ބުދަ20171108

އާކުރެވުނީ: 09:46:14

ޤުރުއާންކިޔެވުމާ ވުޟޫހުރުން

vuzoo-quranމުސްލިމުން މުޞްޙަފް ގެންގުޅުމާއި ޤުރުއާން ކިޔެވުމާ ބެހޭ ގޮތުން ވާހަކަ ދައްކާ އިރު، މި މައުޟޫގައި ހިމެނޭ ބައެއް ބައިތައް އަރިމަތީ ސުރުޚީތަކަކަށް ބަހައިލެވިދާނެއެވެ. އެއީ:-

ޤުރުއާން: ޤުރުއާނުގައި އަތްލުމާއި އުފުލުމާއި، އަދި އެއިން ކިޔެވުމާ ބެހޭ ގޮތުން ހިތުގައި ސުވާލެއް އުފެދޭ، އަތް ލެވޭ އެއްޗަކީ މިއިން ކޮންމެވެސް އެއްޗަކަށް ނުވެ ނުދާނެއެވެ.

1- މުޞްޙަފް

2- ޤުރުއާން ތަރުޖަމާ

3- ޤުރުއާނުގެ އާޔަތް ލިޔެވިފައި ހުންނަ ފޮތްތައް

4- ޤުރުއާން ހުންނަ ސީޑީ، ކޮމްޕިއުޓަރ

މުސްލިމަކު އޭނާގެ އާއްމު ދިރިއުޅުމުގެ ތެރޭގައި ހުންނަ ހާލަތުވެސް މި އަންނަނިވި ގޮތްތަކުން ބޭރު ގޮތެއްގައި ހުންނާނެ ކަމަށް ތަޞައްވުރެއް ނުކުރެވެއެވެ. އެއީ :-

1- ވުޟޫ މަތީ ހުރުން

2- ޖުނުބުވެރި ޙާލަތު

3- ޙައިޟު، ނިފާސްވެރި ޙާލަތު

4- ކުޑަ ޙަދަޘްވެރިވެފައި ( ވުޟޫ ނެތް މީހުން )

ކިޔަވާ ގޮތް

މުސްލިމުން ޢާއްމު ކޮށް ޤުރުއާން ކިޔަވާ ގޮތަކީ މުޞްޙަފް ހިފަހައްޓައިގެން އެ ބަލައިގެން ކިޔެވުމެވެ. ނަމަވެސް އެހެން ގޮތަކަށްވެސް މީހަކު ކިޔަވަފާނެއެވެ. ވީމާ ކިޔަވާ ގޮތް މި ފަދައިން ބެހިދާނެއެވެ:-

1- މުޞްޙަފް ގައި އަތް ލައިގެން ކިޔެވުން

2- މުޞްޙަފް ގައި އަތް ނުލާ ކިޔެވުން

މުޞްޙަފުގައި އަތްލުން

ވުޟޫނެތި ޤުރުއާނުގައި ބީހުން ހުއްދަ ނުވާނެކަމަށް، ޖުމްހޫރު ޢިލްމުވެރިން ދެކެލައްވައެވެ. ވަރަށް ގިނަ ޞަޙާބީންނާއި ތާބިޢީންގެ ކިބައިން، ޠާހިރު ހާލަތުގައި ނޫނީ ޤުރުއާނުގައި ބީހުން ހުއްދަ ނުވާނެކަމަށް އައިސްފައިވެއެވެ. އަދި ހަތަރު މަޛްހަބުވެސް ދެކެނީ މި ގޮތަށެވެ.

ޙަދަޘްގެ ދެ ވައްތަރެއް އޮވެއެވެ. އެއީ ކުޑަ ޙަދަޘް (ވުޟޫ ނެތުން) އަދި ބޮޑު ޙަދަޘް (ޖުނުބު އަދި ޙައިޟު ނިފާސް ) އެވެ. މިއިން އެއްވެސް ޙާލަތެއްގައި ހުރެ މުޞްޙަފުގައި އަތް ލުން ހުއްދައެއް ނޫނެވެ.

