ހޮނިހިރު20201010

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު ބޭންކު ފައިދާ ހުއްދަ .. ހުއްދައެއް ނޫން !

ބޭންކު ފައިދާ ހުއްދަ .. ހުއްދައެއް ނޫން !

bank-faidha-haraam-halaalދީނީ މައްސަލަތަކުގައި ޖަދަލުކޮށް ބަހުސްކޮށް ހަދާ ވަރަށް ގިނަ މީހުންގެ، ޚާއްޞަ އެއް މަޢުޟޫއަކީ ބޭންކު ފައިދާ (ލޯނަށް ނަގާ އިންޓްރެސްޓު) އާއި، ބޭންކަށް ލާރި ލީމާ ދޭ ފައިދާ (ޑިޕޮޒިޓަށް ދޭ އިންޓްރެސްޓު) އަކީ، ޙަލާލް އެއްޗެއްތޯ ނުވަތަ ޙަރާމް އެއްޗެއްތޯއެވެ. ފައިދާއާއި އެކު ލޯނު ދިނުން، އެހެން ގޮތަކަށް ބުނާނަމަ ދަރަނި އަނބުރާ ދައްކާއިރު، އިތުރުވާގޮތަށް ދަރަނި ދިނުމާއި، ބޭންކަށް ލާރި ލީމާ އެ މީހުން ކޮންމެ އަހަރަކު އިތުރަށް އެ ދޭ ފައިދާ އަކީ އެއީ ހުއްދަ އެއްޗެއް ކަމުގައި ބައެއް މީހުން ބުނެއެވެ.

މި ގޮތަށް ބުނާ މީހުން ގެ ސިނކުޑީގައި ''ރިބާ'' މިބަސް ތަޞައްވުރު ކުރެވިފައި އޮންނަނީ، ބޮޑު ފިހާރައެއްގެ ސޭޓެއް ނުވަތަ ޓާކޫރު ސާހަބެއް ކައިރިއަށް، ހަށިގަނޑުގެ ވަރުދެރަވެފައިވާ ފަޤީރު ނިކަމެއްޗެއް، ވީދިފައި އޮންނަ ހެދުމެއް ލައިގެން އައިސް، ތިމަންނަ މިހުރީ ކާނެ އެއްޗެއް ނުލިބި ބަނޑަށް ޖެހިފައޭ، ވީމާ އަނބިމީހާއާއި ދަރިންނަށް ކާނެއެއްޗެއް ދޭށޭ ބުނުމުން، 5 ކިލޯ ހަނޑޫ ދީފައި، މަސް ނިމުނީމައި 25 ކިލޯ ހަނޑޫ ގެންނާށޭ ބުނާ މަންޒަރެވެ. ނުވަތަ 100 ރުފިޔާ ދީފައި، 1000 ރުފިޔާ ގެންނާށޭ ބުނާ މަންޒަރެވެ. މި ސިފައަށް ކަންތައް ވެއްޖެނަމަ ވާނީ ރިބާ އަށެވެ.

ޓައި އަޅައިގެން ހުންނަ ވިޔަފާރި ވެރިއާ ބޭންކަކަށް ގޮސް، ފިހާރައެއް ހުޅުވަން އެއްލައްކަ ރުފިޔާ އަތުލާފައި، ފަސް އަހަރު ފަހުން އެއްލައްކަ ވިހި ހާސް ރުފިޔާ ދިނުމުން، ބޭންކަށް އެ ދެވުނީ ރިބާއެއް ކަމަށް ޤަބޫލެއް ނުކުރެވެއެވެ. އަދި ބޭންކު އަތުލީ ވެސް ރިބާއެއް ނޫނެވެ! އަޖާއިބެކެވެ!

