Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު ބޭންކު ފައިދާ އަކީ އެއީ ޙަރާމް ރިބާ

ބޭންކު ފައިދާ އަކީ އެއީ ޙަރާމް ރިބާ

bank-faidha-eiee-haraam-riba-foi 
ފޮތުގެ އަސްލު ނަން: ފަވާއިދުލް ބުނޫކި ހިޔަ އައްރިބާ އަލްޙަރާމް
ފޮތް ލިޔުއްވީ: އައްޝައިޚް ޔޫސުފުލް ޤަރަޟާވީ

ބޭނުން ކުރުމަށް ދެވޭ ރިބާ އާއި އުފެއްދުމަށް ދެވޭ ރިބާ :
ރިބާ ޙަރާމް ކުރުމުގެ ޙިކްމަތް:
ވިޔަފާރި ބޭންކުތައް ދަނޑު އިންދާ، އުފައްދާ، މޭވާކުރޭތަ؟
ރިބާ އަކީ ކޮބާ؟!
ބޭންކަށް ލާރި ލާ މީހުންނާއި ބޭންކާއި ދެމެދު އޮންނަ ގުޅުން :
އާދައިގެ ބޭންކުތަކުން ކުރާ މަސައްކަތަކީ މުޟާރަބާއެއް ނޫން:
ރަން ފައިސާއާއި ކަރުދާސް ފައިސާ
ގުނަކޮށް ކާ ރިބާ :
ބޭންކު ފައިދާއާއި ޖާހިލީ ރިބާ
ބިން ކުއްޔަށް ދިނުމާއި ރިބާ ޤިޔާސް ކުރުން
ބައްޕައާއި ދަރިއާ ދެމެދު ރިބާ
މުޅި ދުނިޔޭގައި ވެސް ރިބާ ނެތް!
އިޖްމާޢަކުން ނޫނީ އިޖްމާޢެއް އުވާ ނުލެވޭނެ

މި ދުވަސްވަރު ނޫސްތަކުގައި، ބޭންކު ފައިދާ އާ ބެހޭ ގޮތުން ހިނގަމުން ދާ ޖަދަލާ މެދު އަހަރެން ވަރަށް ބޮޑަށް ހިތާމަކޮށް ދެރަވަމެވެ. ބޭންކު ފައިދާ އަކީ ރަނގަޅު ޙަލާލް އެއްޗެއްތޯ ނުވަތަ ނުބައި ޙަރާމް އެއްޗެއްތޯ، ކުރެވެމުން ދާ ޖަދަލާމެދުގައެވެ.

އަހަރެން ހިތާމަކޮށް ދެރަވުމުގެ ސިއްރަކީ، މި މައްސަލައަކީ، މީގެ އެތައް ޒަމާނެއް ކުރިން، އަހަރެމެން ނިންމާފައިވާ މައްސަލައަކަށް ވާތީއެވެ. އަދި އިސްލާމީ އިޤްތިޞާދެއް އުފެއްދުމުގެ ފިޔަވަޅުތައް އަޅުގަނޑުމެން ވަނީ އަޅަން ފައްޓާފައެވެ. އެއީ ﷲ ޙަލާލް ކުރެއްވި އެއްޗެހި ޙަލާލް ކޮށް، ﷲ ޙަރާމް ކުރެއްވި އެއްޗެހި ޙަރާމް ކުރާ އިޤްތިޞާދެކެވެ. މާތް ﷲ ފަރުޟު ކުރެއްވި އެއްޗެއް އަދާ ކުރާ އިޤްތިޞާދެކެވެ. ނަމަވެސް މި އަދު އަނެއްކާ އަޅުގަނޑުމެން މި ވަނީ ފަހަތަށް ޖެހެން ފަށާފައެވެ. ފަންސަވީސް އަހަރު ފަހަތަށް ޖެހެން ފަށާފައެވެ. ކަމަށް ޚާއްޞަ އިސްލާމީ ބައްދަލުވުންތަކާއި، އެއްވުންތަކާއި، މަޖްމަޢްތަކުން، މީގެ ފަންސަވީސް އަހަރު ކުރިން ވަކިގޮތެއް ކަނޑައަޅައި ނިންމާފައިވާ މައްސަލަތަކާ މެދު، މި އަދު މި ވަނީ އަލުން ބަހުސް ކުރެވެން ފަށާފައެވެ. އަހަރެމެން އަވަދި ވެފައިވާ މައްސަލަތައް މި އަދު މި ވަނީ އަނެއްކާ، ކުރިމައްޗަށް ގެނެވިފައެވެ!

ފަހެ މި އުއްމަތަށް އޮތް ގޮތަކީ، ވަޅު ވަށައިގެން ގެރި އެނބުރޭހެން، އަމިއްލަ ނަފްސު ވަށައިގެން އެނބުރި އެނބުރި ތިބުން ހެއްޔެވެ؟ އަހަރެމެންގެ ކުރިމަތީގައި ހުރި ބޮޑެތި މައްސަލަތަކާއިގެން އުޅެގަންނަން، އެއްވެސް ''ހަނގުރާމައަކަށް'' ދުވަހަކު ނިމުމެއް ނުގެނެސް ތިބެން ވީހެއްޔެވެ؟ އަހަރެމެންގެ ކުރިމަތީގައިވާ އެންމެ މުހިއްމު އެއް ކަމަކީ، އަހަރެމެންނަށް ފުދޭ ވަރަށް ކާ އެއްޗެހި އިންދުމެވެ. އަހަރެމެން ޙިމާޔަތް ކުރެވޭ ވަރުގެ ޞިނާޢަތެއް ބިނާ ކުރުމެވެ. އަހަރެމެން ދެކެ ބިރުގަންނަ، އަހަރެމެންނަށް ދަހިވެތިވެފައި ތިބި، އަހަރެމެން ދެކެ ހަސަދަވެރި ވާ ބާރުތަކަކުން އަހަރެމެންނާ ދެކޮޅަށް ރޭވުންތަކެއް ރާވަނީ ހެއްޔެވެ؟ މަކަރުވެރި ގޮތްތަކާއި، ފިއްތުމުގެ ވަސީލަތްތަކެއް ލިބިފައިވާ ބައެއްގެ އަސަރުގައި ޖެހިގެން -އެނގިގެން ނަމަވެސް ނޭނގިނަމަވެސް- އަހަރެމެންގެ ތެރެއިން ބަޔަކު، ގަޑީގެ ކަށި ފަހަތަށް އަނބުރަނީކީ ނޫންބާވައެވެ؟ އެ ގޮތުން އެ މީހުން، މަރުވެ ނިމިފައިވާ ފިކުރު އަލުން ދިރުވަނީއެވެ. ޒަމާން ވެ ނިމިފައިވާ މައްސަލަތައް އަލުން ހިލުވަނީއެވެ. އިސްލާމީ އުއްމަތަށް އައި ދީނީ ހޭލުންތެރި ކަމުގެ ސަބަބުން ނިމުމަކަށް އައިސްފައިވާ މާޔޫސް ކަމާއި ދައްކަމާއި ވަކިވާން ބޭނުން ނުވަނީހެއްޔެވެ؟ ނުވަތަ މާޔޫސް ކަމާއި ދައްކަމާއި އަހަރެމެންނާއި ދެމެދު މުޤައްދަސް ގުޅުމެއް އޮވެގެން، ދައްކަން އަހަރެމެންނާއި ވަކިވެގެން ދިޔައީމާ ވެސް، އަހަރެމެން އެއަށް ސިޓީ ފޮނުވައިގެން، އަވަހަށް އަންނާށޭ ބުނާ ކަހަލައެވެ.

މިހެން މިކަން އޮތުމުގެ ސަބަބުން، ދުވަހަކު ވެސް އަހަރެމެންނަށް ކަމެއް ނިންމާ ނުލެވެއެވެ. ފައިލެއް ބަންދު ނުކުރެވެއެވެ. ކަމެއް ކޮށް މައްސަލައެއް ނިންމާ އިރަށް، އަހަރެމެން އެނބުރި ގޮސް ކުރި ހުރިހާ މަސައްކަތެއް ފުނޑު ފުނޑު ކޮށްލަމުއެވެ. މީގެ މިސާލަކީ، ކީރިތި ޤުރުއާނުގައި އަހަރެމެންނަށް ކިޔާދީފައިވާ، މޮޔަ އަންހެނާ ގެ މިސާލެވެ. އެ އަންހެން މީހާ ފޮތި ވިޔެފައި ދެން ކުރާ ކަމަކީ، ވިޔުނު އެއްޗެހި މޮހުމެވެ. މިސާލެއް ޖައްސަވަމުން، އައްނަޙްލު ސޫރަތުގެ 92 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވަނީ: وَلاَ تَكُونُواْ كَالَّتِي نَقَضَتْ غَزْلَهَا مِن بَعْدِ قُوَّةٍ أَنكَاثاً تَتَّخِذُونَ أَيْمَانَكُمْ دَخَلاً بَيْنَكُمْ أَن تَكُونَ أُمَّةٌ هِيَ أَرْبَى مِنْ أُمَّةٍ إِنَّمَا يَبْلُوكُمُ اللّهُ بِهِ وَلَيُبَيِّنَنَّ لَكُمْ يَوْمَ الْقِيَامَةِ مَا كُنتُمْ فِيهِ تَخْتَلِفُونَ

މާނައަކީ: ''ކެހެރިތައް ގުޅައި، ރޮދިއަޅައި، ބާރުކުރުމަށްފަހު، އެ ކަނބުލޭގެ ގުޅައިގެން އުޅުނު ކެހެރިގަނޑު އެތިއެތިކޮޅަށް ހަދައި، ކޮށައިލި ކަނބުލޭގެ ފަދައިން ތިޔަބައި މީހުން ނުވާށެވެ.''

އަހަރެން މި ވަނީ ހައިރާން ކަމެއްގެ ތެރޭގައެވެ. ތިބާ ބޭނުމިއްޔާ، ހާސްކަމަކާއި ހިތާމައެއްގެ ތެރޭގައޭ ބުނާށެވެ. އެއީ އިސްލާމީ ފިކުރީ މައިދާނުގައި ހިނގަމުން ދާ ކަންތަކާ މެދުގައެވެ. މި ކަންތައް ގަނޑު މި ހިނގަނީ ކީއްވެގެން ހެއްޔެވެ؟ ކާކުގެ ފައިދާއަކަށްޓަކައި ހެއްޔެވެ؟ ބޭނުމަކާ ނުލާ މި އުއްމަތުގެ ހަކަތަ ބޭކާރު ކޮށްލުމުން ފައިދާ ވަނީ ކާކަށް ހެއްޔެވެ؟ ކުރިއަށް ހިނގަމުން ދާ ޤާފިލާ ގެ ލަގަން މި ވަނީ އަނބުރާލާފައެވެ. އެއީ ޤާފިލާ ކުރިއަށް ދެވުނަ ނު ދީ، ބޭނުންވާ މަންޒިލަށް ދެވުނަ ނު ދޭން ވެގެންނެވެ.

މި ޤަރުނުގެ (މީލާދީން ވިހިވަނަ ޤަރުނު) ކުރީ ކޮޅުން ފެށިގެން އައިސް ޤަރުނު ގެ މެދާއި ހަމައަށް އުޅުނު މީހުން، ބޭންކު ފައިދާ އަކީ ހުއްދަ އެއްޗެއް ކަމަށް ދައްކަން އުޅުނު އުޅުމަށް، އުޒުރެއް އޮތް ކަމަށް އަހަރެން ޤަބޫލު ކޮށްފާނެމެވެ. އެހެނީ އޭރު ހުޅަނގުގެ ޙަޟާރަތް ވަނީ އޭގެ އެންމެ ފުރިހަމަ ކަމުގައެވެ. ނަޒަރު ހުއްޓުވާ ފަދަ ވިދުންތަކެއް ވިދަވިދައެވެ. އަހަރެމެން ގެ ތުރާޘް އޮތީ ވަޅުޖެހިފައެވެ. ރައްޔިތުން ތިބީ ނިކަމެތި ކުރެވިފައެވެ. އަހަރެމެން ގެ ސިކުނޑި އޮތީ، އާ ކޮންމެ އެއްޗަކަށް ގެއްލިފައެވެ. އަދި ރިބާ ގެ މައްޗަށް ބިނާވެފައިވާ ރައުސްމާލީ ނިޒާމް އޮތީ، މުޅި ދުނިޔެއަށް ވެރިވެގެންނެވެ. އެހެން ޤައުމުތައް ހިނގާނެ ގޮތެއް ކަނޑަ އަޅަމުން ދިޔައީ އެ މީހުންނެވެ.

ކަން މިހެން އޮތުމުން ބޭރުން އައި ފިކުރު ކުރިމަތީގައި އަހަރެމެން ބަލިވި ބަލިވުމުގެ ސަބަބަކީ، އިސްލާމީ ޝަރީޢަތުގައި ވާ ކަމެއް ކަމަށް، މުސްލިމް ބައެއް ދަރިން ބުނަމުން ދިޔައެވެ. އަދި މި ފަދަ ދަރިން ދިޔައީ މުޙްކަމް ނައްޞުތަކުގެ ކުރި ލަންބުވައި އެއީ މުތަޝާބިހް ނައްޞުތަކަކަށް ހަދަން މަސައްކަތް ކުރަމުންނެވެ. މުސްލިމުން ގެ އެއްވެސް އިޚްތިޔާރެއް ނެތި، އެ މީހުން ގެ މައްޗަށް މަޖްބޫރު ކުރެވުނު، ނިޒާމެއް އެއީ ރަނގަޅު އެއްޗަކަށް ހެދުމަށް ބަހަނާއެއް ހޯދަން ވެގެންނެވެ.

މި ދެންނެވި ''ބަހަނާ ހޯދާ މަދަރުސާ'' ގެ ނައްޞު ތައުވީލު ކުރާ މީހުން ކުރާ ކަމަކީ، އެ މީހުން ދޭ، ޔޫރަޕް ހަށިގަނޑެއް ހުންނަ ފަތުވާގައި، މުސްލިމް ޝައިޚެއް ގެ ފަގުޑި އަޅުވާލުމެވެ. އެއީ ބޭރުފުށުގެ ދަޅައަށް ހެއްލޭ، އެތެރެ ނުބަލާ މުސްލިމުން، އެ ކަންތައްތައް ޤަބޫލު ކުރުވުމަށްޓަކައެވެ. މި ދެންނެވި ބަހަނާ ހޯދާ މީހުން ތިބީ، ނިކަން ބަލިކަށި ޝުބުހާތުތަކެއްގައި ހިފަހައްޓައިގެންނެވެ. ނަމަވެސް ޢިލްމުގައި ފުންނާބު އުސް މީހުންގެ ކުރިމަތީގައި، މި ހުރިހާ ޝުބުހާތަކެއް ވެސް، އެއްޗަކަށް ފަހު އެއްޗެއް ފުނޑު ފުނޑު ވެގެން ހިނގައްޖެއެވެ.

އަދި ބަހަނާއެއް ހޯދުމުގެ މަރުހަލާ ކަޑައްތު ކޮށް، ދިފާޢު ކުރުމުގެ މަރުހަލާއަށް، އިސްލާމީ ފިކުރު ދަތުރު ކުރިއެވެ. އެ ގޮތުން، ބަހުސްތަކަކާއި ލިޔުންތަކެއް ލިޔެވުނެވެ. އިސްލާމް ދީން ރިބާ ޙަރާމް ކުރުމުގެ ދިފާޢުގައި އެތަކެއް ފޮތެއް ލިޔެވުނެވެ. އަދި ރިބާ ހުއްދަ ކުރުމުން ލިބޭނެ، އިޖްތިމާޢީ، އިޤްތިޞާދީ، ސިޔާސީ، އަޚްލާޤީ ގެއްލުންތަކާއި ފަސާދަ ބަޔާން ކުރެވުނެވެ. އަދި އިސްލާމީ އިޤްތިޞާދު ގެ ފައިދާ އާއި، އަދި މި އިޤްތިޞާދުގައި ފާހަނގަ ކުރެވޭ މެދުމިން ކަމާއި ޢަމަލީކަން ބަޔާން ކުރެވުނެވެ. ފަހެ އިސްލާމީ އިޤްތިޞާދަކީ ޢަމަލީ ދުނިޔެއަށް ރިޢާޔަތް ކުރާ، ނަމަވެސް އަޚްލާޤީ ހަމަތައް ހަނދާން ނައްތާ ނުލާ އިޤްތިޞާދެކެވެ.

ދެން މި އަށް ފަހު، ޙަރާމް މުޢާމަލާތުގެ ބަދަލެއްގެ ގޮތުން، ޝަރުޢީ ގޮތުން ހުއްދަ މުޢާމަލާތުތަކެއް ހޯދަން، އިސްލާމީ ފިކުރު މަސައްކަތް ކުރުން ވެގެން ދިޔައީ، ވަރަށް ވެސް މަތިވެރި ފިޔަވަޅަކަށެވެ. އެގޮތުން، ހުއްދަ މުޢާމަލާތްތަކެއްގައި ހުންނަން ވާނެ ސިފަތަކެއް ކަނޑައަޅައި، ފައިސާ މޭވާކުރެވޭނެ (އިސްތިޘްމާރު/ އިންވެސްޓު) ހުއްދަ ވަސީލަތްތައް ހޯދައި، މުޢާމަލާތްތަކުގައި ހިމެނޭ ޙަރާމް ގޮތްތައް ދުރުކުރެވޭނެ ގޮތްތަކެއް ހޯދުނެވެ. ދެން މި އަށް ފަހު، ވިޔަފާރިވެރިން، ކަންތައް ތަންފީޒު ކުރަން ތިބޭ މީހުން، ޢިލްމާއި ފިކުރުގެ މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ތައުފީޤު މާތް ﷲ ދެއްވިއެވެ. ނަތީޖާއަކަށް ވީ، ރިބާ ބޭންކުތަކުގެ ބަދަލެއްގެ ގޮތުގައި އިސްލާމީ ބޭންކުތަކެއް އުފެދުމެވެ. އަދި ދުވަހަކަށް ފަހު ދުވަހެއް، އިސްލާމީ ބޭންކުތަކުގެ އަދަދު އިތުރު ވެ، އޭގެ ދާއިރާ ފުޅާވެގެން ދިޔައެވެ.

މި އަދު އަހަރެމެން މި ވަނީ، ކުރިން ހޯދި ބަދަލުތައް ބޮޑަށް ފުރިހަމަ ކޮށް ތަރައްޤީ ކުރުމުގެ މަރުހަލާއެއްގައެވެ. މި ދެންނެވީ، އިސްލާމީ ބޭންކުތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކޮށް، އޭގައި ވާ ބައެއް ކުދި ކުނިބުނިތައް ނައްތާލެވޭތޯ މަސައްކަތް ކުރާ ވާހަކައެވެ. އަދި އިސްލާމީ ބޭންކުތަކުގެ ހަރަކާތްތައް ހީވާގި ކޮށް، ހިންގުމާއި އިޤްތިޞާދާއި ފަންނީ ތަޖުރިބާ ލިބިފައި ތިބި، ރަނގަޅު ސުލޫކެއްގެ ވެރި، ދީންވެރި މީހުންތަކެއް، ބޭންކުތަކަށް ތައްޔާރު ކުރާ ވާހަކައެވެ. ފަހެ މި ހުރިހާ މަރުހަލާތަކެއް ކަޑައްތު ކުރުމަށް ފަހު، އަނެއްކާ އެއްކަލަ ''ބަހަނާ ހޯދުމުގެ މަރުހަލާ'' އަށް އެނބުރި ދާން ވީ ހެއްޔެވެ؟

އިސްލާމީ ބޭންކެއް އުފެދިދާނެ ކަމުގެ ހުވަފެން ނުދެކޭށޭ، ފައިދާ އަތުނުލާ ބޭންކެއް އުފެދިދާނެ ކަމަށް ހުވަފެން ނުދެކޭށޭ، ވީމާ ދުވަހެއްގެ ކޮޅުން ވެސް އިސްލާމީ އިޤްތިޞާދެއް އުފެދިދާނެ ކަމަށް ހުވަފެން ނުދެކުމަށް، ވަރަށް ކުރިން އަހަރެމެންނާ ދިމާލަށް ބުނެވުނެވެ. އެ މީހުން ބުނީ، ހަޔާތުގެ މައި ނާރަކީ އިޤްތިޞާދު ކަމުގައެވެ. އަދި ބޭންކަކީ އިޤްތިޞާދުގެ މައި ނާރު ކަމުގައެވެ. އަދި ފައިދާ އަކީ ބޭންކުގެ މައި ނާރު ކަމުގައެވެ. ވީމާ ފައިދާ އަތުނުލާ ބޭންކެއް އުފައްދަން ކަލޭމެން ގޮވާލަނީ ނަމަ، ތި އެދެނީ މުސްތަޙީލު ކަމެއް ކަމަށް، އެ މީހުން އަހަރެމެންނާ ދިމާލަށް ބުންޏެވެ.

އަހަރެމެން ދުނިޔޭގައި އުޅެފީމެވެ. ﷲ އަށް ޙަމްދު ހުއްޓެވެ. އަދި ކުރިމަތިން ފެންނަ ޙަޤީޤަތެއްގެ ގޮތުގައި، އިސްލާމީ ބޭންކުތަކެއް އުފެދިފައި ވަނިކޮށް އަހަރެމެންނަށް ފެނިއްޖެއެވެ. އަދި ލާމަސީލު ދަރަޖައަކަށް، މުސްލިމުން އެފަދަ ބޭންކާ ދިމާލަށް ދާތަން ވެސް ދެކެފީމެވެ.

