ހޯމަ20200629

އާކުރެވުނީ: 08:43:52

ކުށުސަޖިދަ... ސުވާލު ޖަވާބު

1kushu-sajida-suvaal-javaab- ކުށުސަޖިދައިގައި ކިޔާނީ ކޮން ދުޢާއެއްހެއްޔެވެ؟

ހަނދާންނެތުމުން ޖަހަންޖެހޭ ދެ ސަޖިދައިގައި ކިޔާނެ ޞައްޙަ ވަކި ދުޢާއެއް އައިސްފައި ނެތެވެ. ވީމާ މި ދެ ސަޖިދައިގައި ވެސް އޮންނާނީ، ނަމާދުގެ އެހެން ސަޖިދަތަކުގެ ޙުކުމެވެ. އެ ގޮތުން ކިޔަންޖެހޭނީ، سُبْحَانَ رَبي الأعْلى އަދި މި ނުންވެސް ދުޢާތަކެވެ. ސަޖިދައިގައި ދުޢާ ކުރުމަކީ ހުއްދަ ކަމެއްކަން އެނގެނީ ކީރިތި ރަސޫލާގެ މި ޙަދީޘްފުޅުންނެވެ.

عَنْ ‏ ‏أَبِي هُرَيْرَةَ ‏ :أَنَّ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏ ‏أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ فَأَكْثِرُوا الدُّعَاءَ

މާނަ: އަބޫހުރައިރާގެ އަރިއަހުން ރިވާވެގެންވެއެވެ. ''އަޅާ އޭނާ ހައްދަވާ ބޮޑުކުރެއްވި ކަލާނގެއާ އެންމެ ކުއްތަންވާ ވަގުތަކީ އޭނާ ސަޖިދައިގައި އޮންނަ ވަގުތެވެ. ވީމާ (އެތާނގައި) ގިނައިން ދުޢާކުރާށެވެ.'' (ރިވާކުރެއްވީ މުސްލިމް: ރުކޫޢާއި ސަޖިދައިގައި ކިޔާނެ އެއްޗެއް ނަންގަނެވުނު ބާބު)

ދެން ދެ ސަޖިދަ ދެމެދުގައި ވެސް ކިޔާނީ ހަމަ އެހެންޏާ ވެސް ދެ ސަޖިދަ ދެމެދުގައި ކިޔާ ދުޢާއެވެ. ނުވަތަ ދުޢާތަކެވެ.

އިމާމް ނަވަވީ އަލްމަޖްމޫޢްގެ 4/72 ގައި ވިދާޅުވެފައި ވެއެވެ:

'' ކުށުސަޖިދައަކީ ދެ ސަޖިދައެވެ. އޭގެ ދެމެދުގައި އިށީނުން އޮވެއެވެ. އަދި އިށީނދެ އިންނަ އިރު ސުންނަތް ގޮތަކީ އިފްތިރާޝަށް އިނުމެވެ. ދެން ދެ ސަޖިދަ ޖަހާ ނިމުނީމާ ސަލާމް ދޭން ދެން ހުންނާނީ ތަވައްރުކުކޮށެވެ. އަދި މި ދެ ސަޖިދަ ޖަހާ ގޮތާއި، އޭގައި ކިޔާ ޛިކުރު، ހަމަ ނަމާދުގެ ސަޖިދައާއި އެއްގޮތެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ''

2- ނަމާދަށް ހުންނައިރު ގަސްދަކާ ނުލާ، ނަމާދު މަތިން ހަނދާން ނެތި އެހެނިހެން ކަންކަމާ ދިމަދިމާލަށް ސިކުނޑު ދިއުމަކީ ކޮންކަހަލަ ކަމެއްހެއްޔެވެ؟

- ނަމާދު ވަގުތު ޖެހުމުން އޭނާގެ މައްޗަށް ވާޖިބުވެގެން ވަނީ، ދުނިޔޭގެ ކަންތައްތަކާ ފިކުރު ދުރުކޮށް، ހުރިހާ ސަމާލުކަމަކާއި ވިސްނުމެއް ނަމާދަށް ހުސްކުރުމެވެ. ދެން ވުޟޫކޮށް ނަމާދަށް ހުއްޓި ހުންނައިރު ހުންނަން ޖެހޭނީ، މާތް ﷲ އަށް ބިރުވެތިވެ މަޑުމޮޅިވެގެންނެވެ. ނަޒަރު ހުއްޓިފައި ހުންނަންޖެހޭނީ ސަޖިދަ ޖަހާތަނަށެވެ. ސަމާލުކަން ދެވިފައި ހުންނަންވާނީ، ކިޔަވާ ނުވަތަ އަޑު އިވޭ ޤުރުއާނަށެވެ. ދެން ކިޔާ ޛިކުރުތަކާއި ދުޢާތަކަށެވެ. ޝައްކެއްވެސް ނެތް ގޮތުގައި، ނަމާދަށް ހުންނައިރު ނަމާދުން ބޭރު ކަންކަމާ މެދު ވިސްނެނީ، ޝައިޠާނާގެ ވަސްވާހުގެ ސަބަބުންނެވެ.