ޖާހިލިއްޔަ ޒަމާނުގައި މަސައްކަތް ނުކޮށް، އަތުގައި ހުންނަ ލާރި އިތުރު ކުރަން މީހުން ކުރި ކަމަކީ، އެހެން މީހުންނަށް ލޯނު ދިނުމެވެ. ޢަމްރުއަށް ލޯނެއްގެ ގޮތުގައި ވިހި ޖަމަލު ދީފައި، ޒައިދަށް ފަންސާސް ދީނާރު ދީފައި، ސުފްޔާނަށް ފަންސާސް ކަންބަޅި ދީފައި، ލުއައްޔުއަށް ދަނޑެއް ދީފައި، ކުލައިބަށް ކަދުރު ހަންދަރެއް ދީފައި، ދެ އަތް އުރާލައިގެން އަހަރެން ހުންނަން ވީއެވެ. އަހަރު ނިމުނީމާއި އެއްކަލަ މީހުން ބުރަ މަސައްކަތް ކޮށް، ވިޔަފާރިކޮށް، ހުއިހައްޕައި، ނުވަތަ ސަލާން ޖަހައިގެން ލާރި ހޯދައިގެން ނަމަވެސް، އައިސް އަހަރެންނަށް ލާރި ދޭނެއެވެ. މަގޭ އަތުން މަދުވީ ލާރިއެއް ވެސް ނޯންނާނެއެވެ. މަ ކުރި މަސައްކަތެއް ވެސް ނެތެވެ. ކުރި މޭވާކުރުމެއް(އިންވެސްޓްމެންޓް/ އިސްތިޘްމާރު) ވެސް ނެތެވެ. ފައިދާ އާއި ގެއްލުން ކުރިމަތިވެދާނެ ކަމުގެ ބިރެއް ވެސް އަހަރެން ގަންނާކަށް ނުޖެހެއެވެ.

ޢަމްރުގެ ވިޔަފާރި ޤާފިލާ އަނދާ ހުލިވިޔަސް، މަށަށް ގެއްލުމެއް ނުވާނެއެވެ. ހުރިހާ ގެއްލުމެއް ޢަމްރު އުފުލައި، އަނބިދަރިންގެ ކަރުގައި ހުރި ރަންކޮޅު ވިއްކައި އަދި ނުކައި ނުބޮއެ ވެސް، އޭނާ އަހަރެން ދިން ދަރަނި އަދާ ކުރާނެއެވެ. ނުދައްކައިފިނަމަ، ދެން އަންނަ އަހަރަކު ދެ ގުނައަށް އިތުރަށް ދައްކަން ޖެހޭނެއެވެ. ނުދައްކައިފިނަމަ، އޭނާގެ ހުރިހާ މުދަލެއް ޤަބީލާގެ ވެރިއާ އަހަރެންނަށް ހޯދައި ދޭނެއެވެ.

މިއީ ރިބާ އެވެ. ޤުރުއާނުގައި ޙަރާމްކޮށްފައި، ގަދަވަގެން ވާ ޢަޛާބު ލިބޭނެ ކަމުގެ އިންޒާރު ދެއްވާފައިވާ ރިބާއެވެ. މި ސިފައިގައި މިއީ ރިބާ ކަމަށް ހުރިހާ މުސްލިމުން ވެސް ޤަބޫލު ކުރެއެވެ. ހުރިހާ ޝައިޚުން ވެސް ޤަބޫލު ކުރެއެވެ. އެއް ވެސް މީހަކު މިއީ ރިބާ ކަމާމެދު ޝައްކު ނުކުރީ، މި އީ ޖާހިލިއްޔަ ޒަމާނުގައި ރިބާ ކައި އުޅުނު ގޮތް ކަމަށް ވާތީ ކަމަށް ވުން އެކަށީގެން ވެއެވެ. ނުވަތަ ލޯނުގެ ގޮތުގައި ދެވުނީ ޖަމަލާއި، ދީނާރު ކަމަށް ވީތީ ކަމަށް ވުން ވެސް އެކަށީގެން ވެއެވެ. ނުވަތަ ކޯޓުގެ ބަދަލުގައި ޤަބީލާގެ ވެރިއާ ހުރީމައެވެ.

