ބުދަ20181114

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ވުޟޫ ގެއްލޭ ކަންތައްތައް.. އަލިފުން ޔާއަށް

ވުޟޫ ގެއްލޭ ކަންތައްތައް.. އަލިފުން ޔާއަށް

vuzoo-azއިސްލާމް ދީނުގައި އޮންނަ އެންމެ މުހިއްމު އަޅުކަމަކީ ނަމާދުކަމާމެދު ޝައްކެތް ނެތެވެ. ވީމާ ނަމާދަކީ ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމެކެވެ. އަނެއް ކޮޅުން ނަމާދު ކުރުން ހުއްދައީ ވުޟޫ މަތީ ހުރެގެންނެވެ. ވީމާ ވުޟޫ އާއި ވުޟޫ ގެއްލޭ ކަންތަކަކީ ކޮބައިކަން އެނގިފައި ހުރުމަކީ، ނަމާދުގެ ޙުކުމްތައް އެނގިފައި ހުރުމަށް ވުރެ ވަކިން މުހިއްމު ކަން ކުޑަ ކަމެއް ނޫނެވެ.

ވުޟޫ ގެއްލޭ ކަންތަކަށް ބަލާ އިރު، ވުޟޫ ގެއްލޭކަމަށް ޢިލްމުވެރިން އިއްތިފާޤުވާ ކަންތަކަކާއި، ހުރިހާ ޢިލްމުވެރިން އިއްތިފާޤު ނުވާ ކަންތަކެއް އެބަހުއްޓެވެ. ވީމާ ފުރަތަމަ މި ބަލާލަނީ އިއްތިފާޤު ކަންތަކަށެވެ.

ދެ ދޮރުން ކުރެ ދޮރަކުން އެއްޗެއް ބޭރުވުން :

 

ދެ ދޮރުން ކުރެ ދޮރަކުން އެއްޗެއް ބޭރުވުމުން ވުޟޫ ގެއްލޭނެއެވެ. ކުރިމަތީ ފަރާތުން ނުވަތަ ފުރަގަސް ފަރާތުން، ބޮޑުކަމުދާ އެތި، ކުޑަކަމުދާ އެތި، މަނި، މަޛްޔު، ވަދްޔު އަދި ވައި ބޭރުވިއަސް ވުޟޫ ގެއްލޭނެއެވެ.

ގިފިއްޔަށް ދިއުމުން ވުޟޫ ގެއްލޭނެކަން އެނގޭ އެއް އާޔަތަކީ މާއިދާ ސޫރަތުގެ ހަވަނަ އާޔަތެވެ. يَا أَيُّهَا الَّذِينَ آمَنُواْ إِذَا قُمْتُمْ إِلَى الصَّلاةِ فاغْسِلُواْ وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُواْ بِرُؤُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَينِ وَإِن كُنتُمْ جُنُباً فَاطَّهَّرُواْ وَإِن كُنتُم مَّرْضَى أَوْ عَلَى سَفَرٍ أَوْ جَاء أَحَدٌ مَّنكُم مِّنَ الْغَائِطِ أَوْ لاَمَسْتُمُ النِّسَاء فَلَمْ تَجِدُواْ مَاء فَتَيَمَّمُواْ صَعِيداً طَيِّباً فَامْسَحُواْ بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ مَا يُرِيدُ اللّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَـكِن يُرِيدُ لِيُطَهَّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ

މާނައަކީ: "އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ނަމާދަށް ތެދުވާހިނދު ތިޔަބައިމީހުންގެ މޫނުތަކާއި، އުޅަނބޮށި ކަށިތަކާއި ހަމައަށް ތިޔަބައިމީހުންގެ އަތްތައް ދޮންނާށެވެ. އަދި ތިޔަބައިމީހުންގެ ބޯތަކުގައި ތިޔަބައި މީހުން ފެން ފޮހޭށެވެ. އަދި ދެތަނބިކައްޓާއި ހަމައަށް ތިޔަބައިމީހުންގެ ފައިތައް ދޮންނާށެވެ. އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވާނަމަ، ތިޔަބައިމީހުން ޠާހިރުވެގަންނާށެވެ. އަދި ތިޔަބައިމީހުންނީ ބަލިމީހުން ކަމުގައި ވާނަމަ، ނުވަތަ ދަތުރެއްގެ މަތީގާ ވާނަމަ، ނުވަތަ ތިޔަބައިމީހުންގެ ތެރެއިން މީހަކު މާ ގިފިލިން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގާ ބީހިއްޖެނަމަ، އަދި ފެން ނުލިބިއްޖެނަމަ ތާހިރުވެލިން ތިޔަބައިމީހުން ތަޔައްމުމް ކުރާށެވެ. ފަހެ އެވެލިން ތިޔަބައި މީހުންގެ މޫނުތަކުގައްޔާއި އަތްތަކުގައި ފޮހޭށެވެ. ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް، މާތް ﷲ އިރާދައެއް ނުކުރައްވައެވެ. ނަމަވެސް ތިޔަބައިމީހުން ޠާހިރު ކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އޮތް އެކަލާނގެ ނިޢްމަތް ފުރިހަމަ ކުރެއްވުމަށް އިރާދަ ކުރައްވައެވެ. އެއީ ތިޔަބައި މީހުން ޝުކުރުވެރިވުމަށްޓަކައެވެ."

ބުޚާރީގެ ވުޟޫ ބާބުގައި އައިސްފައިވާ ރަސޫލާ ޙަދީޘްފުޅެއްގައި ވަނީ: أَبَو هُرَيْرَةَ ‏ ‏يَقُولُ ‏قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏لَا تُقْبَلُ صَلَاةُ مَنْ أَحْدَثَ حَتَّى يَتَوَضَّأَ قَالَ رَجُلٌ مِنْ ‏ ‏حَضْرَمَوْتَ ‏ ‏مَا الْحَدَثُ يَا ‏ ‏أَبَا هُرَيْرَةَ ‏ ‏قَالَ فُسَاءٌ أَوْ ضُرَاطٌ

މާނައަކީ: "އަބޫ ހުރައިރާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޙަދީޘް ކުރެއްވިއެވެ. "ޙަދަޘްވެރިވެއްޖެ މީހާ ވުޟޫ ކުރަން ދެން، އޭނާގެ ނަމާދު ޤަބޫލު ނުކުރެވޭނެއެވެ." ޙަޟްރަމައުތުގެ މީހެއް އަބޫ ހުރައިރާއަށް ދެންނެވިއެވެ. "އޭ އަބޫ ހުރާއިރާއެވެ. ޙަދަޘް އަކީ ކޮބައިތޯއެވެ؟" އަބޫ ހުރައިރާ ވިދާޅުވިއެވެ. "ފުރަގަސް ފަރާތުން، އަޑުނީވޭ/އަޑުއިވޭ ވައި ބޭރުވުމެވެ." ( މި ޙަދީޘްގައި މިވަނީ ޙަދަޘްވެރިވާ އެއްކަން )

އެހެން ޙަދީޘްފުޅެއްގައި އޮންނަނީ، އަޑެއް އިވެނީމާ ނުވަތަ ވަހެއް ދުވީމާ ނޫނީ، ނަމާދަށް ހުރެފައި ނަމާދު ދޫކޮށްފައި ނުދިއުމަށެވެ. މީގެ މުރާދަކީ ވައި ބޭރުވިކަން ޔަޤީން ވީމާ ނޫނީ ނަމާދު މެދު ނުކެނޑުމެވެ. ވީމާ ވަހެއް ނުދުވިއަސް އަދި އަޑެއް ނު އިވުނަސް، ވައި ބޭރުވެއްޖެ ކަން ޔަޤީން ވެއްޖެނަމަ، ވުޟޫ ގެއްލޭނެއެވެ. އަދި ޖެހޭނީ ނަމާދު ދޫކޮށްފައި ގޮސް އަލުން ވުޟޫ ކުރާށެވެ.