ވުޟޫ ނެތި މުޞްޙަފުގައި އަތްލުން ހުއްދަ ނުކުރާ ނުކުރާ ޢިލްމުވެރިންގެ ތެރިއިން ބައެއް ބޭފުޅުން ޤުރުއާން އުގެނޭ ކުޑަ ކުދިން، އޭގައި އަތްލުން ހުއްދަ ކުރެއެވެ. އެއީ ޟަރޫރަތަކަށްޓަކައެވެ. އަދި އެ ކުދިންނަކީ ދިނީ ގޮތުން މުކައްލަފުންނަށް ނުވާތީއެވެ.

ދެން ވިސްނާލަން ޖެހޭ ތަންކޮޅަކީ، މުޞްޙަފުގެ މާނައަކީ މުޞްޙަފް ކަމެވެ. ޤުރުއާނުގެ މާނައިގެ ތަރުޖަމާއަކީ އެއީ މުޞްޙަފެއް ނޫނެވެ. ވީމާ އޭގައި އަތްލާކަށް ވުޟޫކުރާކަށް ނުޖެހޭނެއެވެ. އަދި ޤުރުއާން ލިޔެވިފައި އޮންނަ ފޮތެއް ސީޑީއެއް، ނަގާކަށްވެސް ވުޟޫއެއް ބޭނުމެއް ނޫނެވެ. ހަމަ އެހެންމެ މުޞްޙަފު އޮންނަ ދަބަހެއް، މުޞްހަފް ލާފައި އޮންނަ އެއްޗެއް އުފުލާކަށްވެސް ވުޟޫކުރާކަށް ނުޖެހެއެވެ. ވީމާ މިސާލަކަށް ކޮމްޕިއުޓަރުން ބަލައިގެން ޤުރުއާން ކިޔަވާ މީހަކު، ވުޟޫ ނެތިވެސް ކިޔެވުން ހުއްދަވާނެއެވެ.

ޤުރުއާން ކިޔެވުމުގެ ޙުކުމްތައް :

1- ޖުނުބު ވެރިއާ ޤުރުއާން ކިޔެވުން ހުއްދަ ނޫން ކަމަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެއެވެ. ވީމާ ޖުނުބުވެރިވެ ހުރެ ކިޔެވުމަކީ ޙަރާމް ކަމެއްކަން އެނގި ހުރެ ކިޔަވައިފިނަމަ އެ ކުރެވެނީ ފާފައެކެވެ.

ޖުނުބު ވެރިއާ ޤުރުއާން ކިޔެވުން ހުއްދަ ނޫންކަމަށް މާލިކީ ޙަނަފީ ޙަންބަލީ އަދި ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވެއެވެ. ހަމަ އެއާއެކު މި އަންނަނިވި ކުދި ތަފްޞީލަށް ބަލާލާނެމެވެ.

* މާލިކީ މަޛްހަބު ބުނަނީ ތަޢައްވުޛުގެ ( އަޢޫޛް ބިއްﷲ / ޝައިޠާނާގެ ފަރާތުން ރައްކާތެރި ވުމަށް އެދި ކުރެވޭ ދުޢާ ) ބޭނުމަށް އާޔަތެއް ދެ އާޔެތެއް ވަރު ކިއުން ހުއްދަ ކަމަށެވެ.

* ޙަނަފީ މަޛްހަބު ބުނަނީ ކަމެއް ފެއްޓުމުގެ ގޮތުން ބިސްމި ކިއުން، ސަވާރީއަކަށް އަރާއިރު އެކަމަށް އޮންނަ ދުޢާގައި ހިމެނޭ އާޔަތް ކިއުން ހުއްދަ ކަމަށެވެ.

* ޝާފިޢީ މަޛްހަބުގައި ޤުރުއާން ކިޔެވުމުގެ މާނާގައި، އެއިން އެންމެ އަކުރެއް ކިއުންވެސް ހުއްދައެއް ނޫނެވެ. ނަމަވެސް ކާއިރު ބިސްމި ކިއުން ފަދަ ކަންކަން ހުއްދައެވެ.

