ބުރާސްފަތި20181108

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު ޝަރުޢީ ޟަރޫރަތް .. އޭގެ ޙަޤީޤަތް އަދި އެ ބެލޭ މިންގަނޑު

ޝަރުޢީ ޟަރޫރަތް .. އޭގެ ޙަޤީޤަތް އަދި އެ ބެލޭ މިންގަނޑު

dharooraa-adhi-eyge-minganduދީނުގައި އޮންނަ ގޮތް ނޫން ގޮތަކަށް އުޅޭ ވަރަށް ގިނަ މީހުން، ޟަރޫރަތޭ ކިޔާފައި ވާހަކަ ދައްކައެވެ. އެ ގޮތުން ބައެއް މީހުން ކޮންމެ ކަމެއް ކޮށްފައި ވެސް، އެއީ ޟަރޫރަތަށްޓަކައޭ ކިޔާފައި ހަމަ ޖައްސާލައެވެ. ރިޝްވަތު އަތުލާ މީހުން ރިޝްވަތު އަތުލަނީ ވެސް ލިބޭ މުސާރައިން ކައިގެން ބޮއެގެން ނުއުޅެވޭތީ، މަޖްބޫރުވެގެންނެވެ. ރިބާ ކައި އަދި ރިބާ ދޭ މީހުން އެކަން ކުރަނީ ވެސް މަޖްބޫރުވެގެންނެވެ. ބުރުގާ ނާޅާ މީހުން ނާޅަނީ ވެސް މަޖްބޫރުވެގެންނެވެ. ދޮގު ހަދަނީ ވެސް ކޮންމެވެސް މަޖްބޫރު ކަމެއް އޮވެގެންނެވެ.

''އައްޟަރޫރާތު ތުބީޙު އަލްމަޙްޡޫރާތި'' މިއީ އިސްލާމީ ފިޤުހުގެ ޤަވާޢިދެކެވެ. މީގެ މާނައަކީ'' ޟަރޫތަތްތައް، މަނާކަންތައް ހުއްދަކުރެއެވެ.'' މިސާލަކަށް އޫރު މަހާއި މޮޅަތަކެތި ކެއުމަކީ އެއީ ދީނުގައި ޙަރާމް ކަމެކެވެ. ނަމަވެސް، މީހަކު ބަނޑަށް ޖެހި، ކާނެ ޙަލާލު އެއްވެސް އެއްޗެއް ނުލިބިއްޖެ ނަމަ، މޮޅަތަކެތި ނުވަތަ އޫރުމަސް ފަދަ އެއްޗެއް ކެއުން ވެސް ހުއްދައެވެ. ހުއްދަ ވާނީ އޭނާގެ ފުރާނަ ސަލާމަތް ކުރެވޭ ވަރަށް ކެއުމެވެ. މި ކަހަލަ މިސާލުތައް ބައިވަރެވެ.

މިއީ ޤުރުއާނުން ނެގިފައިވާ ސާބިތު އަދި އިތުބާރު ހުރި ޤަވާޢިދެކެވެ. ސޫރަތުލް މާއިދާގެ ތިން ވަނަ އާޔަތުން އަދި އަލްއަންޢާމް ސޫރަތުގެ 119 ވަނަ އާޔަތާއި 145 ވަނަ އާޔަތުން މި ޤަވާޢިދަކީ އިސްލާމީ ޝަރީޢަތުގެ ބެލެވޭ ޤަވާޢިދެއްކަން އެނގެއެވެ. މި ޤަވާޢިދަކީ، މުސްލިމުންނަށް ކުރިމަތިވެދާނެ ގެއްލުމަކުން ސަލާމަތް ކޮށް، ދިމާވެދާނެ ބޮޑު ދަތިކަމަކުން ދުރުކޮށް ދޭ އިސްތިސްނާ ޤަވާޢިދެކެވެ. އަދި އިސްލާމް ދީނުގެ ފަސޭހަ ކަމާއި، އިންސާނުންގެ ތަފާތު ހާލަތްތަކަށާއި އުޒުރުތަކަށް ރިޢާޔަތް ކުރާ ކަމުގެ އަލިގަދަ ހެއްކެއް ވެސް މެއެވެ. ނަމަވެސް އެ މީހަކު ހިތަށް އެރި ގޮތަކަށް، މި ޤަވާޢިދަށް ޢަމަލު ކުރުން ހުއްދައެއް ނޫނެވެ. މިޤަވާޢިދުގެ ބޭނުން ކުރެވޭނެ ޝަރުޠުތަކަކާއި ހާލަތްތަކެއް ޢިލްމުވެރިން ވަނީ، ޝަރީޢަތުގެ އަލީގައި ކަނޑައަޅުއްވާފައެވެ. ތިރީގައި މި ވަނީ، މިކަމާއި ބެހޭގޮތުން އައްޝައިޚް، ޑޮކްޓަރ، ވަހްބާ އައްޒުޙައިލީ ދެއްވާފައިވާ ފަތުވާއެކެވެ.

