ހޯމަ20201130

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު ބޭންކު ފައިދާ އަކީ ރިބާ ނޫން ކަމަށް ބުނާ ބުނުމަށް ރައްދެއް.

ބޭންކު ފައިދާ އަކީ ރިބާ ނޫން ކަމަށް ބުނާ ބުނުމަށް ރައްދެއް.

 bank-faidha-hudha-kuraa-meehuna-raddhu1ލިޔުއްވީ: ޑރ. ފަތުޙީ ލާޝީން (މަދަނީ ޤާނޫނާއި ޝަރީޢާ އިސްލާމިއްޔާގެ ޕްރޮފެސަރެއް، އަދި ކުރީގައި މިޞްރުގެ އިސްތިއުނާފު ކޯޓުގެ މުސްތަޝާރެއް)

''ބޭންކު ފައިދާ އަކީ ޙަލާލް އެއްޗެއް ކަމުގައި ވިދާޅުވެ، ޝައިޚުލް އަޒްހަރު ފަޟީލަތުއް ޝައިޚް މުޙައްމަދު ސައްޔިދު ޠަންޠާވީ ދެއްވާފައިވާ ފަތުވާ އަހަރެން ބަލައިފީމެވެ. އެ ފަތުވާ އަކީ އަޒްހަރުގެ މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ ގެ މަޖުލިހުގެ މެންބަރުންގެ އަޣްލަބިއްޔަތު ލިބިގެން، 6 ޑިސެމްބަރ2002 ގައި އަޒްހަރުގެ ނޫސް ކަމުގައިވާ ޞައުޠުލް އަޒްހަރުގައި ޝާއިޢު ކޮށްފައިވާ ފަތުވާއެކެވެ. މި މަޖުލިހަކީ ނޫހުގައި ބުނެފައި ވާހެން، މުޅި މަޖްމަޢެއް ނޫނެވެ. އެއީ މަޖްމަޢްގެ އެއް ބައެވެ. އަހަރެމެން އުންމީދު ކޮށްގެން ތިބީ، އަޒްހަރުގެ ނަމުގައި ވާހަކަ ދައްކާ ނޫހެއް މިފަދަ ގޮތަކަށް، މީހުންނަށް ޙަޤީޤަތް އޮޅުވާލަން މަސައްކަތް ނުކުރާނެ ކަމަށެވެ.

މި ފަތުވާ ނެރުމުގައި، އަޒްހަރުގެ މިފަދަ ފަތުވާތައް ނެރުމުގެ ކަންތައްތައް ކުރަން ޖެހޭ ނިޒާމާއި ޚިލާފުވެފައި ވެއެވެ. އަދި ނޫސްތަކުގައި ބުނަމުން ދާ ގޮތުގައި، މިފަދަ ގޮތަކަށް ނިޒާމާއި ޚިލާފުވުން، ރައްޔިތުންގެ މަޖްލިހުގައި ބައެއް މެންބަރުން ވަނީ މިކަމާ ސުވާލު ކުރަންވެސް ފަށާފައެވެ. މި ނުކުތާ އެއްކިބާ ކޮށްފައި މި ފަތުވާއަށް ބެލިއަސް، މިއީ މި ކަމާ ބެހޭ ގޮތުން ޝައިޚުލް އަޒްހަރު ނެރުއްވި ފުރަތަމަ ފަތުވާއެއް ނޫނެވެ. ކިއެއްތަ، މިއީ މީގެ އަހަރުތަކެއް ކުރިން ޝައިޚުލް އަޒްހަރު ނެރުއްވި ފަތުވާގެ ތަކުރާރެކެވެ. އެ ފަހަރު އެ ފަތުވާ ނެރުއްވީމާ، އެއީ ބާޠިލު ފަތުވާއެއް ކަމަށް ވިދާޅުވެ، އަޒްހަރުގެ އެތައް ސަތޭކަ ޢިލްމުވެރިން ފަތުވާއަށް ރައްދު ދެއްވިއެވެ. އަދި އެއަށް ވުރެ ގިނަ ޢަދަދެއްގެ މިޞްރުގެ ޢިލްމުވެރިން (އަޒްހަރު ނޫން) އެ ފަތުވާއަށް ރައްދު ދެއްވިއެވެ. އަދި އިސްލާމީ ދުނިޔޭގެ ފިޤުހު މަޖްމަޢުތަކުން ވެސް ރައްދު ދިނެވެ.

ފަތުވާގައި އައިސްފައި ވާ ގޮތުގައި، ފަތުވާ ބިނާކޮށްފައި ވަނީ މިއަންނަނިވި ކަންތައްތަކަށެވެ:-

1- ބޭންކަށް ލާރި ލާ މީހުން ބޭންކަށް ލާރި ދެނީ، ބޭންކަކީ އެ މީހުންގެ ވަކީލެއްގެ ހައިސިއްޔަތުން، ހުއްދަ މުޢާމަލާތްތަކުގައި އެ ފައިސާ މޭވާ (އިސްތިޘްމާރު/އިންވެސްޓު) ކުރުވާށެވެ. އަދި މި މޭވާކުރުމުން ލިބޭ ފައިދާ، ދެ ފަރާތް އެއްބަސްވާ މުއްދަތުތަކެއްގައި ބަހަން އެއްބަސް ވަނީއެވެ.

2- މި މުޢާމަލާތަކީ ދެ ފަރާތް ރުހިގެން ހިންގޭ މުޢާމަލާތެކެވެ. އަދި މިފަދަ ގޮތަކަށް ކުރެވޭ މުޢާމަލާތެއް، ޤުރުއާނާއި ސުންނަތުގައި މަނާ ކުރައްވާފައި ނެތެވެ.

3- ލިބޭނެ ފައިދާ ކުރީބައިގައި ބޭންކުން ކަނޑައަޅަނީ، ދުނިޔޭގެ އިޤްތިޞާދާއި ޤައުމުގެ އިޤްތިޞާދާއި ބާޒާރުގެ ހާލަތު އޮތް ގޮތް ބަލައި ރަނގަޅަށް ދިރާސާ ކުރުމަށް ފަހު އެވެ. އަދި ކުރެވޭ ކޮންމެ މުޢާމަލާތެއްގެ ވައްތަރާއި، އެ މުޢާމަލާތް ކުރެވޭ ދިގުމިނަށާއި، އެއިން ލިބޭނެ ފައިދާއެއް އަންދާޒު ކުރުމަށްފަހުއެވެ. އަދި މި ފައިދާއަކީ އިތުރުވެ އުނިވުން ޤާބިލު އެއްޗެކެވެ. ހަމަ އެހެންމެ މިއީ ފައިސާގެ ވެރިފަރާތައި އަދި ބޭންކަށް ވެސް މަންފާ ލިބޭ މުޢާމަލާތެކެވެ.

އަހަރެން މި ފަތުވާއަށް ރައްދު ދެނީ މި އަންނަނިވި ނުކުތާތަކުންނެވެ:-

ޝައިޚުލް އަޒްހަރުގެ ފަތުވާގައި ހުރި ބައެއް މައްސަލަތައް :

1- މި ފަތުވާގައި ބުނެފައި ވަނީ ބޭންކަށް ލާ ލާރިއަށް ލިބޭ ފައިދާގެ ޙުކުމެވެ. އެ ފައިދާއަކީ، ލާރި ލާ މީހާއާއި ބޭންކާއި ދެމެދު ކުރެވޭ ފައިދާހުރި މަސައްކަތަކުން ލިބޭ އެއްޗެއް ކަމަށް ބުރަވެ ތިބެއެވެ. ނަމަވެސް، ވިޔަފާރި ކުރަން ނުވަތަ އަމިއްލަ ބޭނުމަކަށް ނަމަވެސް، ބޭންކުން ލޯނު ނެގުމުގެ ޙުކުމް، މި ފަތުވާގައި ހިމަނާފައި ނުވެއެވެ. މީގެ ކުރިން ފަޟީލަތުއް ޝައިޚް ވަނީ، ބޭންކުން ލޯނު ނެގުމަކީ (ރިބާ ބޭންކުން އާދަވެގެން މި ނަގާގޮތަށް) ޙަރާމް ކަމެއް ކަމަށާއި ދިރިއުޅުމުގެ ޟަރޫރީ ކަމަކަށް މެނުވީ ލޯނު ނަގައިގެން ނުވާނެ ކަމަށް ވިދާޅުވެ ފަތުވާ ދެއްވާފައެވެ. ޟަރޫރަތަކީ ކޮބައިކަން ޝަރަޙަ ކުރައްވަމުން ޝައިޚް އޭރު ވިދާޅުވެފައި ވަނީ:'' ޙަޔާތުގެ ޟަރޫރީ ކަމަކަށްޓަކައި މެނުވީ، އެހެން މީހެއްގެ އަތުން - އެއީ ފަރުދަކަށް ވިޔަސް ބޭންކަކަށް ވިޔަސް- ލޯނު ނެގުމަކީ(ރިބާ ބޭންކުން އާދަވެގެން މި ނަގާގޮތަށް) އެއީ ހުއްދަ ކަމެއް ނޫނެވެ. ޟަރޫރަތަކީ، އެ ކަމެއް ނު ފުއްދައިފި ނަމަ، އިންސާނާގެ ޙަޔާތަށް ނުރައްކާވެދާނެ ކަންތަކެވެ. (މަޞްދަރު: އަލްޢާލަމް އަލްޔައުމު/25 އޮކްޓޯބަރ 1999)

މި ފަތުވާއިން ދޭހަވާ މަންޠިޤީ ނަތީޖާއަކީ، އަމިއްލަ ބޭނުމަކަށް ވިޔަސް އަދި އިސްތިޘްމާރު ކުރަން ވިޔަސް، ބޭންކުން ލޯނު ނެގުމަކީ ހުއްދަ ކަމެއް ނޫން ކަމެވެ. މިއީ ޝަރުޢީ ގޮތުން ބަލާއިރު ރަނގަޅު ފަތުވާއެކެވެ. އަދި ޢިލްމުވެރިންގެ އިޖްމާޢު އާއި ފިޤުހީ މަޖްމަޢްތަކުގެ ޤަރާރުތަކާ ވެސް އެއްގޮތް ފަތުވާއެކެވެ.

2- ފާހަނގަ ކުރެވޭ އަނެއް ކަމަކީ، މިހާރުގެ މުފްތީ ޑޮކްޓަރ އަޙްމަދު އައްޠައްޔިބް މި ފަތުވާއަށް، އެއްކޮށް ތާއީދެއް ނުކުރައްވައެވެ. ފާއިދާ ހުއްދަ ކޮޅަށް ފަތުވާ ދެއްވުމަށްފަހު، އެއާ ވިއްދައިގެން ޖުމްހޫރު ޢިލްމުވެރިން ގެ ފަތުވާ ބަޔާން ކުރައްވާ، އެ މީހަކަށް ބޮޑަށް ޤަބޫލު ކުރެވޭ ފަތުވާއެއް ނެގުމަށް އޭނާ ވިދާޅުވެފައި ވެއެވެ. (މަޞްދަރު:ޞަޙީފަތު އައްލިވާ އަލްއިސްލާމީ 26/12/2002)

3- ފާއިދާއެއް ކުރީބައިގައި ކަނޑައެޅުން އެއީ ހުއްދަ ގޮތެއް ކަމަށް ބުނެ، އޭގެ ސަބަބެއް ކަމަށް މި ފަތުވާގައި ބުނެފައި ވަނީ، ލާރި ލާ މީހާއާއި ބޭންކާއި ދެމެދު ހިނގަނީ ''ވަކާލާ'' މުޢާމަލާތެއް ކަމަށެވެ. އަދި ފައިދާގައި ދެ ފަރާތް ބައިވެރިވަނީ ކަމަށެވެ. ނަމަވެސް، މިއީ ރަނގަޅު ބިންގަލެއް ނޫންކަން ފަހުން ބަޔާން ކުރާނަމެވެ. ރައުޔު ބިނާ ކުރި ބިންގާ ރަނގަޅު ނޫން ނަމަ، ފައިދާގެ މިންވަރު ކަނޑައެޅުމުގެ ނުކުތާއަކީ އެއްވެސް އަހައްމިޔަތެއް ހުރި ނުކުތާއެއް ނޫނެވެ. އެހެނީ ބިންގާ ބާޠިލް ވެއްޖެނަމަ އެ ބިންގަލެއްގެ މައްޗަށް ބިނާ ކުރި ނަތީޖާ ވެސް އޮންނާނީ ބާޠިލް ވެފައެވެ.

