އަންގާރަ20201013

އާކުރެވުނީ: 08:43:52

ރޯދައިގެ ހަތްދިހަ މައްސަލަ

roadha-70-massalaﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ، އެކަލާނގެ އަޅުތަކުންނަށް އިތުރު ޘަވާބާއި ބަރަކާތް ހޯދައި، ފާފަތައް ފޮހެވި ދަރަޖަ މަތިވެރި ކުރުމުގެ ފުރުސަތު ލިބޭ މަސްތަކަކާއި ދުވަސްތަކެއް ކަނޑައަޅުއްވާފައެވެ. އެ ގޮތުން ހުރިހާ މަސްތްކަށްވުރެ ރޯދަ މަސް މަތިވެރި ކުރެއްވިއެވެ. ހުރުހާ ދުވަސްތަކަކަށްވުރެ ޢަރަފާތް ދުވަސް މަތިވެރި ކުރެއްވިއެވެ. ހުރިހާ ރެޔަކަށްވުރެ ލައިލަތުލް ޤަދުރިވިލޭރޭ މަތިވެރި ކުރެއްވިއެވެ. ހަފްތާގެ ހުރިހާ ދުވަހަކަށްވުރެ ހުކުރު ދުވަސް މަތިވެރި ކުރެއްވިއެވެ.

އިންސާނުން ހައްދަވައި މާތްﷲ އަމުރު ކުރެއްވީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. އަދި އެންމެ މަތިވެރި އަޅުކަމުގެ ތެރޭގައި ހިމެނޭ އެއް އަޅުކަމަކީ ރޯދަ ހިފުމެވެ. ރޯދަ ހިފުމަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުން ކަމީ ހުރިހާ މުސްލިމުންވެސް ދަންނަ ކަމެކެވެ.

މާތް ﷲ ވަޙީ ކުރައްވަނީ: يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ

މާނައަކީ: ''އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައި މީހުންގެ ކުރީގެ މީހުންނަށް ފަރުޟު ކުރެއްވުނު ފަދައިން، ތިޔަބައި މީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރެއްވިއްޖެއެވެ. އެއީ ތިޔަބައި މީހުން ތަޤުވާވެރިވޭތޯއެވެ.''

އަދިވެސް ވަޙީކުރައްވަނީ: وَأَن تَصُومُواْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ

މާނައަކީ: ''އަދި ތިޔަބައި މީހުން ރޯދައަށް ތިބުން (އެބަހީ އުނދަގޫ ކަމާއެކު ކުޅަދާނަވާ މީހާވެސް) ރޯދައަށް ތިބުން ތިޔަބައި މީހުންނަށް ހެޔޮކަން ބޮޑެވެ.''

ދެން ވަޙީކުރެއްވައި އިރުޝާދު ދެއްވީ ނިޢްމަތަށް ޝުކުރުވެރިވުމުގެ ގޮތުން ރޯދަ ހިފުމަށެވެ. وَلِتُكَبِّرُواْ اللّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ

މާނައަކީ: ''އަދި ތިޔަބައި މީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް، މާތް ﷲގެ ކިބައަށް ތަކުބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައި މީހުން ޝުކުރުވެރިވޭތޯއެވެ. ''

ރޯދަ ފަރުޟު ކުރެއްވުމަށްފަހު އެންގެވީ ރޯދަ އަކީ ބުރަ އުނދަގޫ ކުރުމުގެ ގޮތުން ފަރުޟު ކުރެއްވުނު އެއްޗެއް ނޫންކަން އެންގެވިއެވެ. އަދި އެއީވަކި ދުވަސްތަކަކު ހިފަންޖެހޭ އެއްޗެއްކަންވެސް އެންގެވިއެވެ.

އެ ގޮތުން ވަޙީ ކުރެއްވީ: أَيَّاماً مَّعْدُودَاتٍ

މާނައަކީ: ''ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކަކަށެވެ.''

ހަމަ އެހެންމެ ބަލި މީހުންނާއި ދަތުރުވެރިންނަށް ރޯދަ ހިފުން އުނދަގޫވާނެކަން، އިންސާނުން ހައްދަވާ ހުރިހާކަމެއް މޮޅަށް އެނގިވޮޑިގެންވާ މާތްﷲ ދެނެވޮޑިގެންވެއެވެ. އެގޮތުން މިފަދަ މީހުން އެހެން ދުވަސްތަކަކުން ރޯދައިގެ ޢަދަދު ފުރިހަމަ ކުރުމަށް އެންގެވިއެވެ.

ރޯދައަކީ އެއީ އަޅުކަމެއްގެ އިތުރުން އަދި އޭގައި، ރޫހީ، ޖިސްމާނީ އަދި އިޖްތިމާޢީ ފައިދާތަކެއް ލިބެގެންވާ، ހެޔޮކަންބޮޑު ކަމެކެވެ. ކޮންމެ އަޅުކަމަކީ ވެސް، އެކަން ދަސްކޮށްގެން ކުރަންޖެހޭ ކަމެކެވެ. ޙުކުމްތައް ދަސްކުރަންޖެހޭ ކަމެކެވެ. ނަމަވެސް ބައެއް މީހުންނަށް، ނަމާދުގެ މައްސަލަތަކަށް ދޭ އަހައްމިއްޔަތުކަން، ރޯދައިގެ މައްސަލަތަކަށް ނުދެވެއެވެ. އެހެންވެ، ރޯދައިގެ ޙުކުމްތައް ބައެއް މީހުންނަށް ނޭނގޭތީއާއި އަދި އޮޅުން އަރާފައިވާ މީހުންނަށް އެހީއެއްގެ ގޮތުން ރޯދައާއި ބެހޭ ކުޑަ ލިޔުމެއް ލިޔެލާނަމެވެ. މި ލިޔުމުގައި ހިމެނޭނީ ރޯދައާއި ބެހޭ ޙުކުމްތަކައި އޭގެ އަދަބުތަކާއި ސުންނަތްތަކެވެ.

1- ރޯދައިގެ މާނަ :

ޢަރަބިބަހުން ރޯދަށް ކިޔަނީ ''ޞައުމް'' އެވެ. ޞައުމް އަކީ ހިފަހައްޓައިގެން ހުރުމެވެ.

އެ ބަހުގެ ޝަރުޢީ މާނައަކީ ވަކި ނިޔަތަކާއި އެކު ﷲއަށް ކުރެވޭ އަޅުކަމެއްގެ ގޮތުން، ފަޖުރުއްސުރެ އިރު އޮއްސެންދެން، ފަރުޖާއި ބަޑުގެ ޝަހުވަތާއި ދުރުހެލިވެ ހުރުމެވެ.

2- ރޯދައިގެ ޙުކުމް:

ރޯދައަކީ މުސްލިމުންގެ މައްޗަށް ފަރުޟެކެވެ. އަދި ކަނޑައެޅިގެން ރޯދައާއިމެދު އިންކާރު ކޮށްފިއްޔާ މުރުތައްދުވާނެއެވެ. ރޯދަ ފަރުޟު ކުރެވުނީ ހިޖުރައިން ދެވަނަ އަހަރުގައެވެ. ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ރަމަޟާން މަހުގެ ފަރުޟު ރޯދަ ހިއްޕެވީ ނުވަ އަހަރު އެވެ.

މަތީގައި ހާމަވެ ދިޔަ، ބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުން ޜޯދައިގެ ޙުކުމް އެބަ އެނގެއެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާ، ބުޚާރީ މުސްލިމްގައި ރިވާކުރެވިފައިވާ ޞައްޙަ ޙަދީޘްގައި ވަނީ އިސްލާމް ދީނުގެ ފަސްރުކުނުގެ ތެރޭގައި ރޯދަހިފުން ވާ ކަމަށެވެ.

ޥީމާ، އުޒުރަކާއި ނުލައި ރަމަޟާންމަހު ރޯދަ ނުހިފައި ހުރުމަކީ ބޮޑު ޙަރާމްކަމެކެވެ. ރޯދަ ކެނޑުމުން އަރައިގަނެވެނީ ބޮޑު ފާފައަކަށެވެ.

3- ރޯދައިގެ މަތިވެރިކަން:

ރޯދައިގެ މަތިވެރިކަމާއި ބެހޭ ގޮތުން އެތަކެއް ޙަދީޘެއް ވާރިދުވެފައިވެއެވެ. އެގޮތުން ބުޚާރީ މުސްލިމުގައި އައިސްފައިވާ ޞައްޙަ ޙަދީޘްތަކުގެ ތެރެއިން އެއް ޙަދީޘެއްގައި ވަނީ: أَبي هُرَيْرَةَ ‏ ‏رَضِيَ اللَّهُ عَنْهُ ‏ ‏قَالَ ‏ سَمِعْتُ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يَقُولُ قَالَ اللَّهُ عَزَّ وَجَلَّ ‏ ‏كُلُّ عَمَلِ ابْنِ ‏ ‏آدَمَ ‏ ‏لَهُ إِلَّا الصِّيَامَ هُوَ لِي وَأَنَا أَجْزِي بِهِ

މާނައަކީ: ''އަބޫ ހުރައިރާ ރިވާކުރެއްވިއެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވި އަޑު އަހަރެން އެހީމެވެ. ﷲ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ. ރޯދަ ފިޔަވައި، އާދަމުގެ ދަރިއާ ކުރާ ކޮންމެ ޢަމަލަކީވެސް އޭނާއަށްޓަކައި ވާ އެއްޗެކެވެ. ރޯދައަކީ ތިމަން ރަސްކަލާނގެއަށްޓަކައި ވާ އެއްޗެކެވެ. އަދި އެ ކަމަށްޓަކައި ތިމަންރަސްކަލާނގެ އޭނާއަށް ހެޔޮޖަޒާ ދެއްވާނަމެވެ.''

މުސްލިމުން ކުރާ ހުރިހާ ހެޔޮކަމަކީ ވެސް ﷲގެ ވަޖުހުފުޅަށްޓަކައި ކުރެވޭ ކަމަކަކަށް ވާތީ، މި ޙަދީޘްގައި އޮތް އަސްލު މާނައަކީ ކޮބައިކަމާ މެދު ޢިލްމުވެރިންގެ ޚިޔާލު ތަފާތުވެފައިވެއެވެ. މި ގޮތުން ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވަނީ، ޙަދީޘްގެ މުރާދަކީ، ރޯދައަކީ ނަމާދާއި ޙައްޖާއި ޞަދަޤާތް ދިނުންފަދަ ބޭރުފުށަށް ފެންނަ އަޅުކަންތަކާ ޚިލާފު، އެއްވެސް ކަހަލަ ދެއްކުންތެރިކަމެއް އޭގެ ތެރެއަށް ނުވެއްދޭނެ އަޅުކަމެއް ވާހަކައެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވީ އޭގެ މުރާދަކީ، ރޯދައަކީ ﷲ ނުން އެއްވެސް އިލާހަކަށް އަޅުކަމުގެ ގޮތުގައި ކުރެވުނު ކަމެއް ނޫންވާހަކައެވެ. ހީވާ ގޮތުން ބޮޑަށް ރަނގަޅީ ފުރަތަމަ މާނައެވެ.

ކޮންމެއަކަސް، ރޯދަ ވެރިއާ އޭނާގެ ކާނާއާއި ޝަހުވަތް ދޫކުރަނީ މާތް ﷲ އެނގެވިކަމަށްޓަކައެވެ. އެހެން އެއްވެސް ސަބަބެއް އޭގައި ނެތެވެ. އަދި ރޯދަ ހިފައިގެން ހުންނަނީ މީހަކަށް ދައްކާކަށް ވެސް ނޫނެވެ. އިޚްލާޞްތެރިކަމެއް ނެތިއްޔާ، ވަގަށް ކެޔަސް އެކަން އެނގޭނެ އިންސިއެއް ނުހުންނާނެއެވެ.

މުސްލިމް ރިވާކުރެއްވި އެހެން ޙަދީޘެއްގައިވަނީ: لِلصَّائِمِ فَرْحَتَانِ فَرْحَةٌ عِنْدَ فِطْرِهِ وَفَرْحَةٌ عِنْدَ لِقَاءِ رَبِّهِ

މާނައަކީ: ''ރޯދަވެރިއާއަށް ދެ އުފަލެއް ލިބެއެވެ. ރޯދަ ވީއްލާވަގުތު ލިބޭ އުފަލާއި، އޭނާ ހައްދަވައި ބޮޑު ކުރެއްވި ކަލާނގެ އާއި ބައްދަލު ކުރެވޭވަގުތު ލިބޭ އުފަލެވެ.''

