އާދީއްތަ20201129

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ކައިވެނި ކުރާއިރު، ފިރިމީހާ އެހެން މީހަކާ ނުއިނުމަށް، އަނބިމީހާއަށް ޝަރުތު ކުރެވިދާނެތަ؟

ކައިވެނި ކުރާއިރު، ފިރިމީހާ އެހެން މީހަކާ ނުއިނުމަށް، އަނބިމީހާއަށް ޝަރުތު ކުރެވިދާނެތަ؟

kaaveni-kurin-sharuthuއެއްވެސް މީހަކަށް އޮޅިވަޑައިގެން ނުވާނޭފަދައިން އިސްލާމްދީން ފައުޅުވުމުގެ ކުރިން ޢާއްމުކޮށް ކަންތައް އޮތް ގޮތަކީ، އަންހެނުންގެ ޙައްޤު ނިގުޅައިގަތުމެވެ. އަންހެނުންނަކީ އަބަދުވެސް މަލާމާތް ރައްދުކުރެވޭ، ދަށުދަރަޖައިގެ ބައެއްގެ ގޮތުގައި ސިއްކަ ޖެހިފާ ވާބައެކެވެ. ޢަރަބީންގެ ތެރޭގައި ޖާހިލިއްޔަ ޒަމާނުގައި މީހަކަށް އަންހެންދަރިއަކު ލިބިއްޖެނަމަ އެއީ އޭނާ އަށް ލިބުނު ބަދުނަސީބު ކަމެއްކަމުގައި ހިތާ، އަންހެން ކުދިން ވަޅުލަމުން ދިޔަ ދުވަސްވަރެއްވެސް އައެވެ. އަދި އަންހެނުންނަކީ މުޖުތަމަޢް ބިނާކޮށް ތަރައްޤީ ކުރުމުގައި ބައިވެރި ނުވެވޭ ގޮތަށް ބާކީ ކޮއްލާފާތިބިބައެކެވެ.

ނަމަވެސް އިސްލާމްދީނުގެ ނޫރު ފާޅުވުމަށްފަހު، އަންހެނުންނަށް ޙައްޤުތައް ހޯދައިދިނެވެ. އެއީ އިޙްތިރާމް ކުރަންޖެހޭ، އަދި މުޖުތަމަޢްގައި ހިއްސާވާ ބަޔަކު ކަމުގައި ވެގެންދިޔައެވެ. ދީނީ ކަންކަމުގައްޔާއި ދުނިޔަވީ ކަންކަމުގައި މަސްއޫލިއްޔަތު ތަކެއް އުފުލަން ޖެހޭ ބަޔަކު ކަމަށްލެއްވިއެވެ. އަދި އިސްލާމްދީން އައުމުގެ ކުރިން އަންހެނުން ނަށް ލިބުން މަޙުރޫމަ ކުރެވިފައިވާ ކައިވެނީގެ ރަންލިބުމާއި، މުދާވާރުތަވުމާއި، ތަކެތި މިލްކުކުރުމާއި، އުނގެނުމާއި، ލިބޭ ފައިސާއިން ބޭނުންވާ ކަންކަމަށް ޚަރަދުކުރުމުގެ އިޚްތިޔާރުލިބުމާއި، ކައިވެނި ކުރާއިރު އެއްވެސް މީހެއްގެ މަޖުބޫރު ކަމެއްނެތި ފިރިމީހާ އިޚްތިޔާރުކުރުމުގެ ބާރުލިބުމާއި، ފިރިމީހާ އާއި އެކު އުޅުމަކީ ދަތިކަމެއް ކަމަށް ވާނަމަ ޚުލުޢު ކޮށްގެން ފިރިމީހާގެ ގާތުން ވަކިވުން، މިހިރަ މިހިރަ ކަންކަމަކީ އިސްލާމްދީން އަންހެނުންނަށް ދެއްވާފައިވާ ޙައްޤުތަކެވެ.

