އާދީއްތަ20181111

އާކުރެވުނީ: 08:43:52

ކުށުސަޖިދަ... ކުރުކޮށް

kushu-sajida-kurukohކުށުސަޖިދައަށް ޢަރަބި ބަހުން ކިޔަނީ، ''ސުޖޫދުއް ސަހްވު'' އެވެ. ސަހްވުގެ މާނައަކީ، ކަމެއް ނުވަތަ އެއްޗެއް ހަނދާން ނެތި އެއާ މެދު ޣާފިލްވުމެވެ. ފިޤްހު މުޞްޠަލަޙް ގައި ''ސުޖޫދުއް ސަހްވު'' ގެ މާނައަކީ، ގަސްތަކާއި ނުލާ، ނަމާދުގައި އަމުރުކުރެވިފައިވާ ކަމެއް ދޫކުރެވުމުން ނުވަތަ މަނާކުރެވިފައިވާ ކަމެއް ކުރެވުމުން، ނަމާދަށް ގެނެވުނު އުނިކަން ފޫބެއްދުމުގެ ގޮތުން، ނަމާދުގެ ފަހުން ނުވަތަ ނަމާދުގެ ފަހަތުގައި ކުރާ ސަޖިދައެކެވެ.

ކުށުސަޖިދަ ކުރާ ގޮތަކީ، ކުށުސަޖިދަ ކުރަން ޖެހޭ ސަބަބެއް އޮވެއްޖެނަމަ، ސަލާމް ދިނުމުގެ ކުރިން ނުވަތަ ފަހުން، އެހެންޏާވެސް ސަޖިދަ ޖަހާގޮތަށް ދެ ސަޖިދަ ޖެހުމެވެ.

މި ދެ ސަޖިދަ ދެމެދު އިށީނުން ވެސް އޮވެއެވެ. އަދި އެހެންޏާ ވެސް ސަޖިދައިގައި ކިޔާ ތަސްބީޙަ ކިޔުމާއި، ތަކްބީރު ކިއުމާއި، ހަމަހިމޭންވެލުން އޮވެއެއެވެ. އަދި މި ސަޖިދައަކީ ފަރުޟު ނަމާދެއްގައި ވިޔަސް އަދި ސުންނަތް ނަމާދެއްގައި ވިޔަސް، އަދި ދެ ރަކްޢަތް ނަމާދަކަށް ވިޔަސް، ހަތަރު ރަކްޢަތް ނަމާދަކަށް ވިޔަސް، ތިން ރަކްޢަތް ނަމާދަކަށް ވިޔަސް، އޭގެ ސަބަބު މެދުވެރިވެއްޖެ ނަމަ، ކުރަން ވާ އެއްޗެކެވެ.

ކުށުސަޖިދައިގެ ޙުކުމް:

ޙަނަފީ މަޛްހަބު އަދި ޙަންބަލީ މަޛްހަބުގައި ދެކެނީ، ކުށުސަޖިދަ ޖެހުމަކީ ވާޖިބު ކަމެއް ކަމަށެވެ. މި މީޙުންގެ ދަލީލަކީ ކުރުގޮތަކަށް ބުނާނަމަ، ކީރިތި ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ކުށުސަޖިދަ ޖަހަން އަންގަވާފައިވާ އެތަކެއް ޙަދީޘްފުޅުއްގައި، އަމުރުގެ ޢިބާރާތް ހުރުމެވެ. އަމުރު ދޭހަވާ ޢިބާރާތުން ނެގޭ ފުރަތަމަ މާނައަކީ، އެކަމެއް ވާޖިބުކަމެވެ.

މާލިކީ މަޛްހަބުގައި ދެކެނީ، ސަލާމް ދިނުމުގެ ފަހުން ޖަހަން ޖެހޭ ކުށުސަޖިދަ އަކަސް އަދި ކުރިން ޖަހަން ޖެހޭ ކުށުސަޖިދަ އަކަސް، އެއީ ސުންނަތެއް ކަމަށެވެ. މިއީ މި މަޛްހަބުގެ މަޝްހޫރު ރައުޔެވެ.

ޝާފިޢީ، އަދި ޙަންބަލީ މަޛްހަބުގެ އެއް ރިވާޔަތެއްގައި ވަނީ، ކުށުސަޖިދަ އަކީ ސުންނަތެއް ކަމަށެވެ.