ދެން މި ވާހަކައިގައިވާ މީހުންގެ ނަން، ޝާހިދު، ސުޒޭނު، ނިޔާޒު ފަދަ ނަންތަކަށް ބަދަލުކޮށްފައި، ލޯނު ދިން މީހާ (އަހަރެން)، މުއްސަނދި ބޭންކަކަށް ބަދަލުކޮށްލަމާ ހިނގާށެވެ. ދީނާރުގެ ބަދަލުގައި ދެވުނީ ޑޮލަރު ނުވަތަ އެ ނުންވެސް ޒަމާނީ ފައިސާއެކެވެ. ދެން ސުވާލެއް ކޮށްލަމާ ހިނގާށެވެ. ސުވާލަކީ މި ވާނީ ރިބާ އަށް ހެއްޔެވެ؟ ތެދަށް ބުނަންޏާ، ޖަވާބަކީ މިއީ ރިބާއެވެ. ޖާހިލިއްޔަ ޒަމާނުގައި ދެވުނު ރިބާ އާ މި ރިބާ އާ އެއްވެސް ތަފާތެއް ނެތެވެ. ދޮގު ހަދަންޏާ ބުނާނީ، މިއީ ރިބާ އެއް ނޫނެވެ! ކޮންމެވެސް އެހެން އެއްޗެކެވެ! މައްސަލައަކީ، ބައެއް މީހުން ކުރީ މިސާލުގައި އެއީ ރިބާ ކަމަށް ބަލާފައި، މިއީ ރިބާ ކަމަށް ޤަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. އަޖާއިބެކެވެ!

އަތްމަތި ދަތިވެލީމާ، ނުވަތަ ވިޔަފާރިއެއް ފައްޓަން، ނުވަތަ ދޯންޏެއް ބަންނަން، ބޭންކަކުން އެ ނަގާ ލޯނަކީ އެއީ ޙަރާމް އެއްޗެއް ކަމުގައި، މިހާރަކަށް އައިސް މީހުން ޤަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. ކޮންމެ މީހެއްގެ ހިތުގައިވެސް އެކަހަލަ ލޯނެއް ނަގަން ހިތުގައި އޮންނަނީތޯއްޗެކެވެ؟ އަމިއްލަ ނަފްސަށް ކުށް އިޙުސާސް ނުވާނެ އެންމެ ފަސޭހަ ގޮތަކީ އެ ކުރާ ކަމެއް ހުއްދަ ކޮށްލުމެވެ.

ދީނުގައި ޙުކުމް ޔަޤީން ކަންތައްތައް ޙުކުމް ފަހަރެއްގައި އެހެން އޮވެދާނެ ކަންތައްތަކަކަށް ބަދަލުކޮށް، މާނަ ޞަރީޙަ ނައްޞުތައް މާނަ ޝައްކު ވާ ނައްޞުތަކަށް ބަދަލުކޮށް، ބަހުސް ނުކުރެވޭނެ ދީނުގެ އަސްލު އަސާސްތައް އެއީ ކޮންމެ މީހަކު ވެސް އިޖްތިހާދު ކޮށް ވާހަކަ ދެއްކޭނެ ޚިލާފީ މައްސަލައެއް ކަމަށް ހަދަން ބައެއް މީހުން އުޅެއެވެ. އެތަކެއް ސަތޭކަ ޢިލްމުވެރިންގެ ބައްދަލުވުންތަކުން ނެރޭ ޤަރާރުތައް ފާރުބުޑަށް ޖަހާފައި، އެންމެ ޝައިޚެއްގެ ބަސް ޤަބޫލު ކުރަން ބައެއް މީހުން އަވަސްވެ ގަނެއެވެ.

13 ޤަރުނު ވަންދެން، ޙަރާމް ކަމަށް ހުރިހާ މުސްލިމުން ޔަޤީން ކުރި ކަންތައް، ޖާދޫގަރެއްގެ ޖާދޫއިން އަނެއް ދުވަހު ހެނދުނު މި އޮންނަނީ ޙަލާލް އެއްޗަކަށް ހަދާފައެވެ. ވާޖިބު ކަމަށް ދެކުނު ކަންތައް، ސުންނަތަށް ބަދަލުކޮށްފައެވެ. ސުންނަތެއް ކަމަށް ބެލި ކަންތައް ޒަމާނާ ނުގުޅޭ ކަމަކަށް ވެފައެވެ! ޤިޔާމަތާ ޖެހެން ދެންވެސް، ރިބާ އަކީ ޙަރާމް އެއްޗެއް ކަމަށް ނިންމައި ޤުރުއާން ބާވައިލެއްވިފައި ވަނިކޮށް، މި އަދުގެ ދުނިޔޭގައި ރިބާ އޭ ކިޔޭ އެއްޗެއް ނުވެސް ނެތް ކަމަށް ވެއްޖެއެވެ! ޤުރުއާނުގައި ވަނީ މާ ކުރީގައި އުޅުނު ބައެއް ކައި އުޅުނު ރިބާއެއްގެ ވާހަކައެވެ. ވިހި ވަނަ ޤަރުނުގެ މުސްލިމުން ކާ ރިބާގެ ވާހަކައެއް ނޫނެވެ! ރިބާ އަކީ އޭގެ ޒާތުގައި ޙަރާމް އެއްޗެކޭ މާތް ﷲ ވަޙީ ކުރެއްވީމާ، ރިބާ ޙަރާމް ވަނީ ފަޤީރުން އަތުން އަތުލީމާ އެކަނި ކަމަށް ވެއްޖެއެވެ!