މާނަ: ''ޢުޘްމާން ބިން އަބޫ އަލްޢާޞް ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިއަހަށް ވަޑައިގެން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ހަމަކަށަވަރުން ޝައިޠާނާ، އަޅުގަނޑުގާއި އަޅުގަނޑުގެ ނަމާދާއި ކިޔެވުމާއި ދެމެދު ހުރަހަކަށް ވެ، ކިޔެވުން އޮޅުވާލައެވެ. އެ ހިނދު ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ: ''އެއީ ޚިންޒަބް (ޚަންޒަބް ވެސް ކިޔޭ) އޭ ކިޔޭ ޝައިޠާނެކެވެ. (މާނައަކީ އެހެން ކިޔޭ ޝައީޠާނެއް ކުރާ ކަމެކެވެ) ފަހެ ކަލޭގެފާނަށް އޭތީގެ އިޙްސާސެއް ވެއްޖެނަމަ، އޭތީގެ ނުބައިކަމުން، ﷲ ގެ ރައްކާތެރިކަމަށް އެދޭށެވެ. (އަޢޫޛް ކިޔުން) އަދި ވާތް ފަރާތަށް ތިންފަހަރު ކުޅުޖަހާށެވެ.'' ދެން އަހަރެން އެހެން ހެދުމުން، މާތް ﷲ އޭތީގެ ނުބައިކަން އަހަންނާ ދުރުކުރައްވައިފިއެވެ. (ރިވާކުރެއްވީ މުސްލިމް، ކިތާބް: އައްސަލާމް. ބާބް: ނަމާދުގައި ޝައީޠާނާއާ ވަސްވާހުން ރައްކާތެރިވުން)

3- ކުށުސަޖިދަ ޖަހަން ހަނދާން ނެތުން :

މީހަކު ކުށުސަޖިދަ ޖަހަން ހަނދާން ނެތިކޮށްލާފައި، ނަމާދުން ބޭރުވެއްޖެނަމަ ހަދާނީ ދެން ހަދާނީ ކިހިނެއްހެއްޔެވެ؟

ޙަނަފީ މަޛްހަބުގައި އޮންނަނީ، ނަމާދުން ބޭރުވުމުގެ ނިޔަތުގައި ސަލާމް ދިނުމަށް ފަހު ޤިބްލައިން މޫނު އަނބުރައި ނުވަތަ ވާހަކަ ދައްކައި ނުވަތަ މިސްކިތުން ނުކުމެއްޖެނަމަ، ދެން ކުށުސަޖިދަ ޖެހުމެއް ނެތް ކަމަށެވެ. ނަމަވެސް ކުށުސަޖިދަ ޖެހުން ހަނދާން ނެތިގެން ސަލާމް ދީފިނަމަ، އޭނާ މިސްކިތުގައި ހުރެއްޖެނަމަ ކުށުސަޖިދަ ޖެހުމަށެވެ.

މާލިކީ މަޛްހަބުގައި، މި މައްސަލާގައި ސަލާމް ދިނުމުގެ ފަހުން ޖަހާ ކުށުސަޖިދައާއި ސަލާމް ދިނުމުގެ ކުރިން ޖަހާ ކުށުސަޖިދައާއި ފަރަޤު ކުރެއެވެ. ސަލާމް ދިނުމުގެ ފަހުން ޖަހާ ކުށުސަޖިދައެއް ދޫކޮށްފިއްޔާ، އެކަން ހަނދާންވި އިރަކުން ކުށުސަޖިދަ ޖަހާނީއެވެ. އެއީ އަހަރުތަކެއް ފަހުން ކަމަށް ވިޔަސްވެހެވެ. ނަމަވެސް ސަލާމް ދިނުމުގެ ކުރިން ޖަހާ ކުށުސަޖިދަ ޖަހަން ޖެހޭނީ، މިސްކިތުން ނު ނުކުންނަނަމައެވެ. އަދި އެ ދެމެދުގައި ދިގު މުއްދަތެއް ނެތް ނަމައެވެ.

ޝާފިޢީ މަޛްހަބުގައި ބުނަނީ، ކުށުސަޖިދަ ނުޖަހައި ހަނދާން ނެތިގެން ސަލާމް ދީފިނަމަ، ނުވަތަ އެ ދެމެދުގައި ގިނަ ވަގުތެއް ވެއްޖެނަމަ، ކުށުސަޖިދަ ޖެހުން ވެއްޓުނީ ކަމަށެވެ.

ޙަންބަލީ މަޛްހަބުގައި ބުނަނީ، ސަލާމް ދިނުމުގެ ކުރިން އަދި ފަހުން ޖަހަން ޖެހޭ ކުށުސަޖިދަ ވެސް، ޖަހަން ހަނދާންނެތިފައި ހުއްޓާ އެކަން ހަނދާންވެއްޖެނަމަ، އެ ދެމެދުގައި ހިނގީ ކުރު މުއްދަތެއް ކަމަށް ވަންޏާ ކުށުސަޖިދަ ޖަހަންވާނެ ކަމަށެވެ. ނަމަވެސް އެ ދެމެދުގައި ދިގު މުއްދަތެއް ވެއްޖެނަމަ، ނުޖެހޭނެއެވެ.

ވީމާ މިސާލަކަށް ފުރަތަމަ އައްތަޙިއްޔާތު ހަނދާން ނެތިގެން ނުކިޔާ ހުރި މީހަކު، ކުށުސަޖިދަ ނުޖަހައި ސަލާމް ދިނީއެވެ. ދެން އޭނާ ޒިކުރު ތަސްބީޙަ ކިޔަން ހުއްޓާ، އެކަން ހަނދާންވެއްޖެނަމަ، ޖެހޭނީ ކުށުސަޖިދަ ޖަހާށެވެ. ނަމަވެސް އޭނާ މިސްކިތުން ނުކުމެ، ނުވަތަ އަންހެނާ ނަމާދު ކުރާ ތަނުން ގޮސް ގޭތެރޭގެ އެހެން ކަމަކާ މަޝްޣޫލުވެފައި ވަނިކޮށް، އެކަން ހަނދާން ވިޔަސް، ކުށުސަޖިދަ ޖަހަން ނުޖެހޭނެއެވެ. އެ ހާލަތުގައި ކުށުސަޖިދަ ޖެހުން އޭނާގެ ކިބައިން ވެއްޓުނީއެވެ. މިއީ ޝައިޚް އިބްނު ޢުޘައިމީން ގެ ރައުޔެވެ.