މި ގޮތަށް އިސްލާމްދީން އައުމަށްފަހު އަންހެނުން މާތް ކުރައްވާފައި ވާއިރު އުފެދޭ ސުވާލަކީ، އަންހެނުންނަށް އެކަބަލުން މީހުންނާއި ކައިވެނި ކުރާއިރު، ފިރިމީހާ އެހެން މީހަކާއި ކައިވެނި ނުކުރުމަށް ޝަރުޠު ކުރެވިދާނެހެއްޔެވެ؟ ފެންނަން އޮތް ޙަޤީޤަތަކީ އެހެން އަންބަކު އަނބިމީހާގެ ނުގަބޫލުގައި ގެންގުޅުމަކީ ބައެއްފަހަރު އެކަމުގެ ސަބަބުން، ޢާއިލާތައް ރޫޅި، ދަރިން ގޯޅި އެޅުމަށް މަގު ފަހި ކުރުވާ، ނަފްސާނީ ގޮތުން އެކަމުގެ ނުބައި އަސަރު އަނބިންނަށް ފޯރާ، އެމީހުންނަށް ވޭންދެނިވި ކަމެއްކަމުގައެވެ. މި ސުވާލަށް ޖަވާބުހޯދާލުމަށް ފިޤުހު ފޮތްފޮތަށް ބެލިއިރު މިކަމުގައި ޢިލްމުވެރިން ދެ ރައުޔެއް ގެންގުޅެއެވެ.

1- ފުރަތަމަ ރައުޔަކީ:

މިގޮތަށް ޝަރުޠެއް ނުކުރެވޭނެކަމަށެވެ. މިގޮތަށް ކައިވެނީގައި ޝަރުޠުކޮށްފިނަމަ އެ ޝަރުޠު ބާޠިލްވާނެއެވެ. އަދި ޝަރުޠު ބާޠިލުވުމަށްފަހު ކައިވެނީގެ ޢަޤުދު ސައްޙަވާނެ ކަމަށެވެ. (މިގޮތަށް ވިދާޅުވާ ޢިލްމުވެރިންގެ ތެރޭގައި ޝާފިޢީ މަޒުހަބާއި ޙަނަފީ މަޒުހަބާއި މާލިކީ މަޒުހަބުގެ ޢިލްމުވެރިންނާއި، ސަޙާބީންގެ ތެރެއިން ޢަލީގެފާނާއި، އިބްނު ޢައްބާސް އަދި ތާބިޢީންގެ ތެރެއިން ސަޢީދު ބިން މުސައްޔިބް، ޢަތާއް، ޙަސަނުލް ބަޞްރީ އިބްރާހިމް އައްނަހުޢީ ހިމެނިވަޑައިގަންނަވައެވެ)

2- ދެވަނަ ރައުޔަކީ:

މިގޮތަށް ޝަރުޠު ކުރުން ސައްޙަވާނެ ކަމަށެވެ. އަދި ޝަރުޠުކުރެވިފާވާ ގޮތަށް ފިރިމީހާ ޢަމަލުކުރުން ލާޒިމްވާނެކަމަށެވެ. އަދި ފިރިމީހާ ޝަރުޠާއި ޚިލާފްވެ އެހެން އަންހެނަކާއި ކައިވެނިކޮށްފިނަމަ ކައިވެނި ފަސްޚުކުރުމުގެ އިޚުތިޔާރު އަނބިމީހާއަށް ލިބިގެންވާ ކަމަށެވެ. (މިގޮތަށް ވިދާޅުވާ ޢިލްމުވެރިންގެ ތެރޭގައި ޢުމަރުގެފާނާއި، ޢަބްދުﷲ ބިން މަސްޢޫދާއި، މުޢާވިޔަތު ބިން އަބީ ސުފުޔާން ސަޢްދުބިން އަބީ ވައްޤާސް އަދި ޤާޟީ ޝުރައިޙް، ޢުމަރު ބިން ޢަބްދުލް ޢަޒީޒް ފަދަ ބޭބޭ ފުޅުން ހިމެނިވަޑައިގަންނަވައެވެ)

ޝަރުތުނުކުރެވޭނެ ކަމަށް ބުނާމީހުންގެ ދަލީލް:

1- ފުރަތަމަ ދަލީލް: ކީރިތި ޤުރުއާނުގައި ނެތް ކޮންމެ ޝަރުޠަކީ ބާތިލް ޝަރުޠެކެވެ. އެހެނީ ކައިވެންޏަކީ މާތް ﷲ ޙަލާލް ކުރައްވާފައިވާ ކަމެކެވެ. އަދި އެއް އަންބަތްވުރެ ގިނަ އަނބިންނާއި ކައިވެނި ކުރުމުގެ ހުއްދަ މާތް ﷲ ފިރިހެނުންނަށް ދެއްވާފާވާއިރު އެކަން އަނބިމީހާ ކުރާ ޝަރުތަކުން މަނާކުރެވޭނެ ގޮތެއް އޮތުމަކީ ޝަރުޢީ އުޞޫލުތަކާއި ޚިލާފް ކަމެކެވެ. މިގޮތަށް ކުރެވޭ ޝަރުތަކީ މާތް ﷲ ޙަލާލް ކުރައްވާފައިވާ ކަމެއް ޙަރާމް ކުރުމަށް ކުރެވޭ ޝަރުތަކަށް ވާތީ މި ޝަރުތު ބާޠިލުވަނީ އެވެ. ފިރިހެނުން އެއް އަންބައްވުރެން ގިނަ އަނބިން ގެންގުޅެވޭނެ ކަމުގެ ދަލީލަކީ، ނިސާ ސޫރަތުގެ 3 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައި ވަނީ ''...އަންހެނުންގެ ތެރެއިން ތިޔަބައިމީހުންގެ ހިތްހަމަޖެހޭ ބަޔަކާ ކާވެނިވެ އިންނާށެވެ. ދޭކެވެ. އަދި ތިނެކެވެ. އަދި ހަތަރެކެވެ. ދެން ފަހެ ޢަދުލުވެރި ނުވެވޭނެކަމަށް ތިޔަބައިމީހުން ބިރުގެންފިނަމަ އެކެކެވެ. ...''

2- ދެވަނަ ދަލީލް: ކީރިތި ރަސޫލާގެ ޙަދީޘް: ''މުސްލިމުން އެމީހުން ކުރާ ޝަރުތު ތަކުގައި ދެމިތިބޭ ހުށީ ކަމެވެ. އެއީ މާތް ﷲ ޙަލާލް ކުރައްވާފައިވާކަމެއް ޙަރާމް ކުރުން އަދި ޙަރާމްކުރައްވާފައިވާކަމެއް ޙަލާލްކުރުމަށް ކުރެވޭ ޝަރުތުތައް ފިޔަވައެވެ.''

3 - ތިންވަނަދަލީލް: ޞަޙާބީންގެ ބައެއް ބޭކަލުންނާއި އިބްނު ޢައްބާސްގެ އަރިހުން ވާރިދުވިކަމަށް ބުނެވެއެވެ. މިގޮތަށް ކައިވެނި ކުރުމުގެ ކުރިން ކުރެވުން ޝަރުޠެއްގައި އެކައިވެނީގެ ޢަޤްދު ޞައްޙަކަމަށާއި، ކުރެވުނު ޝަރުޠަކީ ފާސިދު ޝަރުޠެއް ކަމަށް ކަނޑައެޅުނެވެ.

4- ހަތަރުވަނަ ދަލީލް: ޙަޤީޤަތުގައި ފިރިމީހާ ކައިވެނީގެ ކުރިން އެހެން މީހަކާއި ނީނުމަށް ބުނެ އެއްބަސްވެފައިވާ ނަމަވެސް އެގޮތަށް ބުނެވޭ ބުނުމަކީ ޝަރުޠެއް ކަމުގައި ނުބެލެވޭނެއެވެ. އެއީ އަނބިމީހާ ހިތް ހަމަ ޖައްސާލުމުގެ ގޮތުން ނުވަތަ ވަޢްދެއް ކުރުމުގެ މިސާލުގައި ބުނެވޭ ބަހެކެވެ. ވަޢްދު ފުއްދުމަކީ ޝަރުޢީ ގޮތުން ފިރިމީހާ އަށް ލާޒިމް ކުރުވާނެ ކަމެއް ނޫނެވެ. އެހެނީ ޝަރުތާއި ވަޢްދަކީ މުޅިން ތަފާތު ދެކަމެކެވެ.