ކުރިމަތީފަރާތުން މަޛްޔާއި މަނިއާއި އަދި ވަދުޔު ބޭރުވުމުންވެސް ވުޟޫ ގެއްލޭނެއެވެ. މަނި ބޭރުވުމުން ޖެހޭނީ ހިނައި ގަންނާށެވެ.

މަޛްޔާއި ވަދްޔު ބޭރުވީމާ ހިނައިގަންނާކަށް ނުޖެހޭނެއެވެ. ޖެހޭނީ ޛަކަރު ނުވަތަ ފަރުޖު ދޮވެލާފައި ހަމަ އެކަނި ވުޟޫ ކޮށްލާށެވެ. މަނިއަކީ ޠާހިރު އެއްޗެއް ކަމުން ހެދުމުގައި މަނި ޖެހުނަސް ނަޖިސް ނުވާނެއެވެ. އެހެނެއް ކަމަކު މަޛްޔު އަދި ވަދްޔު އަކީ ނަޖިސް އެއްޗެކެވެ. މި ދޭތިން ކުރެ އެއްޗެއް ހެދުމުގައި ޖެހިއްޖެނަމަ ޖެހުނު ތަންކޮޅު ފެންފޮދަކުން ދޮވެލަން ޖެހޭނެއެވެ.

ނިދުން :

ނިދުމަކީވެސް ވުޟޫ ގެއްލޭ ކަމެކެވެ. މީހާގެ ވަށައިގެން ހިނގާ ކަންތައްތައް ރޭކާ ނުލާވަރަށް ނިދިއްޖެނަމަ ވުޟޫ ގެއްލޭނެއެވެ. އެހެން ގޮތަކަށް ބުނާނަމަ ތިމާ ޙަދަޘްވެރި ވެއްޖެތޯ ( ދެ ދޮރުން ކުރެ ދޮރަކުން އެއްޗެއް ބޭރުވިތޯ) އިޙްސާސް ނުވާވަރަށް ނިދޭ ނިދުމުންނެވެ. ވީމާ އިށީނދެގެން ހުރެ ނިދުމާއި އޮށޯވެގެން އޮވެ ނިދުމާއި ކޮއްޅަށް ހުރެގެން ނިދުން އެއީ، ވުޟޫ ގެއްލުމުމާއި ނުގެއްލުމުގައި ތަފާތެއް ކޮށްދޭނެ ކަމެއް ނޫނެވެ. މުހިއްމު ކަމަކީ އިހްސާސާއި ހޭ ހުރުމެވެ.

ރޭގަނޑު ނުނިދާ ހުރި މީހަކު ދުވާލު މިސްކިތަށް އައިސް، ސުންނަތް ކޮށްގެން ފަހަރެއްގާ ފާރަށް ލެނގިގެން އިށީނދެދާނެއެވެ. އެހެން ހުއްޓާ އެ މީހާއަށް ނިދިއްޖެއްޔާ ނިދޭނީ ވަރަށް ގަދައަށްކަން ޔަޤީނެވެ. ވަށައިގެން ވާ ކަމެއްގެ ހިލަމެއްވެސް ނުވާނެއެވެ. ވީމާ މި މީހާ ނިދީ އިށީނދެ އިނދެ ކަމަށް ވިޔަސް، ތަންދޮރު ރޭކާނުލާވަރަށް ނިދިއްޖެއްޔާ ވުޟޫ ގެއްލޭނެއެވެ.

މިތާނގައި ފާހަނގަ ކޮށްލަން ޖެހޭ ނުކުތާއަކީ، ނިދުން ވުޟޫ ގެއްލޭ ސަބަބަކަށް ވީ، ނިދުމަކީ އޭގެ ޒާތުގައި ވުޟޫ ގެއްލޭ ކަމަކަށް ވެގެން ނޫން ކަމެވެ. ކިއެއްތަ ނިދުމުން ވުޟޫ ގެއްލެން ޖެހުނީ ނިދުމަކީ ޙަދަޘްވެރި ވެދާނެ ކަމުގެ އިޙްތިމާލް އޮންނަ ކަމަކަށް ވާތީއެވެ. އަދި ނިދާފައި އޮންނަ މީހަކަށް، ތިމަންނަގެ ވައި ބޭރުވިތޯ ނޫންތޯ ނޭނގޭނެތީއެވެ.

ނިދުން އެއީ އޭގެ ޒާތުގައި ވުޟޫ ގެއްލޭ ސަބަބެއް ނޫންކަން ހާމަ ވާ ދަލީލަކީ، ކުޑަކޮށް ނިދުމުން ވުޟޫ ނުގެއްލޭ ކަމެވެ. ނިދުން އެއީ އޭގެ ޒާތުގައި ވުޟޫ ގެއްލޭ ސަބަބަކަށް ވާނަމަ، ކުޑަކުޑަކޮށް ކުޑަކަމުދާ އެއްޗެއް ބޭރުވިޔަސް ވުޟޫ ގެއްލޭފަދައިން، ކުޑަކުޑަކޮށް ނިދުމުންވެސް ވުޟޫ ގެއްލެން ޖެހޭނެއެވެ.

ނަމަވެސް މިހެން އެއްވެސް މީހަކު ނުބުނެއެވެ. ވީމާ މިއިން ސާބިތުވަނީ ނިދީމާ ވުޟޫ ގެއްލެނީ، ޙަދަޘްވެރި ވެދާނެތީ ކަމެވެ. ކޮންމެހެން "ނިދުން" މި ކަމަށް ބަލާފައެއް ނޫނެވެ.

ބުއްދި ފިލުން :

މޮޔަވެގެން، ހޭނެތިގެން ނުވަތަ މަސްތުވެގެން ވިޔަސް ބުއްދި ފިލައިފިނަމަ ވުޟޫ ގެއްލޭނެ ކަމަށް ޢިލްމުވެރިން ދެކެލައްވައެވެ.

 

އިޚްތިލާފުވާ ކަންތައް:

ދެން މި ބަލާލަނީ ވުޟޫ ގެއްލޭނެ ކަމާމެދު ޢިލްމުވެރިން އިޚްތިލާފުވާ ކަންތަކަށެވެ.

1- އަންހެނެއް ނުވަތަ ފިރިހެނެއް ވިޔަސް އޭނާގެ ފަރުޖު، ޛަކަރު، ދުބުރުގައި އަތްލުން .

2- ޖަމަލުމަސް ކެއުން .