އިސްލާމީ އިޤްތިޞާދީ ޖަމްޢިއްޔާ ގެ ދަޢްވަތަކަށް ޤާހިރާގައި ބޭއްވުނު ނަދުވާ އަކަށް އެއްފަހަރަކު އަހަރެން ހާޒިރު ވީމެވެ. އެ ބައްދަލު ވުމަށް، ޤާނޫނާއި ފިޤުހާއި އިޤްތިޞާދީ ދާއިރާ ގެ ތަޖުރިބާކާރުން ގެ ސަތޭކައަށް ވުރެ ގިނަ މީހުން ހާޒިރުވިއެވެ. އެ އެންމެން އެއްބަސް ވީ، ބޭންކު ފައިދާ އަކީ ޙަރާމް އެއްޗެއް ކަމަށެވެ. ތަންކޮޅެއް ބަރާބަރަށް ބުނަންޏާ، އެ ބައްދަލުވުމުގައި ވަނީ، ޢިލްމީ މަޖްމަޢްތަކުން ކުރިން އެއްބަސް ވެފައިވާ އެއްބަސްވުންތަކެއް ކަށަވަރު ކޮށްދީފައެވެ.

ނަމަވެސް، ހާޒިރު ވެ ތިބި މީހުންގެ ތެރެއިން އިޤްތިޞާދީ އެންމެ މީހަކު އިޖްމާޢް އާ ޚިލާފުވިއެވެ. އޭނާ ދެއްކި ބަހަނާތަކަކީ، ދެ ފައި މަތީ ކޮއްޅަށް ނު ހުރެވޭނެ ބަހަނާތަކެކެވެ. އޭނާ ބުނި ވާހަކަތކުގެ ތެރޭގައި ބުނީ: މުޝާރަކާ އާއި މުޟާރަބާ އާއި މުރާބަޙާ އެއީ ރިބާ ގެ ބަދަލެއް ނޫން ކަމަށެވެ. ބަދަލަކީ ޤަރުޟުލް ޙަސަން ކަމަށެވެ. އޭނާ ބުނަން ބޭނުން ވީ، ރިބާ ބޭންކުތަކުގެ ޝަރްޢީ ބަދަލަކީ އިސްލާމީ ބޭންކުތަކެއް ނޫން ކަމަށެވެ.

އޭނާ ހަނދާން ނެތިފައި އޮތް ކަމަކީ، ކީރިތި ޤުރުއާނުގައި ރިބާ ގެ ބަދަލެއްގެ ގޮތުގައި ދެ އެއްޗެއް ނަންގަނެވިފައި ވާ ކަމެވެ. އެ ދެ އެއްޗަކީ، ޞަދަޤާތް -ޤަރްޟުލް ޙަސަން އަކީ މި މާނައިގައި ދެވޭ އެއްޗެއް- އަދި ވިޔަފާރި -މުޝާރަކާ، މުޟާރަބާ، މުރާބަޙާ އަކީ މި މާނައިގައި ހިމެނޭ އެއްޗެއް- އެވެ. ފުރަތަމަ އެއްޗާއި ބެހޭ ގޮތުން ވަޙީ ކުރައްވާފައި ވަނީ: يَمْحَقُ اللّهُ الْرِّبَا وَيُرْبِي الصَّدَقَاتِ

މާނައަކީ: ''ސޫދު(ރިބާ) ކެއުން، ހުރިހާ ބަރަކާތަކުން ﷲ މަޙްރޫމް ކުރެއްވިއެވެ. އަދި ޞަދަޤާތުގައި އެ ކަލާނގެ ބަރަކާތް ލެއްވިއެވެ.''

ދެވަނަ އެއްޗާއި ބެހޭ ގޮތުން ވަޙީ ކުރައްވާފައި ވަނީ: وَأَحَلَّ اللّهُ الْبَيْعَ وَحَرَّمَ الرِّبَا

މާނައަކީ: ''ނަމަވެސް، ﷲ، ވިޔަފާރި ކުރުން ޙަލާލް ކުރައްވާ، ސޫދު ކެއުން ޙަރާމް ކުރައްވައިފިއެވެ. ''

ވީމާ ކާންބޯން ރިބާ އަތުލާ މީހުންނަށްޓަކައި އޮތް ހައްލަކީ، ޞަދަޤާތެވެ. ވިޔަފާރިއެއްގެ ގޮތުން ރިބާ އަތުލާ މީހުންނަށްޓަކައި އޮތް ހައްލަކީ، ގަނެވިއްކުމުގެ ވިޔަފާރިއާއި އަދި އެއިން ގޮފި ފަޅާފައިވާ ގޮފިތަކެވެ.

އާނއެކެވެ. ހުޅަނގުގެ ޙަޟާރަތާއި އެ ޙަޟާރަތުން ފާޅުވި ނިޒާމުތަކާއި ފިކުރުތައް ފަހަތުން، މީގެ ބައި ޤަރުނު ކުރީގައި، ދުވަމުން އަދި އޭގައިވާ ހެވާއި ނުބައި އަދި ފޮންޏާއި ހިތިކަން އިސްލާމީ މުޖްތަމަޢްތަކަށް ވައްދަން އުޅުނު މީހުން، އުޒުރުވެރި ކަމުގައި އަހަރެން ޤަބޫލުކޮށްފާނަމެވެ. ނަމަވެސް މިއަދު އަހަރެމެން މި ދެކޭ ބަހަނާ ހޯދުމުގެ މަދަރުސާގެ އަހުލުވެރިންނަށް، އެއްވެސް ކަހަލަ އުޒުރެއް އޮތް ކަމަކަށް އަހަރެން ޤަބޫލު ނުކުރާނަމެވެ.

ބޭނުން ކުރުމަށް ދެވޭ ރިބާ އާއި އުފެއްދުމަށް ދެވޭ ރިބާ :

ބަހަނާ ހޯދުމުގެ މަރްހަލާގައި ބައެއް މީހުން ބުނެ އުޅުނެވެ: ﷲ އާއި އެކަލާނގެ ރަސޫލާ ޙަރާމް ކުރައްވާފައިވާ ރިބާ އަކީ، ބޭނުން ކުރުމަށް ދެވޭ ރިބާ (ރިބާ އަލްއިސްތިހްލާކް) އެވެ. އެއީ އިންސާނެއްގެ އަމިއްލަ ބޭނުންތައް ފުއްދުމަށްޓަކައި އަތުލާ ދަރަނީގައި ހިމެނޭ ރިބާއެވެ. ކެއުން ބުއިމާއި އަންނައުނު ގަތުމާއި، ޢާއިލާއަށް ޚަރަދު ކުރުން ފަދަ ކަންތައްތައް ކުރުމަށްޓަކައެވެ. މި ފަދަ ކަމެއް ފުއްދުމަށްޓަކައި މީހަކު ދަރަންޏެއް އަތުލާއިރު އޭގެ ތެރެއަށް ރިބާ ލާފައި ދިނުން ހުއްދަ ކަމަކަށް ނުވީ، އެއީ ބޭނުން ޖެހިފައިވާ މީހާއާއި ފަޤީރުމީހާ ގެ ހާލަތު ނާޖާއިޒު ގޮތެއްގައި ހިފޭތީއެވެ. ބޭނުން ޖެހިފައިވާ މީހަކު އައިސް ދަރަންޏަކަށް އެދުމުން، ރިބާ ލާފައި ދަރަނި ދޭ ދަހިކަން ބޮޑު މީހާ، މިސާލަކަށް ސަތޭކައިގެ ބަދަލުގައި ސަތޭކަ ދިހައެއް އަނބުރާ އަދާ ކުރަން ނޫން ގޮތަކަށް، ދަރަނި ނުދޭތީއެވެ.

މި ވާހަކަ އަކީ، މި ވޭތުވެ ދިޔަ ތޭރަ ޤަރުނުތެރޭގައި، މުސްލިމް އެއްވެސް ފިޤުހުވެރިޔަކު ބުނެފައިވާ ވާހަކައެއް ނޫނެވެ. އަހަރެމެން އިސްތިޢްމާރު ކުރެވުމުގެ ކުރީގައި މި ވާހަކަ ނު ދެއްކެއެވެ. މި ގޮތަށް މި ވާހަކަ ދެއްކުމަކީ، ހަމަ ހަވާ ނަފްސާއި ހީކުރުންތަކެއްގެ މައްޗަށް ބިނާވެ ހުރެ، ޤައިދެއް ޝަރުޠެއް ނެތް ނައްޞުތަކެއް ގެ މާނަ، ހަނިކޮށް ޤައިދު ކުރުމެވެ. މިފަދަ ގޮތަކަށް ޢަމަލު ކުރާ މީހުންނާ މެދު މާތް ﷲ ނުރުއްސަވާ ކަން ވަޙީ ކުރައްވާފައި ވެއެވެ: إِن يَتَّبِعُونَ إِلَّا الظَّنَّ وَمَا تَهْوَى الْأَنفُسُ

މާނައަކީ: ''އެ މީހުން އެ ތަބާވަނީ ހީއަކަށް އަދި އެމ މީހުންގެ ހަވާ ނަފްސު އެދޭ ގޮތްތަކަށް ކަމުގައި މެދނުވީ ނުވެއެވެ.'' (އައްނަޖްމު:23)

ރިބާގެ މާނަ މި ގޮތަށް ކުރުމަކީ ދޮގު ކަން، ތާރީޚުން ސާބިތު އެބަ ވެއެވެ. އެހެނީ ޖާހިލިއްޔަ ޒަމާނުގައި ފެތުރިފައި އޮތް ރިބާ އަކީ، ބޭނުން ކުރުމަށް ދެވޭ ރިބާއެއް ނޫނެވެ. މީހުން ދަރަނި އަތުލައި އުޅުނީ ކާލާނެ އެއްޗެއް ގަންނާކަށް ނޫނެވެ. ޖާހިލިއްޔަ ޒަމާނުގެ މުއްސަނދި އެއްވެސް ޢަރައްބެއްގެ ގާތަށް، ފަޤީރަކު އައިސް ކާނެ އެއްޗެއް ނުވަތަ ބޯނެ އެއްޗެއް ގަންނަން ވެގެން ދަރަންޏެއް ދޭށޭ ބުނުމުން ރިބާ ލާފައި ދަރަނި ދޭކަމެއް އެނގިފައި ނެތެވެ. އަދި މިފަދަ ކަމެއް ހިނގިޔަސް އެއީ އެއީ ނާދިރު ހާލަތެކެވެ. އޭގެ މައްޗަށް ޙުކުމް ބިނާ ކުރެވޭހާ ގިނަ ހާލަތްތަކެއް ނޫނެވެ.

އެ ޒަމާނުގައި ފެތުރި ޢާއްމު ވެފައި އޮތް ރިބާ އަކީ، ވިޔަފާރީގެ ރިބާއެވެ. ފިނި މޫސުމާއި ހޫނު މޫސުމުގައި ކުރެވޭ މަޝްހޫރު ވިޔަފާރި ދެ ދަތުރުގައި ދާ ވިޔަފާރި ޤާފިލާތައް ކުރާ ވިޔަފާރިއެވެ. ޤާފިލާތައް ދާ އިރު، މީހުން އެ މީހުންގެ އަތުގައި ހުންނަ ފައިސާ ދެ ގޮތަކަށް ދީ އުޅުނެވެ. އެއް ގޮތަކީ އެއްބަސް ވެވޭ ގޮތަކަށް ދެ މީހުންނަށް ފައިދާ ބަހަން، މުޟާރަބާ ގެ ގޮތުގައި ދެވޭ ފައިސާއެވެ. ވިޔަފާރިން ވީ ގެއްލުމެއް ނަމަ، އެ ތަޙްމަލް ކުރާނީ ފައިސާގެ ވެރި ފަރާތެވެ. ދެވަނަ ގޮތަކީ، ލިބެން ޖެހޭނެ ފައިދާ ކުރިން ކަނޑައަޅައި، ދެވޭ ފައިސާއެވެ. އެއީ ރިބާ އެވެ. ކީރިތި ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ގެ ބޮޑު ބޭބޭފުޅު ޢައްބާސް ބިން ޢަބްދުލް މުއްޠަލިބް ހިއްޕަވައި އުޅުއްވީ ފަހުން މި ދެންނެވި ބާވަތުގެ ރިބާއެވެ. ޙައްޖަތުލް ވަދާޢްގައި، ކީރިތި ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ވަނީ މި ފަދަ ރިބާ އަކީ އުވާލެވިފައިވާ ބާޠިލް އެއްޗެއް ކަމަށް ވިދާޅުވެފައެވެ. މި މޭރުމުން ޙަދީޘް ކުރެއްވީ : إنَّ ربَا الجَاهليَّة مَوضُوع كُله وَأوَّل ربَا أضَعُه ربَا عَمِّي عَبَّاس بِن عَبدُ المُطَّلب

މާނައަކީ: ޖާހިލިއްޔަ ރިބާ އަކީ އުވާލެވިފައިވާ ބާޠިލް އެއްޗެކެވެ. ތިމަން ކަލޭގެފާނު އެންމެ ފުރަތަމަ އުވާ ބާޠިލް މި ކުރައްވަނީ، ބޮޑު ބޭބެފުޅު ޢައްބާސްގެ ރިބާ އެވެ.''

ޖާހިލިއްޔަ ޒަމާނުގައި އަމިއްލަ ފައިސާ ޚަރަދު ކުރައްވައިގެން، ޙައްޖުވެރިންނަށް ފެން ބުއިމުގެ ކަންތައް ފުރިހަމަ ކޮށްދެއްވައި އުޅުނު ޢަބްދުލް މުއްޠަލިބް ގެ ދަރިކަލަކު، ދަހި ޔަހޫދީން ކަންތައް ކުރާހެން، ފަޤީރަކު ކާލާނެ ނުވަތަ އޭނާގެ ޢާއިލާއަށް ކާން ދޭނެ އެއްޗެއް ގަނެލަން ދަރަންޏަކަށް އެދުމުން، ރިބާ ނުލާ ދަރަންޏެއް ނުދޭނަމޭ ކިޔައި ފޮނުވާލާފާނެ ކަމަކަށް، އިންސާފާއި އެކީ ބަލައިފި މީހަކަށް ތަޞައްވަރެއް ނުކުރެވޭނެއެވެ.

ގޮވާލާ މީހުން މިއަދު މި ގޮވާހެން، މާތް ﷲ ޙަރާމް ކުރެއްވި ރިބާ އަކީ ބޭނުން ފުއްދުމަށް ދެވޭ ރިބާ -ދަރަނި ނަގާ މީހާގެ އަމިއްލަ ބޭނުންތަކާއި ޢާއިލާއަށް ޚަރަދު ކުރަން- ކަމުގައި ވަނީނަމަ، ރިބާ ކާ މީހާއަށް ލަޢްނަތް ދެއްވި ފަދައި، ރިބާ ކާންދޭ މީހާއަށް (ދަރަނި އަތުލާމީހާ) ކީރިތި ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ލަޢްނަތް ދެއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ފަހެ ކާނެ އެއްޗެއް ގަންނަން ވެގެން ރިބާ ހިމެނޭ ދަރަންޏެއް އަތުލާ މީހަކަށް ލަޢްނަތް ދެވޭނީ ކިހިނަކުން ހެއްޔެވެ؟ އެހެނީ ބަނޑުހައި ވެގެންނާއި ޟަރޫރަތެއް ޖެހިއްޖެ ހާލަތުގައި، މޮޅަތަކެއްޗާއި ލެޔާއި އޫރު މަސް ކެއުން ވެސް، މާތް ﷲ އަދި އެ ކަލާނގެ ރަސޫލާ ވަނީ ހުއްދަ ކުރައްވާފައެވެ. އެ ގޮތުން މާތް ﷲ ވަޙީ ކުރައްވަނީ:  فَمَنِ اضْطُرَّ غَيْرَ بَاغٍ وَلاَ عَادٍ فَلا إِثْمَ عَلَيْهِ إِنَّ اللّهَ غَفُورٌ رَّحِيمٌ

މާނައަކީ: ''އެކަމަކު އެ ކާން މަޖްބޫރުވެއްޖެ މީހަކު، އެ ކާން ނޭދޭ ހާލު، އަދި ހައްދަށް ވުރެ އިތުރު ނުވެ، ކައިފި ނަމަ، އެ މީހެއްގެ މައްޗަށް ފާފައެއް ނެތެވެ. ހަމަކަށަވަރުން މާތް ﷲ އީ ފާފަ ފުއްސަވާ، ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.'' (ބަޤަރާ :173)

ނަމަވެސް އިމާމް މުސްލިމްގެ ޞަޙީޙް ގައި، ﷲ ރުއްސުން ލެއްވި ޖާބިރު ގެ އަރިއަހުން ރިވާ ކުރައްވާފައި ވަނީ: لَعَنَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏ آكِلَ الرِّبَا وَمُؤْكِلَهُ وَكَاتِبَهُ وَشَاهِدَيْهِ وَقَالَ هُمْ سَوَاءٌ

މާނައަކީ: ''ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުންނަށް، ވެސް ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ލަޢްނަތް ލެއްވިއެވެ.'' އަދި ވިދާޅުވިއެވެ: ''މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ.'' (ޞަޙީޙް މުސްލިމް)

ރިބާ ޙަރާމް ކުރުމުގެ ޙިކްމަތް:

މިއަދު ގެ މަސްރަހުގައި ރިބާ ހުއްދަ ކުރަން ދެއްކޭ ބަހަނާތަކުގެ ތެރެއިން އެއް ބަހަނާ އަކީ، ރިބާ ޙަރާމް ކުރުމުގެ ޙިކްމަތް މިއަދު ގެއްލިއްޖެ ކަމަށް ބުނާ ބުނުމެވެ. އެ މީހުން ދެކޭ ގޮތުގައި ރިބާ ޙަރާމްވުމުގެ ޙިކުމަތަކީ، ދަރަނި ދޭ މީހާގެ އަނިޔާވެރިކަމުން ދަރަނި އަތުލާ މީހާ ހިމާޔަތް ކުރުމެވެ. ދަރަނި އަތުލާ މީހާއަށް ޖެހިފައި ވާ ބޭނުމުގެ ނާޖާއިޒު ފައިދާ، ދަރަނި ދޭ މީހާ އަށް ނެގިޔަ ނުދިނުމެވެ.

ކަން މިހެން އޮތް އިރު، މި ޒަމާނުގައި އޮތް ގޮތަކީ، މީހުން އެ މީހުންގެ ފައިސާ ހިފައިގެން ގޮސް، ބޭންކަށް ދަރަނި ދެނީއެވެ. އެއީ ބޭންކު އެފައިސާ މޭވާކުރުމަށްޓަކައެވެ. (އިންވެސްޓު/އިސްތިޘްމާރު) . މިތާނގައި ދަރަނި އަތުލާ ބޭންކަކީ ބާރުގަދަ ފަރާތެވެ. ބާރު ދެރަ ފަރާތަކީ، ދަރަނި ދޭ ފަރާތެވެ. ދަރަނި ދޭ އާދައިގެ ރައްޔިތެއްގެ އަތުގައި އޮންނާނީ ސަތޭކަ، ދުއިސައްތަ ނުވަތަ އެއް ހާސް، ދެ ހާހެވެ. އޭނާ މި ފައިސާ ބޭނުން މި ކުރަނީ އެ ފައިސާ މޭވާކުރުވައި، ވިޔަފާރިއާއި އުފެއްދުންތެރިކަމާއި، އަދި މި ނުންވެސް މޭވާކުރުމުގެ ދާއިރާގައި މޭވާ ކުރުވާށެވެ. އަދި ލިބިދާނެ ގެއްލުމަކުން ސަލާމަތްވާން ވެގެން އޭނާ ފައިސާ ދޭ އިރު ދެނީ، ކުރެވޭނެ މޭވާކުރުމަކީ ފައިދާ ވާނެ ކަމެއްތޯ ނުވަތަ ނޫންތޯ ބަލާ ދިރާސާ ކުރުމަށްފަހުގައެވެ. އެއްފަހަރު ގެއްލުން ވިޔަސް، އެހެން ފަހަރުތަކުން ލިބޭ ފައިދާއިން އެބައި ފޫބެއްދޭނެއެވެ. އަދި ހުރިހާ ފަހަރަކު ގެއްލުން ވެއްޖެނަމަ، މަރުކަޒީ ބޭންކުން އެ ގެއްލުން ފޫބައްދައި ދޭނެއެވެ!

މި ވާހަކަތަކަށް އޮތް ރައްދު ވަރަށް ފަސޭހައެވެ.

އެކެއް: ޢާއްމު ގޮތެއްގައި ކަން އޮންނަ ގޮތުގެ އަސްލަކީ، އަހަރެމެން ޝަރުޢީ ޙުކުމްތައް، ސަބަބުގެ މައްޗަށް ބިނާކުރުމެވެ. ޙިކުމަތުގެ މައްޗަކު ނޫނެވެ. އެހެނީ، ކަމެއްގެ ޙުކުމް ވަކިކޮށް ދެނެގަނެވޭނެ ދާއިމީ، ފާޅު ސިފައަކީ އޭގެ ސަބަބެވެ. މިއާ ޚިލާފަށް ޙިކުމަތަކީ އަބަދު އެއްގޮތަކަށް އޮންނާނެ އެއްޗެއް ނޫނެވެ. ޙިކުމަތް ދެނެގަތުމުގައި މީހުން ތަފާތުވެސް ވެދާނެއެވެ. އަދި ޙިކުމަތަކީ ކޮބައިކަން ކަނޑައެޅުމުގައި މީހުންނަށް އޮޅޭގޮތް ވެ، ޙިކުމަތަކާ މެދު އިއްތިފާޤު ނުވެވޭތަން ވެސް އަތުވެދާނެއެވެ.