ޝަރުޠު ކުރެވޭނެ ކަމަށް ބުނާ މީހުން މި ދަލީލްތަކަށް ދީފައިވާ ރައްދު:

ފުރަތަމަ ދެ ދަލީލްގެ ރައްދު: ފޮތުގައި ނެތޭ އެބުނާ ބަހުގެ މާނައަކީ މާތް ﷲ ހުއްދަ ނުކުރައްވާ ޝަރުޢީގޮތުން މަނާ ކަންކަމުގެ ވާހަކައެވެ. ނަމަވެސް މި ގޮތަށް ޝަރުޠު ކުރުން ޝަރީޢަތުގައި މަނާ ކުރައްވާފާ ނުވާކަން ދަލީލް ތަކުން އެނގެއެވެ. (އެކަމުގެދަލީލް ޝަރުޠު ކުރެވޭނެކަމަށް ބުނާމީހުންގެ ދަލީލް ތަކުގައި) އަދި މިއީ މާތް ﷲ ޙަލާލް ކުރައްވާފައިވާ ކަމެއް ޙަރާމް ކުރުމެއްވެސް ނޫނެވެ. އަދި އެއް އަންބަށް ވުރެ ގިނަ އަނބިން ގެންގުޅުމުގެ އަސްލާއި ޚިލާފް ކަމެއްވެސް ނޫނެވެ. އެހެނީ އެއް އަތްބައްވުރެން ގިނަ އަނބިން ގެންގުޅުމަކީ ވެސް ޙަލާލްކަމެކެވެ. އަދި މިގޮތަށް ޝަރުތުކުރުމަކީ ވެސް ޙަލާލް ކުރައްވާފައިވާކަމެކެވެ. ވީމާ ޙަލާލް ދެކަމެއް ފުށެއް ނާރާނެއެެވެ. މުކައްލަފްމީހާގެ މައްޗަށް އޮތީ އެމީހާ ހިތްއެދޭ ފަދަ ޙަލާލްކަމެއް އިޚްތިޔާރުކުރުމެވެ. މީގެ ތެރެއިން ކޮންމެ ގޮތެއް އިޚްތިޔާރު ކުރުމަކީ ވެސް ހުއްދަ ކަމެކެވެ.

ތިންވަނަ ދަލީލްގެ ރައްދު: މިގޮތަށް ހިނގިކަމަށް ބުނެވޭ ބަހަށް ވުރެ ޝަރީޢަތުގެ ނައްޞު މާ ބާރުގަދަ ވާނެއެވެ. ވީމާ ނައްޞުން ހުއްދަކޮށްފައިވާ ކަމެއް ހިނގާފާ އޮތީ ވަކި ގޮތަކަށޭ ބުނެ އެގޮތަށް ޢަމަލު ކުރުން ލާޒިމެއް ނުވާނެއެވެ.

ހަތަރުވަނަ ދަލީލްގެ ރައްދު: މިއީ ވަޢްދެއް ނޫނެވެ. މިއީ ޝަރުތެކެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ޝަރުތާއި ވަޢުދުގައި ބޮޑު ފަރަޤެއް އެބަހުއްޓެވެ. ވަޢްދަކީ ވެއްޖެނަމަ އެފުއްދުން ލާޒިމްވާ ކަމެއްނޫނެވެ. ނަމަވެސް ވަޢުދު ފުއްދުމަކީ ރިވެތި އަހުލާޤުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިއާ ހިލާފަށް ކަމެއް ކުރަން ޝަރުތު ކުރުމަށްފަހު އެކަމެއް ކުރުމަކީ ލާޒިމްވެގެންވާ ކަމެކެވެ. މިކަމަށް ދަލީލް ކޮށްދެނީ ހިޟަރުގެފާނު މޫސާގެ ފާނަށް 3 ސުވާލަށްވުރެ ގިނަ ސުވާލު ނުކުރުމަށް ޝަރުތު ކުރެއްވުމަށް ފަހު މި ޝަރުތާއި މޫސާގެފާނު ހިލާފްވުމުން އެކަލޭގެފާއި ވަކިވެ ވަޑައިގަތެވެ. އަދި މިކަމަށް މޫސާގެފާނު އިންކާރެއްވެސް ނުކުރައްވައެވެ.

ޝަރުޠު ނުކުރެވޭނެ ކަމަށް ބުނާމީހުންގެ ދަލީލް:

ފުރަތަމަ ދަލީލް:

ދެފަރާތެއްގެ ދެމެދުގައި ކުރެވޭ ޢަޤްދުތަކާއި ވަޢްދުތަކާއި ޝަރުޠުތައް ފުއްދުމަށް ދަލީލް ކޮށްދޭ އާޔަތްތަކާއި ޙަދީސްތައް.

