ހޯމަ20180910

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ޖިމާޢުވުމުގައި ހުއްދަ ކަންތަކާއި ހުއްދަ ނޫންކަންތައް

ޖިމާޢުވުމުގައި ހުއްދަ ކަންތަކާއި ހުއްދަ ނޫންކަންތައް

jimaau_adhabuއިސްލާމްދީން ވަނީ، އަހަރެމެންނަށް ހުރިހާ ކަމެއް ދަސްކޮށް ދީފައެވެ. މި ދީނަކީ އަހަރެމެންގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގެ ކަންތައްތައްވެސް، ތަންޒީމުކޮށް ރަނގަޅު މަގު ދައްކައިދޭ ދީނެކެވެ. އެގޮތުން އިންސާނުންގެ ދިރިއުޅުމާއި ދީނާއި، ދިރިތިބޭ ހިނދުގައްޔާއި މަރުވުމަށް ފަހު، އެމީހުންގެ ހެވާއި ލާބަ އޮތް ގޮތް ދީނުގައި އަންގަވާފައިވެއެވެ.

ދެމަފިރިންގެ ދެމެދުގައި ހިންގޭ ޖިންސީ ގުޅުމަކީ، ޝައްކެއްވެސް ނެތް ގޮތުގައި އިންސާނުންގެ

ދުނިޔެވީ ކަންތައް ތަކުގެ ތެރެއިން ވަރަށް މުހިންމު ކަމެކެވެ. އެހެންވެ ދީނުގައި ވަނީ މިކަންތައް ތަންޒީމުކޮށް، ވަކި ހަމަތަކަކާއި އަޚްލާޤުތަކެއް ވެސް ކަޑައަޅާފައެވެ.

މިގޮތުން، ދެމަފރިންގެ ޖިންސީ ގުޅުމަކީ، ޖަނަވާރުން ގޮތަށް، ހުންނަ އެދުންވެރިކަމެއް ގޮތެއް ފޮތެއް ނުބަލައި ފުއްދާލުމުގެ ބަދަލުގައި، މިކަމަކީ ދެމަފިރިންނަށް ދަރުމަލިބޭ އަޅުކަމުގެ ދަރަޖައިގައިވާ ހޮޔޮކަމެއްގެ ގޮތުގައި ކަޑައެޅިއެވެ.

އިސްލާމް ދީން، ޖިންސީ ކަންތައްތައް ތަންޒީމު ކުރިއިރު، ނިޔަތަކާއި ދުޢާތަކެއް އަދި ޝަރުޢީ އަދަބުތަކެއްވެސް ކަޑައެޅިއެވެ.

އަލްއިމާމު އިބްނުލް ޤައްޔިމު އޭނާގެ "ޒާދުލް މަޢާދު'' މި ފޮތުގައި ވިދާޅުވެފައިވަނީ "ފަހެ ޖިމާޢުވުމުގައި، ރަސޫލާ ދަސްކޮށްދެއްވި ގޮތަކީ އެންމެ ފުރިހަމަ ގޮތެވެ. އެއިން ޞިއްޙަތް ރައްކާތެރިކޮށް، އަރާމަށް ފުރިހަމަ ކަމެއް ގެނެސްދީ، ނަފުސަށް ހިތްހަމަ ޖެހުން ވައްދައިދެއެވެ. އެއިން ޖިމާޢުވުމުގެ މަޤްޞަދުތައް ޙާޞިލުވެއެވެ. ފަހެ ޖިމާޢުވުމުގައި ވަނީ އަސްލު ތިން މަޤްޞަދެކެވެ.

އެކެއް: ނަސްލު ރައްކާކޮށް ދެމެހެއްޓުން.

ދޭއް: ހަށިގަނޑުގައި އެ ފެނެއް ހިފަހައްޓާފައި ބެހެއްޓުމުން ގެއްލުން ހުރި ފެން ބޭރު ކުރެވުން.

ތިނެއް: އެދުންވެރިކަން ފުއްދުން، އަދި އަރާމު ލިބިގަތުން އަދި ނިޢުމަތުގެ ބޭނުން ހިފުން. އަދި ޢިއްފަތްތެރިވެވުން

އަދިވެސް އިބްނު އަލްޤައްޔިމު ވިދާޅުވެފައިވެއެވެ. އޭގެ، އެހެނީ ޖިމާޢުވުމުގެ ފާއިދާތަކުގެ ތެރޭގައި، ލޯތައް ތިރިވުން (ޙަރާމް ބެލުންތައް ނުބެލުން)، ނަފުސު ހިފެހެއްޓުން، ޙަރާމް ކަންތައްތަކުން ޢިއްފަތްތެރި ވުމަށް ބާރު ލިބުން، އަދި މި ދެންނެވި ކަންތައް އަނބިމީހާއަށްވެސް ލިބިދިނުން، ހިމެނެއެވެ. މިއީ ޘަވާބު ލިބޭ ހެޔޮކަމެއްކަން އަންގަވައި، ކީރިތި ރަސޫލާގެ ޙަދީޘެއްގައި ވެއެވެ. النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ وَفِي ‏ ‏بُضْعِ ‏‏ أَحَدِكُمْ صَدَقَةٌ قَالُوا يَا رَسُولَ اللَّهِ ‏‏ أَيَأتِي أَحَدُنَا شَهْوَتَهُ وَيَكُونُ لَهُ فِيهَا أَجْرٌ قَالَ أَرَأَيْتُمْ لَوْ وَضَعَهَا فِي حَرَامٍ أَكَانَ عَلَيْهِ فِيهَا وِزْرٌ فَكَذَلِكَ إِذَا وَضَعَهَا فِي الْحَلَالِ كَانَ لَهُ أَجْرًا

މާނައަކީ: ކަލޭމެންގެ ތެރެއިން މީހަކު، އަނބިމީހާއާއި ޖިމާޢުވުމުން ހެޔޮކަމެއް ލިބެއެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އަހެރެމެންގެ ތެރެއިން މީހަކު އޭނާގެ ޝަހުވަތްތެރިކަން ފުއްދުމުން، އޭނާއަށް އެކަމުން ހެޔޮ އަޖުރުވެސް ލިބޭތޯއެވެ؟! ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އޭނާ ޙަރާމް ގޮތުގައި އެދުންވެރިކަން ފުއްދައިފިއްޔާ، އޭނާގެ މައްޗަށް ފާފަ އޮންނާނެ ކަމަށް ނުދެކެން ހެއްޔެވެ؟ ހަމަ އެހެން ޙަލާލް ގޮތުގައި އެދުން ފުއްދައިފިއްޔާ ހެޔޮ އަޖުރުވެސް ލިބޭނެއެވެ. (ރަވާހު މުސްލިމް)

އަދިވެސް ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ الْبَاءَةَ فَلْيَتَزَوَّجْ ،‏ فَإِنَّهُ أَغَضُّ لِلْبَصَرِ ،‏ وَ أَحْصَنُ لِلْفَرْجِ ،‏ وَ مَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ ،‏ فَإِنَّهُ لَهُ وِجَاءٌ

މާނައަކީ: ''އޭ އެންމެހައި ޒުވާނުންނޭވެ. ކަލޭމެންގެ ތެރެއިން ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހަކު، ކައިވެނި ކުރާށެވެ. ފަހެ އެއީ ލޯ ތިރިކުރުމަށް އެހީވެދޭ، ފަރުޖު ރައްކާތެރިކޮށްދޭ ކަމެކެވެ. އަދި ކުޅަދާނަވެގެން ނުވާ މީހަކަށް އޮތީ ރޯދަ ހިފުމެވެ. ފަހެ އެކަމުން ޝަހުވަތްތެރިކަން ކުޑަ ވެއެވެ. (ރަވާހު ބުޚާރީ ، މުސްލިމް)

ޖިމާޢު ވުމުގައި ސަމާލުކަން ދިނުން މުހިއްމު ކަންތައްތަކުގެ ތެރޭގައި :

1 - ރަނގަޅު ނިޔަތަކާއި އެކު ފެށުން :

ހުއްދަ ކޮންމެ ކަމެއްވެސް ރަނގަޅު ނިޔަތަކާއި ގުޅުވައިފިނަމަ ހެޔޮ ދަރުމަ ލިބެއެވެ. އެ ގޮތުން ޖިމާޢުވާއިރުވެސް މިއީ ތިމަންނަގެ (އަނބިމީހާއަށް ވިޔަސް ފިރިމީހާއަށް ވިޔަސް)، ޢިއްފަތް ރައްކާތެރިކޮށް ޙަރާމް ގޮތްތަކުން ރައްކާތެރި ވުމަށް ކުރެވޭ ކަމެއް ކަމުގައި ނިޔަތް ގަންނާށެވެ. އަދި އެކަކު އަނެކަކަށް އަރާމު ލިއްބައި ދިނުމަކީ، ޖިންސީ ގުޅުމުގެ މުހިންމު އެއް މަޤްޞަދު ކަމުގައި، ހިތުން ނިޔަތް ގަންނާށެވެ. އޭރުން ދެމީހުންގެ ވެސް، ހުށައެޅުން ރަނގަޅުވާނެއެވެ.

ޖިންސަކީ އެއްވެސް މަޤްޞަދެއް ނެތް ކަމަކަށް ހަދައިފި ނަމަ، ދުވަސް ކޮޅަކުން ފޫހިވެ، ޖިންސީ ގުޅުމުން އެއްވެސް އަރާމެއް ނުލިބި އެކަމާ ފޭ ވާން ފައްޓަފާނެއެވެ. ފަހަރެއްގައިވެސް އަނެކަކު ބުނީތީ އެނދަށް ނާންނާށެވެ. އަދި އެންމެ އިސްކަމަކީ، ހަމަ އެކަނި އަމިއްލައަށް އަރާމު ލިބިގަތުން ކަމަށްވެސް ނު ހަދާށެވެ.

2 - ދޮން ދިނުމާއި ލޯބި ކުރުން :

ޖިމާޢުވުމުގެ ކުރިން، ދޮން ދިނުމާއި ލޯބި ކުރުން، އަދި ފޮނި ވާހަކަ ދެއްކުން ފަދަ ކަންތައް ކުރުން ސުންނަތްވެގެން ވެއެވެ. މިއީ އަނބިމީހާ ޖިންސީ ގުޅުން ހިންގުމަށް ނަފްސީ ގޮތުންނާއި ޖިސްމާނީ ގޮތުން ތައްޔާރުވުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. އަދި ޖިންސީ ގުޅުމުން އަނބިމީހާއަށް ޙައްޤުވާ އަރާމުކަން ލިބިދެވޭނީވެސް މި ގޮތަށް ފައްޓައިގެންނެވެ.

ޢާއްމުކޮށް ބަލާއިރު ލޯބި ކުރުމުގެ ސަބަބުން އަންނަ "ފޯރި" އަންހެނުންނަށް އަންނަނީ، ފިރިހެނުންނަށް ވުރެ ލަހުންނެވެ. ވީމާ ދެ މީހުންގެ ދެމެދުގައި ވާހަކަ ދެއްކުމާއި، ސުވާލު ކުރުން ވަރަށް މުހިއްމެވެ. އަންހެން މީހާ ތައްޔާރު ތޯ ބަލަން ޖެހެއެވެ. ބައެއް ފިރިހެނުން އަވަސް އަރުވާލައިގެން މި ފޯރި އައުމުގެ ކުރީގައި ޖިމާޢުވާން ފެއްޓުމުން، އަނބުރާ ލިބޭނީ ނާކާމިޔާބު ޖިންސީ ގުޅުމެކެވެ.

