާޅުވާ ޢިލްމުވެރިންގެ މައިގަނޑު ދަލީލަކީ:

1- އަމާންކުރުމަކީ، އެއާ ބެހޭ ގޮތުން ޝަރުޢުގައި ނައްޞެއް އައިސްފައި ނުވާ، މުޅިން އާ ޢަޤުދެކެވެ. އަދި އެ ހުއްދަ ނުވާން ޖެހޭ ފަދަ ކަމެއް ޝަރީޢަތުގެ އުޞޫލުތަކުގެ ތެރޭގައި ނެތެވެ. ވީމާ ކަންކަމުގެ އަސްލަކީ ހުއްދަވުން ކަމަށް ވާ ހިނދު، އަމާންކުރުން ވެސް އޮންނާނީ އެ ގޮތުގައެވެ.

2- މަގެއްގެ ނުރައްކަލަށް ޖާމިނުވުމާ ބެހޭ ގޮތުން ޙަނަފީ ފިޤުހުވެރިން ގެންނަވާފައިވާ ވާހަކައެއްގެ މައްޗަށް، އަމާންކުރުން ޤިޔާސްކުރެވެއެވެ. އެ ބޭފުޅުން ގެންނަވާފައިވާ ގޮތުގައި، މިސާލަކަށް މީހަކު އަނެކަކަށް، މި މަގުން ދާށޭ މިއީ އަމާން މަގެކޭ އަދި ތިމަންނަ އެކަމަށް ޖާމިންވަމޭ ބުނެފައި ހުއްޓާ، އޭނާ އެމަގުން ދަތުރުކުރަނިކޮށް، އެ މުދާތަށް މަގުފޭރެވިއްޖެނަމަ، އޭނާ ޖާމިންވާންޖެހޭނެއެވެ. އަމާންކުރުން ހުއްދަ ކަމަށް މި ދަލީލު ގެންނަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި މި މިސާލާއި އަމާންކުރުމާއި ދެމެދު ހުރި އެއްގޮތް ކަމަކީ، މި މިސާލުގައި ގެއްލުން ކުރިމަތިވުމުގައި ޖާމިނުވާ މީހާ ކުރި އެއްވެސް ކަމެއް ނެތް އިރުވެސް، އޭނާ ޖާމިނުވެއެވެ. އަދި އޭނާ ޖާމިނުވަނީ ނޭނގޭ އަދި ފަހަރެއްގައި ވެދާނެ ކަމަކަށެވެ. ވީމާ އަމާންކުރުމުގައި، ކުރިމަތިވާ ގެއްލުމަކީ އަމާންކޮށްދޭފަރާތް ކުރިކަމަށް ނުވިޔަސް، އަދި އެއީ ނޭނގޭ ކަމަކަށް ވިޔަސް، އޭނާ ވާ ޖާމިނުވުން ޞައްޙަވާނެއެވެ.

މި ޤިޔާސް ކުރުމަށް ރައްދު ދެއްވާ ޢިލްމުވެރިން ވިދާޅުވަނީ، މި ޤިޔާސް ކުރުމަކީ ރަނގަޅު ޤިޔާސްކުރުމަކަށް ނުވެއެވެ. އެއް ސަބަބަކީ، ހަނަފީ މަޛްހަބުގައި ގެއްލުމަށް ޖާމިނުވާންޖެހޭ ކަމަށް ބުނެފައި ވަނީ އެއީ، ނުރައްކާ މަގަކުން ދާން ބުނެ ހެއްލީ އޭނާ ކަމަށްވާތީއެވެ. ދެވަނަ ސަބަބަކީ، ޙަނަފީން ބުނެފައި ވަނީ ބަދަލުގައި އެއްޗެއް ނެތި ޖާމިނުވާ ވާހަކައެވެ. ނަމަވެސް އަމާންކުރުމުގައި އަމާންކޮށްދޭފަރާތުން ގެއްލުމަށް ޖާމިނުވަނީ ބަދަލެއް އަތުލައިގެންނެވެ.

3- ތިންވަނަ ދަލީލަކީ، މާލިކީ މަޛްހަބުގައި، އެއްޗެއް ދޭން ބުނެ ލާޒިމުވެގެންފިނަމަ އެކަން އޭނާގެ މައްޗަށް ލާޒިމުވާ ފިޤުހީ ޤަވާޢިދަށް ޤިޔާސްކޮށެވެ. މި ޤަވާޢިދުގު ޚުލާޞާ އަކީ، އެހެން މީހަކަށް އެއްޗެއް ދޭން ނުވަތަ ގެއްލުމެއް ފޫބައްދައިދޭން ވަޢްދުވެއްޖެނަމަ، އަދި ވަކިން ޚާއްޞަކޮށް ވަޢްދު ދެވުނު މީހާ އެ ބަހުގެ މައްޗަށް ކަމެއް ފައްޓައިފިނަމަ، އެ ވަޢްދުފުއްދުން ލާޒިމުވާނެއެވެ. މިސާލަކަށް މީހަކު މީހެއް ގާތު، ތިމަންނަ ކަލޭގެ ރަނަށް ވާ ފައިސާ ދޭނަމޭ، މީހަކާ އިންނާށޭ ބުނުމުން، މި މީހާ ކައިވެނި ކުރަން ފައްޓައިފިނަމަ އެ ފައިސާ ދޭން ޖެހޭނެއެވެ.

