އާދީއްތަ20201025

އާކުރެވުނީ: 08:43:52

ރޯދައިގެ ސުވާލު ޖަވާބު

roadha-70-massalaރަމަޟާން މަހުގައި އަޅުކަންތައް އިތުރު ކުރުމަށާއި، ނުބައިކަންތަކުން ދުރުވުމަށް އަހަރެމެން ހުރިހާ މުސްލިމުން ވެސް ޚާއްޞަ ސަމާލުކަމެއް ދެއެވެ. އެގޮތުން އާދައިގެ ދުވަސްތަކުގައި ރޯދަ މަސް ކައިރިވަމުން އަންނައިރު، ރޯދައާ ބެހޭ ދީނީ މަޢްލޫމާތު ނުވަތަ ރޯދައިގެ ފިޤުހު ދަސްކުރުމަކީ ވަރަށް ވެސް މުހިއްމުކަމެކެވެ. ރޯދަ ހިފުމަކީ ފަރުޟަކަށް ވާފަދައިން، އެ ފަރުޟު އަދާކުރުމަށް ބޭނުންވާ، އަސާސީ ޢިލްމު އުނގެނުމަކީ ވެސް ފަރުޟެކެވެ. ވީމާ ރޯދަ ގެއްލޭ ކަންތަކާއި ނުގެއްލޭ ކަންތައް ދަސްކުރަންޖެހެއެވެ.

ރޯދައިގެ ސުންނަތްތަކަކީ ކޮބައިކަން ހޯދާ ބަލަން އެބަ ޖެހެއެވެ. ކަން މިހެން އޮތުމުން ތިރީގައި މި ގެނެސްދެނީ، ރޯދައާ މެދު ބައެއް މީހުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ލިއްބައިދެވޭތޯ މަސައްކަތްކޮށްފައިވާ، ލިޔުންތަކެކެވެ.

ކިއުންތެރިންގެ ހިތް ހަމަޖައްސައި ދިނުމުގެ ގޮތުން، ރޯދަ ހިފައިގެން ހުއްޓާ ކުރިއަސް އެކަމަކުން ރޯދަ ނުގެއްލޭނެ ކަންތަކާ ބެހޭގޮތުން، އައްޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް (ރަޙިމަހުއްﷲ) އާއި، އައްޝައިޚް މުޙައްމަދު ބިން ޞާލިޙް އަލްޢުޘައިމީން (ރަޙިމަހުއްﷲ)، އައްޝައިޚް ޔޫސުފުލް ޤަރަޟާވީ، އަދި އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދް ދެއްވާފައިވާ ޖަވާބުތަކެކެވެ.

 

1- ރޯދަވެރިއާ، ދުވާލުގެ ވަގުތެއްގައި އިޙްތިލާމް ވެއްޖެނަމަ ރޯދަ ގެއްލޭނެތަ؟ އަދި ހިނައިގަތުން އަވަސްކުރަން ޖެހޭނެތަ ؟

ޖަވާބު: އިބްނު ބާޒް، ފަތާވާ އިސްލާމިއްޔާ

އިޙްތިލާމް ވުމަކުން ރޯދަ ނުގެއްލޭނެއެވެ. އެހެނީ އެއީ ރޯދަ ވެރިއާގެ އިޚްތިޔާރަކުން ވާ ކަމެއް ނޫނެވެ. އިޙްތިލާމް ވާ މީހާއަށް ވާޖިބުވެގެންވަނީ، މަނީގެ އަސަރު ފެނިއްޖެނަމަ ހިނައިގަތުމެވެ. ފަތިސް ނަމާދު ފަހުން އިޙްތިލާމްވެއްޖެނަމަ، މެންދުރު ނަމާދު ވަގުތާއި ހަމައަށް ހިނައިގަތުން ލަސްކުރުމުގައި މައްސަލައެއް ނެތެވެ. ހަމަ އެހެންމެ، އަނބިމީހާއާއި ރޭގަނޑު ޖިމާޢުވެފައި ފަޖުރު ލުމާއި ހަމައަށް ހިނައިގަތުން ފަސްކުރިއަސް މައްސަލައެއް ނެތެވެ. ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖުނުބުވެރި ޙާލަތުގައި ހުންނަވަނިކޮށް ފަތިސްވުމުން ހިނައިވަޑައިގަނެ ރޯދަ ހިއްޕަވާކަން، ސާބިތުވާން އެބައޮތެވެ.

ޙައިޟުވެރިއާ އާއި ނިފާސްވެރިއާ ވެސް ރޭގެނޑުގެ ވަގުތެއްގައި ޠުހުރުވުމުން (ލޭ ކެނޑުމުން) ފަތިސް ވުމާއި ހަމައަށް ހިނައިގަތުން ލަސްކުރިއަސް މައްސަލައެއް ނެތެވެ. އެ ދެ މީހުންގެ ރޯދަވެސް ޞައްޙަވާނެއެވެ.

ނަމަވެސް އެ ދެމީހުންނަށްވެސް (ޙައިޟުވެރިއާ، ނިފާސްވެރިއާ) އަދި ޖުނުބުވެރިވާ މީހާވެސް އިރުއެރުމާ ހަމައަށް، ހިނައިގަތުމާއި ނަމާދު ކުރުން ލަސްކުރުން ހުއްދައެއް ނުވާނެއެވެ. މި އެންމެންވެސް، އިރުއެރުމުގެ ކުރިން ފަތިސް ނަމާދު ކުރުމަށްޓަކައި، އިރުއެރުމުގެ ކުރިން ހިނައިގަތުން ވާޖިބެވެ. އަދި ފަޖުރުވުމުގެ ކުރިން ފިރިހެން މީހާ ހިނައިގަންނަން ޖެހޭނެއެވެ. އެއީ ޖަމާޢަތުގައި އެ ނަމާދު ކުރެވޭނީ އޭރުން ކަމަށްވާތީއެވެ.

 

2- އަހަރެން ރޯދައަށް ހުރެފައި މިސްކިތުގައި ނިދުމަށްފަހު ހޭލެވުނު އިރު ހުރީ އިޙްތިލާމްވެފައެވެ. އިޙްތިލާމްވުމުން ރޯދައަށް އަސަރެއް ކުރާނެތަ؟ އަދި ބުނަމެވެ. އަހަރެން ހެދި ގޮތަކީ ހިނައިނުގަނެ ނަމާދު ކުރީއެވެ. އަދި އެހެން ފަހަރަކު އަހަރެންގެ ބޮލުގައި ގަލަކުން ޖެހިފައި ލޭ ފޭބިއެވެ. ވީމާ މިކަމުން ރޯދަ ގެއްލޭނެހެއްޔެވެ؟ އަދި ހޮޑުލެވުމުން ރޯދަ ގެއްލޭނެހެއްޔެވެ؟

ޖަވާބު : އިބްނު ބާޒް، ފަތާވާ އިސްލާމިއްޔާ

އިޙްތިލާމް ވުމަކުން ރޯދަ ނުގެއްލޭނެއެވެ. އެހެނީ އެއީ ރޯދަ ވެރިއާގެ އިޚްތިޔާރަކުން ވާ ކަމެއް ނޫނެވެ. އިޙްތިލާމް ވާ މީހާއަށް ވާޖިބުވެގެންވަނީ، މަނީގެ އަސަރު ފެނިއްޖެނަމަ ހިނައިގަތުމެވެ. ސަބަބަކީ އިޙްތިލާމްވުމާއި ބެހޭގޮތުން ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހިވަސައްލަމަ އަރިއަހުން ސުވާލު ދެންނެވުމުން ޖަވާބުދެއްވީ އިޙްތިލާމްވާ މީހާއަށް ފެން (އެބަހީ މަނީ) ފެނިއްޖެނަމަ ހިނައިގަތުމަށެވެ. (އަސަރެއް ނެތި ހަމައެކަނި ހުވަފެނެއް ފެނުނަސް ވާޖިބެއް ނުވޭ)

އަދި ކަލޭ ހިނައި ނުގަނެ ނަމާދު ކުރިކަން ތިއީ ވަރަށް ބޮޑު ކުށެކެވެ. ބޮޑު ފާފައެކެވެ. ވީމާ ކަލޭގެ މައްޗަށް އޮތީ އެ ނަމާދު އަލުން ކޮށްފައި އެ ކުށަށް ތައުބާވުމެވެ. ދެން ބޮލުގައި ގަލުންޖެހިގެން ލޭ ފޭބިއަސް ރޯދަ ނުގެއްލޭނެއެވެ. އަދި އިޚްތިޔާރަކާއި ނުލައި ލެވޭ ހޮޑަކުން ރޯދަ ނުގެއްލޭނެއެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވަނީ: قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏مَنْ ‏ ‏ذَرَعَهُ ‏ ‏قَيْءٌ وَهُوَ صَائِمٌ فَلَيْسَ عَلَيْهِ قَضَاءٌ وَإِنْ ‏ ‏اسْتَقَاءَ فَلْيَقْضِ

މާނައަކީ: ''ރޯދައަށް ހުއްޓާ ހޮޑުލެވުނަސް، ރޯދަ ޤަޟާކުރުމެއްނެތެވެ. އަދި ގަދަކަމުން ހޮޑުލައިފިއްޔާ ރޯދަ ޤަޟާ ކުރާށެވެ.'' (އަބޫ ދާއޫދް، ބާބުއް ޞައުމް / މާލިކް / އިބްނު މާޖާ / ތިރްމިޛީ )

 

3- މަޛްޔު ބޭރުވެއްޖެނަމަ ރޯދަ ގެއްލޭނެހެއްޔެވެ؟

ޖަވާބު: ގިނަ ޢިލްމުވެރިންގެ ބަހަށް ބަލާއިރު މަޛްޔު ބޭރުވުމަކުން، ރޯދަ ނުގެއްލޭނެއެވެ. (*އިތުރަށް މި މައުޟޫއަށް ކިޔަން މި ގުޅުމަށް ފިތާލާ)

 

4- ރޯދައަށް ހުރެ، ފުރަގަސްފަރާތުން ބޭނުންކުރާ ގުންބާ ބޭނުން ކުރުމަކީ ކޮންކަހަލަ ކަމެއް؟

ގިނަ ޢިލްމުވެރިންގެ ބަހަށް ބަލާއިރު، ރޯދަވެރިއާއަށް އެކަން ކުރަން ޖެހިއްޖެނަމަ ކުރިއަސް މައްސަލައެއް ނެތެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާގެ ރައުޔަކީވެސް މިއީއެވެ. މި ކަމާއި ކެއުން ބުއިމާއި އެއް ގޮތް ނުވާތީ ގިނަ ޢިލްމުވެރިން ބަހަކީ މިއީއެވެ.