4- ދެ މީހަކު ކަމަކަށް ރުހި އެއްބަސް ވުމަކުން، ދީނުގައި ޙަރާމް ކަމެއް ޙަލާލް ކަމަކަށް، އަދި ޙަލާލް ކަމެއް ޙަރާމް ކަމަކަށް ބަދަލެއް ނުވާނެއެވެ. އެހެނީ އިސްލާމް ދީނުގައި ކަންކަން ޙަރާމް ކުރުމުގައި އޮންނަ މަންހަޖަކީ- ކިއެއްތަ ވަޟުޢީ ޤާނޫނުތަކުގައި ވެސް- ފަރުދުންނާއި މުޖްތަމަޢަށް ވާ ގެއްލުން ބޮޑު ނަމަ އެކަމެއް ޙަރާމް ކުރުމެވެ. ކަމުގެ ގެއްލުމާއި އަޅާ ބަލާއިރު، މަދު ބަޔަކަށް ކުޑަ ފައިދާއެއް ވިޔަސް ވެހެވެ. އެހެނީ ކޮންމެ ޙަރާމް ކަމަކީ ވެސް، އެކަމެއް ކުރާ މީހަކަށް ކޮންމެވެސް ކަހަލަ ފައިދާއެއް ވެދާނެ ކަމެކެވެ. ވީމާ ކަމެއް ޙަރާމް ކަމަށް ދީނުގައި ބަޔާންވެފައި ވަނިކޮށް، ބަޔަކު އެކަމާ ރުހުނަސް އެއީ ޙަލާލް ކަމަކަށް ބަދަލެއް ނުވާނެއެވެ.

5- އިސްލާމީ ޝަރީޢަތުގައި އަދި އުޞޫލުލް ފިޤުހުގައި ވެސް އޮންނަ ޙަޤީޤަތަކީ، މުޢާމަލާތުގެ ބާބުގައި، ދިމާވާ ކޮންމެ ކުޑަ ވަކިވަކި މައްސަލަތަކަށް ދަލީލެއް އޮންނާކަށް ނުޖެހެއެވެ. ސަބަބަކީ މުޢާމަލާތުގެ ކަންތައްތަކަކީ އަބަދު ވެސް ބަދަލުވޭވޭ އާވެ އާވެ ހުންނަ ކަންތައްތަކެކެވެ. ވީމާ މުޢާމަލާތުގެ ކަންތައްތަކުގައި ބަލަން ޖެހެނީ، ދަލީލަކުން ކަމެއް ޙަރާމް ކުރެވުނު ސަބަބު، ފަރުޢީ މި މައްސަލައިގައި ވޭތޯއެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ބޭންކު ފައިދާގައި ރިބާގެ ސިފަ ހިމެނޭތޯއެވެ. ރިބާގެ ސިފަ ހިމެނެއްޏާ އެ ވާނީ ރިބާ އަށެވެ. ސިފަ ނެތް ނަމަ އެ ވާނީ ހުއްދަ މުޢާމަލާތަކަށެވެ.

6- ބޭންކު ފައިދާ އާއި ބެހޭ ގޮތުން ރަނގަޅު، ޝަރުޢީ ރައުޔަކާ ހަމައަށް ވާސިލު ވެވޭނީ، އޭގެ ކުރިން ރިބާ އަކީ ކޮބައި ކަމާއި، ރިބާ ކަން ދެނެގަނެވޭނެ ޢަލާމާތްތަކަކީ ކޮބައި ކަމާއި، އެއްޗެއް ރިބާއަށް ވާ ސަބަބަކީ ކޮބައި ކަން، ބަޔާންކޮށް، އޭގެ ޝަރުޢީ ޙުކުމް ބަޔާން ކުރުމަށް ފަހުގައެވެ. ހަމަ އެހެންމެ މި ފަދަ ފަތުވާއެއް ދެވޭނީ، ބޭންކުން ފައިދާ ދިނުމުގެ ކަންތައް ހިންގަނީ ކިހިނެއްތޯ އާއި، މިކަހަލަ މުޢާމަލާތްތައް ޢަމަލީ ގޮތުން ބޭންކުތަކުގައި ހިނގަނީ ކިހިނެއްތޯ އެނގި ދިރާސާ ކުރުމަށް ފަހުއެވެ. އަދި ބޭންކުން ހިންގާ މުޢާމަލާތަށް ދެވޭނެ ސިފައަކީ ކޮބައިތޯ، އިޤްތިޞާދީ އަދި ޤާނޫނީ މާހިރުންގެ ކިބައިން އަހައިގެންނެވެ.

ބޭންކު ފައިދާގައި ރިބާގެ ސަބަބު އެކުލެވޭތޯ އާއި، އޭގައި ރިބާގެ ސިފަތަކުގެ ތެރެއިން ސިފައެއް އެބަ ވޭތޯ ބެލޭނީ މިހިސާބުންނެވެ. އުޞޫލުލް ފިޤްހު ޢިލްމުވެރިން އިއްތިފާޤުވެލައްވަނީ، ''އެއްޗަކަށް ޙުކުމެއް ކަނޑައެޅޭނީ، އެ އެއްޗަކީ ކޮބައިކަން ތަސައްވަރު ވެގެން'' ކަމަށެވެ. އަދި މުފްތީއަކަށް ނުވަތަ ޤާޟީއަކަށް ވެސް ކަމެއްގެ ޝަރުޢީ ޙުކުމް ބަރާބަރަށް ބަޔާން ކުރެވޭނީ، ޝަރުޢީ ޢިލްމުގެ އިތުރުން، ކަމުގެ ޙަޤީޤަތް ރަނގަޅަށް އޮޅުން ފިލައި، އަދި ޙައްޤަށް ވާޞިލު ވުމުގެ އިޚްލާޞްތެރި ނިޔަތް އޮވެގެންނެވެ.

7- މަތީގައިވާ ނުކުތާއިން ދެވޭ އަނެއް ނުކުތާއަކީ، އިސްތިޢްމާރާ އެކު އަހަރެމެންގެ ތެރެއަށް އައި ރިބާ ބޭންކާއި އެ ބޭންކުތަކުން ދޭ ފައިދާއަކީ ހުއްދަ އެއްޗެއް ކަމަށް ހެދޭނެ، ޝަރުޢީ ޢުޒުރުތަކެއް ހޯދުން މަޤްޞަދަކަށް ހެދުން އެއީ، ހުއްދަވާނެ ކަމެއް ނޫނެވެ. ހަމަ އެހެންމެ، މި ބޭންކުތައް މަސައްކަތް ކުރާ ޙަޤީޤީ ގޮތާއި މުޅިން ތަފާތު ގޮތަކަށް ތަފްސީރު ކޮށްގެން ވެސް ނުވާނެއެވެ. ބޭންކުގެ ޙަޤީޤަތް އޮޅުވާލަން މަސައްކަތް ކުރުމަކީ، ބޭންކު ހިންގާ މީހުންގެ ތެރޭގައި ތިބޭ، އިސްލާމީ ޙުކުމެއް ނޭނގޭ، ޢަލްމާނީ ތަރުބިއްޔަތެއްގެ ވެރި ބައެއް މީހުން އާދަވެގެން ކުރާ ކަމެކެވެ. އެތަކެއް ޒަމާނެއް ވަންދެން އެ މީހުންނަށް ފަރިތަވެފައި އޮތް ނިޒާމެއް އެހެން ނިޒާމަކަށް(އިސްލާމީ ނިޒާމަކަށް) ބަދަލު ކުރުމަކީ މިފަދަ މީހުން ބޭނުންވާ ކަމެއް ނޫނެވެ.

ބޭންކުގެ މަސައްކަތް ރަނގަޅަށް ތަޞައްވަރު ނުކުރެވިއްޖެ ނަމަ، އެކަމާ މެދު ބުނެވޭ ޝަރުޢީ ޙުކުމް ވެސް ބުނެވޭނީ ނުބައިކޮށެވެ. އަހަރެންނަށް ހީވަނީ، ޝައިޚުލް އަޒްހަރު ވަނީ، މި ބުނި ކަހަލަ ރޭވުމެއްގެ ޝިކާރައަކަށް ވެވަޑައިގެންފައެވެ. އެހެނީ ބޭންކުތަކުގެ މީހުން އަބަދުވެސް ދަނީ ބޭންކު ފައިދާ ދިނުމުގެ ނިޒާމަށް ފާޑުފާޑު ބަހަނާ އާއި އުޒުރު ދައްކަމުންނެވެ. އަދި ލާރި ލާ މީހާއާއި ބޭންކާއި ދެމެދު އޮންނަ ގުޅުމަކީ، ވަކާލާ ޢަޤުދެއްގެ ގުޅުން ކަމަށް ބުނެ، ބޭންކު ފާއިދާ އަށް ބަހަނާއެއް ދެއްކޭތޯ އެ މީހުން އުޅެއެވެ. ނަމަވެސް މި ގުޅުން މިގޮތަށް ސިފަކުރުމަކީ، ޙަޤީޤަތާއި މުޅިން ޚިލާފު ސިފަކުރުމެކެވެ. ލާރި ލާ މީހާއާއި ބޭންކާއި ދެމެދު އޮންނަ ގުޅުމަކީ ވަކާލާ ޢަޤުދުގެ ގުޅުމެއް ނޫންކަން އެންމެ ފުރަތަމަ އެނގޭނެ ބަޔަކީ ވެސް، ބޭންކުވެރިންނެވެ. ބޭންކާއި ބެހޭގޮތުން ހޯދިފައިވާ ހުރިހާ ދިރާސާއެއްގައި، އަދި އިޤްތިޞާދީ ފިކުރުގައި، އަދި ބޭންކު ހިންގުމުގެ ޤާނޫނުގައި ބުނެފައި ވަނީ އެ މީހުން މި ބުނާ ގޮތާއި ޚިލާފަށެވެ. މި އެއްޗެހީގައި ބުނަނީ، ބޭންކަކީ ލޯނު ނަގާފައި ލޯނު ދޭ ތަނެއް ކަމަށެވެ. ވަކި ނިސްބަތެއްގެ ފައިދާއެއް ދީފައި މީހުން އަތުން ލޯނު އަތުލާފައި، އަނެއްކާ އެހެން ބަޔަކަށް އެއަށް ވުރެ މަތީ ނިސްބަތެއްގެ ފައިދާ ލާފައި ލޯނު ދެނީއެވެ. އަދި ބޭންކަށް ވާ ފައިދާ އަކީ މި ދެ ނިސްބަތުގެ ފަރަގެވެ. މުޅި ދުނިޔޭގައި ވެސް ހިނގަމުންދާ ބޭންކު ނިޒާމަކީ މިއީއެވެ. މިޞްރުގައި ވެސް ކަން އޮތް ގޮތަކީ މިއީއެވެ.