4- ބައެއްފަހަރު އަހަރެން ނަމާދަށް ހުންނައިރު، ރަކްޢަތުގެ ޢަދަދު އޮޅުން ފަދަ ކަންތައް މެދުވެރިވެއެވެ. ވީމާ އަހަރެން ޖެހޭނީ ނަމާދު މެދުކަނޑާލާފައި އަލުން ނަމާދު ފައްޓަންހެއްޔެވެ؟ ނޫނީ އެ ނަމާދު ކުރިއަށް ގެންދާނީހެއްޔެވެ؟

- މި ސުވާލުގެ ޖަވާބުގައި ޝައިޚް އިބްނު ޢުޘައިމީން ވިދާޅުވެފައި ވަނީ:

'' ރަނގަޅު ރައުޔަކީ، އޭނާގެ ނަމާދު ބާޠިލު ނުވުމެވެ. ސަބަބަކީ ޝައްކު އުފެދުމަކީ އިންސާނާގެ އިޚްތިޔާރަކާ ނުލާ ވަރަށް ގިނައިން އޭނާއަށް މެދުވެރިވާ ކަމެކެވެ. އެހެންވެ ރަސޫލުﷲ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ވަނީ ނަމާދުގައި ޝައްކު އުފެދޭ މީހާ ކަންތައް ކުރަންވީ ގޮތާއި، އަދި ޝައްކު ބެހެވިގެންވަނީ ދެ ބަޔަކަށް ކަން ބަޔާންކުރައްވާފައެވެ. އެ ވައްތަރު:

ފުރަތަމަ ވައްތަރު: ރަކްޢަތުގެ ޢަދަދާ މެދު ޝައްކު އުފެދި، ނަމަވެސް ދެ ކޮޅުން ކުރެ ކޮންމެވެސް ކޮޅެއް ބުރަވާ ޝައްކެވެ. މި ހާލަތުގައި އެ މީހާ ޖެހޭނީ ބޮޑަށް ބުރަވިކޮޅެއްގެ މައްޗަށް ބިނާކޮށް ނަމާދު ފުރިހަމަ ކުރާށެވެ. ދެން ސަލާމްދޭށެވެ. ދެން ކުށުސަޖިދަ ޖަހާށެވެ.

ދެވަނަ ވައްތަރު: ރަކްޢަތުގެ ޢަދަދާ މެދު ޝައްކު އުފެދި، ނަމަވެސް ދެ ކޮޅުން ކުރެ ކޮޅެއް ބުރަ ނުވެވޭ ޝައްކެވެ. މި ހާލަތުގައި ޖެހޭނީ ޔަޤީންވާ ގޮތާ އެއްގޮތްވާގޮތުގެ މަތިން ޢަމަލުކުރާށެވެ. އެއީ މަދު ޢަދަދެވެ. ވީމާ އޭގެ މައްޗަށް ބިނާކޮށް ނަމާދު ފުރިހަމަ ކުރާނީއެވެ. އަދި ސަލާމް ދިނުމުގެ ކުރިން ކުށުސަޖިދަކުރާނީއެވެ. މިހެން ވުމަކުން ނަމާދު ބާޠިލެއް ނުވާނެއެވެ.

(ފަތާވާ އައްޝައިޚް މުޙައްމަދު އަލްޢުޘައިމީން 1/425)

5- ސުންނަތް ނަމާދުގައި ކުށުސަޖިދަ ޖަހާތަ؟

- ފަރުޟު ނަމާދުތަކުގައި ކުށުސަޖިދަ ޖެހުން މަޝްރޫޢުކަމަކަށް ވާފަދައިން، ސުންނަތް ނަމާދުތަކުގައި ވެސް، އޭގެ ސަބަބު މެދުވެރިވެއްޖެނަމަ، ކުށުސަޖިދަ ޖެހުން މަޝްރޫޢުއެވެ.

ކުރީގެ ވެސް އަދި ފަހުގެ ވެސް ގިނަ ޢިލްމުވެރިން ދެކެލައްވަނީ މި ގޮތެވެ. އެއީ ކީރިތި ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މި ޙަދީޘް ބަސްފުޅުގެ ޢާއްމު މާނައަކީ އެއީ ކަމަށް ވާތީއެވެ.

 إذَا نَسِيَ أحَدُكم فليَسْجُد سَجْدتين

މާނަ: ''ތިޔަބައިމީހުންގެ ތެރެއިން މީހަކު (ނަމާދުގައި) ހަނދާންނެތިއްޖެނަމަ، ފަހެ ދެ ސަޖިދަ ޖަހާށެވެ.'' (ރިވާކުރެއްވީ މުސްލިމް: 402)

އަދި މީގެ އިތުރުން، ނަމާދުގެ އުނިކަން ފޫބައްދައި، ޝައިޠާނާއަށް ނިކަމެތިކަން ދިނުމަކީ، ފަރުޟު ނަމާދުތަކެކޭ އެއްފަދައިން ސުންނަތް ނަމާދުތަކުގައި ވެސް ބޭނުން ކަމެކެވެ.

ބައެއް ޢިލްމުވެރިން، އޭގެ ތެރޭގައި އިބްނު ސީރީން، ޤަތާދާ، ޢަޠާއު، އަދި ޝާފިޢީގެ ބައެއް ދަރިވަރުން، ދެކެލެއްވި ގޮތުގައި، ސުންނަތް ނަމާދުތަކުގައި ކުށުސަޖިދަ ޖެހުމެއް ނޯވެއެވެ.

ނަމަވެސް ބޮޑަށް ރަނގަޅު ރައުޔަކީ ޖުމްހޫރުންގެ ރައުޔެވެ.