ދޭއް: އަހަރެމެން ޙުކުމް ބިނާ ކުރީ، ޙިކުމަތުގެ މައްޗަށް ކަމަށް -ސަބުބުގެ މައްޗަށް ނޫން ކަމަށް- ޖަދަލެއްގެ ގޮތުން ބަލަމާ ހިނގާށެވެ. ބައެއް ޢިލްމުވެރިން ދެކޭ ފަދައިންނެވެ. މި ހާލަތުގައި ޙިކުމަތް ވާން ޖެހޭނީ، ޝާމިލް އެއްޗަކަށެވެ. ހުރިހާ ކަންތައްތަކެއް ހިމެނެން ޖެހޭނެއެވެ. ވަކި ކަމެއް ނަގާފައި ފުއްދާލެވިގެން ނުވާނެއެވެ.

ރިބާ ޙަރާމް ވުމުގެ ޙިކުމަތަކީ، ފަޤީރެއްގެ ބޭނުން ފުއްދުމަށް ނުވަތަ އޭނާގެ ޢާއިލާއަށް ޚަރަދު ކުރުމަށް އަތުލާ ދަރަންޏަކަށް ރިބާ އިތުރު ކުރުމުން، އޭނާގެ ބޭނުން ނާޖާއިޒުގޮތުގައި ހިފޭތީ، އެކަނި ކަމަށް ހެދުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އަހަރެން ވާނީ މި ނުކުތާއަށް ސާފު ދަލީލުން ރައްދު ދީފައެވެ.

ރިބާ ޙަރާމް ވުމުގެ ޙިކުމަތަކީ އެއީ : ފައިސާ އަކީ އޭގެ ޒާތުގައި ފައިސާ އިތުރު ކުރާ އެއްޗެއް ނޫނެވެ. ކިއެއްތަ، ފައިސާ އިތުރު ވަނީ މަސައްކަތާއި ބުރަ އުފުލައިގެންނެވެ. މީހުން ފައިސާ ހޯދައި މިލްކު ކުރުމަކީ، އަދި ފައިސާ ގިނަ ކުރުމަކީ، ޙަލާލް ގޮތުގައި ކުރެވޭ ކަމެއް ނަމަ އަދި ޙައްޤު ގޮތުގައި ހޭދަ ކުރެވޭނަމަ، އިސްލާމް ދީން ޙަރާމް ކުރާ ކަމެއް ނޫނެވެ. ތިނޯހެއްގެ ފަނގުން ޖަމަލެއް ވަދެއްޖައުމަށްދާންދެން، މުއްސަންޖަކު ސުވަރުގެ ނުވަންނާނޭ، އިންޖީލުގައި ބުނެފައި ވާ ފަދައިން، އިސްލާމްދީނުގައި ބުނެފައި ނެތެވެ. ކިއެއްތަ، އިސްލާމް ދީން ބުނީ ''ޞާލިޙް މީހެއްގެ އަތުގައި ހުންނަ ހެޔޮ ފައިސާ އަކީ ހާދަހާ ރަނގަޅު އެއްޗެކެވެ. ''(މި މާނައިގައި ވާ ޙަދީޘް ރިވާ ކުރެއްވީ އިމާމް އަޙްމަދު، ރަނގަޅު ސަނަދެއް)

ހެޔޮ ފައިސާ އަކީ، ޙަލާލް ގޮތް ގޮތުން ހޯދޭ ފައިސާއެވެ. އަދި ޙަލާލު ގޮތަކުން އިތުރު ކުރެވޭ ފައިސާއެވެ. މާނައަކީ، ފައިދާ ހުރި ހުއްދަ މަސައްކަތަކުން އިތުރު ކުރުމެވެ. އަމިއްލައަށް ނުވަތަ އެހެން މީހަކާއި ބައިވެރިވެގެންނެވެ. ރައުސްމާލާއި މަސައްކަތް ގުޅައި ދޭތި އެއްބައިވުމަކީ، ދެ ފަރާތުގެ ވެސް މަސްލަހަތަކަށް އަދި މުޖްތަމަޢްގެ ވެސް މަސްލަހަތަކަށް، އިސްލާމް ދީނުގައި ހުއްދަ ކުރައްވާފައިވާ ނިޒާމެކެވެ. މިފަދަ އެއްބައިވުމެއްގައި ޖެހޭނީ ދެ ފަރާތް ވެސް، ފައްޓާ މަޝްރޫޢުގެ ނަތީޖާ ތަހައްމުލު ކުރާށެވެ. ވީ ގެއްލުން ކަމަށް ވިޔަސް ފައިދާ ކަމަށް ވިޔަސް ވެހެވެ. ވީ ފައިދާ ބޮޑު ނަމަ، ފައިދާ ބެހޭނީ ދެ މީހުން އެއްބަސްވެފައިވާ ގޮތަކަށް ނިސްބަތުންނެވެ. ވީ ފައިދާ މަދު ނަމަ، ލިބޭ މިންވަރު ދެ މީހުންނަށް ވެސް މަދުވާނެއެވެ. ވީ ގެއްލުން ނަމަ، ދެ މީހުންނަށް ވެސް ގެއްލުން ވާނެއެވެ. އެއީ ފައިސާގެ ވެރި މީހާގެ ފައިސާ ގެއްލޭތީއެވެ. އަނެއްކޮޅުން މަސައްކަތް ކުރި މީހާގެ މަސައްކަތާއި އުފުލި ބުރަ ބޭކާރުވެ ގެއްލޭތީއެވެ. ޢަދުލުވެރި ގޮތަކީ މިއީއެވެ. ''ފައިދާ އެއް ލިބޭނީ ގެއްލުމެއް ލިބެން ތައްޔާރުނަމައެވެ.'' ''ފާއިދާ ލިބުނީ، ޖާމިން ވީ ކަމަށްޓަކައެވެ.''

ބައެއް ޤައުމުތަކުގައި ހުރި ބައެއް ބޭންކުތަކުގެ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ފަންސާސް އިންސައްތަ، އަދި އެއަށް ވުރެ ވެސް ގިނައިން ދީފައި އެބަހުއްޓެވެ. ދެން ބޭންކާއި މުޢާމަލާތު ކުރާ މީހުންނަށް (ލާރި ލާ މީހުންނަށް) އެންމެ ދިހަ އިންސައްތަ ދެނީ ކީއްވެހެއްޔެވެ؟

ބައެއް ޤައުމުތަކުގައި ބައެއް ދުވަސްވަރު މީގެ އިދިކޮޅަށް ވެސް ކަންތައް ވެފައި އެބަހުއްޓެވެ. އެ ހާލަތުގައި ބޭންކާއި މުޢާމަލާތު ކުރާ މީހާއަށް ދޭ ފައިދާގެ ނިސްބަތް ކަނޑައެޅިފައިވާ ނިސްބަތަށް ވުރެ މަދު ނުވަނީ ކީއްވެހެއްޔެވެ؟

ރިބާ ޙަރާމް ކުރުމުގެ ހާމަކަން ބޮޑު ފާޅު ހިކުމަތަކީ، ފައިސާއާއި މަސައްކަތުގެ ދެމެދުގައި ޢަދުލުވެރި ބައިވެރިވުމެއް ޤާއިމު ކުރުމެވެ. ލިބިދާނެ ގެއްލުމެއް، ހިތްވަރާއި އެކު ކުރިމަތިލައި މަސްއޫލިއްޔަތު އުފުލުން މުޖްތަމަޢްގައި އާލާ ކުރުމެވެ.

ރައުސްމާލާއި ދެކޮޅަށް، މަސައްކަތް ކުރާ މީހާގެ ކޮޅަށް ދީން ބުރަ ނުވެއެވެ. އަދި މަސައްކަތް ކުރާ މީހާއާއި ދެކޮޅަށް ރައުސްމާލް ކޮޅަށް ވެސް ދީން ބުރަ ނުވެއެވެ. އިސްލާމް ދީނުގެ ޢަދުލުވެރި ކަމަކީ މިއީއެވެ. އެހެނީ މި ދީނަކީ، މާތް ﷲ ގެ ޢަދުލުވަންތަކަން ތަމްސީލު ކުރާ ދީނެކެވެ. ވަކި ބަޔަކާ ދެކޮޅަށް އަނެއް ބައެއްގެ ކޮޅަކަށް ބުރައެއް ނުވެއެވެ.

ވިޔަފާރި ބޭންކުތައް ދަނޑު އިންދާ، އުފައްދާ، މޭވާކުރޭތަ؟

ތިނެއް: އާދައިގެ ބޭންކުތަކުން އެ ބޭންކަށް މީހުން ލާ ފައިސާއިން ވިޔަފާރިކޮށް، އުފެއްދުންތައް އުފައްދައި، މޭވާކުރުމުގެ މަޝްރޫޢްތަކުގައި ބައިވެރި ކުރާ ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫނެވެ. މިކަން އެނގެނީ، ނޫސްތަކުގައި ޖަހާފައި އޮންނަ ބޭންކުތަކުގެ އަހަރީ ރިޕޯޓުތައް ބެލީމައެވެ. އެހެނީ ބޭންކުތަކުގެ އަސާސީ މަސައްކަތަކީ ދަރަނީގެ ވިޔަފާރި ކުރުމެވެ. އޭގެ އަސްލު މަސައްކަތަކީ ފަހަރެއްގައި ވެސް، ގަނެ ވިއްކައި ދަނޑުގޮވާން ކޮށް، އުފައްދައި، ބިނާކޮށް ހެދުމެއް ނޫނެވެ.

ކުރު ސާފު ޢިބާރާތަކުން ބުނާނަމަ، ވިޔަފާރި ބޭންކުތަކުގެ އަސްލު މަސައްކަތަކީ، ޒައިދާއި ޢުމަރާއި ބަކުރު އަތުން، ފައިދާގެ ގޮތުގައި މިސާލަކަށް 12 އިންސައްތަ ލާފައި ދަރަނި އަތުލާފައި، އޭގެ ފަހުން އެ ފައިސާ އެހެން ބަޔަކަށް، ފައިދާގެ ގޮތުގައި މިސާލަކަށް 15 އިންސައްތަ ލާފައި ދަރަނި ދިނުމެވެ. މި ދެ ފައިދާ ގެ ފަރަޤަކީ ބޭންކަށް ލިބޭ އަމްދަނީ ފައިދާއެވެ.

ބޭންކުތަކުގެ މައިގަނޑު މަސައްކަތަކީ މިއީއެވެ. އޭގެ ރިސާލަތަކީ މިއީއެވެ. ވީމާ ބޭންކަކީ، ރިބާ ކާ އެންމެ ބޮޑު މީހާއެވެ. އެއީ ކުރީގައި ތިބި ރިބާ ކާ ކުދި މީހުންގެ ދައުރު އަދާ ކުރާ ފަރާތެވެ. އެއީ ރިބާ ކައި އަދި އެހެން މީހުން ރިބާ ކެއުމަށް މެދުވެރިވާ މެދުވެރިއެކެވެ. މި ޒަމާނުގެ ބޭންކުތަކަށް ދުވަހަކު ވެސް ގެއްލުން ނުވާ ވާހަކަ އަކީ ތެދު ވާހަކައެއް ނޫނެވެ. އެތައް ޤައުމެއްގައި، ބޭންކުތައް ބަނގުރޫޓު ވާ ވާހަކަ އަހަރެމެން ނޫހުން ކިޔަނީ ކިހާވަރަކަށް ހެއްޔެވެ؟ އޭގެ ތެރޭގައި އަހަރެމެންގެ ޤައުމުތައް ވެސް ހިމެނެއެވެ.

ބޭންކުތަކާއި ރައުސްމާލީ ނިޒާމުގެ ވެރިރަށް އެމެރިކާގައި، 1987 ވަނަ އަހަރު 147 ބޭންކު ބަނގުރޫޓު ވުން އިޢްލާން ކުރެވުނެވެ. އަދި ޖެހިގެން އައި ދެ އަހަރު ވެސް އެ އާއި ގާތް ކުރާ ޢަދަދަކަށް ވިއެވެ.

އެ މީހުން ބުނާހެން، ބޭންކަށް ދުވަހަކު ވެސް ގެއްލުން ނުވާކަމަށް ބުނާ ވާހަކަ ޖަދަލެއްގެ ގޮތުން ޤަބޫލު ކުރަމާ ހިނގާށެވެ. ދެން އެ މީހުން، ބޭންކުން ދަރަނި އަތުލާ މީހާއާ މެދު ބުނަނީ ކީކޭބާވައެވެ؟ އޭނާގެ މަޝްރޫޢު ނާކާމިޔާބު ވުން އެއީ ނެތްް ކަމެއް ހެއްޔެވެ؟ އޭނާ އަށް ގެއްލުން ވެފައި އަބަދު ވެސް ބޭންކަށް ފައިދާ ވަނީ ކޮން ހަމައަކުން ހެއްޔެވެ؟

ބޭންކު ފައިދާ (ބޭންކު އިންޓްރެސްޓު) އަކީ މަސްލަހަތެއް އޮތް އެއްޗެއް ނޫން:

ބޭންކު ފައިދާ އަކީ ޙަލާލް އެއްޗަކަށް ހެދުމުގައި މަންފާއެއް އެބަ އޮތް ކަމަށް، ބައެއް މީހުން ތަޞައްވަރު ކުރާ ތަޞައްވަރަކީ ނުބައި ތަޞައްވަރަކެވެ. އެއީ އެތައް ގޮތަކުންނެވެ:

އެކެއް:

ޝަރުޢީ ޙުކުމްތަކަށް ބަލައި ވިސްނާ މީހަކަށް ޔަޤީނުން ވެސް އެނގޭނެ އެއްޗަކީ، މާތް ﷲ އަކީ މިސްތަކުންނަށް އޯގާތެރިވަންތަ ހެޔޮފުޅުވަންތަ ރަސްކަލާނގެ ކަމެވެ. އަދި ބަޔަކަށް ޙަޤީޤަތުގައި ވެސް ފައިދާ ހުރި އެއްވެސް ކަމެއް، އެ ކަލާނގެ ޙަރާމް ނުކުރައްވާކަމެވެ. ކިއެއްތަ، ޙަރާމް ކުރައްވާފައި ވަނީ ފަރުދުންނަށް ނުވަތަ ޖަމާޢަތަށް ގެއްލުން ހުންނަ ނުބައި އެއްޗެއްސާއި ކަންކަމެވެ. އެގޮތުން ކުރީގެ ފޮތްތަކުގައި ރަސޫލާ ސިފަ ކުރައްވާފައި ވަނީ ހެޔޮކަންތަކަށް އަމުރުކުރައްވައި ނުބައިކަންތައް ނަހީކުރައްވައި، ރަނގަޅު ތަކެތި ޙަލާލް ކުރައްވައި ނުބައި ތަކެތި ޙަރާމް ކުރައްވާނެ ބޭކަލެއްގެ ގޮތުގައެވެ.

ބައެއް މީހުން ބުނެ އުޅެއެވެ: ''މަޞްލަހަތު އޮތިއްޔާ އެއީ ﷲ ގެ ޝަރްޢުއެވެ.'' ޝަރްޢުގައި އޭގެ ޙުކުމް ބަޔާން ނުކޮށް، އަހަރމެންގެ އިޖްތިހާދާއި އަހަރެމެންގެ ވިސްނުމަށް ދޫކޮށްލި މައްސަލަތަކުގައި މިއީ ރަނގަޅު ވާހަކައެވެ. ނަމަވެސް މި ނުން ކަންތައްތަކުގައި ބުނަން ޖެހޭ ރަނގަޅު ގޮތަކީ: ''ﷲ ޝަރްޢު ކުރެއްވި ކަމެއް ވިއްޔާ މަޞްލަހަތު އޮންނާނެއެވެ.'' ބުނުމެވެ.

މިއީ ތާރީޚް އަދި ކަންހިނގަމުން ދާ ގޮތް ސާބިތު ކޮށްދޭ ޙަޤީޤަތެކެވެ. އަދި މިސްދާޤިއްޔަތު ހުރި ޢިލްމީ ހޯދުންތައް ސާބުތުކޮށްދޭ ޙާޤީޤަތެކެވެ.

ދޭއް:

އިޤްތިޞާދީ ނަޒަރިއްޔާގެ ގޮތުން ބަލާއިރު، އިޤްތިޞާދާއި ސިޔާސަތުގެ ވަރަށް ގިނަ ފަލްސަފާވެރިން ބުނާ ގޮތުގައި، ދުނިޔެ ކުރިމަތިލަމުން މި ދާ ގިނަ މައްސަލަތަކެއްގެ ފަހަތުގައި ވަނީ، ބޭންކު ފައިދާ (ރިބާ) އެވެ. ބޭންކު ފައިދާ ގެ ނިސްބަތް ސުމަކަށް ހަދަން ދެން، ދުނިޔޭގެ އިޤްތިޞާދު ރަނގަޅު ހާލަތެއްގައި ނޯންނާނެއެވެ.

ތިނެއް:

ސީދާ އިޤްތިޞާދީ ނަޒަރަކުން ބަލާއިރު، އަހަރެމެންގެ މި ޢަރަބި ޤައުމުތަކާއި އިސްލާމީ ޤައުމުތަކަށް ރިބާ މުޢާމަލާތު ހިންގައިގެން، ލިބުނު ފައިދާއެއް ކޮބައިހެއްޔެވެ؟

ބޭންކު ރިބާ ފައިދާ ގެ ސަބަބުން، ޤައުމުގެ އެތެރޭގައި ތިބި އަތްތެރި މަސައްކަތް ކުރާ މީހުންނާއި ފައިސާގެ ތަނަވަސްކަން އެހާ ބޮޑު ނޫން މީހުންނަށް، ވަރަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. އަނެއްކޮޅުން މުއްސަނދިން ވަނީ އިތުރަށް މުއްސަނދިވެފައެވެ. ބާރުގަދަ މީހުންގެ ބާރު ގަދަ ވެއްޖެއެވެ. އެހެނީ މި މީސްމީހުން އަތުގައި ނަގުދު ފައިސާ އެއް ނެތީސް، ވިޔަފާރީގައި ފުޅާވުމުގެ ފުރުސަތު ބޭންކުން އެބަ ހޯދައި ދެއެވެ. އެއީ މުޖްތަމަޢްގައި ތިބި ޢާއްމުންގެ ގިނަ ބަޔަކާއި މުދާ ގަންނަ މީހުންނާއި ނިކަމެތިންގެ ހައްޤު ޗިސްޗިސްކޮށްލާފައެވެ.

އަހަރެމެންގެ ވަޒަނަށް އިސްތިޢްމާރު ވަނީއްސުރެ މި ދަނީ ރިބާ މުޢާމަލާތު ކުރަމުންނެވެ. ނަމަވެސް އިޤްތިޞާދީ ބަލިކަށިކަމުގެ ދާއިރާއިން ނިކުމެ، ކުރިއަރާފައިވާ އިޤްތިޞާދުގެ ދާއިރާއަށް އަހަރެމެންނަކަށް ނުވަދެވުނެވެ. ދަނޑުވެރިކަމުގައި، މަދަނީ ނުވަތަ ޢަސްކަރީ އުފެއްދުންތެރިކަމުގައި، އަމިއްލަ ފުދުންތެރިކަމެއް ނު ހޯދުނެވެ. އަހަރެމެންނަށް އަދި ވެސް ކުރިމަތިވެފައި މި ވަނީ، ރިބާ ކާ މީހުންނަށް ދެއްވާނެ ކަމަށް މާތް ﷲ އިންޒާރު ދެއްވާފައިވާ ބަރަކާތް ކެނޑުމާ އެވެ.

ރިބާ އަކީ، އިޤްތިޞާދީ ޢިލްމުވެރިއެއް ސިފަ ކުރިހެން، އިޤްތިޞާދީ ޙަޔާތަށް ޖެހޭ އެއިޑްސް ބައްޔެވެ. އެ ބަލި ޖެހުމުން އިޤްތިޞާދުގެ އަމިއްލަ ދިފާޢީ ބާރު ގެއްލިދެއެވެ. އަދި ހަލާކާއި ބަރުބާދު ނުރައްކަލަކަށް ވެދެއެވެ.

ތިންވަނަ ދުނިޔޭގެ ޤައުމުތަކުގެ ބުރަކަށިން ހަންދަމާލި ދަރަނީގެ ކާރިޘާ އަށް ބަލާލުމުން ފުދެއެވެ. އެގޮތުން ހަމަ އެކަނި މިޞްރުގެ ދަރަނި 44 ބިލިއަން ޑޮލަރަށް އަރައެވެ. އޭގެ ރިބާ ފައިދާގެ ނިސްބަތަކީ ދިހަ އިންސައްތަ ކަމަށް ބެލިއަސް، ރިބާ ފައިދާގެ ޢަދަދު 4.4 ބިލިއަން ޑޮލަރަށް އަރައެވެ. އަދި ޙަޤީޤަތުގައި މީގެ ތެރެއިން ބައެއް ދަރަނީގެ ރިބާ ފައިދާގެ ނިސްބަތް ދިހައަކަށް ވުރެ މަތިވެސް މެއެވެ. މުއްދަތުގެ ތެރޭގައި ދަރަނި އަދާ ނުކުރުމުން، ފަށްފަށުން އިތުރު ވާ ފައިދާ މީގެ ތެރެއަށް ލައިފި ނަމަ، މަދު އަހަރެއްގެ ތެރޭގައި ދެގުނައަށް އިތުރުވެގެން ދާނެއެވެ.