ވީމާ ޤުރުއާން ބަލައިގެން (މުޞްޙަފުގައި އަތް ނުލިއަސް) ނުވަތަ ހިތުން، ނުވަތަ ކޮމްޕިއުޓަރ ފަދަ އެއްޗެއް ބަލައިގެން، ނުވަތަ މުޞްޙަފް ނޫން ފޮތަކުންވެސް ޤުރުއާން ކިޔެވުން ޖުނުބުވެރިންނަށް ހުއްދައެއް ނޫނެވެ.

ޙައިޟުވެރިއާ ޤުރުއާން ކިޔެވުން:

ޙައިޟުވެރިއާ ޤުރުއާން ކިޔެވުމާއި ބެހޭ ގޮތުން ޢިލްމުވެރިން ޚިލާފުވެ ވަޑައިގަންނަވައެވެ. ޝާފިޢި، ޙަނަފީ، އަދި ޙަންބަލީ މަޛްހަބުގައި ބުނެފައިވަނީ ޙައިޟުވެރިއާ ޤުރުއާން ކިޔެވުން ހުއްދަ ނޫންކަމަށެވެ.

މަނާ ކުރުމުގެ ދަލީލަކަށް އެބޭފުޅުން ނަންގަވާފައިވަނީ :

ހ - ޙައިޟުވެރިއާއަކީ ޖުނުބުވެރިއާއާއި އެއް ޙުކުމެއްގައިވާ މީހެކެވެ. އެހެނީ އެއިން ކޮންމެ ބަޔަކަށްވެސް ހިނައިގަތުން ވާޖިބުވެގެންވެއެވެ. އަދި ޢަލީގެ ފާނު ރިވާ ކުރައްވާފައިވާ މި ޙަދީޘެވެ. كَانَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يُقْرِئُنَا الْقُرْآنَ عَلَى كُلِّ حَالٍ مَا لَمْ يَكُنْ جُنُبًا (ރިވާކުރެއްވީ އަބޫ ދާއޫދު ، ތިރްމިޛީ ، ނަސާއީ ، އިބްނު މާޖާ ، އަޙްމަދު)

މާނައަކީ : '' ހުރިހާ ހާލަތެއްގައިވެސް ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ، އަހަރެމެންނަށް ޤުރުއާން ކިޔަވާވިދާޅުވެ ދަސްކޮށްދެއްވައެވެ. އެއީ އެކަލޭގެފާނު ޖުނުބުވެރި ހާލަތުގައި ނުވާނަމައެވެ. "

އެހެން ރިވާޔަތެއްގައި އޮންނަނީ "އެކަލޭގެފާނު ޤުރުއާން ކިޔަވާވިދާޅުވުމާއި ދެމެދު ހުރަހެއް ކަމުގައި ، ޖުނުބުވެރިކަން ނޫން ކަމެއް ނޯވެއެވެ.'' މި ފަދައިންނެވެ.

ށ - އިބްނު ޢުމަރު ރަސޫލާ އަރިއަހުން ރިވާކުރައްވާފައިވާ މި ޙަދީޘެވެ. މި ޙަދީޘް އަކީ ސުނަން އައްތިރްމިޛީގައިވާ ޙަދީޘެކެވެ. ( އިބްނު ތައިމިޔާ ވިދާޅުވެފައިވަނީ މިއީ ޙަދީޘް ޢިލްމު ދަންނަ އެންމެންގެ އަރިއަހުގައިވެސް ޟަޢީފް ޙަދީޘެއް ކަމުގައެވެ. އަލްބާނީވެސް ވަނީ މި ޙަދީޘް ޟަޢީފް ކަމަށް ވިދާޅުވެފައި )

لَا تَقْرَأْ الْحَائِضُ وَلَا الْجُنُبُ شَيْئًا مِنْ الْقُرْآنِ

މާނައަކީ: '' ޙައިޟުވެރިއާ އަދި ޖުނުބުވެރިއާ ، ޤުރުއާނުން އެއްޗެއް ނުކިޔާހުށިކަމެވެ. ''

ޙައިޟުވެރިއާ ޤުރުއާން ކިޔެވުން ހުއްދަކަމަށް ބުނާ މީހުން:

