ހުކުރު20180921

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު އެއްޗެއް ގަނެފައި، އެ ގަނެދޭން އެދުނު މީހާއަށް، އޭތި ވިއްކުމޭ ބުނެވެނީ ކޮން އެއްޗަކަށް؟

އެއްޗެއް ގަނެފައި، އެ ގަނެދޭން އެދުނު މީހާއަށް، އޭތި ވިއްކުމޭ ބުނެވެނީ ކޮން އެއްޗަކަށް؟

baiaul-muraabahaaއެއްޗެއް ގަނެފައި، އެ ގަނެދޭން އެދުނު މީހާއަށް، އޭތި ވިއްކުމޭ ބުނެވެނީ ކޮން އެއްޗަކަށް؟ އަދި އޭގެ ޙުކުމަކީ ކޮބާ؟ (ބައިޢުލް މުރާބަޙާ ލިލްއާމިރި ބިއްޝިރާއި)

ޖަވާބު: އައްޝައިޚް ވަހްބާ އައްޒުޙައިލީ

މި ޒަމާނުގައި އިސްލާމީ ބޭންކުތަކުން ތި ކަހަލަ މުޢާމަލާތް ހިންގައެވެ. އެއީ، މިސާލަކަށް މީހަކު ވަކި ވައްތަރެއްގެ ނުވަތަ ވަކި މޮޑަލެއްގެ މާސިޑީޒް ކާރެއް ގަންނަން ބޭނުން ވެއްޖެއެވެ. އޭނާ ބޭނުންވަނީ، ބައިބަޔަށް އަގު އަދާކުރާ ގޮތަށް (އިންސްޓޯލްމެންޓަށް) ނުވަތަ ފަހުން އެއްފަހަރާ އަގު އަދާ ކުރާ ގޮތަށެވެ. ދެން އޭނާ އިސްލާމީ ބޭންކަކަށް ގޮސް މި ގޮތަށް ކާރު ގަންނަން ބޭނުންވާކަން ހާމަ ކުރުމުން، އޭނާ ބޭނުންވި ސިފަތައް ހުރި ކާރެއް ބޭންކުން ގަނެއެވެ. ކާރު ފިހާރައިން އެ ކާރު ގަނެ، ބޭންކުން ކާރު އަތުލާ ކާރާ ހަވާލުވެއެވެ. އަތުލާނީ ޙަޤީޤީ އަތުލުމެއް، ނުވަތަ އަތުލުމުގެ ޙުކުމް ދެވޭ އެހެން ގޮތަކަށެވެ. ބޭންކު އަމިއްލައަށް ނުވަތަ ބޭންކު ފޮނުވާ ވަކީލެއް މެދުވެރިކޮށެވެ.

ބޭންކުން ކާރު ގަނެ ކާރު އަތުލާން ޖެހެނީ، ކާރު ބޭނުންވެގެން އުޅޭ މީހާއަށް ކާރު ވިއްކާ އިރު، މިލްކުގައި ވާ އަދި އަތުގައި ވާ އެއްޗެއް ވިއްކި ކަމަށް ވާނީ، މި ގޮތަށް ހަދައިގެން ކަމަށް ވާތީއެވެ.

ބޭންކުން މި ކާރު ގަންނާނީ މިސާލަކަށް އެއް ލައްކަ ދީނާރަށެވެ. ދެން މިއަށް ފަހު މި ކާރު ގަންނަން ބޭނުންވާކަން ހާމަ ކުރި މީހާއަށް ބޭންކުން މި ކާރު ވިއްކާލައެވެ. ވިއްކާލަނީ އެއްލައްކަ ވިހި ހާސް  ދީނާރަށެވެ.  ބޭންކުން ވިއްކާ އިރު ވިއްކަނީ، މަހަކު ވިހި ހާހުގެ ރޭޓުން، ބައިބަޔަށް އަގު އަދާ ކުރާ (އިންސްޓޯލްމެންޓަށް) ގޮތަށެވެ. ނުވަތަ މިސާލަކަށް ދެ އަހަރު ފަހުން އޭގެ އަގު އެއްފަހަރާ އަދާ ކުރާ ގޮތަށެވެ. އަދި މީގެ ބަދަލެއްގެ ގޮތުގައި އެ މީހާ އަތުން ބޭންކު ކޮންމެވެސް ކަހަލަ ރަހުނެއް އަތުލައެވެ. ބޭންކުން މި ކާރު ގަތުމުގެ ކުރިން، ކާރު ބޭނުންވި މީހާ ކާރު ގަންނާނެ ކަމުގެ ވަޢްދެއް ވެއެވެ. އަދި ވިއްކާނެ ކަމުގެ ވަޢްދެއް ބޭންކުން ވެއެވެ.