ބުޚާރީ -ރަޙިމަހުﷲ- އޭނާގެ ޞަޙީޙް ގައި ވިދާޅުވެފައި ވަނީ: ''ފަރުޟާއި ސުންނަތް (ނަމާދުގައި) ހަނދާންނެތުމުގެ ބާބު'' މިފަދައިންނެވެ. އަދި ވިތުރިއަށް ފަހު އިބްނު ޢައްބާސް -ރަޟިޔަﷲ ޢަންހުމާ- ދެ ސަޖިދަ ޖައްސަވާފައިވެއެވެ. އިބްނު ޢައްބާސްގެ މި އަޘަރަކީ، ޞައްޙަ އަޘަރެއް ކަމަށް އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ.

އިބްނު ޢައްބާސްގެ ޢަމަލުފުޅުން ނެގޭ ދަލީލަކީ، ވިތުރިއަކީ ވާޖިބު އެއްޗަކަށް ނުވާހިނދު ވެސް. އެ ކަލޭގެފާނު ކުށުސަޖިދަ ޖެއްސެވިކަމެވެ. ވީމާ މިއިން ދަލީލުކޮށް ދެނީ، ފަރުޟު ނަމާދާއި ސުންނަތް ނަމާދުގައި ވެސް ކުށުސަޖިދަ އޮންނަކަމެވެ.

އިބްނު ޢުޘައިމީން ވިދާޅުވެފައި ވެއެވެ: ކުށުސަޖިދައަކީ ދެ ސަޖިދައެވެ. އަދި އޭގެ ސަބަބު އޮވެއްޖެނަމަ، ފަރުޟު ނަމާދާއި ސުންނަތް ނަމާދުގައި ވެސް އެ ޖަހަން ޖެހެއެވެ. (މަޖްމޫޢު ފަތާވާ އިބްނު ޢުޘައިމީން 14/68)

6- ޖަމާޢަތުން ރަކްޢަތެއް ގެއްލިފައިވާ މިހާ، އިމާމު ގެންނަ އިތުރު ރަކްޢަތާ މެދު ހަދާނީ ކިހިނެއް؟

- މީހަކު ނަމާދުގެ ދެވަނަ ރަކްޢަތުން އިމާމާއާ އިޤްތިދާވެގެން ހުއްޓާ، އިމާމް މީހާ ހަނދާން ނެތިގެން ނަމާދަށް އިތުރު ރަކްޢަތެއް ގެނެސްފިއްޔާ، އެ މީހާ ހަދާނީ ކިހިނެއްހެއްޔެވެ؟ އިމާމާ އެކު ސަލާމް ދޭނީހެއްޔެވެ؟ ނޫނީ ތެދުވެ ރަކްޢަތެއް ކުރާނީހެއްޔެވެ؟

ޖަވާބު: އޭނާ ޖެހޭނީ އިމާމާ އެކު ސަލާމް ދޭށެވެ. ސަބަބަކީ އޭނާގެ ނަމާދު އެ ހިސާބުން އެ ވަނީ ފުރިހަމަވެފައެވެ. ދެން އިމާމު މީހާއަށް ބަލާއިރު، އެ އިތުރު ކުރުން އިތުރު ކުރުމުގައި ހަނދާންނެތުމުގެ އުޒުރު އޭނާއަށް އެބަ އޮތެވެ.

ޝައިޚް އިބްނު ޢުޘައިމީން އާ ސުވާލު ކުރެވުނެވެ: އިމާމު މީހާ ހަނދާން ނެތިގެން ފަސް ރަކްޢަތް ކޮށްފިއްޔާ، އޭނާއާ އަދި އޭނާގެ ފަހަތުގައި ނަމާދު ކުރި މީހުންގެ ނަމަމާދުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ އަދި ފަހުން ޖަމާޢަތާ ގުޅުނު މީހާގެ ނަމާދަށް އެ އިތުރު ރަކްޢަތް ގުނޭނެހެއްޔެވެ؟

ޖަވާބުގައި ވިދާޅުވިއެވެ: އިމާމު މީހާ ހަނދާން ނެތިގެން ފަސް ރަކްޢަތް ކުރެވުނަސް، އޭނާގެ އެ ނަމާދު ޞައްޙަވާނެއެވެ. އަދި އިތުރުވިކަން ނޭނގި ނުވަތަ ހަދަން ޖެހޭ ގޮތް ނޭނގިގެން އިމާމަށް ތަބާވި މީހުންގެ ނަމާދު ވެސް ޞައްޙައެވެ.

އިމާމް މީހާ އިތުރު ރަކްޢަތެއް ކުރަން ކޮޅަށް ތެދުވުމުން، އެއީ އިތުރު ރަކްޢަތެއްކަން އެނގޭ މީހާގެ މައްޗަށް ވާޖިބުވެގެން ވަނީ، އިށީނދެ ސަލާމް ދިނުމެވެ. ސަބަބަކީ މި ހާލަތުގައި، އޭނާ ޤަބޫލު ކުރާ ގޮތުގައި އިމާމުގެ ނަމާދު އެއީ ބާޠިލް ނަމާދެކެވެ. ނަމަވެސް އިމާމް ތެދުވީ (މިސާލަކަށް) ރަކްޢަތެއްގައި އަލްޙަމްދު ނުކިޔާތީ އެ ރަކްޢަތް އަލުން ގެންނަން ކަމަށް ވެދާނެ ކަމުގެ ބިރު އޭނާއަށް ހީވަންޏާ ޖެހޭނީ، ސަލާމް ނުދީ އިމާމަށް އިންތިޒާރުކޮށްގެން އިށީނދެ އިންނާށެވެ. (އިމާމް އިތުރު ރަކްޢަތް ކޮށް ނިމިގެން އިށީނދެ ސަލާމް ދޭން ދެން އިށީނދެ އިންނާނީ. ދެން އިމާމާ އެކު ސަލާމް ދޭނީ)