 

5- މަސްގަނޑަށް ޖަހާ އިންޖެކްޝަނާއި ލޭ ހޮޅިއަށް ޖަހާ އިންޖެކްޝަނުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ ރޯދަވެރިއާއަށް މި ދޭތީގައި ތަފާތެއް ވޭހެއްޔެވެ؟

ޖަވާބު: ޝައިޚް ޔޫސުފުލް ޤަރަޟާވީ:

އިންޖެކްޝަނުގެ ދެބާވަތެއް ވެއެވެ. އެއް ބާވަތަކީ ހަމައެކަނި ބޭހެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. މި ވައްތަރުގެ އިންޖެކްޝަން މަސްގަޑުން ނުވަތަ ލޭ ހޮޅީގެ ޒަރީޢާއިން ބޭނުން ކުރިއަސް، އެއީ ރޯދަ ނުގެއްލޭނެ ކަމާމެދު ޚިލާފުވާން ޖެހޭ ކަމެއް ނޫނެވެ. އެހެނީ މިއިން އެއްޗަކީ ސީދާ މައިދާއަށް ދާ އަދި ހަށިގަނޑަށް ކާނާ ލިއްބައިދޭ އެއްޗެއް ނޫނެވެ. ވީމާ މި ފަދަ އިންޖެކަޝަން ބޭނުން ކުރިއަސް ރޯދަ ނުގެއްލޭނެއެވެ.

އަނެއް ބާވަތަކީ މަސްގަނޑަށް ޖެހިއަސް، އަދި ލޭ ހޮޅިއަށް ޖެހިއަސް، ކާނާއެއް ނުވަތަ ހަކަތައެއްގެ ބަދަލުގައި ބޭނުން ކުރާ އެއްޗެއްސެވެ. މިސާލަކަށް ގުލްކޯޒް ފުޅިއެވެ. ފަހުގެ ޢިލްމުވެރިންވަނީ މިއާމެދު ޚިލާފުވެފައެވެ. ގިނަބަޔަކު ދެކެނީ އެއިން ރޯދަ ގެއްލޭނެ ކަމަށެވެ. އެހެނީ މިފަދަ އެއްޗެހިން ސީދާ ލޭގެ ތެރެއަށް ގޮސް، ހަށިގަނޑަށް ކާނާ ފޯރުކޮށްދެއެވެ. ރޯދަ ނުގެއްލޭނެ ކަމަށް ބުނާ މީހުން ބުނާ ވާހަކައަކީ މިއިން ސީދާ މައިދާއަށް އެއްވެސް އެއްޗެއް ނުދާ ކަމަށެވެ. ވީމާ ނުގެއްލޭނެ ކަމަށެވެ.

ނަމަވެސް އަހަރެން (ޤަރަޟާވީ) ބުރަވަނީ ފަހުން މި ބުނެވުނު ވައްތަރުގެ އިންޖެކްޝަނުން ރޯދަ ގެއްލޭނެ ކަމަށެވެ. ވީމާ ރޯދައަށް ހުރެ ދުވާލު މިފަދަ (ދެވަނަ ވައްތަރު) އެއްޗެހި ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. ބޭނުން ކުރާނަމަ ރޭގަނޑު ބޭނުން ކުރާށެވެ. އޭނާ އެ ބޭނުން ކުރަނީ ބަލިވެގެން ކަމަށް ވާނަމަ، ބަލިމީހާ ރޯދަ ދޫކޮށްލުން ހުއްދައެވެ. މިފަދަ އެއްޗެހި ބޭނުން ކުރުމުން ބަނޑު ނުފުރުނަސް، ހަށިގަނޑުގައި ވަރުޖެހި ރޯދައިގެ މަޤްޞަދު ގެއްލިދެއެވެ.

ލޮލަށް އަޅާ ބޭހާއި، ނޭފަތަށް އަޅާ ބޭހާއި ފުރަގަސްފަރާތު ބައްޔަށް ފުރަގަސްފަރާތުގައި ބޭނުން ކުވެރޭ ބޭހަކުން، ރޯދައެއް ނުގެއްލޭނެއެވެ. އިބްނު ތައިމިޔާގެ ރައުޔަކީވެސް މިއީއެވެ.

 

6- މީހެއްގެ ދަތެއްގައި ރިއްސާތީ ޑޮކްޓަރަށް ދިއުމުން، ދަތް ސާފުކޮށްފައި ފަނިކާފައި ހުރިތަނުގައި ފުޓުނި އެޅުން، ނުވަތަ ދަތް އުފުރުން ހުއްދަވާނެހެއްޔެވެ؟ އަދި އައްސިކުރުވާ އިންޖެކްޝަން ޖެހުމުން ރޯދައަށް އަސަރެއް ކުރާނެހެއްޔެވެ؟

ޖަވާބު : ޝައިޚް އިބްނު ބާޒް

ދަތުގައި ރިއްސާތީ ޑޮކްޓަރަށް ގޮސް ފުޓުނި އެޅުވިއަސް އަދި ދަތް އުފުރުވިއަސް އޭނާގެ ރޯދައަށް އެކަމުން އެއްވެސް އަސަރެއް ނުކުރާނެއެވެ. އައްސިކުރުވާ އިންޖެކްޝަން ޖެއްސަސްވެހެވެ. ނަމަވެސް މި ކަމުގެ ތެރޭގައި ބޭހެއް ނުވަތަ، ލޭ ކަރުތެރެއަށް ދިޔަ ނުދޭން ސަމާލުކަން ދޭން ޖެހޭނެއެވެ.

 

7- ރޯދައަށް ހުރެ މެންދުރު ފަހުން ދަތް އުނގުޅުން ހުއްދަހެއްޔެވެ؟ އަދި، ދަތް އުނގުޅާ ބޭސް ބޭނުން ކުރުން ހުއްދަވާނެހެއްޔެވެ؟

ޖަވާބު : ޔޫސުފުލް ޤަރަޟާވީ

ދަތް އުނގުޅުން އަބަދުވެސް ސުންނަތް ކަމަކަށް ވާފަދައިން، މެންދުރު ކުރީގައި ދަތް އުނގުޅުން ސުންނަތްވެގެންވެއެވެ. މެންދުރު ފަހު އުނގުޅުމާމެދު ފިޤުހުވެރިން އިޚްތިލާފް ވެފައިވެއެވެ. އެއްބަޔަކު އެކަން މަކްރޫހަ ކުރެއެވެ. ''ރޯދަވެރިއާގެ އަނގައިގައި ހުންނަވަސް، ﷲ ހަޟްރަތުގައި މިސްކު ވަހަށްވުރެވެސް މީރުވަސް ދުވާ'' ކަމަށް ބުޚާރީގައި އޮންނަ ޙަދީޘަށް ބަލާފައި މި މީހުން ބުނަނީ މިފަދަ އެއްޗެއް ދޮވެލުން މަކްރޫހަވާނެ ކަމަށެވެ. ޝާފިޢީ މަޛްހަބު މީހުން ބުނަނީ މަކްރޫހަ ކަމަށެވެ.

ނޯޓް: ރޯދަވެރިއާގެ އަނގައިގެ ވަހާ ބެހޭގޮތުން ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ ވިދާޅުވަނީ: ''ޢިލްމުވެރިން ވިދާޅުވަނީ މި ޙަދީޘްގެ ޙަޤީޤީ މާނައަކީ، ރޯދައިގެ ޘަވާބުގެ ބޮޑުކަމާއި، އިންސާނުން މިސްކުވަސް ދެކެ ރުހޭ މިންވަރަށް، ﷲ ރޯދަވެރިއާ ދެކެ ރުއްސަވާ ވާހަކައެވެ. ކޮންމެހެން އޭގެ ބަހުގެ މާނައެއް ނޫނެވެ. ޤާޟީ ޢިޔާޟް ވިދާޅުވަނީ އޭގެ މުރާދަކީ ޤިޔާމަތް ދުވަހު، މާތް ﷲ ރޯދަވެރިއާގެ އަނގައިގެ ވަސް މިސްކުވަހަށް ވުރެވެސް މީރުވަސް ދުވާ އެއްޗެއްކަމުގައި ލައްވާނެ ވާހަކައެވ.ެ އަދި މިނުން ބަސްވެސް މިއާމެދު ބުނެވިފައި އެބަހުއްޓެވެ.''

ޖުމްހޫރު ޢިލްމުވެރިން ބުނަނީ މެންދުރު ކުރީގައިވެސް، މެންދުރު ފަހުވެސް ރޯދަވެރިއާ ދަތް އުނގުޅުން ސުންނަތް ކަމެވެ. ބައެއް މީހުން ހީކުރާ ގޮތާ ޚިލާފަށް މަކްރޫހަ ނޫންކަމެވެ. އެހެނީ ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވަނީ: عَنْ ‏ ‏أَبِي هُرَيْرَةَ ‏ ‏رَضِيَ اللَّهُ عَنْهُ ‏ أَنَّ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏ ‏لَوْلَا أَنْ أَشُقَّ عَلَى أُمَّتِي أَوْ عَلَى النَّاسِ لَأَمَرْتُهُمْ بِالسِّوَاكِ مَعَ كُلِّ صَلَاةٍ

މާނައަކީ: ''ތިމަން ކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް ބުރައެއް ކަމުގައި ނުވާނެނަމަ، ކޮންމެ ނަމާދަކަށް ދަތް އުނގުޅަން އަމުރު ކުރެއްވީމުހެވެ.'' (ޞަޙީޙް އަލްބުޚާރީ)

ޢިލްމުވެރިން ވިދާޅުވަނީ މި ޙަދީޘުގައި ބުނެފައިވަނީ ހުރިހާ ނަމާދެއްގެ ވާހަކަ ކަމަށެވެ. ވީމާ ވަކި ޢަޞްރު ނަމާދު އިސްތިސްނާ ނުކުރެވޭނެ ކަމަށެވެ. އަދި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ރޯދައަށް ހުންނަވައިގެން އެތައްފަހަރަކު ދަތް އުނގުޅުއްވި ކަމަށް ޢާމިރް ބިން ރަބީޢާ ރިވާ ކުރެއްވި ޙަދީޘެއް ތިތްމިޛީގައި ރިވާ ކުރެވިފައި އެބަހުއްޓެވެ. އަދި ރަސޫލާ ޙަދީޘް ކުރައްވާފައި އޮންނަނީ ''ދަތް އުނގުޅުމަކީ އަނގަ ޠާހިރުވާ، ﷲގެ ރުއްސެވުން ލިބޭ'' ކަމެއް ކަމަށެވެ.