އަނެއް ކޮޅުން ޙައިޟުވެރިއާ ޤުރުއާން ކިޔެވުން ހުއްދަ ކަމަށް ވިދާޅުވާ ޢިލްމުވެރިންވެސް އެބަތިއްވެ. އިމާމް މާލިކް ދެކެވަޑައިގަންނަވަނީ މި ގޮތަށެވެ. އަދި އަޙްމަދު ބިން ޙަންބަލްގެ އެއް ރިވާޔަތެއްގައިވެސް މިހެން އޮވެއެވެ. ހަމަ އެހެންމެ ޝައިޚުލް އިސްލާމް އިބްނު ތައިމިތާ އިޚްތިޔާރު ކުރެއްވި ގޮތަކީވެސް މިއެވެ. ޝައުކާނީ ތަރުޖީޙު ކުރެއްވީވެސް މިގޮތެވެ. ފަހުގެ ޢިލްމުވެރިންގެ ތެރޭގައި ޝައިޚް އަލްބާނީ ، ޝައިޚް ބިން ބާޒް، ޝައިޚް ބިން ޢުޘައިމީން، މުޙައްމަދު ޞާލިޙް އަލްމުނައްޖިދް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މި ބޭފުޅުން ދަލީލެއްގެ ގޮތުގައި ނަންގަވަނީ މި ނުކުތާތަކެވެ.

ހ - އަޞްލަކީ، މަނާ ކުރާނެ ދަލީލެއް ޤާއިމުވަންދެން، ކަންތައްތައް ހުއްދަވުމެވެ. އަދި ޙައިޟުވެރިއާ ޤުރުއާން ކިޔެވުން މަނާ ކުރާނެ ދަލީލެއް ނެތެވެ. އިބްނު ތައިމިޔާ ވިދާޅުވިއެވެ: "ޙައިޟުވެރިއާ ޤުރުއާން ކިޔެވުން މަނާ ކުރާނެ ، ޞަރީޙަ ޞަޙީހު ދަލީލެއް ނެތެވެ. ރަސޫލާގެ ޙަޔާތްޕުޅުގައިވެސް އަންހެނުން ޙައިޟުވާނެ ކަމީ އެނގިފާޅު ކަމެކެވެ. އަދި ރަސޫލާ އެކަނބަލުން ޤުރުއާން ކިޔެވުން މަނައެއް ނުކުރައްވައެވެ. އަދި ޛިކުރު ކުރުމުންވެސް މަނައެއް ނުކުރައްވައެވެ. "

ށ - ޙައިޟުވެރިއާ ޤުރުއާން ކިޔެވުން މަނާ ކުރުމުގައި ، ޖުނުބުވެރިއާއަށް ޤިޔާސްކުރުން އެއީ، ދެ ކަމުގައި ތަފާތު ހުރުމާއިއެކު ކުރެވޭ ޤިޔާސް ކުރުމެކެވެ. އަދި އެއީ ކަމުދާ ގޮތެއް ނޫނެވެ. އެހެނީ ޖުނުބުވެރިކަމަކީ އޭނާގެ އަމިއްލަ އިޚްތިޔާރުން، ފިލުވާލެވިދާނެ އެއްޗެކެވެ. ހިނައިގަތީމާ ހުރިހާ ކަމެއް ނިމުނީއެވެ. ނަމަވެސް ޙައިޟު އެހެނެއް ނޫނެވެ. ޙައިޟުގެ މުއްދަތު އާދަކޮށް ދިގުވެގެން ދެއެވެ. އަދި ޙައިޟުގައި އަންހެނާއަށް އިޚްތިޔާރެއް ނެތެވެ.

ނ - ޤުރުއާން ކިޔެވުމަށް މާތް ﷲ އަމުރުކުރައްވައި، އެ ކިޔަވާ މީހުންނަށް ޘަނާކިއުއްވާފައިވެއެވެ. މިކަމުގެ ޘަވާބުވެސް އެހާ ބޮޑެވެ. ފަހެ ދަލީލަކުން ސާބިތުވެގެން ނޫނީ މިކަން މަނައެއް ނުކުރެވޭނެއެވެ.