ރިބާ ފައިދާއާއި ޙަލާލް ފައިދާއާއި ހުރި ތަފާތު

ކީރތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވަނީ: الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ذَلِكَ بِأَنَّهُمْ قَالُواْ إِنَّمَا الْبَيْعُ مِثْلُ الرِّبَا وَأَحَلَّ اللّهُ الْبَيْعَ وَحَرَّمَ الرِّبَا

މާނަ: ''ސޫދު(ރިބާ) ކާ މީހަކަށް، ޝައިޠާނާގެ ބީހުމުން މޮޔަކޮށްފައިވާ މީހަކު ކޮޅަށް ތެދުވާފަދައަކުން މެނުވީ، ޤިޔާމަތް ދުވަހު ކޮޅަށް ތެދުވެ ނުހުރެވޭނެއެވެ. އެ ގޮތީ އެ މީހުން ބުނެ އުޅޭ ކަމަށްޓަކައެވެ. ވިޔަފާރިއަކީ ހަމަ ގައިމުވެސް ސޫދު ކަހަލަ އެއްޗެކެވެ. ނަމަވެސް، ﷲ، ވިޔަފާރި ކުރުން ޙަލާލް ކުރައްވާ، ސޫދު ކެއުން ޙަރާމް ކުރައްވައިފިއެވެ. މާތް ﷲ މިކަމުގެ މައްޗަށް ގަދަ ނަޞޭޙަތް ވަޙީ ކުރެއްވުމުން، ސޫދު ކެއުން ހުއްޓާލައިފި މީހަކު، ފަހެ އެ މީހަކުގެ ކިބައިން، ވޭތުވެ ދިޔަ ތަނުގެ ފާފަތައް ޢަފޫ ވީއެވެ. އަދި އެ މީހާގެ މައްޗަށް އާޚިރަތުގައި ނިޔާ ކަނޑައަޅުއްވައި ނިންމެވުން ވަނީ ﷲ އަށެވެ. ނަމަވެސް ސޫދު ކެއުމަށް އަލުން އެނބުރި އަރައިގެންފި މީހަކު، ދަނެއުއެވެ. ފަހެ އެކަހަލަ މީހުންނަކީ ނަރަކައިގެ އަހުލުވެރިންނެވެ. އެތަނުގައި އެ މީހުން ދެމި ތިބޭނެތެވެ. '' (ބަޤަރާ :275)

މި އާޔަތުން މި އަންނަނިވި ފައިދާތައް ނެގެއެވެ. އެއީ:-

1- މި އާޔަތުގެ މަޤްޞަދަކީ ވިޔަފާރިއަކީ އޭގެ ޒާތުގައި ހުއްދަ އެއްޗެއް ކަން ބަޔާން ކުރުމެއް ނޫނެވެ. އެހެނީ ވިޔަފާރިއަކީ ހުއްދަ ކަމެއްކަން އެހެން އާޔަތްތަކުންނާއި ޙަދީޘްތަކުން އެނގެން އެބަ އޮތެވެ. މި އާޔަތުގެ އެއް މަޤްޞަދަކީ، ދެ މީހެއްގެ ދެމެދުގައި ވިޔަފާރިކޮށްގެން ލިބޭ ފައިދާ އަކީ ޙަލާލް އެއްޗެއްކަން ބަޔާން ކުރެއްވުމެވެ. ވިޔަފާރި ކޮށްގެން ލިބޭ ފައިދާ އަކީ، ރިބާ ފައިދާގެ އިދިކޮޅެވެ.

2- ރިބާ ފައިދާއާއި ވިޔަފާރީގެ ފައިދާއާއި، ބޭރުފުށުން އެއްގޮތް ގޮތެއް އެބަ ހުންނަކަން، މި އާޔަތުން ދޭހަ ވެއެވެ. އެހެނި މި ދެ ފައިދާ އަކީ ވެސް ރައުސްމާލަށް އިތުރުވާ އިތުރުވުމެކެވެ. ޖާހިލިއްޔަ ޒަމާނު މީހުން، ވިޔަފާރި އަކީ ރިބާއާއި އެއްގޮތް އެއްޗެކޭ ބުނީ، އެއްގޮތް ކަމަށް ބޭރުފުށުން މި ހީވާ ހީވުމަށް ބަލާފައި ޙަޤީޤަތް އޮޅުވާލުމުގެ ގޮތުންނެވެ. މިއަދު ބޭންކު ފައިދާ ހުއްދަ ކަމަށް ދައުވާ ކުރާ މީހުން، ހިފައި ދަމާ ޝުބުހާ އަކީ ހަމަ މިއީއެވެ. ވަކި ތަފާތެއް ނެތެވެ.

3- ރިބާ އާއި ވިޔަފާރީގެ ފައިދާ އާއި ދޭތީގައި ބޭރުފުށުން އެއްގޮތް ގޮތެއް ހުއްޓަސް، މި ދޭއްޗަކީ މުޅިން ތަފާތު ދޭއްޗެކެވެ. އެހެނީ މި ދެ ފާއިދާ އަކީ މުޅިން ތަފާތު ދެ މުޢާމަލާތަކުން އުފެދުނު ދެ ފައިދާއެކެވެ. މި ދެ މުޢާމަލާތުގެ ތެރެއިން އެއް މުޢާމަލާތަކީ، ޙަލާލު ފައިދާއެއް ހޯދުމުގެ ޠަބީޢަތެއް އެކުލެވޭ، އިންސާނުންނަށް މަންފާ ކުރުމުގެ ޚާއްޞިއްޔަތެއް އެކުލެވޭ މުޢާމަލާތެކެވެ. އެއީ ވިޔަފާރިއެވެ. އަނެއް މުޢާމަލާތަކީ، އިންސާނުންނަށް މަންފާ ހުރި އެއްޗަކަށް ނުވާތީ ޙަރާމް ކުރެއްވީއެވެ. އެއީ ވިޔަފާރީގެ ރިބާއެވެ.

ދެން ޖެހިގެން އައި އާޔަތްތަކުގައި، މާތް ﷲ ބަޔާން ކުރައްވާފައި މިވަނީ، ޙަރާމް ރިބާ އުފެދޭ އަނެއް ގޮތެވެ. يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ * فَإِن لَّمْ تَفْعَلُواْ فَأْذَنُواْ بِحَرْبٍ مِّنَ اللّهِ وَرَسُولِهِ وَإِن تُبْتُمْ فَلَكُمْ رُؤُوسُ أَمْوَالِكُمْ لاَ تَظْلِمُونَ وَلاَ تُظْلَمُونَ * وَإِن كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَى مَيْسَرَةٍ وَأَن تَصَدَّقُواْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ

މާނައަކީ: ''އޭ އީމާންވެއްޖެ މީސްތަކުންނެވެ. ކަލޭމެންނަކީ އީމާން ވާ ބަޔަކު ކަމުގައި ވަނީ ނަމަ ﷲ އަށް ބިރުވެތިވެ ތިބޭ ހުށިކަމެވެ. އަދި ސޫދުގެ ތެރެއިން ބާކީ ލިބެން އޮތް އެއްޗެއް، ހަމަ މުޅިން ދޫކޮށްލާ ހުށިކަމެވެ. * މިކަން މިހެން ނުކޮށްފިނަމަ، ދެން ކަލޭމެންގެ މައްޗަށް ﷲ އާއި އެކަލާނގެ ރަސޫލާގެ ފަރާތުން، ހަނގުރާމަ އިޢްލާންވެގެން ހުރި ކަމުގެ އިންޒާރު ލިބިގަންނަ ހުށިކަމެވެ. ނަމަވެސް ކަލޭމެން ތައުބާ ވެއްޖެނަމަ، ކަލޭމެންނަށް، ކަލޭމެން ދަރަންޏަށް ދިން ޢަދަދުގެ ފައިސާ (ސޫދާ ނުލައި) ލިބޭ ހުއްޓެވެ. އަދި ކަލޭމެން އަނެކުންނަށް އަނިޔާވެރި ނުވާހުށިކަމެވެ. އަދި ކަލޭމެންނަށް ވެސް އަނެކުންގެ ކިބައިން އަނިޔާވެރި ކަމުގެ ކަމެއް ކުރެވިގެން ނުމެވާހުށި ކަމެވެ. * އަދި ދަރަނިވެރިޔާ ވަނީ ދަތި ހާލުގައި ނަމަ، އޭނާއަށް، ދަރަނި އަދާކުޅައުމަށް ތަނަވަސްވެ ފަސޭހަ ފުރުޞަތެއް ލިބޭންދެން، ދަރަނި ނެގުން ފަސްކޮށްލާށެވެ. އަދި، އެއަށްވުރެސް ވެސް މޮޅު ރަނގަޅު ގޮތަކީ، ޞަދަޤާތުގެ ގޮތުގައި، އެ ދަރަނި ކަނޑައިލަ ދިނުމެވެ.'' (އަލްބަޤަރާ:278،279،280)

ފަހެ މި އާޔަތްތަކުގައި ވަރަށް ޞަރީޙަކޮށް މިވަނީ، ރިބާ އާއި ދަރަންޏާއި ގުޅުވާފައެވެ. މި އާޔަތުގައި ބަޔާން ކުރެވިފައި މިވަނީ، ރިބާ އަކީ ދަރަންޏަށް ދެވޭ ރައުސްމާލަށް ވުރެ އިތުރުވާ ކޮންމެ އިތުރުވުމެއް ކަމެވެ. ދަރަންޏެއް ދިން މީހަކަށް އަނބުރާ ހޯދޭނީ އޭނާ ދިން ރައުސްމާލް އެކަނި ކަމެވެ. ދަރަނި އަތުލި މީހާ އަށް ދަރަނި އަދާކުރުމުގައި ދަތިކަމެއް އުޅޭނަމަ، ޖެހޭނީ އަދާ ކުރުން ލަސްކޮށްދޭން ކަމެވެ. މި ތަންކޮޅުން އެނގޭ އެއްޗެކީ ދަރަނިވެރިއާ އަކީ ތަނަވަސް މީހަކަށް ވިޔަސް، ރިބާ ދީގެން ނުވާނެ ކަމެވެ. ކިއެއްތަ، އޭނާ އަށް ޖެހޭނީ އަދާ ކުރުން ފަސް ނުކޮށް އަވަހަށް ދަރަނި އަދާ ކުރާށެވެ. ދެން ބަޔާން ކުރައްވާފައި ވަނީ، ދަރަނި އަދާ ކުރަން ދަރަނިވެރިއާ ނުކުޅެދޭ ހިނދު، ޞަދަޤާތެއްގެ ސިފައިގައި އޭނާއާށް އެހީތެރިވުން މޮޅު އިތުރު ކަމެވެ. ދަރަނީގެ މައްޗަށް ދަރަންޏެއް އިތުރު ކުރުމެއް ނޫނެވެ. މި އާޔަތުން އެނގޭ އެއްޗަކީ، މި މުޢާމަލާތް ޙަރާމް އެއްޗަކަށް ވުމުގެ ހަމައެކަނި ސަބަބަކީ، ދަރަނީގެ ރައުސްމާލަށް ވުރެން އިތުރުވުމެވެ. ވީމާ ފިޤުހުވެރިން އިއްތިފާޤުވެލައްވާފައި ވަނީ، ދަރަނީގެ އަސްލު ޢަދަދަށް ވުރެ އިތުރަށް އަދާ ކުރަން ޝަރުޠު ކުރެވޭ ކޮންމެ އިތުރުވުމަކީ، ރިބާ ކަމުގައެވެ.

މި ހިސާބުން އަހަރެމެންނަށް އެނގެނީ:-

1- ރިބާގެ ސަބަބަކީ އަދި އޭގެ އަސްލަކީ، ދަރަންޏެއް އަދާ ކުރުން ފަސްކުރުމުގެ ބަދަލުގައި އިތުރު ކުރެވޭ އިތުރުކުރުން ކަމެވެ. އަދި ވިއްކައިގެން ލިބޭ ފައިދާ ހުއްދަ އެއްޗަކަށް ވީ، އެއީ އެއްޗެއް ވިއްކައިގެން ލިބުނު ފައިދާއަކަށް ވީމައެވެ. ވީމާ ވިޔަފާރީގެ މުޢާމަލާތަކުން ލިބޭ ފައިދާއަކީ ޙަލާލް އެއްޗެކެވެ. ދަރަނީގެ މުޢާމަލާތަކުން ލިބޭ ފައިދާ އަކީ ޙަރާމް އެއްޗެކެވެ.