3- އަންހެނެއްގެ ގައިގައި އަތްލުން .

4- އަންހެނެއްގެ ގައިގައި ޝަހުވަތަކާ އެކު އަތް ލުން .

5- ދެ ދޮރުން ނޫންތަނަކުން ހަށިގަނޑުން އެއްޗެއް ފޭބުން. މިސާލަކީ، ހޮޑު ލުން އަދި ގައިގެ ތަނަކުން ލޭ ފޭބުން .

6- މުރުތައްދު ވުން .

7- މައްޔިތާ ހިނެވުން .

ނޯޓް : މި ހަތް ކަމަކީ، ވުޟޫ ގެއްލުމާ ނުގެއްލުމާމެދު، އެއް ދަރަޖައަކަށް ޚިލާފު އުފެދޭ ކަންކަމެއް ނޫނެވެ.

 

ޛަކަރުގައި އަތްލުން :

މީހަކު އޭނާގެ ޛަކަރުގައި ނުވަތަ ފަރުޖުގައި އަތް ލައިފިނަމަ ވުޟޫ ގެއްލޭހެއްޔެވެ؟ އަދި އަނބިމީހާ ފިރިމީހާގެ ޛަކަރުގައި އަތް ލައިފިނަމަ އަނބިމީހާގެ ވުޟޫ ގެއްލޭނެހެއްޔެވެ؟ ނުވަތަ މިކަން މީގެ އިދިކޮޅަށް ވެއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބަކަށް މިތާގައި މި ލިޔެލަނީ، އައްޝައިޚް ޔޫސުފުލް ޤަރަޟާވީ މި މައްސަލައާއި މެދު ދެކޭ ގޮތެވެ.

ފިޤުހުވެރިންގެ ރައުޔުތަކުގެ ތެރެއިން، ބޮޑަށް އެކޮޅަކަށް ބުރަވެވޭ ރައުޔަކީ، ޛަކަރު/ފަރުޖުގައި އަތް ލިއަސް ވުޟޫ ނުގެއްލޭނެ ކަމަށާއި، އެހެން ނަމަވެސް އަތް ލީ ޝަހުވަތަކާއި އެކީ ނަމަ ވުޟޫ ކުރުން އެދެވިގެންވާ ކަމަށް ބުނާ ރައުޔެވެ.

ވީމާ އަނބިމީހާވެސް ފިރިމީހާގެ ޛަކަރުގައި އަތްލީ ޝަހުވަތަކާ އެކީގައި ނަމަ، ވުޟޫ ކުރުން އެދެވިގެން ވެއެވެ. ނަމަވެސް ވާޖިބެއް ނޫނެވެ. އަދި ޛަކަރުގައި/ފަރުޖުގައި އަތް ލީ އެއްވެސް ޝަހުވަތަކާއި ނުލައި ނަމަ (މިސާލަކަށް ފެންވަރައިގެން ގައި ހިތް ކުމުގެ ތެރޭގައި)، ރާޖިޙް ރައުޔަކީ ވުޟޫ ކުރަން ނުޖެހޭނެއެވެ. އަދި ވުޟޫ ކުރުން މުސްތަޙައްބެއްވެސް ނޫނެވެ.

ނަމަވެސް އަތް ލުމުގެ ސަބަބުން ޛަކަރުން/ފަރުޖުން އެއްޗެއް ނުކުމެއްޖެނަމަ ޙުކުމް ބިނާވާނީ ނުކުންނަ އެއްޗަކަށް ބަލާފައެވެ. ނުކުތީ މަޛްޔު ނަމަ ޖެހޭނީ ހަމަ އެކަނި ވުޟޫ ކުރާށެވެ. ނުކުތީ މަނި ނަމަ ޖެހޭނީ ހިނައިގަންނާށެވެ.

ޝައިޚް ޤަރަޟާވީ ވިދާޅުވިއެވެ. " ވުޟޫ ގެއްލޭ ކަމާމެދު ޚިލާފުވެފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ، ޛަކަރު/ފަރުޖު ގައި އަތްލުމާ މެދު ތިން ރައުޔެއް އޮވެއެވެ. އެއީ :-

އެކެއް :

އެއްވެސް ހާލެއްގައި މި ކަމުން ވުޟޫ ނުގެއްލޭނެއެވެ. ޢަލީގެފާނު، އިބްނު މަސްޢޫދު، ޢައްމާރު، ޙުޛައިފާ، އަބިއްދަރްދާއު ފަދަ ޞަޙާބީންގެ ފަރާތުން މިފަދައިން ރިވާވެފައި އެބަހުއްޓެވެ. މި މީހުންގެ ޙުއްޖަތަކީ ޠުލްޤު ބިން ޢަލީގެ ކިބައިން ނަސާއީ ރިވާ ކުރެއްވި މި ޙަދީޘެވެ. جَاء رَجل كَأنه بَدوِي، فَقَال: يَا رَسُول الله! مَا تَرى فِي رَجل مَسَّ ذَكرُه فِي الصَّلاة؟ قَال: وَهَل هُو إلا بضعة منك ـ؟

މާނައަކީ : '' ބަދަވީއެއް އައިސް ކީރިތި ރަސޫލާއަށް ދެންނެވިއެވެ. " އޭ ﷲގެ ރަސޫލާއެވެ. ޛަކަރުގައި އަތް ލާފައި ނަމާދު ކޮށްފިއްޔާ ކަމުދާނެތޯއެވެ؟ (މާނައަކީ ވުޟޫ ކަމުދާނެތޯ) އެ ހިނދު ރަސޫލާ ޙަދީޘް ކުރެއްވިއެވެ. " ފަހެ އެއީ ކަލޭގެ ހަށިގަނޑުގެ ގުނަވަނެއް ނޫން އެހެން ކޮން އެއްޗެއްހެއްޔެވެ؟" ( މުރާދަކީ ހަށިގަނޑުގެ އެހެން ގުނަވަނެއްގައި އަތް ލުމުން ވުޟޫ ނުގެއްލޭ ފަދައިން، ވުޟޫ ނުގެއްލޭނެއެވެ. )

މި ޙަދީޘްގެ ސަނަދަކީ އެހާ ވަރުގަދަ ސަނަދެއް ނޫނެވެ. ނަމަވެސް ބުލޫޣުލް މަރާމް ގައި އިބްނު ޙަޖަރު ވިދާޅުވިއެވެ: " ތިރްމިޛީ، ނަސާއީ، އިބްނު މާޖާ، އަބޫ ދާއޫދް، އައްދާރަމީ މި ޙަދީޘް ރިވާ ކުރެއްވިއެވެ. އަދި އިބްނު ޙައްބާން މި ޙަދީޘް ޞައްޙަ ކުރެއްވިއެވެ."

އަދި ސުބުލުއް ސަލާމް ގައި އައްޞަންޢާނީ ވިދާޅުވިއެވެ: " އައްދާރް ޤުޠްނީ މި ޙަދީޘް ރިވާ ކުރެއްވިއެވެ. އަދި އައްޠަޙާވީ ވިދާޅުވީ މި ޙަދީޘްގެ ސަނަދު ތެދު ކަމުގައެވެ. އަދި ޠަބަރާނީ އާއި އިބްނު ޙަޒްމު ވެސް މި ޞައްޙަ ކުރެއްވިއެވެ.