މި ދަލީލަށް ރައްދު ދެއްވަމުން ޢިލްމުވެރިން ވިދާޅުވަނީ، މިއީ ދޭތީގެ ތަފާތު ހުރުމާ އެކު ކުރެވިފައިވާ ޤިޔާސެކެވެ. ވީމާ މިއީ ކަމުދާ ޤިޔާސަކަށް ނުވާނެއެވެ. އެހެނީ މާލިކީން އެ ބުނާ ލާޒިމް ވަޢްދަކީ އެއީ ވަޢްދު ކުރާ މީހާ، ފެއްޓުނީއްސުރެ ވެސް ހިލޭސާބަހަށް، ބަދަލެއް ނެތި ދޭ އެއްޗެކެވެ. ނަމަވެސް، އަމާންކުރުމުގައި، އަމާންކޮށްދޭފަރާތް ގެއްލުންތައް ތަހައްމަލު ކުރަން ވަޢްދުވަނީ ހިލޭސާބަހަކަށް ނޫނެވެ. އެއީ ބަދަލެއް އަތުލައިގެން ކޮށްދޭ ކަމެކެވެ.

5- އަމާންކުރުމަކީ އޭގައި މަސްލަހަތުތަކެއް ވާ ކަމެކެވެ. އެގޮތުން އަމާންކޮށްދެވޭފަރާތަށް ހިތްހަމަޖެހުމާއި އަމާންކަން އިޙްސާސްވެއެވެ. އަދި ގެއްލުންތައް ގިނަ ބައެއްގެ މެދުގައި ބަހާލެވި އެ އެންމެން ގެއްލުމުގެ ބައެއް ތަހައްމަލުކޮށް ބައިވެރިވުމަކީ އޭގައި ގިނަގުނަ އިޤްތިޞާދީ ފައިދާތަކެއް ވާ ކަމެކެވެ. އަދި މިއީ މީހުންނަށް އެކަކު އަނެކަކާ ބައިވެރިވެވޭ ކަމެކެވެ. މިއީ އިސްލާމީ ޝަރީޢަތް ބާރުއަޅާ ކަންކަމަށް ވާ ހިނދު، މި ކަން ހުއްދަ ނުވާންވީ ސަބަބެއް ނެތެވެ.

މި ދަލީލަށް ރައްދު ދެއްވަމުން ޢިލްމުވެރިން ވިދާޅުވަނީ، އެއްވެސް މަސްލަހަތަކީ ޝަރީޢަތާ އަރާރުންވެ ފުށުއަރާ ކަމެއް ނަމަ، އެއާ ދިމާއަށް ނުބެލެވޭނެއެވެ. އަދި އަނެއްކޮޅުން، ދީނުގައި މަނާ އެއްވެސް ކަމެއް ނުހިމެނި، ބައިވެރިވާ އަމާންކުރުމުގެ (ތަޢާވުނީ/ތަކާފުލް) ޒަރީޢާއިން، އަމާންކޮށްދިނުމުގެ ޚިދުމަތް ދެވެން އެބަ އޮތެވެ. ވީމާ، ވިޔަފާރި އަމާންކުރުމާ ދިމާއަށް ދުއްވައިގަންނާކަށް ނުޖެހެއެވެ.

ތިނެއް: ވިޔަފާރި އަމާންކުރުން ހުއްދައެއް ނޫން، ބައިވެރިވާ އަމާންކުރުން ހުއްދަ.

މި ޒަމާނުގެ ޖުމްހޫރު ޢިލްމުވެރިންނާއި އަދި ހުރިހާ ފިޤުހީ މަޖްމަޢްތަކުން ދެކޭ ގޮތުގައި، ވިޔަފާރީގެ ގޮތުގައި ދެވޭ އަމާންކޮށްދިމުގެ ޚިދުމަތަކީ، އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް ބައިވެރިވާ އަމާންކުރުން އެއީ ހުއްދަ ކަމެކެވެ. ވިޔަފާރި އަމާންކުރުން ޙަރާމް ކަމަށް ސުޢޫދިއްޔާގެ ބޮޑެތި ޢިލްމުވެރިންގެ މަޖުލިހުން 4/4/1397 ހ ގައި ޤަރާރު ނަމްބަރު 15 ނެރެފައިވެއެވެ. އަދި ރާބިޠަތުލް ޢާލަމުލް އިސްލާމީއަށް ތަބާވާ މަޖްމަޢުލް ފިޤްހުލް އިސްލާމީގެ ފުރަތަމަ ދައުރުގެ ބައްދަލުވުމުން، 1398ހ ގައި ޤަރާރެއް ނެރެފައިވެއެވެ. އަދި މުނައްޡަމަތުލް މުއުތަމަރުލް އިސްލާމީގެ މަޖްމަޢުލް ފިޤްހީ އަލްއިސްލާމީ، 1406ހ ގައި ނެރުނު ޤަރާރު ނަމްބަރު 6ގައި، ވިޔަފާރި އަމާންކުރުން ޙަރާމް ކަމަށް ބުނެފައިވެއެވެ. އަދި ހުއްދަ ކަމަށް ބުނާ މީހުންގެ ބަހަށް ޢިލްމީ ރައްދު ދީފައިވެސް ވެއެވެ.