ބުޚާރީ މުސްލިމްގައިވާ އެހެން ޙަދީޘެއްގައިވަނީ: مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ بَاعَدَ اللَّهُ وَجْهَهُ عَنْ النَّارِ سَبْعِينَ خَرِيفًا

މާނައަކީ: ''އެއް ދުވަހު ވެސް ﷲ ގެ މަގުގައި ރޯދައެއް ހިފައިފި މީހެއްގެ މޫނު، ނަރަކައާއި ހަތްދިހަ އަހަރުގެ ރާސާތާއަކަށް، މާތްﷲ ދުރުކުރައްވާނެއެވެ.''

ބުޚާރީ މުސްލިމްގައި އައިސްފައިވާ ޙަދީޘެއްގައިވެއެވެ: قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ لَا يَدْخُلُ مَعَهُمْ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَدْخُلُونَ مِنْهُ فَإِذَا دَخَلَ آخِرُهُمْ أُغْلِقَ فَلَمْ يَدْخُلْ مِنْهُ أَحَدٌ ‏

މާނައަކީ: ''އައްރައްޔާން އޭ ކިޔޭ، ޤިޔާމަތް ދުވަހު ރޯދަވެރިން ވަންނަ ދޮރުކޮޅެއް ސުވަރުގޭގައިވެއެވެ. އެ މީހުންނާއެކު އެހެން އެއްވެސް ބައެއް އެ ދޮރުން ނުވަންނާނެއެވެ. ގޮވާލެވޭނެއެވެ. ރޯދަވެރިން ކޮބައިހެއްޔެވެ؟ ދެން އެ މީހުން އެ ދޮރުން ވާންނާނެއެވެ. އަދި އެ މީހުންގެ ތެރެއިން އެންމެ ފަހު މީހާ ވަދެ ނިމުމުން ދޮރު ލެއްޕޭނެއެވެ. ދެން އެކަކުވެސް އެއިން ނުވަންނާނެއެވެ.''

ރޯދަ މަހަކީ އިސްލާމްދީނުގެ ރުކުނެކެވެ. އެ މަހަކީ އިސްލާމް ދީނުގެ ދުސްތޫރު އަދި ﷲގެ ކަލާމްފުޅު ކަމުގައިވާ ޤުރުއާން ބާވައިލެއްވުނު މަހެވެ. ލައިލަތުލް ޤަދްރިވިލޭރޭ ޤުރުއާން ބާވައިލެއްވުމާ ބެހޭ ގޮތުން ވަރަށް ގިނަ ގޮތް ގޮތަށް ޢިލްމުވެރިން ވާހަކަ ދައްކާފައި އެބަހުއްޓެވެ. ނަމަވެސް، އެންމެ ޞައްޙަ ރައުޔެއް ކަމަށް ބެލެވޭ ރައުޔަކީ، އިބްނު ޢައްބާސްގެ ރައުޔެވެ. މި ރައުޔު ދެކޭ ގޮތުގައި، ލައިލަތުލް ޤަދްރި ވިލޭރޭ ޤުރުއާން ބާވައިލެއްވުނީ، ލައުޙުލް މަޙްފޫޡުން ދުނިޔޭގެ އުޑުގެ ބައިތުލް ޢިއްޒާ އަށެވެ. މި ބާވައިލެއްވުމަކީ، އެއްފަހަރާ އެއްކޮށް ބާވައިލެއްވުނު ބާވައިލެއްވުމެކެވެ. ދެން ފަހުން ވަކިވަކިން ޤުރުއާން ބާވައިލެއްވުނީއެވެ. އައްޝަޢްބީ އަދި މުޙައްމަދު ބިން އިސްޙާޤު ވިދާޅުވި ގޮތުގައި، ޤުރުއާނަށް ވަނީ އެންމެ ބާވައިލެއްވުމެކެވެ. ދެ ބާވައިލެއްވުމެއް ނޫނެވެ. ބާވައިލެއްވުމުގެ ފެއްޓުމަކީ، ސޫރަތުލް ޢަލަޤް ގެ ފުރަތަމަ ހަތަރު އާޔަތެވެ. މި ހަތަރު އާޔަތް ބާވައިލެއްވުނީ، ލައިލަތުލް ޤަދްރި ވިލޭރޭގައެވެ.

ރަމަޟާން މަހަކީ، ސުވަރުގޭގެ ދޮރުތައް ހުޅުވި ނަރަކައިގެ ދޮރުތައް ލެއްޕޭ މަހެވެ. ބުޚާރީގެ ''ޚަލްޤުފެއްޓެވުން'' ކިތާބުގެ ގެ އިބިލީހުގެ ސިފައާއި ބެހޭ ބާބުގައި އައިސްފައިވާ ޙަދީޘްގައިވަނީ: إِذَا دَخَلَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ وَغُلِّقَتْ أَبْوَابُ جَهَنَّمَ ‏  ‏وَسُلْسِلَتْ ‏ ‏الشَّيَاطِينُ

މާނައަކީ: ''ރޯދަމަސް އައުމުން ސުވަރުގޭގެ ދޮރުތައް ހުޅުވި، އަދި ނަރަކައިގެ ދޮރުތައް ލެއްޕޭނެއެވެ. އަދި އަދި ޝައިޠާނުންތައް ކަސްތޮޅު އެޅުވޭނެއެވެ.''

ބުޚާރީގެ ރޯދަ ބާބުގައި އައިސްފައިވަނީ: مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا  تَقَدَّمَ مِنْ ذَنْبِهِ

މާނައަކީ: ''ތެދުވެރި އީމާންކަމަކާއެކު، ﷲގެ ދަރުމައަށް އެދި ރަމަޟާންމަހު ރޯދަ ހިފައިފި މީހެއްގެ ވޭތުވެދިޔަހާ ފާފައެއް ފުއްސެވިއްޖެއެވެ.''

4- ރޯދައިގެ ބައެއް ފައިދާތައް:

ރޯދައިގެ ގިނަގުނަ ފައިދާތަކެއް ވެއެވެ. މި ފައިދާތައް އެނބުރެނީ ތަޤުވާގެ ވަށައިގެންނެވެ. މިކަން ރޯދައާއި ބެހޭ ބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުން އެނގެއެވެ. ރޯދައާއި ތަޤުވާވެރިކަމާއި ހުރި ގުޅުމުގެ ފަލްސަފާއަކީ، ﷲގެ ރުއްސެވުމަށް އެދި، ޙަލާލް ކަންތައް ކަމުގައިވާ ކެއުން ބުއިމާއި އަނބިފިރި ކަމުގެ ގުޅުން ފަދަ ކަންތަކުން ދުރުހެލިވާ ފަދައިން، އެކަލާނގެ ޢަޛާބަށްޓަކައި ޙަރާމް ހުރިހާ ކަމަކުން ދުރުހެލިވެ ހުރުން ދަސްކޮށް ދިނުމެވެ.

ކުރަން އަމުރު ކުރެއްވި ކަންތައް ކުރާ ފަދައިން ކުރުން ޙަރާމް ކުރެއްވި ކަންތަކުން ދުރުހެލިވެ ހުރުމަކީ ފުރިހަމަ އިސްލާމްކަމެވެ.

ހަމަ އެހެންމެ ރޯދައިގެ ސަބަބުން މުސްލިމާ ބަނޑުހައިވުމުން އޭނާގެ އެހެނިހެން ވަރަށް ގިނަ ގުނަވަންތައްވެސް ހުންނާނީ ހިނދިފައެވެ. އަދި ބަނޑު ބޮޑުވުމުން އޭނާގެ އެހެން ގުނަވަންތައް ހުންނާނީ ހައިޖާންވެފައެވެ. ވީމާ ރޯދައިން ދަސްކޮށްދޭ އެއް ފިލާވަޅަކީ އެ ޝައިޠާނާގެ ވަސްވާހަށް ނު ހެއްލުމާއި، ޝަހުވަތްތެރިކަން މައިތިރިކޮށް، އަތްފައި ހިމޭންކޮށްގެން ހުރުމެވެ.

ރޯދައިން ލިބޭ އަނެއް ފައިދާއަކީ ފަޤީރުންވެސް ދުނިޔޭގައި އުޅޭ ކަމާއި އެ މީހުންނަށް އެހީތެރިވާންޖެހޭ ކަން ދަސްކުރުމެވެ. ނުވަތަ ހަނދާން ކުރުމެވެ. ރޯދަވެރިއާ ބަނޑުހައިވުމުން އެހެން މަސްތަކުގައި ފަޤީރުން އުފުލާނެ ވޭން ހިތަށް ގެންނަން ފަސޭހަވާނެއެވެ. އެހެނީ ކަމެއްގެ ވާހަކަ ބުނުމަށްވުރެން އެކަމެއް ކުރުމުން ލިބޭ ތަޖުރިބާ ބޮޑުވާނެއެވެ. އަބަދު ކާރުގައި އުޅޭ މީހަކަށް، ހިނގާފައި އުޅޭ މީހުން އުޅޭ ހާލު އެނގޭނީ، ހިނގާލީމައެވެ.

ރޯދައަކީ ކެއްތެރިވާން ދަސްކޮށްދޭ މަދަރުސާއެއްވެސް މެއެވެ. އަދި އަޒުމް ވަރުގަދަ ކޮށްދޭ އުސްތާޒެއްވެސް މެއެވެ. ވަގުތައް ހުރުމަތްތެރި ކުރަން ބުނެދޭ އެދުރެއް ވެސް މެއެވެ.

ރޯދައަކީ ދުނިޔޭގެ ހުރިހާ މުސްލިމުންގެ އެއްބައެއްވަންތަކަން ދުނިޔެއަށް ހާމަކޮށްދޭ އިޢްލާނެއްވެސް މެއެވެ. އިސްލާމީ އުއްމަތް ރަމަޟާންމަސް ޖެހުމުން ރޯދަ ހިފާފައި ނިމުމުން ޢީދު ފާޅުކުރު ކުރުމުން، މި ކަން ވަރަށް ފުރިހަމަ ގޮތެއްގައި ފާޅުވެއެވެ.

ހަމަ އެހެންމެ މި މަހަކީ، ދީނަށް ގޮވާލާ ދީނުގައި ސާބިތުވެ ތިބުމަށް ނަސޭހަތްތެރިވެ، ތައުބާވެ އިސްލާހު ވުމަށް ގޮވާލާ ވާޢީޡުންނަށް އެ ފުރުސަތުވެސް އިތުރަށް ލިބޭ މަހެކެވެ. މިސްކިތާއި މަރުކަޒުތަކުގައި ވަޢްޡާއި އިރުޝާދު ދޭ މަހެކެވެ. ގިނަ ޢަދަދަކަށް މީހުން ނަމާދަށާއި ހުކުރަށް ދާ މަހެކެވެ. އަދި ކުރިން ނުދާ މީހުން ދާން ފައްޓާ މަހެކެވެ.

5- ރޯދައިގެ ސުންނަތްތަކާއި އަދަބުތައް:

- ހާރުކާން ސަމާލުކަމެއް ދިނުމަކީ ސުންނަތެކެވެ. ނުކެޔަސް ބަނޑުހައި ނުވާނެއޭ ކިޔާފައި ހުރުމަކީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫނެވެ. ހާރުކަނީ ކޮންމެހެން ދުވާލު ބަނޑުހައި ނުވާކަށް ނޫނެވެ. ހާރުކަނީ އެއީ ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަން ކުރަން ދަސްކޮށްދެއްވި ގޮތް ކަމަށް ވާތީއެވެ. އެކަލޭގެފާނުގެ ޙަދީޘް ފުޅެއްގެ މާނައިގައި ވަނީ ''ހާރުކާށެވެ. ފަހެ ހާރުކެއުމުގައި ބަރަކާތް ވެއެވެ.'' (އަލްބުޚާރީ)

- ރޯދަ ވީއްލާވަގުތު ޖެހުމުން ރޯދަ ވީއްލުން އަވަސް ކުރުމަކީ ސުންނަތެކެވެ. އެއީ ބައެއް މީހުން ހީކުރާހެން ''ކެތްތެރިކަން ކުޑަވުމެއް'' ނޫނެވެ.

- ކަދުރުން ރޯދަ ވީއްލުމަކީ ވެސް ސުންނަތެކެވެ. އަދި ހަށިގަނޑަށް ފައިދާ ވެސް ބޮޑު ކަމެއް ކަމަށް، ބައެއް ތަޖުރިބާކާރުން ބުނެއެވެ.

- ރޯދަ އަށް ހުރެގެން، ހަޑި އެއްޗެހި ކިއުމާއި ގޮވުމާއި ޒުވާބު ކުރުމާއިި ދޮގު ހެދުމަކީ ރޯދައިގެ ބަރަކާތް ކެނޑޭ ކަމެކެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަންގަވާފައިވަނީ މިފަދަ ކަންތަކުން ދުރުހެލި ނުވާނަމަ، ނުކައި ނުބޮއެ ހުރުމުގެ މާނައެއް ނެތް ކަމަށެވެ.