ދެން ދެވަނަ ރަކްޢަތުން ނުވަތަ އޭގެ ފަހުގެ ރަކްޢަތަކުން ޖަމާޢަތާ ގުޅުނު މީހާއަށް ބަލާއިރު، މި އިތުރު ރަކްޢަތް (އިމާމް ކުރި އިތުރު ރަކްޢަތް) އޭނާއަށް ގުނޭނެއެވެ. ވީމާ މިސާލަކަށް އޭނާ އިމާމާ ގުޅުނީ ދެވަނަ ރަކްޢަތުން ކަމަށްވަންޏާ، އިތުރު ރަކްޢަތެއް ގެނައި އިމާމާއެކު އޭނާ ވެސް ސަލާމް ދޭނީއެވެ. އޭނާ އިމާމާ ގުޅުނީ ތިންވަނަ ރަކްޢަތުން ކަމަށް ވަންޏާ، އިމާމް މީހާ އިތުރު ރަކްޢަތުން ސަލާމް ދިނުމުން ތެދުވެ އޭނާ ގެންނާނީ އެއް ރަކްޢަތެވެ. (އޭރުން ހަތަރެއް ހަމަވީ)

މިހެން ބުނަން ޖެހޭ ސަބަބަކީ، ފަހުން ޖަމާޢަތާ ގުޅޭ މީހާއަށް، އިމާމް މީހާ ކުރާ އިތުރު ރަކްޢަތެއް ނުގުނޭނެއޭ އަހަރެމެން ބުނަންޏާ، އޭނާ ޖެހޭނީ އިމާމް ސަލާމް ދިނުމުން ގަސްދުގައި ރަކްޢަތެއް އިތުރުކުރާށެވެ. މިއީ ނަމާދު ބާޠިލްވާނެ ކަމެކެވެ. ދެން އިމާމު މީހާއަށް ބަލާއިރު، މި އިތުރު ކުރުމަކީ އޭނާއަށް އުޒުރު އޮތް ކަމެކެވެ. އެހެނީ އޭނާ އިތުރު ރަކްޢަތެއް ކުރީ ހަނދާން ނެތިގެންނެވެ. ވީމާ އޭނާގެ ނަމާދު ބާޠިލެއް ނުވާނެއެވެ. (މަޖްމޫޢު ފަތާވާ އިބްނު ޢުޘައިމީން 14/20)

7- ނަމާދުގައި ހަނދާން ނެތުމުން، ކުށުސަޖިދަ ޖަހަން ޖެހޭކަން އަހަރެން ދަންނަމެވެ. ދެން އަހަރެން ނަމާދުގައި ޤުރުއާން ކިޔަވާއިރު ވަރަށް ގިނައިން ހަނދާން ނެތިގެން އާޔަތްތައް އިސްފަސްވެ ކުށްޖެހޭގޮތްވެއެވެ. ވީމާ ކުށުސަޖިދަ ޖަހަންޖެހޭނެހެއްޔެވެ؟

- ޤުރުއާން ކިޔެވުމުގެ ތެރޭގައި އާޔަތްތައް އިސްފަސްވެގެން ކުށް ޖެހުނަސް، ކުށުސަޖިދަ ޖަހާކަށް ނުޖެއެވެ. ނަމަވެސް ކުށް ޖެހެނީ ފާތިޙާ (އަލްޙަމްދު) ކިޔަވާއިރު ކަމަށްވަންޏާ، ރަނގަޅުކޮށްގެން ދެވަނަ ފަހަރަށް އަލުން ފާތިޙާ ކިޔަވަން ޖެހޭނެއެވެ. އެހެނީ ނަމާދުގައި ކިޔަވާ އެހެނިހެން ކިޔެވުންތަކާ ޚިލާފަށް، އަލްޙަމްދު ކިޔެވުމަކީ އެއީ ރުކުނެކެވެ. (ނޫރުން ޢަލައްދަރްބި)

8- ޖަމާޢަތުން ރަކްޢަތެއް ގެއްލިފައި ނުވާ މައުމޫމު އިޤްތިދާވެގެން ހުރި އިމާމް، ކުށު ސަޖިދަ ޖަހަން ޖެހޭ ތަނެއްގައި ކުށުސަޖިދަ ނުޖަހައިފިނަމަ ވާނީ ކިހިނެއްހެއްޔެވެ؟

- އޭގައި ދެ ރައުޔެއް އޮވެއެވެ:

އެކެއް: މައުމޫމު ކުށުސަޖިދަ ޖަހަން ޖެހޭނެއެވެ. މިއީ އިބްނު ސީރީން، ޤަތާދާ، މާލިކް، ލައިޘް، ޝާފިޢީ، އަބޫޘައުރުގެ ރައުޔެވެ. އިބްނު ޢަޤީލް ވިދާޅުވެފައި ވަނީ ބޮޑަށް ރަގަޅު ރައުޔަކީ މިއީ ކަމަށެވެ. ސަބަބަކީ، އިމާމް ހަނދާން ނެތުމުން މައުމޫމުގެ ނަމާދަށް އުނިކަމެއް ލިބިއްޖެއެވެ. އަދި އިމާމް ކުށުސަޖިދަ ނުޖެހީމާ މި އުނިކަން ފޫނުބެއްދެއެވެ. ވީމާ އެކަން ފޫބައްދަން މައުމޫމުގެ މައްޗަށް ވާޖިބުވެގެންވެއެވެ.