މިހެން މިކަން އޮތުމުން ތިންވަނަ ދުނިޔޭގެ މަސައްކަތަކަށް ވެފައި ވަނީ ބައެއް މީހުން ކިޔާ ގޮތުން ނަމަ ''ދަރަންޏަށް ޚިދުމަތް ކޮށްދިނުން'' އެވެ. މާނައަކީ ދަރަނީގެ އަހަރަކު ދައްކަން ޖެހޭ ބަޔާއި ބޭންކު ފައިދާ ދައްކާލަ ދައްކާލަ ތިބުމެވެ. އެއީ ވަރަށް ވަރަށް ބޮޑު އެއްޗެކެވެ. ވަރުގަދަ ޤައުމުތަކަށް ވެސް ތަހައްމަލު ނުކުރެވޭނެ ޢަދަދެކެވެ. ވީ އިރު ހަސްނެތިފައި ތިބި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކިހާ ވަރެއް ވާނެހެއްޔެވެ؟

ވަރަށް ފަހުން، މިޞްރު ގެ ރައީސް ޙުސްނީ މުބާރަކް ދެއްވި ތަޤްރީރެއްގައި، އޭނާގެ އެ ހުންނަ ޞަރީޙަ ކަމާއެކު، ވިދާޅުވީ: އަހަރެމެން ދަރަންޏަށް ނެގީ 4 ބިލިއަނެވެ. ނަމަވެސް އެ ގުނަވަމުން ގޮސް މިހާރު އެތަކެއް ބިލިއަނަސް އަރައިފިކަމަށެވެ!!

ވީމާ ވެފައި މިއޮތް ގޮތަކީ، ކުރީގެ ދަރަނި އަދާ ކުރަން އާ ދަރަންޏެއް ހޯދަން ޖެހުމެވެ. ވީމާ ޢަރަބި ޅެންވެރިއަކު ބުނެފައިވާ ޅެން ބައިތަކީ އަހަރެމެންނަށް ފެތޭ ބައިތެކެވެ. ބުނެފައި ވަނީ :

''ކަލޭ ދަރަންޏަކުން ދަރަންޏެއް އަދާކޮށްފި ނަމަ އެއީ، ދަރަނި އަދާކުރުން ކަމުގައި ނުވެއެވެ. އެކަމަކު އެއީ ދަރަނިވެރިވުމުގެ މައްޗަށް އިތުރުވާ ދަރަނިވެރިވުމެކެވެ.''

ޙަޤީޤަތުގައި އަހަރެމެން އާ ދަރަންޏެއް ނަގައިގެން ކުރީގެ ދަރަނި އަދާކުރަނީކީއެއް ނޫނެވެ. އަހަރެމެން ކުރާ ކަމަކީ ކެންސަރުހެން އިތުރުވަމުންދާ ރިބާ ފައިދާ ދައްކަން ކެނޑިނޭޅި ބުރަ މަސައްކަތް ކުރަނީއެވެ. ކުރީގެ ދަރަނި ހަމަ އޮތް ގޮތަށް އޮންނާނެއެވެ!

އިސްލާމީ ތުރާޘުން އަހަރެމެންނަށް އެނގިފައި އޮންނަނީ ދަރަންޏަކީ އެއީ''ރޭގަނޑުގެ ކަންބޮޑުވުމާއި، ދުވާލުގެ ނިކަމެތިކަން'' އެވެ. އެހެންވެ ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ، ކުރިމަތިވާ ބޮޑެތި ކަންތަކާއި އުނދަގޫތަކުން ﷲ ގެ ރައްކާތެރިކަމަށް އެދޭ ހިނދު، ދަރަނިން ރައްކާތެރިވާން ދުޢާ ކުރުމަށް ދަސްކޮށް ދެއްވާފައެވެ.: ''އޭ ﷲ އެވެ. އިބަރަސްކަލާނގެ ވާގިފުޅާލައިގެން، ބަރު ދަރަނިވެރިވުމާއި އެހެން މީހުންގެ ބާރުދަށުވުމުން، ރައްކާތެރިކަމަށް މިއަޅާ އެދެމެވެ.''

ކަން މިހެން އޮތް އިރު، ނެގި ދަރަންޏަކީ ރިބާ ފައިދާ ހިމެނޭ، މަދު ނުވެ ކޮންމެ ދުވަހަކު އިތުރުވާ، ދަރަންޏެއް ނަމަ އަދި ކިހިނެއްވާނެ ހެއްޔެވެ؟

މި ކަހަލަ ދަރަންޏަކީ، ދެ ބަލާވެރިކަން އަހަރެމެންނާ ޖެހޭ ދަރަންޏެކެވެ. އެއީ ދަރަނީގެ ބުރައާއި، މީހުންގެ ބާރު ދަށުވުމެވެ. ކުރިމަތިން މި ފެންނަނީ ބައިނަލްއަޤްވާމީ މަނިޓަރީ ފަންޑުން އަހަރެމެން ނިކަމެތިކޮށް އެ މީހުން ބާރު ދަށުލާ ތަނެވެ. ދަރަނި ދީފައި ތިބި މީހުން އަހަރެމެންގެ ކޮއްތަށް ބާރުފޯރުވާތަނެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން އަހަރެމެންގެ ސިޔާސީ އަދި އިޤްތިޞާދީ ކަންކަމަށް ބާރު ފޯރުވާތަނެވެ. ''ދަރަނީގެ ބުރައާއި'' ''މީހުންގެ ބާރު ދަށުވުން'' އެއް ޖުމްލައެއްގައި ގެންނަވާފައި ވާ ކީރިތި ރަސޫލާގެ ޙަދީޘްގެ މޮޅުކަމާއެވެ.

ރިބާ އަކީ ކޮބާ؟!

ބައެއް މީހުން ބުނެ އުޅޭ ވާހަކައަކީ، ރިބާ ގެ މާނަ ކަނޑައެޅުމުގައި ފިޤުހުވެރިން ގެންގުޅޭ ޙަދީޘަކީ ''ފައިދާއެއް ލިބިގަންނަ ކޮންމެ ދަރަންނަކީ އެއީ ރިބާ'' ކަމުގައި އޮންނަ ޙަދީޘެއް ކަމަށެވެ. މި ޙަދީޘަކީ ''ކަޝްފުލް ޚަފާ'' އަދި އެ ނުން ވެސް ފޮތް ފޮތުގައި ވާ ފަދައިން، ސާބިތު ޙަދީޘެއް ނޫނެވެ. އިދިކޮޅު މީހާ ނުނަގާ ޟަޢީފް ޙަދީޘެއް، އޭނާ ބުނިކަމަށް ހަދައި، އޭނާގެ މައްޗަށް ގަދަވެގަންނަން މަސައްކަތް ކުރުމަކީ ބައެއް މީހުން ގެންގުޅޭ ގޮތެކެވެ.

ޙަޤީޤަތަކީ، ބައެއް ފިޤުހުވެރިން އެ މީހުންގެ ފޮތްތަކުގައި މި ޙަދީޘް ގެނަޔަސް، އެ މީހުން ބުރެވެތިބޭ މައިގަޑު ރަކީޒާއަކީ މި ޙަދީޘް ކަމަކަށް، ފިޤުހުވެރިން ނުހަދައެވެ. އެހެނީ ޢަޤުދުގައި ޝަރުޠު ކުރުމެއް ނެތި ލިބިގަންނަ ކޮންމެ މަންފާއަކީ ހުއްދަ އެއްޗެއް ކަމަށް ފިޤުހުވެރިން ދެކެލައްވައެވެ. މިފަދަ މަންފާއަކީ ދަރަނި އަތުލި މީހާ އެ ދަރަނި އަދާކުރާ އިރު، ރީތި އަޚްލާޤީ ކަމެއްގެ ގޮތުން، އިޙްސާންތެރިވީމީހާއަށް އިޙްސާންތެރިވުމުގެ ގޮތުން، ދޭ އެއްޗެކެވެ.

ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ވެސް ވަނީ، ފަހުން އަނބުރާ ދައްކަން އެއްޗެއް ހޯއްދަވާފައި، އަނބުރާ އެ ދެއްކެވި އިރު އިތުރަށް ދައްކަވައި، މި ފަދައިން ކަންތައް ކުރައްވާފައެވެ. އަދި ޙަދީޘް ކުރެއްވިއެވެ. ''ކަލޭމެންގެ ތެރެއިން ހެޔޮބަޔަކީ، އަދާ ކުރާއިރު ވެސް ހެޔޮކޮށް އަދާކުރާ މީހުންނެވެ.'' ވީމާ ''ފައިދާއެއް ލިބިގަންނަ ކޮންމެ ދަރަންނަކީ އެއީ ރިބާ'' މި ހެން އޮންނަ ޙަދީޘުގެ ބޭރުފުށު މާނައަކީ، ރަނގަޅު މާނައެއް ނޫނެވެ. ރަނގަޅު ގޮތަކީ އަދި ސީދާ ގޮތަކީ، ''ކުރީއްސުރެ މަންފާއެއް ޝަރުޠުކުރާ ކޮންމެ ދަރަންޏަކީ ރިބާ'' ކަމުގައި ބުނުމެވެ.

ރިބާ ގެ މާނަ ކަނޑައެޅުމުގައި ފިޤުހުވެރިން އިޢްތިމާދުވާ އަސްލު މަރްޖިޢް އަކީ ސީދާ ޤުރުއާނެވެ. މާތް ﷲ ވަޙީ ކުރައްވަނީ يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ

މާނައަކީ : ''އޭ އީމާންވެއްޖެ މީސްތަކުންނެވެ. ކަލޭމެންނަކީ އީމާން ވާ ބަޔަކު ކަމުގައި ވަނީ ނަމަ ﷲ އަށް ބިރުވެތިވެ ތިބޭ ހުށިކަމެވެ. އަދި ސޫދުގެ ތެރެއިން ބާކީ ލިބެން އޮތް އެއްޗެއް، ހަމަ މުޅިން ދޫކޮށްލާ ހުށިކަމެވެ.''

އަދިވެސް ވަޙީ ކުރައްވަނީ فَإِن لَّمْ تَفْعَلُواْ فَأْذَنُواْ بِحَرْبٍ مِّنَ اللّهِ وَرَسُولِهِ وَإِن تُبْتُمْ فَلَكُمْ رُؤُوسُ أَمْوَالِكُمْ لاَ تَظْلِمُونَ وَلاَ تُظْلَمُونَ

މާނައަކީ: ''ނަމަވެސް ކަލޭމެން ތައުބާ ވެއްޖެނަމަ، ކަލޭމެންނަށް، ކަލޭމެން ދަރަންޏަށް ދިން ޢަދަދުގެ ފައިސާ (ސޫދާ ނުލައި) ލިބޭ ހުއްޓެވެ. އަދި ކަލޭމެން އަނެކުންނަށް އަނިޔާވެރި ނުވާހުށިކަމެވެ. އަދި ކަލޭމެންނަށް ވެސް އަނެކުންގެ ކިބައިން އަނިޔާވެރި ކަމުގެ ކަމެއް ކުރެވިގެން ނުމެވާހުށި ކަމެވެ.''

ވީމާ މި އާޔަތުން އެނގޭ އެއްޗަކީ، ދަރަނީގެ ގޮތުގައި ދޭ ރައުސްމާލަށް ވުރެ އިތުރުވާ ކޮންމެ އިތުރުވުމަކީ ރިބާ ކަމެވެ. އެއީ ކިތަންމެ މަދު މިންވަރެއް ކަމުގައި ވިޔަސް އަދި ކިތަންމެ ގިނަ މިންވަރެއް ކަމުގައި ވިޔަސް ވެހެވެ. އެހެންވީމާ، އަދާކުރުން ފަސްކުރުމުގެ ބަދަލުގައި، ދަރަންޏަށް ދޭ ފައިސާ ގެ އިތުރަށް، އަތުލަން ޝަރުޠުކުރެވިފައިވާ ކޮންމެ އިތުރު މިންވަރަކީ، އެއީ ރިބާ އެވެ.

ޤުރުއާނުގައި ޙަރާމް ކުރެވިފައިވާ ރިބާ އަކީ ކޮބައިކަން ކަނޑައަޅަން، އިތުރު ޝަރަޙައެއް ނުވަތަ ވާހަކަ ދިގުކުރުމުގެ ބޭނުމެއް ނުޖެހެއެވެ. އެހެނީ ބައެއްގެ މައްޗަށް މާތް ﷲ އެއްޗެއް ޙަރާމް ކުރައްވައި، އަދި އެ ޙަރާމް ކަން ކުރާ މީހުންނަށް ގަދަފަދަ ވެގެންވާ ޢަޛާބު ދެއްވާނެ ކަމުގެ އިންޒާރު ދެއްވާ ކަމަކީ، އެއީ މީސްތަކުންނަށް ކޮންކަމެއްކަން ނޭނގޭ ކަމަކަށް ވެދާނެ ކަމަށް ތަޞައްވަރެއް ނުކުރެވެއެވެ.

މާތް ﷲ ވަޙީ ކުރައްވާފައި ވަނީ وَأَحَلَّ اللّهُ الْبَيْعَ وَحَرَّمَ الرِّبَا

މާނައަކީ: ''ނަމަވެސް، ﷲ، ވިޔަފާރި ކުރުން ޙަލާލް ކުރައްވާ، ސޫދު ކެއުން ޙަރާމް ކުރައްވައިފިއެވެ.'' (ބަޤަރާ ސޫރަތުގެ 572 ވަނަ އާޔަތުގެ ބައެއް)

މި އާޔަތުގައިވާ ރިބާ މި ލަފްޒުގައި އެ ވާ ''އަލް'' އަކީ ވަކި އެއްޗެއް ކަނޑައެޅުމަށް ބޭނުން ކުރެވުނު ''އަލް'' އަކަށް ވިޔަސް ނުވަތަ އެއީ ރިބާގެ ހުރިހާ ބާވަތެއް ޝާމިލް ކުރަން ބޭނުން ކުރެވުނު ''އަލް'' އަކަށް ވިޔަސް، އެ އާޔަތުން ދޭހަ ކޮށްދެނީ ހުރިހާ ރިބާ އަކީ ވެސް ޙަރާމް އެއްޗެއް ކަމަށެވެ. ރިބާ އަކީ މާނަ ނޭނގޭ ލަފްޒެއް ނަމަ، މާތް ﷲ އޭގެ މާނަ ބަޔާންކޮށްދެއްވީހެވެ.

ރިބާ އަކީ ޖާހިލިއްޔަ ޒަމާނުގައި އެންމެން ދަންނަ މީހުން މުޢާމަލާތު ކުރާ އެއްޗެކެވެ. އަދި އެ ނުން މީހުން ވެސް މުޢާމަލާތު ކުރި އެއްޗެކެވެ. ވަރަށް ކުރީއްސުރެ ވެސް ޔަހޫދީން ދަންނަ އެއްޗެކެވެ. އެގޮތުން ޔަހޫދީން ކުޅަ ނުބައިކަންތަކުގެ ލިސްޓުގައި، ރިބާ ކައި އުޅުނުކަން ޤުރުއާނުގައި ބަޔާން ކޮށްފައި ވެއެވެ. وَأَخْذِهِمُ الرِّبَا وَقَدْ نُهُواْ عَنْهُ

މާނައަކީ: '' އަދި ނަހީ ކުރެވިފައި ވުމާ އެކުވެސް އެބައި މީހުން ރިބާ ހިފި ކަމަށްޓަކައެވެ.''

މާތް ﷲ ޙަރާމް ކުރެއްވި ރިބާ އަކީ، ޙަޤީޤަތް ނޭނގޭ އެއްޗެއް ކަމުގައި ވީނަމަ، މީސްތަކުން އެއީ ކޮން އެއްޗެއްތޯ އަހައި ސުވާލު ކުރީހެވެ. އެއީ ކޮން އެއްޗެއްތޯ ހޯދައި ބެލީހެވެ. އެހެނީ އެ މީހުންނަކީ (ޞަޙާބީން) ދީން ދެނެގަތުމުގައި އެންމެ ފަރުވާތެރި މީހުންނެވެ.

ރިބާ ގެ ބައެއް ވައްތަރުތަށް، ބައެއް ޞަޙާބީންނަށް ނޭނގުނު ކަމަށް އައިސްފައިވާ އަޘަރު ތަކުގައި ވަނީ، ރިބާ އަލްފަޟްލު ގެ ވާހަކައެވެ. ރިބާ އައްނަސީއާ އެއް ނޫނެވެ. ވިޔަފާރި ކުރުމުގައި ހިމެނޭ ރިބާއެވެ. ދަރަނި ރިބާއެއް ނޫނެވެ.

އަހަރެމެން ވާހަކަ މި ދައްކަނީ ރިބާ އައްނަސީއާ ނުވަތަ ދަރަނީގެ ރިބާ އާ ބެހޭގޮތުންނެވެ. މިއަދު ހަނގުރާމައެއް ފެއްޓިފައި މި ވަނީ މި ދެންނެވި ވައްތަރުގެ ރިބާ އާ ބެހޭ ގޮތުންނެވެ. މިއަދު ގެ ވިޔަފާރި ބޭންކުތައް މުޢާމަލާތު ކުރާ ރިބާ އަކީ މި ރިބާއެވެ. ވީމާ މިވަގުތު ރިބާ އަލްފަޟްލު އާ ބެހޭ ގޮތުން ވާހަކަ ދެއްކުން ވާނީ، މައްސަލަ ވިއްސިވިހާލިކޮށް، އަރާރުން އުފެދިފައިވާ މައުޟޫއުން ބޭރުވުން ކަމަށެވެ.

ބޭންކަށް ލާރި ލާ މީހުންނާއި ބޭންކާއި ދެމެދު އޮންނަ ގުޅުން :

އަހަރެން އަޑު އެހި އަދި ކީ އެންމެ ހައިރާން ކުރުވާ ވާހަކަތަކުގެ ތެރެއިން އެއް ވާހަކަ އަކީ، ބޭންކު ފައިދާ ހޯދުމުގެ ގަސްތުގައި ބޭންކަށް ލާ ލާރި އަކީ އެއީ ދަރަންޏެއް ނޫންކަމަށް ބުނާ ބުނުމެވެ. އެ މީހުން ބުނަނީ ބޭންކަށް ލާރި ލާ މީހާގެ ސިކުނޑީގައި ދަރަނި ދިނުމުގެ ޚިޔާލެއް ވެސް ނޯންނަ ކަމަށެވެ. ފަޤީރަކު މުއްސަންޖަކަށް ދަރަނި ދެނީ ކިހިނެއްތޯ؟ އެ މީހުން ސުވާލު ކުރެއެވެ. ލާރި ލާ އަދައިގެ މީހާއަކީ ފަޤީރެކެވެ. ބޭންކަކީ މުއްސަންޖެކެވެ!

ފައިދާ ހޯދުމުގެ ބޭނުމުގައި ބޭންކަށް ލާ ލާރިއަކީ ''ވަދީޢާ'' (ޑިޕޮޒިޓް) އެކޭ، އެއީ ''ޤަރްޟު'' (ދަރަނީގެ ގޮތުގައި ދެވޭ ފައިސާ) އެއް ނޫނޭ، ބުނެ މިހެން ނަންދެވިފައި ވާތީ، މަތީގައި ވާ ގޮތަށް ވިސްނާ މީހުންގެ ތެރެއިން ބައެއް މީހުންނަށް އަދި ބޮޑަށް އޮޅޭގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ނަމަވެސް އެއްޗަކަށް ދެވޭ ނަމެއްގެ ސަބަބުން، އަހަރެމެން އޮޅިގެން ނުވާނެއެވެ. ''ވަދީޢާ'' (ޑިޕޮޒިޓް) މި މުޞްޠަލަޙް އަކީ ބޭންކު މުޞްޠަލަޙް އެކެވެ. ފަހަރެއްގައި ވެސް ޝަރްޢީ ފިޤުހީ މުޞްޠަލަޙް އެއް ނޫނެވެ. އިސްލާމީ ޝަރީޢާތުގައި ''ވަދީޢާ''(ރައްކާކުރަން އެއްޗެއް ދިނުން) އޭ ބުނުމުން ދޭހަވާ ވަކި މާނައެއް އޮވެއެވެ. އަދި އެއަށް ކަނޑައެޅިފައިވާ ޙުކުމްތަކެއް ވެސް ވެއެވެ. އޭގެ ތެރޭގައި: އެއްޗެއް ރައްކާކުރަން ހަވާލު ކުރެވޭ މީހާ (މުވައްދަޢް) އެއާ ހަވާލު ވަނީ އެއީ އަމާނާތެއްގެ ގޮތުގައެވެ. އެ އެއްޗަށް ޖާމިނުވާ ގޮތަކަށް ނޫނެވެ. އެގޮތުން އޭނާ އަތުގައި އެ މުދާ ހުއްޓާ ހަލާކުވެއްޖެ ނަމަ، ނުވަތަ ވަގަށް ނެގިއްޖެނަމަ، ނުވަތަ މިނުން ވެސް ގޮތަކަށް އެ މުދާ ހާލާކު ވެ ބީވެއްޖެނަމަ، އޭނާ އެ ކަމާ މަސްއޫލުވާކަށް ނުޖެހެއެވެ. އެކަމަކު އޭނާ ޚިޔާނާތްތެރިވެ، ފަރުވާކުޑަކޮށްފި ކަމަށް ބެލެވޭ ނަމަ މަސްއޫލުވާން ޖެހެއެވެ.