- ރޯދައަށް ހުރެ ހުރިހާ މުންކަރާތްތަކަކުން ދުރުވާން ޖެހޭނެއެވެ. ޣީބަ ބުނުމާއި، ދެބަ އޮޑުވުމާއި ދޭތެރެ ޖެއްސުމާއި މަކަރު ހެދުމާއި ޙަރާމް ތަންތަން ބެލުމަކީ ރޯދައިގެ ރޫޙާއި މުޅިން ޚިލާފު ކަމެކެވެ. ''ރޯދައަށް ހުރުމުން ބަނޑުހައިވުން ނޫން އެހެން ކަމެއް ނުވާނެ'' ކަމަށް ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވަނީ ފަދަ މީހުންނާއި ބެހޭ ގޮތުންނެވެ.

- ރޯދަ މަހުގެ ހެޔޮކަންތަކުން މަޙްރޫމުވެ، ބައެއްފަހަރު ނުބައި ކަންތަކަށް މަގުފަހިކޮށްދޭ އެކައްޗަކީ ފިލްމާއި ލަވައާއި ސިލްސިލާ ބެލުމެވެ. އަދި ހުސް އަނގަ ތަޅަން އެއްވެ ތިބުމާއި، ގޯޅިގޯޅީގެ ކަންމަތީ އެއްވެ ތިބުމާއި ކަމަކާއި ނުލައި މަގުމަތީ ދުއްވާ އެއްޗެހި ގިނަ ކުރުމެވެ.

އަޅުކަން ކުރުމާއި ބަނޑުހައިކަން އިޙްސާސް ކުރުމުގެ މައްސަރު ބައެއް މީހުންނަށް ވެފެއި އޮންނަނީ މުނިފޫހިފިލުވުމާއި ނިދުމުގެ މައްސަރަކަށެވެ. ދުވާލު ނިދުމުގެ ސަބަބުން ނަމާދު ނުކުރެވި ނުވަތަ ޖަމާޢަތް ގެއްލި، ރޭގަނޑު ނުނިދިގެން ހޫރެން ޖެހެއެވެ.

- ރޯދަ މަހަކީ ރުޅި މަޑުކުރަން ދަސްކުރަން ޖެހޭ މަހެވެ. ވީމާ ރުޅި މަޑު ކުރުމުގެ ބަދަލުގައި އެ މަހަކީ ރުޅި ގަދަވެ އަރާރުންވެ އެންމެ ފަހުން ތަޅާފޮޅުން ހިންގައިގެން ނުވާނެއެވެ. ގަދަފަދަ މީހަކީ އޮޅުލާން ގަދަ މީހާއެއްނޫނެވެ. ގަދަފަދަ މީހަކީ ރުޅި މަޑުކުރަން ދަންނަ މީހާއެވެ.

- ރޯދަ މަހު މާ ގިނައިން ނުކާށެވެ. ތިރްމިޛީ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވަނީ: مَا مَلأَ ابْن آدَم وعَاءً شَرًا مِنْ بَطْنٍ

މާނައަކީ: ''އާދަމުގެ ދަރިއަކު ފުރާ އެންމެ ނުބައި އެއްޗަކީ ބަނޑެވެ.''

ބުއްދިވެރިއަކީ ދިރިހުންނަން ކާ މީހާއެވެ. ކާން ދިރި ހުންނަ މީހާއެއް ނޫނެވެ. ބައެއް މީހުން ކާން ހުންނަ ވަރެއްގެ ބޮޑުކަމުން، އެމީހުންގެ އަނބީންގެ ބުރަކަށި ބިނދި، އަޅުކަމުން މަޙްރޫމު ވެއެވެ. ހެނދުނު ތެދުވެ ޖެހެނީ ޒާތްޒާތުގެ ހެދިކާ ހަދައި، ބާވަތް ބާވަތުގެ ކެއުމާއި ބުއިން ތައްޔާރު ކުރާށެވެ. ތިމާ އަޅުކަން ކުރާ ވަރަށް، އަނބިމީހާ އަށް ވެސް އެ ފުރުސަތު ދޭށެވެ.

ރަމަޟާން މަހު ކެއުމާއި ހެދި މޮޔަވުމުގެ ސަބަބުން، އަހަރުގެ އެހެން ހުރިހާ މަސްތަކަށް ވުރެ އެ މަހުގެ ޚަރަދު ބޮޑުވެގެން ދެއެވެ. ގައިގައި ސަރުބީ އިތުރުވެއެވެ. ރޯދަ ހިފުމުން މައިދާއަށް ފަސޭހަކަން ލިބުމުގެ ބަދަލުގައި ލިބެނީ އުނދަގޫކަމެވެ. މެޔަށް ފިނިކަން ލިބުމުގެ ބަދަލުގައި ނަގަނީ ދިލައެވެ. ޢިޝާނަމާދަށް ދިޔައިއްޔާ ތިބެން ޖެހެނީ ލޮޑުވެ، ސަޖިދައަށް ދާން އުނދަގޫވެފައެވެ.

- އަމިއްލައަށް ގިނައިން ކެއުމުގެ ބަދަލުގައި އެ ފައިސާ ފަޤީރު މިސްކީނުންނަށް ދޭށެވެ. ބުޚާރީ އަދި މުސްލިމުގައި ވާ ގޮތުން ''ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަކީ އެންމެ ދީލަތި މީހާއެވެ. އަދި އެކަލޭގެފާނު އެންމެ ދީލަތިކަން ބޮޑީ ރަމަޟާން މަހުގައެވެ.''

ވީމާ ރަމަޟާން މަހު ދީލަތިކަން ބަޚީލުކަމަށް، އަޅުކަމުގައި ހީވާގިވުން ކަންނެތްކަމަށް ބަދަލު ކޮށްގެން ނުވާނެއެވެ.

ރަމަޟާން މަހު، ފަޤީރުންނާއި މިސްކީނުން އަދި ޔަތީމުންނަށް ރޯދަ ވީއްލުން ބޭއްވުމަކީ، ޘަވާބުގެ މައްޗަށް ލިބޭ ޘަވާބެކެވެ. ތިރްމިޛީ ރިވާ ކުރެއްވި ޙަދީޘެއްގައިވަނީ: قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لَا يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا

މާނައަކީ: ''ރޯދަވެރިއެއްގެ ރޯދަ ވީއްލުވައި ދިން މީހަކަށް، ރޯދަވެރިއާގެ ޘަވާބު ލިބެއެވެ. އެހެން ނަމަވެސް ރޯދަވެރިއާގެ އަޖުރުން މަދެއް ނުވާނެއެވެ.''

 

* ރޯދައިގެ ޙުކުމްތަކުގެ ތެރެއިން:

6- ބައެއް ރޯދަތަކަކީ ޖެހިޖެހިގެން ހިފަން ޖެހޭ ރޯދައެކެވެ. މިސާލަކަށް ރަމަޟާން މަހުގެ ރޯދަ، ރޯދަމަހު ދުވާލު ޖިމާޢުވުމުގެ ކައްފާރައިގެ ރޯދަ، ނުވަތަ ޖެހިޖެހިގެން ރޯދަ ހިފަން ނަދުރު ބުނާ ރޯދައެވެ.

- ބައެއް ރޯދަތަކަކީ، ޖެހިޖެހިގެން ހިފަންޖެހޭ ރޯދައެއް ނޫނެވެ. މިސާލަކަށް ރަމަޟާން މަހުގެ ޤަޟާ ރޯދަ، ހައްޖުވެރިއާއަށް ހަދުޔު ނުލިބުމުން ހިފަން ޖެހޭ ދިހަ ރޯދަ، ހުވައި އުވާލުމުގެ ސަބަބުން ހިފަން ޖެހޭ ކައްފާރައިގެ ރޯދައެވެ.

7- ސުންނަތް ރޯދައަކީ، ހިފި ފަރުޟު ރޯދައިގައި ހުރެދާނެ އުނިކަމެއް ފޫބައްދައިދޭ އެއްޗެކެވެ. މީގެ މިސާލަކީ ޢާޝޫރާ ދުވަހުގެ ރޯދަ، ޢަރަފާތް ދުވަހުގެ ރޯދަ، ހަ ރޯދަ އެވެ.

8- ހަމައެކަނި ހުކުރު ދުވަހު، ނުވަތަ ހަމައެކަނި ހޮނިހިރު ދުވަހު ޚާއްޞަކޮށްގެން ސުންނަތް ރޯދަ ހިފުން ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ ނަހީ ކުރައްވާފައިވެއެވެ. ދުވަސްތައް ގުޅުވައިގެން ރޯދަ ނުވީއްލައި ރޯދަ ހިފުމާއި މުޅި އަހަރު ރޯދަ ހިފުންވެސް ނަހީ ކުރެވިފައިވެއެވެ.

ދެ ޢީދު ދުވަހާއި އައްޔާމުއް ތަޝްރީޤުގެ ތިން ދުވަހު ރޯދަ ހިފުން ޙަރާމް ކުރެވިފައިވެއެވެ.

ހަނދު ސާބިތު ކުރުން:

9- ރަމަޟާން މަސް ފެއްޓިއްޖެކަން ސާބިތުވާނީ އެ މަހުގެ ހަނދު ފެނުމުން ނުވަތަ ޝަޢްބާން މަހުގެ ތިރިސް ދުވަސް ހަމަވުމުންނެވެ. ހަނދު ފެނުނު ނުވަތަ، ފެނިއްޖެކަން އިތުބާރު ހުރިގޮތަކަށް ކަބަރު ލިބޭ މީހާ ރޯދަ ހިފުން ވާޖިބުވެއެވެ. އަދި މީގައި ތަބާވާން މި ވަގުތު އޮތް އެންމެ މަސްލަހަތު ބޮޑު ގޮތަކީ، އެ މީހަކު ދިރިއުޅޭ ޤައުމެއްގެ މީހުންނަށް ތަބާވުމެވެ.

ރޯދަ ވާޖިބުވާ މީހުން:

10- ރޯދަ ވާޖިބުވަނީ މުސްލިމް، ބާލިޣު، ބުއްދިހުރި، ދަތުރުވެރި ނޫން، ކުޅަދާނަ، ޙައިޟު ނިފާސްކަން ފަދަ މަނާ ކުރާ ސަބަބެއް ނެތް މީހުންނަށެވެ.

ބާލިޣުވީކަން އެނގޭނީ މި ތިން ކަމުން ކަމެއް ވުމުންނެވެ.

ހ - އިޙްތިލާމްވެގެން ނުވަތަ އެ ނުން ގޮތަކަށް ނަމަވެސް މަނި ބޭރުވުން.

ށ - އިސްމަތީގައި ހަރު އިސްތަށި ފެޅުން.

ނ - ފަނަރަ އަހަރު ފުރިހަމަ ވުން.

އަދި ހަމަ އެކަނި އަންހެނުންނަށް ދިމާވާ ޢަލާމަތް ކަމުގައިވާ ޙައިޟުވުމެވެ. ދިހަ އަހަރު ކުރިން ޙައިޟުވިއަސް އޭނާ ބާލިޣުވީއެވެ. އަދި ރޯދަ ހިފުން ވާޖިބުވާނެއެވެ.

11- ކުދިންނަށް ހަތް އަހަރުވުމުން، އެ ކުދިންނަށް ތަޙައްމަލު ކުރެވޭނަމަ އަދި ގެއްލުމެއް ނުވާކަން އެނގޭނަމަ، ރޯދަ ހިފުވަން ފަރިތަ ކުރުވަން ޖެހޭނެއެވެ. އަދި ދިހަ އަހަރުވުމުން ނުކުރާނަމަ އެކަށީގެންވާ، ގެއްލުން ނުވާ އަދަބު ދީގެންވެސް ރޯދަ ހިފުން އާދަ ކުރުވަން ޖެހެއެވެ. ހަމަ ނަމާދެކޭ އެއްގޮތަށެވެ.

ތަކުލީފު ނުވިއަސް ކުޑަކުދިން ރޯދަ ހިފުމުން އެ ކުދިންނަށް ވެސް ޘަވާބު ލިބެއެވެ. އަދި ތަރުބިއްޔަތު ކުރުމުގެ ޘަވާބު މައިންބަފައިންނަށް ވެސް ލިބެއެވެ. ބާލިޣްވާ އަންހެން ކުދިންނަށް މަންމަ ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ. އެއީ ބައެއް ކުދިން ޙައިޟުވީމާ ވެސް ލަދުން ރޯދަ ހިފާފައި، އަލުން އެ ރޯދަ ޤަޟާ ނުކޮށް ތިބެއެވެ. ވީމާ އެއީ ލަދު ގަންނަން ޖެހޭ ކަމެއް ނޫންކަމާއި، ޙައިޟުގެ ދުވަސްވަރު ރޯދަ ހިފުން ޙަރާމްކަން، މަންމަ ބުނެދޭން ޖެހޭނެއެވެ. އަދި ރޯދަ އަލުން ހިވުފަންވެސް ބުނަންވާނެއެވެ.