2- ވިޔަފާރިއަކީ އެތައްފަހަރަކު ގަނެވިއްކުމެވެ. ވީމާ ވިޔަފާރިގެ މުޢާމަލާތުގައި ހިނގާނީ ހަމަ ވިއްކުމުގެ ޙުކުމްތަކެވެ. އަދި ޤުރުއާނުގެ ނައްޞުން ވަނީ ވިޔަފާރި ހުއްދަ ކުރައްވާފައެވެ. ދެން ވިއްކުމާއި ވިޔަފާރިއަށް ހިނގާ ޙުކުމްތައް، މުޝާރަކާ އަށް ވެސް ހިނގާނެއެވެ. އެހެނީ މުޝާރަކާ (ކުންފުނި) އަކީ ވިޔަފާރިއެއްގައި ބައިވެރިވުމެވެ. ޞަޙީޙް ޙަދީޘްތަކުން އެނގޭ ގޮތުގައި މުޝާރަކާ އާއި، ވިޔަފާރި އަކީ ހުއްދަ ދޭއްޗެވެ. ފިޤުހު ފޮތްތަކުގައި ޝަރާކާ (ކުންފުނި) ގެ ވައްތަރުތަކާއި އޭގެ ޙުކުމްތަކާއި ބެހޭ ގޮތުން ވަރަށް ތަފްޞީލުކޮށް ވާހަކަ ދެކެވިފައި ވެއެވެ. އިސްލާމް ދީނުގައި ވަނީ ފައިސާ ގެ މުޝާރަކާ އާއި، މީހާ މުޝާރަކާ ވުމާއި، އަދި މުޟާރަބާ މުޝާރަކާ ހުއްދަ ކުރައްވާފައެވެ.

3- އެއްވެސް މިންވަރެއް އިތުރު ކުރުން ޙަރާމް ވާ ދަރަނީގައ،ި ހުންނަ ފާހަނގަ ކުރެވޭ އެންމެ މުހިއްމު އެއް ސިފައަކީ، އޭގައި ދަރަނި ދިން މީހާގެ ޙައްޤު ދަރަނި އަތުލާ މީހާ ޖާމިނުވާ ކަމެވެ. އަދި އެއީ އެއް ބާވަތެއްގެ ދެ ނަޤުދުގެ ދެމެދުގައި ކުރެވޭ މުޢާމަލާތެކެވެ. އަދި ދަރަނި އަތުލި މީހާއަށް ލިބޭ އެއްވެސް ގެއްލުމެއް، ދަރަނި ދިން މީހާ ނު އުފުލައެވެ.

ފައިދާ ޙަލާލް ވާ ވިއްކުމުގައި ހުންނަ ފާހަނގަ ކުރެވޭ އެންމެ މުހިއްމު އެއް ސިފައަކީ، އެއީ ސިފައާއި މަންފާއާއި އޭގެ ޙަޤީޤަތް މުޅިން ތަފާތު ދޭއްޗެއް ބަދަލު ކޮށްގެން ހޯދުނު ފައިދާއެކެވެ. އެއް ބާވަތަކީ ނަގުދެކެވެ. އަނެއް ބާވަތަކީ އެއްޗެއް ނުވަތަ ގެއެއް ނުވަތަ އެ ނުންވެސް އުފުލައި ގެންދެވޭ އެއްޗެކެވެ. ވިއްކާ މީހާ އޭނާ އަތުގައި ހުރި އެއްޗެހި ނުވިކި ނުވަތަ ހަލާކުވެ ނުވަތަ ނު އަގުގައި ވިއްކަން ޖެހުމުގެ ނުރައްކާ އެބަ އުފުލައެވެ. އަދި އެ ރައްކާކޮށް ޙިމާޔަތް ކުރާށާއި އެ ވިއްކަން އޭނާ ހޭދަ އެބަ ކުރެއެވެ. ވިއްކާ މީހާ ކުރާ މަސައްކަތަކީ ދަނޑުވެރިކަން، އުފެއްދުންތެރިކަން، ވިޔަފާރި ފަދަ ފައިދާ ހުރި، އަދި ގެއްލުމާއި ފައިދާ ވުމުގެ އިހުތިމާލު އޮންނަ މަސައްކަތްތަކެވެ.

ރިބާ ފައިދާއާއި ޙަލާލް ފައިދާއާއި ވަކި ކުރެވޭނެ ޢަލާމާތް

ދަރަނިން ލިބޭ ޙަރާމް ފައިދާއާއި ވިއްކައިގެން ލިބޭ ޙަލާލް ފައިދާ އާއި ދެމެދު ހުރި ތަފާތާއި، ދޭތީގެ ޙުކުމް ތަފާތު ވީ ސަބަބަށް ބެލީމާ އެނގޭ އެއްޗަކީ، މި ދެ ފައިދާ ވަކިކޮށް ދެނެގަނެވޭނެ ވަރަށް ފާޅު ޢަލާމާތެއް ވާ ކަމެވެ. އެއީ:- ދެ ފަރާތެއްގެ ދެ މެދުގައި ކުރެވޭ އެއްވެސް މުޢާމަލާތަކީ -ކޮންމެ ނަމެއް ކިޔަސް- އޭގައި އަތުލި ޢަދަދަށް ފަހުން ދައްކަން ޖެހޭ ފައިސާއެއް ވާނަމަ، އެ ވާނީ ދަރަންޏަކަށެވެ. ދިން މީހާ ވާނީ ދަރަނި ދިން މީހާއަށެވެ. އަނެއް މީހާ ވާނީ ދަރަނިވެރިއަކަށެވެ. އަދި މި ފައިސާއަށް އިތުރު ކުރެވޭ ކޮންމެ އިތުރު ކުރުމެއް ވާނީ، ރިބާ އަށެވެ.

ނަމަވެސް، މުޢާމަލާތުގައި ފަހުން ދައްކަން ޖެހޭ ފައިސާއެއް ނެތި، އަދި ފައިސާއާ ހަވާލުވެގެން ހުރި މީހާ އޭނާގެ ބައިވެރިއާގެ ފައިސާއަށް އަމާނާތްތެރިއެއްގެ ގޮތުގައި ހުރެ، ވިޔަފާރިން ގެއްލުން ވިޔަސް ނުވަތަ މުދާ ހަލާކުވިޔަސް(ފަރުވާ ކުޑަނުކުރަންޏާ) ޒިންމާވާން ނުޖެހި، ފައިދާ ގިނަޔަސް މަދަސް ދެ މީހުންގެ ދެމެދުގައި އެ ބަހައިފި ކަމަށް ވަންޏާ، އެ ވާނީ ފައިސާގައި ބައިވެރި ވާ މީހަކަށެވެ. އަދި މިއަށް ދެވޭނެ ނަމަކީ ޝަރާކާއެވެ. އަދި ރައުސްމާލަށް އިތުރުވާ އެއްޗަކީ ޙަލާލް ފައިދާއެކެވެ.

ވީމާ، މި ހިސާބުން އެނގޭ މުހިއްމު ނުކުތާ އަކީ، މުޢާމަލާތެއްގެ ޙުކުމް ބަޔާން ކުރަން، ފުރަތަމަ ބަލަން ޖެހެނީ އެ މުޢާމަލާތެއްގައި ހިމެނޭ ފާހަނގަ ކުރެވޭ ސިފަތަކަށާއި އޭގެ ޙަޤީޤަތަށާއި، އެ މުޢާމަލާތެއްގެ ޤާނޫނީ އަދި ޝަރުޢީ ގިއުގަނޑަށެވެ. އަދި ދެ ފަރާތުގެ ދެމެދުގައި އޮތީ ދަރަނި ދޭ މީހަކާއި ދަރަނި އަތުލާ މީހެއްގެ ގުޅުންތޯ ނުވަތަ މުޝާރަކާގެ ގުޅުންތޯއެވެ.

ބޭންކު ފައިދާގެ ޙަޤީޤަތާއި، ބޭންކުން ފައިސާއާއި މުޢާމަލާތް ކުރާ ގޮތް :

ބޭންކުން ކުރާ އެންމެ މުހިއްމު މައިގަނޑު މަސައްކަތަކީ، ޢާއްމުން ގެ އަތުން ފައިސާ އަތުލާފައި، މަޝްރޫޢުތަކަށް ނުވަތަ އަމިއްލަ ބޭނުންތަކަށް ފައިސާ އަށް ބޭނުންވާ މީހުންނަށް، އެ ފައިސާތައް ލޯނުގެ ގޮތުގައި ދިނުމެވެ.

މިއީ ބޭންކުތަކުގެ ޤާނޫނާއި، އިޤްތިޞާދީ ޢިލްމުގައި އެނގި ފާޅު ކަމެކެވެ. ބޭންކުތައް އުފެދުނީއްސުރެ ވެސް، ކުރާ މައިގަނޑު މަސައްކަތަކީ ދަރަނި އަތުލާފައި ދަރަނި ދިނުމެވެ. އިޤްތިޞާދީ އަދި ބޭންކާއި ބެހޭ ތަޖުރިބާކާރުން ބުނަނީ:- ބޭންކުތަކުގެ މައިގަނޑު މަސައްކަތަކީ ދަރަނި އަތުލާފައި ދަރަނި ދިނުމެވެ. އަދި މިހާރުގެ އިޤްތިޞާދުގެ މައިގަނޑު އެއްމަސަކަތަކީ މިއީއެވެ.

އަދި ކުރެވިފައިވާ އިޤްތިޞާދީ ދިރާސާތަކުގައި ބުނަނީ، ފައިދާގެ ރޭޓާއި ދަރަންޏަށް ވާ ފައިދާ އަކާއި ގެއްލުމަކާއި އޮންނަ ސީދާ ގުޅުމެއް ނޯންނަ ކަމަށެވެ. ކިއެއްތަ، ބޭންކުތަކުން ފައިދާގެ ރޭޓު ކަނޑައަޅަނީ ބޭރުގެ އެހެނިހެން ވަރަށް ގިނަ ސަބަބުތަކެއް ވަދެގެންނެވެ. އޭގެ ތެރެއިން އެންމެ ފާހަނގަކޮށްލެވޭ ސަބަބުތަކަކީ، އިޤްތިޞާދު މައްޗަށް ދާ މިންވަރާއި ތިރިއަށް ދާ މިންވަރާއި، ބާޒާރުގައި ލިބެން ހުރި ނަގުދުގެ ތިޔާގިކަމަކާއި، ޤައުމުގެ ޤާނޫނާއި، ބޭންކުތަކުގެ ވެރިންގެ އަމިއްލަ މަސްލަހަތާއި، ބޭރުގެ ބާޒާރުތަކުގައި ފައިދާގެ ރޭޓު އޮންނަ ގޮތަކާއި، ބޭންކަށް ލާރި ބޭނުންވެފައި ވާ ކުޑަ ބޮޑު މިނެކެވެ.