ގަނެދޭން އެދުނު މީހާއަށް އޭތި ވިއްކުމޭ (ބައިޢުލް މުރާބަޙާ ލިލްއާމިރި ބިއްޝިރާއި) ބުނެވެނީ މި އަށެވެ.

މި ގޮތަށް އެއްޗެހި ވިއްކުން ހުއްދަ ކަމަށް އެންމެ ފުރަތަމަ ވިދާޅުވި ޢިލްމުވެރިއަކީ، އިމާމް ޝާފިޢީ -ރަޙިމަހުއްﷲ- އެވެ. އޭނާގެ ފޮތް (އަލްއުއްމު 3/33) ގައި ވިދާޅުވެފައި ވެއެވެ. ''މީހަކު މީހަކަށް އެއްޗެއް ދައްކާފައި، އޭތި ގަނެ ދޭށޭ، އޭރުން މިވެނި ވަރެއް ކަލެއަށް ފައިދާ ދޭނަމޭ ބުނުމުން، އޭނާ އޭތި ގަނެފިނަމަ، އެ ގަތުން ހުއްދައެވެ. އަދި، މިވެނި ވަރެއް ފައިދާ ދޭނަމޭ ބުނި މީހާއަށް ވަނީ އިޚްތިޔާރު ލިބިގެންނެވެ. އޭނާ ބޭނުންނަމަ އޭތި ގަނެވިދާނެއެވެ. އޭން ބޭނުންނަމަ ނުގަނެ ދޫކޮށްވެސް ލެވިދާނެއެވެ.''

މީގެ މާނައަކީ، އިމާމް ޝާފިޢީ މި ގޮތަށް އެއްޗެހި ވިއްކުން ހުއްދަ ކުރައްވާ ކަމެވެ. އެއީ އެ ގަންނަން އެދުނު މީހާ އޭތި ގަތުމާއި ނުގަތުމުގެ އިޚްތިޔާރު އޮންނަ ކަމަށް ވަނީނަމައެވެ. އަދި ވިއްކާ މީހާއަށް ވެސް، އޭތި ވިއްކުމާއި ނު ވިއްކުމުގެ އިޚްތިތާރު އޮންނަ ކަމަސް ވަނީނަމައެވެ. ވީމާ މީގައި ދެ މީހުން ކުރެ މީހަކަށް، ލާޒިމް ވަޢްދެއް ނެތެވެ.

މަޖްމަޢުލް ފިޤުހުލް އިއްލާމީ އައްދައުލީ އިން ވަނީ، މި މުޢާމަލާތަކީ ހުއްދަ މުޢާމަލާތެއް ކަމަށް ޤަރާރު ނެރެފައެވެ. ނަމަވެސް އެއީ ޝަރުޠަކާއެކުގައެވެ. އެ ޝަރުޠަކީ، މުދާ މިލްކުކޮށް އަތުލާފައި ވިއްކުމެވެ.

އިސްލާމީ ބޭންކުތަކުން މި މުޢާމަލާތް ހިންގާއިރު ނަގާ ރައުޔަކީ، ކުރެވުނު ވަޢްދު ދެ މީހުންގެ މައްޗަށް ވެސް ލާޒިމުވާ ކަމަށް ބުނާ މި ޒަމާނުގެ ބައެއް ޢިލްމުވެރިންގެ ރައުޔެވެ. ކުވައިތުގައި ބޭއްވުނު އިސްލާމީ ބޭންކުތަކުގެ ދެވަނަ ބައްދަލުވުމުގައި ވަނީ، ދެ ފަރާތަށް ވެސް ކުރި ވަޢްދު ލާޒިމް ކަމަށް، ބުނާ ރައުޔު ނަގާފައެވެ. އެއީ މާލިކީ މަޛްހަބުގައި މި ކަން އޮންނަ ގޮތަށް ތަބާވެއެވެ. މާލިކީ މަޛްހަބުގައި އޮންނަ ގޮތުން، ވަފާތެރިވާން ޖެހޭ ސަބަބެއް އޮންނަ ވަޢްދަކީ އަދި އެ އެއްޗަކާ މެދު ވަޢްދު ކުރެވުނު އެއްޗަކީ، އެއަށް ޚަރަދު ދާ އެއްޗަކަށް ވާނަމަ، ވަފާތެރިވާންޖެހޭ އެއްޗެކެވެ.