''ޟަރޫރަތަކީ، އެއީ އިންސާނަކަށް ބޮޑު ނުރައްކަލެއް، ނުވަތަ ބޮޑު ދައްޗެއް ކުރިމަތިވެ، އެކަމުގެ ސަބަބުން އޭނާގެ ނަފްސަށް ނުވަތަ އަބުރަށް ނުވަތަ ބުއްދިއަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެ ކަމުގެ ބިރުހީވާ ހާލަތެވެ. އެ ހިނދު، ވާޖިބު ކަމެއް ދޫ ކޮށްލުން، ނުވަތަ ޙަރާމް ކަމެއް ކުރަން، އޭނާއަށް ޖެހެއެވެ. އެހެން ގޮތަކަށް ބުނާނަމަ، މި ދެ ކަން އޭނާއަށް ހުއްދަވެއެވެ.

ޟަރޫރަތުގެ މާނަ ކުރައްވަމުން އަލްޖިރްޖާނީ ވިދާޅުވެފައި ވަނީ އެއީ:- ޟަރޫރަތަކީ ޟަރަރު މި ކަލިމައިން ނެގިފައިވާ ބަހެކެވެ. މީގެ މާނައަކީ، ދުރު ނުކުރެވޭނެ ފަދައަކުން ދިމާވާ ބޮޑެތި ގެއްލުމެވެ. އަބޫބަކުރު އަލްޖައްޞާޞް ވިދާޅުވެފައި ވަނީ އެއީ:- ނަފްސަށް ނުވަތަ ބައެއް ގުނަވަންތަކަށް، ލިބިދާނެ ގެއްލުމެއް ނުވަތަ ހަލާކަކުން ގަންނަ ބިރު ކަމަށެވެ. ޒަރްކަޝީ އަދި އައްސުޔޫޠީ ވިދާޅުވެފައި ވަނީ އެއީ:- މަނާކަމެއް ނުކޮށްފިނަމަ، މިހާއަށް ބޮޑު ގެއްލުމަކާއި ހަލާކަކާއި ހަމައަށް ވާޞިލުވާ ދަރަޖަ ކަމަށެވެ. މިސާލަކަށް ނުކައިފިނަމަ، ނުވަތަ ނު އަނދެފިނަމަ އޭނާގެ ނަފްސަށް ނުވަތަ ގުނަވަނަކަށް ގެއްލުމެއް ވާ ހާލަތެވެ.

މާލިކީ މަޛްހަބުގައި ޟަރޫރަތުގެ މާނައަކީ އެއީ:- ނަފްސަށް ގެއްލުމެއް ވެދާނެ ކަމަށް ޔަޤީންވުން ނުވަތަ މިކަމަށް ބިރު ހީވުމެވެ. މިފަދަ ހާލަތެއްގައި ވާ މީހަކު މަރު ގާތް ވަންދެން ކެތް ކުރުމަކީ ލާޒިމު ކަމެއް ނޫނެވެ. ކިއެއްތަ، ގެއްލުން ވެދާނެ ކަމަށް ބިރު ހީވުން، ޟަރޫރަތެއްގެ ދަރަޖައަށް ހިނގައްޖެ ކަމަށް ބުނަން ފުދެއެވެ.