ދޭއް: މައުމޫމު ކުށުސަޖިދަ ޖަހަން ނު ޖެހޭނެއެވެ. ޢަޠާއު، ޙަސަން، ނަޚަޢީ، އަލްޤާސިމް، ޘައުރީ މިހެން ވިދާޅުވިކަމަށް ރިވާކުރެވިފައިވެއެވެ. ސަބަބަކީ މައުމޫމު ސަޖިދަ ޖަހަން ޖެހެނީ އިމާމުގެ ފަހަތުންނެވެ. ވީމާ އިމާމް ސަޖިދަ ނުޖަހަންޏާ، އޭނާއަށް އެކަން ނުކުރެވޭނެއެވެ. (އަލްމުޣްނީ)

މާލިކީ، ޝާފިޢީ، އަދ ޙަންބަލީ މަޛްހަބުގެ ރިވާޔަތެއްގައި ދެކެނޯ ކުށުސަޖިދަ ޖެހުމެވެ. ނުޖެހުމަށް ދެކެނީ، ޙަނަފީ އަދި ޝާފިޢީގެ ބަހެއް، އަދި ޙަންބަލީގެ ރިވާޔަތެއްގައެވެ. ވީމާ ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ، އިމާމް މީހާ ކުށު ސަޖިދަ ނުޖަހައިފިއްޔާ، މައުމޫމު މީހާ ކުށުސަޖިދަ ޖަހަންވާނެ ކަމަށެވެ.

ބައެއް އިތުރު މައްސަލަތައް:

* ކޮޅަޢް ތެދުވެ ސީދާވުމުގެ ކުރިން އައްތަޙިއްޔާތު ނުކިޔާކަން ހަނދާންވެއްޖެނަމަ ޖެހޭނީ، އެނބުރި އައްތަޙިއްޔާތަށް އިށީންނާށެވެ. ކޮޅަށް ތެދުވެ ސީދާވުމަށް ފަހު، ރުޖޫޢަވުމަކީ މަކްރޫހަ ކަމެކެވެ. އަލްޙަމްދު ކިޔަން ފެއްޓުމަށް ފަހު ރުޖޫޢަވުމަކީ ޙަރާމް ކަމެކެވެ.

* ނަމާދުގައި އިމާމްމީހާ ހަނދާން ނެތިއްޖެނަމަ، އެކަން އިމާމަށް ހަނދާންކޮށް ދިނުމަކީ މައުމޫމުންގެ މައްޗަށް ވާޖިބު ކަމެކެވެ. މައުމޫމަކީ ފިރިހެނެއް ނަމަ ހަނދާންކޮށްދިނުމުގެ ގޮތުން ތަސްބީޙަ (ސުބުޙާނަﷲ) ކިޔާނީއެވެ. މައުމޫމަކީ އަންހެނެއްނަމަ، ހަށަންބަނދެގެން ހުރެފައި އަތްތިލައިން އަނެއް އަތްތިލައިގެ ބޭރުފުށުގައި ޖަހާނީއެވެ.

* އިމާމްމީހާ ހަނދާން ނެތިޖެކަމަށް މައުމޫމުން އެންގިއަސް، އިމާމްމީހާއަށް އޭނާ ހަނދާން ނުނެތޭކަން ޔަޤީންވަންޏާ، އެ މީހުންގެ އެ އެންގުމަށް ސަމާލުކަމެއްދީގެން ނުވާނެއެވެ. ނަމަވެސް އިމާމް މީހައަށް ޝައްކުވަންޏާ، މައުމޫމުންގެ އިޝާރަތަށް އިޖާބަދޭންޖެހޭނެއެވެ.

* އިމާމް މީހާ އެ ކުރަނީ އިތުރު ރަކްޢަތެއްކަން ކަނޑައެޅިގެން އެނގޭ މީހުން، އިމާމަށް ތަބާވެގެން ނުވާނެއެވެ. އިމާމާ ޚިލާފް ނުވުމަށް ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަންގަވާފައި ވަނީ، ނަމާދު ޙަރަކާތްތަކުގައި އޭނާ ޚިލާފު ނުވުމަށެވެ. އިމާމް މީހާ ދިހަ ރަކްޢަތް ކުރިޔަސް، އޭނާއަށް ތަބާވެގެން ހުރުމަކީ، ޙަދީޘުން ދޭހަވާ މާނައެއް ނޫނެވެ.

* އިމާމެއްގެ ފަހަތުގައި އިޤްތިދާވެގެން ހުރި، ޖަމާޢަތުން ބައެއް ފާއިތުވެފައި ނެތް މައުމޫމަކު، ހަނދާން ނެތިގެން ކުށު ސަޖިދަ ޖަހާކަށް، އެއްވެސް ހާލަތެއްގައި ނުޖެހޭނެއެވެ. އެއީ މައުމޫމުގެ ނަމާދަށް އަންނަ އުނިކަން އިމާމެއްގެ ފަހަތުގައި ހުރުމުން ފޫބެދިގެން ދާތީއެވެ. އަދި އޭނާއަށް ނަމާދު ތެރޭގައި އިމާމާ ޚިލާފަށް އެއްވެސް ހަރަކާތެއް ގެނައުން މަނާވީމައެވެ. ނަމަވެސް، މައުމޫމަކީ ނަމާދުން ބައެއް ފާއިތުވެފައިވާ މީހެއް ނަމަ، އިމާމާ އެކު ނުވަތަ އިމާމް ސަލާމް ދިނުމުން ތެދުވެ ނަމާދު ފުރިހަމަ ކުރުމުގެ ތެރޭގައި، ކުށުސަޖިދަ ޖަހަންޖެހޭ ކަމެއް ވެއްޖެނަމަ ކުށުސަޖިދަ ޖަހަން ޖެހޭނެއެވެ.