މިގޮތަށް ދީނުގެ ޙުކުމްތައް، މޮޑޭ ފުށްގަނޑަކަށް ހަދައި، ބޭނުންހައި ސިފައެއް ޖައްސަން ބޭނުންވާ މީހުން، ރިބާ ހުއްދަ ކުރަން ދައްކާ ވަރަށް ''މޮޅު'' ހުއްޖަތެއް އޮވެއެވެ. އެ މީހުން ބުނަނީ، ދީނުގައި ޙަރާމް ކުރެވިފައިވަނީ ''ރިބާ އަލްއިސްތިހްލާކް'' އެވެ. ''ރިބާ އަލްއިންތާޖު'' ހުއްދައެވެ.

ނޯޓު : ރިބާ އަލްއިސްތިހްލާކް އަކީ، ކެއުން ބުއިން އަންނައުނު ގަތުން ފަދަ އެކަމުން ފަހުން އިތުރު ފައިދާއެއް ނުނުކުންނާނެ ކަންކަމަށް ހޭދަ ކުރުމަށްޓަކައި، ނަގާ ލޯނަށް އިތުރުވާ އިތުރުވުމެވެ. ރިބާ އަލްއިންތާޖު އަކީ، ލޯނު ނަގައިގެން އެއިން ފައިދާވެ އިތުރު ލާރި ލިބޭ ކަންތައް ކުރުމަށް ނަގާ ލޯނަށް އިތުރުވާ ބޭންކު ފައިދާއެވެ. މިސާލަކަށް ވިޔަފާރިއެއް ފެއްޓުން، ނުވަތަ ކުންފުންޏެއް ހުޅުވުން ފަދަ ކަންކަމެވެ.

ހާނ.... ކޮންމެއަކަސް މި މީހުން ބުނާ ގޮތުން، ﷲ ޙަރާމް ކުރެއްވި ރިބާ އަކީ ރިބާ އަލްއިސްތިހްލާކް އެވެ. މި ވައްތަރު ޙަރާމް ކުރެވުނީ މުއްސަނދިން، ފަޤީރުންގެ ފަޤީރު ޙާލަތުގެ ނާޖާއިޒު ގޮތުގައި ބޭނުންކޮށް، މުއްސަނދިންގެ ޖީބަށް ފައިސާ އިތުރުވާގޮތަށް ދަރަންޏަށް ފައިސާ ނުވަތަ ތަކެތި ދޭތީއެވެ. ކުރު ގޮތަކަށް ބުނާނަމަ ލާރިވެރިންގެ އަނިޔާވެރިކަމުން ފަޤީރުން ސަލާމަތް ކުރާށެވެ.

ނަމަވެސް ރިބާ އަލްއިންތާޖު އެހެނެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އަސާސީ ކަންކަމަށް މީހުން ނަގާ ލޯނެއް ނޫނެވެ! އެކަމަކު ދިރިއުޅުން ފުރިހަމަކޮށްދޭ ކަންކަމަށް ނަގާ ލޯނެވެ. މިކަހަލަ ރިބާ ލޯނު ނަގަނީ މަހުޖަނުންނެވެ. ވީމާ މަހުޖަނެއްގެ އަތުން އެހެން މަހުޖަނެއް ނުވަތަ ބޭންކެއް ކިތަންމެ ގިނަ ލާރި ކެޔަސް އެއީ ރިބާއެއް ނޫނެވެ!