ވީމާ ރޯދައަށް ހުރެގެން ކޮންމެ ވަގުތަކުވެސް ދަތް އުނގުޅިދާނެއެވެ.

ދެން ދަތް އުނގުޅާ ބޭހާ މެދު ބުނަން ޖެހެނީ، ބޭސް ބޭނުން ކުރުންވެސް ހުއްދަކަމަށެވެ. ނަމަވެސް ބޭހުގެ މިންވަރެއް އަނގަތެރެއަށް ނުދާކަން ޔަޤީން ކުރަންވާނެއެވެ.

 

8- ލޮލަށް އަޅާ ބޭހުން ރޯދަ ގެއްލޭނެ ހެއްޔެވެ؟

ޖަވާބު : އިބްނު ބާޒް

މި މައްސަލައާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައި އޮތަސް، ޞައްޙަ ރައުޔަކީ ލޮލަށް އަޅާ ދިޔާ ބޭހުން ރޯދަ ނުގެއްލޭނެކަމެވެ. ބައެއް ޢިލްމުވެރިން ބުނާ ގޮތުގައި މިފަދަ ބޭހެއްގެ ރަހަ ކަރުތެރެއަށް ހިނގައްޖެނަމަ ރޯދަ ގެއްލޭނެއެވެ. ނަމަވެސް މީގައިވެސް ރަނގަޅު ގޮތަކީ ރޯދަ ނުގެއްލުމެވެ. އެހެނީ ލޮލަކީ އެ ތަނަކުން އެއްޗެއް ހަށިގަނޑަށް ވަދެއްޖެނަމަ ރޯދަ ގެއްލޭ ތަނެއް ނޫނެވެ. ކަންފަތުގެ ޙުކުމަކީވެސް މިއީއެވެ.

 

9- އަހަރެންނަނީ، ނޭވާ ކުރުވުމުގެ މައްސަލަ ހުންނަ މީހެކެވެ. ޑޮކްޓަރު އަންގާފައި އޮތީ ނޭފަތުން ބޭނުން ކުރާ ގުންބާއެއް ބޭނުން ކުރުމަށެވެ. ރޯދައަށް ހުރެ މިކަން ހުއްދަވާނެހެއްޔެވެ؟

ޖަވާބު : އިބްނު ބާޒް

ތި ކަމަމީ ކޮންމެހެން ބޭނުން ޖެހިގެން ކުރަން ޖެހޭ ކަމެއް ނަމަ ޙުކުމަކަށްވާނީ ހުއްދަވުމެވެ. ވީމާ ރޯދަ ނުގެއްލޭނެއެވެ. އަލްއަންޢާމް ސޫރަތުގެ 119 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ إِلاَّ مَا اضْطُرِرْتُمْ إِلَيْهِ

މާނައަކީ: ''އެކަލާނގެވަނީ ތިޔަބައިމީހުންގެ މައްޗަށް ޙަރާމް ކުރައްވާފައިވާ ތަކެތި ތަފްޞީލްކޮށް ދެއްވާފައެވެ. ނަމަވެސް ޙަރާމްކުރެއްވި ތަކެތީގެ ތެރެއިން ތިޔަބައިމީހުން ކޮންމެހެން ބޭނުން ޖެހިގެން ކާންޖެހިފައިވާ އެއްޗެއް ޙަލާލެވެ. ''

ކަން މިހެން އޮވެފައި، އަދި ތިކަމަކީ ކެއިން ބުއިމާއި އެއްފަދަ ކަމަކަށް ނުވާތީ، ރޯދަ މަހު މަޖްބޫރުވެގެން ތިކަން ކުރުން ހުއްދައެވެ.

 

10- ހޮޑު ލުމުން ރޯދަ ގެއްލޭނެހެއްޔެވެ؟

ޖަވާބު : އިބްނު ބާޒް

ރޯދަވެރިއާ ރޯދައަށް ހުއްޓާ އޭނާގެ ޤަސްދަކާ ނުލައި ދިމާވާ ވަރަށް ގިނަ ކަންތައް ހުރެއެވެ. މިސާލަކަށް ޒަޚަމްވުން، ހޮޑުލެވުން، އިޚްތިޔާރަކާ ނުލައި ކަރުތެރެއަށް ފެންދިއުންފަދަ ކަންކަމެވެ. މިފަދަ އެއްވެސް ކަމަކުން ރޯދަ ނުގެއްލޭނެއެވެ. ނަމަވެސް ޤަސްދުގައި ހޮޑުލައިފިއްޔާ ރޯދަ ގެއްލޭނެއެވެ.

 

11- ކުޅު ދިރުވުމުން ރޯދަ ގެއްލޭނެހެއްޔެވެ؟

ޖަވާބު : އިބްނު ބާޒް

ރޯދައަށް ހުރެ ކުޅު ދިރުވުމުގައި މައްސަލައެއް ނެތެވެ. އަދި މި ކަމާމެދު ފިޤުހުވެރިން ޚިލާފުވެފައިވާ ކަމެއް އަހަރެން ނުދެނެ ހުރީމެވެ. ކުޅަކީ އަނގައިގައި ހުންނަ އެއްޗަކަށްވެފައި އެއިން ރައްކާތެރި ވުމަކީ ނުވާނެ އަދި ނުކުރެވޭނެ ކަމެކެވެ. ނަމަވެސް ބޮލުން ފައިބާ އަރިދަފުސް ގަނޑު އަނގައާއި ހަމައަށް ވާސިލުވެއްޖެނަމަ، ރޯދައަށް ހުންނަ މީހާ ޤަސްދުގައި އެ ދިރުވުން ހުއްދައެއް ނުވާނެއެވެ. އެހެނީ އެއީ ނުދިރުވާ ފަރުޖެއްސޭނެ އެއްޗެކެވެ.

ނޯޓް : މި ކަމާބެހޭ ގޮތުން ޝައިޚް ޢަޠިއްޔާ ޞަޤްރު ވިދާޅުވެފައިވަނީ މި އަންނަނިވި ފަދައިންނެވެ.

''ކަރުކެހިފައި އަންނަ އަރިދަފުސް އަނގަތެރެއަށް ނާންނަނަމަ އެ އެތެރެހައްޓަށް ދިޔައަސް މައްސަލައެއް ނެތް ކަމުގައި ޢިލްމުވެރިން އެއްބަސްވެލައްވައެވެ. ނަމަވެސް ބޮލުން ނުވަތަ ކަރުތެރެއިން އަންނަ އަރިދަފުސް ގަޑު އަނގަތެރެއަށް އެޅުމަށްފަހު އެ ދިރުވައިފިއްޔާ، ޝާފިޢީ މަޛްހަބުގައި ރޯދަ ގެއްލެއެވެ. އަނެއް ބަޔަކު ބުނީ އެ ތުންފަތުން ބޭރު ނުވާހާ ހިނދަކު ދިރުވިއަސް މައްސަލައެއް ނެތް ކަމުގައެވެ. އަނެއް ބަޔަކު ބުނީ އެއްވެސް ހާލަތެއްގައި އެއިން ރޯދައަށް އަސަރެއް ނުކުރާނެކަމަށެވެ. މިފަދަ ބައްޔެއް ހުންނަ މީހަކު މި ބަސް ނެގުމުން ފަސޭހަވާނެއެވެ. ބައްޔެއް ނެތް މީހުން ތަބާވާނީ މަތީ އޮތް ދެ ބަހުން ކުރެ ބަހަކަށެވެ.

 

12- ރޯދެވެރިއާ ރޯދައަށް ހުރެ، މީރުވަސް ދުވާ އެއްޗެއްސާއި މީރުވަސް ދުވާ ދުން ބޭނުން ކުރުން ހުއްދަވާނެހެއްޔެވެ؟

ޖަވާބު : ޝައިޚް ޔޫސުފުލް ޤަރަޟާވީ

މި ކަމާބެހޭ ގޮތުން އިބްނު ތައިމިޔާ ވިދާޅުވެފައިވަނީ ''މީހުންނަށް އާއްމުކޮށް ދިމާވާ، އަދި އެންމެންނަށްވެސް އެނގެން ބޭނުންވާ މައްސަލަތަކުގެ ޙުކުމް ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ ދަސްކޮށް ދެއްވާފައެވެ. އަދި މިފަދަ ކަންތަކަކީ ދީނުގެ އަޅުކަމުގެ މައިބަދައާއި ގުޅިފައިވާ ކަންތަކަށް ވާހިނދު މިކަންތައްތަކަށް ވަކި ޙުކުމެއްވާނަމަ ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަން ތަފްޞީލްކޮށް ބަޔާން ކޮށް ދެއްވީހެވެ.

ނަމަވެސް އެއްވެސް ޙަދީޘަކުން އެކަން ޘާބިތު ނުވެއެވެ. އަދި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޒަމާނުގައިވެސް މީހުން ގައިގައި ތެޔޮ ލުމާއ،ި ފުރަގަސްފަރާތުގެ ގުންބާ އަދި، މީރުވަސް ދުވާ އެއްޗެހި ބޭނުންކޮށް އުޅުނެވެ. ނަމަވެސް ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަން މަނާ ނުކުރެއްވުމުން، އެއިން އެނގެނީ އެއީ ހުއްދަކަންތައް ކަމުގައެވެ. ''

ވީމާ ރޯދަ ވެރިއާ ރޯދައަށް ހުރެގެން މީރުވަސްދުވާ އެއްޗެއް ބޭނުން ކުރިއަސް އަދި އެއިން ނަފްސަށް ތާޒާކަން ލިއްބައި ދިނަސް ރޯދަ ނުގެއްލޭނެއެވެ.

 

13- ރޯދައަށް ހުރެގެން މީހަކު ފެންވެރުމުގެ ތެރޭގައި އަނގައަށް ފެން އެޅިގެން، އެތެރެހައްޓަށް ފެން ގޮސްފިނަމަ ރޯދަ ގެއްލޭނެތަ ؟

ޖަވާބު : އިބްނު ބާޒް

އޭނާގެ ރޯދަ ނުގެއްލޭނެއެވެ. އެހެނީ މި ހާލަތުގައި ފެންބޮވުނީ ޤަސްދަކާއި ނުލައެވެ. ވީމާ އެނާ ފެތޭނީ މަޖްބޫރު ކުރެވޭ މީހާއާއި ހަނދާން ނެތޭ މީހާގެ ޙުކުމަށެވެ.