ބޭންކުން، ދަރަނި އަތުލުމާއި ދިނުމުގެ މަސައްކަތް ހިނގާ މަރުހަލާތައް :

ފުރަތަމަ މަރުހަލާ : އެންމެ ފުރަތަމަ ކުރާ ކަމަކީ، ބޭންކަށް ލާރި ލާ މީހުންގެ އަތުން ފައިސާ ޖަމާކުރުމެވެ. މިއަށް ފައިސާ ރައްކާ ކުރަން ލުމޭ ކިޔެއެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ މުޅިން ރަނގަޅު މާނައެއް ނޫނެވެ. އެހެނީ ބޭންކުގައި ލިޔެވެނީ މި ފައިސާ އަކީ ލޯނުގެ ގޮތުގައި ދެވޭ އެއްޗެއް ކަމަށެވެ. ލާރި ލާ މީހާއަކީ ދަރަނި ދޭ މީހާއެވެ. ބޭންކަކީ ދަރަނި އަތުލާ މީހާއެވެ. އަދި މި ފައިސާ އަކީ ބޭންކުގެ ބޮލުގައި އެޅިފައިވާ ދަރަނީގެ ތެރެއަށް ވަންނަ އެއްޗެކެވެ. އަދި ބޭންކު މި ފައިސާ ފުރިހަމައަށް މިލްކުކުރެއެވެ. އަދި އެއަށް ފަހު ބޭންކު ކުރާ ކަމަކީ، ބޭންކުގެ އަމިއްލަ ފާއިދާއަށް އެ ފައިސާ، އިތުރު ކުރެވޭނެ ކަމެއް ކުރަނީއެވެ. މި އިން ބޭންކަށް ގެއްލުން ވިޔަސް ފައިދާއެއް ވިޔަސް އެ ލިބޭނީ ހަމައެކަނި ބޭންކަށެވެ. އެއްކަލަ ލާރި ލީ މީހާއަށް އޮންނާނެހާ ވެސް އެއްޗަކީ އޭނާ ދިން ރައުސްމާލާއި ކުރީއްސުރެ ކަނޑައެޅިފައިވާ ބޭންކު ފައިދާއެވެ.

ވަރަށް ހަނި ދާއިރާއެއްގައި މެނުވީ، ފައިދާއާއި ގެއްލުން ވުން ތަހައްމަލު ކުރަން ޖެހޭފަދަ މަޝްރޫޢުތަކުގައި، ބޭންކުގެ ރައުސްމާލް ލައިގެން މަސައްކަތް ކުރުމަކީ ޤާނޫނުގައި މަނާ ކަމެކެވެ.

ފައިސާ ރައްކާ ކުރުމުގެ ޙަޤީޤީ މާނައިގައި، ބޭންކުގައި ފައިސާ ރައްކާ ކުރެވޭނެ ނިޒާމެއް ވެސް އޮވެއެވެ. މި ނިޒާމުގައި އޮންނަ ގޮތަކީ ފައިސާ ރައްކާ ކުރަން ބޭނުންވާ މީހުންނަށް، ދަނގަނޑު އަލަމާރީ ނުވަތަ ވަތްގަނޑުތަކެއް، ވަކި އުޖޫރައަކަށް ދެނީއެވެ. ނަގުދު ނުވަތަ އަގުބޮޑު އެއްޗެހި މީގައި ރައްކާ ކުރެވިދާނެއެވެ.

ވީމާ މިއިން އެނގެނީ، ރައްކާ ކުރާށޭ ކިޔާފައި އަހަރެމެން އާދައިގެ ގޮތަށް ބޭންކަށް މި ލާ ފައިސާގެ އަސްލު ޙަޤީޤަތަކީ، އެއީ ދަރަންޏެއްގައި ހުންނަން ޖެހޭ ޝަރުޢީ އަދި ޤާނޫނީ ހުރިހާ ސިފައެއް ފުރިހަމަ ވާ، ދަރަންޏެއް ކަމެވެ.

ދެވަނަ މަރްޙަލާ : ދެން ބޭންކުން ކުރާ ކަމަކީ، އެއްކަލަ ފައިސާ ވިޔަފާރި ވެރިންނަށް ނުވަތަ އަމިއްލަ ބޭނުމަކަށް ލާރި ބޭނުންވާ މީހުންނަށް، ލޯނުގެ ގޮތުގައި ދެނީއެވެ. މި މިހުންނަށް ބޭންކުން މި ލޯނު ދޭނީ މާ މަތީ ފައިދާއެއް ލާފައެވެ.

މި މުޢާމަލާތަކީ ވެސް ދަރަނީގެ މުޢާމަލާތެކެވެ. މި ފަހަރު ބޭންކަކީ ދަރަނި ދޭ މީހާއެވެ. ވިޔަފާރި ވެރިއާ ނުވަތަ އެ ނޫން ވެސް މީހާ އަކީ ދަރަނި އަތުލާ މީހާއެވެ. ދަރަނީގެ މި މުޢާމަލާތުން ބޭންކަށް އަނބުރާ ލިބޭނީ، ދިން ރައުސްމާލާއި ކަނޑައެޅި އެއްބަސް ވި ރިބާ ފައިދާއެވެ. ވިޔަފާރިވެރިއާ ފެއްޓި މަޝްރޫޢުން ފައިދާ ވިޔަސް ގެއްލުން ވިޔަސް ތަފާތެއް ނެތެވެ. ބޭންކަށް ލިބޭ ފައިދާ އަކީ ލާރި ލާ މީހާއަށް ދިން ފައިދާ އާއި ލޯނު ނެގި މީހާ އަތުން ނަގާ ފައިދާގެ ދެމެދުގައި ހުރި ފަރަގެވެ. ބޭންކުތަކުގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، ބޭންކުތަކުގެ އާމްދާނީގެ 70 އާއި 80 އާއި ދެމެދު އިންސައްތަ އަކީ ފައިސާއަށް ބޭނުން ޖެހިފައިވާ މީހުންނަށް ލޯނު ދީގެން ލިބޭ އެއްޗެކެވެ.

ބޭންކުން ދަރަނި އަތުލާ މީހުން ގިނަފަހަރަށް އުޅެން ޖެހިފައި ވަނީ އެ ދަރަންޏަކުން ސަލާމަތް ނުވެގެންނެވެ. ނުދައްކާ ލަސް ކުރާ ވަރަކަށް ދަރަނި ދާނީ ބޮޑުވަމުންނެވެ. މިފަދަ ހާލަތަކަށް ވިޔަފާރިވެރިއަކު ވެއްޓިއްޖެނަމަ، އޭނާ ޖެހޭޏީ ވިޔަފާރިން ލިބޭހާ އެއްޗެއް ބޭންކަށް ދައްކާލަ ދައްކާލަ ހުންނާށެވެ. އެފްރިކާގެ ޤައުމުތައް، ތަރައްޤީ ނުވެ، ލިބޭ އާމްދަނީގެ ބޮޑު ބައެއް ލޯނު އަދާ ކުރަން މިއަދު ޖެހިފައިވަނީ، ނެގި ކުޑަ ދަރަންޏެއް ބޮޑުވަމުން ވަމުން ގޮސް، އަތް ނުފޯރާ ހިސާބަށް ގޮސްގެންނެވެ. އާޚިރު ނަތީޖާއަކީ، އެތައް ސަތޭކަ އަހަރެއް ވަންދެން، އެފްރިކާގެ ޤައުމުތަކަށް ލިބޭހާ އާމްދަނީއެއް އެއްކޮށް ދައްކައިގެން ނޫނީ، އަދާ ނުކުރެވޭހާ ބޮޑަށް ދަރަނިވެރި ވުމެވެ. އިޤްތިޞާދީ ދިރާސާތައް ބުނާ ގޮތުގައި، ބޭންކު ފައިދާގެ ނިޒާމަކީ ދުނިޔޭގެ ބައެއް ޤައުމުތަކުގެ އިޤްތިޞާދަށް، ނުހަނު ބޮޑު ގެއްލުން ދޭ އެއްޗެކެވެ.

ބޭންކު މުޢާމަލާތުގައި ވަކާލާ ޢަޤުދަކީ ނެތް އެއްޗެއް:

މި ހިސާބުން އެނގޭ އެއްޗަކީ، ބޭންކަށް ލާރި ލާ މީހުންނާއި ބޭންކާއި ދެމެދު ވަކާލާ ޢަޤުދެއް ނޯންނަ ކަމެވެ. ލާރި ލާ މީހުންނަކީ ބޭންކަށް ދަރަނި ދޭ ބައެކެވެ. ބޭންކަކީ ލާރި ލާ މީހާއަށް ދަރާފައިވާ ފަރާތެކެވެ. ލާރި ލާ އިރު، އެ ލާރި ލާ މީހުންގެ ފަރާތުން، އެ ފައިސާ އިތުރު ވާނެ އެއްވެސް ކަމެއް ބޭންކުން ކުރުން، އެއީ ލާރި ލާ މީހާގެ ނިޔަތުގައި ވެސް އޮންނަ ކަމެއް ނޫނެވެ. އަނެއްކޮޅުން، ބޭންކުން މި ފައިސާތައް އިތުރުކުރަން ކުރާ މަސައްކަތެއް ކުރަނީ، ލާރީ ލީ މީހުންގެ ލާބައަކަށް ވެސް ނޫނެވެ. ކިއެއްތަ، ބޭންކުގެ އަމިއްލަ ފާއިދާއަށެވެ. ވީމާ ލާރި ލާ މީހާއާއި ބޭންކާއި ދެމެދު އޮންނަ ގުޅުމަކީ، ވަކާލާ ގެ ގުޅުމޭ ބުނުމަކީ ވަހުމެކެވެ. ޙަޤީޤަތެއް ނޫނެވެ.

ހަމަ އެހެންމެ، ބޭންކުން ލޯނު ނަގައިގެން މަޝްރޫޢުތައް ހިންގާ މީހުންނާއި ބޭންކާއި ދެމެދު އޮންނަ ޝަރާކާ ގެ ގުޅުމެއް ވެސް ނެތެވެ. އެހެނީ އެ މީހުންގެ މަޝްރޫޢުތަކުގައި ބޭންކުން ބައިވެރިވާ ބައިވެރިވުމެއް ނެތެވެ. ބޭންކަކީ ފައިދާ އަކާ އެކު އަނބުރާ ރައުސްމާލު ދައްކާ ގޮތުގެ މަތިން، މަޝްރޫޢުތަކުގެ ވެރިންނަށް ލޯނެއް ދިން ފަރާތެވެ. ބޭންކަކީ މަޝްރޫޢުގައި ބައިވެރި ވާ ފަރާތެއް ނޫން ކަމާއި އެއީ ދަރަނި ދިން ފަރާތް ކަމުގެ އެއް ހެއްކަކީ، ބޭންކު ދިން ދަރަނި އަނބުރާ ހޯދަނީ ވެސް ނަގުދުންނެވެ. މިއާ ޚިލާފަށް ޝަރާކާގައި ޙަޤީޤީ ބައިވެރިއާ ބައިވެރިވުމަށް ފަހު އޭނާ ދިން ރައުސްމާލު ހުންނާނީ، މަޝްރޫޢުގެ ތެރެއަށް ވަދެ، އެއްޗެއްސަށް ބަދަލުވެފައެވެ. އަދި އޭނާގެ ރައުސްމާލު ނަގުދުން ލިބޭނީ، މަޝްރޫޢު ރޫޅާލާ ހިނދު ނުވަތަ އޭނާގެ ހިއްސާ އެހެން މީހަކަށް ވިއްކާލާ ހިނދުގައެވެ.