މި ހިސާބުން ދެން ބުނަން ޖެހެނީ، މިއީ ވެއަތުވެ ދިޔަ 13 ޤަރުނު ތެރޭގައި ވެސް މުސްލިމު ފިޤުހުވެރިއަކު ދައްކާފައިވާ ވާހަކައެއް ނޫން ކަމުގައެވެ. މި ގޮތަށް ވިސްނައި ކަންކަމުގެ ޙުކުމް ނެރުން ވާނީ، ސާފު ޞަރީޙަ ނައްޞުތަކުގެ ދާއިރާ، އަމިއްލަ ހީއާއި އެދުމަށް، ހަނިކޮށްލުން ކަމަށެވެ. ޔަހޫދީންނަށް ރިބާ ޙަރާމް ކުރެވުނީމާ، އޭގެ ނަން ބަދަލުކޮށް ރިބާ ކެއުން ފަދަ ކަމަކަށެވެ. ހޮނިހިރު ދުވަހު މަސް ބޭނުން ޔަހޫދީންނަށް ޙަރާމް ކުރެވުނީމާ، ފަޅުތެރެއަށް މަސްވަނީމާ ދާ ޖަހާފައި އަނެއް ދުވަހު މަސް ބޭނުން ކަހަލަ ކަމެކެވެ. ޖާހިލިއްޔަ ޒަމާނު މީހުން ވިޔަފާރިއާއި ރިބާ އަކީ އެއްގޮތް ދޭތި ކަމަށް ބުނުން ކަހަލަ ކަމެކެވެ. ޔަހޫދީން ޔަހޫދީން އަތުން ރިބާ ކެއުން ޙަރާމް ކޮށްފައި، އެހެން މީހުން އަތުން ރިބާ ކެއުން ޙަލާލް ކުރުން ފަދަ ކަމެކެވެ.

ރަނގަޅަށް ތާރީޚު ބަލައިފިނަމަ، ރިބާއާއި މެދު މިގޮތަށް ދެކޭ މީހުންނަށް ވިސްނިފައި އޮންނަނީ ނުބައިކޮށްކަން ސާބިތުވެއެވެ. ޖާހިލިއްޔަ ޒަމާނުގައި ފެތުރިފައި އޮތް ރިބާ އަކީ ''ރިބާ އަލްއިސްތިހްލާކް'' އެއް ނޫނެވެ. މީހުން ޢާއްމުގޮތެއްގައި ދަރަނި ނަގައި އުޅުނީ ބަނޑުފުރާނަ މުއްތި ކުރާކަށް ނޫނެވެ. އިސްލާމް ދީން އައި ދުވަސްވަރު ޢަރަބި ކަރައިގައި ފެތުރިފައި އޮތް ރިބާއަކީ، ދެ މޫސުމުގައި މައްކާ މީހުން ކުރާ ވިޔަފާރި ޤާފިލާތަކުގެ ވިޔަފާރީގެ ތެރޭގައި ފެތުރިފައި އޮތް ރިބާއެކެވެ. މީހުން އެބައި މީހުންގެ ފައިސާ، ވިޔަފާރި ދަތުރުތަކުގައި ދާ މީހުންނާއި ހަވާލު ކުރަނީ، ފައިސާއިން ވިޔަފާރި ކުރަން، ނުވަތަ އިތުރުވާ ދަރަންޏެއްގެ ގޮތުގައެވެ. އޭރު ކަން އޮތީ މިބުނެވިދިޔަ އުސޫލުގެ މަތިންނެވެ. މިގޮތަށް ރިބާ މުޢާމަލާތު ކުރެއްވި މީހުންގެ ތެރެގައި ރަސޫލާގެ ބޮޑުބޭބެ ފުޅު، ޢައްބާސް ބިން ޢަބްދުލް މުއްޠަލިބް، ހިމެނިވަޑައިގެންނެވިއެވެ. އެހެންވެ ރަސޫލާ ޙައްޖަތުލް ވަދާޢުގައި ޖާހިލިއްޔަ ރިބާއަކީ ބާޠިލް އެއްޗެއް ކަމަށް ވިދާޅުވެފައި ވިދާޅުވީ، އެގޮތުން އެންމެ ފުރަތަމަ ބާޠިލް އެއްޗެއް ކަމުގައިވަނީ ތިމަންނަގެ ބޮޑުބޭބެ ޢައްބާސް ގެ ރިބާ ކަމަށެވެ.