ޝާފިޢީ މަޛްހަބުގައި ބުނަނީ :- ނު ކެއުމުގެ ސަބަބުން، މަރުވެދާނެ ކަމަށް ބިރު ހީވެ، ނުވަތަ ބަލިވެދާނެ ކަމަށް ބިރު ހީވެ، ނުވަތަ ބަލި ބޮޑުވެ، ނުވަތަ ބަލިން ޝިފާވާން ނަގާނެ މުއްދަތު އިތުރުވާނެ ކަމަށް ބިރު ހީވެ، ނުވަތަ އޭނާއާއި އެކު ދަތުރުގައި ވާ މީހުންނާ ވަކިވާން ޖެހިދާނެ ކަމަށް ބިރު ހީވެ، ނުވަތަ ހިނގައި ހެލިފެލިވާން އުނދަގޫވެދާނެ ކަމަށް ބިރު ހީވެއްޖެނަމަ، މިފަދަ މީހަކު ކާނެ ޙަލާލް އެއްޗެއް ނުލިބިއްޖެނަމަ، ޙަރާމް އެއްޗެއް ކެއުން ހުއްދައެވެ.

އަހަރެމެންގެ އުސްތާޛު މުޙައްމަދު އަބޫ ޒަހްރާ ވިދާޅުވެފައި އޮންނަނީ، ޟަރޫރަތަކީ އެއީ:- މަނާ އެއްޗެއް ބޭނުން ނުކޮށްފިނަމަ ޙަޔާތަށް ނުރައްކާވެދާނެ ކަމަށް، ނުވަތަ ހުރިހާ މުދަލެއް ގެއްލިދާނެ ކަމަށް ބިރު ހީވާ ހާލަތެވެ. ނުވަތަ މީހެއްގެ އަމިއްލަ ޟަރޫރީ މަޞްލަޙަތަށް ގެއްލުމެއް ކުރިމަތިވެ، އެހެން މީހެއްގެ ޙައްޤަކަށް އަރައި ނުގަނެ، ނަމަވެސް ހުއްދަ ނޫން ވަސީލަތެއްގެ ބޭނުން ކުރަން ޖެހޭ ހާލަތެވެ.

އަހަރެންގެ އުސްތާޛު އައްޝައިޚް މުޞްޠަފާ އައްޒަރްޤާ ވިދާޅުވެފައި ވަނީ، ޟަރޫރަތަކީ އެއީ ޖެހޭ މުހިއްމު ބޭނުމަކަށް ވުރެ މަތީގައިވާ ހާލަތެކެވެ. ޟަރޫރަތަކީ އެއީ އެކަމެއް ނު ފުއްދައިފިނަމަ ބޮޑު ގެއްލުމެއް ލިބިދާނެ ކަންތަކެވެ. މިސާލަކަށް ބަނޑަށް މަރުވުން، ފުރާނައަށް ގެއްލުން ވުން ފަދަ ކަންތަކެވެ.

ޟަރޫރަތުގެ މާނަ ކަމަށް، މަތީގައި ބުނެވިފައި ވާ ހުރިހާ ބުނުންތަކެއް ވެސް ގޮސްފައި ވަނީ އެއް ދިމާއަކަށް ކަން ފާހަނގަ ކުރެވެއެވެ. އެއީ ކާ އެއްޗެއްސަކީ ޟަރޫރަތެއް ކަމަށް ބުނާ ބުނުމެވެ. ވީމާ މި މާނައަކީ، ޙަރާމް ކަމެއް ކުރުން ހުއްދަވެ، ވާޖިބު ކަމެއް ދޫ ކުރުން ހުއްދަވާ ޤަވާޢިދެއް ކަމަށް ވާ ''ޟަރޫރަތް'' މި ކަލިމަ އެއްކޮށް ޝާމިލު ވާ މާނައެއް ކަމަށް އަހަރެން ނުދެކެމެވެ. އެހެން ވީމާ، މީގެ މާނަ، އަހަރެން ކުރަނީ މި އަންނަނިވި ފަދައިންނެވެ.