އެންމެން ވެސް ދަންނަ ޙަޤީޤަތަކީ، ބޭންކަށް ލާރި ލާ މީހުންގެ ލާރިއަށް ބޭންކު ޖާމިން ވާ ކަމެވެ. ވީމާ ފަހަރެއްގައި ވެސް މީހުން ލާ ލާރިއާ ބޭންކު ހަވާލުވަނީ، އެއީ އަމާނާތެއްގެ ގޮތަކުން ނޫނެވެ. ލާރި ކަރެންޓު އެކައުންޓެއްގައި ނުވަތަ ސޭވިންގ އެކައުންޓެއްގައި ހުއްޓަސް މި ކަން އޮތީ މިހެންނެވެ. ފައިދާ އެއް ލިބެންޏާ ލިބެންވީ ބޭންކަށެވެ. އެއީ ޖާމިންވާ ފަރާތަކީ ބޭންކު ކަމަށް ވާތީއެވެ. އެއީ ''ފާއިދާ ލިބުނީ، ޖާމިން ވީ ކަމަށްޓަކައެވެ.'' ބުނާ ޤަވާޢީދާ އެއްގޮތް ވާގޮތުގެ މަތިންނެވެ.

އިސްލާމީ ފިޤުހު ދަންނަ ''ވަދީޢާ'' މި ނަން ދެވޭނެ ހަމަ އެކަނި އެއްޗަކީ، ބޭންކުތަކުން ކުއްޔަށް ދޫކުރާ ފޮށިތަކެވެ. އޭގައި ލާރި ލާ މީހާ ބޭނުން ވަރަކަށް ލާރިއާއި ރަނާއި ޖަވާހިރު ނުވަތަ މުހިއްމު ލިޔެކިއުންތައް ބެހެއްޓެއެވެ. އޭގައި ހުންނަ އެއްޗަކާ މެދު މަސްއޫލިއްޔަތު އުފުލާނީ ވެސް އޭނާއެވެ. ބޭންކަކީ މި ހާލަތުގައި އެ ފޮށްޓަށް އަމާނާތްތެރިވާ ފަރާތެކެވެ. ޖާމިންވާ ފަރާތެއް ނޫނެވެ.

ދެން ބޭންކަށް ލާރި ލާ މީހާގެ ޚިޔާލަށް ވެސް، އޭނާ އެ ދެނީ ދަރަންޏެއް ދެނީ ކަމަށް ނާރާ ވާހަކަ އާއި އެތަކެއް މިލިއަން އަދި ފަހަރެއްގައި އެތަކެއް ބިލިއަން ހުރި މުއްސަނދި ބޭންކަކަށް އާދައިގެ މީހަކު ދަރަނި ދޭނީ ކިހިނެއްހޭ ބުނެ ސުވާލު އުފެއްދުމަކީ، ބޭންކާއި ލާރި ލާ މީހާއާއި ދެމެދު އޮންނަ ޢަޤުދުގެ ޙަޤީޤަތް ބަދަލު ކުރެވޭނެ ކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން ބިނާވާ ޙުކުމްތައް ބަދަލު ކުރެވޭނެ ކަމެއް ވެސް ނޫނެވެ.

މުއްސަންޖަކު ފަޤީރަކަށް ލާރި ދިނުން އެއީ، ދަރަނި ޢަޤުދުގެ ރުކުންތަކުގެ ތެރޭގައި އޮންނަ ކަމެއް ނޫނެވެ. މީގެ ދަލީލަކީ އިންސާނާވެސް މާތް ﷲ އަށް ދަރަނި ދެއެވެ. އަދި ދަރަނީގެ ޢަޤުދުގެ ޝަރުޠުތަކުގެ ތެރޭގައި، ޢަޤުދުގައި ހިމެނޭ ދެ މީހުން އެއީ ދަރަންޏެއް ކަމުގައި ނަމުން ބުނާކަށް ވެސް ނުޖެހެއެވެ.

އަހަރެންގެ ބައެއް އަޚުން (ޝައިޚުން)، ދަރަނީގެ ގޮތުގައި ފައިސާ ދެވެނީ ހަމައެކަނި ބޭނުން ޖެހިފައިވާ މީހުންނަށޭ ބުނުން އެއީ، އެކަން ޢާއްމުކޮށް އޮންނަ ގޮތެވެ. އަބަދު އޮންނަ ގޮތެއް ނޫނެވެ. އަދި ދަރަނީގެ ގޮތުގައި ދެވޭ ފައިސާ މިކަހަލަ ހަނި ދާއިރާއެއްގައި ބޭއްވުމުން، އަހަރެމެންގެ ފިޤުހުވެރިން ދަރަނީގެ ގޮތުގައި ދެވޭ ފައިސާ ގެ މާނަ ކުރައްވާފައިވާ ގޮތާވެސް ޚިލާފު އެބަވެވެއެވެ.

ދަރަނީގެ ގޮތުގައި ދެވޭ ފައިސާ ދޭ މީހަކު އެއީ ދަރަންޏެކޭ ހިތުން ނިޔަތް ނުގަތަސް އެއީ ދަރަންޏަކަށް ވެދާނެއެވެ. އޭގެ މިސާލަކީ، ރައްކާކުރަން ހަވާލު ކުރެވުނު މީހަކު ރައްކާކުރަން ބާއްވާފައިވާ އެއްޗެއްގެ ބޭނުން ހިފުމެވެ. މި ހާލަތުގައި ރައްކާކުރަން ބޭއްވުނު އެތި ވާނީ ދަރަންޏަކަށެވެ. ހަވާލު ކުރެވުނު މީހާ އަމާނާތްތެރިއެއްގެ މަޤާމުން ޖާމިންވާ މީހެއްގެ މަޤާމަށް އަންނާނެއެވެ. އެ ފައިސާ އަކީ އޭނާގެ ބޮލުގައި އެޅިފައިވާ ދަރަންޏަކަށް ވާނެއެވެ. ރައްކާކުރަން ބެހެއްޓުނު ފައިސާ އޭނާ ބޭނުން ކުރީ، ހަވާލު ކުރި މީހާގެ އިޒުނާއާއި ލައިގެން ކަމުގައި ވިޔަސް އިޒުނައާއި ނުލާ ކަމުގައި، ނުވަތަ ހަވާލު ކުރި މީހާ ބުނެގެން ކަމުގައި ވިޔަސް މިކަން ވާނީ މިހެންނެވެ. ﷲ ރުއްސުންލެއްވި ޒުބައިރުގެފާނު ކަންތައް ކުރެއްވި ގޮތަކީ މިއީއެވެ. ވަރަށް ގިނަ ޞަޙާބީންނާއި ޞަޙާބީންގެ ދަރިކަލުން، އެކަލޭގެފާނު އަތްޕުޅުގައި ފައިސާ ރައްކާކުރަން ބަހައްޓައެވެ. ނަމަވެސް އެއީ ފަހުން އަތުލާ ދަރަންޏެއްގެ ގޮތުގައި ނޫނީ ބަހައްޓަން އެއްބަސްފުޅެއް ނުވެއެވެ. އެއީ ޒުބައިރުގެފާނު އަތްޕުޅުގައި އެ ފައިސާ ހުއްޓާ ހަލާކުވެ ނުވަތަ ގެއްލިދާނެ ކަމުގެ ބިރުފުޅަށްޓަކައެވެ، އެހެނީ ވަދީޢާ އެއްގެ ގޮތުގައި ބަހައްޓާފައި ހުއްޓާ އެ ގެއްލި ނުވަތަ ހަލާކު ވެއްޖެނަމަ، އޭގެ ޒިންމާ އުފުލަން ޖެހޭނީ ހަވާލު ކުރި މީހާއެވެ. ނަމަވެސް ދަރަނި ފައިސާއެއްގެ ގޮތުގައި ބެހެއްޓީމާ ޒުބައިރުގެފާނު އެ އާ ހުރިހާ ގޮތަކުން ޒިންމާވެވަޑައިގަންނަވާނެއެވެ.

ބޭންކާއި ބެހޭ އަސާސީ މަޢްލޫމާތުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ، ކަރެންޓު އެކައުންޓުގެ ވެރިންނާއި، ސޭވިން އެކައުންޓުގެ ވެރިންފަދަ ބޭންކާއި މުޢާމަލާތް ކުރާ މީހުންނާއި ބޭންކާއި ދެމެދު އޮންނަ ގުޅުމަކީ، ދަރަނި ދޭ މީހަކާއި ދަރަނި އަތުލާ މީހެއްގެ ގުޅުމެވެ. ޚިދުމަތް ލިބިގަންނަ މީހުންނަށް ބޭންކުންދޭ ލިޔެކިޔުންތަކުން، ދުވާލުގެ މެންދުރުވަގުތު އިރު ފަދައިން ސާފުކޮށް މިކަން އެނގެއެވެ.

އާދައިގެ ބޭންކުތަކުން ކުރާ މަސައްކަތަކީ މުޟާރަބާއެއް ނޫން:

ބޭންކު ފައިދާއަށް ބަހަނާއެއް ހޯދުމުގެ ގޮތުން ދެއްކުނު އެންމެ އަންތަރީސް ކުރުވާފަދަ ބަހަނާއަކީ، ބޭންކުން ކުރަނީ ''ޝަރުޢީ މުޟާރަބާ'' އެކޭ، ބައެއް ބޭންކުތަކުގެ މަސްއޫލުވެރިން ބުނި ބުނުމެވެ. އެ މީހުން ބުނާ ގޮތުންނަމަ، ޚިދުމަތް ލިބިގަންނަ މީހުން އަތުން ބޭންކު ފައިސާ އަތުލަނީ ބޭންކަކީ މުޟާރިބެއްގެ ގޮތުގައެވެ. ޚިދުމަތް ލިބިގަންނަ މީހުންނަކީ ''ރައުސްމާލުގެ ވެރިން'' ނެވެ. ދެން ބޭންކުން އެހެން ބަޔަކަށް އެ ފައިސާ ދެނީ ބޭންކަކީ ''ރައުސްމާލުގެ ވެރިއާ'' ގޮތުގައެވެ. އަނެއް މީހުންނަކީ މުޟާރިބުންތަކެކެވެ.

ބޭންކުގެ މަސައްކަތާއި ބެހޭ ގޮތުން، މިޞްރުގެ ފަޟީލަތުލް މުފްތީ ބޭންކު ވެރިންނާއި ސުވާލު ކުރެއްވިއެވެ. ބޭންކުން ހިންގާ ދަރަނި ދިނުމާއި ދަރަނި އަތުލުމުގެ މަސައްކަތް، އެ މީހުން ސިފަކޮށް ދިނީ މި ދެންނެވި ހައިރާން ކުރުވަނިވި ސިފައިގައެވެ.

މި ސިފަ ކުރުމަކީ އަމާނާތްތެރި ސިފަކުރުމެއް ނޫނެވެ. އަދި ޞައްޙަ ސިފަކުރުމެއް ވެސް ނޫންމެއެވެ. އިޤްތިޞާދާއި މަލީކަންކަމުގެ ތަޖުރިބާކާރުން ކަމުގައިވާ ޑޮކްޓަރ ޢަބްދުލް ޙަމީދު އަލްޣަޒާލީ، ޑޮކްޓަރ އަޙްމަދު އައްނައްޖާރު، އަލްއުސްތާޛް އަޙްމަދު ޒިންދޫ (މަރްކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރ)، މި އެންމެން ވެސް ވިދާޅުވީ ބޭންކުން ކުރާ މަސައްކަތްތަކަކީ، މުޟާރަބާ ޢަޤުދާއި މުޅިން ޚިލާފު ގޮތަކަށް ހިނގާ މަސައްކަތެއް ކަމަށެވެ. މުޟާރަބާ ޢަޤުދެއް ވިއްޔާ، މުޟާރިބް ވާނީ އޭނާ އަތުގައި ހުންނަ ފައިސާއަށް އަމާނާތްތެރިއެއްގެ ގޮތުގައެވެ. ފައިސާއަށް ޖާމިނުވާ މީހެއް ނޫނެވެ. ފަރުވާކުޑަކޮށް ނުވަތަ ގަސްތުގައި ގެއްލުން ދޭ ހާލަތެއް މެނުވީ، މުޟާރިން މަސްއޫލެއް ނުވާނެއެވެ.

އަނެއްކޮޅުން މުޟާރަބާ ހިންގޭ ފައިސާ (ރައުސްމާލު) އަނބުރާ ލިބޭނެކަމުގެ ޔަޤީންކަން މުޟާރިން އަތުން އަތުލައިފިއްޔާ، އެ މުޟާރަބާ އެ ޢަޤުދު ފާސިދުވީއެވެ. އަދި އެއިން ޝަރުޢީ ސިފަ ގެއްލުނީއެވެ. އަދި ހަމަ އެހެންމެ، މުޟާރަބާ ގައި ދެ ފަރާތް ވެސް ގެއްލުމާއި ފައިދާގައި ހިއްސާވާން ޖެހެއެވެ. ޔަޤީން ފައިދާއަކީ، އަނބުރާ ލިބޭނެކަން ޔަޤީންވާ ރައުސްމާލެއް ޢަޤުދުގައި ހިމެނިއްޖެނަމަ، އެއީ އެއްވެސް ހާލެއްގައި މުޟާރަބާއަކަށް ނުވާނެއެވެ.

މުޟާރަބާގައި އޮންނަ ގޮތުންނަމަ، ދެ މިހުންގެ ފައިދާއަކީ ވެސް، ލިބޭ ޖުމްލަ ފައިދާގައި ޝާމިލް، ނިސްބަތުން ނެގޭ އެއްޗެކެވެ. މީގެ ދަލީލަކަށް ފިޤުހުވެރިން ނަންގަވާފައި ވަނީ، ޚައިބަރު މީހުންގެ ދަނޑުތަކުގައި ގޮވާންކޮށް ލިބޭ އެއްޗެއް ދެ ފަރާތަށް ބަހާ ގޮތަށް، ރަސޫލާ ކުރެއްވި މުޒާރަޢާ ޢަޤުދެވެ. ފިޤުހުވެރިން ވިދާޅުވަނީ، މުޟާރަބާއަކީ މުޒާރަޢާ ފަދަ އެއްޗެއް ކަމަށެވެ. ވީމާ ދޭތީގެ ޙުކުމް ވެސް އެއްގޮތް ވީއެވެ.

މުޟާރިބަށް ނުވަތަ ފައިސާގެ ވެރިފަރާތަށް، ކަނޑައެޅިގެން ވަކި މިންވަރެއްގެ ފައިސާ ލިބޭނެ ކަމަށް ބުނެވިއްޖެނަ، މުޟާރަބާ ޢަޤުދު ފާސިދުވީއެވެ. ޙަލާލު ދާއިރާއިން، ޙަރާމް ދާއިރާއަކަށް ދިޔައީއެވެ. މަސައްކަތާއި ނުރައްކަލާ ކުރިމަތިލައިގެން ފައިދާ ހޯދާ އިސްލާމީ މުޢާމަލާތުގެ ދާއިރާއިން، ބައިވެރިނުވެ މަސައްކަތް ނުކޮށް ރައުސްމާލުގެ ވެރިފަރާތަށް ފައިދާ ލިއްބައިދޭ ރިބާ މުޢާމަލާތުގެ ދާއިރާއަށް ދިޔައީއެވެ.

މަތީގައި ބުނެވިދިޔަ ވާހަކަ އަކީ، ހުރިހާ މަޛްހަބުތަކެއްގެ ފިޤުހުވެރިން ވެސް އެއްބަސްވެލައްވާފައިވާ ގޮތެވެ. ޢައްލާމާ އިބްނު ޤުދާމާ ''އަލްމުޣްނީ'' ގައި ވިދާޅުވެއެވެ. ''އަދި ބައިވެރިން ކުރެ އެކަކަށް ކަނޑައެޅިފައިވާ ވަކި ޢަދަދެއްގެ ދިރުހަމް ލިބެންޖެހޭނެ ކަމަށް ޝަރުޠުކޮށްފިއްޔާ، ނުވަތަ އޭނާ އަށް ލިބޭ ފައިދާއަށް ވަކި ޢަދަދެއްގެ ދިރުހަމް އިތުރުކޮށްފިނަމަ، މިސާލަކަށް އޭނާއަށް ފައިދާގެ ބައިކުޅަ ބަޔަކާއި ވަކި ޢަދަދެއްގެ ދިރުހަމް ލިބޭނެ ކަމަށް ޝަރުޠުކޮށްފިނަމަ، ޝަރިކާ ޢަޤުދު ބާޠިލް ވީއެވެ.''

ރަން ފައިސާއާއި ކަރުދާސް ފައިސާ

ބޭންކު ފައިދާ ހުއްދަ އެއްޗަކަށް ހެދުމަށްޓަކައި ދެއްކުނު ވާހަކަތަކުގެ ތެރޭގައި ހިމެނޭ އަނެއް ވާހަކަ އަކީ، އޭގައި އިސްލާމްދީން ރިބާ ޙަރާމް ކުރި، ނަގުދަކީ ރަން ރިހީގެ ނަގުދު ކަމަށް ބުނުމެވެ. މިއަދު ބޭނުން މި ކުރާ ކަރުދާސް ނޫޓުގައި ރިބާ ނުހިގާނެއެވެ.!

އެހެނީ ރިބާ އާ ބެހޭ ގޮތުން އައިސްފައިވާ ޙަދީޘްތަކުގައި ނަންގަނެވިފައި ވަނީ، ވަކި ބާވަތްތަކެކެވެ. އޭގެ ތެރޭގައި ރަނާއި ރިހި ހިމެނެއެވެ. މިއީ އޭގެ ޒާތުގައި އަގު ހުރި، އޭގެ ޒާތުގައި ހުންނަ ސިފަތަކެއްގެ ސަބަބުން މިހުން އެ ހޯދައި ޖަމާ ކުރާ އެއްޗެކެވެ. ނަގުދުގެ ގޮތުގައި ބޭނުން ނުކުރިއަސް އޭގައި އަގު ހުރެއެވެ.

ލޮއި ފަދަ ރަނާއި ރިހި ނޫން އެހެން މަޢްދަންތަކުން އުފައްދާފައިވާ ފައިސާއަކީ ރަނާއި ރިހިން އުފައްދާފައިވާ ފައިސާގެ ތެރޭގައި ހިމެނޭ އެއްޗެއްތޯ ނޫންތޯ ފިޤުހުވެރިން ޚިލާފުވެފައި ވެއެވެ.

މި މީހުން ދައްކާ އަނެއް ވާހަކައަކީ، ކަރުދާސް ނޫޓަކީ އޭގެ އަގަށް ބަދަލު އަންނަ އެއްޗެކެވެ. އިންފްލޭޝަން ގެ ސަބަބުން ކަރުދާސް ނޫޓަށް ގަނެވޭ އެއްޗެހީގެ މިންވަރު މަދުވެ ގިނަވެއެވެ. މީގެ މާނައަކީ، ފައިސާގެ ވެރިމީހާ، ބޭންކުން ނުވަތަ އެ ނުންވެސް ތަނަކުން ނުވަތަ މީހެއްގެ އަތުން ނަގާ ''ފައިދާ'' އަކީ، އިންފްލޭޝަން އާއި ގުޅިގެން ނަގާ އިތުރު އެއްޗެވެ. އަދި އަސްލު އިންފްލޭޝަން ރޭޓަށް ވުރެ، ނަގާ މި ފައިދާ މަދުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިސާލަކަށް ފައިދާގެ (އިންޓްރެސްޓް) ނިސްބަތަކީ ދިހަ އިންސައްތައެވެ. އިންފްލޭޝަން ރޭޓަކީ ފަނަރަ އިންސައްތައެވެ. މިހާލަތުގައި ރަނގަޅަށް ބަލައިފިއްޔާ، ބޭންކަށް ފައިސާ ލީ މީހާއަށް ފަސް އިންސައްތަ ގެއްލުން އެބަވެއެވެ.

މަތީގައި މިވާ، އެ މީހުން ދައްކާ ވާހަކައިގެ އެއްބައި އެއީ އެއްކޮށް ބާޠިލް ވާހަކައެވެ. އަނެއް ބައި އެއީ ބާޠިލު ބޭނުމެއްގައި ބުނެވޭ ޙައްޤު ވާހަކައެކެވެ.

ބާޠިލް ވަހަކައަކީ، ނަގުދަކަށް ނުވަތަ އަގަކަށް ވަނީ ހަމައެކަނި ރަނާއި ރިހި ކަމަށް ބުނެ، މިއަދު އަހަރެމެން އެއްޗެހި ގަންނާށާއި، ރައްކާކުރާށާއި، އަގުކުރަން ބޭނުން މި ކުރާ ނަގުދަކީ ތަފާތު އެއްޗެއް ކަމަށް ބުނުމެވެ. ކޮންމެ ނަމެއް ކިޔަސް، ނަގުދު ނުވަތަ އަގަކަށް ވާ އެއްޗެހީގައި ހުންނަނީ މި ދެންނެވި ޚާއްޞިއްޔަތުތަކެވެ.

މި ޒަމާނުގެ ކަރުދާސް ފައިސާ އަކީ ރަނާއި ރިއްސާއި ތަފާތު އެއްޗެއް ކަމަށް ބުނުމުގެ ނަތީޖާއަކަށް ވާނީ، އިސްލާމްދީނުގެ ތިންވަރަ ރުކުން އެއީ ނެތް އެއްޗަކަށް ހަދާލުމެވެ. އަދި ޙަރާމް ކުރެވިފައިވާ ރިބާ ހުއްދަވުމެވެ.