އިބްނު ތައިމިއްޔާވެސް ވިދާޅުވެފައި ވަނީ ވުޟޫ ނުގެއްލޭނެ ކަމަށެވެ.

ދޭއް :

އަތް ލައިފިއްޔާ، ހުރިހާ ހާލެއްގައިވެސް ވުޟޫ ގެއްލޭނެއެވެ. މިއީ ޙަންބަލީ މަޛްހަބުގެ މަޝްހޫރު ރައުޔެވެ. އަދި އިބްނު ޢުމަރު، ސަޢީދް ބިން އަލްމުސައްޔިބް، ޢަޠާއު، އައްޒުހަރީ، އައުޒާޢީ، އިމާމް ޝާފިޢީ އަދި އިމާމް މާލިކީ ވެސް ވިދާޅުވަނީ ވުޟޫ ގެއްލޭނެ ކަމަށެވެ.

މި ގޮތަށް ބުނާ މީހުންގެ ދަލީލަކީ، ބިސްރާ ބިން ޞަފްވާން ރިވާ ކުރެއްވި ޙަދީޘެކެވެ. قَالَ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ :‏ ‏إِذَا مَسَّ أَحَدُكُمْ ذَكَرَهُ فَلْيَتَوَضَّأْ

މާނައަކީ:" ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " ޛަކަރުގައި އަތްލައިފި މީހާ، ފަހެ ވުޟޫ ކުރާށެވެ."

ތިރްމިޛީ މި ޙަދީޘް ސިފަ ކުރެއްވީ " ޙަސަން ޞަޙީޙް" ގެ ދަރަޖައިގެ ޙަދީޘެއް ކަމުގައެވެ. އަދި އިމާމް އަޙްމަދު ވެސް މި ޙަދީޘް ޞައްޙަ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މި ޙަދީޘަކީވެސް، ޙަދީޘް ޢިލްމުވެރިން އަރިއަހުގައި އެހާ ވަރުގަދަ ޙަދީޘެއް ނޫނެވެ.

އަތްލުމުން ވުޟޫ ގެއްލޭނެ ކަމަށް ބުނާ މީހުންވެސް، ވުޟޫ ގެއްލުމަށް ތިން ޝަރުޠުތަކެއް ކަނޑައަޅައެވެ. އެއީ :-

ހ- ހުރަހަކާ ނުލާ އަތް ލުން . ށ- ގަސްތުގައި އަތް ލުން ނ- އަތްތިލައިގެ ދަށްފުށުން އަތްލުން

ވީމާ ހަނދާން ނެތިގެން ނުވަތަ ނޭނގުމުގެ ތެރޭގައި ޛަކަރު/ފަރުޖުގައި އަތް ލެވުނަސް ވުޟޫ ނުގެއްލޭނެއެވެ.

ތިނެއް :

ތިންވަނަ ރައުޔަކީ، ވުޟޫ ގެއްލޭނީ ޝަހުވަތަކާ އެކީ އަތް ލުމުން ކަމަށް ބުނާ ރައުޔެވެ.

ދެން މި ހިސާބުން ޤަރަޟާވީ ވިދާޅުވިއެވެ. " އަހަރެން އިޚްތިޔާރު ކުރާ ރައުޔަކީ، އަތްލުމަކުން އެއްވެސް ހާލެއްގައި ވުޟޫ ނުގެއްލޭނެ ކަމަށް ބުނާ ރައުޔެވެ. ނަމަވެސް އަތް ލީ ޝަހުވަތަކާ އެކީގައިނަމަ ވުޟޫ ކުރުން މުސްތަޙައްބެވެ.

ފަހެ މީހުންނަށް އާއްމުކޮށް ދިމާވާނެ މިފަދަ މައްސަލަތަކުގެ ޙުކުމަކީ، ކީރިތި ރަސޫލާ އެތައް ބަޔަކަށް އުނގަންނަވައި ދެއްވާނެ ޙުކުމެކެވެ. ނަމަވެސް ވުޟޫ ގެއްލޭނެ ކަމަށް ވިދާޅުވީ، ޞަޙާބީންގެ ތެރެއިން ދެ ތިން މީހެކެވެ. އަދި ހައިރާންވާން ޖެހޭ ކަމަކީ، ފިރިހެނުންނާއި ބެހޭ މިކަހަލަ މައްސަލައެއްގައި އޮތް ޞައްޙަ ކަމަށް ބެލެވޭ ހަމަ އެކަނި ޙަދީޘް ރިވާ ކުރީ އަންހެނަކަށް (ބިސްރާ) ވުމެވެ. "

ޛަކަރުގައި އަތް ލުމުން ވުޟޫ ގެއްލުމާއި ބެހޭ ގޮތުން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވީ " ބޮޑަށް ބެލެވޭ ގޮތުގައި، ޛަކަރުގައި އަތް ލުމުން ވުޟޫ ކުރުން ވާޖިބެއް ނުވާނެއެވެ. ނަމަވެސް ކުރުން މުސްތަޙައްބެވެ. "

ޢުޘައިމީން ވިދާޅު ވަނީ :

ދެން މި ލިޔެލަނީ ނޫރު ޢަލައް ދަރްބި ޕޮރޮގްރާމުގައި، ޝައިޚް އިބްނު ޢުޘައިމީން މިކަމާއި ބެހޭ ގޮތުން ސުވާލު ދެންނެވުނު ހިނދު ދެއްވި ޖަވާބެވެ :-

'' އަހަރެން ކައިރީގައި ރަނގަޅު ގޮތަކީ، ޢައުރައިގައި އަތް ލުމަކުން ވުޟޫ ނުގެއްލޭނެ ކަމަށް ބުނާ ރައުޔެވެ. ސަބަބަކީ މި ކަމާއި ބެހޭ ގޮތުން އައިސްފައިވާ ޙަދީޘްތަކަކީ ތަފާތު ގޮތް ގޮތަށް އައިސްފައިވާ ޙަދީޘްތަކެކެވެ.

ކަމުގެ އަސްލަކީ ދަލީލެއް ޤާއިމުވަންދެން ވުޟޫ ނުގެއްލޭނެ ކަމަށް ބެލުމެވެ. ޛަކަރުގައި އަތް ލުމުން ވުޟޫ ގެއްލޭނެތޯ؟ ޠަލްޤު ބިން ޢަލީ ކިޔާ ޞަޙާބީއަކު ރަސޫލާ އަރިއަހު ދެންނެވުމުން ، އެއީ ހަށިގަނޑުގެ ބައެއް ނޫންހޭ؟ ރަސޫލާ ޙަދީޘް ކުރެއްވި ޙަދީޘާއި، ޛަކަރުގައި އަތް ލައިފިއްޔާ ވުޟޫ ކުރަން ރަސޫލާ އެންގެވި ކަމަށް ބިސްރާ ރިވާ ކުރެއްވި ޙަދީޘާއި، ޙުކުމް އަރާރުން ނުވާނެ ގޮތެއް ހެދެން އެބަ އޮތެވެ.