 

14- ޣީބަ ބުނުމުން ރޯދަ ގެއްލޭނެތަ؟

ދެބަ އޮޑުވުމާއި ޣީބަ ބުނުމަކީ ބޮޑުވެގެންވާ ޙަރާމްކަމެކެވެ. ހަމަ އެހެންމެ އެއްޗެހި ގޮވުމާއި، ދޮގު ހެދުމާއި ހަޑިއެއްޗެހި އަނގައިން ބުނެ އުޅުމަކީ ވެސް ޙަރާމް ކަމެކެވެ. ނަމަވެސް މިއިން ކަމަކުން ރޯދަ ނުގެއްލޭނެއެވެ. އެކަމަކު މި ކަންތައްތަކަކީ ރޯދަވެރިއާއާއި އެ ނޫން މީހުންވެސް ދުރުވެ ތިބުން ވާޖިބު ކަންތަކެވެ.

ރޯދަ ބާޠިލު ނުވިއަސް މިފަދަ ކަންތަކުން ލިބޭ ޢަޛާބުގެ އިތުރުން ރޯދައިގެ ޘަވާބު މަދުވެ، އޭގެ ޙަޤީޤީ ބޭނުން ކެނޑިދެއެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވައްލަމަ- ޙަދީޘް ކުރައްވަނީ: عَنْ ‏ ‏أَبِي هُرَيْرَةَ ‏ عَنْ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏ ‏مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ وَالْجَهْلَ فَلَيْسَ لِلَّهِ حَاجَةٌ أَنْ يَدَعَ طَعَامَهُ وَشَرَابَهُ

މާނައަކީ: ''ދޮގުވާހަކަ ދެއްކުމާއި، ނުބައިކަންތައް ކުރުމާއި، މީހުންނަށް އެއްޗެހި ކިއުމުން ދުރުވެނުގަންނަނަމަ، އޭނާ ނުކައި ނުބޮއި ހުރުމުގެ ބޭނުންފުޅެއް ﷲ އަށް ނުވެއެވެ.'' (ރިވާކުރެއްވީ ބުޚާރީ)

ޙަދީޘްގެ މުރާދަކީ އޭނާގެ ރޯދައަށް ހުރުމުގެ އެއްވެސް މާނައެއް ނެތް ވާހަކައެވެ.

ރޯދައަށް ހުއްޓާ މީހަކު އެއްޗެހި ކިޔަސް، މުސްލިމުންނަށް ޖެހޭނީ އެކަމާ އަޅާ ނުލައި ''އަހަރެން މިހިރީ ރޯދައަށޭ '' ބުނާށެވެ.

 

15- ރޯދައަށް ހުއްޓާ ތަނެއް ޒަޚަމްވެގެން ނުވަތަ އިސްތިޙާޟާގެ ލޭ ފައިބައިފިނަމަ ރޯދަ ކަމުދާނެހެއްޔެވެ؟ އަދި ލޭ ހަދިޔާ ކުރުމަކީ ކޮންކަހަލަ ކަމެއްހެއްޔެވެ؟

ޖަވާބު : އިބްނު ބާޒް

ރޯދަ ނުގެއްލޭނެއެވެ. ރޯދަ ގެއްލޭނީ ޙައިޟު ނުވަތަ ނިފާސްކަމުގެ ލޭ ފައިބައިފިނަމައެވެ. އަދި ލޭ ޓެސްޓު ކުރުމަށްޓަކައި ލޭ ނެގިއަސް މައްސަލައެއް ނެތެވެ. ދެން ލޭ ހަދިޔާ ކުރުމާ ބެހޭ ގޮތުން އޮތް ވާހަކައަކީ ގިނަ މިންވަރަކަށް ލޭ ނަގާނަމަ ރޭގަނޑަށް ފަސް ކުރުން ރަނގަޅު ކަމުގައެވެ. އެއީ ލޭ ނެގުމުން ލިބިދާނެ ވަރުބަލި ކަމަށްޓަކައެވެ.

 

16- ރޯދައަށް ހުރެ ހަނދާންނެތިގެން ކެވިއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟

ޖަވާބު : އިބްނު ޢުޘައިމީން

ރޯދަވެރިއާ ހަނދާން ނެތިގެން ކައި ބޮއެ ހެދިއަސް ރޯދަ ނުގެއްލޭނެއެވެ. ނަމަވެސް ހަނދާން ވުމުން ވަގުތުން ކެއުން ބުއިން ހުއްޓާލަން ޖެހޭނެއެވެ. (މި ކަމާބެހޭ އިތުރު ތަފަޞީލު: ރޯދައަށްހުރެ ހަނދާންނެތި ކެއުން)

 

17- ހިރުގަނޑުން ލޭ ފޭބުމުން ރޯދަ ގެއްލޭނެހެއްޔެވެ؟

ޖަވާބު : އިބްނު ޢުޘައިމީން

ހިރިގަނޑުން ފައިބާ ލެއަކުން ރޯދަ ނުގެއްލޭނެއެވެ. ނަމަވެސް މި ލޭ ނުދިރުވަން ސަމާލުވާން ޖެހޭނެއެވެ.

 

18- ޙައިޟުވެރިއަކު ފަޖުރުގެ ކުރިން ޠުހުރުވީމައި (ލޭ ހުއްޓުން) ހާރުކައިގެން ރޯދަ ހިފައިފިއެވެ. ނަމަވެސް އޭނާ ހިނައިގަތީ ފަޖުރުގެ ފަހުންނެވެ. އެހެން ވެއްޖިއްޔާ އޭނާގެ ރޯދަ ކަމުދާނެހެއްޔެވެ؟

ޖަވާބު : އިބްނު ޢުޘައިމީން

ފަޖުރުގެ ކުރިން ޠުހުރުވެއްޖެކަން ޔާޤީންވާނަމަ، އޭނާގެ ރޯދަ ރަނގަޅުވާނެއެވެ. ޠުހުރުވީކަން ޔަޤީންވުމުން ހިނައި ނުގަތަސް ރޯދައަށް ނިޔަތް ގަނެ ރޯދަ ހިފާށެވެ. ނަމަވެސް އިރުއެރުމުގެ ކުރިން ހިނައިގަންނަން ޖެހޭނެއެވެ. އެއީ ފަތިސްނަމާދު ކުރެވޭނީ އޭރުން ކަމަށްވާތީއެވެ.

 

19- ރޯދައަށް ހުރެ، ފިނި ކުރުމުގެ ބޭނުމުގައި ނުވަތަ ވަރުބަލިކަން ފިލުވުމުގެ ބޭނުމުގައި ބޮލަށް ނުވަތަ ގަޔަށް ފެން އެޅުމަކީ ކޮންކަހަލަ ކަމެއްހެއްޔެވެ؟

ޖަވާބު : އިބްނު ޢުޘައިމީން

ފިނި ކުރުމަކީ މައްސަލައެއް ނެތް، ހުއްދަ ކަމެކެވެ. ހޫނު ގަދަވުމުގެ ސަބަބުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވެސް، އިސްތަށިފުޅަށް ފެން އެޅުއްވިކަން އެނގެން އެބައޮތެވެ. ހަމަ އެހެންމެ ހޫނުން ސަލާމަތްވެލެއްވުމަށްޓަކައި އިބްނު ޢުމަރުގެ ހެދުންކޮޅަށް ފެން އަޅުއްވާ ފޯ ކޮށްލައްވައިގެންވެސް ހުންނެވިއެވެ.

 

20- ކާ އެއްޗެހީގެ ރަހަބެލުމުން ރޯދަ ގެއްލޭނެހެއްޔެވެ؟

ޖަވާބު : އިބްނު ޢުޘައިމީން

ކާ އެއްޗެހީގެ ރަހަ ބެލިއަސް، އެ ދިރުވާ ނުލާނަމަ ރޯދަ ނުގެއްލޭނެއެވެ. ނަމަވެސް މިކަންތައް ބޭނުމެއް ނެތި ކޮށްގެން ނުވާނެއެވެ. ބޭނުމަކަށްޓަކައި (މިސާލަކަށް ކައްކާއިރު ލޮނު ރަހަ ހެޔޮވަރު ކުރުން) މިކަންތައް ކުރުމުގެ ތެރޭގައި ޤަސްދަކާއި ނުލައި، ރަހަ ބެލި އެތީގެ އެއްޗެއް ބަނޑަށް ދިޔައަސް ރޯދަ ނުގެއްލޭނެއެވެ.

ނޯޓް : ބައެއް ދިވެހިން ރޯދަ މަހު ކައްކާއިރު، އޭގެ ރަހަ ބަލަން ފަސްޖެހޭ ފަހަރު ފަހަރު އާދެއެވެ. ނަމަވެސް ޙަޤީޤަތަކީ އެ ކަމުން ރޯދައަށް އަސަރެއް ނުކުރުމެވެ. އިބްނު ޢައްބާސް ވިދާޅުވެފައި އޮންނަނީ ރޯދައަށް ހުރެ ރާހުތް ކަހަލަ އެއްޗެއްގެ ރަހަބެލިއަސް އޭގެ އެއްޗެއް ބަނޑަށް ނުދާނަމަ ރޯދަ ނުގެއްލޭނެ ކަމަށެވެ.

 

21- ހާރު ކެއުމަށް ފަހު، ފަތިސް ނަމާދު ކޮށްގެން ނިދާފައި މެންދުރު ނަމާދު ވަގުތައް ތެދުވެ މެންދުރު ނަމާދު ކުރުމަށްފަހު ނިދާފައި އަނެއްކާވެސް ތެދުވެ ޢަޞުރު ނަމާދު ކޮށްގެން ރޯދަ ވީއްލަންދެން މީހަކު ނިދައިފިއްޔާ ރޯދަ ކަމުދާނެހެއްޔެވެ؟

ޖަވާބު : ސުޢޫދީއްޔާގެ ދާއިމީ ފަތުވާ ކޮމިޓީ

ކަންތައް ދިޔައީ ތި ބުނި ގޮތަށްވިޔަސް، ރޯދަ ޞައްޙަވާނެއެވެ. ނަމަވެސް ރޯދަމަހުގެ ދުވާލުގެ ބޮޑުބައެއް ނިދުމުގައި ހޭދަ ކުރުމަކީ ރޯދައިގެ ރޫޙާއި ޚިލާފުކަމެކެވެ. ރޯދަ މަހަކީ އަޅުކަން ކުރުމާއި ހެޔޮކަން ކުރުމާއި ޤުރުއާން ކިޔެވުމުގައި ހޭދެ ކުރަންޖެހޭ މަހެކެވެ. ވީމާ މުސްލިމުން ރަމަޟާން މަހުގެ މާތް ފުރުސަތު ބޭކާރުކޮށްލައިގެން ނުވާނެއެވެ.