ދެން ހަނދާންކޮށްލަން ޖެހޭ އަނެއް ނުކުތާއަކީ، ކުށުސަޖިދަ އަކީ، ނަމާދަށް ފައްޓާ އިރު ފުރިހަމަވެފައި ހުންނަން ޖެހޭ ޝަރުޠެއް، ނުވަތަ ނަމާދުގެ ރުކުނެއް، ދޫކޮށްލައިގެން، އެކަން ފޫބެއްދޭނެ އެއްޗެއް ނޫން ކަމެވެ. ނަމާދުގެ ޝަރުޠެއް އުނިވެއްޖެނަމަ ނަމާދު ޞައްޙައެއް ނުވާނެއެވެ. ނަމާދުގެ ރުކުނެއް ގަސްދުގައި ދޫކޮށްލައިފި ނަމަ ނަމާދު ބާޠިލް ވާނެއެވެ. އަދި އެ ނަމާދު ޞައްޙަ ނަމާދަކަށް ނުވާނެއެވެ. ހަމަ އެހެންމެ ނަމާދުގެ ވާޖިބެއް ގަސްދުގައި ދޫކޮށްލިޔަސް ނަމާދު ބާޠިލް ވާނެއެވެ. ހަމަ އެހެންމެ ނަމާދަށް އިތުރު ކޮޅަށް ހުރުމެއް، ރުކޫޢެއް، ސަޖިދައެއް ގަސްދުގައި ގެނެސްފިއްޔާ ވެސް ނަމާދު ބާޠިލްވާނެއެވެ.

ވީމާ ކުށުސަޖިދަ ފޫބައްދައިދޭނީ ހަމަ އެކަނި ހަނދާންނެތިގެން ނުވަތަ އޮޅިގެން ދޫކޮށްލެވޭ ވާޖިބާއި ސުންނަތެވެ. ހަނދާން ނެތިގެން ރުކުނެއް ދޫ ވެއްޖެނަމަ ޖެހޭނީ އެ ރުކުނެއް އަނބުރާ ގެންނާށެވެ. އަދި ހަނދާން ނެތުނީތީ ކުށުސަޖިދަ ޖަހާށެވެ.

ކުށުސަޖިދަ ޖަހާ ވަގުތު:

ކުށުސަޖިދަ ކުރަން އޮންނަނީ ބައެއް ފަހަރު ސަލާމް ދިނުމުގެ ކުރިންނެވެ. އަދި އަނެއް ބައި ފަހަރު ސަލާމް ދިނުމުގެ ފަހުންނެވެ. ސަޖިދަ ޖަހަންވީ ސަލާމް ދިނުމުގެ ކުރިންތޯ ނުވަތަ ފަހުންތޯ ކަނޑައެޅުމުގައި ޢިލްމުވެރިން ވަނީ ޚިލާފުވެވަޑައިގެންފައެވެ.

އެކެއް: ކުށުސަޖިދަ ޖެހުން އޮންނަނީ އަބަދުވެސް ސަލާމް ދިނުމުގެ ފަހުންނެވެ. މިއީ ޙަނަފީ މަޛްހަބެވެ. އަދި ޙަސަނުލް ބަޞްރީ، އިބްރާހީމް އައްނުޚަޢީ، އައްޘައުރީ ވެސް ދެކެލައްވަނީ މި ގޮތެވެ.

ދޭއް: ކުށުސަޖިދަ ޖެހުން އޮންނަނީ އަބަދުވެސް ސަލާމް ދިނުމުގެ ކުރިންނެވެ. މިއީ ޝާފިޢީ މަޛްހަބެވެ. ޒުހަރީ، މަކްޙޫލް، އައުޒާޢީ، ލައިޘް ވެސް ދެކެލައްވަނީ މި ގޮތެވެ.

ތިނެއް: ކުށުސަޖިދަ ޖެހުމުގައި އޮންނަ އަސްލު ގޮތަކީ ސަލާމް ދިނުމުގެ ކުރިން ޖެހުމެވެ. ނަމަވެސް، ސަލާމް ދެއްވުމުގެ ފަހުން ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުށުސަޖިދަ ޖެއްސެވިކަމަށް އައިސްފައިވާ ތަންތާނގައި، ޖަހަން ޖެހޭނީ ސަލާމް ދިނުމުގެ ފަހުންނެވެ. މިއީ އިމާމް އަޙްމަދުގެ މަޝްހޫރު ރައުޔެވެ.