އެއީ ޝަހުވަތަކާއި އެކީ ޖިންސީ ގުނަވަނުގައި އަތް ލައިފިނަމަ ވުޟޫ ގެއްލޭނެއެވެ. ޝަހުވަތަކާއި ނުލައި އަތް ލައިފިއްޔާ ވުޟޫ ނުގެއްލޭނެއެވެ. މި ގޮތަށް ޙުކުން ނެގުމުން މި ދެ ޙަދީޘްއަށްވެސް ޢަމަލު ކުރެވުނީއެވެ. މިހެން އަހަރެން މި ބުނީ، ފުރަތަމަ ޙަދީޘުގައި އެއީ ހަށިގަނޑުގެ ގުނަވަނެއް ނޫންހޭ ޙަދީޘް ކުރައްވައި، ވުޟޫ ނުގެއްލޭނެ ކަމަށް އެންގެވީ އެއީ ޝަހުވަތަކާއި ނުލައި ނަމައެވެ. އެހެނީ ޝަހުވަތަކާއި ނުލާ ޛަކަރުގައި އަތް ލުމެކޭ އޭނާގެ ބޮލުގައި ނުވަތަ ފައިގައި ނުވަތަ ނޭފަތުގައި އަތް ލުމެކޭ ތަފާތެއް ނެތެވެ. ތަފާތު އަންނަނީ ޝަހުވަތަކާއި އެކީ އަތް ލުމުންނެވެ. ޝަހުވަތަކާއި އެކީ ޛަކަރުގައި އަތް ލައިފިނަމަ އެހެން ގުނަވަންތަކުގައި އަތް ލުމާއި ތަފާތުވެއެވެ. ވީމާ ބިސްރާ ރިވާ ކުރެއްވި ޙަދީޘްގެ މުރާދަކީ ޝަހުވަތަކާއި އެކީ އަތް ލުމެވެ.

މި ދެ ޙަދީޘް އެއް ކުރަންވެގެން ބައެއް ޢިލްމުވެރިން ވިދާޅުވި އެހެން ބަހެއްވެސް އޮވެއެވެ. އެއީ ވުޟޫ ކުރަން އެންގެވި ޙަދީޘުގައި އެހެން އެންގެވީ އަމުރެއްގެ ގޮތުގައެއް ނޫނެވެ. އެންގެވީ އެދެވިގެންވާ ކަމެއްގެ ގޮތުގައެވެ.

ކޮންމެއަކަސް، ޛަކަރު ނުވަތަ ފަރުޖުގައި އަތް ލުމުން ވުޟޫ ކުރަން ޖެހުން އެއީ ޚިލާފު މައްސަލައެކެވެ. އަހަރެން ނަގާ ރައުޔަކީ ވުޟޫ ކުރަން ނުޖެހުމެވެ. ''

މަތީގައި އެވަނީ ފަހުގެ ޢިލްމުވެރިންގެ ތެރެއިން ޤަރަޟާވީ އަދި މުޙައްމަދް ބިން އަލްޢުޘައިމީން ދެއްވާފައިވާ ފަތުވާއެވެ. ޝައިޚް އަލްބާނީވެސް ވިދާޅުވެފައި ވަނީ، ޛަކަރު / ފަރުޖުގައި އަތް ލުމަކުން ވުޟޫ ނުގެއްލޭނެ ކަމަށެވެ. ނަމަވެސް ބިން ބާޒް ވިދާޅުވެފައި އޮތީ ވުޟޫ ގެއްލޭނެ ކަމަށެވެ.

ހަށިގަނޑުގެ ތަނަކުން ލޭފޭބުން :

ދެ ދޮރުން ކުރެ ދޮރަކުން ލޭ ފައިބައިފިނަމަ، ޝައްކެތްވެސް ނެތް ގޮތުގައި، ވުޟޫ ގެއްލޭނެއެވެ. ހަށިގަނޑުގެ އެހެން ތަނަކުން ލޭ ފޭބިއަސް ވުޟޫ ނުގެއްލޭނެއެވެ. ލޭ ފޭބުމުން ވުޟޫ ގެއްލޭނެ ކަމަށްވެސް ބައެއް ޢިލްމުވެރިން ވިދާޅުވެފައި އެބަ އޮތެވެ.

ނަމަވެސް ބޮޑަށް ރަނގަޅު ރައުޔަކީ ނުގެއްލޭނެ ކަމަށް ބުނާ ރައުޔެވެ. އެ ގޮތުން ނޭފަތުން، އަނގައިން، ފާރުގަނޑަކުން، ތަނެއް ކެނޑިގެން، ނުވަތަ ލޭ ނަގައިގެންފަދަ އެއްވެސް ގޮތަކުން، ވުޟޫ ނުގެއްލޭނެއެވެ. ސަބަބަކީ ވުޟޫ ގެއްލޭނެ ކަމަށް ދަލީލުކޮށް ދޭ، ދަލީލެއް އައިސްފައި ނެތުމެވެ.

މައްސަލައިގެ ޚިލާފުތަކަށް ބަލާއިރު، ޙަނަފީން ބުނަނީ މަދުންވިޔަސް ގިނައިންވިޔަސް ލޭ ފައިބައިފިނަމަ ވުޟޫ ގެއްލޭނެ ކަމަށެވެ. ޝާފިޢީ، އަދި މާލިކީން ބުނަނީ ވުޟޫ ނު ގެއްލޭނެ ކަމަށެވެ. ޙަންބަލީން ބުނެފައިވަނީ ގިނައިން ފައިބައިފިނަމަ ގެއްލޭނެ ކަމަށެވެ. މަދު ނަމަ ނުގެއްލޭނެ ކަމަށެވެ.

ނަމަވެސް ރާޖީޙް ރައުޔަކީ ގިނައިން ފޭބިއަސް މަދުން ފޭބިއަސް، ވުޟޫ ނުގެއްލޭނެ ކަމަށް ބުނާ ރައުޔެވެ. ސަބަބަކީ ވުޟޫ ގެއްލުމަކީ ދީނުގެ އަޅުކަމަކާއި ގުޅިފައިވާ އަޅުކަމެކެވެ. މިފަދަ ކަމެއްގެ ޙުކުމް ކަނޑައެޅޭނީ ޤުރުއާނާއި ސުންނަތުގެ އަލީގައެވެ. ނަމަވެސް މި ދޭތިން ކުރެ އެއްޗަކުން ، ލޭ ފޭބީމާ ވުޟޫ ގެއްލޭނެ ކަމުގެ ދަލީލެއް ފެންނަން ނެތެވެ.

އިމާމް ނަވަވީ ވިދާޅުވެފައި ވަނީ، އިބްނު ޢުމަރު، އިބްނު ޢައްބާސް، އަބޫހުރައިރާ، ޢާއިޝާ ފަދަ ގިނަ ޞަޙާބީން ވިދާޅުވެފައިވަނީ ނުގެއްލޭނެ ކަމަށެވެ.