 

22- ރޭގަނޑު ހާރުކާން ފަހުން ތެދުވާނީއޭ ހިތައި ނިދާފައި ހޭނުލެވި ފަތިސްވަންދެން ނިދައިފިއްޔާ، ރޯދަ ކަމުދާނެހެއްޔެވެ؟

ޖަވާބު : އިބްނު ބާޒް

ރޯދަ ކަމުދާނެއެވެ. ސަބަބަކީ ހާރުކެއުމަކީ ރޯދައިގެ ޝަރުޠެއް ނޫނެވެ. އެއީ މުސްތަޙައްބު ކަމެކެވެ.

 

23- ރޯދަވެރިއާ ފަތައި، ފީނައި ހެދުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

ޖަވާބު : އިބްނު ޢުޘައިމީން

ރޯދައަށް ހުރެގެން ފީނައި ފަތައި ހެދިއަސް، އެންމެ ރަނގަޅެވެ. އެއީ ރޯދަ ގެއްލޭނެ ކަމެއް ނޫނެވެ. ކަންކަމުގެ އަސްލަކީ، ކަމެއް މަކްރޫޙަ ނުވަތަ ޙަރާމްވުމުގެ ދަލީލެއް ޤާއިމްވަންދެން، ހުއްދަވުމެވެ. އަދި މި ޙާލަތުގައި (ފެތުމާ ބެހޭ ގޮތުން) މިކަން ޙަރާމް ނުވަތަ މަކްރޫޙަ ކުރާނެ ދަލީލެއް ނެތެވެ. ފެތުން މަކްރޫޙަ ވާނެ ކަމަށް ބުނާ ބަޔަކު އެހެން ބުނީ، ނޭގި ކަރުތެރެއަށް ފެން (ނުވަތަ ލޮނު) ވަދެދާނެތީއެވެ.

 

24- އަހަރެމެންނަކީ ފެން މީރު ކުރުމުގެ ޕުލާންޓެއްގައި މަސައްކަތް ކުރާ ބައެކެވެ. އަދި ބައެއްފަހަރު މަސައްކަތުގެ ތެރޭގައި ނޭފަތަށް އާވި ވަންނަގޮތް ދިމާވެއެވެ. ވީމާ ރޯދަ ކަމުދާނެހެއްޔެވެ؟

ޖަވާބު : ސުޢޫދީއްޔާގެ ދާއިމީ ފަތުވާ ކޮމިޓީ

ތި ބުނި ގޮތަށް ކަންތައް އޮތްނަމަ ރޯދައަށް އަސަރެއް ނުކުރާނެއެވެ.

 

25- މަދަރުސާ ކުއްޖެއް، އިމްތިޙާނަށްޓަކައި ރޯދަ ދޫކުރުން ހުއްދަވާނެހެއްޔެވެ؟

ޖަވާބު : އައްޝައިޚް ޢަޠިއްޔާ ޞަޤްރު

އިމްތިޙާނަކަށް ތައްޔާރު ވުމުގެ ގޮތުން ކޮންމެހެން ދުވާލު ދަސްކުރުމަކީ ލާޒިމު ކަމެއް ނޫނެވެ. ކިޔަވާ ކުއްޖަކަށް ރޭގަނޑުވެސް ފިލާވަޅު ދަސްކުރެވިދާނެއެވެ. ދުވާލު ހޫނު ގަދަވެފައި ދިގުނަމަ ރޭގަނޑު ދަސްކުރާށެވެ. ތިމަންނަ ބޭނުމީ ހަމައެކަނި ދުވާލު ގަޑީގައި ދަސްކުރާށޭ ކިޔާފައި، ރޯދަ ނުހިފުން އެއީ ހުއްދަވާނެ ކަމެއް ނޫނެވެ.

އިމްތިޙާން ބޭއްވެނީ ދުވާލު ގަޑީގައި އަދި ހޫނު ގަދަ ވަގުތު ކަމަށްވެފައި، ރޯދަ ހިފައިގެން ހުރެ އިމްތިޙާން ހަދާ ގަޑީގައި ވަރުބަލިކަން ވަރަށް ބޮޑަށް އިޙްސާސް ކުރެވި ވިސްނުމަށް އަސަރު ކުރާނަމަ، ރޯދަ ދޫކޮށްލުން ހުއްދަވާނެއެވެ.

މީގެ މާނައަކީ އިމްތިޙާން އޮންނަ ދުވަހުގައި ރޯދަ ހިފަން ރޭގަނޑު ނިޔަތްގަނެ، ހާރު ކެއުމަށްފަހު ފިލާވަޅު ދަސްކޮށް ހަދާނީއެވެ. އަދި ބޭނުންނަމަ އަރާމުކޮށްލުމަށްފަހު އިމްތިޙާނަށް ދާވަގުތު ޖެހޭއިރުވެސް ވިސްނުމަށް އަސަރު ކުރާވަރުގެ ވަރުބަލިކަމެއް އިޙްސާސް ނުވާނަމަ، ރޯދަ ކުރިއަށް ގެންދާނީއެވެ.

އިމްތިޙާން އޮންނަ ދުވަހު ރޯދަ ނުހިފާނަމޭ ބުނެ، ހާރުކެއުމެއްވެސް ނެތި ހުރެ، އިމްތިޙާނޭ ކިޔާފައި ރޯދަ ނުހިފައި ހުރުން ހުއްދައެއް ނުވާނެއެވެ. އެއީ ''ވެދާނެ'' ވަރުބަލިކަމަކީ ގުނޭނެ އެއްޗެއް ނޫނެވެ. ފަހަރެއްގައި ވަރު ހުރެވެސް ދާނެއެވެ. ނުހުރެވެސް ދާނެއެވެ. ވީމާ އެކަން އެނގެންދެން ރޯދަ ހިފަން ޖެހޭނެއެވެ.

ހަމަ އެހެންމެ، އިމްތިޙާން އޮންނަނީ ހެނދުނުގެ ފިނިވަގުތުގައި ކަމަށްވެފައި، މާކަބޮޑު ވަރުބަލިކަމެއް ނެތްނަމަ ރޯދަ ދޫކޮށްލުން ހުއްދައެއް ނުވާނެއެވެ. ފިނި މޫސުމާއި، ފިނި ދުވަސް ދުވަހު ގައިވެސް ކަން އޮތީ މިފަދައިންނެވެ. އަދި އިމްތިޙާން ހަދާ ކުދިންނަށް އަހަރެން ބުނަން އޮތީ، ﷲ އަށް ތަޤްވާވެރިވުމަށެވެ. އަދި އެކަލާނގެއަށް ކިޔަމަންތެރިވުމަށެވެ. ﷲ ވަޙީ ކުރައްވަނީ وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْراً

މާނައަކީ : ''މާތް ﷲ ކިބަފުޅަށް ތަޤުވާވެރިވާ މީހާއަށް، ކަންކަމުގައި ފަސޭހަ ގޮތް އެކަލާނގެ މެދުވެރި ކުރައްވާނެއެވެ. ''

 

26- ވުޟޫ ކުރާއިރު އަނގައަށް ފެންލުމުގެ ތެރޭގައި، ކަރުތެރެއަށް ފެންހިނގައްޖެނަމަ ރޯދަ ގެއްލޭނެ ހެއްޔެވެ؟

ޖަވާބު : އިބްނު ޢުޘައިމީން

ވުޟޫ ކުރުމުގެ ތެރޭގައި ޤަސްދަކާއި ނުލައި، ކަރުތެރެއަށް ފެންދިޔައަސް ރޯދަ ނުގެއްލޭނެއެވެ. ޙުކުމް ބިނާވަނީ ޤަސްދަކާއި ލައިގެން ކުރާ ކަންކަމަށެވެ.

 

27- ރޯދަ ދޫކޮށްލުން ހުއްދަވާ، ދަތުރުގެ ދިގުމިނަކީ ކޮބައިހެއްޔެވެ؟

ޖަވާބު :އިބްނުޢުޘައިމީން

ރޯދަ ދޫކޮށްލުން ހުއްދަވާ، ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް 83 ކިލޯމީޓަރެވެ. ނަމަވެސް ބައެއް ޢިލްމުވެރިން މިފަދަ ދަތުރުގެ ވަކި ޚާއްޞަ ދިގުމިނެއް ކަނޑަނާޅުއްވައެވެ. ކިއެއްތަ އާއްމުކޮށް ކިޔައި އުޅޭގޮތުން ދަތުރުގެ ނަންދެވޭ ކޮންމެ ދަތުރަކީ ރޯދަ ކެނޑުން ހުއްދަ ދަތުރެވެ.

ނޯޓް : (ކަނޑު ދަތުރު ކުރުމެކޭ މަތިންދާ ބޯޓު ދަތުރުކުރުމެކޭ ވަކި ތަފާތެއް ނޯވެއެވެ. އަދި ދަތުރު ކުރާ ބޯޓުގެ ގިނަ މީހުން ރޯދަ ހިފިއަސް، ރޯދަ ނުހިފައި ހުންނަ މީހާއަކީ ''ފާފަވެރި'' މީހެއްވެސް ނޫނެވެ.)

 

28- ރޯދަވެރިއާ ރޯދައަށް ހުރެގެން، އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ދޮންދީ، ކުޅެ ހެދުން ހުއްދަވާނެހެއްޔެވެ؟

ޖަވާބު : އިބްނު ޢުޘައިމީން

އާއެކެވެ. ރޯދަވެރިއާ އޭނާގެ އަނބިމީހާއަށް ދޮންދީ، ކުޅެހެދުން ހުއްދަވާނެއެވެ. ރަމަޟާން މަސް އަދި އެނުން މަހަކު ރޯދައަށް ހުއްޓަސް ވަކި ތަފާތެއް ނެތެވެ.

އެކަމަކު އެކަމުން އޭނާގެ މަނި ފައިބައިފިނަމަ އޭނާގެ ރޯދަ ފާސިދުވާނެއެވެ.

ރަމަޟާންމަހުގައި ނަމަ، ބާކީ އޮތްވަގުތު ރޯދައަށް ހުރެފައި، އެދުވަހުގެ ބަދަލުގައި ޤަޟާ ރޯދައެއް ފަހުން ހިފުން ވާޖިބުވާނެއެވެ.