ޖަނަވާރު ގޮސް އޭގެ އަންހެން ޖަނަވާރު ގައި މައްޗަށް ވެއްޓިގަންނަހެން، އަހަރެމެން އަހެރެމެންގެ އަނބިންނާއި ދިމާކޮށް ނުލުމަށް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އަދި ދެމީހުންގެ ދެމެދުގައި މެދުވެރިއެއް ބެހެއްޓުމަށް ވިދާޅުވުމުން ޞަޙާބީން އެއީ ކޯޗެއްތޯ ސުވާލު ދެންނެވުމުން ވިދާޅުވީ މެދުވެރިއަކީ ދޮން ދިނުމާއި ވާހަކަ ދެއްކުން ކަމުގައެވެ.

އަލް އިމާމް އިބްނު އަލްޤައްޔިމު ވިދާޅުވެފައިވަނީ "ޖިމާޢުވުމުގެ ކުރިން ކުރަންޖެހޭ ކަންތަކުގެ ތެރޭގައި، ލޯބި ކުރުމާއި ދޮންދިނުމާއި ތުންފަތް ބުއިން ހިމެނެއެވެ."

ނޯޓް :

މި ވާހަކަ ތަކަކީ ފަހަރެއްގައި އަހަރެމެންގެ ތެރެއިން މި ޒަމާނު މީހަކަށް ހަޑި ވާހަކަތަކެއް ކަމަށް ވެދާނެއެވެ. ނަމަވެސް މި ވާހަކަ ތަކަކީ އިސްލާމް ދީނުގެ އެންމެ ބޮޑެތި ޢިލްމުވެރިންނާއި ފިޤުހުވެރިން އެބޭކަލުންގެ ފޮތްތަކުގައި ވަރަށް ތަފްޞީލުކޮށް ދައްކަވާފައިވާ ވާހަކަ ތަކެކެވެ. އިމާމް އަޙްމަދުގެ "އައްޒުހުދު" މިފޮތުގައި ޙަދީޘަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެއެވެ. ''ކެއިން ބުއިމުގައި އަހަރެންނަށް ކެއްތެރިކަން ލިބިދާނެއެވެ. ނަމަވެސް އަނބިމީހާއާއި އެކުވާން، ކެތްތެރިއެއް ނުވެވޭނެއެވެ.''

ޖިންސަކީ ފަހަރެއްގައިވެސް ހަޑި އެއްޗެއް ނޫނެވެ. ހަޑި ވަނީ ﷲ އެންގެވި ޙައްދު ތަކުން ބޭރުވެ އެކަން ކުރުމުންނެވެ. އިންސާނާގެ ގައިގައިވާ ޝަހުވަތްތެރި ކަމަކީ، އޭނާ ހެއްދެވި ފަރާތުން ލެއްވި އެއްޗެކެވެ. އަދި އަންހެނުންނަކީ ދުނިޔެއިން ދެއްވާފައިވާ ނިޢުމަތެއް ކަމަށްވެސް ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. އަދި ރަސޫލާ އަރިއަހުގައި، އަންހެނުން އެކަނަބަލުން އިޙްތިލާމް ވޭތޯ ސުވާލު ކޮށްފައިވެސް އެބަހުއްޓެވެ.

ޝައްކެއްވެސް ނެތް ގޮތުގައި ހަޑި، ހުތުރު ކަމަކީ، ޒިނޭކޮށް ފިރިހެން ކުޅި އާއި އަންހެން ކުޅި ކުޅުން، ޙަރާމް ތަންތާގައި ގުޅުން ހިންގުން، މީހުންގެ އޮރިއާން ބެލުން ފަދަ ކަންކަމެވެ. ﷲ އެންގެވީތީ ޒިނޭ ކުރުމާއި ފާސިޤު ކަންތައްގަޑު ދޫކޮށް، ރަސޫލާގެ ސުންނަތުގެ މަތިން ކައިވެންޏެއް ކޮށްގެން، އަރާމު ލިބިގަތުމަކީ ނިޢުމަތެކެވެ. އެކަންތައް ހުއްދަ ގޮތުގައި ބޭނުންގޮތަކަށް، ބޭނުންވަރަކަށް ކުރަންވީއެވެ. (ކުޅި މިބަސް އަހަރެން މި ބޭނުން ކުރީ ޝައިޚް ޢަބްދުﷲ ޖަލާލުއްދީންވެސް، އެ ބޭފުޅާގެ ޤުރުއާން ތަރުޖަމާއެއްގައިވެސް ލިވާޠަށް، މި ގޮތަށް ދިވެހިން ނަން ދެއްވާފައިވާތީއެވެ.)

3 - ވާރިދުވެފައިވާ ދުޢާ ކިއުން :

ޖިމާޢުވުމުގެ ކުރިން، އެކަމަށް ވާރިދުވެފައިވާ ދުޢާ ކިއުން ސުންނަތް ވެގެންވެއެވެ. އެ ދުޢާއަކީ " بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا"

މާނައަކީ: ﷲގެ އިސްމު ފުޅުން ފަށައިގަންނަމެވެ. އޭ ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮއެވެ. އަޅަމެންނާއި ޝައިޠާނާ ދުރުކުރައްވާފާދޭވެ! އަދި އަޅަމެންނަށް އިބަ ރަސްކަލާނގެ ރިޒުޤުކުރައްވާ ދަރިއާއިވެސް ޝައިޠާނާ ދުރުކުރައްވާފާދޭވެ!

މި ދުޢާ އައިސްފައިވާ ޙަދީޘަކީ لَوْ أَنَّ أَحَدَكُمْ إِذَا أَرَادَ أَنْ يَأْتِيَ أَهْلَهُ فَقَالَ بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا فَإِنَّهُ إِنْ يُقَدَّرْ بَيْنَهُمَا وَلَدٌ فِي ذَلِكَ لَمْ يَضُرُّهُ شَيْطَانٌ أَبَدًا

މާނައަކީ: "ކަލޭމެން މީހަކު އޭނާގެ އަނބިމީހާ ގާތަށް ވަންނައިރު ބުނާށެވެ. ﷲގެ އިސްމު ފުޅުން ފަށައިގަންނަމެވެ. އޭ ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮއެވެ. އަޅަމެންނާއި ޝައިޠާނާ ދުރުކުރައްވާފާދޭވެ! އަދި އަޅަމެންނަށް އިބަ ރަސްކަލާނގެ ރިޒުޤުކުރައްވާ ދަރިއާއިވެސް ޝައިޠާނާ ދުރުކުރައްވާފާދޭވެ! ފަހެ އެދެމީހުންނަށް ދަރިއެއް މެދުވެރި ކުރައްވައިފިނަމަ، އެ ދަރިއަކަށް ދުވަހަކުވެސް ޝައިޠާނާގެ ފަރާތުން ގެއްލުމެއް ނުވާނެއެވެ."

ލިބޭ ޖިންސީ އަރާމުގެ އިތުރަށް، މި ގޮތަށް ސުންނަތް ވެގެންވާ ދުޢާއަކުން ފައްޓައިގަތުމުން ބަރަކާތް ލިބި، ދަރުމަވެސް ލިބޭ ކަމަކަށް ވެދެއެވެ.

4 - ޖިމާޢުވުން ހުއްދައީ ކުރިމަތީ ފަރާތުގައި:

ޖިމާޢުވުމަށް ކަޑައެޅިފައިވާ ތަނަކީ އަނބިމީހާގެ ކުރިމަތީ ފަރާތެވެ. އެހެން ބަހަކުން ބުނާނަމަ ފަރުޖެވެ. ކޮންމެ ގޮތަކަށް، ކޮންމެ ދިމާލަކުން، ފަހަތުން ނުވަތަ ކުރިމަތިން ވިޔަސް، ކޮންމެ ގޮތަކަށް ތިބެގެން ވިޔަސް" ކުރިމަތީފަރާތުގައި" ޖިމާޢުވުން ހުއްދައެވެ. ހަމަ އެކަނި ކުރިމަތީ ފަރާތެވެ. ފަހަރެއްގައިވެސް ''ފުރަގަސް ފަރާތެއް" ނޫނެވެ. ފުރަގަސް ފަރާތުގައި ޖިމާޢުވުމަކީ ބޮޑު ޙަރާމް ކަމެކެވެ. މި ވާހަކައާއި ގުޅޭ، ޤުރުއާނުގެ އެއް އާޔަތަކީ ބަޤަރާ ސޫރަތުގެ 223 ވަނަ އާޔަތެވެ. نِسَاؤُكُمْ حَرْثٌ لَكُمْ فَأْتُوا حَرْثَكُمْ أَنَّى شِئْتُمْ

މާނައަކީ: "ކަލޭމެންގެ އަނބިންނަކީ ކަލޭމެންނަށް ލިބިގެންވާ، ގޮވާން ކުޅައުމުގެ ބިމެއްފަދަ ބައެކެވެ. ވީއިރު ކަލޭމެންގެ ގޮވާން ކުޅައުމުގެ ބިމަށް، ކަލޭމެން ރުހޭފަދައަކުން ގޮސް އުޅޭ ގޮތުގެ މަތިން، އެކަނބަލުންގެ ގާތަށްވެސް ގޮސް އުޅޭށެވެ."

ކުޑަ ޝަރަޙައެއް :

މި އާޔަތަށް ބަލާއިރު މި އާޔަތުގައި ބުނެވިފައިވަނީ، އަނބިންނަކީ، ދަރިން ހޯދައި މުޑުވައް ކުރާ ބައެއް ކަމެވެ. މުޑުވައް ކުރެވޭ (ދަރިން ހޯދުން) ތަނަކީ އަންހެނުން ގެ ކުރިމަތީ ފަރާތެވެ. ދަރިން ހޯދާ އަދި ދަރިން އުފަންވާ ތަނަކީވެސް، އަންހެނާގެ ކުރިމަތީފަރާތެވެ. ދެން މި އާޔަތުގައި އެ އޮތް (އަންނާ ޝިއުތުމް) މި ބަހުގެ މާނައަކީ ބޭނުން ގޮތަކަށް މިއެވެ. ވީމާ ބޭނުން ގޮތަކަށް ކުރިމަތީ ފަރާތުގައި ޖިމާޢުވުމަށް އަންގަވާފައިވެއެވެ.

ޖިމާޢުވާއިރު ވަކި މިވެނި ގޮތަކަށް ތިބެން، އަނބިމީހާ ދަށުގައި އޮތުމަށް ނުވަތަ އޮށޯވެ އޮތުމަކަށް، ދީން ނާންގައެވެ. އަދި އަބަދު އެއްގޮތަކަށް ތިބެގެން ގުޅުން ހިންގުމަކަށްވެސް ނާންގައެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ހަމައެކަނި ރަނގަޅު ގޮތަކީ، އަނބިމީހާ ދަށުގައި އޮވެގެން ޖިމާޢުވުމެވެ. ނަމަވެސް މިއީ ކުށް ހީއެކެވެ. ދީން ވަކި ގޮތަކަށް ތިބެން ނާންގައެވެ. މިއީ ދީން އެ ދޭތެރެއަށް ވަންނަން ޖެހޭ ކަހަލަ ކަންކަމެއް ނޫނެވެ. އެހެންވެ މި ފަދަ ކަންތައް އެއީ އެ ބަޔަކު ބޭނުން ގޮތަކަށް ކުރުމުގެ ފުރިހަމަ މިނިވަން ކަން އޮންނަ ކަންކަމެވެ. ޖިންސީ ޙަޔާތަށް ފުރިހަމަ ކަމެއް ގެނެސްދޭނެ އާ ގޮތްތައް ހޯދުމާއި، ގޮތް ގޮތް ބަލައި ރަހަތަފާތު ކުރުމަކީ އެއީ ރަނގަޅު ގޮތެކެވެ.