އަދި އިބްނު ޝުބްރުމާ ގެ ބަސްފުޅަށް ބަލާފައެވެ. އޭނާ ވިދާޅު ވީ: ''ޙަރާމް ކަމެއް ހަލާލް ނުކުރާ، އަދި ޙަލާލް ކަމެއް ޙަރާމް ނުކުރާ ކޮންމެ ވަޢްދަކީ ވަފާތެރިވުން ލާޒިމް ވަޢްދެކެވެ. އިސްހާޤް ބިން ރާހަވީ އަދި ހަސަނުލް ބަޞްރީ ވެސް ވިދާޅުވަނީ މި ފަދައިންނެވެ.

ވަޢްދު ފުއްދަން ޖެހޭ ކަން އިތުރަށް ވަރުގަދަ ވާ ކަމަކީ، އެއީ ދީނުގައި ވާޖިބު ކަމަކަށް ވާތީއެވެ. ވަޢްދު ކޮށްފައި އެ ވަޢްދު ނު ފުއްދާ މީހުންނަކީ، މުނާފިޤުންގެ ސިފަ ލިބިގެންވާ ބައެއް ކަމަށް، ދީން ދެކެއެވެ.

މި ގޮތަށް ކުރެވޭ މުޢާމަލާތަކީ، ރިބާ ގެ ޝުބްހާ ހިމެނޭ މުޢާމަލާތެއް ނޫނެވެ. އަދި މިއީ ޙަރާމް ކުރެވިފައިވާ ''ބައިޢުލް ޢީނާ'' އެއް ވެސް ނޫނެވެ. އަދި މިއީ ނަހީ ކުރެވިފައިވާ ''ވިއްކުމެއްގައި ދެ ވިއްކުން ހިމެނޭ'' ވިއްކުމެއް ވެސް ނޫނެވެ. އަދި ދީނުގައި މަނާ ކުރެވިފައިވާ ''މިލްކުގައި ނުވާ އެއްޗެއް ވިއްކުން'' އެއް ވެސް ނޫނެވެ.

ބައެއް މީހުން ބުނާފަދައިން މި މުޢާމަލާތަކީ ރިބާ ގެ ޝުބުހާ އެކުލެވޭ މުޢާމަލާތެއް ނޫނެވެ. މި މުޢަމާލާތް ހުއްދަ ނުކުރާ ބައެއް މީހުން ބުނެއުޅެނީ، މިއީ ރިބާ ހިމެނޭ ގޮތަށް ދަރަންޏަށް ފައިސާ ނަގަން ވެގެން، ހެދޭ ހީލަތެއް ކަމުގައެވެ. އަދި މިއީ ބޭންކުން ފަހުން ފައިސާ އިތުރަށް އަތުލާން ދެވޭ ދަރަންޏެއް ކަމަށް ވެސް މިފަދަ މީހުން ދެކެއެވެ.

މި މުޢާމަލާތަކީ ރިބާ ގެ ޝުބުހާ އެކުލެވޭ މުޢާމަލާތަކަށް ނުވާ ފުރަތަމަ ސަބަބަކީ، މުޢާމަލާތެއްގެ މައްޗަށް ޙުކުމެއް ކަނޑައެޅުމުގައި، އެ މުޢަމަމާތް ކުރެވުނު ވަސީލަތް ހަނދާން ނައްތާލާފައި، މުޢާމަލާތުގެ ނަތީޖާއަށް އެކަނި ބަލައިގެން ނުވާނެއެވެ. މީތާނގައި ވަސީލަތަކީ، މިލްކުގައި ވާ އެއްޗެއް ވިއްކާލެވޭ ޞައްޙަ ވިޔަފާރިއެކެވެ. ހަމަ ޙަޤީޤަތުގައި ވެސް އިސްލާމީ ބޭންކުން އެ ކާރު -ނުވަތަ އެ ނުންވެސް އެއްޗެއް- އެބަ ގަނެއެވެ. ނަމަވެސް، ކޮންމެ ވިޔަފާރި ވެރިއެކޭ އެއްގޮތަށް، ބޭންކުން ވެސް އެ ކާރު ގަންނަނީ، އެހެން ފަރާތަކަށް ވިއްކާށެވެ. އަދި ފައިދާ ޖައްސާފައި އެއްޗެހި ވިއްކުމާއި، ނަގުދު ފައިސާއަށް އެއްޗެއް ވިއްކުމާއި، ދަރަންޏަށް އެއްޗެއް ވިއްކުމާއި، ބައިބަޔަށް އަގު އަދާ ކުރާ ގޮތަށް ވިއްކުމަކީ، ކޮންމެ ވިޔަފާރިވެރިއެއްގެ ވެސް ޙައްޤެކެވެ. ގަންނަ އެތި އެހެން މީހަކަށް ވިއްކުމުގެ ކުރިން، ވަކި މުއްދަތެއް ވަންދެން އަތުގައި އެ ބެހެއްޓުމަކީ ވިއްކުން ޞައްޙަ ވުމުގެ ޝަރުޠެއް ނޫނެވެ.