12- ކާފިރަކު އިސްލާމް ވުމުން ނުވަތަ ކުޑަކުއްޖަކު ދުވާލުގެ ވަގުތެއްގައި ބާލިޣުވުމުން، އެ ދުވަހު ބާކީ އޮތް ބައިގައި ރޯދަ ހިފަން ޖެހޭނެއެވެ. ނަމަވެސް މަހުގެ ވޭތުވެދިޔަ ދުވަސްތަކުގެ ރޯދަ ހިފާކަށް ނުޖެހޭނެއެވެ.

13- މޮޔަވެފައި ތިބޭ މީހުން ރޯދަ ހިފާކަށް ނުޖެހެއެވެ.

14- މީހަކު ރޯދަ މަހު މަރުވެއްޖެނަމަ، ބާކީ ހުރި ދުވަސްތަކުގެ ރޯދަ އޭނާގެ ބޮލުގައި ނޭޅޭނެއެވެ. އަދި ބަދަލުގައި އޭނާގެ ވަލީވެރިއެއް ރޯދަ ހިފާކަށްވެސް ނުޖެހޭނެއެވެ.

15- ރޯދައަކީ ފަރުޟު އެއްޗެއްކަން، ނުވަތަ ރޯދަ ހިފައިގެން ހުރެ ކެއުން ޙަރާމްކަން، ނުވަތަ ރޯދަ ހިފައިގެން ހުރެ ޖިމާޢުވުން ޙަރާމްކަން ނޭނގޭ މީހަކު މިފަދަ ކަމެއް ކުރީމާ އެއީ އުޒުރެއް ކަމަށް ބެލޭނީ، އަލަށް އިސްލާމްވާ މީހެއް ނުވަތަ ކާފިރު މުޖްތަމަޢެއްގައި ބޮޑުވި މީހެއް ފަދަ މީހެއްނަމައެވެ. މުސްލިމުންގެ ތެރޭގައި ބޮޑުވާ މީހަކަށް، މިފަދަ ކަމެއް ނޭނގެއޭ ކިޔައި އުޒުރުވެރިއެއް ނުވެވޭނެއެވެ. އެހެނީ އެކަން ދަސްކުރުމުކީ އޭނާއަށް ވާޖިބުކަމެކެވެ. އަދި އެކަމުގެ މަގުވަނީ ފަހިވެފައެވެ.

ދަތުރުވެރިއާ:

16- ބައެއް ފިޤުހުވެރިން ބުނެފައިވަނީ، ދަތުރުވެރިއެއް ކަމުގައި ބެލެވޭނީ، 83 ކިލޯމީޓަރު ދުރު ދަތުރަށެވެ. އަނެއްބައި ފިޤުހުވެރިން ބުނެފައިވަނީ، އާއްމުކޮށް ދަތުރޭ ބުނެ ނަންދެވޭފަދަ ދަތުރުކަމަށެވެ. ކޮންމެހެން މި ޢަދަދަށް ކިލޯމީޓަރު ހަމަވާކަށް ނުޖެހެއެވެ. އަދި ދަތުރަކީ ހުއްދަ ކަމަކު ކުރާ ދަތުރަކަށްވެފައި، ދަތުރު ކުރަނީ، ރޯދަ ނުހިފަން މަކަރު ހަދަން ކަމުގައިވެގެންވެސް ނުވާނެވެ.

ޖުމްހޫރު ޢިލްމުވެރިން ދެކެލައްވަނީ، ދަތުރު ފެއްޓުމުގެ ކުރިން ދަތުރުވެރިއަކަށް ނުވާނެކަމަށެވެ. ވީމާ ބޯޓަށް އެރުމުގެ ކުރިން ރޯދަ ކަނޑައިގެން ނުވާނެއެވެ. ނަމަވެސް އަނަސް ބިން މާލިކް ސަވާރީއަށް އަރާ ވަޑައިގަތުމުގެ ކުރިން ރޯދަ ކެނޑުއްވިއެވެ. އިބްނުލް ޤައްޔިމް އިޚްތިޔާރު ކުރެއްވީ މި ގޮތެވެ.

17- ދަތުރުވެރިއާ ރޯދަ ހިފަން ކުޅަދާނައަސް، ކުޅަދާނަ ނޫނަސް އޭނާ ރޯދަ ނުހިފުން ހުއްދައެވެ. ވަރުބަލިވިއަސް ނުވިއަސް ވަރިހަމައެވެ.

18- އިރު އޮއްސުމުން ރޯދަ ވީއްލައިގެން، މަތިންދާ ބޯޓަށް އެރުމަށްފަހު އިރު ފެނުނަސް އެއީ މައްސަލައެއް ނޫނެވެ. އޭނާގެ ރޯދަ އެހެރީ ފުރިހަމަ ވެފައެވެ. ވީމާ އެ ރޯދަ އަލުން ހިފާކަށް ނުޖެހޭނެއެވެ.

އިރު އޮއްސުމުގެ ކުރިން މަތިންދާ ބޯޓަށް އެރުމަށްފަހު، އެ ރޯދަ ފުރިހަމަ ކުރަން ބޭނުންނަމަ، ރޯދަ ވީއްލަންވާނީ އޭނާ ބޯޓު އެ ވަގުތަކު ހުރި ހިސާބަށް އިރު އޮއްސުމުންނެވެ.

އެނގޭނެ ފަދައިން ދުވާލު ފުރައިގެން އިރުމައްޗަށް ދަތުރު ކުރުމުން ރޯދަވެރިއާގެ ދުވާލު ވަގުތު ކުރުވާނެއެވެ. ހުޅަނގަށް ދަތުރު ކޮށްފިއްޔާ ދުވާލު ދިގުވާނެއެވެ. ވީމާ މީގައި އޮންނަ ގަވާއިދަކީ މަތިންދާބޯޓުގައި ހުންނަ މީހާ އޭނާ ހުރި ހިސާބަށް ފަޖުރު ވެއްޖެކަން އެނގުމުން ރޯދަ ހިފާނީއެވެ. އެއަށް ފަހު އިރު އޮއްސޭތަނަކާ ހަމަވުމުން ރޯދަ ވީއްލާނީއެވެ. މިހެން ހެދުމުން އޭނާ ރޯދައަށް ހުންނަ ވަގުތު ފަސް ގަޑިއިރަށް ކުރުވިއަސް އެއީ މައްސަލައެއް ނޫނެވެ. އަދި ދިގުވެގެން ގޮސް ވިހި ގަޑި އިރުވެސް ވެދާނެއެވެ.

19- ރަށަކަށް ގޮސް ހަތަރު ދުވަހަށް ވުރެ ގިނަ ދުވަސްވަންދެން ހުންނަން ނިޔަތް ގަނެއްޖެނަމަ، އޭނާ ވާނީ ރަށުގައި ޤާއިމުވެ ހުންނަ މީހަކަށެވެ.

20- ރޯދަ ހިފައިގެން ހުއްޓާ ކުއްލިއަކަށް ފުރަން ޖެހުނަސް، އޭނާ ދަތުރު ފެއްޓުމުން ރޯދަ ކަނޑާލުން ހުއްދަވާނެއެވެ.

21- ވަޒީފާގެ ގޮތުން އާދަވެގެން ދަތުރުކޮށްކޮށް ހުއްޓަސް، މިސާލަކަށް ކައްޕިތާނުން، ފަޅުވެރިން، ވިޔަފާރިވެރިން ވެސް ވާނީ ރޯދަ ދޫކޮށްލުން ހުއްދަ ދަތުރުވެރިންގެ ތެރޭގައެވެ. އެ މީހުން ޖެހޭނީ ރޯދަ ދޫކުރިއްޔާ ރޯދަ ޤަޟާކުރާށެވެ.

22- ރޯދަ މަސް އަމިއްލަ ޤައުމުގައި ފައްޓާފައި، އެހެން ތަނަކަށް ފުރައިގެން ދިޔައީމާ އޭނާ ތަބާވާނީ ދާ ޤައުމެއްގެ މީހުން ރޯދަ ހިފާ ޢަދަދަށެވެ. އެއީ ތިރީސް ރޯދަ އަށްވުރެ ގިނަވިޔަސްމެއެވެ. ނަވާވީސް ދުވަހަށްވުރެ މަދުވާ ގޮތް މެދުވެރިވެއްޖެނަމަ، ޖެހޭނީ މި ދިޔަ ޤައުމުގެ ޢީދު ދުވަހު ރޯދަ ނުހިފާ ދޫކޮށްފައި އަނެއް ދުވަހު ރޯދަ ހިފައި 29 ދުވަސް ހަމަ ކުރާށެވެ. އެހެނީ ހިޖުރީމަސް 29 ދުވަހަށް ވުރެ މަދުވެގެން ނުވާނެއެވެ.

ބަލިމީހާ :

23- ޞިއްޙަތު ރަނގަޅު ނޫނޭ ބުނެވޭ ކޮންމެ ބައްޔަކީ ރޯދަ ދޫކުރުން ހުއްދަ ބައްޔެކެވެ. ގުނެވޭ އެއްޗަކީ ''ބަލި'' މި ބަހެވެ. އާދައިގެ ބޮލުގައި ރިއްސުމެއް ހުމެއް، ގައިގައި ފާރުކޮޅެއް ހުރެގެން، ކުޅެނިކޮށް ކަށިމަތި ދުޅަވެގެން، މިފަދަ ކަންތަކަކީ ރޯދަ ދޫކުރުން ހުއްދަވާވަރުގެ ކަންކަމެއް ނޫނެވެ.

ޑޮކްޓަރީ ގޮތުން، ތަޖުރިބާއިން، ނުވަތަ ބޮޑަށް ހީވާގޮތުން ރޯދަ ހިފުމުން ބަލި ބޮޑުވެ، ނުވަތަ ބަލިން ފަސޭހަވުން ލަސްވާނެކަން އެނގޭނަމަ ރޯދަ ކެނޑުން ހުއްދަވާނެއެވެ. ކިއެއްތަ، ބަލި ބޮޑުނަމަ ރޯދަ ހިފުން މަކްރޫހައެވެ. އަދި ނަފްސަށް ގެއްލުމެއް ލިބިދާނެކަން އެނގޭނަމަ ރޯދަ ހިފުން ޙަރާމްވާނެއެވެ.

24- ރޯދަ ހިފުމުގެ ސަބަބުން ވަރަށް ބޮޑަށް ބަނޑުހައިވެ ކަރު ހިއްކައިގެން، ނަފްސު ހަލާކުވާ ދަރަޖައަށް ދާކަން ޔަޤީންވެއްޖެނަމަ ރޯދަ ކަނޑާލުން ހުއްދައެވެ. ފަހުން ޤަޟާކުރާނީއެވެ. އެހެނީ ނަފްސު ރައްކާތެރި ކުރުމަކީ ވާޖިބުކަމެވެ. ނަމަވެސް ބޮޑަށް ބަނޑުހައި ވިޔަސް، ކަރުހިއްކިއަސް ނުވަތަ ވަރުބަލިވެލީމާ ބަލިވެދާނެއޭ ހީވީގެން ރޯދަ ކަނޑާލުން ހުއްދައެއް ނުވާނެއެވެ.

ވަރަށް ބުރަ މަސައްކަތުގައި އުޅޭ މަސައްކަތުމީހުން ވެސް ރޯދަ ދޫކުރުން ހުއްދައެއް ނުވާނެއެވެ. އެ މީހުން ޖެހޭނީ ރޯދަ ހިފައި ފުރިހަމަކުރުމުގެ ނިޔަތުގައި ރޭގަނޑު ރޯދައަށް ނިޔަތް ގަނެގެން ދުވާލު މަސައްކަތަށް ނުކުންނާށެވެ. ކުރިއަށް ގެންދެވޭނަމަ ކޮޅެއް ނެތްހާވެސް ރަނގަޅެވެ.

ނަމަވެސް މަސައްކަތް ދޫކޮށްލުމުން ބޮޑު ގެއްލުމެއް ތިމާއަށްވެ، އަދި މަސައްކަތް ކުރުމުން ހަށިގަނޑު ހަލާކުވެދާނެކަން ޔަޤީންވާނަމަ، ހަމައެކަނި ނަފްސު ސަލާމަތް ކުރެވޭވަރަށް އެއްޗެއް ކާލާ ނުވަތަ ބޮއެލާނީއެވެ. ނަމަވެސް އިރު އޮއްސެންދެން އެ ގޮތަށް ތިބެންޖެހޭނެއެވެ. ވަން ހަނާ ނުވާނެ ފަދައިން މި ރޯދައަކީ މިހާރު ރޯދައަކަށް ނުވާނެއެވެ. ވީމާ ބަދަލުގައި ރޯދަ ޤަޟާކުރަން ޖެހޭނެއެވެ.