މިއާޔަތް ބާވައިލެވުމާއި ބޭހޭގޮތުން ޖާބިރު ބިން ޢަބްދުﷲ ރަޟިޔައްﷲ ޢަންހު ވިދާޅުވިއެވެ: ފިރިމީހާ އަނބިމީހާގެ ފުރަގަހުން އައިސް ކުރިމަތީފަރާތަށް ޖިމާޢުވެއްޖެނަމަ (އަނބިމީހާގެ ފަހަތުގައި ހުރެ އޭނާގެ ފަރުޖަށް ޖިމާޢުވުން) ، ލިބޭ ދަރި ލޯ އަވަރުވާނެ ކަމަށް، ޔަހޫދީން ބުނެ އުޅެތެވެ. ދެން މި އާޔަތް ބާވައިލެއްވުނެވެ. އަދި މި އާޔަތް ޝަރަޙަކޮށް ދެއްވުމުގެ ގޮތުން ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ: مُقبِلَةَ وَمُدْبِرَةََ إذا كَانَ ذلِكَ فِي الفَرْجِ‏

މާނައަކީ: "އެއީ ކުރިމަތިން ވިޔަސް ފަހަތުން ވިޔަސް، ފަރުޖުގައެވެ. '' (ރިވާ ކުރެއްވީ ބުޚާރީ)

5 - ފުރަގަސްފަރާތުގައި ޖިމާޢުވުން ޙަރާމް :

އަނބިމިހާގެ ފުރަގަސްފަރާތުގައި ޖިމާޢުވުމަކީ، އެއްވެސް ޙާލެއްގައި ހުއްދަ ކަމެއް ނޫނެވެ. މިއީ ވަރަށް ނުބައި، ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. ﷲ ވަޙީ ކުރައްވާފައިވަނީ: ‏نِسَاؤُكُمْ ‏ ‏حَرْثٌ ‏ ‏لَكُمْ فَأْتُوا ‏ ‏حَرْثَكُمْ ‏ ‏أَنَّى شِئْتُمْ ‏

ކުރިންވެސް ބުނެވުނު ފަދައިން މުޑުވަށް ކުރެވޭ ތަނަކީ ކުރިމަތީފަރާތެވެ. ވީމާ ޖިމާޢުވާން ޖެހޭ ތަނަކީ ވެސް އެއީއެވެ.

އަބޫ ހުރައިރާގެ ފަރާތުން އަބޫ ދާއޫދު ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. قَالَ : رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏مَلْعُونٌ مَنْ أَتَى امْرَأَتَهُ فِي دُبُرِهَا

މާނައަކީ:"އޭނާގެ އަންހެނުންގެ ފުރަގަސްފަރާތުގައި ޖިމާޢުވެއްޖެ މީހަކީ ލަޢުނަތް ލިބިގެންވާ މީހެކެވެ."

އަދިވެސް ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ. مَنْ أتَى ‏‏ حَائِضًا أو امرَأة ‏فِي دُبُرِهَا أو ‏كَاهِنًا فَصَدَّقَهُ كَفَر بمَا أنزَلَ عَلَى ‏مُحَمَّدٍ

މާނައަކީ: ''ޙައިޟުވެރިއާ އާއި ޖިމާޢުވެއްޖެ މީހާއާއި، އަންހެނެއްގެ ފުރަގަހުގައި ޖިމާޢުވެއްޖެ މީހާއާއި، ކާހިނެއްގެ ގާތަށް ގޮސް އޭނާ ބުނި އެއްޗެއް ޤަބޫލުކޮށްފި މީހާ، ފަހެ މުޙައްމަދުގެ ފާނަށް ބާވައިލެއްވުނު އެއްޗަށް ކާފިރު ވެއްޖެއެވެ."

(މާނައަކީ މިފަދަ މީހާ އެއްކޮށް ދީނުން ބޭރުވާ ވާހަކައެއް ނޫނެވެ. ނަމަވެސް އޭނާ އެކަން ކުރުމަކީ ރަސޫލާ އެންގެވި ކަންތަކަށް ފުރިހަމައަށް ބޯ ނުލަނބާ ކަމުގެ ހެއްކެކެވެ.) މި ޙަދީޘަކީ ޞައްޙަ ޙަދީޘެއް ކަމަށް ޝައިޚް އަލްބާނީ ވިދާޅުވެފައިވާ ޙަދީޘެކެވެ.

މި ކަން ޙަރާމް ކަމަކަށް ވުމުގެ، އަހަރެމެންނަށް އެނގޭ ފާޅު ޙިކުމަތްތަކުގެ ތެރޭގައި، މިކަމަކީ އިންސާނީ ހަމަ ފިޠުރަތާއި ޚިލާފު، ފަކުރު ކަމަކަށް ވުމާއި، ސީދާ ނަފުސުތަކެއްގެ ވެރި ބައެއް ކުރާނެ ކަމަކަށް ނުވުން ހިމެނެއެވެ. ހަމަ އެހެންމެ މި ކަމަކީ އަންހެންމީހާއަށް ލިބިދޭން ޖެހޭ ލައްޒަތު ގެއްލި ވޭންތަކެއް އުފުލަން ޖެހޭ ކަމަކެވެ. އަނެއް ކޮޅުން މިއީ ނަސްލު އިތުރު ކުރުމަށް އޮތް ފުރުސަތު ނަގައިލެވޭ ކަމެކެވެ. މި ކަމުން ލިބޭ ޞިއްޙީ ގެއްލުމަކީ ވަރަށް ބޮޑު ގެއްލުމެކެވެ. އެކަން ތަފްޞީލުކޮށް މި ލިއުމުގައި ނުބުނެ ފުއްދާލާނަމެވެ.

6 - ވުޟޫ ކުރުން ސުންނަތްވެގެންވޭ :

ދެމަފިރިން ޖިމާޢުވުމަށް ފަހު، އަނެއްކާ ދެވަނަ ފަހަރަށް ޖިމާޢުވާން ބޭނުންނަމަ، ވުޟޫ ކުރުން ސުންނަތްވެގެން ވެއެވެ. ރަސޫލާގެ ޙަދީޘެއްގައި ވަނީ : إِذَا أَتَى أَحَدُكُمْ أَهْلَهُ ثُمَّ أَرَادَ أَنْ يَعُودَ فَلْيَتَوَضَّأْ بَيْنَهُمَا وُضُوءَا

މާނައަކީ:"ކަލޭމެންގެ ތެރެއިން މީހަކު އަނބިމީހާއާއި ޖިމާޢުވުމަށްފަހު، އަނެއްކާ ޖިމާޢުވާން ބޭނުންވެއްޖެނަމަ، އެ ދެމެދުގައި ވުޟޫ ކުރާހުށިކަމެވެ.''(ރިވާ ކުރެއްވީ މުސްލިމް)

އަލްޙާކިމް މި ޙަދީޘް ރިވާކުރައްވާފައިވާ އިރު، ''ފަހެ އޭރުން، ދެވަނަ ފަހަރު ހަށިގަނޑުގެ ތާޒާކަން އިތުރުވާނެއެވެ." މިހެން އޮވެއެވެ.

މި ދެންނެވި ވުޟޫއަކީ މުސްތަޙައްބު ކަމެކެވެ. ވާޖިބު ކަމެއް ނޫނެވެ.

7 - ޖުނުބުވެރިކަމުގެ ހިނައިގަތުން :

ޖުނުބުވެރިކަމުގެ ހިނައިގަތުން ދެމަފިރިންނަށް ނުވަތަ އޭގެ ތެރެއިން އެކަކަށް ވާޖިބުވާނީ މި އަންނިވި ޙާލަތްތަކުގައެވެ.

 ހިނައިގަންނާނީ ކިހިނެއް ؟

(ހ) - ފިރިހެންމީހާގެ ޛަކަރު އަނބިމީހާގެ ކުރިމަތީފަރާތައް ވެއްދުން. ހަމަ ބޭރުފުށުން ދެ ގުނަވަން ޖެހިލިއަކަސް ހިނައިގަތުން ވާޖިބެއް ނޫނެވެ. ދަލީލަކީ އިމާމް ބުޚާރީ އަބޫ ހުރައިރާ ގެ އަރިއަހުން ރިވާ ކުރެއްވި މި ޙަދީޘެވެ: عَنْ ‏ ‏أَبِي هُرَيْرَةَ ‏ عَنْ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏ ‏إِذَا جَلَسَ بَيْنَ شُعَبِهَا الْأَرْبَعِ ثُمَّ ‏‏ جَهَدَهَا ‏ ‏فَقَدْ وَجَبَ الْغَسْلُ

މާނައަކީ: "އެ ކަނބުލޭގެ ހަތަރު ގުނަވަނުގެ މެދުގައި އިށީނދެ، ހަރަކާތްތެރިވެއްޖެނަމަ، ހިނައިގަތުން ވާޖިބުވެއްޖެއެވެ."

މި ޙަދީޘުގައި އެ އޮތް ހަތަރު ގުނަވަން ނުވަތަ "ޝުޢަބް" މި ބަހުގެ މާނަ ވަރަށް ގިނަ ގޮތް ގޮތަށް ޢިލްމުވެރިން ކުރައްވާފައިވެއެވެ. އޭގެތެރޭގައި ، ދެ އަތާއި ދެފައި، ދެ ފަޔާއި ދަ ފަލަމަސްގަޑު، އަދި ޖިންސީ ގުނަވަން ކަމަށްވެސް ބުނެވިފައި އެބަ ހުއްޓެވެ. ނަމަވެސް ބޮޑަށް ބެލެވެނީ މީގެ މާނައަކީ މަޖާޒީ ގޮތަކަށް ޖިމާޢުވުން ކަމުގައެވެ.

އިމާމް މުސްލިމްއާއި އަޙްމަދު ރިވާކުރެއްވި ، އެހެން ޙަދީޘެއްގައި ވެއެވެ. إذا جَاوَزَ الْخِتَانُ الْخِتَانَ فَقَدْ وَجَبَ الْغُسْل

މާނައަކީ :" ޛަކަރު ފަރުޖުގެ ތެރެއަށް ވަދެއްޖެނަމަ، ހިނައިގަތުން ވާޖިބެވެ. "

މިގޮތަށް ޖިމާޢުވެފައި ދެ މީހުންކުރެ މީހަކު މަނިބޭރު ނުވިއަސް، ހިނައިގަތުން ވާޖިބުވެއެވެ.

(ށ) - އަންހެނުންގެ ކުރިމަތީފަރާތަށް، ފިރިމީހާގެ ކުރިމަތީފަރާތް ނުވެއްދިއަސް، މަނިބޭރުވެއްޖެނަމަ، ހިނައިގަތުން ވާޖިބުވާނެއެވެ. ފިރިހެނުންނަށް ނިސްބަތް ކުރާއިރު މަނިބޭރުވުމޭ ބުނެވޭ ބަހުގެ މާނައަކީ، ބާރާއި އެކު ކުއްލިއަކަށް ވާކަހަލަ ގޮތަކަށް، ޛަކަރުން މަނި ބޭރުވުމެވެ. އަދި އޭގެ ފަހުން އޭނާއަށް އަރާމެއް ލިބި، މި ގުނަވަނަށް ވަޅޯ ކަމެއްވެސް ލިބޭނެއެވެ.