* އިމާމު މީހާއަށް ވުރެ ކުރިން ގަސްތުގައި މައުމޫމު ސަލާމް ދީފިނަމަ، މައުމޫމުގެ ނަމާދު ބާޠިލްވާނެއެވެ. ދެން ސަލާމް ދިނީ ހަނދާން ނެތިގެން ނަމަ، އޭނާ ޖެހޭނީ ނަމާދަށް ރުޖޫޢަވާން ނިޔަތް ގަނެ، އިމާމު މީހާ ސަލާމް ދިނުމުން ދެން ސަލާމް ދޭށެވެ. އަދި އޭނާގެ ނަމާދު ޞައްޙައެވެ. މިއީ ނަމާދުގެ ހުރިހާ ރަކްޢަތެއް ލިބުނު މައުމޫމު މީހާ ކަންތައް ކުރަން ޖެހޭ ގޮތެވެ.

ނަމަވެސް، ޖަމާޢަތުން ބައެއް ގެއްލިފައިވާ މައުމޫމެއް ނަމަ، ނަމާދަށް ރުޖޫޢަވާން ނިޔަތް ގަނެ، އޭނާއަށް ގެއްލިފައިވާ ރަކްޢަތްތައް ފުރިހަމަ ކުރުމަށް ފަހު، އިތުރު ސަލާމެއް ދެވުނު ކަމަށްޓަކައި ކުށު ސަޖިދަ ޖަހަންވާނެއެވެ. ކުށު ސަޖިދަ ޖަހާނީ ސަލާމް ދިނުމަށް ފަހުގައެވެ.

* އިމާމު މީހާ ހަނދާންނެތިގެން ކުރާ އިތުރު ރަކްޢަތް އެއީ، އޭނާގެ ފަހަތުގައި ނަމާދު ކުރަން ހުންނަ، ޖަމާޢަތުން ބައެއް ގެއްލިފައިވާ މިހާއަށް، ގުނޭނެ ރަކްޢަތެއް ކަމާ މެދު ޢިލްމުވެރިމް ޚިލާފުވެލައްވައެވެ. ޝައިޚް އިބްނު ބާޒް ވިދާޅުވެފައި ވަނީ އެ ރަކްޢަތް އޭނާއަށް ނުގުނޭނެ ކަމަށެވެ. ނަމަވެސް ޝައިޚް އިބްނު ޢުޘައިމީން ވިދާޅުވެފައި ވަނީ އެ ގުނޭނެ ކަމަށެވެ. މިސާލު: މީހަލު މަޣްރިބް ނަމާދުގައި އިމާމާ ގުޅުނު އިރު އެއް ރަކްޢަތް ވަނީ ފާއިތުވެފައެވެ. ދެން އިމާމް މީހާ ތިންވަނަ ރަކްޢަތުން ސަލާމް ނު ދީ، ހަނދާން ނެތިގެން ހަތަރު ރަކްޢަތަށް ތެދުވުނީއެވެ. މީގެ މާނައަކީ އެއްކަލަ ފަހުން އައި މީހާ މިހާރު އިމާމާ އެކު -ބޭރުފުށުން ބަލަންޏާ- ތިން ރަކްޢަތް ކޮށްފިއެވެ. ފުރަތަމަ ރައުޔު ނަގަންޏާ، މި އިތުރު ރަކްޢަތް އެއީ އޭނާ ކުރަން ޖެހޭ ބާކީ ރަކްޢަތް ކަމަށް ނުގުނޭނެއެވެ. އޭނާ ޖެހޭނީ ހަމަ އިތުރު ރަކްޢަތެއް ކޮށް، ކުށު ސަޖިދަ ކުރާށެވެ. ދެވަނަ ރައުޔު ނަގަންޏާ އޭނާ އިތުރު ރަކްޢަތެއް ކުރާކަށް ނުޖެހޭނެއެވެ. ކިއެއްތަ، އިމާމާ އެކު ކުށުސަޖިދަ ޖަހައި ސަލާމް ދޭނީއެވެ.

* ނަމާދު ކުރަން ހުންނަ އިމާމް ނުވަތަ ވަކިން އެކަނި ނަމާދު ކުރަން ހުންނަ މީހެއް ވިޔަސް، ތިން ރަކްޢަތް ނުވަތަ ހަތަރު ރަކްޢަތް ނަމާދެއްގައި، ހަނދާން ނެތިގެން ފުރަތަމަ އައްތަޙިއްޔާތަށް ނު އިށީނދެ ތެދުވެ ހަމަޖެހިއްޖެ ނަމަ ޖެހޭނީ، އެނާގެ ނަމާދު އެ ދާ ގޮތަށް ކުރިއަށް ގެންދާށެވެ. ދެން ނަމާދުގެ ހުރިހާ ކަމެއް ކޮށް ނިމިގެން ސަލާމް ދިނުމުގެ ކުރިން ކުށުސަޖިދައިގެ ދެ ސަޖިދަ ޖަހާނީއެވެ. މީގެ ދަލީލަކީ ބުޚާރީ ގައި ޢަބްދުﷲ ބިން ބުޙައިނާ ގެ ކިބައިން ރިވާވެގެންވާ ޙަދީޘެކެވެ. އެ ޙަދީޘްގެ މާނައިގައި ވަނީ ''ނަބީ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- އެ މީހުންނާއިގެން މެންދުރު ނަމާދު ކުރެއްވިއެވެ. ދެން އައްތަޙިއްޔާތަށް އިށީނދެވަޑައިނުގަނެ ދެވަނަ ރަކްޢަތުން ތެދުވެވަޑައިގަތެވެ. ދެން މީސްތަކުން އެކަލޭގެފާނު ފަހަތްޕުޅުން ތެދުވިއެވެ. ދެން ނަމާދުކުރައްވާ ނިމިވަޑައިގަތީމާ، ސަލާމް ދެއްވާނެ ކަމަށް މީހުން އިންތިޒާރުކޮށްގެން ތިއްބާ، އިށީނދެވަޑައިގެން ހުންނަވާފައި ތަކްބީރު ވިދާޅުވެ، ސަލާމް ދެއްވުމުގެ ކުރިން ދެ ސަޖިދަ ޖެއްސެވިއެވެ. ދެން އެއަށް ފަހު ސަލާމް ދެއްވިއެވެ.''