ޝަރުޢީ ނަޒަރަކުން މި މައްސަލައާ މެދު އިތުރަށް ކިޔުމަށް، ޝައިޚް ޢަލީ އަލްޤަރަ ދާޣީ ލިޔުއްވާފައިވާ ލިއުމުގެ، ކަވާސާގައިވާ ތަރުޖަމާ އާއި، އިސްލާމީ ފިޤުހު މަޖްމަޢްތަކުން ނެރެފައިވާ ޤަރާރު ކިޔާށެވެ.

ސަމާލުވާންޖެހޭ ބައެއް ކަންތައްތައް:

''ބައިވެރިވާ އަމާންކުރުމޭ" ނުވަތަ "އިސްލާމީ ތަކާފުލް" އޭ ކިޔާ ނަންބޯޑު އަޅުވައިގެން އުޅޭ ބައެއް ކުންފުނިތަކަކީ -ބައެއް ފަހަރު- ޙަޤީޤަތުގައި އެފަދަ ކުންފުނިތަކެއް ނޫނެވެ. އެއީ މަޅީގައި ޖައްސަން ބޭނުންކުރާ ތެރަހެކެވެ. މިހެން ބުނުމުގެ ބޭނުމަކީ ފަހަރެއްގައިވެސް، ޙަޤީޤީ އިސްލާމީ އަމާންކުރުމުގެ ޚިދުމަތްދޭ ކުންފުނިތަކާ މެދު، މީހުންގެ ހިތުގައި އޮންނަ އިތުބާރު ގެއްލުވާލުމެއް ނޫނެވެ.

ބޭނުމަކީ، ދީނީ ކަންފުޅެއް ނެތް ކުންފުނިތަކުން، އިސްލާމީ އިޤްތިޞާދުގެ ތެރެއަށް ވަދެ، ނާޖާއިޒު ފައިދާ ނެގިޔަ ނުދިނުމަށާއި، ޢާއްމުން މި ކަމަށް ސަމާލުވެތިބުމަށް ހޭލުންތެރި ކުރުވުމެވެ. ވީމާ، އިސްލާމީ ޝަރީޢަތަށް ފެތޭ، އަމާންކުރުމުގެ ޚިދުމަތް ދެމޭ ބުނާ ކުންފުންޏަކުން ޚިދުމަތް ލިބިގަތުމުގެ ކުރިން، އެ މީހުން ހަދާ ޢަޤުދުތައް ބަލާ ރަނގަޅަށް ދިރާސާކުރާށެވެ. ބައިވެރިވާ އަމާންކުރުމުގެ މިންގަނޑުތަކަށް، އެ ފެތޭތޯ ބަލާ ވަޒަންކުރާށެވެ. ކުންފުނީގެ ފައިސާ މޭވާކުރަނީ، ކޮންކޮން ތަންތަނެއްގައި، ކިހިނެއް ކިހިނެއްތޯ ބަލާށެވެ.

ރިބާ ބޭންކުތަކާއި، ޙަރާމް މަސައްކަތް ކުރާ ކުންފުނިތަކާއި، މަޝްރޫޢުތަކުގައި އެ ފައިސާ މޭވާ ނުކުރެވޭކަން ޔަޤީންކުރާށެވެ. އިސްލާމީ އުސޫލުތަކަށް ފެތޭ އަމާންކުރުމުގެ ޚިދުމަތްދޭ ކުންފުނިތަކާއި (ބައިވެރިވާ/ތަޢާވުނީ، ތަކާފުލު)، އިސްލާމީ ބޭންކުތަކުގައި، ޝަރުޢީ ކޮމިޓީއެއް އޮންނަންޖެހޭނެއެވެ. ވީމާ އަމާންކުރުމުގެ ޚިދުމަތް ލިބިގަންނަން އެ މީހުންގެ އޮފީހަށް ގޮސް، ޝަރުޢީ ކޮމިޓީއެއް އޮތްތޯ ބަލާށެވެ. އަދި އެ ކޮމިޓީގައި ތިބީ ޝަރްޢީ ކޮން ޢިލްމުވެރިންނެއްތޯ ބަލާށެވެ. ޝަރްޢީ ކޮމިޓީއެއް ނެތި، ބައިވެރިވާ އަމާންކުރުމުގެ ހަމަތަކާއި މިންގަނޑުތަކަށް ނުފެތޭ ބަޔަކު، އެ މީހުން އެ ކޮށްދެނީ، ދީނުގައި ހުއްދަ އަމާންކުރުމޭ ބުންޏަސް ޤަބޫލު ނުކުރާށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.