ހިތާމައާއެކު ބުނަން ޖެހެނީ މިފަދަ ގޮތަކަށް ވާހަކަ ދައްކާ ބަޔަކު މީހުން އަހަރެމެންގެ ތެރޭގައި އެބަ އުޅޭކަމެވެ. އެ މީހުންނަކީ ހަމައެކަނި ލަފްޒަށް ތަބާވާ މީހުން -އަހަރެން އެ މީހުންނަށް ކިޔާނީ އާ ޡާހިރީންނޭ- ނުވަތަ ފިޤުހު މަޛްހަބުތަކުގެ ފަހުގެ ބައެއް މީހުން، ރަން ރިހިން ނޫން އެއްޗެހިތަކުން ހަދާފައިވާ ފައިސާއޭ ބެހޭ ގޮތުން ބުނެފައިވާ ބުނުންތައް ނަކަލު ކުރާ މީހުންނެވެ. ހަޤީޤަތަކީ، އިހުޒަމާނުގައި ''ފުލޫސް'' (ރަން ރިހިން ނޫން އެއްޗެހިން ހަދާފައި ހުންނަ ފައިސާ) އަކީ އަސާސީ ފައިސާއެއް ނޫނެވެ. އެއީ އެ ޒަމާނުގެ އަސްލު ފައިސާގެ ބައިކުޅަބަޔަކަށް ބޭނުން ކޮށް އުޅުނު އެއްޗެކެވެ. ކުދިކުދި މުޢާމަލާތްތައް ކޮށް އުޅުމަށް ބޭނުން ކުރި އެއްޗެކެވެ. ފަޤީރު މީހާއާ ދިމާލަށް ''މުފްލިސް'' އޭ ބުނެވެނީ އެހެންވެގެންނެވެ. އެއީ އޭނާ އަތުގައި ''ފުލޫސް'' ނުހުންނާތީއެވެ.

މިއިން އެއްވެސް ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫނެވެ. އަހަރެންގެ ފޮތް ''ފިޤްހުއްޒަކާތި'' ގައި މިފަދަ ބުނުންތަކަކީ ރަނގަޅު ނޫން ވާހަކަތަކެއް ކަމާއި އޭގެ ނުރައްކަލާއި ބެހޭ ގޮތުން ވާހަކަ ދައްކާފައި ވާނެއެވެ. އަހަރެމެން އެއްޗެހި ގަންނާށާއި، ކުލި ދައްކާށާއި، ކައިވެނީގެ ރަނަށާއި، އޮޅިގެން މެރުމުން ދޭން ޖެހޭ ދިޔާ ފަދަ ޝަރުޢީ ހުރިހާ ކަމެއްގައި ވެސް ބޭނުން ކުރަނީ، ކަރުދާސް ފައިސާއެވެ. އަދި މީހުންގެ މުއްސަނދިކަމުގެ މިންވަރު ކަނޑައަޅާ ދޭ އެއްޗަކީ ވެސް މި ކަރުދާސް ފައިސާއެވެ. އަދި އެ ވަގަށް ނަގައިފިނަމަ ދުނިޔޭގެ ހުރިހާ ޤާނޫނެއްގައި ވެސް އަދަބު ދެވެއެވެ.

ދެން، ބާޠިލު ބޭނުމެއްގައި ބުނެވޭ ޙައްޤު ވާހަކައަކީ، އިންފްލޭޝަން އޭ ކިޔައިގެން ދެއްކޭ ވާހަކައެވެ. އިންފްލޭޝަން ގެ ސަބަބުން ފައިސާއަށް ގަނެވޭ އެއްޗެހީގެ މިންވަރަށް ބަދަލު އަންނަ ވާހަކައެވެ. މިއީ ވާ ގޮތޮކެވެ. އަދި މިހެން މިކަން ނުވެއެކޭ ވެސް އަހަރެމެން ނުބުނަމެވެ.

މިހެން މިކަން އޮތުމުން ދަރަނި އަދާ ކުރުމުަށް ކުރާ އަސަރާއި އަދި އޭގެ ޙުކުމާ ބެހޭ ގޮތުން މި ޒަމާނުގެ ޢިލްމުވެރިން ވަނީ ޚިލާފުވެފައެވެ. އެހެންވެ މުނައްޡަމަތުލް މުއުތަމަރުން އިސްލާމީ (އޯ.އައި.ސީ) ގެ ދަށުގައި ވާ މަޖްމަޢުލް ފިޤްހުލް އިސްލާމީ އިން ވަނީ 1988 ވަނަ އަހަރު ކުވައިތުގައި ބޭއްވުނު ބައްދަލުވުމުގައި، މި މައުޟޫއަށް ބަހުސްކުރިއެވެ. ހާޟިރުވެ ތިބި މީހުން ދެ ބަޔަކަށް ބެހުނެވެ. އެއްބަޔަކު ދެކުނީ ފައިސާ ބޭނުން ކުރެވި، އެއަށް އެއްޗެހި ގަނެވި ވިއްކައި ހެދި، އެއީ އެއްވެސް އެއްޗަކަށް ނުވާ އެއްޗަކަށް ނުވާހާ ހިނދަކު، ފައިސާގެ އަގު ދަށްވެލިޔަސް، ދަރަނި އަދާ ކުރުމަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ. ވީމާ ރިޔާލެއްގެ ބަދަލުގައި ދޭންޖެހޭނީ ރިޔާލެކެވެ. ޕައުންޑެއްގެ ބަދަލުގައި ދޭންޖެހޭނީ ޕައުންޑެކެވެ. ލީރާއެއްގެ ބަދަލުގައި ލީރާއެކެވެ. އޭގެ އަގު ކިތަންމެ ދަށްވި ކަމުގައި ވިޔަސް ވެހެވެ. ވީމާ މި ބައިމީހުން ދެކޭ ގޮތުގައި، ކަރުދާސް ފައިސާއަކީ ހުރިހާ ގޮތަކުން ވެސް ރަން ރިހީގެ ފައިސާއާއި އެއް ޙުކުމެއްގެ އެއްޗެކެވެ.

އަނެއް ބަޔަކު ދެކުނީ، ކަރުދާސް ފައިސާގެ އަސްލު ޙުކުމަކީ ރަން ރިހީގެ ފައިސާއާއި އެއްގޮތް ޙުކުމެކެވެ. ނަމަވެސް ތަފްޞީލުތަކަށް ބަލާއިރު ތަފާތުތަކެއް އެބަހުއްޓެވެ. އެހެން ގޮތަކަށް ބުނާނަމަ ޢާއްމު ގޮތެއްގައި އެއީ ރަންރިހީގެ ޙުކުމް ދެވޭ އެއްޗެކެވެ. ނަމަވެސް މަދު ހާލަތެއްގައި ދެވޭ ޙުކުމް ތަފާތު ވެދާނެއެވެ.

ކުރީގެ ފިޤުހުވެރިން ''ފުލޫސް'' އާ ބެހޭ ގޮތުން ވާހަކަ ދެއްކި އިރު ބުނެފައި ވަނީ، ފުލޫސް އަކީ ޢާއްމުންގެ ތެރެގައި މަޤްބޫލު ހިނގާ އެއްޗެއް ކަމުގައި ވަންޏާ، އެއަށް ދެވޭނީ ރަންރިހީގެ ފައިސާގެ ޙުކުމް ކަމަށެވެ.

ނަމަވެސް އޭގެ އަގެއް ނެތި، މީހުންގެ ތެރޭގައި މަޤްބޫލު ނޫން އެއްޗަކަށް ވެއްޖެނަމަ، ފުލޫސް އަށް ދެވޭނީ ''ގަނެވިއްކޭ އެއްޗެއް'' ގެ ޙުކުމެވެ. ވީމާ އޭގެ އަގު މަތިވެ ދަށް ވާނެއެވެ. އަދި އެ ގަނެ ވިއްކޭނީ ބާޒާރު އަގުން، ރަން ރިހި މެދުވެރިކޮށެވެ.

ކުރީގެ ފިޤުހުވެރިންގެ މި ވާހަކައަށް ބަލާފައި މިހާރުގެ ބައެއް ޢިލްމުވެރިން ދެކެލައްވަނީ، ވަކި ހާލަތެއްގައި ކަރުދާސް ފައިސާއަށް ވެސް މިފަދަ ޙުކުމެއް ދެވިދާނެ ކަމަށެވެ. އެ ޙަލަތަކީ، ޤައުމުގައި ބޭނުން ކުރެވެމުން ދާ ކަރުދާސް ފައިސާގެ އަގު ވަރަށް ބޮޑަށް ދަށްވުމެވެ. އެ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ފައިސާގެ އަގުން އަގު ކުރެވޭ އެއްޗެއް ކަމަށް ބެލެވިދާނެއެވެ. އޭރުން ކުރީގެ ދަރަންޏެއް މިއަދު އަދާ ކުރާނީ، މިއަދު އޭގެ އަގު ހުރި މިންވަރަކުންނެވެ. މިއަދު ލުބުނާން ލީރާއާއި ތުރުކީ ލީރާގައި ހަދަނީ މިހެންނެވެ.

ނަމަވެސް، ފައިސާގެ އަގު ދަށް ވެޔޭ ކިޔައި ބަހަނާ ދައްކާފައި ޙަރާމް ބޭންކު ފައިދާ ހުއްދަ އެއްޗަކަށް ހަދަން ގޮވާލާ މީހުން އެހެން އެ ގޮވާއިރު، މިޞްރުގެ ފައިސާ މިފަދަ ހާލަތަކަށް ނުވެއްޓެއެވެ.

އިންފްލޭޝަން އެހާ ބޮޑު ވެއްޖެނަމަ، މުވައްޒަފުންގެ މުސާރަ މަތި ކުރާށާއި، މަސައްކަތު މީހުންގެ އުޖޫރަ މަތިކުރާށާއި، ޕެންޝަން މަތި ކުރަން ވެސް މި ކަމަށް ގޮވާލާ މީހުންް ގޮވާލަން ޖެހޭނެއެވެ. އަދި އިންފްލޭޝަން އާ އެއްވަރަކަށް، ތަންތަން ކުއްޔަށް ދޭ އަގާއި ގެދޮރުގެ އަގުވެސް މަތި ކުރުވާށެވެ. ދިގު މުއްދަތެއް ކުރިން ކުއްޔަށް ދެވިފައިވާ ތަންތަނުގެ އަގު މިއަދުގެ ނިސްބަތުން ވަނީ ތާކުންތާކުނުޖެހޭ ކުޑަ ކުޑަ އަގަކަށް ވެފައެވެ. މިއަދުގެ ބާޒާރުގައި ތަންތަނުގެ އަގާ ބަލާއިރު ޢަދުލުވެރި އަގެއް ނޫނެވެ. ވީމާ މި ފަދަ ތަންތަނުގެ އަގު މަތި ކުރަން ވެސް އެ މީހުން ގޮވާލަން ޖެހޭނެއެވެ. ހަމަ އެހެންމެ، ދަރަނި އަދާ ކުރުމުގައި ބަލަން ޖެހޭނީ، އިންފްލޭޝަން ރޭޓަށް ކަމަށާއި، ދަރަނި ޢަޤުދުގައި އެއްބަސް ވެވޭ ރޭޓަކަށް ނޫން ކަމަށް، ބުނާ އާ ޤާނޫނެއް ނެރެން އެ މީހުން މަސައްކަތް ކުރަން ޖެހޭނެއެވެ.

މިހުރިހާ ކަމެއް ދޫކޮށްފައި. ހަމަ އެކަނި ބޭންކު މުޢަމަލާތަށް އިންފްލޭޝަންގެ އަސަރު ކުރާ ވާހަކަ ދެއްކުމަކީ، އެ މީހުންގެ ނިޔަތާ މެދު ޝައްކު އުފެދޭ ކަމެކެވެ. ދަރަނި ދޭ މީހުންނާ ޖެހޭ އިރު އިންފްލޭޝަންގެ ސަބަބުން ދަރަނި އިތުރު ވާން ޖެހޭނެ ކަމަށް ބުނެފައި، ދަރަނި އަތުލާ މީހުންނާ ޖެހޭ އިރު އިންފްލޭޝަން ހަނދާންނައްތާލަނީ ކީއްވެހެއްޔެވެ؟ އަދި ޑޮލަރު ފަދަ ބޭރު ފައިސާ ލާ މީހުންނަށް، އޭގެ އަގުގައި ސާބިތުވެ ހުއްޓަސް ނުވަތަ އަގު މަތިވިޔަސް، ސާބިތު ފައިދާއެއް ދެނީ ކީއްވެހެއްޔެވެ؟

ކަމުގެ ޙަޤީޤަތަކީ، ބޭންކުގެ ސިޔާސަތަކީ ފައިދާ ދީފައި ދަރަނި އަތުލާފައި ފައިދާ އަތުލާފައި ދަރަނި ދިނުމެވެ. ކޮންމެ ޢަދަދެއް ލީ ކަމުގައި ވިޔަސް، އަދި ކޮންމެ ފައިސާއަކުން ލީ ކަމުގައި ވިޔަސް، ކޮންމެ މީހަކު ލީ ކަމުގައި ވިޔަސް ކޮންމެ ހާލަތެއްގައި ލީ ކަމުގައި ވިޔަސް، ބޭންކުން މި ފައިދާ ދޭނެއެވެ. އަދި އަތުލާނެއެވެ. ވީމާ މި ކަހަލަ ހީލަތްތެރި ވާހަކަތައް އަޑު އެހުމުގެ ބޭނުމެއް ނެތެވެ. ޙައްޤު ރީއްޗަށް އެނގެން އެބަ އޮތެވެ.

ގުނަކޮށް ކާ ރިބާ :

މިއަދު ބޭންކުތަކުން ދޭ ފައިދާ އަކީ ހުއްދަ އެއްޗެއް ކަމަށް ދެއްކުމުގެ ގޮތުން ދެއްކޭ އަނެއްބަހަނާއަކީ، ޤުރުއާނުގައި ޙަރާމް ކުރެވިފައިވާ ރިބާ އަކީ ގުނަކޮށް ކެވޭ ރިބާކަމަށާއި، 8 ނުވަތަ 10 އިންސައްތަ ފަދަ މަދު މިންވަރެއްގެ ރިބާ އަކީ، ޙަރާމް ކުރެވިފައިވާ ރިބާގެ ތެރެއަށް ވަންނަ އެއްޗެއް ނޫންކަމަށް ބުނުމެވެ.

މިއީ، އާލްޢިމްރާން ސޫރަތުގެ 130 ވަނަ އާޔަތުން ދޭހަވާ މާނަކަމަށް ބުނެ މީލާދީ މި ޤަރުނުގެ ކުރީކޮޅުގައި، ހިލުވައިލެވުނު ޝުބުހާއެކެވެ.

ޢަރަބި ބަސް ރަނގަޅަށް އެނގޭ، އެ ބަހުގެ އުސްލޫބުތައް ދަންނަ މީހުންނަށް ޔަޤީނުންވެސް އެނގޭނެ ކަމަކީ، ޤުރުއާނުގައި ރިބާ ސިފަކޮށްފައި އެ ވާ ޢިބާރާތަކީ، ކަން އޮތް ގޮތް ބަޔާންކޮށް އަދި ކަމުގެ ހަޑިހުތުރުކަން ބަޔާން ކުރުމުގެ ގޮތުން ބޭނުން ކުރެވިފައިވާ ޢިބާރާތެއް ކަމެވެ. ގިނަވެގެންވާ ގުނަތަކަށް ގުނަކޮށްގެން (ފަށްފަށަށް އިތުރުކުރުން) ކެވޭ ރިބާ، ޖާހިލިއްޔަ ޒަމާނުގައި ކައި އުޅުނުކަން ބަޔާން ކުރުމުގެ ގޮތުންނެވެ.

މިފަދަ ގޮތަކަށް ރިބާ ސިފަކުރެއްވުން އެއީ، ރިބާއަށް ދެވިފައިވާ ޚާއްޞަ ސިފައަކަށް ނުވެއެވެ. ވީމާ ފަށްފަށުން ރިބާ ނުކަންޏާ، ރިބާ ހުއްދައޭ ނުބުނެވޭނެއެވެ. އާޔަތުގެ މަޤްޞަދަކީ ވެސް އެހެން ބުނުމެއް ނޫނެވެ.

މީގެ މިސާލަކީ މި އަދު އަހަރެމެން، ''ފުރަތަމަ ވަސްބަލާލުމުން ވެސް މީހާގެ ފުރާނަ ގެއްލިދާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރޭ! '' މިފަދައިން ބުނުމެވެ.

ހުރިހާ ބާވަތެއްގެ މަސްތުވާތަކެއްޗަށް ވުރެ ނުރައްކާތެރިކަން ބޮޑު، މި އަދު ފެތުރިފައިވާ މި ބާވަތުގެ މަސްތުވާތަކެތި، މިގޮތަށް ސިފަކުރުމުގެ މާނައަކީ، އެހެން ބާވަތް ބާވަތުގެ މަސްތުވާތަކެތި ހުއްދަ އަދި އެއާ ދެކޮޅަށް މަސައްކަތް ކުރަން ނުޖެހޭ އެއްޗަކަށް ވުމެއް ނޫނެވެ.

އިސްލާމް ދީނުގައި އެއްޗެހި ޙަރާމް ކުރުމުގައި އޮންނަ އުސޫލަކީ، ގިނަ މިންވަރު ޙަރާމް އެއްޗެހީގެ ކުޑަ މިންވަރު ވެސް ޙަރާމް ކުރުމެވެ. އަދި ފަސާދައިގެ ވައި ވަދެދާނެ ދޮރުތައް ބަންދު ކުރުމެވެ.

ދެން އަނެއްކޮޅުން، މަދު މިންވަރަކީ ކޮބައިހެއްޔެވެ؟ އަދި ގިނަ މިންވަރަކީ ކޮބައިހެއްޔެވެ؟ ދިހަ އިންސައްތަ އެއީ މަދު މިނަވަރެއް ކަމަށް ބެލެނީ ކީއްވެގެންހެއްޔެވެ؟ ބާރަ އިންސައްތަ އަކީ ގިނަ މިންވަރެއްކަމަށް ބެލެނީ ކީއްވެގެންހެއްޔެވެ؟ މިކަމުގައި ގެންގުޅޭނެ މިންގަނޑަކީ ކޮބައިހެއްޔެވެ؟

އަހަރެމެން އާޔަތުގެ ބޭރުފުށު މާނަ ނަގައިފިނަމަ ''ގިނަވެގެންވާ ގުނަތަކަކަށް ގުނަވެގެންވާ ގޮތުގައި'' ގެ މާނައަކަށް ވާނީ، އަހަރެމެންގެ ޝައިޚް މުޙައްމަދު ޢަބްދުﷲ ދައްރާޛް ވިދާޅުވިފަދައިން، ހަސަތޭކަ އިންސައްތައެވެ. އެހެނީ ''އަޟްޢާފް'' މިއީ ޖަމްޢު (ގިނަ ޢަދަދަކަށް ބޭނުން ކުރެވޭ ގޮތް) ކަލިމައެކެވެ. ޖަމްޢުގެ އެންމެ މަދު ޢަދަދަކީ ތިނެކެވެ. ވީމާ އެންމެ ފަހަރަކު ވެސް އޭތި އެއާ ގުނަކުރެވިއްޖެނަމަ ވާނީ ހައެކެވެ. ފަހެ އެއްވެސް މީހަކު މިފަދައިން ބުނެފާނެހެއްޔެވެ!

ހަނދާން ބަހައްޓަން ވީ ކަމަކީ، ރިބާގެ ޙުކުމް ޝައްކެއް ނެތް ފަދައަކުން ކަނޑައަޅައި ބުނެފައި ވަނީ ސޫރަތުލް ބަޤަރާގެ އާޔަތްތަކުން ކަމެވެ. އަދި އެއީ ކީރިތި ޤުރުއާނުގެ އެންމެ ފަހުން ބާވައިލެއްވުނު އާޔަތްތަކުގެ ތެރެއިން އާޔަތްތަކެކެވެ.

يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ * فَإِن لَّمْ تَفْعَلُواْ فَأْذَنُواْ بِحَرْبٍ مِّنَ اللّهِ وَرَسُولِهِ وَإِن تُبْتُمْ فَلَكُمْ رُؤُوسُ أَمْوَالِكُمْ لاَ تَظْلِمُونَ وَلاَ تُظْلَمُونَ

މާނައަކީ : ''އޭ އީމާންވެއްޖެ މީސްތަކުންނެވެ. ކަލޭމެންނަކީ އީމާން ވާ ބަޔަކު ކަމުގައި ވަނީ ނަމަ ﷲ އަށް ބިރުވެތިވެ ތިބޭ ހުށިކަމެވެ. އަދި ސޫދުގެ ތެރެއިން ބާކީ ލިބެން އޮތް އެއްޗެއް، ހަމަ މުޅިން ދޫކޮށްލާ ހުށިކަމެވެ. * މިކަން މިހެން ނުކޮށްފިނަމަ، ދެން ކަލޭމެންގެ މައްޗަށް ﷲ އާއި އެކަލާނގެ ރަސޫލާގެ ފަރާތުން، ހަނގުރާމަ އިޢްލާންވެގެން ހުރި ކަމުގެ އިންޒާރު ލިބިގަންނަ ހުށިކަމެވެ. ނަމަވެސް ކަލޭމެން ތައުބާ ވެއްޖެނަމަ، ކަލޭމެންނަށް، ކަލޭމެން ދަރަންޏަށް ދިން ޢަދަދުގެ ފައިސާ (ސޫދާ ނުލައި) ލިބޭ ހުއްޓެވެ. އަދި ކަލޭމެން އަނެކުންނަށް އަނިޔާވެރި ނުވާހުށިކަމެވެ. އަދި ކަލޭމެންނަށް ވެސް އަނެކުންގެ ކިބައިން އަނިޔާވެރި ކަމުގެ ކަމެއް ކުރެވިގެން ނުމެވާހުށި ކަމެވެ.''