އެކި މީހުންގެ މަނީގައި އެކި ވަސް ހުއްޓަސް މަނީގައި ފާހަނގަ ކުރެވޭ ވަކި ވަހެއްވެސް ހުރެއެވެ. މަނި ބޭރު ވުމަކީ ފރިހެނުންނަށް ލިބޭ ޖިންސީ "އުފަލުގެ ކުންނު'' އެވެ. އަންހެނުންނަށް ވެސް ކުންނަށް ދެވެއެވެ. ނަމަވެސް ދެވޭ ގޮތާއި ފެންނަ އަސަރު ތަފާތެވެ.

ވީމާ ދެމަފިރިއަކު ދޮން ދީ ލޯބިކޮށް އުޅުމުގެ ތެރޭގައި، ފިރިމީހާ ނުވަތަ އަނބިމީހާގެ ކުރިމަތީފަރާތުން ފައިބާ، ލޮނދިކޮށް ހުންނަ ދިޔާއެއްޗަކީ މަންޏެއް ނޫނެވެ. އެޔަށް ފިޤުހު ޢިލްމުގައި ކިޔެނީ "މަޛްޔު'' އެވެ. މަޛްޔު އަކީ މީހާއަށް ޝަހުވަތްތެރިކަމެއް އައިމާ ނުވަތަ އެފަދަ މަންޒަރެއް ފެނުނީމައި ނުވަތަ ޖިމާޢުވާއިރު މަނި ބޭރުވުމުގެ ކުރިން ފައިބާ އެއްޗެކެވެ. މަޛްޔުގެ ކުލައަކީ ސާފު ކުލައެކެވެ. މަނީގައި ހުން ކަހަލަ ހުދު ނުވަތަ ރީދޫ ކުލައެއް މަޛްޔުގައި ނުހުންނާނެއެވެ. މިކަމުން ހިނައިގަތުން ވާޖިބެއް ނޫނެވެ.

ކުރިމަތީ ފަރާތުން ފައިބާ އަދި އެހެން ފެނެއްވެސް ހުރެއެވެ. އެއީ ފިޤްހުގައި "ވަދްޔު" ކިޔާ އެއްޗެކެވެ. އެއީ ބައެއް ފަހަރު ކުޑަކަމު ދާ އިރު އެޔާއި އެކީ، ނުވަތަ ބަރު އެއްޗެއް އުފުލުން ފަދަ ކަމެއް ކުރުމުން ފައިބާ އެއްޗެކެވެ. މިއީވެސް ނަޖިސް އެއްޗެކެވެ. ނަމަވެސް ހިނައިގަތުން ވާޖިބުވާ ކަމެއް ނޫނެވެ.

މި ކަހަލަ ހާލަތެއްގައި ނަމާދު ކުރަން ބޭނުންވިޔަސް، ގައިގައި ނުވަތަ ހެދުމުގައި "މަޛްޔު'' ޖެހިފައި ހުންނަތަން ދޮވެލުމަށްފަހު ވުޟޫ ކުރީމާ ނިމުނީއެވެ. ނަމަވެސް މަނި ބޭރުވެއްޖެ ނަމަ ހިނައިގަތުން ވާޖިބެވެ. އެއީ ޖުނުބުވަރި ކަމުގެ ހިނައިގަތުމެކެވެ. ގިނަ ޢިލްމުވެރިން ދެކެލައްވާގޮތުގައި މަނި އަކީ ނަޖިހެއް ނޫނެވެ. ނަމަވެސް މަޛްޔު އަކީ ނަޖިހެކެވެ.

މަނި ބޭރުވުމުން ހިނައިގަތުން ވާޖިބުވާ ކަމުގެ އެއް ދަލީލަކީ:  ‏الْمَاءُ ‏ ‏مِنْ ‏ ‏الْمَاءِ

މާނައަކީ: "ހިނައިގަތުން ވާޖިބުވަނީ ފެން (މަނި) ބޭރުވުމުންނެވެ."

ވަރަށް ގިނަ މީހުންގެ ހިތުގައި އުފެދޭ ސުވާލަކީ، މަނި ބޭރުވަނީ ހަމައެކަނި ފިރިހެނުންގެ ތޯ އެވެ؟ އަދި ނިދުމުގެ ތެރޭގައި އިޙްތިލާމް ވަނީވެސް ހަމައެކަނި ފިރިހެނުން ތޯ އެވެ؟ މީގައި ދެކޮޅަށްވެސް ވަރަށް ގިނަ މީހުން ވާހަކަ ދައްކައެވެ. ނަމަވެސް ޙަދީޘުތަކަށް ބަލާއިރި މިއީ އަންހެނުންނަށްވެސް ވާކަމެއްކަން ދޭހަވެއެވެ. އަންހެނުން ނިދީގައި އިޙްތިލާމްވެސް ވެއެވެ. އަދި ޖިމާޢު ވާ އިރު "މަނި" ވެސް ބޭރުވެއެވެ. ފުރަތަމަ މި ބަލާލަނީ އުއްމުލް މުއުމިނީނަ އުއްމު ސަލަމާ ރިވާ ކުރެއްވި ޙަދީޘަކަށެވެ. މި ޙަދީޘް މިއީ ބުޚާރީގެ ހިނައިގަތުމުގެ ބާބުގައި ވާ ޙަދީޘެކެވެ.

جَاءَتْ ‏ ‏أُمُّ سُلَيْمٍ امْرَأَةُ ‏ ‏أَبِي طَلْحَةَ ‏ ‏إِلَى رَسُولِ اللَّهِ ‏‏ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏ فَقَالَتْ يَا رَسُولَ اللَّهِ إِنَّ اللَّهَ لَا يَسْتَحْيِي مِنْ الْحَقِّ هَلْ عَلَى الْمَرْأَةِ مِنْ غُسْلٍ إِذَا هِيَ احْتَلَمَتْ فَقَالَ رَسُولُ اللَّهِ ‏‏ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏ نَعَمْ إِذَا رَأَتْ الْمَاءَ ‏

މާނައަކީ : "އަބޫ ޠަލްޙާގެ އަންހެނުން އުއްމު ސުލައިމް، ކީރިތި ރަސޫލާ އަރިއަހަށް އައިސް ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުންވެސް، ކަލޭގަފާނު ޙަޤީޤަތެއް ވިދާޅުވުމުން، ﷲ ލަދުވެތިވެވޮޑިއެއް ނުގަންނަވާނެއެވެ. އަންހެނާ އިޙްތިލާމް ވެއްޖެނަމަ، އޭނޭގެ މައްޗަށް ހިނައިގަތުން ވާޖިބުތޯއެވެ؟" ﷲގެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "އާއެކެވެ. ފެނެއް ފައިބާފައި ހުރިތަން އެ ކަނބުލޭގެއަށް ފެނިއްޖެނަމައެވެ." (ޞަޙީޙް މުސްލިމް: ބާބް އަލްޙައިޟް)

ފިރިހެނުންވެސް ހަމަ ޖިންސީ ހުވަފެނެއް ފެންނަ އިރަށް، ހިނައިގަތުން ވާޖިބެއް ނުވެއެވެ. ވާޖިބުވަނީ ނިދިން ހޭލާއިރު މަނި ނުވަތަ ދިޔާ އެއްޗެއް (ކުޑަ ކަމުދާ އެތި ނޫންކަން އެގޭ) ފައިބާފައި ހުރިކަން އެގުމުންނެވެ.

ދެން އޮތް ޙަދީޘަކީ، ޞަޙީހު މުސްލިމުގެ ޙައިޟު މި ބާބުގައި އޮތް ޙަދީޘެކެވެ.

أَنَسَ بْنَ مَالِكٍ ‏ ‏حَدَّثَهُمْ أَنَّ ‏‏ أُمَّ سُلَيْمٍ ‏ ‏حَدَّثَتْ ‏ أَنَّهَا سَأَلَتْ نَبِيَّ اللَّهِ ‏‏ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏عَنْ الْمَرْأَةِ ‏ ‏تَرَى فِي مَنَامِهَا مَا يَرَى الرَّجُلُ فَقَالَ رَسُولُ اللَّهِ ‏‏ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏إِذَا رَأَتْ ذَلِكِ الْمَرْأَةُ فَلْتَغْتَسِلْ فَقَالَتْ ‏‏ أُمُّ سُلَيْمٍ ‏‏ وَاسْتَحْيَيْتُ مِنْ ذَلِكَ قَالَتْ وَهَلْ يَكُونُ هَذَا فَقَالَ نَبِيُّ اللَّهِ ‏‏ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏ نَعَمْ فَمِنْ أَيْنَ يَكُونُ الشَّبَهُ إِنَّ مَاءَ الرَّجُلِ غَلِيظٌ أَبْيَضُ وَمَاءَ الْمَرْأَةِ رَقِيقٌ أَصْفَرُ فَمِنْ أَيِّهِمَا عَلَا أَوْ سَبَقَ يَكُونُ مِنْهُ الشَّبَهُ ‏

މާނައަކީ: އަނަސް ބިން މާލިކް އުއްމު ސުލައިމްގެ އަރިއަހުން ރިވާކުރެއްވިއެވެ. އުއްމު ސުލައިމް ވިދާޅުވިއެވެ. ފިރިހެނުންނަށް ވެސް ނިދި ތެރޭގައި ފެންނަ ފަދަ އެއްޗެއް ފެންނަ (ޖިންސީ ހުވަފެން) އަންހެނުންނާއި ބެހޭގޮތުން، އެކަނބުލޭގ، ﷲގެ ރަސޫލާ އަރިއަހުގައި ސުވާލު ދެންނެވިއެވެ. ދެން ﷲގެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އެފަދަ ކަމެއް އަންހެނާއަށް ފެނިއްޖެނަމަ، ހިނައިގަންނާށެވެ. އުއްމު ސުލައިމް ވިދާޅުވިއެވެ. އަހަރެން އެވަގުތު އެކަމުން ލަދުގަތެވެ. އަދި ދެންނެވީމެވެ. އެހެން ވޭ ތޯއެވެ؟ ދެން ﷲގެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އާއެކެވެ. (އެހެން ވެއެވެ.) އެހެން ނޫނީ ދަރިން އަންހެނާއާއި ވައްތަރުވަނީ ކިހިނަކުން ހެއްޔެވެ؟ ފިރިހެން މީހާގެ ފެން (މަނި) ބޯވެފައި، ކުލަ ހުދުވާނެއެވެ. އަދި އަންހެނުންގެ ފެން (މަނި) ތުނިވެފައި ކުލަ ރީދޫ ވާނެއެވެ. ވީމާ ދެ މީހުންގެ ޖީންތަކުގެ ތެރެއިން ގަދަކަން ހޯދައި ނުވަތަ ކުރި ހޯދި މީހަކާއި ވައްތަރުވެއެވެ.'' (ޞަޙީޙް މުސްލިމް: ބާބް އަލްޙައިޟް)

އަދިވެސް ހަމަ މި ބާބުގައި އަނަސްބިން މާލިކް ރިވާކުރެއްވި ޙަދީޘެއްވެއެވެ.