ޟަރޫރަތަކީ އެއީ:- މީހެއްގެ ނަފްސަށް ނުވަތަ އަބުރަށް ނުވަތަ ބުއްދިއަށް ނުވަތަ މުދަލަށް ނުވަތަ މިއިން އެއްޗަކާ ގުޅުން ހުރި ކަމަކަށް، ގެއްލުން ވެދާނެ ކަމަށް ބިރު ހީވެ، ނުވަތަ މި އެއްޗެހިތައް ރައްކާތެރި ކުރަން ދަތި އުނދަގޫވާ ހާލަތެއް ކުރިމަތިވުމުން، ޙަރާމް ކަމެއް ކުރުން ހުއްދަވެ، ނުވަތަ ވާޖިބު ކަމެއް ދޫކުރުން ހުއްދަވުމެވެ. ގެއްލުން ވާނެ ކަން ޔަޤީން ނުވިޔަސް، ވެދާނެ ކަމަށް ބޮޑަށް ހީވުން ފުދެއެވެ. އަދި ޟަރޫރަތެއްގެ ބޭނުން ހިފަން ޖެހޭނީ ދީނީ ހުދޫދުތަކުގެ ތެރޭގައެވެ.

ޟަރޫރަތް ބެލޭނެ މިންގަނޑު :

ޟަރޫރަތެއް ކަމަށް ބުނެ، ދީނުގެ އަސްލު ޙުކުމްތައް ވަގުތީގޮތުން އެއްކިބާ ކޮށްލެވޭނީ އެއީ ހަމަ އަސްލުވެސް ޟަރޫރަތެއް ނަމައެވެ. ވަކި ކަމެއް ޟަރޫރަތެއް ކަމަށް ބެލެވެނީ، ޝަރުޠުތަކެއް ފުރިހަމަ ވުމުންނެވެ. އެ ޝަރުޠުތަކަކީ:-

1- ޟަރޫރަތް އެއީ ކުރިމަތިވެފައި އޮތް ކަމަކަށް ވާން ޖެހެއެވެ. ޟަރޫރަތަކަށް ވެދާނެ ކަމަށް، ބުނެ ޟަރޫރަތެއްގެ ޙުކުމުގެ ބޭނުން ނުހިފޭނެއެވެ. ވީމާ ނަފްސަށް ނުވަތަ ހަށިގަނޑަށް ނުވަތަ މުދަލަށް ނުވަތަ އަބުރަށް ލިބެން އޮތް ގެއްލުމަކީ، ހަމަ ޙަޤީޤަތުގައި ވެސް ލިބޭނެ ގެއްލުމެއް ކަން، އެނގެން އެބަ ޖެހެއެވެ. ގެއްލުން ވާނެކަން ޔަޤީން ވާން ޖެހެއެވެ. ނުވަތަ ގެއްލުން ވާނެކަމަށް ބޮޑަށް ހީވާން ޖެހެއެވެ.

2- ޟަރޫރަތެއް ކުރިމަތިވެގެން، ޙަރާމް އެއްޗެއް އޭނާއަށް ހުއްދަވާނީ، ހުއްދަ ޙަލާލް އެއްޗަކުން ނުވަތަ ގޮތަކުން އެ ނުރައްކަލާއި ގެއްލުން ދުރު ނުކުރެވޭނަމައެވެ. (މިސާލަކަށް ބަނޑުފުރާނަ މުއްތި ކުރެވެން އެހެން ގޮތެއް އޮއްވާ، މީހެއްގެ އަތުން ރިބާ ދަރަންޏަކަށް ކާ އެއްޗެއް އަތުލައިގެން ނުވާނެއެވެ.)

3- މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމާއި، ޢަދުލުވެރިވުމާއި، އަމާނާތްތެރިވުން، މީހާގެ ޢަޤީދާއާއި ދީންވެރިކަން ފަދަ ކަންތަކާއި، ޟަރޫރަތެއް ކުރިމަތިވާ މީހާ ޚިލާފުވެގެން ނުވާނެއެވެ. މިސާލަކަށް ޒިނޭ ކުރުމާއި، އަނިޔާވެރި ވުމާއި، މީހުން މެރުމާއި، ކުފުރުވުމާއި، މީހުންގެ މުދާ ފޭރިގަތުން އެއްވެސް ހާލަތެއްގައި ހުއްދައެއް ނުވާނެއެވެ. އެހެނީ މި ކަންތަކަކީ އޭގެ ޒާތުގައި ވެސް، އިތުރު ގެއްލުންތަކެއް ވާނެ، އިތުރުބައެއްގެ ޙައްޤުތަކަކަށް އަރައިގަނެވޭ ކަންތަކެކެވެ.

4- ޟަރޫރަތަކަށްޓަކައި މީހަކަށް ހުއްދަ ކުރެވޭ ޙަރާމް އެއްޗެއް، ބޭނުން ކުރަން ޖެހޭނީ، ކިރިޔާ ބޭނުން ފުއްދޭ މިންވަރަށެވެ. ބޭނުމަށް ވުރެ އިތުރަށް ބޭނުން ކުރުން ހުއްދައެއް ނުވާނެއެވެ.

5- ޙަރާމް އެއްޗެއް ބޭނުން ކުރަން ބުނީ -ބޭސްފަރުވާގެ ޟަރޫރަތެއްގައި- ޢަދުލުވެރި ދީންވެރި ޢިލްމުވެރި ޑޮކްޓަރަކަށް ވާންޖެހެއެވެ. އަދި މި ހާލަތުގައި ޙަރާމް ބޭސް ނޫން ބޭހެއް ނެތުން އެއީ ވެސް ޝަރުޠެކެވެ.

6- ޡާހިރީ މަޛްހަބުގައި ދެކެނީ، ބަނޑުހައިވެގެން އުޅޭ މީހާ ޟަރޫރަތުގެ ދަރަޖައަށް ހިނގައްޖެއޭ ބުނެވޭނީ، ކާނެ ބޯނެ އެއްޗެއް ނުލިބި އެއް ދުވަސް ވުމުން ކަމަށެވެ. ނަމަވެސް ބޮޑަށް ރަނގަޅު ގޮތަކީ، މީގައި ވަކި މުއްދަތެއް ކަނޑަ ނޭޅުމެވެ. އެހެނީ އެކި މީހުން ބަނޑުހައިވާ މިންވަރާއި ކެތްކުރެވޭ މިންވަރު ތަފާތުވާނެއެވެ.

7- ޟަރޫރަތަކީ މުޅި މުޖްތަމަޢަށް ކުރިމަތިވެފައިވާ ކަމަކާ ގުޅޭ ކަމެއް ނަމަ، އެއީ ޟަރޫރަތެއް ކަން ކަނޑައަޅާނީ އެތަނެއްގެ ވެރިކަމާ ހަވާލުވެގެން ހުންނަ މީހެކެވެ. މުޅި ޤައުމަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ވުމަށްޓަކައި، ނުވަތަ ޖަމާޢަތުގެ މަސްލަހަތަކަށްޓަކައި، ޟަރޫރަތުގެ ބޭނުން، ވެރިއަކަށް ހިފިދާނެއެވެ. މި ގޮތުން ބޭރު ޤައުމުތަކުން ހޯދާ ފައިސާއަކީ ޤައުމުގެ އާއްމު މަސްލަހަތަށް ކޮންމެހެން ވެސް ބޭނުން ޖެހިއްޖެ ފައިސާއެއްނަމަ، އޭގެއި ރިބާ ހިމެނުނަސް ހުއްދަ އެއްޗެއް ކަމަށް ބައެއް ފިޤުހުވެރިން ދެކެލައްވައެވެ.

 


 ގުޅުންހުރި:

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.