ބޭންކު ފައިދާއާއި ޖާހިލީ ރިބާ

ބޭންކު ފައިދާއަކީ ހުއްދަ އެއްޗެއް ކަމަށް ހެދުމުގެ ގޮތުން ދެއްކުނު އަނެއް ވާހަކައަކީ، ބޭންކު ފައިދާ އަކީ، ޤުރުއާނުގައި ޙަރާމް ކުރެވިފައިވާ އަދި އެ ކާ މީހުންނާ ދެކޮޅަށް ﷲ އާއި ރަސޫލާގެ ހަނގުރާމަ އިޢްލާން ކުރެވޭ، ޖާހިލީ ރިބާއާ ތަފާތު އެއްޗެކޭ ބުނުމެވެ.

އެހެނީ ބައެއް ސަލަފުން ވިދާޅުވެފައި ވާ ގޮތުން، ޖާހިލީ ރިބާގައި ކަންތައް ވާ ގޮތަކީ، ފަހުން އަދާ ކުރާ ގޮތަށް މީހަކު މީހަކަށް ދަރަނި ދީފައި، އަދާކުރާ ވަގުތު އައިސް ޖެހުނީމާ، ''ކަލޭ އަދާ ކުރާނީހޭ ނުވަތަ އިތުރު ކުރާނީހޭ'' ފަދަ ގޮތަކަށް ބުނުމެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި މިއީ ޖާހިލިއްޔަ ޒަމާނުގައި ރިބާ ކައި އުޅުނު އެއްގޮތެވެ. ނަމަވެސް ރިބާ ކައި އުޅުނު ހަމައެކަނި ގޮތަކީ މިއީއެއް ނޫނެވެ. އެ ޒަމާނުގައި ދަރަނި ދޭ ވަގުތު އިތުރު ފައިދާ އިތުރު ކުރަން ޝަރުޠު ކުރެވިފައިވާކަން އެނގޭ ވަރަށް ގިނަ ހާދިސާތަކާއި ދަލީލުތައް އެބަ ހުއްޓެވެ. އެ ގޮތުން ވިޔަފާރި ޤާފިލާތަކުގެ މީހުން، ކުރީއްސުރެ ފައިދާ ޝަރުޠުކުރެއެވެ. ''އަޙްކާމުލް ޤުރުއާން'' ގައި އަލްއިމާމް އަލްޖައްޞާޞް ވިދާޅުވެފައި ވެއެވެ. ''ޢަރަބިން ކޮށް އުޅުނު އަދި އެހެން މީހުން ނުދަންނަ ރިބާ މުޢާމަލާތަކީ، ދެ ފަރާތް ރުހޭ ގޮތެކަށް އަދި އިތުރުވުން ޝަރުޠުކޮށްފައި، ދީނާރާއި ދިރުހަމް ދަރަންޏަށް ދިނުމެވެ.'' އައްޠަބަރީ އާއި އައްރާޒީ ވެސް މިއާ ގާތްކުރާ ވާހަކައެއް ވިދާޅުވެފައި ވެއެވެ.

އެ މީހުން އެ ބުނާގޮތަށް، ޖާހިލީ ރިބާ އޮތީ ހަމައެކަނި މި ސޫރައިގައި ނަމަ (އަދާ ކުރާ މުއްދަތު އައިސް ޖެހުމުން، އަދާ ކުރަން ނުވަތަ އިތުރުކުރަން ބުނުން)، އެއީ ޙަރާމް ކުރުން އައުލާކަން ބޮޑު އެހެން ވައްތަރެކެވެ.

އަދި ޤުރުއާނުގައި ހަރާމް ކުރެވިފައިވާ ޖާހިލީ ރިބާ އަކީ އަދާ ކުރާ މުއްދަތު އައިސް ޖެހުމުން، އަދާ ކުރަން ނުވަތަ އިތުރުކުރަން ބުނުން ކަމުގައި ވާނަމަ، އޭގެ މާނައަކީ، އެ މިހުން ދަރަނި ދޭ އިރު އޭގެ ތެރެއަށް ރިބާ ނުވައްދާ ކަމެވެ. ރިބާ ވައްދަނީ ދަރަނި އަދާ ކުރަން ޖެހޭ ވަގުތު އައިސް ޖެހުމުން، އެކަމަށް ނުކުޅަދާނަވީމައެވެ. ޖާހިލިއްޔަ ޒަމާނުގައި ރިބާ އޮތީ ހަމައެކަނި މި ސިފައިގައި ކަމަށް، ޖަދަލެއްގެ ގޮތުން ޤަބޫލު ކުރަމާ ހިނގާށެވެ. ޤަބޫލު ކޮށްފިނަމަ، ޤަބޫލު ކުރަން ޖެހޭ އަނެއް ޙަޤީޤަތަކީ، ރިބާ ނުލާ އަމުދުން ދަރަނި ނުވެސް ދޭން އުޅޭ މީހާ އެ ކުރަނީ މާ ޙަރާމްކަން ބޮޑު ކަމެއް ކަމަށެވެ. ޖާހިލިއްޔަ މީހާ ދަރަނި ދެނީ ރިބާ ނުލައެވެ. އެކަމަކު މިޒަމާނު މީހާ ރިބާ ނުލާ ދަރަނި ދޭން އެއްބަސް ވެސް ނުވެއެވެ. ވީމާ މިޒަމާނުގައި ހިނގާ ރިބާ މުޢާމަލާތުގެ ނުބައިކަން މާ ބޮޑެވެ.

އަދި ހަމަ އެހެންމެ، ރިބާ ބޭންކުތަކުގައި އޮންނަ ގޮތުންނަމަ، ދަރަނި އަދާކުރަން ޖެހޭ މުއްދަތު އައިސް ޖެހިގެން އެ އަދާ ނުކުރެވިއްޖެނަމަ. އެ މީހުން ބުނާނީ '' ކަލޭ އަދާކުރާނީތަ ނުވަތަ އިންޓްރެސްޓު އިތުރު ކުރާނީތަ'' މިފަދައިންނެވެ. ލަސްވާ ކޮންމެ ދުވަހަކަށް ފައިދާ އިތުރުވާން ފައްޓާނެއެވެ.

ބިން ކުއްޔަށް ދިނުމާއި ރިބާ ޤިޔާސް ކުރުން

ރިބާ އާ ބެހޭ ގޮތުން ބަހުސް ކުރަން މި މައިދާނަށް ނުކުތް ބައެއް މީހުން ބުނި އަނެއް ވާހަކައަކީ:

ބޭންކަށް ފައިސާ ދީފައި އެއަށް ވަކި ފައިދާއެއް އަތުލުމުގެ މިސާލަކީ، ދަނޑުގޮވާން ކުރާ މީހަކަށް، ބިމުގެ ވެރިޔާ އެ ބިން ކުއްޔަށް ދިފައި، ކަނޑައެޅިފައިވާ ވަކި އުޖޫރައެއް ބިމަށް އަތުލުމެވެ. ބިން ކުއްޔަށް ހިފައިންގެ އެ ބިމުގައި ދަނޑުގޮވާން ކުރީމާ، ބިމުން މޭވާއެއް ނުވަތަ ގޮވާމެއް ނުކުތްތޯ ނުވަތަ ނޫންތޯ އެއީ، ބިމުގެ ވެރިޔާއަށް މުހިއްމު ކަމެއް ނޫނެވެ. ބިން ހަވާލު ކޮށްފިއްޔާ، އޭނާއަށް ބިމުގެ އުޖޫރަ ލިބުން ޙައްޤުވީއެވެ.

މި ވާހަކައަކީ، އޭގައި ހާމަކަން ބޮޑު ގޯހެއް ވާ ވާހަކައެކެވެ. ފިޤުހުވެރިން ވާހަކަ ދައްކާ އުސޫލުން އަހަރެމެން މި މައްސަލާގައި ވާހަކަ ދައްކަންޏާ ބުނަން ޖެހޭނީ، މި މައްސަލާގައި ފައިސާއައި ބިމާ ޤިޔާސްކޮށްފައި ވާ ކަމަށެވެ. އަދި ބޭންކު ފައިދާއާއި ބިމުގެ އުޖޫރައާއި ޤިޔަސްކޮށްފައި ވާ ކަމަށެވެ.

މި ޤިޔާސަކީ އޭގެ އެއްވެސް އަސާސެއް ނެތް ޤިޔާސެކެވެ. އެހެނީ ޤިޔާސެއް ޞައްޙަވުމުގެ ޝަރުޠަކީ، ދޭތީގެ ސަބަބު އެއްގޮތްވުމެވެ. މިތާނގައި މި ޝަރުޠު ފުރިހަމައެއް ނުވެއެވެ.

ބިންކުއްޔަށް ދިނުމުގެ ސަބަބަކީ، އެ ބިމުގައި އިންދައިގެން ނުވަތަ ގޮވާންކޮށްގެން އޭގެ ފައިދާ ހޯދުމެވެ. ނަމަވެސް ފައިސާއަކީ، އެއީ އޭގެ ޒާތުގެ މަންފާ ހިފޭނެ އެއްޗެއް ނޫނެވެ. މީހުން ފައިސާ ހޯދަނީ އޭގެ ޒާތުގެ ބޭނުން ހިފާކަށް ނޫނެވެ. ވީމާ ފައިސާއާއި ބިމާއި ތަފާތުވެއްޖެއެވެ. ތަފާތުތަކެއް ހުރުމާއެކު، ޤިޔާސް ނުކުރެވޭނެއެވެ.

އަދި އަނެއްކޮޅުން، ފައިސާއަށް ދަނޑުބިން ކުއްޔަށް ދިނުމަކީ، ހުރިހާ ފިޤުހުވެރިން އެއްބަސްވާ ކަމެއް ވެސް ނޫނެވެ. ރަނާއި ރިއްސަށް ދަނޑު ބިން ކުއްޔަށް ދިނުން، މަނާ ކުރާ ފިޤުހުވެރިން ކުރީގައިވެސް ތިއްބެވިއެވެ. އިމާމް އިބްނު ޙަޒްމު ނެންގެވީ މި މަޛްހަބެވެ. ޚުދު އަހަރެން ވެސް ނަގާ މަޛްހަބަކީ މިއީއެވެ.

ފައިސާއަށް ދަނޑުބިން ކުއްޔަށް ދިނުން ހުއްދަ ކުރާ މީހުން ވެސް ދެކޭ ގޮތުގައި، ދަނޑުގޮވާމުގައި ޖެހޭ ބަލިތަކާއި، ގޮވާން ނޭޅުމުގެ ސަބަބުން ލިބޭ ގެއްލުމަށް ރިޢާޔަތް ކޮށް، އުޖޫރަ މަދު ކުރަން ޖެހޭނެއެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ފަތުވާ ދެއްވާފައި ވަނީ މި ގޮތަށެވެ.

ސަރުކާރު ވަނުމަކުން އޭގައި ރިބާ ނުހިމެނޭކަމަށް ނުވޭ

ބައެއް މީހުން ބުނެއެވެ: ކަނޑައެޅިފައިވާ ވަކި މިންވަރެއްގެ ފައިދާ، ފައިސާ ލާ މިހުންނަށް ލިބިދިނުމަށްޓަކައި، އެ ދޭތެރެއަށް ސަރުކާރު ވަނުމުން، ޢާއްމުކޮށް މި ހުންނަ ރިބާގެ ސިފަ އެ މުޢާމަލާތުން ނެތިގެން ދެއެވެ. ނަމަވެސް އަހަރެމެން ބުނާނީ މިހެންނެވެ: ކޮންމެ ސިފައެއްގައި އޮތަސް ރިބާ އަކީ ރިބާ އެވެ. ސަރުކާރުން ކުރާހާ ވެސް ކަމަކީ، ޢާއްމު ރައްޔިތުން ރިބާއަށް ދަހިވެތި ކުރަން، ބޭންކާ އެ މީހުންނާ ދޭތެރޭގެ މެދުވެރިއަކަށް ވުމެވެ. މީގެ ބަދަލުގައި ސަރުކާރުން ކަންތައް ކުރަން ޖެހޭނެ ގޮތަކީ، ސަރުކާރުގެ މަޝްރޫޢުތަކުގައި ބައިވެރިވުމަށް މީސްތަކުންނަށް ދަޢްވަތު ދީ، އެ މަޝްރޫޢުތަކުމް ނުކުންނަ ނަތީޖާއެއްގައި އެންމެން ބައިވެރި ކުރުވުމެވެ.

ދުނިޔޭގައި ޔަހޫދީން ފަތުރާފައިވާ ރިބާގެ މާނައަކީ: ފައިސާއަކީ ފައިސާ އިތުރުކުރާ އެއްޗެކެވެ. އެއްވެސް މަސައްކަތެއް ކުރުމެއް ނެތި، އެއްވެސް ނުރައްކަލެއް ތަހައްމަލު ނުކޮށެވެ.

ރިބާ ކައިގެން މުއްސަނދިވާން ބޭނުން މީހަކު ކުރަން ޖެހޭހާ ވެސް ކަމަކީ، ދަރަނީގެ ގޮތުގައި މީހަކަށް އެއްހާސް ރުފިޔާ ދިނުމެވެ. އޭގެ ބަދަލުގައި އޭނާއަށް ފަހުން އެއްހާސް އެއްސަތޭކަ ނުވަތަ އެއަށް ވުރެ ގިނައިން ނުވަތަ މަދުން ލިބޭނެއެވެ. ދަރަނި ނެގިމީހާއަށް ގެއްލުން ވިޔަސް ނުވިޔަސް އެއީ މުހިއްމު ކަމެއް ނޫނެވެ. އަހަރަކަށް ފަހު އަހަރެއް އޭނާގެ ފައިސާ ދާނީ އިތުރުވަމުން ގިނަވަމުންނެވެ. މަސައްކަތެއް ނުކޮށް، ބުރައެއް ނުއުފުލައެވެ. ނަމަވެސް މިއީ އިސްލާމް ދީން ޤަބޫލު ކުރާ ހަމައެއް ނޫނެވެ. އެހެނީ މިގޮތަކީ ޢަދުލުވެރިކަމެއް ނެތް ގޮތެކެވެ. އަދި ދުނިޔޭގެ ޠަބީޢަތާ ޚިލާފު ގޮތަކަށް ހިނގާ ކަމެކެވެ.

އަސްލު ޢަދުލަކީ، މަސައްކަތާއި ފައިސާ އަކީ ބައިވެރިވާ އެކަތި އަނެކަތި ފުރިހަމަކޮށްދޭ އެއްޗެއްގެ ގޮތުގައި ތިބުމެވެ. ދޭތިން ކުރެ ވަކި އެއްޗަކަށް ޚާއްޞަ އިމްތިޔާޒެއް ނުދިނުމެވެ. ނަމަވެސް ރިބާ ހިމެނޭ ދަރަނީގައި ވަނީ މިހެނެއް ނޫނެވެ.

ރައުސްމާލީ ނިޒާމުގައި އިސްކަމާއި އިމްތިޔާޒު ދީފައި ވަނީ ފައިސާއަށެވެ. މަސައްކަތް ކުރާ މީހާ އަށް ގެއްލުން ވިޔަސް، ފައިސާގެ ވެރިމީހާއަށް ފައިދާވެ ގިނަވާން ޖެހޭ ކަމަށް، މި ނިޒާމް ދެކެއެވެ. އަނެއްކޮޅުން ކޮމިއުނިޒަމް ދެކޭ ގޮތުގައި ރައުސްމާލަކީ، ކިތަންމެ ބުރަ މަސައްކަތެއް ކޮށްގެން އަދި ގިނަ އަހަރުތަކަކުން ހޯދި އެއްޗަކަސް، އެއީ އެއްވެސް ޙައްޤެއް ލިބެންވާ އެއްޗެއް ނޫނެވެ.

ނަމަވެސް އިސްލާމް ދީން އައީ މި ދޭތީގެ މެދުމިނަކާއިގެންނެވެ. އެގޮތުން ދެ ފަރާތް ވެސް ގެއްލުމާއި ފައިދާގައި ބައިވެރިވާންޖެހޭނެ ބުންޏެވެ. ފައިދާ ވިއްޔާ ވާނީ ދެމީހުންނަށް އެކީގައެވެ. ގެއްލުން ވިއްޔާ ވާނީ ވެސް ދެ މީހުންނަށް އެކީގައެވެ. ބޮޑު ފައިދާއެއް ވެއްޖިއްޔާ، ދެ މީހުންގެ ދެމެދުގައި އެ ބެހޭނެއެވެ. ފައިދާ މަދުނަމަ، ޢަދުލުވެރިކަމާއެކު މި މަދު ފައިދާގައި ދެ މީހުން ވެސް ބައިވެރިވާނެއެވެ. އަދި ގެއްލުން ވެއްޖެނަމަ ދެ މީހުން ވެސް ގެއްލުމުގައި ހިއްސާވާނެއެވެ. ރައުސްމާލުގެ ވެރިފަރާތަށް ވާނެ ގެއްލުމަކީ، އޭނާގެ ފައިސާ ގެއްލުމެވެ. މަސައްކަތް ކުރާ މީހާއަށް ވާނެ ގެއްލުމަކީ، އޭނާ ކުރި މަސައްކަތާއި އުފުލި ބުރަ ބޭކާރުވެ ދިއުމެވެ.

ބޭންކު ނިޒާމަކީ ޠަބީޢަތުގެ ޤާނޫނާ ޚީލާފަށް ހިނގާ އެއްޗެކޭ ބުނުމުގެ މާނައަކީ، ދުނިޔޭގެ އެއްވެސް ނިޢްމަތަކީ ގައިމުކަން ލިބިފައިވާ އެއްޗަކަށް ނުވާހިނދު ވެސް، ބޭންކުން އެ ގައިމުކަން ދޭތީއެވެ. ޞިއްޙަތަކީ ފައިސާއަށް ވުރެ މާ މުހިއްމު އަދި މާ އަގުހުރި ނިޢްމަތެކެވެ. ނަމަވެސް ޞިއްޙަތަކީ ވެސް އަބަދާ އަބަދު، ދުޅަހެޔޮކަންމަތީ ހުންނާނެ ކަމުގެ ގައިމުކަމެއް ލިބިފައިވާ އެއްޗެއް ނޫނެވެ. ޞިއްޙަތު ރަނގަޅަށް ހުރި މީހަކު ބަލިވެދާނެއެވެ. އަދި އުފާވެރިއަކު ހިތާމަވެރިއަކަށް ވެދާނެއެވެ. ޒުވާނަކު ކުއްލި ގޮތަކަށް މަރުވެސް ވެދާނެއެވެ.

ޒުވާނަކު ކައިވެނި ކުރާއިރު އޭނާ ކައިވެނި ކުރަނީ، ފަހުން ވާނެ ގޮތެއް ގައިމުވެ އެނގިހުރެއެއް ނޫނެވެ. އޭނާގެ ކައިވެނި ކާމިޔާބުވާނެކަމާ މެދު ފުރިހަމަ ޔަޤީންކަމެއް ނު އޮންނާނެއެވެ. އަދި ދަރިން ލިބޭނެ ކަމުގެ ޔަޤީންކަމެއް ވެސް ނު އޮންނާނެއެވެ. ލިބޭނީ އަންހެން ދަރިންކަމެއް ފިރިހެން ދަރިންކަމެއް، އަދި ލިބޭ ހުރިހާ ކުދިން ދުނިޔޭގައި ތިބޭނެ ކަމެއް ވެސް ނޭނގޭނެއެވެ. އެ ކުދިން ވާނީ އޭނާގެ ހިތަށް ލިބޭ ހަމަޖެހުމަކަށް ކަމެއް، ނުވަތަ ނުފޮރޮއްޕާނަކަށް ކަމެއް ވެސް ނޭނގޭނެއެވެ.

ދުނިޔޭގެ ހުރިހާ ނިޢްމަތަކީ ވެސް މި ބީދައިން ވާ އެއްޗެކެވެ. މަދުވެދާނެ އެއްޗެކެވެ. އަދި ގިނަވެސް ވެދާނެ އެއްޗެކެވެ. މާތް ﷲ ދުނިޔޭގައި ލައްވާފައިވާ ސުއްނަތަކީ މިއީއެވެ. ވީ އިރު، ފައިސާ އަކީ ދުވަހަކު ވެސް މަދު ނުވެ އަބަދު އިތުރުވޭވޭ ހުންނަ އެއްޗަކަށް ހަދަން ބޭނުންވަނީ ކީއްވެހެއްޔެވެ؟!

ބައްޕައާއި ދަރިއާ ދެމެދު ރިބާ

ބޮންޑު ނުވަތަ ސަނަދުފަދަ ތަކެތި އެއީ ސަރުކާރުން ވިއްކާ އެއްޗެއ ނަމަ، އެއިން ލިބޭ ''ފައިދާ'' އަކީ ހުއްދަ އެއްޗެއް ކަމަށް ބޭންކު ފައިދާ ހުއްދަ އެއްޗަކަށް ހަދަން ބޭނުންވާ މީހުން ބުނެ އުޅެއެވެ. އެމީހުން ބުނާ ގޮތުގައި، ސަރުކާރާއި ރައްޔިތުންނާ ދެމެދު ރިބާއެއް ނު އޮވެއެވެ. އެއީ ބައްޕައާއި ދަރިއާ ދެމެދު ރިބާ ނު އޮންނަ ނު އޮތުމަށް ޤިޔާސްކޮށްފައެވެ!