جَاءَتْ ‏‏ أُمُّ سُلَيْمٍ ‏ ‏وَهِيَ جَدَّةُ ‏ ‏إِسْحَقَ ‏ ‏إِلَى رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏ فَقَالَتْ لَهُ ‏‏ وَعَائِشَةُ ‏ ‏عِنْدَهُ يَا رَسُولَ اللَّهِ الْمَرْأَةُ ‏ ‏تَرَى مَا يَرَى الرَّجُلُ فِي الْمَنَامِ فَتَرَى مِنْ نَفْسِهَا مَا يَرَى الرَّجُلُ مِنْ نَفْسِهِ فَقَالَتْ ‏‏ عَائِشَةُ ‏‏ يَا ‏‏ أُمَّ سُلَيْمٍ ‏‏ فَضَحْتِ النِّسَاءَ تَرِبَتْ يَمِينُكِ فَقَالَ ‏‏ لِعَائِشَةَ ‏‏ بَلْ أَنْتِ فَتَرِبَتْ يَمِينُكِ نَعَمْ فَلْتَغْتَسِلْ يَا ‏‏ أُمَّ سُلَيْمٍ ‏ ‏إِذَا رَأَتْ ذَاكِ ‏

މާނައަކީ: އުއްމު ސުލައިމް، އެއީ އިސްޙާޤުގެ މާމަ، ﷲގެ ރަސޫލާ އަރިއަހަށް، ޢާއިޝަތުގެފާނުވެސް ހުންނަވަނިކޮށް އައިސް، ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ފިރިހެނާއަށްވެސް ހުވަފެނުގައި ފެންނަކަންތައްތައް އަންހެނާއަށްވެސް ފެނި، ފިރިހެނާއަށްވެސް ވާހެން އަންހެނާއަށްވެސް ވެއެވެ. ދެން މިހިސާބުން ޢާއިޝަތުގެފާނު ވިދާޅުވިއެވެ. "އޭ އުއްމު ސުލައިމެވެ. ކަނބުލޭގެ އަންހެނުން ފަޟީޙަތް ކޮށްފީމުއެވެ. ކަބުލޭގެ ކަނާއަތް ވެއްޔާއި މޮޑެވިއްޖެއެވެ. (މި ބަހުގެ އަސްލު މާނައަކީ ފަޤީރުވުމަށް ދުޢާ ކުރުމެވެ. ނަމަވެސް ޢަރަބިން މީގެ އަސްލު މާނަ އަށް ނުއެދި، ހިތްހަމަ ނުޖެހުނީމާ ދަންނަ ރައްޓެހިންނާއި ދިމާލަށްވެސް މި ބަސް ބުނެލައެވެ. ނުބައި ނިޔަތަކު ނޫނެވެ.) ދެން ރަސޫލާ ޢާއިޝަތުގެފާނަށް ޙަދީޘް ކުރެއްވިއެވެ. "އަދި ކިއެއްތަ ކަނބުލޭގެ ކަނާއަތް ވެއްޔާއި މޮޑެވިއްޖެއެވެ.'' އަދި އުއްމު ސުލައިމާއި މުޚާޠަބް ކުރައްވައި ޙަދީޘް ކުރެއްވިއެވެ. ''އޭ އުއްމު ސުލައިމްއެވެ. އާއެކެވެ. އެ ކަނބުލޭގެއަށް އެ ފެނިއްޖެނަމަ ހިނައިގަންނަން ޖެހޭނެއެވެ."

ވީމާ އަންހެނަކު، ސީދާ ޖިމާޢު ނުވެ ނަމަވެސް، ކުރިމަތީފަރާތުން މަނި ފައިބައިފިނަމަ ހިނައިގަންނަން ޖެހޭނެއެވެ. މިތާ މަންޏޭ ބުނެވުނީ އަންހެން މީހާ ޖިމާޢުނުވެ ނަމަވެސް، ޖިންސީ އެހެން ހަރަކާތްތަކުން އަރާމު ލިބި، ޖިންސީ އަރާމުގެ ކުންނަށް ދެވުމަށްފަހު ފައިބާ ދިޔައެވެ. އާދައިގެ ގޮތެއްގައި އުފެދޭ ތެއްކަމެއް ނޫނެވެ.

ހިނައިގަންނައިރު ދެމަފރިން އެއްތަނެއްގައި ތިބެގެން ފެންވެރުން ހުއްދައެވެ. މިކަމުގެ ދަލީލަކީ : عَائِشَةَ ‏ ‏قَالَتْ : ‏ كُنْتُ ‏‏ أَغْتَسِلُ أَنَا وَرَسُولُ اللَّهِ ‏‏ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏مِنْ إِنَاءٍ بَيْنِي وَبَيْنَهُ وَاحِد

މާނައަކީ : އާއިޝަތު ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. އަހަރެންނާއި ﷲގެ ރަސޫލާ، އަހަރެމެން ދެމެދުގައިވާ ކަންވާރަކުން ނާނެއިފުޅު ފިއްލެވީމެވެ.'' (ޞަޙީޙް މުސްލިމް)

އަނބިމީހާ ބެލުން ހުއްދަ ނޫން ފިރިމީހާގެ އައުރައެއް ނުވެއެވެ. އަދި ފިރިމީހާ ބެލުން ހުއްދަ ނޫން އަނބި މީހާގެ އައުރައެއް ނުވެއެވެ.

8 - ޖުނުބުވެރިވެ ހުރެ ނިދުން ހުއްދަ :

ޖިމާޢުވުމަށްފަހު ނުވަތަ މަނި ބޭރުވުމަށްފަހު ހިނައިގަތުން ވާޖިބުވެފައިވާ މީހަކު (އަންހެންވިޔަސް ފިރިހެން ވިޔަސް)، ޖުނުބުވެރި ހާލަތުގައި ހުރެ ނިދުން ހުއްދައެވެ. ނަމާދު ވަގުތު ޖެހުނީމައި ހިނައިގަންނާނީއެވެ. ނަމަވެސް ނިދުމުގެ ކުރިން ވުޟޫ ކޮށްލުން ސުންނަތްކަން ގަދައެވެ. މީގެ ދަލީލަކީ ޢުމަރުގެފާނު ކީރިތި ރަސޫލާއާއި ކުރެއްވި މި ސުވާލެވެ. މި ޙަދީޘް ރިވާ ކުރެއްވީ ޢަބްދުﷲ ބިން ޢުމަރުއެވެ. މިއީ ބުޚާރީގެ "އަލް ޣުސްލު" މިބާބުގައި ހިމެނޭ ޙަދީޘެކެވެ: ذَكَرَ ‏ ‏عُمَرُ بْنُ الْخَطَّابِ ‏‏ لِرَسُولِ اللَّهِ ‏‏ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏أَنَّهُ يُصِيبُهُ جَنَابَةٌ مِنْ اللَّيْلِ فَقَالَ لَهُ رَسُولُ اللَّهِ ‏‏ تَوَضَّأْ وَاغْسِلْ ذَكَرَكَ ثُمَّ نَمْ

މާނައަކީ: ޢުމަރުގެފާނު ރަސޫލާ އަރިއަހު ދެންނެވިއެވެ. ރޭގަނޑުގާ އެ ކަލޭގެފާނު (ޢުމަރުގެފާން) ޖުނުބުވެރިވެއެވެ. ދެން ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ވުޟޫކޮށްލާށެވެ. އަދި ޛަކަރު ދޮވެލުމަށްފަހު ނިދާށެވެ.''

عَنْ ‏ ‏عَائِشَةَ ‏ ‏قَالَتْ ‏ كَانَ النَّبِيُّ ‏‏ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏إِذَا أَرَادَ أَنْ يَنَامَ وَهُوَ جُنُبٌ غَسَلَ فَرْجَهُ وَتَوَضَّأَ لِلصَّلَاةِ

މާނައަކީ: ''ޢާއިޝަތުގެފާނު ރިވާކުރެއްވިއެވެ: ﷲގެ ރަސޫލު ޞައްލައްﷲ ޢަލައިހިވަސައްލަމް، ޖުނުބުވެރި ޙާލަތުގައި ހުންނަވާފައި އަވަހާރަފުޅުލައްޕަވަން ބޭނުންފުޅުވެއްޖެނަމަ، އެކަލޭގެފާނުގެ ޛަކަރު ދޮންނަވާފައި އަދި ނަމާދަށް ކުރައްވާ ވުޟޫ ކުރައްވައެވެ.''

ނަމަވެސް، ދަރިން ލިބުމުގައި ދަތިތަކެއް އުޅޭ އަންހެނަކު، ޖިމާޢުވުމަށްފަހު އިތުރު ވަގުތަށް އޮށޯވެގެން އޮތުން، ރަނގަޅު ކަމަށް، ޑޮކްޓަރުން ބުނެ އުޅެއެވެ. ފަހަރެއްގައި އެހާ އަވަހަށް ފެން ބޭނުން ކުރުން އެހެން ވީމާ ރަނގަޅު ނުވެދާނެއެވެ.

9 - ޙައިޟުވެފައި ހުއްޓާ ، ޖިމާޢުވުމަކީ ބޮޑު ޙަރާމް ކަމެއް :

އަންހެނުން ޙައިޟުވެފައި ހުއްޓާ، ޖިމާޢުވުމަކީ ބޮޑު ޙަރާމް ކަމެކެވެ. ކުރީގައި ޔަހޫދީންނާއި މަޖޫސީން ދެކުނު ގޮތުގައި ޙައިޟުވެފައި ހުނަން އަންހެނާއަކީ، ނަޖިހެކެވެ. އޭނާއާއި އެއްގޮތަކަށްވެސް ކައިރި ނުވެއެވެ. ނަޞާރާއިން ޙައިޟަކަށް އެހެން ކަމަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި، ޖިންސީ ގުޅުން ހިންގަމުން ދިޔައެވެ. ޖާހިލިއްޔަ ޒަމާނުގައި ޢަރަބިކަރައިގެ މީހުން ޔަހޫދީންނާއި މަޖޫސީންފަދައިން، އަންހެނާ ޙައިޟުވެއްޖެނަމަ އޭނާއާއިއެކު، ކައިބޮއި ނުހަދައެވެ. އެއް އެނދެއްގައި ނުނިދައެވެ. އަދި އެންމެ ކުޑަ މިނުން، އެއް ފުރާޅެއްގެ ދަށުގައި އުޅެން ވެސް ދެކޮޅެވެ.

ކަންތައް މިހެން ހުރުމާއިއެކު، މުސްލިމުން ގޮސް ރަސޫލާ އަރިއަހުގައި، ޙައިޟުވެރި އަނބިމީހާއާއި، ފިރިމީހާ ގުޅުން ބަހައްޓަން ޖެހޭނީ ކިހާވަރެއްތޯ އަހައި ސުވާލު ދެންނެވިއެވެ. ދެން ބަޤަރާ ސޫރަތުގެ 222 ވަނަ އާޔަތް ބާވައިލެއްވުނެވެ. وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ وَلَا تَقْرَبُوهُنَّ حَتَّى يَطْهُرْنَ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُ إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ

މާނައަކީ: ''އަދި ޙައިޟުގައި ތިބޭ އަންހެނުންނާއި މެދު، މީސްތަކުން އިނބަކުރެން ސުވާލު ކުރެތެވެ. ބުނާށެވެ. އެއީ ކުޑަ އުދަނގުލެކެވެ. އަދި ހަޑި ޙާލަތެއް މެއެވެ. ވީއިރު ޙައިޟުގެ ދުވަސްވަރުގައި، އަނބިފިރިކަން ކުޅައުމުގެ ގޮތުން، އަންހެނުންނާއި ދުރުގައި ތިބޭހުށިކަމެވެ. އަދި އެ ކަނބަލުން ހިނައި ޠާހިރު ވެއްޖައުމަށް ދާންދެން، އެއް ދާންކޮށް އުޅުމަށްޓަކައި އެކަނބަލުން ގާތަށް ނުދާށެވެ. ދެން އެކަނބަލުން ހިނައި ޠާހިރުވެގަތުމުން، ﷲ ކަލޭމެންނަށް އަމުރު ކުރައްވާފައިވާ ފަދައިން، އެ ކަނބަލުންނާއި އެއްތަންވެ އުޅޭށެވެ. ހަމަ ކަށަވަރުން ﷲ، އެ ކަލާނގެ ކިބައަށް ތައުބާވެގަންނަ މީހުން ދެކެ، ލޯބިވެ ވޮޑިގަންނަވަތެވެ. އަދި ޠާހިރުވެ ސާފު ޠާހިރުކަންމަތީ އުޅޭމީހުން ދެކެވެސް އެކަލާނގެ ލޯބިވެ ވޮޑިގަންނަވާމެއެވެ."