ދެން މާލިކީ މަޛްހަބުގައި މި ގޮތަށް ވިއްކުމަކީ ''ބައިޢުލް ޢީނާ'' ގެ ތެރޭގައި ހިމެނޭ ވިއްކުމެއް ކަމަށް ދެކުނީ، މީހުން ''ޢީނާ'' އަށް ވާ ގޮތަށް އެއްޗެހި ވިއްކުން ޢާއްމުވުމުން، ބައިޢުލް ޢީނާ އަށް ދެވޭ މަގު ބަންދު ކުރުމުގެ ގޮތުންނެވެ. މާލިކީ މަޛްހަބުގެ މި އިޖްތިހާދަކީ، ހަމަ އެހެން މުޖްތަހިދެއްގެ އިޖްތިހާދު އެއާ ތަޢާރުޟް ވާ އެއްޗެކެވެ. އެއީ ޝާފިޢީގެފާނު ގެ އިޖްތިހާދެވެ. މަޞްލަޙަތަށް ބަލައި، ދެ އިޖްތިހާދުން ވަކި އިޖްތިހާދެއް ނެގުމަކީ، އަހަރެމެންނަށް ކުރެވިދާނެ ކަމެކެވެ.

ދެން މި ގޮތަށް ވިއްކުމުގައި ''ވިއްކުމެއްގައި ދެ ވިއްކުން ހިމެނޭ'' ކަމަށް ބުނުމަކީ ވެސް ރަނގަޅު ބުނުމެއް ނޫނެވެ. އެހެނީ، މީގައި ދެ ވިއްކުމެއް ނުހިމެނެއެވެ. ހިމެނެނީ އެންމެ ވިއްކުމެކެވެ. ''ވިއްކުމެއްގައި ދެ ވިއްކުން ހިމެނޭ '' ގޮތަށް ވިއްކުން ނަހީ ކުރައްވާ، ޙަދީޘް ކުރައްވާފައި ވަނީ އެހެން ކަމަކަށެވެ. އޭގެ މިސާލަކީ ؛- ''ކަލޭގެ ގޭ އަހަރެންނަށް އެއްލައްކަ ފަންސާސް ހާހަށް ވިއްކާ މަތިން، އަހަރެން މި ގެ ކަލެއަށް އެއްލައްކަ ދިރުހަމަށް ވިއްކައިފީމޭ'' ނުވަތަ '' އަހަރެންގެ އަނެއް ގެ އެއްލައްކަ ފަންސާސް ހާހަށް ގަންނަ ގޮތަށް، މި ގެ އެއްލައްކައަށް ވިއްކައިފީމޭ'' ބުނުމެވެ.

ދެން މި ގޮތަށް ވިއްކުމަކީ ''މިލްކުގައި ނެތް އެއްޗެއް ވިއްކުން'' ކަމަށް ބުނުމަކީ ވެސް ރަނގަޅު ބުނުމެއް ނޫނެވެ. އެހެނީ އިސްލާމީ ބޭންކުން، ޚިދުމަތް ލިބިގަންނަ މީހާއަށް ކާރު -ނުވަތަ އެ ނުންވެސް އެއްޗެއް- އެ ވިއްކަނީ، ގަންނަ ތަނަކުން އެ ގަނެ މިލްކު ކުރުމަށް ފަހުގައެވެ. މިހެންވެ، ކާރު ބޭނުންވި މީހާ އާ ބޭންކުން ކާރު ހަވާލު ކުރުމުގެ ކުރިން ކާރު ހަލާކުވެއްޖެ ނަމަ، އެ ކަން ތަހައްމަލު ކުރާނީ ބޭންކުންނެވެ. ކާރު ފިހާރައެއް ނޫނެވެ.