އަދި ބޭންކަށް ލިބޭ ފައިދާއަކީ ޙަޤީޤަތުގައި މަޝްރޫޢުން ލިބޭ ވިޔަފާރި ފައިދާއެއް ނޫނެވެ. ކިއެއްތަ، އެއީ ކުރިން އެއްބަސް ވެފައި ވާ ގޮތެއްގެ މަތިން ބޭންކު ދިން ލޯނަށް، ދައްކަންޖެހޭ ޕަސެންޓެކެވެ. ނެގި ލޯނުން މަސައްކަތެއް ކުރަން ފެއްޓިޔަސް ނުފެއްޓިޔަސް، އެ ލާރި މަޝްރޫޢުގައި ހިމެނިޔަސް ނުހިމެނިޔަސް، ބޭންކަށް ލާރި ދައްކަން ވެސް ޖެހެއެވެ. ވީމާ ފަތުވާގައި އެ ބުނާ ފައިދާއެއް، އެ ބުނާ މިންވަރު ކަނޑައެޅުމެއް ކޮބައިހެއްޔެވެ؟

ފަތުވާއަށް ރައްދު ދެވޭ އަނެއް ނުކުތާއަކީ، ވިޔަފާރީގެ ބޭނުންތަކަށް ވިޔަސް އަދި އަމިއްލަ ބޭނުމަށް ވިޔަސް، ބޭންކުން އެހެން ފަރާތްތަކަށް ދޭ ލޯނަކީ ޙަރާމް އެއްޗެއް ކަމަށް ފަތުވާއިން ދޭހަވުމެވެ. ފަތުވާއިން މިހެން ދޭހަ ވަނީ ލާރި ލައިގެން ލިބޭ ފައިދާ އެކޭ އެއް ގޮތަށް، ބޭންކުން ލޯނު ދީގެން ލިބޭ ފައިދާ އަކީ ޙަލާލް އެއްޗެއް ކަމަށް ބުނެފައި ނެތީމައެވެ. ބޭންކުން ދޭ ލޯނަކީ ޙަރާމް އެއްޗެއް ކަމަށް އެއްބަސް ވެއްޖެއްޔާ، ބޭންކަށް ލާރި ލާ މިހާ އަށް ފައިދާއެއް ލިއްބައި ދޭން ޖެހޭފަދަ އިސްތިޘްމާރީ މަސައްކަތެއް ވެސް ބޭންކުން ނުކުރާ ކަމަށް އެއްބަސް ވާން ޖެހެއެވެ. މިފަދަ މަސައްކަތެއް ބޭންކުން ނުކުރެއެވެ. މިއީ ޙަޤީޤަތެކެވެ. ބޭންކުތަކުގެ ޤާނޫނުގައި ވެސް މިކަން އޮތީ މިހެންނެވެ. ބޭންކުގެ ވަޒީފާއަކީ ދަރަނި އަތުލާފައި ދަރަނި ދިނުމެވެ.

ރިބާ އާއި ޙަލާލް ފައިދާ އާއި ދެމެދު ހުރި ފިކުރީ ތަފާތު :

1- ބޭންކުވެރިންނާއި ފައިސާވެރިން އަދި އިޤްތިޞާދީ، ޤާނޫނީ ތަޖުރިބާކާރުން އެއްބަސް ވާ ޙަޤީޤަތަކީ، ބޭންކުގެ މަސައްކަތް ބިނާ ވެފައި ވަނީ ލޯނު އަތުލުމާއި ލޯނު ދިނުމުގެ މައްޗަށް ކަމެވެ. ދުނިޔޭގެ މާލީ ނިޒާމު -މިޞްރުވެސް ވަނީ މި ނިޒާމު ތެރޭގައި- ދެކޭގޮތުގައި، ބޭންކު ފައިދާ އަކީ އޭގައި އަނިޔާވެރިކަމެއް ނުވާ ރިބާގެ ކުޑަ ކުޑަ މިންވަރެކެވެ. އަދި މި ބޭންކު ފައިދާއަކީ ދުނިޔޭގެ މާލީ ނިޒާމު ރަނގަޅަށް ހިނގަހިނގަ އޮތުމަށްޓަކައި ކޮންމެހެން ވެސް ބޭނުން އެއްޗެކެވެ. މިހެން ދެކޭ މީހުން މި ގޮތަށް ދެކެނީ، ''ފައިސާއަކީ އޭގެ ޒާތުގައި އަބަދު ދާއިމަށް އިތުރުވާ އެއްޗެއް'' ކަމަށް ބުނާ ޔަހޫދީންގެ ނަޒަރިއްޔާ ޤަބޫލު ކުރާތީއެވެ. އެ މީހުން ދެކޭ ގޮތުގައި، މީހެއްގެ އަތުގައި ހުންނަ ފައިސާއަކީ ކޮންމެ އިރަކު ވެސް ބޭނުން ފުއްދިދާނެ އެއްޗެކެވެ. ވީމާ ފައިސާއިން ލިބިގަނެވިދާނެ މަންފާ ދޫކޮށް، އެހެން މީހަކަށް އެ ފައިސާ ދަރަންޏަށް ދެންޏާ ކޮންމެވެސް ވަރެއްގެ އުޖޫރައެއް އެ ފައިސާއަށް ލިބެންޖެހެއެވެ. ނަމަވެސް އިސްލާމީ ނަޒަރިއްޔާ ދެކެނީ، ފައިސާއަކީ އޭގެ ޒާތުގައި އިތުރުވާ އެއްޗެއް ނޫން ކަމަށެވެ. އެއީ ދުނިޔޭގެ މަންފާތަކާއި އެއްޗެހި ބަދަލު ކުރަން ގެންގުޅޭ ވަސީލަތެކެވެ. ފައިސާ އިތުރުވާނީ، ފައިސާއާއި މަސައްކަތަކާ ގުޅުނީމައެވެ. ފައިސާ މަސައްކަތަކާ ގުޅުވާލެވިއްޖެނަމަ އޭގެ ތެރެއަށް، ފައިދާ ވުމާއި ގެއްލުން ވުމުގެ ނުރައްކާ ވަންނާނެއެވެ. އެހެނީ އިންސާނުން ކުރާ ކޮންމެ މަސައްކަތަކީ ވެސް، ރަނގަޅަށް ނުވަތަ ގޯސްކޮށް ހިނގައިދާނެ ކަންތަކެވެ. ފައިދާ ވެސް ވެދާނެއެވެ. ގެއްލުން ވެސް ވެދާނެއެވެ. އިސްލާމް ދީނުގައި އޮންނަ އެއް ޤަވާޢިދަކީ ''ފައިދާއެއް ލިބޭނީ ގެއްލުމެއް ލިބެން ތައްޔާރުނަމައެވެ.''

2- އިސްލާމީ ޝަރީޢަތުގައި، ރިބާ ޙަރާމް ކުރެއްވުމަށް ފަހު، ޙަލާލް އެތަކެއް މުޢާމަލާތެއްގެ ދޮރު ހުޅުވިފައި ވެއެވެ. ބޭންކު ފައިދާގެ ބަދަލުގައި މުސްލިމުންނަށް ބޭނުން ކުރެވިދާނެ، އެ އަށް ވުރެ މާ ރަނގަޅު ބަދަލުތަކެއް އެބަ ހުއްޓެވެ.

3- ފައިސާއެއް އިތުރުވެ ގިނަ ކުރެވޭނެ އެންމެ ފުރިހަމަ ގޮތަކީ، ރައުސްމާލާއި މަސައްކަތާއި ދޭތި ގުޅިގެން ކަމަށް، އިޤްތިޞާދުވެރިން އެއްބަސް ވެއެވެ. މި ދޭތީގެ ގުޅުވޭނެ އޮންނަނީ އެންމެ ދެ ގޮތެކެވެ. އެއީ:-

1- ފުރަތަމަ ގޮތަކީ ރައުސްމާލުގެ ވެރިއާ އަށް ސާބިތު ފައިދާއެއް ލިބޭ ގޮތަށް، ދަރަންޏެއް ދިނުމެވެ. މަސައްކަތުން ވާނެ ފައިދާއެއްގައި ވެސް އަދި ވެދާނެ ގެއްލުމެއް ގައި ވެސް އޭނާ ބައިވެރިއެއް ނުވާނެއެވެ. މަސައްކަތް ކުރާ މިހާ ނުވަތަ ވިޔަފާރިވެރިއާ މި ހާލަތުގައި ވާނީ ދަރަނި އަތުލާ މީހަކަށެވެ. އަދި އަނބުރާ ރައުސްމާލާއި އަދި އިތުރު ފައިދާއެއް އަދާކުރާނެ ކަމުގެ ޖާމިން ވާންޖެހެއެވެ. މި ނިޒާމަކީ އިޤްތިޞާދުގެ ދެ އަސާސް(ފައިސާއާއި މަސައްކަތް) ދެ މެދުގައި އޮންނަން ޖެހޭ ހަމަހަމަކަން ގެއްލުވާލާ ނިޒާމެކެވެ. ފައިދާއާއި ގެއްލުނު ވުން އެކުލެވޭ މަސައްކަތަށް ހިތްވަރު ދިނުމުގެ ބަދަލުގައި، މި ނިޒާމް ބޮޑަށް ސަމާލުކަން ދެނީ ސާބިތު ފާއިދާއެއް އަބަދު ލިބި ލިބި ހުންނަ ދަރަންޏަށެވެ. މިހެން މިކަން އޮތުމަކީ އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި އަޚްލާޤީ ގޮތުން ވެސް ވަރަށް ބޮޑެތި ނުރައްކާ ކުރިމަތި ވާ ކަމެކެވެ. ބޭންކު ފައިދާއަކީ ރިބާއަށް ވާތީ، އިސްލާމް ދީން ޙަރާމް ކުރާ ނިޒާމަކީ މިއީއެވެ.

2- ދެވަނަ ގޮތަކީ، ރައުސްމާލުގެ ވެރިއާ މަސައްކަތް ކުރާ މީހާ ނުވަތަ ވިޔަފާރިވެރިއާއާއި ބައިވެރިވެގެން، ލިބޭ ފައިދާއަކާއި ވެދާނެ ގެއްލުމެއްގައި ހިއްސާވުމެވެ. މި ހާލަތުގައި ފައިސާ ވަނީ، މަސައްކަތް ކުރާ މީހާ އަތުގައި ހުންނަ އަމާނާތަކަށެވެ. އޭނާގެ ބޮލުގައި އެޅިފައި ވާ ދަރަންޏެއް ނޫނެވެ. ފަރުވާ ކުޑަކޮށް ނުވަތަ ގަސްތުގައި ގެއްލުމެއް ދީގެން މެނުވީ، މަސައްކަތް ކުރާ މީހާ ރައުސްމާލާ މެދު ޖާމިން ވާކަށް ނުޖެހޭނެއެވެ. މި ނިޒާމަށް ކިޔަނީ މުޝާރަކާ އެވެ. މުޝާރަކާގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. އަދި މުޟާރަބާ ވެސް އޮވެއެވެ. މުޟާރަބާގައި އޮންނަ ގޮތަކީ އެކަކު ރައުސްމާލް ދިނީމާ އަނެކަކު މަސައްކަތް ކުރުމެވެ. ފައިސާ އިތުރު ކުރުމުގައި އޮންނަ އިސްލާމީ ނިޒާމަކީ މިއީއެވެ. އިޤްތިޞާދުގެ ދެ އަސާސާ މެދު ހަމަހަމައަށް ކަންތައް ކުރެވެނީ މި ނިޒާމުގައެވެ.

ވިޔަފާރީގައި ދެން ހުންނަ އެހެނިހެން މުޢާމަލާތްތައް ތަންޒީމު ކުރުގައި، މުރާބަޙާ އާއި ސަލަމް ފަދަ ޢަޤުދުތަކުގެ ބޭނުން ހިފިދާނެއެވެ.

4- ބޭންކުން ދޭ ޙަރާމް ފައިދާ އުވާލައި، މާލީ އަދި އިޤްތިޞާދީ ނިޒާމު، ފައިދާއާއި ގެއްލުމުގައި ހިއްސާ ވާ މުޝާރަކާ ނުވަތަ މުޟާރަބާ ނިޒާމަށް ބަދަލުކޮށްފިއްޔާ، ބޭންކުތައް މަސައްކަތް ކުރަމުން މިދާ ގޮތާއި، އިޤްތިޞާދީ އަދި މާލީ ނިޒާމަށް ބޮޑެތި ހެޔޮބަދަލުތަކެއް އަންނާނެއެވެ. ހުޅަނގުގެ އިސްތިޢްމާރީ ވަކިތަކުން މުސްލިމުންނަށް އެއްކޮށް ސަލާމަތް ވެވޭނީ، މިހެން ކަންތައް ކޮށްގެންނެވެ. އިސްލާމް ދީނުގެ ޢަދުއްވުންނާއި ހުޅަނގަށް ތަބާވާ ޢަލްމާނީން، އިސްލާމީ އިޤްތިޞާދާއި ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރީ މި ސަބަބަށްޓަކައެވެ.