ގަދަ އަލިފާނުން ބަނަސް ފިހޭ އުނދުންތައް ނުވަތަ ދަގަނޑު ވިރުވާ ކާރުޚާނާ ފަދަ ތަންތާގައި މަސައްކަތް ކުރާމީހުން ދުވާލު ރޯދަ ހިފައިގެން ނުތިބެވޭނަމަ ޖެހޭނީ ރޭގަނޑު މަސައްކަތް ކުރެވޭ ގޮތް ހައްދުވާށެވެ. ނުވަތަ ރޯދަމަހު ޗުއްޓީ ހޯދާށެވެ. ނޫނީ މުސާރަ ނުނަގާ ގޮތަށް ނަމަވެސް ޗުއްޓީ ނަގާށެވެ. މިހެންވެސް ނުވާނަމަ އެހެން ވަޒީފާއެއް ހޯދަން މަސައްކަތް ކުރާނީއެވެ. ދުނިޔަވީ ވާޖިބަކާއި ދީނީ ވާޖިބެއް ކުރިމަތިވުމުން އިސްކަންދޭން ޖެހޭނީ ދީނީ ވާޖިބަށެވެ.

25- ބަލިން ފަސޭހަވާނެކަން އެނގޭ ބަލިމީހާ، ބަލި ރަނގަޅުވީމާ ރޯދަ ޤަޟާކުރަން މަޑުކުރާނީއެވެ. އޭނާ މިސްކީނުންނަށް ކާންދީގެން ރޯދައިގެ ވާޖިބު ބޮލުން ނުކެނޑޭނެއެވެ.

ޝިފާއެއް ނުވާނެކަން އެނގޭ ބަލިމީހުންނާއި ނުކުޅެދުންތެރި މުސްކުޅިން ދޫކުރާ ކޮންމެ ރޯދައެއްގެ ބަދަލުގައި މިސްކީނަކަށް ކާންދޭނީއެވެ. ކާންދޭން ޖެހޭ މިންވަރަކީ ބައި ޞާޢް އެވެ. (ގާތްގަނޑަކަށް އެކެއް ބައި ކިލޯ ހަނޑޫ)

ހުރިހާ ރޯދައެއްގެ އެއްޗެހި އެއްކޮށްފައި ރަމަޟާން މަސް ނިމުނީމާ އެއްފަހަރާވެސް މި ކާއެއްޗެހި ނެރެވިދާނެއެވެ. ނޫނީ ދުވަހުން ދުވަހުންވެސް ނެރެވިދާނެއެވެ. އަދި އެކަކަށް ވެސް ދެވިދާނެއެވެ. ވަކި ވަކި ތިރީސް މީހުންނަށް ވެސް ދެވިދާނެއެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވަނީ، ދޭން ޖެހޭނީ ކާއެއްޗެއްސެވެ. ވީމާ ފައިސާ ދީގެން ކަމު ނުދާނެކަމަށެވެ. ނަމަވެސް އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ، ފަޤީރުންނަށް ބޮޑަށް މަސްލަހަތުހުރި ގޮތެއް އިޚްތިޔާރުކުރިއަސް މައްސަލައެއް ނެތް ކަމަށެވެ. އަދި އިތުބާރު ކުރެވޭ ބަޔަކާއި، ކާއެއްޗެހި ގަނެފައި ބެހުމުގެ މަސައްކަތް ހަވާލު ކުރިއަސް އެންމެ ރަނގަޅެވެ.

ފަސޭހަވާނެކަން އެނގޭ ބައްޔެއްގައި ރޯދަ ނުހިފި އޮވެފައި، ޝިފާވީމާ ހިފަން ނިޔަތް ގަނެގެން އޮތްވާ، ކުއްލިގޮތަކަށް މަރުވެއްޖެނަމަ، އޭނާގެ ކުށެއް ނެތެވެ. ވަލީވެރިއާ ބަދަލުގައި ރޯދަ ހިފާކަށްވެސް ނުޖެހޭނެއެވެ.

26- މީހަކު ބަލިވެފައި ބަލިން ރަނގަޅުވީމާ ވެސް، ދޫކުރި ރޯދަ ޤަޟާނުކޮށް ހުއްޓާ މަރުވެއްޖެނަމަ، އޭނާގެ ފައިސާއިން ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭނީއެވެ. އަދި އޭނާގެ ތިމާގެ މީހަކު ބަދަލުގައި ރޯދަ ހިފަން ބޭނުންވެގެން ހިފިއަސް ރަނގަޅުވާނެއެވެ. ޞަޙީޙައިން (ބުޚާރީ މުސްލިމް) ގައި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވަނީ: مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ

މާނައަކީ: ''ހިފަންޖެހޭ ރޯދައެއް އޮއްވާ މަރުވެއްޖެނަމަ، ބަދަލުގައި އޭނާގެ ވަލީވެރިއާ ރޯދަ ހިފާނީއެވެ. ''

މުސްކުޅިއާ:

27- ދުވަހެއް ދުވަހަކަށް ބަލިކަށި ވަމުން އަންނަ، ވަރުދެރަ މުސްކުޅިއާ ރޯދަ ހިފަން ނުކުޅެދޭނަމަ ރޯދަ ހިފާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި މީސްކީނަކަށް ކާންދޭނީއެވެ.

އަދި މުސްކުޅިވެގެން ގޮސް، ތަންދޮރުވަކި ނުވާ ދަރަޖައަކަށް އޭނާގެ ސިކުނޑި ބަލިވެއްޖެނަމަ ރޯދަ ހިފާކަށް ނުޖެހޭނެއެވެ. އެހެނީ އޭނާއަކީ މިހާލަތުގައި މުކައްލަފަކަށް ނުވާނެއެވެ.

28- ޖިހާދު ކުރުމުގެ ތެރޭގައި، ރޯދަ ހިފުމުގެ ސަބަބުން ވަރުބަލިވަންޏާ ރޯދަ ކެނޑިއަސް އެންމެ ރަނގަޅެވެ. ޞަޙީޙް މުސްލިމުގައިވާ ޙަދީޘެއްގައި ވަނީ: قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّكُمْ مُصَبِّحُو عَدُوِّكُمْ وَالْفِطْرُ أَقْوَى لَكُمْ فَأَفْطِرُوا

މާނައަކީ: ''ކަލޭމެން ތިދަނީ ހެނދުނު ޢަދުއްވުންނާއި ކުރިމަތިލާށެވެ. އަދި ރޯދަ ކެނޑުމުން ބާރު ގަދަވާނަމަ، ރޯދަ ކަނޑާށެވެ.''

ތަތާރުންނާ ޝާމު މީހުން ހަނގުރާމަ ކުރަންވެގެން، އިބްނު ތައިމިއްޔާ ވެސް މިފަދައިން ފަތުވާދެއްވިއެވެ.

29- ރޯދަ ދޫކޮށްލުމުގެ ސަބަބަކީ ފާޅު ސަބަބެއްނަމަ، ފާޅުގައި ރޯދަ ދޫކުރިއަސް އެންމެ ރަނގަޅެވެ. ރޯދަ ދޫކުރާ ސަބަބަކީ ޙައިޟު ނިފާސްފަދަ ސިއްރު ސަބަބެއް ނަމަ، ބޮޑަށް ރަނގަޅީ ރޯދަ ދޫކުރުންވެސް ސިއްރު ކުރުމެވެ. އެއީ ރޯދަ ނުހިފާ ކަމުގެ ތުހުމަތު ބޮލުގައި އެޅުވުނަ ނުދިނުމަށްޓަކައެވެ.

ރޯދައިގައި ނިޔަތް:

30- ފަރުޟު ކޮންމެ ރޯދައެއްގައި އަދި، ކައްފާރާފަދަ ވާޖިބު ރޯދައެއް ޞައްޙަވުމުގައި، ނިޔަތަކީ ޝަރުޠެކެވެ. ރޭގަނޑުގެ ކޮންމެ ވަގުތެއްގައި ނިޔަތް ގަތަސް ކަމުދާނެއެވެ. ނިޔަތަކީ ހިތުން ގަންނަން ޖެހޭ އެއްޗެކެވެ. މާދަމާއަކީ ރޯދަ ހިފަންޖެހޭ ދުވަހެއްކަން އެނގިގެން ރޯދަ ހިފަން ބޭނުންވުން އެއީ ނިޔަތަކަށް ފުދެއެވެ.

ރޯދަ ހިފައިގެން ހުރެ ދުވާލުގެ ވަގުތެއްގައި ރޯދަ ވީއްލަން ނިޔަތް ގަތަސް، ރޯދަ ނުގެއްލޭނެއެވެ. ރާޖިޙް ރައުޔަކީ މިއީއެވެ. އޭނާވާނީ ނަމާދަށް ހުރެފައި ވާހަކަ ދައްކަން ހިތަށް އަރުވާފައި، ވާހަކަ ނުދެއްކި މީހާގެ މިސާލުގައިވާ މީހަކަށެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ ރޯދަ ކަނޑަން ނިޔަތް ގަތުމުން ރޯދަ ކެނޑުނީކަމަށެވެ. ވީމާ މިރައުޔު ނަގަންޏާ ރައްކާތެރި ގޮތަކީ މިފަދަ ރޯދައެއް ޤަޟާކުރުމެވެ.

ރަމަޟާން މަހުގައި ކޮންމެ ރެއަކު ނިޔަތް ނުގަނެ، މަސް ފެއްޓޭވަގުތު ރޯދަ މަހު ރޯދަ ހިފާނެކަމަށް ނިޔަތް ގަތުމުން ފުދޭނެއެވެ. އުޒުރަކަށްޓަކައި ރޯދަ ކަނޑަން ނިޔަތް ގަނެފައި ރޯދަ ކެނޑުމުގެ ކުރިން އުޒުރު ހިގައްޖެނަމަ، ރޯދަ ފުރިހަމަ ކުރަން އަލުން ނިޔަތް ގަންނަން ވާނެއެވެ. އަދި ރޯދަ ނުހިފޭ ފަދަ ސަބަބެއް މެދުވެރިވެގެން ރޯދަ ހިފުން މެދުކަނޑާލާފައި، އެ ސަބަބު ފިލައިދިއުމުން ރޯދަ ހިފަން ފައްޓަންޏާ ވެސް ނިޔަތް ގަންނަން ޖެހޭނެއެވެ. އެއީ ނިޔަތް ގަންނަ ދުވަހާއި ނިޔަތް ނުގަންނަ ދުވަސް ވަކިކުރާށެވެ.

ކޮންމެ ވާޖިބު ރޯދައެއް ހިފަންވެސް، ފަޖުރުގެ ކުރިން ނިޔަތް އޮންނަން ޖެހޭނެއެވެ. މިސާލަކަށް މީހަކު ޤަޟާ ރޯދައެއް މާދަން ހިފަން ނުހިފަން ހުއްޓާ ފަޖުރުވުމުން ދެން ހިފާނަމޭ ބުނެ، ދުވާލު ނުކައި ހުއްޓަސް އެ ރޯދަ ކަމު ނުދާނެއެވެ.

އެކަމަކު ސުންނަތް ރޯދައިގައި މިކަން އޮންނަ ގޮތް ތަފާތެވެ. ހެނދުނު ތެދުވެފައި ސައި ނުބޮއެ، ތިމަންނަ ދެން މި އަދު ސުންނަތް ރޯދައެއް ހިފާނީއޭ ކިޔާފައި ރޯދަ ހިފުމުން، އެ ރޯދަ ޞައްޙަވާނެއެވެ.

31- މުޠްލަޤް ސުންނަތް ރޯދަ ހިފަން، ރޭގަނޑު ނިޔަތް ގަތުން އެއީ ޝަރުޠެއް ނޫނެވެ. މީގެ ދަލީލަކީ ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޢާއިޝަތުގެފާނު އަރިހަށް ވަޑައިގަނެފައި، ކާނެ އެއްޗެއް އެބަހުރިތޯ ޙަދީޘްކުރެއްވުމުން، ޢާއިޝަތުގެފާނު އެއްޗެއް ނެތްކަމަށް ވިދާޅުވިއެވެ. ދެން ރަސޫލާ ޙަދީޘްކުރެއްވީ ''އެހެންވިއްޔާ އަހަރެން މި ރޯދަ ހިފީއެވެ. '' (މި ޙަދީޘްވަނީ މުސްލިމްގައި)

ނަމަވެސް ވަކި ދުވަހެއް ކަނޑައެޅިފައިވާ، ޢަރަފާތް، ޢާޝޫރާ ފަދަ ރޯދަ ހިފަން ރޭގަނޑު ނިޔަތް ގަންނަންވާނެއެވެ.