ކޮންމެއަކަސް، މިހިސާބުން ބައެއް މީހުންނަށް ވިސްނުނީ އާޔަތުގައި އެ އޮންނަ ޙައިޟުވެރި އަންހެނާއާއި ދުރުވުމަށް އޮތް ބަހުގެ މާނައަކީ، އެއްކޮށް ނުއުޅުމެވެ. ދެން ރަސޫލާ އެބައި މީހުންނަށް، ކަން އޮތް ރަނގަޅުގޮތް އަންގަވައި ދެއްވަމުން ވިދާޅުވީ މި ފަދައިންނެވެ."

إنَّمَا أَمَرْتُكُمْ أنْ تَعْتَزِلُوا مُجَامَعَتهن إذا حضْن ولمْ آمرُكُمْ بإخراجهنَّ منَ البُيُوتِ كَفِعْل الأَعاَجِم، فَلَمَا سَمِعَ اليَهود ذَلكَ قَالُوا: هَذا الرجُلُ يُرِيْدُ ألا يَدع شَيئَا مِنْ أمرِناَ إلا خَالفْنَا فِيه

މާނައަކީ: ''ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިޔަބައި މީހުންނަށް އަމުރު ކުރީ، އެ ކަނބަލުން ޙައިޟުވެއްޖެނަމަ އެކަނބަލުންނާއި ޖިމާޢު ނުވުމަށެވެ. ޢަޖަމީ މީހުން ހަދާހެން އެކަނބަލުން ގެއިން ނެރެލުމަކަށް އަމުރެއް ނުކުރަމެވެ. ދެން ޔަހޫދީންނަށް މި ޚަބަރު އަޑުއިވުމުން އެބައި މީހުން ބުންޏެވެ: ''މި މީހާ، އަހަރެމެން ކަންތައް ކުރާ ގޮތާއި ޚިލާފަށް މެނުވީ އެއްވެސް ކަމެއް ނުކުރެއެވެ."

އިސްލާމްދީނުގައި އޮންނަ ގޮތަކީ، ޙައިޟުގެ ދުވަސްތައް ގުނަމުންދާ އަނބިމީހާއާއި، ޖިމާޢުވުން ފިޔަވައި ކޮންމެ ކަމެއްވެސް ކުރުން ހުއްދައެވެ. މި ދުވަސްވަރު އަންހެން މީހާގެ ކުރިމަތީ ފަރާތް ނޫން، ކޮންމެ ތަނަކުން ވެސް ދެމަފިރިން ޖިންސީ އުފާ ލިބިގަތުން ހުއްދައެވެ. ބެއްދުމާއި ދޮން ދިނުމާއި، އަދިވެސް ތަފާތު ޖިންސީ އުފާތައް ލިބިގަތުން ހުއްދައެވެ. މި ތާގައި ކޮންމެ ތަނެކޭ މި ބުނެވުނީ ފުރަގަސްފަރާތް އިސްތިސްނާ ކޮށްފައެވެ. އެހެނީ ފުރަގަސްފަރާތް އެއީ ކުރިން ވެސް ބުނެވިފައިވާ ފަދައިން އެއްވެސް ޙާލަތެއްގައި އެއްވެސް ގޮތަކަށް އެއްވެސް ހައިސިއްޔަތަކުން ، ޖިންސީ ގުޅުން ހިންގުން ހުއްދަ ތަނެއް ނޫނެވެ.

ނަމަވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަކީ، ޖިންސަކީ ވަރަށް ގިނަފަހަރަށް މީހާގެ ބުއްދީގެ ބާރު ކުޑަ ކޮށްލާ ކަމެއްކަމެވެ. އަނބިމީހާ ޙައިޟުވެފައި ހުއްޓާ، ތިމަންނަމެން ޖިމާޢު ނުވާނަމޭ ހިތައި، އެއްދާންކޮށް ލޯބި ކުރުމުގެ ތެރޭގައި ސަމާލުވެ ނެތިއްޔާ "ޙަރާމް" ހިސާބަށް ވެސް ދެވިދާނެއެވެ. ވީމާ ފޫޅާއި ކަކުލާއި ދެމެދު ފޮތިގަނޑެއް ފަދަ އެއްޗަކުން ނިވާ ކުރުމަށް ފަހު ކައިރިވުން ހުއްދައެވެ. ހައްތާވެސް ނަފްސަށް ހިންގާ ބާރު ކެޑި، ޙައިޟުވަފައި ހުރި އަނބިމީހާއާއި އެކު ޖިމާޢުވެވިދާނެ ކަމުގެ ނުރައްކަލުން ، ދުރުވުމަށްޓަކެއެވެ.

މި ހިސާބުން، މީހެއްގެ ހިތުގައި އުފެދިދާނެ ސުވާލެއްވެސް އެބަ އޮތެވެ. އެއީ "ހުރަސް" ނުވަ ކޮންޑަމް ބޭނުން ކޮށްގެން ޙައިޟުވެފައި ހުންނަ އަނބިމީހާއާއި ޖިންސީ ގުޅުން ހިންގުން ކިހިނެއްވާނެ ހެއްޔެވެ؟ ޙައިޟުގެ ލެއިން ގެއްލުމެއް ވަންޏާ، އޭރުން ސަލާމަތް ވާނެ ނޫން ހެއްޔެވެ؟

ޖަވާބު ވަރަށް ޞަރީޙައެވެ. އެހެން ވިޔަސް ޙަރާމެވެ. ކަމެއް ނުކުރަން އެންގުމުން ފާޑު ފާޑުގެ ޙީލަތާއި އުކުޅު ބޭނުން ކޮށްގެން، ޙުކުމުން ރެކެވުނީ ކަމަށް ދެކިގެން، ޙަރާމް ކަންތައް ކުރުމަކީ، ހެއްދިވި ފަރާތުގެ އަމުރަށް ނުކިޔަމަންތެރި ވުމެވެ. އެކަލާނގެ ހުރިހައި ކަމެއް ބައްލަވައި، ދެކެވޮޑިގެންވާ ކަން ހަނދާން ނައްތާލުމެވެ. އަޅުވެތި ވުމަކީ ކަމެއް ނުކުރަން އެންގުމުން ނުކުރުމެވެ. ބަހަނާތައް ހޯދުމެއް ނޫނެވެ. އަހަރެމެން ހެއްދެވި ފަރާތުން، މި ކަން ޙަރާމް ކުރެއްވި އިރު، އިންސާނުން ފަހުން ހޯދާނެ އީޖާދުތައްވެސް އެނގި ވޮޑިގެންވެއެވެ. އެހެންވެ، ޙައިޟުވެރި އަނބިމީހާއާއި ޖިމާޢުވުން ހުއްދަ ޙާލަތްތަކެއް ވާނަމަ އެކަން ޝަރީޢަތުގައި އެންގެވީހެވެ. އަދި ޙައިޟުގެ ދުވަސްވަރު ޖިމާޢުވުމުން ގެއްލުން ލިބެނީ ހަމައެކަނި ފިރިމީހާއަށް ނޫންކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މުހިއްމުހެން ހީވާ އަދި އެހެން ނުކުތާއެއްވެސް މި ތާގައި ބުނެލާނަމެވެ. އެއީ އެއީ ޙައިޟުވީމާ ޖިމާޢުވުން ހުއްޓާލުމަށްފަހު، ޙައިޟުގެ ލޭ އައުން ހުއްޓުނީމާ ދެން އެވީ ގުޅުން ހިންގަން ފައްޓަންތޯ، އުފެދޭ ސުވާލެވެ. ފިޤުހު ޢިލްމުވެރިން ވިދާޅުވަނީ، ހުއްދަވާނީ ލޭ ހުއްޓުމަށްފަހު ހިނައި ޠާހިރު ވުމުންކަމަށެވެ. އެއީ މަތީގައިވާ އާޔަތުގައިވަނީ "ދެން އެކަނބަލުން ހިނައި ޠާހިރުވެގަތުމުން، ﷲ ކަލޭމެންނަށް އަމުރު ކުރައްވާފައިވާ ފަދައިން، އެ ކަނބަލުންނާއި އެއްތަންވެ އުޅޭށެވެ ."

ޙައިޟުވެރިއާ ހިނައިގަންނާނީ ކިހިނެއް؟

10 - ޢަޒްލު ކުރުން ހުއްދަ :

ކުއްޖެއް ހޯދަން އަދި ބޭނުން ނޫން ނަމަ، "ޢަޒްލު" ކުރުން ހުއްދައެވެ. މި ބަހުގެ މާނައަކީ ޖިމާޢު ވާއިރު މަނި ބޭރުވުމުގެ ކުރިން ޛަކަރު ފަރުޖުން ނެރެލުމެވެ. ހަމަ އެހެން ކޮންޑަމް ބޭނުން ކުރުންވެސް ހުއްދައެވެ. ނަމަވެސް މި ދެކަން ވެސް ހުއްދަ ވާނީ، އަނބިމީހާގެ ރުހުމާއި އެއްބަސްވުން ލިބިގެންނެވެ. އެހެނީ ޖިންސީ އަރާމު ލިބެންޖެހެނީ ހަމައެކަނި ފރިމީހާއަކަށް ނޫނެވެ. އަރާމު ލިބުމުގައި ފިރިމީހާ އަށް އޮތް ޙައްޤެއް އަނބި މީހާއަށްވެސް އޮވެއެވެ. ޢަޒްލު ކުރުން ހުއްދަ ކަމުގެ ދަލީލަކީ މި ޙަދީޘެވެ.