އަނެއް ކޮޅުން، ޛާތުއް ރިޤާޢު ހަނގުރާމައިގައި މީހަކު އެއްލި ދުންޏަކުން، ކީރިތި ރަސޫލާ ޒަޚަމްވެވަޑައިގަތުމުން ލޭފޮދު ފޭބިއެވެ. އެ ވަގުތު ކީރިތި ރަސޫލާ ރުކޫ ކުރައްވައި ސަޖިދަ ޖެއްސެވިއެވެ. މިވާހަކަ އޮތް ޙަދީޘް ރިވާ ކުރެއްވީ އަޙްމަދު، އަބޫ ދާއޫދް، އިބްނު ޙައްބާން އެވެ. އަދި ޢުމަރުގެފާނު ނަމާދަށް ހުންނަވަނިކޮށް، އަވަހާރަކޮށްލަން މަޖޫސީއަކު އައިސް ވަޅި ހެރުމުންވެސް ، ޢުމަރުގެފާނު ނަމާދު ފުރިހަމަ ކުރެއްވިއެވެ.

އަދިވެސް ޞައްޙަ ރިވާޔަތްތަކުން ސާބިތުވާ ގޮތުގައި ހަނގުރާމައިގެ ތެރޭގައި، އެއްރެއަކު ކީރިތި ރަސޫލާ ހިމާޔަތް ކުރަން ފޯރީގައި ދެ އަންޞާރީން ދަންފަޅި ބަހައިގެން ތިއްބާ ޢަދުއްވުންގެ މީހަކު އައިސް، އަންޞާރީ މީހާގެ ގަޔަށް ދުނި ޖެހުމުން އޭނާ ގައިން އެ އުފުރާފައި ނަމާދު ކުރިއަށް ގެންދިއައެވެ. ދެވަނަ އަދި ތިންވަނަ ދުނި އެރުމުންވެސް އޭނާ ނަމާދު ކުރިއަށް ގެންދިއެވެ. އަދި ނަމާދު ނިންމާފައި އަނެއް އަންޞާރީއަށް ގޮވިއެވެ. ނަވަވީ ވިދާޅުވީ މި ހާދިސާއިން އެނގޭ ގޮތުގައި އޭނާގެ ގައިން ގިނަ ލޭތަކެއް ފޭބުމުންވެސް، ނަމާދު ހުއްޓާނުލާ ކުރިއަށް ގެންގޮސް، އަދި ފަހުން އެކަން ކީރިތި ރަސޫލާއަށް އެނގިވަޑައިގަތުމުން އިންކާރު ނުކުރެއްވުން ދޭހަކޮށްދެނީ، ލޭ ފޭބުމުން ވުޟޫ ނުގެއްލޭނެ ކަމެވެ.

އަންހެނެއްގައިގައި އަތްލުން :

އަންހެނެއްގައިގައި ފިރިހެނެއް ނުވަތަ ފިރިހެއްނެއް ގައިގައި އަންހެނެއް އަތް ލުމުން ވުޟޫ ގެއްލުމާމެދު ފިޤުހުވެރިން އިޚްތިލާފު ވެއެވެ. މީގައި ތިން ރައުޔެއެއް އޮވެއެވެ. އެއީ:-

1- ޝަހުވަތަކާ އެކުވެސް ޝަހުވަތަކާ ނުލާވެސް އަންހެނެއްގައި ގައި ޖެހިއްޖެނަމަ ވުޟޫ ގެއްލޭނެއެވެ. މިއީ އިމާމް ޝާފިޢީ ވިދާޅުވި ގޮތެވެ.

2- އެއްވެސް ގޮތަކުން ވުޟޫ ނުގެއްލޭނެއެވެ. މިހެން ވިދާޅުވީ އިމާމް އަބޫ ޙަނީފާއެވެ.

3- ޝަހުވަތަކާއެކު އަތް ލައިފިއްޔާ ވުޟޫ ގެއްލޭނެއެވެ. އެހެން ނޫނިއްޔާ ނުގެއްލޭނެއެވެ. މިހެން ވިދާޅުވީ އިމާމް އަޙްމަދު އެވެ.

ޝައިޚް ބިން ބާޒް އަދި ބިން ޢުޘައިމީން ވެސް ފަތުވާ ދެއްވާފައިވާ ގޮތުގައި، އަންހެނެއްގެ ގައިގައި އަތްލުމަކުން ވުޟޫ ނުގެއްލޭނެއެވެ. ޝަހުވަތަކާއި އެކުވިޔަސް އަދި ޝަހުވަތެއް ނެތިވިޔަސް ވެހެވެ.

މިކަމުގެ ދަލީލަކީ، ޞައްޙަ ރިވާޔަތްތަކުން ސާބިތުވާ ޙަދީޘްތަކުން އެނގޭ ގޮތުގައި ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ބައެއް އަނބިކަނބަލުންނަށް ބޮސްދެއްވުމަށްފަހު، ވުޟޫ ނުކުރައްވާ ނަމާދަށް ވަޑައި ގަންނަވައެވެ. އަދި ކީރިތި ރަސޫލާ ނަމާދަށް ހުންނަވާފައި ސަޖިދަ ޖައްސަވާ ތާނގައި، ޢާއިޝަތުގެފާނު އޮށޯވެވަޑައިގަނެފައި އޮންނެވުން، ޢާއިޝަތުގެފާނުގެ ގައިކޮޅުގައި އަތްޕުޅު ޖައްސަވާފައި ދުރުކުރެއްވިއެވެ.

އަނެއްކޮޅުން، ނިސާ ސޫރަތުގެ 43 ވަނަ އާޔަތުގައިވާ لاَمَسْتُمُ النِّسَاء މި ބަސްފުޅުގެ މާނައަކީ ފަހަރެއްގައިވެސް ބައެއް މީހުން ހީކުރާފަދައިން އަތްލުމެއް ނޫނެވެ. މި އާޔަތުގައި ވަނީ ޖިމާޢުވުމުގެ ވާހަކައެވެ. މިތާނގައި " ލާމަސްތުމް" މި ބަހުގެ މުރާދަކީ ޖިމާޢުވުމެވެ.

އެކަމަކު، އަންހެނެއްގެ ގައިގައި އަތް ލުމުން ނުވަތަ އަނބިމީހާއަށް ދޮންދިނުމުން މީހާގެ ޝަހުވަތް ހިލި، މަނި ބޭރުވެއްޖެނަމަ ވުޟޫ ގެއްލޭނެއެވެ. އަދި ހިނައިގަތުން ވާޖިބުވާނެއެވެ. މަޛްޔު ބޭރުވެއްޖެނަމަ ވެސް ވުޟޫ ގެއްލޭނެއެވެ. މި ދެ ހާލަތުގައިވެސް ވޫޟޫ ގެއްލުނީ، ޛަކަރުން އެއްޗެއް ބޭރުވީމައެވެ. އަންހެނެއްގެ ގައިގައި ބީހުމަކުން ނޫނެވެ.

މަތީގައި އޮތް ޙުކުމަކީ ފިރިހެނުންނަށްވެސް އަދި އަންހެނުންނަށްވެސް އެއްގޮތަކަށް އޮތް ޙުކުމެކެވެ.