32- ވާޖިބު ރޯދައެއް ހިފަން ފައްޓައިފިއްޔާ (ޤަޟާ، ނަދުރު، ކައްފާރާ) އެ ރޯދަ ފުރިހަމަކުރުން ލާޒިމެވެ. އުޒުރަކާއި ނުލާ މިފަދަ ރޯދަ ކަނޑައިގެން ނުވާނެއެވެ. ނަމަވެސް ސުންނަތް ރޯދައެއް ކަމުގައި ވަންޏާ، ބޭނުން އިރަކު ބޭނުންވީމާ ކަނޑާލެވިދާނެއެވެ.

ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މިގޮތަށް ރޯދަ ދޫކުރެއްވީ، މީހަކު ކާ އެއްޗެއް ހަދިޔާއަކަށް އެރުވުމުންނެވެ. ވީމާ ޝަރުޢީ ގޮތުން އެކަށީގެންވާ ސަބަބެއް ނެތި ސުންނަތް ރޯދައަކަސް، އެ ރޯދަ މެދުކެނޑުން ރަނގަޅެއް ނޫނެވެ. އެއީ އެކަން ކުޅޭ ކުޅޭ ކަމަކަށް ނުހެދުމުގެ ގޮތުންނެވެ.

33- ރޯދަމަސް ފެއްޓިއްޖެކަން ނޭނގި ނިދާފައި އޮވެފައި، ހެނދުނު ހޭލެވިއްޖެނަމަ ބާކީ އޮތް ވަގުތު ރޯދަ ހިފަންޖެހޭނެއެވެ. ނަމަވެސް ފަހުން އެ ރޯދަ ޤަޟާކުރަން ޖެހޭނެއެވެ.

ރޯދަ ހިފުމާއި ވީއްލުން:

34- އިރުގެ ބުރު އެއްކޮށް އުދަރެހުން އޮބާލުމުން، އިރު އޮއްސުނީއެވެ. އަދި ރޯދަ ވީއްލަން ވީއެވެ.

ސުންނަތް ގޮތަކީ ރޯދަ ވީއްލުން އަވަސް ކުރުމެވެ. ނަމަވެސް އިރުއޮއްސިއްޖެކަން ޔަޤީން ކުރަންވާނެއެވެ. ފަތިހުވެސް ފަޖުރުވަންދެން ކައި ބޮއެ ހެދިދާނެއެވެ. ފަޖުރުލުމުގެ ކުރިން ރައްކާތެރިވުމަށްޓަކައޭ ކިޔާފައި އެންމެފަހުން ކެވޭ ވަގުތުގެ ކުރިއަށް ވަގުތުކޮޅެއް ލުން އެއީ ކުރަންޖެހޭ ކަމެއް ނޫނެވެ.

ރޯދަގެއްލޭ ކަންތައް:

35- ޙައިޟު ނިފާސް ފިޔަވައި، ރޯދަ ގެއްލޭ ކަންތައްތަކުގައި 3 ޝަރުޠެއް ބޭނުންވެއެވެ. އެއީ އެނގުން، ހަނދާންހުރުން، އިޚްތިޔާރު އޮތުން މިއެވެ.

36- ކެއިން ބުއިމުގެ މާނައިގައި ހިމެނޭ އިންޖެކްޝަން ފަދަ އެއްޗެހިން ރޯދަ ގެއްލޭނެއެވެ.

37- ފުރަގަސްފަރާތުގެ ގުންބާ، ލޮލަށް އަޅާ ބޭސް، ކަންފަތަށް އަޅާ ބޭސް، ދަތް އުފުރުން، ފާރުގައި ބޭސް އެޅުން، މިހުންނަނީކީ ރޯދަ ގެއްލޭ ކަންތަކެއް ނޫނެވެ.

38- ލޭ ޓެސްޓުކުރަން ލޭ ނެގުމަކީވެސް ރޯދަ ގެއްލޭ ކަމެއް ނޫނެވެ.

39- މިއަންނަނިވި އެއްވެސް ކަމަކީ ރޯދަ ގެއްލޭ ކަމެއް ނޫނެވެ.

ހ- ކަންފަތް ދޮތުން، ނޭފަތަށް ބޭސް އެޅުން، ނޭވާހިއްލާ މީހުން ބޭނުންކުރާ ގުންބާ ފަދަ އެއްޗެހިން ރޯދަ ނުގެއްލޭނެއެވެ. ކަރުތެރޭގައި ރަހަ ލުން އެއީ ރޯދަ ގެއްލޭ ކަމެއް ނޫނެވެ.

ށ - ޓެސްޓެއް ކުރުމުގެ ގޮތުން ފަރުޖުތެރެއަށް ވެއްދޭ ހޮޅިއެއްފަދަ އެއްޗަކުން ނުވަތަ، ކޮޕާރ-ޓީ ލެއްވުމަކުން ރޯދަ ނުގެއްލޭނެއެވެ.

ނ - ދަތް ތޮރުފުން، ދަތް ސާފުކުރުން ދަތް އުނގުޅުން ފަދަ އެއްވެސް ކަމަކުން، އެއްޗެއް ނުދިރުވާނަމަ، ރޯދަ ނުގެއްލޭނެއެވެ.

ރ - ވުޟޫކުރާއިރު އަނގައަށް ފެންލުން

ބ - ގައިގައި އުނގުޅާ ބޭސް ތެޔޮ، ބާމުފަދަ އެއްޗެހި

40- އުޒުރަކާ ނުލާ ރަމަޟާން މަހު ދުވާލު ރޯދަ ކަނޑައިފި މީހާއަށް އެކުރެވުނީ ބޮޑު ފާފައެކެވެ. އޭނާ އެކަމުން އަވަހަށް ތައުބާވެ، ފަހުން ރޯދަ ޤަޟާކުރަން ޖެހޭނެއެވެ.

40 - ރޯދައަށް ހުރެ، އިސްތިމްނާކުރުން އެއީ ބޮޑު ޙަރާމްކަމެކެވެ. އެހެން މަސްތަކުގައިވެސް މި ކަމަކީ ޙަރާމްކަމެކެވެ. ރޯދަ މަހު ރޯދައިގެ ހުރުމަތް ކަނޑައި، މަހުގެ ހުރުމަތް ކަނޑައި، ފާފައެއް ކުރުމުން ފާފަ އިތުރުވާނެއެވެ.

42- ހަނދާން ނެތިގެން ކެވިއްޖެނަމަ ރޯދަ ފުރިހަމަ ކުރާށެވެ. އޭނާއަށް ރޯދަ ޤަޟާކުރުމެއް އަދި ކައްފާރާއެއްވެސް ނެތެވެ. އެ ރޯދައަކީ ހަމަ ބަރާބަރު ރޯދައެކެވެ.

43- ރޯދަ އަށް ހުރެފައި ހަނދާން ނެތިގެން ކާ މީހަކު ފެނިއްޖެނަމަ ހަދާންކޮށް ދޭން ޖެހޭނެއެވެ. އެއީ ހެޔޮކަންތަކަށް އެހީތެރިވާ އުސޫލުގެ ދަށުންނެވެ.

44- ހަލާކުވެގެން ނުވަތަ މަރުވެގެންދާ މީހަކު ސަލާމަތް ކުރުމަށްޓަކައި، ރޯދަ ކަނޑަން ޖެހިއްޖެނަމަ އެކަން ހުއްދައެވެ. މިސާލަކަށް ކަނޑުވެފައިވާ މީހެއް ސަލާމަތް ކުރަން އަލިފާނުން މީހަކު ސަލާމަތް ކުރަން ފަދަ ކަންކަމެވެ.

45- ރަމަޟާންމަހު ރޯދައަށް ހުރެފައި ޖިމާޢުވެއްޖެނަމަ، މަނި ފޭބިއަސް ނުފޭބިއަސް، އޭނާގެ ރޯދަ ފާސިދުވީއެވެ. އަދި ކުރެވުނު މި ބޮޑުފާފައަށް ތައުބާވެ، އެ ދުވަހު ބާކީ އޮތް ބައި ފުރިހަމަކޮށްފައި، ރޯދަ ޤަޟާކޮށްފައި އަދި ކައްފާރާ ވެސް ދޭންޖެހޭނެއެވެ.

46- އެއް ދުވަހު އެތައްފަހަރަކު ޖިމާޢުވިއަސް ދޭންޖެހޭނީ އެއް ކައްފާރާއެވެ.

47- އެތައް ދުވަހަކު ޖިމާޢުވެއްޖެނަމަ ކޮންމެ ދުވަހެއް ޤަޟާކޮށްފައި ކޮންމެ ދުވަހަކަށް ކައްފާރާ ދޭން ޖެހޭނެއެވެ.

48- އަނބިމީހާއާއި ޖިމާޢުވުމަށްޓަކައި، ފެން ބޮއެގެން ފުރަތަމަ ރޯދަ ކަނޑާލާފައި ޖިމާޢުވުމުން އެ ކުރެވުނީ އަދި މާ ނުބައި ކަމެކެވެ. އޭރުން ރޯދަ ކެނޑުމާއި މަހުގެ ހުރުމަތް ކަނޑައި ޖިމާޢުވެވުނީއެވެ. ވީމާ މިއީ ކައްފާރައިން ރެކެވޭނެ އުކުޅެއް ނޫނެވެ.

49- ދެމަފިރިން ދޮންދިނުމާއި ބެއްދުމާއި އަތްލުމާއި ބެލުމަކީ ރޯދަ ހިފައިގެންވެސް ހުއްދަ ކަމެކެވެ. ބުޚާރީ އަދި މުސްލިމްގައި އައިސްފައިވާ ޙަދީޘެއްގައި ވަނީ: عَنْ ‏ ‏عَائِشَةَ ‏ ‏رَضِيَ اللَّهُ عَنْهَا ‏ ‏قَالَتْ ‏ كَانَ النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يُقَبِّلُ ‏ ‏وَيُبَاشِرُ ‏ ‏وَهُوَ صَائِمٌ وَكَانَ أَمْلَكَكُمْ ‏ ‏لِإِرْبِهِ ‏

މާނައަކީ: ''ޢާއިޝަތުގެފާނު ރިވާކުރެއްވިއެވެ. ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ރޯދައަށް ހުންނަވައިގެން، (އަނބިކަބަލުންނާއި) ބޮސްދެއްވާ، ބައްދާލައްވަވާ ހައްދަވައެވެ. އަދި އެކަލޭނގެފާނުވީ ކަލޭމެން އެންމެންނަށްވުރެ، ''ނަފްސު'' ހިފެހެއްޓެވޭ ބޭކަލެއް ކަމުގައެވެ.'' (ޞަޙީޙް ބުޚާރީ، ކިތާބުއް ޞައުމް/ މުސްލިމް ކިތާބުއް ޞިޔާމް)

އެހެން ޙަދީޘެއްގައި، ﷲ އަށްޓަކައި ކެއިން ބުމާއި އަންހެނުންނާއި ދުރުވެ ހުންނަ ވާހަކައިގެ މާނައަކީ، ޖިމާޢުވުން ކަމުގައި ޢިލްމުވެރިން އެއްބަސްވެލައްވައެވެ.

ފާހަނގަކޮށްލަން ޖެހޭ ތަންކޮޅަކީ، ދޮން ދިނުން ނުވަތަ ބެއްދުން ފަދަ ކަންކަން ކުރުމަށްފަހު، ނަފްސު ނުހިފެހެއްޓޭ މީހުންނަށް މިކަން ހުއްދަ ނުވާނެކަމެވެ. އެއީ ނަފްސު ނުހިފެހެއްޓިގެން ޖިމާޢުވުމާއި ހަމައަށް ދިއުމަކީ، އެއީ ޙަރާމްކަމެކެވެ. ވީމާ ދޮން ދިނުމާއި ބީހުން ހުއްދައީ މިފަދަ ބިރެއް ނޯންނަ މީހަކަށެވެ.

50- ޖިމާޢުވުމުގެ ތެރޭގައި ފަޖުރުވެއްޖެކަން އެނގިއްޖެނަމަ، ޖިމާޢުވުން ހުއްޓާލަން ޖެހޭނެއެވެ. އަދި އެއާއި ވިދިގެން މަނި ބޭރުވިއަސް އޭނާގެ ރޯދަ ކަމުދާނެއެވެ. ފަޖުރުލުމުންވެސް، ޖިމާޢުވުން ނުހުއްޓައިފިނަމަ، އޭނާގެ ރޯދަ ގެއްލޭނެއެވެ. އަދި ކުށަށް ތައުބާވެ، ކައްފާރާ ދިނުން ވާޖިބުވާނެއެވެ.

51- ޖުނުބުވެރިވެފައި ހުއްޓާ ފަޖުރުލިއަސް، އެއިން ރޯދައަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އަދި ހިނައިގަތުން ފަޖުރުގެ ފަހަށް ލަސްކުރުންވެސް ހުއްދައެވެ. ނަމަވެސް އިރުއެރުމުގެ ކުރިން ފަތިސްނަމާދު ކުރަން، ހިނައިގަންނަން ޖެހޭނެއެވެ.