ހަތަރެއް: ކުށުސަޖިދަ ޖެހުމުގައި އޮންނަ އަސްލު ގޮތަކީ ސަލާމް ދިނުމުގެ ފަހުން ޖެހުމެވެ. ނަމަވެސް އެއީ ދެ ހާލަތެއް ފިޔަވައެވެ. އެ ދެ ޙާލަތުހައި ފަހުން ޖެހުމާއި ކުރިން ޖެހުން ނަމާދު ކުރާ މީހާއަށް ލިބިގެންވެއެވެ. އެއީ ފުރަތަމަ އައްތަޙިއްޔާތަށް އިށީނުން ހަނދާން ނެތުން، އަދި ކުރެވުނީ ތިން ރަކްޢަތްތޯ ނުވަތަ ހަތަރު ރަކްޢަތްތޯ ޝައްކު އުފެދުމެވެ. މިހެން ވިދާޅުވީ އިމާމް އިބްނު ޙަޒްމު އެވެ.

ފަހެއް: ސަލާމް ދެއްވުމުގެ ފަހުން ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުށުސަޖިދަ ޖެއްސެވިކަމަށް ސުންނަތުން ސާބިތުވާ ކޮންމެ ތަނެއްގައި ފަހުންނެވެ. އަދި ސަލާމް ދެއްވުމުގެ ކުރިން ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުށުސަޖިދަ ޖެއްސެވިކަމަށް ސުންނަތުން ސާބިތުވާ ކޮންމެ ތަނެއްގައި ކުރިންނެވެ. މިއީ އިމާމް އައްޝައުކާނީގެ ރައުޔެވެ.

ހައެއް: ބޭނުންނަމަ ސަލާމް ދިނުމުގެ ފަހުން، ބޭނުންނަމަ ސަލާމް ދިނުމުގެ ކުރިން ކުށުސަޖިދަ ޖެހިދާނެއެވެ. މިއީ ޝާފިޢީ މަޛްހަބުގެ ބައެއް މީހުން، އަދި އިމާމް އައްޞަންޢާނީ އިޚްތިޔާރު ކުރެއްވި ގޮތެވެ.

ހަތެއް: އުނިކަމެއްގެ ސަބަބުން ނަމަ، ސަލާމް ދިނުމުގެ ކުރިންނެވެ. އިތުރުކުރެވިގެން ނަމަ، ސަލާމް ދިނުމުގެ ފަހުންނެވެ. މިއީ މާލިކީ މަޛްހަބެވެ.

އަށެއް: ސަޖިދަ ޖަހަން ޖެހުނީ ކަމެއް އިތުރު ކުރެވިގެން ނަމަ، ނުވަތަ ދެކޮޅުން ކުރެ ކޮންމެވެސް އެއްކޮޅަކަށް ބުރަވާ ޝައްކެއްގެ ސަބަބުން ނަމަ، ކުށުސަޖިދަ ޖަހަން ޖޭހޭނީ ސަލާމް ދިނުމުގެ ފަހުންނެވެ.

ސަޖިދަ ޖަހަން ޖެހުނީ ކަމެއް އުނިވެގެން ނަމަ، ނުވަތަ ވަކި ކޮޅަކަށް ބުރަ ނުވެވޭ ޝައްކެއްގެ ސަބަބުން ނަމަ، ކުށުސަޖިދަ ޖަހަން ޖޭހޭނީ ސަލާމް ދިނުމުގެ ކުރިންނެވެ. މިއީ އިމާމް އަޙްމަދު އިޚްތިޔާރު ކުރެއްވި ގޮތެވެ. އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވެސް އިޚްތިޔާރު ކުރެއްވީ މި ރައުޔެވެ.

ހަންބަލީ މަޛްބަހުގައި، މިހެން ބުނެފައި ވަނީ އައިސްފައިވާ ޙަދީޘްތަކެއްގެ އަލީގައެވެ. މި މަޛްހަބުގައި ވެސް އަސްލަކީ ސަލާމް ދިނުމުގެ ކުރިން ސަޖިދަ ޖެހުމެވެ. ނަމަވެސް ސަލާމް ގެ ފަހުން ކުށުސަޖިދަ ޖެއްސެވިކަމަށް އޮންނަ ޙަދީޘް އޮތީމާ، އެފަދަ ޙާލަތެއްގައި ސަލާމުގެ ފަހުން ކަމަށް ބުނީއެވެ.


 

ގުޅުންހުރި :

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.