މިހެން މިކަން ދިމާވީ (މަނިފޭބުން) ރޯދަ މަސް ނޫންމަހެއްގައި ނަމަ، ރޯދަ ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ. ވާޖިބު ރޯދައެއް ނަމަ އެހެން ދުވަހަކު ހިފަން ޖެހޭނެއެވެ. ސުންނަތް ރޯދައެއްނަމަ ފަހުން ހިފާކަށް ނުޖެހޭނެއެވެ.

ނޯޓް : މިތާގައި ބުނެވިފައިވަނީ ދޮން ދީގެން މަނި ފައިބައިގެން ރޯދަ ފާސިދުވާ ވާހަކައެވެ. ޖިމާޢުވުމުން ރޯދަ ފާސިދުވީމާ އެއީ މުޅިން ވަކި ޙުކުމެއް އަންނަ ކަމެކެވެ.

މިސާލު :

* ރޯދަމަސް = ބާކީ އޮތް ވަގުތު ރޯދަ ފުރިހަމަ ކުރުން + އެ ރޯދަ އަލުން ޤަޟާކުރުން

* ރޯދަ މަސް ނޫންމަހަކު ހިފާ ވާޖިބު ރޯދައެއް، މިސާލަކަށް ނަދުރު، ކައްފާރާ، ޤަޟާ ރޯދެއެއްނަމަ = ދުވަސް ފުރިހަމަ ކުރާކަށް ނުޖެހޭ + އަލުން ރޯދަ ހިފަން ޖެހޭނެ

* ސުންނަތް ރޯދަ = ދޮން ދިނުމުގެ ތެރޭގައި ރޯދަ ފާސިދުވިއަސް، އަލުން ރޯދަ ހިފާކަށް ނުޖެހޭ.

 

29- ވަރަށް ބޮޑަށް މުސްކުޅިވެގެން ނުވަތަ ފަރުވާ ނުކުރެވޭނެ ބައްޔެއް ހުންނަ މީހާގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

ޖަވާބު : އިބްނު ޢުޘައިމީން

މުސްކުޅިވެގެން ނުވަތަ ފަރުވާ ނުކުރެވޭނެ ބޮޑު ބައްޔެއްވެގެން، ރޯދަ ހިފަން ނުކުޅެދޭ މީހާގެ މައްޗަށް ރޯދަހިފުން ވާޖިބެއް ނޫނެވެ. އޭނާއަށް ވާޖިބުވާނީ ކޮންމެ ދުވަހައެއްގެ ބަދަލުގައި ފަޤީރު ނުވަތަ މިސްކީނަކަށް ކާން ދޭށެވެ.

 

30- ރޯދަ ހިފައިގެން ހުރެ އަންހެން ކުދިންނަށް ބެލުމުން (ޝަހުވަތާއެކު ހިލޭ އަންހެނުންނަށް) ރޯދައަށް އަސަރު ކުރާނެ ހެއްޔެވެ؟

ޖަވާބު : އިބްނު ޢުޘައިމީން

އާއެކެވެ. ކޮންމެ ފާފައަކީ ރޯދައަށް އަސަރު ކުރުވާނެ ކަމެކެވެ. އެހެނީ ﷲ އަހަރެމެންގެ މައްޗަށް ރޯދަ ފަރުޟު ކުރެއްވީ، ތަޤްވާވެރި ވުމަށްޓަކައެވެ. ތިފަދަ ކަމެއް ދިމާވެފައި ހުރި މީހަކަށް ސަލާމަތްކަން ދެއްކެވުން އެދި އަހަރެން ދުޢާކުރަމެވެ. ބަލާލާ ބެލުމަކީ ޝައިޠާނާގެ ދުނިތަކުގެތެރެއިން ވާ އެއްޗެކެވެ. އަދި ބަލާލާ ބެލުމަކުން ފާޙިޝްކަންތަކަށް މަގުފަހިކޮށްދީފައިވަނީ ކިތެއްފަހަރު ހެއްޔެވެ. ވީމާ މިފަދަ ކަމެއް ކުރާ މީހުންޖެހޭނީ ﷲއަށް ދުޢާކޮށް ސަލާމަތަށް އެދި ތައުބާ އާކުރާށެވެ. (ރޯދައަށް އަސަރު ކުރުމޭ މިތާގައި ބުނުމުގެ މާނައަކީ، ރޯދައިގެ ޘަވާބު އުނިވެ، އަދި ބެލުމުން ލިބޭ ފާފަ ލިބުމެވެ. ހިލޭ އަންހެނުންނާ ދިމާލަށް ބެލިއަސް ރޯދަ ފާސިދެއް ނުވާނެއެވެ.)

 

31- އަހަރެން ޙައިޟުވުމުގެ ސަބަބުން ދޫކުރި ރޯދަތައް އަދިވެސް ޤަޟާ ނުކުރަމެވެ. އެއީ މީގެ 3 އަހަރުވަރު ކުރީގެ ރޯދަތަކެކެވެ. ވީމާ އަހަރެން ހަދާނީ ކިހިނެއްހެއްޔެވެ؟

ޖަވާބު : އިބްނު ޢުޘައިމީން

ފިޤުހުވެރިންވެސް އެއްބަސްވެލައްވާ ގޮތުގައި، ރަމަޟާންމަހު ދޫކޮށްލެވޭ ރޯދަތައް، ޖެހިގެން އަންނަ ރަމަޟާން މަސް އައުމުގެ ކުރިން ހިފައި ޤަޟާކުރުން ވާޖިބެވެ.

ދެން މިގޮތަށް ޤަޟާނުކޮށް އަނެއް ރޯދަމަސް ފެއްޓިއްޖެއްޔާ، އެކަން އެހެންވެފައި އޮންނާނީ މި އަންނަވި ދެގޮތުން ކުރެ ގޮތަކަށެވެ.

އެކެއް: ނުހިފައި ލަސްކުރީ ޝަރުޢީ ގޮތުން ޤަބޫލުކުރެވޭ އުޒުރަކާއި ލައިގެންކަމަށް ވުން. އެހެން ކަމަށް ވަނީނަމަ، އޭނާ ލަސްކުރުމުން ފާފަވެރިއެއް ނުވާނެއެވެ. (މިސާލަކަށް : ބަލިވެގެން ރޯދަ ދޫކޮށްފައި އަނެއް އަހަރު ޖެހުނު އިރުވެސް ބަލި ރަނގަޅު ނުވުން ) އޭނާ ކުރަން ޖެހޭހާ ވެސް ކަމަކީ، ރޯދަ ހިފޭ ވަރުމުން، ދޫކުރި ޢަދަދަށް ރޯދަ އަލުން ހިފުމެވެ.

ދޭއް: އުޒުރަކާއި ނުލައި ލަސް ކުރުން. އެހެން ކަމަށް ވަނީނަމަ އޭނާ ފާފަވެރިވާނެއެވެ. ފިޤުހުވެރިން އެންމެންވެސް އެއްބަސްވެލައްވާ ކަމަކީ އޭނާ ދޫކުރި ރޯދަ ޤަޟާކުރުން ވާޖިބުވާނެކަމެވެ.

ނަމަވެސް ޤަޟާ ކުރުމުގެ އިތުރުން ކޮންމެ ދުވަހަކަށް، މިސްކީނަކަށް ކާންދޭންޖެހޭތޯ؟ ނޫން ތޯ؟ މިއީ އުފެދިފައިވާ ސުވާލެކެވެ. އިމާމް މާލިކް، އިމާމް ޝާފިޢީ، އަޙްމަދު ވިދާޅުވަނީ ޤަޟާކުރުމުގެ އިތުރުން އުޒުރަކާއި ނުލާ ލަސްކުރީތީ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންވެސް ދޭންޖެހޭނެ ކަމަށެވެ. މި ބޭފުޅުންގެ ދަލީލަކީ އަބޫހުރައިރާ، އިބްނު ޢައްބާސްގެ ބަސްފުޅުތަކެކެވެ.

އިމާމް އަބޫޙަނީފާ ވިދާޅުވީ ކާން ދޭން ނުޖެހޭނެކަމަށެވެ. މާނައަކީ ޤަޟާކުރުމުގެ އިތުރު ކަމެއް ކުރަން ނުޖެހޭކަމަށެވެ. ދަލީލަކަށް ނެންގެވީ ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތެވެ. އެ އާޔަތުގައި ﷲ އަމުރު ކުރައްވަނީ ބަލިވެގެން، ނުވަތަ ދަތުރުގެ ސަބަބުން ދޫކުރެވޭ ރޯދަ، އެހެން ދުވަހަކުން ހިފުމަށް އެކަންޏެވެ. އިތުރަށް މިސްކީނުންނަށް ކާންދޭކަށް ނާންގަވައެވެ.

އަހަރެން (ބިންޢުޘައިމީން) އިޚްތިޔާރު ކުރާނީ ފަހުން މި ބުނެވުނު ދެވަނަ ރައުޔެވެ. އިމާމް ބުޚާރީވެސް އިޚްތިޔާރު ކުރެއްވީ މި ރައުޔެވެ. ވީމާ އާޔަތުގައި ރޯދަ ޤަޟާކުރުމުގެ އިތުރު ކަމެއް ނެތުމާއި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެހެން ކަމެއް އަމުރު ނުކުރައްވާތީ ނަގަން ޖެހެނީ މި ރައުޔެވެ. އަބޫހުރައިރާ، އިބްނު ޢައްބާސް އެހެން ވިދާޅުވީ މުސްތަޙައްބު ކަމެއްގެ ގޮތުގައި ކަމަށްވުން އެކަށީގެންވެއެވެ.

ވީމާ ރަމަޟާން މަހުގެ ރޯދައެއް ދޫވީމާ ވާޖިބުވާނީ ހަމައެކަނި އެ ރޯދަ ޤަޟާކުރުމެވެ. ކާންދޭކަށް ވާޖިބެއް ނޫނެވެ. އެކަމަކު މީހަކު ރައްކާތެރިވުމުގެ ގޮތުން ކާންދިނުން އެއީ ރަނގަޅު ގޮތެކެވެ.

އަދި މި ސުވާލު ކުރި މީހާ ރޯދަ ޤަޟާނުކޮށް ލަސްކުރީ އުޒުރަކާއި ނުލައިނަމަ، ތައުބާވެ ދެން އެހެން ނަހަދަން ޢަޒުމު ކަނޑައަޅަން ޖެހޭނެއެވެ.