52- ރޯދައަށް ހުރެގެން، އެއްވެސް ގޮތަކަށް ޤަސްދުގައި މަނި ބޭރުކޮށްފިނަމަ ރޯދަ ގެއްލޭނެއެވެ. ރޯދަ ގެއްލުނަސް އޭނާ އެ ދުވަސް ފުރިހަމަ ކުރަންޖެހޭނެއެވެ. އަދި އެ ރޯދަ ޤަޟާކުރަން ޖެހޭނެއެވެ.

ރާޖިޙް ރައުޔަކީ މަޛްޔު ފޭބިއަސް ރޯދަ ނުގެއްލޭނެކަމަށް ބުނާ ރައުޔެވެ. މަޛްޔުފޭބުމުން ހިނައިގަންނާކަށް ނުޖެހޭނެއެވެ. ޖެހޭނީ ހަމަ އެކަނި އެތަން ދޮވެފައި، ހެދުމުގައި ޖެހުނު ތަންކޮޅު ފެންފޮދަކުން ދޮވެލާށެވެ. ދެން ވުޟޫކޮށްގެން ނަމާދުވެސް ކުރެވޭނެއެވެ.

53- ގަސްތަކާ ނުލާ ހޮޑުލެވުނަސް ރޯދަ ނުގެއްލޭނެއެވެ. ނަމަވެސް، ގަސްތުގައި ހޮޑުލައިފިއްޔާ ރޯދަ ގެއްލޭނެ ކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް ބައެއް ޢިލްމުވެރިން އެ ގޮތް ދެކެވަޑައިނުގަނެއެވެ. ގަސްތުގައި ހޮޑުލުމުން ރޯދަ ގެއްލޭނެ ކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ދަލީލަކީ، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މި ޙަދީޘެވެ. مَنْ ‏ ‏ذَرَعَهُ ‏ ‏قَيْءٌ وَهُوَ صَائِمٌ فَلَيْسَ عَلَيْهِ قَضَاءٌ وَإِنْ ‏ ‏اسْتَقَاءَ فَلْيَقْضِ

މާނައަކީ: ''ރޯދައަށް ހުއްޓާ ހޮޑުލެވުނަސް، ރޯދަ ޤަޟާކުރުމެއް ނެތެވެ. އަދި ގަދަކަމުން ހޮޑުލައިފިއްޔާ ރޯދަ ޤަޟާ ކުރާށެވެ.'' (އަބޫ ދާއޫދް، ބާބުއް ޞައުމް / މާލިކް / އިބްނު މާޖާ / ތިރްމިޛީ)

ނަމަވެސް، މި ޙަދީޘްގެ ޞައްޙަ ކަމަށް ނުދެކޭ ޢިލްމުވެރިން، ވިދާޅުވަނީ ރޯދަ ނުގެއްލޭނެ ކަމަށެވެ. ބުޚާރީގައި އިމާމް ބުޚާރީ ނަންގަވާފައިވާ ރައުޔަކީ ނުގެއްލޭނެ ކަމަށް ބުނާ ރައުޔެވެ.

ވުޟޫ ކުރާއިރު އަނގަޔަށާއި ނޭފަތަށް ފެންލުމަކުން ރޯދަ ނުގެއްލޭނެއެވެ. ނަމަވެސް، ރޯދަ ހިފައިގެން ހުރިއްޔާ އެހާ ބޮޑަށް ނޭފަތަށް ފެން ނުލުމަށް، ލަޤީޠް ބިން ޞަބްރާ އަށް ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އިރުޝާދު ދެއްވާފައިވާ ޙަދީޘެއް އޮވެއެވެ.

އަނގައިގައި ހޭކިފައި ހުންނަ ފެނުގެ އަސަރަކުން ރޯދަ ނުގެއްލޭނެއެވެ.

ހިރގަނޑުގައި ހުރިފާރުކޮޅަކުން ލޭ ފޭބިއަސް އެ ދިރުވާނުލާނަމަ ރޯދަ ނުގެއްލޭނެއެވެ. އަދި އަނގައިގައި ހުންނަ ކުޅު ދިރުވުނަސް ރޯދަ ނުގެއްލޭނެއެވެ. ވީމާ ރޯދައަށް ހުރެފައި އިރުއިރުކޮޅާ ކުޅުޖެހުން އެއީ ކުރަންޖެހޭ ކަމެއް ނޫނެވެ.

މުހިއްމު ބޭނުމަކަށް ކާއެއްޗެއްގެ ރަހަ ދުލުކުރިން ބެލިއަސް ރޯދަ ނުގެއްލޭނެއެވެ. މިސާލަކަށް ދަރިފުޅަށް ކާންދޭން މަންމަ އަނގައިން ކާއެއްޗެއް ކުދިކުދި ކުރުން، ރަހަ ބަލައިގެން ނޫން ގޮތަކަށް ކާ އެއްޗެހީގެ ލޮނު ނުވަތަ ކުޅި ރަހަ ހެޔޮވަރު ނުކުރެވުން، އެއްޗެއް ގަންނަންވެގެން އޭގެ ރަހަބަލަން ޖެހުން ފަދަ ކަންކަމެވެ.

މި ގޮތަށް ރަހަ ބަލާފައި އެ ދިރުވައިގެން ނުވާނެއެވެ. ޖެހޭނީ ކުޅުޖަހައިގެން ނަމަވެސް އެ ބޭރު ކުރާށެވެ. އަދި ބޭނުމަކާއި ނުލައި ކާ އެއްޗެހީގެ ރަހަ ބެލުމަކީ މަކްރޫހަ ކަމެކެވެ.

54- ރޯދައަށް ހުރެގެން ކޮންމެ ވަގުތަކުވެސް ދަތް އުނގުޅުން ހުއްދައެވެ. ކޮންމެ ވަގުތެއްގައި ކުރި އަސް ދަތް އުނގުޅުމަކީ ސުންނަތް ކަމެކެވެ. އަދި ދަތް އުނގުޅާއިރު ބޭސް ނުވަތަ ފެން ޤަސްދުގައި ދިރުވައިގެން ނުވާނެއެވެ. ނޭނގި އިޚްތިޔާރަކާއި ނުލާ އެތެރެއަށް ދާ އެއްޗެއްސަކީ އަފޫ ކުރެވޭ އެއްޗެކެވެ.

55- ސިގިރޭޓް ބުއިމުން ރޯދަ ގެއްލޭނެއެވެ. އަދި ސިގިރެޓި ބުއިމަކީ ޙަރާމް ކަމެކެވެ.

56- ފިނި ކުރުމުގެ ގޮތުން ފެން އެއްޗަށް ބޯ ކޮއްޕުން، ފެންވެރުން، ފެންފޮތި ގައިގައި އެޅުމަކީ ހުއްދަކަމެކެވެ. ފަތާއިރު ލޮނު ނުބޮވޭނެކަން އެނގޭނަމަ ފެތިއަސް މައްސަލައެއް ނެތެވެ.

57- ފަޖުރުލުމާއި ދޭތެރޭ ވަގުތު އެބައޮތް ކަމަށް ހީކޮށް، އެއްޗެއް ކައި ބޮއެ ނުވަތަ ޖިމާޢުވުމަށްފަހު، ފަޖުރު ލައިފިކަން އެނގުނަސް ރޯދަ ނުގެއްލޭނެއެވެ. ނަމަވެސް މިއީ ފަރުވާ ކުޑަވެގެން ދިމާވާ ގޮތެއް ކަމުގައި ވެގެން ނުވާނެއެވެ. އިބްނު ތައިމިއްޔާގެ ރައުޔަކީވެސް މިއީއެވެ. (މަޖްމޫޢުލް ފަތާވާ 29/263)

58- އިރު އޮއްސިއްޖެކަމަށް ހީކޮށް ރޯދަ ވީއްލުމަށްފަހު، އަސްލު އިރު ނު އޮއްސޭކަން ހާމަވިއަސް ރޯދަ ކަމުދާނެއެވެ. އިބްނު ތައިމިއްޔާ ވިދާޅުވީ މިފަދައިންނެވެ. އިބްނު ތައިމިއްޔާ ނަންގަވާ އެއް ދަލީލަކީ ބުޚާރީ މުސްލިމްގައި އަސްމާއު ބިންތު އަބީބަކްރުގެ އަރިއަހަން ރިވާވެފައިވާ ޙަދީޘެއްގައި މި ޙަދީޘެވެ. عَنْ ‏ ‏أَسْمَاءَ بِنْتِ أَبِي بَكْرٍ ‏ ‏قَالَتْ ‏ أَفْطَرْنَا يَوْمًا فِي رَمَضَانَ فِي غَيْمٍ فِي عَهْدِ رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏ثُمَّ طَلَعَتْ الشَّمْسُ ‏

މާނައަކީ: ''ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަޔާތްޕުޅުގައި، ބަނަ ދުވަހެއްގައި އިރު އޮއްސިއްޖެކަމަށް ހީކޮށް ރޯދަ ވީއްލުމަށްފަހު އަސްލު އިރު ނޯއްސޭކަން އެނގުނެވެ.''

މި ހާދިސާގައި ރޯދަ ޤަޟާކުރަން ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރު ކުރެއްވިކަން، ސާބިތުކޮށް އެނގޭކަށް ނެތެވެ.

ނޯޓް: މަތީގައިވާ ދެ ހާލަތުގައިވެސް (އިރު އޮއްސިއްޖެކަމަށް ހީކޮށް ރޯދަ ވީއްލުން އަދި ފަޖުރު ނުލާކަމަށް ހީކޮށް ކެއުމަށް ފަހު އެއާ ޚިލާފަށް ކަންތައް ވުމުން) ރޯދަ ގެއްލޭނެކަމަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެއެވެ. ހަތަރު އިމާމުން ވިދާޅުވީ ރޯދަ ގެއްލޭނެ ކަމަށެވެ. ފަހުގެ ޢިލްމުވެރިންގެ ތެރެއިން އިބްނު ބާޒް ވެސް ވިދާޅުވީ ވަގުތު ބެލުމުގައި މީހުން ކަންފަސޭހަ ކުރުމުގެ ދޮރު ހުޅުވުނަ ނުދޭން ޢިލްމުވެރިން، މިފަދަ ރޯދަ ޤަޟާކުރަން ޖެހޭނެކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ނަމަވެސް އިބްނު އިސްޙާޤު އަދި އިބްނު ތައިމިއްޔާ ވިދާޅުވީ ނުގެއްލޭނެކަމަށެވެ.

އަންހެނުންގެ ޙުކުމްތައް:

59- ބާލިޣުވެ ޙައިޟުވުމުން ވެސް، ރޯދަ ނުހިފައި ހުރުން އެއީ ފާފައެކެވެ. މިފަދަ ގޮތަކަށް ކަންތައް ކުރާ ކުއްޖަކު ތައުބާވެ، އެ ރޯދަ ޤަޟާކުރަން ޖެހޭނެއެވެ. މިއީ އިއްތިފާޤު މައްސަލައެކެވެ.

މި ކުއްޖާ ރޯދަ ޤަޟާ ނުކޮށް ހުއްޓާ އަނެއް ރޯދަ މަސް އައިސް ޖެހިއްޖެއްޔާ، ރޯދަ ޤަޟާކުރުމުގެ އިތުރަށް، ނުހިފައި ލަސްކުރީތީ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭންޖެހޭ މައްސަލައަކީ އިޚްތިލާފު ވެފައިވާ ކަމެކެވެ. ޝާފިޢީ، މާލިކީ އަދި ޙަންބަލީ މަޛްހަބު ބުނަނީ ކާންދޭން ޖެހޭނެކަމަށެވެ. ނަމަވެސް ޙަނަފީ މަޛްހަބު ބުނަނީ ކާން ދޭން ނުޖެހޭނެ ކަމަށެވެ. ހަމައެކަނި ރޯދަ ޤަޟާކުރުމުން ފުދޭނެ ކަމަށެވެ. އިމާމް ބުޚާރީވެސް ވިދާޅުވީ މި ގޮތަށެވެ. ވީމާ ރައްކާތެރިވުމުގެ ގޮތުން ކާން ދިނަސް އެންމެ ރަނގަޅެވެ. ޙަނަފީ މަޛްހަބް މި މައްސަލާގައި ނަގައިގެން، ކާން ނުދިނަސް އެންމެ ރަނގަޅެވެ. އެންމެ މުހިއްމީ ތައުބާވެ، ކުރިއަށް އޮތް ތާނގައި ރޯދަ ހިފުމެވެ.