ޚުލާޞާ : ''ގަނެދޭން އެދުނު މީހާއަށް އޭތި ވިއްކުން'' އިސްލާމީ ބޭންކުތަކުގައި ހިނގަނީ ދެ މަރްޙަލާއަކަށެވެ. އެއީ:-

ފުރަތަމަ މަރްޙަލާއަކީ، ބޭންކު ފޯމު ފުރައި އެއްޗެއް ގަންނަން ބޭނުންވާ ކަމާއި، އޭތި ގަންނާނެ ކަމުގެ ވަޢްދެކެވެ. އަދި ގަންނަން ބޭނުންވާ އެތީގެ ސިފައާއި ބާވަތާއި އެ ނުން ވެސް ތަފްޞީލުތައް ބޭންކަށް ކިޔައި ދިނުމެވެ. ބޭންކުން ހާމަ ކުރާނީ އޭތި ގަނެފައި ވިއްކާނެ ކަމެވެ.

ދެވަނަ މަރްޙަލާއަކީ، ބޭންކުން އެ އެއްޗެއް ގަނެފައި، ބޭންކުގެ އަތް ދަށަށް އޭތި ގެނެސް، ގަންނަން އެދުނު މީހާއަށް އޭތި ވިއްކުމުގެ ޢަޤުދު ހެދޭ މަރްޙަލާއެވެ. މި މަރްޙަލާގައި، ގަނެ ވިއްކުމުގައި ފުރިހަމަ ވާންޖެހޭ ހުރިހާ ޝަރުޠުތަކެއް ފުރިހަމަ ވާ ޢަޤުދެއް ހެދެއެވެ.

ނޯޓް :

ބައިޢުލް ޢީނާ އަކީ : ފަހުން އަގު އަދާ ކުރާ ގޮތަށް (ދަރަންޏަށް) މީހަކު އެއްޗެއް ގަނެފައި، އެ އެތި ހަމަ ވިއްކި މީހާއަށް، ގަތް އަގަށް ވުރެ ކުޑަކޮށް ނަގުދުން އޭތި ވިއްކުމެވެ. މިއީ ޞައްޙަ ޙަދީޘުން، ޙަރާމް ކަން ސާބިތުވާ ކަމެކެވެ. އެއީ މިއީ ރިބާ އަށް ވާތީއެވެ. ބޭރުފުށުން ރިބާ ހެން ހީ ނުވިޔަސް، ޙަޤީޤަތުގައި މިއީ ހީލަތެއް ބޭނުންކޮށްގެން ކުރެވޭ ރިބާ މުޢާމަލާތެކެވެ.

މީގެ މިސާލަކީ :- ޒައިދު އުޅެނީ އިންޑިއާއަށް ދަތުރަކު ދާން ނަގުދު ފައިސާ ނުލިބިގެންނެވެ. ރިބާ ބޭންކުން ދަރަނި އަތުލުމަކީ ޙަރާމް ކަމެއް ކަން ޒައިދަށް އެނގޭތީ، ބޭންކުން ދަރަންޏެއް ނުނެގިއެވެ. ފިހާރައިގެ ސޭޓު ގާތު ލާރި ދޭށޭ ބުނުމުން ނަގުދު ފައިސާ ދަރަންޏަށް ދޭކަށް އެއްބަހެއް ނުވިއެވެ. އެހެންވެ ޒައިދު ހެދި ގޮތަކީ، ފަހުން އަގު އަދާ ކުރާ ގޮތަށް އެއްލައްކަ ވިހި ހާސް ރުފިޔާ އަށް ސޭޓު އަތުން ކާރެއް ގަނެފައި، އަނެއް ދުވަހު އެ ކާރު، ސޭޓަށް އަނބުރާ ވިއްކާލީއެވެ. ވިއްކީ އެއްލައްކަ ރުފިޔާއަށެވެ. ޒައިދަށް ނަގުދު އެއްލައްކަ ރުފިޔާ ލިބުނީއެވެ.

ޙަޤީޤަތުގައި މި ވީ ގޮތަކީ، ސޭޓު ޒައިދަށް އެއްލައްކަ ރުފިޔާގެ ދަރަންޏެއް ދީފައި ފަހުން އެއްލައްކަ ވިހި ހާސް ރުފިޔާ އަތުލާނެއެވެ. މިއީ ރިބާ ކާން ހެދުނު ހީލަތެކެވެ. ވީމާ މިއީ ޙަރާމް ކަމެކެވެ. މިއަށް ކިޔަނީ ''ބައިޢުލް ޢީނާ'' އެވެ.