 

32- އަހަރެން މިއަހަރު ތައުބާވެއްޖައީމެވެ. އަދި މިއަދު އެނގުނު ގޮތުގައި އަމިއްލައަށް ޖިންސީ އެދުން ފުއްދުމަކީ (މަނި ބޭރުކުރުން) ރޯދަ ގެއްލޭކަމެކެވެ. ހިތާމައަކީ މީގެ ކުރީ ރަމަޟާން މަސްތެކެއްގައި އަހަރެންނަށް ނޭނގި މި ފާފަ ކުރެވިއްޖެއެވެ. ވީމާ އަހަރެން ހަދާނީ ކިހިނެއްހެއްޔެވެ؟ އަދި ބުނަމެވެ. އެ ދުވަސްތަކުގެ ޢަދަދެއް މިހާރަކު ނޭނގެއެވެ؟

ޖަވާބު : މުޙައްމަދު ޞާލިޙް އަލްމުނައްޖިދް

ތައުބާވުމުގެ ހިދާޔަތް ކަލެއަށް ދެއްވި ﷲއަށް ޙަމްދު ކުރަމެވެ. އަދި ކަލޭގެ ތައުބާ ޤަބޫލު ކުރައްވާ ފާފަ ފުއްސަވާ، ސީދާ މަގުގައި ސާބިތުކުރެއްވުން އެދި ދުޢާކުރަމެވެ.

މިއަށްފަހު ބުނަމެވެ. ރޯދަ ފާސިދުވާ ކަންތައްތަކަކީ ކޮބައިކަން ނޭނގި އެއިން ކަމެއް ކުރެވުމުން ރޯދަ ގެއްލޭނެތޯ؟ ނޫންތޯ ؟ މި މައްސަލާގައި ދެ ރައުޔެއް ޢިލްމުވެރިންގެ މެދުގައިވެއެވެ.

އެކެއް :

އެ ކަމުން ރޯދަ ގެއްލޭނެއެވެ. މިއީ އިމާމް ޝާފިޢީ، އިމާމް އަޙްމަދުގެ މަޛްހަބެވެ. އެކަމަކު، އެ މީހަކީ އަލަށް އިސްލާމްވެގެން އުޅޭ މީހެއް ނުވަތަ، ޢިލްމުވެރިންނާއި ދުރުގައި އުޅޭ މީހެއް ނަމަ ރޯދަ ނުގެއްލޭނެ ކަމަށް ޝާފިޢީ ވިދާޅުވެއެވެ.

އިމާމް ނަވަވީ ''އަލްމަޖްމޫޢް'' ( 6/352 ) ގައި ވިދާޅުވެއެވެ. ''ރޯދަވެރިއާ ކެއުން، ޖިމާޢުވުން، އަދި ބުއިމަކީ ޙަރާމްކަމެއްކަން ނޭނގި ކޮށްފިއްޔާ އޭނާއަކީ އަލަށް އިސްލާމްވެގެން އުޅޭ ނުވަތަ ދުރު ހިސާބެއްގައި ވަކިން އުޅޭ މީހެއްނަމަ، ރޯދަ ނުގެއްލޭނެއެވެ. އެއީ އޭނާ ފާފަވެރިއެއް ނުވާނެއެވެ. އަދި ޙުކުމް، ޙަދީޘުން ސާބިތުވެފައިވާ ހަނދާން ނެތޭ މީހާއާއި އޭނާއާއި އެއްގޮތެވެ. އަދި އޭނާއަކީ މުސްލިމުންނާއި އެއްތަންވެ، އެއީ ޙަރާމްކަމެއްކަން ނޭނގި ނުދާނެ މީހެއްނަމަ، ރޯދަ ގެއްލޭނެއެވެ.'' އ . ހ

ސުޢޫދިއްޔާގެ ދާއިމީ ފަތުވާ ކޮމިޓީ، އިޚްތިޔާރު ކުރި ބަހަކީވެސް މިއީއެވެ. މި ކޮމިޓީއަށް ރޯދަވެރިއަކު ޙަރާމްކަން ނޭނގިހުރެ މަނިބޭރިކޮށްފިނަމަ، ރޯދަ ގެއްލޭނެ ތޯ ސުވާލު ކުރެވުމުން ބުނީ ''މަނި ބޭރުކުރުމަކީ ރޯދަ ގެއްލޭކަމަކަށްވާތީ، އޭނާ އެ ރޯދަ ޤަޟާކުރަން ވާޖިބުވާނެއެވެ. އަދި އެ ދުވަސްތަކުގެ ޢަދަދު ހޯދަން މަސައްކަތް ކުރާށެވެ.'' އ. ހ

ދޭއް :

ދެވަނަ ރައުޔަކީ ހަންދާން ނެތޭ މީހާގެ ރޯދަ ނުގެއްލޭފަދައިން، މަނި ބާރުކުރުމުން ރޯދަ ގެއްލޭކަން ނޭގޭ މީހާގެ ރޯދަވެސް ނުގެއްލޭނެ ކަމަށް ބުނާ ރައުޔެވެ.

މި ރައުޔު އިޚްތިޔާރު ކުރެއްވީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އަދި އިބްނުލްޤައްޔިމް އެވެ.

''އަލްފަތާވަލް ކުބްރާ'' 2/19 ގައި އިބްނު ތައިމިއްޔާ ވިދާޅުވެއެވެ. ''ރޯދަ ގެއްލޭ ކަމެއް، އެއީ ޙަރާމްކަމެއްކަން ނޭނގި ކުރުމުން ރޯދަ އަލުން ހިފަންޖެހޭނެހެއްޔެވެ؟ އަޙްމަދުގެ މަޛްހަބުގައި ދެ ރައުޔެއްވެއެވެ. ބޮޑަށް ބެލެވެނީ، އެ ރޯދަ އަލުން ހިފަން ނުޖެހޭނެކަމަށެވެ. ތަކްލީފުވަނީ ޙުކުމް ތަބްލީޣްވީމައެވެ. ........ ''

''އިޢްލާމުލް މުވައްޤިޢީން'' 4/66 ގައި އިބްނުލްޤައްޔިމް ވިދާޅުވެއެވެ. ''ކަޅުރޮދިއާއި ހުދުރޮދީގެ މާނަ ނުބައިގޮތަކަށް ވިސްނިގެން އިރުއެރިއިރު ކެއި މީހާއަށްވެސް، އެ ރޯދަ އަލުން ޤަޟާކުރަން ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރުނުކުރައްވައެވެ. ''

ރަމަޟާން މަހު ދުވާލު ރޯދައަށް ހުރެގެން އެއީ ރޯދަ ގެއްލޭ ޙަރާމް ކަމެއްކަން ނޭނގި، މަނި ބޭރުކުރި ޒުވާނަކާ ބެހޭ ގޮތުން، ޝައިޚް އިބްނު ޢުޘައިމީން އާއި ސުވާލު ދެންނެވުމުން މި ޖަވާބު ދެއްވިއެވެ.

'' މައްސަލައިގެ ޙުކުމަކީ އޭނާއަށް ފާފައެއް ނެތެވެ. އެއީ ކުރިން އަހަރެން ބުނި ފަދައިން ރޯދަ ގެއްލޭ ކަމަކުން ރޯދަވެރިއާގެ ރޯދަ ގެއްލޭނީ ތިން ޝަރުޠެއް ފުރިހަމަވުމުންނެވެ. އެއީ : ޙުކުމް އެނގުން، ހަނދާން ހުރުން، މަޖްބޫރުކަމެއް ނެތި ކުރުން. މިހެން ކަން އޮތަސް، ބޮޑަށް ރައްކާތެރި ގޮތަކީ އެ ރޯދަތައް ޤަޟާކުރުމެވެ. އަދި ޢަދަދު ހޯދޭތޯ ބަލާށެވެ.

ނަމަވެސް އަހަރެން އަދި ބުނަމެވެ. މަނި ބޭރުނުކޮށް ކެތްތެރިވުން އެއީ މުސްލިމުންނަށް ވާޖިބުކަމެކެވެ. އެހެނީ އަމިއްލައަށް ޖިންސީ އެދުން ފުއްދުމަކީ ޙަރާމް ކަމެކެވެ. ﷲ ވަޙީކުރައްވަނީ: وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ إِلَّا عَلَى أَزْوَاجِهِمْ أوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ  فَمَنِ ابْتَغَى وَرَاء ذَلِكَ فَأُوْلَئِكَ هُمُ الْعَادُونَ

މާނައަކީ: ''އަދި އެ މީހުންނީ އެމީހުންގެ ފަރުޖުތައް(އެބަހީ ޖިންސީ ގުނަވަންތައް) ރައްކާތެރި ކުރާމީހުންނެވެ. އެބައިމީހުންގެ އަނބީންނާއި ފިރިން ނުވަތަ އެބައިމީހުންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ ހަމަކަށަވަރުން އެބައިމީހުންނީ އެބައިމީހުންނަށް މަލާމާތް ލިބިގެން ނުވާ މީހުންނެވެ. ފަހެ އޭގެ ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ، ފަހެ އެފަދަ މީހުންނީ ހުއްދަވެގެންވާ ސަރަހައްދު ފަހަނައަޅައި ދާ މީހުންނެވެ.''

އަދި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވަނީ: ‏ ‏يَا مَعْشَرَ الشَّبَابِ مَنْ اسْتَطَاعَ مِنْكُمْ ‏ ‏الْبَاءَةَ ‏ ‏فَلْيَتَزَوَّجْ وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ ‏ ‏وِجَاءٌ

މާނައަކީ: ''އޭ އެންމެހައި ޒުވާނުންނޭވެ. ކަލޭމެންގެ ތެރެއިން ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހަކު، ކައިވެނި ކުރާށެވެ. ފަހެ އެއީ ބެލުން ތިރިކުރުމަށް އެހީވެދޭ، ފަރުޖު ރައްކާތެރިކޮށްދޭ ކަމެކެވެ. އަދި ކުޅަދާނަވެގެން ނުވާ މީހަކަށް އޮތީ ރޯދަ ހިފުމެވެ. ފަހެ އެކަމުން ޝަހުވަތްތެރިކަން ކުޑަވެއެވެ. (ރަވާހު އަލްބުޚާރީ ވަ މުސްލިމް)

އަމިއްލައަށް ޖިންސީއެދުން ފުއްދުމަކީ ހުއްދަކަމެއްނަމަ، ކައިވެނި ނުކުރެވޭ މީހުން އެކަން ކުރުމަށް ރަސޫލާ އިރުޝާދު ދެއްވީހެވެ. އަދި އެ ކަމަކީ ރޯދައިން ލިބޭ ވަރުބަލިކަމާއި ޚިލާފަށް މީހާއަށް ''އަރާމެއް'' ލިއްބައިދޭ ކަމަކަށް ވާހިނދު ވެސް، އެކަމަށް އިރުޝާދު ނުދެއްވާ ރޯދަ ހިފަން އަމުރު ކުރެއްވުމުން އެނގޭ ކަމަކީ، އިސްތިމްނާ (އަމިއްލައަށް ޖިންސީ އެދުންފުއްދުން) އެއީ ޙަރާމް ކަމެއްކަމެވެ.