60- ފިރިމީހާ ރަށުގައި ހުއްޓާ އޭނާގެ ހުއްދަނެތި، ފަރުޟު ނޫން ރޯދަ އަނބިމީހާ ހިފުން ހުއްދައެއް ނޫނެވެ. ފަރުޟު ރޯދަ މަނާކުރެވޭނެ މީހެއް ނުހުންނާއެވެ. ވީމާ ރަމަޟާން މަހުގެ ރޯދަ އަދި، ރަމަޟާން މަހުން ޙައިޟުގެ ސަބަބުން ދޫކޮށްލާ ރޯދަ، ފަހުން ހިފުން އެއީ ފިރިމީހާއަށް މަނާ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އަނބިމީހާ މިފަދަ ރޯދައެއް ހިފައިގެން ހުއްޓާ އޭނާއާ ޖިންސީ ގުޅުން ހިންގަން އުޅުމަކީ ޙަރާމް ކަމެކެވެ.

ސުންނަތް ރޯދަ ހިފަން ހުއްދަ ހޯދަން ޖެހެނީ، އަނބިމީހާގެ ކިބައިން އަރާމު ލިބިގަތުމަކީ ފިރިމީހާއަށް ލިބިފައިވާ ޙައްޤަކަށްވާތީއެވެ. ސުންނަތް ރޯދަ ނުހިފައި ފިރިމީހާގެ ޢިއްފަތްތެރިކަން ރައްކާތެރިކޮށް ދިނުމަކީ އަނބިމީހާއަށް ޘަވާބު ލިބޭނެ ކަމެކެވެ.

61- ޙައިޟުވެރިއާ ޠުހުރުވެއްޖެކަން އޭނާ ފާހަނގަ ކުރާ ޢަލާމާތްތައް ފެނުމުން ރޯދަ ވާޖިބުވާނެއެވެ.

62- ފަޖުރު ލުމުގެ ކުރިން ލޭ ކެނޑުނީމާ ރޯދަ ހިފުން ވާޖިބާނެއެވެ. ހިނައިގަތުން އެއީ ޝަރުޠެއް ނޫނެވެ. ވީމާ ރޭގަނޑު ލޭ އައުން ހުއްޓުނީމާ ވެސް، ތިމަންނަ މި ހުރީ ހިނައި ނުގަނެއޭ ބުނެ، އެރޭ ފަތިހު ހިފަންޖެހޭ ރޯދަ ނުހިފުން އެއީ، ހެދޭ ގޯހެކެވެ. ރަނގަޅު ގޮތަކީ ހިނައިނުގަނެ ހުއްޓަސް ލޭ ހުއްޓުމުން ރޯދަ ހިފުމެވެ.

63- މާދަމާއަކީ ތިމަންނަގެ ޙައިޟު ފެއްޓޭނެ ދުވަސްކަން އެނގޭ އަންހެން މީހާ، ރޭގަނޑު ރޯދައަށް ނިޔަތް ގަނެގެން ދުވާލު ލޭ ފެންނަންދެން ރޯދައަށް ުހުންނާނީއެވެ. ލޭ ފެނުމުގެ ކުރިން ރޯދަ ކަނޑައިގެން ނުވާނެއެވެ.

64- ރަމަޟާން މަހުގައިވެސް ޙައިޟުވެރިއާއަށް ބޮޑަށް ރަނގަޅު ގޮތަކީ، އޭނާގެ ޠަބީޢީ ގޮތުގައި އެއްވެސް ބޭހެއް ބޭނުންނުކޮށް ހުރުމެވެ. ފާޑުފާޑުގެ ބޭސް ބޭނުން ކޮށްގެން ޙައިޟު ހުއްޓުވައިގެން ރޯދަ ހިފުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫނެވެ. އުއްމަހާތުލް މުއުމިނީން، އަދި ޞަޙާބިއްޔާތުން ވެސް ޙައިޟުވުމުން ރޯދަ ނުހިއްޕަވާ ތިއްބެވީއެވެ.

ނަމަވެސް ރަމަޟާން މަހު ރޯދަ ހިފަންވެގެން ޙައިޟުވުން ހުއްޓުވާ ކަހަލަ ބޭސް ބޭނުން ކުރުން އެއީ ހުއްދަ ކަމެކެވެ. އެކަމަކު އެ ބޭހުން ހަށިގަޑަށް ގެއްލުމެއް ނުވާކަން ގައިމުކުރަން ޖެހޭނެއެވެ. އެއަށްފަހު ބޭސް ބޭނުންކޮށްގެން ރޯދަ ހިފުމުން އެ ރޯދަ ކަމުދާނެއެވެ. އަދި ފަހުން ޤަޟާކުރަން ޖެހޭ ރޯދައެއް ނޯންނާނެއެވެ.

65- އިސްތިޙާޟާގެ ލެއިން ރޯދައަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.

66- މާބަނޑު އަންހެނާ އާއި ކިރުމައި މީހާ އެއީ ރޯދަ ދޫކޮށްލުން އޭގެ ޒާތުގައި ހުއްދަ ދެވިފައިވާ މީހުންގެ ތެރޭގައި ހިމެނޭ ބައެއް ނޫނެވެ. މާނައަކީ ހަމަ މާބަނޑުވެލީމާ ނުވަތަ ކިރުދޭތީއޭ ކިޔާފައި ރޯދަ ދޫކޮށްލުން ހުއްދައެއް ނުވެއެވެ. މި ހުއްދަ ދެވެނީ މި ދެމީހުންނަށް ނުވަތަ ދެ މީހުންގެ ދަރިފުޅަށް ގެއްލުން ވާނަމައެވެ.

މާބަނޑު އަންހެނާ އާއި ކިރުމައި މީހާ އެ ދެމީހުންގެ ނަފްސަށް ނުވަތަ ދަރިފުޅަށް ރޯދަ ހިފުމުން ގެއްލުމެއްވެދާނެ ކަމުގެ އެއްވެސް ވަރެއްގެ ބިރެއް ހީވަންޏާ، ރޯދަ ނުހިފައި ދޫކޮށްލުން ހުއްދައެވެ. އެ ދެމީހުންނަށް ޖެހޭނީ ފަހުން ރޯދަ ޤަޟާކުރާށެވެ. ރާޖިޙް ރައުޔަކީ މިއީއެވެ. މި ވާހަކައިގެ ޚުލާޞާއަކީވެސް މިއީއެވެ. ތިރީގައިވަނީ މީގެ އިޚްތިލާފު ތަކެކެވެ.

އިބްނު ޢައްބާސް، އިބްނު ޢުމަރު ދެކެލެއްވީ ޤަޟާކުރުމެއް ނެތި، ހަމަ އެކަނި ފިދުޔައިން ފުދޭނެކަމަށެވެ. (ދުވަހަކަށް މިސްކީނަކަށް ކާން ދިނުން) . ޙަނަފީން ދެކެނީ ވާޖިބުވާނީ ފިދްޔަ ދިނުމެއް ނެތި ހަމައެކަނި ޤަޟާކުރުން ކަމަށެވެ.

ޝާފިޢީ އަދި ޙަންބަލީން ދެކެނީ ބިރު ހީވަނީ ހަމައެކަނި ދަރިފުޅަށް ކަމަށް ވަންޏާ ވާޖިބުވާނީ ފިދްޔައާއި ޤަޟާކުރުން ކަމަށެވެ. ބިރު ހީވަނީ ހަމަ އެކަނި އެ ދެމީހުންނަށް (ކިރުމައި މީހާ، މާބަނޑު މީހާ) ނުވަތަ އެ ދެމީހުންނާއި ކުޑަކުއްޖާއަށް ނަމަ ވާޖިބުވާނީ ހަމައެކަނި ޤަޟާކުރުން ކަމަށެވެ.

މިމައްސަލައާއި ބެހޭ ގޮތުން ޤަރަޟާވީ ވިދާޅުވަނީ: ''މާބަނޑު މީހާ އޭނާގެ ދަރިފުޅަށް ބިރުހީވާނަމަ، ރޯދަ ދޫކުރުން ހުއްދަވާނައެވެ. އަދި ގެއްލުންވެދާނެކަން ޔަޤީންވަންޏާ ރޯދަ ދޫކޮށްލުން ވާޖިބުވެސް ވާނެއެވެ. އެއީ ނަފްސަށް ރައްކާތެރި ވުމަކީ ވާޖިބު ކަމެކެވެ. ޖުމްހޫރު ޢިލްމުވެރިން، މާބަނޑު އަންހެނާއާއި ކިރުމައި މީހާ ރޯދަ ހިފުމުން ގެއްލުމެއް ވެދާނެކަމަށް ބިރު ހީވަންޏާ، ރޯދަ ދޫކޮށްލުން ހުއްދަ ކުރެއެވެ. އަދި އެ ދެމީހުން ޖެހޭނީ ރޯދަ ޤަޟާކުރާށެވެ. މި ހާލަތުގައި އެ ދެމީހުންވާނީ ބަލި މީހާއަށް އޮންނަ ޙުކުމް ފެއްތޭ ބައެއް ކަމުގައެވެ. ''

67- ރަމަޟާން މަހުގެ ރޯދަ ހިފައިގެން ހުރި އަނބިމީހާ އާއި، ފިރިމީހާ ޖިމާޢުވީ އަނބިމީހާގެ ރުހުމުގައި ނަމަ، އަނބިމީހާގެ ޙުކުމަކީ ހަމަ ފިރިމީހާގެ ޙުކުމެވެ. މާނައަކީ ފާފަ ކުރެވުން، ކައްފާރާ ވާޖިބުވުން ޤަޟާ ކުރަން ދެ މީހުންނަށް ވެސް ޖެހޭނެއެވެ.

އެކަމަކު ޖިމާޢުވީ އަނބިމީހާ ދެކޮޅު ހެދުމާއެކު ކަމުގައި ވަނީނަމަ، އަންހެނުންގެ ކުށެއް ނެތެވެ. އަދި ކައްފާރާއެއް ވެސް ދޭން ނުޖެހޭނެއެވެ. އިބްނު ތައިމިއްޔާ ވިދާޅުވެފައި އޮންނަނީ މި ހާލަތުގައި އަންހެން މީހާގެ ރޯދަ ފާސިދެއް ވެސް ނުވާނެކަމަށެވެ.

68- ޙައިޟުވެރިއާއާއި ނިފާސްވެރިއާގެ މައްޗަށް ރޯދަ ވާޖިބެއް ނޫނެވެ. އަދި ރޯދަ ހިފައިފިއްޔާ ފާފަވެރިވާނެއެވެ. އަދި ދޫވާ ރޯދަ ޤަޟާކުރުން ވާޖިބެވެ.

ރޯދަ ޤަޟާކުރުން :

69- ރަމަޟާން މަހު ދޫވާ ރޯދަ، ފަހުން ޤަޟާކުރުމަކީ ވާޖިބުކަމެކެވެ. ރޯދައެއް ދޫކުރެވިފައި އޮތިއްޔާ އަނެއް ރަމަޟާން މަސް އައުމުގެ ކުރިން ރޯދަ ޤަޟާކޮށް ނިންމަން ޖެހެއެވެ. ޝަރުޢީ އުޒުރެއް ނެތި އެއަށްވުރެ ލަސް ކުރުމުން ފާފަވެރިވާނެއެވެ. މުޅި އަހަރުގައިވެސް އުޒުރެއް ތެރޭގައި އުޅުނުނަމަ، ނުހިފުން އެއީ މައްސަލައެއް ނޫނެވެ. އަދި އުޒުރެއް އޮވެގެން ރޯދަ ޤަޟާ ނުކުރެވިގެން އުޅެނިކޮށް މަރުވެއްޖެނަމަ އޭނާގެ ތިމާގެ މީހުން އެ ރޯދަ ހިފުން ވާޖިބެއް ނޫނެވެ. ނަމަވެސް ބޭނުމިއްޔާ ހިފިއަސް އެންމެ ރަނގަޅެވެ.

ފަރުވާކުޑަވެގެން ރޯދަ ޤަޟާ ނުކޮށް ހުއްޓާ މަރުވެއްޖެނަމަ، އެނާގެ ތިމާގެ މީހުން އެ ރޯދަ ހިފާނީއެވެ. ނުވަތަ ކާން ދޭނީއެވެ.

70- ރޯދަ ޤަޟާ ކުރުމުގައި ޖެހިޖެހިގެން ހިފަން ނުޖެހޭކަމަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެއެވެ. އަދި ޤަޟާ ކުރަމުންދާ ރޯދައެއްގެ ތެރޭގައި ޖިމާޢުވުމުން ކައްފާރާ ވާޖިބެއް ނުވެއެވެ. އެހެން ނަމަވެސް އެ ރޯދަ ފާސިދު ކުރުން އެއީ ފާފައެކެވެ. އަދި އަލުން އަނެއްކާ އެ ރޯދަ ހިފަން ޖެހެއެވެ.


 

ގުޅުންހުރި:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.