* އައްތަޙިއްޔާތު ނުކިޔާ އަނެއް ރަކްޢަތަށް ތެދުވެ ހަމަ ޖެހިއްޖެނަމަ ރަނގަޅު ގޮތަކީ، އައްތަޙިއްޔާތު ކިޔަން އަނބުރާ ނައުމެވެ. އަނބުރާ އައިސް އިށީނދެއްޖެނަމަ އެއީ މަކްރޫހަ ކަމެއް ކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވެއެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެހެން ހަދައިފިނަމަ ނަމާދު ބާޠިލް ވާނެ ކަމަށެވެ. ނަމަވެސް ރަނގަޅު ގޮތަކީ، އެ ނަމާދު ބާޠިލް ނުވުމެވެ.

* ކުށުސަޖިދަ ޖަހާފައި އައްތަޙިއްޔާތު ކިޔާކަށް ނުޖެހެއެވެ. ދެ ސަޖިދަ ޖަހައި ނިމުމުން ޖެހޭނީ ހަމަ ނަމާދުން ސަލާމް ދޭ ގޮތަށް ސަލާމް ދޭށެވެ. އައްތަޙިއްޔާތު ކިޔަން ނުޖެހެނީ، އެއީ ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ެއެ ކަން އެހެން ކުރައްވާފައި ނެތީމައެވެ. އެ ކަލޭގެފާނު ކުށުސަޖިދަ ޖައްސަވާފައި އިތުރު އައްތަޙިއްޔާތެއް ވިދާޅުވި ކަމަށް ވާރިދުވެފައި ނެތެވެ.

ޝަރަޙް މުސްލިމް ގައި، ޛުލްޔަދައިން ޙަދީޘުން ދެނެގަނެވޭ ކަންތައްތައް ބަޔާން ކުރައްވަމުން އިމާމް ނަވަވީ ވިދާޅުވެފައި ވަނީ:

''ކުށު ސަޖިދަ އެއީ ސާބިތު ކަމެއް ކަން. އަދި އެއީ ދެ ސަޖިދަކަން، އަދި އެއިން ކޮން ސަޖިދައަކަށް ތަކްބީރު ކިޔާކަން، އަދި ނަމާދުގެ ސަޖިދަ ކުރާ ގޮތަށް ކުރާ ދެ ސަޖިދައެއްކަން، އެހެނީ އެއަށް ދެވިފައިވާ ނަމަކީ ސަޖިދަކަމަށް ވާއިރު، އިތުރު ގޮތަކަށް ކުރަން ޖެހޭނަމަ އެކަން ބަޔާން ކުރެވުނީސް، އަދި ކުށުސަޖިދައިން ސަލާމް ދެވޭކަން، އަދި އޭގައި އައްތަޙިއްޔާތެއް ނު އޮންނަކަން، އަދި އިތުރުވުމުން ޖަހާ ކުށުސަޖިދަ އޮންނަނީ ސަލާމްދިނުމުގެ ފަހުންކަން '' (ޝަރަޙް ޞަޙީޙް މުސްލިމް 5/17)

* ޝައިޚް އިބްނު ޢުޘައިމީން ގެ ފޮތުގައި ވާ ޙަދީޘެއްގައި، ޝައިޠާނާ ނިކަމެތި ކުރުމޭ ބުނެފައިވާ ބަހުގެ މުރާދަކީ، މީހާ ނަމާދުން ދުރުކުރުމަށާއި، ޢަދަދާ މެދު ޝައްކު އުފައްދަން ޝައިޠާނާ ވަސްވާސް ލުމުން އެކަމަށް ނު ހެއްލި، އެ ވަސްވާސް ދުރުކޮށް ޝައިޠާނާ ބޭނުންވާ ގޮތާ އިދިކޮޅަށް ކަންތައް ކުރުމެވެ. މިއީ އެ ސޮރަށް ދެވޭ ނިކަމެތިކަމެކެވެ.

 

 

* ހަމަ އެ ފޮތުގައި، ރަކްޢަތުގެ ޢަދަދާ މެދު ޝައްކު އުފެދިގެން ކުށުސަޖިދަ ޖެހުމަށް ފަހު، ތިމާ އަށް ޙަޤީޤަތުގައި ކުރެވުނީ ފަސްރަކްޢަތް ކަމަށް ވަންޏާ، އެ، އޭނާގެ ނަމާދު ހިރިކޮށްފިއޭ ބުނެފައިވާ ބަހުގެ މުރާދަކީ، އޭނާ ޖެހި އެ ދެ ސަޖިދަ އޭނާގެ ނަމާދު ހިރި ޢަދަދަކަށް ބަދަލުކޮށްފިއެވެ. އެހެނީ ނަމާދުގެ އަސްލު ރަކްޢަތުގެ ޢަދަދަކީ ހަތަރެކެވެ. ދެން ކޮންމެ ސަޖިދައެއް އެއީ ރަކްޢަތެއް ފަދަ އެއްޗެކެވެ. ވީމާ ޢަދަދުގެ ޖުމްލައަކީ ހައެކެވެ. އެއީ ހިރި ޢަދަދެކެވެ.


 

ގުޅުންހުރި:

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.