ނޯޓު : ރޯދަ ފާސިދުވާ ކަމެއްކަން ނޭނގި ރޯދަ ފާސިދުވާ ކަމެއް ކުރުމުން އެ ރޯދަ ޤަޟާކުރަން ޖެހުމުގެ މައްސަލާގައި އިބްނު ބާޒް ވެސް ވިދާޅުވެފައިވަނީ ރޯދަ ޤަޟާކުރަން ޖެހޭނެ ކަމަށެވެ. އެއީ ނޭނގި ހުރުން އެއީ އޭނާގެ ފަރުވާ ކުޑަކަމުން ވީ ކަމަކަށްވާތީއެވެ. ޝަރުޢީ ޙުކުމް ޚާއްޞަކޮށް ޙަލާލް ޙަރާމް ޙުކުމް ދަސްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބުކަމެކެވެ. މިކަންތައް ނޭނގި އޭނާގެ އަޅުކަމާއި އަޚްލާޤު ރަނގަޅު ގޮތެއްގައި ނުދާނެއެވެ.

އަމިއްލައަށް ޖިންސީ އެދުން ފުއްދުމާ ބެހޭ ލިއުން ކިޔަން، މި ގުޅުމަށް ފިތާލާށެވެ. (އަމިއްލައަށް ޖިންސީ އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟)

 

33-އަހަރެން ރަމަޟާން މަހު ދުވާލު، އަނބިމީހާއާއި އެތައް ފަހަރަކު ޖިމާޢުވެއްޖައީމެވެ. އަދި މިހާރު އަހަރެން އެކަމާއި ވަރަށް ހިތާމަކޮށް ތައުބާވެ ކައްފާރާ ދޭން ބޭނުމެވެ. ނަމަވެސް ދެމަސްދުވަހު ރޯދަ ހިފުން އަހަރެންގެ ވަޒީފާގެ ގޮތުން، އެއީ ވަރަށް ބުރަކަމެކެވެ. ވީމާ ހަދާނީ ކިހިނެއް ހެއްޔެވެ؟

ޖަވާބު : މުޙައްމަދު ޞާލިޙް އަލްމުނައްޖިދް

ނަސޭހަތަކީ ކައްފާރާއެއްގެ ގޮތުން ޖެހިޖެހިގެން ދެމަސް ދުވަހު ރޯދަހިފާށޭއެވެ. ބޭނުން ނަމަ ހޫނު މޫސުމުގެ ބަދަލުގައި ފިނި މޫސުމުގައި ދުވާލުގެވަގުތު ކުރުވީމާ ވެސް ރޯދަ ހިފިދާނެއެވެ. (ރާއްޖޭގައި ނަމަ ތަންކޮޅެއް ވިއްސާރަ މޫސުމަކާ ދިމާކުރެވިދާނެއެވެ.) އަދި މަސައްކަތުގެ ޗުއްޓީ ލިބޭ މަސްތަކުގައި ހިފުމުން ވެސް ފަސޭހަކަން ލިބޭނެއެވެ.

ހަމަ ޙަޤީޤަތުގައިވެސް ދެ މަސްދުވަހު ރޯދަ ހިފަން ނުކުޅެދިއްޖެނަމަ، ފަސްދޮޅަސް މިސްކީނުންނަށް ކާންދެވިދާނެއެވެ. ކުޅަދާނައިއްޔާ އެއްފަހަރާވެސް ފަސްދޮޅަސް މީހުންގެ ކާނާ (އެކަމަކު ފަސްދޮޅަސް މީހުންނަށް) ނެރެވިދާނެއެވެ. ނޫނީ ވަކިވަކިންވެސް ދެވިދާނެއެވެ.

އަދި އަނބިމީހާވެސް ރޯދައަށް ހުރެގެން ޖިމާޢުވީ އޭނާގެ އިޚްތިޔާރާ އެކުނަމަ އޭނާގެ މައްޗަށްވެސް ކައްފާރާ ވާޖިބު ވާނެއެވެ. ނޫންނަމަ ނުވާނެއެވެ.

ދެން ކައްފާރާގެ ޢަދަދު ގިނަވާނީ ޖިމާޢުވާ ދުވަހުގެ ޢަދަދު ގިނަވީމައެވެ. މާނައަކީ އެއް ދުވަހު ޖިމާޢުވެއްޖިއްޔާ ދޭން ޖެހޭނީ އެއް ކައްފާރާއެވެ. ދެ ދުވަހު ކަމަށް ވަނީނަމަ ދެ ކައްފާރާއެވެ.

ވީމާ އެއްދުވަހަކު އެތައްފަހަރަކު ޖިމާޢުވިޔަސް ވާޖިބުވާނީ ހަމަ އެއް ކައްފާރާއެވެ. އެއީ އަޅަކު މިނިވަން ކުރުން (މިޒަމާނު ނުކުރެވޭނެ ކަމެއް)، ނުވެއްޖެ ނަމަ ދެ މަސް ދުވަހުގެ ރޯދަ ހިފުން، ނުވެއްޖެނަމަ 60 މިސްކީނުންނަށް ކާން ދިނުމެވެ.

34- އަހަރެންގެ އަންހެނުން، ރަމަޟާން މަހު ޙައިޟުގެ ސަބަބުން ދޫކޮށްލި ރޯދައެއް ޤަޟާކުރަމުން ދަނިކޮށް، އަންހެނުންނާއި އަހަރެން ޖިމާޢުވެއްޖައީމެވެ. ކުރިން އަހަރެމެން ހީކުރީ ޤަޟާކުރާ ރޯދައަކީ ހަމަ ސުންނަތް ރޯދައިގެ ޙުކުމަށް ފެއްތޭ އެއްޗެއް ކަމަށެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެއީ ނުބައި ހީއެކެވެ. ވީމާ މި މައްސަލައިގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

ޖަވާބު : މުޙައްމަދު ޞާލިޙް އަލްމުނައްޖިދް

ރަމަޟާންމަހުގެ ރޯދައިގެ ޤަޟާ ރޯދައަކީ، އެ ހިފައިގެން ހުރެފައި ޝަރުޢީ އުޒުރަކާއި ލައިގެން މެނުވީ، ކެނޑުން ހުއްދަ އެއްޗެއް ނޫނެވެ. ވީމާ މީހަކު ރޯދަ ޤަޟާކުރަން ރޯދަ ހިފައިފިއްޔާ އިރު އޮއްސެންދެން އެ ރޯދަ ފުރިހަމަ ކުރަން ޖެހޭނެއެވެ.

މި ފަދަ ރޯދައަކީ ފަހަރެއްގައިވެސް ސުންނަތް ރޯދަ ފަދައިން، ބޭނުމިއްޔާ ދުވާލު ރޯދަ ކަނޑާފައި ބޭނުން ނޫނިއްޔާ ފުރިހަމަ ކުރުމުގެ އިޚްތިޔާރު ލިބިފައި އޮންނަ ރޯދައެއް ނޫނެވެ. މީހަކު ސުންނަތް ރޯދައެއް ހިފައިގެން ހުރިއްޔާ ބޭނުން އިރަކު އެ ރޯދަ ފުރިހަމަ ނުކޮށް ކަނޑާލުމުގެ މިނިވަންކަން އޮވެއެވެ.

 

ދެން ކައްފާރައާއި ބެހޭ ގޮތުން އޮތް ވާހަކައަކީ، ކައްފާރާ ވާޖިބު ވަނީ، ރަމަޟާންމަހު ދުވާލު ޖިމާޢުވީމާ އެކައްޏެވެ. އެހެން މަހެއްގައި ހިފަމުންދާ ރޯދައެއް، ވާޖިބު ރޯދައެއްގެ ތެރޭގައި ޖިމާޢުވިއަސް ކައްފާރާ ދޭކައް ނުޖެހޭނެއެވެ. ޖެހޭނީ އަލުން އެ ރޯދަ ހިފާށެވެ. އަދި ކެނޑުން ހުއްދަ ނޫން ރޯދައެއް ކެނޑީމާ ތައުބާވެ ދެން އެފަދަ ކަމެއް ނުކުރުމުގެ އަޒުމް ކަނޑައަޅަން ޖެހޭނެއެވެ.

 

35- ރޯދަ ހިފައިގެން ހުރެ، އަންހެނުންނަށް ނުވަތަ ފިރިހެނުންނަށް ދޮން ދީ، ކުޅެ އުޅުމުގެ ތެރޭގައި ނުވަތަ ފިރިހެނަކަށް ރީތި އަންހެނެއް ފެނިގެން، މަޛްޔު ފައިބައިފިއްޔާ ރޯދަ ގެއްލޭނެ ހެއްޔެވެ؟

ޖަވާބު : އިބްނު ބާޒް

ޢިލްމުވެރިންގެ ބަސްތަކުގެ ތެރެއިން ޞައްޙަކަން ބޮޑު ބަހަށް ބަލާއިރު، މަޛްޔު ފޭބުމުން ރޯދަ ނުގެއްލޭނެއެވެ. އެއީ އަންހެނުންނަށް ދޮން ދީގެންކަމަށް ވިޔަސް ނުވަތަ، ބަރަހަނާ ފިލްމެއް ބަލައިގެން ނުވަތަ އެ ނުންވެސް ޝަހުވަތްތެރިކަން ހިލޭފަދަ ކަމަކުން ވިޔަސް ވެހެވެ.

އެކަމަކު ބުނަމެވެ. މުސްލިމަކު ބަރަހަނާ ފިލްމު ބެލުމަކީ އެއީ މުޅިން ޙަރާމް ކަމެކެވެ. އަދި ހުއްދަ ގޮތުގައި ފިޔަވައި ތިމާގެ ޝަހުވަތްތެރިކަން ފުއްދައިގެން ނުވާނެއެވެ.

ނަމަވެސް ޝަހުވަތާއި އެކު މަނި ފައިބައިފިނަމަ ރޯދަ ގެއްލޭނެއެވެ. އެއީ ދޮން ދީގެން ކަމަށް ވިޔަސް، އަންހެނަކަށް ބަލައިގެން ކަމަށް ވިޔަސް، އިސްތިމްނާކޮށްގެން ކަމަށް ވިޔަސް ވެހެވެ.


 ގުޅުންހުރި:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.