ނަމަވެސް، ޒައިދު މި ކާރު އެހެން މީހަކަށް ވިއްކާލާފައި ނަގުދު ފައިސާ ހޯދުން ހުއްދައެވެ. މިގޮތަށް ހެދުމަށް ކިޔަނީ ''އައްތަވައްރުޤް'' އެވެ. ތަވައްރުޤް ގެ މާނައަކީ ނަގުދު ފައިސާ ހޯދުމުގެ ބޭނުމުގައި (އެތީގެ ބޭނުމަކު ނޫން) ފަހުން އަގު ދައްކަން އެއްޗެއް ގަނެފައި، އެހެން މީހަކަށް އެ އެތި ނަގުދުން ވިއްކުމެވެ. ބައެއް ޢިލްމުވެރިން ތަވައްރުޤް ހުއްދަ ކަމަށް ދެކެލައްވައެވެ. އަނެއްބައި ޢިލްމުވެރިން ހުއްދަ ކަމަށް ދެކެ ނުލައްވައެވެ. އަނެއްބައި ޢިލްމުވެރިން މަކްރޫހަކަމަށް ދެކެލައްވައެވެ. މިއީ އިޚްތިލާފް މައްސަލައެކެވެ. މަޖްމަޢުލް ފިޤްހުލް އިސްލާމީ އިން ތަވައްރުޤް ހުއްދަ ކަމަށް ޤަރާރެއް ނެރުނެވެ. އެއީ ފަރުދީ ގޮތަކަށް ކުރެވޭ ތަވައްރުޤް އެވެ. ނަމަވެސް އިސްލާމީ ބޭންކުތަކުން، ތަވައްރުޤް ގެ ދާއިރާ ފުޅާކުރުމުން، އެ މަޖްމަޢުން ވަނީ ''ބޭންކު ތަވައްރުޤް'' އޭ ކިޔޭ ވަކި މުޢާމަލާތެއް ހުއްދަ ނޫން ކަމަށް ޤަރާރް ނެރެފައެވެ. ނަމަވެސް މީހަކު ނަގުދު ބޭނުންވީމާ، އިސްލާމީ ބޭންކު މެދުވެރިކޮށް ފަހުން އަގު ދައްކާ ގޮތަށް އެއްޗެއް ގަނެފައި، އެ އެތި އެހެން މީހަކަށް ނަގުދުން ވިއްކުން ހުއްދަ ކަމަށް، އަދި ވެސް މަޖްމަޢުން ދެކެއެވެ.

މަޖްމަޢުން މަނާ ކުރި ''ބޭންކު ތަވައްރުޤް'' ގައި ވީ ގޮތަކީ، ބައެއް ބޭންކުތަކުން ތަވައްރުޤުގެ ދާއިރާ މާ ބޮޑަށް ފުޅާ ކުރީއެވެ. އެ ގޮތުން މީހަކު ނަގުދު ފައިސާ ބޭނުންވެގެން ބޭންކަށް އައިމާ ބޭންކުން ހަދާ ގޮތަކީ، އެ މީހާ ބުނި އެއްޗެއް ގަނެފައި، އޭނާގެ ފަރާތުން އެ އެތި ބާޒާރަށް ވިއްކާލާފައި، އެ ފައިސާ އެ މީހާއަށް ދެނީއެވެ. ހުރިހާ ކަމެއް ވެސް ކުރީ ބޭންކުންނެވެ. އަދި މިއީ ރިބާ ބޭންކުން ދަރަނި ނެގުމާ ދާދި އެއްގޮތް ކަމެކެވެ. ވީމާ މަޖްމަޢުން ވަނީ މި ސިފައިގައި މިކަން ނުކުރުމަށް ބުނެ ޤަރާރު ނެރެފައެވެ. ހުއްދަ ގޮތަކީ، މިވެނި އެއްޗެއް (މިސާލަކަށް މަޢްދަނެއް) ބޭންކު ލައްވާ ގަނުވާފައި (ފަހުން ފައިސާ ދައްކާގޮތަށް)، އެ އަތުލާފައި، އަމިއްލައަށް، އެހެން ފަރާތަކަށް ވިއްކައިގެން ނަގުދު ފައިސާ ހޯދުމެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.