5- އިސްލާމީ އިޤްތިޞާދީ ނިޒާމަކީ، އެއްވެސް އުނދަގުލެއް ނެތި ޢަމަލީ ގޮތުން ބިންމަތީގައި ތަންފީޒު ކުރެވޭނެ ނިޒާމެކެވެ. އަދި ކުރެވިފައިވާ ނިޒާމެކެވެ. އެންމެ ފަހުގެ ވަސީލަތްތައް ބޭނުންކޮށްގެން، ބަރާބަރަށް އިސްލާމީ ބޭންކުތައް ކާމިޔާބު ކަމާއެކު އެބަ ހިންގެއެވެ. މިހާރު ބައެއް ތަންތާނގައި ބައެއް މައްސަލަތައް ހުރިއްޔާ ހުރީ، އެއީ އިސްލާމީ ބޭންކު ނިޒާމުގެ މައްސަލައެއް ނޫނެވެ. އެއީ އެ ނިޒާމަށް ޢަމަލު ކުރުމުގައި ހުރި ކުދި ކުދި މައްސަލަތަކެކެވެ. އަދި ދައުލަތުން އިސްލާމީ ބޭންކުތަކަށް ކުރިމަތިކޮށްފައިވާ ފިއްތުންތަކާއި ދަތިކަމުގެ ސަބަބުން ވާ ގޮތެކެވެ.

ވިޔަފާރި އަދި ޞިނާޢި މަޝްރޫޢުތަކަށް ލޯނު ދިނުން

ބޭންކަށް ލާރި ލައިގެން ލިބޭ ފައިދާއާއި، ވިޔަފާރި އަދި ޞިނާޢީ މަޝްރޫޢަކަށް އަދި އަމިއްލަ ބޭނުމަކަށް ވިޔަސް، ފައިދާ ލާފައި ދެވޭ ލޯނަކީ ޙަރާމް ރިބާ ކަމުގައި، ކުރީގެ ހުރިހާ ޢިލްމުވެރިންނާއ އަދި މިހާރުގެ ޖުމްހޫރު ޢިލްމުވެރިން އެއްބަސްވެލައްވައެވެ. މި ރައުޔާއި ޚިލާފު ވަނީ އެއް އަތުގެ އިނގިލިން ގުނާލެވޭހާ މަދު ބޭފުޅުންތަކެކެވެ. މީގެ ތެރެއިން އެންމެ މަޝްހޫރު އެއް ބޭފުޅަކީ ޝައިޚުލް އަޒްހަރެވެ.

މީގެ ދުވަސްތަކެއް ކުރިން، ޝައިޚުލް އަޒްހަރުގެ ޝާއިޢު ކުރެވިފައިވާ ރައުޔެއްގައި، ވިޔަފާރި އަދި ޞިނާޢީ ކަންކަމަށް ދެވޭ ލޯނު ހުއްދަ ކަމަށް ވިދާޅުވެފައި ވެއެވެ. މި ކަމަށް ތާއީދު ކޮށް ވާހަކަ ދައްކާ މީހުން ބުނަނީ، އިސްލާމް ދީނުގައި ޙަރާމް ކުރެވިފައި ވަނީ، ބޭނުން ޖެހިފައިވާ ފަރުދުންނަށް ދެވޭ ލޯނުން ފައިދާ ނެގުމެވެ. މިއާ ޚިލާފަށް ބޮޑެތި ވިޔަފާރި މަޝްރޫޢުތައް ހިންގަން ނެގޭ ލޯނަށް ފައިދާ ނެގިޔަސް އެއީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. މި ހެން ބުނާ މީހުން ދެކޭ ގޮތުގައި އިސްލާމް ދީނުގައި ރިބާ ޙަރާމް ކުރަން ޖެހުނު ސަބަބަކީ، މުއްސަނދިން ބޭނުން ޖެހިފައިވާ މީހުންގެ ބޭނުން ނާޖާއިޒުގޮތުގައި ހިފާތީއެވެ. އަދި އިސްލާމް ދީން އައުމުގެ ކުރީގައި، އުފެއްދުންތެރި މަޝްރޫޢުތަކަށް ލޯނު ނެގުމަކީ، ޢަރަބިން ދަންނަ ކަމެއް ނޫނެވެ.

މިއަންނަނިވި ސަބަބުތަކަށްޓަކައި، މި ރައުޔަކީ ރަނގަޅު ރައުޔެއް ނޫން:

1- އިސްލާމް ދީން ބުނަނީ ރިބާ އަކީ، ރިބާ ހިމެނޭ ދަރަނި ދޭ މީހާ އާއި ދަރަނި އަތުލާ މީހާއާއި ދެ މީހުން ވެސް ހިއްސާ ވާ ފާފައެއް ކަމަށެވެ. ވީމާ ރިބާ ޙަރާމް ކުރެވުނީ، ފަޤީރުމީހާގެ ފަޤީރުކަމުގެ ބޭނުން ނުބައި ގޮތުގައި މީހަކު ހިފާތީ ކަމަށް ވަންޏާ، އެ ދެ މީހުން ފާފަވެރިވުމުގެ މާނައެއް ނެތެވެ.

2- ރިބާ އާއި ބެހޭ ގޮތުން ކީރިތި ޤުރުއާނުގައި އައިސްފައިވާ ހުރިހާ އާޔަތްތަކެއް ވެސް އައިސްފައި ވަނީ، އެއްވެސް ޤައިދެއް ނެތި މުޠްލަޤު ގޮތެއްގައެވެ. އެއްވެސް ޚާއްޞަ ކުރުމެއް ނެތި ޢާއްމު ގޮތެއްގައެވެ. އުޞޫލުލް ފިޤުހުގައި ބުނަނީ، ''ޙުކުމުގައި ބަލަން ޖެހެނީ ނައްޞުގެ ލަފްޒުގައި އައިސްފައިވާ ޢާއްމު ޙުކުމަށެވެ. ނައްޞު އައި ޚާއްޞަ ސަބަބަކަށް ނޫނެވެ.''

އިސްލާމީ ފިޤުހުގައި ލިޔެވިފައި ހުރި ފޮތްތަކުގެ ގިނަ ކަމާއެކުވެސް، ދަރަނީގެ ބޭނުން ހިފޭ ގޮތް ތަފާތު ވުމުން، އެއް ދަރަންޏާއި އަނެއް ދަރަނި ތަފާތު ކޮށްފައި، ވާހަކަ ދައްކާފައި ވާ ފޮތެއް އަދި ނެތެވެ. ސޫރަތުލް ބަޤަރާގެ އާޔަތްތައް އަހަރެމެންނަށް އަންގަނީ ރިބާއިން ތައުބާ ވެއްޖެނަމަ، ރައުސްމާލަށް ވުރެ އިތުރަށް އަތުނުލުމަށެވެ. ދެން މިއާއި ވިދިގެން އަންގަވާފައި ވަނީ، ދަރަނިވެރިއާ އަށް ދަރަނި އަދާ ކުރުމުގައި ދައްޗެއް އުޅޭނަމަ، ފަސޭހަ ކޮށް ދިނުމެށެވެ. ވީމާ މި އާޔަތްތަކުން ނެގޭ ޙުކުމަކީ، ދަރަނި އަތުލީ ތަނަވަސް މުއްސަންޖެއް ނަމަ، އޭނާގެ މައްޗަށް ވާޖިބުވެގެން ވަނީ ލަސްނުކޮށް ދަރަނި އަދާކުރުން ކަމެވެ. އިތުރު ފައިދާއެއް ދިނުމެއް ނޫނެވެ. ވީމާ ރިބާ ޙަރާމް ކުރެވުނީ ކޮންމެހެން، ފަޤީރެއްގެ އަތުން ރިބާ ކެވޭތީ އެއް ނޫނެވެ.

3- އެއްޗެއް އެއީ ރިބާ ކަމަށް ބުނެ ޙަރާމް ކުރުމުގައި ބަލަން ޖެހެނީ، އޭގައި ރިބާގެ ޙަޤީޤަތް ވޭތޯއާއި، ރިބާގެ ސިފަތައް ހިމެނޭތޯއާއި، ރިބާއަކަށް ވާ ސަބަބު އެކުލެވޭތޯއެވެ. ދަރަނި އަތުލީ ފަޤީރެއްތޯ މުއްސަންޖެއްތޯ ނުވަތަ އޭނާ އެ ދަރަނީގެ ބޭނުން ހިފަނީ ކޮން ކަމެއްގައިތޯ، މިއީ ބަލަން ޖެހޭ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.

ރިބާ ޙަރާމް ކުރެވުނީ، ވަކި ލަފްޒަކުން އެ މުޢަމަލާތު ހިންގޭތީ، ނުވަތަ އެންމެ ސިފައެއްގައެއް ނޫނެވެ. ކިއެއްތަ، އެ ޙަރާމް އެއްޗަކަށް ވީ ވަކި ޙަޤީޤަތެއް އޭގައި ހިމެނޭތީއެވެ. އެ ޙަޤީޤަތަކީ ވިޔަފާރިއާއި އިދިކޮޅު ޙަޤީޤަތެކެވެ. ވީމާ މި ޙަޤީޤަތް ފެނިއްޖެ ކޮންމެ އެއްޗަކީ ރިބާގެ ޙުކުމް ދެވޭ އެއްޗެކެވެ. ކޮންމެ ލަފްޒަކުން އެ ޢަޤުދު ކުރެވުނު ކަމުގައި ވިޔަސް ވެހެވެ.

4- ޤުރުއާން ބާވައިލެއްވުނު ވަގުތު ޢަރަބިންގެ ތެރޭގައި ވިޔަފާރީގެ ބޭނުމަށް ދަރަނި ނެގުން ނެތް ކަމަށް ބުނުމަކީ ޙަޤިޤަތާއި ޚިލާފު ބުނުމެކެވެ. އެހެނީ ވިޔަފާރީގެ ބޭނުންތަކަށް ދަރަނި ދީ އެއަށް ފައިދާ ނެގުމަކީ ޢަރަބިންގެ ތެރޭގައި އޭރު ފެތުރިފައި އޮތް ކަމެއްކަން ތާރީޚީގޮތުން ސާބިތުވެއެވެ. ކިއެއްތަ، އޭރު އޮތް މައިގަނޑު ރިބާ އަކީ ވިޔަފާރީގެ ބޭނުންތަކުގައި ދެވޭ ދަރަންޏަށް ނެގޭ ރިބާއެވެ. މި ކަމުގެ ހެއްކަކީ:-

ހ- ތާރީޚީ ގޮތުން އެނގޭ ޙަޤީޤަތަކީ މައްކާ މީހުންގެ އިޤްތިޞާދު ބިނާ ވެފައި އޮތީ، ފިނި މޫސުމުގައި ޔަމަނަށް އަދި ހުނު މޫސުމުގައި ޝާމަށް ކުރާ ވިޔަފާރި ދަތުރުތަކެއްގެ މައްޗަށް ބިނާ ވެފައި ކަމެވެ. މި ދަތުރުތަކަށް ފައިސާ ދޭ ބަޔަކީ ޔަމަނުން ބޭރު ކޮށްލެވުނީމާ ޠާއިފުގައި ވަޒަންވެރިވެގެން ތިބި ޔަހޫދީންނެވެ. ދަރަނި ދީ ރިބާ ކެއުން ނޫން މަސައްކަތެއް ޔަހޫދީން ނުކުރެއެވެ. ފައިސާ ދޭ އަނެއް ބަޔަކީ މައްކާގެ މުއްސަނދިންނެވެ. އޭގެ ތެރޭގައި، ޢައްބާސް ބިން ޢަބްދުލް މުއްޠަލިބް، ފަދަ މުސްލިމުން ވެސް ހިމެނުނެވެ. ވިޔަފާރިވެރިން އެ މީހުން ނެގި ދަރަންޏަށް ވާ ރިބާ ދައްކައި އުޅުނީ ވިޔަފާރިން ލިބޭ ފައިދާ އަކުންނެވެ. މިއީ ހަމަ މިހާރުގެ ބޭންކާއި ވިޔަފާރި ވެރިންނާއި ދެމެދު ވެސް އޮންނަ ގުޅުމެވެ.