މިގޮތުން އައިސްފާވާ އާޔަތްތަކުގެ ތެރޭގައި:

1- މާއިދާ ސޫރަތުގެ 1 ވަނަ އާޔަތް

2- އިސްރާ ސޫރަތުގެ 34 ވަނަ އާޔަތް

ޙަދީސް ތަކުގެ ތެރޭގައި : މުނާފިޤުންގެ ސިފަތައް ތިނެއް ކަމަށް ބަޔާން ކުރައްްވަމުން، ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގައި، ވަޢްދާއި ޚިލާފުވުމަކީ އެއީ މުނާފިޤުންގެ ސިފައެއް ކަމަށް އޮވެއެވެ.

ރައްދު: ތި އާޔަތްތަކާއި ޙަދީޘްތަކަކީ ޢާއްމުކޮށް ކަން ކުރޭޖެހޭ ގޮތުގެ ވާހަކައެވެ. ވީމާ ކައިވެންޏާއި ބެހޭގޮތުން ވާހަކަ ދެކެވޭ މި ތަނުގައި، ތިޔަ އާޔަތްތަކާއި ޙަދީޘް ތަކުން ދަލީލެއް ނުލިބެއެވެ.

ދެވަނަ ދަލީލް:

1- ޙަދީޘް ޞަޙީޙައިން: ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. ''ޝަރުޠުތަކުގެ ތެރެއިން ފުއްދުމަށް އެންމެ ހެޔޮކަންބޮޑުވެގެންވާ ޝަރުތުތަކަކީ ކައިވެންޏާއި ގުޅިގެން ކުރެވޭ ޝަރުޠުތަކެވެ.''

މި ޙަދީސުން ދަލީލް ކޮށްދޭގޮތުގައި ކައިވެންޏާއި ގުޅިގެން ކުރެވޭ ކޮންމެޝަރުތަކީ އުފުއްދުން ލާޒިމް ޝަރުޠުތަކެއްކަމަށެވެ. ވީމާ އިސްވެ އިޝާރާތްކުރި ފަދައިން، އަނބިމީހާ ކުރާ ޝަރުޠުތަކަކީ ވެސް އެޝަރުޠު އަނބިމީހާ ދޫކޮށް ނުވާހާ ހިނދު، އެޝަރުޠާއި އެއްގޮތަށް ޢަމަލުކުރުން ފިރިމީހާއަށް ލާޒިމް ވެގެންވާ ޝަރުޠެއްކަމަށް ބަލަންޖެހެއެވެ.

ރައްދު: ފަހަރުގައި ތިޙަދީޘްގެ މާނައަކީ ހުއްދަކަމެއް ކުރުމަށް ކުރާ ޝަރުތުތަކަށް ވެދާނެއެވެ. އޭގެ ތެރޭގައި ހެޔޮގޮތުގައި މުޢާމަލާތް ކުރުމާއި، ކާންބޯން ދިނުމާއި، އަންނައުނު ދިނުންފަދަ ކަންކަމެވެ. އެއީ އެއްވެސް ޙާލެއްގައި ޝަރުޢީ ގޮތުން ހުއްދަނޫން ކަމެއް ކުރުމަށް ކުރެވޭ ޝަރުޠުތަކުގެ ވާހަކައެއް ނޫނެވެ. މި މައުޟޫޢް ވާހަކަ މި ދެކެވޭ ފަދަ ޝަރުޠު ކުރުމަކީ ޝަރުޢީ ގޮތުން ހުއްދަ ކަމެއް ނޫނެވެ.

ރައްދުގެ ރައްދު:

އަންހެނާ މިފަދަ ގޮތަކަށް ޝަރުތުކުރުމަކީ ޝަރުޢީ ގޮތުން މަނާ ކަމެއް ނޫނެވެ. އެހެނީ އެއްވެސް ދަލީލަކުން އަންހެނާ މިގޮތަށް ޝަރުތުކުރުން މަނާ ކުރާ ޚާއްޞަ ނައްޞެއް ނެތެވެ. އެކަމަކު ދަލީލްތައް ހުރީ މިކަން ހުއްދަ ކަން އެނގޭފަދަ ދަލީލްތަކެވެ.