ފަހުގެ ޢިލްމުވެރިންގެ ތެރެއިން، ޝައިޚް ޢުޘައިމީން ވިދާޅުވެފައި އޮންނަނީ، އަންހެނެއްގެ ގައިގައި ބީހުމަކުން، ވުޟޫ ނުގެއްލޭނެ ކަމަށެވެ. ޝަހުވަތަކާއި އެކުވެސް ނުލައިވެސް ވެހެވެ. ނަމަވެސް ޝަހުވަތަކާއި އެކު ބީހިއްޖެނަމަ، ޝަހުވަތް ހިލުނީތީ ވުޟޫ ކޮށްލުން މުސްތަޙައްބެވެ. ވާޖިބެއް ނޫނެވެ.

އަންހެނާގެ ފަރުޖުގެ ތެތްކަން:

އަންހެނުންގެ ފަރުޖުން ނުކުންނަ ތެތްކަން ނުވަތަ ފެނުގެ ޙުކުމެއް ކަނޑައަޅެމުގެ ކުރިން ބަލަން ޖެހެނީ، އެ ފެން އައީ ކޮންތަނަކުންތޯއެވެ. އެ އައީ ކުޑަކަމުދާ ހޮޅިން ކަމަށް ވަނީނަމަ އޭގެ ޙުކުމަކީ، އެއީ ނަޖިސް އެއްޗެކެވެ. ފަރުޖުން ބޭރަށް އެ ނުކުމެއްޖެނަމަ އަދި ހެދުމުގައި ޖެހިއްޖެނަމަ އެތަނެއް ދޮންނަންވެސް ޖެހޭނެއެވެ. ފަރުޖުން ބޭރަށް ނިކުމެއްޖެނަމަ ވުޟޫވެސް ގެއްލޭނެއެވެ. ހަމަ އެހެންމެ ޝަހުވަތާއި އެކު އަނެހުންގެ ފަރުޖުން ފައިބާ މަޛްޔު އަކީވެސް، ހަމަ ފިރިހެނުންގެ މަޛްޔު އެކޭ އެއްގޮތަށް ނަޖިސް އެއްޗެކެވެ. އެ ޖެހޭނީ ދޮންނާށެވެ. އަދި ޖެހޭނީ ހަމައެކަނި ވުޟޫ ކުރާށެވެ. ފިރިހެނުންވެސް އަންހެނުންވެސް ފައިބާ މަޛްޔު އަކުން، ހިނައިގަންނަން ނުޖެހެއެވެ.

ނޯޓް : މަޛްޔު އަކީ ޖިންސީ އެދުންވެރިކަން އުފެދުނީމާ އަންނަ، މަންޏަކަށް ނުވާ، މަންޏާއި ތަފާތު ދިޔައެއް

އެކަމަކު އެ ފެން ނުވަތަ ތެތްކަމަކީ، ފަރުޖުގައި ހުންނަ ޠަބީޢީ ތެތްކަން ނުވަތަ ރަޙިމުގެ ތެރެއިން އަންނަ އެއްޗެއްނަމަ އެއީ ޠާހިރު އެއްޗެކެވެ. އެ ގޮތުން ޠުހުރުގެ ދުވަސްވަރު އަންނަ ދިޔާ ފެނާއި، މާބަނޑު ދުވަސްވަރު ފައިބާ ދިޔައަކީވެސް ޠާހިރު އެއްޗެކެވެ. ވީމާ ހެދުމުގައި މިއިން އެއްޗެއް ޖެހުނަސް ހެދުން ނަޖިހެއް ނުވާނެއެވެ. ނަމަވެސް މިއީ ޠާހިރު އެއްޗަކަށް ވާނީ ޙައިޟުގެ ލެއާއި އެއް ނުވާނަމައެވެ. ލެއާއި އެކުވެގެން ފައިބާ ފެން، ބެލެވެނީ ނަޖިސް އެއްޗެއް ކަމުގައެވެ.

ދެން އޮތީ މިއިން ވުޟޫ ގެއްލޭތޯ އުފެދޭ ސުވާލެވެ. އެ ފެން އައީ ކުޑަކަމުދާ ހޮޅިން ކަމަށް ވަނީނަމަ (ކުޑަކަމުދާ އެއްޗެއްސަށް ނުވިޔަސް)، ޝައްކެތްވެސް ނެތި ވުޟޫ ގެއްލޭނެއެވެ.

ނަމަވެސް އެ ފެން އައީ ރަޙިމުގެ ތެރެއިން، ކަމަށް ވަނީނަމަ ވުޟޫ ނުގެއްލޭނެއެވެ. އަދި އެއީ ފަރުޖުގައި ހުންނަ ޠަބީޢީ ތެތްކަމަށް ވިޔަސް ވުޟޫ ނުގެއްލޭނެއެވެ.

ޢިލްމުވެރިންގެ ވަކިވަކި ބައެއް ރައުޔުތަކަށް ބަލާއިރު، އިބްނު ޙަޒްމު އަދި ޤަރަޟާވީ ވިދާޅުވީ ވުޟޫ ނުގެއްލޭނެ ކަމަށެވެ. އަދި ޝައިޚް ޢުޘައިމީންވެސް، ޙަޔާތްޕުޅުގެ ފަހުކޮޅުގައި ފަތުވާ ދެއްވީ - ކުރިން ދެއްވި ގޮތާއި ޚިލާފަށް - މިއިން ވުޟޫ ނުގެއްލޭނެ ކަމަށެވެ. އަދި ސުޢޫދިއްޔާގެ މަތީ ޤަޟާ އާއި ބެހޭ މަޢްހަދުގެ އުސްތާޛެއް ކަމުގައިވާ ޔޫސުފް ބިން އަޙްމަދު އަލްޤާސިމް ވެސް ވިދާޅުވީ ވުޟޫ ނުގެއްލޭނެ ކަމަށެވެ.

އަނެއްކޮޅުން، ވުޟޫ ގެއްލޭ ކަމަށް ބުނާ މީހުންވެސް އެބަ ތިބިކަން މިތާނގައި ފާހަނގަކޮށްލަން ޖެހެއެވެ. އަދި އެފަދަ މީހުން ބުނަނީ، މި ގޮތަށް ދިޔާ އެއްޗެއް ފައިބަންޏާ ޖެހޭނީ ކުޑަކަމުދާ ހޮޅިން ތިކި ނުކެނޑޭ މީހާގެ ޙުކުމް ނަގައިގެން ކޮންމެ ނަމާދެއްގެ ވަގުތު ޖެހުނީމާ ވަކި ވުޟޫއެއް ކުރާށެވެ. ނުވަތަ ފެން އައުން މެދު ކެނޑޭ ވަގުތެއްގައި ވުޟޫ ކޮށްގެން ނަމާދު ކުރާށެވެ.

ނަމަވެސް ފަރުޖުން ފައިބާ ފެނަކީ، ހުރިހާ އަންހެނުންގެވެސް ޠަބީޢަތުގައި ވާ ކަމެކެވެ. ތިކި ނުކެނޑުމަކީ މަދު ޙާލަތެއްގައި މަދު ބައްޔަކަށް، ބައްޔެއްގެ ސަބަބުން ދިމާވާ ކަމެކެވެ. ވީމާ ޢިލްމުވެރިން ދެކެލައްވާ ގޮތުގައި، ދެ ޙާލަތު އެއްފަދަ ކޮށްފައި އަދި އެއް ޙުކުމެއް ދީގެން ކަމަކު ނުދާނެއެވެ.