جَابر بنْ عَبْد الله ‏ ‏رَضِيَ اللَّهُ عَنْهمَا ‏ ‏قَالَ ‏ ‏كُنَّا ‏ ‏نَعْزِلُ وَالْقُرْآنُ يَنْزِلُ ‏ ‏وَعَنْ ‏ ‏عَمْرٍو ‏ ‏عَنْ ‏ ‏عَطَاءٍ ‏ ‏عَنْ ‏ ‏جَابِرٍ ‏ ‏قَالَ ‏ ‏كُنَّا نَعْزِلُ عَلَى عَهْدِ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏وَالْقُرْآنُ يَنْزِلُ

މާނައަކީ ޖަބިރު ބިން ޢަބްދުﷲ ވިދާޅުވިއެވެ."ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގެ ދުވަސްވަރު އަހަރެމެން ޢަޒްލުކޮށް އުޅުނީމެވެ. ދެން ރަސޫލާއަށް މިކަން އެގިވަޑައިގަތުމުން މަނައެއް ނުކުރައްވައެވެ. " ( ރަވާހު ބުޚާރީ )

11 - ސިއްރު ފާޅު ކުރުމަކީ ޙަރާމް ކަމެއް :

ދެމަފިރިންގެ ދެމެދުގައި ހިނގާ ޖިންސީ އެއްވެސް ކަމެއްގެ ސިއްރު ފާޅު ކުރުމަކީ، ޙަރާމް ކަމެކެވެ. މިއީ ވަރަށް ނުބައި ޙަރާމްކަން ބޮޑު ކަމެކެވެ. ކިތަންމެ ބޮޑު ރައްޓެއްސަކަށް ވިޔަސް، އަނބި މީހާއާއި އެކު ހިންގާ ޖިންސީ ގުޅުމުގެ ވާހަކަ ކިޔައި ދީގެން ނުވާނެއެވެ. ހަމަ އެހެން، އެ އަންހެނާ އަކީ ކިތަންމެ ތިމާގެ މީހަކަށް ވިޔަސް، ދައްތައަކަށް، މަންމަ އަކަށް ވިޔަސް އޭނާ ކައިރީ، ފިރިމީހާގެ ވާހަކަ އަނބިމީހާ ކިޔައިދީގެން ނުވާނެއެވެ.

ބައެއް ފަހަރު، ބައެއް ފިރިހެނުން ވަރި ކުރި އަންހެނުންނާއި އެކީ ހިންގި ގުޅުމުގެ ވާހަކަ، ރައްޓެހިންނަށް ކިޔައިދެއެވެ. އަހަރެންނަށް މި މަންޒަރު މަދުންނަމަވެސް ފެނިފައިވެއެވެ. ފިރިމީހާވެސް އަދި އަނބިމީހާވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަކީ، ދެ މީހުން ކިތަންމެ ޢަދާވާތްތެރި ވެގެން ވަރިކުރަން ޖެހުނަސް، ކިތަންމެ ނަފްރަތު ކުރިއަސް، ދެމަފރިންގެ ދެމެދުގައި ކުރިން އޮތް ގުޅުމުގެ ވާހަކަ ނުދައްކާށެވެ. މި ކަމުގެ ދަލީލަކީ : قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏إِنَّ مِنْ أَشَرِّ النَّاسِ عِنْدَ اللَّهِ مَنْزِلَةً يَوْمَ الْقِيَامَةِ الرَّجُلَ ‏ ‏يُفْضِي ‏ ‏إِلَى امْرَأَتِهِ ‏ ‏وَتُفْضِي إِلَيْهِ ثُمَّ يَنْشُرُ سِرَّهَا

މާނައަކީ: ''ޤިޔާމަތް ދުވަހު މާތް ﷲ ޙަޟްރަތުގައި އެންމެ ނުބައިކަން ބޮޑު މީހުންގެ ތެރޭގައި، ފިރިމީހާ އޭނާގެ އަނބިމީހާ ގާތަށް ގޮސް އަދި އަނބިމީހާ ފިރިމީހާ ގާތަށް އައުމުން (ޖިމާޢުވުން މަޖާޒީ ގޮތަކަށް)، އެއަށް ފަހު އެ ކަނބުލޭގެ ސިއްރުތައް ފާޅު ކުރާ މީހާއެވެ.''

12 - އަނބިމީހާ މަތިން ހަނދާން ނައްތާ ނުލުން :

ޖިންސީ ގުޅުމެއް ހިންގަން ތައްޔާރު ވުމަށާއި އަދި އަރާމުގެ އެންމެ ކޮޅަށް ވާޞިލުވުމަށް، ފިރިހެނަކަށް ބޭނުންވާ ވަގުތަށް ވުރެ ގިނަ ވަގުތު އަންހެނުންނަށް ބޭނުންވާކަމަށް ކަމާއި ބެހާ މާހިރުން ވިދާޅުވެއެވެ. ވީމާ ޖިމާޢުވުގެ އަދަބުތަކުގެ ތެރޭގައި، ފިރިމީހާ ގެ އެދުންވެރިކަން ފުދުނަސް، އަނބިމީހާ މަތިން ހަނދާން ނައްތާ ނުލައި މަޑު ކުރުން ވަރަށް މުހިންމެވެ.

އެހެން ނޫނީ ކައިވެނީގެ ޖިންސީ ބައިން އަނބިމީހާ އަށް ލިބެން ޖެހޭ އަރާމުން މަޙްރޫމަ ކުރެވެނީއެވެ. އަދި ބައެއް ފަހަރު މި ގޮތަށް ކަންތައް ވުމުން، އަނބިމީހާއަށް ހޯދައިދޭން ޖެހޭ ޢިއްފަތްތެރިކަން ނުދެވި، ދެމަފރިންގެ ލޯބި އުނިވާ ގޮތްވެއެވެ.

މީލާދީން 1085 ވަނަ އަހަރު އުފަންވެ ވަޑައިގަތް، އިމާމް އަބޫ ޙާމިދުލް ޢަޒާލީ، އިޙްޔާއު ޢުލޫމުއްދީން މި ފޮތުގައި ވިދާޅުވެފައިވެއެވެ. "ފަހެ ފިރިހެން މީހާއަށް އޭނާގެ އެދުންވެރިކަން ފުއްދުނަސް، އޭނާގެ ބައިވެރި އަނބިމީހާވެސް އޭނާގެ އެދުންވެރިކަން ފުއްދެން ދެން މަޑު ކުރާށެވެ. ފަހަރެއްގައި އެ ކަނބުލޭގެ މަނިބޭރުވުން ލަސްވެދާނެއެވެ. ދެން އެ ކަނބުލޭގެ ޝަހުވަތްތެރިކަން މާބޮޑަށް ގަދަވެސް ވެދާނެއެވެ. މި ގޮތުގައި އޭނާ އޮއްވާ، ފިރިހެން މީހާ ތެދުވުމުން އެއީ އަންހެނުންނަށް ދެވޭ ގެއްލުމެކެވެ. ދެ މީހުންގެ ވެސް އެކުއެކީގައި ކުންނަށް ދެވުމުން، އަންހެންމީހާ އަށްވެސް ލިބޭ އަރާމު ބޮޑެވެ. އަދި ފިރިމީހާ ފަހަރެއްގައިވެސް އަނބިމީހާ ދޫކޮށްފައި ނު ތެދުވާށެވެ. ފަހަރެއްގައި އަދި ބޭނުންވާ ވާހަކަ ބުނަން އެ ކަނބުލޭގެ ލަދުގަނެފާނެއެވެ."

13 - ކުދިން ތިބޭ ކޮޓަރި ރައްކާތެރި ނޫން :

ކުދިން ތިބޭ ކޮޓަރީގައި، ދެމަފިރިން ދެމަފިރިކަމުގެ ގުޅުން ހިންގުން ރައްކާތެރިއެއް ނޫނެވެ. މި ބުނީ ތަންދޮރު ވަކިވެ ވާހަކަ ދެއްކޭވަރުގެ ކުދިންގެ ވާހަކައެވެ. 9 މަސް ނުވަތަ 1 އަހަރުގެ ކުއްޖެއްގެ ވާހަކައެއް ނޫނެވެ. ކުދިން ތިބީ ނިދާފައިކަމަށް ހީކޮށް، ގުޅުމެއް ހިންގާ އިރު ފަހަރެއްގައި ކުއްޖަކަށް ފެނުންވެސް އެކަށީގެން ވެއެވެ. ހަމަ ގައިމުވެސް މިއީ އެއްވެސް މަންމައެއް ބައްޕައެއް ބޭނުންވާނެ ކަމެއް ނޫނެވެ. ބައެއް ފަހަރު އަޚްލާޤީ، ނަފްސާނީ ގޮތުން ކުދިންނަށް ނޭދެވޭ އަސަރެއްވެސް ކޮށްފާނެއެވެ.

14- ޓެކްނޮލޮޖީގެ ޒަމާނުގައި، ހުރިހާތަނަކަށް ޓެކްނޮލޮޖީ ވައްދަން ބޭނުންވާ މީހުން ބައެއްފަހަރު އުޅެއެވެ. އެ ގޮތުން ދެމަފިރިކަމުގެ ގުޅުން ހިންގާއިރު ނުވަތަ ފެންވަރާއިރު އެ މަންޒަރު ފޮޓޯނަގައި، ވީޑިއޯ ފިލްމަށް ނެގުން މިއީ މިހާރަކަށް އައިސް މަދު ބައެއް ނަމަވެސް ކުރާކަމެކެވެ. ދެ މީހުންގެ ޢައުރަ ސީދާ ލޮލުން ސީދާކޮށް ބެލުން ހުއްދަ އިރު، އަނބި މީހާގެ މިފަދަ ވީޑިއޯއެއް ފިރިމީހާ ބެލުން ޙަރާމް ކަމުގައި ދީނުގައި ނުބުނެވޭނެއެވެ. ނަމަވެސް މި ކަހަކަ ކަންތަކުގެ ޙުކުމް އޮންނަ ގޮތަކީ، އެއީ ގެއްލުން ހުރި ކަމަކަށް މަގުފަހި ކޮށްދޭ ކަމެއް ނަމަ ކުރުން ހުއްދައެއް ނުވުމެވެ.

ހަމަގައިމުވެސް މިގޮތަށް ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމުން ގިނަފަހަރަށް ލިބެނީ ގެއްލުމެވެ. އެތައް ބަޔަކަށް މި ގެއްލުން ލިބިފައިވެސް އެބަ ހުއްޓެވެ. މި ފަދަ އެއްޗެހި އަތުން ދޫވެ، ނުލަފާ މީހުންގެ އަތްމައްޗަށް އަރައި ފެތުރިފައިވެސް އެބަހުއްޓެވެ. އަތުން ދޫ ވެއްޖެނަމަ ހުއްޓުވޭނެ ގޮތެއް ނޯންނާނެއެވެ. މި އެއްޗެހި ކިތަންމެ ޒަމާނެއް ވިޔަސް ހުންނާނެއެވެ. އޭނާ މަރުވެގެން ދާއިރުވެސް، އެ ފިލްމުތަކާއި ފޮޓޯތައް ގެންގުޅޭނެ ބަޔަކު ތިބޭނެއެވެ! އެހެންވީމާ މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ.

އަނެއްކޮޅުން ބަލާއިރު މިއަދު، ވަރަށް ލޯބިން އުޅެ، ފޮޓޯތަކާއި ވީޑިއޯތައް ނަގާފައި، ފަހުން ވަރި ނުކުރާނެކަން އެގެނީ ކާކަށް ހެއްޔެވެ. އެ ދުވަހަކުން އެއްކަލަ ކުރީގެ ފިރިމީހާ އަތުގައި އެއްކަލަ ވީޑިއޯ އާއި ފޮޓޯ ހުންނަން ބޭނުންވަނީ ކިތައް އަންހެނުން ބާވައޭ ހިތަށް އަރައެވެ. ހަމަ ގައިމުވެސް ރައްޓެހިވެގެންނޭ މިކިޔާގޮތަށް އުޅޭ އިރު، އަންހެން ކުދިން ފިރިހެން ކުދިންނަށް ދޭ ފޮޓޯތައް "ރުޅި" ވާ ދުވަހު އަނބުރައި ދޭށޭ ބުނާ ތަން ފެނެއެވެ.