ޖާހިލިއްޔަ ޒަމާނުގައި ޙައްޖުވެރިންނަށް، ހަމަހިލޭ ފެން ދެއްވާ، ދީލަތި ބޭކަލެއް ކަމުގައިވާ ޢައްބާސްގެފާނު އަކީ، ފަޤީރު ނިކަމެއްޗެއް އައިސް ކާނެ އެއްޗެއް ނެތިގެން އެއަށް އެދުމުން، އެ މީހުން އަތުން ރިބާ އަތުލައްވާނެ ބޭފުޅެއް ކަމުގައި ވުމަކީ ވާނެ ކަމެއް ނޫނެވެ. ޢައްބާސްގެފާނު ރިބާ އަތުލެއްވީ މައްކާގެ ވިޔަފާރިވެރިން އަތުންނެވެ.

ހަމަ އެހެން ދިމާއަކުން ބަލާލާއިރު، ޤުރުއާނާއި ޙަދީޘުގައި ވަނީ ރިބާ ކާ މީހުންނާއި (ރިބާ ހިމެނޭ ގޮތަށް ދަރަނި ދީ ފައިދާ ހޯދާ މީހުން)، ރިބާ ކާން ދޭ މީހުންނަށް (ރިބާ ހިމެނޭ ގޮތަށް ދަރަނި އަތުލާ މީހާ) ލަޢުނަށް ދެއްވާފައެވެ.

އެކަމަކު ބަނޑުހައިވެ ޟަރޫރީ ޙާލަތެއް ޖެހުމުން ފުރާނަ ސަލާމަތް ކުރަން މުޅަތަކެއްޗާއި އޫރުމަސް ފަދަ ތަކެތިވެސް ކެއުން ހުއްދަ ކުރި އިސްލާމް ދީން، ފަޤީރަކު ކޮންމެހެން ބޭނުންވެގެން މުއްސަންޖެއްގެ އަތުން ރިބާ ހިމެނޭ ގޮތަށް ކާލާނެ އެތިކޮޅެއް ހޯދުމުން، އެ ކަމަށް ލަޢުނަތް ދިނުން އެ ވާނީ މަންޠިޤާއި ޚިލާފު ކަމަކަށެވެ. އެ ފަޤީރު މިސްކީނުގެ ކުށަކީ ކޮބައި ހެއްޔެވެ. އެ ކަހަލަ ފަޤީރު މިސްކީނަކަށް ރިބާ ކީއްކުރަން އޫރުމަސް ވެސް ކެއުން ހުއްދައެވެ.

ވީމާ މިއިން ދަލީލުކޮށް ދެނީ އިސްލާމް ދީނުގައި ޙަރާމް ކޮށްފައި އެވާ ރިބާ އަކީ ހަމައެކަނި މުއްސަނދިންނާއި ފަޤީރުންގެ ދެމެދުގައި އޮންނަ ރިބާއެއް ނޫން ކަމެވެ. ކިއެއްތަ މަހުޖަނަކާއި މަހުޖަނަކާއި ދެމެދު ކުރެވޭ މުޢާމަލާތެއްގައި ރިބާ ހިމެނުނަސް އެ ވާނީ ޙަރާމް އެއްޗެއް ކަމުގައެވެ. ދެ މީހުން ރުހިގެން ކެޔަސް ވާނީ ރިބާ އަށެވެ. ލޯނަށް ނަގާ ފައިދާ ކުޑަޔަސް ބޮޑަސް ވާނީ ރިބާ އަށެވެ. އަހަރެން ބޭންކަށް ލޯނު ދިނީމާ( ލާރި ލީމާ) އެ މީހުން ދޭ އިތުރު ފައިދާ އަކީ ވެސް ރިބާ އެވެ.

ގަދަވެގެންވާ ޙަރާމް ކުރެއްވުމަކުން، މާތް ﷲ ޙަރާމް ކުރެއްވީ ރިބާ އެވެ. ޖާހިލިއްޔަ ޒަމާނުގައި ކައި އުޅުނު ރިބާ އެކޭ، އެކާވީސްވަބަ ޤަރުނުގައި ކައި އުޅޭ ރިބާއެކޭ ތަފާތެއް ނެތެވެ. މުސްލިމަކަށް މިވަރުން ފުދެއެވެ. އިތުރު ބަހަނާތަކެއް ބޭނުމެއް ނުވެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.