ވީމާ ބުނަން ޖެހެނީ، އިބްނު ޙަޒްމު އަދި ފަހުން އިބްނު ޢުޘައިމީންވެސް ވިދާޅުވި ފަދައިން ، މިފަދަ ތެތް ކަމަކުން ނުވަތަ ފެނުން ވުޟޫ ނުގެއްލޭނެ ކަމަށެވެ. ސަބަބަކީ އެއީ ނަޖިހެއް ނޫނެވެ. އަނެއް ސަބަބަކީ އެއިން ވުޟޫ ގެއްލޭނެއޭ ބުނާނަމަ، ގިނަ ވަގުތުތަކެއްގައި އަންހެނުން ތިބެން ޖެހޭނީ ވުޟޫ ނެތިއެވެ.

ތަފާތު މައްސަލަތައް :

* ފިރިހެނެއްގެ ވިޔަސް އަންހެނެއްގެ ވިޔަސް މަޛްޔު ފައިބައިފިއްޔާ ވުޟޫ ގެއްލޭނެ.

* ފާޚާނާ ތެރޭގައި ވުޟޫ ކުރުމަކީ މައްސަލައެއް ނޫން.

* ބޮލުގައި ކުލަ ޖައްސާފައި ހުރުމަކުން ވުޟޫއަކަށް އަސަރެއް ނުކުރާނެއެވެ.

* ވުޟޫ ކުރުމާ އައުރަ ނިވާ ކުރުމާ އެއްވެސް ގުޅުމެއް ނޯވެއެވެ. ވީމާ އައުރަ ނިވާ ނުކޮށް ހުރެވެސް މީހަކަށް ވުޟޫ ކުރެވިދާނެއެވެ. އަދި އެ ވުޟޫ ރަނގަޅު ވާނެއެވެ.

* ކުޑަ ކުއްޖެއްގެ އައުރައިގައި އަތްލުން :

މަންމައެއް ނުވަތަ ކުޑަ ކުއްޖާ ގެންގުޅޭ މީހަކު، ކުޑަ ކުއްޖެއް ސާފު ކުރުމުގެ ތެރޭގައި އައުރައިގައި އަތް ލުމަކީ ވުޟޫ ގެއްލޭނެ ކަމެއް ނޫނެވެ. އައްޒުހަރީ، އަލްއައުޒާޢީ އަދި އަލްމުޣްނީގައި އިބްނުލް ޤުދާމާވެސް ވިދާޅުވެފައި ވަނީ މިފަދައިންނެވެ.

* ވުޟޫ ގެއްލޭނީ ކިހާވަރަކަށް ނިދުނީމާ :

މީހާގެ ވަށައިގެން ހިނގާ ކަންތައްތައް ރޭކާ ނުލާވަރަށް ނިދިއްޖެނަމަ ވުޟޫ ގެއްލޭނެއެވެ. ނަމަވެސް މީހަކު ކުޑަކޮށް ނިންޖަކަށްޖެހިގެން ނިދޭ ނިދުމަކުން ވުޟޫ ނުގެއްލޭނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

* ނަޖިސް އެއްޗެއްގައި އަތް ލެވިއްޖެނަމަ ވުޟޫ ގެއްލޭނެތަ:

ނަޖިސް އެއްޗެއްގައި އަތް ލެވިއްޖެނަމަ ނުވަތަ ގައިގައި ހޭކިއްޖެނަމަ ޖެހޭނީ އެ ނަޖިސް ދޮންނާށެވެ. އެކަމަކު ވުޟޫއެއް ނުގެއްލޭނެއެވެ. ސަބަބަކީ މިވެނި ކަމަކުން ވުޟޫ ގެއްލޭނެ އޭ ބުނާ އިރު ދަލީލެއް އޮންނަން ޖެހޭނެއެވެ. ނަޖިހުން ވުޟޫ ގެއްލޭނެ ކަމުގެ ދަލީލެއް ނެތެވެ.

* ގެންގުޅޭ ބުޅަލެއް ނުވަތަ ކުކުޅެއް، ދޫންޏެއްފަދަ އެއްޗެއް ގައި އަތް ލުމަކުން ވުޟޫ ނުގެއްލޭނެއެވެ.

* ކުޑަކުއްޖާގެ ކުޑަކަމުދާ އެއްޗެހި ހުންނަ ނެޕީގައި އަތްލީމާ ވުޟޫ ގެއްލޭނެތަ:

ނުގެއްލޭނެއެވެ. ފޮތިގަނޑުގައި ހީސް ތެތްކޮށް ހުރިއްޔާ ޖެހޭނީ އަތް ދޮނާށެވެ. އެ ވަގުތު ހުރީ ވުޟޫމަތީގައި ނަމަ ވުޟޫ ނުގެއްލޭނެއެވެ. އަތް ދޮވެގެން ގޮސް ހަމަ ނަމާދު ކުރަން ވީއެވެ.

* ފޮތިގަނޑު ހިކިފައި އޮވެފައި، އެކަމަކު އަތް ތެތްކޮށް ހުއްޓަސް، އަތް ދޮންނަން ޖެހޭނެއެވެ.

* ކުޑަ ކުއްޖާ އުރައި ގެންގުޅުމުގެ ތެރޭގައި، ކޮޑަށް ނުވަތަ ހެދުމަށް ކުޅުލައި ހޮޑު ލުމަކީ ވުޟޫ ގެއްލޭނެ ކަމެއް ނޫނެވެ.

* ގައިން ލޭ ފޭބުން :

ގައިން ފޭބި ލެއަކީ ފަރުޖުން ނުވަތަ ދުބުރުން ފޭބި ލެއެއް ނަމަ، ކިތަންމެ ގިނަޔަސް މަދަސް ، ވުޟޫ ގެއްލޭނެއެވެ. އަދި އެ ލެއަކީ ނަޖިސް އެއްޗެކެވެ. ސަބަބަކީ، ޙައިޟުގެ ލޭ ދޮންނަން ކީރިތި ރަސޫލާ އަންހެނުންނަށް އަމުރު ކުރައްވާފައި ވާތީއެވެ. ( ބުޚާރީ 228 ، މުސްލިމް 291 ) މި ދޮންނަން އަމުރު ކުރެއްވުމަކީ، މިފަދަ ލެއަކީ ނަޖިސް އެއްޗެއްކަން ދަލީލު ކޮށްދޭ ކަމެކެވެ.

ދެން އޮތީ، ނޭފަތުން ނުވަތަ އަނގައިން ނުވަތަ ގައިގެ ތަނެއް ޒަޚަމް ވުން ފަދަ ގޮތަކުން، އަންނަ ލެއެވެ. މިފަދަ ލެއެއް ފައިބައިގެން ވުޟޫ ނުގެއްލޭނެއެވެ. ކިތަންމެ ގިނައިން ލޭ ފޭބިއަސް ވުޟޫ ނުގެއްލޭނެއެވެ. ސަބަބަކީ ލޭ ފޭބުމުން ވުޟޫ ގެއްލޭނެ ކަމުގެ ދަލީލެއް ނެތުމެވެ.

 


 

ގުޅުންހުރި:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.