ފިރިމީހާ މިފަދަ ފޮޓޯ ނުވަތަ ފިލްމަށް ނަގަން އުޅެފިނަމަ، އެކަން މަނާކޮށް، އަދި އެކަމާ ދެކޮޅު ހެދުމަކީ އަނބިމީހާއަށް ލިބިގެންވާ ފުރިހަމަ ޙައްޤެކެވެ . ވީމާ އަންހެނުންނަށް ދޭން އޮތް ނަސޭހަތަކީ، ފިރިއަކު މިފަދަ ކަމެއް ކުރަން އުޅުނަސް އެކަމާ އެއްބަސް ނުވާށެވެ. ނިޔަތް ރަނގަޅު ފިރިއަކު މިފަދަ ކަމެއް ކުރަން ނުއުޅޭނެއެވެ.

ވަރިވެގެން ދާން ޖެހޭ ދުވަހު، ފޮޓޯތަކާއި ފިލްމު އެޑިޓްކޮށްފައި އޭނާ އެ ލީކްކޮށްފިނަމަ، އެ ފޮޓޯތަކުގައި އޭނާ ފެންނާކަށް ނުހުންނާނެއެވެ. ބަލާމީހާއާށް ފެންނާނީ ތި ކަމަނާ އެކަންޏެވެ.

ވީމާ ފޮޓޯ ނުނެގިއަސް، ވީޑިއޯ ނުކުރިއަސް ދެމަފރިންނަށް ކުރިއަށް އޮތް ދިގު މުސްތަޤްބަލުގައި، އަބަދުވެސް އެކަކު އަނެކަކަށް ފެންނާނެކަން ހަނދާންކޮށް، މިފަދަ ކަންތައް ނުކުރުން ބުއްދިވެރިއެވެ.

އިތުރު ނުކުތާތައް

* އިސްލާމް ދީނުގައި އަގައިގެ ޖިންސު ހުއްދަތަ؟

* ހިލޭ މީހުން ކައިރީ ދެއްކުން ހުއްދަ ނޫން، އަދި ލަނދުގަންނަ ޒާތުގެ ބައެއް ބަސްތަކާއި ވާހަކަތައް، ދެ މަފިރިންގެ ދެމެދުގައި ދެއްކުމަކީ ޙަރާމް ކަމެއް ނޫނެވެ.

* ޙަރާމް ކަމެއް ކުރަން ފިރިމީހާ އެދުނަސް، އެކަމެއް ޤަބޫލު ނުކޮށް ރައްދުކުރުމުގެ ފުރިހަމަ ބާރު އަނބިމީހާއަށް ދީނުގައި ދީފައިވެއެވެ. ފިރިމީހާއަށް ކިޔަމަންވުމަކީ، އޭނާ ބުނާހާ ކަމެއް ކޮށް ދިނުމެއް ނޫނެވެ. ބައެއް ފަހަރު ބައެއް ފިރިން، އެބައިމީހުންގެ އަނބިން ގާތު، ދީނުގައި ޙަރާމް، ޖިންސީ ގުޅުން ހިންގުމާއި، ޙަރާމް ކަންތައް ކުރަން އެދެއެވެ. އަދި ބައެއް އަންހެނުން އަމިއްލައަށް ނިކަމެތިވެގަނެ، ނުވަތަ ބިރުން މި ފަދަ ކަންތަކަށް އެއްބަސް ވެއެވެ. ނަމަވެސް އިސްލާމް ދީނުގައި އޮންނަ އުސޫލަކީ، ﷲ އަށް ނުކިޔަމަންތެރި ވެވޭ އެއްވެސް ކަމެއްގައި، އިންސާނަކަށް ކިޔަމަންތެރި ނުވުމެވެ. އެއީ މައިންބަފައިން ކަމަށް ވިޔަސް، ފިރިމީހާ ކަމަށް ވިޔަސް އަދި އަނބިމީހާ ކަމަށްވިޔަސްމެއެވެ.

ވީމާ ސީދާ ނަފުސުން އެއްކިބާވެފައި ހުންނަ ފިރިއަކު، ފުރަގަސް ފަރާތުގައި ޖިންސީ ގުޅުން ހިންގަން އެދުމުން ނުވަތަ، ޙައިޟުގެ ދުވަސްވަރު ޖިމާޢުވުން، އޮރިއާން ފިލްމު ބެލުން ފަދަ ކަންތައް ކުރަން އެދުމުން، ވަގުތުން ދެކޮޅު ހަދައި ނޫނެކޭ، މުސްލިމު އަންހެނުން ބުނަން ޖެހޭނެއެވެ.

މިފަދަ ކަމަކަށް މުސްލިމު ފިރިހެނަކު އޭނާގެ އަނބިމީހާ ކިބައިން އެދިގެންވެސް ނުވާނެއެވެ. މި ކަހަލަ ކަންތަކަށް ހުއްޓުމެއް، އިސްލާހުވުމެއް ނައިސް ފިރިމީހާ މަޖްބޫރު ކުރާނަމަ، ދެން އަޅަން ޖެހޭ ފިޔަވަޅު އަންހެންމީހާ އަޅާނީއެވެ. އެއީ ވަރިވާން އެދުމެވެ. ޙަރާމް ކަމަކަށް މަޖްބޫރު ކުރާ ފިރިހެނެއްގެ ދަށުގައި ހުރުން މުހިންމެއް ނޫނެވެ.

* ދެން ހުންނަނީ، ޖިންސީ ގުޅުމުގެ ތެރޭގައި ދީނުގައި ކަޑައެޅިގެން ޙަރާމް އޭ ނުބުނެވޭނެ ކަންތަކެވެ. ކުރީގައިވެސް ބުނެވުނު ފަދައިން ދެމަފރިންނަށް ޙަރާމީ ދެ ކަމެކެވެ. އެއީ ޙައިޟު ގައި ޖިމާޢު ވުމާއި، ފުރަގަސްފަރާތުގައި ޖިމާޢު ވުމެވެ. އެހެން ކޮންމެ ކަމަކީ ހުއްދަ ކަމެކެވެ. އަނގައިގެ ޖިންސަކީ ހުއްދަ ކަމެއް ކަމަށް ބައެއް ޢިލްމުވެރިން ދެކެލައްވައެވެ. އެއީ ޙަރާމް ކަމެކޭ ވިދާޅުވާން އެބޭކަލުން ފަސްޖެހިވަޑައިގަންނަވަނީ، އެ ކަމަށް ޞަރީޙަ ދަލީލެއް ނެތީމައެވެ. ނަމަވެސް ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެއީ ކުރުން ރަނގަޅު ނޫން ކަމެއް ކަމަށެވެ.

* ފިރިމީހާ އަނބިމީހާ ގާތު އެނދަށް އައުމަށް އެދުމުން، ކަމަކާއި ނުލައ، ޖެއްސުން ކުރުމާއި ދެރަކޮށްލުމުގެ ގޮތުން، އެ ކަމަށް އިޖާބަ ނުދިނުމަކީ ޙަރާމް ކަމެކެވެ. ތިރްމިޛީ ރިވާ ކުރެއްވި ޙަދީޘެއްގައި ވަނީ: إِذَا الرَّجُلُ دَعَا زَوْجَتَهُ ‏‏ لِحَاجَتِهِ ‏‏ فَلْتَأْتِهِ وَإِنْ كَانَتْ عَلَى ‏‏ التَّنُّورِ

މާނައަކީ: ''ފިރިމީހާ އޭނާގެ ބޭނުމަށް އެދި ގޮވައިލައިފިނަމަ(އެހެނީ އެނދަށް އައުމަށް)، އުނދުން ކައިރީ ހުރި ކަމަށް ވިޔަސް އަންނާށެވެ."

މީގެ މާނައަކީ، ބަލިވުން، ވަރުބަލި ވުން، ނަފްސީ ގޮތުން ރަނގަޅު މިޒާޖެއްގައި ނެތުން ފަދަ، ޝަރުޢީ ގޮތުން މަޤްބޫލު ޢުޒުރެއް ނެތި، އިޖާބަ ނުދިނުން ޙަރާމްވާހަކައެވެ.

ޙަދީޘްގައި މިހެން އޮތުމުގެ މާނައަކީ ފަހަރެއްގައިވެސް، އަންހެނުން ކައްކަން ހުއްޓާ ނުވަތަ މަގުމަތީ ކުނިކަހަން ހުއްޓާ، ހަމަ ގޮވާލާ އިރަށް ކޮޓަރިއަށް ދިއުމެއް ނޫނެވެ. ފިރިހެނުންނަށް ވަނީ އެމީހުންގެ އަނބީންނާއި މެދު ރަގަޅު ގޮތުގައި މުޢާމަލާތް ކުރުމަށް އަންގަވާފައެވެ. ރަނގަޅަށް ކަންތައް ކުރުމަކީ އަނބީންގެ ނަފްސިއްޔާތުވެސް ދަސްކޮށް، އެމީހުންގެ މިޒާޖަށްވެސް ބެލުމެވެ. އެމީހުންގެ އުފާތައްވެސް ޙާޞިލްކޮށް ދިނިމުވެ. ނިސާ ސޫރަތުގެ 19 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا يَحِلُّ لَكُمْ أَنْ تَرِثُوا النِّسَاءَ كَرْهًا وَلَا تَعْضُلُوهُنَّ لِتَذْهَبُوا بِبَعْضِ مَا آتَيْتُمُوهُنَّ إِلَّا أَنْ يَأْتِينَ بِفَاحِشَةٍ مُبَيِّنَةٍ وَعَاشِرُوهُنَّ بِالْمَعْرُوفِ فَإِنْ كَرِهْتُمُوهُنَّ فَعَسَى أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا

މާނައަކީ:"އޭ އީމާންވެއްޖެ މީސްތަކުންނެވެ. ނުރުހުމުގައި އަންހެނުން ވާރުތަކޮށްގަތުމަކީ ތިޔަބައި މީހުންނަށް ޙަލާލްވެގެންވާ ކަމެއް ނޫނެވެ. އަދި ބަޔާންވެ ފާޅުވެގެން ހުރި ނުބައިކަން ބޮޑުވެގެންވާ ފާފައެއް ގެނެސްގަންނަ ކަމުގައި ވަނީވިއްޔާ މެނުވީވިއްޔާ، އެ ކަނބަލުންނަށް ތިޔަބައި މީހުން ދީފައިވާ ތަކެތީގެ ތެރެއިން ބައެއް އަތުލައިގަތުމަށްޓަކައި، އެ ކަނބަލުންނަށް ދަތިކޮށް އުނދަގޫކޮށް ނަހަދާށެވެ. އަދި އަޚްލާޤީ ހަމަތަކާއި އާދަކާދައާއި ޝަރުޢީ ހަމަތައް ނިޔާ ކުރާ ގޮތުގެ މަތީން ، ހެޔޮގޮތުގައި އެކަނބަލުންނާއި އެކުގައި އުޅޭށެވެ. ތިޔަބައި މީހުން އެކަނބަލުންނާއި ނުރުހުންތެރި ވެއްޖެނަމަ ދަންނާށެވެ. ބައެއްފަހަރަށް ތިޔަބައި މީހުން ކަމަކަށް ނުވަތަ އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި އެކަމެއް ނުވަތަ އެ އެއްޗެއްގައި، މާތް ﷲ ގިނަވެގެންވާ ހެޔޮކަން ލައްވާފާނެއެވެ.


 

ގުޅުންހުރި:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.