ތިންވަނަ ދަލީލް: ޙަދީޘް ސަޙީޙައިން: (މި ޙަދީސް އެކި ލަފްޒުތަކުން އެކިރިވާޔަތް ތަކުން ވާރިދުވެފާވެއެވެ) ނަމަވެސް މާނައަކީ އެއް މާނައެކެވެ.)

ޢަލީގެފާނު ކީރިތި ރަސޫލާގެ ދަރިކަނބަލުން ފާޠިމަތުގެ ކައިވެނި ބައްލަވާގެން ހުންނަވާ، އަބޫޖަހުލުގެ އަންހެން ދަރިޔަކާއި ގާލުވެއްޖެއެވެ. (ގާލުވުމަކީ ކައިވެނި ކުރުމުގެ ނިޔަތުގައި އަންހެންކުއްޖާއަށް ކައިވެންޏަށް ހުށައަޅާ ހުށައެޅުމެކެވެ) މިވާހަކަ ފާޠިމަތުގެފާނު ކީރިތިރަސޫލާގެ އަރިއަހުގައި ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިކަމަކަށް ވެއެވެ. ފާޠިމަތުގެފާނަކީ ތިމަން ރަސޫލާގެ ހަށިގަނޑުން ބައެކެވެ. ފަހެ އެކަމަނާ އަށް އުނދަގޫވާ ކޮންމެ ކަމަކުން ތިމަން ރަސޫލާއަށް އުނދަގޫވެއެވެ. އަދި އެކަމަނާ ނޭދޭ ކަމެއް ތިމަން ރަސޫލާ ނޭދެމެވެ. ހިޝާމްބިން މުޣީރާގެ ދަރިކޮޅުގެ މީހުން އެމީހުންގެ އަންހެންދަރިޔަކާއި ކައިވެނި ކުރުމަށް ޢަލީގެފާނަށް ހުށައެޅިއްޖެއެވެ. ތިމަން ރަސޫލާ އެކަމުގެ ހުއްދައެއް ނުދޭނަމެވެ (މިހެން 3 ފަހަރު ވިދާޅުވި ކަމަށްވޭ) ތިމަން ރަސޫލާ ޙަލާލްކަމެއް ޙަރާމް ކުރަނީއެއްނޫނެވެ. ނުވަތަ ޙަރާމް ކަމެއް ޙަލާލް ކުރަނީކީ ވެސް ނޫނެވެ. ނަމަވެސް ޢަލީގެފާނު ތިމަންގެ ދަރިކަނބަލުން ވަރިކުރަންދެން، ﷲގެ ރަސޫލާގެ ދަރިއަކާއި އެކު ﷲ ގެ ޢަދުއްވެއްގެ ދަރި އެއްހަމަ ކުރަން ބޭނުންނުވަނީއެވެ.

ރައްދު: މިޙަދީޘް އަށް ރައްދުދެއްވާ ބޭކަލުން ވިދާޅުވާގޮތުގައި ކީރިތި ރަސޫލާއެހެން ވިދާޅުވީ އެއީ އަބޫޖަހުލުގެ ދަރިއަކަށް ވާތީކަމަށެވެ. ޢަލީގެފާނު އެހެން ބޭކަނބަލަކާއި ކައިވެނި ބައްލަވައިގަންނަން އުޅުއްވިނަމަ އެކަން ކީރިތިރަސޫލާ މަނާ ނުކުރެއްވީހެވެ.

ރައްދުގެ ރައްދު:

ކީރިތި ރަސޫލާ އެހެން ވިދާޅުވީ ތި ބުނާފަދަ ސަބަބެއް އޮވެގެނެއް ނޫނެވެ. މި ޙަދީޘްގައި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުތަކުގައި ''އެކަމަނާ އަށް އުނދަގޫވާ ކޮންމެ ކަމަކުން ތިމަން ރަސޫލާއަށް އުނދަގޫވެއެވެ. އަދި އެކަމަނާ އަށް ދެރައެއް ލިބޭކަށް ތިމަން ރަސޫލާނޭދެމެވެ. ތިމަން ރަސޫލާ ޙަލާލްކަމެއް ޙަރާމް ކުރަނީއެއްނޫނެވެ. ނުވަތަ ޙަރާމް ކަމެއް ޙަލާލް ކުރަނީކީވެސް ނޫނެވެ.'' މި ބަސްފުޅުތަކުން ޞަރީޙަކޮށް ރަސޫލާގެ ޤަސްދުފުޅު އެނގެއެވެ. ފާތިމަތުގެފާނަށް އުނދަގޫ އުފުލަން ޖެހޭކަމަށްޓަކައި ޢަލީގެފާނު އެހެން ކަނބަލަކާއި ކައިވެނި ކުރައްވަން އުޅުއްވިނަމަވެސް ރަސޫލާ އެކަން މަނާކުރެއްވީހެވެ.

ހަތަރުވަނަ ދަލީލް:

ބައެއް ޞަޙާބީންގެ ފަތުވާ ތަކުންނާއި ޙުކުމްތަކުން މިގޮތަށް ޝަރުތުކުރުން ހުއްދަ ކަމުގައި ކަނޑައަޅުއްވާފައިވާ ކަމަށް ރިވާވެގެންވެއެވެ. މިގޮތުން ރިވާވެފައިވާ ރިވާޔަތް ތަކުގެ ތެރޭގައި:

1- އައްތިރްމިޒީ އާއި އަލްބައިހަޤީ އަދި ސަޢީދުބިން މަންސޫރުގެ އަރިއަހުން ރިވާވެގެންވެއެވެ. އެއް ދުވަހަކު މީހަކު ޢުމަރުގެފާނުގެ އަރިއަހަށް އައިސް ދެންނެވިއެވެ. ތިމަންގެ އަންހެނުންނާއި ކައިވެނި ކުރީ އެކަނބުލޭގެއާއި އެކު އުޅުމަށާއި، ރަށުން ބޭރަށް ނުދިޔުމަށް ޝަރުޠު ކުރެވިގެންނެވެ. ނަމަވެސް ތިމަން ކަމަކު ރަށުން ބޭރަށް ދާންޖެހިއްޖެއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. އެކަނބުލޭގެ ޝަރުތު ކޮށްފައިވާ ކަންކަމުގައި ދެމިހުންނާށެވެ. ފަހެ މުއުމިނުން އެބައިމީހުން ކުރާ ޝަރުޠުތަކުގައި ދެމިތިބޭހުށިކަމެވެ.

އަދި މި ފަދަ ޙާދިސާއެއްގައި އިބްނު މަސްޢޫދާއި، ސަޢުދު ބިން އަބީ ވައްޤާޞް، މުޢާވިޔާ އަދި ޢަމްރޫބިން އަލްޢާސް، ޢަމަލުކުރެއްވީ މިގޮތަށް ކުރެވޭ ޝަރުޠަކީ ޞައްޙަ ޝަރުތުތަކެއް ކަމުގައި ބައްލަވައިގެންނެވެ.

ފަސްވަނަ ދަލީލް:

މި ގޮތަށް ޝަރުޠުކުރުމަކީ ކައިވެނީގެ މަޤްޞަދާއި ފުށުއަރާކަމެއްނޫނެވެ. އަދި މިއީ ޝަރުޢީ ގޮތުން މަނާކުރެވިފައިވާ ކަމެއްކަން ސާބިތުވާކަމެއްވެސް ނޫނެވެ. އަދި ދަލީލް ތަކުން ބުރަވެވެނީ މިގޮތަށް ޝަރުޠު ކުރުމަކީ ހުއްދަ ކަމެއްކަމުގައެވެ. އަދި ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދެން ދިމާވެފާވަނީ ޢާއްމު ޙަދީޘް އަކާއި ޚާއްސަ ހަދީޘް އަކާއި އަރާރުންވާތީއެވެ. ޢާއްމު ޙަދީޘް އަކީ ފޮތުގައި ނުވާ ކޮންމެ ޝަރުޠަކީ ބާޠިލް ޝަރުޠެކެވެ. ނަމަވެސް ކައިވެނީގެ މައްސަލަތަކުގައި ވެވޭ ޝަރުތުތަކަކީ ފުއްދުމަށް އެންމެ ހެޔޮވެގެންވާ ޝަރުތުކަން ބަޔާން ކުރާ ޙަދީޘެއް ވެއެވެ. މި ދެ ހަދީޘް އަކީވެސް ޞަޙީޙް ދެ ޙަދީސްއެވެ. ވީމާ އުޞޫލުލްފިޤްހުގެ ޤަވާޢިދުގެ ދަށުން ޚާއްޞަ ކުރެވިފައިވާ ހަދީޘްތަކުން ޢާއްމު ޙަދީޘްތަކުގެ މައްޗައް ގަދަވާނެއެވެ. އަދި މިގޮތަށް ކުރެވޭ ޝަރުޠުތަކަކީ ބައެއްފަހަރު ފިޤުހީ ޢިލްމުވެރިންވިދާޅުވާ (ސައްދު ޒަރާޢިއު) ''ނުރަނގަޅުކަމެއް ވުމުގެ ކުރިން އެކަމަކަށް ދެވޭ މަގު ބަންދުކުރުން'' މި އުޞޫލާއި އެއްގޮތް ކަމެކެވެ. ބައެއް ޢާއިލާތައް އުފާވެރިކަމާއި އެކު ދިރިއުޅެމުންދަނިކޮށް ފިރިމީހާއަށް އިނދެވޭ އަންބެއްގެ ސަބަބުން ބައެއް ފަހަރު ޢާއިލާތައް ހަމަ ނުޖެހި ދަރިންގެ މެދުގައި ފިތުނަ އުފެދި، ފުރަތަމަ އަނބިމީހާ އަނެއް އަންހެންމީހާ އަށް ޣީރަތްތެރިކަން އުފެދި ޢަދާވަތްތެރިކަން އުފެދުމަކީ ވެދާނެކަމެކެވެ.

ޝަރީޢަތުގައި ކައިވެނީގެ މަޤްޞަދުކަމުގައި ލައްވާފައިވަނީ އެކަކު އަނެއްކަކަށް ކުލުނާއި އޯގާތެރިވުމުގެ މައްޗަށް ބާރުއަޅާއިރު، އަދި ޢާއިލީ ގުޅުން ބަދަހިކުރުން ކަމުގައި ވާއިރު، މިކަންކަން ނެތިކޮށްލާ ފުޑުފުޑުކޮށްލާކަމެއް ދިމާވެދާނެކަމަށް އަންހެންމީހާ އަށް ލަފާކުރެވޭނަމަ، އަންހެންމީހާ ނުވަތަ އަންހެންމީހާގެ ޢާއިލާއިން ފިރިމީހާ އެހެން މީހާކާއި ނީނުމަށް ޝަރުތުކުރެވޭ ކުރެވުމަކީ އަންހެންމީހާ އަށް ލިބެން އޮތް ހާނިއްކައިން ސަލާމަތް ވެ، އޭނާއަށް ލިބިދާނެ ދެރައަކުން ސަލާމަތް ވުމަށްޓަކައި އެޅިދާނެ ފިޔަވަޅެކެވެ.

މިއީ ޢިލްމުވެރިން މިކަމުގައި ދެކިވަޑައިގަންނަވާ ގޮތެވެ. ޝަރުޠު ކުރުން ހުއްދަ ކަމަށް ވިދާޅުވާބޭފުޅުންގެ ބަހަކީ މިގޮތަށް ޝަރުޠު ކުރެވިއްޖެނަމަ އެގޮތަށް ޢަމަލުކުރުން ފިރިމީހާ އަށް ލާޒިމްވާނެކަމެވެ. ނޫނީ އޭނާއަށް އޮތީ އަނބިމީހާ ވަރިކޮށް އެހެން މީހެއް ހޯދުމެވެ. އަދި ބައެއް އިސްލާމީ ޢަރަބި ޤައުމުތަކުގެ ޤާނޫނުގައިވެސް މިގޮތަށް ކުރެވޭ ޝަރުތަކީ ސައްޙަ ޝަރުތެއްކަމަށް ކަނޑައަޅާ، މިގޮތަށް ކުރެވޭ ޝަރުތާއި ފިރިމީހާ ޚިލާފުވެއްޖެ ނަމަ، ކައިވެނި ފަސްޚުކުރުން އަނބިމީހާއަށް ހުއްދަ ކަމަށް ކަނޑައަޅުއްވާފައިވެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.