އެނގޭ ޙަޤީޤަތަކީ، ކިޔާސް ކުރެވޭނީ ނައްޞާއި އިޖްމާޢުން ސާބިތު އަސްލެއްގެ މައްޗަށް ކަމެވެ. ވީ އިރު، ބައްޕައާއި ދަރިއާއި ދެމެދު ރިބާ ނު އޮންނަ ކަމަށް ބުނާ ދަލީލެއް، ޤުރުއާނައި ސުންނަތުގައި ކޮބައިހެއްޔެވެ؟ އަދި އެކަމަށް ވެފައި އޮތް އިޖްމާޢެއް ކޮބައިހެއްޔެވެ؟

ބައްޕައާއި ދަރިއާ ދެމެދު ރިބާ ނު އޮންނަ ވާހަކައަކީ، ފިޤްހު މަޛްހަބުތަކުގެ ތެރެއިން ބައެއް މަޛްހަބުތަކުގައި އެއްވެސް ދަލީލެއް ނެތި ބުނެފައި ވާ ވާހަކައެކެވެ. މިހާރުގެ ބައެއް މީހުން ހީކުރަނީ، ބައްޕައާއި ދަރިއާ ދެމެދު ރިބާ ނު އޮންނަ ވާހަކަ އަކީ ޙަދީޘެއްގައި ވާ ވާހަކައެއް ކަމަށެވެ. ނަމަވެސް، އެއީ މިއީ ޙަދީޘެއް ނޫނެވެ. ޞަޙީޙް ޙަދީޘަކަށް ނުވާތާ، ޟަޢީފް ޙަދީޘެއް ވެސް ނޫނެވެ. އަދި މަރްފޫޢު ނުވަތަ މައުޤޫފް ޙަދީޘެއް ވެސް ނޫނެވެ.

ދެން، ބައްޕައައި ދަރިއާ ދެމެދު ރިބާ ނު އޮވެއޭ ބުނުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ ނު އޮވެއޭ ބުނުމުގެ މާނައަކީ، ބައްޕައާއި ދަރިއާ ދެމެދު ރިބާ މުޢާމަލާތު ނުކުރެއޭ ބުނުންހެއްޔެވެ؟ މި ޢިބާރާތަކީ މި މާނައިގައި ބުނެވޭ އެއްޗެއް ނަމަ، އެއީ ތެދު ޢިބާރާތެއް ނޫނެވެ. އެހެނީ ބައްޕައާއި ދަރިންނާ ދެމެދު ވެސް ރިބާ މުޢާމަލާތް ހިނގައެވެ. ނުވަތަ މީގެ މާނައަކީ، ބައްޕައާއި ދަރިއާ ދެމެދު ރިބާ އޮވެގެން ނުވާނެއޭ ބުނުން ހެއްޔެވެ؟ އެހެންކަމަށް ވާނަމަ ބުނަން ޖެހެނީ، ތިމާގެ އެއްވެސް ބައެއްގެ ދެމެދުގައި އަދި ދުރު ހިލޭ މީހުންގެ މެދުގައި ވެސް ރިބާ އޮވެގެން ނުވާނެ ކަމެވެ.

ނުވަތަ މީގެ މާނައަކީ، ބައްޕައާއި ދަރިއާ ދެމެދު ރިބާ މުޢާމަލާތެއް ހިނގައިފިނަމަ، ދެ ފަރާތުގެ ގާތްކަން ބޮޑު ކަމުން، އެކަން ޙަރާމް ކަމަކުން ޙަލާލް ކަމަކަށް ބަދަލުވުންހެއްޔެވެ؟ ގުޅުމުގެ ގާތްކަން ބޮޑު ކަމަށް ބަލަންޏާ، އައުލާކަން ބޮޑީ، ބައްޕައާއި ދަރިއާ ދެމެދު ހިންގޭ ރިބާ މުޢާމަލާތުގެ ޙަރާމްކަން ބޮޑުވުމެވެ. އެހެނީ މި ހާލަތުގައި އަނިޔާވެރިކަމާއި، ރަޙިމުގެ ގުޅުން ކެނޑުމާއި، ނުކިޔަމަންތެރިކަން އެކުލެވޭތީއެވެ.

ދެން ޖަދަލެއްގެ ގޮތުން، ބައްޕައާއި ދަރިއާއި ދެމެދު ރިބާ ނު އޮންނަ ކަމަށް -ހުއްދަކަމަށް- ޤަބޫލު ކުރަމާ ހިނގާށެވެ. އެކަމަކު މިހެންނޭ ކިޔާފައި، މާލީ ކަންތަކުގައި ބައްޕައާއި ދަރިއާ ދެމެދު އޮންނަ ގުޅުން ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ މާލީ ކަމަކަށް ޤިޔާސް ކުރެވޭނީ ކިހިނެއްޔެވެ؟

ފައިސާގެ ކަންތަކުގައި ބައްޕައާއި ދަރިއާއި ދެމެދު އޮންނަ ގުޅުން ބަޔާން ކުރައްވާފައިވާ ޞައްޙަ ޙަދީޘެއް އޮވެއެވެ. އެ ޙަދީޘަކީ ''ކަލެއާއި ކަލޭގެ މުދަލަކީ، ކަލޭގެ ބައްޕަގެ އެއްޗެކެވެ'' އޮންނަ ޙަދީޘެވެ. ނަމަވެސް، ''ކަލެއާ ކަލޭގެ މުދަލަކީ ސަރުކާރު އެއްޗެކޭ'' ބުނާ ޙަދީޘެއް ނު އޮވެއެވެ. މާކްސިސްޓް ކޮމިއުނިސްޓުން މި ނުން ގޮތަކަށް ދެކެފާނެއެވެ. އެ މީހުންނަކީ ހުރިހާ އެއްޗެއްގެ ވެރިއަކީ ސަރުކާރު ކަމަށް ބަލާ ބައެކެވެ. އަދި ރައްޔިތުންނަކީ، މިލްކެއް ނުހުންނަ އަޅެކެވެ.

މުޅި ދުނިޔޭގައި ވެސް ރިބާ ނެތް!

ބޭންކު ފައިދާ ޙަލާލް ކުރަން އުޅޭ މީހުން، އެއީ ހަލާލް އެއްޗެއް ކަމަށް ބުނުމުގެ މާނައަކީ، ދުނިޔޭގެ އެއްވެސް ތަނެއްގައި ރިބާ ނެތުމެވެ. އެމެރިކާ އާއި ޔޫރަޕްގެ ބޭންކުތަކުން އަތުލާ އަދި ދޭ ފައިދާ އަކީ ވެސް ރިބާއެއް ނޫނެވެ. އެހެނީ އަހަރެމެންގެ ބޭންކުތަކަކީ، އެންމެން ވެސް އެއްބަސްވާ ގޮތުގައި، ހުޅަނގު ބޭންކުތަކުގެ ނަކަލެކެވެ. އަދި ހުޅަނގުގެ އިޤްތިޞާދަށް ފާޑު ކިޔާ މީހުން، ރިބާގެ ގެއްލުމާއި ބެހޭ ގޮތުން އެ ދައްކާ ވާހަކައަކީ އެއްވެސް މާނައެއް އޮތް ވާހަކައަކަށް ނުވަނީހެއްޔެވެ؟

މިފަދަ ޚިޔާލުތަކުގެ -އެއީ ފަތުވާތަކެކޭ އަހަރެން ނުބުނާނަން- މޭވާއަކަށް ވާނީ، މުސްލިމުންނާއި ޢަރަބިން އެ މީހުންގެ ފައިސާތައް ބޭރު ބޭންކުތަކަށް ލުމަށް ހިތްވަރު ދެވުމެވެ. ފަހެ އެ ބޭންކުތަކަކީ، އިސްލާމް ދީން ޙަރާމްކޮށްފައިވާ ރިބާ ނުހިމެނޭ ބޭންކުތަކެއްކަމަށް ވަންޏާ ނުލާންވީ ސަބަބެއް ނެތެވެ. ނަތީޖާއަކަށް ވާނީ އުއްމަތުގެ ދަރިންގެ ފައިސާތައް ފުނިޖެހިފައި ހުންނާނީ، ހުޅަނގުގެ ބޭންކުތަކުގައެވެ. އަދި އުއްމަތުގެ ދަރިންގެ ފައިސާއިން އުއްމަތް ވާނީ މަޙްރޫމްވެފައެވެ. އާ މުޖްތަހިދުންގެ ހެޔޮފުޅުކަމުންނެވެ!

އިޖްމާޢަކުން ނޫނީ އިޖްމާޢެއް އުވާ ނުލެވޭނެ

ނުރައްކާތެރި މި މައްސަލާގައި އަހަރެން ދައްކަން ހުރި ވާހަކަ ނިންމާލުމުގެ ކުރިން އަދި އެއް ކަލިމަ ބުނެލާނަމެވެ.

ފިޤުހު މަޖްމަޢްތަކާއި، ހައިއާތަކާއި، ބައްދަލުވުންތަކުގައި އިޖްމާޢްވެފައި ވަނީ، ބޭންކު ފައިދާ އަކީ ޙަރާމް އެއްޗެއް ކަމަށެވެ. އަދި އެއީ ދީނުގައި ޙަރާމް ކުރެވިފައިވާ ރިބާކަމަށެވެ. އެއްވެސް ޝައްކެތް ނެތްފަދައަކުންނެވެ. 1965 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ބުނަމުން އަންނަނީ މިފަދައިންނެވެ.

އަޒްހަރުގެ މަޖްމަޢްލުލް ބުހޫޘުލް އިސްލާމިއްޔާ، އަދި ރާބިޠަތުލް ޢާލަމުލް އިސްލާމީ ގެ މަޖްމަޢުލް ފިޤްހީ، އަދި މުނައްޠަމަތުލް މުއުތަމަރުލް އިސްލާމީ ގެ މަޖްމަޢުލް ފިޤްހުލް އިސްލާމީ އިން ނެރެފައިވާ ޤަރާރުތަކުން އަހަރެމެންނަށް ފުދެއެވެ.

އިޖްމާޢަކީ ނަސްޚު ކުރެވޭނެ އެއްޗެއްތޯ، އުޞޫލީ ޢިލްމުވެރިން ކުރީގައި ޚިލާފު ވެފައެވެ. ބައެއް މީހުން ބުނެފައި ވަނީ، އިޖްމާޢަކީ ނަސްޚު ކުރެވޭނެ އެއްޗެއް ނޫންކަމަށެވެ. އަނެއް ބަޔަކު ބުނީ، ވިސްނުމާއި އިޖްތިހާދުގެ މައްޗަށް ބިނާވެތިބެގެން ވެފައިވާ އިޖްމާޢެއް ވިއްޔާ ނަސްޚު ކުރެވިދާނެ ކަމަށެވެ.

އިޖްތިހާދު އިޖްމާޢެއް ނަސްޚު ކުރެވިދާނެ ކަމަށް ބުނި މީހުން ވެސް ބުނެފައި ވަނީ، މިފަދަ އިޖްމާޢެއް ނަސްޚު ކުރެވޭނީ އެފަދަ އެހެން އިޖްމާޢަކުން ކަމަށެވެ.

އަހަރެމެންގެ ކުރިމަތީގައި މިވާ މައްސަލައަކީ، އިޖްތިހާދީ އިޖްމާޢެއް ކަމަށް ބަލައިފިއްޔާ -އަސްލު އެހެނެއް ނޫން- މަދު ބައެއްވެގެން، އަދި އޭގެ ތެރޭގައި ގިނައިން ތިބީ ފިޤުހުގައި ތަޚައްޞުޞް ބައެއްވެސް ނޫން، މި އިޖްމާޢާއި ޚިލާފުވުމަކީ އެ މީހުންނަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. އެހެނީ ބަލިކަށި ރައުޔަކަށް ގަދަފަދަ ރައުޔެއް އުވާ ނުލެވޭނެއެވެ.

ބޭންކު ފައިދާގެ މައްސަލާގައި އާ ކަމެއް ފާޅުވެއްޖެނަމަ ޖެހޭނީ މަޖްމަޢްތަކުން އަލުން ބައްދަލުވާށެވެ. ޙަޤީޤަތަކީ، މި މައިދާނުގައި އަލަށް ފާޅުވި އެއްވެސް ކަމެއް ނެތްކަމެވެ. މިހާރު ވެސް ހުރި ބޭންކުތަކަކީ ކުރީގެ ވެސް ހުރި ބޭންކުތަކެވެ. ނިޒާމަކީ ހަމަ އެ ނިޒާމެވެ. ފަލްސަފާއަކީ ހަމަ އެ ފަލްސަފާއެވެ.

ޝައިޚުލް އަޒްހަރު، ފަޟީލަތުއްޝައިޚް ޖާދުލްޙައްޤު ޢަލީ ޖާދުލްޙައްޤު، އަލްއަހްރާމް ނޫހުގައި (18 އޮގަސްޓް 1989) ހަރުއަޑުފުޅުން ވިދާޅުވެފައިވާ ބަސްފުޅު ނިކަން ބަލާލަމާ ހިނގާށެވެ. މި ބަސްފުޅަކީ، ޤިޔާމަތް ދުވަހުން އޭނާގެ ހެޔޮކަމުގެ މީޒާނަށް އިތުރުވާނެ ބަސްފުޅަކަށް ވުމަށް އަހަރެން ދުޢާކުރަމެވެ.

''މީހުންނަށް މުހިއްމު ކަންތައްތައް'' މި ކޮލަމުގައި އުސްތާޛް މުޙައްމަދު ޒާއިދު ލިޔެފައި ވެއެވެ. ''މި ފަހަކަށް އައިސް ބަހުސްކުރުން ހޫނުވެފައި ވާ މައްސަލައެއް ކަމުގައިވާ ބޭންކު ފައިދާއާ ބެހޭގޮތުން، ޝައިޚުލް އަޒްހަރު ޖާދުލްޙައްޤު ޢަލީ ޖާދުލްޙައްޤު، އޭނާގެ ފަހު ބަސްފުޅު ވިދާޅުވެ، ބަހުސަށް ނިމުމެއް ގެންނަވައިފިއެވެ. ފަޟީލަތުއްޝައިޚް ވިދާޅުވިއެވެ: 1385 ވަނަ އަހަރު މުޙައްރަމް މަހު (މޭ 1965) އަޒްހަރުގެ މަޖްމަޢުލް ބުޙޫޘު ގެ ބައްދަލުވުމެއް ބާއްވައި ބޭންކު ފައިދާއާ ބެހޭ ޤަރާރެއް ވަނީ ނެރެފައެވެ. އަޒްހަރުގެ ޤާނޫނުގައި ބުނާ ގޮތުން، އަލަށް އުފެދޭ އިޖްތިމާޢީ އަދި އިޤްތިޞާދީ އަދި މަޛްހަބީ މައްސަލަތަކުގައި، ފެންނަ ރައުޔު ހާމަ ކުރުމަކީ މި މަޖްމަޢްގެ މަސްއޫލިއްޔަތެކެވެ. އަދި ބޭއްވުނު ބައްދަލުވުމުގައި، ދުނިޔޭގެ އެކިކަންކޮޅުންތަކުން އައި ޤާނޫނާއި އިޤްތިޞާދީ ޢިލްމުގެ ތަޖުރިބާކާރުން ވަނީ ބައިވެރިވެފައެވެ. ނެރުނު ޤަރާރުގައި ބުނެފައި ވަނީ މިއަންނަނިވި ކަންތަކެވެ:-

1- އެއްވެސް ބާވަތެއްގެ ދަރަންޏަކަށް އިތުރު ކުރެވޭ ފައިދާ އަކީ، ޙަރާމް ކުރެވިފައި ވާ ރިބާ އެވެ. ބޭނުން ކުރުމަށް ދެވޭ ދަރަންޏޭ ބުނެވޭ ދަރަންޏާއި، އުފެއްދުމަށް ދެވޭ ދަރަންޏޭ ބުނެވޭ ދަރަނީގެ ދެ މެދުގައި، އެއްވެސް ފަރަގެއް ނެތެވެ. އެހެނީ ޤުރުއާނާއި ސުންނަތުގެ ހުރިހާ ނައްޞުތަކެއް ބެލުމުން، މި ދެބާވަތް ވެސް ކަނޑައެޅިގެން ޙަރާމް ކަން ސާބިތުވެއެވެ.

2- ރިބާ ގެ ގިނަ މިންވަރު ވެސް އަދި ކުޑަ މިންވަރު ވެސް ޙަރާމެވެ.

يَا أَيُّهَا الَّذِينَ آمَنُواْ لاَ تَأْكُلُواْ الرِّبَا أَضْعَافاً مُّضَاعَفَةً وَاتَّقُواْ اللّهَ لَعَلَّكُمْ تُفْلِحُونَ

މާނައަކީ: ''އޭ އީމާންވެއްޖެ މީސްތަކުންނެވެ! ގިނަވެގެންވާ ގުނަތަކަކަށް ގުނަވެގެންވާ ގޮތުގައި، ތިޔަބައި މީހުން ރިބާ ނު ހިފާށެވެ! އަދި ތިޔަބައި މީހުން މާތް ﷲ ގެ ކިބައަށް ތަޤްވާވެރިވާށެވެ. އެއީ ތިޔަބައި މީހުން ދިންނެވޭތޯއެވެ.'' (އާލްޢިމްރާން :130)

މާތް ﷲ ގެ މި ވަޙީ ބަސްފުޅުގެ ރަނގަޅު ފަހުމަކީ މިއީއެވެ.

3- ރިބާ ލާފައި ދަރަނި ދިނުމަކީ ޙަރާމް ކަމެކެވެ. އެއްވެސް ބޭނުމެއް އަދި އެއްވެސް ޟަރޫރަތަކަށްޓަކައި، މި ކަމަކީ ހުއްދަ ކަމަކަށް ނު ހެދޭނެއެވެ. ހަމަ އެ ފަދައިން، ރިބާ ހިމެނޭ ދަރަނި ނެގުމަކީ ވެސް ޙަރާމް ކަމެކެވެ. މި ފަދަ ދަރަންޏެއް ނެގުމުގެ ޟަރޫރަތެއް އޮވެގެން ނެގުމުން ނޫނީ، ރިބާ ހިމެނޭ ދަރަންޏެއް ނެގުމުގެ ފާފަ ނު އުފުލޭނެއެވެ. ކޮންމެ މީހެއްގެ ވެސް ޟަރޫރަތް ކަނޑައެޅުމަކީ، އެ މީހެއްގެ ދީންވެރިކަމަށް ދޫކުރެވިފައިވާ ކަމެކެވެ.

4- ކަރެންޓު އެކައުންޓު ދިނުމާއި، ޗެކަށް ފައިސާ ދޫކުރުމާއި، ފައިސާ ހުރި ކަމުގެ ލިޔުން (އެލް.ސީ) ދިނުމާއި، ބިލް އޮފް އެކްސްޗޭންޖާއި މުޢާމަލާތު ކުރުން ފަދަ، ބޭންކު މަސައްކަތްތަކަކީ ހުއްދަ ކަންތައްތަކެވެ. އަދި މިފަދަ މަސައްކަތުގެ ބަދަލުގައި ބޭންކުން ނަގާ ފީ އަކީ ރިބާ އެއް ނޫނެވެ.

5- ސޭވިން އެކައުންޓާއި، އަދި އެއް ވެސް އިތުރު ފައިސާ އެއް ރައުސްމާލަށް އިތުރުވާ ގޮތަށް ބޭންކަށް ފައިސާ ލުމާއި، ފައިދާ ލާފައި ދެވޭ ކޮންމެ ދަރަންޏަކީ، ރިބާ މުޢާމަލާތު ގެ ތެރޭގައި ހިމެނޭ ކަންތައްތަކެކެވެ. ވީމާ މިއީ ޙަރާމް ކަންތަކެކެވެ.

އަހަރެންނަށް ހީވަނީ މި ހިސާބުން ޙައްޤަކީ ކޮބައިކަން އެނގިއްޖެހެންނެވެ. ލޮލެއް ހުރި މީހަކަށް ވިއްޔާ އަލިކަން ފެނިއްޖެހެންނެވެ. އޭ ހައްދަވައި ބޮޑު ކުރެއްވި ކަލާނގެއެވެ! ޙަލާލް އެއްޗެހިން އަޅަމެންނަށް ފުއްދަވާ، ޙަރާމް އެއްޗެހިން އަޅަމެން ދުރު ކުރައްވާފާނދޭވެ! އަދި އިބަރަސްކަލާނގެ އަށް ކިޔަމަންތެރި ވުން އަޅަމެންނަށް ފުއްދަވާ. ނުކިޔަމަންތެރި ވުމުން އަޅަމެން ދުރުކުރައްވާފާނދޭވެ!

 


ނޯޓް: މި ފޮތުގެ އަސްލު ބެހިފައިވަނީ ދެ ބަޔަކަށެވެ. ފުރަތަމަ ބަޔަކީ، ފޮތުގެ ނަމުގެ ދަށުން ޝައިޚް ލިޔުއްވާފައިވާ ބައެވެ. ފޮތުގައި ވާ އަނެއް ބަޔަކީ، މިޞްރުގެ މުފްތީއަކަށް ޝައިޚް މުޙައްމަދު ސައްޔިދު ޠަންޠާވީ ހުންނަވެއިރު، ނެރުއްވި ބޭންކު ފައިދާއާ ބެހޭ ފަތުވާއަށް، ޝައިޚް ޤަރަޟާވީ ދެއްވާފައިވާ ރައްދާއި، އަދި މަޖްމަޢްތަކުން ނެރެފައިވާ ޤަރާރުތަކެވެ.

ތަރުޖަމާ ކުރެވިފައި މިވަނީ، ފުރަތަމަ ބައެވެ.

Comments