ށ- ބަޤަރާ ސޫރަތުހެ 278 ވަނަ އާޔަތް ބާވައިލެއްވި ސަބަބާއި ބެހޭ ގޮތުން ޠަބަރީ ވިދާޅުވެފައި ވަނީ، މި އާޔަތް ބާވައި ލެއްވުނީ ޢައްބާސް ބިން ޢަބްދުލް މުއްޠަލިބް އާއި ބަނީ އަލްމުޣީރާ ގެ މީހަކާ އާ މެދުގައެވެ. ޢައްބާސް ބިން ޢަބްދުލް މުއްޠަލިބް އާއި އަނެއް މީހާ އާ ގުޅިގެން ޘަޤީފް ގެ ބަނޫ ޢަމްރޫ ދަރިކޮޅު މީހުންނަށް ރިބާ ލާފައި ދަރަނި ދެއްވިއެވެ.

ޖާހިލިއްޔަ ޒަމާނުގައި އޮތް ރިބާއަކީ ވިޔަފާރި ކުރުމުގެ ބޭނުމުގައި ނެގޭ ދަރަންޏަށް ލެވޭ ރިބާއެކެވެ. އަދި ބައެއް މީހުން ދަރަނި ނަގައި އުޅުނީ، ދަރަނި ނަގާފައި އެހެން މީހަކަށް ފައިދާ ލާފައި ދިނުމުގެ ބޭނުމުގައެވެ.

އެ ދުވަސްވަރަކީ، މި ޒަމާނުގެ މީހުންގެ ބޭނުންތައް ހާ ގިނަ ބޭނުންތަކެއް އޮތް ޒަމާނެއް ނޫނެވެ. ވީމާ އޭރު މީހަކު ފައިސާއެއް ބޭނުން ވަނީ ކާލާނެ އެއްޗެއް، ހާލަކުން ފަހަރަކު ހެދުމެއް ފަދަ އެއްޗެއް ގަންނާށެވެ. މިފަދަ ކަންކަމަށް ބޭނުންވެގެން ދަރަނި ނަގައި އުޅުނީ މަދު ހާލަތެއްގެއެވެ.

5- ބޭނުންތައް ފުއްދަން ނެގޭ ދަރަންޏަށް ލެވޭ ރިބާ އާއި ވިޔަފާރިއާއި އުފެއްދުންތެރި ކަންކަމުގައި ބޭނުން ކުރަން ނެގޭ ދަރަންޏަށް ލެވޭ ރިބާ އާއި ދޭތި، ފަރަގު ކުރަން އެންމެ ފުރަތަމަ ފެއްޓި ބަޔަކީ ހުޅަނގުގެ އިޤްތިޞާދީ މީހުންނެވެ. އަދި ފަހުން މި ފިކުރު އިސްލާމީ ޤައުމުތަކަށް ވަދެ، ބޭންކު ފައިދާއާއި އެއްކޮޅަށް ވާހަކަ ދައްކާ މީހުން، މި ފިކުރުގައި ޝަރުޢީ ހެދުމެއް ލައްވައި އެއީ ދީނީ ގޮތުން ބަލަން ޖެހޭ ތަފާތެއް ކަމަށް މީހުންނަށް ހީވާ ގޮތަށް ވާހަކަ ދައްކަން ފެށިއެވެ.

ބޭންކު ފައިދާއާ މެދު، ޢިލްމުވެރިންނާއި އިސްލާމީ މުއައްސަސާތަކުގެ އެންމެ ފަހުގެ ނިންމުން.

- 1970 ވަނަ އަހަރު އަޒްހަރުގެ ޝައިޚުލް އަޒްހަރަކަށް ހުންނެވި ފަޟީލަތުއް ޝައިޚް ބަކްރީ އައްޞަދްފީ އިން ފެއްޓިގެން އައިސް ފަޟީލަތުއް ޝައިޚް ޖާދުލް ޙައްޤު ޢަލީ ޖާދުލް ޙައްޤު އާ ޖެހެންދެން އަޒްހަރުގެ ޝައިޚުލް އަޒްހަރަށް ތިއްބެވި ހުރިހާ ބޭފުޅުން ވެސް ފަތުވާ ދެއްވާފައި ވަނީ ބޭންކް ފާއިދާ އަކީ ޙަރާމް އެއްޗެއް ކަމުގައެވެ. އަދި މިޞްރު ގެ ދާރުލް އިފްތާ އުފެއްދުނީއްސުރެ މި ފަހަކާ ޖެހެންދެން ދީފައިވާ ފަތުވާތައް ވެސް ބުނެފައި ވަނީ މިފަދައިންނެވެ. މި ހުރިހާ ބޭފުޅުން ވެސް ފަތުވާ ދެއްވާފައި ވަނި އިސްލާމީ އުއްމަތުގެ ޖުމްހޫރު ޢިލްމުވެރިންނާއި ފިޤުހު މަޖްމަޢްތަކުން ފަތުވާ ނެރެފެއިވާ ރައުޔާ އެއްކޮޅަށެވެ. މި ރައުޔާއި ޚިލާފަށް ފަތުވާ ދެއްވި މަދު ބޭފުޅުންގެ ތެރޭގައި މިހާރުގެ ޝައިޚުލް އަޒްހަރު ފަޟީލަތުއް ޝައިޚް މުޙައްމަދު ސައްޔިދު ޠަންޠާވީ ހިމެނިވަޑައިގަންނަވައެވެ. ޝައިޚް ފަހުން ދެއްވި ފަތުވާއަކީ ޖުމްހޫރު ޢިލްމުވެރިންނާ ޚިލާފަށް ދެއްވާފައި ވާ ފަތުވާއެކެވެ.

ޝައިޚް ޠަންޠާވީ މުފްތީއަކަށް ހުންނެވި އިރު، 15 ޖަނަވަރީ ގައި، 29 ޖަނަވަރީގައި އަދި 20 މާރިޗް 1990 ގައި، ދެއްވި ހަތަރު ފަތުވާއެއްގައި ބާރު އަޅުއްވާ ވިދާޅުވެފައި ވަނީ، ބޭންކު ފައިދާގެ ހުރިހާ ވައްތަރަކީ ވެސް ޙަރާމް އެއްޗެއް ކަމަށެވެ.

- އިސްލާމީ އުއްމަތުގެ ވޭތުވެދިޔަ ސާޅީސް އަހަރު ތެރޭގައި ބޭއްވިފައިވާ ފިޤުހު މަޖްމަޢްތަކުގެ ހުރިހާ ބައްދަލުވުންތަކުގައި، އަދި ކުރެވިފައިވާ ބަހުސްތަކުން ނުކުމެފައިވާ ނަތިޖާއަކީ، ބޭންކު ފައިދާގެ ހުރިހާ ވައްތަރަކީ ވެސް ޙަރާމް ރިބާ ކަމުގައެވެ.

މުޙައްރަމް1385ހ / މޭ1965މ ގައި ޤާހިރާގައި ބޭއްވުނު އަޒްހަރުގެ މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާގެ ދެވަނަ ބައްދަލުވުމުން ނެރެފައިވާ ޤަރާރަށް ބަލާލުމުން، ބޭންކު ފައިދާގެ ޙުކުމާމެދު އިތުރަށް ބަހުސް ކުރަން ވެސް ނުޖެހެއެވެ. މި މަޖްމަޢަކީ ދައުލަތުގެ ރަސްމީ މުއައްސަސާއެކެވެ. އޭރު މި މަޖްމަޢު އެކުލެވިގެން ވަނީ 26 ޢިލްމުވެރިންގެ މައްޗަށެވެ. އެންމެ އިސްކޮށް ހުންނެވީ އޭރުގެ ޝައިޚުލް އަޒްހަރެވެ. އަދި އެ ބައްދަލުވުމަށް އިސްލާމީ ތިރީސް ޤައުމެއް ތަމްސީލު ކުރާ މީހުން ޙާޟިރުވިއެވެ. ބައްދަލުވުމުގައި ބައިވެރިވި ޢިލްމުވެރިންގެ ޢަދަދު 58 އަށް އަރައެވެ. އަދި އެ ބޭފުޅުންނަށް އެހީތެރިވެ، މަޝްވަރާ ދިނުމަސް އިޤތިޞާދީ އަދި ޤާނޫނީ ތަޖުރިބާކާރުން ތިއްބެވިއެވެ.

މި ބައްދަލުވުގެ އިޖްމާޢުން ނެރެފައިވާ ޤަރާރުގައި ވަނީ މި އަންނަނިވި ފަދައިންނެވެ:-

ހ- އެއްވެސް ބާވަތެއްގެ ދަރަންޏަކަށް އިތުރު ކުރެވޭ ފައިދާ އަކީ، ޙަރާމް ކުރެވިފައި ވާ ރިބާ އެވެ. ބޭނުން ކުރުމަށް ދެވޭ ދަރަންޏޭ ބުނެވޭ ދަރަންޏާއި، އުފެއްދުމަށް ދެވޭ ދަރަންޏޭ ބުނެވޭ ދަރަނީގެ ދެ މެދުގައި، އެއްވެސް ފަރަގެއް ނެތެވެ. އެހެނީ ޤުރުއާނާއި ސުންނަތުގެ ހުރިހާ ނައްޞުތަކެއް ބެލުމުން، މި ދެބާވަތް ވެސް ކަނޑައެޅިގެން ޙަރާމް ކަން ސާބިތުވެއެވެ.

ށ- ގިނަ މިންވަރު ޙަރާމް ރިބާއެއްގެ މަދު މިންވަރު ވެސް ޙަރާމެވެ.

ނ- ބޭނުމަކަށް ނުވަތަ ޟަރޫރަތަކަށްޓަކައި ވެސް ރިބާ ލާފައި ދަރަނި ދިނުން އެއީ، ހުއްދަ ވާނެ ކަމެއް ނޫނެވެ. އަދި ޟަރޫރަތެއް އޮވެގެން ނޫން ގޮތަކަށް، ރިބާ ހިމެނޭ ދަރަންޏެއް ނެގުން އެއީ، ފާފަވެރި ވާނެ ކަމެކެވެ. މިފަދަ ދަރަންޏެއް ނެގުމުގެ ފާފަ އުފުލޭނީ ޟަރޫރަތެއް އޮތް ނަމައެވެ.

ރ- ބޭންކުތަކުން ދޭ ކަރެންޓު އެކައުންޓުގެ ޚިދުމަތާއި، ޗެކު ދޫކުރުމާއި، ޗެކަށް ލާރި ނެގުމާއި، އަދި އެއްތަނުން އަނެއްތަނަކަށް ލާރި ފޮނުވުން ފަދަ ކަންކަމަކީ، ހުއްދަ ކަންކަމެވެ. ބޭންކުން ދޭ މިފަދަ ޚިދުމަތްތަކުގެ ބަދަލުގައި ނަގާ ފީއަކީ ރިބާއެއް ނޫނެވެ.

ބ- ފައިދާ އިތުރުވާ އެއްވެސް ގޮތަކަށް، ބޭންކަށް ލާރި ލުމަކީ އެއީ ޙަރާމް ރިބާ މުޢާމަލާތުގެ ތެރެއަށް ވަންނާނެ ކަމެކެވެ.

ބޭންކު ފައިދާ އަކީ ޙަރާމް އެއްޗެއް ކަމަށް ފަތުވާ ދީފައި ވަނީ، މިޞްރުގެ މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ އެކަންޏެއް ނޫނެވެ. ކިއެއްތަ، އިސްލާމީ ދުނިޔޭގެ ފިޤުހީ ހުރިހާ މަޖްމަޢްތަކާއި ކޮމިޓީތަކުން ވެސް ވަނީ ހަމަ މި ބީދައިން ފަތުވާ

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.