ރ - ޙައިޟުވެރިއާ ޤުރުއާން ކިޔެވުން މަނާ ކުރުމުން ، ފަހަރެއްގައި އޭނާ ދަސްކޮށްފައި ހުރި އެއްޗެހި ހަނދާންވެސް ނެތިދާނެއެވެ. އަދި އުނގެނޭއިރު ނުވަތަ އުނގަންނައިދޭއިރުވެސް ކިޔަވަން ޖެހެއެވެ.

ބ - ކީރިތި ރަސޫލާ އަރިއަހުގައި ޢާއިޝަތުގެފާނު ޙައްޖަށް ވަޑައިގެން ހުންނަވަނިކޮށް، ޙައިޟުވެވަޑައިގަތެވެ. ދެން އެ ވާހަކަ ރަސޫލާ އަރިއަހު ދެންނެވުމުން، ކީރިތި ރަސޫލާ ޙަދީޘް ކުރެއްވީ " ޙައްޖުވެރިއާ ކުރާ ހުރިހާ ކަމެއްވެސް ކުރާށެވެ. ނަމަވެސް ޠަވާފް އަދި ނަމާދު ނުކުރާށެވެ. ''

މި ޙަދީޘްފުޅުން އެނގެނީ ޙައްޖަށް ގޮސްފައި ހުންނަ ޙައިޟުވެރިއާއަށް މަނައީ ހަމަ އެކަނި ޠަވާފް ކުރުމާއި ނަމާދު ކުރުން ކަމެވެ. ޝައްކެއްވެސް ނެތް ގޮތުގައި، ޙައްޖުވެރިއާ ޤުރުއާން ކިޔަވާނެއެވެ. ނަމަވެސް ރަސޫލާ މިކަން މަނާ ނުކުރެއްވުމުގެ މާނައަކީ، މި ޙަދީޘަކީ ޙައިޟުވެރިއާ ޤުރުއާން ކިޔެވުމުގެ ހުއްދަ ދެއްވި ޙަދީޘްފުޅެއް ކަމުގައެވެ.

ރަނގަޅު ރައުޔު:

މި ދިޔަ ދަލީލުތަކާއި މުނާޤަޝާތަކަށް ބަލާއިރު، ޙައިޟުވެރިއާއަށް ޤުރުއާން ކިޔެވުން ހުއްދަކަމަށް ބުނާ މީހުންގެ ދަލީލުތައް ވަރުގަދަކަމަށް ފެނެއެވެ. ވީމާ ޙައިޟުވެރިއާ ޤުރުއާން ކިޔެވުން ހުއްދައެވެ. އެ ގޮތުން މުޞްޙަފު ބަލައިގެން (އަތް ނުލައި)، ނުވަތަ ހިތުން ދަސްކޮށްފައި ހުންނަ ޤުރުއާން، ނުވަތަ ކޮމްޕިއުޓަރ ފަދަ ތަކެތި ބަލައިގެންވިޔަސް، ޙައިޟުވެރިއާ ޤުރުއާން ކިޔެވިދާނެއެވެ.

ކުޑަ ޙަދަޘަވެރިއާ އެހެން ގޮތަކަށް ބުނާނަމަ ވުޟޫ ނެތް މީހާ، ޤުރުއާން ކިޔެވުން، އެއީ ހަމަ މުޅިން ހުއްދަކަމެކެވެ. މުޞްޙަފް ބަލައިގެންވިޔަސް ހިތުންވިޔަސް، ކޮމްޕިއުޓަރު ބަލައިގެންވިޔަސް، ވުޟޫ ނެތި ޤުރުއާން ކިޔެވުން ހުއްދައެވެ. ނަމަވެސް ވުޟޫނެތި މުޞްޙަފުގައި އަތްލުން އެއީ އެއް ގޮތަކަށް ވެސް ހުއްދަ ކަމެއް ނޫނެވެ. ވީމާ ވުޟޫނެތީސް ޤުރުއާން ކިޔަވާ ނަމަ ކިޔަވަން ޖެހޭނީ، މުޞްޙަފްގައި އަތް ނުލައެވެ.


 

ގުޅުންހުރި:

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.